ދުވަސްތައް ފާއިތުވަމުން ދާވަރަކަށް ނީލާގެ ހަށިގަނޑަށްވެސް ބަދަލުތައް އަންނަމުން ދިޔައެވެ. ހެނދުނުތެދުވާއިރު މޭނުބައިކުރުމާއި، ތަފާތު ވަސްވަސް ދުވުމުން ބޮލަށް އުނދަގޫވުންވެސް އާއްމުކަމަށް ވެއްޖެއެވެ. ނީލާއަށް އެކަންތައްތަކުން ވަރަށް އުނދަގޫލިބެއެވެ. އެންމެފަހުން އޭނާ ޑޮކްޓަރަށް ދައްކައި ޑޮކްޓަރގެ ލަފާހޯދިއެވެ. ޑޮކްޓަރ ބުނުއްވީ ބަލިވެ އިންނަތާ ކުރީކޮޅު އެފަދަ ކަންކަން ދިމާވުމަކީ އާއްމުކަމެއް ކަމަށެވެ. ދުވަސްވަމުން ދާވަރަކަށް ރަނގަޅުވާނެ ކަމަށްވެސް ޑޮކްޓަރ ބުނުއްވިއެވެ. ނީލާއަށް އެންމެ އުނދަގޫ ކަމަކަށްވީ ބަލިވެއިނުމާއި ގުޅިގެން ދީފައިހުރި ބޭސްތައް ކެއުމެވެ. ކުޑައިރުއްސުރެވެސް ބޭސްކާން އޭނާ ބިރުގަނެވެ.

ކައިވެންޏަށް ދޮޅުމަސްވީފަހުން ނީލާ ބަނޑުބޮޑުކަން އޭނާގެ މަންމަމެންނަށްވެސް އެނގިއްޖެއެވެ. އެމީހުންތިބީ އިންތިހާއަށް އުފާވެފައެވެ. އަނިލްގެ އާއިލާވެސް އެކަމާ ވަރަށް އުފާކުރިއެވެ. އެއުފާވެރި ޚަބަރު ސުކޫލާ ހަމައަށް އަންނާކަށްވެސް މާގިނަ ދުވަހެއް ނުނެގިއެވެ. ހުރިހާ މުއައްޒަފުންވެސް ތިބީ އަނިލްއާއި ނީލާއާމެދު އުފަލުންނެވެ.

އެއްގޭތެރޭގައި ވަގުތު ހޭދަކުރަމުން ދާވަރަކަށް ނީލާއާއި އިޝާންގެ މެދުގައި އޮތް ދުރުކަންވެސް މަޑުމަޑުން ނެތެމުން ދިޔައެވެ. އަނިލް އެކޭ އެއްފަދައިން އިޝާންވެސް ނީލާއަށް ގޭތެރޭގެ މަސައްކަތުގައި އެހީތެރިވެދީ އުޅެއެވެ. ނީލާއަށް ލުއިފަސޭހަ ހައިގޮތަކަށް އުޅެވޭތޯ ދެމީހުންވެސް ބަލައެވެ. ކުޅުދުއްފުއްޓަށް ގޮސްފިނަމަ، ނީލާއަށް މީރުހައި މޭވާއާއި ހަށިހަނޑަށް ފައިދާހުރި ތަފާތު ވައްތަރުގެ ކާއެއްޗެހި ގެނެސްދީ ހަދައެވެ. އެދެމީހުން އުޅޭގޮތުން ނީލާ ހުންނަނީ ހައިރާންވެ، އެހާމެ އުފާވެސް ވެފައެވެ. ހީވަނީ ދެމީހުންވެސް އެކަކު އަނެކަކަށް ވާދަކުރާހެންނެވެ.

ނީލާ ވިހާނެ ދުވަހަކަށް ކެތްތެރިކަމެއްނެތި އަނިލް އިންތިޒާރު ކުރަމުން ދެއެވެ. އިޝާންވެސް ހަމައެފަދައިން އިންތިޒާރު ކުރަމުންދަނީ އޭނާގެ ދަރިފުޅު ދުނިޔެއަށް އަންނާނެ ދުވަހަކަށެވެ. ނަމަވެސް އޭނާގެ ހިތުގައި ބިރުވެރިކަންވެސް އިތުރުވަމުން ދިޔައެވެ. ނީލާ ވިހެއުމަށްފަހު އަބަދުގެ އަބަދަށް އަނިލްގެ މީހަކަށް ނީލާ ހަދަން އަނިލް އެހުރީ ތައްޔާރަށެވެ. ނީލާގެ ކޮންމެ ބޭނުމެއް އަނިލް ފުރިހަމަ ކޮށްދެނީ ހަމަ ހަޤީޤީ ފިރިޔެކޭ އެއްފަދައިންނެވެ. އަނިލްގެ ފަރާތުން އެއްވެސް ކަމެއް ނީލާއަކަށް އުންޏެއް ނުވެއެވެ. ލިބެންއުޅޭ ދަރިފުޅަށް މަރުޙަބާ ކިޔުމަށްޓަކައި މިހާރުން ފެށިގެން އަނިލްދަނީ ތައްޔާރުވަމުންނެވެ. ކޮޓަރީގެ ކުލަބަދަލުކޮށް، ކުޑަކުދިންނާ ގުޅޭގޮތަށް ކުރެހުން އަޅައި ކޮޓަރިވެސް ޒީނަތްތެރި ކޮށްފިއެވެ. ތުއްތު ކުއްޖަކަށް ބޭނުންވާނެ އެންމެހާ ސާމާނު ގަނެ ހަމަކޮށްފިއެވެ. އެކުއްޖާ ދުނިޔެއަށް އަންނާތީ އަނިލް އުފަލުން އުޅޭއިރު ހީވަނީ އެއީ އޭނާގެ އުފަންދަރިއެއް ހެންނެވެ. އަނިލްގެ ކެތްތެރިކަން ކުޑަވެފައިހުރި މިންވަރު ފެނުމުން އިޝާންވެސް ހައިރާންވިއެވެ. އަނިލް އެހާވަރަށް ނީލާދެކެ ލޯބިވެދާނެ ކަމަކަށް ކުރިން އިޝާންއަށް ހީކުރެވިފައެއް ނެތެވެ.

ނީލާގެ ބަނޑުބޮޑުވަމުން އައިވަރަކަށް ބަރުދަން އިތުރުވެ  ބުރަހެލިވާން ފެށިއެވެ. ކަމެއް ނުކުރިޔަސް އަބަދުވެސް ހުންނަނީ ލޮޑުވެ ވަރުބަލިވާ ގޮތްވެފައެވެ. އެހެންކަމުން އަނިލްގެވެސް  އެދުމާއިއެކު ނީލާ ޗުއްޓީނެގިއެވެ. ގޭގައި އިންނަން ވުމުން ފުރަތަމަކޮޅު ނީލާ ފޫހިވިއެވެ. ނަމަވެސް އަނިލްގެ މަންމައާއި މާމައާއެކު ގިނަ ވަގުތު ހޭދަކުރަން ފެށުމުން މަޑުމަޑުން ފޫހިކަން ފިލަން ފެށިއެވެ. އިޝާންވެސް އޮފީސް ނިމުމުން ގިނަވަގުތު ހޭދަކުރަނީ ގޭގައެވެ. އެހެންކަމުން އިމްޝާއާއެކު ހޭދަކުރެވޭ ވަގުތުވެސް އިތުރުވެގެން ދިޔައެވެ. މަޑުމަޑުން ދެމައިންގެ ގުޅުންވެސް ރަނގަޅުވަމުން ދިޔައެވެ. އިޝާންއާމެދު ބަލަމުން އައި ބީރައްޓެހި ނަޒަރު، މިހާރު ވަނީ މުޅިން ބަދަލުވެފައެވެ. މަދުމަދުން ވާހަކަ ދައްކާވެސް ހަދައެވެ. އިޝާންވެސް މަންމައާއި ގިނަގިނައިން ވާހަކަ ދައްކައި މަންމަގެ ލޯބި ހޯދަން މަސައްކަތް ކުރެއެވެ. މާމައާއި ކާފަވެސް އިޝާންދެކެ ދަރިޔަކު ފަދައިން ލޯބިވެއެވެ. އެގޮތުގައި އުފާވެރިކަމުގައި ދުވަސްތައް ހޭދަވަމުން ދިޔައެވެ.

********

ދުވަހަކީ ހުކުރު ދުވަސްކަމަށް ވުމުން އިޝާން އުޅުނީ ކާފައާއެކު ދަނޑުތެރޭގައި ތަނެއް ހިޔާކުރުމުގެ މަސައްކަތުގައެވެ. އިޝާންއަކީ ދުވަހަކުވެސް އެފަދަ މަސައްކަތެއް ކުރިމީހަކަށް ނުވާތީ  އެކަމަށް ވަރަށްވެސް އަލެވެ. އިޝާން އުޅޭގޮތުން ކާފަހުންނަނީ ވަރަށް ބިރުންނެވެ.

“ދަރިފުޅާ!…ތިކަމެއް ނުވާނެ ދަރިފުޅަށް….ދެން ބަހައްޓާ….އަނިލް އައީމަ ކާފަތިކަން ކޮށްލަފާނަން..” އިޝާން ހިފައްޓައިގެން ހުރި ފަތިގަނޑާއެކު އަރިއަޅާލުމުން ކާފަބުންޏެވެ.

” ނޫނޭ ކާފާ….މިހެން އުޅުނީމައެއްނު ދަސްވާނީވެސް…” އިޝާން އަނެއްކާވެސް ފަތިގަނޑު ހިފައިގެންއަރައި އަށިމަތީ ހަމަޖެހިލެއެވެ. ދެފަތިގަނޑު ފައްތަރުކޮށްފައި މޮހޮރެއް ޖަހަން އުޅެނިކޮށް އިޝާންގެ އިނގިލީގައި މަރުތެޔޮއިން ޖެހިއްޖެއެވެ. ވީތަދުން ފާޑަކަށް ތެޅިގެން ވަގުތު، އިޝާން އަރާހުރިއަށިމަތިން ފައިކައްސާލައިގެން އޭނާ ބިންމައްޗައް ވެއްޓިއްޖެއެވެ. ފަސްވަރަކަށް ފޫޓު އުހުން އިޝާން ވެއްޓި ޖެހުނުގޮތުން އޭނާގެ އެއް އަތަށާއި ފަޔަށް ވަރަށް ތަދުވެއްޖެއެވެ. މަގޭދަރިއޭ ކިޔައި ރޮއެގެންފައި ކާފައައިސް އިޝާން ނަގަން މަސައްކަތް ކުރިއެވެ. ތަންކޮޅެއް ދުރުގައި ގަސްތަކައް ފެންދޭންހުރި މާމަވެސް އެހާބާރަށް ދުވެފައި އައެވެ.

” މަގޭ ދަރިއަކަށް ކިހިނެއްތަވީ؟” މާމަ ރޮމުން ރޮމުން އިޝާންގެ މޫނުގައި ފިރުމަން ފެށިއެވެ. އިޝާންއަށް ތަދުވީވަރުން މޫނުމައްޗަށް އަނދިރިވާގޮތްވެސް ވެއްޖެއެވެ. ކާފަ އަވަސް އަވަހަށް އަނިލްއަށް ގުޅިއެވެ. ހެނދުނުގެ ނާސްތާކުރަން އިން އަނިލް ކަންބޮޑުވެގެން ފުންމައިގެން ތެދުވިއެވެ.

” ކިހިނެއްވީ؟” އަނިލްއަށްއ ވީގޮތް ފެނުމުން ހާސްވެފައި ނީލާއަހާލިއެވެ.

” އިޝާން…އިޝާން އަށިންވެއްޓި ހޭނެތުނިއްޔޯ…” އަނިލް ނީލާއަށް ވީގޮތް އޮޅުން ފިލުވައިދިނެވެ. ނީލާއަށް ހީވީ އޭނާމެ މެޔަށް ތޫނު އެއްޗެއް ހެރުނުހެންނެވެ. އަނިލް އަވަސް އަވަހަށް އަތްދޮވެލައިގެން ދުވެފައި ބޭރަށް ނުކުތެވެ. ނީލާ އޭނާގެ ބޮޑު ބަނޑާއެކުވެސް އަނިލް ފަހަތުން ދުވެފައި ބޭރަށް ނުކުމެވުނެވެ.

އަނިލް ބޭރަށް ނުކުތުމާއެކު އެމްބިއުލޭންއަށް ގުޅާލިއެވެ. އަދި ދުވެފައި ދަނޑަށް ދިޔައެވެ. އިސާހިތަކު އެމްބިއުލޭންސް ދަނޑުކައިރިއަށް ގޮސް އިޝާން ގޮވައިގެން މަރުކަޒަށް އައެވެ. އިޝާން އެނދުމަތި ކުރެވުނެވެ. އިޝާން ބެއްލެވުމަށްފަހު ޑޮކްޓަރ ބުނުއްވީ ވީހާވެސް އަވަހަކަށް އިޝާން ގޮވައިގެން ކުޅުދުއްފުއްޓަށް ދިއުމަށެވެ. ދުވަހަކީ ހުކުރު ދުވަސްކަމުން ފެރީއެއްވެސް ނުފުރައެވެ. އެހެންކަމުން އަނިލް ކުޅުދުއްފުއްޓަށް ގުޅައިގެން ލޯންޗެއް ހަމަޖެއްސިއެވެ. އަނިލް ދުވެފައި ގެޔަށް އައިސް އިޝާންގެ ބައެއް ސާމާނާއި އަނިލްގެ ވޮލެޓް ހިފައިގެން އެނބުރި މަރުކަޒަށް އައެވެ. މާގިނައިރު ނުކޮށް އަނިލް އިޝާން ގޮވައިގެން ކުޅުދުއްފުއްޓަށް ދާންފުރިއެވެ. ނީލާއަށް އަނިލްއާއި އަނގައިން ބުނެލާނެ ފުރުސަތުވެސް ނުލިބުނެވެ. މާމައާއި ކާފަވެސް ތިބީ އިންތިހާއަށް ކަންބޮޑުވެ ދެރަވެފައެވެ.

” މަހާދަވަރަކަށް ކީމޭ އެސޮރުގާތުގަ…ތިކަމެއް ނުވާނޭ ދަރިފުޅަކަށް…. އެކަމަކު ހަމައެއްގޮތަކަށްވެސް އެބޯހަރުކުއްޖާ ގަބޫލެއް ނުކުރި…..މަގޭ މޮޔަކަމުން ވީގޮތްމީ….އެފަކީރުގެ މައިންބަފައިން ކިހާދެރަވާނެ އެޚަބަރުލިބުނީމަ…” ކާފަ ހުރީ އިޝާންއަށް ވީގޮތުން ވަރަށް ދެރަވެފައެވެ. އިޝާންގެ އަތާއި ފައިގެ އެކްސްރޭ ނެގިއިރު އަތުގެ އެއްކަށިގަނޑުގައިވަނީ ވަރަށްބޮޑަށް ރެނދުލާފައެވެ. ނަމަވެސް ފައިގެ ކަށިގަނޑަށް ގެއްލުމެއް ލިބިފައެއް ނެތެވެ. އަތުގައި ޕްލާސްޓަރު އެޅުމަށްފަހު ތަދުކަނޑުވާ ބޭސްދީފައި ހަމައެދުވަހު އިޝާން ދޫކޮށްލެވުނެވެ. ހުކުރު ވަގުތު ގާތްވެފައި ހުރުމުން އަނިލް ގަސްތުކުރީ ހުކުރަށްފަހު ރަށަށް އައުމަށެވެ.

މާމައާއި ކާފަ އަދި ނީލާވެސް އެމީހުން އަންނާނެ ވަގުތެއްގެ އިންތިޒާރުގައި ތިއްބެވެ. އަނިލް ފޯނުކޮށްފައި އިޝާންގެ ހާލާތު  ކިޔައިދިނުމުންވެސް އެމީހުންގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އެންމެ ފަހުން އިޝާންވެސް މާމައާއި ކާފައާ ވާހަކަ ދެއްކިއެވެ. ނީލާއިނީ އިޝާންއާ ވާހަކަ ދައްކަން ބޭނުންވެފައެވެ. ނަމަވެސް ފޯނުދޭށޭވެސް ބުނާކަށް ނުކެރުނެވެ. މެންދުރު ފަސްވީފަހުން އަނިލްއާއި އިޝާން ރަށަށް އައެވެ.

އެއްއަތުގައި ޕްލާސްޓަރު އަޅާފައި ބަލިގޮތަކަށް ހުރި އިޝާން ފެނުމުން ކާފައާއި މާމަ ރޮއެގެންފައި އޭނާގެ ގައިގާ އޮޅުލައިގަތެވެ. އެމީހުން އޭނާދެކެ ލޯބިވާވަރު އެނގުމުން ބޭއިޚުތިޔާރުގައި އިޝާންގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ތަންކޮޅެއް ދުރުގައި ނީލާ ބަލަން ހުރިގޮތް ފެނުމުން އިޝާންގެ ހިތް އަވަސްވިއެވެ. ނީލާހުރިލެއް ލޯބިކަމުން މެޔާލައި ބޮނޑިކޮށްލާ ހިތްވިއެވެ. އިޝާން ފެނުމުން ނީލާވެސް، އިޝާންގެ ގައިގާ އޮޅުލައިގެން ގަންނަން ހިތްއެދުނެވެ. އިޝާން ނީލާއަށް ބަލާލާފައި ހީލިއެވެ. އެހީލުން ފެނިފައި ނީލާގެ ހިތަށް ފިނިކަން ލިބުނެވެ.

އިޝާންއަށް މިދިމާވިގޮތުން އޮފީހަށް ނުނުކުމެ ގޭގައި މަޑުކުރަން އޭނާއަށް މަޖުބޫރު ވެއްޖެއެވެ. ނަސީބަކުން މިދުވަސްކޮޅު ނީލާވެސް ހުރީ ޗުއްޓީގައެވެ. އިޝާންއަށް ވައަތުން ކަންތައްތައް ކުރުންވީ ވަރަށްވެސް ދަތިކަމަކަށެވެ. ރޭގަނޑުގެ ކެއުމުގައި ކާފަ އިޝާންއަށް ވަރަށްލޯބިން އެހީތެރިވެދީ ހެދިއެވެ. އެންމެން ކާމޭޒު ދޮށުގައި ތިއްބައި އިމްޝާވެސް އެތަނަށް އައެވެ. އަނިލް ތެދުވެ އިމްޝާގެ އަތުގައި ހިފައިގެން ގެނެސް ގޮނޑިއެއްގައި ބޭންދިއެވެ. އިމްޝާއަށް އިޝާންގެ އަތުގައި އޮތް ޕްލާސްޓަރު ފެނުމުން ކަންބޮޑުވިއެވެ. ތަންކޮޅެއްކުރިން އޭނާގެ އަތަށް ތަދުވެގެންވެސް ޕްލާސްޓަރު އެޅިއެވެ. އެހެންކަމުން އެއީ ކޮންމެވެސް ތާކުން ދުށް އެއްޗެއްކަން އޭނާއަށް ހަނދާންވިއެވެ.

” ކީއްވެ އަތުގަ އެއްޗެއް އަޅާފަ ތިއޮތީ؟” ވަރަށް ސާދާގޮތަކަށް އިމްޝާ ސުވާލުކޮށްލިއެވެ.

” މަންމާ! އިޝާންގެ އަތަށް ތަދުވީ….އެހެންވެ ޕްލާސްޓަރު އަޅާފަ އެއޮތީ…..މަންމަވެސް ތަންކޮޅެއްކުރިން އަތަށްތަދުވީމަ އޭގެ އެއްޗެއް އެޅީމެއްނު!…..” އަނިލް އޭނާގެ މަންމައަށް ހަނދާންކޮށްދޭން މަސައްކަތްކުރިއެވެ.

” އެހެންތަ؟…..ވަރަށްތަދުވޭތަ އަތަށް…؟” އިޝާންގެ މޫނަށް ބަލާލަމުން ކަންބޮޑުވެފައި އިމްޝާ އަހާލިއެވެ. އިޝާން ހައިރާންވެފައި މަންމަގެ މޫނަށް ބަލާލިއެވެ. މަންމަ އޭނާއާމެދު ކަންބޮޑުވާކަން އެނގުމުން އޭނާ އުފާވިއެވެ.

” ނޫނޭ މަންމާ!….މިހާރު ތަދެއްނުވޭ…..ބޭސްކޭމަ ތަދެއްނުވާނެއްނުދޯ!..” ހިނިތުންވެލަމުން އިޝާން ޖަވާބުދިނުމުން އިމްޝާ ހިތްހަމަޖެހުނެވެ.

*******

އިޝާންއަށް ހޭލެވުނީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދޭ އަޑަށެވެ. އިޝާން ކަންނެތްކަމާއެކު ދެލޯހުޅުވާލިއެވެ. ފޯނުނަގައި ގަޑިބަލާލިއިރު ގަޑިން ހެނދުނުގެ ނުވައެއްވެސް ޖަހައިފިއެވެ. އިޝާން އަށް ފުންމައިގެން ތެދުވެވުނެވެ. އެވަގުތު އޭނާގެ އަތަށް ލޮޅުންއަރައި ކުޑަކޮށް ތަދުވެސް ވިއެވެ. މިރޭ އޭނާއަށް ފަތިސްނަމާދަށްވެސް ނުހޭލެވުނެވެ. ރޭގައި ކެއި ބޭހެއްގެ ސަބަބުން މާބޮޑަށް ނިދިގަދަވީއެވެ. އެވަރަށް ނިދުމުންވެސް އަދިވެސް ނިދިހަމަވީހެނެއް ހިއެއް ނުވެއެވެ. އެހެން އިންދައި އަނެއްކާވެސް އޭނަގެ ދެލޯމަޑުމަޑުން މެރެން ފެށިއެވެ. ކުއްލިއަކަށް އިޝާން ސިއްސައިގެން ގޮސް ލޯހުޅުވާލީ އަނެއްކާވެސް ދޮރުގައި ޓަކިދިން އަޑަށެވެ. އިޝާން އާފުރެމުން އެނދުން ތެދުވިއެވެ. އަދި ލަސްފިޔަވަޅުތަކެއްގައި ގޮސް ދޮރުހުޅުވާލިއެވެ.

ހަމައެކަނި ސޯޓެއްލައިގެން ހުސްގަޔާހުރި އިޝާންއަށް ފެނުމުން ހައިރާންވެފައި ނީލާބަލާލިއެވެ. ނިދީގެ ސަބަބުން ރަތްވެފައިވާ ދެލޮލާއި އެއްވެސް ތަރުތީބެއްނެތި ހޭވިފައިވާ އިޝާންގެ އިސްތަށިގަނޑުގެ ސަބަބުން އޭނާ ހީވަނީ މުޅިން އެހެން މީހެއް ހެންނެވެ. އެސިފައިގައި އިޝާން ހުއްޓައި ފެނުމުން ނީލާގާތަށް ހިނިއައެވެ.

” ޝާން….އާދޭ ސައިބޯން….އަދި ބޭސްވެސް ކާންޖެހޭނެ އެއްނު….އެހެންވެ މިގޮވީވެސް…” ސީރިއަސްކަން އަޑަށް ވެރިކުރުވަމުން ނީލާ އެހެންބުނި ނަމަވެސް، އިޝާން ފެނުމުން ނީލާގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުން އިޝާންއަށް ފެނުނެވެ.

” އޯކޭ..މިއަންނަނީ…” އިޝާން ކުރުޖަވާބެއް ދިނުމަށްފަހު އަވަހަށް ކޮޓަރީގެ ދޮރުލެއްޕިއެވެ. އަދި ހަލުވިކަމާއެކު ގޮސް ފާޚާނާއަށްވަދެ ލޯގަނޑުން މޫނުބަލާލިއެވެ.

” އައްޗީޑި!…ހީވާވައްތަރު…..ހީވާނީ އަރާކާ އެއްޗެއްހެން……މިހެންހުއްޓާދޯ ނީލްއަށް މިފެނުނީ….ޕިސް ޕިސް….މިހާރު މަހުރިގޮތުން މަލާމާތްކޮށްކޮށްފަ އަމިއްލައަށް ހޭނެކަން ޔަގީން…” އިޝާން ދެބުމަގޮށްޖަހާލަމުން ތުންއޫކޮށްލިއެވެ.

އިޝާންގެ އިންތިޒާރުގައި ނީލާއިންނަތާ ގާތްގަނޑަކަށް ވިއްސަކަށް މިނެޓް ވެއްޖެއެވެ. އަދިވެސް އިޝާން ކޮޓަރިއަކުން ނުނުކުމެއެވެ. އިޝާން މިއަދު އެހާލަސްއެވަނީ އޭނާގެ އަތަށްތަދުވެފައި އޮތުމުންކަން ނީލާއަށް އެނގުނެވެ. އިޝާން އެއްއަތުން ކަންތައްތައް ނުކުރެވިގެން އުޅޭނެހާލު ހިތަށްއަރާފައި ނީލާއަށް ކިތަންމެ ފަހަރަކު އިޝާންގެ ކޮޓަރިއާ ދިމާއަށް ދެވިއްޖެއެވެ. އިޝާންއަށް އެހީވެދޭން އޭނާ ކިތަންމެހައިވެސް ބޭނުމެވެ. ނަމަވެސް އޭނާއަށް ވެވޭނީވެސް ކޮންއެހީއެއް ހެއްޔެވެ؟

އިޝާން ފެންވަރައިގެން ނުކުމެ އެއްއަތުން ބޯހިއްކަމުން ގޮސް އަލަމާރި ކައިރިއަށް ހުއްޓުނެވެ. ކަށިމައްޗާ ހަމައަށް އަންނަ ސޯޓަކާއި އަތްދިގު ހުދުކުލައިގެ ޓީޝާޓެއް ނަގައި އެނދުމަތީގައި ބޭއްވިއެވެ. އެއްއަތުން ގައިގާ ލޯޝަން ލެވުނުގޮތަކަށް ލުމަށްފަހު ސޯޓްނެގިއެވެ. ވަރަށް އުނދަގުލުން ސޯޓް ލެވިއްޖެއެވެ. ޓީޝާތްވެސް ނަގައި ބޮލަށްމަހާލިއެވެ. ޕްލާށްޓާރު އޅާފައި އޮތުމުގެ ސަބަބުން ކަނާއަތް ގުޑުވާލެވޭކަށް ނެތެވެ. އެއްއަތުން ޓީޝާޓުލުންވީ އޭނާ ހީކުރިވަރަށް ވުރެވެސް އުނދަގޫކަމަށެވެ. އެތައްފަހަރަކު ބޮލަށް ޓީޝާޓު މަހައިގެން އުޅެއުޅެ ވަރުބަލިވީއރުވެސް އޭނާއަށް އެކަން ވާގޮތެއް ނުވިއެވެ. އެންމެފަހުން އެނޫންގޮތެއް ނެތިގެން ހުސްގަޔާހުރެ ބޭރަށް ނުކުތުމަށް އޭނާ ނިންމިއެވެ.

އިޝާންގެ ކޮޓަރިދޮރު ހުޅުވާލިއަޑު އިވިގެން ނީލާ އިޝާންއަށް ސައިއަޅައި ތައްޔާރުކޮށް ދިނުމަށް އަވަސްވެގަތެވެ. މަޑުފިޔަވަޅުތަކެއްގައި އިޝާން އައިސް ކާކޮޓަރިއަށް ވަތްއިރު ނީލާހުރީ އޭނާއަށް ފުރަގަސްދީގެން މޭޒުކައިރީގައެވެ. އިޝާން މަޑުމަޑުން ނީލާއާ ގާތްވިއެވެ. ނީލާ ފަސްއެނބުރިފައި ހިނގައިގަތް ވަގުތު އިޝާންގެ ގައިގަ ޖެހިފައި އަރިއަޅާލިއެވެ. ނީލާ ސިހުނުވަރުން އަތުގައިހުރި ސައިތަރުމޯޒުވެސް ދޫނުވީ ކިރިޔާއެވެ.

” ބީކެއަރފުލް ނީލް!” އިޝާން އަވަހަށް ނީލާގެ ގައިގާ ހިފައި ތެދުކޮށްލިއެވެ. އިޝާން ނީލްގެ ނަމުން މުޚާތަބުކުރުމުން ނީލާއަށް ބޭއިޚްތިޔާރުގައި އިޝާންގެ މޫނަށް ބަލާލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވީވަގުތު ކުޑަހިނދުކޮޅަކަށް ދެމީހުންގެވެސް ހަރަކާތް ހުއްޓުނެވެ. އިޝާންގެ ހާމައަށްހުރި ހަށިގަނޑު އެހާގާތުން ފެނުމުން ވަގުތުން ނީލާގެ ހިތުގެ ހިނގުން އަވަސްވިއެވެ. އިޝާންއަށްވެސް ވީހަމަ އެފަދަގޮތެކެވެ. އިޝާން ނީލާއާ ގާތްވި ވަގުތު އިޝާންގެ ގައިންދުވި ފިރިހެން ސެންޓްވަހުން ނީލާގެ ނޭފަތަށް އުނދަގޫވިއެވެ. މީގެކުރިން އެވަހަކީ އޭނާއަށް ނުހަނު ހިތްގައިމު ވަހެކެވެ. ނަމަވެސް މިހާރު އެއްވެސް ސެންޓަކުން އޭނާއަށް މީރުވަހެއް ނުދުވައެވެ. ނީލާ ނޭފަތަށް ގޮތެއްހަދާލަމުން އަވަސް އަވަހަށް ނޭފަތުގައި އަތްޖައްސާލިއެވެ. އެމަންޒަރު އިޝާންއަށް ފެނިފައި އިޝާން ނީލާއާ ދުރައްޖެހިލިއެވެ.

” ސޮރީ!…އެކަމަކު މިވަރަށް ފެންވަރާ ސެންޓްޖަހައިގެން އައީމަވެސް ނުބައިވަސް ދުވަނީތަ؟” އިޝާން މަޖާވެލާފައި ނީލާއާ ދިމާކޮށްލިއެވެ. އަދި އަމިއްލަ ގައިން ވަސްބަލާލަމުން ނޭފަތަށް ގޮތެއްހަދާލިއެވެ. އިޝާންގެ އެހަރަކާތުން ނީލާގެ ގާތަށް ހިނިއައެވެ. އިޝާންވެސް ހިނިތުންވެފައި އައިސް މޭޒުދޮށުގައި އިށީނެވެ. ނީލާ ރޮށިމޮޑެދިނެވެ. އިޝާން އުލެއް ނަގައިގެން ވަރަށް ނުފަރިތަކޮށް ވައަތުން ކާންފެށިއެވެ. ނީލާހުރީ އިޝާންއަށް އެހީތެރިވާން ބޭނުންވެފައެވެ. ނަމަވެސް ނުކެރިފައެވެ. ކާކޮޓަރީގެ އެއްފަރާތުގައިހުރި ކަބަޑުސެޓްގައި ލެނގިލައިގެން ނީލާހުރީ އިޝާން ކަމަކަށް ބޭނުންވެދާނެތީ އެތަނުން ދުރަށްދާން ނުކެރިގެންނެވެ.

” ތިހާ ދުރުގަ ތިހުރީ އަހަރެންގެ ގައިން ދުވާވަހުންތަ؟……ހަމައެހާ ނުބައިވަސް ދުވާތަ؟….ތިދެން ވަރަށް ދެރަކަމެއް…..ވަރަށްބޮޑަށް ސޮރީ!….ދެން ސެންޓްޖެހުން ހުއްޓާލަންވީދޯ؟….އެހެންނޫނީ މޭމްގެ ބަނޑުގައޮތް ބޭބީވެސް މަދެކެ ރުޅިއައިސްދާނެ” ނީލާ ދުރުގައި ހުރުމުން އިޝާން އަނެއްކާވެސް ނީލާއާ ދިމާކޮށްލިއެވެ. ނީލާ އަނގައިންވެސް ނުބުނެ ހިނިތުންވެގެން ހުއްޓެވެ. އިޝާންގެ ކޮންމެ ބަހަކާއި ކޮންމެ ހަރަކާތަކުން ނީލާގެ ހިތަށް ހަމަޖެހުން ލިބެއެވެ. ނަމަވެސް އިޝާންއާ މާބޮޑަށް ގާތްވާން ނީލާ ބިރުގަނެވެ. ގޮތްނޭނގޭ އިހުސާސްތަކެއް އެހިތަށް އުނދަގޫ ކުރަނީއެވެ. އިޝާން ހުސްގަޔާ ހުއްޓައި ފެނުމުން ނީލާއަށް އިޝާންއާ ދިމާބެލެނީ ބޭއިޚުތިޔާރުގައެވެ. މިއަދު ނޫނަސް ކުރިންވެސް އިޝާން އެގޮތަށް އޭނާއަށް ފެނިފައިވާހެން ހީވަނީ ކީއްވެގެން ހެއްޔެވެ؟ ފަހަރެއްގައި ހުވަފެނުން ފެނިފައިވަނީ ކަމުގައިވެސް ވެދާނެއެވެ. އިޝާންގެ ހަށިގަނޑުގައި ބީހިފައިވާކަމުގެ އިހުސާސެއްވެސް އޭނާއަށް ކުރެވެނީއެވެ. މިއީ އެކަމަށް އޭނަގެ ހިތްއެދޭތީ ވާގޮތެއް ހެއްޔެވެ؟

ނީލާ ދުރުގައިހުރެގެން އިޝާންއަށް ބަލާކަން އެނގުމުން އިޝާންގެ ހިތުގައި އުފާވެރިކަމުގެ މުއުޒިކެއް ކުޅެލިއެވެ. އިޝާންވެސް އިރުއިރުކޮޅުން ނީލާއަށް ބަލާލައެވެ. އިޝާން ބަލާލާ ކޮންމެ ފަހަރަކު ނީލާ ދުރުބަލާލަނީ އޭނާ ބަލާކަން އިޝާންއަށް ނާންގަން ވެގެންނެވެ. އިޝާން ހިނިތުންވެ އިނދެ ލަސްލަހުން ކަމުންދިޔައިރު ހީވަނީ ރޮށިތަށި ހުސްވެދާނެތީ އުޅޭހެންނެވެ. އޭނާ ބޭނުންވަނީ ވީހާވެސް ގިނައިރު ނީލާ އޭނާގެ ކުރިމަތީގައި ބެހެއްޓުމަށެވެ. ނަމަވެސް ނީލާ އެހެން ހުރެ ހުރެ ފައިވާޅުވެދާނެތީވެސް އިޝާން ކަންބޮޑުވިއެވެ.

” ދެން ތިތާ ކޮޅަށް ނުހުރެ މިތާއިށީނދެބަލަ!…..މިތަނަށް ނާންނަންޏާ ތިތަނަށް ގޮނޑީއެއް ގެންދަންތަ؟” އިޝާން ސީރިއަސް ކަމާއެކު އަހާލިއެވެ.

” ނޫން….އޯކޭއޭ” ނީލާ އަވަހަށް ދެކޮޅުހެދިއެވެ. ނަމަވެސް އިޝާން އެއަޑުނާހާއި ތެދުވެ މޭޒުކައިރިން ގޮނޑިއެއް ހިފައިގެން ގޮސް ނީލާގެ ގާތުގަ ބެހެއްޓިއެވެ. އަދި އަތުގެ އިޝާރާތުން އިށީނުމަށް ބުންޏެވެ. ނީލާ ވަގުތުން އިޝާންގެ އަމުރަށް ކިޔަމަންވެ ގޮނޑީގައި އިށީނެވެ. އިޝާން ހިނިތުންވެލާފައި އައިސް އަނެއްކާވެސް  ކެއުމާއިގެން ކުރިޔަށް ދިޔައެވެ. ދެމީހުން ހިމޭންކަމާއެކު އެކަކު އަނެކަކަށް ނަޒަރުބަދަލުކުރަމުން ދިޔައިރު ދެހިތުގައިވެސް ހިނގަނީ ލޯބީގެ ސިއްރު އޮއެވަރެކެވެ. ނޭނގި ނަމަވެސް ނީލާގެ ހިތް އަނެއްކާވެސް އިޝާންގެ މައްޗަށް ލެނބެމުން ދިޔައެވެ. އެހިތް ތާއަބަދު އެދެނީ އެސޫރަ ދެކޭށެވެ.

އަނިލްގެ އަނބިމީހާގެ ނަމުގައި ހުރި ނަމަވެސް ފަހަރެއްގައިވެސް އަނިލްގެ މަތިން އޭނާ ހަނދާނެއް ނުވެއެވެ. އަނިލް ގޭގައި ނެތަސް ކޮބައިތޯ ބަލާލަންވެސް ހިތަކަށް ނާރައެވެ. މިހާރުވެސް އަނިލް ގޭގައި ނެތްތާ ކިތަންމެ އިރެކެވެ. ނަމަވެސް އަނިލް ނެތުމުން އެހިތް ނުތަނަވަސް ވުމުގެ ބަދަލުގައި ހިތަށް ލިބެނީ އިތުރު ހިތްހަމަޖެހުމެކެވެ. އަނިލްއާއި އެއްކޮޓަރީގައި އޭނާ ރޭތައް ހޭދަކުރަނީ ނުހަނު އުނދަގުލާއި ނުތަނަވަސްކަމުގައެވެ. އަނިލްއާއެކު އެކަނިވުމުން އޭނާއަށް އިސުސާސްކުރެވެނީ ގައިދެއްގައި ބަންދުވާކަމުގައެވެ. އެފަދަ ވަގުތުތަކުގައި އަނިލްގެ ކަތި ނަޒަރުތަކުން އޭނާގެ ހިތަށް ލިބެނީ ބަޔާން ނުކުރެވޭފަދަ އުނދަގުލެކެވެ. މިހާލުގައި އޭނާ އުޅެންޖެހޭނީ ކިހާދުވަހަކު ބާއެވެ؟

ނީލާ ފުންޚިޔާލެއްގައި އިންދައި އިޝާން ކައިނިމިއްޖެއެވެ. އިޝާން ތެދުވެ ފެންފޮދެއް ބޯލާފައި މޯޅިއަކަށް ދެމިލަމުން އަޑެއް ލައްވާލީ ނީލާ ސިއްސުވާލާށެވެ. އިޝާންގެ އެހަރަކާތުން ނީލާ ސިހުނެވެ. އަދި އަވަހަށް ތެދުވެ ތަށިތަން ނަގަން ފެށިއެވެ. އިޝާން އެއްއަތުންވެސް ނީލާއަށް އެހީތެރިވެދޭން ފެށިއެވެ. އެކަމުން އަވަދިވެގެން ދެމީހުންވެސް ނުކުތީ ސިޓިންރޫމަށެވެ. އިޝާން ގޮސް ދިގުކޮށް ހުރި ސޯފާގައި އޮށޯވެ، ޓީވީ ހުޅުވާލިއެވެ. ނީލާއައިސް ވަކިން ހުރި ސޯފާގައި އިށީނދެ ޓީވީއަށް ނަޒަރު ހުއްޓާލިއެވެ. ދެމީހުން ހިމޭންކަމުގައި ޓީވީއަށް ގެއްލިފައި ތިއްބައި، ކާކޮޓަރި ތެރެއިން ނީލާގެ ފޯން ރިންގްވާންފެށިއެވެ. ނީލާ ސިހިފައި ތެދުވެ ހަލުވިކަމާއެކު ކާކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ނީލާ އަވަސް އަރުވާލާފައި ހުރިވަރުން ކައިރީގައިހުރި ބިއްލޫރިމޭޒުގައި އަޅައިގެންފިއެވެ. ހަށިގަނޑު ބެލެންސް ނުކުރެވިގެން ވެއްޓެން ދިއުމާއެކު ނީލާއަށް ބާރަށް ހަޅޭއްލަވައި ގަނެވިއްޖެއެވެ. ސޯފާގައި އޮތް އިޝާންއަށް ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. ބިރުންގޮސް އޭނާގެ ހިތްވެސް، މޭފަޅައިފައި ނުކުންނަން އުޅުނު ކަހަލައެވެ. ނަމަވެސް އިޝާންގެ ސަލާމަތުން އޮތްއަތުން ނީލާ ވެއްޓުނަނުދީ ހިފެހެއްޓިއެވެ. އޭރު ނީލާގެ ހަށިގަނޑު ތުރުތުރު އަޅައެވެ. އޭނާހީކުރީ ދެން އޭނާއަށް ލޯހުޅުވަން ޖެހޭނީ ހޮސްޕިޓަލުގައި އޮއްވައި ކަމުގައެވެ. އިޝާންއަށް ނީލާގެނެސް އޭނާގެ ގަޔާލައި ބޮނޑިކޮށްލެވުނީ ބޭއިޚުތިޔާރުގައެވެ. ނީލާއަށްވެސް އިޝާންގެ ގައިގާ ބާރަށް ހިފަހައްޓާލެވުނެވެ. ދެމީހުންގެ މޭގެތެޅުންވެސް އެކަކު އަނެކަކަށް އިހުސާސް ވިއެވެ. އިޝާން މަޑުމަޑުން ނީލާ ސޯފާއި ބޭންދިއެވެ. ސޯފާގައި ބުރަކަށި ޖައްސާލަމުން ނީލާ ލޯމަރާލަމުން އޭނާގެ މޭގެތެޅުން ހަމަޔަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ.

” ނީލް! ކީއްވެތަ އެހާކެއަރ ލެސްވެގެން ތިއުޅެނީ؟…..ދެންމެގަ ނީލް ވެއްޓި، ބޭބީއަށާއި ނީލްއަށް ގެއްލުމެއްވީނަމަ އަހަރެން ކިހިނެއް ހަދާނީ؟……އެންމެ ފަހަރަކުވެސް ވިސްނާލިންތަ ތީ މާބަނޑު އަންހެނެއްކަން……ބޭނުންހާ ގޮތަކަށް ދުވެދުވެފަ ނޫޅެވޭނެކަން…..މިހާރުތީ އެންމެ ފުރާނައެއް ނޫނޭ…..އެވަރު ނުވިސްނޭތަ؟…..ކޮންމެފަހަރަކު މީހަކު ހުންނާނެތަ ނީލް މިގޮތަށް ސަލާމަތްކުރަން؟…..ތިގޮތަށް އުޅެނިކޮށް ނީލް އެކަނި ހުއްޓާ ކަމެއް ވެއްޖެއްޔާ ކީއްކުރާނީ؟…..އަމިއްލަ ނަފްސަށް ނުވިސްނަންޏާ ދަރިފުޅާމެދު ވިސްނާލި ނަމަ…” ނީލާއަށްވީގޮތުން ކަންބޮޑުވެ ހާސްވީވަރުން އިޝާންހުރީ ރުޅިގަދަވެފައެވެ. އެހެންކަމުން އޭނާއަށް ވާހަކަ ދެއްކުނީވެސް އެހާމެ ބާރަށެވެ. ނީލާއަށް ދުވަހަކުވެސް އިޝާން ރުޅިއައިސް ހުއްޓައި މިނޫނީ ފެނިފައެއް ނެތެވެ. ކުއްލިއަކަށް އިޝާން އެހާ ގަދައަށް ރުޅިއައުމުން ނީލާގެ ހިތުގައި ޖެހުނެވެ. އިސާހިތަކު އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގެންފިއެވެ. އެކަރުނަތައް މަތަކުރެވޭތޯ ނީލާކުރި މަސައްކަތްވީ ބޭކާރެވެ. އިސްޖަހައިގެން އިންދާ މަޑުމަޑުން ގިސްލެވެން ފެށިއެވެ.

” ނީލް!” ނީލާ ގިސްލާ އަޑުއިވުމުން އިޝާން ކަންބޮޑުވެފައި ނީލާއަށް ގޮވާލިއެވެ. ނީލާގެ ގާތުގައި އިށީނދެ ނީލާ ހުއްޓުވަން އިޝާން ބޭނުންވިއެވެ. ނަމަވެސް އިޝާން އިށީނުމާއެކު ނީލާ ކުއްލިއަކަށް ތެދުވިއެވެ.

” ނީލް…ޕްލީޒް…އައިއެމް ސޮރީ…..ރުޅިއައސްގެންނެއް ނޫނޭ އެހެން ބުނީކީ….” އިޝާން ނީލާގެ އަތުގައި ހިފައި ހުއްޓުވަން އުޅުނެވެ. ނަމަވެސް ނީލާ ރޮމުން ރޮމުން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ނީލާ ހިތުގައި ޖެހިގެން ރޯތަން ފެނުމުން އިޝާންގެ ހިތަށް ތަދުވިއެވެ. ނީލާ ދިޔަލެއް ހަލުވިކަމުން އިޝާން ބިރުވެސް ގަތެވެ. އިޝާން ފަހަތުން ގޮސް ގޮސް ހުއްޓައި ނީލާ ކޮޓަރިއަށްވަދެ ދޮރުތަޅުލިއެވެ. އެނދުގައި އޮށޯތުމާއެކު ބާރުބާރަށް ނީލާއަށް ރޮއެގަނެވުނެވެ. އެއަޑު އިޝާންއަށްވެސް އިވުނެވެ. ވީދެރައިން އިޝާންއަށް އަމިއްލަ ބޮލުގައި ބޮނޑިއެއް އަޅާލެވުނެވެ. އެވަގުތު އިޝާންގެ އަނގައިން އަޑެއް ލައްވާލެވުނީ ބޮލަށްވީތަދުންނެވެ. ބޮލުގައި ޖަހާލެވުނީ ޕްލާސްޓަރު އަޅާފައި އޮތްއަތުންކަން އެނގުނީވެސް ދެނެވެ.

ބޮލުގައި އަތްކާއްތަމުން ގޮސް އިޝާން އަނެއްކާވެސް ސޯފާގައި އިށީނެވެ. ހަމަ ހިނދުކޮޅެއް ނުވެ އަނެއްކާވެސް ތެދުވެގެން އައިސް އަނިލްގެ ކޮޓަރީ ދޮރުމަތީ ހުއްޓިއްޖެއެވެ. ހަދާނެ ގޮތެއްނޭނގި ކަންބޮޑުވެގެން އިޝާން ދެކޮޅަށް ހިނގަން ފެށިއެވެ.

26

20 Comments

 1. shahu

  October 30, 2016 at 2:48 pm

  V reethi. Thanx shine.

 2. MM

  October 30, 2016 at 3:02 pm

  Salhi

 3. Thaany

  October 30, 2016 at 3:04 pm

  V v reethi ekm haadha kurumoh mi part thi geness dhinee. ???

 4. Rix

  October 30, 2016 at 3:14 pm

  Vv nice v kiyaa Hiyvey, , plx next part avas kohladhehchey

 5. Joo

  October 30, 2016 at 3:45 pm

  Moya hiyy update kohdheeba

  • Shine

   October 30, 2016 at 3:50 pm

   adhi kurranan insha allah…

 6. Suna

  October 30, 2016 at 3:46 pm

  Alhe moya hiyy update kohba shine
  That’s my fav story
  I want read again

 7. Shahy

  October 30, 2016 at 3:51 pm

  Ohhh shine ur superb love u

 8. Hooooo.

  October 30, 2016 at 3:52 pm

  VArah salhi.

 9. Inee

  October 30, 2016 at 4:07 pm

  Varah reethi dhen vaane gothakaa dheytherey visnenee

 10. Anonymous

  October 30, 2016 at 4:12 pm

  Thanks ehaa avahah up kohdheythee shine thee hama best vvvvv reethi mi story ves.

 11. Shabyyy

  October 30, 2016 at 4:19 pm

  Vvv reethi

 12. Anonymous

  October 30, 2016 at 5:37 pm

  vaahaka v salhi.. plx up kohdhy avahah..

 13. Ain

  October 30, 2016 at 5:54 pm

  Vv Vv salhi….

 14. Neel

  October 30, 2016 at 6:11 pm

  Habeys story eh thee v ves dhuvaalaku 2 episode up kohdheeba pls ehenn mibuny nimifa in dtory eh v ma ??????

  • Shine

   October 30, 2016 at 6:36 pm

   dhuvaalaku 2 episode upkodhemey mihaaruves

 15. Naz

  October 30, 2016 at 6:29 pm

  Alhe shine mireyga vs up kohlaadhyba

 16. Aik

  October 30, 2016 at 9:20 pm

  Mi storyga ihnany kithah part tha? Shine answer plx

 17. Nazuhath

  October 31, 2016 at 2:39 pm

  Shine kn irakun up kohlaany.. pls avax kohlaaaba

 18. Shine

  October 31, 2016 at 9:55 pm

  yes..

Comments are closed.