އެގޮތަށް ދެމީހުންނަށް ތިބެވުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ. ނޭވާ ހުސްވާހެން ހީވާން ފެށުމުން މީރާ ދުރަށް ޖެހިލަން އުޅުނެވެ. ޔަމާންވެސް އެކަން ވިސްނި މީރާގެ އިސްތަށިގަނޑުތެރެއަށް މަހާލެވިފައި ވި އަތްތިލަ ދޫކޮށްލިއެވެ. މީރާ އިސްޖަހާލުމާއެކު ޔަމާން މީރާގެ ނިތްކުރީގައި ތުންފަތް ޖައްސާލީ ދެއަތުން މީރާ ގައިގައި ބައްދާލަމުންނެވެ.

ތިބެވުނު ގޮތާ ކުރެވުނު ކަންތައް މީރާއަށް އިހުސާސް ކުރެވުނީ ކުއްލިއަކަށެވެ. ޔަމާންއާ ދުރަށް ޖެހިލާ ޔަމާންގެ މޫނަށް މީރާ ބަލާލީ ސުވާލުން ފުރިގެންވީ ލޮލަކުންނެވެ.

“މީރާ، ދެމީހުން އެކީ ހޭލައިގެން މަލާ ވަރަށް ރޮއެ…” އެވަގުތު ޓެރެސްއަށް ނިކުންނަން ހުރި ދޮރު ހުޅުވާލަމުން ތާނިޔާ ގޮވާލީ ދެމީހުން ކުރެ އެކަކަށްވެސް އެއްޗެއް ނުބުނެވިގެން އުޅެނިކޮށެވެ. ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުކޮށް ތާނިޔާއަށް ހުއްޓާލެވުނީ ޔަމާންއާ މީރާ ތިބި ގޮތުންނެވެ. އެދެމީހުންގެ މެދުގައި އެހިނގި ކަންތައް ނުފެނުނު ނަމަވެސް ޔަމާންގެ އަތުތެރޭ މީރާ އިނުމުން އެދެމެދުގައި ކޮންމެވެސް ކަމެއް ވެއްޖެކަން ތާނިޔާއަށް ވިސްނުނެވެ.

އަވަސްއަވަހަށް ޔަމާންއާ ދުރަށް ޖެހިލަމުން އިސްތަށިގަނޑު ރީތިކޮށްލާފައި މޫނު ފޮހެލާފައި މީރާ ތެދުވެގެން ދިޔައީ ޔަމާންއާ ދިމާއަށް ބަލާވެސް ނުލައެވެ. ތާނިޔާ ކައިރިން ލާފައި ގޮސް މީރާ ސިޑިން ފައިބައިގެން ދިޔައިރު ތާނިޔާއަށްވެސް އެއްޗެއް ނުބުނެވުނެވެ.

ޔަމާންވެސް ތެދުވެ ސިޑިއާ ދިމާއަށް އައެވެ.

“ދޮންބޭ…” ތާނިޔާ ސުވާލެއް ކޮށްލަން އުޅުނެވެ.

“ވަރަށް ނިދި އައިއްސި، މިދަނީ އޮށޯންނަން… ގުޑް ނައިޓް ތާނީ” ތާނިޔާއަށް އެއްޗެއް ނުބުނެވެނީސް ޔަމާން އެހެން ބުނެފައި ދިޔައެވެ.

އެރޭ ނިދަން ތިބިއިރު ޔަމާންއާ މީރާއަށް ވިސްނެނީ އެރޭ ހިނގާ ދިޔަ ކަންތަކާ މެދުގައެވެ. ޔަމާންއަށް ހީކުރެވުނީ މީރާ ދިޔައީ ހިތްހަމަ ނުޖެހިފައި ހުރެގެން ކަމަށެވެ. މީރާއާ ވާހަކަ ދައްކަން ބޭނުން ވީ ހުރިހާ ކަމެއް ސާފުކޮށްދިނުމަށެވެ. މީރާގެ ހިތުގައި ޔަމާންއާ މެދު ކުށްހީއެއް ވާނަމަ އެ ކުށްހީ ފިލުވުމަށެވެ. ހުރިހާ އެއްޗެއް މީރާއަށް ކިޔާދިނުމަށެވެ. ނަމަވެސް އެރޭ ވާހަކަ ދައްކާނެ ފުރުސަތެއް ނުލިބި މީރާ ދާން ޖެހުނީ ކުދިން ހޭލުމުންނެވެ. އަނެއް ދުވަހުން މީރާއާ ވާހަކަ ދައްކަން ނިންމާފައި ޔަމާން ލޯ މަރާލީ ނިދޭތޯއެވެ. ނަމަވެސް އެތައް އިރެއް ވީ އިރުވެސް ޔަމާންއަކަށް ނުނިދުނެވެ.

މީރާ އޮތީ ދެން ޔަމާންއާ ކުރިމަތިލާނީ ކިހިނެއް ބާއޭ ހިތަށް އަރައަރައެވެ. އެރޭ ވީ ގޮތުން މީރާއާ މެދު ޔަމާން ދެކޭނެ ގޮތެއް ނޭނގޭތީ އެކަމާ ކަންބޮޑު ވެފައެވެ. ވިސްނުމެއް ނެތި ޔަމާންއާ އެފަދަ ގާތްކަމެއް ހިއްސާ ކުރެވުމުން އެކަމާ ޔަމާން ހީކުރާނެ އެއްޗެއް ނޭނގޭތީ ހާސްވެފައެވެ. އެރެއަށް ފަހު މީރާއާ މެދު ޔަމާން ދެކެމުން އައި ގޮތް ބަދަލުވެދާނެތީ ހިތް ބިރުގަނެފައެވެ. އެފަދަ ޚިޔާލުތަކެއްގައި އޮތް މީރާއަށްވެސް އެރޭ ނިދުނީ ފަތިސްވީ ފަހުންނެވެ.

އަނެއް ދުވަހު ހެނދުނު ހެނދުނާ މަނާލްއާ މަލާކް ހޭލުމުން މީރާ ހޭލި ނަމަވެސް ފަތިސް ނަމާދު ކޮށްގެން ނިދުނު ޔަމާން ހޭލީ މެންދުރު ވީފަހުންނެވެ. ކުދިންނަށް ކާން ދީފައި މެންދުރު ކެއުމަށް މީރާ އުޅުނީ ކާމޭޒު ތައްޔާރު ކުރާށެވެ. ޔަމާން އައީ މީރާ އެކަމުގައި ހުއްޓައެވެ. އެކަކު އަނެކަކަށް ބަލާލުމާއެކު މީރާ އަވަހަށް ބަދިގެއަށް ވަނެވެ.

އެންމެން ކާން އެރުމުން މީރާވެސް އިށީނެވެ. އެހެން ދުވަސްދުވަހު އަބަދު ކޮންމެވެސް މީހަކާ ދިމާކޮށްކޮށް ހުންނަ ޔަމާން އެދުވަހު ކާން އިން އިރު އެއްވެސް ވާހަކައެއް ނުދައްކައެވެ. އިރުއިރުކޮޅާ މީރާއާ ދިމާއަށް ޔަމާން ބަލާލާ ކަން ފާހަގަ ކުރެވުނީ ދެމީހުންގެ ހަރަކާތްތަކަށް ފާރަ ލަމުން ދިޔަ ތާނިޔާއަށެވެ. މީރާވެސް އެހެން ދުވަސްތަކާ ޚިލާފަށް އިނީ ހިމޭން ވެފައެވެ.

ދެމީހުންގެ ހިމޭންކަން އެހެން މީހުންނަށް ފާހަގަ ނުކުރެވި ނުދިޔައެވެ.

“އަނެއްކާވެސް ޔަމާންއާ މީރާ ތިއުޅެނީ ކަމަކާ ރުޅިއައިސްގެންތަ؟” އެންމެ ފަހުން ނަދީމާ އަހާލިއެވެ.

“ނޫން—” ޔަމާންއާ މީރާ އެއްފަހަރާ ދެކޮޅު ހެދިއެވެ.

“މިހާރު ޔަގީން ވެއްޖެ ރުޅިއައިސްގެން ކަން ތިތިބީ. ދެން މިހާރު ތިހެން ކުޑަކުދިން ހެން އުޅުން ދޫކޮށްލަން ވެއްޖެއެއްނު؟ ބޮޑެތި ވެފަ ތިބި ދެމީހުން ވިއްޔަ… ކަމެއް ވިޔަސް ވާހަކަ ދައްކައިގެން ހައްލު ކުރަން ދަސްކުރަން ވެއްޖެއެއްނު؟” ނަދީމާ ވާހަކަ ދެއްކީ ހިނިއައިސްފައި އިނދެއެވެ.

އެކަކުވެސް ނަދީމާގެ ވާހަކައަށް ރައްދެއް ނުދީ ތިއްބެވެ.

އެރޭވެސް އެންމެން ޓެރެސްއަށް ދިޔައެވެ. ނުދާން ހުރެފައިވެސް މީރާ ދިޔައީ ތާނިޔާއާ ހެދި ނުގޮސް ނުހުރެވޭނެކަން އެނގޭތީއެވެ.

އެންމެންނަށް ވުރެ ފަހުން މީރާ ދިޔަ އިރު ތިން މީހުން މުށިތައް މަތީ ކޮފީ ބޯން ތިއްބެވެ. މީރާ ގަސްތުގައި ޔަމާންއާ ދުރުގައި ތާނިޔާ ކައިރީ އިށީނުމުން ތާނިޔާ މީރާއަށް ކޮފީ މަގެއް ދިއްކޮށްލިއެވެ.

އެރޭވެސް ބާރަ ޖެހިތަނާ ތާނިޔާއާ ޝިހާދް ދާން ތެދުވިއެވެ. ރެއަށް ފަހު މުޅި އެދުވަހުވެސް ޔަމާންއާ ވާހަކަ ނުދައްކާ ހުރުމުން މީރާއަށް އެރޭ ޔަމާންއާ އެކު އެކަނި އިންނާކަށް ނުކެރުނެވެ. ތާނިޔާމެންނާއެކު ދާން މީރާވެސް ތެދުވިއެވެ.

“މީރާ…” މީރާއަށް ފިޔަވަޅެއްވެސް ނޭޅެނީސް ޔަމާން ގޮވާލިއެވެ.

މީރާއާ އެކު ހުއްޓިފައި ތާނިޔާވެސް ޔަމާންއަށް ބަލާލިއެވެ. ޔަމާން ގޮވާލުމުން މީރާއަށް ދާކަށް ނުކެރުނެވެ. ދޮރާ ހިސާބުގައި ހުއްޓި ހުރި ޝިހާދް ގޮވާލުމުން މީރާއާ ޔަމާންއަށް ބަލަން ހުރި ތާނިޔާ ދިޔައެވެ.

ތާނިޔާމެން ދިޔުމުން ޔަމާން ތެދުވެ ދެތިން ފިޔަވަޅު ފަހަތަށް ޖެހިލާ ޓެރެސްގެ ވަށައިގެން ވަކި ހިސާބަކަށް ރާނާފައިވާ ފާރުގައި ޖަހާފައިވާ ދަގަނޑުގައި ދެއަތް ވިއްދާލަމުން ލެނގިލިއެވެ.

“ކީއްވެ މިރޭ މާ އަވަހަށް ދާން ތިއުޅެނީ؟” ޔަމާން އަހާލިއެވެ.

މީރާ ޖަވާބެއް ނުދީ ހުއްޓެވެ.

“ރޭގެ ކަންތަކަށް… އެއްވެސް އެކްސްޕްލެނޭޝަންއެއް ނުދީ އެހެން ހެދުނީތީ ސޮރީ” ޔަމާން މާފަށް އެދުނީ އެފަދަ ގާތްކަމެއް ހިއްސާ ކުރެވުނީތީއެއް ނޫނެވެ. މީރާއަށް އެއްވެސް އެއްޗެއް ކިޔާނުދެވުމުންނެވެ.

ދެންވެސް މީރާ އަނގައިން ނުބުނެ ހުރީއެވެ.

ޔަމާންއަށް ފުރަގަސް ދީގެން ހުރި މީރާއަށް އިރުކޮޅަކު ބަލަން ހުރެފައި ޔަމާން ލަސް ފިޔަވަޅުތަކެއްގައި ގޮސް މީރާގެ އަތުގައި ހިފާ ޔަމާންއާ ކުރިމަތިވާ ގޮތަށް މީރާ އަނބުރާލިއެވެ.

“އެހެންވެތަ މިއަދު އަހަންނާ ވާހަކަވެސް ނުދައްކާ އެހާ ދުރުދުރުން އުޅުނީ؟ މީރާ އަހަންނާ މެދު ހިތްހަމަ ނުޖެހިފަތަ؟ ރުޅި އައީތަ؟” ޔަމާން މީރާގެ ދެކޮނޑުގައި ހިފާލަމުން އެހިއެވެ.

އިސް އުފުލާ ޔަމާންގެ މޫނަށް ބަލާލާފައި އެއްޗެއް ނުބުނެ މީރާ އަނެއްކާވެސް އިސްޖަހާލިއެވެ.

“މީރާ، އެއްޗެއް ބުނެބަލަ…” ޔަމާން އެދުނެވެ.

“ރޭގަ… އެކަހަލަ ކަމެއް ވެދާނެ ކަމަކަށް ހިއެއް ނުކުރަން… އެއީ… އެއީ މިސްޓޭކްއެއް…” ލަސްލަހުން މީރާ ބުންޏެވެ. އަދި ޔަމާންއާ ދުރަށް ޖެހިލަން އުޅުނެވެ.

ނަމަވެސް ޔަމާން އެހެން ވިޔަނުދީ މީރާ ގެނެސް ޔަމާންގެ މޭގައި ޖައްސާލަމުން ބައްދާލިއެވެ.

“މީރާ… އެއީ މިސްޓޭކްއެއް ނޫނޭ… މީރާއަށް ނޭނގޭތީ ތިހެން ތި ބުނަނީ… އެއީ ހަމަ ހުރެފަ ވީ ކަމެއް ނޫނޭ… އަހަރެން—” ޔަމާން ވާހަކަ ދެއްކީ މީރާއަށް ވިސްނައިދޭށެވެ. ނަމަވެސް މީރާ ތެޅިގަނެފައި ޔަމާންއާ ދުރަށް ދާން މަސައްކަތް ކުރިއެވެ.

“ޕްލީޒް ޔަމާން… ޔަމާންގެ މަންމަމެންނަށް އެނގިއްޖެއްޔާ…؟ މިހެން ތިއްބާ އަނެއްކާވެސް ތާނީ އައިސްދާނެ… ދޫކޮށްލާ… އަހަރެން ބޭނުމެއް ނޫން…” މީރާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ. ޔަމާންގެ އަތުތެރޭން ނިކުންނަން މަސައްކަތް ކުރަމުންނެވެ. އެފަދަ މަންޒަރެއް ދެވަނަ ފަހަރަށް ތާނިޔާއަށް ފެންނަން މީރާ ބޭނުމެއް ނޫނެވެ. މިހާރުވެސް ތާނިޔާގެ ހިތުގައި އޮތީ ކީކޭ ކަމެއް ނޭނގެއެވެ.

“އެކަމަކު އަހަރެން ބޭނުމޭ… އަހަރެން މީރާ ބޭނުމޭ” އަދިވެސް ބޮޑަށް މީރާ ގަޔާލާ ފިއްތާލަމުން ޔަމާންއަށް ބުނެވުނެވެ. އޭރު ޔަމާންގެ ހިތުގެ އަޑު ދުލާ ހަމައަށް ނައިސް އޮތީ ކިރިޔާއެވެ.

ޔަމާން އެހެން ބުނުމުން މީރާ އިސްއުފުލާ ޔަމާންގެ މޫނަށް ބަލާލި އިރު އެމޫނުގައިވީ ހައިރާންކަމެވެ. ޔަމާން އެބުނި އެއްޗެއް މީރާއަށް ގަބޫލެއް ނުކުރެވުނެވެ. ޔަމާން އެބުނި ބަހުގެ މާނަ މީރާއަށް ނެގުނީ ގޯސްކޮށް ކަމެއް މީރާއަކަށް ނޭނގެއެވެ.

“ކީކޭ…؟” ކަންފަތުގެ އިވުމާމެދު ޝައްކުވެފައި ހުރެ މީރާއަށް އަހާލެވުނެވެ.

“އަހަރެން މީރާ ބޭނުމޭ… އައި ލަވް ޔޫ މީރާ… އައި ލަވް ޔޫ…” އެތައް ދުވަހެއް ވަންދެން ހިތުގައި ފޮރުވައިގެން އުޅުނު ސިއްރު ޔަމާންއަށް ދުލާ ހަމައަށް ގެނެވުނީ އިތުރަށް ކެތް ނުވެގެންނެވެ. އެހިތް މީރާގެ ކުރިމަތީ ހުޅުވާލަން ބޭނުން ވެފައި ހުރި ވަރުންނެވެ. ރޭ އެދެމެދުގައި ހިނގި ކަމަކީ ކުށެއް ނޫން ކަން މީރާއަށް ބުނެދޭން ބޭނުންވި ވަރުންނެވެ. ޔަމާންގެ ހަޔާތަށް މީރާ ގެންނަން ބޭނުންވި ވަރުންނެވެ. މީރާ ދެކެ ލޯބިވާވަރު އަންގައިދޭން ބޭނުންވި ވަރުންނެވެ.

ނަމަވެސް ޔަމާން އެބުނެލި ލަފްޒުތަކާއެކީ މީރާ ހަނދާންވީ ރާހިލް މަތިންނެވެ. މީރާގެ ފަރާތުން ރާހިލް ބޭނުންވި ކަންތައް ޙާސިލް ކުރުމަށް ރާހިލްވެސް ފުރަތަމަ ބޭނުން ކުރީ އެ ބަސްތަކެވެ. ލޯބި ވެޔޭ ބުނުމުން ރާހިލް ހީކުރީ ރާހިލް ބޭނުން ގޮތެއް ހެދުމަށް މީރާގެ ހަށިގަނޑު ރާހިލްއަށް މީރާ ހަދިޔާ ކުރާނެ ކަމަށެވެ. އެވަރުން ކާމިޔާބު ނުވުމުން ދެން ކުރީ ޔަގީނުންވެސް މީރާއަށް ދެކޮޅު ނުހެދޭނެ ވަރުގެ ކަމެކެވެ. ކައިވެންޏަށް ފަހު މީރާ ޔަގީނުންވެސް އަނތްބެއްގެ ވާޖިބު އަދާކުރުމަށް ފަސް ނުޖެހޭނެއެވެ.

ޔަމާންއަކީވެސް އެކަހަލަ މީހެއް ހެއްޔެވެ؟ މީރާގެ ފަރާތުން ޔަމާންވެސް ބޭނުން ވަނީ އެ އުފާ ހެއްޔެވެ؟ ލޯބި ވެޔޭ ބުނެގެން ޔަމާންވެސް އެއުޅެނީ އެގޮތަށް މީރާ ޙާސިލް ކުރަން ހެއްޔެވެ؟

“ދޫކުރޭ!” މީރާ ދެއަތުން ޔަމާންގެ މޭގައި އަޅާ ކޮއްޕާލިއެވެ.

ނަމަވެސް ޔަމާން ދުލެއް ނުކުރިއެވެ.

“މީރާ، ޕްލީޒް…” ޔަމާން ބުންޏެވެ.

“ކިހިނެއް ވެގެންތަ ޔަމާން ތިއުޅެނީ؟ މި ހުރިހާ ދުވަހު އެހާ ހެޔޮ އެދިގެން އުޅުނީ ތި ބޭނުމުގަތަ؟ ޔަމާން ހީކުރީތަ ލޯބިވެޔޭ ބުނެގެން އަހަރެން ހާސިލް ކުރެވިދާނެ ކަމަށް؟ ތިވަރުން ކާމިޔާބު ނުވިއްޔާ ދެން އިންނަންތަ އަހާނީ؟ އޭރުން ހިތް ފުރެން ދެން އަހަރެން ބޭނުން ކުރެވުނީމަ ވަރިކޮށްލީމަ ނިމުނީ ދޯ؟ ތީ ހަމަ ހުސް އެއް ވައްތަރެއް… ތި ފިރިހެނުން އެހެން ކަމެއް ބޭނުން ނުވަނީތަ؟ އެހެން އެއްޗެއް ހިތަށް ނުވަންނަނީތަ؟” ޔަމާންގެ އަތުތެރޭން ނިކުންނަން މަސައްކަތް ކުރަމުން މީރާ އެއްޗެހި ކިޔަމުން ދިޔައެވެ.

މީރާ ކިޔަމުން ދިޔަ އެއްޗެހި އަޑު އިވުމުން ޔަމާންއަށް މީރާ ގައިން ދޫކޮށްލެވުނެވެ. ހައިރާންވެ ބުނާނެ އެއްޗެއް ނުވިސްނިފައި މީރާއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ ޔަމާންއާ މެދު އެހާ ހަޑި ގޮތަކަށް މީރާ ހީކުރީތީ އެކަން ގަބޫލު ނުކުރެވިފައެވެ. ރާހިލް މީރާއަށް ހެދި ގޮތަށް ޔަމާންވެސް މީރާއަށް ހަދާފާނެހެން މީރާއަށް ހީވީތީ ހައިރާންވެފައެވެ. ޔަމާން މީރާ ބޭނުން ވަނީ އެފަދަ ގޮތަކަށް ކަމަށް މީރާއަށް ގަބޫލު ކުރެވުނީތީ ހިތަށް ތަދުވެފައެވެ.

ރޮވިފައި ހުރި މީރާ ޔަމާންއާ ދިމާއަށް ބަލަން ހުރިއިރު އެދެލޮލުން ފާޅުވީ ރުޅިއެވެ. ޔަމާން މީރާއާ ދިމާއަށް ފިޔަވަޅެއް އަޅާލުމާއެކު މީރާ އެނބުރި ދާން ހިނގައިގަތެވެ. ނަމަވެސް ޔަމާން ބާރަށް ހިނގާފައި ގޮސް މީރާގެ އަތުގައި ހިފާ ހުއްޓުވަން މަސައްކަތް ކުރީ މީރާއަށް ކުރެވިފައި އެވާ ކުށްހީ ފިލުވުމަށް އެވާހަކަ ދައްކާށެވެ. މީރާއަށް ހީވީ ރަނގަޅަށް ނޫންކަން ބުނާށެވެ.

“އަތް ނުލާތި މަގޭ ގައިގަ!” ޔަމާންގެ އަތުތެރޭން އަތް ދަމައިގަންނަމުން މީރާ ބުނެލިއެވެ. އަދި ޔަމާން ގޮވަގޮވާ ހުއްޓާ ފަހަތް ބަލާވެސް ނުލާ ގޮސް ދުވެފައި ސިޑިން ފޭބިއެވެ. ހަދާނެ ގޮތެއް ނޭނގިފައި ޔަމާންއަށް ބަލަން ހުރެވުނީއެވެ.

މިވީ ކިހިނެއް ހެއްޔެވެ؟ އެހާ ދުވަސް ވަންދެން ހިތުގައި ސިއްރުކޮށްގެން އުޅުނު ލޯބި މީރާގެ ކުރިމަތީ ފާޅުކުރުމުން ކަންތައް މިވީ ޔަމާން ހީވެސް ނުކުރާ ގޮތަކަށެވެ. ޔަމާންއާ މެދު މީރާ ދުވަހަކުވެސް އެފަދަ ގޮތަކަށް ހީކޮށްފާނެ ކަމަށް އަދިވެސް ޔަމާންއަށް ގަބޫލު ކުރަން އުނދަގުލެވެ.

ޔަމާންއަށް ބުނެވުނު ގޮތް ގޯހީ ހެއްޔެވެ؟ ނުވަތަ ވަގުތު ރަނގަޅު ނޫނީ ހެއްޔެވެ؟ މީރާއަށް ކުރެވުނު ކުށްހީ ފިލުވާނީ ކިހިނެއް ހެއްޔެވެ؟ އަނެއް ދުވަހު ހެނދުނު ޔަމާން ފުރަން ވެފައި ވާއިރު ދެން މީރާއާ ވާހަކަ ދައްކާނީ ކޮން ވަގުތަކު ހެއްޔެވެ؟ މީރާ އެހާ ނުރުހުން ވެފައި ހުއްޓާ މި ދަންވަރު މީރާގެ ކޮޓަރިއަށް ދިޔުން ރަނގަޅު ނުވާނެކަން ޔަގީނެވެ.

ހަދާނެ ގޮތް ހުސްވެފައިވާ މީހަކު ފަދައިން ޔަމާން ދެއަތް އިސްތަށިގަނޑުތެރޭ ހިންގާލިއެވެ. އަދިވެސް ބައިގަޑިއެއްހާ އިރު ވަންދެން އެތާ ހުރެފައި ޔަމާން ކޮޓަރިއަށް ދިޔައިރުވެސް ހިތާ ސިކުނޑިއަށް ކުޑަވެސް ހަމަޖެހުމެއް ނުލިބެއެވެ.

އެރޭވެސް ވީ މީރާއާ ޔަމާންއަށް ނިދަން އުނދަގޫވި ރެއަކަށެވެ. ޔަމާންއަށް އޮވެވުނީ މީރާ ޔަމާންއާ މެދު އެފަދަ ގޮތަކަށް ދެކުނީތީ ހިތަށް ތަދުވެފައެވެ. އެތައް އަހަރަކަށް ފަހު މީރާ ދެކެ ލޯބިވާ ކަން ބުނެދިނުމުންވެސް ހިތަށް ލިބުނު ހަމަޖެހުމެއް ނެތެވެ. ހީކުރި ގޮތާ ޚިލާފަށް ޔަމާންގެ ހިތަށް ލިބުނީ އިތުރު އަނިޔާއެވެ. އެންމެ ފަހުން ޔަމާންގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ލިބުނީ ހެނދުނު މީރާއާ ވާހަކަ ދައްކައިގެން ހުރިހާ ކަމެއް ހައްލު ކުރާނީ ކަމުގައި ހިތަށް ވިސްނައިދިނުމުންނެވެ.

ނިންޖާ ދުރުވެފައި މީރާއަށް އޮވެވުނީ ޔަމާންއާ މެދު ހިތުގައިވި ޝަކުވާގެ ސަބަބުންނެވެ. ޔަމާންއަކީ އެކަހަލަ މީހެއް ކަމުގައި ގަބޫލު ކުރަން އަދިވެސް މީރާގެ ހިތް ދެކޮޅު ހަދަމުން ދިޔައެވެ. އެއްކޮޅުން ޔަމާންއާ މެދު މީރާގެ ހިތް ޝަކުވާއިން ފުރިފައިވީ އިރު އަނެއް ކޮޅުން ޔަމާންއަކީ އެކަހަލަ މީހެއް ނޫންކަމަށް މީރާގެ ސިކުނޑި މީރާއަށް ވިސްނައިދޭން މަސައްކަތް ކުރާކަހަލައެވެ. މީރާއަށް ޔަމާންއާ މެދު އެ ނިންމުނީ ރަނގަޅު ނިންމުމެއް ނޫން ކަމަށް މީރާގެ ސިކުނޑިން އަންގަމުން ދިޔައީ ކީއްވެ ކަމެއް މީރާއަކަށް ނުވިސްނުނެވެ.

އަނެއް ދުވަހު އިރުއެރީ މީރާވެސް ޔަމާންވެސް އެއްގޮތަކަށްވެސް ނުނިދާ ތިއްބައެވެ. މަނާލްއާ މަލާކް ހޭލުމުން ކުދިން ފެންވެރުވީ ތާނިޔާއެވެ. އެކުދިން ގޮވައިގެން ދެމީހުން ތިރިއަށް ފޭބި އިރު ހެނދުނުގެ ސަޔަށް ނަދީމާ ކާމޭޒު ތައްޔާރު ކުރަނީއެވެ.

ފުރަން ދާން ތައްޔާރު ވެގެން ދަބަސް ހިފައިގެން ޔަމާން ތިރިއަށް ފޭބި އިރު މީރާއާ ތާނިޔާ ތިބީ ކުދިންނަށް ކާން ދޭށެވެ. އެކަން ނިމިގެން ދެކުދިންގެ ތުން ދޮއްވާ ނިމުނު އިރަށް ޔަމާން އައިސް ކުދިން ކައިރީ އިށީނދެ ސަކަރާތް ޖަހަން ފެށިއެވެ.

ނަދީމާ ސައި ބޯން ގޮވުމުން ޔަމާންއާ ޝަފީގު އާ ޝިހާދް މޭޒުދޮށުގައި އިށީނެވެ. ނަމަވެސް ޔަމާން ސައިބޯ ހިތެއް ނުވިއެވެ. ފަތިހުން ފެށިގެން މީރާއާ ވާހަކަ ދައްކާލާނެ ފުރުސަތަކަށް ބަލަބަލާ އިން ޔަމާންއަށް މީރާ ބަދިގެއަށް ވަންތަން ފެނުމުން މީރާގެ ފަހަތުން ގޮސް ވަނެވެ.

“މީރާ، ކޮފީއެއް ހަދާލަބަލަ، މިއަދު ސައި ބޯ ހިތެއް ނެތް” އައިސް އަލަމާރި ކައިރީ ހުއްޓެމުން ސިންކު ކައިރީ ހުރި މީރާއަށް ޔަމާން ބުންޏެވެ.

ޔަމާންގެ އަޑަށް ސިހިފައި ބަލާލާފައި މީރާ ބޯ ޖަހާލާފައި ޔަމާންއަށް ކޮފީ ހަދަން ފެށިއެވެ.

“މީރާ…” ޔަމާން ގޮވާލިއެވެ. މީރާއަށް އަޑި އިވުނު ނަމަވެސް ބަލާނުލާ ހުއްޓެވެ.

“އަހަރުމެން އަބަދުވެސް އުޅެން ޖެހޭނީ މިހެންތަ؟ އަބަދު ކޮންމެސް ކަމަކާ ރުޅިއައިސްގެންތަ ތިބެން ޖެހޭނީ؟” ޔަމާން އަހާލިއެވެ.

“ރުޅި އަންނަ ގޮތަށް ކަންތައް ކުރީވެސް ޔަމާންއެއްނު؟” މީރާ ބުންޏެވެ.

“މީރާއަށް ކީއްވެ އަހަރެން ބުނީމަ ގަބޫލު ނުކުރެވެނީ؟ އަހަރެން ރޭގަ ބުނީ ތެދަށް—” ޔަމާން މީރާ ކައިރިއަށް ފިޔަވަޅެއް އަޅާލަމުން ބުންޏެވެ. ނަމަވެސް މީރާ ޔަމާންގެ ވާހަކަ މެދުކަނޑާލިއެވެ.

“ތި ވާހަކަ ދައްކަންތަ ތި އައީ؟ އަހަރެން ބޭނުމެއް ނޫން އަޑު އަހާކަށް” މީރާގެ އަޑުގައި ހަރުކަށިކަން އެކުލެވިގެން ދިޔައެވެ.

ޔަމާން ދައްކާ ވާހަކަ އަޑުއަހަން މީރާ ދެކޮޅު ހެދުމުން ޔަމާންއަށް މީރާ ދެކެ ރުޅި އާދެވުނެވެ.

“ކީއްވެތަ މީރާ ތިހާ ބޯހަރީ؟ މީރާއަށްތަ ކޮންމެ ކަމެއްވެސް އެންމެ ރަނގަޅަށް އެނގެނީ؟ ރާހިލް މީރާއަށް އޮޅުވާލާފަ ދޫކޮށްލާފަ ދިޔައިމަ އޭގެ މާނައަކީ މުޅި އުމުރަށް އެކަން ހަނދާން ކޮށްފަ ރޯށޭތަ؟ އެހެން މީހަކު މީރާ ދެކެ ލޯބި ވެދާނެ ކަމަށް ކީއްވެތަ ގަބޫލު ނުކުރެވެނީ؟ ލޯބި ވެޔޭ ބުނީމަ އޭގެ މާނައަކީ އަހަރެން މީރާގެ ފަރާތުން ތިބުނާ ހިތްހަމަޖެހުން ހޯދަން ބޭނުން ވެޔެކޭ ނޫނޭ މީރާ، ކީއްވެތަ އެކަން ނުވިސްނެނީ؟” ޔަމާން މީރާއާ ކައިރިވަމުން ސުވާލުތަކެއް ކުރަމުން ދިޔައެވެ.

“ތީ ލޯތްބެއް ނޫން… ތީ… ތީ… އެހެން ކަމެއް… އަހަރެން ބޭނުމެއް ނޫން ތިކަހަލަ ލޯތްބެއް” ޔަމާންއާ ދުރަށް ފިޔަވަޅެއް އަޅާލަމުން މީރާ ބުންޏެވެ.

“މީރާ! ހުރިހާ ކަމެއް ތި ނިންމަނީ ރާހިލް މީރާއަށް ހެދި ގޮތަށް ބަލާފަ… ތިހެން ނުހަދަބަލަ މީރާ… ވިސްނަބަލަ… އަބަދު މީރާއަށް ތިހެން ހުރެވޭނެތަ؟ އެހެން މީހެއްގެ ލޯތްބެއް މީރާ ބޭނުމެއް ނުވޭތަ؟ މުޅި އުމުރުގަވެސް ތިހެން އެކަނިތަ މީރާ ހުންނާނީ؟” ފުން ނޭވައެއް ލަމުން ޔަމާން ބެލީ މީރާއަށް ވިސްނައިދެވޭތޯއެވެ. މީރާ އެބުނި އެއްޗަކުން ހިތަށް ކިތަންމެ ތަދުވި ނަމަވެސް އެކަން އެއްފަރާތް ކޮށްލަމުންނެވެ.

“ލޯތްބޭ ކިޔާފަ ޔަމާން ތިއެދޭ ފިޒިކަލް ރިލޭޝަންޝިޕްއެއް އަހަރެންގެ ފަރާތަކުން ފުރިހަމައެއް ނުވާނެ… ލޯބި ވާނަމަ އެހެންނެއް ނޫން ބުނާނީކީ… އެހެން ނޫނަސް އަހަރެން އެކަނި ހުއްޓަސް އެއީ ޔަމާންއާ ބެހޭ ކަމެއް ނޫން… އަހަރެންގެ ދިރިއުޅުމުގެ ކަންތައް ނިންމާނީ އަހަރެން އަމިއްލައަށް… އެކަންކަމާ ޔަމާން ބެހޭކަށް ނުޖެހޭނެ” ރުޅިއައިސްގެން ރޮވެން ކައިރިވެފައި ހުރި އިރުވެސް މީރާ ޔަމާންއަށް ޖަވާބު ދެމުން ދިޔައީ ޔަމާން ދައްކަމުންދާ ވާހަކައިން މީރާއަށް ނެގެމުން ދިޔަ މާނައިންނެވެ.

“އަމިއްލައަށް ނިންމީމަ އޭގެ ނަތީޖާއެއްނު މިހާރު މީރާއަށް ތި ފެންނަނީ؟ އޭގެން ފިލާވަޅެއް އަދި ދަސް ނުވަނީތަ؟ ތިއުޅެނީ ގޮތް ދޫ ނުކުރަން ވެގެން. ތިހެން ކަންތައް ކޮށްގެން އެތިބަ ދެ ކުދިންނަށް ކޮން ރަނގަޅު ގޮތެއް މީރާއަށް ހޯދާދެވޭނީ؟ އަމިއްލައަށް ކޮން އުފަލެއް ލިބޭނީ؟” ޔަމާން އަނެއްކާވެސް ރުޅިއައެވެ.

“ހެވޭ! އަހަރެން ކުރި ކަމެއްގަ ސަޒާ ލިބުނީ އަހަންނަކަށްނު؟ ޔަމާންއަކަށް ނޫނެއްނު؟ ދެން ޔަމާންއަށް ކޮން ކަމެއް؟ އެހެން ނޫނަސް ޔަމާންއާ ރާހިލްއާ ކޮން ތަފާތެއް އޮތީ؟ އޭނަވެސް ބުނީ ހަމަ ތިހެން، ހަމަ ތިކަންތައް ބޭނުން ވެގެން އުޅުނީ… އަހަރެން ހީވެސް ނުކުރަން ޔަމާން އަހަރެންގެ ފަރާތުން އެކަހަލަ ކަމެއް ބޭނުން ވެގެން އުޅެފާނެ ކަމަކަށް…” އަޑަށް ބާރު ލާފައި ރޮމުން ވާހަކަ ދެއްކި އިރު ބޭރުގައި ތިބި މީހުންނަށް އެއަޑު އިވިދާނެ ކަމާމެދަކު މީރާއަކަށް ނުވިސްނެއެވެ.

އަތުގައި ހުރި މަގު ކަބަޑުމަތީ ބަހައްޓާފައި މީރާ ބަދިގެއިން ނިކުތް އިރު ނަދީމާއާ ޝަފީގުއާ ތާނިޔާއާ ޝިހާދްވެސް ތިބީ އިވުނު އަޑާމެދު ހައިރާންވެފައެވެ. އެމީހުން ފެނުމުން މީރާއަށް ކުރިއަށް ދާކަށް ނުކެރުނެވެ. އިސްޖެހިފައި ހުރި ފިޔަވަޅުމަތީ ހުރެވުނީ ބަދިގެތެރޭ މީރާއާ ޔަމާން ދެއްކި ވާހަކަ އެންމެންނަށް އަޑު އިވިއްޖެކަން އެނގުމުންނެވެ.

ޔަމާން ބަދިގެއިން ނިކުމެ މަންމައާ ބައްޕައާ ސަލާން ކޮށްލާފައި ތާނިޔާ ކައިރިއަށް ގޮސް ދެކުދިންގެ މޫނުގައި ބޮސްދިނެވެ. އަދި ތާނިޔާއާވެސް ސަލާން ކޮށްލާފައި ދަބަސް ހިފައިގެން ޔަމާން ނިކުމެގެން ދިޔައީ އިތުރު އެއްވެސް އެއްޗެއް ނުބުނެއެވެ.

އެދުވަހު މީރާ އެކަކާވެސް ވާހަކައެއް ނުދައްކައެވެ. މީރާ ޔަމާންއާ ދިމާއަށް އެއްޗެހި ކީގޮތުން ނަދީމާމެން މީރާއާ މެދު ހިތްހަމަ ނުޖެހިފައި ތިބަދާނެތީ މީރާއަށް އެމީހުން ކައިރިއަށް ދާން ނުކެރުނީއެވެ. ކޮންމެ ފަހަރަކުވެސް ކޮޓަރިން ނިކުންނަނީ ކުދިންނަށް ކާންދޭން އެކަންޏެވެ. ހަވީރު ތާނިޔާ ކުދިން ފެންވަރުވަން މީރާއަށް އެހީވާން ދިޔައިރު މީރާ އިނީ ޝައިލާގެ އެހީގައި ދެކުދިން ފެންވަރުވައިގެން ރީތިކުރާށެވެ.

އެރޭވެސް މީރާ ކާން ނައުމުން ޝައިލާ ފޮނުވައިގެން ނަދީމާ މީރާއަށް ކާން ގޮވިއެވެ. ނަމަވެސް ކާހިތް ނުވާކަމަށް ބުނެ މީރާ ޝައިލާ ފޮނުވާލުމުން ނަދީމާ އައިސް ބުނުމުންވެސް މީރާ ކާކަށް ނުދިޔައެވެ. އެންމެ ފަހުން ނަދީމާ ދިޔައީއެވެ.

އެރޭ އެގާރަ ޖަހާ ދިޔަ ފަހުން ތާނިޔާ މީރާގެ ކޮޓަރިއަށް އައީ މީރާ އިސްތިރި ކުރަން ހުއްޓައެވެ.

“މިރޭ ހާދަ ބިޒީ ކޮށްލައިގެން ތިއުޅެނީ” މީރާގެ އެނދުގައި އިށީނދެފައި ތާނިޔާ ބުންޏެވެ.

މީރާ އެއްޗެއް ނުބުނެ އިސްތިރިކޮށް ނިމުނު ހެދުން ކޮނޑެއްގައި އަޅުވާފައި އެހެން ހެދުމެއް ނެގިއެވެ.

“މީރާ… ކިހިނެއްތަ ވީ؟” މީރާ ޖަވާބެއް ނުދިނުމުން ތާނިޔާ އެހިއެވެ.

“ކަމެއް ވެއްޖެތަ؟” މީރާ ނޭނގޭ ކަމަށް ހެދުނެވެ.

“ކަމެއް ނުވެތަ ދެމީހުން ޒުވާބު ކުރީ؟” ތާނިޔާ އަހާލިއެވެ.

ފުން ނޭވައެއް ލާފައި މީރާ އިސްތިރީގެ ކަރަންޓް ކަނޑާލިއެވެ. އަދި ތާނިޔާ ކައިރީ އިށީނދެ އޭގެ ދެރޭ ކުރިން ވީ ކަންތަކުން ފެށިގެން އެދުވަހު ވީ ހުރިހާ ކަމެއްވެސް ކިޔާދިނެވެ.

“މީރާ، އަހަންނަށް ބުނެވޭނީ އެންމެ އެއްޗެއް… ދޮންބެއާ މެދު މީރާއަށް ތި ހީކުރެވުނީ ރަނގަޅަކަށް ނޫން. ދޮންބެއަކީ އެކަހަލަ މީހެއް ނޫން. ދޮންބެ އެހެން އެބުނީ މީރާ ތި ހީކުރާ ގޮތަކަށް ނޫން… މީރާއަށް ތިހެން ހީކުރެވުނީ ރަނގަޅަށް ދޮންބެ ނޭނގޭތީ…” މީރާގެ އަތުގައި ހިފާލަމުން ތާނިޔާ ބުންޏެވެ.

އެވަގުތު ނަދީމާ އެކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އަދި ތާނިޔާއަށް ގޮވާލާފައި ނަދީމާއާ އެކުގައި އައުމަށް އެދުނެވެ.

ތާނިޔާ ތެދުވެގެން ނަދީމާގެ ފަހަތުން ދިޔައެވެ. އެދެމީހުން ދިޔަތަން ބަލަން އިން މީރާއަށް ރޮވުނީ ނަދީމާ މީރާއާ މެދު ހިތްހަމަ ނުޖެހިފައި ހުރިހެން ހީވުމުންނެވެ. އެހެން ނުވާނީ ކީއްވެ ހެއްޔެވެ؟ އެމީހެއްގެ ދަރިއަކާ ދިމާއަށް އެހެން މީހަކު އެގޮތަށް އެއްޗެއް ބުނާ އަޑު އަހާކަށް އެއްވެސް މަޔަކު ބޭނުމެއް ނުވާނެއެވެ.

މީރާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނީ މީރާގެ ސަބަބުން ނަދީމާއާ ޝަފީގު ދެރަވީތީއެވެ. ވިސްނާނުލާ އެންމެންނަށް އަޑު އިވޭ ގޮތަށް ޔަމާންއާ ދިމާއަށް އެއްޗެހި ކިޔުނީތީއެވެ. އަޅާލާނެ މީހަކު ނެތި، އަނިޔާވެރިންތަކެއްގެ ތެރޭގައި މީރާ ވަނިކޮށް އެތަނުން ސަލާމަތް ކޮށްގެން މީރާ ގެންދިޔައީ ނަދީމާއާ ޝަފީގުއެވެ. ހަތް އަހަރު ވަންދެން އަމިއްލަ ދަރިއެއް ހެން އެދެމަފިރިން މީރާ ގެންގުޅުނު އިރު، އެގޮތަށް އެމީހުންގެ ދަރިއަކާ ދިމާއަށް އެއްޗެއް ބުނުމުގެ ހައްގު މީރާއަށް އެބައޮތް ހެއްޔެވެ؟

ނަދީމާގެ ހިތުގައި ޖެއްސުނު ވަރު ހިތަށް އެރުމުން މީރާއަށް ރޮވުނެވެ. މޫނުގައި އަތް އަޅާލަމުން މީރާ އޮށޯތެވެ.

“ތާނީއަށް އެނގޭ ދޯ މީރާއާ ޔަމާންގެ މެދުގަ ޖެހިގެން މިއުޅޭ މައްސަލަ؟ މިއަދު މީރާ އެބުނި އެއްޗަކުން މަންމައަށް ހީވެއްޖެ ޔަމާން ކޮންމެސް ގޯހެއް ހަދައިފި ހެން، އަނެއްކާ… އަނެއްކާ ޔަމާން މީރާއަށް ކަމަކަށް މަޖުބޫރު ކުރީތަ ދަރިފުޅާ؟ ޔަމާން އެކަހަލަ ގޯހެއް ހެދީތަ؟” ތާނިޔާގެ އަތުގައި ހިފައިގެން ނިކުމެ އެބައިގައި ހުރި ހުސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލާފައި ނަދީމާ ސުވާލު ކުރި އިރު މަންމަގެ އަޑުގައިވި ކަންބޮޑުވުން ތާނިޔާއަށް ފާހަގަ ކުރެވުނެވެ.

އެހާ ސީދާކޮށް އެފަދަ ސުވާލެއް ނަދީމާ ކޮށްފާނެ ކަމަށް ހީކުރެވިފައި ނެތުމުން ތާނިޔާއަށް ނަދީމާގެ މޫނަށް ބަލަން ހުރެވުނެވެ.

“ތާނީ… ބުނެބަލަ… މީރާ ބުނިތަ އެކަހަލަ އެއްޗެއް؟” ތާނިޔާގެ އަތުގައި ހިފާ ތަޅުވާލަމުން ނަދީމާ އަހާލިއެވެ.

“މަންމާ…” މީރާ ކިޔައިދިން ގޮތަށް ނަދީމާ ކައިރީ ބުނަން ނުކެރިގެން ތާނިޔާއަށް ކުރިއަކަށް ނުގެންދެވުނެވެ. އިރުކޮޅަކަށް މަޑުކޮށްލެވުނީ މަންމަ ކައިރީ އެވާހަކަ ބުނާނީ ކިހިނެއްތޯ ވިސްނާލާށެވެ.

“ތާނިޔާ…!” ނަދީމާ އަކުރުތަކަށް ދަމާލަމުން ގޮވާލިއެވެ.

“މަންމާ، ކުރީރޭ… ކުރީރޭ ދޮންބެ… މިބުނީ އެދެމީހުން ޓެރެސްގަ ތިބެފަ… ދޮންބެއަށް ކަމެއް ކުރެވުނީ… އެކަމަކު އެއީ މީރާގެ ނުރުހުމުގައެއް ނޫން… އޭރު ނާލުމެން ހޭލައިގެން އަހަރެން މީރާއަށް ގޮވަން ދިޔައިރު ދެމީހުން ތިބި ގޮތުން އަހަންނަށް އެނގުނު… އެރޭ ވީކަމެއް ވީ މީރާގެވެސް ރުހުމުގަ… އެކަމަކު އަނެއް ރޭ… ދޮންބެ މީރާ ކައިރީ ބުނީ ދޮންބެ މީރާ ދެކެ ލޯބި ވާ ވާހަކަ. އަހަންނަށް ހީވަނީ ދޮންބެއަށް ބުނެވުނު ގޮތް ގޯހީހެން. ފުރަތަމަ ކުރީރޭ ވީ ކަންތައް… އޭގެ ފަހުން ރޭގަ ދޮންބެ ފުރަތަމަ ބުނީ… ބުނީ ދޮންބެ މީރާ ބޭނުމޭ… އޭގެ ފަހުން ލޯބިވާ ވާހަކަ ބުނީ. މީރާއަށް ހީވީ ދޮންބެ އެހެން ބުނީ އެހެން ގޮތަކަށް މީރާ ބޭނުން ވެގެން ކަމަށް… ދެން މަންމައަށް އެނގެއެއްނު މިބުނާ އެއްޗެއް؟ މީރާއަށް ހީވީ ދޮންބެ އެހެން ބުނެގެން މީރާ ގަބޫލު ނުވެދާނެތީއޭ ލޯބިވެޔޭ ބުނީ… އެހެންވެ މީރާ ރުޅިއައީ” ތާނިޔާ އޭނައަށް އެނގޭ ހުރިހާ އެއްޗެއް ނަދީމާއަށް ކިޔާދިނެވެ.

“އެހެން ދޯ؟ އެހެންވީމަ ތީގަ އަސްލު ޔަމާންގެ ކުށެއްވެސް ނެތް، މީރާގެ ކުށެއްވެސް ނެތް… މަންމައަށް ހީވަނީ ހުރިހާ ވާހަކައެއް މީރާއަށް ކިޔާދޭންވީ ހެން” ވިސްނާލަމުން ނަދީމާ ބުންޏެވެ.

“އެކަމަކު އޭރުން ދޮންބެ ރުޅި އައިސްދާނެ…” ތާނިޔާއަށް ބުނެވުނެވެ.

“ނުބުނެ މިހާ ދުވަސް ވީމަ މިހުރިހާ ކަމެއް މިވަނީވެސް… މަންމައަކަށް ދެން ކެތެއް ނުވާނެ ޔަމާން އެހެން އުޅޭތަން ބަލާކަށް… ކިހާ ދުވަހެއް މިހާރު؟” ނަދީމާ ގޮތެއް ނިންމިއެވެ. އަދި ގޮސް މީރާގެ ކޮޓަރިއަށް ވަނެވެ.

މޫނުގައި ބާލީސް އަޅައިގެން ރޯން އޮތް މީރާ ބާލީސް ދުރުކޮށްލާފައި ބަލާލީ އެނދުގައި މީހަކު އިށީން ހެން ހީވުމުންނެވެ. އެނދުގައި އިން ނަދީމާއާ ކައިރީގައި ކޮޅަށް ހުރި ތާނިޔާ ފެނުމުން މީރާ އަވަސްއަވަހަށް މޫނު ފޮހެލާފައި އިށީނެވެ.

“ދަރިފުޅާ، ކޮން ކަމަކާ ތި ރޮނީ؟” މީރާގެ ބޮލުގައި ފިރުމާލަމުން ނަދީމާ އަހާލިއެވެ.

ޖަވާބެއް ނުދީ އަނެއްކާވެސް މީރާއަށް ރޮވުނީ ނަދީމާގެ އޯގާވެރިކަން ފެނިފައެވެ.

“މީރާ، ހުއްޓާލަބަލަ… ތިވަރަށް ރޯވަރުގެ ކަމެއް އަދި ނުވެޔޭ” މީރާގެ މޫނު ފޮހެދެމުން ނަދީމާ ބުންޏެވެ.

“ސޮރީ ތާނީ މަންމާ… ޔަމާންއާ ދިމާއަށް އެގޮތަށް އެއްޗެހި ކިޔުނީތީ…” މީރާ މާފަށް އެދުނެވެ.

“އިހަށް ހުއްޓާލަބަލަ، މޫނު ފޮހެލާ. ދެން މަންމަ މި ދައްކާ ވާހަކަ އަޑު އަހާބަލަ” މީރާ ހުއްޓާލުމުން ނަދީމާ ބުންޏެވެ.

ނަދީމާ ދައްކަން އުޅެނީ ކޮން ވާހަކައެއް ބާއޭ ހިތަށް އެރުމުން މީރާ ތާނިޔާއަށް ބަލާލިއެވެ. ހަމަ އެކަނި ބޯ ޖަހާލާފައި ތާނިޔާ މީރާގެ އަނެއް ފަރާތުގައި އިށީނެވެ.

“މީރާ، ޔަމާން ބުނި އެއްޗެއް މީރާއަށް މާނަ ތިކުރެވުނީ ރަނގަޅަކަށް ނޫން، މަންމައަށް ހީވަނީ ޔަމާން ބުނި ގޮތުންހެން މީރާއަށް ތިހެން ހީވީ، ވެދާނެ އެހެން ވެސް… އެކަމަކު ޔަމާންއަކީ މީރާއަށް ތި ހީވި ކަހަލަ މީހެއް ނޫން… މީރާއަށް އޭނަ ނޭނގޭތީ ތިހެން ތިވީ…” ނަދީމާ އެވަރަށް ބުނުމުން މީރާއަށް ލަދުން އިސްޖަހާލެވުނީ ޔަމާންއާ މީރާގެ މެދުގައި ވީ ކަންތައް ނަދީމާއަށް އެނގޭކަން އިހުސާސް ވުމުންނެވެ. އެވާހަކަތައް ބުނާނީ ތާނިޔާކަން އެނގޭ އިރުވެސް އެއްޗެއް ނުބުނެ ނަދީމާ ދައްކާ ވާހަކަ އަޑުއަހަން މީރާ އިނެވެ.

“މިރޭ މަންމަ ބޭނުން ވަނީ ދުވަސްތަކެއް ވަންދެން މަންމަ މީރާއަށް ސިއްރު ކޮށްގެން އުޅުނު ކަންތައްތައް މީރާއަށް ކިޔާދޭން، މަންމަ އެކަންޏެއް ނޫން، ޔަމާންވެސް މީރާ ކައިރީ ނުބުނެ ހުރީ… އަދި ތާނީއާ ބައްޕައަށްވެސް އެނގޭނެ… މަންމަ މި ވާހަކަތައް ކިޔާދިނީމަ މީރާއަށް ފަހަރެއްގަ މަންމައާ މެދު ގޯސްކޮށް ހީކުރެވިދާނެ، އެހެން ނަމަ މަންމަ ފުރަތަމަވެސް މާފަށް އެދެން…

މީރާ، މީރާ ރާހިލްއާ އިނުމުގެ މާ ކުރިންވެސް ޔަމާން މީރާ ދެކެ ލޯބިވޭ، ޔަމާން ފުރަތަމަ އައިސް މަންމަމެން ކައިރީ ބުނީ އޭނަ މީރާ ދެކެ ލޯބި ވާކަމާ މީރާއާ އިންނަން ބޭނުން ވާކަން… ޔަމާން މީރާ ކައިރީ ނުބުނެ މަޑުކުރީ މަންމަމެން ކައިރިއަށް އެއްކޮށް ބަދަލުވެފަ ބުނަން ވެގެން، އޭރު ޔަމާން އުޅުނީ އެކީގަ މިކޮޅަށް އަންނަން… އެކަމަކު އޭގެ ކުރިން މީރާ ރާހިލްއާ އިނީ…

މަންމަ އޭގެ މާކުރިންވެސް ދެކޭ ހުވަފެނެއް މީރާގެ ކައިވެނި ޔަމާންއާ ކުރެވުމަކީ… މަންމައަށް އެނގޭ އެއީ ކުށެއްކަން… އެހެންވެ ޔަމާން ކައިރީވެސް ބުނިން މީރާ ދެކެ ލޯބި ވިޔަސް އެއްވެސް ގޮތަކުން ޔަމާންއާ ގުޅެން މީރާއަށް މަޖުބޫރު ނުކުރައްޗޭ، އެހެންވެ މަންމަވެސް އެކަހަލަ ވާހަކައެއް ދުވަހަކުވެސް ނުދައްކާ ހުރީ… މަންމަ އަމިއްލަ ނަފްސަށް ވަޢުދު ވީން އެއްވެސް ގޮތަކަށް މީރާއަށް މަޖުބޫރު ނުކުރަން، މަންމަމެން މީރާ ގެންގުޅުނީތީ އެކަމުގެ ބަދަލެއްގެ ގޮތުން ޔަމާންއާ މީރާ ގުޅޭކަށް މަންމަ ނޭދެން، ޔަމާން ކައިރީވެސް ބުނިން މީރާ ޔަމާންއާ އިންނާނީ ހަމައެކަނި މީރާ ބޭނުން ވަންޏާއޭ، މީރާގެ ކައިވެނި ޔަމާންއާ ކުރެވެން ކިޔަންމެ ބޭނުމަސް ޔަމާން ކައިރީވެސް ދުވަހަކުވެސް މަންމަ މި ވާހަކައެއް ނުބުނަން…

ޔަމާން ދެރަވާނެ ވަރު އެނގޭތީ މީރާގެ ކައިވެނީގެ ވާހަކަވެސް ޔަމާން ކައިރީ ބުނަން މަންމައަށް ނުކެރުނީ، ފަހުން މީރާ ވަރިވިކަން އެނގިގެންވެސް، އަދި މީރާ ބަލިވެ އިންކަން އެނގިގެންވެސް ޔަމާން އެހާ ރުޅިއައީ އެހެންވެ… ކޮންމެ ފަހަރަކު ޔަމާން އެ އަންނަ ރުޅިއަކީ އަސްލުގަ އޭނަ ދެރާވާ ވަރު ފޮރުވަން ވެގެން ދައްކާ ރުޅިއެއް…” އެވަރަށް ބުނެފައި ނަދީމާ މީރާގެ ދެއަތްތިލައިގައި ހިފާލިއެވެ.

“މީރާ، މިވީ ދެއަހަރެއްހާ ދުވަހު މަންމަގެ ޔަމާން ވަރަށް ހިތާމަ ކޮށްފި… އޭނަ ލޯބިވާ އަންހެން ކުއްޖާ އެހެން މީހެއްގެ އަނތްބަކަށްވެ، އެހެން މީހެއްގެ ދަރިންނަށް ބަލިވެ އިންދާ ފެނި އެމަންޒަރުތަކުން އޭނަގެ ހިތަށް ވަރަށް ތަދުވި…

މަންމަ ދެންވެސް މީރާ ނޭދޭ ކަމެއް ކުރާކަށް ނުބުނަން. މިވާހަކަތައްވެސް މިކިޔާދިނީ ހަމައެކަނި ޔަމާންއާ މެދު މީރާއަށް ހީވެފައި އޮތީ ރަނގަޅަށް ނޫންކަން ބުނެދޭން… މީރާއަށް ކުރެވުނު ކުށްހީ ފިލުވާލަން… މަންމަގެ ޔަމާންއަކީ ގޯސް ކުއްޖެއް ނޫން ދަރިފުޅާ، މަންމަ އެދެނީ އެންމެ ކަމެއް… މީރާގެ ހިތް އޭނައަށް ސާފުކޮށްދީ… އޭރުން އެ ނިމުނީ…

މީރާއަކީ ކުރިންވެސް މަންމަގެ ދަރިއެއް… އަދިވެސް ތީ ހަމަ މަންމަގެ ދަރިއެއް… މިކަމެއް މިހެން ވިޔަސް މަންމަގެ ހިތް މީރާއާ މެދު ބަދަލެއް ނުވޭ. އަދި މީރާގެ ހިތްވެސް ބަދަލު ވެގެން ނުވާނެ… ޔަމާން ބޭނުންވާ ގޮތަށް ކަންތައް ކޮށްނުދެވިގެން މީރާ ދެރަ ނުވާތި… އިނގޭ” މީރާގެ މޫނުގައި ދެއަތުން ހިފާލާފައި ނަދީމާ މީރާގެ ނިތްކުރިއަށް ބޮސްދީފައި ތެދުވެގެން ގޮސް ކޮޓަރިން ނިކުތް އިރުވެސް މީރާއަށް އިން ގޮތަށް އިނދެވުނީއެވެ.

ނުނިމޭ

33

28 Comments

 1. Marsha

  October 4, 2016 at 12:29 pm

  ސަލާމް ހުރިހާ ކުދިން… މިބައި ކަމުދާނެ ކަމަށް ހީކުރަން… 24 ބުރާސްފަތި ދުވަހުން ގެނެސްދޭނަން އިންޝާﷲ

 2. Naani

  October 4, 2016 at 12:46 pm

  Story reethi.. ekam maazee dhen maa dhigy.. dhigu dhamma gothah hury.. dialogue thahvx maa dhigu vefa.. engey evx muhimmu bai thakeh kan.. ekam past miharu mi 3vana bai past feshun fahunvx.. dhen kuriyah oeh baigavx neyge past nimeyne kameh.. past kuru kohllafa present genesdhinun edhen

 3. sonaalee

  October 4, 2016 at 12:51 pm

  Wow..v nice

 4. RaM

  October 4, 2016 at 12:58 pm

  V salhi maazee nimunytha? ?

 5. RaM

  October 4, 2016 at 12:58 pm

  V salhi maazee nimunytha? ?

 6. RaM

  October 4, 2016 at 12:58 pm

  V salhi maazee nimunytha? ?

 7. RaM

  October 4, 2016 at 12:58 pm

  V salhi maazee nimunytha? ?

 8. RaM

  October 4, 2016 at 12:58 pm

  V salhi maazee nimunytha? ?

 9. RaM

  October 4, 2016 at 12:58 pm

  V salhi maazee nimunytha? ?

 10. Zee

  October 4, 2016 at 1:03 pm

  Varah reethi ???????

 11. Hoooo

  October 4, 2016 at 1:17 pm

  Maazeee maadhigu

 12. xaa

  October 4, 2016 at 1:29 pm

  Eyo maazee eh dhw piss piss

 13. Madhy

  October 4, 2016 at 1:52 pm

  Story v v v salhi

 14. Mishfau

  October 4, 2016 at 1:58 pm

  Alheyy rovijje. Varah reethi. Waiting for the next part. ??

 15. shooty

  October 4, 2016 at 2:16 pm

  mi part ves varh salhi. thankyou for your hard work..

 16. ken?

  October 4, 2016 at 3:37 pm

  next part maazee n manaal accident v goi kuru gothakah nimmaalaafa present genesdhey…mihaaru past ge mihimmu baithah himenijje except manaal’s accident…

 17. Depika

  October 4, 2016 at 3:38 pm

  Mivahaka mihar v fooohi beykaaru meehun laigen vaahaka dhigu kuranythi hus yamaan ulhey vahakaeh tha mi huttalan v nu thivarun

 18. Depika

  October 4, 2016 at 3:40 pm

  Past dhigu v ma kiyaahitheh nuvane dhen mathi mathin balaalany komme kujjakuves

 19. hmm

  October 4, 2016 at 3:54 pm

  v borin…nthn important…nothin new…

 20. Aish

  October 4, 2016 at 5:12 pm

  Past dhigas hama vvvvbb reethi

 21. Faathun

  October 4, 2016 at 6:43 pm

  Past maa dhigee dhw.. bt raahil should get meera..

 22. hamnee

  October 4, 2016 at 7:42 pm

  haadha reehchey marsha… waiting for next part <3

 23. ninaa

  October 4, 2016 at 9:51 pm

  alhe haadha dhigu past ekey dho .ingey past igigen kan hurihaa kameh ingeynee ekam mihaa dhigu nukuriyas ragalhuvaane kaneyge . adhi thursdayga ves past .v foohi .kurin v reethi vaahaka eh mee abadhu up vey tho balabalaa hunanee ves .mihaaru eha reecheh noon vaahaka dhaagoi .

 24. Aisha

  October 5, 2016 at 12:14 am

  thi yamaange kanthah haadha boduvehjey dw mulhi vaahakaiga yamaan ?

 25. Khajja

  October 5, 2016 at 2:21 am

  Wow interestin n waitin

 26. maa

  October 5, 2016 at 7:36 am

  Vvvv nice and interesting…. past dhigas ok. Hama nice…

 27. Marsha

  October 5, 2016 at 9:18 pm

  Thnx all… hehe… foohi vee dho… but dhen anna baiga past nimeyne… kurin yamaan dheke kudhin like vefa mihaaru hyvany raahil aa hen like vany… le5s c dho… 24 maadhan before noon upkohdheveytho try kuraanan.. thnx again

 28. Mariyam

  October 6, 2016 at 1:23 pm

  It is very nice story I love this one. Keep it up. ❤️❤️??

Comments are closed.