އެލޯބި 9 ވަނަބައި
ޝާލް މަޑުމަޑުން އަހަރެންގެ އަތުގައި ހިފާލިއެވެ. ” ނަޔާ…. ނަޔާ އަދިވެސް އަހަރެން ދެކެ ލޯބިވޭތަ؟ އަހަރެން ހީކުރީ މިހާރު ނަޔާ އަހަރެން މަތިން ކުޑަކޮށްވެސް ހަނދާން ނުކުރާނެކަމަށް” ޝާލް އަހަރެންނާއި ދިމާއަށް ބުންޏެވެ. ” އަބަދުވެސް މިހިތުގައި ވާ ހަމައެކަނި ނަމަކީ ޝާލް، އިތުރު އެހެން އެއްވެސް ނަމެއް ނުވޭ، އެކަމަކު އަހަރެންނަށް ކަންތައްތައް ދިމާވިގޮތުން އަހަރެންނަށް ޝާލްގެ ހަނދާންތަކާއި ދުރައްދާން މަޖުބޫރުވި، އެހެން ނަމަވެސް އަހަރެންގެ ހިތުގައިވާ ލޯތްބަކަށް އެއްވެސް ބަދަލެއް ނާދޭ… ތިނޫން މީހަކު އަހަރެންގެ ހަޔާތަށް އަންނާކަށް ދެން ދުވަހަކުވެސް އަހަރެން ބޭނުމެއް ނޫން….، މިހިތައް ލިބުނު ކެކުޅުންތަކާއި ހިތްދަތިކަން އިތުރަށް ތަހައްމަލު ކުރާނެހާ ހިތްވަރެއް އަހަރެންގެ ގަޔަކުނެއް، ދިރިއުޅުމުގެ ބާކީ ދުވަސްތައް އަހަރެން ބޭނުންވަނީ އަހަރެން އެންމެ ލޯބިވާ މީހާއާއިއެކީގައި އުފަލާއި ހިތްހަމަޖެހުމާއި އެކު ވޭތުކޮށްލަން” އަހަރެން ރޮމުން ރޮމުން ބުނީމެވެ. ޝާލް އަހަރެންގެ މޫނަށް ބަލާލިއެވެ.
” ނަޔާ، އަހަރެންވެސް އެންމެ ލޯބިވީ މީހަކީ ތިއީ، އަހަރެންގެ އަބަދުގެވެސް ހުވަފެނަކީ ނަޔާއާއިއެކު އުފާވެރި ދިރިއުޅުމެއްގައި މުޅި އުމުރު ވޭތުކޮށްލުން، އެކަމަކު ……..ނަޔާ އަހަރެންނަށް މާފު ކުރޭ، ނަޔާގެ ދިރިއުޅުން ހަލާކުކޮށްލާކަށް އަހަރެން ބޭނުމެއް ނޫން، އަހަރެން ކަހަލަ ނުކުޅެދޭ މީހަކަށް ނަޔާގެ ހަޔާތުން ޖާގައެއް ދިނީތީ އަހަރެން ހިތުގެ އަޑިން ޝުކުރުވެރިވަން….. ނަޔާ”ޝާލް އަށް އިތުރަށް ވާހަކަ ނުދެއްކިގެން ހުއްޓާލިއެވެ. އަހަރެންނަށް ދެރަވެގެން ބާރަށް ރޮވެން ފެށުނެވެ.” ނޫން..ނޫން.. ޝާލް ނޫން ތިހެން ނުބުނޭ… އަހަރެންގެ ކުރިމަތީގައި ޝާލް ތިއީ ނުކުޅެދޭ މީހެއް ނޫން، ފުރިހަމަ އިންސާނެއް، އަހަރެން ޝާލް ދެކެ ލޯބިވީ ޝާލް ތިކަންކަމަށް ބަލާފައެއް ނޫން،އަހަރެންގެ ހިތް ޝާލްއަށް އެދޭތީ، ޝާލް، ޝާލްގެ ތިޔަ ނުކުޅެދުންތެރިކަމަކުން އަހަރެންގެ ދިރިއުޅުމަކަށް އެއްވެސް އުނިކަމެއް ނާންނާނެ، އަހަރެންގެ ހަޔާތަށް މިހާރު ހަމައެކަނި ބޭނުންވަނީ އަހަރެންދެކެ އިންތިހާއަށް ލޯބިވާ މީހެއް، އެމީހަކީ ހަމައެކަނި ޝާލް، އިތުރު އެއްވެސް އެއްޗެއް އަހަރެން ބޭނުމެއް ނޫން” އަހަރެން ރޮމުން ރޮމުން ވާހަކަ ދެއްކީމެވެ. ޝާލްއަށް އަހަރެން އެދޭ މިންވަރު ހާމަކޮށް ދިނުމަށެވެ. ” ނޫން ނަޔާ ، ނަޔާ މިއަދު ތިހެން ބުންޏަސް މާދަމާ އޮންނާނީ ހުރިހާ ކަމެއް ބަދަލުވެފައި، އަހަރެންނަށް ހަމަ ޔަގީން ނަޔާވެސް އުފާވެރި ލޯބި ލޯބި އާއިލާއެއް ބޭނުންވާނެކަން، ނަޔާ، ނަޔާގެ އެ އެދުން އަހަރެން ހާސިލް ކޮށްދޭނީ ކިހިނެއް…..” ޝާލް ރޮމުން ބުންޏެވެ. އަހަރެންނަކަށް ކެތެއް ނުކުރެވުނެވެ.
” އަހަރެން މަޑުމަޑުން ޝާލްގެ ފައިދަށަށް ތިރިވެ ކޮޅުކަކޫ ޖެހީމެވެ” ޝާލް ހެޔޮނުވާނެ އަހަރެންގެ ލޯބި ގަބޫލް ކުރޭ.. ޝާލްއާއި ނުލާ އަހަރެންގެ ދިރިއުޅުން ފުރިހަމަ ކުރާކަށް އަހަރެން ދެން ބޭނުމެއް ނޫން، ޝާލް ހަނދާންވޭތަ؟ އެދުވަހު ޝާލް ބުނީމެއްނު އަހަރެމެން ދެމީހުންގެ މެދުގައިމިވާ މަޖުބޫރީ ހާލަތުގެ ފަރުދާ ކެހުނު ދުވަހަކުން އަހަރެންނަށްޓަކައި ޝާލްގެ ހިތުގައި ފޮރުވާފައިވާ ލޯބި ދޭނަމޭ، މިއަދު މިވަނީ އެދުވަސް ޖެހިފަ، ޝާލް އާދޭސްކޮށްފަ އަހަރެން ޝާލް ކައިރިން ސަލާން މިޖަހަނީ އެލޯތްބަށް އެދި… ޝާލް އަހަރެންނަށް އެލޯބި ދީ…….. އަހަރެންނަށް އަހަރެންގެ އެލޯބިދީ……… ތިހާ ރަހުމް ކުޑަ ނުކުރޭ.” އަހަރެން ގިސްލެވޭ ހާލުގައި ޝާލްގެ ކައިރީގައި ސަލާން ޖެހީމެވެ. އެލޯތްބަށްޓަކައެވެ. އަހަރެންގެ ހިތުގައި ފަނޑުވުމެއްނެތި ކަނޑާނެގިފައިވާ ޝާލްގެ ލޯބި ދިނުމަށް އެދިއެވެ. ޝާލް ހަމަ އެކައްޗެއްވެސް ނުބުނެ ހުރީއެވެ.
އެދެލޮލުން ފައިބަމުންދާ ކަރުނަތަކުން އަހަރެންގެ އަތަށް ވެއްޓެމުން ދިއައެވެ. އެކަރުނަތަކުން ކިތައްމެ ވަރަކަށްވެސް ޝާލް އަހަރެންނަށް އެދޭ މިންވަރު ހާމަވެއެވެ. އަހަރެން އެތާ އިންނަތާ ފަސް މިނެޓް ވީފަހުން ފަހަތުން މީހަކު އައިސް އަހަރެންގެ ކޮނޑުގައި ދެއަތުން މަޑުމަޑުން ހިފިއެވެ. ” ނަޔާ ހިތްވަރު ކުރޭ، އަހަރެންނަށް އިހުސާސް ކުރެވޭ ތިދެމީހުން އެކަކު އަނެކަކަށް އެދޭ މިންވަރު، އެކަމަކުވެސް އެއީ ޝާލްގެ ނިންމުން، ޝާލް އެގޮތައް އެ ނިންމީ ނަޔާއަށްޓާކާ، ނަޔާ ދެކެ ޝާލްވާ ލޯތްބައްޓަކައި، ދެން ހިނގާ ކޮޓަރިއަށް” އިންމަ އަހަރެންނަށް ހިތްވަރު ދިނުމަށްޓަކައި ބުންޏެވެ. އަދި ހުސްނާގާތުގައި އަހަރެން ކޮޓަރިއަށް ގެންދިއުމަށް ބުންޏެވެ.
އަހަރެން ކޮޓަރިއަށް ދާން ހިނގައިގަތުމަށްފަހު އެނބުރި ޝާލްއަށް ބަލައިލީމެވެ. ” ޝާލް! މިހާ ދުވަސްވަންދެން އަހަރެންނަށް ލިބެމުން ދިޔަ ހިތާމަތަކަށް ކެއްކޮށްގެން ދިރިއުޅެމުން މިއައީ ކޮންމެވެސް ދުވަހަކުން އަހަރެންނަށް ޝާލް ލިބޭނެ ކަމުގެ ފޮނި ފޮނި އުންމީދުގައި، އެކަމަކު މިއަދު އެ ހުރިހާ އުންމީދުތައް ފުނޑުފުނޑުވެއްޖެ، ދެން ދުވަހަކުވެސް އަހަރެންގެ ހަޔާތައް ޝާލް ނާންނާނެ ކަން މިއަދު އަހަރެންނަށް ޔަގީންވެއްޖެ. އެކަމަކު ޝާލް، ޝާލް ނޫން އެހެން އެއްވެސް އިންސާނެއް މިދުނިޔެމަތީން ދެން ދުވަހަކުވެސް އަހަރެންގެ ހަޔާތައް ގެއްނާކަށް ބޭނުމެއް ނޫން،” އަހަރެން މަޑުމަޑުން ކޮޓަރިއާއި ދިމާއަށް ހިނގައިގަތީމެވެ. ހުސްނާ އަހަރެންނާއިއެކު އައެވެ.އޭރު ހުސްނާއަށްވަނީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. ހިތެއްހުރި އިންސާނަކަށްވިއްޔާ ރޮވޭނެކަން ޔަގީނެވެ.
ކޮޓަރިއަށްވަދެ އަހަރެން މޫނުދޮވެލުމަށްފަހު އަހަރެން ގެންގުޅޭ ދަބަސް ހިފައިގެން ފުރަންދާން ނިކުތީމެވެ. އޭރު ޝާލްއާއި އިންމަވެސް ސޯފާގައި ތިބިއެވެ. އޭރުވެސް އިންމަ ޝާލްއަށް ހިތްވަރުދެއެވެ. ވާނީވެސް އެހެންތާއެވެ. އިންމަ ނޫން އެކަކުވެސް މިއަދު ޝާލްގެ ނެތެވެ.
އަހަރެން މަޑުމަޑުން ހިނގާފައި ގޮސް އިންމައާއި ސަލާމްކޮށްލުމަށް އަތްދިއްކޮށްލީމެވެ. އިންމަ އަހަރެންނާއި ސަލާންކޮށްލިއެވެ. ” ނަޔާ އަހަރެން ދާނަން ނަޔާ ފުރުވަން، ހިނގާ އަހަރެންނާއި އެކީ ސައިކުގަ ދާން” އިންމަ އަހަރެންނަށް ބުންޏެވެ. އަހަރެން ބޯޖަހާލީމެވެ. ޝާލް އާއި ދިމާއަށް އަހަރެން އަތްދިއްކޮށްލީމެވެ. ޝާލްއަހަރެންނާއި ސަލާންކޮށްލިއެވެ. އެހެން ނަމަވެސް އަހަރެންގެ މޫނަކަށް ނުބެލިއެވެ. އަހަރެން އިރުކޮޅެއްވަންދެން ޝާލްގެ މޫނަށް ބަލަން ހުރީމެވެ. އެންމެ ފަހު ފަހަރަށް ހިތްފުރެންދެން ބަލާލަން ބޭނުންވާތީއެވެ.
އަހަރެން ރަށަށް އައިފަހުން ދެއަހަރުފާއިތުވެއްޖެއެވެ. ތަފާތު މީސްމީހުންގެ ހުށައެޅުންތައް އަހަރެންނަށް ލިބެއެވެ. އެކަމަކުވެސް އަހަރެން އިންކާރު ކުރީމެވެ. އިތުރަށް އަހަރެންގެ ހަޔާތަށް މީހަކު ގެންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. ދިރިއުޅުން މަތިން މިހާރު އަހަރެން ފޫހިވެއްޖެއެވެ.އަހަރެން މިހާރު ދިރި ހުންނަނީ ހަމައެކަނި އަހަރެންގެ ކުޑަކުޑަ ދަރިފުޅަށްޓަކައެވެ.އަހަރެންގެ ހުރިހާވެސް މީހަކީ އެއީއެވެ. ﷲގެ ހެޔޮރަހުމަތްފުޅުން އަހަރެން ރަށަށް އައިތާ ދެމަސްފަހުން ސުކޫލްއިން އަހަރެންނަށް ވަޒީފާ ހަމަޖެހުނެވެ. ދިރިއުޅުމުގެ ހުރިހާކަމެއް ވެސް ހަމައަކަށް އެޅުނެވެ. އެއްމެ ކަމެއް ފިޔަވައެވެ. ޝާލްދެކެ އަހަރެން ވީ ލޯތްބެއެވެ. އަދިވެސް އަހަރެންގެ ހިތުގައި އެލޯތްބަކަށް އެއްވެސް ފަނޑުކަމެއް ނާދެއެވެ. ޝާލްގެ ހަނދާންތަކާއި ދުރަށް ދިއުމަށް އަހަރެން ވަރަށް މަސައްކަތް ކުރަމެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ޝާލްގެ ހާލަތު ހިތައް ވަނުމުން ހަމްދަރުދީވެވެނީއެވެ. އެހީތެރިވާން ބޭނުންވަނީއެވެ. ލޯބި އިތުރުވަނީއެވެ. އެހެން ނަމަވެސް އަހަރެން ކެއްކުރެވޭތޯ ބަލަމުން ގެންދިޔައީމެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އަހަރެން އޮތީ ވާހަކަފޮތެއް ކިޔާށެވެ. ކުންނާރުގަހުގައި އެލުވާފައިވާ ޖޯލީގައެވެ. އައިން އެތާކައިރީގައި ކުޅެން އުޅުނެވެ. މީހަކު ވަރަށް ބާރަށް ކަރު ކެހިލި އަޑަށް ސިއްސައިގެން ގޮސްފައި އަހަރެން ބަލާލީމެވެ. ” އާމިރު…….. ހާދަ ދުވަހެއް ކޮށްލާފަ…. ކަމަކުތަ؟” އާމިރު ކުރިމަތީގައި ހުރުމުން އަހަރެން އެހީމެވެ. އާމިރު ބޯޖަހާލިއެވެ. ” ކޮންކަމަކު” އަހަރެން އަހާލީމެވެ. ” ނަޔާ….. އަހަރެން… ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެގެން މިއައީ” އާމިރު ވަރަށް އުނދަގުލުން ބުންޏެވެ. ” ދައްކަބަލަ އަޑުއަހަން މިއިނީ” ކައިރީގައި ހުރި ޖޯލިފައްޗަށް އިށާރާތްކޮށްލަމުން އަހަރެން ބުނީމެވެ.” ނަޔާ! ނަޔާ އަބަދުވެސް ވިސްނަނީ ތި ގޮތައް އުމުރު ހުސްކޮށްލަންތަ؟ ނަޔާ! ނަޔާ ތިޔަގޮތައް އުޅޭތަން ފެނުނީމަ އަހަރެން ވަރަށް ދެރަވޭ، ނަޔާ، އަހަރެންގެ މި ހުށައެޅުން ގަބޫލު ކުރޭ، އޭރުން ނަޔާއަށް އަބަދުގެ އަބަދަށް އުފަލުގައި ހިތްހަމަ ޖެހިގެން ދިރިއުޅެވޭނެ” އާމިރު އަހަރެންނާއި ދިމާއަށް ބުންޏެވެ.
” އާމިރު، އަހަރެންގެ ހަޔާތަށް ދެން އިތުރަށް އެއްވެސް މީހަކު ގެންނާކަށް އަހަރެން ބޭނުމެއް ނޫން….. އަހަރެން އެމީހަކުދެކެ އިންތިހާއަށް ލޯބިވި މީހާ އަބަދުގެ އަބަދަށް އަހަރެންނާއި ވަކިވުމުން އަހަރެން ތިޔަ ހިޔާލު ދޫކޮށްލައިފިން، އާމިރުއަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން ޝާހީންއާއި ގުޅުނީވެސް އާމިރު އާއި ގުޅެން ބޭނުން ނުވާތީކަން، އާމިރުގެ ފަރާތުން އަހަރެންނަށް ނިކަމެތި ކަމެއް ލިބިދާނެތީ، ޝާހީންގެ ފަރާތުން އަހަރެންނަށް ހިމާޔަތް ލިބޭނެކަމަށް ހީކޮށް…… އެކަމަކު އިތުރު ހިތްދަތިކަމެއްގެ އިތުރަށް އަހަރެންނަށް ލިބުނު ހަމަ އެކައްޗެއްވެސް ނެތް……….” އަހަރެން ފެންކަޅިވިއެވެ. ” ނަޔާ! ނަޔާ ދެން ޝާހީންދެކެ ލޯބި ނުވާއިރު ނަޔާދެން ތި ލޯބިވަނީ ކާކުދެކެ؟” އާމިރު އަހަރެންނާއި އެ ސުވާލު ކުރިމަތިކުރުވިއެވެ. އަހަރެން ހަމަހިމޭންކަމާއިއެކު އިސްޖަހާލީމެވެ. އަހަރެންގެ ދުލުން ޝާލްގެ ނަން ބޭރުކުރަން ބޭނުން ނުވާތީއެވެ. ” ޝާހިލް،….. ޝާލް އެހެންނު، އެއީއެއްނު ނަޔާ ލޯބިވާ މީހަކީ” އާމިރުގެ އެޖުމްލައާއި އެކު އަހަރެންނަށް ކުއްލިއަކަށް އާމިރުއާއި ދިމާއަށް ބަލައިލެވުނެވެ. އާމިރުއަށް ޝާލް އެނގެން ވީ ކީއްވެ ހެއްޔެވެ؟ އަހަރެން ދުވަހަކުވެސް އެއްވެސް މީހެއްގެ ކައިރީގައި ޝާލްގެ ވާހަކައެއް ނުބުނަމެވެ. ” ޝާލްގެ ނަން އަޑު އިވުމުން ވަރަށް ހައިރާން ވެއްޖެ ދޯ! އާނ! ނަޔާ، އަހަރެންގެ މިއެދުން ގަބޫލު ކުރޭ! އޭރުން ނަޔާއަށް އަބަދުގެ އަބަދަށް އުފަލުގައި އުޅެވޭނެ” އާމިރު މިހެން ބުނަމުން އެއްފަރާތް ވެލިއެވެ. އަހަރެންގެ ދެލޯ ބޮޑުވިއެވެ.
” ޝާ……ޝާ………ޝާލް” އަހަރެންގެ ދުލުން ޝާލްގެ ނަން ކިއުނެވެ. އަހަރެންގެ ކުރިމަތީގައި ފެންކަޅިވެފައިވާ ހާލުގައި އަހަރެންނާއި ދިމާއަށް ބަލަން ހުރީ އަހަރެންގެ ދެލޮލުން އަބަދުވެސް އެންމެ ދެކެން ބޭނުންވާ އަހަރެން އަދިވެސް އެންމެ ލޯބިވާ ޝާލްއެވެ.
” ނަޔާ، އަހަރެންނަށް މާފުކުރޭ………. އަހަރެންނަށް ވަރަށް ގިނަދުވަސް ވަންދެން ނަޔާގެ ހިތުގައި ޖެއްސިއްޖެ، ދެން ދުވަހަކުވެސް އަހަރެން ނަޔާ ހިތުގަ ޖައްސާ ދެރައެއް ނުކުރާނަށް، އެއަށްވުރެ ބޮޑަށް އަހަރެން ނަޔާދެކެ ލޯބިވަން.ނަޔާ، ﷲ ގެ އިރާދަފުޅާއިއެކު މިއަދު އަހަރެންނަކީ ފުރިހަމަ އިންސާނެއް، އިރާދަ ކުރެއްއވީތީ އަހަރެން ހުއްޓުމެއްނެތި ކުރި މަސައްކަތައް މާތްﷲ ކާމިޔާބުދެއްވައިފި …… އިރާދަކުރެއްވިއްޔާ މިއަދު އަހަރެންނަށް ނަޔާއަށް ހުރިހާ އުފަލެއް ހޯދައިދެވޭނެ، ނަޔާގެ ދިރިއުޅުން އުޖާލާ ކޮށްދެވޭނެ… ނަޔާ އަހަރެން މިއައީ ނަޔާ ބަލާ އަބަދުގެ އަބަދަށް” ޝާލް ހުއްޓުމެއްނެތި އޭނާގެ ހިތުގައިވާ ޝުއޫރުތައް އަހަރެންގެކުރިމައްޗަށް އޮށްސާލިއެވެ.އަހަރެންނަށް ހަމަ އެކައްޗެއްވެސް ބުނާކަށް ނޭގުނެވެ.
ޝާލް މަޑުމަޑުން ހިނގާފައި އައިސް އަހަރެންގެ ގާތައް ހުއްޓާލިއެވެ. ” ނަޔާ، އެދުވަހު ނަޔާ އަހަރެންގެ ގާތުގައި ރުއިރުއިމާއި ކުރި އާދޭސްތައް މިހާރުވެސް އަހަރެންގެ ކަންފަތުގައި ހަރުލާފައި އެނބަހުރި އަދި އެމަންޒަރުތައް މިހާރުވެސް އަހަރެންގެ ކުރިމަތީގައި ސިފަވަމުންދާ ކަހަލަ، އެކަމަކު އެދުވަހު އަހަރެން ނަޔާގެ އެދުމަށް ފުރަގަސް ދިނީ ނަޔާއަށް އިތުރު ހިތްދަތިކަމެއް އަހަރެންގެ ފަރާތުން ލިބިދާނެތީ، އެއީ އަހަރެން ނަޔާދެކެ ލޯބިވާތީ، މިހިތް އަބަދުވެސް އެދެނީ ނަޔާއަށް” ޝާލް ކަރުނުން ފުރިގެންވާ ހާލު އަހަރެންނާއި ވާހަކަ ދެއްކިއެވެ. “ނަޔާ އަހަރެންގެ ލޯބި ގަބޫލުކުރޭ، ނަޔާ ހަނދާންވޭތަ؟ އެދުވަހު އަހަރެންގެ ގާތުގައި ސަލާން ޖެހީމެއްނު، އަހަރެންގެ ހިތުގައި ނަޔާއަށްޓަކައި ރައްކާކުރި ލޯބި ދިނުމަށް އެދި، މިއަދު އަހަރެން ނަޔާގެ ގާތުގައި ސަލާން މިޖަހަނީ އެލޯބި ގަބޫލުކުރުމަށް އެދި، އަހަރެން އެދުވަހު ވައުދުވީލޯބި އަހަރެން ނަޔާއަށް އަބަދުގެ އަބަދަށް ދޭނަން……… ނަޔާ އަހަރެންގެ ލޯބި ގަބޫލް ކުރޭ” ސާލް އަހަރެންގެ ކައިރީގައި ދެކަކޫ މައްޗަށް ތިރިވެ އާދޭސް ކުރިއެވެ. އޭނާގެ ލޯބި ގަބޫލު ކުރުމަށް އެދިއެވެ. އަހަރެން މަޑުމަޑުން ޝާލްގެ ކޮނޑުގައި ހިފާ ޝާލް ނެގީމެވެ. އަދި މަޑުމަޑުން ގެއާއި ދިމާއަށް ހިނގައިގަތީމެވެ. ޝާލް އަހަރެންނާއި ދިމާއަށް ބަލަން ހުރީއެވެ. އާމިރުވެސް ބުނާނެ އެއްޗެއް ނޭގިފައި އަހަރެންނާއި ދިމާއަށް ބަލަން ހުއްޓެވެ.
އަހަރެން މަޑުމަޑުން ހިނގާފައި ގޮސް ގޭދޮރުމަތީގައި ކުޅެން ހުރި އަހަރެންގެ ދަރިފުޅުގެ އަތުގައި ހިފީމެވެ. އަދި ޝާލްމެންނާއި ދިމާއަށް ހިނގައިގަތުމަށް އެނބުރުނީމެވެ. އޭރު ޝާލް މާޔޫސް ކަމާއިއެކު ނިކުންނަން ދަނީއެވެ. “ޝާލް…. އަހަރެންނާއި އެކު އަހަރެންގެ މިދަރިފުޅުވެސް ގަބޫލުކުރާނަންތަ؟ ޝާލް ބަލައިލުމުން އަހަރެން އަހާލީމެވެ. ” ހިތުން ރުހުމުން ގަބޫލުކުރާނަން” ޝާލް ބޯޖަހާލަމުން ބުންޏެވެ. އަދި އަހަރެމެންނާއި ދިމާއަށް ދެއަތްދިއްކޮށްލިއެވެ. އަހަރެން ކަރުނުން ފުރިފައިވާ ހާލުގައި ޝާލްއާއި ދިމާއަށް ދުއްވައި ގަތީމެވެ.އިހްތިޔާރުގައެއް ނޫނެވެ. އެލޯތްބަށް އެދެވޭލެއް ބޮޑުކަމުންނެވެ. ދުވެފައިގޮސް އެދައަތުގެ ތެރެއަށް ވަނީމެވެ. އެއާއިއެކު ޝާލްގެ ދެއަތް އަހަރެންގެ ހަށިގަނޑުގައި ވަށާލަމުން ޝާލްގެ ހަށިގަނޑާއިލާ ބާރުކޮށްލިއެވެ. އަހަރެން ޝާލްގެ މޭގައި ބޯއަޅާލީމެވެ.އަދި ލޯމަރާލީމެވެ. ޝާލް އަހަރެންގެ ނިތްކުރީގައި ބޮސް ދިނެވެ. އޭރުވެސް އަހަރެންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ” ނަޔާ އަހަރެންނާއި މެރީކުރާނަންތަ؟” ޝާލް އަހަރެންގެ ގާތުގައި އަހާލިއެވެ. އަހަރެން އުފަލުން ބޯޖަހާލީމެވެ.
ޝާލް އަހަރެން އޭނާގެ ހަށިގަނޑާއި ދުރުކޮށްލިއެވެ.އަދި މަޑުމަޑުން އަހަރެންގެ އިގިލީގައި އަނގޮޓިއެއް އަޅުވާލިއެވެ. މަޑުމަޑުން އަހަރެން ލޯ ހުޅުވާލީމެވެ. އަހަރެންގެ ލޯ ބޮޑުވިއެވެ. އަނގަހުޅުވުނެވެ. އުފަލުންނެވެ.އެއީ ހަމަ އެ އަނގޮޓިއެވެ. ” އަހަރެންނަށް މި އަނގޮޓި ލިބުމުން އަހަރެން ރައްކާކުރިން، އެއީ މިދުވަހަށްޓަކައި، މިއަދު އަހަރެންގެ ހުރިހާ އުންމީދެއް ފުރިހަމަ ވެއްޖެ” ޝާލް އަހަންނަށް ބުންޏެވެ. އަދި މަޑުމަޑުން އަހަރެންގެ އަތުގައި ބޮސްދިނެވެ. އަހަރެން އުފަލުން އަނެއްކާވެސް ޝާލްގައިގައި ބައްދާލީމެވެ.ޝާލްވެސް އަހަރެންގެ ގައިގައި ބައްދާލިއެވެ.
“އައިން ދަރިފުޅާ އާދޭ” އަހަރެން ޝާލްގެ ގައިން ދޫކޮށްލަމުން އައިންއާއި ދިމާއަށް އަތްދިއްކޮށްލަމުން އައިންއަށް ގޮވާލީމެވެ. އައިން ނެތި އަހަރެމެންގެ ދިރިއުޅުން ފުރިހަމަ ނުވާނެތީއެވެ. އޭރު އާމިރު ހުރީ އައިންގެ ގާތުގައެވެ. އާމިރު މަޑުމަޑުން އައިން ގާތުގައި އަވަހަށް ދާށޭ ބުންޏެވެ. އައިން ދުވެފައި އަހަރެމެންނާއި ދިމާއަށް އައެވެ. އައިން އަހަރެމެންނާއި ހަމަވުމާއިއެކު ޝާލް ތިރިވެ، އައިން އުރާލިއެވެ. އައިން އަހަރެންނަށް ބަލާލިއެވެ. ” މިއީ ދަރިފުޅުގެ ބައްފަ” ޝާލް އައިންގެ ގާތުގައި ބުންނެވެ. އަހަރެން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލީމެވެ.އަދި ބައްދަލާށޭ އަތުގެ އިޝާރާތުން ބުނީމެވެ.އައިން ޝާލްގެ ކަރުގައި ބައްދާލިއެވެ.ޝާލް އުފަލުން އައިންގެ ގައިގައި ބައްދާލިއެވެ.
” ނަޔާ” އާމިރު އަހަރެންނަށް ގޮވާލިއެވެ. އަހަރެމެން އެނބުރި ބަލައިލީމެވެ. ” އޭރު ގޭގެ ދޮރު މަތީގައި ހުރީ ޝާހީންއެވެ. ޝާހީން ހިނގާފައި އައިސް އަހަރެމެންގެ ކުރިމައްޗަށް ހުއްޓުނެވެ.” ނަޔާ އަހަރެންނަށް މާފު ކުރޭ، އަހަރެންނަށް ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް، އޭގެ ޝަޒާ މިއަދު އަހަރެންނަށް މި ލިބެނީ، އަހަރެންގެ ދަރިފުޅު ރަނގަޅަށް ބަލައިދޭތި،” ޝާހީން އަހަރެންގެ ގާތުން މާފަށް އެދުނެވެ. ޝާލް އަހަރެންގެ އަތުގައި ހިފާލިއެވެ. އަހަރެން ބޯޖަހާލީމެވެ. ޝާލް އަހަރެންގެ ކޮނޑުގައި އަތް އަޅާލަމުން އައިން އުރާލައިގެން ހުރެ ގެއާއި ދިމާއަށް ހިގައިގަތެވެ، އަހަރެންވެސް ވެސް ހިގައިގަތީމެވެ. އަހަރެން ބޭނުންވި އެލޯބި އަހަރެންނަށް ލިބުމުން އުފަލުންފުރިފައިވާ ހިތަކާއިއެކުގައި އަބަދުގެ އަބަދަށް ޝާލްއާއިއެކު ދިރިއުޅުމަށްޓަކައެވެ.
ނިމުނީ
8 Comments!
Comments are closed.
V salho
V v v v v v v v reeeeeeeeeeeethi luuuuuuuuuuv thiiis ending ves hama habeys AISHATH Sam ummeedh kuran u ge new vaahaka eh varah avahah kiyaalan libeyne kamah
reethi..?
Good
Wow v nice nimun adhivess new story eh genessdhehchey
Shaaheen ah egunu tha eynage dharifulhu maru v kan?……nimun kamaku nudhey
V v v nice…. Keep it up…..
Vvvvvvvvv reeeethi….I like happy endings…..?????❤❤❤❤