Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހާދަހާވޭ ކުރާހިތް ސަމާސާ 30 ވަނަ ބައި

aasi
April 21, 2016
13 Mins Read
106 Views
16 Comments

“ހިބާ!” ފައުޒާންއަށް ހިބާގެ އިސްތަށިގަނޑު ފެނިފައި ބާރަކަށް ހިބާއަށް ގޮވާލެވުނެވެ. ހިބާ ސިއްސައިގެން ގޮސް ހޭލާ ބަލައިލި އެވެ. ހިބާގެ ލޯ ބޮޑުވެގެން ދިޔައެވެ. ލިބުނު ހައިރާން ކަމުން އަނގަމަތީ އަތް އެޅުނެވެ. ލޮލުން ކަރުނަ ނިރާލި އެވެ.

ފައުޒާންއަށް އެއީ ކާކުގެ އަމަލެއްކަން ދެނެގަންނާކަށް އުދަގުލެއް ނުވި އެވެ. ފައުޒާން ކައިރިއަށް ރުޅި އައިސްގެން ތިރިއަށް ފޭބި އެވެ. އަދި ނަދުވާގެ ކޮޓަރީގައި ބާރަކަށް ތަޅައި ގަތެވެ.

“ނަދުވާ! ނަދުވާ!” ފައުޒާން ބާރަކަށް ނަދުވާއަށް ގޮވަމުން ދިޔައެވެ. ފައުޒާންގެ ރުޅި ހުރީ ކޮންޓްރޯލުން ވެސް ނައްޓާފަ އެވެ. ހިބާއަށް މަތީގައި ނުހުރެވިގެން ތިރިއަށް ފޭބީ އެވަގުތު ފައުޒާން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން އެގޭތީ އެވެ. ޒޭބާ ބަދިގޭގައި ހުރެފައި ނިކުތީ ފައުޒާންގެ އަޑު މާ ބާރު ވުމުން ނެވެ. އޭރުވެސް ފައުޒާން ހުރެގެން ނަދުވާ ކޮޓަރީގައި ތަޅަމުން ގެންދިޔަ އެވެ.

“ފައުޒާން.” ހިބާ އައިސް ފައުޒާންގެ އަތުގައި ހިފަހައްޓަން އުޅުނެވެ. ނަމަވެސް ހިބާގެ އަތްވެސް ފައުޒާން ފޮޅުވާލި އެވެ. މިއަދު ފައުޒާންއަށް މަޑަކުން ނުހުރެވޭނެ އެވެ. ހިބާއަކަށް ވެސް ފައުޒާން މިއަދަކު ނުހުއްޓެވޭނެ އެވެ.

އިރުތަކެއް ފަހުން ނަދުވާ ކޮޓަރި ހުޅުވީ ތަޅު ހަލާކުކޮށްލައިގެން ފައުޒާން ވަންނަނީކަމުގެ އިންޒާރު ދިނުމުންނެވެ. ނަދުވާ ހުރީ ވަރަށް ބިރުންކަން މޫނުމަތިން އެނގެ އެވެ. މަޑުމަޑުން ނިކުމެ ފައުޒާންއާއި ހަތަރުކަޅި ހަމަކޮށްލަން ވެސް ނުކެރިފައި އިސް ޖަހައިގެން ހުއްޓެވެ.

“ނަދުވާ މިގޭގަ ބަހައްޓާކަށް ދެން ޒާން ބޭނުމެއްނޫން. މަންމަ ބުންޏަސް އެހެން މީހަކު ބުންޏަސް އެންމެ އިރުކޮޅަކުވެސް ނަދުވާއަށް މިގޭގައެއް ނުހުރެވޭނެ. ނުކުމޭ. އަމިއްލަ ގެއަށް ދޭ މިހާރު މިވަގުތު ދޭ. އަހަރެންގެ އަތުން ފައިން ގޯހެއް ނުހެދެނީސް އަހަރެންގެ ކުރިމަތިން ދުރަށް ދޭ. އަދި ތި މޫނު އެންމެ އިރުކޮޅަކަށްވެސް މަށަށް ފެނިގެން ނުވާނެ.” ފައުޒާން ރުޅި އައިސްފައި ހުރެ ބުނަމުން ދިޔަ އެވެ. ފައުޒާން އެހާ ރުޅި އައިސްފައި ހުއްޓާ ހިބާ އަދި ދުވަހަކުވެސް ނުދެކެ އެވެ. ހިބާ ހުރީ ޖެހިލުން ވެފަ އެވެ. ބުނާނެ އެއްޗެއް ނޭގިފަ އެވެ. ޒޭބާ ވެސް ހުރީ ބިރުން ވިރި ވިރި އެވެ.

ނަދުވާ ބިރުން ހުރެ ކޮޓަރިއަށް ވަނީ ނަދުވާގެ އެއްޗިހި ދަބަހަށް އަޅާށެވެ. ނަދުވާ ފަހަތުން ފައުޒާން ވަންނަން އުޅުމުން ހިބާ ފައުޒާންގެ އަތުގައި ހިފެހެއްޓި އެވެ. ފައުޒާންއަށް ހިބާއާއި ދިމާއަށް ބަލައިލެވުނެވެ. އޭރު ހިބާ ހުރީ ވަރަށް ކަންބޮޑުވެފަ އެވެ. ފައުޒާން ކައިރިއަށް އިތުރަށް ރުޅިއައީ އަނެއްކާވެސް ކަނދުރާއާއި ހަމައަށް އެގޮތް މިގޮތަށް ކޮށިފައިވާ ހިބާގެ އިސްތަށިކޮޅު ފެނުމުންނެވެ. ނަމަވެސް ހިބާ ފައުޒާންގެ އަތުގައި ހިފަހައްޓައިގެން ހުރުމުން ފައުޒާންވެސް ރުޅިގަނޑު މައިތިރި ކުރެވޭތޯ ބެލި އެވެ.

ފައުޒާން މައްޗަށް އެރުމުން ހިބާވެސް ފައުޒާން ފަހަތުން މައްޗަށް އަރައިގެން ދިޔައެވެ. ފައުޒާން ކޮޓަރީގައި ހުއްޓާ ހިބާ ވަނުމުން ފައުޒާންއަށް ހިބާގެ އިސްތަށި ކޮޅުގައި އަތްހާކާލެވުނެވެ. ހިބާ ހުރީ ނުރޯން ގަދަހަދާލައިގެނެވެ. ނަމަވެސް ފައުޒާންގެ މިލާފައިވާ މޫނު ފެނުމުން ހިބާއަށް ރޮވުނެވެ.

ފައުޒާން ކައިރީ އެނދުގައި އޮށޯވެލައިގެން ހިބާވެސް އޮތެވެ. ހިބާ ވިސްނަމުން ދިޔައީ ދެން ހަފީޒާއަށް އެ ހަބަރު ލިބިއްޖެއްޔާ ވާނެގޮތަކާއި ދޭތެރޭ އެވެ. އެވާހަކަވެސް ފައުޒާން ބުނާކަށް ގަސްތެއް ނުކުރި އެވެ. އެކަމާއި ހިބާގެ ހިތް ނުތަނަވަސްވަނީ އެވެ. މިހާރުވެސް ހަފީޒާ ހިބާއާއި ވާހަކަ ދައްކާ ނަހަދާތީ އަދި މިކަމާ ހެދި އިތުރަށް ހިބާދެކެ ރުޅި އަންނާނެތީ އެވެ.

“ހިބާ، ހިންގާ ބުރުގާ އަޅަން.” ހަމަހިމޭންކަން ފޫދުއްވާލަމުން ފައުޒާން ބުންޏެވެ. “އޭރުން ދެން ތި އިސްތަށިގަނޑު ދިގުވީމަ ތިކަމާ ހަސަދަ ވާނެ މީހަކު ނުހުންނާނެ. ޒާންއަށް އެކަނި ފެންނާނީ.” ފައުޒާން ބުންޏެވެ. އެކަމާ ހިބާވެސް ގަބޫލު ވިއެވެ. އެރޭ ހަފީޒާގެ ބުރުގާއެއް ގެނެސް ހިބާގެ އެޅުވިއެވެ. އަދި ހިބާ ގޮވައިގެން ގޮސް ބުރުގާއާއި ޝޯލްއާއި ހެދުން ހިބާއަށް ފައުޒާން ގަނެދިނެވެ.

އެދުވަހުގެ ފަހުން ހިބާ އުޅެނީ ބުރުގާ ނޫނީ ޝޯލް އަޅައިގެނެވެ. ކޮލެޖު ހުޅުވެން ކައިރިވުމުން އަޒްކާމެން ވެސް އައިސްފި އެވެ. ހިބާ ބުރުގާ އަޅާފައި ހުރުމުން އަޒްކާވެސް ބުރުގާ އަޅާހިތް ވެގެން އަޒްކާ ވެސް ބުރުގާ އެޅި އެވެ. ވީގޮތެއް ހިބާ އަޒްކާއަށް ކިޔައެއް ނުދެއެވެ. އެއް އިމަރާތެއްގައި އުޅުނެއްކަމަކު ނަދުވާ ވެސް ނުފެންނަތާ އެތަށް ދުވަހެއް ވެއްޖެ އެވެ. ނަމަވެސް ޒޭބާ ފެނެއެވެ. ޒޭބާ ކުޑަކޮން ހިބާއާއި ވާހަކަވެސް ދައްކައެވެ. ނަދުވާގެ ގޮތްގަނޑު ޒޭބާއަށް ދަސްވުމުން ޒޭބާވެސް ހުންނަނީ ނަދުވާއާއި މެދު ހިތްހަމަ ނުޖެހިފަ އެވެ.

“ހިބާ! ހިބާ!” ފައުޒާން އޮފީހުން އައިސް މައްޗަށް އަރަމުން ހިބާއަށް ގޮވާލި އެވެ. ހީވަނީ މާބޮޑު ކަމެއް ދިމާވެގެން އުޅޭހެނެވެ. ހަފީޒާމެން އަންނަން ހަފްތާއަކަށް ވެފައި ވުމުން ހިބާ ކޮޓަރިތަށް ސާފު ކުރަން އުޅެފައި ބޭރަށް ނިކުތީ ފައުޒާންގެ އަޑު އިވިގެނެވެ. “ހިބާ!” ފައުޒާން އައިސް ހިބާގެ ކުރިމައްޗަށް ހުއްޓުނެވެ.

“ކިހިނެއްވީ؟” ހިބާ އަހާލި އެވެ.

“ދާން ޖެހިއްޖެ،” ފައުޒާން ބުންޏެވެ. “މަންމަމެން އައުމުގެ ކުރީ ދުވަހު ޒާން ފުރަން ޖެހޭ އެބަ. އެމެރިކާގައި އޮންނަ ޓްރޭނިން އަކަށް. ތިން މަސް ވާނީ. ކިހިނެއް ހަދާނީ؟” ފައުޒާން ހުރީ ދެރަވެފަ އެވެ. ހިބާއާއި ދުރުގައި އެންމެ ދުވަހަކު ވެސް ކެތްކޮށް ލެވޭނެ ގޮތެއް ވާނެ ބާއެވެ.

“އަސްލުތަ؟ ދެން ކިހިނެއް ހަދާނީ؟” ހިބާއަށް ވެސް އަހާލެވުނެވެ. ހިބާއަށް ވަކި ހަދާނެ ގޮތެއް އިނގޭނެ ހެއްޔެވެ. ފައުޒާން ނުހުރެވިގެން ހިބާ ގެނެސް އަތުތެރޭ ބޮނޑިކޮށްލި އެވެ.

“ތިންމަސް އެއީ އެހާ ގިނަދުވަހެއް ނޫނެއްނު،” ފައުޒާން ހިބާ ހިތްހަމަ ޖައްސަދޭން ބުންޏެވެ. “ޒާން ގޮއްސަ އައިސް މަންމައަށް ހުރިހާ ވާހަކައެއް ކިޔައިދޭނަން. ހިބާ ޖެހޭނެ އެހާ ދުވަސް ވަންދެން ކެތްކޮށްގެން ޒާންއަށް ވެއިޓްކުރަން.” ފައުޒާން ހިބާގެ ނިތްކުރީގައި ބޮސް ދިނެވެ.

ފައުޒާން ފުރާ ވާހަކަ ދެއްކީން ސުރެން ހިބާ ހުންނަނީ ހިތް ނުތަނަވަސް ވެފަ އެވެ. މިހާރު ރަގަޅަށް ހިބާއަށް ނުވެސް ކެވެ އެވެ. ނަމަވެސް ފައުޒާން ކުރިމަތީ ހަމަޖެހޭ ގޮތް ދައްކައިގެން ހިބާ އުޅެނީ އެވެ.

ފައުޒާން ފުރަން އޮތް ދުވަހުގެ ކުރީ ދުވަހެވެ. އެދުވަހު ފައުޒާން ޑިއުޓީއަށް ގޮސްފައި އައި އިރު މީހާ ހުރީ ދާހިތްލާ ފޯވެފަ އެވެ. އެދުވަހު ފައުޒާން އުޅުނީ ވަރަށް ވެސް ބުރަކޮންނެވެ. ނަމަވެސް ހިބާ ފެނުމުން ވެފައި ހުރި ވަރުބަލިކަން ފިލައިގެން ދިޔަ ކަހަލަ އެވެ. ފެން ވަރާލައިގެން ނަމާދު ކޮށްނިމުނު ތަނާ ފައުޒާން ދޮރުމަތީ ހެވިލާފައި ހުއްޓާ ހިބާއަށް ފެނުނެވެ. ހިބާ ހިނިތުން ވެލަމުން ތެދުވިތަނާ ފައުޒާން އައީ ހިބާ ކައިރިއަށެވެ.

“ޒާން ފެންވަރައިގެން އައިމަ ޒާން ކައިރިއަށް ދެވޭނީ. ދުވާވަސް.” ހިބާ ފައުޒާންގެ އަތުގައި ނުޖެހުމަށް ފުންމައިގެން އެނދަށް އަރަމުން ހިބާ ބުނެލިއެވެ. ފައުޒާން ދެފަހަރަކު ބޯހޫރުވާލުމަށްފަހު އެއްޗިހި ބާލާފައި ބިންމައްޗަށް ވައްޓާލަމުން ތުވާލި އަނދެލައިގެން ކޮޓަރިން ނުކުމެ ފާހާނާއަށް ވަނެވެ. ހިބާ ބިންމަތީ ހުރި ފައުޒާން ބޭލި އެއްޗިހި ގެންގޮސް މެޝިނަށް އަޅާލި އެވެ. މާދަމާ ފުރާއިރު އެވެސް ބޭނުން ވެދާނެތީ އެވެ. ދެން ހިބާ އައިސް އަލަމާރި ހުޅުވާލާފައި ފައުޒާން ލާނެ އެއްޗިހިނަގާ ތައްޔާރުކުރިއެވެ. ފައުޒާން ފާހާނާގައި ހުރި އިރު ހިބާ އަށް އިރުއިރުކޮޅާ ގޮވާލައެވެ. ކޮންމެ ފަހަރަކުވެސް ހިނިތުންވެ ހުރެ ހިބާ ޖަވާބުދެ އެވެ.

ފައުޒާން ތުވާލިއޮޅާލައިގެން އައިސް ބޮލުގައި ހުރި ފެންތައް ހިބާ އާއި ދިމާލަށް ފޮޅާލިއެވެ. “ދެން ފައުޒާން……..” ހިބާގެ މޫނު ފޮހެލަމުން ބުނެލިއެވެ. ފައުޒާން ހިބާގެ އަތުގައި ހިފާ އޭނައާ ކައިރިކޮއްލިއެވެ. އަދި ހިބާގެ ފަންއިސްތަށިކޮޅާއި އިނގިލަތަކުން ކުޅެލިއެވެ. ހިބާގެ ކުޑަކުޑަ ރީތި ދޮން މޫނުގައި ބޮސްދިނެވެ. މައުސޫމް ކަމުން ފުރިގެންވާ ބޮޑު ދެލޮލެވެ.

“ހާދަ ރީތި ބުމައެކޭ……..ލޯވެސް އެހާ ރީތި…..މި ތުންފަތްއަދި މާ ރީތި….” ފައުޒާންގެ މިބަސްތަކަށް ހިބާ އިސްޖަހާލިއެވެ. “ދެން ހެޔޮ، ހިބާ މިހާރު ލަދުގަންނަ ގޮތްވެއްޖެ” ހިބާ ފައުޒާންގެ ތަނަވަސް މޭމަތީ ބޯޖައްސާލަމުން ބުނެލިއެވެ. ފައުޒާންއަށް ބޭއިޚްތިޔާރުގައި ހިބާ އޭނާގެ މޭގައި ބޮނޑިކޮއްލެވުނެވެ. ދެމަފިރިންގެ ލޯބީގެ އާވީ ހޫނުވަމުންއައިސް އޭގައި ހުޅުހިފީއެވެ. އެއަލިފާނުގައި އަނދައިގެން ދިއުމަށް ހިބާ އަށް އޭނާގެ ހަށިގަނޑު ދޫކޮއްލެވުނެވެ. ލޯތްބަކީ ހާދަހާވާ ބާރުގަދަ އެއްޗެކެވެ.
ހިބާ ފައުޒާންގެ އަތުތެރޭގައި ލޯމަރާލައިގެން އޮތްއިރު އޭނާގެ މޫނުމަތިވަނީ އުޖާލާވެ ތުންފަތައް ރަކި ހިނިތުންވުމެއް ވެރިވެފައެވެ. ފައުޒާންވެސް ލޯމަރާލައިގެން އެއްއަތުން ހިބާގެ އަތުގައި ފިރުމާލަ ފިރުމާލާ އޮތެވެ.

“ހިބާ،” ހަމަހިމޭންކަމުގެ ތެރެއިން ފައުޒާން ގޮވާލި އެވެ. “ޒާންއަށް ކޮންމެދުވަހަކު ފޯނު ނުކުރެވުނަސް ޒާން ގުޅާނަން. އިންގޭ. ޓްރޭނިންގަ އުޅޭއިރު އަބަދު އަބަދު ނުއެއް ގުޅޭނެ.”

“ހިބާއަކަށް ވެސް ނުގުޅޭނެތަ؟” މައުސޫމް ގޮތަކަށް ހިބާ އަހާލި އެވެ.

“ހިބާ ގުޅިއަސް ޒާންއަށް އާންސަރ ނުކުރެވިދާނެ.” ފައުޒާން ހިބާގެ ހާމަވެފައިވާ ބުރަކަށީގައި ފިރުމާލަމުން ބުންޏެވެ. “އެކަމަކު ގުޅޭގޮތް ވެއްޖެއްޔާ އެންމެ އަވަސް އަވަހަށް ޒާން ގުޅާނީ ހިބާއަށް.” ފައުޒާންގެ މޭމަތީ ހިބާ މޫނު ފޮރުވާލި އެވެ.

“ހިބާ ވަރަށް ދެރަވޭ ޒާން ދާތީ.” ހިބާއަށް ބުނެވުނެވެ. ފައުޒާން އިތުރަށް ހިބާ ފިއްތާލި އެވެ.

“ދެރަވާނެކަން އިނގެޔޭ. އެކަމަކު މިހެންވެސް ވާނެނު.” ފައުޒާން ބުނެލި އެވެ. އެގޮތުގައި ވާހަކައިގައި އެތަކެއް އިރު ދެމަފިރިން ތިއްބެވެ.

ޖެހިގެން އައި ދުވަހު ފައުޒާން ފުރައިގެން ދިޔައެވެ. ހިބާގެ ހިތަށް ވަރަށް އަސަރު ކުރި އެވެ. ފައުޒާން ގެއިން ދިޔައިރު އަޒްކާ އައިސް އެގޭގައި ހުއްޓެވެ. އަޒްކާވެސް ހިބާ ދެރަވެފައި ހުރުމުން ހުރީ ދެރަވެފައެވެ. އަޒްކާއަށް އަދިވެސް އެދެމީހުން އިނދެގެން އުޅޭކަން ވަނީ ސިއްރު ކުރެވިފަ އެވެ.

ޖެހިގެން އައި ދުވަހު ހަފީޒާއާއި އަލީ މާލެ އައެވެ. ހިބާ ހުރީ ވަރަށް އުފާ ވެލާފަ އެވެ. އެހާދުވަސް ފަހުން ހަފީޒާއަށް ވެސް ހިބާ ފެނުމުން ހިބާއަށް އައިސްފައިވާ ބަދަލު ފާހަގަ ވިއެވެ. ނަމަވެސް ނަދުވާ ހަފީޒާއަށް ކިޔައިދީފައި ވާ ވާހަކަތަކުން ހަފީޒާ ހުރީ ހިބާދެކެ ފޫހިވާގޮތް ވެފައެވެ.

“ހިބާ މިހާރު އަދި މާ ރީތިހެން ހީވަނީ. އަނެއްކާ ބުރުގާ އެޅީމަތަ އެއީ.” ހަފީޒާއަށް ހިބާ ފެނުމުން ކިތަންމެ ފޫހިވެފައި ހުއްޓަސް ހަފީޒާއަށް އަހާލެވުނެވެ. ހިބާ ރަކިވެގެން ހެވިފައި ހުއްޓެވެ. އަލީވެސް ހިބާއާއި ވަރަށް ވާހަކަ ދެއްކި އެވެ. ޝަކީލާވެސް އެދުވަހު ރަޝީދުއާއި އެކު އައިސް އެގޭގައި އުޅުނެވެ. ހަފީޒާމެން އައިމަ ގެއަށް އުޖާލާކަން އައީކަމުގައި ޝަކީލާ ބުންމުން ދިޔަ އެވެ.

“ތެދެއް. ކުޑައްތަމެން ނެތުމުން މުޅި ގޭތެރެވެސް ވަރަށް ފަޅު.” ހިބާ ބުންޏެވެ.

“އެކަމުގެ ފައިދާވެސް ބަޔަކު ނެގިކަން އެނގޭ.” ހަފީޒާ ޒާތަކަށް ހިބާއަށް ބަލައިލަމުން ބުންޏެވެ. ހިބާގެ ހިތް ތެޅިގަތެވެ. އަނެއްކާ ހަފީޒާއަށް ކަމެއް އިންގުނީބާ އެވެ. ހިބާއަށް އިތުރަށް ވާހަކަދައްކާކަށް ނުކެނުނެވެ.

ޝަކީލާމެން ތިބެ ތިބެފައި ދިޔަތަނާހެން ނަދުވާ އައިސް ވަނެވެ. ނަދުވާ އައުމުން ހަފީޒާގެ މުޅި މިޒާޖަށް ބަދަލު އައިސްގެން ދިޔަހެން ހީވި އެވެ. ހަފީޒާ އައިސް ނަދުވާ ގައިގައި އޮޅުލައި ގަތެވެ. ހިބާ އެމަންޒަރު ބަލަން ހުރެފައި މައްޗަށް އެރުމަށް ހިގައި ގަތެވެ.

“ހިބާ، ދޭބަލަ ސައި ހަދަން. މިހާރު އަލީބެ އަންނާނެ ހެދިކާ ހިފައިގެން.” ހަފީޒާ ބުންޏެވެ. ހިބާ ނަދުވާއާއި ދިމާއަށް ބަލައިލި އިރު ވިހަ ހިނިތުންވުމެއް ވެރިކޮށްލައިގެން ހަފީޒާ ކައިރީ ސޯފާގައި އިށީދެގެން ނަދުވާ އިނެވެ.

ހިބާ ސައި ހަދާ ނިމުންތަނާހެން އަލީ ހެދިކާ ހިފައިގެން އައިސް މޭޒުމަތީ ބެހެއްޓި އެވެ.

“ހިބާގެ މޫނުމަތިން ހީވަނީ ކަމަކާ ފިކުރު ކުރާހެން.” އަދި ހިބާއަށް ބަލައިލަމުން ބުންޏެވެ. “ކުރީގެ ހިބާތަ ތީ؟ ކޮބައިތަ އަލީބެމެންނާ ހީހީފައި ވާހަކަދެއްކި ބޮޑު އަންގަގަނޑު މިހާރު؟” އަލީ ހިބާދެކެ ވަނީ ދަރިއަކު ދެކެ ވާ ލޯތްބެވެ. އެހެން ކަމުން ހިބާ އެގޮތަށް މަޑުމަޑުން ހުންނާތީ ހިބާއަށް ކޮންމެސް ކަމެއް ވެފައި ހުންނަހެން އަލީއަށް އިހުސާސް ކުރެވުނެވެ.

“ތީ އަލީބެއަށް ހީވާ ގޮތް. ދެން ކުރިއަށް ވުރެން ހިބާ މިހާރު ބޮޑެއްނު. ހިބާއަށް އަށާރަ އަހަރު ވީމަ ހިބާ މިހާރުމީ ބޮޑުމީހެއްނު.” ކުރީގެ ގޮތަށް ވާހަކަ ދެއްކޭތޯ ހިބާ މަސައްކަތް ކުރިއެވެ. އަލީ ކައިރިއަށް ހިނިވެސް އައެވެ.

ހިފީޒާމެން ބަދިގެއަށް ވަނުމުން އަލީވެސް ގޮނޑިއެއްގައި އިށީނެވެ. ހިބާ އެންމެނަށް ސައި ހަދާދީފައި ސައިބޯން އިށީންނަން އުޅުނެވެ.

“ހިބާ ދޭބަލަ ކުޑައްތަމެން ކޮޓަރީގަ ހުރި އެއްޗިހި މެޝިނަށް އަޅާލަދޭން. މާދަމާނޫން އަނެއްދުވަހު އަލީބެ ފުރަން ވާއިރަށް އެއްޗިހި ތައްޔާރު ކުރަން ޖެހޭނެ.” ހަފީޒާ ބުންޏެވެ. އަލީ ހަފީޒާއަށް ބަލައިލި އެވެ.

“ހަފީ، ހިބާއަށް ސައި ބޯލައިގެންވެސް ތިކަންތައް ކުރަން ދެވިދާނެނު.” އަލީ ބުންޏެވެ.

“ދެން އެހަން ގޭ ކުދިން ސައިބޮއެ ނިމެންވާއިރަށް ހިބާއަށް އާދެވޭނެނު.” ހަފީޒާ ބުންޏެވެ. ހިބާ އަވަހަށް އެތަނުން ނުކުމެގެން ހިގައްޖެ އެވެ. ހަފީޒާ އެބުނި އެއްޗަކުން ހިބާއަށް ވަރަށް އަސަރު ކުރި އެވެ. ވަރަށް ދެރަވެސް ވިއެވެ.

“ހަފީ؟” އަލީއަށް ގޮވާލެވުނެވެ. މީގެކުރިން ހަފީޒާ އެއީ އެގޮތަށް އުޅޭ މީހެއްނޫނެވެ. “އެއީ ވެސް މިގޭ ކުއްޖެއްނު. ހަފީވެސް ބުނީމެއްނު. ކިހިނެއްތަ ތި އުޅެނީ؟” އަލީ އިނީ ހިތްހަމަ ނުޖެހިފަ އެވެ. “އޭނަ ސައިބޮއެ ނިމެންދެން ވެސް މަޑުކޮށް ނުލެވުނުތަ؟” ހަފީޒާ އަންގައިން ވެސް ނުބުނެ އިނެވެ.

އެރޭ ކުލާހަށް ގޮސްފައި ހިބާއައިސް ދޮރުކައިރީ މަޑުކޮށްލައިގެން ހުރީ މާޒްއާއި އަޒްކާވެސް ދޮރުކައިރީ ތިބީމަ ވާހަކަ ދައްކާލާށެވެ. އެހެން ތިބެފައި ހިބާއަށް މައްޗަށް އެރުން އިރު ހުރީ ދިހައެއް ޖަހާފަ އެވެ. އޭރު ހަފީޒާ ސޯފާގައި އިނެވެ. ގޭތެރޭން ފެންނަނީ ފަޅު ކަމެވެ.

“ހިބާ،” ހަފީޒާ ހިބާ ގެއަށް ވަނުމާއި އެކު ގޮވާލި އެވެ. “ހިބާއަށް ގެއަށް އާދެވެނީ ހާދަ ލަހުންނޭދޯ.” ހަފީޒާ ބުންޏެވެ. ހަފީޒާގެ މޫނުމަތިން ނުރުހިފައި ވާކަން ފާޅުވާން ހުއްޓެވެ.

“ސޮރީ ކުޑައްތާ. އަޒްކާމެން ދޮރުކައިރީ ތިބީމަ އެތާ އަނގަތަޅަން މަޑުކޮށްލެވުނީ.” ހިބާ އާދައިގެ ގޮތަކަށް ބުނެލި އެވެ.

“މަށަށް އެކައްޗެއްވެސް ނޭގެޔޭ ހިތަށް ނާރުވައްޗޭ.” ހަފީޒާ ނުރުހިފައި ހުރެ ބުންޏެވެ. “އަހަންނަށް ހުރިހާ އެއްޗެއްވެސް އިންގޭ. ހިބާ ތި އުޅޭ ވައްތަރު މާ ރީއްޗެއްނޫން އިންގޭ. ތިހެން އުޅެންޏާ މޫމިނާ ކައިރީ ބުނެގެން މިގެއިން ހިބާ ފޮނުވާލަންވެސް ޖެހިދާނެ. މި އަހަރު ނިމެންދެން މި މަޑުކުރަނީ ވެސް މި އަހަރު އަހަރެން ބުނެގެން ހިބާ މިގޭގައި ބަހަށްޓާފަ ހުރީތީ.” ހަފީޒާ ވާހަކަ ދެއްކިވަރަކަށް ރުޅި އަންނަމުން ދިޔަ އެވެ. ހިބާ ހުރީ ހަފީޒާ އެދައްކާ ވާހަކަ ނޭގިފަ އެވެ.

“ކިހިނެއް ހިބާ އުޅޭ ވާހަކައެއްތަ؟ ހިބާ އެއްވެސް ގޯސް ގޮތަކަށް ނޫޅެން.” ހިބާގެ މައުސޫމް ގޮތަށް ހިބާ ބުނެލި އެވެ. ހަފީޒާގެ ރުޅިގަނޑު އިތުރަށް ގަދަވެގެން ދިޔައެވެ.

“އެއްގޮތަކަށްވެސް…. ހިބާގެ ތި ޅަކަމާ މައުސޫމްކަން އަހަންނަށް ދައްކަން އުޅޭނެ ކަމެއްނެތް. ތީ ހަމަ މަތި ޖަހައިގެން ހުރި ޖާޑިގަޑެއް. އެތެރޭގައި ވާނުވާވެސް މީހަކަށް ނޭގޭ ކަމަށްތަ ހީކުރީ. މަށަށް އިނގެޔޭ ހުރިހާ ކަމެއް.” ހަފީޒާ ރުންކުރު ގޮތަކަށް ބުންޏެވެ. ހިބާ ބިރުން ފިތްކަނޑައިގެން ދާވަރު ވެއްޖެ އެވެ. އަނެއްކާ ކުޑައްތައަށް ހުރިހާ ކަމެއް އިނގުނީ ހެއްޔެވެ. އެހެން ވިއްޔާ ފައުޒާންއާއި ހިބާ ގުޅުމަކީ ކުޑައްތަ އެހާ ގަބޫލު ކަމެއް ނޫންތާއެވެ. ދެން ހަދާނީ ކިހިނެތް ހެއްޔެވެ. ފައުޒާން ގުޅާ ދުވަހަކަުން އެވާހަކަ ބުނާނީ ހެއްޔެވެ. މިވަނީ ކިހިނެއް ހެއްޔެވެ. ހިބާ ކުޑައްތައަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ.

“ނޭގުނެއްނު އެއްޗެއް ބުނާކަށް. މަށަށް އޭރުވެސް އުނގުނޭ.” ހަފީޒާ ހުރީ ވަރަށް ރުޅި އައިސްފަ އެވެ. “ފިރިހެނުންނާ ރައްޓެހިވެގެން ތާ އަބަދު ބޭރުގައި އުޅެފައި ދަންވާ ފަހުން ގެއަށް ތި އަންނަނީ. މީހަކާ ރައްޓެހިވެގެން އުޅުނަސް އެއީ މައްސަލައެއް ނޫން އެކަމަކު ތި ވައްތަރަށް މިގޭގަ ހުރެގެން އުޅޭނެ ކަމެއްނެތް.” ހިބާ ހުރީ ބުނާނެ އެއްޗެއްވެސް ނޭގިފަ އެވެ. ހަފީޒާ އެދައްކަނީ ކޮން ވާހަކައެއް ކަމެއް ވެސް ނޭގިފަ އެވެ.

“ކުޑައްތަ ތި ކިޔާ އެއްޗެއް ނޭގެ.” ހިބާ ހައިރާން ވެފައި ހުރެ ބުންޏެވެ. ހިބާ ހުރީ އެހާމެ ދެރަވެސް ވެފައެވެ.

“މަށަށް އެނގޭ ހިބާ ގަބޫލެއްވެސް ނުކުރާނެކަން.” ރުންކުރު ގޮތަކަށް ހަފީޒާ ބުންޏެވެ. “އެކަމަކު މީގެ ފަހުން ބޭރުގަ އުޅެގެން ނުވާނެ. ވާހަކަ ދައްކަން ބޭނުމިއްޔާ ގޭގަ މިތާ އަހަރުމެން ކުރިމަތީ އިނދެގެން ވާހަކަ ދައްކާ.” ހަފީޒާ ބުންޏެވެ. އަދި ހިބާ ދޭނެ ޖަވާބަކަށް މަޑުވެސް ނުކޮށް ގޮސް ކޮޓަރިއަށް ވަދެއްޖެ އެވެ. ހިބާ އެތާ ފެންކަޅިވެފައި ހުރީ އެވެ.

ހިބާ އެރޭ ވަރަށް ވިސްނިއެވެ. ކުޑައްތަ ކައިރީ ނަދުވާ ދައްކައިގެން އުޅޭ ވާހަކައެއް ކަން ހިބާއަށް ރަގަޅަށްވެސް އެގެއެވެ. ނަމަވެސް ހިބާ ދެރަވީ ކުޑައްތަ އެވާހަކަ ގަބޫލު ކުރީތީ އެވެ. ދުވަހަކުވެސް ހަފީޒާ އެގޮތަށް ހިބާއާއި ދިމާލަށް އެއްޗިހި ކިޔާފައި ނެތެވެ. އަދި އެގޮތަށް އެއްޗިހި ކިޔާނެ ކަމަށް ހިބާ ހިތަށްވެސް ނާރައެވެ. ހިބާއަށް ރޮވުނެވެ. މަންމަ މަތިން ހަދާން ވި އެވެ. ފައުޒާން މަތިން ހަދާން ވި އެވެ. ދެދުވަސް ވީ އިރުވެސް ފައުޒާންގެ ހަބަރެއް ނުވެ އެވެ.

އަލީ ފުރައިގެން ހިގައްޖެ އެވެ. ހަފީޒާ އެއްގޮތަކަށްވެސް މިހާރު ހިބާއާއި ވާހަކައެއް ނުދައްކަ އެވެ. ކޮންމެހެން ބޭނުންވާ ކަމެއް ފިޔަވާ އިތުރު ވާހަކަތަކެއް ނުދައްކަ އެވެ. އަބަދު ނަދުވާ އެގެއަށް ގެނެސްގެން ހަފީޒާގެ ކަމަކީ ދެމިހުން ވެގެން ފިލްމެއް ބެލުމާ ބާޒާރަށް ދިއުމެވެ. ދޭތެރެއަކުން ހިބާއަށް ބަސް އެއްލާ ހަދައެވެ. ނަދުވާ ހުންނަނީ ވަރަށް ހިނިއައިސްފަ އެވެ. އޭނަގެ ދަލުގައި ހަފީޒާ ޖެހުމުންނެވެ. އަދި ހިބާވެސް އެގެއިން ބޭރުކޮށްލަން ހިތުތެރޭގައި ނަދުވާ ރާވަމުން ދިޔަ އެވެ.

ހިބާ ތައްޔާރުވެގެން ކުލާހަށްދާން ނިކުތީ ވަރަށް ލަސްވި ފަހުންނެވެ. އެރޭ ނުކުތް އިރު ލިފްޓު ހުރީ މައްސަލަ ޖެހިފައެވެ. އެހެން ކަމުން ސިޑިން ފައިބައިގެން ހިބާ މަޑުމަޑުން ދިޔަ އެވެ. ވަރަށް އަނދިރިއެވެ. ހިބާ ފޯނު ދިއްލައިގެން ދަނިކޮން އަޒްކާ ގުޅިތަނާ ހިބާ ޖަވާބުދޭން އުޅެނިކޮން އަތުން ފޯނު ދޫވެގެން ސިޑިމަތިން ފޯނު ވެއްޓިގެން ދެތިން ހަރުފަތުގައި ޖެހިފައި މާތިރީ ހަރުފަތަކަށް ވެއްޓިފައި ފޯނު އޮތެވެ. ހިބާ ގޮސް ނެގިއިރު ފޯނު އޮތީ ތަޅައިގެން ގޮސްފަ އެވެ. ސްކްރީން އޮތީ އެއްކޮން ކުދިކުދި ވެފަ އެވެ.

ހިބާ އެ ނަގައިގެން ވަރަށް ދެރަވެފައި ހުރެ ދޮރުކައިރިއަށް ނިކުތް އިރު އަޒްކާ ހުއްޓެވެ. އަޒްކާއަށް ހިބާ ފޯނު ދައްކާލި އެވެ. އަޒްކާ ވެސް ވަރަށް ދެރަވި އެވެ. އެހާ އަގުބޮޑު ފޯނެއް އެހާ ފަސޭހައިން ވެއްޓި ހަލާކު ވުމުން ދެރަވީ އެވެ. ދެމީހުން ކުލާހަށް ދަމުން އަޒްކާ ކައިރީ ހަފީޒާ މިހާރު ހިބާއާއި ވާހަކަ ނުދައްކާ ވާހަކަ ބުންޏެވެ. އަޒްކާ ހުރީ ހައިރާން ވެފަ އެވެ. ހަފީޒާ އަކީ އެކަހަލަ މީހެއް ނޫނެވެ.

“ތިވާނީ ނަދުއްތަ ވާހަކަ ތަކެއް ދެއްކީ ކަމަށް. ޒާންބެއާ ހިބާއާ ރައްޓެހިވެގެން އުޅޭ ވާހަކަ ބުނިނަމަ. ނަދުއްތަޔާ މިހާރު ރުޅިޔޭ ބުނިނަމަ.” އަޒްކާ ބުންޏެވެ.

“ދެން ނޫން.” ހިބާއަށް ތެޅި ގަނެވުނެވެ. “އަނެއްކާ ނުބުނައްޗޭ. ހީވަނީ ކުޑައްތަ އެކަމާ ވަރަށް ނުގަބޫލު ވާނެހެން. އަނެއްކާ މިހާރު ނަދޫ ދައްކާ ހުރިހާ ވާހަކައެއް ކުޑައްތަ ގަބޫލު ކުރޭ. އެހެންވެ ހިބާގެ ވާހަކައެއް އަޑެއްވެސް ނާހާނެ.” ހިބާ ބުންޏެވެ.

“ޒާންބެ ގުޅިތަ؟” އަޒްކާ އަހާލި އެވެ.

“ފައުޒާންގެ ހަބަރެއް ވެސް ނުވޭ. އެކަމާވެސް ވަރަށް ކަންތައް ބޮޑުވެފަ ހިބާ މިހުންނަނީ. މިހާރު ފޯނުވެސް މިޔޮށްގެން ހަލާކުވީ. ދެން ކިހިނެއް ގުޅިޔަސް އެގޭނީ.” ހިބާ ހުރީ ދެރަވެފަ އެވެ.

“މާޒް ބުނި ޒާންބެއަށް ގުޅޭނީ ވީކަކު އެއްފަހަރުޔޭ. ޒާންބެ މެން އުޅެން ޖެހެނީ ޖަންގަލީގަޔޯ ވެސް މާޒް ބުނި.” އަޒްކާ ބުންޏެވެ. “ޒާންބެ ދިޔަ ފަހުން ވީކްއެއް މިއަދަށް ދޯ މިވީ.” އަޒްކާ ބުންޏެވެ.

“ހިބާ ބޯ ޖަހާލި އެވެ. މިރޭ ފައުޒާން ގުޅައިފިއްޔާ ދެން ކިހިނެއް ހަދާނީ.” ހިބާ ކަން ބޮޑުވިއެވެ. އަޒްކާވެސް ދެރަވެފައި ހިބާއަށް ބަލައިލި އެވެ.

“ގޭގަ އޮންނާނެ ކަންނޭގެ ބައްތި ފޯނެއް. މާދަމާ ހޯދާލާފަ އެފޯނު ހިބާއަށް ދޭނަން އިންގޭ.” އަޒްކާ ބުންޏެވެ. ހިބާ ވެސް ކުޑަކޮން ހިތްހަމަ ޖެހިލަމުން ކޮލެޖަށް ވަނެވެ.

އެރޭ ނިމިގެން ހިބާމެން ނިކުތް އިރު ތަންކޮޅެއް ދުރުގައި ކާރުކައިރީ އަބްޔާން މަޑުކޮށްލައިގެން ހުރިތަން ހިބާއަށް ފެނުނެވެ. ހިބާ އުފަލުން ހިނިއައިސްފައި ހުރެ އަބްޔާން ކައިރިއަށް ހިގައި ގަތެވެ.

“ހިބާ،” އަޒްކާ ހިބާ މާ ހެވިގެން ހިގައި ގަތުމުން ހައިރާން ވެފައި ގޮވާލި އެވެ. “ކޮންތާކަށް މާ ހެވިފައި ތިދަނީ؟” ހިބާ ބަލައިލުމުން އަޒްކާ އެހި އެވެ.

“އެހެރީ ހިބާގެ ދޮންބެ. އަބޫ.” ހިބާ ބޮލުން އިޝާރާތް ކޮށްލަމުން އަޒްކާ ކައިރީ ބުންޏެވެ. އަޒްކާ ހިބާ ދެއްކި ދިމާލަށް ބަލައިލި އެވެ. ކާރެއް ކައިރީ ހުއްޓިލައިގެން ޒުވާން ފިރިހެނެއް ހުއްޓެވެ. ހިބާއާއި ވައްތަރު ނޫނަސް ފެންނަ ފެނުމަށް ރީތި މީހެކެވެ.

“ދޮންބޭ! ކޮންދުވަހަކު މާލެ އައީ؟ ކޮބާ ފަހަރި؟” ހިބާ އަބްޔާން ކައިރީ ހުއްޓިލަމުން އަހާލި އެވެ.

“މިފަހަރު އެކަނި މިއައީ. ދެން ފަހަރަކުން ގޮވައިގެން އަންނާނީ.” އަބްޔާން ހެވިލަފައި ހުރެ ބުންޏެވެ. “ހިބް ކީއްވެތަ ފޯނު ނިވާލައިގެން ތި އުޅެނީ؟ ދޮންބެ ކިހާ އިރެއް ވެއްޖެ ހިބްއަށް ގުޅަން އުޅޭތާ؟” އަބްޔާން އެހެން ބުނުމުން ހިބާ ފޯނު ނަގާ އަބްޔާންއަށް ދައްކާލި އެވެ.

“ދެން ތިވަރު ވީ އިރުވެސް ބައްޕައަށް ނާންގަންތަ؟” އަބްޔާން ހިބާ އަތުން ފޯނު އަތުލި އެވެ. “މާދަމާ ފޯނެއް ގަންނަން ދާންވާނެ ދޯ.” އަބްޔާން އެހެން ބުނެ ހިބާއަށް ބަލައިލި އިރު ހިބާ ފަހަތުގައި ހުރި އަޒްކާ ފެނުނެވެ. “މީ ކޮންކުއްޖެއް؟”

“މީ އަޒްކާ. ހިބާމެންގޭ ތިރީ ބައިގައި އުޅޭ ކުއްޖެއް. ފައުޒާންގެ ކަޒިންއެއް.” ހިބާ ބުންޏެވެ. އަބްޔާން އެހެން ހޭ ބުނެ ބޯ ޖަހާލި އެވެ.

“ހިންގާ ގެއަށްދާން،” އަބްޔާން ކާރާ ދިމާއަށް އިޝާރާތް ކޮށްލަމުން ބުންޏެވެ. “އަދި އެބައޮތް ހިބާއަށް ދުބާއީން ގެނައި ހަދިޔާއެއްވެސް.”

“ތިހެން ވިއްޔާ ހިންގާ އަވަހަށް ދާން.” ހިބާ އަވަހަށް ބުންޏެވެ. އަދި އަޒްކާއަށް ކާރަށް އެރުމަށް ބުންޏެވެ. އަޒްކާ އެރީ ފަހަތަށެވެ. ހިބާ އެރީ އަބްޔާން އާއި އެކު ކުރިއަށެވެ. ކާރަށް އަރާ އެންމެ ކުރިން ވެސް އަބްޔާން ހިބާ އަތަށް ބޮޑު ކޮތަޅެއް ދިނެވެ. ހިބާ އެކޮތަޅުން ނެގީ ފޮށްޓެކެވެ. އޭގައިވަނީ ފިޔާތޮށި ކުލައިގެ ކުޑަ އައި ޕެޑެކެވެ. އެއީ އެންމެ ފަހުގެ އައި ޕެޑެކެވެ.

“ވާއު!” ހިބާއަށް އުފަލުން ބުނެލެވުނެވެ. “މި ވަރަށް އަގުބޮޑުވާނެ ދޯ.” ހިބާ އަހާލި އެވެ. ފަހަތުގަ އިން އަޒްކާ ވެސް އިނީ އެއަށް ބަލާށެވެ. ހިބާއަކީ ކިހާ ނަސީބު ގަދަ ކުއްޖެއް ހެއްޔެވެ. ހިބާ ބޭނުން އެއްޗިހި ހިބާއަށް ލިބެއެވެ. މިހާރުވެސް އެއޮތީ ހިބާ ބޭނުން ވެގެން ކުރީ ދުވަހަކު ބުނި އެއްޗެއް ލިބިފަ އެވެ. އަޒްކާ ވެސް ހިބާއަށް ޓަކާ އުފާވެލާފައި އިނެވެ.

“ހިބްއަށް ގަނެދޭކަށް އެއްވެސް އެއްޗެއް އަގުބޮޑެއް ނުވާނެ.” އަބްޔާން ބުންޏެވެ. “ތީ ވަން އެން އޮންލީ ކޮއްކޮ އެއްނު.” އަބްޔާން ހީލަމުން ހިބާގެ ކޮލުގައި ހިފާލި އެވެ.

އެރޭ ގެއަށް ގޮސް ހިބާ ވަންއިރު ހަފީޒާއާއި ނަދުވާ ސޯފާގައި ތިއްބެވެ. ބޮޑު ފޮށްޓެއް ވެސް ސޯފާ ކައިރީ ބަހައްޓާފައި ހުއްޓެވެ. އަނެއްކާ ވެސް ކޮންމެސް ތާކަށް ދާން އުޅެނީ ހެން ހިބާއަށް ހީވި އެވެ.

“އެޔޮށް އައީ.” ހިބާ ފެނުމުން ނަދުވާ ބުންޏެވެ. ހީވަނީ ހިބާ ނައިސްގެން ދެމީހުން ތިބި ހެނެވެ. ހަފީޒާ ހިބާ ފެނުމުން ތެދުވި އެވެ. ހަފީޒާގެ މޫނުމަތިން ފެންނަން ހުރީ ނަފްރަތާއި ރުޅިވެރި ކަމެވެ. ހިބާގެ ހިތް ބިރުން ތެޅެން ފެށި އެވެ. އަނެއްކާ މިރޭވެސް ހިބާ ލަސްވީމަ ރުޅި އައީ ހެއްޔެވެ.

“މިހިރީ ފޮށްޓަށް ހިބާގެ އެއްޗިހި އަޅާފަ. ހިބާ ދެން މިގޭގަ ހުންނާނެ ކަމެއް ނެތް.” ހަފީޒާ ފޮށި ދައްކާލަމުން ބުންޏެވެ. ހިބާ ހައިރާން ވެފައި ގަބޫލު ނުކުރެވިފައި ހުރެ ހަފީޒާއަށް ބަލައިލި އެވެ. ވީ ކީއްކަމެއްވެސް ހިބާއަކަށް އެގެނީއެއް ނޫނެވެ.

“އަޑެއް ނީވޭތަ؟ ކުޑައްތަ އެބުނީ ހިބާ މިގެއިން ނުކުންނާށޭ.” ހިބާ އަނގައިން ނުބުނެވިފައި ހުއްޓާ ނަދުވާ ބުންޏެވެ.

“އެއީ ކީއްވެ؟” ހިބާއަށް ހަމަ އެކަނި ބުނެވުނީ އެހެންނެވެ.

“ކުޑައްތަ ގެއްލިގެން އުޅުން އަށްހާސް ރުފިޔާ ލާފައި އޮތް ސިޓީ އުރަ ފެނުނީ ހިބާ ކޮޓަރިން. އޭރު ޒޭބާ މިގޭގަ އުޅުން އިރުވެސް ޒޭބާގެ ފަސްހާސް ރުފިޔާވެސް ގެއްލުނު. އަދި މިއަދު މި އިނގުނީ އެވެސް ނަގާނީ ހިބާކަން. ކަލެއަށް ފޯނާ ލެޕްޓޮޕާ ލިބުނީ ވައްކަން ކޮށްގެން ހޯދި ލާރިންދޯ.” ނަދުވާ އެއް ނޭވައިން ހިބާއާއި ދިމާއަށް އެކީ އެއްޗިހިން ހިބާ ހުރީ ހައިރާން ވެފަ އެވެ. ދެލޯ ބޮޑުވެ އަނގަމަތީ ހިބާއަށް އަތް އެޅުނެވެ. ކޮންފަދަ ބޮޑު އިލްޒާމެއް ހެއްޔެވެ. ހިބާ ކުރަން ހިތަށްވެސް އެރުވި ކަމެއް ނޫނެވެ.

“ކީކޭތަ ނަދުވާ ތި ކިޔަނީ؟” ހިބާ ހުރެފައި ބުންޏެވެ. “ހިބާ ކޮން އިރަކު ޒޭބާގެ ލާރިތަކެއް ނެގީ. ކުޑައްތަގެ ތިބުނާ ސިޓީ އުރައެއް ހިބާއެއް ނުދެކެން.” ހިބާ މައުސޫމް ކަމާއި އެކު ބުންޏެވެ.

“މާ އިނޯސެންޓް ވާނެކަމެއް ނެތް. އަލީބެ ކުޑައްތައަށް ދީފަ ދިޔަ އަށްހާސް ރުފިޔާ ކުޑައްތަ އެނދުގެ ބާލީސް ދަށަށް ލާފައި އޮއްވާ ހިބާ އެކޮޓަރި ސާފުކޮށްފައި އެ ހިފައިގެން ދިޔަކަން ހިބާ ކޮޓަރިން އަހަރުމެނަށް އެގިއްޖެ. އަދި އެއްބަސް ނުވާން އެބަ އުޅޭނު. ޕޮލިހަށް ނާންގާ ހިބާ މި ފޮނުވާލަން ނިންމީ ވެސް ތީ ކުޑައްތަ ރައްޓެހި މީހެއްގެ ދަރިއަކަށް ވީތީވެ.” ނަދުވާ ބުންޏެވެ. “އަދި ނުވިތާކަށް ފިރިހެނުންނާ އެކު ތާ އަބަދު ބޭރުގައި އުޅެ އުޅެފަ އައިސް މިގެއަށް ވަންނާކަށް ލަދެއްވެސް ނުގަނޭ ދޯ.” ނަދުވާގެ މޫނުމަތިން ފެންނަން ހުރީ ހަސަދަ ވެރިކަމާއި ރުޅިވެރި ކަމެވެ. ހަފީޒާ އަނގައިން ވެސް ނުބުނެ އަނެއްފަރާތަށް މޫނު އަނބުރާލައިގެން ހުއްޓެވެ. ހަފީޒާ އަދިވެސް ހުރީ ގަބޫލު ނުކުރެވިފަ އެވެ. ހިބާ ފިރިހެނަކާ އެކު އުޅުނަސް ވައްކަމެއް ކުރާނެކަމަކަށް ހަފިޒާއަށް ގަބޫލެއް ނުކުރެވެއެވެ. ނަމަވެސް ހަފީޒާއަށް އަލީ ދިން އެ ސިޓީ އުރަ ފެނުނީ ހިބާ ކޮޓަރިންނެވެ. ދެން އެކަން ކުރާނެ އެހެން މީހަކުވެސް ނެތެވެ. ގައިމުވެސް ނަދުވާ ނޫނީ އަޒްކާމެން މީހަކު ނުކުރާނެ އެވެ. ޒޭބާ އެގެއަށް ނުވެސް އާދެ އެވެ. ހަފީޒާ ހިތަށް އަރަމުން ދިޔަ އެވެ.

“ތީކޯޗެއް؟” އެވަގުތު ހިބާ މޭގައި ޖައްސާލައިގެން ހުރި ކޮތަޅު ނަދުވާއަށް ފެނުނެވެ. ނަދުވާ އައިސް އެކޮތަޅު ހިބާއަތުން ޖަހައި ގަތެވެ. އަދި އެ ހުޅުވާ ލާފައި ފޮށި ނެގި އެވެ.

“ކުޑައްތަ ހުރޭ ގަބޫލު ނުކުރެވިފަ އަދިވެސް.” ނަދުވާ އޭގެން އައިޕެޑް ނަގާފައި ހަފީޒާއަށް ދައްކާލަމުން ބުންޏެވެ. “މިއޮތީ އެލާރިއަށް މިހާރު ގަނެގެން އައި އެތި. މިހާ އަގުބޮޑު އެއްޗިހި އޭނަ އެގަންނަނީ ކޮންތާކުން ލާރި ލިބޭތީތަ؟” ހަފީޒާއާއި ދިމާއަށް ނަދުވާ ބުންޏެވެ. ހަފީޒާއަށް ވެސް މިފަހަރު ގަބޫލު ކުރަން ޖެހިއްޖެ އެވެ. ހަފީޒާ ކައިރިއަށް ރުޅި އައެވެ.

“ދޭ!” ހަފީޒާއަށް ބާރަށް ބުނެވުނެވެ. “އަހަރެންގެ ލޯމަތިން ދުރަށްދޭ. އެންމެ އިރުކޮޅަކުވެސް މިތާ ހިބާ ހުންނާކަށް އަހަރެން ބޭނުމެއްނޫން.” ހަފީޒާ ބުންޏެވެ. ހިބާއަށް ހަފީޒާއާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ އެވެ. ހިބާ ވަރަށް ދެރަވިއެވެ. ލޮލުން ކަރުނަތަށް ފައިބައި ގަތެވެ. ހަފީޒާ ވެސް އޭނަ ބޮލިގައި އެވަރުގެ އިލްޒާމެއް އަޅުވާނެ ކަމަކަށް ހިބާ ހިތަށްވެސް ނާރަ އެވެ. ނަމަވެސް ދެން ހިބާ އިތުރަށް ވާހަކަ ދައްކާކަށް ބޭނުމެއްވެސް ނުވިއެވެ. އެންމެ ރަގަޅު ގޮތަކީ އެގެއިން ދިއުން ކަމުގައި ހިބާއަށް ހީވި އެވެ. ހިބާ މަޑުމަޑުން ސިޑިން މައްޗަށް އަރަން ފެށިއެވެ.

“ބަލަ އަދިވެސް މައްޗަށްތަ އަރަނީ. އެހެރީ ދޮރު. ނިކުމޭ މިގޭން.” ނަދުވާ އައިސް ހިބާގެ އަތުގައި ހިފަހައްޓާލަމުން ބުންޏެވެ.

“ކުޑައްތާ. ހިބާގެ ސެޓްފިކެޓްތަށް ހުންނާނެ އަލަމާރި މަތީ. އެ ބަލާ ދިޔަދީ. ޕްލީސް.” ހިބާ ހަފީޒާއަށް ބަލައިލާފައި ލޮލުން ކަރުނަ ތަށް ފައިބާ ހާލުގައި ބުންޏެވެ.

“ނަދޫ، ދޫކޮށްލާ. އޭނަގެ އެއްޗިހި އޭނަ ގެންދަން ޖެހޭނެ.” ހަފީޒާ ބުންޏެވެ.

ހިބާ މައްޗަށް ގޮސް ކޮޓަރިއަށް ވަދެ އެންމެ ކުރިންވެސް އަލަމާރި ހުޅުވާލި އެވެ. އަލަމާރީގައި އެކައްޗެއްވެސް ނެތެވެ. އެމީހުން ހިބާގެ ހުރިހާ އެއްޗެއް އެވަނީ ފޮށްޓަށް އަޅާފަ އެވެ. ހިބާ އަލަމާރި މަތިން ބޮޑު ސިޓީ އުރައެއް ނެގި އެވެ. އޭގެތެރެ ހިބާ ބަލައިލީ އޭގައި ހުރިހާ އެއްޗެއް ހުރިތޯ އެވެ. އޭގައިވަނީ ހިބާގެ ތަޢުލީމީ ސެޓްފިކެޓްތަކާއި ކައިވެނީގެ ސެޓްފިކެޓެވެ. އެމީހުނަށް އެ ނުފެނުނު ކަން ނަސީބެކޭ ހިބާ ހިތަށް އެރި އެވެ. ކައިވެނީގެ ސެޓްފިކެޓްގައި ޖަހާފައި ވާ ފައުޒާންގެ ފޮޓޯގައި ހިބާ އަތް ހާކާލި އެވެ. ލޮލުން ފޫދިގެން ކޯތާފަތް މައްޗަށް އެޅެމުން ދިޔަ ކަރުނަތަށް ގިނަވުމުން ހިބާ އަތުން ކަރުނަތަށް ފޮހެލި އެވެ. ހިބާ ކޮޓަރިން ނިކުންނަމުން އަދިވެސް އެއްފަހަރު ކޮޓަރިއަށް ބަލައިލި އެވެ.

ހިބާ ތިރިއަށް ފައިބާފައި ހަފީޒާއަށް ބަލައިލި އެވެ. އަދި ވަރަށް އަސަރާއި އެކު ވާހަކަ ދައްކަން ފެށި އެވެ.

“ކުޑައްތާ، ހިބާ އުންމީދެއް ވެސް ނުކުރަން ކުޑައްތަ ތިފަދަ ބޮޑު އިލްޒާމެއް ހިބާގެ ބޮލުގައި އަޅުވާނެ ކަމަކަށް. އެކަމަކު…” ހިބާއަށް ބުނެވުނީ އެހިސާބަށެވެ. ނަދުވާ އައިސް ވާހަކަ މެދުކަނޑާލި އެވެ.

“ކަލޭ ކޮންމެހެން އިލްޒާމެކޭ ކިޔާނެ ކަމެއްނެތް. އަހަރުމެން ކަލޭގެ ލެޕްޓޮޕާ ތި އައިޕެޑްއެއް ކަލެއަކަށް ނުދޭނަން. އެއީ މިގޭ ލާރިން ކަލޭ ގަނެފައި ހުރި އެއްޗިހި ވީމަ.” ނަދުވާ ރުޅިއައިސްފައި ހުރެ ބުންޏެވެ. ހިބާ ހަފީޒާއަށް ބަލައިލި އެވެ. ހަފީޒާ ހުންނަނީ ހިބާއަށް ނުބަލާށެވެ. ހިބާ ހަފީޒާ އާއި ހަތަރުކަޅި ހަމަކުރަން ބޭނުން ވެއެވެ. ހަފީޒާ އެހުރިހާ ކަމެއް ހިތުން ގަބޫލުކުރާކަން ޔަގީން ކުރަން ހިބާ ބޭނުން ވެއެވެ. ޔަގީނުން ވެސް ގަބޫލެއް ނުކުރެ އެވެ. ހިބާގެ ހިތް ބުނަނީ އެހެންނެވެ. އަދި ކުޑައްތަ ހިބާ އެގެއަށް ގެންނާނެއޭ ހިބާގެ ހިތް ބުނަމުން ދިޔަ އެވެ.

“ކުޑައްތާ!” ހިބާ ހަފީޒާއަށް ގޮވާލި އެވެ. ހިބާގެ ލޮލަށް ޖަމާވި ކަރުނަތަށް އަނެއްކާވެސް ފައިބައިގަތެވެ. “ހިބާ މިކަހަލަ ކަމެއް ކުރާނެ ހެން ކުޑައްތައަށް ހީވޭތަ؟ ކުޑައްތަ ބުނެބަލަ.” ހިބާއަށް މާ ބޮޑަށް ރޮވެން ފެށިއެވެ.

“ކަލޭ އަދިވެސް ތިހިރީ ކިޔާ އެއްޗިހި. ހީވަނީކީ ނޫނޭ. ޔަގީން ވަނީ. އެގިއްޖެތަ؟” ނަދުވާގެ ރުޅިގަނޑު ކޮންޓްރޯލުން ނައްޓަން ކައިރި ވެއްޖެ އެވެ.

“ހިބާ ކުޑައްތައާއޭ މިވާހަކަ ދައްކަނީ.” ހިބާވެސް ނިކަން ބާރަށް ނަދުވާއާއި ދިމާއަށް ބުންޏެވެ. ނަދުވާ ހައިރާން ވެފައި ބަލަހައްޓައިގެން ހުއްޓެވެ. “ކުޑައްތާ، ހިބާ މިގެއިން ހިގައިދާނަން. އެކަމަކު ހިބާ އަދިވެސް ބުނެލަން އޮތީ ތިކަހަލަ ކަމެއް ހިބާއެއް ނުކުރަމޭ… ހިބާ ކުޑައްތަގެ އެންމެ ރުފިޔާއެއްގައި ވެސް ނުޖެހެން…. ކުޑައްތަ ގަބޫލު ކުރިއަސް ނުކުރިއަސް… ކުރާނެ ކަމެއްނެތް. ހިބާ އެކައްޗެއްވެސް ބޭނުމެއްނޫން. އެކަމަކު ކުޑައްތަ އަދި ހިބާ ހޯދަން އަންނާނެ. އެއީ ހިބާއަށް ޔަގީން ވާ ކަމެއް.” ހިބާ ބުންޏެވެ. ހަފީޒާ ފުރަތަމަ ފަހަރަށް ހިބާގެ ލޮލަށް ބަލައިލި އެވެ. ހަފީޒާ ވެސް ހުރީ ފެންކަޅި ވެފަ އެވެ. ނަމަވެސް ހަފީޒާ ހަފީޒާގެ ގޮތުގައި ހިފާއްޓާލައިގެން ހުއްޓެވެ.

“ކަލޭ ދެން ނުކުމޭ.” ނަދުވާ ހިބާއާއި ދިމާއަށް ބުންޏެވެ. ހިބާ ހަފީޒާއަށް ބަލަން ހުރެ ފޮށި ހިފައިގެން އެގެއިން ނުކުމެގެން ހިގައްޖެ އެވެ. ހަފީޒާ ހިބާ ދިޔަދިމާލަށް ބަލަން ހުރެފައި ސޯފާމައްޗަށް ތިރިވިއެވެ. އަދި ލޮލުގައި ހިފަހަށްޓައިގެން ހުރި ކަރުނަތަށް ފައިބައި ގަތެވެ.

“ކުޑައްތަ ކީއްވެތަ ތި ރޮނީ. މި ކަންތައް ކުރެވުނީ ހަމަ އެންމެ ރަގަޅަށް.” ނަދުވާ ހަފީޒާ ރޯން ފެށުމުން ބުންޏެވެ.

“ނޭނގެ ނަދޫ، ކުޑައްތައަށް ހަމަ ހީވަނީ އަދިވެސް ހިބާ އިނޯސެންޓްހެން.” ހަފީޒާއަށް ބުނެވުނެވެ. ނަދުވާ ރުޅި އައިސްގެން ފަޅައިގެން ދާވަރު ވިއެވެ. ނަމަވެސް ހަފީޒާ ކުރިމަތީ އިށިދެލައިގެން އެތެރެއަށް ހިންދާލައިގެން އިނީ އެވެ.

ޖަމާލްއާއި އަބްޔާން ވާހަކަ ދައްކަން ތިބެފައި އަބްޔާން ކޮޓަރިއަށް ދިއުމަށް ތެދުވެފައި ބޭރުދޮރަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

“ހިބް؟” އަބްޔާންއަށް ބުނެވުނެވެ. އަބްޔާން އެހެން ބުނުމުން ޖަމާލްވެސް ދޮރާއި ދިމާއަށް ބަލައިލި އެވެ. އަދި ކޮޅަށް ތެދުވެވުނެވެ. އޭރު ފިކުރީއާއި އެކު ހިބާ ހުއްޓެވެ. ފިކުރީ އަކީ އެގޭ ދޮރުކައިރީ ހުންނަ ގާޑެކެވެ. ފިކުރީ ހުރީ ހިބާގެ ފޮށި ހިފައިގެނެވެ.

71
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

aasi

Other Articles

Previous

މަންޝާ (ދިހަވަނަ ބައި)

Next

އިންސާފް.. 09 ވަނަ ބައި

Next
April 21, 2016

އިންސާފް.. 09 ވަނަ ބައި

Previews
April 21, 2016

މަންޝާ (ދިހަވަނަ ބައި)

16 Comments

  1. Shaai says:
    April 21, 2016 at 7:07 am

    V rythi Inge. Avahah next part upload kohla dhiyba.

  2. Naaa says:
    April 21, 2016 at 7:18 am

    V v v v v salhi plz avahan up kh dheeba v kiyaa hithun mi hure thank you

  3. rose says:
    April 21, 2016 at 7:24 am

    Alhey haadha dhera gotheke thivi. E Nadhuva haadha fani anheneke. Zaange kanthake furathamaves enadhuvage kanthah mom ah kiyadhin nama eha fonibodeh nuvevuneehehnu. Just hate nadhuva

  4. anoo says:
    April 21, 2016 at 8:24 am

    V v v salhi. Zaan ge habareh ehaa avahah hibaa ah nuvahchey… and zaan aumuge kurin hibaa preg vey its my idea… Avahah up kohladhehchey plzzzzz.

  5. Xoa says:
    April 21, 2016 at 8:31 am

    Next part upload kohla dheeba thah kolheih avahah. Varah kiyaa hithuney miulheni. Pls pls pls pls

  6. eny says:
    April 21, 2016 at 8:36 am

    than aasi….. mihaar v salhi plxxxxxx avahah up kohladhehchey

  7. aish says:
    April 21, 2016 at 9:39 am

    hibaa ge dad hibaa govaagen dhabee beyra. hibaa v bali vaane.xaan aka hiaa ay nufeney. hibaa prg kamaa bali kan ves ingenee zeybaage faraathun. xaan ge mom ah nadhooge siru falhaa araa . hibaa aa xaan mery kogen kan ves ingey

    1. Anonymous says:
      April 21, 2016 at 11:30 pm

      Saabahey.. igihjey aish mi stry kiyaafa kan.. dhn kn kameh thee maa kurin vaa goi kiyaa dhn.. huh..

  8. Amm says:
    April 21, 2016 at 12:10 pm

    Interesting….. 31 vana part ge inthizaaruga….?

  9. Ifaa says:
    April 21, 2016 at 1:16 pm

    Plxx miyadhu next part upload kohdhyba plxxxx

  10. Naanu says:
    April 21, 2016 at 1:52 pm

    Wow… Hate you nadhuwa… Hope miadhu next part up kuraane kamah.. This story have being one of my best story.. ??????????

  11. ☆P●●#2828pfafaiil☆ says:
    April 21, 2016 at 3:29 pm

    Plxx next part miry 8 ge kurin up kohbaa … V v kiuaahithun mihuriii… V v. Reeeeethi vaahaka eh.. Thanks aasi

  12. Xee says:
    April 21, 2016 at 4:37 pm

    Varah reethi , naa bodhah ves las up kuraaleh ??????

  13. Soabi says:
    April 21, 2016 at 9:38 pm

    Avahah up koahlabaa waiting for next part v salhi story ???

  14. dhonbathu says:
    April 21, 2016 at 11:52 pm

    V reethi story. 31 vana part kobaatha. Irukolhakaa eba beley e part up veytho.

  15. Faxoo says:
    April 29, 2016 at 4:31 pm

    hate hate hate nadhuva 🙁
    poor Hiba.. 🙁 haadha dhera gothekey mivany..
    but dhen anna baithah hapy koh dhw annaany 😀

Comments are closed.

All Right Reserved!