އެފިނިމެންދަން 15
ބޮލުގައި އަތްކާއްތަމުން ގޮސް އިޝާން އަނެއްކާވެސް ސޯފާގައި އިށީނެވެ. ހަމަ ހިނދުކޮޅެއް ނުވެ އަނެއްކާވެސް ތެދުވެގެން އައިސް އަނިލްގެ ކޮޓަރީ ދޮރުމަތީ ހުއްޓިއްޖެއެވެ. ހަދާނެ ގޮތެއްނޭނގި ކަންބޮޑުވެގެން އިޝާން ދެކޮޅަށް ހިނގަން ފެށިއެވެ.
” އަޅެ އަހަރެން މޮޔަވީތަ؟….ކީކޭ ހިތައްއަރައިގެންތަ ނީލްއާ ދިމާއަށް އެވަރަށް އެއްޗެތިގޮވީ…..ނީލްވެސް ވަކިބޭނުމެއްނުވާނެއްނު ވެއްޓި، ބޭބީއަށް ގެއްލުމެއްވާކަށްވެސް…..އަހަރެންގެ މޮޔަކަން….ނީލް ކިހާބިރުގެންފަހުރީ….އަނެއްކާ އެވަރަށް އެއްޗެތިކީމަ ކިހާދެރަވާނެ……އެފަކީރު މިހާރުވެސް އެއުފުލަނީ އަހަރެންގެ ބުރައެއްނު!….އެވަރު މިނުވިސްނުނީވެސް މަށަކަށްނު!…އާހް!” ނީލާގެ ހިތުގައި ޖެއްސުނީތީ އިޝާންގެ އަމިއްލަ ނަފްސަށް އޭނާ އަޑުލިއެވެ. ނަމަވެސް އޭނާއަށް އެގޮތަށް ކަންތައްކުރެވުނީ އިޚުތިޔާރުން ބޭރުގައެވެ. އެދެމައިންނާމެދު އޭނާގެ ކަންބޮޑުވީވަރުންނެވެ. އެހިތުގައި އުފެދިފައިވާ ވަރުގަދަ ލޯތްބެއްގެ ސަބަބުންނެވެ.
ނީލާ އެނދުގައި އޮވެގެން ގިސްލަ ގިސްލާފައި ރޮނީއެވެ. އޭނާގެ ނަފްސު ހަމަޔަކަށް އަޅުވަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. އެއަށްވުރެ ބޮޑަށް އޭނާވަނީ ހިތުގައި ޖެހިފައެވެ. އެކަމަކު ކީއްވެގެން ހެއްޔެވެ؟ އިޝާން ބުނީވެސް މުޅިއެކުން ދޮގުވާހަކައެއް ނޫނެވެ. މިހާރު އޭނާ އުޅެންޖެހޭނީ ވަރަށް ވިސްނައިގެންނެވެ. ދެންމެ ކަންތައްވީގޮތުން އިޝާން ނޫން އެހެންމީހަށް ނަމަވެސް އެހެން ބުނެވުނީހެވެ. ނަމަވެސް އިޝާންގެ ދުލުން އެވަރުގެ އެއްޗެއް ބުނުމުންވެސް ހާދަވަރަކަށް އޭނާގެ ހިތުގައި ޖެހިއްޖެއެވެ. މިއިން ދުވަހަކުވެސް ދެރަނުވާވަރަށް މިއަދު އޭނާ ދެރަ ވެއްޖެއެވެ. އިޝާންގެ ނުރުހުމުގެ ބަހަކަށް އޭނާއަށް ކެތް ނުކުރެވެންވީ ކީއްވެގެން ހެއްޔެވެ؟ އިޝާން އޭނާއަށް ނުރުހުންވާންވީވެސް ކީއްވެގެން ހެއްޔެވެ؟ އިޝާން އެހާ ކަންބޮޑުވީ ކީއްވެގެން ހެއްޔެވެ؟ އިޝާންވެސް އޭނަދެކެ ލޯބިވަނީ ހެއްޔެވެ؟ ނޫނީ އެއީ ހަމައެކަނި ހަމްދަރުދީ ހެއްޔެވެ؟ އޭނަގެ ދަރިފުޅާމެދު އިޝާން ކަންބޮޑުވާންވީ ކީއްކުރަން ހެއްޔެވެ؟ ވިސްނިވަރަކަށް ނީލާގެ ރުއިންވީ އިތުރެވެ. ގިސްލަމުން ގޮސް މެޔަށްތަދު އަރައި އޯކާދެމެން ފެށިއެވެ. ނީލާ ތެދުވެގެން ފާޚާނާއަށް ވަނުމާއެކު ހޮޑު ލެވިއްޖެއެވެ. ހޮޑުލާލާ ވަރުބަލިވެގެން ނީލާއައިސް އެނދުގައި އޮށޯވެ ލޯމަރާލިއެވެ.
އިޝާން ހުސްގަޔާހުރެ ސިޓިންރޫމުގައި ހިނގަހިނގާ ހުއްޓައި ކުއްލިއަކަށް ބަޔަކު އަންނަ އަޑުއިވުނެވެ. ވާހަކަދައްކަމުން އަންނާތީ އެއީ އަންހެން ކުދީންތަކެއްކަން އެނގުނެވެ. އިޝާން ކޮޓަރިއާދިމާއަށް ހިނގައިގަތް ވަގުތު، އެމީހުން ގޭދޮރުމައްޗަށް ހުއްޓި ސަލާމް ގޮވާލިއެވެ. އޭރު، އިޝާންއަށް ހުރެވުނީ ދޮރާދިމާވާގޮތަކަށްކަމުން އެބަޔަކު ރަނގަޅަށް ފެނުނެވެ. އެއީ އަރޫނާއާއި ނީނާ އަދި އިމްނާއެވެ. އިޝާންއަށް ކަންބޮޑުވެފައި އަނިލްގެ ކޮޓަރިއާ ދިމާބަލާލެވުނެވެ. ނަމަވެސް މިހާރު ނީލާ ރޯއަޑެއް ނީވެއެވެ. އިޝާން ހީކުރީ ނީލާއަށްވެސް އެމީހުންގެ އަޑުއިވިގެން ރުއިން ހުއްޓާލީކަމުގައެވެ.
” ވައަލައިކުމް ސަލާމް” އިޝާން ދޮރުފަތުގެ ނިވަލަށްވަދެ ކުޑަކޮށް ބޯގުދުކޮށްލާފައި ސަލާމް ބަލައިގަތެވެ. ހުސްގަޔާ ހުރުމުން އޭނާހުރީ އެމީހުންގެ ކުރިމައްޗަށްދާން ޖެހިލުން ވެފައެވެ. ސަލާމް ބަލައިގަތުމުން އެމީހުން އެތެރެއަށްވަދެ ސޯފާގައި އިށީނެވެ. އިޝާން ލަދުންހުރެ ދޮރުފަތްދަށުން ނުކުތުމާއެކު އެމީހުން އިޝާންއަށް ބަލާލިގޮތުން ކުރިއަށްވުރެ ބޮޑަށް އޭނާ ރަކިވިއެވެ.
” ކޮބާ! އިޝާން މިހާރު ކިހިނެއްތަ؟….އަހަރެމެންނަށް މިއަދު އެނގުނީވެސް އިޝާން އަތްބިނދުނުކަން….އެވެސް އަރޫގެ މަންމަގެ ފަރާތުން….އަރޫގެ މަންމައަށް މިގޭމާމައާ ދިމާވެގެން އެވާހަކަ ބުނީ…ދޯއަރޫ؟ ” ނީނާ ވަރަށް ގަޔާވެލާފައި އެމީހުނަށް އެނގުނު ގޮތް އޮޅުންފިލުވައިދިނެވެ. އަރޫނާވެސް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
” ތެދެއް…ކިހިނެއްތަ މިހާރު؟….ކިހާ ދުވަހަކުންތަ އޮފީހަށް ނުކުމެވޭ ވަރުވާނީ….އިޝާން ނެތީމާ ހާދަފޫއްސޭ…..ތިމީހުން މާލޭގަ އުޅުނުއިރުވެސް ފޫހިކަމުން ހަލާލުވާވަރުވެފަ އަހަރެމެން ތިބެނީ..ދޯއަރޫ؟….ހާއްސަކޮށްއަރޫ ހުންނަނީ އިޝާން ނެތީމަ ވަރަށް ވައިވެފަ” ފުރުސަތުގެ ބޭނުން ހިފައި އިމްނާ އަރޫނާއާ ދިމާކޮށްލިއެވެ. އަރޫނާ ދެންވެސް ބަހެއް ނުބުނެ އިނދެ އިމްނާއަށް ލޯއަޅާލިއެވެ.
” ދެން މިހާރު އޯކޭ…..އަސްލު އަތެއް ނުވެސްބިނދޭ…..ކަށިގަނޑުގަ ރެދެއްލީ….ދެތިން ދުވަހެއް ތެރޭގަ ރިކަވާވެދާނެ…” އިޝާން މަޑު މަޑުން ގޮސް ވަކިންހުރި ސޯފާގައި އިށީނެވެ. އަދި އޭގައި އޮތް ކުޝަން ނަގައި މޭމަތީގައި ޖައްސާލީ އޭނާގެ ހަށިގަނޑު ކޮންމެވެސް ވަރަކަށް ނިވާކޮށްލުމަށެވެ. އަރޫނާ އަނގައިންވެސް ނުބުނެ އިނދެ ސިއްރު ސިއްރުން އިޝާންއަށް ބަލަމުން ދިޔައެވެ. އިޝާންއަށްވެސް އެކަން ފާހަގަ ކުރެވުނެވެ.
” ކޮބާތަ ނީލާ މޭމް….ބަލީތަ؟…ނޫނީ ގޭގަ ނޫޅެނީތަ؟…” ފަރާތް ފަރާތް ހޯދާލަމުން ނީނާ އަހާލިއެވެ. ނީލާގެ ވާހަކަ އެހުމުން އިޝާން ކަންބޮޑުވާ ގޮތްވިއެވެ.
” ހީވަނީ ކޮޓަރީގަހެން……އަނެއްހެން ބައްޔެއްނޫން…..އެކަމުދެން އަންހެނުންނަށް ލައިގަންނާނެ އެންމެ ތަކުލީފް ބޮޑުބަލީގަ ކަންނޭނގެ މިހާރު އެއުޅެނީ….ދޯ؟..” އިޝާން ހިނިތުން ވެލަމުން އެހެން ބުނުމުން ނީނާ ލާނެއް ފާޑަކަށް ހޭންފެށިއެވެ.
” ކިހިނެއްވީ؟…ގޯސް އެއްޗެއްތަ މިބުނެވުނީ…..ދޮގެއް ނޫނެއްނު މިބުނީ….ނީނާއަށް އެހާލަތު ނާންނާތީ އިހުސާސް ނުވަނީ…އެކަމު މަށަށްވެސް މިހާރު އިހުސާސްވޭ ބަނޑުބޮޑުމީހުން އުޅޭހާލު…..މީރުވަސްދުވާ ސެންޓެއް މީހަކު ޖެހިޔަސް އެމީހުންނަށް ހޮޑުލެވޭ……އެހެންވެ މިހާރު މީރުވަސްދުވާ އެއްޗެހި ބޭނުން ކުރުން ހުއްޓާލަން މިނިންމަނީ..” އިޝާން މަޖާވެފައި ދައްކަމުން ދިޔަވާހަކައިން އަރޫނާއާއި އިމްނާއަށްވެސް މަޖާވިއެވެ.
” ހޫމް ދެން އިޝާން ސެންޓް ނުޖަހަން ފެށީމަ އަހަރެމެންނަށް ކަންނޭނގެ ހޮޑުލެވޭނީ….” ނީނާ އަނެއްކާވެސް ހިނގަނޑެއް ޖަހާލަމުން އިޝާންއާ ދިމާކޮށްލިއެވެ.
” އައްދެ!….އަހަރެން ދުވަހަކު ސެންޓް ނުޖަހާ ހުއްޓަސް ނުދުވާނެ ނުބައިވަހެއް…” އިޝާން ދެރަނުވާންވެގެން ނީނާއަށް ރައްދުދިނެވެ.
” އެހެންތަ؟….ދެން އިޝާންގެ ގައިން ވަސްބަލާކުދިންނަށްތާ ތިއެއް އެނގޭނީ….އަހަރެމެންނަށް ކިހިނެއް އެނގޭނީދޯ އިމް؟” ނީނާ ވިސްނާނުލާ އިނދެ ބުނެލި ޖުމްލައިން އިޝާން ރަކިވިއެވެ. އިޝާންގެ މޫނަށްވެރިވި ރަކި ހިނިތުންވުން ފެނި އިމްނާ ނީނާގެ ގައިގާ ބޮނޑިއެއް އަޅާލިއެވެ. އިޝާންއަށް ވީގޮތުން އަރޫނާއަށްވެސް ހެވުނެވެ.
” އަރޫ މިއަދު ތިއިނީ ވާހަކަ ނުދައްކަން ހުވާކޮށްގެންތަ؟….އަހަރެންގެ ހާލުވެސް އަހައެއް ނުލަމެއްނު…” އަރޫނާ މާމަޑުން އިންނާތީ އިޝާން ބުނެލިއެވެ.
” އަރޫ އެއިނީ އަހަރެމެން ތިބީމަ ވާހަކަ ނުދައްކަން…..އެހެންވެސް ބުނީމައެއްނޫންތަ އަހަރެމެންނަށް ދާން އެނގޭނީ…..އަހަރެމެން ތިއްބާ ވާހަކަ ދައްކަން ލަދުގަންނަންޏާ ކީއްވެތަ އެކަނި ނައީ…..މީނަ އަހަރެމެން ގެޔަށް ގޮސް އާދޭސްކުރާވަރުންނޭ މިއައީވެސް…” ނީނާވެސް އަރޫނާއާ ދިމާކޮށްލިއެވެ.
” ދެން ސާބަހޭ!….ތި ނީނާހެން އަބަދު އަނގަތަޅުވަ ތަޅުވާތަ އިންނަންވީ؟……..މީހަކު މަޑުން އިނަސް ތިމީހުން އަބަދުވެސް ނަގާނީ ތާކުއޮންނަ އެންމެ ނުބައިމާނަ….” އެހެން ބުނެފައި އަރޫނާ ތުންއަނބުރާލި ގޮތުން އިޝާންގެ ގާތަށްވެސް ހިނިއައެވެ. ހަގީގަތުގައި އަރޫނާއިނީ އިޝާންއާ ވާހަކަ ދައްކަން ނުލާހިކު ބޭނުންވެފައެވެ. ނަމަވެސް އެމީހުންގެ ކުރިމަތީގައި އޭނަ ބޭނުންވާ ގޮތަށް ވާހަކަ ނުދެއްކޭނެތީ މަޑުން އިނީއެވެ.
އެކި އެކި ވާހަކައި އެމީހުން ތިބެފައި ދިއުމުން އިޝާން ތެދުވީ ނީލާގެ ޚަބަރެއް ބަލާލުމަށެވެ. އެކޮޓަރި ކައިރިއަށް ގޮސް ދޮރުގައި ޓަކިޖަހާލިއެވެ.
” ނީލް!” ދެތިން ފަހަރު ޓަކިޖަހާލުމުންވެސް ނީލާގެ ޚަބަރެއް ނުވުމުން އިޝާން ނީލާއަށް ގޮވަންފެށިއެވެ. އިޝާން ދޮރުގައި ޓަކިދެމުން ނީލާއަށް ގޮވަމުން ދަނިކޮށް ފަހަތުން އައިސް މީހަކު އޭނާގެ ކޮނޑުގައި އަތްބާއްވާލުމުން ސިހިފައި ބަލާލެވުނެވެ.
“އަރޫ!….އަދިވެސް ނުދަނީތަ؟” ކުރިމަތީގައި ހުރި އަރޫނާފެނި ކަންބޮޑުވެފައި އިޝާންއަށް އަހާލެވުނެވެ. އިޝާން އެހެން އެހުމުން އަރޫނާގެ މޫނުގެ ކުލަފަނޑުވެގެން ދިޔައެވެ.
“އައްދެ! ހާދަ ކަންބޮޑުވީ….އަހަރެން އައީމާ ހިތްހަމަ ނުޖެހުނީތަ؟” ދެރަވެފައި އަރޫނާ އަހާލިއެވެ.
“ނޫނޭ…އެހެންނެއްނޫން….އަރޫ ދިޔަކަމަށްހީކޮށް ހުއްޓާ ކުއްލިއަކަށް ފެނުނީމަ ހަމަ އަހާލެވުނީ…އަނެއްކާތީ އަރޫތަ ނޫނީ ހަންޑިއެއްތަ؟…އައިއަޑެއްވެސް ނީވޭ ވިއްޔަ” އިޝާން ހިނިތުންވެލަމުން އަރޫނާއާ ސަމާސާ ކޮށްލިއެވެ. ނަމަވެސް އޭނަހުރީ އަރޫނާ އައިއަޑު ނީވުމުން ހައިރާންވެސް ވެފައެވެ.
” އާނ! ހަމަ ސިއްރު ސިއްރުން އައީ އިޝާން ބިރުގަންނުވާލަން ވެގެން…..އެކަން މާރަނގަޅަށްވެސް ވެއްޖެ….މަފެނުމުން ހާސްވިވަރުން ހީވީ ބިރެއް ފެނުނުހެން ވިއްޔަ؟….އަނެއްކާ ވައްކަމެއް ކުރަންތަ ތިއުޅުނީ؟…” ސަމާސާއަށް ކަމަށް ހަދާފައިވެސް އަރޫނާކޮށްލީ އޭނާގެ ހިތުގައި އޮތް ސުވާލެވެ. އަރޫނާ ގޭތެރެއަށް ވަދެގެން އައިއިރު އިޝާން ނީލާގެ ކޮޓަރި ކައިރީ ހުރުމުން އަރޫނާ މަޑުމަޑުން އައީ އިޝާން ކުރާ ކަމެއް ބަލަން ވެގެންނެވެ. އިޝާން ނީލާއަށް ގޮވަމުން ދިޔައިރު އެއަޑުގައި ހުރި ކަންބޮޑުވުން އަރޫނާ ދެނެގަތެވެ. ނަމަވެސް އިޝާން އެހާކަންބޮޑުވެގެން ނީލާއަށް ގޮވަންޖެހުނު ސަބަބެއް އަރޫނާއަކަށް ނުވިސްނުނެވެ.
“ދެން އަރޫވެސް ދައްކާވާހަކަ…..އަމިއްލަގެއިން އެއްވެސް މީހަކު ވައްކަން ކުރާނެތަ؟….ވަގަން ނަގަންވެސް ހުންނާނީ އަމިއްލަ އެއްޗެއްސެއްނު! ދެންކީއްކުރަން ވަގަން ނަގަންވީ؟…” އިޝާން ހާމަކުރީ ހަޤީޤަތެވެ. ނަމަވެސް އަރޫނާއަށް ވިސްނޭނީ ކިހިނެއް ހެއްޔެވެ؟
” މީކީ އިޝާންގެ ގެޔެއްނޫނެއްނު…..ދެން…”
” ހޫމް ދެން ކީކޭ؟…” ކުއްލިއަކަށް އަރޫނާގެ ގާތަށްޖެހި ދެކޮނޑުގައި ހިފާލަމުން އިޝާން އަހާލިއެވެ. އިޝާންގެ އެހަރަކާތުން ވަގުތުން އަރޫނާގެ ބަސްހުއްޓުނެވެ. ބުނަން އުޅުނު ޖުމްލަވެސް ކަރުތެރޭގައި ތާށި ވެއްޖެއެވެ. އިޝާންގެ ހާމަޔަށްހުރި ހަށިގަނޑުންދުވި ސެންޓްވަހުން އޭނާގެ ހިއްސުތަކާއި ކުޅެލިއެވެ. އެރީތި ފިރިހެންވަންތަ މޭގައި ބޯއަޅާލަން އެހިތް އެދުނެވެ.
” ހޫމް ބުނެބަލަ ދެން ތިބުނަން އުޅުނު އެއްޗެއް؟” ކުރިޔަށްވުރެވެސް ބޮޑަށް ގުދުވެ އަރޫނާއާ ހަތަރުކަޅި ހަމަކޮށްލަމުން އިޝާން އަހާލިއެވެ. އަރޫނާގެ ހިތުގެ ވިންދު އިންތިހާއަށް އަވަސްވެގެން ދިޔައެވެ. އިޝާންގެ ނަޒަރު ސީދާވެފައިހުރުމުން ރަކިވެގެންގޮސް އެމޫނުގެ ކުލަބަދަލު ވެއްޖެއެވެ.
” އެ މި …އާ..” އަރޫނާއަކަށް އޭނާ ބުނަން އުޅުނު އެއްޗެއް ކުރިޔަށް ގެންދެވޭގޮތެއް ނުވިއެވެ.
” އެމި އާއޯ….މީކޮންބަހެއް؟….ތިބަހެއް މަށަކަށް ދޭހައެއްނުވޭ….ހިނގާބަލަ ސޯފާގަ އިށީނދެ ހަމަޖެހިގެން ވާހަކަ ދައްކަން….އޭރުން ފަހަރެއްގަ މަށަށް ތިބަސް ދޭހަވެދާނެ…” ލާނެއްގޮތަކަށް ހިނިއައިސްފައި ހުރެ އިޝާން އަރޫނާ ގޮވައިގެން ގޮސް ސޯފާގައި އިށީނެވެ. އިޝާން ބޭނުންވީ ކޮންމެ ގޮތަކުން ވިޔަސް އަރޫނާ ދައްކަންފެށި ވާހަކަ ހުއްޓުވާލާށެވެ. އެކަން ކިތަންމެ ރަނގަޅަކަށްވެސް އޭނާއަށް ކާމިޔާބުވިއެވެ. ހީވަނީ އަންހެން ކުދީންގެ އަނގަބަންދުކުރާނޭ އުކުޅުތައް މާކުރިއްސުރެ އޭނާ ދަސްކޮށްފައި ހުރިހެންނެވެ.
” ހޫމް ދެންކިޔާބަލަ!” އިޝާން ހަމަޖެހިލާފައި އަރޫނާގެ މޫނަށް ބަލާލަމުން ބުންޏެވެ. އަރޫނާ އަދިވެސް އިނީ ބަސްހުއްޓިފައެވެ. އޭނާ އިނީ އިޝާންގެ މޫނަށް ބަލަން ޖެހިލުން ވެފައެވެ.
” އަސްލު އަހަރެން އައީ އިޝާންގާތު ވާހަކައެއް ބުނަންވެގެން…..މާދަމާ ރޯދައަށް ހަނދުބަލާތީ، މިރޭ މާހެފުމެއް ބާއްވަނީ ސުކޫލުގަ…..އޭރު އެވާހަކަ ބުނަން ހަނދާންނެތުނީ….” އަރޫނާ އިސްޖަހައިގެން އިނދެ އޭނާ އައިބޭނުން ބުނެލިއެވެ.
” އޯ އެހެންދޯ؟…މާހެފުމޭ؟ އެއީ ކޯއްޗެއްތަ؟…” ހައިރާންކަން މޫނަށް ވެރިކުރުވަމުން އިޝާން އަހާލިއެވެ.
” މާހެފުން ނޭނގޭތަ؟…ތީދިވެއްސެއްތަ؟….ދުވަހަކުވެސް މާހެފުމުގެ ވާހަކަ އަޑެއްވެސް ނާހަންތަ؟” އަރޫނާ ހައިރާންވެފައި ސުވާލުތައް ފައްޗަކަށް އަމުނާލިއެވެ.
” ދިވެއްސެއް ކަމަކުވެސް ހަމަ ނޭނގިހުރެދާނެއްނު…..ދެން ބުނެދީބަލަ!….އެއީ މާބޭނުން ކޮށްގެން ކުރާކަމެއްތަ؟…”މާ ހެފުން”….މާ ހަފާވާހަކަތަ އެބުނަނީ؟…” އިޝާން ހަމަ ގަސްތުގައި އެކައްޗެއްވެސް ނޭނގޭކަމަށް ހެދިއެވެ. އިޝާންވެސް “މާހެފުން” ކިޔާ އަޑުއަހައެވެ. އަދި އެއީ ކެއުމެއްކަން ވެސް އެނގެއެވެ. ނަމަވެސް ދުވަހަކުވެސް މާހެފުމެއްގައި ބައިވެރިއެއް ނުވެއެވެ.
” އަޅެ މަހަމަ ހައިރާން ވެއްޖެ މިއިޝާން އަކާހެދި…..ދެން މިރޭ އައްގަޑި ބައިގަ ސުކޫލަށްދޭ! އޭރުން އެނގޭނެ މާހެފުމަކީ ކޯއްޗެއްކަން.” އަރޫނާ ސޯފާއިން ތެދުވަމުން ބުންޏެވެ.
” އޭތް! އެއްޗެއް ހިފައިގެންތަ ދާންޖެހެނީ؟…” އަރޫނާ ފަސްދީ ދާން ފެށުމުން އިޝާން އަހާލިއެވެ.
“…ހޫމް މާކޯޅިއެއް ހިފައިގެން ދައްޗޭ!….އޭރުން ނެއްނު މާހެފޭނީ…” އަރޫނާ ހެމުން ހެމުން ނުކުމެގެން ހިނގައްޖެއެވެ. އިޝާންވެސް ހެވިފައިހުރެ ސޯފާއިން ތެދުވިއެވެ. ނީލާގެ އިޝާރާތެއް ނުވުމުން އިޝާން ދިޔައީ މަންމަ ކޮބައިތޯ ބަލާލާށެވެ. އިޝާން މަޑުމަޑުން ދޮރުހުޅުވާލުމަށްފަހު ކޮޓަރިތެރެއަށް ބޯދިއްކޮށްލިއެވެ. މަންމަ އިނީ ލޯގަނޑު ކުރިމަތީ ފުނާއަޅާށެވެ. މަންމަގެ ފަން ދިގުއިސްތަށިގަނޑު އަދިވެސް ވަރަށް ރީއްޗެވެ. އިޝާން މަޑުމަޑުން ގޮސް މަންމަގެ ފުރަގަހުގައި ހުއްޓިލިއެވެ. އިމްޝާއަށް ލޯގަނޑުން އިޝާން ފެނުމުން ފަހަތަށް އެނބުރުނެވެ.
” މަންމަ ސައިބޮއެފިންތަ މިހާރު؟…” އިޝާން ހިނިތުންވެލަމުން އަހާލިއެވެ.
” ހޫމް…ސައިބޮއެފީމެއްނު!….ދަރިފުޅު ސައިބޮއެފިންތަ؟…” އިމްޝާ ވަރަށް ލޯތްބާއެކު އަހާލިއެވެ. މަންމަގެ ދުލުން ދަރިފުޅޭ ބުނުމުން އިޝާން ހައިރާންވިއެވެ. އަދި ހަމައެހާމެ އުފާވެސް ވިއެވެ. މިނޫނީ މަންމަގެ ދުލުން ދުވަހަކުވެސް އޭނާއަށް ދަރިފުޅާއެކޭ ނުބުނެއެވެ. އުފަލުން ގޮސް އިޝާންގެ ލޮލުން ވަގުތުން ކަރުނަ ފާއްދާލިއެވެ.
” އަދި ސައިނުބޮނީތަ؟…އާދެބަލަ މިތާ އިށީދެލަން….މަންމަބޭނުން ވާހަކަ ދައްކާލަން…..” އިޝާންއާ ވާހަކަ ދައްކާލަން އޭނާގެ ހިތްއެދެނީއެވެ. އިޝާން ފެނުމުން އޭނާގެ ހިތަށް އުފާވެރިކަން ލިބެއެވެ. އިޝާން މަޑުމަޑުން މަންމަގެ ގާތުގައި އިށީނދެލިއެވެ. މަންމަ އިޝާންގެ މޫނަށް ރަނގަޅަށް ބަލާލިއެވެ. އެމޫނުން އެއްޗެއް ހޯދަން އުޅޭކަހަލައެވެ.
” މަންމައަށް ބުނެދީބަލަ ތީ ކޮންކުއްޖެއްކަން؟…..ކޮންނަމެއްކިޔާ ކާކުގެ ދަރިއެއްކަން….ދަރިފުޅުގެ މޫނުގަ ވަރަށް ދަންނަ ވައްތަރެއް ޖަހާ…..ހީވަނީ ޒަމާނުއްސުރެ ދަންނަ ކުއްޖެއްހެން…ކީއްވެ އެހެން ހީވަނީ؟” މަންމަ އިޝާންގެ މޫނަށް ބަލަން އިނދެ ދައްކަމުން ދިޔަ ވާހަކައިން އިޝާންގެ ހައިރާންކަން އިތުރުވަމުން ދިޔައެވެ. މަންމައަށް އޭނާ ފެނުމުން ބައްޕަގެ މަތިން ހަނދާންވަނީ ބާއޭވެ؟ ނޫނީ މަންމައާ ވަކިވެފައިވާ ދަރިފުޅުގެ މަތިން ހަނދާންވީބާއެވެ؟ ނޫނެކެވެ. މަންމަގެ ހިތުގައި އޭނަގެ އެއްވެސް ހަނދާނެއް ނެތެވެ. އޭނާއެއީ ދުނިޔޭގައި ހުރިމީހެއްކަންވެސް މަންމައަކަށް ނޭނގޭނެއެވެ. މަންމައަށް އެހަނދާންވަނީ ބައްޕަގެ ސޫރައެވެ. އިޝާންގެ ސިފަބޮޑަށް ވައްތަރީ ބައްޕައާއެވެ. މަންމައާ ވައްތަރީ އިޝާންގެ ހަމުގެ ކުލައާއި އިސްތަށިގަނޑެވެ. މަންމަގޮތަށް އިޝާންވެސް ދޮނެވެ. އަދި އޭނާގެ އިސްތަށިގަނޑުވެސް އެހާމެ ފަނެވެ.
” ކީއްވެ އެއްޗެއް ނުބުނީ؟….ތީކާކުކަން ބުނެދިނީމައެއްނު މަންމަގެ ހިތަށް ލުޔެއް ލިބޭނީ……މަންމައަށް ހަމަ ހީވަނީ ތިއީ ކުރިއްސުރެވެސް ދެކޭ ކުއްޖެއްހެން….ތީ އަނިލްއާއެކީ ކިޔެވި ކުއްޖެއްތަ؟…..ނޫނީ ކުޑައިރު އަނިލްއާ އެކީ ކުޅެންއަންނަ ކުއްޖެއްތަ؟…” މަންމަ އަނެއްކާވެސް ސުވާލުކުރަން ފެށިއެވެ. މަންމަގެ ސުވާލުތަކައް ޖަވާބުދޭން އިޝާން ކިތަންމެހައިވެސް ބޭނުމެވެ. ނަމަވެސް އޭނާ ބުނާނީ ކީކޭ ހެއްޔެވެ؟ މަންމަގެ އެހިތި މާޒީ އޭނާ ކިޔައިދޭނީ ކޮންފަދައަކުން ހެއްޔެވެ؟ މަންމައަށް އެހާލުޖެހުނީ ބައްޕަގެ ނުބައިކަމުންނޭ އޭނާބުނާނީ ކިހިނެއް ހެއްޔެވެ؟ ހަޤީޤަތް އެނގިއްޖެނަމަ އެނިކަމެތި މަންމަގެ ހިތަށް ކެތްވާނެ ހެއްޔެވެ؟ ނޫނެކެވެ. އެހިތި މާޒީގެ ސަފްހާތައް އަލުން ހުޅުވޭކަށްނެތެވެ. އެމަންމަގެ ހިތުގައި އެވޭންތައް ތަހައްމަލްކުރާނޭ ބާރެއް ނެތެވެ. އެކަމުން ލިބޭނީ އިތުރު ގެއްލުމެކެވެ. އެމަންމައަށް ލޯތްބާއި އަޅާލުން ނުދެވުނުއިރު އިތުރު ތަކުލީފެއް ދިނުމުގެ މާނައެއް ނެތެވެ.
” މަންމާ! އަހަރެންގެ ނަމަކީ އަހުމަދު އިޝާން މުޙައްމަދު…..މާލޭ ކުއްޖެއް…..ކުޑަދުވަސްކޮޅަކު މިރަށުގަ އުޅެލަން އައީ…..އަހަރެންގެ އާއިލާގައި މާގިނަމީހުނެއް ނޫޅޭ…..ބައްޕައާއި މާމަ އުޅެނީ….” އިޝާން ކުރުގޮތަކަށް އޭނާގެ ތައާރަފް ދިނެވެ.
” ދެން މަންމަ ކޮބާ؟” އިޝާން ހީވެސް ނުކޮށް ހުއްޓައި މަންމަ ކޮށްލީ އޭނާއަށް ޖަވާބުދޭން އެންމެ އުނދަގޫ ސުވާލެވެ.
” މަންމާ! ތިއޭ އަހަރެން ލޯބިވާ މަންމައަކީ…އަހަރެން މިރަށަށް އައީ މަންމަ ހޯދާށޭ…މިއޭ މަންމަގެ ހަޤީޤީ ދަރިއަކީ…އަނިލް އެއީ މަންމަގެ ދަރިއެއްނޫނޭ…މިއީ މަންމަގެ ދަރިފުޅު އަހުމަދު އިޝާން މުޙައްމަދު އިމާދުއޭ…މަންމަ ހަމަ އެއްގޮތަކަށްވެސް އަހަރެން މަތިން ހަނދާން ނެތީތަ؟….” މިއީ އެވަގުތު އިޝާން ބުނަން ބޭނުންވީ ބަސްތަކެވެ. ނަމަވެސް އެބަސްތައްވީ އޭނާގެ ހިތުގައެވެ. ދުލާހަމައަށް އެބަސްތައް ގެންނާނޭ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އިޝާން ހިތާ ހިތާ ޝަކުވާކުރަމުން ދިޔައިރު އޭނާގެ ލޯފެންކަޅިވަމުން ދިޔައެވެ. އިޝާން މަންމަގެ ގައިގާ އޮޅުލައިގެންފައި ހަޤީޤަތް ހާމަކުރަން ބޭނުންވިއެވެ.
” މަންމަ މަރުވީތަ؟…. މަންމަ ނެތީމަ ދެރަވޭދޯ؟..” އިޝާންގެ މޫނުގައިވާ ހިތާމައިގެ ކުލަވަރު ފެނިފައި އިމްޝާގެ ހިތްމަޑުވިއެވެ. ލޯތްބާއި ހަމްދަރުދީއިން އެހިތް ފުރުނެވެ. އިމްޝާން އިޝާންގެ ބޮލުގައި ފިރުމާލިއެވެ.
” މަންމަ އަހަރެން ދެކެ ލޯބިވޭތަ؟” އިޝާން ދެރަވެފައި އަހާލިއެވެ. އިޝާންގެ އެސުވާލުން އިމްޝާ ހައިރާންވެފައި އިޝާންގެ މޫނަށް ބަލާލިއެވެ.
” އާނ! މަންމަ ލޯބިވޭ….ރަނގަޅު ހުރިހާ ކުދިންދެކެވެސް މަންމަ ލޯބިވާނެ….އަނިލްއަކީވެސް ވަރަށް ރަނގަޅު ކުއްޖެއް…..މަންމަ ވަރަށް ލޯބިވޭ އަނިލްދެކެ….ތީވެސް އެކަހަލަ ކުއްޖަކަށް ވެއްޖެއްޔާ މަންމަ ވަރަށް ލޯބިވާނެ….” އިމްޝާ ހިނިތުން ވެލަމުން އަނެއްކާވެސް އިޝާންގެ ބޮލުގައި ފިރުމާލިއެވެ. މަންމަ އަނިލްދެކެ އެހާލޯބިވާތީ އިޝާން ދެރަވިއެވެ. އަނިލްގެ މަންމަ ނެތްއިރުވެސް އޭނާއަށް މަންމަގެ ލޯބިލިބެއެވެ. އޭގެ ބަދަލުގައި އިޝާންއަށް މިޖެހެނީ އުފަން މަންމަގެ ލޯތްބަށްވެސް ސަލާން ޖަހާށެވެ. މިއީ ތަޤުދީރުގެ ނިޔާއެވެ. މަންމައާ ގާތުގައި ހުރުމުގެ ނަސީބު ލިބުނު ކަމަށްޓަކައިވެސް އިޝާން ޝުކުރުވެރިވިއެވެ.
އިޝާން މަންމަގެ ކޮޓަރީގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އެނބުރި އޭނާގެ ކޮޓަރިއަށް ދިޔައެވެ. އޭރު އޭނާގެ ހިތުގައިވަނީ ވަރުގަދަ އަޒުމެއް ކަނޑައަޅާފައެވެ. އެއީ އޭނާއަކީވެސް އަނިލްފަދަ ރަނގަޅު މީހެއްކަން މަންމައަށް ސާބިތުކޮށްދިނުމުގެ އަޒުމެވެ. މީގެ ފަހުން އޭނާވެސް ކަންތައް ކުރާނީ އަނިލް މަންމައާމެދު ކަންތައް ކުރާފަދައިންނެވެ. ނުވަތަ އެއަށްވުރެވެސް ރަނގަޅަށެވެ. މަންމައަށް އަނިލްގެ ފަރާތުން ލިބޭ އަޅާލުމާއި ލޯބި އޭނާވެސް ދޭނެއެވެ. މަންމައަށް އަނިލް ކޮށްދޭ ކޮންމެ ކަމެއް އޭނާވެސް ކޮށްދޭނެއެވެ. އޭރުން އަނިލްދެކެ މަންމަ އެވާލޯބި އޭނާދެކެވެސް ވާނެކަން ގައިމެވެ.
އަނިލް މާމައާއި ކާފައަށް ދަނޑުގައި އެހީތެރިވި ވުމުގައި ވަރަށް ބުރަކޮށް އުޅުމަށްފަހު ގެޔަށް އައީ މެންދުރުވާން ގާތްވުމުންނެވެ. ގޭތެރެއަށް ވަތްއިރު ހިމޭންކަމުން ހީވަނީ ފަޅުތަނެއް ހެންނެވެ. ކަރުހިއްކައިގެން ފައިވުމުން އަނިލް ފުރަތަމަވެސް ދިޔައީ ކާކޮޓަރިއަށެވެ. ފިނިފެންފުޅިއެއް ހިފައިގެން ބޭރަށް ނުކުމެ، ފެންބޮއެ މޫނުވެސް ދޮވެލިއެވެ. ވަރުބަލި ފިލުވާލުމަށްޓަކައި ބޭރުޖޯލީގައި އޭނާ އިރުކޮޅަކު މަޑުކޮށްލިއެވެ. އެހެން އިންދައި ކުއްލިއަކަށް އިޝާންގެ މަތިން ހަނދާންވެގެން އޭނާ ތެދުވިއެވެ. އިޝާން އަދިވެސް ސައިނުބޮއެ ބޭސްވެސް ނުކައި އޮވެދާނެތީ އަނިލް ކަންބޮޑުވިއެވެ. އަނިލް ހަލުވި ކަމާއެކު ގޮސް އިޝާންގެ ކޮޓަރި ދޮރުގައި ޓަކިދިނެވެ. ލެޕްޓޮޕްހުޅުވައިގެން އެނދުމަތީގައި އޮތް އިޝާން ސިހިފައި ދޮރާދިމާ ބަލާލިއެވެ. ނީލާ ނުކުތީކަމަށް ހީކޮށް އަވަހަށް ގޮސް ދޮރުހުޅުވިއެވެ.
” ކޮބާ! ސައިބޮއެގެން ބޭސްކައިފިންތަ މިހާރު؟” ދޮރުހުޅުވުމާއެކު އަނިލް އަހާލިއެވެ.
” އާނ! ސައިބޮއެފިން….އެކަމު ހަނދާންނެތި ބޭސްނުކައި މިއުޅެނީ….ނަސީބެއްނު ހަނދާންކޮށްދިންކަން…” އިޝާން ބޮލުގައި އަތްކާއްތާލަމުން ހިނިތުންވެލިއެވެ.
” ސަރ ދަނޑުންތަ ތިއައީ….ކޮބާ ކާފަމެން؟…” އަނިލް ހުރިގޮތްފެނި އިޝާން އަހާލިއެވެ.
” ހޫމް ދަނޑުން މިއައީ….އެކަމު މަށަށް ކަމެއްކޮށްދީފާނަންތަ އިޝާން؟” ސީރިއަސްވެލާފައި އަނިލް އަހާލިއެވެ.
” އޮފް ކޯޒް! އެނީތިންގް ފޯރ ޔޫ…” ވަރަށް ހަމަޖެހިލާފައި އިޝާން ބުނެލިއެވެ.
” އެހެންވިއްޔާ މީގެފަހުން ރަސްމީ ގަނޑީގަ ނޫނީ ސަރ ނުކިޔާތި!….ސަރ ކީމަ ހީވަނީ ގޭގަ އުޅުނަސް އޮފީހުގަ އުޅެވޭހެން….”
” އޯހް…މަހީކުރީ ވަރަށް ބޮޑުކަމަކު ކިޔަނީ ކަމަށް….އެކަމުދެން ސަރ ނުކިޔާ ކީކޭތަ ކިޔަންވީ؟..” މަޖާވެލާފައި އިޝާން އަހާލިއެވެ.
” އަނިލް ކިޔާ…އެހެންނުނީ މައްސަލައެއް ނެތް ބޭބެ ކިޔަސް…..މާމަ،ކާފަ މަންމަވެސް ކިޔާއިރު މަށަށް ބޭބެވެސް ކިއިދާނެއްނު!…އެކަމަކު ބޭނުމިއްޔާ އިނގޭ!” އަނިލް ހިނިތުންވެލިއެވެ. އިޝާންވެސް ހިނިތުންވެލާފައި ކޮޓަރިއަށް ވަނެވެ.
“އަނިލްއަށް ބޭބެ….ދެން ނީލް އަށް ދައްތަތަ ކިޔަންވީ؟….އޯހްނޯ!…ތިކަމެއް ނުވާނެ….” ނީލާއަށް ދައްތަ ކިޔަން ޖެހިދާނެތީ އިޝާން ކަންބޮޑުވިއެވެ.
އަނިލް ކޮޓަރީގެ ދޮރުގައި ހައެއް ފަހަރު ޓަކިދިން ފަހުން ނީލާއަށް ލޯހުޅުވާލެވުނެވެ. ދޮރުގައި ތަޅާއަޑުއިވުމުން ހިތްވަރުކޮށްފައި އޭނާ ތެދުވިއެވެ. މާގިނައިން ހޮޑުލެވުމުގެ ސަބަބުން އޭނާގެ ގައިގާ އެއްވެސް ވަރެއް ނެތެވެ. ބޮލަށްވެސް އެނބުރުން އަރަނީއެވެ. ބުރުގާއާއި ހެދުން ރަނގަޅުކޮށްލުމަށްފަހު މަޑުމަޑުން ގޮސް ނީލާ ދޮރުހުޅުވާލިއެވެ. ނީލާ ފެނުމުން ހައިރާންވެފައި އަނިލް ބަލަން ހުއްޓެވެ. މޫނުރަތްވެ ދެލޯވަނީ ދުޅަވެފައެވެ.
” ކިހިނެއްވީ؟….ބޮލުގަ ރިއްސަނީތަ؟….” ކޮޓަރިތެރެއަށް ވަނުމާއެކު އަނިލް ސުވާލުކުރަން ފެށިއެވެ. އަދި ނީލާގެ އަތުގައި ހިފައިގެން ގެނެސް އެނދުގައި ބޭންދިއެވެ.
” ނޫން….ބޯއަނބުރާފަ ހޮޑުލެވުނީ….” ނީލާ ކުރުގޮތަކަށް ޖަވާބުދިނެވެ.
“އެހެންތަ ވަރަށްގިނައިން ހޮޑުލެވުނުތަ؟. ލޯވެސް ތިހުރީ ދުޅަވެފައެއްނު..ކިހިނެއްވެ ލޯދުޅަވީ…އަނެއްކާ ކަމަކާ ދެރަވެގެން ރުއީތަ؟” އަނިލް ކަންބޮޑުވެފައި އަހާލިއެވެ.
” ނޫން….އެއީ މާގިނައިން ހޮޑުލެވުނީމަ ލޮލުން ފެންއައީ….އެހެންވެ ކަންނޭނގެ އެހެން އެވީ” ނީލާ ގަސްތުގައި އޮޅުވާލިއެވެ.
” ސޮރީ އިނގޭ މަށަށް ނުހުރެވުނީމަ އެގަޑީގަ…..ނީލާ ނުބުންޏަސް އެނގޭ ދެރަވާނެކަންވެސް އަހަރެން ނެތުމުން އެގަޑީގަ…..ކީއްވެ ހަމަ ކުއްލިއަކަށް ހޮޑުލެވުނީ….ބޭސް ހުސްވީތަ؟” އަނިލް އެސުވާލުކުރީ މީގެކުރިން ނީލާ ހޮޑުލައި ނޫޅޭތީއެވެ. މޭނުބައިކޮށްފައި ހުއްޓަސް ނީލާއަކަށް މިއަދު ނޫނީ ހޮޑެއް ނުލެވެއެވެ.
” ނޫނޭ ބޭސް އަދި ހުހެއް ނުވޭ…..ދެން އެކަމާ އަޅާނުލާ….މިއީ ހަމަ ޕްރެގްވީމަ އާންމުކަމެކޭ ޑޮކްޓަރވެސް ބުނުއްވިޔޭ..” ނީލާ އަނިލް އަށް ވިސްނަދިނެވެ.
***********
ރޭގަނޑުގެ އަށެއް ޖެހުމާއެކު އިޝާން ފެންވަރައި ތައްޔާރުވާން ފެށީ މާހެފުމަށް ދިއުމަށްޓަކައެވެ. އިޝާން ޖީންސްލުމަށްފަހު ވަރަށް އުނދަގުލުން ހުދުކުލައިގެ އަތްދިގު ގަމީހެއްލައި ގޮށްތައް އަޅުވާލިއެވެ. އެގަމީހުގައި އޭނާ ފެންނަލެއް ވަރަށްވެސް ހިތްގައިމެވެ. ބޮލުގައި ޖެލްކޮލެއް ލުމަށްފަހު އެފަން އިސްތަށިތައް މައްޗަށް ހިއްލާލިއެވެ. ސެންޓްފުޅި ނަގައި ޖަހަން އުޅެފައިވެސް ނީލާމަތިން ހަނދާންވުމުން ބެހެއްޓިއެވެ.
އަނިލް ތައްޔާރުވެގެން ނީލާގެ އިންތިޒާރުގައި ސިޓިންރޫމުގައި މަޑުކޮށްގެން އިނެވެ. އިޝާންއަށާއި ނީލާއަށް ކޮޓަރިން ނުކުމެވުނީ ދާދި އެކުއެކީގައެވެ. ދެމީހުނަށް ބޭއިޚުތިޔާރުގައި އެކަކު އަނެކަކަށް ބަލާލެވުނެވެ. ނީލާ އަވަހަށް އިސްޖަހާލަމުން އަނިލްއާ ދިމާއަށް ހިނގައިގަތެވެ. ނީލާ އަދިވެސް ހުރީ އިޝާންދެކެ ހިތްހަމަ ނުޖެހިފައިހެން ހީވާތީ އިޝާން ދެރަވިއެވެ. އަނިލްއާއި ނީލާ އެކުގައިދާން ހިނގައިގަތުމުން އިޝާންވެސް އެމީހުންގެ ފަހަތުން ނުކުތެވެ. ހެނދުނުގެ ހާދިސާއަށްފަހު ނީލާއާ ވާހަކަ ދައްކާލާނެ ފުރުސަތެއް އަދި އިޝާންއަކަށް ނުލިބެއެވެ. ނަމަވެސް މިރޭ ނިދުމުގެކުރިން ނީލާގެ ކިބައިން އޭނާ މާފަށް އެދޭނެއެވެ.
ތިންމީހުން އެކުގައި ސުކޫލު ގޯތިތެރެއަށް ވަތްއިރު ބައެއް މުއައްޒަފުން ތިބީ އައިސްފައެވެ. އަނެއްބަޔަކު އަދި އަންނަނީއެވެ. ހުރިހާ މުއައްޒަފުން ހަމަވުމުން އެންމެން އެކުގައި ގޮސް ހޯލްތެރެއަށް ވަނެވެ. ހޯލްތެރޭގައި ޑެސްކުތަކުން ބޮޑުމޭޒެއް ހަދައި އެކިވަރުވަރުން ތަށިއަތުރާފައި ހުއްޓެވެ. ކާއެއްޗެހިއަޅާނެ ތައްޓާއި އުލާއި ސަމްސާ މޭޒުގެ އެއްކޮޅުގައި ބަހައްޓާފައި ހުއްޓެވެ. މޭޒުގެ އަނެއްކޮޅުގައިހުރީ ތަފާތު ވައްތަރުގެ ބުއިންތަކެވެ. ފަހަރަކު މީހަކު ތައްޓެއް ހިފައިގެން ގޮސް އެމީހަކު ބޭނުން ވައްތަރެއްގެ ކާއެއްޗެއް އަޅައިގެން ގޮސް ގޮނޑިގޮނޑީގައި އިށީއްނަން ފެށިއެވެ. އިޝާން ތަށިތައް ކައިރިއަށް ޖެހިލީވަގުތު އަރޫނާ އައިސް އިޝާންގެ ގާތުގައި ހުއްޓުނެވެ. އޭރު ނީލާވެސް ތައްޓެއް ހިފައިގެން އައިސް އިޝާންގެ ގާތުގައި ހުއްޓެނީއެވެ.
” ކޯއްޗެއް އަޅައިދެންވީ؟” އަރޫނާ އިޝާންއާ ކުރަން އުޅުނު ސުވާލު އޭނާއަށްވުރެ ކުރިން ނީލާކޮށްލިއެވެ. ނީލާ އިޝާންގާތު އެހައި ރީތިކޮށް އަހާލުމުން އިޝާން ހައިރާންވެފައި ބަލާލިއެވެ.
” ދެން ބުނެބަލަ އަޅާނެ އެއްޗެއް؟” ނީލާ ހަމަ އެރާގުގައި އަނެއްކާވެސް އަހާލިއެވެ. އިޝާން ހީކޮށްގެން ހުރީ ނީލާހުރީ އޭނާދެކެ ރުޅިއައިސްފައި ކަމަށެވެ. ނަމަވެސް އެއަޑުގައި ނުރުހުމުގެ އެއްވެސް އަސަރެއްނެތެވެ. ނީލާ އިސްވެ ވާހަކަ ދެއްކުމުން އިޝާން ވަރަށް އުފާވިއެވެ.
” ނީލް ބޭނުން އެއްޗެއް އަޅާދީ….” އިޝާން އުފަލުން ހެވިފައިހުރެ ބުންޏެވެ. އަރޫނާވެސް ހުއްޓައި ނީލްއޭ ބުނުމުން ނީލާ ކަންބޮޑުވެގެން އަރޫނާއަށް ބަލާލެވުނެވެ. ދެމީހުންގެ ވާހަކަ އަޑުއަހަންހުރި އަރޫނާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އޭނާ އިޝާންގެ ގާތަށް އައީ އިޝާންއަށް އެހީތެރިވެދޭ ހިތުންނެވެ. ނަމަވެސް ނީލާގެ ސަބަބުން އޭނާއަށް އެފުރުސަތުވެސް ގެއްލުނީއެވެ. ނީލާ އަރޫނާއަށް ބަލާލުމުން އިޝާންވެސް ބަލާލިއެވެ.
” އަނހަ އަރޫ….ސޮރީ މަށަކަށް ހަނދާނެއްނުވި މަލެއް ގެންނާކަށް….އަރޫ ގެނައިމަލުން އެއްބައި މަށަށް ދެއްޗޭ!….އެހެންނޫނި މިރޭ މަށަކަށް މަލެއް ނުހެފޭނެއްނު….” އިޝާން މަޖާވެލާފައި އަރޫނާއާ ސަމާސާކޮށްލިއެވެ. އަރޫނާ ގަދަކަމުން ހިނިތުންވެލަމުން ތައްޓަކަށް ކާއެއްޗެހި އަޅަންފެށިއެވެ. އަދި ތަށި ހިފައިގެން ގޮސް ހޯލްގެ އެއްކަނެއްގައިހުރި ގޮނޑިއެއްގައި އިށީނދެ ކާންފެށިއެވެ. ނަމަވެސް އޭނާގެ މޫޑުވަނީ މުޅީން އޮފްވެފައެވެ. ނީލާ ފަހަރަކު އެއްޗެއް އިޝާންގެ ތައްޓަށް އަޅަމުންދިޔައެވެ. އެތަނުގައި މުޅިންވެސް ހުރީ ދިވެހި ކާނާއެވެ. އެއީ އިޝާންއަށް ވަރަށް އާއެއްޗެއްސެވެ. ނަމަވެސް އޭނާއަށް އެއެއްޗެހި ވަރަށް ކަމުދިޔައެވެ. ނީލާއާއި އިޝާން ޖެހިޖެހިގެން ހުރި ދެގޮނޑީގައި ތިބެގެން ކަމުންދިޔައިރު އަނިލް އިނީ ތަންކޮޅެއްދުރުގައިތިބި ޓީޗަރުންތަކެއްގެ މެދުގައެވެ. ދުރުގައި އެކަނި އިނދެގެން އަރޫނާ އިޝާންއާއި ނީލާއަށް ބަލަމުން ދިޔައެވެ.
” އައްދެ ހާދަ އެކަނި އެކަނިން ….” އަރޫނާ އެކަނި އިންތަން ފެނުމުން ނީނާއައިސް އަހާލިއެވެ.
” އާނ! އެކަނިވެރިން އުޅޭނީ އެކަންޏެއްނު..” އަރޫނާ ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ.
” ދެން އިޝާން ގާތަށް ނުދިޔައީ ކީއްވެތަ؟….އެހެންނަމަ އެކަންޏެއް ނުވީހެއްނު!..އިޝާންއަށް ހެލްޕްވެސް ވެވުނީހެއްނު!” އިމްނާވެސް އައިސް އެމީހުންގެ ވާހަކައިގައި ބައިވެރިވިއެވެ.
” ނުފެނޭތަ ނީލާ މޭމް އިޒް ޓޭކިން އަ ގުޑް ކެއަރ އޮފް ހިމް……ޔަގީން އަނިލް ސަރ އަށްވެސް އެވަރަށް ކެއާރ ނުކުރާނެކަން…” އަރޫނާ ހިތްހަމަ ނުޖެހިފައި ބުންޏެވެ. އަރޫނާ އެހެން ބުނުމުން އިމްނާއާއި ނީނާވެސް އިޝާންމެންނަށް ބަލާލިއެވެ. އިއްތިފާގުން އެވަގުތު ނީލާ އިޝާންއަށް ފިހުނު މަސްކޮޅެއް ނޮޅައިދެނީއެވެ.
“އާނ! ދޮގެއްނޫން….އަރޫނާ ކުރިން ނުދިޔައީމަ ވީގޮތެއްނު އެއީ….އެފަކީރު އެއްއަތުން ކަންޏާ ދެން ނީލާ މޭމްއަށްވެސް ވަކީން ކެތްވާނެތަ؟….މަނަމަވެސް ދާނަން އިޝާންއަށް ހެލްޕްވާން…” ނީނާ ގަޔާވެލާފައި ބުނެލިގޮތުން އިމްނާ ހޭންފެށިއެވެ. އަނިލް އަތްދޮވެލުމަށްޓަކައި ބޭރަށް ނުކުމެ ހުރީ އަރޫނާމެން ތިބި ދިމާލުގެ ކުޑަދޮރު ކައިރީއެވެ. އަނިލްއަށް ހަމަ ރަނގަޅަށްވެސް އެމީހުން ދެއްކި ވާހަކަ އަޑުއިވުނެވެ.
އަނިލް ކުޑަދޮރު ކައިރިއަށް ޖެހިލާފައި ބިއްލޫރިގަނޑުތެރެއިން ހޯލްތެރެ ބަލާލިއެވެ. އެވަގުތު އޭނާއަށް ފެނުނު މަންޒަރަކީ ބަލަން މާފަސޭހަ މަންޒަރަކަށް ނުވިއެވެ. ނީލާ ފަހަރަކު އެއްޗެއް އިޝާންއަށް ދެމުން ދިޔައެވެ. އިޝާންވެސް ވަރަށް ގަޔާވެ އިނދެގެން ކަމުންދިޔައެވެ. އިޝާންކަމުން ދިޔައީ ނީލާއަތުގައިހުރި ތަށިންކަންވެސް އޭނާއަށް އެނގުނީ އިރުކޮޅެއް ފަހުންނެވެ. ދެމީހުން އެހާގާތުގައި ތިބެގެން އެއްތަށި ހިއްސާކުރަމުން ދިޔަމަންޒަރު ފެނުމުން ފުރަތަމަ ފަހަރަށް އަނިލްގެ ހިތުގައި އިޝާންއާމެދު ނުރުހުމުގެ އޮއެވަރެއް ހިނގާލިއެވެ. އޭނާގެ ހިތަށްތަދުވީ ނީލާ ދުވަހުވެސް އޭނާއާ އެހައި ގާތްގޮތެއް ބަހައްޓާފައި ނުވާތީއެވެ. އޭނާ ގާތްވިޔަސް ނީލާ އޭނާއަށް އެފުރުސަތުވެސް ނުދޭތީއެވެ. އަނިލް އެތައްއިރަކު އެމަންޒަރުބަލަން ބޭރުގައި ހުއްޓެވެ. އިޝާންގެ ގާތުގައި އިންއިރު ނީލާގެ މޫނުމަތީގައިހުރި އުފާވެރިކަން އަނިލްއަށް ފާހަގަ ކުރެވުނެވެ. އަދި އިޝާންވެސް ހިނިތުންވެ އިނދެ ނީލާއާ ވާހަކަދައްކަމުން ދިޔައިރު ހީވަނީ އެދެމެދުގައިވަނީ ވަރަށް ޒަމާންވީ ގުޅުމެއްހެންނެވެ. އަނިލް ނީލާއާ އެއްކޮޓަރީގައި ނިދައި އުޅޭއިރުވެސް އެފަދަ ގާތްކަމެއް ނީލާގެ ފަރާތުން އޭނާއަކަށް ނުލިބެއެވެ.
ކައިނިމިގެން ފަހަރަކު މީހަކު ގޮނޑިއެއް ހިފައިގެން ބޭރަށް ނުކުންނަން ފެށިއެވެ. ނީލާވެސް ގޮނޑިއެއް ނަގައިގެން ހިނގައިގަތުމުން އިޝާން އެގޮނޑި އަތުލިއެވެ. އަދި ވައަތުން ދެގޮނޑި ހިފައިގެން ބޭރަށް ނުކުތެވެ. ގޯތިތެރޭގައިހުރި ބޮޑު ފުނަގަސްދޮށުގައި އެންމެން ބައިބަޔަށްތިބީ ފިނިކޮށްލައި މަޖާއަނގަތަޅާލުމަށެވެ. އިޝާންވެސް ނީލާއާއެކު ގޮސް އެތަނުން ގުރޫޕެއްގެ މެދުގައި އިށީނެވެ. އެންމެން ފޯރީގައި ވާހަކަ ދައްކަން ތިބެފައި ކުއްލިއަކަށް އެތަނުން އެކަކު އިޝާންގެ އަތަށްވީ ކީއްތޯ އެހިއެވެ. އިޝާންއަށް ބަލާލެވުނީ ނީލާގެ މޫނަށެވެ. އެސުވާލަށް ޖަވާބުދޭން އިޝާންޖެހިލުންވިއެވެ. އޭނާގެ އަތަށް ތަދުވިގޮތް ކިޔައިދީފިނަމަ، އޭނާއަށް ކަންތައްތައް ކުރަން ނޭނގޭތީ އެމީހުން މަލާމަތްކޮށްފާނެ ކަމަށްޓަކައި އޭނާއިނީ ކަންބޮޑުވެފައެވެ. ނަމަވެސް އޭނާ ވީގޮތް ކިޔައިދިނުމުން އެކަކުވެސް އޭނާއަކަށް މަލާމާތެއް ނުކުރިއެވެ. އިޝާން އުޅެބޮޑުވީ މާލޭގައި ކަމާއި އޭނާއަށް އެފަދަ ކަންތައްތައް ކުރަން ނޭނގޭނޭކަން އެމީހުންވެސް ދަނެއެވެ. އެންމެން ހީހީފައި އެކިއެކި ވާހަކަ ދައްކަން ތިބިއިރު އަނިލް އިނީ ތަންކޮޅެއް ދުރުގައި އެމަންޒަރު ބަލާށެވެ. އަރޫނާގެ ވާހަކަތަކުން އޭނާގެ ހިތަށް މިރޭ ނީލާއާމެދު ތަފާތު އަސަރެއް ކުރުވައިފިއެވެ.
އެތައް އިރަކު ވާހަކަދައްކަން ތިބުމަށްފަހު އެންމެން ތެދުވެގެން ގެޔަށްދާން ފެށުމުން ނީލާވެސް ތެދުވެ ގޭޓާއިދިމާއަށް ހިނގައިގަތެވެ. އިޝާންވެސް ނީލާގެ ފަހަތުން ދިޔައެވެ. ދެމީހުން އެކުގައި ގޭޓުން ނުކުމެ ތަންކޮޅަކަށް ދިޔަފަހުން އިޝާންއަށް އަނިލް މަތިން ހަނދާންވިއެވެ.
” ކޮބާ އަނިލް ސަރ؟” ވަށައިގެން ހޯދާލަމުން އިޝާން އަހާލިއެވެ.
“ނޭނގެ….އަދި ނުނުކުމޭތަ؟” ނީލާވެސް ހުއްޓިފައި ފަހަތް ބަލާލަމުން ސުވާލުކޮށްލިއެވެ. މިހުރިހާއިރު އަނިލް އެމީހުންގާތު ނެތްކަންވެސް އެމީހުންނަކަށް ނޭނގެއެވެ.
” ނީލް މަޑުކުރޭ! މައެބައަންނަން ބަލާލާފަ..” އިޝާން އަނެއްކާވެސް ސުކޫލާދިމާއަށް ހިނގައިގަންނަމުން ނީލާއަށް ބުންޏެވެ. އެވަގުތު އިޝާންގެ ފޯނު ރިންގްވިއެވެ. އިޝާން ޖީބުން ފޯނުނަގައި ބަލާލިއިރު ގުޅަނީ އަނިލްއެވެ.
” ހެލޯ! އިޝާންމެން ގެޔަށްދޭ!…މައެބަދާން އިރުކޮޅަކުން..” އިޝާންއަށް ބަހެއްވެސް ނުބުނެވި އުޅެނިކޮށް އަނިލް ބުނަން ބޭނުންވި އެތި ބުނުމަށްފަހު ފޯނު ކަނޑާލައިފިއެވެ. އިޝާން ހައިރާންވެފައި ފޯނަން ބަލާލިއެވެ.
” ސަރ އެގުޅީ…ބުނީ އަހަރެމެން ގެޔަށްދާށޯ….އެބައަންނަމޯ އިރުކޮޅަކުން…..” ނީލާއާ ދިމާއަށް އެނބުރިފައި އިޝާން ބުންޏެވެ. އަނެއްކާވެސް ދެމީހުން އެކުގައި ގެޔާދިމާއަށް ހިނގައިގަތެވެ. ގެޔަށްދިޔަ މަގުމަތީގައި އިޝާން ދެއްކީ މިރޭގެ މާހެފުމުގައިހުރި ތަފާތު ވައްތަރުގެ ކާއެއްޗެހީގެ މީރު ވާހަކައެވެ. ދިވެހިވަންތަ ކާނާ އަލަށް ކެއިނަމަވެސް، އެއެއްޗެހި އޭނާއަށް ވަރަށް ކަމުދިޔައެވެ. ވާހަކައިގަތިބެ އިސާހިތަކު ދެމީހުނަށް ގެޔަށް އާދެވިއްޖެއެވެ. ގޭތެރެއަށްވަދެވުމާއެކު އިޝާން ގޮސް ސޯފާގައި އިށީނީ ނީލާވެސް އޭނަގެ ގާތުގައި މަޑުކުރާނެ ކަމުގައި ހީކޮށްފައެވެ. ނަމަވެސް ލޮޑުވެފައި ހުރުމުގެ ސަބަބުން ނީލާބޭނުންވީ އަހަވަށް ކޮޓަރިއަށްދާށެވެ.
” ނީލް!…އައިއެމް ރިއަލީ ސޮރީ އެބައުޓް ޓްޑޭ…..” ނީލާ ހިނގައިގަތުމުން އޭނާގެ އަތުގައި ހިފަމުން އިޝާން މިއަދުވީ ކަންތަކަށް މާފަށް އެދުނެވެ. ނީލާ އިޝާންގެ މޫނަށް ބަލާލިއިރު އެމޫނުން ފެންނަނީ ސީރިއަސް ކަމެވެ.
” ނީލް….މަށަށް އެނގޭ އެވަގުތު ވިސްނާނުލާ މަށަށް މާގަދަޔަށް ރުޅިއާދެވުނީކަން…..އެކަމު ނީލް ވެއްޓި ކަމެއްވެދާނެތީ ކަންބޮޑުވީވަރުން ބޭއިޚްތިޔާރުގާ ރުޅިއާދެވުނީ…..ފަހުން ވަރަށްދެރަވި ނީލް ހިތުގަ ޖެއްސުނީމަ…..ވަރަށްބޮޑަށް ސޮރީ!” އިޝާން ތެދުވެ ނީލާގާތަށް ހުއްޓެމުން އަސަރާއެކު ބުންޏެވެ.
” އިޓްސް އޯކޭ…..އަހަރެންނަށްވެސް އެނގޭ އަހަރެންގެ ފަރުވާކުޑަކަމުން ވީގޮތެއްކަން އެއީ…..ޝާން ބުނިގޮތަށް އަހަރެންވެސް ވިސްނަންޖެހޭނެ، ޝާން އަބަދު އަހަރެން ގާތުގަ ނުހުންނާނެކަން…..އަހަރެން ދެންއުޅޭނީ ވަރަށް ވިސްނައިގެން…” އެންމެފަހު ޖުމްލަ ނީލާދެރަވެލާފައި ބުނެލިގޮތުން އިޝާންގާތަށް ހިނިވެސްއައެވެ. އިޝާން ކުރިއަށްވުރެވެސް ބޮޑަށް ނީލާގެ ގާތަށް ޖެހިލިއެވެ.
“ނޫނޭ…އަހަރެން އަބަދުވެސް ނީލްގެ ގާތުގާ ހުންނާނަން……އަހަރެން ހުރިހާ ހިނދަކު ދުނިޔޭގެ ކޮންމެ ނުރައްކަލަކުން ނީލް ސަލާމަތް ކޮށްދޭނަން….” ލޯބިން ފުރިގެންވީ ނަޒަރަކުން ނީލާގެ މޫނަށް ބަލާލަމުން އިޝާން ޔަގީން ކަމާއެކު ބުންޏެވެ. އިޝާންގެ އެޖުމްލައިން ނީލާގެ މޫނަށްވެރިވީ އިންތިހާ ދަރަޖައިގެ ހައިރާން ކަމެވެ. އެއިން އޭނާ ނަގަންވީ މާނައެއް ކޮންމާނައެއް ހެއްޔެވެ؟ އިޝާންއާ ހަތަރުކަޅި ހަމަވުމުން އެލޮލުގައިވާ އެއްޗެއް ދެނެގަންނަން ނީލާއަށް އުނދަގޫވިއެވެ.
” ލޯބި ފެނޭ ތިޔަދެލޮލުން
ނޫނީ އަހަންނަށް ޝައްކެއްވަނީބާ
ހާސްވޭ ހިތާމޭ ބިރުގަނޭ ”
ނީލާ ދެލޯބޮޑުކޮށްފައި އިޝާންގެ މޫނަށް ބަލަން ފެށުމުން އިޝާންއަށް ބުނެވުނު އެއްޗަކާމެދު ވިސްނާލެވުނެވެ.
” މިބުނީ ކިހިނެއްހޭ އެނގެނީ ފަހުންވާނެގޮތެއް….އަހަރެން އަދި ކިތަންމެ ދުވަހަކުވެސް މިރަށުގަ ހުންނަން ޖެހިދާނެ އެއްނު…..އެހެންވީމަ އަހަރެން ހުރިހާ ދުވަހަކު ނީލްގެ ބޮޑީގާޑްއަކަށްވެގެން ނީލް ހިމާޔަތްކޮށްދޭނަން….އޯކޭތަ އެގޮތް؟” އިޝާން ހަމަގަސްތުގައި އޭނާބުނެލި ޖުމްލައިގެ މާނަ އޮޅުވާލިއެވެ. ނީލާ ހިނިތުންވެލަމުން ބޯހަލުވާލި ނަމަވެސް އޭނާ ހިތްވަނީ ސުވާލުން ފުރިފައެވެ.
“ގުޑްނައިޓް ނީލް!…” އިޝާން އޭނާގެ ސަލާމަތުން އޮތް އަތުން ނީލާގެ އަތުގައި ހިފައި މަޑުމަޑުން ފިތާލަމުން ހިނިތުންވެލިއެވެ. އެވަގުތު ނީލާގެ މުށިހަށިގަނޑުގައި ރާޅުބާންޏެއް ދުވެލިފަދަ އިހުސާސެއް ކުރެވުނެވެ. އެހިނދު ނީލާގެ ހިތުގައި ހިނގައިގަތީ މިފަދަ ޝުއޫރު ތަކެކެވެ.
“ތިޔަސޫރަ ފެނިފާ ހިތްމަގޭ ތެޅެޔޭ
ނާންނާށެ ގާތަށް ފެންނަހާ
ގެނބެމުންދަނިއްޔޭ މަގޭހިތް އިޝްޤުގާ
ކޮށްދީ ސަލާމަތް ހިތްމަގޭ
ގުޑްނައިޓް ކިޔުމަށްފަހު އިޝާން ގޮސް ކޮޓަރިއަށް ވަތްއިރުވެސް، ނީލާއަށް ގަނޑުވެފައި ހުރެވުނީއެވެ. ދުވަހެއް ދުވަހަކަށް އިޝާންގެ ފަރާތުން އޭނާއަށް ލިބޭއަޅާލުން އިތުރުވަމުން ދާކަން އޭނާއަށްވެސް އިހުސާސް ކުރެވެއެވެ. އެގައިގޯޅިވުންތަކާއި އިޝާންގެ ވާހަކަތަކުން އޭނާގެ ހިތުގައި ސުވާލުތައް ގިނަވަމުންދެއެވެ. ނީލާ މަޑުމަޑުން ގޮސް ކޮޓަރިއަށް ވަތްއިރުވެސް ވިސްނެމުންދިޔައީ ދެންމެގައި އިޝާންގެ ހަރަކާތްހުރި ގޮތާއިމެދުގައެވެ. އިޝާން އެގޮތަށް ކަންތައްކުރަނީ ކީއްވެގެން ހެއްޔެވެ؟
އެއީ ހަމައެކަނި އިންސާނިއްޔަތުކަން ހެއްޔެވެ؟ ނޫނީ އެކުވެރިކަމުގެ ކުލުނު ހެއްޔެވެ؟ ނޫންނަމަ އިޝާންގެ ލޮލުން އެފެންނަނީ ލޯބިހެއްޔެވެ؟ ލޯމަރައިގެން އެނދުގައި އޮށޯވެގެން އޮތްއިރު ނީލާގެ ހިތަށް ސިފަވަނީ އިޝާންގެ އެލޯބިވެތި ދެލޮލެވެ.
ސުކޫލު ގޯތިތެރޭގައިހުރި ޖޯލިފަތީގައި އަނިލް އެކަނިމާއެކަނި އޮވެގެން ވިސްނަމުން ދިޔައީ ނީލާ އޭނާއާ ގަޔާނުވާ ސަބަބަކާއި މެދުގައެވެ. އަނިލް ފެނުނަސް ނީލާ މާބޮޑަކަށް އަޅައެއް ނުލައެވެ. ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ނޫނީ އެދެމެދުގައި ނުވެސް ދެކެވެއެވެ. އޭނާގެ ކިބައިގައި އަންހެންކުދިންގެ ހިތްއަތުލެވޭފަދަ ހުނަރެއް ނެތީކަމަށްވެސް ވެދާނެއެވެ. ނަމަވެސް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައިވެސް އިޝާންއާ ނީލާއާމެދުގައި ގާތްގުޅުމެއް އުފެދިފައިވާކަން ހަމައެކަނި މިރޭ ފެނުނު މަންޒަރުންވެސް އަނިލްއަށް އެނގުނެވެ. ކުރީދުވަހެއްގައި ކާކޮޓަރި ތެރެއިން ފެނުނު މަންޒަރުވެސް އަނިލްގެ ޚިޔާލަށް އައެވެ. އެދުވަހުވެސް އިޝާންގެ މޫނުގައި ފެންހާކަން ނީލާހުރީ ނުހަނު ގައިގޯޅިކޮންނެވެ. ނަމަވެސް އަނިލް ނީލާއާ ފޫޓަކަށް ގާތްވިޔަސް ނީލާ ބިރުގަންނަހެން އޭނާއަށް ހީވެއެވެ. އިޝާންއަކީ ކޮންމެ އަންހެން ކުއްޖެއްވެސް ހިތްކިޔާފަދަ ޒުވާނެކެވެ. އަރޫނާވެސް އިޝާންއާ ގަޔާވެއެވެ. އަރޫނާގެ ވާހަކަތަކުންވެސް އެކަން އަނިލްއަށް އެނގުނެވެ. އޮފީހުގައި އުޅޭ އެހެން އަންހެންކުދިންނަށްވެސް އިޝާން އެހާ ކަމުދާއިރު ނީލާގެ ހިތްވެސް އިޝާންއަށް ނުލެބެންވީ ސަބަބެއް ނެތެވެ.
33 Comments!
Comments are closed.
v reethi
Vv reethi mee second dho
..ވަރަށް ރީތި މިބައި ވެސް
vvv reethi dhen konirakun anehbaigenesdheni
may b tomorrow….or tomorrow night
nice waiting
? v salhi….kiyamun dhaa iru heevany kurimathin sifa vx vaahen.
Varah reethi
V v reethi
V reethi shine adhi mirey aneh bai up kohdhehchey
V fahkka mibaives intresting story eh mee
Vvvvv salhi next part kon irakun up kodheyni waiting………
may b tomorrow or tomorrow night
V reethi
Alhe mirey 16 vana part nugeneveynetha haadha reehchey kuyaahithun nidhives naissagen miulheny
shin eh bunnynu tomorrow dhen gabool koh gen hurihaa kudhin ves nidhaa…
Vara nice thanks shine.
vaahaka v salhi.. plx up kohdhy avahah..
Varah salhi 🙂
Up kohdheeba avahah…
Aslu haadha reeechey ?
Shiiiiiine!!!! Kobaatha next part kiyaahithun hurevenee eh nooney ? avahah up kohdheeba dhen!
Varah kiyaaa hithun mi vaahaka kiyany
Ekam thankolheh haasaru dhigu
Heekuran rangalhu kohlaane kamah
Waiting for the next part
Kobatha story v awahah up kohdhey ba
Avas koh up kohladhyba
V salhi miparts ves.avahath upkohla dyba
Varah salhi avahah up kohladhyba
Plx next part up kodeebala. I can’t wait
Shine plx..?? upload the story soon… I can’t wait nw. . Up vi thw belunu adhadhu Neynge. Miyadhu maaa busy kohtha thulheny
Up khoh deeba story v keyaahethun me thibenee keh maduvefaa up v thw belunu adadeh ves nange
Maathiri veba up kuraaney dho
Kobaatha shine bunin dho mirey up kohdheynamey
Vvv reethi mibaives…next part up kohdhyba avahah?
Plx next part up kohladheebala…I can’t wait nw!!!!!???