Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މަންޝާ (އަށާޅީސްވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
September 22, 2016 17 Mins Read
47 Comments

“ތެހެއި ޔަގީންކަން އޮއްފެހޭ މަދައްކާ ވާހަކަސް ކަނޮލާއި އަޑޮއަހަފެލަ… ތަޒްކިޔާ އެބެނީ ތެދަށްފެހޭ ޒިބާން ކާވެނި ކެރާށް ޖެހޭނެއި ތަޒްކިޔާއި… މަށް ތަޒްކިޔާއަކީ ކިހެއިވަރެއްގެ ކޫދަކާކަން އެއިނގެން މިހެންމި ބެނަނީ… ޒިބާނަށް ތެ މަންޝާއި އެނގެނތާން މާގިނަ ދުވަހަަކށް ވީކީ ނޫން… އެވަރުން މީހުންގެ ގޮށްކޭއް އެނގޭށީ…” (ތިހާ ޔަގީންކަން އޮވެއްޖިއްޔާ މަދައްކާ ވާހަކަވެސް ކަނުލާ އަޑުއަހާ… ތަޒްކިޔާ އެހެދީ ތެދުކަމަށް ވެއްޖިއްޔާ… ޒިބާން ކައިވެނި ކުރަން ޖެހޭނީ ތަޒްކިޔާއާ… އަަހަރެންނަށް ތަޒްކިޔާއަކީ ކިހާވަރެއްގެ ކުއްޖެއްކަން އެނގިގެން މިހެން މިބުނަނީ… ޒިބާނަށް ތި މަންޝާއެއް އެނގިގެން މާގިނަ ދުވަހެއް ވީކީ ނޫން.. އެވަރުން މީހުންގެ ގޮތް ކިޔަން އެނގޭތަ…) ދޮރު ކުރިމަތިން އިވުނު އަޑަށް އެންމެން ދޮރާ ދިމާއަށް ބަލާލިއެވެ. ދޮރު މަތީ ހުދު ފޭއްޔެއްގައި ހުރި ސައިބްރޯތުގެ ލޮލުންވެސް ފާޅުވަމުން ދިޔައީ ރުޅިވެރިކަމެވެ.

ޒިބާނަށް އިސްޖަހާލެވުނެވެ. ބައްޕަ ކުރިމަތީގައި އޭނާ ހަރުކަށިކޮށް ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް ވަށްކަޅިން އޭނާ ބަލާލީ ތަޒްކިޔާއާ ދިމާއަށެވެ. ތަޒްކިޔާގެ މޫނުމަތިން ފާޅުވީ ހައިރާންކަމެވެ. ސައިބްރޯތު އެބުނީ ހާދަ ބޮޑު އެއްޗެކެވެ. ތަޒްކިޔާއަށް އޭނާ ހެދީ ތެދުކަން ޔަގީނެވެ. އޭނަ ހެދީ ތެދުކަން ސާބިތުކުރަން ތަޒްކިޔާ ބޭނުންވިއެވެ. ނަމަވެސް މިކަމުގެ ސަބަބުން ޒިބާނަށް އެފަދަ މަޖުބޫރުކަމެއް މެދުވެރިވެގެން އޭނައާ ކައިވެނިކުރާކަށް ތަޒްކިޔާއެއް ނޭދެއެވެ.

“ތެ މަންޝާކީ ތެހެއި ވަފާތެރި މީހާކާވީކޯ ކައިވެނިކޮށްގެން ހިށެ އެއަގެ ފިރިމީހާ ބޭވަފާތެރިވީކަން ޒީބާން ހަނދާން ނެތީއްޔާ؟.. އެހެންވީކޯ ޒީބާނަށް ބޭވަފާތެރިވޭއް އެއަ ފަސްޖެހޭށީ؟… އެވަރޮގެ އަންހެނަކާއި ހެދި މުވަވޭހެދި މަ އަޖައިބުވެއި… މަންޝާގެ ފަރާތުން ލިބޭނެ އެއްވެސް އުފަލެއް ނިއޮންނަހެ…. އެއަ ކެހެނަކަށް އަފިރިންގެ އެތެރެ އާސް ވޭނޑޭނެއި… މީ ދެ ނަސްލަކި ބާކިންކަން ޒީބާނަށް އިނގެއިނު…” (ތި މަންޝާއަކީީ ތިހާ ވަފާތެރި މީހަކަށް ވީ އިރު ކައިވެންޏެއް ކޮށްގެން ހުރެ އޭނާގެ ފިރިމީހާއަށް ބޭވަފާތެރިވީކަން ޒިބާން ހަނދާން ނެތުނީތަ؟… އެހެންވީއިރު ޒިބާނަށް ބޭވަފާތެރިވާން އޭނަ ފަސްޖެހޭނެތަ؟… އެވަރުގެ އަންހެނަކާ ހެދި މޮޔަވާތީ އަހަރެން އަޖައިބުވަން… މަންޝާގެ ފަރާތުން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ.. އޭނާ ކިހިނެއް އަހަރެމެންގެ ތެރޭގައި އައިސް އުޅޭނީ… މީ ދެނަސްލެއްގެ ބައެއްކަން ޒިބާނަށް އިނގެއެއްނު…)

ސައިބްރޯތު ގޭތެރެއަށް ވަދެ އައިސް ބިއްލޫރި މޭޒު ކައިރިއަށް ހުއްޓުނެވެ. އޭރު ޒިބާން ހުރީ މަންޝާއަށް ދޭން ތައްޔާރުކުރި ބޭސްފުޅި ހިފައިގެންނެވެ. ޒިބާންގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭނާގެ އާއިލާގެ ފަރާތުން ޒިބާންގެ ލޯތްބަށް އެއްބާރުލުމެއް ނުލިބޭނެކަން އޭނާއަށް އެނގުނެވެ.

“ބައްޕާ… މަށް އިނގެއިހޭއަސް އެއްތަކީ މަންޝާ މަދެކެ ވެނީ ހަގީގީ ލޯބިކަން… މަގޭ ހަގީގަތް އެނގިހިށެ އެއަ މަ ދެކެ ލޯބިވެއި… މިކަމުން އެނގެނީ އެއަ އެހެން އިންސާނުންނާއި ތަފާތުކަން… މަގޭ ދަރިފުޅަށްޓަކައި ބައްޕާ މިކަމާއި ގަބޫލުވެފެލަ… މަންޝާއި ނިލައި މަކަށް ނިވޭނޑުވޭހެ… ބައްޕާ ބެނިގޮތަށް ތިން ދުވަސް ވޭތިކޮށް ހިށީނުން… ދެން މަ މަންޝާއިއެކަހަށް އޭއް ހުއްދަދެރެފެލަ…” (ބައްޕާ… އަހަރެންނަށް އެނގޭހާވެސް އެއްޗަކީ މަންޝާ އަހަރެންދެކެ ވަނީ ހަގީގީ ލޯބިކަން… އަހަރެންގެ ހަގީގަތް އެނގިހުރެ އޭނަ އަހަރެން ދެކެ ލޯބިވޭ… މިކަމުން އެނގެނީ އޭނަ އެހެން އިންސާނުންނާ ތަފާތުކަން… އަހަރެންގެ ދަރިފުޅަށްޓަކާ ބައްޕަ މިކަމާ ގަބޫލުވޭ… މަންޝާއާ ނުލާ އަހަންނަކަށް ނޫޅެވޭނެ… ބައްޕަ ބުނި ގޮތަށް ތިންދުވަހު މިހުރީނު.. ދެން އަހަރެން މަންޝާ ކައިރިއަށް ދާން ހުއްދަދީ…) ޒިބާންގެ ހިތުގައި އުތުރި އަރަމުން ދިޔަ އިހްސާސްތައް ހިފެހެއްޓޭ ގޮތެއް ނުވިއެވެ.

“މަކީ އެއްކަލަކިއަސް ދޮގޮހަދާ މީހަށް ނޫން… ޒީބާން ފެނޑުވާށުން… އެކަމަކި ގިއޭނެއި ތަޒްކިޔާއި ކެއިވެނި ކެރާ މަތިން…. އަފިރިންގެ އާއިލާށް މިކަހަލައި ކަންކަމުން ލިބޭނެ ގެއްލުން ޒިބާނަށް އަދި ނިއެނގެނީ… އެވެންނަށް އަފިރިން އަނދުވައިލިއޭހެއް…އަބަދަކި މަންޝާ އެއްކޮށް ތެހެން ނިވޭނޑުވޭހެއް.. އިންސާނުން ބާރޮ ދައްކާ ދުވަސް އޭހެއް…” (އަހަންނަކީ އެއް އިރަކުވެސް ދޮގު ހަދާ މީހެއް ނޫން.. ޒިބާން ފޮނުވާނަން.. އެކަމަކު ދެވޭނީ ތަޒްކިޔާ އާ ކައިވެނި ކުރާ މަތިން… އަހަރެމެންގެ އާއިލާއަށް މި ކަހަލަކަންކަމުން ލިބޭނެ ގެއްލުން ޒިބާނަށް އަދި ނޭނގެނީ… އެމީހުންނަށް އަހަރެމެން އަންދާލެވޭނެ.. އަބަދަކު މަންޝާއާ އެކީ ތިހެން ނޫޅެވޭނެ… އިންސާނުންގެ ބާރު ދައްކާ ދުވަސް އަންނާނެ…) ސައިބްރޯތު ބޭނުންވީ ޒިބާނަށް އެކަމުގެ ގެއްލުމާއި ޖިންނީންގެ ނަސްލަށް ވެދާނެ ގެއްލުން ބުނެދޭށެވެ.

“ބޭބޭ… ތެހެން ނިހަދަ… މަ ބޭނުމަށް ނުން ޒިބާންގެ ނުރުހޭފެހޭ މިކާވެނި ކެރާށް.. ޒިބާން ލޯބިވެނީ މަންޝާއި ދެކެ ކަމަށްވެނީ ފެހޭ މާއި ކާވެނިކޮށްގެން ޒިބާނަށް އުފަލި ވޭނޑުވޭށީ؟… ނިވިތާކަށް މަށަސް އެކަމުން ހިތްހަމަޖެހުމަށް ނިލިބޭހެއް… ޒިބާން މަންޝާއި ދެކެވޭ ލޯތްބަށް އަވަ އިހްތިރާމްކެރަން… އެއަ ވެނީ ތެދޮވެރި ލޯތްބަށް…” (ބޭބޭ… ތިހެން ނުހަދާ… އަހަރެން ބޭނުމެއް ނޫން ޒިބާންގެ ނުރުހުމުގަ މިކައިވެނި ކުރާކަށް… ޒިބާން ލޯބިވަނީ މަންޝާދެކެ ކަމަށްވަންޏާ އަހަރެންނާ ކައިވެނިކޮށްގެން ޒިބާނަށް އުފަލުގަ އުޅޭވޭނެތަ؟… ނުވިތަކަށް އަހަންނަށްވެސް އެކަމުން ހިތްހަމަޖެހުމެއް ނުލިބޭނެ… ޒިބާން މަންޝާ ދެކެ ވާ ލޯތްބަށް އަހަަރެން އިޚްތިރާމްކުރަން… އޭނަ ވަނީ ތެދުވެރި ލޯތްބެއް…) ޒިބާންގެ ދިފާއުގައި ރައްދުގައި ސައިބްރޯތާ މުޚާތަބުކޮށް ވާހަކަ ދެއްކީ ތަޒްކިޔާއެވެ. ތަޒްކިޔާގެ މިއަމަލުން ޒިބާނަށް ހައިރާންކަމެއް ލިބުނެވެ. ޒިބާނާ މަންޝާގެ މި ގުޅުމަށް އެއްބަސްވެ އޭނާގެ ދިފާއުގައި ތަޒްކިޔާ ވާހަކަ ދެއްކުމުންނެވެ. ޒިބާންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަތަން ސަކޭރާއަށް ފެނުނެވެ.

“ތަޒްކީ… އެކަމަކި އެ ކާލޯ ޒިބާން ދެކެ ލޯބިވޭކަން ދައްތާ އެނގެއި… ތަޒްކީގެ ލޯބި ތެ ގުރުބާން ކެރަނީ ކިއަންވީ؟…” (ތަޒްކީ… އެކަމަކު ދަރިފުޅު ޒިބާން ދެކެ ލޯބިވާކަން ދައްތައަށް އެނގޭ… ތަޒްކީގެ ލޯބި ތި ގުރުބާން ކުރަނީ ކީއްވެތަ؟…) ސަކޭރާ ބޭނުންވީ ތަޒްކިޔާގެ ނިޔަތް އެންމެންގެ ތެރޭ ހާމަކުރާށެވެ.  ތަޒްކިޔާއަކީ ސަކޭރާ ބުނިފަދަ ރަނގަޅު ކުއްޖެއްކަން ޒިބާނަށް ސާބިތުކޮށްދޭން އޭނަ ބޭނުންވިއެވެ.

“އެކަމަކިއަސް ވަރިހަމަ… މީ މަގޭ އެންމެ ފަހުގެ ނިންމުން… ޒިބާނެއި އެއްކޮށް މިކަމި އެހީވޭއް އަވަ އެންމެ ކަވަރިއެ ހިންނެށުން…” (އެކަމަކުވެސް ވަރިހަމަ… މީ އަހަރެންގެ އެންމެފަހުގެ ނިންމުން… ޒިބާނާ އެކީގަ މިކަމުގައި އެހިވާން އަހަރެން އެންމެ ގާތުގަ ހުންނާނަން…) ތަޒްކީޔާ މިހެން ބުނި އިރު ޒިބާން ހުރީ ކަޅި ޖަހާނުލާ ތަޒްކިޔާއާ ދިމާއަށް ބަލާށެވެ.

*** *** *** *** *** ***

ނިދިފައި އޮތް ރިޔާޒަށް ހޭލެވުނީ އޭނާގެ ފޯނު ރިންގް ވާތީއެވެ. އޮފީހުން އައި ގޮތަށް ހެދުންވެސް ބަދަލުނުކޮށް ރިޔާޒަށް މީރާ ކައިރީ އެހެންއޮވެ ނިދުނީއެވެ.

“ހަލޯ… ރިޔާޒް… ދިހަ ދުވަހުގެ ޗުއްޓީ އިނީ ހަމަޖެހިފަ… އެވާހަކަ ބުނެލަން މިގުޅީ… ކުރިންވެސް ގުޅިން…. ފޯނު ނުނަގާތީ ލަސްކޮށްލާފަ އަނެއްކާ މިގުޅީ…” އެޗް.އާރުގައި މަސައްކަތްކުރާ އަންހެން މުވައްޒަފެއް އެކޮޅުން ވާހަކަ ދެއްކިއެވެ. ޗުއްޓީ އެހާ އަވަހަށް ހަމަޖައްސައި ދިނީތީ ޝުކުރު އަދާކުރުމަށްފަހު ރިޔާޒް ފޯނު ބޭއްވިއެވެ.

ފޯނު ބޭއްވުމަށްފަހު ރިޔާޒް މީރާއާ ދިމާއަށް ބަލާލިއެވެ. އެވަގުތު މީރާ ލޯ ހުޅުވާލިއެވެ. މީރާގެ ނިތްކުރީގައި ރިޔާޒް އަތް ޖައްސާލީ މީރާ ހުންއައިސްފައި ހުރިތޯ ބަލާށެވެ. “ވަރަށް ކުޑަކޮށް ހުން އެބަހުރިދޯ… ދާންވީނު ފެންވަރާލަން… ދެމީހުން އެކީ ތަނަކަށް ކާން ދާންދޯ… މީރާގެ ފޭވަރިޓް ރެސްޓޯރަންޓަށް ދާނީ… ދޭ އަވަހަށް ރީތިވާން…”

މީރާ އެނދުން ތެދުވެ ފާޚާނާއަށް ވަނީ ގައިދޮވެލާށެވެ. ރިޔާޒް ތެދުވެ އޭނާ ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓާލިއެވެ. އަލަމާރިން ހުސް ކޮނޑެއް ނަގާ އެ ކޮނޑުގައި ގަމީސް އަޅުވާލިއެވެ. އަލަމާރި ތެރެއިން ޓީޝާޓެއް ނަގާ ގަޔަށް މަހާލި ވަގުތު ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހާލި އަޑު އިވުނެވެ. ރިޔާޒް ދޮރު ހުޅުވާލީ ގަޔަށް މަހާލި ޓީޝާޓް ތިރިކޮށްލަމުންނެވެ. ދޮރުމަތީ ހުއްޓިގެން ހުރި އާމިނައާ ދިމާއަށް ބަލާލަމުން ރިޔާޒް ވާހަކަ ދެއްކިއެވެ. “ކެންކައު މަންމާ… ކެހެނަކަށްވީ…” (ކީކޭ މަންމާ… ކިހިނެއްވީ…)

“ކެހެނަކަށް ވީއައު… ކެންކެރާށް އެފޮއްތައް މިގެއް ވެދުވީ… އެއީ ކަންކާ ދިން އެއްތަށް… އެނައްކޯ އެއްކަލަ ކުޅިގަނޑޮ ފައްޓާށް ދީ ތެ ހިނގަނީ… މަ ހިތުން އެ ދުވަހިގެ ބިރިވެރިކަން ފިލަގެން ނިއޭއް…” (ކިހިނެއްވީހޭ… ކީއްކުރަން އެ ފޮތްތައް މިގެއަށް ވެއްދީ… އެއީ ކާކު ދިން އެއްޗެއްތަ… އަނެއްކާވެސް އެއްކަލަ ކުޅިގަނޑު ފައްޓަން ދޯ އެ އުޅެނީ… އަހަރެންގެ ހިތުން އެދުވަހުގެ ބިރުވެރިކަން ފިލައިގެން ނުދޭ….) އާމިނައަށް އެހިސާބަށް ވާހަކަ ދެއްކުނު އިރު އޭނައަށް ރޮވެން ފަށައިފިއެވެ. ރިޔާޒްގެ މަންމައަށް ވަމުން ދިޔަ ގޮތްތައް ފެނި ރިޔާޒް ޖެހިލުން ވިއެވެ. އާމިނަ އެބުނި ދުވަހަކީ ރިޔާޒްގެ ހިތުންވެސް ފޮހެލަން އުނދަގޫ ދުވަހެކެވެ. ކޮޓަރިން ނުކުމެ ކޮޓަރީގެ ދޮރު ލައްޕާލަމުން ރިޔާޒް އޭނާގެ މަންމައާ ވާހަކަ ދެއްކިއެވެ.

“މަންމާ.. ހަމަޖެހިފެލަ… މީ އަޒީމް މަންމާ ދިން އެއްތައް… ބާއްޕާށް ދޭއްކެން ބެނީ…” (މަންމާ… ހަމަޖެހިބަލަ… މީ އަޒީމްގެ މަންމަ ދިން އެއްޗެއް… ބައްޕައަށް ދޭށޭ ބުނީ…) ރިޔާޒް ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ. ރިޔާޒާ ދިމާއަށް އާމިނަބަލާލީ ހައިރާންވެފަ ހުރެއެވެ.

“އަދިއަސް އިބްޒީމާ މި ކުޅިގަނޑޮ ހުއްޓަލާކަށް ނިވޭނޑެއި؟… ރިޔާޒް މީން އެއްވެސް ކަމަކި ވޭނޑޭކަށް މަ ގަބޫލަށް ނުން…” (އަދިވެސް އިބްޒީމާ މިކުޅިގަނޑު ހުއްޓާކަށް ނޫޅޭތަ؟… ރިޔާޒް މިއިން އެއްވެސް ކަމެއްގަ އުޅޭކަށް އަހަރެން ގަބޫލެއް ނޫން…) އާމިނަ ދެލޯ ފޮހެމުން ވާހަކަ ދެއްކި ނަމަވެސް އޭނާގެ ލޮލުން ކަރުނައެއް ނުހިކެއެވެ.

“މަންމާ… ބިރިނިގަނިފެލަ… އިރާދަކެރައްވިފެހޭ އަފިރިންނަށް އެއްވެސް ގޮތަށް ނިވޭހެ… ރޫހީއާއި ދިމާކެރި ޖިންނި މަންމާށަސް އުނދަގޫ ކެރިނު… އެނެއްކެޑުން މީރާއާއިއަސް ދިމާކެރީ… ބައްޕާ މިކަން ކެރަނީ ގާމުނަސް މިއާއިލާށް ރަނގަޅަކަށް…” (މަންމާ… ބިރުނުގަނެބަލަ.. އިރާދަކުރެއްވިޔާ އަހަރެމެންނަށް އެއްވެސް ގޮތެއް ނުވާނެ… ރޫހީއަށް ދިމާކުރި ޖިންނި މަންމައަށްވެސް އުނދަގޫ ކުރިއެއްނު.. އަނެއްކޮޅުން މީރާއާވެސް ދިމާކުރީ… ބައްޕަ މިކަން ކުރާނީ ގައިމުވެސް މި އާއިލާއަށް ރަނގަޅަކަށް…) ސޯފާގައި އާމިނަ ބޭންދުމަށްފަހު ރިޔާޒް މިސްރާބު ޖެހީ ކާމޭޒުމަތީ ބަހައްޓާފަ ހުރި ފޮތްތަކާ ދިމާއަށެވެ.

ޟިރާރު އައިސް ގެއަށް ވަނީ އެވަގުތުއެވެ. ޟިރާރު ވަނުމާއި އެކީ އާމިނަ ޟިރާރާ ދިމާއަށް ބަލާލިއެވެ. އާމިނަ އިން ގޮތް ފެނުމުން ކޮންމެވެސް ކަމެއް ގޭތެރޭގައި ހިނގައިފިކަން ޟިރާރަށް އެނގުނެވެ. “ކެހެނެކަށްވީ އާމިނާ؟…” (ކިހިނެއްވީ އާމިނާ؟…)

“މާއި އެކެހެ ނިއެސް ބެނެއެއްނު މިވަރޮގެ ކަމަށް ކެރާކޯ… އިބްޒީމާ އަތުން މިފޮށްތައް ގިނެއި ކެންކެރާ؟..” (މަގޭ ކައިރީ ނުވެސް ބުނަމެއްނު މިވަރުކަމެއް ކުރަން އުޅޭ އިރު… އިބްޒީމާއަތުން އެ ފޮތްތައް ގެނައި ކީއްކުރާކަށްތަ؟…) ޝަކުވާގެ ރާގަކަށް އާމިނަ އެހެން ބުނި އިރު ރިޔާޒް ފޮތްތައް ހިފައިގެން ސޯފާއާ އަރާ ހަމަވަނީއެވެ. ޟިރާރު އެވަގުތު ބަލާލީ ރިޔާޒްގެ އަތުގައި ހުރި ފޮތްތަކާ ދިމާއަށެވެ. ރިޔާޒް ބަހެއް ނުބުނެ ހުރީ އޭނާގެ ބައްޕަ ބުނާ އެއްޗެއް ބަލާށެވެ.

“ކޮންކަލަކި އެ ފޮއްތައް ލިބެނެއި؟… އަދޮ ދެބުރަކަށް އިބްޒީމާސް މަށް ގުޅަފެއި ތެ ފޮއްތައް ލިބެނެތޯ އެހި…” (ކޮން އިރަކު ފޮތްތައް ލިބުނީ؟… މިއަދު ދެބުރަކަށް އިބްޒީމާވެސް މަށަށް ގުޅައިފި ތި ފޮތްތައް ލިބުނުތޯ އެހަން…) ރިޔާޒް އަތުގައި ހުރި ފޮތްތަކުގައި ހިފަމުން ޟިރާރު ސުވާލުކޮށްލިއެވެ.

“މެންދިރެއި އަޒީމްއާސް ފޮށްތައް ހަވާލޮކެރީ… ބައްޕާ މިކަމުން އަފިރިންގެ އާއިލާއި އެޑަގިނެގެން މިވޭނޑޭ ޖިންނީގެ ކިބައިން ސަލާމަށް ވޭށީ… މަންމާ ތެކަމާއި ވަރަށް ބިރުން ވޭނޑެނީ….” (މެންދުރު އަޒީމް އައިސް ފޮތްތައް ހަވާލުކުރީ… ބައްޕާ މިކަމުން އަހަރެމެންގެ އާއިލާއާ އަޅައިގަނެގެން މިއުޅޭ ޖިންނީގެ ކިބައިން ސަލާމަތް ވެވޭނެތަ؟… މަންމަ ތިކަމާ ވަރަށް ބިރުން އެއުޅެނީ…) ރިޔާޒް ބޭނުންވީ އެއީ އެންމެ ރަނގަޅުގޮތްތޯ ބަލާށެވެ. ރިޔާޒަށް އެފަދަ ކަންތައްތަކާބެހޭ ގޮތުން މާގިނަ އެއްޗެއް ނޭނގޭތީ އޭނާވެސް ބުރަވީ ބައްޕަގެ ނިންމުމަށެވެ.

“ހާ… އާމިނަ ރޫހީއަށް ބަނޑޮބޮޑު ވީކަދުންފެށިގެން އަފިރިންގެ އާއިލާއި އެޑަގެނެގެން ވޭނޑެނެ ޖިންނިއަކާގެ ކިބައިނަސް ސަލާމަށްވީ މި ފޮށްތަކުގެ އެހީއެ… ވޭތުވެގޭ 19 އަހަރި އެތެރެ މިއާއިލާ އެކަހަލައި އެއްވެސް އުދަގުލަށް ނިވެމިހިށީ އެދުވަހިއެހެދެނެ ފަންޑިތާކުން… އެހެންވެ މިފަހަރަސް މިފޮށްތަކުގެ އެހީއެ އަފިރިންގެ އާއިލާއި ދިމާކޮށްގެން މި ވޭނޑޭ ޖިންނީގެ ކިބައިން ސަލާމަށް ވެވޭހެއްކަން ބައްޕާ ގަބޫލުކެރަން…” (އާން… އާމިނަ ރޫހީއަށް ބަނޑުބޮޑު އިރުން ފެށިގެން އަހަރެމެންގެ އާއިލާއާ އަޅައިގަނެގެން އުޅުނު ޖިންނިއެއްގެ ކިބައިންވެސް ސަލާމަތްވީ މިފޮތްތަކުގެ އެހީގަ… ވޭތުވެދިރަ 19 އަހަރުތެރޭގައި މިއާއިލާއަށް އެފަދަ އެއްވެސް އުނދަގުލެއް ނުވެ މިހުރީ އެދުވަހު އެހެދުނު ފަންޑިތައަކުން… އެހެންވެ މިފަހަރުވެސް މިފޮތްތަކުގެ އެހީގައި އަހަރެމެންގެ އާއިލާއާ ދިމާކޮށްގެން މިއުޅޭ ޖިންނީގެ ކިބައިން ސަލާމަތް ވެވޭނެކަމަށް ބައްޕަ ގަބޫލު ކުރަން…) ޟިރާރުގެ ވާހަކަ މެދުކެނޑުނު ތަނާ ރިޔާޒްގެ ކަންފަތުގައި ޖެހުނީ މީރާ ރޮއިގެން އަޑެވެ. އެންމެންނަށް އެއްފަހަރާ ކޮޓަރިއާ ދިމާއަށް ބަލާލެވުނެވެ. އޭރު ކޮޓަރި ދޮރު މަތީ ހުއްޓިގެން މީރާ ހުރި ގޮތުން އެންމެން ހާސްވިއެވެ. ދެލޯ ބޮޑުކޮށްގެން މީރާ ހުރެ ކުރިއަށް އެޅި ފިޔަވަޅާ އެކީ ކަނޑާލި ރުކެއްހެން ބިންމައްޗަށް އޭނާ ވެއްޓުނެވެ. ރިޔާޒް ދުވެފައި ގޮސް މީރާ ކައިރިއަށް ތިރިވިއެވެ. ޟިރާރާ އާމިނަވެސް މީރާ ގާތަށް ދިއައެވެ.

“ރިޔާޒް… މީރާ ސޯފާއި މައްތެ ބާވަ… އާމިނަ ގޮއްސެލަ ފެންތާށަށް ގިނޭ….” (ރިޔާޒް… މީރާ ސޯފާ މައްޗަށް ގެނޭ.. އާމިނަ ދޭ ފެންތައްޓެއް ގެންނަން…) ހަދާނެގޮތެއް ނޭނގިފައި ހުރި ރިޔާޒަށް ހަދަންވީ ގޮތް ކިޔައިދިނީ ޟިރާރެވެ. ރިޔާޒްގެ އަތްދަނޑި މައްޗަށް ލާ މީރާ އުރާލައިގެން ގެނެސްް ސޯފާގައި އޭނަ ބޭއްވިއެވެ. މީރާގެ ގައި ދަށުން ރިޔާޒްގެ އަތް ދަމައިގެން ވަގުތު ރިޔާޒްގެ އަތުގައި ތެތް އެއްޗެއް ހޭކުނުހެން ހީވިއެވެ. އަތަށް ބަލާލުމަށްފަހު މީރާގެ ސްކިނީއަށް ބަލާލިއެވެ. ކުކުޅު ބިސްކުލައިގެ ސްކިނީގައި ލޭ ހޭކިފައި ހުރިކަން ރިޔާޒަށް އެނގުމުން ރިޔާޒް ތެޅިގަތެވެ. ޖިންސު ޖީބުގައި އޮތް ފޯނު ނަގާ އަވަހަށް އެމްބިއުލަންސަށް ގުޅަން ނަންބަރު ޑައަލް ކޮށްލިއެވެ.

*** *** *** *** *** ***

ފޯނު ރިންގްވާ އަޑަށް އަޒީމް ފުންމައިގެން ތެދުވެ ގަޑިއަށް ބަލާލިއެވެ. އިރު އޮއްސުމުގެ ސަބަބުން މުޅި ކޮޓަރިތެރެ ވަނީ އަނދިރިވެފައެވެ. ފޯނު ނަގާ އަޒީމް ބަލާލީ އެގުޅަނީ ކާކުތޯ ބަލާށެވެ. އިބްޒީމާކަން އެނގުމުން އަޒީމް ފޯނު ނަގާ ކަންފަތުގައި ޖައްސާލި ވަގުތު އާފުރެވުނެވެ.

“އަޒީމް ކެންވެއި މަ ގުޅިމެއި ފޯނާ ނިނަގަނީ… ގުޅައި ގުޅައި މަ މުއަވެގެ…” (އަޒީމް.. ކީއްވެތަ އަހަރެން ގުޅީމަ ތި ފޯނު ނުނަގަނީ… ގުޅާ ގުޅާ އަހަރެން މޮޔަ ވެއްޖެ…) އިބްޒީމާގެ ޒީލަގަދަ އަޑު ޖެހުމުން އަޒީމް ދެލޯމަރާ ބާރުކޮށްލިއެވެ.

“ކެންކައު މަންމާ… މަ ގެއު އާއްސެއި ނިދީއްއޭ…އަދޮ ފަތުހެއި ގެއް އާގޮތަށް އެކޯ ވޭނޑެނެއި… އެނެއްކެޑުން މިރެއި ޑިއުޓީއަށަސް އޭއްޖެހޭ އެހެންވެ މެންދިރެއި ނިދާށް ޖައްސަލީ…” (ކީކޭ މަންމާ… އަހަރެން ގެއަށް އައިސް ނިދީއޭ… މިއަދު ފަތިހު ގެއަށް އައި ގޮތަށް އޭރު އުޅުނީ.. އަނެއްކޮޅުން މިރޭ ޑިއުޓީއަށްވެސް ދާން ޖެހޭ އެހެންވެ މެންދުރު ނިދަން ޖައްސާލީ…) ލޮލުގެ ކަނުގައި އިނގިލި ޖައްސާ ފޮހެލަމުން ވީގޮތް އަޒީމް ކިޔައިދިނެވެ.

“މަހަވާލޮކެރި އެއްތާ ޟިރާރަށް ގިނިގޮސްނިދޭހެދި މިގުޅީ…. ކޮންކަލަކި އެ ޕާރިސަލް ގިނިގޮސްދެނީ… އެގަޑިއެ އެ ގިނިގޮސްދެރެފެއި ނިދާށް ގޮސް އޮއްއެއްތެއްނާ…” (އަހަރެން ހަވާލުކުރި އެތި ޟިރާރަށް ގެންގޮސްނުދޭތީ މިގުޅަނީ.. ކޮން އިރަކުތަ އެ ޕާރުސަލް ގެންގޮސްދޭނީ… އެގަޑީގަ އެގެންގޮސްދީފަ ނިދަން ގޮސް އޮތްނަމަ…) އިބްޒީމާ އަޒީމަށް ގުޅި ސަބަބު ހާމަކުރިއެވެ.

“މަންމާ… އަވަ އެ ހަވާލޮކޮށްލީމެއި…” (މަންމާ… އަހަރެން އެހަވާލުކޮށްފީމޭ…) ދެލޯ އުނގުޅަމުން އަޒީމް އެނދުން ތެދުވިއެވެ.

“ދެނަކަށް މަ ޟިރާރަށް ގުޅިމެއިއަސް ބެނި އެ ނިލިބޭ ވާހަކަ… ކަންކާއި އެ ހަވާލޮކެރީ…” (ދެންމެ މަ ޟިރާރަށް ގުޅީމަވެސް ބުނި އެ ނުލިބޭ ވާހަކަ.. ކާކާތަ އެ ހަވާލުކުރީ….) އިބްޒީމާ ކުރި ސުވާލަށް ޖަވާބުދެމުން އަޒީމް އެ ޕާރުސަލް ހަވާލުކުރީ ރިޔާޒަށޭ ބުންޏެވެ.

“ސާބަސް އަޒީމަށް… މަ ބެނީ ޟިރާރާ ހަވާލޮކެރާށްދީ… ދެން ކެންކެރާށް ރިޔާޒާއި ހަވާލޮކެރީ… މީހަކާ ކަމަށްކޮށްދޭކެނައު ބެނިމެއި ކޮށްދޭގޮތީތެއި… އެންމެ ކުދުމިނުން މަންމާ ގުޅަފެއިބެނި އެއްތެއްނާ މަ މިހެއި ތެޅޭކަނށް ނިޖެހެނެއިއެއްނު… ހޫން… ދޭން ފޯނާ ބާއްވަނީ… ޟިރާރަށް ގުޅަފެއި ބެނިމެއިދީ އެނގޭނެއިއަސް…” (ސާބަސް އަޒީމަށް.. އަހަރެން ބުނީ ޟިރާރާ ހަވާލުކުރާށޭދޯ… ދެން ކީއްކުރަން ރިޔާޒާ ހަވާލުކުރީ… މީހަކު ކަމެއް ކޮށްދޭށޭ ބުނީމަ ކޮށްދޭ ގޮތްތަ ތީ… އެންމެ ކުޑަމިނުން މަންމައަށް ގުޅާފަ ބުނި ނަމަ އަހަރެންނަށް މިހާ ތެޅޭކަށް ނުޖެހުނީހެއްނު.. ހޫން. ދެން ފޯނު ބާއްވަނީ.. ޟިރާރަށް ގުޅާފަ ބުނީމަދޯ އިނގޭނީވެސް….) އިބްޒީމާ ފޯނު ކަނޑާލުމުން އަޒީމް ޗުސް ކަނޑާލިއެވެ. ރީތިވާ މޭޒުކައިރިއަށް ގޮސް ކޮޓަރީގެ ބޮކި ދިއްލާލަމުން ލޯގަނޑު ކުރިމައްޗަށް އަޒީމް ހުއްޓުނެވެ. އަޒީމްގެ އިސްތަށިގަނޑުގައި އަތްހާކާލާމުން ލޯގަނޑާ ގާތްވަމުން މޫނަށް ބަލާލިއެވެ.

“ކާކުތަ އެގުޅީ؟…” ދެލޯ ހަނިކޮށްގެން އޮވެ އަޒީމާ ދިމާއަށް އެނބުރެމުން މަންޝާ އަހާލިއެވެ. އަޒީމް ފޯނުގަ ހުރެ ވާހަކަ ދައްކާ އަޑަށް މަންޝާއަށް ހޭލެވުނީކަން އަޒީމަށް އެނގުނެވެ.

“އެގުޅީ މަންމަ….” އަޒީމް ފާޚާނާއަށް ވަންނަންދާން އެނބުރިލި ވަގުތު ރީތިވާ މޭޒުމަތީ އޮތް މަންޝާގެ ފޯނު ރިންގްވާތަން ފެނުނެވެ. އެފޯނު އޮތީ ސައިލެންޓަށް ލާފައިކަމުން ރިންގްވާ އަޑެއް ނީވެއެވެ. ފޯނު ނަގަމުން އަޒީމް ބުނެލިއެވެ. “މަންޝާގެ ފޯނަށް ޒުހާވެސް އެވަރަށް ގުޅާ އިރު ފޯނަށް ޖަވާބުނުދެނީ ކީއްވެތަ؟.. ސައިލެންޓަށް ލާފަ އޮންނަންޏާ ނޭނގޭނެދޯ މީހަކު ގުޅިއަސް… އަން މިއޮއް ގުޅާނީ މަންޝާގެ މަންމަ…” މަންޝާއާ ދިމާއަށް ފޯނު ދިއްކޮށްލަމުން އަޒީމް ވާހަކަ ދެއްކިއެވެ.

އެފޯނަށް ޖަވާބުދޭން ބޭނުން ނުވާތީ މަންޝާ ތުން އޫކޮށްލަމުން ދެއަތަށް ބޯ ހުރާލީ އެނދުން ތެދުވަމުންނެވެ. “ކިހިނެއްތަ ތިއުޅެނީ؟… މަންޝާ މާލެ އައި ފަހުން މަންމަ ކައިރިއަށް ގޮސްވެސް ނުލަމެއްނު… އަން ވާހަކަ ދައްކަބަލަ…” އަޒީމް ފޯނު ނަގާފަ މަންޝާއާ ދިމާއަށް ފޯނު ދިއްކޮށްލިއެވެ. އަނގަޔަށް ވައްތަރެއް ޖައްސަމުން އެ ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން ހަލޯއޭ މަންޝާ ބުނެލިއެވެ.

“ދަރިފުޅާ… ފޯނަށް ކިހިނެއް ހަދައިގެންތަ ތި އުޅެނީ… މިގެއަށް ނާންނަނީ ކީއްވެތަ؟… މަންޝާ ރަނގަޅުތަ؟…” މަދީހާ ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ.

“އާން މަންމާ ރަނގަޅު.. އެކަމަކު މިއުޅެނީ ވަރަށް ބޮޑަށް ބަލޮގަ ރިއްސާތީ.. އެހެންވެ ބޭރަށްވެސް ނުނިކުންނަން… ތިގޭ އެންމެން ރަނގަޅުތަ؟..” މަންޝާއާ ދިމާއަށް އަޒީމް ބަލަން ހުރުމުން މަންޝާ ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ.

“ދަރިފުޅާ… ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން މާލެ އައި ދުވަހުން ފެށިގެން މަންޝާއަށް މަންމަ ގުޅިން…. މިގޭތެރޭގަ ވަރަށް ގިނަ ކަންތައްތައް ހިނގައިފި…. އިނގޭތަ ހަސަންބެ މަރުވިކަން… ރަށުގަ ދިމާވި ކަންތައްގަނޑަށްފަހު އޭނަ އަމިއްލައަށް މަރުވީ އަހަރެމެން ފުރި ރޭ… މިހާރު އަފްނާންވެސް ގެއިން ފިލައިގެން ހިނގައްޖެ.. ނޭނގެ ވީތަނެއްވެސް.. މުނީރާ ބޭނުމެއް ނުވޭ އަފްނާން ގެއަށް އަނބުރާ ގެންނާކަށް… މަންމަ ވަރަށް ދެރަވޭ… އަފްނާން ކިހިނެއް އެކަނިމާ އެކަނި އުޅޭނީވެސް…” މަދީހާ އެއްފައްޗަކަށް ހުރިހާ ވާހަކައެއް މަންޝާއަށް ކިޔައިދިނެވެ.

“އެހެންތަ؟.. ނޭނގެ… އަޅެ އަފްނާން ދެން ނާންނާނެތަ؟… ކޮބާ މާމަ؟…” މަންޝާ އެނދުން ތެދުވަމުން މަދީހާ ދެއްކި ވާހަކައަށް ޖަވާބުދިނެވެ.

“މާމަ ވީ ހުޅުމާލޭގަ… މަންމަވެސް މިރޭ މިއުޅެނީ ހުޅުމާލެއަށް ދާން ކަމަށް… މާދަމާއަކީ ހުކުރު ދުވަހެއްނު… އެކޮޅުގަ ގޮސް މަޑުކޮށްލާފަ ސްކޫލު ހުޅުވޭ ދުވަހަށް އަންނަން ކަމަށް… ދަރިފުޅާ ފަހުން ގުޅާނަން. މިގަޑީ ފޯނު ބޭއްވީ އިނގޭ…” މަދީހާގެ ފޯނު ކަނޑާލަމުން މަންޝާ ފޯނު އެނދުމައްޗަށް ހޫރާލިއެވެ. އޭރު އަޒީމްވީ ފާޚާނާގައެވެ. މަންޝާ ލައިގެން ހުރި ހެދުން ބޭލުމަށްފަހު ފާޚާނާއަށް ވަންނަން މިސްރާބު ޖެހިއެވެ.

*** *** *** *** *** ***

“މަކީ އެއްކަލަކިއަސް ޒިބާން ހިފަހައްޓަގެން ގިނިވޭނޑޭ މީހަށް ނޫން… އެހެންވެ ކަންނިއެނގެ ޒިބާން ތެހިސާބަށް ތެ ގެއީއަސް… ބައްޕާ މި ދައްކާ ވާހަކަ ކަނިލައި އަޑޮއަހާހެތި… އެކަލޯ މިތެއި ބައްޕާ ހިފެހެއްޓީ އެކަލޯގެ ރައްކަލަކަށް… އެމީހުން ފަނޑިތަ ހަދަގެން އެކަލޯމެން ހޯދާށް މަސައްކަށް ކެރަމުން އޭ ހެދި… ބައްޕާ މިދޭ އެއްތަށް ޒިބާޏް ވަރަށް ބަލަގެން ވޭނޑޭހެތި… މީ ޒިބާން އެ ފަންޑިތަވެރިންގެ ލޯތަކަށް ފޮރުވައިދޭނެ ވަސީލަތަށް… ހަނދާންކޮށް މި އަނގޮޓީ ޒިބާންގެ އަތުން ނިނަގާހެތި…” (އަަހަރެންނަކީ އެއް އިރަކުވެސް ޒިބާން ހިފަހައްޓައިގެން ގެންގުޅުނު މީހެއް ނޫން… އެހެންވެ ކަންނޭނގެ ޒިބާން ތިހިސާބަށް ތި ދިޔައީވެސް… ބައްޕަ މި ދައްކާ ވާހަކަ ކަނުލާ އަޑުއަހާތި… ދަރިފުޅު މިތާ ބައްޕަ ހިފެހެއްޓީ ދަރިފުޅުގެ ރައްކަލަކަށް… އެމީހުން ފަންޑިތަ ހަދައިގެން ދަރިފުޅުމެން ހޯދަން މަސައްކަތް ކުރަމުން ދާތީ… ބައްޕަ މިދޭ އެއްޗަށް ޒިބާން ވަރަށް ބަލައިގެން އުޅޭތި… މީ ޒިބާން އެ ފަންޑިތަވެރިންގެ ލޯތަކަށް ފޮރުވާދޭނެ ވަސީލަތެއް… ހަނދާންކޮށް މި އަނގޮށްޓި ޒިބާންގެ އަތުން ނުނަގާތި…) ސައިބްރޯތު ވާހަކަ ދައްކަމުން އައިސް ޒިބާން ކުރިމައްޗަށް ހުއްޓުނެވެ. އަދި އޭނާގެ އަތް ހުޅުވާލަމުން ޒިބާނާ ދިމާލަށް ރިހި އަނގޮށްޓިއެއް ދިއްކޮލިއެވެ. އެއީ ހުދުކުލައިގެ އެހެއް ޖަހާފައިވާ ވަރަށް ރީތި އަނގޮށްޓިއެކެވެ.

ސައިބްރޯތުގެ މޫނަށް ބަލަންހުރުމަށްފަހު ޒިބާންގެ އިނގިލީގައި އެ އަނގޮށްޓި އެޅިއެވެ. އަނގޮށްޓި އެޅުމާއެކީ އޭގެ ހުދު އެހަށް ރަތްކުލަ އަރައިގެން ދިޔައެވެ. އެވަގުތު ޒިބާންގެ ދެލޯވެސް ރަތް ކުލައިން ދިއްލުނެވެ. “ބޮޑިދައިތާ މަމި އެނީ… މި ބޭސް މަންޝާށް ދެރެފެއި އަވަ އަނބަރައި އޭށުން….” (ބޮޑުދައިތާ އަހަަރެން މިދަނީ… މި ބޭސް މަންޝާއަށް ދީފަ އަހަރެން އެނބުރި އަންނާނަން…) ޒިބާން އެތަނުން ދާން ހިނގައިގަތް ވަގުތު ޒިބާންގެ ކުރިމައްޗަށް ތަޒްކިޔާ އެރިއެވެ. ” މާސް އޭށުން…” (އަހަރެންވެސް ދާނަން…) ތަޒްކިޔާގެ އެދުމަށް ޒިބާން ބޯ ޖަހާލިއެވެ.

އެވަގުތު ތަޒްކިޔާއަށް ސަކޭރާ ގޮވާލިއެވެ. ” ތަޒްކީ… މަޑޮކޮށްފެލަ… މިއާ ހިފަގެން އެބޭއް… ތަޒްކީއަށް ގެއްލުމަށް އާސްފޭހެއްނެތީ ދޭއެއްތަށްމީ..” (ތަޒްކީ… މަޑުކުރޭ… މިހިފައިގެން ދޭ.. ތަޒްކީއަށް ގެއްލުމެއް އައިސްދާނެތީ ދޭ އެއްޗެއް މީ…)

ތަޒްކިޔާ އަތަށް ސަކޭރާ ދިނީ ހުދުކުލައިގެ ހިލަކޮޅެކެވެ. ތަޒްކިޔާގެ މުށުތެރެއަށް އެ ހިލަކޮޅުލާ ބާރުކޮށްލަމުން ސަކޭރާއަށް ޝުކުރުއަދާ ކުރިއެވެ. ޒިބާނާއެކީ ދާން ތަޒްކީ ހިނގައިގަތެވެ. އެމީހުންގެ ފިޔަވަޅު އެހިސާބުން ހުއްޓުނީ ސައިބްރޯތު ގޮވާލުމުންނެވެ. “ޒިބާން… ތަޒްކީޔާއަށް ރަނގަޅަށް ބަލާހެތި…” (ޒިބާން.. ތަޒްކިޔާއަށް ރަނގަޅަށް ބަލާތި…)

ދެމީހުން އެކީ މިސްރާބު ޖެހީ މަންޝާމެން ދިރިއުޅޭ ގެއާ ދިމާއަށެވެ. ވިލާތަކުގެ ތެރެއިން އެ ދެމަޚްލޫގު ދަތުރުކުރަމުން އައިސް ޒިބާން މަޑުޖެހިލިއެވެ. ތަޒްކީވެސް މަޑުޖެހިލަމުން ޒިބާނާ ދިމާއަށް ބަލާލިއެވެ. ފުންނޭވާއެއް ބޭރުކޮށްލަމުން އޭނާގެ އިސްކޮޅަށް ދެމިލިއެވެ. ޒިބާންގެ ހުދު އިސްތަށިގަނޑު ކަޅުކުލައަށް ބަދަލުވިއެވެ. އިސްތަށިގަނޑުގެ ތަންތަންކޮޅުގައި ވަނީ ރަތްކުލަ ޖައްސާފައެވެ. ޒިބާންގެ ހަންގަނޑުގެ ކުލަ ބަދަލުވެ މަންޝާ ކައިރިއަށް ޒިބާންދާ ސިފައަށް އެއްކޮށް މީހާ ބަދަލުވިއެވެ.

ޒިބާނާ ދިމާއަށް ތަޒްކިޔާ ބަލަން ހުރީ އަޖައިބުވެފައެވެ. މަންޝާ ކައިރިއަށް ދަމުން ޒިބާންގެ ސިފަ ބަދަލުކޮށްލީ މަންޝާއަށް އޭނާ ފެންނަ އިރު ހުންނަ ގޮތަށެވެ. ތަޒްކިޔާ ހުއްޓުން އަރާފަ އެހުރިގޮތަށް ހުރީ ޒިބާންގެ ރީތިކަން ފެނިފައެވެ. ޒިބާން މަޑުމަޑުން ތަޒްކިޔާއާ ކައިރިއަށް ޖެހިލިއެވެ. ތަޒްކިޔާގެ ހިތްއަވަސްވަމުން ދިޔައެވެ. އޭނާއަށް ޒިބާން އެހުރި ސިފަ ވަރަށް ކަމުދެއެވެ.

“ޒިބާން…” ތަޒްކީއަށް ބުނެވުނީ އެހާ ވަަރަށެވެ.

“ތަޒްކީ ހިނަގައު އެބޭ…” (ތަޒްކީ ހިނގާ ދާން…) ތަޒްކިޔާގެ އަތުގައި ހިފަމުން ޒިބާން ކުރިއަށް ޖެހިލިއެވެ. ތަޒްކިޔާގެ އަތުގައި ޒިބާން ހިފުމުން އޭނާއަށް ތަފާތު އިހްސާސެއް ކުރަމުން ދިޔައެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމީހުންނަށް ތިބެވުނީ މަންޝާމެެންގެ ގެއާ ވަރަށް ކައިރީގައެވެ. ތަޒްކިޔާއާ ޒިބާން އައިސް ތިރިކުރީ މަންޝާގެ ކޮޓަރީގައިވާ ބެލްކަންޏަށެވެ. ޒިބާން ކުރިއަށް ވަންނަން އެޅި ފިޔަވަޅު ހުއްޓުނެވެ. ބެލްކަނީގައި ދަމާފައިވާ ފޮތިގަނޑު ވަޔާ ވިހުރިލި ވަގުތު އެތެރެއިން ޒިބާނަށް ފެނުނު މަންޒަރުން ފަހަތަށް ފިޔަވަޅެއް އެޅުނެވެ.

މަންޝާ ހުރީ އަޒީމް ގައިގައި ބައްދާލައިގެންނެވެ. މަންޝާ ހުރީ ބެލްކަންޏަށް ފުރަގަސް ދީގެން ކަމުން އޭނާއަށް ޒިބާނެއް ނުފެނެއެވެ. އެދެމީހުންގެ ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތެވެ. ތަޒްކިޔާ ކިޔައިދިން ވާހަކަތައް ޒިބާންގެ ކަންފަތުގައި ގުގުމާލިއެވެ. ޒިބާނަށް އެމަންޒަރު ބަލާކަށް ކުޅަދާނައެއް ނުވިއެވެ. ޒިބާނަށް ކުރަމުން ދިޔަ އިހްސާސްތަކުން އޭނައަށް ވަނީ ކިހިނެއްކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ދެއަތް މުށްކަވާލަމުން ޒިބާން އެ ދޮރަށް ފުރަގަސްދިނެވެ.

ތަޒްކިޔާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޒިބާނަށް އެފެނުނީ ކުރިން ދުވަހު ތަޒްކިޔާއަށްވެސް ފެނުނު މަންޒަރެވެ. ޒިބާނަށް ވަމުންދާގޮތް ފެނި ތަޒްކިޔާ ހިތުގައި ޖެހުނެވެ. ޒިބާންގެ ކޮނޑުގައި ހިފާލަމުން ވާހަކަ ދައްކަން އޭނަ އަނގަ ހުޅުވާލިއެވެ. އެއްޗެކޭ ނުބުނެވެނީސް ޒިބާން ތަޒްކިޔާގެ އަތް ފޮޅުވާލިއެވެ. ހަމަ އެ ދަނޑިވަޅުގައި ތަޒްކިޔާއާ ކުރިމަތިލާން ޒިބާން އެނބުރުނެވެ. ތަޒްކިޔާ ދެކެ ރުޅި އައުމުގެ ބޭނުމެއް ނެތްކަން ޒިބާނަށް އެނގުނެވެ. އެހެންކަމުން ތަޒްކިޔާ އަތުގައި ހިފަމުން ބެލްކަނިން މައްޗަށް އުދުއްސައިގަތެވެ. ވިލާތަކާ ހަމަޔަށް އެރުމުން ތަޒްކިޔާ ޒިބާން ހުއްޓުވިއެވެ. “ޒިބާން… މަޑޮކޮށްފެލަ…” (ޒިބާން… މަޑުކޮށްބަލަ…)

ޒިބާން ހުރީ ހަމައިގައި ނޫންކަން ތަޒްކިޔާއަށް އެނގުނެވެ. ޒިބާންގެ މޫނުމަތިން ފެންނަމުން ދިޔައީ ތަފާތު ކަމެކެވެ. އޭނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ދެލޮލުން ފާޅުވަމުންދިޔައީ މަޑު ރަތްކުލައެކެވެ. ޒިބާނަށް ހިތްވަރުދޭން ބުނާނެ އެއްޗެއް ތަޒްކިޔާއަކަށް ނޭނގުނެވެ. ނުވިސްނާހުއްޓާ ތަޒްކިޔާގެ ގައިގައި ޒިބާން ބައްދާލިއެވެ. ތަޒްކިޔާ ގަނޑުވި ކަހަަލައެވެ. ޒިބާންގެ ހިތް ކުދިކުދިވެއްޖެ ކަން ތަޒްކިޔާއަށް އެނގުނެވެ. ޒިބާންގެ ގައިގައި ތަޒްކިޔާގެ އަތް ޖައްސާލަންވެސް ނޭނގިފައި ތަޒްކިޔާ ހިމޭނުން ހުރީ ދެއަތް އެލުވާލައިގެންނެވެ. ޒިބާން ދުރަށް ޖެހިލަމުން ތަޒްކިޔާދެކެ ރުޅި އާދެވުނީތީ އެކަމަށް މައާފަށް އެދުނެވެ.

“ނުން ޒިބާން… ތެހެން ނިބެނަ… މަށް ފެނެނީ ޒިބާޏް އަނބަރައި މަްޝާއިކަހާ އޭ… މަންޝާ އެހެން ހެދި ސަބަބަކަސް އޮޅުންފިލުވާށް ޖެހޭހެ… އެނެއްކެޑުން މަންޝާގެ ބަނޑިއޮށް ކޮއްޔާއްޓަކައިއަސް ޒިބާން މަންޝާއި ކުރިމަތިލާށްޖެހޭހެ… މަންޝާ ކެހެނެކަށް އެކޮއްޔާ އެކަނި ގިނވޭނޑޭނެއި…” (ނޫން ޒިބާން.. ތިހެން ނުބުނޭ… އަހަރެންނަށް ފެންނަނީ ޒިބާން އެނބުރި މަންޝާ ކައިރިއަށް ދާން… މަންޝާ އެހެން ހެދި ސަބަބެއް އޮޅުން ފިލުވަންވެސް ޖެހޭނެ… އަނެއްކޮޅުން މަންޝާގެ ބަނޑުގައިވާ ދަރިފުޅައްޓަކާވެސް ޒިބާން މަންޝާއާ ކުރިމަތި ލާން ޖެހޭނެ… މަންޝާ ކިހިނެއް އެ ކުއްޖާ އެކަނި ގެންގުޅޭނީ…) ތަޒްކިޔާ ބުނި އެއްޗަކާ ދޭތެރޭ ޒިބާން ވިސްނާލިއެވެ. އެނބުރި މަންޝާ ކައިރިއަށް ދާން އޭނާ ބޭނުންވިއެވެ. ޒިބާނަށް އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލި ސަބަބު އޭނާ އެނގެން ބޭނުންވިއެވެ.

*** *** *** *** *** ***

އަޒީމް އޮފީހަށް ދާން ކޮޓަރިން ނުކުމެގެން ދިއުމުން މަންޝާ ގައަށް ހެދުމެއް މަހާލިއެވެ. ގެތެރޭގައި ލައި އުޅޭކަހަލަ ޓީޝާޓަކާ ހަރުވާޅެކެވެ. އަޒީމް ގެއިން ނުކުތުމުން މަންޝާއައިސް ކޮޓަރިއަށް ވަނެވެ. އެވަގުތު ބެލްކަނީގައި ހުރި އަލިގުޅަ އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއީ އެތައް ދުވަހެއް ވަންދެން ޒޭބާ ބައްދަލުކުރަން ބޭނުންވެފައި ހުރި ޒިބާންކަން އެނގުމުން މަންޝާގެ ތުންފަތާ ކުޅެލީ ލާނެއް ހިނިތުންވުމެކެވެ. މަންޝާގެ ހަށިގަނޑުުގައި ހިނގަމުން ދަނީ ޒޭބާގެ ބާރެވެ. އެނދުގައި އިށީނދެގެން މަންޝާ އިނީ ޒިބާނަށް ފުރަގަސް ދީގެންނެވެ.

ޒިބާނާ އެކީ ތަޒްކިޔާ ބެލްކަނީގައި ހުއްޓެވެ. ޒިބާން ބެލްކަނިން އެތެރެއަށް ވަންނަމުން ތަޒްކިޔާ ދިމާއަށް ބަލާލިއެވެ. ތަޒްކިޔާ ލުއި ހިނިތުންވުމެއް ރައްދުކޮށްލަމުން ބޯ ޖަހާލިއެވެ. ޒިބާން އެ ކޮޓަރި ތެރެއަށް ވަދެ އެނދު ކައިރިއަށް ޖެހިލިއެވެ. މުޅިކޮޓަރި ތެރެއަށް ވަށައިގެން ޒިބާން ބަލާލިއެވެ. އާދަޔާ ޚިލާފް ބާރެއް އެކޮޓަރި ތެރޭގައިވާކަމުގެ އިހްސާސް އޭނާއަށް ކުރެވުނެވެ. އެންމެ މީހެއްގެ ބާރެއް ނޫނެވެ. ދެތިން މީހެއްގެ ބާރު އޭނާއަށް އިހްސާސް ވިއެވެ. މި ކުރިމަތި ލާންޖެހެނީ ކިހާވަރެއްގެ ކަންތައްގަނޑަކާ ކަމެއް ޒިބާނަކަށް ނޭނގެއެވެ.

“މަންޝާ…” ޒިބާން މަޑުމަޑުން މަންޝާއަށް ގޮވާލިއެވެ.

“ހަހަހަ… އައީތަ… ހާދަ ދުވަހެއް ވެއްޖޭ ޒިބާންގެ އިންތިޒާރުގަ އަހަރެން ހުންނަތާ؟…” މަންޝާ ވާހަކަ ދެއްކި ނަމަވެސް އެއަޑުގައި ތަފާތުކަމެއް ވާކަން ޒިބާނަށް ދެނެގަންނަން އެނގުނެވެ.

“ކީކޭ… މަންޝާ ކިހިނެއް ތި ވާހަކަ ދައްކަނީ…” ޒިބާން ކުރިއަށް ޖެހިލިއެވެ.

“އަަހަރެންދެކެ ލޯބިވާނަމަ ތިން ދުވަސް ވަންދެން ނައިސް ހުރީ ކީއްވެ… އަހަރެން ހާދަ އިންތިޒާރެއް ކޮށްފީމޭ…” މަންޝާ އެއްފަރާތަށް ބޯއަރިކޮށްލަމުން އޭނާގެ ފަހަތުގައި ހުރި ޒިބާނާ ދިމާއަށް ބަލަމުން ވާހަކަ ދެއްކިއެވެ. މަންޝާގެ ބަލާލުމުން އޭނާގެ ހަށިގަނޑުގައި އެހުރީ ޒޭބާކަން ޒިބާނަށް ދެނެގަންނަން އެނގުނެވެ.

“ޒޭބާ… ކެންކެރާށް.. މަންޝާ ގާށްވަނީ؟… މަ ބަދަލޮހިފާށާ ތެހިނގަނީ…” (ޒޭބާ… ކީއްކުރަން މަންޝާގެ ގަޔަށް ވަނީ؟… އަހަރެންނަށް ބަދަލުހިފަންތަ ތިއުޅެނީ…) ޒިބާން ރުޅިގަދަވިއެވެ.

“މަށް ވައުދުވީ ކަންތައް ނިނިމެނީސް ކުޅިއަނބަރަލީ ޒިބާން… ޒިބާން އަދޮ މަ އެކަނިކޮށްލީކޯ އިނގެއި މާއި އަޅާލާނެ އެހެކާސް ނެއްކަން…” (އަހަރެންނަށް ވައުދުވި ކަންތައް ނުނިމެނިސް ކުޅިއަނބުރާލީ ޒިބާން… ޒިބާން މިއަދު އަހަރެން އެކަނި ކޮށްލިއިރު އިނގޭތަ އަހަރެންނާ އަޅާލާނެ އެކަކުވެސް ނެތްކަން…) ޒޭބާގެ އަޑު ފާޅުވީ އެހިސާބުންނެވެ. ޟިރާރަށް ބަދަލުހިފަމުން ދިޔަ ކަންތަކުން ޒިބާން އަތް ފޮޅާލި ހިސާބުން ޒޭބާ ހުރީ އެކަމާ ހިތްހަމަ ނުޖެހިފައެވެ. ޒޭބާއާ އެކީ މަންމަގެ މަަރަށް ބަދަލުހިފަން ދުނިޔެއަށް އައި ޒިބާން ބަދަލުވުމުން އޭނާގެ ހިތަށް ވަނީ ވަރަށް ބޮޑުއަސަރެއް ކޮށްފައެވެ.

މަންޝާގެ ހަށިގަނޑުގައި ހުރެ ޒޭބާގެ ބާރު ހިންގަމުން ދިޔަކަން ޒިބާނަށް އެނގުމުން އޭނާ އިންތިހާއަށް ރުޅިއައެވެ. “ތެ ބަދަލޮހިފާނެކަމަށް ނެއް… ތެކަން ހުއްޓަލަ ޒޭބާ…” (ތި ބަދަލު ހިފާނެކަމެއް ނެތް…. ތިކަން ހުއްޓާލާ ޒޭބާ؟…) ޒިބާން އާދޭސްކުރިއެވެ.

“ދޫކޮށްލާކެނައު… ބަލަ މަ މަންމާ އެމީހުން ހެދިގޮށް  އެހެއި ފަސޭހައިން ޒިބާން ހަނދާން ނެތެނެއްޔާ… މަ ކެހެނަކަށް އުޅެ ބޮޑޮވީ… ދެ އާއިލާއިނަސް މަ ބަލައިނިގަށް… މީ ހުސް ޟިރާރުގެ ނިބައިކަން…” (ދޫކޮށްލާށެ… ބަލަ އަހަރެންގެ މަންމައަށް އެމީހުން ހެދި ގޮތް އެހާ ފަސޭހައިން ޒިބާން ހަނދާން ނެތުނީތަ؟… އަހަރެން ކިހިނެއް އުޅެ ބޮޑުވީ…. ދެއާއިލާއިންވެސް އަހަރެން ބަލައި ނުގަތް… މީ ހުސް އެ ޟިރާރުގެ ނުބައިކަން…) މަންޝާގެ ހަށިގަނޑަށް ވާ ކޮންމެ ގެއްލުމަކުން ޒިބާންގެ ހިތަށް އަސަރު ކުރާނެކަން ޒޭބާއަށް އެނގެއެވެ. ޒިބާންގެ ސިކުނޑިއާ ކުޅެލަން އެއީ އެންމެ ރަނގަޅުގޮތްކަން އޭނާއަށް ވިސްނުނެވެ.

މަންޝާގެ ހަށިގަނޑު އުއްޑުން އެނދުމައްޗަށް ވެއްޓުނެވެ. ދެއަތް ފަހަތަށް ދަމާލަމުން ބޮލާދިމާލުން އަތް ތިލަ ވިއްދާލިއެވެ. އެއަށްފަހު މެދުހަށި އުފުއްލާލަމުން އެނދުމަތީގައި މަންޝާހުރީ ހަތަރު މޮށްގަނޑު ޖަހައިގެން އުނޑުންނެވެ. ހާވާލާފައިވާ މަންޝާގެ އިސްތަށިގަނޑު އޮތީ އެނދުމަތީގައި ކޭތިލަކޭތިލައެވެ. ލައިގެންހުރި ޓީޝާޓު މައްޗަށް އެރުމުގެ ސަބަބުން ބަނޑުއޮތީ ހާސާކޮށް ފެންނާށެވެ. ކުރިއަށް އޭނާ ޖެހިލީ އެހެން ހުރެއެވެ. ޒިބާނަށް އެމަންޒަރު ބަލާކަށް ކެތެއް ނުވިއެވެ.

“ޒޭބާ ކެހެނަކަށް ހަދާށްކަމަށް ތެހިނގަނީ…” (ޒޭބާ ކިހިނެއް ހަދަން ކަމަށްތަ ތިއުޅެނީ…) ޒިބާންގެ ބާރު ބޭނުންކޮށްގެން ޒޭބާ ބަލިކުރަން ބޭނުންވި ނަމަވެސް ބާރުގެ ބޭނުންކުރަން އޭނާ ފަސްޖެހުނެވެ. އެކަމުގެ ސަބަބުން މަންޝާގެ ހަށިގަނޑަށް ގެއްލުމެއް ލިބޭކަށް އޭނާ ބޭނުމެއް ނުވިއެވެ. ގަބުއަރާފަހުރި ޒިބާނަށް ހޭވެރިކަމެއް ވީ ބެލްކަނި ބިއްލޫރިގަނޑުގައި އެއްޗެއް ޖެހުނުއަޑަށެވެ. އޭރު ބިއްލޫރިގަނޑު ކައިރީގައި ތަޒްކިޔާ މަންޒަރު ބަލަންހުއްޓެވެ. އޭނަ ރުޅިއައިސް ރަތްވެފައި ހުރީ ގޭތެރެއަށް އޭނައަށް ނުވަދެވޭތީއެވެ. އޭނާއަށް އެގޭތެރެއަށް ވަދެވޭ ގޮތެއް ނުވިއެވެ.

“އޯ… ހޫޒްދެޓް… ތަޒްކިއްޔާ…. ހަހަހަހަ… އެއަ ކިތަންމެ ވަރަށް ދެއްކިއަސް މިގެއް ނިވެދޭހެ… މިގޭ މީހަކާ ގެއް ވަންނަ ދައުވަތު ނިދޭހައި ހިނދަކި ނިވަދެވޭހެއްކަން އެއަށް ނިއެނގެނިއްޔާ…. ގަމާރު…” (އޯ… ހޫޒްދެޓް… ތަޒްކިއްޔާ…. ހަހަހަހަ… އޭނަ ކިތަންމެ ވަރެއް ދެއްކިއަސް މިގެއަކަށް ނުވަދެވޭނެ… މިގޭ މީހަކު ގެއަށް ވަންނަން ދައުވަތު ނުދޭހާ ހިނދަކު ނުވަދެވޭނެކަން އޭނައަށް ނޭނގެނީތަ… ގަމާރު…)

މަންޝާ ތެދުވެ ހިންދެމިލިއެވެ. ކަރު ދެފަރާތަށް އަރިކޮށްލަމުން ޒިބާނާ ދިމާއަށް ހިނގައިގަތެވެ. “ޒިބާން މަބެނާ ކަންތައް ކެރިމެއި ނޫނީ މަންޝާގެ ހަށިގަނޑުން އަވަ ނިނުކުންނަށުން…” (ޒިބާން އަހަރެން ބުނާ ކަންތައްކުރީމަ ނޫނީ މަންޝާގެ ހަށިގަނޑުން އަހަރެން ނުނިކުންނާނަން…) ޒޭބާ ބޭނުންވީ އޭނާ ބޭނުންވާ ކަންތައް ކުރަން ޒިބާން އެއްބަސް ކުރުވާށެވެ. އެއްމިޔަކަނުން ހިނިއައިސް ހުރެ އޭނާ ޒިބާން ކައިރިއަށް ފިޔަވަޅެއް އަޅާލިއެވެ. ޒިބާން ވަށާ ހިނގަމުން ދިޔަ އިރު އޭނާ އަޒީމާ ގާތްވީމަ ޒިބާނަށް އަސަރު ކުރާނެކަން އެނގޭކަމަށްވެސް ބުންޏެވެ. މިހުރިހާ ކަމެއް ތަކުރާރުކޮށް ކުރަމުން ދާނެކަމަށާ އެކަން ހުއްޓާނީ ޒިބާން ޟިރާރަށް ބަދަލުހިފުމަށް އެހީވާން އެއްބަސްވުމުންކަމަށްވެސް ޒޭބާ ބުނަމުން ދިޔައެވެ.

“ޒޭބާ… ކެހެނަކަށް ވެގެން ތެ ހިނގަނީ… ބަލަފެލަ ތެ ކިއޭ އެއްތަށް… އަދޮ މަށް ޒޭބާ ތެ ދެނީ ކިހެއި ބޮޑޮ އަނިޔާ… އާއިލާއި އެއްވެސް މީހަކާ ބަލައިނިގައް ކޫދަކާ ވީކޯ މަ ޒޭބާ ބެލީ ކިހެއި ލޯބިން… މަ ނެއުއެއްތެއްނާ ޒޭބާށް ވޭނެ ގޮށް ހިތަކަށް ނިއަރައި… މަށް ކުދުކޫދަކާ ގިނިވޭނޑޭ ނިއެސް އިނގެއި އެކޯ… އެކަމަކި މަ އާއިލާއި ދެކެޑަށް ޒޭބާ ގިނިވޭނޑެނެއި ކިހެއި ލޯބިން.. އަދޮ މަންޝާ  ބަނޑިއެއޮތީ މަ ކޫދަށް… މަންޝާކީ މަމިދުނިޔެއިން އެންމެ ލޯބިވޭ މީހަކީ… އެކަމަކި ޒޭބާ ބަދަލޮހިފުމުގައި ތެހެދޭ ގޮށްތަކުން މަންޝާގެ ހަށިގަނޑަށް ތެ ދެނީ ކެހެއި ބޮޑޮ އަނިޔާ… މަންޝާއަށް ލިބޭ ކޮންމެ އަނިޔާކީ މަށަސްލިބޭ އަނިޔާ… އާދޭސްކޮށްފެއި މިބެނަނީ ތެހެން ނިހަދަ…މަގޭ ފުރާނަ ނެގިއަސް ހެއު… މަންޝާ ދޫކޮށްލަ…މަގޭ ލޯބި ޒޯއީއަށް ވޭނެވަރޮ ޒޭބާއަކަށް ނިވެސްނެނީއްޔާ؟…” (ޒޭބާ… ކިހިނެއް ވެގެން ތިއުޅެނީ.. ބަލާބަލަ ތި ކިއޭ އެއްޗެއް… މިއަދު އަހަރެންނަށް ޒޭބާ ތިދެނީ ކިހާ ބޮޑު އަނިޔާއެއް… އާއިލާ އެއްވެސް މީހަކު ބަލައިނުގަތް ކުއްޖަކަށް ވީއިރު އަހަރެން ޒޭބާ ބެލީ ކިހާ ލޯބިން… އަހަރެން ނެތްނަމަ ޒޭބާއަށް ވާނެގޮތް ހިތަކަށް ނާރާތަ.. އަހަރެންނަށް ކުޑަކުއްޖަކު ގެންގުޅެން ނުވެސް އިނގޭނެ އޭރު.. އެކަމަކު އަހަރެންގެ އާއިލާއާ ދެކޮޅަށް ޒޭބާ ގެންގުޅުނީ ކިހާ ލޯބިން… މިއަދު މަންޝާގެ ބަނޑުގަ އެއޮތީ އަހަރެންގެ ދަރިއެއް.. މަންޝާއަކީ އަހަރެން މިދުނިޔޭއިން އެންމެ ލޯބިވާ މީހަކީ.. އެކަމަކު ޒޭބާގެ ބަދަލު ހިފުމުގަ ތިހެދޭ ގޮތްތަކުން މަންޝާގެ ހަށިގަނޑަށް ތިދެވެނީ ކިހާބޮޑު އަނިޔާއެއް… މަންޝާއަށް ލިބޭ ކޮންމެ އަނިޔާއަކީ އަހަރެންނަށްވެސް ލިބޭ އަނިޔާއެއް…އާދޭސްކޮށްފަ މިބުނަނީ.. ތިހެން ނުހަދާ… އަަހަރެންގެ ފުރާނަ ގެންދިޔަޔަސް ހެޔޮ މަންޝާ ދޫކޮށްލާ…. މަގޭ ލޯބި ޒޯއީއަށް ވާނެވަރު ޒޭބާއަށް ނުވިސްނެނީތަ؟…) ޒިބާން ކަކޫ ޖަހާ ތިރިވެ ރޯން ފެށިއެވެ. އޭނާއަށް ގޮތްހުސްވިކަހަލައެވެ. މަންޝާއާ ޒޭބާގެ ދެމެދުން އޭނާއަށް ވަކި މީހަކު ހިޔާރު ކުރަން އުނދަގޫ ވިއެވެ. ޒޭބާއަކީ އޭނާ އެކަނިމާއެކަނި ބެލި އޭނާގެ ލޯބިވާ ކޮއްކޮއެވެ. ދެން އެހެރީ އޭނާގެ ފުރާނަފަދަ މަންޝާއެވެ.

ޒިބާން ދެއްކި ވާހަކަތަކުން ޒޭބާގެ ސިކުނޑިއަށް ކޮންމެވެސް އެއްޗެއް އެރިކަހަލައެވެ. ޒޭބާގެ އަތް އުފުލާލަމުން އަތަށް ބަލާލިއެވެ. އަދި މަޑުމަޑުން ބަނޑުގައި އަތް ޖައްސާލިއެވެ. އެވަގުތު މަންޝާގެ ބަނޑުގައި ވާ ދަރިފުޅުގެ އިހްސާސް އޭނާއަށް ކުރެވުނެވެ. އެކުއްޖާއަށް މިހާލު ޖެސުމުގެ ބޭނުމަކީ ކޮބައިބާވައޭ އޭނާގެ ހިތަށް އެރިއެވެ. ޒިބާން އޭނާއަށްޓަކައި ވީ ގުރުބާނީ އޭނާގެ ހަދާނަށް އައެވެ. ކުޑައިރު އޭނާއަށް ކާންދީ ޖިންނިން އުޅޭ ގޮތަށް އުޅެން އޭނާއަށް އެތައްކަމެއް ދަސްކޮށްދިނެވެ. ޒޭބާ އުފަންވި ދުވަހުން ފެށިގެން އާއިލާތެރޭގައި ޒިބާނާ ދިމާއަށް ކީ އެއްޗެހިތައް ޒޭބާގެ ކަންފަތުގައި ގުގުމާލިއެވެ.

“މަށް މައުފޫކޮށްލަ ޒިބާން…. އެކަމަކި ޟިރާރު މަގޭ މަންމާ މެރީ… މަގޭ މަންމާ ހިށިއެއްތެއްނާ މަ ގަނަތެޅޭކަށް ނިޖެހެނެއިސް… ޒިބާން މާސް ބަނޑޮބޮޑޮ… މަންޝާށް މިހެން ހަދާކަށް ބޭނުމަށް ނޫން… އެކަމަކި ޟިރާރަށް ބަދަލޮހިފާ އެއަގެ ހުށުހައި ކުދިންގެ ދުވަސް ދިއްވަލާށުން…” (އަހަރެންނަށް މާފްކުރޭ ޒިބާން.. އެކަމަކު ޟިރާރު އަހަރެންގެ މަންމަ މަރާލީ.. އަހަރެންގެ މަންމަ ހުރިނަމަ އަހަރެމެން ގަނަތެޅޭކަށް ނުޖެހުނީސް… ޒިބާން އަހަރެންވެސް ބަޑު ބޮޑު.. މަންޝާއަށް މިހެން ހަދާކަށް ބޭނުމެއް ނޫން… އެކަމަކު ޟިރާރަށް ބަދަލު ހިފަން އޭނަގެ ހުރިހާ ކުދިންގެ ދުވަސް ދުއްވާލާނަން…) މަންޝާގެ ދެލޮލުން ނޫކުލައިގެ ވިދުން ފާޅުވެގެން ދިޔައެވެ. ޒޭބާ ގޯހެއް ހަދާފާނެތީ ޒިބާން ބިރުގަތެވެ. ޟިރާރުމެން މިހާރު ފަންޑިތަ ހަދާކަމާ އެމީހުންގެ ބާރުން ޒޭބާ އަންދާލާކަށް ޒިބާން ބޭނުމެއް ނުވިއެވެ.

“ޟިރާރަށް ހިފާ ބަދަލެއް މަންޝާ އަނިޔާކެރަނީ ކެންކެރާ… މީ ޟިރާރުގެ ކޫދަކާކަމަސް އެއަކަށް ނިއަސް އިނގޭހެއް…. މަންޝާއަށް ދެރާ ދެރެގެން ޟިރާރަށް އަސަރަށް ކެރާށީ؟… ބަދަލޮހިފަގެން ޒޭބާގެ ހިތަށް ފިނިކަމަށް ލިބޭށީ؟… ބަދަލޮހިފުމުން މަންމާ އަނބަރައި އޭށީ؟… މަ ޒޭބާއި އެއްކެޑަށް ހިންނަނެހެން ހީވެއި؟…” (ޟިރާރަށް ހިފާ ބަދަލުގައި މަންޝާއަށް އަނިޔާދެނީ ކީއްކުރަން.. މީ ޟިރާރުގެ ދަރިއެއްކަންވެސް އޭނައަކަށް ނުވެސް އެނގޭނެ… މަންޝާއަށް ދެރައެއް ދީގެން ޟިރާރަށް އަސަރެއް ކުރާނެތަ؟… ބަދަލު ހިފައިގެން ޒޭބާގެ ހިތަށް ފިނިކަމެއް ލިބޭނެތަ؟… ބަދަލު ހިފުމުން މަންމަ އެނބުރި އަންނާނެތަ؟… އަހަރެން ޒޭބާއާ އެއްކޮޅަށް ހުންނާނެހެން ހީވޭތަ؟…) ޒޭބާގެ ނިންމުން ބަދަލުކޮށްލެވޭނެ ކަހަލަ އެތައް ސުވާލެއް ޒިބާން ކުރަމުން ދިޔައެވެ.

މަންޝާ އެހުރިތަނަށް ހުއްޓުނެވެ. ކަކޫޖަހާ ތިރިވެ ޒީބާނާ ދިމާއަށް އޭނާ ބަލާލިއެވެ. ޒޭބާގެ ލޮލުގެ ކުލަ މަޑުވެގެން ދިޔައެވެ. އޭރު އޭނާގެ ލޮލުން ކަރުނައިގެ އަސަރު ފާލުވަމުން ދިޔައެވެ. ޒިބާން އެބުނީ ތެދެއްކަން ޒޭބާއަށް އެނގުނެވެ. މަންމަ ދެން އެނބުރިއެއް ނާންނާނެއެވެ.

“ސޮރީ ޒިބާން… މަގޭ މުއަ ސިކުނޑިއަށް ތެ ހުށުހައި ކަަަމށް ނިވިސްނެނީ.. މަށް މައުފުކޮށްލަ…” (ސޮރީ ޒިބާން… އަަހަރެންގެ މޮޔަ ސިކުނޑިއަށް ތިހުރިހާ ކަމެއް ނުވިސްނުނީ….އަހަންނަށް މައާފް ކުރޭ…)

އިސް އުފުލާލަމުން މަންޝާގެ އަނގަ ތަންމިނަށް ހުޅުވާލިއެވެ. ކޮޓަރިތެރޭގައި ބާރު ވައިރޯޅިއެއް އެނބުރިގެން ކަހަލައެވެ. މަންޝާގެ އިސްތަށިގަނޑުވެސް ވަޔާ އެކީ ވިހުރެމުން ދިޔައެވެ. މަންޝާގެ އަނގައިން ނުކުތް ބާރު ހަޅޭކުގެ އަޑާއި އެކީ އޭނާގެ އަނގައި ތެރެއިން ނުކުމެގެން ދިޔައީ ކަޅުކުލައިގެން ދުންގަނޑެކެވެ. އެ ދުންތައް އެއްކޮށް ބޭރުވުމާއެކީ މަންޝާގެ ދެލޯ މެރި ގައިން ވަރު ދޫވެ ޓައިލްސް މައްޗަށް ވެއްޓުނެވެ.

ތަނަށް ވެރިވި ހަމަހިމޭންކަމުގެ ތެރެއިން ޒޭބާ އެތާ ނެތްކަން ޒިބާނަށް އިހްސާސް ވިއެވެ. ކުއްލިއަަކަށް ޒިބާން ގާތްވެލީ މަންޝާ ކައިރިއަށެވެ. މަންޝާގެ ހާލު ކިހިނެއްތޯ ބަލަން އޭނާ ބޭނުން ވިއެވެ. “މަންޝާ.. މަންޝާ.. ލޯ ހުޅުވަބަލަ…މަންޝާ…” މަންޝާ ނޭވާނުލާކަން ޒިބާނަށް އެނގުނީ އެވަގުތެވެ. ދެލޯ ކަރުނުން ފުރިފައިހުރެ ޒިބާން ބަލާލީ ބެލްކަނީގައި ހުރި ތަޒްކިޔާއާ ދިމާއަށެވެ. ގޮތްހުސްވެފައި ތަޒްކިޔާ ބަލަން ހުރި ނަމަވެސް ދެން ހަދާނެގޮތެއް ތަޒްކިޔާއަކަށް ނޭނގުނެވެ. އެމަންޒަރު ބަލަން ތަޒްކިޔާގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ.

މަންޝާގެ މޭގައި އަތްއަޅަމުން ޒިބާން ދިޔައީ ހުއްޓުމެއް ނެތި މަންޝާއަށް ގޮވަމުންނެވެ. ކުއްލިއަކަށް އަތުގައި އޮތް ބޭސްފުޅި ނަގާ މަންޝާގެ ހުޅުވިފައިވާ އަނގައިގެތެރެއަށް ތިންތިކި ޖަހާލީ ސަކޭރާ ބުނެފައިވާ ގޮތަށެވެ. ޒިބާންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. މަންޝާގެ ހަށިގަނޑުގައި އޮޅުލައިގަނެ ބާރު ބާރަށް ރޯން ފެށިއެވެ. މަންޝާގެ ބަނޑުގައިވާ ދަރިފުޅު ތޮޅިލި ކަމުގެ އިހްސާސް ޒިބާނަށް ކުރުމުން ސިހިފައި މަންޝާ ދުރުކޮށްލެވުނެވެ. މަންޝާގެ މޫނަށް ބަލާލަމުން ބަނޑުގައި އަތްޖައްސާލި އިރު ޒިބާން ލޯ މަރާލިއެވެ.

“ޒިބާން… ޒިބާން…” ޒިބާނަށް މީހަކު ގޮވާލިއަޑަށް ޒިބާން ބޭރަށް ބަލާލިއެވެ. ބެލްކަނީގައި ތަޒްކިޔާގެ އިތުރުން ޒޭބާއާ ސަކޭރާ ހުއްޓެވެ. އަތްދަނޑި މައްޗަށްލާ މަންޝާ އުރާލައިގެން ޒިބާން ބޭރަށް ނުކުތީ އެމީހުންނަށް އެތެރެއަށް ނުވަދެވޭނެކަން އެނގޭތީއެވެ. ބެލްކަނީގެ ޓައިލްސްމަތީ މަންޝާ ބޭއްވުމުން ސަކޭރާ އޭނައާ ގާތްވެލަމުން ޒިބާނަށް ބަލާލިއެވެ. “ބޮޑޮދައިތާ… މަންޝާ ސަލާމަށް ކޮށްދެއްލަ… ހެއުނިވޭހެއް…” (ބޮޑު ދައިތާ… މަންޝާ ސަލާމަތް ކޮށްދީ… ހެޔޮ ނުވާނެ…)

ސަކޭރާ ބޯޖަހާލިއެވެ. މަންޝާގެ ބޮލުގެ ދެފަރާތުގައި އަތް ޖައްސާލަމުން ސަކޭރާ ތުންތަޅުވަމުން ދިޔައެވެ. ސަކޭރާ މިހެން ހުރެ މަސައްކަތްކުރާތާ އެތައް އިރެއް ވެއްޖެއެވެ. އަދިވެސް މަންޝާ ނޭވާއެއް ނުލައެވެ. ޒިބާން ގޮތްހުސްވެފައިވާ ފަދައިން ހުރީ ބެލްކަނީގެ ބިއްލޫރިގަނޑުގައި ނިތްކުރި ޖައްސައިގެންނެވެ. އޭރު ތަޒްކިޔާއާ ޒޭބާ ދިޔައީ ނުހުއްޓި ރޮމުންނެވެ.

މަންޝާގެ ނިތްކުރިން އަތްނެގުމަށްފަހު މަންޝާގެ މޭގައި ސަކޭރާ އަތްޖައްސާލިއެވެ. ހަމައެއާއެކު މަންޝާ ދެލޯ ބޮޑުކޮށްލަމުން ފުންނޭވާއެއްލިއެވެ. ކޮށިއަރާ ކަހަލަ ގޮތަކަށް ކެއްސަމުން ދެލޯ ބޮޑުކޮށްލިއެވެ. ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ވަށައިގެން ތިބި މީހުންނާ ދިމާއަށް މަންޝާ ބަލާލިއެވެ. “ހޭއި.. މަން… މަން… ކިހިނެއްތަ؟.. ހޭއި.. މީ ޒިބާނޭ…”

“ޒިބާން… ޒިބް…” މަންޝާއަށް އިތުރުއެއްޗެއް ނުބުނެވުނެވެ. އޭނާގެ ހެއަށް ގޮތްވިއެވެ.

“މަން.. މަންޝާ…ލޯހުޅުވަބަލަ.. މަން… ބޮޑުދައިތާ މަންޝާއަށް ކިހިނެއްވީ…” ޒިބާން ސަކޭރާއާ ދިމާއަށް ބަލާލިއެވެ.

“ޒިބާން ލަސްނުކޮށް މަންޝާ ހޮސްޕިޓަލަށް ގެންދޭ… އިންސާނުންގެ ގަޔަށް ޖިންނިން ވަނުމަކީ އިންސާނުންނަށް ވަރަށް ވޭން ތަހައްމަލު ކުރަން ޖެހޭ ކަމެއް… މަންޝާގެ ސިކުނޑިއަށް ވަރަށް ބޮޑަށް ގެއްލުންވެފަ އެހުރީ… ޒިބާން އަވަސްކުރޭ… ބޮޑުދައިތައަށް މަޑުކުރެވޭކަށް ނެއް..” ސަކޭރާ މިހެން ބުނަމުން އެތަނުން ދާން މައްޗަށް އުދުއްސައިގަތެވެ. މަންޝާ ގޮވައިގެން އެތެރެއަށް ޒިބާން ވަނެވެ. އެވަގުތު ޒޭބާ އެތެރެއަށް ވަދެ މަންޝާގެ ފޯނުނަގާ މަދީހާގެ ނަންބަރަށް ގުޅާލިއެވެ. މަދީހާ ފޯނު ނެގުމާއެކީ ޒޭބާ ވާހަކަ ދެއްކިއެވެ. “މަންމާ… ކޮންތާކު ތިހުރީ؟..” ޒޭބަ ވާހަކަ ދެއްކީ މަންޝާގެ އަޑުންނެވެ.

“މަންމަ މިއެރީ ޓެކްސީއަށް… ހުޅުމާލެއަށް ދާން އުޅޭ ވާހަކަ ބުނީމެއްނު…” މަންޝާއަށް ޖަވާބު ދިނުމަށްފަހު މަދީހާ ޓެކްސީ ޑްރައިވަރު ކައިރީ ދާންވީ ހުޅުމާލެ ޓަރމިނަލަށް ކަަމަށް ބުންޏެވެ.

“މަންމާ.. އާހް.. އާދެބަލަ މިގެއަށް…. މ. ރެޑްލައިޓް… އަަހަރެންނަށް ގޮތެއް އެބަވޭ… މަންމާ.. އަވަހަށް އާދެބަލަ… ޕްލީސް… އަހަރެން ގޮވައިގެން ހޮސްޕިޓަލަށް ދާން…” ޒޭބާ މިހެން ބުނެ ފޯނު ކަނޑާލީ މަދީހާ މިހާރު މިދަނީކަމަށް ބުނުމުންނެވެ. ފޯނު ކަނޑާލުމަށްފަހު ޒޭބާ އެމްބިއުލަންސަށް ގުޅާލިއެވެ. އެއަށްފަހު މަންޝާ ކައިރީ މަޑުކޮށްގެން ޒޭބާއާ ޒިބާން ތިއްބެވެ. ޒިބާންގެ މޫނަށް ޒޭބާ ބަލަން ހުއްޓެވެ. ޒޭބާއަށް ކުރެވުނު ކަންތަކުގެ ނަތީޖާ ނުކުތް ގޮތުން އޭނާ ދެރަވިއެވެ. މަންޝާއަށް މިހެން ވެދާނެ ކަމަކަށް ޒޭބާ ހިއެއް ނުކުރެއެވެ. ޒިބާން ހިތާހިތުން ދުއާ ކުރަމުން ދިޔައެވެ. މަންޝާއަށް ދެރަގޮތެއް ނުވޭތޯއެވެ.

*** *** *** *** *** ***

ގޭތެރެއަށް މަދީހާއައިސް ވަނެވެ. މަދީހާ އެގެއަށް އައި ފުރަތަމަ ފަހަރުކަމުން ދާންވީ ދިމާލެއް އޭނާއަކަށް ނޭނގުނެވެ. މަންޝާގެ ނަންބަރަށް ގުޅޭތޯ މަދީހާ މަސައްކަތްކުރިއެވެ. ކުއްލިއަކަށް ކުރިމަތީ ހުރި ސިޑިއާ ދިމާލުން އަޑެއްއިވުމުން މަދީހާ މައްޗަށް ބަލާލިއެވެ. ސިޑިމަތިން ފެންނަން ހުރި ދޮރު ހުރީ ހުޅުވާފައެވެ. އެހެންކަމުން މަދީހާ ސިޑިން މައްޗަށް އެރިއެވެ. ދޮރުން އެތެރެއަށް ބޯދިއްކޮށްލަމުން މަދީހާ ސަލާން ގޮވާލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. އެއީ ކުޑަ ސިޓިންގް ރޫމެކެވެ. ކުރިމަތިން ފެންނަން ހުރި ކޮޓަރިއާ ދިމާއަށް މަދީހާއަށް ބަލާލެވުނީ އެނދުމަތީ ފެންނަން އޮތީ އޭނާގެ ދަރިފުޅުހެން ހީވުމުންނެވެ. މަދީހާ ދުވެފައި އެތެރެއަށް ވަނެވެ. މަންޝާ އޮތީ އެނދުމަތީގައެވެ.

“މަންޝާ.. މަންޝާ ދަރިފުޅާ ހޭލަބަލަ… މަންޝާ ކިހިނެއްތަވީ؟…” މަދީހާއަށް ރޮވޭގޮތްވިއެވެ. ފޯނު ނަގާ އަޒީމްގެ ނަންބަރަށް އޭނަ ގުޅީ އަޒީމް އަދި ގެއަށް ނާންނާތީއެވެ. މަދީހާއަށް މަންޝާ ގުޅާފަ އަަންނަން އެދުނު ގޮތުން ކަމެއް ގޯސް ވެއްޖެކަން މަދީހާއަށް ނަގައިގަނެވުނެވެ. އެހެންކަމުން އެ ފޯނު ކަނޑާލުމާ އެކީ މަދީހާ ވަގުތުން އަޒީމަށް ގުޅިއެވެ. އަޒީމްވެސް ގެއަށް މިދަނީކަމަށް ބުނެ ފޯނު ކަނޑާލިއެވެ.

ގެއަށް އައިސް މަންޝާ އޮތްގޮތުން އަޒީމް ނައިސް ލަސްވާތީ މަދީހާ ގުޅި ނަމަވެސް އަޒީމް ފޯނެއް ނުނަގައެވެ. މަދީހާ އިތުރަށް ބިރުގަނެ ކަންބޮޑުވާ ގޮތްވިއެވެ. ދުވެފަ ފާޚާނާއަށް ވަދެ ފެންފޮދެއް ގެނެސް މަންޝާގެ މޫނުގައި އުނގުޅާލިއެވެ. މަންޝާ ކުޑަކޮށް ލޯ ހުޅުވާލި ނަމަވެސް އަނެއްކާވެސް މަންޝާގެ ޚަބަރު ހުސްވަނީއެވެ. ކޮޓަރި ތެރެއަށް މީހަަކު ވަތްހެން ހީވުމުން މަދީހާ ދޮރާ ދިމާއަށް ބަލާލިއެވެ. ކޮޓަރިއަށް ވަނީ އަޒީމެވެ. އަޒީމް ހުރީ އޭނާ ވަޒީފާއަށް ދާ ޔުނީފޯމުގައެވެ. އަޒީމާ އެކީ އެމްބިއުލަންސްގައި އައި މީހުންވެސް އެތެރެއަށް ވަނެވެ. އެންމެން މަސައްކަތްކުރީ މަންޝާ ހޮސްޕިޓަލަށް ގެންދާށެވެ. މަންޝާއަށް ވީ ކިހިނެއްކަމެއް އެއިން އެކަކަށްވެސް ދެނެގަންނާކަށް ނޭނގުނެވެ.

ބެލްކަނީގައި އެމަންޒަރު ބަލަން ޒިބާނާ އެކީ ތަޒްކިޔާއާ ޒޭބާ ތިއްބެވެ. އޭރުވެސް ޒިބާނަށް ރޮވެނީއެވެ. ޒިބާން ރޯ ތަން ބަލަން ހުންނަން ޒޭބާއަކަށް ކުޅަދާނައެއް ނުވިއެވެ. ޒޭބާ އެމީހުންނާ ދުރަށް ޖެހިލުމަށްފަހު ވައިގެތެރެއަށް އަރައިގެން ދިޔައީއެވެ.

ޒިބާންގެ އަތުގައި ހިފާލަމުން ތަޒްކިޔާ ބާރުކޮށްލިއެވެ.  ތަޒްކިޔާއާ ދިމާއަށް ޒިބާން ބަލާލިއެވެ. މަންޝާ އޭރު އެގެއިން ނެރެ އެމްބިއުލަންސަށް ލަނީއެވެ. ޒިބާނާ ތަޒްކިޔާއާ އެކުގައި މިސްރާބު ޖެހީ އެމްބިއުލަންސް ދިޔަ ހޮސްޕިޓަލާ ދިމާއަށެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ނޭނގޭހެ ހާދަ ލޯބިވޭ 18

Next

އިންތިހާއަށް އާދޭސް 4…

Next
September 22, 2016

އިންތިހާއަށް އާދޭސް 4…

Previews
September 22, 2016

ނޭނގޭހެ ހާދަ ލޯބިވޭ 18

47 Comments!

  1. Sabriena says:
    September 22, 2016 at 3:20 pm

    Wow mihaaru v reethi vey eba

  2. Shiny says:
    September 22, 2016 at 3:26 pm

    Wow salhi

  3. Same says:
    September 22, 2016 at 3:28 pm

    V reethi. V emotional…

  4. hmm says:
    September 22, 2016 at 3:29 pm

    v rythi…

  5. bella❤ says:
    September 22, 2016 at 3:30 pm

    well done girl… atlast zeba ah realixe vehjje dhow.. plx mansha avaha rangalhu kohbala.. zeban roathy ma ves varah dhera vey..waittin fr nextt part… ❤

  6. Rayaan says:
    September 22, 2016 at 3:37 pm

    Mee first dhw… Varah salhi mi part….

  7. Samy says:
    September 22, 2016 at 3:49 pm

    Wow v reethi mi story..next part up khdheeba avaha

  8. Shaa says:
    September 22, 2016 at 4:10 pm

    wow varah reethi.. well done !! ????

  9. rain says:
    September 22, 2016 at 4:20 pm

    Wow.. so emotional

  10. Khajja says:
    September 22, 2016 at 4:50 pm

    Mihaaru adhi vakin rythivey eba masha allah

  11. ekkala kujja says:
    September 22, 2016 at 6:07 pm

    Eba reethi vey

  12. lol says:
    September 22, 2016 at 7:00 pm

    neyvaa hifahattaigen indhe mi kiyaaaleee… varah salhi… i love this… so whats gonna happen to masha

  13. Not zibaan says:
    September 22, 2016 at 8:05 pm

    Wow.. Mihaa reethi vaahakaeh esfiya site aku neh.. V reethi.. I love thazkee.. She seems innocent n lovable.. Thazkee ❤️❤️❤️

  14. Dhaain says:
    September 22, 2016 at 8:14 pm

    plz dnt use addu bas

  15. Suzan says:
    September 22, 2016 at 8:42 pm

    ???
    Varah reethi inge shaaxoo

  16. Madhy says:
    September 22, 2016 at 9:19 pm

    Woww story is amazing ❤❤❤

  17. Aisha says:
    September 22, 2016 at 9:21 pm

    Very nice Shazu

  18. Binthi says:
    September 22, 2016 at 9:27 pm

    This story makes my day… Konme dhuvahaku genes dheeba.

  19. Nasha says:
    September 22, 2016 at 11:04 pm

    Mansha hospital gendhaathanun vihaane dhee dhen???

  20. Nim says:
    September 23, 2016 at 1:29 am

    Ziban akah noon dho aslu mansha libenjeheynee. Azeem aa mansha dhuru v zeybaa ge reyvumakun. Azeem ge kushakun noon. Ziban dheke foohi.

  21. Reader says:
    September 23, 2016 at 2:00 am

    Mansha ge jinni baby ziban n thazkee ah dheefa, zeyba ge baby mansha n azeem ah dhinyma vaany ragalhah dho? ziban n manshage loabi haasil kurumahvure loabi quruban kurun mi storyga ragalhee… btw mireyge part v.nice..:)

    1. Miira says:
      September 23, 2016 at 1:10 pm

      Neynge ehnun zeyba ge baby aky human ehkan

  22. Vaahaka kiyaa meeha says:
    September 23, 2016 at 8:15 am

    VV. Reethi! Mi story ge emme khaassakamaky storyga Addu bas hurumaa ebbaya anebbai gulhigendhaagoiy. Varah furihama mi part. Varah real. Keep it up.

  23. shaxoo says:
    September 23, 2016 at 8:57 am

    obiness to the max…….

  24. bad boy ? says:
    September 23, 2016 at 10:12 am

    heeves nukuraahaa reethi…. wow… cant wait to c wat will happen next…. ziban n mansha vaki nukurahchey… this story is so superb… ????❤❤?????

    1. Thazkiya says:
      September 23, 2016 at 6:36 pm

      Bad boy thazkee dheke maa varugadha rulhi eh mi annany keevve?

    2. bad boy ? says:
      September 23, 2016 at 11:19 pm

      when did i say thazky dheke rulhiey.. shes a loabi kujjeh nu… but mansha n ziban ge chemistry dhw break vany… eyrun thaz baakeeveema ill chose her… hahaha

  25. maasha says:
    September 23, 2016 at 1:06 pm

    Woww. V reethi… Up the next part soon…

  26. ?Jaz? says:
    September 23, 2016 at 2:45 pm

    Breathtaking. ?
    As always. Keep up.
    Waiting for Monday. ??

  27. girl :))) says:
    September 23, 2016 at 7:20 pm

    omg..haadha reehchey <3 i love it hama.. soooo emotional. kiriya nurovunii sifa kurun furihama kamun <3 <3 <3

  28. kamana says:
    September 23, 2016 at 11:36 pm

    addu bahun liyefa hunnathee v v v foohi vey.alhe dhen mihhimu tha dhe gothah liyan.boring

  29. Sama says:
    September 23, 2016 at 11:40 pm

    Hiyy 2 foot beyrah nikun na varu vejje. Kiriyaa nu rovunee. Hama huvaa. Varah asaru gadha mi part.

    -Nurse Sama-

    1. Azzam says:
      September 26, 2016 at 3:12 pm

      Ekkala sama’ge fan dho? Hithaavee tha? ??

  30. gurey says:
    September 24, 2016 at 4:41 am

    haii shaaz
    its been long time since i havent commented… this part is just amazing… i wonder how this story is gona end up…. varah fakkaa… varah varah shauguverikama ekee mi kiyaalee.. adhives kiyaaleveyne foohikameh nethi… ur skills of writing is amazin.. describe kohdhey goiy.. masha allah… good luck… ur my favourite…

  31. Sabeeha says:
    September 24, 2016 at 10:17 am

    v salhi…?

  32. maaishahil says:
    September 24, 2016 at 1:53 pm

    this part is the best and the longest dho. vvvvvvv reethi. furathama faharah esfiya in vaahakaeh kiyaafa lolun karuna aee. its sooo amazing. mihaaru shaaax ge vaahakaeh noony kiyaa hitheh nuvey kyp it up. waiting for more stories.

  33. Haasaru says:
    September 24, 2016 at 3:32 pm

    Love this story
    Mansha will die and others will live happily ever after.
    I dnt like mansha character, shes character less

    1. Anonymous says:
      September 24, 2016 at 4:31 pm

      i dnt think komme vaahakaehgge lead character the innocent bas ahaa emme reethi meehayah vaan jeheyheneh

  34. fath says:
    September 24, 2016 at 9:18 pm

    alhe thankolheh avahah vaahaka up kobbala.
    thihaa varah laskureema aharemennah vaa goiy ingeynama thihen nuhadhaane. vaahakaiga vaagoiy hithah araafa nues nidhey. pls up kobba

  35. Anonymous says:
    September 25, 2016 at 1:27 am

    love ur storysthah
    KANDUFEN vaahaka fothehgothah nereynantha. I wud love to buy it.

  36. nanna says:
    September 26, 2016 at 5:33 pm

    Next part? Its Thursday o!!

    1. Confused says:
      September 26, 2016 at 9:47 pm

      Haadha avahakah thursday ayee? ???

  37. Same says:
    September 26, 2016 at 6:06 pm

    Whres next part?????

  38. Firoo says:
    September 26, 2016 at 7:38 pm

    Kobaa hey next part.bunaa dhuvaha up nukure venyaa vaahaka nulhiye bala.kiyaa meehun foohi vaane kame neyngey tha.up nukure venyaa ves bune lhaanama ok.

  39. annoyed says:
    September 26, 2016 at 9:29 pm

    Firoo matha vebala adhi nethennu up nuvefa eh.. ?? don’t be so rude ya

  40. Shax Lyn says:
    September 26, 2016 at 10:23 pm

    uploaded… 😀

  41. Addu kujjeh says:
    November 19, 2018 at 1:09 am

    kuda kuda mistake eh anehkaaves highlight kollanan Shax mihaaru liyefa thiothynun dhaan hingaashey bunaathanuga “hingau”liyefa ??? aslu ehen kiyany gina bayakah point kuraairu. ekam myga liyeveyny “hinga ebey” bcox emme myheh gaathu bunaathy
    I hope next time u will ask ur hus or his family Shax liyefa huri ecchehi proof read kuran…<3

Comments are closed.

Next Episodeމަންޝާ (އޮނަފަންސާސް ވަނަ ބައި)←


All Right Reserved!