ވެހެމުންދިޔަ ވާރޭ ވަޔާ ވިއްސައިގެން އައިސް ކުޑަދޮރުގެ ލޯގަނޑުގައި ޖެހެމުންދިޔަ މަންޒަރު އެއްވެސް ފޫހިކަމެއް ނެތި ބަލަން ޒޯލާ ހުއްޓެވެ. ދެއަތުން ހިފަހައްޓާލައިގެން ހުރި ކޮފީތަށިން ހޫނު އާވި އަރަމުން ދިޔައިރު އޭގެ ވަސް މުޅިތަނުގައި ހިފަލާފައި ހުއްޓެވެ. ތުންފަތްމައްޗައް ލުއި ހިނިތުންވުމެއްވެރިވީ ކުޑަދޮރުކައިރީގައި ބަހައްޓާފައި ހުރި ޑްރެސިންގް ޓޭބަލް މަތީގައި އޮތް ފޯނު ދެތިން ފަހަރަކު ވައިބްރޭޓް ވެލުމުންނެވެ. މާކުރިންވެސް އެކަމަށް ޒޯލާ އިންތިޒާރު ކުރާކަހަލައެވެ. ދެތިން ފިޔަވަޅު ކުރިއަށް ޖެހިލުމަށްފަހު ފޯނު ނަގާފައި ބަލާލިއެެވެ. އެއާއެކު ކުރިއަށްވުރެވެސް ބޮޑަށް ޒޯލާއަށް ހީލެވުނެވެ. ފޯނުގައި މެސެޖެއް ލިޔަމުން ޒޯލާ މަޑު ހިނގުމެއްގައި ގޮސް ކިންގް ސައިޒްގެ ބޮޑު އެނދުގައި އިށީނދެލިއެވެ. އެހެން އިނދެ އިރު އިރު ކޮޅާ ކޮފީތަށިން ކޯވަރެއް ބޯލައެވެ. އެގޭ މަސައްކަތް ކުރާ ނާދިޔާ ދޮވެފައި ހުރި ހެދުންތައް ހިފައިގެން އެތަނަށް އައިސް ވަނީ އެވަގުތުއެވެ. ނާދިޔާ އަކީ ޒޯލާގެ މަންމަ ނިޔާވުމަށްފަހު ޒޯލާގެ ކަންތައް ބެލެހެއްޓުމަށް ނާޒިރު އެގެއަށް ގެނައި މީހެކެެވެ. ޒުވާން އުމުރުގައި ހުވަފަތްވެފައިވާ ނާދިޔާގެ ދަރިއެކު ނެތުމާއެކު ނާދިޔާ ޒޯލާދެކެ އަމިއްލަ ދަރިއަކު ވާފަދައިން ލޯބިވެއެެވެ. ނަމަވެސް ޒޯލާ ދެކެނީ ހަމައެކަނި ގޭގައި ގެންގުޅޭ މީހެއްގެ ގޮތުގައެވެ.
” ނާދިއްތާ ވަރަށް އަވަހަށް ޒޯ ލާނެ ހެދުމެއް އިސްތިރިކޮށްލަދީބާ…. އާކި އަންނާނެ އިރުކޮޅަކުން ބަލާ..” ކުޑަ މޭޒުމަތީގައި ޖޯޑު ބަހައްޓަމުން ޒޯލާ ނާދިޔާއަށް މުހާތަބުކޮށް ބުންޏެވެ. އާކިލް އަކީ ކޮލެޖް ދުވަސްވަރުން ފެށިގެން ޒޯލާގެ ހަޔާތުގެ ބައިވެރިޔަކަށް ހިޔާރުކޮށްފައިވާ މީހާއެވެ. އެގުޅުމަށް ތިން އަހަރުވީއިރު ޒޯލާ އާކިލްދެކެ އިންތިހާއަށް ލޯބިވެއެވެ. ބާވިސް އަހަރުގެ ޒޯލާ މިހާރު ބޭނުންވަނީ ވީހާވެސް އަވަހަކަށް އާކިލްއާއި ކައިވެނިކުރާށެވެ. ނަމަވެސް އާކިލް އެކަމަށް އަދި ތައްޔާރު ނުވާތީ މަޑުކޮށްގެން ހުރީއެވެ.
” ޒޯ ދަރިފުޅާ.. އާކިލް ނުބުނޭތަ އަދިވެސް ކައިވެނި ކުރާކަށް.. މިހެން މިބުނީ ކައިވެނި ނުކޮށް އެހާ ގިނަ ދުވަހު އުޅުމަކީ ރަނގަޅު ކަމެއް ކަމަށް ދައްތަައަށް ނުފެންނާތީ..” ކޮނޑުގައި ހެނދުންތައް އަޅުވަމުން ނާދިޔާ ވަހަކަ ދެއްކިއެވެ.
” އެނގެޔޭ ތިކަން.. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ތިކަންވެސް ވާނެ.. އެހެންނުނަސް ނާދިއްތަ އެކަމާ ނުބެހިބަލަ.. ދެން އަވަހަށް އިސްތިރިކޮށްދީބާ ޕްލީޒް އާކި މިހާރު އަންނާނެ..” ނާދިޔާއަށް ހީލުމަށްފަހު ފަހު ޒޯލާ ތުވާލި ހިފައިގެން ފާހާނަ އަށް ވަނެވެ.
ކޮޓަރިތެރޭގައި ދެކެވުނު ވާހަކަ އަޑުއަހަން ދޮރުމަތީގައި ހުރީ ނާޒިރު ދެފަރާތަކަށް ބޯހޫރާލިއެވެ. ޒޯލާ އާކިލްއާއި ރައްޓެހިވެގެން އުޅުމަކީ ނާޒިރު އެއްގޮތަކަށްވެސް ބޭނުންވާ ކަމެއް ނޫނެވެ. ދަރިފުޅުދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ބަހެއް ނުބުނެ ހުންނަނީއެވެ.
ނާޒިރު އަބްދުއްރަހުމާން އަކީ މާލޭގެ އެންމެ މަޝްހޫރު ވިޔަފާރިވެރިންގެ ލިސްޓުގައި ހިމެނިފައިވާ މީހެކެވެ. ރާއްޖޭގެ އެންމެ މުއްސަނދިންގެ ތެރޭގައި ނާޒިރުގެ ނަން ހިމެނެއެވެ. ކިތަންމެ މުއްސަނދިވިޔަސް ނާޒިރުއަކީ އެހާ ބޮޑާވެގެން އުޅެމީހެއް ނޫނެވެ. ހިތްތިރި ދީންވެރި މީހެކެވެެ. ދަރިފުޅު ވިހެއުމަށްފަހު ލޯބިވާ އަންހެނުން ދުނިޔެ ދޫކުރިއިރު ކައިވެންޏަށް ވާނީ ދޮޅު އަހަރެވެ. އޭގެ ފަހުން އިތުރު ކައިވެންޏެއް ނުކުރީ އޭގެ ސަބަބުން ޒޯލާ އަށް ނޭދެވޭ އަސަރެއް ކޮށްފާނެތީ އެވެ.
…………………………………………………………………..
މެންދުރުން އަނބުރާ ދޭއް ޖެހިއިރުވެސް ކުރަމުން ދިޔަ ވިއްސާރައަށް އެއްވެސް ބަދަލެއް ނާދެއެވެ. ކަޅުވިލާ ތަކުން އިރުވަނީ ފޮރުވިފައެވެ. އުޑުމަތީގައި ކަޅު ސާލެއް އަޅާފައިވާކަހަލައެވެ. އިރު އިރުކޮޅާ ގުގުރީގެ ބާރު އަޑުއިވެމުން ދެއެވެ. ވައިމަޑުނަމަވެސް ތުނި ތުނި ކޮށް ވާރޭ ވެހެމުން ދެއެވެ.
ޒޯލާ އާއި އާކިލް ތިބީ ރަސްފަންނުގައި ޖަހާފައިހުރި ބޮޑެތި ކުޑަތަކުން ކުޑައެއް ދަށުގައެވެ. ޒޯލާގެ ނަޒަރު ހުއްޓިފައި ވަނީ މޫދުން ނަގަމުންދާ ކުދި ކުދި ރާޅުތަކަށެވެ. އާކިލް ފަހަތުގައި ޒޯލާގައިގާ އަތްވަށާލައިގެން ހުރި އިރު ޒޯލާގެ ކޮނޑުގައި އާކިލް ދަތްދޮޅި އަޅުވާލާފައި ވެއެވެ.
” އާކީ.. ކޮންއިރަކު އަހަރުމެން މެރީ ކުރާނީ” މައުސޫމު ގޮތަކަށް ޒޯލާ ސުވާލުކޮށްލިއެވެ.
” ޒޯ.. އަހަރެންވެސް ބޭނުމޭ ޒޯއާ މެރީ ކުރަން ބަޓް ކިހިނެއް ކުރާނީ.. ޒޯ ބައްޕަގޮތަށް އަހަރެންނަކީ އެހާ މުއްސަނދި މީހެއް ނޫން .. މަންމައެއް ބައްޕައެއް ނެތް އެކަނިވެރިއެއް އަހަރެން މީ… ޒޯ ތީ ގަނޑުވަރެއްގަ ރަސްކަންކުރަމުންގެންދާ ރަސްދަރިއެއް. އަހަރެން ކަހަލަ އާދައިގެ މީހަކާ އެކަށީގެންވެސް ނުވޭ.. ސޯ އަހަރެން ބޭނުން ޒޯގެ ލެވެލްއަށް ދާން ދުވަސް..” އާކިލްގެ ވާހަކައިން ޒޯލާ މޫނުަމަތީގެ ކުލަ ބަދަލުވެގެން ދިޔައެވެ. އަދި ޒޯލާގައިގާ ވަށާލެވިފައިވާ އާކިލްގެ އަތް ނައްޓާލުމަށްފަހު އާކިލްއާއި ކުރިމަތިލިއެވެ.
” ޒޯ ކިތަށްފަހަރު ބުނެފިން ތިކަހަލަ ވާހަކަ ނުދައްކާށޭ.. ޒޯ އާކީ އާ ރައްޓެހިވީ އާކީ ތީ އެހާ ރިޗް ކުއްޖެއްނޫން ކަން އެނގިހުރެ.. ޒޯ ބޭނުމެއްނޫން އަހަރުންގެ ސްޓޭޓަސް މިގުޅުމުގެ ތެރެއަށް ވައްދާކަށް.. އެހެންނޫނަސް ޒޯގެ ބައްޕަ ވަރަށް ރަނގަޅުވާނެ.. ޒޯ ބުނާ ކޮންމެ މީހަކާ ބައްޕަ އެއްބަސްވާނެ. އާކީ ބޭނުމިއްޔާ ޒޯގެ ބައްޕަގެ އޮފީހުން އާކީއަށް ޖޮބް ހޯދަ ދީފާނަން..” ޒޯލާ ވާހަކަ ދައްކަމުން ގޮސް އާކިލްގެ ކޮލުގައި ހިފަހައެްޓާލިއެވެ.
” ހަމަ އަސްލުވެސްތަ.. ޒޯ ހާދާ ރަނގަޅޭ.. ލަވް ޔޫ ބަނާނާ..” ޒޯލާ ގައިގާ ބާރަށް ބައްދާލަމުން އާކިލް ބުންޏެވެ. ޒޯލާ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވީ ލޯބިވާ އާކިލް މޫނުމަތިން ހިނިތުންވުމެއް ފެނުމުންނެެވެ.
ޒޯލާ އަށް ނުފެނުނީ އާކިލްގެ ތުންފަތް މަތީގައިވާ ވިހަ ހިނިތުންވުމެވެ. އާކިލް މިދުވަހަށް އިންތިޒާރުކުރާތާ ކިތަންމެ ދުވަހަހެކެވެ. ނާޒިރުގެ ބޮޑުވިޔަފާރީގެ ހިއްސާދާރަކަށް ވާން ބޭނުން ނުވާނީ ކާކުހެއްޔެވެ.ޒޯލާ އަކީ އެވިޔަފާރީގެ ތެރެއަށް ވަންނަން އާކިލް ބޭނުން ކުރާ ހަތިޔާރެކެވެ. ތިން އަހަރުގެ ދިގު އިންތިޒާރަކަށްފަހު މިއަދު އާކިލްގެ ހުވަފެންތައް ފުރިހަމަވާން މިވަނީ ނުހަނު ގާތްވެފައެވެ. ސިއްރު ލޯބިވެރިޔާ ރަވްޔާއާއި ގުޅެވެން އޮތީ ރަވްޔާގެ ބޭބެއާއި އެއް ފެންވަރަށް މުއްސަނދި ވެވިގެންނެވެ. އެއީ އާކިލް އަށް ރަވްޔާ ހުށައަޅާފައިވާ ޝަރުތެކެވެ. ރަވްޔާގެ ލޯބި ހޯދުމަށްޓަކައި ކުރެވެން ހުރި މަސައްކަތެއް ކުރަން އާކިލް ބޭނުންވަނީ ރަވްޔާދެކެ އިންތިހާއަށް ލޯބިވާތީއެވެ. އެހެންކަމުން ބޮޑު ރޭވުމަކަށްފަހު އާކިލް ޒޯލާ އާއި ރައްޓެހިވީ ރަވްޔާއަށްވެސް އެނގުމަކާ ނުލައެވެ.
…………………………………………………………………..
ގޭގެ ބޮޑު ގޭޓު ހުޅުވާލާފައި ރަވްޔާ އެތެރެއަށް ދުއްވައިގަތެވެ. ހީވަނީ ކަމަކާ ވަރަށް އުފާވެފަ ހުރިހެންނެވެ. ގޭގެ ޕޯޓިކޯ ތެރޭގައި އޮތް ރަތް ކުލައިގެ ވިންޓޭޖް ކާރު ފެނުމުން ދުވުން މަޑުކޮށްލެވުނެވެ. އެއާ އެކު ބޭބެ އައިސްފިކަން ރަވްޔާއަށް ޔަގީންވިއެވެ. އަނެއްކާވެސް މަޑު ދުވެއްޔެއްގައި ގޮސް ގޭގެ ބޮޑު ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ބޮޑު ކޮޓަރި ތެރެއަށް ނަޒަރު ހިންގާލީ އިތުރު މީހަކު ފެނޭތޯއެވެ. އޭރު ގޭތެރެ ފޮޅާ ސާފު ކުރުމާ ހަވާލުވެ ހުންނަ އައިޝާ ޓީވީ ރެކް ސާފުކުރުމުގައި އުޅުނެވެ. މަންމަ ކޮބާތޯ އައިޝާ ގާތުގައި އަހާލުމުން ބަދިގޭގައި އުޅޭ ކަމުގައި ބުނުމުން ރަވްޔާ ބަދިގެ އާއި ދިމާއަށް މިސްރާބު ޖެހިއެވެ.
ބަދިގެއަށް ވަދެވުނުއިރު މަންމަ އަރޫޝާ ނޯކަރުންނަށް އެހީތެރިވުމުގައި އުޅުނެވެ. ރަވްޔާ ފެނުމުން އަރޫޝާ އަށް ރަވްޔާގެ ތުންފަތްމަތީގައިވާ ހިނިތުންވުން ނަގައިގަނެވުނެވެ. ރަވްޔާގެ މޫނުމަތިން އެހާ އުފާވެރިކަން ފެންނަ ސަބަބު ދެނެގަންނަން އެނގުނެވެ.
” ބޭބެ ބުނީ ރަވޫ އައިއްސަ ބުނީމަޔޯ ތަޅުދަނޑި ދެނީ..” އަރޫޝާގެ ޖުމްލަ ނުނިމެނީސް ރަވްޔާ ދުއްވައިގަތީ ބޭބެ އާރާވް ގެ ކޮޓަރިއާ ދިމާއަށެެވެ. ސިޑީގެ ހަރުފަތްތައްމަތިން ދުވަމުން ދިޔައީ އެއްވެސް ބިރެއް ނެތިއެވެ. އާރާވްގެ ކޮޓަރިއާއި އަރާ ހަމަވެފައި ރަވްޔާ ފުން ނޭވައެއް ދޫކޮށްލިއެވެ. މަޑު މަޑުން ދޮރުހުޅުވާލިއިރު ތުވާލި އަނދެގެން ލޯގަނޑު ކައިރީގައި ރީތިވާން އާރާވް ހުއްޓެވެ. ރަވްޔާ އަޅައިގެން މަޑު ފެހި ކުލައިގެ ޝޯލް ރީތިކޮށްލުމަށްފަހު މަޑުމައިތިރި ކަމާއެކު ސަލާމް ގޮވާލިއެވެ. ސަލާމުގެ ޖަވާބުދެމުން އާރާވް ފަހަތަށް އެނބުރުނެވެ. ލޯބިވާ ކޮއްކޮ މިފެނުނީ ހަމަހަށް ވުރެ ގިނަދުވަސްވީ ފަހުންނެވެ.
” ބޭބޭ.. މަންމަ ބުނުއްވީ ބޭބެ ބުންޏޯ އަޅުގަނޑު އައިމަޔޯ ކާރުގެ ތަޅުދަނޑި ދޭނީ.. ” ރަވްޔާ އާރާވް އާއި އާއްމުކޮށް ވާހަކަދައްކައި އުޅޭ އުސޫލުން ވާހަކަދެއްކިއެވެ. ބައްޕަ ނިޔާވުމަށްފަހު އާރާވް އަކީ ރަވްޔާ އެންމެ އިހްތިރާމްކޮށް ގަދަރުކުރާ އެކަކެވެ.
” ކޮއްކޮ އަށް އެކާރު ރީތިތަ.. ބޭބެ އުޅުނީ ފިޔާތޮށި ކުލައިގެ ކާރެއް ގަންނަންވެގެން. އެކަމަކު ރެޑްކުލައިގެ ކާރު ފެނުމުން ހިތަށް އެރީ ކޮއްކޮއަށް އެކުލަ މާ ކަމުދާނެއޭ” ޑްރެސިންގް ޓޭބަލްގެ ވަތްގަނޑު ހުޅުވާލަމުން އާރާވް ބުންޏެވެ.
” ބޭބެއަށް އެނގިލައްވަ ނޫންތޯ އަޅުގަނޑު ޕިންކް ކުލަދެކެ ފޫހިވާވަރު… މިހާރުގެ އަންހެންކުދިން އުޅޭނީ އަބަދުވެސް މާޕިންކް ވެގެން..” ރަވްޔާ ވާހަކ ދެއްކިއިރު އިރުއިރުކޮޅާ އާރާވް ކުރާކަމެއް ބަލަން ބޯދިއްކޮށްލައެވެ.
” އަނ މިއޮތީ ތިހޯދާ އެތި..” ކާރުގެ ތަޅުދަނޑި ރަވްޔާއަށް ދިއްކޮށްލަމުން އާރާވް ބުންޏެވެ. ރަވްޔާއަށް އުފަލުންގޮސް ފުންމައިނުގަނެވުނީ ކިރިޔާއެވެ. އަވަހަށް އާރާވްއަށް ޝުކުރު އަދާކުރުމަށްފަހު ބޭރަށް ނިކުތީ އިހްސާސްތައް ކޮންޓްރޯލް ނުކުރެވިދާނެތީއެވެ.
ރަވްޔާ ނިކުތުމުން އާރާވް ހީލަމުން ދެފަރާތަށް ބޯހޫރާލިއެވެ. އަދި އެއަށްފަހު ބެލްކަންޏަށް ނިކުތީ ވާރޭ އޮއްސާލަން އުޅޭހެން ހީވުމުން ދޮރުލައްޕާށެވެ. ނަމަވެސް އޭގެ ކުރިން ފެނުނު މަންޒަރުން ތަލިން ކުޅުހިކިގެން ދިޔައެވެ.
-ނުނިމޭ-
11 Comments!
Comments are closed.

Feshunn reethi..adhi kuriyahh oyy bai thahh vss reethi vaane kamahh ummeedhu kurann
Thankolheh fahun akil ge beynun hushahalhaa dhin nama furi hama vaane…furathama feshunu gothah ebai genes dhinyma kada…ekm vx reethi..keep it up ???
Woowwww nice story.. waiting for the next part ??
Feshun reethie. And hope kuran next part avahah update kuraaneykamah. Adie Miyah vurey diguves vaaneykamah
next part avahah up koh dhehchey v reethi vaane hen heevey
Masha Allah.. v furihama. Avaha up kohla dhecehy. Kiyaa hithun inthizaaru ga
salhi vaahakaeh
Salhi
Vvvv cute….
Maashaa
V salhi