ކުޑަ ކުއްޖާ
މި ވާހަކައަކީ ހަގީގީ ޚާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔާ ޚިޔާލީ ވަހަކައެކެވެ. އެހެންކަމުން ވާހަކައިގައި ބޭނުންކުރެވިފައި ވާނީ އަސްލު ނަންތަކެއް ނޫނެވެ.
______________________________________________________________________________
އަހަރުތަކަކަށް ފަހު ރަށަށް އާދެވޭތީ އަލީމް ހުރީ ވަރަށްވެސް ހިތްހަމަ ޖެހިފައެވެ. ލޯބިވާ މަންމައާއި ބައްޕަ އަދި ކޮއްކޮ ދެކިލާހިތުން ކެތްމަދުވެފައި އަލީމު އިނެވެ. އޭރު އެއަރޕޯޓު ފެރީ ރަށާއި ގާތް ކުރަނީ އެވެ. މިވީ ދިހަ އަހަރު ދުވަސްތެރޭ ރަށަށް އައިސްފައިވާ ބަދަލުތަކާއި ތަރައްޤީ ފެނި އަލީމް އާޝޯޙު ވިއެވެ.
ފެރީ ޖެޓީއާއި ކައިރިކުރިއިރު ފެރީއިން އައި އެކި މީސްމީހުންގެ އާއިލާގެ މީހުން ޖެޓީ ދޮށަށް އެއްވެފައި ތިއްބެވެ. އަލީމް ވެސް ވަށައިގެން ނަޒަރުހިންގާލީ މަންމަމެންގެ ހިލަމެއް ވޭތޯއެވެ. އެވަގުތު މީހުންތަކު ތެރެއިން އަލީމް ލޮލުގައި އަޅައިގަތީ ކަޅު ހެދުމުގައި ހުރި މެދުުއުމުރުގެ އަންހެނެކެވެ. ކިތަންމެ ދުވަސް ވިޔަސް އަލީމްއަކަށް އަލީމްގެ މަންމަ ނުއޮޅޭނެއެވެ. ހަމަ އެވަގުތު މަންމަ އަތުގައި ހިފައިލައިގެން ހުރި އަލީޝާ ވެސް ފެނުނެވެ. އަލްކޮ މިހާރު ހާދަ ބޮޑުވެއްޖޭ އަލީމްގެ ހިތަށް އެރިއެވެ. އަލީމް މާލެ ދިޔަ އިރު އަލީޝާގެ އުމުރުން ވާނީ އެންމެ ފަސް އަހަރެވެ. މިހާރު އެހުރީ ބޮޑު ވެފައެވެ.
އަލީމްގެފައި ޖެޓީގައި ޖެހުނު ކަމެއް ނޭނގެ އެވެ. އިވުނީ ދޮންބެ އޭ ކިޔާ އަލީޝާ ބާރަށް ގޮވައިލި އަޑެވެ. އޭރު ދުވެފައި ކަހަލަ ގޮތަކަށް އަލީޝާ އާދެއެވެ. އަލީމް ކިތަންމެ ދުރުގައި ހުއްޓެއް ކަމަކު އަބަދުވެސް އަލްކޮ އާއި ފޯނުން ވާހަކަ ދައްކައެވެ. އަދި ދޮންބެ ރަށަށް ނާންނާތީ އެހާ ޝަކުވާ ވެސް ކުރެއެވެ.
އެކިވާހަކައިގައި ތިބެ ގެއާއި ހަމައަށް އާދެވިއްޖެއެވެ. އަލީމް ކޮޓަރިއަށް ވަނީ ފެންވަރާލައިގެން ސައިބޯން އައުމަށް މަންމަ އެދުމުންނެވެ. ސައިބޯން ތިބި އިރުވެސް އަލީޝާ ދިޔައީ އެކި ވާހަކަ ދޮންބެ އާއި ހިއްސާ ކުރަމުންނެވެ. ރަށުގައި ހިނގާ ކަންތައްތަކުގެ ވާހަކައެވެ. ސުކޫލުގައި ހިނގާ މަޖާ ކަންތައްތަކުގެ ވަހަކައެވެ.
“ރަށަށް އާދެވިއްޖެ ދޯ! އަހަރުން ހީކުރީ މާލޭގައި ރައްވެހިވީ ކަމަށް..” އެންމެންނަށް އެއްފަހަރާ ބަލާލެވުނީ ގެއަށް ވަދެގެން އައި ސާޖިދުގެ އަޑަށެވެ. ސާޖިދު އަކީ އަލީމްގެ ބޮޑުދައިތަގެ ދަރިއެކެ. ސާޖިދު މާލެ ގޮއްސިއްޔާ ހުންނަނީ އަލީމް ކައިރީ ގައެވެ. މިގޮތަށް ދާ ދިއުމުގައި މިދެކުދިންގެ މެދުގައިވަނީ ވަރަށް ގާތް ރަޙުމަތްތެރިކަމުގެ ގުޅުމެއް އުފެދިފައެވެ. ސާޖިދު ވެސް އަލީމް ދެކެނީ ގާތްތިމާގެ މީހަކަށްވުރެ ބޮޑަށް ގާތް ރަޚުމަތްތެރިއެއްގެ ގޮތުގައެވެ.
“އަހަނ.. އެކޮއެ އާދޭ ސައިބޯން..!” އަލީމްގެ މަންމަ ބުނެލިއެވެ. ސާޖިދުވެސް އެމީހުންނާއި ބައިވެރިވިއެވެ.
ސައިގެ ކަންތައް ނިންމާލުމައްފަހު ސާޖިދު ގެއައް ދިޔައީ މިރޭ ކޮފީ އަކަށްދާން ބަލާ އަންނާނެކަމަށް ބުނަމުންނެވެ. އަލީމް ވެސް ދަތުރު ވަރުބަލި ފިލުވާލަން ވަނީ ކޮޓަރިއަށެވެ.
ޢިޝާ ނަމާދުން އަވަދިވެގެން ގެއަށް އައި މަގުމަތީގައި ސާޖިދުއާއި ދިމާވެގެން ދެމީހުން އެކީ މިސްރާބުޖެހީ ރަށުގެ ދެކުނު ފަރާތުގައި ހުންނަ ކަޑަ އަކަށް ދިއުމަށެވެ. މަގުމަތީގައި ކޮންމެވެސް ވަރަކަށް ބޮކިދިއްލާފައި ވީ ނަމަވެސް އެހިސާބުގައި އިންދަފައިވާ ބޮޑެތި ގަސްތަކުގެ ސަބަބުން އެ ސަރަހައްދު އޮތީ ފުދޭވަރަކަށް އަނދިރިކޮށެވެ.
ކުޑަ އިރު ވަލުތެރޭގައި ފިލާ ކުޅެން އުޅުނެއްކަަމަކު މިހާރު އަލީމް މިފަދަ އަދިރި މަގުތަކުން ހިނގަންވެސް ޖެހިލުންވެއެވެ. އެކިއެކި ވާހަކައިގައި ތިބެ ދެމީހުން ކުރިއަށް ދިޔައެވެ. ވަކިހިސާބަކަށް ގޮސްފައި އަލީމް މަޑު ޖެހިލުމުން ސާޖިދުވެސް ކުޑަކޮށް ހިނގުން މަޑު ކޮއްލާފައި އެނބުރި ބަލާލިއެވެ. އޭރު އަލީމް ހުރީ އެތާ ހުރި ފަޅު ގެއަކަށް ބަލަހައްޓައިގެން ގަނބުވެފައެވެ. ސާޖިދު އައިސް ކޮނޑުގައި ޖަހާލުމުން އަލީމު ދިޔައީ ސިއްސައިގެންނެވެ. ސާޖިދު އަށް ބަލާލުމަށްފަހު އަނެއްކާވެސް އަލީމު ބަލާލީ އެ ފަޅުގެއާއި ދިމާލަށެވެ. ދެން ވީ ނުވީއެއް ސާޖިދުއަކަށް ނޭނގުނެވެ. ފެނުނީ ދުންފައި ޖަހައިފައި އަލީމް ދުއްވައިގަތް ތަނެވެ. ވީގޮތް އެގުމުން ސާޖިދު ގާތަށް އައީ ނުލަފާ ހިންޏެކެވެ.
އެއައި ބާރުމިނުގައި އައިސް އަލީމް ވަނީ ގެއަށެވެ. ގެއަށް ވަން ކަމެއް ނޭގި ކޮޓަރިއަށް ވަދެ ތަޅުލިއެވެ. އޭރު މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. މުޅި މީހަ ބިރުން ރޫރޫ އަޅައެވެ. އަލީމް ވަދެގެން އައިތަން ފެނި ސިޓިންރޫމުގައި ތިބި މަންމަ އާއި ކޮއްކޮ އެކަކު އަނެކަކުގެ މޫނަށް ބަލާލުމަށްފަހު ގޮސް ދޮރުގައި ޓަކި ޖެހިއެވެ. އަލީމް ދޮރު ހުޅުވަން އިރުކޮޅެއް ނެގިއެވެ. އަލީމް ހުރިގޮތް ފެނުމުން މަންމަ އާއި ކޮއްކޮ ވަކިން ހާސްވެއްޖެއެވެ. އޭރު ސާޖިދުވެސް އައިސް ވަންނަނީއެވެ. އަލީމް ފެނުމުން ސާޖިދު ފުރަތަމަ ފެށީ ހޭށެވެ. ވީގޮތް ކިޔައިދިނުމުން އަލީޝާ އަށް ވެސް ބާރަށް ހީ ގަނެވުނެވެ.
“އެއީ މިރަށުން އަބަދުވެސް ފެންނަ ކުއްޖެއް..! ދޮންބެ ހާދަ ފިޑިއޭ ދޯ..!” އަލީޝާ އަލީމް އަށް މަލާމާތްކުރާ ފަދަ ގޮތަކަށް އެހެން ބުނުމުން އަލީމް ލޯއަޅާލިއެވެ.
“ކޮއްކޮއަށް ފެނުނު ނަމަ އިނގޭނީ ފިނޑީ ކާކުކަން” ކުޑަކޮއް ހަމަޖެހިލާގޮތް ދައްކަމުން އަލީމް އެހެން ބުނެލުމަށްފަހު ވަނީ ފާޚާނައަށެވެ.
އެރޭ ނިދަން އޮވެވެސް އަލީމް އަށް ވިސްނެނީ އެކަންތަކާއި މެދުގައެވެ. ކޮންމެއަކަސް އެކަމުގެ ހަގީގަތް ހޯދުމުގެ ޝައުޤުވެރިކަން އަލީމްގެ ހިތުގައި އާލާވިއެވެ.
ޖެހިގެންއައި ދުވަހުގެ ހަވީރުގެ ވަގުތެވެ. އަލީމް މިސްރާބުޖެހީ ރަށުގެ ހޮޅުއައްޓާއި ދިމަލަށެވެ. އެހިސާބަށް ދެވުނު އިރު ހޮޅުއަށީގައި އެކި އުމުރުފުރައިގެ އަންހެނުންނާއި ފިރިހެނުން ތިއްބެވެ. އަލީމްވެސް އެތަނުން އުނދޯއްޔެއްގައި އިށީނދެލިއެވެ. އަދި އެތާގައި އިން މުސްކުޅި ފުރައިގެ މީހަކު އަލީމް އާއި ވާހަކަދައްކަން ފެށިއެވެ. އަލީމްވެސް އެކި ވާހަކަ ދައްކަމުންގޮސް އަސްލު މައުޟޫއަށް ވާހަކަފެށިއެވެ. އެއާއިއެކު ރޭގައި ހިނގައިދިޔަ ކަންތައް އިސްމަޢީލުބެއަށް ކިޔައިދިނެވެ.
“ކޮއްކޯ.. ތިއީ ބޭބެމެން ހަނދާންހުންނަން ފެށީއްސުރެ މިރަށުގަ އުޅޭ ކުއްޖެއް.. ވަރަށް ގިނަމީހުނަށް ފެނިފަ ހުންނާނީ” އިސްމާޢިލްބެ ވާހަކަދައްކަމުން ދިޔައެވެ. އަލީމް ވަރަށް ޝައުގުވެރިކަމާއި އެކު އަޑުއަހަން އިނެވެ.
** ** ** ** ** ** ** ** ** ** **
އެއީ އަށާރަވަނަ ގަރުނުގެ މެދުތެރޭގެ އަހަރުތައް ގުނަމުންއައި ދުވަސްވަރެވެ. އޭރު ދިވެހިން ތަހުޒީބޭ މިކިޔާއެއްޗެއް ނުވެސް ދަނެއެވެ. ވެރިރަށް މާލެ އެކޭ ރާއްޖޭގެ އެހެން ރަށެކޭ މާބޮޑު ތަފާތެއްނެތޭ ބުންޔަސް ދޮގަކަށް ނުވާނެއެވެ. އޭރު ދިވެހިންވަނީ ދެބައިވުމެއްނުވާ އަޚުވަންތަކަމުގެ މާތް ގުޅުމަކުން ގުޅިލާމެހިފައެވެ. ހިޔާވަހިކަން ހޯދަމުންދިޔައީ ފަން ޖިފުޓީގެ އެހީގައެވެ. ރޭގަނޑު ނުވައެއްގެ ފަހުން ރަށުތެރެއިން އިވޭނީ ހަމައެކަނި ދޫނި ސޫފާ ސޫފީގެ އަޑާއި އަދި އެހެންވެސް މިފަދަ ގުދުރަތީ އަޑުތަކެވެ. ސަބަބަކީ ގިނަ ރަށްތަކަށް ކަރަންޓު ނުލިބޭތީއާއި ކަރަންޓު ލިބޭ މަދު ރައްތަކުގައިވެސް އަށެއް ނުވަތަ ނުވައެއް ޖަހާއިރު ކަރަންޓު ކެނޑޭތީއެވެ.
ކޮންމެއަކަސް މި ކިޔައިދެވުނީ އޭރުގެ ދިވެހިންގެ ވާހަކައެވެ. ދެން މި ކިޔައިދެނީ އެޔައްވުރެންވެސް އަޖައިބު ކުރުވަނިވި ކަމެއްގެ ވާހަކައެވެ.
** ** ** ** ** ** ** ** ** **
ތިނަދޫ އަކީ ގ.ދ އަތޮޅުގެ ނިސްބަތުން އާބާދީ ބޮޑު ރަށެކެވެ. އައިމިނަ އާއި އަލިފުޅަކީ ރަށުގައި ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުންދާ ދެމަފިރިންނެވެ. އުމުރުން އެންމެ ފަނަރަ އަހަރުގައި އައިމިނަ އަލިފުޅާއި ކައިވެނިކުރިއިރު އަލިފުޅުގެ އުމުރުންވެސް ވާނީ ސަތާރަވަރަކަށް އަހަރެވެ. މި ކައިވެންޔަކީ އަލިފުޅުގެ ބައްޕަ ނިޔާވިއިރު ކޮއްފައިވާ ވަސިއްޔަތެކެވެ. އެހެން ނަމަވެސް އައިމިނަ މި ކައިވެންޔާ ރުހި ގަބޫލެވެ.
މި ކައިވެންޔަށް ވިހި އަހަރު ވެގެން ގޮސްފައިވާ އިރުވެސް މި ދެމަފިރިންގެ އުނގު ފަޅުފިލުވައިދޭނޭ ކުއްޖަކު ވަނީ ނުލިބިފައެވެ. މިކަމާއި އައިމިނަ ވަރަށް ހިތާމަ ކުރެއެވެ. އަލިފުޅުގެ ޙާލަކީވެސް މިއީއެވެ. އެހެންނަަމަވެސް އަލިފުޅު އެކަން އައިމިނަ އަށް އެނގުނަނުދީ އުޅެވޭތޯ ވަރަށް މަސައްކަތް ކުރެއެވެ. އަލިފުޅުވެސް ކިތަންމެހާވެސް ދަރިއަކު ބޭނުމެވެ. އެކަމަކުވެސް ކުރާނީ ކީއްހެއްޔެވެ! މާތްކަލާނގެ އެމީހަކަށް މިންވަރުކުރެއްވި ގޮތަކަށް ޝުކުރުވެރިވުން ނޫން ގޮތެއް ނެތެވެ.
މިވީހާ ދުވަސްތަކުގައި އަިމިނައަށް ނުކުރާކަށް ބޭހެއް ނެތެވެ. ނުދަމާކަށް ތެލެއް ނެތެވެ. ނުވިތާކަށް އައިމިނަގެ ބައްޕަ އީސާފުޅު ވަނީ މިކަމަށް ބަލަންޖެހޭ ފާލެއް ބަލައި ފަންޑިތަވެސް ހަދާފައެވެ. އެހެން ނަމަވެސް މިކަމަށް އަލިމަގެއް ފެންނަ ގޮތެއް ހަަމަ އެއްގޮތަކަށްވެސް ނުވިއެވެ.
ދަރިއެއްގެ ފޮނި އުއްމީދުގައި ދުވަސްތައް ފާއިތުވަމުންގޮސް މި ދެމަފިރިންގެ ކައިވެނީގެ ރިހިޔޫބީލް ފަހަނަ އަޅާ ގޮސް ތިރީސް އަހަރުވެސް ފުރުނީއެވެ. އަދިވެސް އައިމިނަގެ ދެމަފިިރިންގެ ޢަޒުމަކަށް ބަދަލެއް ނާދެއެވެ. މާތްﷲ އަށް ވަކީލުކޮށް އެކަލާނގެއަށް ދުޢާ ދެންނެވުމުގައި ވަރުބަލިކަމެއް ނެތި ދެމިތިއްބެވެ.
** ** ** ** ** ** ** ** ** **
އަލިފުޅަކީ ރާވެރިއެކެވެ. މިކަމުން މާބޮޑު އާމްދަނީއެއް ނުލިބެއެވެ. ބައްޕަ ނިޔާވުމާއި ގުޅިގެން އާއިލާގައި ހަގަށް ތިބި ތިން ކުދިންގެ ޚަރަދުތައްވެސް ބަލަހައްޓަން ޖެހުނީ އަލިފުޅަށެވެ. ރާއަރައިގެން ލިބޭއެއްޗަކުން ގިނަފަހަރަށް އަނގަޔާ އަތާ ދިމާނުވެއެވެ. އެހެންކަމުން އައިމިނަވެސް އާމްދަނީ ހޯދުމަށް ފަންގިވިނުމުގެ މަސައްކަތް ފެށިއެވެ.
އަވައްޓެރިއަކާއި އެކީ ފަންގިވިނުމުގައި އައިިމިނަ އަވަދިނެތި އުޅުނު ދުވަހެކެވެ. އާދައިގެ މަތިން އަލިފުޅުވީ ރުކަށްއަރާން ގޮހެވެ.
” އަހަރެން އަންނާނަން މި ފަންބޮޑި މޫދުގަ އަޅާފަ. މިހާރު އެއޮއް އިރު އޮއްސެނީ” މިހެން ބުނެ ހަލުވި ފިޔަވަޅުތަކެއްގައި އައިމިނަ ހިނގައިގަތީ ގެއާއި ވީ ފަރާތުން އަތިރިމައްޗަށެވެ. އިރުއޮއްސި އަނދިރިވުމުގެ ކުރިން އެނބުރި ގެއަށް އައުމުގެ ނިޔަތުގަ އެވެ.
އައިމިނަމެންގެ ގެ ހުންނަނީ ހުޅަނގު ފަރާތުން އަތިރިއަށް ވާގޮތަށްކަމުން އެހިސާބަށްދާކަށް މާ ގިނަ އިރެއް ނުނަގައެވެ. އޭރު ކޮންމެވެސް ވަރަކަށް އަނދިރިވާން ފަށައިފިއެވެ. މުޅި އުދަރެސް ރަތްވިލާ ތަކުން ވަށާލެވިފައިވާއިރު ގަސްބޯ އެ ސަރަހައްދު ސިފަވަނީ ވަރަށްވެސް ނާމާންކޮށެވެ.
އެހެން ނަމަވެސް އައިމިނަގެ މޫނުމަތިން އެއްވެސްކަހަލަ ކަންބޮޑުވުމެއް ފެންނާކަށް ނެތެވެ. އައިމިނަގެ އެއްވެސް ފަރުވަލެއް ނެތެވެ. ވާނީވެސް އެހެންތާއެވެ. އެއީ އައިމިނައަށް އާކަމެއް ނޫންވިއްޔާއެވެ.
އައިމިނަ މަޑުކުރުމެއްނެތި ގޮސް ތޮށިގަނޑުމަތީ ހެދިފައިއޮތް ފެންގަޑެއްގައި ފަންބޮޑި ބޭއްވުމަށްފަހު އޭގެ މައްޗައް އެތަނުން ދެތިން ގާ ލުމައްފަހު އެނބުރި ގެއައްދާން ހިގައިގަތެވެ.
އައިމިނަގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ އެދިމާ ގަސްތަކު ތެރެއިން ކުޑަކުއްޖެއްގެ ކުކުރުމުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އަޑު އައި ދިމާލަށް އައިމިނަ ދެތިން ފިޔަވަޅެއް އަޅައިލީ އެއީ ހީވި ހީވުމެއްތޯ ޔަގީންކޮށްލުމުގެ ނިޔަތުގައެވެ. ނަމަވެސް ފެނުނު މަންޒަރަކުން އައިމިނަގެ ހަރަކާތް ހުއްޓުނު ކަހަލައެވެ. ފަހަތަށް ޖެހިލެވުނީ ބޭއިޚްތިޔާރުގައެވެ. މިފެންނަނީ ހަގީގަތެއްތޯ ގަބޫލުކުރަން ދަތިވި ކަހަލައެވެ. އެހެންކަމަށްވާނަމަ އެއީ ހާދަ ރަހުމް ކުޑަ އިންސާނެކެވެ. އެ ކުއްޖާ އެހާލަށް ދޫކޮއްލަން ކެރުނީ ކޮންފަދަ މަޔަކަށް ބާވައެވެ. އެމީހެއްގެ ހިތުގައި މައިވަންތަކަމުގެ ކުޑަވެސް ރަހުމެއް ނުހިގަނީ ހެއްޔެވެ! މިއީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ! ހިތައް އަރާ ފައިބަމުންދިޔަ ސުވާލުތަކުން އައިމިނަގެ ބޯ ހާސްކުރުވަމުން ދިޔައެވެ.
އާއެކެވެ. އައިމިނައަށް މި ފެންނަނީ ހަމަ ހަގީގަތެވެ. ގަސްތަކުތެރެއިން އައިމިނައަށް އެ ފެންނަނީ ވިހޭތާ މާގިނައިރުތަކެއް ނުވާ ތުއްތު ކުއްޖެކެވެ. މިކުއްޖާގެ ހާލު ފެނި އައިމިނަގެ ހިތް ހަމްދަރުދީއިން ފުރި ބަންޑުންވިކަހަލައެވެ. އައިމިނަ އެކުއްޖާ ނަގާ ގަޔާލާ ބޮނޑިކޮއްލިއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އައިމިނަގެ ހިތުގައި މައިވަންތަކަމުގެ ރޫޙު އާލާވެގެންދިޔައެވެ. މަޑުކުރުމެއްނެތި އައިމިނަ މިސްރާބުޖެހީ ގެއަށް ދިއުމަށެވެ.
އައިމިނައަށް ގެއަށް އާދެވުނުއިރު އަލިފުޅު އައިމިނަ ލަސްވެގެން އުޅުނެވެ. އަލިފުޅަށް އިތުރު ހައިރާންކަމެއް ލިބުނީ އައިމިނަގެ އަތުގައި އޮތް ކުއްޖާ ފެނުމުންނެވެ.
“ތިއީ ކޮންކުއްޖެއް؟” “ހާދަ ލަސްވީ؟” އަވަސް އަވަހަށް އަލިފުޅު ސުވާލުކުރަން ފެށިއެވެ. އައިމިނަ ކަންވީގޮތް ކިޔައިދިނެވެ.
“ތިކަން ވާނީ ރަށުގެ އިސްވެރިންނަށް އަންގަން” ވަރަށް ހައިރާންވެހުރެ އަލިފުޅު ބުންޏެވެ. އެއަށްފަހު އެބައަންނަން ކަމަށްބުނެ އަވަސް ފިޔަވަޅުތަކެއްގައި ހިނގައިިގަތެވެ.
ދެދުވަސް ވަންދެން ބެލި ބެލުމުން އެއްވެސްމީހަކު ވިހާފައިވާކަން އެގޭގޮތެއް ނުވިއެވެ. އެންމެފަހުން އައިމިނަގެ ދެމަފިރިން ނިންމީ އަމިއްލަ ދަރިއެއްފަދައިން އެކުއްޖާ ބަލާށެވެ. ދަރިންނަކީ ކިހާބޮޑު ނިއުމަތެއްކަން އެންމެ ބޮޑަށް ވިސްނޭނީ އައިމިނަ ފަދަ އެ ނިޢުމަތުން މަޙްރޫމްވެފައިވާ މީހަކަށެވެ. ކޮންމެއަކަސް އައިމިނަ އެ މަސްއޫލިއްޔަތާ ހަވާލުވީ ވަރަށްވެސް ހިތްހަމަޖެހުމާއި އެކީއެވެ. ﷲގެ މިންވަރުފުޅަށް ޝުކުރުވެރިވާ ހާލުގައެވެ.
ދުވަސްތައް ފާއިތުވަމުންގޮސް އައިމިނަމެންގެ ދަރިފުޅަށް އަހަރެއް ފުރެން ގާތްވަނީއެވެ. އެއް ރެއެއްގެ ދަންވަރުގެ ވަގުތެވެ. ކުޑަ ކުޑަ އަހުމަދަށް ހޭލެވުނީ މެންދަމުން އަލިވެ ތިނެއް ޖަހަން ގާތްވެފައި ހުއްޓައެވެ. ލޯ ހުޅުވާލުމަށްފަހު އިރުކޮޅަކު މައްޗަށް ބަލަންއޮތުމަށްފަހު ކައިރީގައި އޮތް އައިމިނައަށް ބަލާލިއެވެ. އޭރު ޖެހިގެން ހުރި ކުޑަ އަށީގައި އަލިފުޅު ނިދާފައި އޮތެވެ. އަހުމަދަކީ އަދި ރަގަޅަށް ނުވެސް ހިނގޭ ކުއްޖެކެވެ. ނަމަވެސް އަމަލުތަށް ހުރިގޮތުން ހީވަނީ ބުއްދިހަމަޖެހޭ ބޮޑު މީހެއް ހެނެވެ. އައިމިނަ އޮތީ ނިދައިފައިކަން ޔަގީންކޮއްލާ ކަހަލަގޮތަކަށް ބަލާލުމަށްފަހު ތެދުވެގެން ހިނގައިގަތީ ބޭރުދޮރާއި ދިމާއަށެވެ. ހިނގާފައި ދިޔަލެއް ފަރިތަކަމުން އެއީ އެއްއަހަރު ނުފުރޭ ކުޑަކުއްޖެކޭ ބުނެވޭނޭ އެއްވެސް ޖާގައެއް ނެތެވެ. އެދިޔަ ގޮތަށް ގޮސް ބޭރު ދޮރުގެ މަކުޑި ނައްޓާލުމަށްފަހު ވަރަށް ސިއްރުސިއްރުން ބޭރަށް ދެމިގަތެވެ.
މުނާޖާގޮވާއަޑަށް އައިމިނައަށް ހޭލެވުނުއިރު އަލިފުޅު އޮތީ ގަދަނިދީގައެވެ. އަހުމަދުވެސް ވަރަށް އަރާމުގައި ނިދާފައި އޮތެވެ. އަލިފުޅަށް ގޮވުމަށްފަހު އައިމިނަ ގޮސް ފާޚާނާއަށް ވަނެވެ. ފަތިސްނަމާދު ކޮށް އަވަދި ވެގެން އައިމިނަ އަވަސްވެގަތީ ގޭތެރޭގެ މަސައްކަތައިގެނެވެ.
“އައިމިނާ، ކޮބާ މިއަދު ސައިބޯން ހުރީ ކޯއްޗެއް؟” ފަތިހު ރުކަށް އަރައިފައި އައިސް ވަރުބަލިކަމާއެކީ އަށީގައި އިށީންނަމުން އަލިފުޅު އައިމިނައަށް ގޮވާލިއެވެ.
“މިއަދު ވަކި ޚާއަސް އެއްޗެއް ނަހަދަން.. ހަމަ ގަބުޅިއާއި ހަކުރާ!” އައިމިނަ ބަދިގޭގައި އިނދެ ޖަވާބުދިނެވެ.
“ކޮބާތަ އެސޮރު؟ އަދިވެސް ނުތެދުވޭތަ؟” އަލިފުޅު އަނެއްކާވެސް ކޮއްލީ ސުވާލެކެވެ.
“އާނ..!” އައިމިނަ މިހެން ބުނުމުން އަލިފުޅު ވަނީ ގޭތެރެ އަށެވެ.
“އައިމިނާ….!!!!” ގެއަށް ވަންގޮތަށް އަލިފުޅު ހަޅޭއްލަވައިގަތެވެ.
ސައިތައްޓަކާއި ސައިތައްޓެކެވެ.. ފަޔައްލެވުނުހާ ބާރެއް ލައިފައި އައިމނަ އައިސް ވަނީ ގޭތެރެއަށެވެ. ގޭތެރެއަށް ވަންގޮތަށް ފެނުނު މަންޒަރަކުން އައިމިނައަށް ވެސް ވީ އަލިފުޅަށްވެސް ވީކަހަލަ ގޮތެކެވެ. އަހުމަދު ހުރީ އަށިމައްޗަށް ކޮޅަށްއަރާ ފުންމާށެވެ. އައިމިނަ ހައިރާންވީ އަހުމަދަށް އެހާ އަވަހަށް ހިގައިގަނެވުނީމައެވެ. އެއަށްވުރެވެސް އަޖައިބު ކުރުވަނިވި ކަމަކީ އެހާ ފަރިތަ ކަމާއެކީ ހަރަކާތްތެރިވެ އުޅޭތީއެވެ. ވާނީވެސް އެހެންތާއެވެ. އަހުމަދަށް ފިރުކިގަނެވުނުތާ އަދި ހަފްތާއެއް ނުވޭވިއްޔާއެވެ.
އައިމިނައާއި އަލިފުޅަށް ތިބެވުނީ އާގަމަ ވެފައެވެ. ލިބުނު ހައިރާންކަމާ އެއްވަރަށް ދެމަފިރިން އުފާވެސް ވިއެވެ. އަލިފުޅަށް ބަލާލުމަށްފަހު އައިމިނަގޮސް އަހުމަދު ނަގާ މެޔާލާ ބޮޑިކޮއްލިއެވެ. އޭރުވެސް އަލިފުޅު ހުރީ ހުއްޓުން އަރާފައެވެ.
** ** ** ** ** ** ** ** ** **
ދުވަސްތައް މިގޮތުގައި ފާއިތުވަމުންގޮސް އަހުމަދަށް ފަސްއަހަރު ފުރުނީއެވެ. އަހުމަދުގެ ފަރާތުން ފެންނަމުންދިޔަ އާދަޔާޚިލާފު ކަންތައްތަކަށް މާބޮޑު ފަރުވާލެއްނުބަހައްޓާ އަލިފުޅުގެ ދެމަފިރިން ދިޔައީ އެ ދަރިފުޅަށް ބޭނުންވާ ލޯތްބާއި އަޅާލުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެމުންނެވެ.
އާދައިގެމަތިން ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު އުޑުމަތި ބަނަކޮށް އޮތުމާއިވެސް އެކީ އައިމިނަމެން ނިދަން ވަނީ ތަންކޮޅެއް އަވަހަށެވެ. ނަސީބަކުން މާގިނަ އިރުތަކެއް ނުވަނީސް އަހުމަދު ނިދައިފިއެވެ. އައިމިނަވެސް އެހެން އޮންނަތާ މާގިނަ އިރުތަކެއް ނުވަނީސް ނިދިއްޖެއެވެ.
އަލިފުޅަށް ހޭލެވުނީ އަތިރިއަކަށް ދާންޖެހިގެންނެވެ. އޭރު ގަޑިން މެންދަމުންއަލިވެ ތިނެއް ޖަހަނީއެވެ. ވަރަށް ބޯކޮށް ވާރޭވެސް ވެހެމުން ދިޔައެވެ. ފުރާޅުންފައިބަމުންދިޔަ ފެންތިކިތަކެއް ގޭގެ ކަނެއްގައި ބަހައްޓާފައި ހުރި ފެން ބަނޑިޔަލުގައި ޖެހޭތީ އެއިން މުޅި ގޭތެރޭގައި ވަނީ މަޑު މިޔުޒިކެއް ކުޅެލާފައެވެ. ފުޅި ބައްތީގެ މަޑު އަލި ފިޔަވާ އެހެން އެއްވެސް އަލިކަމެއް ފެންނާކަށްނެތެވެ.
އަޅިފުޅު އަށިން ތެދުވެ އިށީދެލި ވަގުތު ގެއިން ބޭރަށް ނިކުންނަން ހުރި ދޮރާއި ދިމާލުން އަޑެއް އިވޭހެން ހީވެ އެދިމާލަށް ބަލާލިއެވެ. އޭރު އަހުމަދު ދޮރުން ބޭރަށް ދެމިގަތްތަން އަލިފުޅަށް ކިތަންމެ ރީއްޗަކަށްވެސް ފެނުނެވެ. އަލިފުޅަށް ތެޅިގަނެވުނެވެ. ދެވަނަ ސިކުންތުގައި އަލިފުޅު ބަލާލީ އައިމިނަ އޮތް އައްޓަށެވެ. އެއާއެކު އަވަސް އަވަހަށް ބޭރަށް ބޯދިއްކޮއްލިއެވެ. ނަމަވެސް އަހުމަދު ފެންނާކަށް ނެތެވެ. އޭރުވެސް ވެހެމުންދިޔަ ވާރޭއަކަށް ބަދަލެއް ނާދެއެވެ.
ލިބުނު ހައިރާންކަމާ އެކު އަލިފުޅު އަވަސް އަވަހަށް އައިމިނަ އަށް ގޮވިއެވެ. އަލިފުޅު ބުނި އެއްޗެއް އައިމިނައަށް ފަހުމްވާން އިރުކޮޅެއް ނެގިއެވެ. އެއާއިއެކު ތެޅިގަނެފައި އަށިން ތެދުވިއެވެ. އައިމިނަ ހީވަނީ ދެންމެ ދެންމެ ނުކުމެގެން ހިގައިދާނެހެނެވެ. އަހުމަދު މިގަޑީގައި ދާނީ ވެސް ވަކި ކޮންތާކަށް ބާއެވެ. އަނެއްކާ މީހަކު އަހުމަދު ގެންދިޔައީ ބާއެވެ. މިފަދަ ޚިޔާލުތަކަކުން މި ދެމަފިރިންގެ ބޯ ހާސްކުރުވަމުން ދިޔައެވެ. އެކަމަކު މިއޮއް ދަންވަރު އެހާމެ ބޯ ވިއްސަރައިގަ އަހުމަދު ހޯދަން ދާނީވެސް ވަކި ކޮންތާކަށްހެއްޔެވެ. އަހުމަދު އަންނަންދެން މަޑުކުރުން ނޫނީ އިރުއަރަންދެން ކެތްކޮއްލުން ނޫންގޮތެއް ނެތެވެ. އައިމިނަ އަށް އެއްތާކު މަނޑުން އިނދެވޭކަމަކަށް ނުވެއެވެ.
މުނާޖާ ގޮވީވެސް މިފަދަ ގޮތެއްގައި އައިމިނަ ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓައެވެ. ވާރޭވެސް ތުނިކޮށްލައިފައި ވުމާއެކު އަލިފުޅު ގެއިންނުކުތީ ފަތިސް ނަމާދު ކޮށްގެން އަހުމަދު ހޯދަންދާނެކަމަށް ބުނެފަައެވެ. ފަތިސްނަމާދަށް ފަހު އަހުމަދު ހެޔޮހާލުގައި ވުންއެދި އައިމިނަ ރޮއެރޮއެފައި ދުޢާ ދެންނެވިއެވެ. ފަތިސް ނަމާދުން އަވަދިވެގެން އައިމިނަ އެނބުރިލިއިރު އަހުމަދު އޮތީ އަރާމުކޮށް ނިދާލާފައެވެ. ލިބުނު ހައިރާން ކަމާއެއްވަރަށް އައިމިނަ އެހާމެ ބިރުވެސްގަތެވެ. ހަމަގައިމުވެސް ގެއަށް މީހަކު ވަންނަމަ އައިމިނައަށް ނޭނގިނުދާނެއެވެ.
އެވަގުތު ގެއަށްއައިސް ވަން އަލިފުޅަށް އަހުމަދު ފެނުމުން ސުވާލުންފުރިފައިވާފަދަ ގޮތަކަށް އައިމިނައަށް ބަލާލިއެވެ. އައިމިނަ ވީގޮތް ކިޔައިދިނުމުން އަލިފުޅުގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ކޮންމެވެސް ނުބައެއް އުޅޭކަމުގައި އަލިފުޅުގެ ހަވަނަ ހިއްސު އަލިފުޅަށް ވިސްނައިދިން ކަހަލައެވެ. އައިމިނައަށް ބަލާލުމަށްފަހު އަލިފުޅު ނުކުތީ ބޭރަށެވެ. އައިމިނަވެސް ވަރަށް ކަންބޮޑުވެފައި ހުރެ މިސްރާބުޖެހީ ބަދިގެއާއިވީ ފަރާތަށެވެ.
“ދަރިފުޅާ އަހުމަދާ.. ރޭގަ ދަރިފުޅު ބޭރަށް ދިޔައިންތަ؟” އަހުމަދު ހޭލައިގެން އައުމުން އައިމިނަ ފުރަތަމަވެސް ކޮއްލީ އެ ސުވާލެވެ. އަހުމަދު ފާޑަކަށް ބަލާލުމަށްފަހު ހަމައެކަނި ބޯ ހޫރާލީއެވެ. އައިމިނަ ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ.
“އަހުމަދު ދޮގުވެސް ހަދަންފެށީތަ؟ ބައްޕަ ބުނި އަހުމަދު ރޭގަ ބޭރަށް ނުކުންނަނިކޮށް ދެކުނީމޭ.. ކޮންތާކަށް ދިޔައީ؟” ކުރަންހުރި މަސައްކަތް ހުއްޓާލުމަށްފަހު އައިސް އަހުމަދު ކައިރީ ހުއްޓިހުރެ ސުވާލުކޮއްލިއެވެ. ދެންވެސް އަހުމަދުގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުނެވެ. އައިމިނަ އެހާވަރަށް ސުވާލުކުރުމުންވެސް ބޯ ހޫރާލުން ފިޔަވާ އިތުރު ކަމެއް އަހުމަދު ނުކުރިއެވެ.
އެވަގުތު ގެއަށް ވަދެގެންއައި އަލިފުޅުގެ މޫނުމަތިން ފެންނަންހުރީ މާޔޫސްކަމެވެ. އައިމިނަ އަވަސްއަވަހަށް ވީ ކީއްތޯ ސުވާލުކޮއްލިއެވެ. އަލިފުޅުގެ ވާހަކަ ނިމުނުއިރު އައިމިނައަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އަހުމަދުގެ ފަރާތުން އެންމެ ކުރީއްސުރެ ފެންނަމުންއައި އާދަޔާޚިލާފު ކަންތައްތަކުގެ އަސްލު އަދިކިރިޔާ މި އެނގުނީއެވެ. އާއެކެވެ. އަހުމަދަކީ ތި ހީކުރާ ކަހަލަ ކުއްޖެއް ނޫނެވެ. އަހުމަަދަކީ އިންސިއެއްގެ ދަރިއެއް ނޫނެވެ.
އަލިފުޅު ފާލުބަލައިގެން އެނގުނު ގޮތުގައި އަހުމަދު ވިހޭރޭ އަހުމަދުގެ (ޖިންނި) މަންމަ މަރުވީއެވެ. އެވަގުތު ވީ އައިމިނައަށް އެތަނަށް ދެވުނު ވަގުތު ކަމުން އަހުމަދުގެ މަންމަ އަހުމަދު އެތަނަށް ދޫކޮއްލީއެވެ. އެއީ އައިމިނަ އެ ދަރިފުޅު ލޯބިން ބަލާބޮޑުކުރާނެ ކަމުގެ ޔަގީންކަން އޮތުމާއިވެސް އެކީގައެވެ. އައިމިނަ މެންނަށް ނޭގުނަސް އަހުމަދަށް އަށްމަހުން ފެށިގެން އަހުމަދު ބޭރަށްނުދާ އެއްމެ ރެއެއްވެސް ފާއިތުވެ ނުދެއެވެ. އެހެން ނަމަވެސް އަހުމަދު ދަނީ ކީއްކުރަންކަން އަދި އަދަށް ދާންދެންވެސް އޮތީ ވަންހަނާ ވެފައެވެ.
** ** ** ** ** ** ** ** ** ** ** **
“ދެން އެމީހުން އެ ކުއްޖާ އަށް ކިހިނެއް ހެދީ؟” އިސްމާއީލްބެގެ ވާހަކަ މެދުކަނޑާލަން ޖެހުނީ އަލީމް ކޮއްލި ސުވާލަކުން ނެވެ. “އެނގިފައިވާ ގޮތުން އަލިފުޅުގެ ދެމަފިރިން މަރުވަންދެންވެސް އަހުމަދަށް އަޅާލާ ދަރިއެއް ފަދައިން ބެލި. އަދި އަލިފުޅުގެ ދެމަފިރިން މުސްކުޅިވީ ދުވަހު އެ ދެމަފިރިންގެ ހުރިހަ ކަމެއްވެސް ކޮއްދިނީ އަހުމަދު.. އަހުމަދަކީ ޖިންނި ކުއްޖަކަސް އޭނަގެ ފަރާތުން މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ. އެހެން ނަމަވެސް ބައެއް މީހުން އަހުމަދު ފެނިގެން ހޭނެތިފައިވެސް އެބަހުރި. ބައެއްފަހަރު އޭނަ ދެކެ ބިރުގަނެ އުނދަގޫ ކުރާނަމަ އެފަދަ މީހުންނަށް ޖެއްސުން ކޮށް ހަދާ ކަމަށްވޭ.. މިހާރުވެސް އެގޭދޮށުންނާ ރަށުގެ އެހެންވެސް ތަންތަނުން މިކުއްޖާ ފެންނަކަމަށްވޭ.. މުޅި އަތޮޅަށްވެސް މިކުއްޖާ މަޝްހޫރުވެފައި ވަނީ “ކުޑަކުއްޖާ” ގެ ނަމުން.. މީހުން ބުނެއުޅޭ އެކުއްޖާ ރޭގަނޑު ބޭރަށް ދަނީ އޭނާގެ އާއިލާ މީހުންނާ ބައްދަލުކުރާށޭ… ބައެއް މީހުން ބުނޭ އޭނާ މެންދަމު ކަނޑަށް އެރެއޭވެސް..” އިސްމާއީލްބެ އިތުރަށް ކިޔައިދިނެވެ.
ވާހަކަ މިހާހިސާބަށް ދިޔައިރު އިރުއޮއްސެނީ އެވެ. އޭރު ހޯޅުއަށީގައި ތިބި އިސްމައީލްބެއާއި އަލީމް އެކަންޏެވެ. ވާހަކައަށް ގެއްލިފައި އިންވަރުން އެންމެން ދިޔައިރުވެސް އަލީމްއަކަށް ނޭގުނެވެ.
“ބޭބެ މިދަނީ މިސްކިތަށް. އެއޮއް ބަންގި ގޮވަނީ.. އެކޮއެވެސް އާދޭ” ބަންގީގެ އަޑު އިވުމާއިއެކު އިސްމާއީލްބެ މިހެން ބުނެ ތެދުވެ ހިނގައިގަތީ މިސްކިތާވީ ދިމާލަށެވެ. އަލީމްވެސް އިސްމާއީލްބެގެ ފަަހަތުން ތެދުުވެ ހިނގައިގަތެވެ.
** ނިމުނީ **
17 Comments!
Comments are closed.
Kihineh thi nihmaaly
Birun halaaku….aslu vx…nyc mi story…ekm ninmun ehaa ryhcheh nun
im also from thinadhoo. ekam real story ekey buneemehnnu. but thinadhooga nuhigaa adhi. nuzoo thinadhooga 14 aharu vee iru hama ekani mashhoor story akah innanee hiyani vaahaka. nuxu men gein handi fenna vaahak
As i have said before.. story aky hageegee haadhisaa ehge mahcchah binaakoh liyefaivaa vaahaka eh.. ekm beynunkurevifaivaa nan thah (rashuge nan ves himeney gothun) aee aslu nan thakeh noon..
Thanks for the comments..Aslu main story aky kiyaidhey bai.. ehenve ehisaabun ninmaaly..
Nice story, ekm mee hama hagee gathe baa
Ehen kamah balamaa
thanks.. yeah..thunthun mathin ivey vaahakaeh.. hageegatheh kamah buneulheny..
Like the story but the ending is does not suit the story
thanks.. dhenfaharakun balaanan ragalhu kureveytho.
Please change the font of this website. It’s annoying and very unattractive :/
nice story! enjoyed it alot!! but the ending needs a little work.
Varah reethi ekam nimun kada
mee hama hageegatheh baa wow vrah salhi ingey birun halhaaku vejje
Nice story.ekam Nimun ehaa fakale noon
story main bayaky kiyaidhey bai.. ehenve egothah ninman jehuny.. thanks all for the comments..
nice story eh.