ޤުރުބާން ވުމީ މިހިތުގެ އުފާ 10 ވަނަ ބައި
އެވަގުތު ކޮޓަރިން ނިކުތް އަހްޔާންއަށް އަބްޔާންއާއި ހިދާޔާ ދެއްކި ވާހަކަ އަޑު އިވުނެވެ.
“މަންމާ، އަބީ ވެސް އެ ބަދަލުވީނު. އާލިޔާ ވެސް ބަދަލު ވާނެ. ބޭނުން ވާނީ ވަގުތު.” އަހްޔާން ވެސް އައިސް ސޯފާގައި އިށީނެވެ.
“އަބީ މެން މިފަހަރު ވަރަށް ފަނި. މަންމާ! އެހެން ފަހަރު ތަކުގަ އަހަރުން އައިމަ އަވަހަށް ދަތުރެއް ރާވާނެ… ބާބަކިއު ހަދާނެ… ވަލަށް ދާނެ… ތުނޑިއަށް މޫދަށް ދާނެ… މަހަށް ދާނެ. އެކަމު އެކަހަލަ އެއްވެސް ކަމެއް މިފަހަރު ނެތް. މިހާރު އަހަރެން ފުރަން ވެސް ދެ ހަފްތާއަށް ވީ.” އަހްޔާން އަބްޔާންއަށް ބަލައިލަމުން އެހެން ބުނުމުން އަބްޔާން ތެދުވި އެވެ.
“އުޅޭ ތިކަމާ އުޅެން. އެންމެ ކުރިން ބާބަކިއުތަ ނޫނީ ދަތުރުތަ؟” އަބްޔާން އަހްޔާން ކައިރީ އަހާލި އެވެ.
“ބާބަކިއު އެންމެ ކުރިން ހަދާނީ، ދެން އެރޭ ދަތުރު ރާވާނީ. ކިހިނެއް ވާނީ އެގޮތް؟”
“ތީ ވަރަށް ރަގަޅު ގޮތެއް. އަބްޔާން އެހެން ބުނެލަމުން ގަޑި ބަލައިލި އެވެ. އިޝާ ނަމާދު ވެގުތު ވަނީ އެވެ. އެހެން ކަމުން އަވަހަށް މިސްކިތައް ދިއުމަށް އަބްޔާން ނިކުތެެވެ.
އާދައިގެ މަތިން އިޝާ ނަމާދުން ފައިބައިގެން އައިސް އަބްޔާން ސޯފާގައި އޮތީ ކަންފަތައް ހެޑްފޯނު ޖަހައިގެނެވެ. އޭރު އޭގެން އިވެނީ ލޯބީގެ ދިވެހި ލަވައެއްގެ އަޑެވެ.
‘ދުރުގަ ހުއްޓަސް ކަލާއޭ މިހިތުގާ ވަނީ
ލޯބިވާއޭ ހިތަށް ކެތް ނުވާތީ ރޮމޭ،
ތިޔަ ހަދާނުން މި ހެދުނާ ހަވީރުވެ ދަނީ
ލޯބިވާއޭ ހިތައް ކެތް ނުވާތީ ރޮވޭ’
“ޖަންނާ، ޖަންނައަށް މިލަވަ އަޑު އިވޭތަ؟ މީ އަހަރެންގެ ހިތުގެ ހާލަކީ. ކިހިނެއް އަހަރެން ބަޔާން ކުރާނީ. ކިހިނެއް މި މެސެޖު ޖަންނައާ ހަމައަށް ލިބޭނީ.” ހިޔާލެއްގައި އަބްޔާން އޮތެވެ.
“އަބީބޭ!” ކުއްލިއަކަށް އާލިޔާ އައިސް ގޮވާލުމުން އަބްޔާން ދިޔައީ ސިއްސައިގެނެވެ. އާލިޔާ ހޭން ފެށި އެވެ.
“އާލިޔާ، ތިހެން ހެދީމަ މީހުނަށް ހާރޓް އެޓޭކް ޖެހޭނީ.” އަބްޔާން ނުރުހިފައި ބުނެލި އެވެ. އަދި ފޯނުން އައި ލަވަ ނިވާލަމުން ކަންފަތުން ހެޑްފޯން ނަގަމުން ސޯފާގައި އިށީނެވެ.
“އިނގޭނެތަ އަބީބެ ސިއްސައިގެން ދާނެ ކަމެއް.” އާލިޔާ އަނެއްކާވެސް ހިނިގަޑެއް ޖަހާލި އެވެ. އަދި ތެދުވެގެން ބޭރަށްދާން ނުކުންނަން ދިޔަ އެވެ.
“އާލިޔާ!” އާލިޔާއަށް ނުނިކުމެވެނީސް އަބްޔާން ގޮވާލި އެވެ. “އާދެބަލަ އެހަށް މިތާ އިށީންނަން، އަބީބެ ވާހަކައެއް ދައްކަން ވެއްޖެ.” އަބްޔާން އިނީ ނިކަން ސީރިއަސް ވެފަ އެވެ. އެހެން ކަމުން އާލިޔާ އައިސް އެކަކަށް އިނދެވޭ ސޯފާގައި އިށީނީ ނިކަން ޖެހިލުންވެފައި ހުރެ އެވެ. އަނެއްކާ އޭނަ އުޅޭ ގޮތާ ބެހޭގޮތުން ވާހަކަ ދައްކަން ބާއޭ އާލިޔާ ހިތައް އެރި އެވެ. އަދި ބައްޕަ ރަށުގައި އުޅުއްވާއިރު އެގޮތަށް އަބީބެ ވާހަކަ ދައްކަން ބޭނުންވީމަ އާލިޔާގެ ހިތްބިރުގަނެފައި ވިއެވެ.
“ކިހިނެ… ކިހިނެއްވީ އަބީބޭ؟” އާލިޔާ ހިންދިރުވާލުމާ އެކު އަހާލި އެވެ.
“އާލިޔާ ދެން ނުކިޔަވާނަންތަ؟ ހަމަ ތިހެން އުޅޭނީތަ؟”
“އަބީބޭ، މަށަކަށް ބިޒްނަސްއެއް ނުކިޔެވޭނެ. އެކަހަލަ އެއްވެސް އެއްޗެއް ކިޔަވާ ހިތެއް ނުވޭ.”
“އާން، ކިޔަވާ ހިތް ނުވަންޏަކާ ނުކިޔެވޭނެ. އެކަމު ކުރާހިތްވާ ކަމެއް އޮވެދާނެނު.”
“އާން، ވަރަށް ކުރާހިތްވާ ކަމެއް އޮވޭ. އެކަމު މަންމަ ވަރަށް ރުޅިއަންނާނެ.”
“އެއީ ކޮންކަމެއް؟”
“އެއީ މޭކަޕް ކުރުން، މީހުންގެ ބޯ ހަދައިދިނުން… މީހުން ރީތިކޮށްދީ ބޯކޮށައިދީ… އެކަހަލަ ކަންތައް ކުރާހިތް ވަނީ. އެކަމަކު މަންމަ ރުޅިއަންނާތީ ނުކެރެނީ. މަންމަ ބުނާނެ މޫނުގަ ކުލަތަކެއް ޖައްސައިގެން ކޮން ސަކަރާތެއް ޖަހަންހޭ.”
“އާލިޔާ، ތީ ވަރަށް ރަގަޅު މަސައްކަތެއް. އެކަމަކު ތިކަމަށް ވެސް ކޮންމެސް ވަރަކަށް ކިޔަވަން ޖެހޭނެނު. އާލިޔާ ދާންވީނު މިފަހަރު ޔާންބެ ދާއިރު ތި ފީލްޑުން ކޯހެއް ހަދަން. އައިއްސަ މިރަށުގަ ސެލޫންއެއް ހުޅުވާނީ. މިރަށުގައި ވަރަށް ފައިދާ ވާނެ ކަމެއް ތީ. އަދި ސެލޫންއެއް މިރަށަކު ނެތެއްނު.”
“އަބީބޭ، އަބީބެއަށް ހީވޭތަ ބައްޕަ އަހަރެން ފޮނުވާނެ ހެން. އަދި އަމުދުން ތިކަހަލަ ކޯހެއްގަ.؟”
“އާން، ބައްޕައާ އަބީބެ ވާހަކަ ދައްކަފާނަން. އެކަމަކު އާލިޔާ މިކަމުގަ ޔާންބެއާ އެއްކޮން ދާން ހުރިއްޔާ.”
އާލިޔާ އަބްޔާންއަށް ބަލަހައްޓައިގެން ކުޑަ އިރުކޮޅަކު ވިސްނާލަން އިނެވެ.
“ބައްޕަ ފޮނުވަން ހުރިއްޔާ އަހަރެން ދާނަން. އެއި އަހަރެން އެންމެ ކުރާހިތްވާ ކަންތައް ވީމަ.” ހިނދުކޮޅަކަށް ފަހު އާލިޔާ ބުންޏެވެ.
“އެހެންވީމަ އާލިޔާ ރެޑީވޭ ދާން. މެންޓަލީ އެންޑް ފިޒިކަލީ ރެޑީވޭ. އަބީބެ ތިކަމާ އުޅެދޭނަން.” އަބްޔާން ބުންޏެވެ. އަދި ތެދުވެ ކޮޓަރިއަށް ދާން ހިގައި ގަތެވެ. އާލިޔާ އަވަހަށް ބޭރަށް ނިކުންނަން އުޅުނެވެ.
“އާލިޔާ، އެކަމަކު މިގަޑީގަ ކޮންތާކަށް ތި ދަނީ؟ ގަޑިން އެގާރަ ޖެހީނު.”
“މީ… ތާކަށް ނުދަމޭ… ހަމަ ދޮރުކައިރިއަށް ނިކުމެލަން އުޅުނީ.” އާލިޔާ އެހެން ބުނި ތަނާ ނަސީރު އައިސް ގެއަށް ވަނެވެ.
“ކޮބާ އެންމެން ހަމަވެއްޖެތަ؟” ނަސީރު އައިސް ދޮރު ތަޅުލަމުން އަހާލި އެވެ. އާލިޔާ ފާޑަކަށް މޫނަށް ހަދާލަމުން އަމިއްލަ ކޮޓަރިއާއި ދިމާއަށް ހަށިގަނޑު އެލުވާލައިގެން ހިގައި ގަތެވެ.
“ލައްބަ ބައްޕާ… އެންމެން ގެއަށް ވަދެއްޖެ.” އާލިޔާ ދިޔަގޮތުން ހިނިއައިސްފައި ހުރި އަބްޔާން ނަސީރުއަށް ބުނެލާފައި އަވަހަށް ކޮޓަރިއަށް ވަނެވެ.
ދުނިޔެމައްޗަށް އަލިވެގެން އައި އިރު ތެލިތައް ހިފައިގެން ޖަންނަތު ގެއިން ނިކުތެވެ. އެވަގުތު ޒީނަތު ވެސް ރީތިވެލައިގެން ނިކުތީ ފިހާރައަށް ދާށެވެ.
“ޖަންނާ، ހިނގާ ރޯދަ އަންނަން ވާއިރަށް ބަދިގެ ރަގަޅު ކޮށްލަން. ބޮޑު ސިންކެއް ލާފަ ގޭސް އުނދުނެއް ވެސް ގަންނާނީ. އޭރުން ކޮންމެ ދުވަހަކު ތި ތެލިތައް ދޮންނަން މޫދަށް ދާކަށް ނުޖެހޭނެނު.” ޒީނަތު ޖަންނަތު ކައިރީ ހުއްޓިލަމުން ބުންޏެވެ.
ޖަންނަތު ހައިރާން ވެފައި ޒީނަތުއާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ އެވެ. އެއީ ހަމަ ޒީނަތު ބުނި އެއްޗެއްބާއޭ ޖަންނަތު ހިތަށް އެރި އެވެ.
“ކިހިނެއްވީ؟ އެގޮތް ކަމުނުދަނީތަ؟” ޖަންނަތު އެހެން ހުރުމުން އަނެއްކާވެސް ޒީނަތު އަހާލި އެވެ.
“ނޫނޭ، ދޮންތަ ތިބުނިގޮތް ވަރަށް ކަމުދޭ… އެކަމަކު ދޮންތަ…”
“ޖަންނާ، ދޮންތަ ހެލްޕް ވާނަމޭ. ސިންކާ އުނދުނާ ދޮންތަ ގަނެދޭނަން. އަދި އެހެން ކަމެއް އޮތަސް ކޮށްދޭނަން.” ޖަންނަތު ބުނަން އުޅުން ވާހަކަ މެދުކަނޑާލާފަ ޒީނަތު ބުންޏެވެ.
“ދޮންތަ…؟” ޖަންނަތު އަދި އިތުރަށް ހައިރާންވި އެވެ.
“އެހަށް މިދަނީ ފިހާރައަށް ގަޑިޖެހެނީ. އަދި މިވާހަކަ ފަހުން ދައްކަންވާނެ.” އެހެން ބުނެފައި ޒީނަތު ހިގައި ގަތެވެ. ޖަންނަތުއަށް ގަބޫލުނުކުރެވިފައި ބަލަން ހުރެވުނީ އެވެ.
މިހާރަކަށް އައިސް މީހުން ބަދަލުވާން ފަށައިފި އެވެ. އަބީއަށް ވެސް އެހެރަ އައި ބަދަލެކެވެ. މިހާރު އަނެއްކާ ދޮންތައަށް މި އަންނަނީ ކޮން ބަދަލެއް ހެއްޔެވެ. ރޭގަނޑުވެސް މިހާރު ބޭރަށް ދާތަނެއް ނުފެނެ އެވެ. ޖަންނަތު ހިޔާލެއްގައި ހުރެ ތެލިދޮންނަން ދިޔަ އެވެ.
އަބްޔާން ކުޅެ ނިމިގެން އައިސް ގެއަށް ވަދެ ބޫޓާއި އިސްޓާކީނު ބޭލުމަށްފަހު ފެން ބޯން ބަދިގެއަށް ވަނެވެ. އެވަގުތު ނޫރު ބޭރުގައި ހުރެފައި އަބްޔާންއަށް ގޮވާއަޑު އިވެން ފެށި އެވެ. އަބްޔާން ބޭރަށް ނިކުންނަން ދިޔައިރު ބަދިގޭން ހިދާޔާ ވެސް ނުކުމެ ބަލައިލި އެވެ.
އަބްޔާން ބޭރަށް ނިކުތް އިރު ނޫރު ގެންގުޅޭ ފެންފުޅިން ފެންބޯން ހުއްޓެވެ. އޭނާ ހުރީ ދާހިތްލާ ތަތްތެޅިފަ އެވެ. ލައިގެން ހުރި ރީނދޫ ކުލައިގެ ޖާރޒީ ވެސް ވަނީ ކިލާ ވެފަ އެވެ.
“ކަލޭ ކީއްވެ މަނުލާ އައީ؟” އަބްޔާން ފެނުމުން ނޫރު އަހާލި އެވެ.
“މަ ތަންކޮޅެއް އަވަހަށް އޮފީހަށް ދާން ވެގެންއައީ.”
“ކަލެއަށް ހާދަ ގޮތްތަކެއް އެބަ ވެޔޭދޯ. ކިހިނެއްތަ ތިވަނީ؟”
“އަޖައިބެއް، މަ އޮފީހަށް ދާން ފެށީމަ ކަލޭމެންނަށް ތި ގޮތްތަކެއް ވަނީ.” އަބްޔާން ނޫރުއާ ދިމާލަށް ބަލައިލަމުން ބުންޏެވެ. “ތިޔެއްނޫނޭ، ހިނގާބަލަ މިރޭ ބާބަކިއު ހަދާލަން. ޔާނު ދާން ވާއިރަށް ކުޑަކޮން އެންޖޯއި ކޮށްލަން ވާނެނު.”
“އާން، ހިނގާ ތިކަމާ އުޅެން. ކަލޭ އޮފީސް ނިމުނީމަނު ކަމެއް ކުރެވޭނީ.”
“ޒައީމާއްތަ ކައިރީ ބުނާނީ، މިހާރު މުޒޭގެ ގެޔެއްނު އެއީ.”
“އާން ދޯ، ހެހެހެ… ޒައީމާއްތަ ކައިރީ ބުނީމަ ދެން އަހަރުމެން ނުޖެހޭނެ ދޯ ވިސްނާކަށް.”
“ނޫނޭ، އަހަރުން ވެސް ހެލްޕް ވާން ޖެހޭނެނު، އެކަމަކު ޒައީމާއްތަ ވަރަށް ހިންގާލާނެ.”
“އާން، މަ މުޒޭ ކައިރީ ބުނާނަން،” އެހެން ބުނަމުން ނޫރު ސައިކަލަށް އަރާ ދުއްވާލި އެވެ. އަބްޔާން ވެސް ގެއަށް ވަދެ އަވަހަށް ތައްޔާރުވީ ވަޒީފާއަށް ދިއުމަށެވެ.
ޖަންނަތު އޮފީހަށް އައިސް ކައުންޓަރުގައި ހުރި ލަމްޔާއާއި ވާހަކަ ދައްކަން ހުއްޓެވެ. ލަމްޔާ ދައްކަނީ އަބްޔާންގެ ވާހަކަ އެވެ. އަބްޔާންއަށް ކޮންމެސް ގޮތެއް ވެފަ ހުންނަ ކަމަށް ލަމްޔާ ބުންޏެވެ. އަދި ލަމްޔާ ފެނުމުން އަޅާވެސް ނުލާކަމަށް ބުންޏެވެ. އަނެއްކާ ލަމްޔާ ދެކެ ރުޅިއައީ ތޯ ވެސް ޖަންނަތު ކައިރީ އަހާލި އެވެ.
“މަށަކަށްވެސް ނޭގެ. ވަރަށް ގިނަ މީހުން އެބަބުނޭ އޭނަ ވަރަށް ބަދަލު ވެއްޖެޔޭ.” ޖަންނަތު ބުނެލި އެވެ. އެވަގުތު ދޮރުކައިރިން އަބްޔާން ފެނުމުން ލަމްޔާ ޖަންނަތުއަށް އަބްޔާން ދައްކާލި އެވެ.
އަބްޔާންއަށް ޖަންނަތު ފެނުމުން އިރުކޮޅަކަށް އައި ފިޔަވަޅު މަޑުވި އެވެ. ޖަންނަތު ލައިގެން ހުރީ މަޑު ފިޔާތޮށި ކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ލެގިން އެކެވެ. އަރާފައި ހުރީ ކުޑަކޮން އުސް ބޫޓަކަށެވެ. އިސްތަށިގަނޑު ރީތިކޮން އޮމާންކޮށްފައި ފަހަތައް ހުޅިއެއް ޖަހާފައި ހުއްޓެވެ. މަޑުމަޑު މޭކަޕެއްވެސް ކޮށްލާފައި ހުރިކަން އިނގެ އެވެ. އެއީ ޖަންނަތު އަބަދުވެސް އޮފީހަށް އަންނަ ގޮތެވެ. އެގޮތަށް ހުންނައިރު އަބްޔާންއަށް ޖަންނަތު ވަރަށް ރީއްޗެވެ. އޮފީސް ނިމުމުން ދެން ޖަންނަތު ފެންނާނީ މުޅިން އެހެން ގޮތަކަށެވެ. ހަރުވާޅާއި ހެދުމާ ލައިގެން ހުންނައިރު ގިނަފަހަރު ހުންނާނީ އިސްތަށިގަނޑުވެސް ހޭވިފަ އެވެ. ހީވާނީ މާމަ ގަނޑެއް ހެނެވެ.
އަބްޔާން އައިސް ޖަންނަތުމެން ކައިރީ ހުއްޓުނެވެ. އަދި ޖަންނަތު ފިޔަވާ އެކަކުވެސް އަބްޔާންއަށް ނުފެންނަ ކަހަލަ އެވެ.
“އަބީ، ލާމްޔާ ބުނީ އަބީ ތި ހުންނަނީ އޭނަދެކެ ރުޅި އައިސްފަ ހޯ.” ޖަންނަތު އަބްޔާން ކައިރީ އަހާލި އެވެ. އަބްޔާން ލައިގެން ހުރި ގަދަ އަޅިކުލައިގެ ފަޓުލޫނުގެ ޖީބަށް އަތްކޮށްޕާލަމުން ލާމިޔާއަށް ބަލައިލި އެވެ.
“ނޫނޭ، ރުޅިއެއްނާދޭ. ކިހިނެއްވީ؟” ނިކަން އާދައިގެ ގޮތަކަށް އަބްޔާން ބުނެލި އެވެ.
“އަބީ ކުރިން އުޅޭ ގޮތަށް ނޫޅޭތީ މަ ހީކުރީ މަ ދެކެ ރުޅިއައިސްފަ ކަމަށް.” ލަމްޔާ ބުންޏެވެ.
“ކުރިން އުޅޭ ގޮތޭ؟ ހެހެހެހެ…” އަބްޔާން ހިނިގަޑެއް ޖަހާލަމުން ބުންޏެވެ. “އެއްވެސް މީހަކު އަބަދު އެއްގޮތަކަށް ނުހުންނާނެނު. ދޯ ޖަންނާ.” އެހެން ބުނެފައި އަބްޔާން ކެބިންއާއި ދިމާއަށް ހިގައި ގަތެވެ. ލާމްޔާއާއި ޖަންނަތު އަބްޔާން އާއި ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ.
“ޖަންނާ، ފެނިއްޖެތަ؟ ކިހާ ބޮޑަކަށް ޖޭންޖް ވެއްޖެ.”
“އާން ފެނިއްޖެ. އަޖައިބުވޭ ދޯ. މިހާރު މީހުނަށް ޖެހިގެން އުޅޭ ބައްޔަކީ ކަންނޭގެ.”
“ތިހެން ކަމަށް ތިވާނީ.” ލާމިޔާ ބޯޖަހާލި އެވެ.
އެވަގުތު ޒައިދާން އައިސް ވަނެވެ. އެހެން ކަމުން ޒައިދާން ފަހަތުން ޖަންނަތުވެސް ގޮސް ކެބިންއަށް ވަނެވެ.
އޮފީހުގެ މަސައްކަތް ފެށިގެން ދިޔަ އެވެ. އަބްޔާން ފައިލްތައް ތަރުތީބު ކޮށްލާފައި ތެދުވެގެން ގޮސް ޒައިދާން ކޮޓަރިއަށް އެ ލާފައި ނުކުތީ ގަނޑުތަކެއް ހިފައިގެނެވެ. އޭރު ޖަންނަތު ހުރީ ޕުރިންޓަރު ކައިރީ ކޮޅަށް އެއްޗެއް ޕްރިންޓް ކުރާށެވެ.
“ޖަންނާ، މީތީގެ ވެސް ކޮޕީއެއް ހަދާލަ ބަލަ.” އަބްޔާން ޖަންނަތުއަށް ގަނޑުތައް ދިއްކޮށްލަމުން ބުނެލި އެވެ. ޖަންނަތު އަބްޔާންއަށް ބަލައިލާފައި އެއްޗެއް ނުބުނެ އެ ގަނޑުތަކުގައި ިފި އެވެ.
“މީ މި އަހަރުގެ އެކައުންޓް ދޯ.” ޖަންނަތު އަވަހަށް ބުނެލި އެވެ. “ވަރަށް ފައިދާ ވެފަ ދޯ މިއޮތީ.”
“އާން، އަހަރެން ޒައިދާން ކައިރީ ބުނެފިން ދެން ވަކިން މެނޭޖަރެއް ވެސް ބަހައްޓަން، ހުރިހާ ކަމެއް ޒައިދާން ވިއްޔަ އެކުރަނީ.”
“އަސްލުވެސް، އޭނައަށް ޔަޒަންއާ އެއްކޮން އުޅޭނެ ޓައިމް ވެސް ގިނައިން ލިބޭނެނު އޭރުން ދޯ.” ޖަންނަތު ބުންޏެވެ.
“އާން، އެކަމާ ވިސްނާނަމޭ ބުނެލި.” އަބްޔާން މޭޒުކައިރީ އިށީނެވެ.
އިޝާ ނަމާދުން ފައިބައިގެން އަބްޔާން ޒައީމާ މެންގެއަށް ދިޔައިރު ޒައީމާ މެންގޭތެރެއިން އެތައް ބައިވަރު ޒުވާން ކުދިންނެއް ވަދެ ނިކުމެ އުޅެ އެވެ. އެއްބަޔަކު ބަދިގޭގައި އަވަދި ނެތި އުޅޭއިރު އަނެއް ބަޔަކު އަތިރިއަށް އެއްޗިހި އުފުލުމުގައި އުޅެ އެވެ. އަބްޔާން ގޮސް އެގެއަށް ވަނުމުން ނޫރު އައިސް އަހްޔާން ކޮބައިތޯ އެހި އެވެ.
އަބްޔާން އަހްޔާންއަށް ގުޅާލި އެވެ. އަހްޔާން އޭރު އުޅެނީ އަތިރި މަތީ އަލިފާންގަނޑު އަންދަން ކަމުގައި އަހްޔާން ބުންޏެވެ. ދެމީހުން އެދިމާލަށް މިސްރާބު ޖެހި އެވެ. އަބްޔާން ދިޔަ އިރު އެތަނަށް ގެނެސްފައި ހުރި ޖޯލިފަތީގައި ޖަންނަތުއާއި ސާރާ ތިއްބެވެ. އަބްޔާން އައިސް އަހްޔާންއާއި މުޒައްފަރާއި ބައިވެރި ވެގެން އަލިފާންގަޑު ރޯކުރުމުގައި އުޅެން ފެށި އެވެ.
އިރުކޮޅަކުން އެހެން މީހުންވެސް އެތަނަށް އެއްޗިހި ހިފައިގެން އައިސްފި އެވެ.
“ތީ ކީއްކުރާ ކޮލްގެޓް ފުޅިއެއް؟” ޒައީމާ އަތުގައި އޮތް ކޮލްގެޓް ފުޅި ފެނުމުން ޒީނަތު އަހާލި އެވެ.
“މީ ޖަންނަތު އަތުގަ އުގުޅަން ގެނައި އެއްޗެއް، އޭނަ ހުރިހާ މަހެއްގަ މިރުސް ލާފަ އަތުން ދިަލަނަގާތީ އުޅުނީ، ދެން މަމި ގެނައިމަ މިއެއް ނޫގުޅި. ގައިމު މި އުނގުޅިނަމަ ދިލަނެގުން މަޑުވީސް ވިއްޔަ.” ޒައީމާ އެހެން ބުނިއިރު އަބްޔާން ހުރީ ކައިރީގަ އެވެ.
“ނިކަން ބޯހަރު މަންޖެއެއް އެއީ.” އަބްޔާން ބުންޏެވެ. “ދީބަލަ ތި، ގަދަކަމުން ވެސް އުނގުޅޭތޯ ބަލާނަން.” އެހެން ބުނެފައި އެ ކޮލްގެޓް ފުޅި ޒައީމާއަތުން އަތުލައިގެން ހިގައްޖެ އެވެ.
އަބްޔާން އައިސް ޖަންނަތު އާއި ޖެހިގެން އިން ޖޯލީގައި އިށީނެވެ. އަދި ކުއްލިއަކަށް ޖަންނަތުގެ އަތުގައި ހިފިއެވެ. ޖަންނަތު އަތް ދަމައިގަންނަން އުޅުމުން ވަކިން ބާރަށް އަތުގައި ހިފަހައްޓަމުން ޖަންނަތުއާއި ހަތަރުކަޅި ހަމަކޮށްލި އެވެ. ޖަންނަތުއަށް ދެން އަތް ދަމައިގަންނާކަށް ނުކެރުނެވެ. ޖެހިގެން އިން ސާރާ އިނީ އަބްޔާން ހަދަން އުޅޭގޮތެއް ނޭގޭތީ ހައިރާން ވެފައި ބަލަހައްޓައިގެނެވެ.
އަބްޔާން ޖަންނަތުގެ އަތުގައި ކޮލްގެޓް އުނގުޅަދޭން ފެށި އެވެ. ޖަންނަތު ކައިރިއަށް ހިނިއައިސްފައި ސިއްރުން ސާރާ ކައިރީ އެއްޗެއް ބުނެފައި ދެމީހުން ހޭން ފެށި އެވެ.
“ކީއްވެ ތި ހެނީ؟ އަތުގަ ކޮލްގެޓް އުނގުޅާތީ ދޯ؟” އަބްޔާން އަހާލި އެވެ.
“ދިލަނަގަނީ ތިއަތަކުން ނޫން ވިއްޔަ. މީ ދިލަ ނަގާ އަތް.” ޖަންނަތު އަނެއްއަތް ދައްކާލަމުން ހިނިގަޑެއް ޖަހާލި އެވެ. ސާރާވެސް ހޭން ފެށި އެވެ. އަބްޔާން ކައިރިއަށް ވެސް ހިނި އަތުވެއްޖެ އެވެ. އަދި ހެމުން އަނެއް އަތުގައި އަނެއްކާ އުނގުޅަން ފެށި އެވެ.
އެތަން ފެނުމުން ބައެއް އަންހެން ކުދިންގެ ހިތުގައި ހަސަދަވެރިކަމުގެ ތޫފާނެއް ހިގައިގަތެވެ. މޫނަށް ވައްތަރެއް ޖައްސައިގެން އެދިމާ ބަލަން ހުރި ފިރުޝާ ޒިޔާދާއަށް ފެނުމުން ހުއްޓުނެވެ.
“ކަލޭ ކިހިނެއްވެފަ ތިހިރީ؟ އަންނާށޯ އެހެރަ ސޮސެޖު ތަކަށް އިލޮށި ހަރަން.” ޒަިޔާދާ ބުނެލި އެވެ.
“ޒިޔާދާ، ނިކަން ދެކިބަލަ… އަބީ މިހާރު އުޅެނީ ޖަންނައާ ރައްޓެހިވެގެން، ރަށުތެރޭ ތަންކޮޅެއް ކުރިން ދެއްކި ވާހަކަ ހަމަ އެއީ ތެދެއް.” ފިރުޝާ ބުންޏެވެ. ޒިޔާދާ އަބްޔާންމެން ތިބި ދިމާއަށް ބަލައިލި އެވެ.
“ކަލޭ ދޯ، އަބީ ނޫން މީހެއް ނުފެނޭތަ ކަލެއަކަށް؟ ބަލަ ޖަންނަޔާ އަބީއާ އެއީ ކުޑައިރުން ފެށިގެން ވެސް ނުލާހިކު ކްލޯސް ދެމީހުން، އެމީހުންގެ ތިބުނާ ކަހަލަ ގުޅުމެއް ނޯވޭ، އަހަންނަށް އިނގޭނެނު، އަހަރުމެންގެއާ ޖެހިގެންވިއްޔަ ޖަންނަމެންގެ ހުންނަނީ.” ޒަޔާދާ ބުނެލި އެވެ. އަދި ބޯހޫރާލަމުން އެތަނުން ހިގައްޖެ އެވެ.
ހުރިހާ އެއްޗެއް ފިހެވުމުން އެންމެން ކާން ފެށި އެވެ. ޖަންނަތުވެސް މޫދު ކައިރިއަށް ގޮސް އަތްދޮވެލައިގެން އައީ ކާށެވެ. ޖަންނަތު އައިސް ތައްޓަށް އެއްޗިހި އަޅައިގެން ބަލައިލި އިރު ޖޯލިފަތި އޮތީ ފުރާލާފަ އެވެ. ބައެއް މީހުން ކޮޅަށް ތިބެގެން ކާއިރު އަނެއްބަޔަކު ވެލިގަނޑު މަތީ ތިބެގެން ކަނީ އެވެ.
“އޭ ޖަންނާ، އާދޭ މިތަނަށް.” ތަންކޮޅެއް ދުރުގައި ސާރާއާއި މުޒައްފަރު އަދި އަހްޔާން ތިއްބެވެ. އެމީހުންވެސް ތިބީ ބިންމަތީ އެވެ. ޖަންނަތު އެމީހުން ކައިރީ އިށީނުމުން ނޫރު ވެސް އައިސް ޖަންނަތު ކުރިމަތީ ޖައްސާލި އެވެ. އިރުކޮޅަކުން އަބްޔާން އައީ ކޯކުފުޅިއެއް ހިފައި ގެނެވެ. އައިސް ޖަންނަތުއާއި ޖެހިގެން އިށީނެވެ.
“އޭ، ހިނގާ ދަތުރު ރާވަން.” އަބްޔާން އަހްޔާންއަށް ބަލައިލަމުން ބުންޏެވެ.
“ތީނު ރާވާ މީހާ.” އަހްޔާން ބުންޏެވެ.
“ޒައީމައްތައާ ހަވާލު ކުރާނީ ރާވަން.” އަބްޔާން އިނދެފައި ބުންޏެވެ.
“އާން، މަންމައާ ހަވާލުކޮށްލާ، ބޮލަށް ފަސޭހަ ވާނެ.” ސާރާ ހީލަމުން ބުނެލި އެވެ.
“ކޮން ދުވަހަކު ދާނީ؟” ޖަންނަތު އަހާލި އެވެ.
“ހިނގާ އޯވަރ ނައިޓަކަށް ދާން.” ނޫރު އިނދެފައި ބުންޏެވެ. “އަބީ ބައްޕަމެން ހިފައިގެން އެއުޅޭ ރަށް ކައިރީ އޮންނާނެ ކުރިން ރިސޯރޓް ހަދާފަ އޮތް ރަށެއް، މިހާރު ފަޅުވެފަ. އެތަން ވަރަށް ސަޅިވާނެ.”
“އޯވަރ ނައިޓަށް ދަންޏާ ގިނަމީހުން ނުދާނެ، ތިކަމަށް ޖެހޭނީ ވޯޓަކަށް ދާން.” މުޒައްފަރު ބުންޏެވެ.
“ގިނަމީހުން ނުދިޔަސް މައްސަލައެއް ނޫނޭ، އަހަރުމެން އެންމެނަށް ދެވެންޏާ ނިމުނީޔޭ.” އަބްޔާން ބުނެލި އެވެ.
“ނޫނޭ، އެހެން ހަދާކަށް ނުވާނެ.” ސާރާ ބުންޏެވެ.
“އުޅޭ ވޯޓަކަށް ދާން.” ނޫރު ބުންޏެވެ. އޯވަރ ނައިޓަށް ދާން ބޭނުން މީހުން އަތްމައްޗަށް ނަގާ.” އެހެން ބުނުމުން ޖަންނަތު ނޫން އެންމެން އަތް މައްޗަށް ނެގި އެވެ. އަބްޔާން ޖަންނަތުއަށް ބަލައިލާފައި ޖަންނަތު އަތުގައި ހިފާ މައްޗަށް ނެގި އެވެ. އެންމެން ހޭން ފެށި އެވެ.
“އޭ އަދި އެތިބަ މީހުން ކައިރީ ވެސް އަހަން ވާނެނު.” ޒައީމާމެން ތިބި ދިމާ ދައްކާލަމުން އަބްޔާން ބުންޏެވެ.
“މަ އަންނާނަން ވޯޓު ގުނައިގެން.” ނޫރު ތެދުވަމުން ބުނެލި އެވެ.
“ޖަންނަދައްތާ!” ޔަޒަން އައިސް ޖަންނަތު ކައިރީ ހުއްޓިލަމުން ގޮވާލި އެވެ. ޖަންނަތު ޔަޒަންއަށް ބަލައިލާފައި ޒައިދާން ކޮބައިތޯ ހޯދާލި އެވެ. އޭރު ޒައިމާ ޒައިދާންއަށް ކާއެއްޗިހި އަޅާފައި ހުރި ތައްޓެއް ދިއްކޮށްލަނީ އެވެ.
“ޔަޒަން، އާދޭ ކާން.” ޖަންނަތު އާއި އަބްޔާންއާއި ދޭތެރޭ ޔަޒަން ބައިންދަމުން ޖަންނަތު ބުނެލި އެވެ.
“އަބީބޭ، ކޮން އިރަކުން ފުޓުބޯޅަ ކުޅެން ޔަޒަން ގެންދާނީ؟ މިހާރު ޔަޒަންއަށް ސްކޫލް ވެސް ބަންދު.”
“ޔަޒަން ބުނެބަލަ ގަޑިއެއް.”
“މެންދުރު، އެއީ ޔަޒަން އެންމެ ފޫހިވާ ގަޑި.” ޔަޒަން އެހެން ބުނުމުން އަބްޔާން ޔަޒަންއަށް ބަލައިލި އެވެ.
“އެކަމަކު މެންދުރު އަބީބެ އުޅޭނީ އޮފިހުގަނު، އަނެއްކާ އެގަޑީ ވަރަށް ހޫނުގަދަ ވެސް ވާނެ.” ޔަޒަން އަތަށް ސޮސެޖެއް ދެމުން ޖަންނަތު ބުނެލި އެވެ.
“ތެދެއް، ހަވީރު ކުޅެން ހަދަން ވީނު. އޭރުން އަބީބެ ވެސް ހުންނާނީ ފްރީކޮން. އެއީ އަބީބެ އެންމެ ފޫހިވާ ގަޑި.” އަބްޔާން ބުނެލި އެވެ.
“އާން، އެހެންވެގެންދޯ ކޮންމެ ދުވަހަކު ހަވީރު އުނދޯލީގަ އޮންނަނީ.” ޔަޒަން އެހި އެވެ. އަބްޔާން ހީލަމުން ޔަޒަންގެ ބޮލުގައި ފިރުމާލި އެވެ. “އޯކޭ، ޔަޒަން ހަަވީރު އަބީބެ ކައިރިއަށް ދާނަން.”
“އޭ، ގިނަމީހުން ވޯޓު ދިނީ ވަން ޑޭ ޓރިޕް އަކަށް.” ނޫރު އައިސް އެތާ އިށީންނަމުން ބުންޏެވެ.
“އެއީ ކޮން ބައެއް؟ ނުދެވެނީ؟” މުޒައްފަރު އަހާލި އެވެ.
“މިއުޅޭ އަންހެން ގްރޫޕް، މަންމަމެން ނުފޮނުވާނެޔޯ އޯވަރ ނައިޓަށް.”
“ދެން ކިހިނެއް ހަދާނީ، ދެން ނުދެވެންޏާ ނުދާނީނު.” އަބްޔާން އިނދެފައި ބުނެލި އެވެ.
“މަންމަވެސް ގެންދަން ވީނޫންހޭ ބުނީމަވެސް އެމީހުން ގަބޫލެއް ނުވި.” ނޫރު ބުނެލި އެވެ.
“ދެން މަންމަމެން ނުގެންދެވޭނެނު، އޭރުން ޕްރައިވަސީއެއް ނޯންނާނެނު.” މުޒައްފަރު ބުނެލި އެވެ.
“ޒައީމާއްތަ އެއީ މަންމައެއް ނޫންތަ؟” ނޫރު އެހި އެވެ.
“ޒައީމާއްތަ ހާ ކޫލްއެއް ނުވާނެ ކޮންމެ މަންމައެއް. ޒައީމާއްތަ އެއީ ކޫލް މަންމައެއް. އަންޑަސްޓޭންޑިން ވާނެ ޒައީމާއްތައަށް.” އަބްޔާން ބުނެލި އެވެ. އެންމެން ވެސް އެކަމާ އެއްބަސް ވެލި އެވެ.
“ތިބުނީ ތެދެއް، އަހަރުމެނަށް މަންމަ ވަރަށް އިތުބާރު ކުރާނެ.” ސާރާ އިނދެފައި ބުނެލި އެވެ.
އެރެއަށް ފަހު ދެން ފެށުނީ ދަތުރު ރާވާށެވެ. އެކަމުގައި އިސްވެ އުޅެން ފެށީ އަބްޔާން އެވެ. އަބްޔާންއާއި އެކު ނޫރުއާއި އަހްޔާން ވެސް އުޅެ އެވެ. ޒައީމާގެ ހިޔާލު ވެސް ގިނަ ކަންތައްތަކަށް ހޯދި އެވެ. ކޮންމެއަކަސް ދަތުރު ދިއުމަށް ނިންމީ އަންނަ ހޮނިހިރު ދުވަހު އެވެ. ހުކުރު ކަޓުވާފައި ދަތުރު ދިއުމަށް އަބްޔާން ގަބޫލެއް ނުވި އެވެ.
ޖަހިގެން އައި ދުވަހު މޫސައާއި އެކު ޒީނަތު އައިސް ގެއަށް ވަންތަން އާޒަތުއަށް ފެނުނެވެ. މޫސަ އެއީ އެގެއަށް ވަދެއުޅޭ މީހެއް ނޫން ކަމުން ހައިރާން ވެފައި އާޒަތު ބަލަހައްޓައިގެން ހުއްޓެވެ.
“އާދޭ ބަދިގެއަށް.” ޒީނަތު މޫސަ ގޮވައިގެން ބަދިގެއަށް ދިޔަ އެވެ. އެމީހުން ފަހަތުން އާޒަތު ދިޔަ އެވެ.
“މީނީ، މި ކުޑަ ސިންކު ނަގާފަ މިތާ ބޮޑު ސިންކެއް ބޭނުމީ ބަހައްޓަން، އަދި މިދިމާލުގަ އޭގެ އުނދުނެއް.” މިހާރު ތެޔޮ އުނދުން ބައިންދާފައި އިން އަށި ދައްކާލަމުން ޒީނަތު ބުނެލި އެވެ.
“ތީ އެއްވެސް ކަމެއްނޫން… މާދަމާ ސައީދު މެންގޭގަ އުޅޭ ބަންގާޅީންނާ ވާހަކަ ދައްކާލާނަން.” މޫސަ ބުނެލި އެވެ.
“ކިހާ ވަރެއް ދާނެބާ ހުރިހާ ކަމަކަށް؟” ޒީނަތު އަހާލި އެވެ.
“މާ ބޮޑު އެއްޗެއް ނުދާނެ. އެމީހުނާ ވާހަކަ ދައްކާލީމަތާ އިނގޭނީ ވެސް.” މޫސަ ބުނެލި އެވެ. “ޒީ ހާސް ނުވޭ އަހަރެން ހަމަ ޖައްސާލާނަން.” އެހެން ބުނަމުން މޫސަ ނުކުމެގެން ހިގައްޖެ އެވެ.
ޒީނަތު އައިސް އުނދުން ހުރިތަނުން އަތުން މިންނަގާލި އެވެ. އާޒަތު ހައިރާން ވެފައި ހުރެ ޒީނަތު ހަދާގޮތް ބަލަން ހުއްޓެވެ.
“ދޮންތާ! ތީ ކޮން ކަމެއް؟” އާޒަތު އަހާލި އެވެ.
“މިއުޅެނީ ރޯދައަށް ބަދިގެ ރަގަޅު ކޮށްލަން، ޖަންނަތު އަބަދު އަތިރި މައްޗަށް ތެލިދޮންނަން ދާތީ ވެސް ދޮންތަ ވަރަށް ދެރަވޭ. މިހާރު މަދު މީހެއް ނޫނީ ތެލިދޮންނަން އަތިރިއަށް ނުދޭނު. އަނެއްކޮޅުން މި ކަހަލަ ތެޔޮ އުނދުން ވެސް މިހާރު މީހުން ބޭނުމެއް ނުކުރޭނު، އެހެން ވީމަ ގޭސް އުނދުނެއް ގަންނަން އިންނާނީ މޫސަ ކައިރީ ބުނެފަ.” ޒީނަތު ދައްކާ ވާހަކަ ގަބޫލު ނުކުރެވިފައި އާޒަތު ހުއްޓެވެ. އާޒަތު ކުއްލިއަކަށް ޒީނަތުގެ ނިތްކުރީގައި އަތްލި އެވެ. ހުން ހުރިތޯ ބަލައިލި އެވެ. “ހޫން، ހޫން، ދެން.” އާޒަތުގެ އަތް ނަގަމުން ޒީނަތު ބުނެލި އެވެ.
“އަހަންނަށް ގަބޫލު ނުކުރެވެނީ ތީ ދޮންތަ ދެއްކި ވާހަކަ ކަމަށް، އަނެއްކާ ތީ ދޮންތަތަ؟”
“އާން… ތިހެން ބުނެވިދާނެ، އަހަންނަކީ ކުރިން މިގޭ އެއްވެސް ކަމެއްގައި އިންވޮލްވް ވާ މީހެއްނޫން، އެކަމަކު އަހަންނަށް މިހާރު ވިސްނިއްޖެ. އަހަރެން އެންމެ ދޮށީ މީހާއަށްވެ ހުރެ ހުރިހާ ކަމަކުން އެއްކިބާވެގެން އަހަރެން ހުރީ. ހުރިހާ ޒިންމާއެއް ޖަންނައާ ހަވާލުކޮށްފަ. މިއަދު އަހަންނަށް ވިސްނިއްޖެ… ޖަންނަ މި ހުރިހާ ދުވަހު އުޅުން ހާލު މަށަށް ވިސްނިއްޖެ.” ޒީނަތު ފުންކޮން ނޭވާއެއް ލިއެވެ. އާޒަތު ހުރީ ބުނާނެ އެއްޗެއް ނޭގިފަ އެވެ.
“އާޒަތު، ޖަންނައާ މެދު ވެސް އަހަރެން ވިސްނަން ޖެހޭނެނު، އެންމެ މައްޗަށް މިގޭގަ ކިޔެވިފައި ވެސް ހުރީ އަދި އަހަންނަށް، ޑިޕްލޮމާ ގަޑެއްވެސް ޖަންނަގެ ނެތް. އެކަމަކު ވަޒީފާގެ ގޮތުން އަހަރެން މިއުޅެނީ ފިހާރައެއްގެ ސޭޓަކަށް، އޭނައަކީ އެ ގެސްޓް ހައުސްގެ އޯނަރގެ ޕާރސަނަލް އެސިސްޓެންޓް….. އަހަންނަށް އޭރު ލިބުން އެކަހަލަ ހުރިހާ ފުރުސަތެއް އަހަރެން ދުއްވާލީ އަހަރެންގެ ބޯ ގޯސްކަމުން… މިހާރު ދެން އެކަހަލަ ފުރުސަތެއް އަހަންނަކަށް ނެތް.” ޒީނަތު ބުންޏެވެ.
“ދޮންތާ! އަހަރެން މިއަދު ހަމަ ވަރަށް އުފާ ވެއްޖެ، ދޮންތައަށް ދޮންތަ ގެ ޒިންމާ ވިސްނުނީމަ އަހަރެން ވަރަށް އުފާ ވެއްޖެ… ވަރަށް ބޮޑަށްވެސް އުފާ ވެއްޖެ. މަށާ ތުއްތައާ ހީކޮށްގެން މިތިބީ ދޮންތައަށް ބަދަލެއް ނާންނާނެ ކަމަށް… ”
“އާޒަތު… ދޮންތައަށް މާފް ކުރޭ… އާޒަތު ތީ އަހަރުމެންގެ ހުރި ހަމައެކަނި ފިރިހެން ކުއްޖަކީ. ދޮންތައަށް ދިމާވާ ކަމެއްގެ ވެސް ޒިންމާ އެޅޭނީ އާޒަތުގެ ބޮލުގަ. އަނެއްކާ އަނެއްކޮޅުން އަހަރުމެން ތިން މީހުނަށް ވަލީވެސް ދޭން ހުރި މީހަކީ ތީ… ޕްލީސް ދޮންތައަށް މާފު ކުރާނަންތަ؟ ކުރިން އުޅުން ހުރިހާގޮތެއް ދޮންތަ ދޫކޮށްލައިފިން.”
“ދޮންތާ! އަހަރުމެން އަބަދުވެސް ދޮންތައަށް މާފް ކުރަން. އަހަރެން ވަރަށް އުފާ ވެއްޖެ.. އަދި ތިކަން ތުއްތައަށް އިގިއްޖެއްޔާ ވަރަށް އުފާވާނެ.”
ހަވީރު އަބްޔާން އޮތީ ހިރުދުގަސް ދަށުގަ އެވެ. ހެޑްފޯނު ކަންފަތަށް ޖަހައިގެން ލޮލުގައި އަވިއައިނު އަޅާލައިގެން އޮތެވެ. އެއީ މިހާރަކަށް އައިސް މިގަޑީގައި އަބްޔާން އޮންނަ ގޮތެވެ.
ކުއްލިއަކަށް އަބްޔާން ގައިގައި އައިސް ބޯޅައެއް ޖެހުމުން އަބްޔާން ބަލައިލި އެވެ. އޭރު ދާދި ކައިރީ ޔަޒަން ހުރެގެން ހެނީ އަބްޔާންއަށް ވީ ގޮތުންނެވެ. ތަންކޮޅެއް ދުރުގައި ޒައިދާން ބަލަހައްޓައިގެން ހުއްޓެވެ.
“ހިނގާ ބޯޅަ ކުޅެން… އަބީބެ ބުނީމެއްނު.” ޔަޒަން އަބްޔާން ކައިރިއަށް އައިސް ބުންޏެވެ. އަބްޔާން ވެސް ތެދުވެ ޔަޒަންއާ އެއްކޮން ބޯޅަ ކުޅެން ފެށި އެވެ. ޒައިދާން އައިސް އެތަނުން ޖޯލި އުނދޯއްޔެއްގައި ޖައްސާލައިގެން އޮތެވެ.
ފަތިސް ނަމާދުކޮށްގެން ޖަންނަތު ނުކުތީ ދަތުރުދާން ތައްޔާރު ވެގެންނެވެ. އަތުގައި އޮތް ދެމޭ ފޮތީގެ ހެދުމަކީ އޭނަ އަބަދުވެސް މޫދަށް ދާން ލާއުޅޭ ހެދުމެވެ. ޖަންނަތު ނިކުތް އިރު ޒީނާތު ހުރީ ދަތުރުދާން ތައްޔާރުވެގެން ނުކުމެ އެވެ.
“ޖަންނާ! ތިހެދުންގަނޑު ލައިގެންތަ ދަތުރު ދަނީ؟ ޓީ-ޝާޓެއް ކަހަލަ އެއްޗެއްވެސް ނެތީތަ؟”
“މި ކހިނެއްވީތަ؟ އަހަރެން އަބަދު ވެސް މި ލައިގެން މޫދަށް ގޮސް ހަދަނީ. މީ ވަރަށް ބާ ހެދުމެކޭ.”
“އެހެން ވީމަޔޭ. ދެން ކީއްކުރަންތަ ހެދުމެއް ލައިގެން ދަނީ. ދޭ ގޮސް ޓީ-ޝާރޓެއް ލާން… ދެން ވަރަށް ނުގުޅޭ ތިކަހަލަ ހެދުން ދަތުރާ.” ޖަންނަތު ހައިރާން ވެފައި ޒީނަތުއަށް ބަލައިލި އެވެ. ޖަންނަތު ލާއުޅޭ އެއްޗިއްސާ މީގެ ކުރިން ޒީނަތު ނުބެހެ އެވެ. ޖަންނަތު އަކީ މިޒަމާނުގެ ކުދިން ގޮތަށް ހެދުން އަޅަން އިނގޭ މީހެއް ނޫނެވެ. ބައެއް ފަހަރު އޮފީހަށް ދާން ފަހާ ހެދުމުގެ ޑިސައިން ދެނީ އާޔަތު އެވެ. “ދެން ދޭ ބަލަ ތި ބަދަލު ކުރަން… އަނެއްކާ ނެތީތަ ޓީ-ޝާރޓެއް ވެސް.”
“ޓީ-ޝާރޓް އެބަހުރި އެކަމު ދެން މި ފަސޭހަ ވީމަ.”
“ދޭ ޓީ-ޝާރޓެއް ލާން. ކޮންމެ ގޮތެއް ވިޔަސް ޓީ-ޝާރޓް މާ ފަސޭހަ ވާނެ.” ޒީނަތު އެހެން ބުނުމުން އިތުރު އެއްޗެއް ޖަންނަތު ނުބުނެ އެވެ. ޖަންނަތު ގޮސް އަލަމާރި ހާވަން ފެށި އެވެ. ޓީ-ޝާރޓެއް ނުލާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ކަބަޑުގެ ފަތްޖަހާފައި ހުރި އެއްޗިހި ތަކުގެ އެންމެ އަޑިން ދެތިން ޓީ-ޝާރޓް ޖަންނަތު ނެގިއެވެ. އެ ތިނެއްޗަށް ބަލައިލާފައި އެތަނުން ރަތް ކުލައިގެ ޓީ-ޝާރޓް ޖަންނަތު ނަގާ ލިޔެވެ. އަދިވެސް ހެޔޮވަރެވެ. އެއީ ސްކޫލް ދައުރުގައި ޖަންނަތު ލީ އެއްޗެކެވެ. ދެން ކަށިމައްޗާއި ހަމައަށް އަންނަ ހަރުވާޅެއް ނަގާ ލިޔެވެ. ޖަންނަތު އައިސް ލޯގަނޑުން ބަލައިލި އެވެ. އަދި އިސްތަށި ގަނޑު އައްސާލި އެވެ. އެއްސުމުން ކަންފަތް ކައިރިއަށް އިސްތަށިކޮޅެއް އެލިފައި އޮތެވެ. ރަބަރާ ހަމައަށް ނުފޯރާ އެ އިސްތަށިކޮޅު ކަންފަތުގެ ފުރަގަހަށް ޖަހާލަމުން ކޮޓަރިން ނުކުތެވެ.
“ވާއޮ… ތުއްތާ… ލުކް އެޓް ޔޫ.” އެވަގުތު ކޮޓަރިން ނިކުތް އާޔަތުއަށް ޖަންނަތު ފެނުމުން ބުނެލި އެވެ. “ޔޫ ލުކް ލައިކް އަ ޓީނޭޖަރ. ރިއަލީ.”
“އަސްލުތަ… ދޮންތަޔާ ހެދިޔޭ މި މިލީ.” ޖަންނަތު ޓީ-ޝާރޓް ގައި ހިފާލަމުން ބުނެލި އެވެ.
“ތުއްތަ އަށް ވުރެން ދޮންތަގެ ޓޭސްޓް އަބަދުވެސް ރަގަޅު ވާނެ ތިކަމުގަ. ދެން ހިނގާ އަވަހަށް ދާން… އެންމެން މިހާރު ބޭރުގަ އެބަތިބި.”
ޖަންނަތު ބޭރަށް ނިކުތް އިރު ޒައީމާމެން އެންމެން ވެސް ތިބީ ބޭރުގަ އެވެ. ޖަންނަތު ފެނުމުން ސާރާ އާއި ޒިޔާދާ ވެސް ޖަންނަތުއަށް ތަޢުރީފުކޮށްލި އެވެ.
“ކޮބާ، ކިހާ ރީތި. ޖަންނައާ ކިހާ ގުޅޭ.” ޒީނަތު ޖަންނަތާއި ދިމާއަށް ބުނެލި އެވެ.
“ތޭންކްސް ދޮންތާ!” ޖަންނަތު ހިނތުން ވެލަމުން ޒީނަތުއާ ދިމާއަށް ބުނެލި އެވެ.
އަތިރި މައްޗަށް ދިޔައިރު ވަރަށް ގިނަމީހުން އަތިރިމަތީ ތިއްބެވެ. އަބްޔާންއަށް ޖަންނަތު ފެނުމުން ބަލަހައްޓައިގެން ހުރެވުނީ އެވެ.
ނޫރު އައިސް އަބްޔާންގެ ކޮނޑުގައި އަތް އަޅުވާލި އެވެ.
“ބަލާލަ އެހެރަ ރީތި ކަމެއް. މަށަށް ހީވަނީ ޖަންނަ ދެކެ މަށަށް ލޯބި ވެވިއްޖެ ހެން.” އަބްޔާން ނޫރުއާއި ދިމާއަށް ކުއްލި އަކަށް ބަލައިލި އެވެ.
236 Comments
Comments are closed.
mi part kurin ves ki in…now beynunvanee 11th vana part..plx up dat part ASAP
ane part beynumee plx
Wow. V furihama. Aasi ge hirihaa vaahakaeh ehaa furihama. Vvvvvvvvvvvvvvv rythi mi part ves . I love aasi. Thi kuraa bura masah kathah Hama Saabas. Keep it up…
wow v nice dhen 13 vana part ga dhemeehun gulhu va bala. v furihama aasi ge hurihaa vaahaka ey ves
df 13th vana part ga edhemeehunnah realised kohdheeba..edhemeehun loabivaakan..☺
Vvvv reethi .whn is nxt part..waiting for the next part .. Avahah up koh baaaa