“ހިބާ!” ފައުޒާން އައިސް ހިބާގެ އަތުގައި ހިފާލި އެވެ. “ހިންގާ މެރީ ކުރަން.” ހިބާ ހައިރާން ވެފައި ބަލަހައްޓައިގެން ހުއްޓެވެ. ފައުޒާން ކިޔާ އެއްޗެއް ގަބޫލު ނުކުރެވިފަ އެވެ.

“ފައުޒާން ކީކޭ ތި ކިޔަނީ؟” ހިބާއަށް ގަބޫލު ނުކުރެވިފައި ހުރެ ހިބާ އަހާލި އެވެ.

“ހިގާށޭ މެރީ ކުރަން ޒާން މިބުނަނީ.” ފައުޒާން ހުރީ ހިތް އަވަސް ވެފަ އެވެ. ހިބާ ދޭނެ ޖަވާބެއް ނޭގޭތީ އެވެ. “ވަރަށް ވިސްނާފަ މާޒްއާއި އަޒްމީލްއާއި މަޝްވަރާވެސް ކޮށްފަ މި ބުނަނީ.” ހިބާއަށް ބުނާނެ އެއްޗެއް ވެސް ނޭގިފައި ހުރެވުނީ އެވެ. ހަފީޒާމެން ވެސް ނެތް ދަނޑިވަޅެއްގައި ފައުޒާންގެ އެ ނިންމުމާއި މެދު ހިބާ ހުރީ ޖެހިލުން ވެފަ އެވެ.

“އެކަމަކު … ކުޑައްތަމެން ނެތިސްތަ؟” ހިބާއަށް އަހާލެވުނެވެ.

“އާން. މަންމަމެން ނެތިސް. މަންމަމެން އައިމަ ސަރޕްރައިސްއެއް ދޭނީ،” ފައުޒާން ބުންޏެވެ. ފައުޒާން ހުރީ ވަރަށް ބޮޑަށް މާޒްއާއި އަޒްމީލް ކައިރީ އެވާހަކަ ދައްކާ އެކި ގޮތްގޮތުން މަޝްވަރާ ކޮށްފައެވެ. “މާޒްއާއި، އަޒްމީލް ފިޔަވާ މި ފެމިލީ އެކަކަށްވެސް ނާންގަ މެރީ ކުރާނީ. ފަހުން އެންމެން ކައިރީ ބުނާނީ.”

“އެކަމަކު ތީ ރަގަޅު ގޮތެއްތަ؟” ހިބާ އެކަމާ ކުޑަކޮން ވެސް ހިތްހަމައެއް ނުޖެހުނެވެ. އެންމެނަށް ސިއްރުން އެހާ ބޮޑުކަމެއް ކުރާކަށް ހިބާ ބޭނުމެއް ނޫނެވެ.

“މަންމަމެން އައިމަ އެންމެން ކައިރީ ޒާން ބުނާނަމޭ.” ފައުޒާން ބުންޏެވެ.

“ދެން ހިބާ ފެމިލީޔޯ.” ހިބާއަށް އަހާލެވުނެވެ.

“ހިބާ އެންމެ ފުރަތަމަ ގަބޫލުވެ ބަލަ. އޭރުން ހިބާ ފެމިލީއާ ޒާން ވާހަކަ ދައްކާނަމޭ.” ފައުޒާން ބުންޏެވެ. ހިބާ ހުރީ އަދިވެސް އެކަން އެގޮތަށް ކުރަން ބޭނުން ނުވެފައިކަން ހިބާގެ މޫނުމަތިން ފެންނަން ހުއްޓެވެ.

“ހިބާއަކަށް ނޭގެ ވާނެ ގޮތެއް. އެކަމަކު ދެން އޯކޭ ހިބާއަށް.” ހިބާ އިރުކޮޅަކު ވިސްނާލަން ހުރެފައި ދެފިކުރެއްގައި ހުރެވެސް ބުންޏެވެ. ފައުޒާންގެ ތުންފަތަށް ވެރިވެގެން ދިޔަ ހިނިތުންވުމުން ފައުޒާންގެ ހިތަށް ވެރިވެގެން ދިޔަ ހިތްހަމަ ޖެހުން މޫނުމަތިން ފާޅުވެގެން ދިޔަ އެވެ. ފައުޒާން ހިބާ ގެނެސް ފައުޒާންގެ މޭގައި ޖައްސާލާ ބޮނޑިކޮށްލި އެވެ.

ޖެހިގެން އައި ދުވަހު ފައުޒާން ޒެކްއަށް ގުޅީ ޖަމާލްއާއި ބައްދަލުކުރަން ބޭނުންވެގެން ނެވެ. އެވާހަކަ ބުނުމުން ޒެކްގެ އެތަކެއް ސުވާލު ކުރިމަތި ވިއެވެ. ޒެކްއަށް އެކަން ނާންގަން ކުރި މަސައްކަތް ބޭކާރުވެގެން ދިޔައީ ޖަމާލް އާއި ބައްދަލުވާން އޮތީ ޒެކް މެދުވެރިވެގެން ކަމަށް ވާތީ އެވެ. އެންމެފަހުން ހިތްހަމަ ނުޖެހިފައި ހުރެވެސް ޒެކްއަށް ހުރިހާ ވާހަކައެއް ފައުޒާން ކިޔައިދިނެވެ. ޒެކް އެކަމަށް ވަރަށް ހިތްވަރު ދިނެވެ. އަދި އެރޭ ޖަމާލްއާއި ބައްދަލު ކުރުމަށް ޖަމާލް މެންގެއަށް އައުމަށް ޒެކް ބުންޏެވެ.

އެރޭ ހިބާ ކްލާހުން ނިމުމުން ގެނެސް ގެއަށް ލާފައި ފައުޒާން މިސްރާބު ޖެހީ ޖަމާލްއާއި ބައްދަލު ކުރުމަށް ދާށެވެ. ޖަމާލް މެންގެއާއި ހިސާބަށް ގޮސް ފައުޒާން ޒެކްއަށް ގުޅި އެވެ. ޒެކް އެގެއިން ނިކުމެ ފައުޒާންއަށް އެތެރެއަށް އައުމަށް އިޝާރާތްކޮށްލި އެވެ. ފައުޒާން އެގެއަށް ވަދެފައި އެންމެ ފުރަތަމަ ވެސް ހިތަށް އެރީ އެއީ މާލޭގައި ހުރި ގެއެއް ބާ އެވެ. އެހާ ބޮޑު އަދި އެހާ ރީތި ގެއެއް ފައުޒާން ދުވަހަކުވެސް މާލެއިން ނުދެކެ އެވެ. ދެކާރު ގޯތި ތެރޭގައި ޕާރކުކޮށްފައި އޮތެވެ. އެތަކެއް ބައިވަރު ގަސްގަހާ ގެހިން ފުރިފައިވާ ގޯތިތެރޭގައި އޮތް ހުސް ޖާގައިގައި ވެސް ވަނީ ވިނަ ހައްދާފަ އެވެ. ބޭރަށް ފެންނަން ހުރި އިމާރާތުގައި ލާފައިވަނީ މަޑުމަޑު ޝާހީ ކުލަ އެކެވެ. ގޭގެ ޕޯޓިކޯގައި ބަހައްޓާފައި ހުރި ބޮޑެތި ރުނބާ ތަކުގައި ވެސް ވަނީ ގަސް ޖަހާފަ އެވެ. ތަޅުން ގަނޑުގައި ވާ ސަންގު މަރުމަރު ހިލައިގެ ސަބަބުން ބޫޓު ބާލައިފައި އިސްޓާކީނާއި އެކު ފައި ޖައްސާލުމުން ފިނިކަން އިހުސާސް ވެގެން ދިޔަ އެވެ. ޒެކްގެ ފަހަތުން ފައުޒާން ގޮސް ޕޯޓިކޯތެރެއިން ލާފައި ގޮސް ބިއްލޫރިން ހަދާފައިވާ ދޮރުން ވަދެގެން ދިޔަ އިރު ފެންނަމުން ދިޔަ މަންޒަރުތަކުން ފައުޒާން ހުރީ ހައިރާން ވެފަ އެވެ.

ބޮޑު ހޯލެއް ވަރުގެ ފެންޑާ އެކެވެ. ފެންޑާގެ މެދުގައި ބަހަށްޓާފައި ހުރި ކުކުޅުބިސް ކުލައިގެ ބޮޑު ސޯފާސެޓުގެ ކުރިމަތީ ބަހަށްޓާފައި ހުރީ ފަންސާސް ހަ އިންޗީގެ ބޮޑު ސްކްރީނެއް ވަރުވާ ޓީވީ އެކެވެ. ސޯފާ ސެޓާއި ދިމާލު ސަންގުމަރުމަރު ހިލަތައް މަތީގައި އަޅާފައިވާ ގަދަ މުށިކުލައިގެ ޑިޒައިނެއް ކުރަހާފައިވާ އަގުބޮޑު ކާޕެޓުން ވެސް ޝާހީކަން އިތުރުކޮށްދީފައި ވެ އެވެ. ސީލިންގައި އެލުވާފައި ވާ ބޮޑެތި ޗާންދަލިޔާ ތަކުގެ އަލިކަމުން މުޅިތަނަށް ހީވަނީ ދުވާލުގެ އަލިކަން ފާޅުވެފައިވާ ހެނެވެ. އެހާ ފުރިހަމަ ތަނަވަސް ގެއެކެވެ. ހިބާގެ ބައްޕައަކީ ލާރި ހުރި ތަނަވަސް މީހެއް ކަން ފައުޒާންއަށް އެގެއެވެ. ނަމަވެސް މިހާ މުއްސަދިކަމެއް ފައުޒާންއަށް ކުރިއަކުން ނޭގެ އެވެ.

“ޒާން، އިށީދޭ،” ޒެކް ސޯފާއަށް އިށާރާތް ކޮށްލަމުން ފައުޒާން ކައިރީ ބުންޏެވެ. “އިރުކޮޅަކުން ބޭބެ ދުރުވާނެ.” ފައުޒާން ބޯޖަހާލަމުން އިށީނެވެ. ފައުޒާން އަދިވެސް އިނީ ގަބޫލުކުރަން ދަތި ވެފަ އެވެ.

އަނެއްކާ ފައުޒާންއާއި ހިބާއާއި ކައިވެނި ކުރަން ޖަމާލް ގަބޫލު ވާނެބާ އެވެ. އެހާ މުއްސަދި މީހެއްގެ ދަރިއަކާއި ފައުޒާން އެކަށީގެން ވޭ ހެއްޔެވެ.

“ޒާން، ބޭބެއާއި ރީތި ބަހުން ވާހަކަ ދައްކައިފިއްޔާ ވަރަށް ރަގަޅުވާނެ. ބޭބެ ވަރަށް އުފާ ވާނެ.” ޒެކް ފައުޒާން ކައިރީ ސޯފާގައި އިށީންނަމުން ބުންޏެވެ. “ބޭބެގެ ހުންނާނެ ވަރަށް އަބުއި ގޮތެއް. ވަރަށް ރަގަޅުވާނެ އެކަމަކު ކުޑަކޮން ގޮތްދޫނުކުރާ ސްޓައިލެއް ވެސް ހުންނާނެ.” ޒެކް ބުންޏެވެ. އެވަގުތު ތަބަކެއްގައި ޖޯޑުތަކެއް އަތުރައިގެން ބޭރު އަންހެނެއް އައެވެ. އޭނާ އައިސް ކޮފީމޭޒުމަތީ ތަބަށް ބެހެއްޓި އެވެ. އަދި ޖޯޑުތަކަށް ޖަގުން ކޮފީ އެޅި އެވެ.

“ގީތާ؟ ކޮބާ ބޭބެ؟” ޒެކް ގީތާ ކައިރީ އަހާލި އެވެ.

“ބޮސް އަދި ތިރިއަށް ވަޑައި ނުގަންނަނީ ދޯ. ބޮސް އަށް އަޅުގަނޑު ދެންނެވިން. މިހާރު ވަޑައިގަންނަވަނީ ތިބޭ.” ގީތާ އޭނާއަށް އެގުނު ގޮތަކަށް މާތް ބަހުން ވާހަކަ ދެއްކޭތޯ ބެލި އެވެ. ޒެކް ބޯ ޖަހާލި އެވެ.

“އަނެއްކާ ހިބާގެ ބައްޕަ ގަބޫލު ވާނެތަ؟” ފައުޒާންއަށް އަހާލެވުނެވެ. ޒެކް ހީލި އެވެ.

“އާން، ގަބޫލު ވާނެ. ބިރުނުގަނޭ. ބޭބެ ވަރަށް ކޫލް ވާނެ. އެކަމަކު…” ޒެކް ބުނަން އުޅެފައި ވެސް މަޑު ޖެހިލި އެވެ.

“ކޮން އެކަމަކު އެއް؟” ފައުޒާން ގެ ހިތް ބާރަށް ތެޅެން ފެށި އެވެ.

“ފައުޒާންއާއި ހިބާއާއި މެރީ ކުރަން ބޭބެ އެއްބަސް ވެދާނެ. އެކަމަކު ފައުޒާން ތި ބުނާ ގޮތް ހަދަން ހިޔެއް ނުވޭ ބޭބެ ގަބޫލު ވާނެ ހެނެއް.” ޒެކް ބުންޏެވެ. ފައުޒާންއަށް ވެސް މިހާރު އެކަމާ ޝައްކެވެ. ނަމަވެސް އެވާހަކަ ވެސް ފައުޒާން ދައްކާނީ އެވެ. ވާގޮތެއް އެގިދާނެތާ އެވެ. ފައުޒާން ހިތަށް އަރަމުން ދިޔައެވެ.

މާ ގިނައިރެއް ނުވެ ޖަމާލް ތިރިއަށް ފައިބައިފި އެވެ. ޖަމާލް ފެނުމުން ޒެކް ފުންމައިގެން ތެދުވެއްޖެ އެވެ. ފައުޒާން ވެސް ތެދުވި އެވެ. ޖަމާލްގެ ހުރި އަބުރުވެރި ހައިސިއްޔަތު ފެނިގެން ދިޔައެވެ. މުށި ފާޑުގެ ފަތުލޫނަކާއި ހުދު ގަމީހެއް ލައިގެން ހުރި ޖަމާލް ފެންނައިރު އެ އުމުރުގެ މީހަކާ ބަލާފައި ވަރަށް ޅަކަމަށް ދައްކައެވެ. ތުނި ތުނބުޅިއެއް ލާފައި ހުންނައިރު ވަރުގަދަ ޝާހީ ސަޚްސިއްޔަތެއްގެ ވެރިއެއްކަން ބަލައިލި ކޮންމެ މީހަކަށްވެސް އެގިގެން ދާނެ އެވެ.

ޖަމާލްގެ މޫނުމަތިން ފެނިގެން ދިޔަ ހިތްހެޔޮ ކަމާއި ހިނިތުން ވުމުން ވެސް ފައުޒާންގެ ޖެހިލުން ވެފައިވާ ހިތަށް ފިނިކަމެއް ލިބގެން ދިޔަ އެވެ. ޖަމާލް އައިސް ފައުޒާންއާއި ސަލާން ކޮށްލި އެވެ. އަދި އިށާރާތުން އިށީނުމަށް އިށާރާތް ކޮށްލި އެވެ.

“ކޮފީއެއް ނުބޮންތަ؟” މޭޒުމަތިން ކޮފީ ޖޯޑެއް ނަގަމުން ޖަމާލް ބުންޏެވެ.

“ނޫނޭ. ހިބާގެ ބައްޕަ އާއިއެކު ބޯން މަޑުކޮށްލީ.” ވަރަށް އުދަގޫ ވެފައި އިނދެވެސް ފައުޒާން ވާހަކަ ދެއްކީ ހަމަޖެހޭ ގޮތް ދައްކާލަމުން ނެވެ.

“ކޮން ވާހަކައެއް ދައްކާލަންތަ ތި އައީ؟” އަނެއްކާ ބައްޕަ ފައުޒާންއަށް ދިން އެހީގެ ވާހަކަ ދައްކަންތަ. ތިހެން ވިއްޔާ ބުނެވޭނީ އެއީ އެއްގޮތަކަށް ވެސް ބައްޕަ ފައުޒާންއަށް ކޮށްދިން ކަމެއް ނޫނޭ. އެއީ ހިބާއަށް ޓަކައި ހިބާގެ ބައްޕަ ކޮށްދިން ކަމެއް. ހިބާގެ ވާން އުޅޭ ފިރިމީހާ ރަގަޅު ސިއްހަތެއްގައި ހުރުމަށް އެދޭތީ ބައްޕައެއްގެ ދަރިފުޅަށް ބައްޕައަކު ވީ އެހީތެރިކަމެއް. ފައުޒާންއަށް އެހީ ވީކީ ނޫން.” ހަމަހިމޭން އިރުކޮޅަކަށް ފަހު ޖަމާލް ބުންޏެވެ. ފައުޒާންއަށް ބުނާނެ އެއްޗެއް ނޭގިފައި އިރުކޮޅަކު އިނެވެ. ހިބާގެ ބައްޕައަށް ފައުޒާންއާއި ހިބާގެ ގުޅުމުގެ ވާހަކަވެސް އެނގޭ ހެއްޔެވެ.

“އަޅުގަނޑު މިއައީ ތިކަހަލަ ވާހަކައެއް ދައްކާކަށް ނޫން،” ފައުޒާން ހިފައިގެން އިން ޖޯޑު މޭޒުމަތީ ބައިންދަމުން ފައުޒާން ބުންޏެވެ. “އަޅުގަނޑު ވާހަކަ ދައްކަން މިއައީ ހިބާއާއި އަޅުގަނޑު …” ފައުޒާންއަށް ވާހަކަ ދައްކަން އުނދަގޫ ވި އެވެ. ނަމަވެސް ހިތްވަރު ކޮށްފައި ހިންދިރުވާލަމުން އަނެއްކާވެސް ބުނަން ފެށި އެވެ. “އަޅުގަޑާއި ހިބާގެ ކައިވެނި ކުރުމަށް ހިބާގެ ބައްޕަ ކައިރިން ހުއްދައަކަށް އެދެން ވެގެން.” ފައުޒާން އިސްޖަހާލައިގެން އިނެވެ. ޖަމާލް ބުނާނެ އެއްޗެއް ނޭގޭތީ ކަންތައް ބޮޑުވެފައި ފައުޒާން އިނެވެ.

“ތިކަމާއި މެދު ވާހަކަ ދައްކަން ވެފައި ބައްޕަ ވެސް އޮތީ.” ޖަމާލް ސޯފާގައި ހަމަ ޖެހިލަމުން ބުންޏެވެ. “ބައްޕަ ބޭނުން ވަނީ ހިބާގެ ކައިވެނި ވީހާވެސް އަވަހަކަށް ކުރަން. އަންހެން ކުދިން ކުރީބައިގަ ޖެހޭނެ ކައިވެނި ކުރަން ދޯ.” ޖަމާލް ބުންޏެވެ. “ކޮން ދުވަހަކުން ކައިވެނި ކުރަން ތި ގަސްތު ކުރަނީ؟” ޖަމާލް އެހި އެވެ. ފައުޒާން ޖަމާލްއަށް ފައުޒާން ނިންމައިގެން ހުރިގޮތް ހުށައެޅި އެވެ. ޖަމާލް ދާދި ފަސޭހައިން ފައުޒާންގެ ހުށަހެޅުން ގަބޫލު ކުރި އެވެ. ނަމަވެސް އެކަމާ ހިތްހަމަ ނުޖެހޭކަންވެސް ފާޅުކުރިއެވެ.

ފައުޒާން އެރޭ ގެއަށް އައީ ވަރަށް ލަސްވި ފަހުންނެވެ. ހިބާ އޭރު ކޮޓަރިއަށް ނިދަންވެސް ވަދެއްޖެ އެވެ. ފައުޒާން އައިސް ހިބާ ކޮޓަރީގައި ދެފަހަރަކު ޖަހާލުމުން ވެސް ހަބަރެއް ނުވި އެވެ. ފައުޒާންއަށް އެރޭ ނިދަން އުޅެއުޅެ ނިދޭ ގޮތެއް ވެސް ނުވި އެވެ. ހިތަށް ލިބިފައި ވަނީ ބަޔާންވެސް ނުކުރެވޭ ވަރުގެ އުފާ ވެރިކަމެކެވެ. ފަތިހު ބަންގި ގޮވުމާއި އެކު އެނދުން ފުންމާލައިގެން ވުޟޫކޮށްލައިގެން އަވަހަށް މިސްކިތައް ދާން ފައުޒާން ނިކުތެވެ. ހިބާ ވެސް އާދައިގެ މަތިން ހަމަ ނަމާދުކޮށްގެން އައިސް ބަދިގޭގައި އުޅެ އެވެ. ފައުޒާން ނަމާދުން އައި އިރު ހިބާ ހުރީ ކޮފީ ގިރާފަ އެވެ. ފައުޒާން އައިސް ހިބާއަށް ބަލަހައްޓައިގެން ހުއްޓެވެ. ހިބާ ތަށިތައް ދޮންނަން ހުރެފައި ފައުޒާން ފާޑަކަށް ބަލަން ހުރުމުން އެކަންތައް ހުއްޓާލާފައި ފައުޒާންއާއި ދިމާއަށް އެނބުރުނެވެ.

“ހަތަރު ދުވަސް ފަހުން ހިބާ ވާނީ ޒާންގެ އަންބަކަށް.” ފައުޒާން ބުންޏެވެ.

“ވަޓް؟” ހިބާއަށް ގަބޫލު ނުކުރެވިފައި ހުރެ ބުންޏެވެ. “ކިހިނެއް؟ ބައްޕައާއި ޑިސްކަސް ކުރީތަ؟” ހިބާއަށް އަހާލެ ވުނެވެ. ފައުޒާން ބޯ ޖަހާލަމުން އައިސް ހިބާ ކައިރިއަށް ހުއްޓުނެވެ.

“ބައްޕަ ވަރަށް ޕޮސިޓިވް. ހީވަނީ ބައްޕަ ވަރަށް ބޭނުން ވެފަ ހުރި ކަމެއްހެން. އެކަމަކު ކުޑަކޮން ހިތްހަމަ ނުޖެހިފަ ހުރީ ޒާންގެ މަންމަމެން ނެތިސް މެރީކުރަން އުޅޭތީ. ޒާން ބުނިން މަންމަމެން އައިމަ ބުނާނީ އޭ.” ފައުޒާން ހިބާގެ އަތުގައި ހިފާލަމުން ކައިރިއަށް ގެނެސް ހިބާގެ ގައިގައި ހިފަހައްޓާލި އެވެ. “ހިބާ ބައްޕަ ބުނީ ޒާން މަންމަމެން އައިމަ ވަރަށް ބޮޑުކޮން ޕާރޓީއެއް ބާއްވަން ޖެހޭނެކަމަށް. ޒާން ވެސް އެކަމާ އެއްބަސް ވެފަ މިއައީ. ފްރައިޑޭ ނައިޓްގަ މެރީކުރަން ހަމަޖެއްސީ ހިބާ ބައްޕަމެންގޭގަ. އައި އޭމް ސޯ ހެޕީ.”

“ހިބާ ވެސް.” ހިބާ ވެސް ފައުޒާންގެ މޭގައި ލައްވެލަމުން ބުނެލި އެވެ.

މާ ގިނަ މީހުނަށް ނާންގާ ކައިވެނީގެ ކަންތައްތައް ނިންމަމުން ދިޔަ އެވެ. އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ޒެކްގެ ފަރާތުންނެވެ. ހަތަރު ދުވަސް ފަހުން ހިބާގެ ބައްޕަމެންގޭގައި ކުޑަ ހަފްލާއެއް އޮތެވެ. އެއީ ހިބާއާއި ފައުޒާންގެ ކައިވެނީގެ ހަފްލާ އެވެ. މޫމިނާއަށް ނާދެވުނަސް މޫމިނާއަށް ވެސް އޮތީ އެކަން އެގިފަ އެވެ. އަދި އެހަށް ސިއްރެއްގެ ގޮތުގައި އެކަން ބާއްވަން ބުނެފައި ވާތީ އެހާ ވަރަކުން އަންނަން ވެސް ނޫޅުނީ އެވެ.

ފައުޒާން އަނބި ޤަބޫލު ކޮށްފީމޭ ބުނި ވަގުތުގައި ހިބާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނިރާލި އެވެ. ހިތުގެ އަޑިން ފައުޒާން އެބުނި އެއްޗަކީ ދުވަހަކުވެސް ހިބާއަށް ހިތުން ފިލުވާލެވޭނެ އެއްޗެއް ނޫނެވެ. ފައުޒާން އެގޮތުގައި ހުންނާނެ ކަމުގެ ފުރިހަމަ އިތުބާރު ހިބާއަށް އޮތެވެ.

އެރޭ ފައުޒާންއާއި ހިބާ ނިދުމަށް ޖަމާލް ތައްޔާރު ކުރީ ރިސޯޓެއްގެ ވޯޓަރ ބަންގަލޯރ އެކެވެ. ފައުޒާންއާއި ހިބާ ލޯންޗަށް ލާފައި ރިސޯޓަށް ފޮނުވާލުމުގެ ހުރިހާ ކަމެއް ކުރީ ޒެކް އެވެ.

ފައުޒާންއާއި ހިބާ ރިސޯޓަށް ގޮސް ކައިހަދައިގެން ކޮޓަރިއަށް އައި އިރު އެނދު އޮތީ ކައިވެނީގެ ފުރަތަމަ ރޭފަދައިން މަލުގެ ފިޔައިން ތައްޔާރުކޮށްލާފަ އެވެ. ހިބާ ހުރީ ހިތް އަވަސް ވެފައެވެ. ފައުޒާންއާއި އެކު މުޅި އެރޭ އެއް އެނދުގައި ހޭދަކުރަން ޖެހޭތީ ހިބާ ހުރީ ބިރުންނެވެ. ކޮންމެ ކަމަކީ ވެސް ހިބާއަށް އެހާ އާ ކަންކަމެވެ. އެކަމާއި ބެހޭ ގޮތުން ވާހަކަ ދައްކާލާނެ ފަރާތެއްވެސް ނެތެވެ. މާ ސިއްރަކުން ކޮށްގެން އުޅޭ ކަމެއް ވިއްޔާއެވެ.

ފައުޒާން އައިސް ލައިގެން ހުރި ޓީޝާރޓް ބޭލިއެވެ. އަދި ހިބާއާއި ކައިރިވެލި އެވެ. ހިބާ ދެ ފިޔަވަޅު ފަހަތަށް ޖެހުމުން ފައުޒާން ހުއްޓިގެން ބަލަހައްޓައިގެން ހުއްޓެވެ. ހިބާ ލަދުން އަނެއް ފަރާތައް އެނބުރުނެވެ. ފައުޒާން އައިސް ހިބާއާއި ނުހަނު ގާތުގައި ހުއްޓިލައިގެން ހުއްޓެވެ. ހިބާ އެނބުރުނު ވަގުތު އެއްޗެއް ބުނަން އަނގަ ހުޅުވާލި ގޮތަށް ހިމޭން ވެފައި ހިބާގެ ދެލޮލަށް ބަލަން ފައުޒާންއަށް ވެސް ހުރެވުނީ އެވެ. އެހާ ގާތުން ފައުޒާން ފެނުމުން ހިބާއަށް ވެސް ވީ އެކަހަލަ ގޮތެކެވެ. ހިބާގެ ނޭވާ އަވަސްވަމުން ދިއައީ ސިހުނު ވަރުން އެކަންޏެއް ނޫނެވެ. މަޑުމަޑުން އޭނާގެ އަތްފައި ފިނިވަމުން ދާކަން އިޙުސާސް ކުރެވުނެވެ. ފައުޒާންގެ އެ ތޫނު ދެލޮލުން ހިބާއަށް މާނަފުން ވާހަކަ ތަކެއް އަންގަމުން ދިއަކަން ކަށަވަރެވެ. އެއީ މީގެ ކުރީން ދުވަހަކުވެސް އެދެލޮލުން ފެނިފައިވާ އަސަރު ތަކަށް ވުރެ ފުން އަސަރު ތަކެކެވެ. ފައުޒާން ހިބާއަށް އެދެމުންދާ މިންވަރު އެ ދެލޮލުން ހާމަ ވަމުން ދިއަ އެވެ. އެ ބެލުމުގައި ވަނީ ދަހިވެތި ކަމެވެ.
އެދެމެދުގައި ވަނީ ދެތިން އިންޗީގެ ދުރުމިނެވެ. ފައުޒާންގެ އެ ތޫނު ދެލޮލުގެ ތެރެއަށް ގެބިގެންދާން ހިބާ ބޭނުން ވިއެވެ. ފައުޒާންގެ އެ ދެއަތުގެ ހިމާޔަތުގެ ދަށަށް ދާން ހިބާ ބޭނުން ވިއެވެ. މަޑުމަޑުން ފައުޒާން ހިބާއާއި ގާތަށް ޖެހިލި އެވެ. ހިބާގެ ނޭވާގެ މީރުވަސް ދުވާހާ ގާތަށެވެ. ފައުޒާން އޭނާގެ މޫނު ހިބާއާ ދިމާއަށް ގުދުކޮށްލީ ހިބާ އިޖާބަދޭނެ ކަމުގެ ޔަގީން ކަމާއިއެކުގަ އެވެ. އެހެންނަމަވެސް އެވަގުތު ހިބާ ފައުޒާންގެ މޭގައި އަޅާ ކޮއްޕާލި އެވެ. ތެޅިތެޅި އޮތް ހިތަކާއިއެކު އަވަސް ނޭވާތަކެއް ބޭރަށް ދޫކުރަމުން ހިބާ ފައުޒާންއާއި ދުރަށް ގޮސް ފުރަގަސް ދީގެން ހުއްޓުނެވެ.

“ކިހިނެއްވީތަ؟” ހައިރާން ވެފައި ފައުޒާންއަށް އަހާލެވުނެވެ. “އަދިވެސް ޑިސްޓަންސް ބަހައްޓަން ވީތަ؟”

“ހިބާ ބިރުގަންނަނީ.” ހިބާ ފައުޒާންއައި ދިމާއަށް އެނބުރިލަމުން ބުންޏެވެ. “ހިބާގެ ފަސްޓް ނައިޓް ވީމަ ވަރަށް ބިރުގަނޭ. ހިބާ ރައްޓެހި ކުދިން ބުނި ވަރަށް ތަދުވާނެޔޭ.” މައުސޫމް ގޮތަކަށް ވާހަކަދައްކަމުން ހިބާ ދިޔަ އެވެ. ފައުޒާން ހިބާއަށް ބަލަން ހުރެގެން އައިސް ހިބާގެ ނުހަނު ކައިރިއަށް ހުއްޓިލަމުން ހިބާގެ ބޮލުގައި އިން ދަނޑިކޮޅު ދަމައިގަތެވެ. ހިބާގެ ފަން ދިގު އިސްތަށިގަނޑު ނިއުޅިގެން ތިރިއަށް ވެއްޓުނެވެ. ފައުޒާން އެ އިސްތަށިގަނޑުގައި އަތް ހާކާލި އެވެ.

“ޒާން ނޫޅެމޭ ހިބާއަށް ތަދުކުރާކަށް. ތީ ޒާންގެ އެންމެ ލޯބިވާ ހިބާނު. ހިބާއަށް ތަދުވަންޏާ ޒާންއަށް ވެސް އޭގެ އަސަރު ކުރާނެނު.” ފައުޒާން ހިބާއާއި ކައިރި ވެލަމުން ހިބާގެ ނިތްކުރިއަށް ބޮސް ދިނެވެ. “ޒާން ވަރަށް ޖެންޓްލް ކޮންނޭ އުޅޭނީ. ބިރުނުގަނޭ. ޒާންއަށް އިންގޭ ހިބާއަކީ ވާޖިންއެއްކަން. އައި ވިލް ބީ ކެއަރ ފުލް.” ފައުޒާން ހިބާގެ އުނަގަނޑުގައި ހިފާލަމުން ފައުޒާންއާއި ކައިރިއަށް ދަމާލަމުން ބާރުކޮށްލި އެވެ. އަދި ހިބާގެ މޫނާ މޫނު ކައިރިކޮށްލަމުން ތުންފަތަށް ބޮސްދިނެވެ. ދެމީހުންގެ ލޯބީގެޖަޒުބާތުތަށް އުތުރި އަރައި ގަތެވެ. ހިބާގެ ލަދުވެތިކަމާއި ބިރު ފިލައިގެން ދިޔައީ ކޮން އިރަކު ކަމެއްވެސް ނޭގެނެވެ. ލޯބި ކުރުމުގައި ދެ ޖިސްމު އަދަމުން ދިޔަ އެވެ. ފުރަތަމަ ތޫނު ތަދެއް ހިބާއަށް އިހުސާސް ވެގެން ދިޔަސް އެ ލިބުނު އުފަލާއި އަރާމުގެ ކޮޅެއް ނެތެވެ. ދެމީހުންގެ ލޯބީގެ ވަގުތުކޮޅުތައް ނިމިގެން ދިޔައިރު ވަރުބަލިވެގެން ދެމީހުނަށް ވެސް ވަނީ އެކަކު އަނެކަކުގެ އަތުތެރޭގައި އޮވެ ނިދިފަ އެވެ.

އަބަދުވެސް ފަތިހާ ހޭލަން އާދަވެފައިވާ ފައުޒާންއަށް ހޭލެވުނީ ހަމަ ނަމާދު ވަގުތަށެވެ. ފައުޒާން އިރުކޮޅަކު އޮވެލާފައި ފައުޒާންގެ މޭމަތީ ބޯ އަޅާލައިގެން އޮތް ހިބާއަށް ބަލައިލި އެވެ. ކޮންފަދަ ރީތިކަމެއް ހެއްޔެވެ. އެހާރީތި ފަތްމިންޏެއް ފަދަ ކުއްޖެއް މީގެ ކުރިން ފައުޒާން ދުވަހަކުވެސް ނުދެކެ އެވެ. ފައުޒާން މަޑުމަޑުން ހިބާގެ ބޯ ހިއްލާލި އެވެ. ހިބާއަށް ހޭލެވުނެއް ކަމަކު ލޯ މަރައިގެން އޮތީ ރޭގައި ވެދިޔަ ކަންތައް ހިތަށް އަރާފައި ލިބުނު އުފާވެރިކަމަކާއި ލަދުވެތި ކަމަކުން ފައުޒާންއާއި ދިމާއަށް ބަލަން ނުކެރިގެންނެވެ. ހިބާ އެއްފަރާތަކަށް ޖައްސާލާފައި ފައުޒާން ފާހާނާއަށް ވަނީ ފެން ވަރާށެވެ.

ފައުޒާން ފާހާނާއަށް ވަނުމުން ހިބާ ތެދުވެ ތުވާލި ގައިގައި އޮޅާލި އެވެ. އަދި ބިންމަތީ ހުރި އަންނައުނުތައް ހޮވާލި އެވެ. ހިބާ ކައިރިއަށް ހިނި އައެވެ. ހިބާއަކީ މިހާރު ފުރިހަމަ ވެފައިވާ އަންހެނެއް ކަމުގެ އިހުސާސް ހިބާއަށް ކުރެވުނެވެ. ފައުޒާން ނުކުތުމުން ހިބާ ފާހާނާއަށް ވަދެ އަވަސް އަވަހަށް ފެންވަރާ ހަދައިގެން ނިކުތެވެ. ހިބާ ނިކުތްއިރު ފައުޒާންއެއް ކޮޓަރިއަކު ނެތެވެ. ހިބާ އަވަހަށް އައިސް ނަމާދަށް އެރި އެވެ. ހިބާ ސަލާންދިން ތަނާ ފައުޒާން އައިސް ކޮޓަރިއަށް ވަނެވެ.

“ކޮންތާކުން؟” ހިބާ ތެދުވަމުން އަހާލި އެވެ. ފައުޒާން އަނގައިންވެސް ނުބުނެ މޫނުމައްޗަށް ހިނިތުން ވުމެއް ވެރިކޮށްގެން އައިސް ހިބާގެ ގައިގައި ބައްދާލި އެވެ. ހިބާއަށް ދުވި ވަހުން ފައުޒާން އެއައީ ކޮފީ ބޮއެގެންކަން އިނގުނެވެ.

“ހާދަ ލޯބި ވައިފް އެކޭ ޒާންއަށް އެންމެ ފަހުން މި ލިބުނީ.” ފައުޒާން ހިބާގެ ކަނދުރާގައި މޫނު ފޮރުވާލަމުން ބުނެލި އެވެ. ހިބާ ހީލި ކަރުވައިގަނެގެން ތެޅި ގަނެފައި ދުރަށް ޖެހިލި އެވެ. “ތިހެން ދުރަކަށް ދެން ނުދެވޭނެ. ތީ މިހާރު ޒާންގެ ވައިފް.” ފައުޒާން ހިބާގެ އަތުގައި ހިފާ ކައިރިއަށް ދަމައިގަތެވެ. އަނެއްކާވެސް ދެމީހުންގެ ލޯބީގެ ވަގުތުތައް ކުދި ސަމާސާގައި ވޭތިވެގެން ހިގައްޖެ އެވެ. އިރުއެރި އިރު ދެމީހުނަށް ވެސް ތިބެވުނީ ނިދިފަ އެވެ.

ހިބާއަށް ހޭލެވުނު އިރު ހިބާ އޮތީ ވަރަށް ބަނޑުހައި ވެފަ އެވެ. ހިބާ ފައުޒާންއަށް ގޮވާލި އެވެ. ހިބާގެ މޭދަށުގައި ބައްދާލައިގެން އަރާމު ނިންޖަކުން ނިދާލާފައި އޮތް ފައުޒާން އޮތީ ގަސްތިގައި ލޯ ނުހުޅުވާށެވެ.

“ޒާން، ޕްލީސް ދެން ތެދުވެ ބަލަ. ހިބާ ވަރަށް ބަނޑުހައި ވެއްޖެ. މިހާރު އެޔޮއް ނުވަގަޑި ބައިވަނީނު.” ހިބާ ފައުޒާންއަށް އަނެއްކާވެސް ގޮވާލަމުން ބުންޏެވެ. ފައުޒާން މިފަހަރު އެއްލޯ ހުޅުވާލި އެވެ. އަދި ހިބާއަށް ހިނިތުން ވެލައިގެން ބަލަހައްޓައިގެން އޮތެވެ.

“ރެޑީ ވޭ. ޒާން މި ތެދުވަނީ.” ފައުޒާން ހިބާގެ ގައިން ދޫކޮށްލަމުން ބުންޏެވެ. ހިބާ ޒާންއަށް ބަލައިލާފައި ތެދުވެ ތައްޔާރުވާން ފެށި އެވެ.

ފައުޒާންއާއި ހިބާ ރެސްޓޯރެންޓާއި ދިމާއަށް ހިގައިގަތެވެ. ކުރިމަތިން މީހަކާއި ވާހަކަދައްކަން މިންހާޖް ހުއްޓާ ފެނުމުން ފައުޒާން ހިބާގެ އަތުގައި ހިފައިގެން ޖެހިގެން އޮތް ގޯޅި އެޅި އެވެ. ހިބާ ހުރީ ވާނުވާ ނޭގިފަ އެވެ. ފައުޒާން ފަހަތް ބަލާލާފައި ހިބާއަށް ބަލައިލި އެވެ.

“މިންހާޖް އެބަހުރި،” ފައުޒާން ހިބާގެ އުނަގަނޑުގައި އަތް ޖައްސާލާ ފައުޒާންއާއި ކައިރިކޮށްލި އެވެ. “މިންހާޖަށް ފެނިއްޖެއްޔާ ނަދޫކައިރީ ބުނާނެނު.”

“ނަދޫ ކައިރީ ބުނެގެން ވާނީ ކޮންކަމެއް. މިހާރު ހިބާ ބިރެއް ނުގަނޭ ނަދޫއަށް އެގިދާނެތީއެއް.” ހިބާ ބުންޏެވެ.

“ޒާން ވެސް ބިރެއް ނުގަނެޔޭ. އެކަމަކު މަންމަމެނަށް އަދި އަންގަން ބޭނުންނުވާތީ ނަދޫއަށް ވެސް ސިއްރުކުރަން ވާނެނު.” ފައުޒާން ހިބާގެ މޫނާ މޫނު ކައިރި ކޮށްލަމުން ކޮލަށް ދޮނެއް ދިނެވެ. ފައުޒާންއަށް ހިބާއާއި ދުރުގައި އެންމެ އިރުކޮޅަކުވެސް ނުހުރެ ވެއެވެ. ގައިގޯޅި ކޮން ކޮންމެ ތާކުވެސް ފައުޒާން އުޅޭތީ ހިބާ ލަދުގަތުމުން ފައުޒާން އަބަދުވެސް ދޭ ޖަވާބަކީ އެއް ޖަވާބެކެވެ. “ތީ ޒާންގެ އަންހެނުންނޭ!” މިއެވެ.

އެދުވަހު މެންދުރު ފަހު ދެމީހުން ސުވިމިން ޕޫލަށް އެރުނެވެ. އެގޮތުގައި ދުވަސް ހޭދަކޮށްލިއެވެ. ލޯތްބާއި އުފަލާއި ހިތްހަމަ ޖެހުމުގަ އެވެ. ދެމީހުންގެ ފޯނުން އެތައް ބައިވަރު ފޮޓޯއެއް ވެސް ނެގި އެވެ.

އެރޭ ގެއަށް އައިސް އެންމެ ކުރިން ގެއަށް ވަނީ ފައުޒާންއެވެ. ފައުޒާން އަތުގައި ދަބަސް އޮތުމުން ކޮންމެސް ބޭރުތާކަށް ގޮސްފައި އައިކަން އެގެއެވެ. ފަހަތުން ހިބާ އައިސް ވަނުމުން ނަދުވާއަށް ހުރީ ޝައްކު ވެފައެވެ.

“ކޮންތާކުން ދެމީހުން ތި އައީ؟” ފައުޒާން އާއި ދިމާއަށް ބަލައިލަމުން ނަދުވާ އަހާލި އެވެ.

“އޮފީސް ކަމަކު ރާއްޖެތެރޭ އުޅެފަ މި އައީ.” ނަދުވާއަށް ދޮގެއް ހަދާލާކަށް ފައުޒާންއަށް އެއްވެސް ކަމެއް ނޫނެވެ.

“ފައުޒާންއާއި އެއްކޮން ހިބާ ދާން ޖެހޭތަ ދެން؟” ހަރުކަށި ގޮތަކަށް ނަދުވާ އެހި އެވެ. ނަދުވާ ހުރީ ރުޅި އައިސްފަ އެވެ.

“ހިބާ އެއައީ ހިބާ ބައްޕަގޭން. ޒާން ދަމުން ދިޔައީ އެގެއަށް ހިބާ ލާފަ،” އަނެއްކާވެސް ފައުޒާން ދޮގެއް ހަދާލި އެވެ. “ނަދުވާ ތި ވިސްނަނީ ކިހިނެއްތަ؟”

ފައުޒާން އެތެރެއަށް ވަދެގެން ދިޔަ އެވެ. ފަހަތުން ހިބާވެސް ގޮސް ސިޑިން އަރައިގެން ދިޔައީ އެވެ. އޭގެ ފަހުން ހިބާ ނިދަނީ ފައުޒާން ކޮޓަރީގަ އެވެ. ދެމީހުން މަތީގައި އުޅެނީ ނުހަނު ލޯބިންނެވެ. ފައުޒާންއަށް ހިބާއާއި ދުރުގައި އެންމެ އިރުކޮޅަކުވެސް ނުހުރެވޭ ކަހަލަ އެވެ. ހިބާ ފިލާވަޅު ހަދަން އިންނަ އިރުވެސް ފައުޒާން ހިބާ ކައިރީ އިނދެ އެވެ. އެގޮތުގައި ދުވަސް ކޮޅެއް ފާއިތު ވެގެން ހިގައްޖެ އެވެ.

އެދުވަހު ހެދުނު ހިބާ ސައިހަދަން އުޅެނިކޮން ވައިބަރ އިން ފިޒާ ފޮނުވި މެސެޖަކުން ހިބާއަށް ފުންމައި ގަނެވުނެވެ. ރިފާއަށް ލޯބި ލޯބި ފިރިހެން ކުއްޖެއް ލިބުނު ހަބަރު ފިޒާ ހިބާއަށް ދިނެވެ. އެވަގުތު ފައުޒާންއަށް ވެސް އައިސް ބަދިގެއަށް ވަދެވުނެވެ.

“ހާދަ ހެޕީ ވެފަ. ކިހިނެއް ވީ؟” ހިބާ މާ އުފާވެފައި ހުރިތަން ފެނުމުން ފައުޒާން ހައިރާން ވެފައި އަހާލި އެވެ.

“ދެންމެ ފިޒާ ގުޅި،” ހިބާ ފައުޒާންއަށް ބަލައިލަމުން ހީލި އެވެ. “ބުނީ ބޯއި އެކޯ ދޮންބަތުއަށް ލިބުނީ.”

“އާން. މަންމަ މެސެޖް ކުރިޔޭ.” ފައުޒާން ބުންޏެވެ. “ޒާން މެން ބޭބީއެއް ހޯދާނީ އަދި ފައިވް އިޔާރސް ފަހުން ދޯ.” ފައުޒާން ހިބާއާއި ކައިރި ވެލި އެވެ. ހިބާ ހިނިތުން ވެލި އެވެ.

“ޒާން ބެނުމީ ގާރލްއެއްތަ ބޯއި އެއްތަ؟” ހިބާ އަހާލި އެވެ. ފައުޒާން ހިބާއަށް ހިނިތުން ވެލި އެވެ.

“ޒާން ބޭނުމީ ކުއްޖެއް. ބޯއިއެއް ވިއަސް ގާރލްއެއް ވިއަސް އޯކޭ،” ފައުޒާން ބުންޏެވެ. “ހިބާގެ ލޯ ކަހަލަ ލޮލަކާ ހިބާގެ ތި ލޯބިލޯބި މޫނުކޮޅާ އެކުއްޖާގެ ހުންނަން ޒާން ބޭނުމީ. އެކަމަކު ހިބާގެ ސިކުނޑި ނުދެއްވާތޯ ޖެހޭނެ ދުޢާ ކުރަން.”

“އެޔޯ؟” ހިބާ ފައުޒާންއަށް ލޯ އަޅާލި އެވެ.

“އެއީ އޭރުން ދުވަހަކު ބޮޑެއް ނުވާނެނު. އެހެންވެގެން.” ފައުޒާން ބުންޏެވެ.

ވަރަށް ލޯބިން ދެމީހުން އުޅެމުން ދިޔައީ އުފާވެރި ދުވަސް ތަކެކެވެ. ދެމީހުންގެ ހަޔާތައް އައިސްފައިވަނީ ބަހާރުގެ ކުލަގަދަ މޫސުމެކެވެ. އެކަކު އަނެކަކާއި ނުލާ ނޫޅެވޭހާ ދެމީހުންގެ ގުޅުން ވަނީ ބަދަހި ވެފަ އެވެ.

*    *    *    *    *    *    *    *    *    *    *    *

ހިބާ ކްލާހަށް ދާން ފެންވަރައިގެން އިސްތަށިގަނޑު ނުހިކޭތީ ހަވައަށް އިސްތަށި ގަނޑު ދީގެން ހިބާ ޓެރެސް މަތީ ހުއްޓެވެ. ހިބާއާއި ފައުޒާންއާއި ކައިވެނި ކުރި ފަހުން ދޮޅުމަސް ފާއިތުވެގެން ވަނީ ގޮސްފަ އެވެ. ހިބާ އެހެން ހުންނަ އިރު މޫނުމައްޗަށް ހިނިތުން ވުމެއް ވެރިވެފައި ވެއެވެ. ފައުޒާންގެ ކުދި ގޯނާތަކުގެ ހިޔާލުގައި ހިބާ ހުއްޓެވެ. ހިބާ ސިހުނީ ހިބާގެ ކަންފަތަށް ފައުޒާން އައިސް ފުމެލުމުން ނެވެ. ހިބާ ހީލި ކައިރުވައި ގަނެން ތެޅި ގަތެވެ.

“ޒާންގެ ލޯބި ވައިފް.” ހިބާގެ ފަހަތުން ފައުޒާން ހިބާ ގައިގައި ބައްދާލި އެވެ. “ހާދަ މީރުވަހެއް ދުވަޔޭ.”

“ޒާން، އިރުކޮޅަކުން ނަދުވާ އައިސްދާނެ. ތިހިރަ ހިއްކަން އަޅާފަ ހުރި އޭނަގެ އެއްޗިހި ބަލާ މިހާރު އަންނާނެ.” ހިބާ ފައުޒާންގެ އަތް ނައްޓާލަމުން ބުންޏެވެ.

“މިހާރު ދެން ފެނުނަސް މައްސަލައެއް ނެތޭ. ދެން މަންމަ އަންނާކަށް މާ ގިނަ ދުވަހެއް ނެތެއްނު. ރަގަޅުވާނެ އިނގުނަސް.” ފައުޒާން ބުންޏެވެ. އަދި ހިބާގެ އިސްތަށިގަނޑުގައި ފިރުމާލި އެވެ.

“ޒާންއަށް ހިބާ އެންމެ ކަމުދިޔައީ ހިބާގެ މި ދިގު އިސްތަށި ގަނޑު ފެނިފަ.” ފައުޒާން ހިބާގެ އިސްތަށިގަނޑާ ކުޅެލި އެވެ. “އަންހެން ކުއްޖެއްގެ އަންހެން ވަންތަކަން އެންމެ ފުރިހަމަ ކޮށްދޭ އެއްޗަކީ އިސްތަށިގަނޑު. ހިބާގެ އިސްތަށިގަނޑު އަބަދުވެސް މިގޮތަށް ދިގުކޮން ބާއްވައްޗޭ.” ފައުޒާން ބުންޏެވެ. ހިބާ ހެވިފައި ހުރެ ފަހަތަށް އެނބުރުނު އިރު ސިޑި ކައިރީ ނަދުވާ ހުއްޓެވެ. ނަދުވާގެ މޫނުމަތިން ފެންނަން ހުރީ ހަސަދަ ވެރިކަމާއި ރުޅި ވެރިކަމެވެ. ހިބާ ހުރި ގޮތުން ފައުޒާން ވެސް ފަހަތަށް އެނބުރި ބަލައިލި އެވެ. ފައުޒާން ނަދުވާ ކުރިމަތީ ހުރުމުން ނަދުވާއަށް ދައްކަން ވެގެން ވެސް ހިބާގެ އިސްތަށި ގަނޑާއި މޫނު ކައިރިކޮށްލި އެވެ. ނަމަވެސް ހިބާ އަވަހަށް ދުރަށް ޖެހިލާ ގޮސް ކޮޓަރިއަށް ވަނެވެ.

“ޒާން ތި އުޅޭ ގޮތުން ކުޑައްތަ މިހާރު ހުންނަނީ ވަރަށް ދެރަވެފަ.” ނަދުވާ ބުންޏެވެ. ފައުޒާން ނަދުވާއަށް ބަލައިލި އެވެ.

“މަންމަ ކައިރީ ނަދޫ ފާޑުފާދުގެ ވާހަކަ ދައްކާތީވެ މަންމަ އެހެން އެ އުޅެނީ.” ފައުޒާން ބުންޏެވެ. “ޒާންއޭ ކިޔައިގެން މަންމަ ކައިރީ ކޮންމެ ވާހަކައެއް ދެއްކިއަސް މަންމަ ގަބޫލެއް ނުކުރާނެ. އިއްޔެވެސް ޒާން ކައިރީ މަންމަ އެހި ބައިވަރު ވާހަކަ. އެ ވާހަކަތައް ދެއްކީ ނަދުވާކަން ޒާންއަށް އިނގުނޭ.” ފައުޒަން ނަދުވާއާއި ދިމާއަށް ލޯ އަޅާލި އެވެ. “އަދި ބުނެފިޔޭ ހިބާ ލޯބި ނުވާއިރުވެސް ޒާން އުޅެނީ ހިބާއާއި އަޅައިގަނެގެނޭ. ނަދޫއަށް ކިހިނެއްތަ އިނގޭނީ. އެހެން ނޫނަސް ޒާން ބޭނުން ވާ ކުއްޖަކާ ރައްޓެހި ވެވޭނެކަން ޒާން މަންމަ އަބަދުވެސް އޮނަނަނީ ބުނެފަ. ނަދޫއާއި ރުޅިވި ގޮތާއި ރުޅިވާން ޖެހުނު ގޮތް މަންމައަށް މިއަދުވެސް ކިޔައި ދެވިދާނެ. އެކަމަކު އަދިވެސް މި މަޑުކުރަނީ މަންމަ އައިމަ ހުރިހާ ވާހަކައެއް ދައްކަން ވެގެން. ބަލަން ހުރޭ. ނަދޫ މަންމަ ކައިރީ ތި ދައްކަމުން ދާ އެއްވެސް ވާހަކައެއް މަންމަ އެދުވަހު އަޑެއް ނާހާނެ.” ފައުޒާން ނަދުވާއާއި ދިމާއަށް އިނގިލި ދިއްކޮށްލި އެވެ. އަދި އެތަނުން ގޮސް ކޮޓަރިއަށް ވަނެވެ. ނަދުވާ އެތާ އެތައް އިރަކު ހުއްޓެވެ. ހިބާއަށް ވަރުގަދަ ލަޑެއް ދޭން ނަދުވާ ނިންމި އެވެ. ކުޑައްތަ އައިހާ އަވަހަކަށް ހިބާ އެގެއިންވެސް ބޭރުކުރަން ނަދުވާ ރާވަމުން ދިޔަ އެވެ.

ސެމިސްޓަރ ބްރޭކް އައުމާއި އެކު ޝަކީލާއާއި ރަޝީދް ފުރައިގެން އަޒްމާ ކައިރިއަށް ދިޔައީ އަޒްކާވެސް ގޮވައިގެނެވެ. އަޒްމީލް ވެސް ޗުއްޓީ ނަގައިގެން ދިޔައީ ނިހާނީ މެން ރަށަށެވެ. ގޭގައި މިހާރު މީހުން ނެތުމުން ހިބާ ހުންނަނީ ވަރަށް ފޫހިވެފަ އެވެ. ފައުޒާން އަންނަންދެން ތިރިއަށް ވެސް ނުފައިބައި ހިބާ އުޅެނީ ނަދުވާ މެނާއި ކުރިމަތިލާން ބޭނުން ނުވާތީ އެވެ.

ދުވަސްކޮޅެއް ފަހެވެ. ހިބާ ފެން ވަރައިގެން އުނދޯލީގައި ޖައްސާލައިގެން އޮތީ އިސްތަށިގަނޑު އެލުވާލައިގެނެވެ. އޭރު ފައުޒާން ވީ ބޭރަށް ގޮހެވެ. އެއީ ހަވީރުގެ ވަގުތެކެވެ. އެދުވަހުވެސް ނަދުވާ މައްޗަށް އެރީ ދޮވެފައި ހުރި އެއްޗިހި ރޯނުން ނަގަން ވެގެން ނެވެ. ހިބާގެ އިސްތަށި ގަނޑު އެގޮތަށް އޮއްވާ ފެނުމުން ނަދުވާގެ ސިކުނޑިއަށް މޮޅު ހިޔާލެއް އައެވެ. ނަދުވާ ރޯނުން ހިކި އެތިކޮޅު ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ. އޭރު ޒޭބާ އިނީ ޓީވީ ބަލާށެވެ. ނަދުވާ ކަތުރެއް ހިފައިގެން މައްޗަށް އަރާތަން ފެނިގެން ނަދުވާ ފަހަތުން ޒޭބާ މައްޗަށް އެރި އެވެ. އޭރުވެސް ހިބާ އޮތީ ނިދާފަ އެވެ.       “ނަދޫ، ތީ ރަގަޅު ކަމެއްނޫން. ތިހެން ހަދާކަށް ނުވާނެ.” ޒޭބާއަށް ނަދުވާ ކުރަން އުޅޭ ކަންތައް އިނގުމުން އެކަން މަނާކުރަން އުޅުނެވެ. ކޮންމެސް ވަރެއްގެ ރަހުމެއް ޒޭބާގެ ހިތުގައި ވާތީ އެވެ.

“ޝްޝްޝް،” ނަދުވާ ޝަހާދަތް އިނގިލި އަމިއްލަ ތުންފަތުގައި ޖައްސާލަމުން ބުންޏެވެ. އަދި ލާނެތް ހިނިތުންވުމެއް މޫނަށް ވެރިކޮށްލައިގެން ގޮސް ހިބާގެ އިސްތަށިގަނޑުން އެލިފައިވާ ބައި އެއްކޮން ބުރިކޮށްލި އެވެ. އަދި ހެވިފައި ހުރެ އަވަހަށް އެތަނުން ފައިބައިގެން އައިސް ކޮޓަރިއަށް ވަނެވެ. ޒެބާ ދެރަވެފައި ބަލަހައްޓައިގެން ހުއްޓެވެ. ޒޭބާ ހިބާދެކެ ކިތަންމެ ރުޅިއަޔަސް އެކަހަލަ ކަންތައްތަކަކީ ޒޭބާ މާ ގަޔާވާ ކަންތައްތަކެއް ނޫނެވެ.

ފައުޒާން އައި އިރުވެސް ހިބާ އޮތީ އެގޮތަށެވެ.

“ހިބާ!” ފައުޒާންއަށް ހިބާގެ އިސްތަށިގަނޑު ފެނިފައި ބާރަކަށް ހިބާއަށް ގޮވާލެވުނެވެ. ހިބާ ސިއްސައިގެން ގޮސް ހޭލާ ބަލައިލި އެވެ. ހިބާގެ ލޯ ބޮޑުވެގެން ދިޔައެވެ. އަމިއްލަ އިސްތަށި ގަނޑުގައި އަތްކާތާ ލެވުނެވެ. ލިބުނު ހައިރާން ކަމުން އަނގަމަތީ އަތް އެޅުނެވެ. ލޮލުން ކަރުނަ ނިރާލި އެވެ.

86

11 Comments

  1. Siyaa

    April 20, 2016 at 8:50 am

    V reethi next paat avas kohdehcey

  2. Hush Hush

    April 20, 2016 at 8:53 am

    28 kobaa

  3. Shaai

    April 20, 2016 at 9:01 am

    V rythi. Avahah Thi nadhu xaan mengein beyrukurey kudaatha men annan vairah

  4. eny

    April 20, 2016 at 9:10 am

    aasi vvv bodah thanx mihaa reethi vaahakaeh genesdheythee adhi ehaa avahah upload kuraatheeves plxxxxxxx miadhu adhi upload kohlachey

  5. anoo

    April 20, 2016 at 9:36 am

    Alhey v salhi…avahah nadhoo egein beyrahlaa. Enmefahun zeybaa vx nadhoo dheke rulhi annaany.

  6. Aimsithu

    April 20, 2016 at 3:28 pm

    Yeyey..

  7. binthu

    April 20, 2016 at 4:19 pm

    Vvvvvvv reethi

  8. shaa

    April 20, 2016 at 8:38 pm

    Anehbai avahah uo kollaba plx. Vvvv rythi vaahakaeh

  9. mary

    April 20, 2016 at 9:53 pm

    alhey haada lahey up vaaleh vvvvv reeethi vaahakaehavaskinkadey plx

  10. kims

    April 21, 2016 at 5:15 am

    Mi vaahakaega buna gothah kanthah nuvaathee anhenunna massalajehey varah 🙁

  11. Faxoo

    April 29, 2016 at 4:16 pm

    Nadhuva haadha goahey dhw.. Hiba ge isthashigandu kommehen burikollan jheytha 🙁 so sad.. btw mi bai ves rethi 😀

Comments are closed.