ނޭނގޭހެ ހާދަ ލޯބިވޭ 24
މީރާގެ މޫނުގައި ދެއަތުން ހިފާލާފައި ނަދީމާ މީރާގެ ނިތްކުރިއަށް ބޮސްދީފައި ތެދުވެގެން ގޮސް ކޮޓަރިން ނިކުތް އިރުވެސް މީރާއަށް އިން ގޮތަށް އިނދެވުނީއެވެ.
އެހާ ދުވަސް ވީއިރު އެވަރުގެ ކަމެއް މީރާއަށް ނޭނގުނީ ކީއްވެ ހެއްޔެވެ؟ އެ ހުރިހާ ދުވަހު ޔަމާންގެ އިޝާރާތަކަށް ބަލަބަލާ ސިއްރުސިއްރުން ޔަމާންއަށް ބަލަބަލާ ޔަމާންގެ ފަރާތުން ކޮންމެވެސް އިޝާރާތެއްގެ އިންތިޒާރުގައި ހުރިއިރު އެއްވެސް ކަމެއް މީރާއަށް ނުފެނުނީ ކީއްވެ ހެއްޔެވެ؟
އެނގޭނީވެސް ކިހިނެއް ހެއްޔެވެ؟ އެންމެން ވެގެން މީރާއަށް ސިއްރު ކުރީއެވެ. އެކަކުވެސް ނުބުނީއެވެ. ތާނިޔާވެސް… ތާނިޔާ މަތިން ހަނދާން ވުމުން މީރާ އެނބުރި ތާނިޔާގެ އަތުގައި ބާރަށް ވިކައިގަތެވެ.
“އައޫ… މީރާ…!” އަތުގައި ފިރުމަމުން ތާނިޔާއަށް ބުނެވުނެވެ.
“ކޮން އައޫއެއް ކިޔާކަށް؟ ކީއްވެ ނުބުނީ؟” ތާނިޔާއާ ދިމާއަށް ލޯއަޅާލަމުން މީރާ އެހިއެވެ.
“ސޮރީ…” ދެއަތުން ދެކަންފަތު ފޫޅުގައި ހިފާލަމުން ތާނިޔާ މާފަށް އެދުނީ އެ ސިއްރު ރަހުމަތްތެރިޔާއަށް ސިއްރު ކުރެވުމުންނެވެ.
“ކީއްވެ ނުބުނީ ތާނީ؟ އަހަންނަށް އެނގުނު ނަމަ… އަހަންނާ ހެދި ޔަމާންއަށް ކިހާ ހަރޓް ވެއްޖެ؟ އަދި ކިހާ ގޯސްކޮށް ޔަމާންއާ މެދު އަހަރެން މި ދެކުނީ؟ އަހަންނަށް އެނގުނު ނަމަ އެކަހަލަ އެއްޗެއް އަހަރެން ނުބުނާނަން ޔަމާންއާ ދިމާއަކަށް… އޯހ… ތާނީ… އަހަރެން ހާދަ ގޯހޭ… ޔަމާން އެ ދިޔައީ ވަރަށް ދެރަ ވެގެން… އެހާ ރުޅިވެސް އައިސްގެން” މީރާއަށް ދެއަތުން ބޮލުގައި ހިފާލެވުނެވެ.
“ދޮންބެ ބުނީ ނުބުނާށޭ، އަމިއްލައަށް ބުނަން ވެގެން…” ތާނިޔާ ކަންފަތުން ދޫކޮށްލާފައި އަނެއްކާވެސް މީރާ ވިކާލި ތަނުގައި ފިރުމާލިއެވެ.
“އެހެންވެތަ ފުރަތަމަ ތާނީ ރާހިލްއާ އެހާ ލައިކް ނުވީ؟” މީރާ ކުރީގެ ހަނދާން ކުރަމުން އަހާލިއެވެ.
ތާނިޔާ ބޯޖަހާލިއެވެ.
“އަޅެ ތާނީ… ބުނި ނަމަ… އެނގޭތަ ތާނީއަށް… އަހަރެން… އަހަރެން ކުރިން ޔަމާންއާ—”
“ލައިކް ވާކަން؟ އާނ، އެނގޭ” މީރާ ބުނަން އުޅުނު ޖުމްލަ ތާނިޔާ ފުރިހަމަ ކޮށްލިއެވެ.
“އެނގެޔޭ؟ ކިހިނެއް އެނގުނީ؟” މީރާއަށް އަހާލެވުނެވެ.
“އައި ގެސްޑް… އަހަންނަށް ފާހަގަ ކުރެވުނު ދޮންބެ އައީމަ މީރާ އަބަދު ދޮންބެއަށް ބަލާކަން، ދޮންބެ ސަމާސާކޮށްލާ އިރަށް މީރާ ރަކިވާ ގޮތް… ދޮންބެގެ ކަންތައް ކޮށްދޭ އިރު މީރާ ވަރަށް ބަލައިގެން ރީއްޗަށް ކުރާނީ… ދޮންބެ އަހަރެން ކައިރީ މީރާ ދެކެ ލޯބިވާ ވާހަކަ ބުނި ދުވަހު އަހަރެން ބުނީމޭ ދޮންބެ ކައިރީ… މީރާ، ހީ ވޯޒް ސޯ ހެޕީ…” ތާނިޔާ ބުންޏެވެ.
“ހިތަށް އަރާ ޔަމާން އަދި ނުގޮސް ހުރި ނަމައޭ…” ވިސްނަން އިނދެފައި މިރާ ބުނެލި އިރު ހަނދާނަށް އައީ އޭގެ ދެރޭ ކުރިން މީރާއާ ޔަމާންގެ މެދުގައި ހިނގި ކަންތަކެވެ. އެ ހަނދާނާއެކު މީރާގެ މޫނު ރަތްވެގެން ދިޔައެވެ.
ކުރީގެ އެތައް ހަނދާނެއް މީރާގެ ހިތުގައި އާވަމުން ދިޔައެވެ. ސިއްރިސިއްރުން މީރާ ޔަމާންއަށް ބަލަން ހުންނަ ގޮތެވެ. ފުރަން ދިޔުމުގެ ކުރިން ޔަމާން މީރާއާ ސަލާން ކޮށްލުމުން އެބީހުމާއެކު މީރާގެ ހިތުގެ ވިންދު އަވަސްވެގެން ދާ ގޮތެވެ. ރޭގަނޑު ނުނިދިފައި ޔަމާންގެ އެކިއެކި ކަންތައް ހަނދާން ކުރަމުން ދާއިރު ހިތަށް ސިފަވާ މަންޒަރުތަކެވެ. ފިރިހެން ކުއްޖަކާ މެދު މީރާގެ ހިތުގައި ފުރަތަމަ އެފަދަ ޚިޔާލުތަކެއް އުފެދުނު މީހަކީ ޔަމާންއެވެ. އެހިތުގެ ވިންދަށް ފުރަތަމަ ބަދަލެއް ގެނުވި ފަރާތަކީ ޔަމާންއެވެ. ލޯ މަރާލުމާއެކު ސިފަވާ އެކިއެކި މަންޒަރުތަކުން އަމިއްލައަށްވެސް ލަދުގަންނަނީ އެމަންޒަރުތަކުގައި މީރާއާ އެކު ޔަމާންވާތީއެވެ. އެފަދަ މަންޒަރުތަކެއް ފުރަތަމަ މީރާއަށް ސިފަވީ ޔަމާންގެ ސަބަބުންނެވެ.
“މީރާ…” ޚިޔާލުތަކަށް ގެއްލިފައި އިން މީރާ، ތާނިޔާ ގޮވާލުމުން ސިހިފައި ބަލާލިއެވެ.
“ދޮންބެ ނުގޮސް ހުރި ނަމަ ކީކޭ؟ ކިހިނެއް ހަދާނީ މީރާ؟” ތާނިޔާ އަހާލިއެވެ.
“ނުބުނާނަން… ދޭ ދެން ކޮޓަރިއަށް، ޝިހާދް އޮންނާނެ އޭނަގެ ރަޖާގަނޑު ނައިސްގެން ނުނިދިފަ” ތާނިޔާގެ ބުރަތަށިގައި އަތް އަޅާ ކޮއްޕާލަމުން މީރާ ސަމާސާ ކޮށްލިއެވެ.
އޭގެ ފަހުން މީރާ ޔަމާންއަށް ގުޅަން މަސައްކަތް ކުރި ނަމަވެސް އެކަން ވީ ބޭކާރެވެ. މީރާ ދެކެ އައިސްފައި ހުރި ރުޅީގައި ޔަމާން މީރާއާ ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. ހަފްތާއެއް ވަންދެން މީރާ މަސައްކަތް ކުރުމުންވެސް ޔަމާން ފޯނެއް ނުނެގިއެވެ. މީރާ ކުރާ މެސެޖަކަށް ޖަވާބެއްވެސް ނުދެއެވެ. އެންމެ ފަހުން މީރާވެސް ރުޅިއައިސްގެން ޔަމާންއަށް ގުޅުން ހުއްޓާލިއެވެ. ދެމީހުންވެސް ގޮތް ދޫނުކުރަންވެގެން ތިބީއެވެ. ގޭމީހުން ބުނެގެންވެސް އެކަކުވެސް އަނެކަކާ ވާހަކަ ދައްކާކަށް އެއްބަހެއް ނުވިއެވެ. ޔަމާން އައިސްފައި ހުރި ރުޅީގައި އަހަރެއް ވަންދެން އިންޑިޔާއަށްވެސް ނާދެއެވެ. އެކަމާ ދެރަވެގެން ނަދީމާ އުޅެން ފެށުމުން ޔަމާން އެންމެން މެލޭޝިޔާއަށް ގެންދިޔައެވެ. އެފަހަރު މީރާވެސް ގެންދަން ނަދީމާ އުޅުމުން މީރާ ދެކޮޅު ހެދިއެވެ. އެންމެން އާދޭސް ކޮށްގެންވެސް މީރާ ދާން އެއްބަސް ނުވުމުން އެންމެ ފަހުން މީރާއާ ދެކުދިން އެކަނި ބައިތިއްބާފައި ނަދީމާމެން ދިޔައެވެ. އޭގެ ފަހުން ދެފަހަރު އެމީހުން ޔަމާން ކައިރިއަށް ދިޔައިރުވެސް މީރާ ނުދިޔައެވެ.
އިންޑިޔާއަށް ނުދިޔަ ނަމަވެސް ޔަމާން ފޯނުންނާ ސްކައިޕް އިން މަނާލްއާ މަލާކްއާ ވާހަކަ ދައްކައެވެ. ކުދިންގެ ހާލު ބަލާ އެކި ކަހަލަ ހަދިޔާ ފޮނުވާ ހަދައެވެ. ދެކުދިން ދެކެލަން ކިތަންމެ ބޭނުންވި ނަމަވެސް މީރާ ދެކެ އައިސްފައި ހުރި ރުޅީގައި ޔަމާން އެކުދިންނާ ދުރުގައި ހުރީއެވެ. ޔަމާން ކުދިންނާ އެގޮތަށް ވާހަކަ ދައްކާކަން މީރާއަށް އެނގެއެވެ. ޔަމާން ދެކެ ރުޅިއައިސްފައި ހުރި ނަމަވެސް މީރާ އެކަން މަނައެއް ނުކުރެއެވެ.
މީރާއާ ޔަމާންގެ މެދުގައި މައްސަލަ ޖެހުނު ފަހުން ދެއަހަރު ވީ ތަނާ ޔަމާން ނައިސްގެން ނަދީމާ ޝަކުވާ ކުރަން ފެށުމުން އަނެއްކާވެސް މެލޭޝިޔާއަށް އައުމަށް ޔަމާން އެދުނެވެ. ނަމަވެސް އެފަހަރު ނަދީމާ ދެކޮޅު ހެދިއެވެ. މީރާއާ ޔަމާންގެ މެދުގައި ކަންތައް ކޮންމެ ގޮތަކަށް އޮތް ނަމަވެސް މަންމަމެންނާ މެދު ޔަމާން އެހެން ކަންތައް ކޮށްގެން ނުވާނެ ކަމަށް ބުނެ ނަދީމާ ރުޔެވެ. އެންމެ ފަހުން ގޮތް ދޫކޮށްފައި އަންނަން ޖެހުނީ ޔަމާންއަށެވެ. އެފަހަރު ޔަމާން އިންޑިޔާއަށް އައީ ދެއަހަރާ ހަ މަހަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.
ޔަމާން މީރާއާ މެދު ދެކޭ ގޮތް ރިޔާންއަށް އެނގުނީ އެފަހަރުއެވެ. ޔަމާން ނައިސްގެން ނަދީމާ ރޮއެފައި ވާހަކަ ދައްކަމުން ދިޔައިރު މީރާއާ ޔަމާންގެ ނަން އެކީގައި އައުމުން ވާނުވާ ނޭނގިފައި ހުރި ރިޔާންއަށް ހުރިހާ އެއްޗެއް ކިޔާދިނީ ތާނިޔާއެވެ.
ޔަމާން އައި ކަން އެނގުމާއެކު މީރާ ކޮޓަރިއަށް ދިޔައެވެ. އެންމެން އެކީ ކެއި އިރުވެސް މީރާ ތިރިއަކަށް ނުފައިބައެވެ. ކައި ނިމިގެން މަންމައާ ބައްޕަ ކައިރީ ވާހަކަ ދައްކަން އިނދެފައި އެމީހުން ނިދަން ދިޔުމުން ތާނިޔާ އެދުނީ އެންމެން ޓެރެސްއަށް ދިޔުމަށެވެ.
އެކި ވާހަކައިގައި ތިބި އިރު މީރާގެ ވާހަކަ އަހާލަން ބޭނުން ވި ނަމަވެސް ޔަމާން އެކަހަލަ އެއްޗެއް ނުބުނެއެވެ. އިރުއިރުކޮޅާ ޓެރެސްއަށް ނިކުމެވެން ހުރި ދޮރާ ދިމާއަށް ޔަމާން ބަލާކަން އެންމެންނަށްވެސް ފާހަގަ ކުރެވުނެވެ.
“މީރާއެއް ނާންނާނެ ދޮންބޭ” އެންމެ ފަހުން ތާނިޔާއަށް އެއްޗެއް ނުބުނެ ނީނދެވުނެވެ.
“ދޮންބެ ދާންވީނު މީރާއާ ވާހަކަ ދައްކަން؟” ރިޔާން ބުންޏެވެ.
“ތެދެއް؟ ކިހާ ދުވަހެއް ވަންދެން މީރާ އުޅުނު ދޮންބެއާ ގުޅަން؟ އެކަމު ދޮންބެއެއްނު އޭނަ ޓްރައި ކޮށްކޮށްވެސް އޭނައަށް އެޕޮލޮޖައިޒް ކުރަން ޗާންސެއް ނުދިނީ؟ ސޯ މޭބީ ޔޫ ޝުޑް…” ތާނިޔާ ބުންޏެވެ.
“ދޮންތަ އެބުނީ ރަނގަޅަށް، އެހާ ދުވަސް ވަންދެން ލޯބި ވި އިރު ދޮންބެއަށް ނޭނގުނު އެކަމަށް ފައިޓް ކުރާކަށް، ދެންވެސް ޗާންސް އޮއްވާ ޓްރައި ކޮށްބަލަ… ކުރިން އަހަންނަށް އެނގުނު ނަމަ ދޮންބެއަށް މިހާރު ކާމިޔާބު ކޮށްދީފީމުސް” ރިޔާން ބުނެލިއެވެ.
“ޝަޓްއަޕް ރިޔާން!” ޔަމާން ބުންޏެވެ.
“އަހަންނަށްވެސް ހީވަނީ ތާނީއާ ރިޔާން އެބުނަނީ ރަނގަޅަށް ހެން… ދޮންބެ ދޭބަލަ މީރާއާ ވާހަކަ ދައްކަން” ޝިހާދްވެސް ތާނިޔާއާ ރިޔާންއާ އެއްބައި ވަމުން ބުނެލިއެވެ.
އެންމެން ކިޔަން ފެށުމުން ޔަމާން އެއްބަސްވިއެވެ.
ދޮރުގައި ޓަކި ޖަހާލި އަޑު އިވުމުން ކިޔަން އިން ފޮތް ދުރުކޮށްލާފައި މީރާ ބަލާލިއެވެ. ކާކުހޭ އެހުމުން ޖަވާބެއް ނުދިނުމުން އެއީ ރިޔާން ކުރާ އުނދަގުލެކޭ ހިތަށް އަރާފައި މީރާ ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީ ހުރި ޔަމާން ފެނުމުން މީރާއަށް ބަލަން ހުރެވުނީއެވެ.
“އެކުދިން ނުފެންނާތީ ބަލާލަން މިއައީ… ވަދެވިދާނެތަ؟” ޔަމާން އަހާލިއެވެ. މީރާ އެއްޗެއް ނުބުނެ އެއްފަރާތަކަށް ޖެހިލުމުން ޔަމާން ވަދެ އެނދުގައި އިށީނދެފައި ދެކުދިން ގައިގައި ފިރުމާލިއެވެ. އިރުކޮޅަކު އެހެން އިނދެފައި ޔަމާން މީރާގެ އެނދުގައި އޮށޯތެވެ.
ހައިރާންވެފައި މީރާއަށް ޔަމާންއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ ޔަމާން ކުރަން އުޅޭ ކަމެއް ނުވިސްނިފައެވެ.
“އޭރު އެހާ ވަރަށް ގުޅީ ކޮން ވާހަކައެއް ދައްކަން؟ މިހާރު އަޑު އަހަން ތައްޔާރަށް މިހިރީ… ދެން ކިޔާބަލަ” މީރާއަށް ބަލަން އޮވެ ޔަމާން ބުނެލިއެވެ.
“ދެއަހަރު ފަހުންތަ އަހަރެން އެއްޗެއް ބުނަން އުޅޭކަން ޔަމާންއަށް ވިސްނުނީ؟” މީރާ އަހާލިއެވެ.
“އަނެއްކާވެސް ރުޅި އައިސްގެން އެއްޗެހިތަ ކިޔާނީ؟” ޔަމާންވެސް ކޮށްލީ ސުވާލެކެވެ.
“އަހަރެން ގުޅީ އެއްޗެހި ކިޔާކަށް ނޫނޭ” މީރާ ބުންޏެވެ.
“ދެން…؟” އެނދުން ތެދުވެފައި ޔަމާން އަހާލިއެވެ.
“ކީއްވެތަ ޔަމާން ނުބުނީ؟ އެންމެންނަށް އެނގުނު އިރުވެސް އަހަންނަކަށް ނޭނގޭ… އަހަންނަށް ރާހިލް ނުވެސް ފެންނަނީސް ޔަމާން އަހަރެން ދެކެ ލޯބި ވެއްޖެ… ދެން ކީއްވެތަ ޔަމާންއަށް ނުބުނެވުނީ؟ ކުރިން އަހަންނަށް އެނގުނު ނަމަ އަހަރެން އެގޮތަށް ޔަމާންއާ ދިމާއަށް އެއްޗެއްސެއް ނުކިޔާނެއެއްނު؟ ޔަމާންއާ ބެހޭ ގޮތުން އެހާ ގޯސްކޮށް އަހަރެން ނުވިސްނާނެއެއްނު؟ އެހެން މީހުން ލޯބި ވީމަ އެކަން ފާޅު ކުރަނީ… ޔަމާން ކީއްވެތަ ސިއްރު ކޮށްގެން ހުރީ؟” މީރާ ޔަމާންގެ ކުރިމަތީ ހުއްޓިފައި ވާހަކަ ދައްކަމުން ދިޔައެވެ.
“ކޮން އިރަކު މީރާއަށް އެނގުނީ؟” ޔަމާންއަށް އަހާލެވުނެވެ.
“އެރޭ ޔަމާން ދިޔައީމަ މަންމަ އައިސް ބުނީ” މީރާ ޖަވާބުދިނެވެ.
“ކިހިނެއް ބުނާނީ މީރާ؟ ޔޫ ލަވްޑް ސަމްވަން އެލްސް… އަހަންނަށް ނުބުނެވި އުޅެނިކޮށް މީރާ އެހެން މީހެއްގެ ހައްގަކަށް ވެ ނިމިއްޖެ” ޔަމާން ބުންޏެވެ.
“ދެން ފަހުން…؟”
“އަހަރެން ބުނީމަ މީރާއަށް ހީވީ އެހެން ގޮތަކަށްނު؟ މީރާ ހީކުރީ އަހަންނަކީވެސް ރާހިލް ކަހަލަ މީހެއް ކަމަށް… މީރާއަކަށް ނޭނގޭނެ އަހަރެން ދެރަވި ވަރެއް… އައި ލަވް ޔޫ… އައި ނީޑް ޔޫ… އެކަމަކު މެރީކޮށްގެން ނޫނީ މީރާ ބޭނުން ނުވާ ގޮތަކަށް އަހަރެން މީރާ ގައިގަ އަތްވެސް ނުލާނަން އަހަންނެއް، އަހަރެންގެ ހިތުގަ އެކަހަލަ އެއްޗެއް އޮވެގެންނެއް ނޫން މީރާ ކައިރީ ލޯބިވާ ވާހަކަ ބުނީކީ” ޔަމާން ބުންޏެވެ.
“ދެން އެހެން ވިއްޔާ ހިނގާ މެރީ ކުރަން” މީރާ ބުނެލިއެވެ.
ގަބޫލު ނުކުރެވިފައި ޔަމާން މީރާގެ މޫނަށް ބަލަން އިރުކޮޅަކު ހުރެފައި ގޮސް މީރާ ގައިގައި ބައްދާލިއެވެ. އިތުރު ބަސްތަކަކާ ނުލާ ދެމީހުންނަށްވެސް އެކަކު އަނެކަކު ބުނަން ބޭނުންވާ އެއްޗެއް އެނގުނު ކަހަލައެވެ.
އެރޭ ފަތިސް ވަންދެން ދެމީހުން ވާހަކަ ދައްކަން ތިއްބެވެ. އެކަކުވެސް އެދެމީހުންނަށް އުނދަގުލެއް ނުކުރެއެވެ. ދައްކަން ބޭނުން ވި ހުރިހާ ވާހަކައެއް ދައްކާ އެކަކު އަނެކަކަށް އެއްވެސް ސިއްރެއް ނުބާއްވާ ހުރިހާ ވާހަކައެއް ހިއްސާކުރިއެވެ. އެންމެ ފަހުން އަނެއް ދުވަހަށް އިރު އެރީ ދެމީހުން އޮތީ ހުރިހާ ކަމެއްވެސް ނިންމާފައެވެ.
ޔަމާން އެދުނީ ކިޔެވުން ހުއްޓާލި ހިސާބުން މީރާ އަލުން ކިޔަވަން ފަށާށެވެ. ކައިވެނި ކުރަން ނިންމުނީ ތިން އަހަރު ފަހުން މީރާ ކިޔަވާ ނިމުމުންނެވެ. ހެނދުނު ހެނދުނާ ގޭ އެހެން މީހުންނަށް އެ ޚަބަރު ދިނުމުން އެންމެންވެސް ވަރަށް އުފާ ވިއެވެ. އަހަރުތަކެއް ފަހުން ނަދީމާގެ ހުވަފެން ސީދާވާން އުޅޭކަން އެނގުމުން ނަދީމާ ވީ އުފަލުގެ ކޮޅެއް ނެތް ފަދައެވެ.
އޭގެ ފަހުން ޔަމާން އަނެއްކާވެސް މަހަކު އެއްފަހަރު އިންޑިޔާއަށް އަންނަން ފެށިއެވެ. ހުރިހާ ކަމެއްވެސް ހަމަޖެހިގެން ދިޔައެވެ. އޭގެ ދުވަސްކޮޅެއް ފަހުން ތާނިޔާ ބަނޑުބޮޑުކަން އެނގުނެވެ. ގޭތެރޭގެ އުފާވެރިކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. ނަމަވެސް ބަލިވެ އިނުމާ ގުޅިގެން ތާނިޔާ ވަރަށް ބަލިވިއެވެ. ތިންމަސް ވަންދެން ތާނިޔާ ބަލިވެ އުޅުމުން މީރާވެސް ހުރީ ބާޒާރަށްވެސް ނުދެވިފައެވެ. އަބަދުވެސް ބާޒާރަށް ދަނީ ދެމީހުން އެކީގައި ކަމަށް ވުމުން ތާނިޔާއާ ނުލާ ބޭރަށް ދާން ބޭނުން ނުވެފައި މީރާ ހުރީއެވެ. ތާނިޔާއަށް ބޭރަށް ގޮސްލެވޭ ވަރު ވީ އިރު މީރާ ހުރީ ކުދިންނަށާ މީރާއަށްވެސް ހެދުމާ އެހެންވެސް ސާމާނު ގަންނަން ބޭނުންވެފައެވެ.
އެއީ ރިޔާންވެސް ޗުއްޓީއެއްގައި އައިސް ހުރި ދުވަސްކޮޅެއް ކަމުން މީރާއާ ތާނިޔާ، މަނާލްއާ މަލާކް ގޮވައިގެން ދިޔައިރު އެމީހުންނާ އެކު ރިޔާންވެސް ދިޔައެވެ. ޓެކްސީތެރޭގައި މަނާލްއާ މަލާކް ތޮޅެން ފެށުމުން މީރާ ދެކުދިން އަތަށް ކުޅޭއެއްޗެހި ދިނެވެ. ނަމަވެސް އަބަދުވެސް ހަލަނިކޮށް އުޅޭ މަނާލް ބޮޑާ ހާކާފައި މަލާކް އަތުގައި އޮތް ކުޅޭއެތި ބޭނުން ވެގެން ރޯން ފެށުމުން މީރާ ތާނިޔާ އަތަށް މަލާކް ދީފައި މަނާލް ހުއްޓުވަން އުޅުނެވެ. ދާންވީ ހިސާބަށް އާދެވުނު އިރުވެސް މަނާލް ރުއިމެއް ނުހުއްޓެއެވެ. ޓެކްސީއިން ފައިބަން އުޅެނިކޮށް މަނާލް އަތުގައި އަޅުވާފައި ހުރި ތަނޑިތައް ބާލާފައި ޓެކްސީ ތެރެއަށް އުކާލިއެވެ. ތާނިޔާއާ ރިޔާން ކައިރީ މަލާކް ގޮވައިގެން ފޭބުމަށް ބުނެފައި މީރާ ތަނޑިތައް ނަގަން އުޅުނެވެ. މަލާކްމެން ފޭބުމުން މަނާލްވެސް ކާރުން ފައިބަން އުޅުނެވެ. ނަމަވެސް މަނާލްގެ ބޮޑާ ހޭކުމާހެދި ނުރުހުން ވެފައި އިން މީރާ މަނާލް ދިޔަނުދީ ކައިރީގައި ބައިންދައިގެން ތަނޑިތައް ނަގަން ފެށީ ތާނިޔާއަށް ދެކުދިން ނުހިފެހެއްޓޭނެތީއެވެ.
ބާރު އަޑެއް އިވިގެން ދިޔުމާއެކު ސިހިފައި މީރާއަށް ބަލާލެވުނެވެ. ރޯން އިން މަނާލްވެސް ބިރުން ރުއިން ހުއްޓާލިއެވެ. ބިއްލޫރިގަނޑުން ބޭރު ބަލާލުމާއެކު މީރާއަށް ލޯބޮޑުކޮށްލެވުނީ ފެނުނު މަންޒަރުންނެވެ. އެކާރާ ދިމާއަށް ބާރު ސްޕީޑްގައި އައި ބޮޑު ޓްރަކް އޭގައި ޖެހުނު އިރު މީރާއަށް މަނާލްގެ ތުއްތު ހަށިގަނޑު އަތުތެރެއަށް ލެވުނީ ކިރިޔާއެވެ.
ހޭލެވުމާއެކު މީރާއަށް ބޮލުގައި އަތް ޖައްސާލެވުނީ ބޮލަށް ބަރުވެފައި ހުރި ވަރުންނެވެ. ދެފަރާތަށް ބަލާލެވުމުން އޮވެވުނީ ހޮސްޕިޓަލެއްގައި ކަން އެނގުނެވެ. އެއާއެކު ކުއްލިއަކަށް ވީ ގޮތް މީރާ ހަނދާން ވިއެވެ.
“މަނާލް…” މަނާލްއަށް ގޮވާލަމުން މީރާ ތެދުވިއެވެ. ނަމަވެސް ތެދުވުމާއެކު މޫނުމައްޗަށް އަނދިރި ވެގެން ދިޔައެވެ.
“މީރާ، އިހަށް އޮށޯވެބަލަ…” މީރާ ގައިގައި ހިފަހައްޓާލަމުން ނަދީމާ ބުނި އަޑު އިވުނެވެ.
“ތާނީ މަންމާ… ކޮބާ މަނާލް؟ އޭރު… އޭރު ކިހިނެއްތަ ވީ؟” މީރާއަށް އަހާލެވުނެވެ.
“އިހަށް އޮށޯވެބަލަ… ޑޮކްޓަރ އެބަ އާދޭ މިހާރު” ތެދުވަން އުޅުނު މީރާ އެނދުގައި ބާއްވަން މަސައްކަތް ކުރަމުން ނަދީމާ ބުންޏެވެ.
“އިހަށް ބުނެބަލަ މަންމާ، މަނާލް ކޮބާތަ؟ ކޮބާ މަލާކް؟ ތާނީމެން ކޮބާ؟” މީރާ އަނެއްކާވެސް ވީ ގޮތް ހަނދާން ވުމުން އަހާލިއެވެ.
“މަލާކް އެބައިން ބޭރުގަ، ތާނީއާ ރިޔާންއާ ޝިހާދް އެބަތިބި މަލާ ކައިރީގަ. މީރާ ދެން ތެދުވަން ނޫޅެ އިހަށް އޮށޯވެލާ އިނގޭ” ނަދީމާ ބުންޏެވެ.
“މަނާލް ކޮންތާކު ވީ؟” ނަދީމާ މަނާލްގެ ވާހަކަ ނުބުނުމުން މީރާ އެހިއެވެ.
“މަޑުކޮށްލާ އިނގޭ… ބައްޕަ މިހާރު އެބަ އާދޭ ޑޮކްޓަރާ އެކީ” މަނާލްގެ ވާހަކަ މީރާ އަހަމުން ދިޔައިރުވެސް ނަދީމާ މަނާލްއާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުނާތީ މީރާ ހާސްވާން ފެށިއެވެ.
“މަންމާ، މަނާލް… މަނާލްއަށް ކޮންމެސް ކަމެއް ވެއްޖެ ދޯ؟ އެހެންވެ ދޯ ޖަވާބެއް ނުދެނީ؟ ބުނެބަލަ… ކޮބާތަ އޭނަ؟ ކޮންތާކުތަ؟ މަންމާ ޕްލީޒް… ބުނެބަލަ…” މީރާ ރޯން ފެށިއެވެ. އަދި ނަދީމާގެ އަތުގައި ހިފާ އާދޭސް ކުރަން ފެށިއެވެ. ނުރޯން ހިތްވަރު ކުރަމުން ދިޔަ ނަދީމާއަށްވެސް އެންމެ ފަހުން ރޮވުނެވެ.
އެކޮޓަރީގެ ދޮރު ހުޅުވާލާފައި ޑޮކްޓަރަކާ އެކު ޝަފީގު ވަދެގެން އައީ އެވަގުތުއެވެ.
“ބައްޕާ… މަނާލް ކޮބާ؟ އަހަރެން މަނާލްއާ މަލާކް ކައިރިއަށް ގެންގޮސްދީ، ހެޔޮ ނުވާނެ، އަހަރެން ބޭނުން އެ ކުދިން ކައިރިއަށް ދާން” ޝަފީގު ފެނުމާއެކު މީރާ ބުންޏެވެ.
ޑޮކްޓަރ އެކޮޓަރިން ނިކުތުމާއެކީ މީރާ އަނެއްކާވެސް ކުދިން ކައިރިއަށް ދާން ބޭނުމޭ ބުނެ ރޯން ފެށިއެވެ. ތާނިޔާމެން މަލާކް ގޮވާއިގެން އެކޮޓަރިއަށް ވަނުމުން މަލާކް ގައިގައި ބައްދައިގެން އޮވެ މީރާ ރުޔެވެ. މަނާލްއަށް ކަމެއް ވެއްޖެ ކަން މީރާއަށް ޔަގީންވީ ތާނިޔާމެން ކައިރީ މަލާކް އެކަނި ހުރުމުންނެވެ.
ގަޑިއެއްހާ އިރު ފަހުން ޑޮކްޓަރުންގެ ހުއްދަ ލިބުމުން ޝަފީގުއާ ނަދީމާ މީރާ ގޮވައިގެން ހޮސްޕިޓަލްގެ އައިސީޔޫއަށް ދިޔައެވެ. ދޮރު ހުޅުވާލާފައި ނަދީމާގެ އެހީގައި ކުރިއަށް ދިޔަ މީރާގެ ލޮލުން ކަރުނަ އަންނަމުން ދިޔައިރު އެތަނުގައި މަނާލް އޮންނާނީ ކޮން ހާލެއްގައި ކަން މީރާއަށް އެނގޭ ކަހަލައެވެ.
“މަނާލް…” މަނާލް އޮތް އެނދު ކައިރިއަށް އާދެވުމާއެކު މީރާއަށް މަޑުމަޑުން ބުނެވުނެވެ. ލޯމަރާލާފައި އަނެއްކާވެސް ލޯ ހުޅުވާ އެ ތުއްތު މޫނަށް ބަލާލީ ފެނުނު މަންޒަރު ބަދަލުވޭތޯ ދުޢާ ކުރަމުންނެވެ. ނަމަވެސް ފެނުނީ ހަމަ އެކައްޗެކެވެ.
އެތުއްތު ކުއްޖާގެ މޫނުގެ އެއްފަރާތަށާ ބޮލަށް ވެފައިވާ އަނިޔާ ފެނިފައި މީރާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. މޫނުގެ ކަނާތް ފަރާތް އެކީ ދުޅަވެފައިވާއިރު އެހިސާބު އެކީ އޮތީ ދަނބު ކުލައާއި ކަޅުކުލައިންނެވެ. ބޮލުގައާއި ނިތްކުރިމަތިން ބޮޑު ބައެއްގައި އަޅާފައި އޮތް ބެންޑޭޖްގަނޑުން ލޭ ފޭދިފައި ހުއްޓެވެ. އެކި ވަރުގެ ހޮޅިތަކާއި ނަރުތައް އެ ކުއްޖާގެ ގައިގެ އެތަން މިތަނަށް ގުޅާފައި ހުއްޓެވެ.
އިރުކޮޅަކު ބަލަން ހުރެފައި މީރާ މަނާލްއާ ކައިރި ވެލާފައި މަޑުމަޑުން މަނާލްގެ އަތުގައި އަތް ޖައްސާލިއެވެ.
“މަނާލް، މަންމަގެ ދޫނީ… ބޭބީ.. ޕްލީޒް، މަންމައަށް ބަލާލަބަލަ، ލޯ ހުޅުވާލަބަލަ… ދޫނީ…” މީރާ ރޮމުން މަނާލްއަށް ގޮވަމުން ދިޔައެވެ. ނަމަވެސް މަނާލް ލޮލެއް ނުހުޅުވިއެވެ. އެކުޑަކުޑަ ހަށިގަނޑަށް ގުޅާފައި ހުރި މެޝިންތަކުން އިވޭ އަޑުތައް ފިޔަވާ މަނާލް ދިރިހުރި ކަމުގެ އެއްވެސް ނިޝާނެއް ނުވިއެވެ.
މަނާލްގެ އަތުގައި ހިފާލައިގެން އިން މީރާގެ އަތާއެކު މުޅި ހަށިގަނޑުން ވާގި ދޫވެގެން ވެއްޓެން ދިޔައެވެ. ޝަފީގު އަވަހަށް މީރާ ހިފެހެއްޓިއެވެ. އަދި ނަރުހެއްގެ އެހީގައި މީރާގެ ކޮޓަރިއަށް ގެންދިޔައެވެ.
މީރާ ބޭނުންވީ އަބަދު މަނާލް ކައިރީ އިންނާށެވެ. ނަދީމާ ބުނާ އެއްޗެއް ގަބޫލެއް ނުކުރެއެވެ. އެންމެ ފަހުން ނަދީމާއަށް މަޖުބޫރު ވީ ތާނިޔާއާ ޝިހާދްއާ އެކީ ގެޔަށް ފޮވުނާވި މަލާކް އަމެއްކާ ހޮސްޕިޓަލަށް ގެންނާށެވެ. މީރާ ކޮޓަރީގައި އިންނަން އެއްބަސްވީ މަލާކް އައުމުންނެވެ.
އެރޭވެސް މަލާކް ނިންދަވާފައި މީރާ އައިސީޔޫއަށް ގޮސް މަނާލް ކައިރީ އިނެވެ. މަނާލްގެ ބޮލުގައި މަޑުމަޑުން ފިރުމަން އިން މީރާއަށް ފިޔަވަޅުތަކެއްގެ އަޑު އިވުމުން އެނބުރި ބަލާލިއެވެ. އެއާއެކު މީރާއަށް ރޮވުނީއެވެ.
“ޔަމާން…” މީރާ ބަލާލުމުން އެދިމާއަށް ބަލާލި ނަދީމާއަށް ޔަމާން ފެނުމުން ގޮވާލިއެވެ.
މީރާއަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ރޮވިފައި ހުރި ނަދީމާގެ ކޮނޑުގައި ހިފާލަމުން ޔަމާން އެތަނުން ނިކުމެ ބޭރުގައި އިން ޝަފީގު ކައިރީ ނަދީމާ ބައިންދާފައި އަނެއްކާވެސް ވަނީ މަނާލް ކައިރިއަށެވެ. މީރާގެ ފަހަތުގައި ހުއްޓުނު ޔަމާންއަށް މަނާލް ފެނުމާއެކު އަނގަމަތީ އަތް އަލާލެވުނެވެ. ޔަމާންގެ ލޮލުން ކަރުނަ އައީ އަމިއްލަ ދަރިއަކު އެހެން އޮއްވާ ފެނުމުން ބައްޕައަކަށް ކުރާނެ އަސަރު އެވަގުތު ޔަމާންގެ ހިތަށް ކުރުމުންނެވެ. މީރާއާ ގުޅިފައިވާ ކޮންމެ އެއްޗެއް ދެކެ ޔަމާން ލޯބި ވެއެވެ. ވީއިރު އެ ލޯބިލޯބި ދެކުދިންނަކީ މީރާގެ ހިތާ ހަށިގަނޑުގެ އެއްބަޔަށް ވީހެން އެއީ ޔަމާންގެ ފުރާނައާވެސް ގުޅިފައިވާ ދެކުދިންނެވެ.
މީރާގެ ދެކޮނޑުގައި ޔަމާން ހިފާލުމުން ވައަތުން މީރާ ޔަމާންގެ އަތަށް ފިތާލިއެވެ. އެއާއެކު ޔަމާންއާ މީރާވެސް ރުއީ މަނާލްއަށް ކަމެއް ވެދާނެތީ އެދެހިތުގައި އޮތް ބިރެއްގެ ސަބަބުންނެވެ. އެކުއްޖާ އޮތް ހާލުން އެދެހިތަށް ކުރަމުން ދިޔަ އަސަރުންނެވެ.
މަނާލް ކައިރީ ހުރި މެޝިންތަކުގެ އަޑުތައް ބަދަލު ވާން ފެށީ ޔަމާންއާ މީރާ އެތާ ތިއްބައެވެ.
“ޔަމާން… ޔަމާން… ކިހިނެއް އެވަނީ؟” ޔަމާންގެ އަތުގައި ހިފާލަމުން މީރާއަށް އަހާލެވުނެވެ.
ޔަމާންއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ދެނަރުހުންނާ ޑޮކްޓަރަކު އައެވެ. ޔަމާން މީރާ ގޮވައިގެން ތަންކޮޅެއް ދުރަށް ޖެހިލިއެވެ.
“ޔަމާން، އަހާބަލަ އެމީހުން ކައިރީ މަގޭ ދަރިފުޅަށް ކިހނެއްހޭ އެވަނީ… ޕްލީޒް… ޕްލީޒް…” މީރާ ބުންޏެވެ. ނަމަވެސް ޔަމާންއަށް އެއްޗެއް ނުބުނެ ހުރެވުނީ މަނާލްގެ އެނދާ ދިމާއަށް ބަލާށެވެ.
ޔަމާން ޖަވާބެއް ނުދިނުމުން މީރާ މަނާލް ކައިރިއަށް ދާން އުޅުނެވެ. އެއާއެކު ޔަމާން މީރާ ހިފެހެއްޓިއެވެ. ނަމަވެސް މީރާ ގަދަ ހަދަމުން ދިޔައީ މަނާލް ކައިރިއަށް ދިޔުމަށެވެ.
އެވަގުތު އިތުރު ޑޮކްޓަރުންނާ ނަރުހުން އެތަނަށް އައެވެ. އެތަނުން ކުއްޖަކު އައިސް އިހަށް ބޭރަށް ނިކުތުމަށް ޔަމާން ކައިރީ ބުނުމުން މަނާލް ނުފެންނަ ހިސާބަކަށް ދާން ބޭނުން ނުވި ނަމަވެސް ނުނިކުންނަން ގަދަހަދަމުން ދިޔަ މީރާގެ އަތުގައި ހިފައިގެން ޔަމާން ނިކުތެވެ. އޭރު ބޭރުގައި ނަދީމާއާ ޝަފީގުއާ މަލާކްގެ އިތުރުން ރިޔާންއާ ތާނިޔާއާ ޝިހާދްވެސް ތިއްބެވެ.
“މަންމާ… މަގޭ ނާލުއަށް ކޮންމެސް ކަމެއް އެބަވޭ… ޔަމާން އަހަރެން ނާލު ކައިރިއަށް ދިޔަކަ ނުދިން… މަންމާ، އަހަރެން ބޭނުން އެތަނަށް ދާން… ޕްލީޒް، އެމީހުން ކައިރީ ބުނެބަލަ އަހަރެން ވައްދާށޭ…” މީރާ ރޮމުން ޔަމާންގެ އަތް ފޮޅުވާލާފައި ގޮސް ނަދީމާ ގައިގައި ބައްދައިގަތެވެ.
“ދަރިފުޅާ، އެމީހުން މަސައްކަތް އެކުރަނީ މަނާލް ރަނގަޅު ވޭތޯއޭ، ދަރިފުޅަށް މަނާލް ކައިރިއަށް ދެވެން ދެން މިތާ އިށީނދެބަލަ، އެމީހުން ގޮވާނެ އިރުކޮޅަކުން، އިހަށް މަލާކް ގޮވައިގެން މިތާ މަޑުކޮށްލާ އިނގޭ” ކުޑަ ކުއްޖަކަށް ނަސޭހަތް ދޭހެން ނަދީމާ ބުންޏެވެ.
އިރުކޮޅަކު ނަދީމާގެ މޫނަށް ބަލަން ހުރެފައި މީރާ ބޯޖަހާލިއެވެ. އަދި ދެއަތުން ލޯ ފޮހެލާފައި މަލާކް އުނގަށް ލައިގެން ތާނިޔާ ކައިރީ އިށީނެވެ.
ބައިގަޑިއެއްހާއިރު ވަންދެން އެމީހުން އެތާ އެތިބި ގޮތަށް ތިބީއެވެ. އެދޮރު ހުޅުވާލާފައި މީހަކު ނިކުންނަ ކޮންމެ ފަހަރަކު ޔަމާން ނޫނީ ޝަފީގު ސިވާލު ކުރެއެވެ. ނަމަވެސް އެދެވޭ ޖަވާބެއް ނުލިބެއެވެ. އެންމެ ފަހުން ދޮރުހުޅުވާލާފައި ޑޮކްޓަރ ނިކުތުމުން ޔަމާންއާ ޝަފީގު އެއްފަހަރާ ގޮސް ޑޮކްޓަރ ކައިރިއަށް ހުއްޓުނެވެ. މަޑުމަޑުން ކޮންމެވެސް ވާހަކައެއް ދައްކަމުން ދިޔައިރު މީރާ އިނީ އެމީހުންނަށް ބަލާށެވެ.
“އައި އެމް ސޮރީ…” މީރާއަށް އަޑު އިވުނީ އެންމެ ފަހުން ޑޮކްޓަރ ބުނެލި އެތިން ބަހެވެ. ލަސްކޮށްފައިވާ މަންޒަރެއް ހެން ޔަމާން ފަހަތަށް ދެތިން ފިޔަވަޅު އަޅާލި ތަން މީރާއަށް ފެނުނެވެ. ޝަފީގު ޔަމާން ގައިގައި ހިފަހައްޓާލިއެވެ. ކައިރީގައި އިން ތާނިޔާ ރޮއެގަންނަމުން ޝިހާދް ގައިގައި ބައްދާލިއެވެ. ލޯމަތިން މަންޒަރު ފުސްވާން ފެށުމާއެކު މީރާގެ މޫނުމައްޗަށް އަނދިރިވިއެވެ. ދުރުން މީރާގެ ނަން ކޮންމެވެސް މީހަކު ބުނެލި އަޑު އިވުނެވެ. ދެން ވީގޮތެއް މީރާއަކަށް ނޭނގެއެވެ.
ދެދުވަސް ފަހެވެ. އެ ދެދުވަސް ތެރޭ ހިނގި ކަންތައްތަކެއް މީރާ މާބޮޑަކަށް ހަނދާނެއް ނެތެވެ. އެންމެ ފަހު ފަހަރަށް ދަރިފުޅުގެ މޫނު ފެނުނު ވަގުތު މީރާ ރުއި އަޑު އަހާފައި ނުރޮވޭ އެކަކުވެސް އެތާކު ނެތެވެ. އެހުރިހާ އިރު މީރާ އެންމެ އިރުކޮޅަކަށްވެސް މަލާކް ގައިން ދޫވެސްކޮށްނުލައެވެ. މަލާކް ނެތްނަމަ އެދުވަހަކީ މީރާވެސް މިދުނިޔެއަށް ފަހު ނޭވާ ލާނެ ދުވަހެވެ.
މަލާކްއަށް ޓަކާ ހިތްވަރު ކުރި ނަމަވެސް މީރާއަކަށް ނުކެވެއެވެ. ރޭގަނޑަކު ނުނިދެއެވެ. ހުވަފެނުގައި އެކަންތައް ފެންނާތީއެވެ. އެންމެ ފަހުން ރޭގަނޑު އެކަނި ކޮޓަރީގައި އޮންނަންވެސް މީރާ ބިރުގަންނަން ފެށިއެވެ. ކައިރީގައި މަލާކް ނެތިއްޔާ މީރާއަށް ރޮވެނީ އެކުއްޖާއަށް ގޮތެއް ވެދާނެތީ ހިތް ބިރުގަންނަ ވަރުންނެވެ.
އެންމެ ފަހުން މީރާ ހަމައަކަށް އެޅުނީ ނަފްސާނީ ޑޮކްޓަރެއްގެ އެހީ ލިބުމުންނެވެ. ތިންމަސް ވަންދެން ޔަމާން އިންޑިޔާގައި ހުރީ މީރާއަށް އެހީ ވުމަށެވެ. އޭގެ ފަހުން ޔަމާން ދިޔައީ މީރާ ރަނގަޅު ވާން ފެށުމުންނެވެ.
އެންމެންގެ އެހީގައި މުޅިން ހަމައަކަށް އެޅި މީރާ ކުރީގެ ދިރުއުޅުމަށް އިޢާދަ ވެވުމުން އަލުން ކިޔަވަން ފެށިއެވެ. ތިން އަހަރު ވީ އިރު މީރާގެ ކިޔެވުން ނިމިއްޖެއެވެ. ޔަމާންވެސް މެލޭޝިޔާގައި ޝަރަފްއާއެކު ކުރަމުން އައި ވިޔަފާރިން ވަކިވާން ނިންމިއެވެ. ތާނިޔާއާ ޝިހާދް މާލެއަށް ބަދަލު ވީ ޝިހާދްގެ މަންމަ މާބޮޑަށް ބަލިވެ އުޅެން ފެށުމުންނެވެ. ނަދީމާއާ ޝާފީގު މަޑު ކުރީ ރިޔާންގެ ކިޔެވުން ނިމެން އަދި އިތުރު ހަތަރުމަސް އޮތުމުން ރިޔާންއާއެކު އައުމަށެވެ. ޔަމާން އައުން ލަސްވީ ވިޔަފާރީގެ ކަންތައް މުޅިން ނުނިމިގެންނެވެ.
އޭރު ތާނިޔާއާ އެކު މީރާވެސް މާލެއަށް އައީ އަހަރު ފެށެންވާ އިރަށް މަލާކް ސްކޫލަށް ވައްދާށެވެ. މާލެއަށް އަލުން ބަދަލުވާން ނިންމާފައިވެސް އަންނަ ދުވަސް ކައިރި ވުމުން މީރާ ވަރަށް ރުޔެވެ. މަނާލްގެ ހުރިހާ ހަނދާނެއް ވީ ފަސްގަނޑާ ވަކިވާން ޖެހުމުންނެވެ. ނަމަވެސް މަލާކްއަށް ޓަކާ މީރާ ހިތަށް ވިސްނައިދިނެވެ. މާލެއަށް ދިރިއުޅުން އަލުން ބަދަލު ކުރީ އަމިއްލަ ދީނާ ގައުމާ އަދި އަމިއްލަ ބަސް މަލާކްއަށް ކިޔަވައިދިނުމަށެވެ.
މީރާއާ ޔަމާންގެ ކައިވެނި ކުރަން ހަމަ ޖެހުނީ އެންމެން މާލެ އައުމުންނެވެ.
*******
ހިމޭންވެފައި އޮތް ސިޓިންގްރޫމްގައި އެކިމީހުން އެކި ހިސާބުގައި ޚިޔާލަށް ގެއްލިފައި ތިއްބެވެ. އެހާދިސާ މަތިން ހަނދާން ކުރަމުން ދިޔައިރު، ލޮލުން ކަރުނަ ނާންނަ އެކަކުވެސް އެތާ ނެތެވެ.
ލޯ ފޮހެލާފައި ޔަމާން މީރާ ކައިރިއަށް ދިޔައެވެ. މީރާ ގައިގައި ބައްދާލައިގެން ހުރެ މީރާއާ އެކު ރޮމުން ދިޔަ ތާނިޔާ، ޔަމާން އައުމުން ދުރަށް ޖެހިލިއެވެ. ޔަމާން ފުރަތަމަ ތާނިޔާގެ ބޮލުގައި ފިރުމާލަމުން ރުއިން ހުއްޓާލުމަށް ބުންޏެވެ. ތާނިޔާ ބޯޖަހާލާފައި ދެއަތުން މޫނު ފޮހެލިއެވެ.
“މީރާ…” މީރާގެ މޫނުގައި ދެއަތުން ހިފާލަމުން ޔަމާން ގޮވާލިއެވެ. ދެއަތުން ލޯ ފޮހެލާފައި މީރާ ޔަމާންއަށް ބަލާލި ނަމަވެސް ލޮލުން އައި ކަރުނައެއް ނުހުއްޓެއެވެ.
“ދެން ނުރޮއެ، ހުއްޓާލާ…” މީރާގެ މޫނު ފޮހެދެމުން ޔަމާން ބުންޏެވެ.
މީރާ ބޯޖަހާލާފައި އަނެއްކާވެސް ލޯ ފޮހެލާފައި ފުން ނޭވައެއް ލީ ހަމަޖެހިލާށެވެ.
ރާހިލްއަށް އިޝާރާތް ކޮށްލަމުން ޔަމާން މީރާއަށް ރާހިލް އިން ގޮތް ދައްކާލިއެވެ.
މީރާ ބަލާލި އިރު އަތުގައި އޮތް ފޮޓޯފްރޭމްއަށް ބަލަން އިން ރާހިލްގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ އާދެއެވެ. އެ މަންޒަރު ފެނުމުން މީރާއަށް އަނެއްކާވެސް ރޮވުނެވެ. ނަމަވެސް ލޯ ފޮހެލާފައި މީރާ ޔަމާންއާ ދިމާއަށް ބަލާލީ ހަދަންވީ ގޮތެއް ނުވިސްނުމުންނެވެ.
ރާހިލް ކައިރިއަށް ދިޔުމަށް ޔަމާން މީރާއަށް އިޝާރާތް ކޮށްލިއެވެ. ނަމަވެސް ފަސްޖެހިފައި މީރާއަށް ޔަމާންއާ ދިމާއަށް ބަލަން ހުރެވުނެވެ.
“ދޭބަލަ މީރާ” ޔަމާން ބުންޏެވެ.
ދެންވެސް މީރާ ހުރީއެވެ.
“ދޭ، ގޮސް ބުނޭ މީރާ ރާހިލްއަށް މާފުކޮށްފީމޭ، އަހަންނަށް އެނގޭ އެގޮތަށް އޭނައަށް ވާން މީރާ ބޭނުން ނުވާކަން… ދޭ” މީރާގެ އަތުގައި ހިފާލަމުން ޔަމާން ބުންޏެވެ.
ޔަމާންއަށް މީރާގެ ހިތުގައިވާ ކޮންމެ ކަމެއްވެސް އެނގޭ ކަން އެވަގުތު މީރާއަށް ވިސްނުނެވެ. މީރާގެ ހިތުގައި ވި އެއްޗެއް ޔަމާން އެ ބުނީ ކިހާ ތެދަށް ހެއްޔެވެ؟
އަތް އުފުލާ ޔަމާންގެ މޭގައި ޖައްސާލާފައި މީރާ ރާހިލްއާ ދިމާއަށް ބަލާލިއެވެ. އަދި އެނބުރި ޔަމާންއަށް ބަލާލާފައި ރާހިލް ކައިރިއަށް ހުއްޓިފައި މީރާ އަނެއްކާވެސް ޔަމާންއަށް ބަލާލިއެވެ. ހީލަމުން ޔަމާން ބޯޖަހާލިއެވެ.
މީރާ ރާހިލް ކައިރީ އިށީނދެ ރާހިލްގެ ނަމުން ގޮވާލިއެވެ.
“އައި އެމް ސޮރީ މީރާ… އަހަންނަށް އެނގޭ މިހެން ބުނެގެން މީރާ ކުރި ހިތާމައަށް ވެލިފުކެއްގެ މިންވަރުގެ ލުޔެއްވެސް ނުލިބޭނެ ކަން… އަހަންނަކަށް ނޭނގެ ބުނާނެ އެހެން އެއްޗެއް…” ރާހިލް އިސްޖަހައިގެން އިންގޮތަށް އިނދެ ބުންޏެވެ.
“އަހަރެން ރާހިލްއަށް މާފު ކޮށްފިން” މީރާ ބުންޏެވެ.
“ނޫން މީރާ، އަހަންނަށް މީރާގެ މާފު ހައްގެއް ނޫން…” ރާހިލް ބުނަން އުޅުނެވެ.
“ނޫން، އަހަރެން މާފު ކޮށްފިން، މި ހުރިހާ ދުވަހު މަނާލްގެ ވާހަކަ ނުބުނެ ހުރީ ރާހިލްއަށް އަދަބެއް ދޭކަށް ނޫން، އަހަންނަށް އެނގޭ މިކަހަލަ ކަމެއް ދިމާވީމަ ހިތަށް ކުރާ އަސަރު… ނާލުގެ ހަނދާންވާ ކޮންމެ ފަހަރަކު އަހަރެން އެ ދުވަސް ހަނދާން ވޭ… އަހަރެން ނޭދެން ރާހިލްވެސް މި ހިތާމަ ކުރާކަށް، އެހެންވެ ނުބުނީ” މީރާ ބުންޏެވެ.
އިސް އުފުލާ މީރާގެ މޫނަށް ބަލާލަމުން ފްރޭމްއިން ދޫކޮށްލާފައި ރާހިލް މީރާގެ ދެއަތުގައި ހިފާލިއެވެ.
ދުރުގައި ބަލަން ތިބެފައި ރާހިލް މީރާގެ އަތުގައި ހިފާލުމުން ޔަމާން ދުރު ބަލާލިއެވެ. އެކަން ފާހަގަ ކުރެވުމުން ޔަމާންއަށް ވީގޮތް ވިސްނި، ތާނިޔާ ޔަމާންގެ އަތުގައި ހިފާލުމުން ތާނިޔާއަށް ބަލާލާފައި ޔަމާން ކޮއްކޮގެ ކޮނޑުގައި ހިފާ ގެނެސް ގައިގައި ޖައްސާލިއެވެ.
“ކިތަންމެ ފަހަރަކު އަހަރެން ހިތަށް އަރާ އޭރު މީރާ ދޫކޮށްލާފަ ނާދެވުނު ނަމައޭ… އެހެން ނަމަ އަހަންނަށް އެދުވަހު މީރާ ކައިރީ ހުރެވުނީސް… މަނާލްއަށް ދިމާވި ކަންތައް އަހަންނަށް ބަދަލު ނުކުރެވިދާނެ، އެކަމަކު އަހަރެން އެހެން ނުހެދި ނަމަ މީރާއަށް ހިތްވަރު ދޭން އަހަންނަށް މީރާ ކައިރީ ހުރެވުނީސް… އެކަމަކު އެދުވަހު މީރާ އެކަނި… އައި އެމް ސޯ ސޮރީ މީރާ… އަހަންނަށް ވެގެން ވާ ނަމަ އަހަރެން އެދުވަސް އަލުން އަނބުރާ ގެނެސްގެންވެސް ވީ ކަންތައް ބަދަލު ކުރާނަން… އެކަމަކު… މީރާއަށް އެވަރުގެ ބޮޑު ހިތާމައެއް ކުރިމަތި ވީ އިރު އަހަންނަށް ނުވެސް އެނގޭ… އަހަންނަށް ނުވެސް އެނގި އަހަރެންގެ ދަރިއަކު މަރުވެގެން އެދިޔައީ… ނުވެސް ފެނި…” އަނެއްކާވެސް ރާހިލްގެ ލޮލުން ކައރުނަ އައެވެ.
އެއާއެކު މީރާއަށްވެސް ރޮވުނެވެ. ވަކިވެ ގޮސްފައިވާ ދަރިފުޅަށްޓަކާ އެކަކު އަނެކަކުގެ އަތުގައި ހިފައިގެން ތިބެ މީރާއާ ރާހިލް ރުޔެވެ. އެކަކު އަނެކަކަށް ހިތްވަރު ދެމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.








ސަލާމް ހުރިހާ ކުދިން، މެންދުރު ކުރީގަ ގެނެސްދޭނަމޭ ބުނެވުނު ދޯ؟ އެކަމު މިއަދު ތަންކޮޅެއް ބިޒީވީ އެގަޑީގަ އެހެން ވީމަ މިއޮތީ މިހާރު އަޕްކޮށްލާފަ… މިބައި ކަމުދާނެ ކަމަށް ހީކުރަން، ދެން ޕާސްޓް މި ނިމުނީ، ރާހިލްއާ މީރާގެ ބައިތައް އަދި އަންނާނެ… ކަމުދަންޏާ އަދި ކަމުނުދަންޏާވެސް ކޮމެންޓަކުން އަންގާލައްޗޭ… 25 ވަނަ ބައި އާދީއްތަ ދުވަހުން ގެނެސްދޭނަން އިންޝާﷲ
Wow..waiting..
Wow
Wow! Vvvv reethi????
Masha Allah love this part .
Waiting for next part.
Heart touching story…
it’s a wonderful story …..
Vaahaka Hama vvvv nala. Ekamu English bus thah beynun nukuraanama adhi mas furihama vees.
meera n raahil ge romantic bai thakeh genesdheebala. Eh office ga adhi pa akah ulhey iruves dhemeehun ekani vaathaneh naadhe . Mihaaru vaahaka dhaa gothun heevanee yamaan n meera marry kuraanee hen . Aslu mi vaahakaiga maa kurin kanthah vaagoi onanee egifa . Mibunee yamaan ratehi vaa eheema v goi ves kurin part eh ga bunefa othee dhen e vaahaka dhigu koh bodu past eh hen genes dhineema foohi v . Hope kuran dhen huri part thah reethi vaane kamah .
V habeys
Mi story kiyan fashaafa vea foohi kamun nukiyan
meera n yamaan gulhenee…rahil ah maafu kureema dats it..
meera aai yamaan gulhuvaa plssss. yaman ge ehaa dhuvahuge inthizaaru beykaaruviya nudhee plsss
??
??????????????
Soo much luv n pain. I am loving this story sooo much.
Meeraa and yamaan gulhuvaathi
Mee mihaaru enme inthizaaru kurevey vaahaka….. Thnk u Marsha
wow .. rovijje .. meera and yamaan is the best !!
Kobaa 23 part
meeraa n yamaan nugulhuvaafinama mivaahaka kiyuneetheeves foohivaane vvvvvv reeethi story
Neyngey he haadha inthizaaru eba kuramey.. marshaa alhe up kohla baa avaha