
ހާދަހާވޭ ކުރާހިތް ސަމާސާ 28 ވަނަ ބައި
ހިބާގެ ބައްޕަ ކައިރީ މަސައްކަތް ކުރިއަސް ޒެކް ހިބާއަށް ހަރަދު ކުރަން ޖެހޭނެ ހެއްޔެވެ. އަނެއްކާ ޒެކްގެ ހިތުގައި ހިބާއާއި މެދު ގޮތެއް އޮންނަނީ ނޫން ބާވައޭ ފައުޒާން ހިތަށް އަރަމުން ދިޔަ އެވެ. ކޮންމެސް ވަރެއްގެ ހަސަދަ ވެރިކަމެއް އެ ހިތުގައި ހިގައިގަތެވެ.
ފައުޒާން އެދުވަހު މާ ވަރަކަށް ވާހަކަ ދައްކައެއް ނަހަދަ އެވެ. ފައުޒާންއަށް އައި ބަދަލު ހިބާއަށް ފާހަގަ ކުރެވުނެވެ. ފައުޒާންއަށް އަނެއްކާ ކިހިނެއް ވީބާއޭ ހިބާ ހިތައް އެރިއެވެ.
ޖެހިގެން އައި ދުވަހު ޒެކްއާއި އެކު ހިބާ ގޮސް ގަތީ ވަރަށް އަގުބޮޑު ހެދުމެކެވެ. އެއީ ޒެކް ކިޔައިގެން ހިބާ ގަން ހެދުމެކެވެ. އެއާއި ގުޅޭ ފައިވާނާއި ގަހަނާވެސް ހިބާއަށް ޒެކް ގަނެދިނެވެ. ހިބާ އެތަކެތި ހިފައިގެން ގެއަށް އައިސް މައްޗަށް އެރިއިރު ފައުޒާން އުނދޯލީގައި އިނެވެ. ހިބާ ވަރަށް އުފާވެލާފައި ފައުޒާންއަށް އެތަކެތި ދައްކަން އުޅުމުން ފައުޒާން ކުއްލިއަކަށް ތެދުވި އެވެ. ފައުޒާންއަށް އުނދަގޫ ވިއެވެ. އަބަދު ހިބާއަށް ޒެކް އެއްޗިހި ގަނެދޭތީ ފައުޒާން ހުރީ ހިތްހަމަ ނުޖެހިފަ އެވެ.
“އަބަދު ހިބާއަށް ޒެކް އެއްޗިހި ގަނެދެނީ ކީއްވެތަ؟ ޒާންއަށް ވެސް ހިބާ ބޭނުންވާ އެއްޗިހި ގަނެދެވިދާނެޔޭ.” ފައުޒާން ނުރުހިފައި ބުންޏެވެ. ހިބާ ހައިރާންވެފައި ބަލަހައްޓައިގެން ހުރީ އެވެ. އެފަދަ ގޮތަކަށް ފައުޒާންއަށް ވިސްނިދާނެ ކަމަކަށް ހިބާ ހިތަކަށް ވެސް ނާރައެވެ.
“ފައުޒާން ތި ވިސްނަނީ ކިހިނެއްތަ؟ ޒެކް ހިބާއަށް ހަރަދު ކުރަނީ ޒެކް އަމިއްލައަކަށް ނޫނޭ. ފައުޒާން ތި ހީކުރަނީ ޒެކް ހިބާއަށް ހަރަދު ކުރަނީ ޒެކްގެ އަމިއްލަ ލާރިން ކަމައްތަ؟ ހިބާގެ ހުރިހާ ހަރަދެއް ބަލަހައްޓަން އެންމެ ކުރީން ސުރެންވެސް ބައްޕަ އޮންނަނީ ޒެކް އާއި ހަވާލުކޮށްފަ. އެހެން ނޫނަސް ޒެކް އަމިއްލަ ލާރީގައި އެއްޗިހި ގަންނަ ނަމަހީ ހިބާ އެންމެ އެއްޗެއް ވެސް ބޭނުމެއް ނުކުރީ މުސް. ފައުޒާން ތިގޮތަށް ހީކޮށްފާނެ ކަމަކަށް ހިބާ ހިތަށް ވެސް ނާރާ.” ހިބާ ކޮތަޅުން ނެގި ހެދުން ކޮތަޅު ތެރެއަށް ކޮށްޕާލި އެވެ. އަދި ކޮޓަރިއަށް ވަނުމަށް ހިގައިގަތީ ހިތްހަމަ ނުޖެހިފައި ހުރެ އެވެ.
ފައުޒާން ކުއްލިއަކަށް ހިބާގެ އަތުގައި ހިފި އެވެ. އަދި ފައުޒާން ކައިރިއަށް ދަމާލި އެވެ.
“ރުޅިއައީތަ؟” ފައުޒާން ހުރީ ހިބާ ހިތްހަމަ ނުޖެހިފައި ހުރުމުން ދެރަވެފަ އެވެ. ތެދެކެވެ. ފައުޒާން އެގޮތަށް ހިތަށް އަރުވައިގެން ވެސް ނުވާނެ އެވެ. ޒެކް އުޅެނީ އަޒްމާއާއި ރައްޓަހި ވެގެން ނެވެ. އެދެމީހުންގެ ގުޅުން ވެސް ގޯހެއް ވެސް ނޫން ވިއްޔާ އެވެ. ފައުޒާން އަމިއްލަ ނަފްސަށް މަލާމާތް ކުރެވުނެވެ. “ސޮރީ!” ފައުޒާން ހިބާގެ އިސްތަށި ގަނޑުގައި މޫނު ޖައްސާލި އެވެ. ކޮންޑިޝަނަރގެ މީރުވަހުން ފައުޒާންގެ ހިތް ފުރިގެން ދިޔަ އެވެ. “ޒާންއަށް ރުޅި އާދެވުނީ ހިބާދެކެ ވަރަށް ބޮޑަށް ޒާން ލޯބިވާތީ. ހިބާ ޒެކްއާ އެއްކޮން މާ އެއްކޮން އުޅޭތީ. އައި ވޯސް ރިއަލީ ޖެލަސް.” ފައުޒާން އާއި ދިމާލަށް ހިބާ އަންބުރާލި އެވެ.
“އެކަމަކު ޒެކް! ހީ އިޒް ލައިކްއަ ބްރާދަރ ޓު މީ.” ހިބާ ހުރީ އަދިވެސް ހިތްހަމަ ނުޖެހިފަ އެވެ.
“މާފެއް ނުކުރާނަންތަ؟ ސޮރީ ވެސް މިހާރު ބުނެފިން. އެގޮތަކަށް ދެން ނުވިސްނާނަމޭ.” ފައުޒާން ހިބާއާއި މޫނު ކައިރިކޮށްލި އެވެ.
“އިޓްސް އޮކޭ.” ހިބާ ހިނިތުން ވެލަމުން ފައުޒާންއާއި ދުރަށް ޖެހިލި އެވެ.
“ހިބާ!” ފައިޒާން އަދިވެސް ހުރީ ހިބާގެ އަތުގައި ހިފާލައިގެނެވެ. “ހިބާއަށް އިނގިގެން ޒާންގެ މެޑިކަލްއަށް އެއްވެސް ވަރަކަށް ޒެކް ޚަރަދު ކުރިތަ؟ މިބުނީ ތިރީސް ހާސް ޑޮލަރ ޒާންގެ އެކައުންޓައް އައި ގޮތެއް ނޭގޭތީ. އެއީ ހާދަ ގިނަ ފައިސާއޭ.” ފައުޒާން ބުންޏެވެ. ހިބާ ފައުޒާންގެ އަތުން އަތް ދަމައި ގަނގެން ފައުޒާންއަށް ފުރަގަސް ދިނެވެ.
“ތިހާ… ތިހާ ގިނަ ލާރި… ކޮން…ކޮންތާކުން ޒެކް ހޯދާނީ؟” ހިބާ ދޫއޮޅޭ ގޮތް ވި އެވެ. ފައުޒާންއަށް އެގިދާނެތީ ހިބާ ޖެހިލުން ވިއެވެ. ނަމަވެސް އަޒްމީލްގެ އެހީއާއި އެކު މިހާރު ފައުޒާންއަށް އޮތީ އެގިފަ އެވެ. އެދުވަހު ހަފީޒާ ވެސް އޮތީ ހިބާގެ ހިޔާލެއް ކަމަށް ފައުޒާން ކައިރީ ބުނެފަ އެވެ.
“ޒާން އަކަށް ނޭގެ ހިބާގެ ބައްޕައަށް އެހާ ފައިސާ ޒާން އަނބުރާ ދޭނެ ގޮތެއް ވެސް…” ފައުޒާން އެ ބުނި އެއްޗަކުން ހިބާ ހާސްވާ ގޮތް ވިއެވެ. ފައުޒާންއަށް އެނގުނީ ކިހިނެއް ހެއްޔެވެ. ހިބާ އެނބުރި ފައުޒާންއަށް ބަލައިލި އެވެ. “ޒާން ހަގީގަތުގަވެސް ވަރަށް ބޮޑަށް ދަރަނި ވެރި ވެއްޖެ.”
“ފައުޒާން އެ ފައިސާ އަނބުރާ ބައްޕައަށް ދޭކަށް ނުޖެހޭނެ. ފައުޒާން އަތުން އެ ފައިސާއެއް ބައްޕައަތެއް ނުލައްވާނެ. އެއީ ފައުޒާންއަށް ބައްޕަ ކޮށްދެއްވި ކަމެއް ނޫން. އެއީ ހިބާއަށް ބައްޕަ ކޮށްދެއްވި ކަމެއް. އެ ބައްޕަގެ ހުރި ހަމަ އެކަނި އަންހެން ދަރިފުޅު ބުނެގެން ބައްޕަ ކޮށްދެއްވި ކަމެއް.” ހިބާ ފައުޒާންއަށް ބަލަހައްޓައިގެން ހުއްޓެވެ.
“ހިބާ، ދެޓްސް ނޮޓް ފެއަރ،” ފައުޒާން އައިސް ހިބާގެ ކޮނޑުގައި ހިފަހައްޓާލި އެވެ. “އެކަމަކު އެއީ ހާހެއް ދެހާހެއް ނޫން ވިއްޔަ. ހާދަ ބައިވަރު ލާރިއެކޭ އެއީ.” ފައުޒާން ހުރީ ހިތް ނުތަނަވަސް ވެފަ އެވެ.
“ފައުޒާން ހިބާ ދެކެ ލޯބިވޭތަ؟” ހިބާ ފައުޒާންއާއި ހަތަރުކަޅި ހަމަކޮށްލަމުން އެހި އެވެ. ފައުޒާން ބޯ ޖަހާލި އެވެ. “އެހެން ވިއްޔާ ތިވާހަކަ ދެން ނުދައްކާތި. ހިބާ ބޭނުމެއް ނޫން ކުޑައްތައަށް ވެސް އަދި އިތުރު އެހެން މީހަކަށްވެސް ތިވާހަކަ އެގޭކަށް. ހިބާގެ ބައްޕަ ވެސް ބޭނުންވެ ނުލައްވާނެ.” ފައުޒާން ހިބާއަށް ބަލަހައްޓައިގެން ހުރީ އެވެ. މީހަކު އެހާ ދީލަތި ވެދާނެ ހެއްޔެވެ. ފައުޒާން ހުރީ ހަގީގަތުގަ ވެސް ހައިރާން ވެފަ އެވެ. “ފައުޒާން، ޕްލީސް ޕްރޮމިސް މީ. އެއްވެސް އިތުރު މީހަކަށް މިކަން ނޭންގުމަށް.” ހިބާ އާދޭސް ކުރިއެވެ. އެންމެ ފަހުން ފައުޒާންއަށް ޖެހުނީ އެއްބަސް ވާށެވެ.
ދަރުބާރުގޭ ރަންނަ ބަޑޭރި މާލަމް އޮތީ ހުދާއި ރަތުން ޒީނަތްތެރި ކޮށްލާފަ އެވެ. އަޒްމީލްއާއި ނިހާނީގެ ކައިވެނި ކުރުމަށް ތައްޔާރުކޮށްލާފަ އެވެ. ބައެއް މެހެމާނުން މިހާރު ވަނީ އެ ހަފްލާއަށް އައިސްފަ އެވެ. ނަދުވާއާއި ޒޭބޭ ވެސް ސެލޫން އަކަށް ގޮސް ތައްޔާރުވެގެން އެއައީ ދާދި ދެންމެ އެވެ. ޒޭބާ ހުރީ ރަތް ކުލައިގެ މެކްސީއެއް ލައިގެނެވެ. އެއީ ނަދުވާ ޒޭބާއަށް ދިން ހެދުމެކެވެ. ނަދުވާ ހުރީ އޭނާގެ ގަޔަށް ހިފާލާފައި ހުރި ރަތާއި ހުދުން ޑިޒައިންކޮށްފާވައި ވަރަށް ރީތި ހެދުމެއް ލައިގެނެވެ. ހެދުމުގެ އަރިމަތީ ޖަހާފައިވާ ހުދު ވެލިފޮތިތަކުން ދަޅަ އަޅަމުން ދާއިރު އެހެދުމުގެ ނަލަކަން އެތަށް ގުނައެއް ރީތި ކަމަށް ދައްކައެވެ. އިސްތަށިގަނޑު ހުރީ އޮމާންކޮން ތަތްކޮށްލާފައި ގެންގޮސް ބޮލު މެދަށް ހުޅިއެއް ޖަހާފަ އެވެ. ދެ ކަންހުޅިއާއި ދިމާއިން ވައްޓާލާފައިވާ ބުޅި އިސްތަށި ކޮޅުތަކުން ނަދުވާގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދީފައި ވެއެވެ. ކޮށްފާވައި މޭކަޕުން ވެސް ނަދުވާގެ ރީތިކަން ފާޅުވާން ހުއްޓެވެ.
ފައުޒާން، ހަފީޒާއާއި އަލީ ވައްމޭޒެއް ކައިރީ އިށީދެލައިގެން ހެލިފެލިވެ އުޅޭ މީހުންނަށް ބަލަން ތިއްބެވެ. ހިބާ އަދިވެސް ނާދެ އެވެ. ފައުޒާންމެން އައިއިރުވެސް އަޒްކާއާއި އެއްކޮން އަޒްކާގެ ރައްޓެހި ކުއްޖެއް ގެނެސްގެން ދެމީހުން ތައްޔާރު ވަނީ އެވެ. އޭގެ ފަހުން ވެސް މިހާރު ފަނަރަ މިނިޓް ވެގެން ހިގައްޖެ އެވެ. ހުދުކުލައިގެ ގަމީސް މަތިން ރަތް ކުލައިގެ ކޯޓެއް ލައިގެން އިން ފައުޒާން ހީވަނީ ސަމަންތަރުހެޔޮ ހައިބަތު ހުރި ރަސްދަރިކަލެއް ހެނެވެ. ފައުޒާން އެހެން އިނދެ އިރުކޮޅަކާ ދޮރާދިމާއަށް ބަލައިލައެވެ. އޭނާ އެހެން އިންނަ އިރު ހަފަލާއަށް ވަދެގެން އަންނަ ޒުވާން އަންހެން ކުދިންގެ ލޮލުގައި އަޅައިގަންނަމުން ދިޔަ އެވެ. ނިހާނީގެ ބައެއް ރައްޓެހިން އެއީ ކާކުތޯ ނިހާނީ ކައިރީވެސް އަހާލަ އެެވެ. އެކަން ކަމަށް ސަމާލުކަމެއް ނުދީ ފައުޒާން އިނީ ހަމަ އެކަނި ހިބާގެ އިންތިޒާރުގަ އެވެ.
“ޒާން، އެހެރީ ނަދޫ. ހާދަ ރީއްޗޭ ނަދޫ ރީތިވެލައިގެން ހުންނަ އިރުދޯ.” ހަފީޒާ ފައުޒާންއަށް ނަދުވާ އެކަނިމާ އެކަނި ހުއްޓާ ފެނިގެން ދައްކާލަމުން ބުންޏެވެ. “ދޭ ބަލަ އޭނަ ކައިރިއަށް. އެކަނިމާ އެކަނި އެބަ ހުރޭ އެތާ.”
ހަފީޒާ ބުނުމުން ވެސް ފައުޒާން ގުޑައެއް ނުލި އެވެ. މިހާރަކަށް އައިސް ނަދުވާއާއި އެއްކޮން ފައުޒާން ނޫޅޭތީ ހަފީޒާ ހުންނަނީ ހިސާބަކަށް ހިތްހަމަ ނުޖެހިފަ އެވެ. އެހެން އުޅެފަ ނަދުވާ ކުރާނެ ކަމެއް ނޭގޭތީ އެވެ. ކިރިޔާ ފައުޒާން ދުރުން އެހެން އުޅުމުން ނަދުވާ ކޮންމެ ފަދަ ކަމެއްވެސް ކޮށްލަ ފާނެކަން ހަފީޒާއަށް ޔަގީން ވެ އެވެ. އެންމެނަށް ދޮރާ ދިމާއަށް ބަލައިލެވުނީ ދޮރުން ވަދެގެން އައި ޒެކްއާއި އަޒްކާއާއި ހިބާ ފެނުމުން ނެވެ. ތިން މީހުން ވަދެގެން އައި އިރު އެންމެންގެ ލޯތަށް އަމީހުނާއި ދިމާލަށް އަމާޒުވެފައި ވެއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. ހިބާ ހީވަނީ ރީތި ހުސްކޮށްގެން އައިސް ހުރިހެނެވެ. އެމީހުން އައިސް އަޒްމީލްއާއި ނިހާނީއާއި ސަލާން ކޮށްލި އެވެ. އަޒްމީލްއާއި ނިހާނީއާއި ދެމީހުން ވެސް ހިބާއާއި އަޒްކާއަށް ތަޢުރީފް ކުރިއެވެ.
މުޅިތަނަށް ހީވީ ހަނދު ފާޅުވިހެންނެވެ. ހާއްސަކޮން ހިބާ ފެނުމުންނެވެ. ހީވީ ތަރިތައް ފާޅުވެފައި ހުއްޓާ ހަނދު އެރުމުން ތަރިތަކުގެ ދަޅައާއި ވިދުން ފަނޑުވެގެން ދިޔަ ހެނެވެ. ނަދުވާ ހަސަދައިން ފުރިފައިވާ ނަޒަރަކުން ހިބާއަށް ބަލައިލި އެވެ. ހިބާ ލައިގެން ހުރި ހުދުކުލައިގެ ހެދުމަކީ ވަރަށް ވެސް އަގުބޮޑު ހެދުމެއްކަން ނަދުވާއަށް އެގުނެވެ. ނަމަވެސް އެހާ އަގު ބޮޑު ހެދުމެއް ހިބާއަށް ދިނީ ކާކު ހެއްޔެވެ. ހިބާ ކަހަލަ ރާއްޖެތެރޭ ކަޓު އާދައިގެ ކުއްޖަކާ އެކަހަލަ ހެދުމެއް ނުވެސް ގުޅެ އެވެ. ހިބާގެ ކަޅުކުލަގަދަ ފަން ދިގު އިސްތަށި ގަނޑުވަނީ ނިއުޅާލާފަ އެވެ. ހިބާ ފެނުމުން ހަފްލާގައި ތިބި ޒުވާން ފިރިހެން ކުދިންގެ ހިތްތަކަށް އަސަރު ނުކޮށެއް ނުދެއެވެ.
ފައުޒާންއަށް ވެސް އަނގައިން ނުބުނެވިފައި އާޝޯޙް ވެފައި ހިބާއާއި ދިމާއަށް ބަލަން އިނދެވުނީ އެވެ. މިވީ ދުވަސްކޮޅު ތެރޭގައި ހިބާގެ ބައްޓަން ވަނީ ވަރަށްވެސް ރީތިވެފައެވެ. މިހާރަކު އެއީ ފިލާގަޑޭކޭ ފައުޒާންއަށް ވެސް ނުބުނެވޭނެ އެވެ. ފައުޒާންއަށް ތެދުވެވުނީ ހިބާ ކައިރިއަށް އަންނަން ފެށުމުންނެވެ. ހަފީޒާ އާއި އަލީވެސް ތިބީ ހިތާހިތުން ހިބާއަށް ތަޢުރީފް ކޮށްލަކޮށްލަ އެވެ.
“ހިބާ، ހާދަ ރީއްޗޭ.” ހިބާ ކައިރިއަށް އައުމުން ހަފީޒާ ބުންޏެވެ. އަލީވެސް ހަފީޒާއާއި އެއްބައި ވުމުގެ ގޮތުން ހިނިއައިސްފައި ހިބާއަށް ބަލަން އިނެވެ. ފައުޒާން ކޮޅަށް ހުރީ ހިބާގެ ރީތިކަމުގެ ޖާދޫގައި ޖެހިފައި ބުނާނެ އެންމެ ލަފްޒެއްވެސް އަނގަޔާއި ހަމައަށް ނައިސްގެނެވެ. ފައުޒާން އައިސް ހިބާ ކައިރީ ހުއްޓުމުން ހަފީޒާއަށް ހިތާހިތުން ދެކުދިންނަށް ތަޢުރީފް ކޮށްލެވުނެވެ.
ކޮންފަދަ ރީތި އަދި އެހާމެ ގުޅޭ ޖޯޑެއް ހެއްޔެވެ. ފައުޒާން ނަދޫއާއި ނުގުޅި ހުރިނަމަ ގަދަކަމުންވެސް ހިބާއާއި ފައުޒާން ގުޅުވަން ހަފީޒާ މަސައްކަތް ކުރާނެ އެވެ. ހަފީޒާ ހިތަށް އަރަމުން ދިޔައީ ހިބާއާއި ފައުޒާންއާއި ދޭތެރޭ އެވެ. ނަދުވާ އާއި ނުގުޅުން ނަމަހީ މާ އަހުލާޤް ރަގަލު ގެވެހި ރީތިކަމުގެ އަރާހުރި ފަންމިންޏެއް ފައުޒާންއަށް ލިބުނީހެވެ. ހަފީޒާ ހިތަށް އެހެން އެރުމުން ހިތް ކުދިކުދި ވި ކަހަލަ އެވެ. ދެކުދިން ކައިރީގައި ތިބޭ އިރު ކިހަ ގުޅޭ ހެއްޔެވެ. މޫނުމައްޗަށް ހިނިތުން ވުމެއް ވެރިކޮށްގެން ހިޔާލަކަށް ގެއްލިފައި ހަފީޒާ އިނެވެ.
“ކުޑައްތާ؟” ހަފީޒާ ގެއްލިފައި އިންތަން ފެނިގެން ހިބާ ގޮވާލި އެވެ. “ކޮން ހިޔާލެއްގަ؟”
ހަފީޒާ ހިނިއައިސްފައި އިނދެ ބޯ ހޫރާލި އެވެ. އަދި ފައުޒާންއަށް ބަލައިލި އެވެ. ދެން ދުރުގައި ހުރި ނަދުވާއަށް ބަލައިލި އެވެ. ނަދުވާ އޭރު ހަސަދައިން ރުޅިއަންނަމުން ދެއެވެ.
“ޒާން، ހިންގާ ފެމިލީ ފޮޓޯއެއް ނަގަމާ.” ހަފީޒާ ތެދުވަމުން ބުންޏެވެ.
“ފެމިލީ ހަމައެއްވެސް ނުވޭނު މަންމާ.” ފައުޒާން ބުންޏެވެ. ނަމަވެސް ހަފީޒާ ފައުޒާން ބުނިއެއްޗަކަށް އިޖާބަ ނުދީ ހިގައި ގަތެވެ. ގޮސް އަޒްމީލްއާއި ނިހާނީ ކައިރީ ހުއްޓުނެވެ. އަލީ ވެސް ގޮސް އެތާ ހުއްޓުނެވެ. އެމީހުންގެ ފޮޓޯ ނެގުމުން ފައުޒާން ގޮސް ހަފީޒާ ކައިރީ ހުއްޓުނެވެ. ހަފީޒާ ވަރަށް ވިސްނާލާފައި ނަދުވާއާއި ހިބާއަށް ބަލައިލާފައި ނަދުވާއަށް ގޮވާލި އެވެ.
“ނަދޫ، އާދޭ ފެމިލީ ފޮޓޯ ނަގަން.” ހަފީޒާ ބުންޏެވެ. ފައުޒާން ހިބާއަށް ބަލައިލި އެވެ. އޭރު ހިބާއަށް ވެސް ފައުޒާންއަށް ބަލައިލެވުނެވެ. ދެމީހުންގެ އެ ބަލައިލުމުން އެތަކެއް ވާހަކަ ތަކެއް ބަދަލުކުރެވިގެން ދިޔަ ކަހަލައެވެ.
އެމީހުން ފޮޓޯ ނަގާ ނިމިގެން ދުރަށް ޖެހިލުމުން ހިބާ ގޮސް އަޒްމީލް ކައިރީ ފޮޓޯއަކަށް ހުއްޓުނެވެ. ފައުޒާންއަށް އެތަން ފެނިގެން އަވަހަށް ގޮސް ނިހާނީ ކައިރީ ފައުޒާން ވެސް ހުއްޓުނެވެ. އެފޮޓޯ ނެގި ވަގުތު ހަފީޒާގެ ހިތަށް އުފާވެރިކަން ވަދެގެން ދިޔައީ ކީއްވެ ކަމެއް ނޭގެ އެވެ. ނަމަވެސް ހަފީޒާއަށް ނަދުވާއާއި ދިމާއަށް ބަލައިލެވުނީ ބޭ އިހުތިޔާރުގަ އެވެ. އަނެއްކާ ނަދުވާ ރުޅި ގަދަ ވެގެން ކަމެއް ނުކޮށްފިއްޔާ ވާ ރަގަޅެވެ. ހަފީޒާ ހިތަށް އަރަމުން ދިޔަ އެވެ.
އެރޭ ހަފްލާ ނިންމާފައި ފަހަރަކު ބައެއް ގެއަށް ލައިދޭން ޒެކް ކާރުގައި ދެ އެވެ. ނަދުވާއާއި ހަފީޒާއާއި އަލީއާއި ޒޭބާ ގެއަށް ލާން ދިޔަވަގުތު ހިބާއާއި ފައުޒާންގެ ފޮޓޯ ނެގުމަށް މާޒްއާއި އަޒްމީލްއާއި ދެމީހުން ވެގެން އެދެމީހުން ގެނެސް އެކި އެކި ގޮތް ގޮތަށް ބައިތިއްބައިގެން ފޮޓޯ ނެގި އެވެ. ހީވަނީ ކައިވެނި ކޮށްގެން އުޅެނީ އެދެމީހުން ހެނެވެ. އެކަހަލަ ސަކަރާތެއްގައި އެތަކެއް އިރު އެމީހުން ހޭދަކުރި އެވެ.
“ދެން ކުޑައްތަ ކައިރީ ވެސް ބުނަން ވީއޭ.” އަޒްމީލް ހުރެފައި ބުންޏެވެ.
“މަޑުކުރޭ! މަންމަ ދޮންބެ ކައިރިއަށް ގޮއްސަ އައިމަ ބުނާނީ،” ފައުޒާން އަވަހަށް ބުންޏެވެ. “މަންމަ މާ ބޮޑަށް ވިސްނާނެ އެހެން ނޫނީ.”
“ކޮންކަމަކާ ވިސްނާނީ؟” މާޒް އަހާލި އެވެ.
“ތުއްތައްތަ ވެސް ނަވާ ގޮވައިގެން ފުރަޔޭ. އެހެންވެ ނަދޫ ވެސް ޒާން އާ ހަވާލުކޮށްފަ މަންމަ އެއުޅެނީ ދާން. ދެން އެހެންވެ ހިބާއާ ޒާންގެ ވާހަކަ އެގިއްޖެއްޔާ މަންމަ ނަދޫއާ ދޭތެރޭ ވިސްނާނެ. ނަދޫގެ ސައިކޮލޮޖީ ކަންތަކާމެދު މަންމަ ވަރަށް ވިސްނާ މިހާރުވެސް.” ފައުޒާން ބުންޏެވެ. އަޒްމީލް ވިސްނާލަން ހުއްޓެވެ.
“ކޮން ސައިކޮލޮޖީއެއް. ނަދުވާ ހަމަ އުޅޭ ގޮތް އެއީ. ކުޑައްތައަށް ހުރިހާ ވާހަކައެއް ކިޔައިދީބަލަ. ފަހަރަކު މީހަކާ އެއްކޮން ސެކްސް. އެއީ ބޮޑުވަރެއް ނޫންތަ؟” އަޒްމީލް ހުރީ ނުރުހިފަ އެވެ. އޭރު އެތާ ތިބީ އަޒްމީލްއާއި މާޒްއާއި ފައުޒާން އެކަނި ކަމުން އެމީހުންގެ ވާހަކަ އިތުރު މީހަކަށް އަޑެއް ނީވެ އެވެ. އެވަގުތު ޒެކް ކައިރީ ތިބި ހިބާއާއި ނިހާނީ އާއި އަޒްކާ ކޮންމެސް ކަމަކާ ހޭން ފެށުމުން އެދިމާލަށް އެންމެންގެ ސަމާލުކަން ހުއްޓުނެވެ.
“ޒާން، މަށަށް ފެންނަނީ ޒާންވެސް ހިބާއާ މެރީ ކުރަން. އެހެން ނޫނީ އަތުން ބީވެގެން ހިގައިދާނެ އެހާ ރީތި ކުއްޖެއް.” އަޒްމީލް ބުންޏެވެ. މާޒްއާއި ފައުޒާން އަޒްމީލްއަށް ބަލައިލި އެވެ. “ޒެކްއާ ދޮންތައާ ބްރޭކްއަޕް ވެގެން އުޅެނީ. ދޮންތަ އުޅެނީ އެކޮޅުން ކުއްޖަކާ މެރީ ކުރަން ވެގެން. މަންމަމެން ވެސް ވަރަށް އަވަހަށް ދާނެ އެކޮޅަށް.” އަޒްމީލް އެދިން ހަބަރުން މާޒްއާއި ފައުޒާން ތިބީ ހައިރާން ވެފަ އެވެ. “މީ އަނެއްކާ އާ ޚަބަރެއްތަ؟” ދެމީހުން ތިބިގޮތް ފެނިފައި އަޒްމީލް އެހި އެވެ.
“ކޮން އިރަކު؟ ކީއްވެ؟” ފައުޒާންއަށް އަހާލެވުނެވެ.
“ދޮންތައަށްށޯ އިނގޭނީ ޒެކް ބުނީ. އަހަންނަކަށް ވެސް ނޭގެ ކީއްވެގެން ކަމެއް އެދެމީހުން ރުޅިވީ.” އަޒްމީލް ކޮނޑު އަރުވާލަމުން ބުންޏެވެ. “ޒެކްއާއި ހިބާއާއި ވަރަށް ފްރެންޑްދޯ. އެހެންވެ މި ބުނީ ފައުޒާންވެސް އަވަހަށް ހިބާއާއި މެރީ ކުރާށޭ. މީހަކު ބަދަލުވާން ނުނަގާނެ ފަސް މިނިޓް ވެސް.” އެންމެން ހިބާމެން ތިބި ދިމާލަށް ބަލަން ތިއްބެވެ. އޭރު ޒެކް ކޮންމެސް ވާހަކައެއް ދައްކައިގެން އެންމެން ހެނީ އެވެ. ހިބާވެސް ހެމުން ހެމުން ގޮސް ޒެކްގެ މޭގައި އަތްޖައްސާ ކޮށްޕާލި އެވެ. ފައުޒާންގެ ހިތަށް ހަސަދަ ވެރިކަން ވަދެގެން ދިޔަކަމުގައި ވިއަސް ފައުޒާން އެވަގުތު ކޮންޓަރޯލް ކޮށްލައިގެން ހުރީ އެވެ.
ނަދީމާއާއި ސައީދު ނަވާ ގޮވައިގެން ފުރިތާ ދެދުވަސް ފަހުން ހަފީޒާ އާއި އަލީ ވެސް މިއަދު ފުރީ އެވެ. ނަދުވާއާއި ޒޭބާއަށް ވަނީ ފައްވާޒް އުޅުނު ކޮޓަރި ދީފަ އެވެ. ހަފީޒާ މެން ފުރުވާފައި ފައުޒާންއަށް ގެއަށް އާދެވުނީ ވަރަށް ލަސްވި ފަހުންނެވެ. އޭރު ގަޑިން ދިހަގަދި ބައިވެގެން އެގާރަ ޖަހަން އުޅެނީ އެވެ. އޭރު އެންމެން ނިދާ ގޭތެރެ ވަނީ ހަމަހިމޭން ވެފަ އެވެ. ފައުޒާން ވެސް މަޑުމަޑުން ގޮސް މައްޗަށް އަރާ ކޮޓަރިއަށް ވަދެ ނިދީ އެވެ.
ހެދުނު އާދައިގެ މަތިން ފަތިސް ނަމާދު ކޮށްގެން ހިބާ ތިރިއަށް ފޭބީ ރޮށިފިހެ ހަދާށެވެ. ހިބާ ފުށްގަނޑު މޮޑެލުމަށް ފަހު މަސައްކަތް ފެށުމުގެ ކުރިން ފައުޒާންއަށް ކޮފީ ގިރާލި އެވެ. މިސްކިތުން ފައުޒާން މިހާރު އަންނާނެކަން ހިބާއަށް އެގޭތީ އެވެ. ކޮފީ ގިރާފައި ހިބާ ރޮށިދަމަން ފެށި އެވެ. އެވަގުތު ފައުޒާން އައިސް ވަނެވެ. ފައުޒާންއައިސް ކޮފީ ބޯން ޖައްސާލީ މޭޒު ކައިރީ އެވެ.
“ހިބާ!” ފުރަތަމަ ވާހަކަ ދައްކަން ފަށަމުން ފައުޒާން ގޮވާލި އެވެ. “ހިބާއަށް އެގޭތަ ޒެކްއާ އަޒޫއާ ބްރޭކް އަޕް ކަން؟” ފައުޒާން ކޮފީ ކޯވަރެއް ބޯލި އެވެ. ހިބާ ރޮށި ދެމުން ހުއްޓާލާފައި ހައިރާން ވެފައި ހުރެ ފައުޒާންއަށް ބަލައިލި އެވެ. އެ ބަލައިލުމުން ވެސް ހިބާއަށް އެއްވެސް އެއްޗެއް ނޭގޭކަން ދޭހަވެގެން ދިޔަ އެވެ.
“ޒާންއަށް ވެސް ރޭގަ އިނގުނީ.” ފައުޒާން ބުންޏެވެ.
“އެކަމު ކީއްވެ؟” ހިބާއަށް ބުނެވުނެވެ. ހަގީގަތުގައި ވެސް ހިބާ ހުރީ ހައިރާން ވެފަ އެވެ. އަޒްމާއާއި ޒެކް އެހާ ފަސޭހައިން ދުރުވީ ކީއްވެ ހެއްޔެވެ. ކޮންފަދަ މައްސަލައެއް ޖެހުނީ ހެއްޔެވެ. ހިބާއަކަށް ނުވިސްނުނެވެ.
“ޒާން އަކަށްވެސް ނޭގެ. ތިހެން އުޅޭ އިރު ހިބާ އަޅެ ޒެކް ކައިރީ އަހާލަބަލަ ކިހިނެއްތޯ ވީ.” ފައުޒާން ބުންޏެވެ. ހިބާ ރޮށި ދަމަން ފެށި އެވެ. ހިބާގެ ހިތުތެރޭ އެ ހިޔާލުތަށް އެނބުރެން ފެށި އެވެ. ކޮފީ ބޮއެ ނިމިގެން ފައުޒާން ތެދުވެގެން ގޮސް ސިންކު ކައިރީ ހުއްޓިލަމުން ޖޯޑު ދޮވެލި އެވެ. ހިބާ އަށް ފައުޒާންގެ އެ ސިފައެއް ކުރިއަކުން ނުފެނެ އެވެ.
ހުރިހާ ކަމެއްގައި ފައުޒާން ހިބާއަށް އެހީތެރިވަމުން ދިޔަ އެވެ. ހިބާއަށް ބަދިގެ ކުނިވެސް ކަހައިދިނީ ފައުޒާން އެވެ. ހުރިހާކަމެއް ނިމުމުން ފައުޒާން އޮފީހަށްދާން ތައްޔާރުވުމަށް މައްޗަށް އެރީ ޔުނީފޯރމް އިސްތިރިކުރަން ހިބާ ކައިރީ ބުނެފަ އެވެ. ހިބާ ވެސް އިރުކޮޅަކުން ގޮސް ފައުޒާންގެ ޔުނީފޯރމް އިސްތިރި ކޮށްދީފައި އައިސް އެއްޗިހި ދޮންނަން އެޅި އެވެ. އަދި ޓެރެސްމަތި ކުނިކަހާލި އެވެ. އެހާތަނުން ފައުޒާން ވެސް ތައްޔާރުވެގެން ނުކުމެއްޖެ އެވެ. ދެމީހުން އެއްކޮން ބަދިގެއަށް ވަނީ ނާސްތާކުރާށެވެ. ނަމަވެސް ހުއްޓުން އެރީ ބަދިގެ އޮތްގޮތް ފެނުމުންނެވެ. ދާދި ދެންމެ ރީތިކޮށްފަ ދިޔަ ބަދިގެ މިހަރު ހީވަނީ ބުޅާ އަރާފަ އޮތް ތަނެއް ހެނެވެ. މޭޒުމަތީ ބޯތަށީގައި ހުރި މަސްހުނިތަށް ވަނީ މުޅި މޭޒުމައްޗަށް އެޅިފަ އެވެ. ސައި ޖަގުވެސް ވަނީ މޭޒުމައްޗަށް ބަންޑުން ވެފަ އެވެ. ރޮށިތައްވެސް ވަނީ ބިންމައްޗަށް ބުރުއްސާލާފަ އެވެ. އެކަން ކުރީ ކާކުކަމެއް ނޭގެ އެވެ. ގައިމުވެސް ބުޅަލެއް ނޫނީ މީދަލަކަށް އެހާވަރެއް ނުކުރެވޭނެ އެވެ. ފައުޒާން ހިބާއާއި ދިމާއަށް ބަލައިލި އެވެ. ހިބާ އަނގަމަތީ އަތް އަޅައިގެން ކަންބޮޑުވެފައި ހުއްޓެވެ. ހިބާ ދެރަވެފައި ހުރީ ސައިފޮދެއް ވެސް ނުބޮއެ ފައުޒާން އޮފީހަށް ދާން ޖެހުނީތީ އެވެ.
ފައުޒާން ބަލާކަށް ނުހުރެ ގޮސް ނަދުވާ ނިދާ ކޮޓަރީގެ ދޮރުގައި ބާރަކަށް ތަޅައިގަތެވެ. ނަދުވާ ދޮރުހުޅުވި އެވެ.
“ކޮން ކަންތައްގަޑެއް ހިންގާލާފަ އެއޮތީ ބަދިގޭގަ؟” ފައުޒާން ރުޅި އައިސްފައި ބުންޏެވެ. ފައުޒާން ރުޅިއައިސްފައި ހުރިތަން ފެނިފައި ނަދުވާ ޖެހިލުން ވެފައި ހުއްޓަސް އެކަން ފޮރުވަން ނަދުވާ މައްސައްކަތް ކުރަމުން ދިޔަ އެވެ.
“ކޮން ކަމެއްތަ؟” ނަދުވާގެ މޫނުމަތިން ފައުޒާން ކިޔާ އެއްޗެއް ނޭގޭކަން ދައްކަމުން އެހި އެވެ. “އަދިކިރިޔާ މި ހޭލީ. ފައުޒާން ތި ކިޔާ އެއްޗެއް ނުވެސް އިނގޭ މަށަކަށް.”
ފައުޒާން ހައިރާން ވެފައި ނަދުވާއަށް ބަލަހައްޓައިގެން ހުއްޓެވެ. ކިތަންމެ ނޫން ކަމަށް ހެދިޔަސް އެއީ ނަދުވާ ކުރިކަމެއްކަން ފައުޒާންއަށް ކަނޑައެޅިގެން އެނގެ އެވެ. ނަމަވެސް އިތުރަށް އެއްޗިހި ކިޔާކަށް ވަގުތެއްވެސް ނެތެވެ. ގަޑިޖެހެނީ އެވެ. އެހެން ކަމުން ނަދުވާއާއި ދިމާއަށް ލޯ އަޅާލާފައި ދެ އިނގިލިން އަމިއްލަ ލޮލަށް އިށާރާތް ކޮށްލާފައި ނަދުވާގެލޮލަށް އިށާރާތް ކޮށްލީ ބަލާނަމޭ ބުނާފަދަ ގޮތަކަށެވެ.
“ހިބާ، ޕާނެއް ގަނެލައިގެން ސައިބޯލާ ދެން.” ފައުޒާން ނުކުމެގެން ދަމުން ހިބާ ކައިރިއަށް މަޑުކޮށްލަމުން ބުނެލި އެވެ.
ފައުޒާން ދިއުމުން ހިބާ ބަދިގެއަށް ވަދެ ހުރިހާ ތަނެއް ސާފުކުރިއެވެ. އެންމެ ރޮށްޓެއްވެސް ރޮށިތަށީގައި ނެތެވެ. ހިބާ ހުރިހާ އެއްޗެއް އުކާލިއިރު ހިތަށް ވަރަށް އަސަރު ކުރިއެވެ. އެއީ ފައުޒާންއާއި އެއްކޮން ފުރަތަމަ އޭނަކުރި މަސައްކަތުގެ ކާނާ އެވެ. އެވެސް ރޯދި ނުކުރެއްވީ އެވެ.
“ހިބާ! މަށަށް ސައި ހަދާބަަލަ. ވަރަށް ލަސް ވެއްޖެ.” ހިބާ ރީތިކޮށް ނިމުންތަނާ ޒޭބާ ބަދިގެއަށް ވަންނަމުން ބުންޏެވެ. ހިބާ ޒޭބާއަށް ބަލަހައްޓައިގެން ހުއްޓެވެ. ހިބާ ޒޭބާއަށް ސައި ހަދަންވީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ. ޒެބާއަކީ އަމިއްލައަށް ސައި ނުހެދޭ ވަރުގެ ކުޑަކުއްޖެއް ހެއްޔެވެ. “އަދިވެސް ބަލަހައްޓައިގެން އެބަ ހުރޭ.” ޒޭބާ ބުންޏެވެ.
“ހިބާ ހައިރާންވެފަ މިހުންނަނީ. ރަށުގަ ޒޭބާއަށް ސައިހަދާދެނީ ކާކުބާއޭ މިހިތަށް އެރީ.” ހިބާ ބުންޏެވެ. ޒޭބާގެ މަންމައަކީ އެހާ ކުރިން ހޭލައިގެން ކަންތައްތަކާ އުޅޭ މީހެއް ނޫނެވެ. ގިނަ ދުވަސް ދުވަހު ޒޭބާގެ ކޮއްކޮތައް ބަނޑުހައި ވެގެން އުޅެން ފެށުމުން ބޮލަށް އުނދަގޫވެގެން ކައްކާފަ ކާންދެނީ ޒޭބާ އެވެ. މިހާރު އެކަމު އެކަން ވެސް އަމިއްލައަށް ވެސް އެއުޅެނީ ނުކުރެވިގެންނެވެ.
“ނަދޫ ބުނީ ހިބާ ސައިހަދާދޭނެޔޯ. އެހެންވެ މި ބުނީ.” ޒޭބާ ބުންޏެވެ. ހިބާ ކައިރިއަށް ރުޅި އަންނަގޮތް ވިއެވެ. ނަދުވާއަށް އެހެން ބުނެވެންވީވެސް ކީއްވެ ހެއްޔެވެ.
“ނަދުވާ ކައިރީ ބުނަންވީނު ޒޭބާއަށް ސައިހަދާދޭން އަންނާށޭ.” ހިބާ އެހެން ބުނެ ބަދިގެއިން ނުކުމެގެން ހިގައްޖެ އެވެ. ޒޭބާ ހިބާއާއި ދިމާއަށް ބަލަހައްތައިގެން ހުރީ އެވެ.
އެގޮތަށް ގޯނާ ކުރަމުން ނަދުވާއާއި ޒޭބާ އުޅެ އެވެ. ހިބާ އެކަންކަމާ މާ ބޮޑަކަށް އަޅައެއް ނުލަ އެވެ. ތިރިއަށް ހިބާ ފައިބަނީ ވެސް ކަމަކު ޖެހުނިއްޔާ އެވެ. އެމީހުން ނުހޭލަނިސް ކައްކާ ސާފުކޮށް ހަދާފައި ހިބާ މައްޗަށް ދަނީ އެވެ. މެންދުރު ފަހު ފައުޒާން އަންނަން ދެން ހިބާ އުޅެނީ އަޒްކާ މެންގޭގަ އެވެ. މިހާރު އަދި ނިހާނީ ވެސް އެގޭގައި އުޅޭތީ ވަރަށް ފޫހި ފިލަ އެވެ.
އެދުވަހު ފައުޒާން އޮފީސް ނިމިގެން އައި ތަނާހެން ހިބާ ވެސް އައިސް ގެއަށް ވަނެވެ. ހިބާ އަވަހަށް ކާން ހަދާފައި މައްޗަށް ދިޔައީ އަޒްކާމެންގެއިން ހިބާ ގެނައި ފޮތްތައް ބަހައްޓާށެވެ. ދެން ތިރިއަށް އައީ ފައުޒާންއާއި އެއްކޮންނެވެ. ދެމީހުން އައިސް އިށީނދެފައި ފައުޒާން ބަތް އަޅާ ރިހަ އަޅާ ރަގަޅަށް މޮޑެލާފައި އެއް ބަތްސުވާ ކާލުމާއި އެކު ބަތްތައްޓައް އަނގައިގައި ހުރި ބައި ވަރާލި އެވެ. އަދި ހިބާއަށް ބަލައިލި އެވެ. ހިބާ ވެސް ވީ ކިހިނެއް ކަމެއް ނޭގިފައި ފައުޒާންއަށް ބަލަން އިނެވެ.
“ރަހަ ބަލާބަލަ.” ފައުޒާން ހިބާގެ ތައްޓަށް އިޝާރާތް ކުރަމުން ބުންޏެވެ. ހިބާ ފައުޒާންއަށް ބަލަން އިނދެ ބަތް ސުވާލެއް ނަގާ އަގައަށް ލުމާއި އެކު ބުރުވާލި އެވެ. “ކޯޗެއް އަޅާފަ؟”
“ނޭގެ. ލޮނުވެސް އެހާ ގަދަ. ދިރި ކަންނޭގެ ދެން އެހެރީ އަޅާފަ. އެކަމަކު ހިބާ ރަހަ ބެލިން ކައްކާ ނިމިގެން. އޭރު ވަރަށް މީރު.” ހިބާ ހުރީ ހައިރާން ވެފަ އެވެ. ފައުޒާން ހައިރާނެއް ނުވެ އެވެ. އެއީ ކާކު ކުރާނެ ކަމެއްކަން ފައުޒާންއަށް އެގެ އެވެ.
“ތެލިން އަޅެ ރަހަ ބަލާލަ ބަލަ.” ފައުޒާން ބުންޏެވެ. ހިބާ ތެލިން ރަހަބަލައިލި އެވެ. “ރަގަޅު ދޯ.” ހިބާ ބޯ ޖަހާލި އެވެ. ދެމީހުން ތެލިން ބަތާއި ރިހަ އަޅައިގެން މީރުކޮން ކާން ތިއްބާ ނަދުވާ އައިސް ބަދިގެއަށް ވަނެވެ.
“ހިބާ، ހާދަ މީރޭ މިއަދު ކައްކަފަ ހުރިލެއް. ހުރިހާ ރަހައެއް ވެސް ވަރަށް ހެޔޮވަރު.” ފައުޒާން ވަށް ކަޅިން ނަދުވާއަށް ބަލައިލަމުން ބުންޏެވެ. އަދި ހިބާއަށް ބަލައިލަމުން އެއްލޯ މަރާލި އެވެ. ނަދުވާ ހިބާއަށް ފައުޒާން ތަޢުރީފު ކުރާއަޑު އަހަން އައިސް އަލަމާރިން ފެންފުޅިއެއް ނަގައިގެން ހުއްޓެވެ. އަނެއްކާ އެއަށް ހިބާ މިރުހާ ލޮނާ ދިރިއާ ނާޅަނީ ހެއްޔެވެ.
ނަދުވާ ފާޑަކަށް ހުރެފައި ވެސް ނިކުމެގެން ދިޔައީ އެދެމީހުން ކާން ތިބި ދިމާއަށް އަދިވެސް އެއްފަހަރު ބަލައިލާފަ އެވެ.
ފަހުން ހިބާ ބަދިގެއަށް އައި އިރު ޒޭބާއާއި ނަދުވާ ތިބީ ނޫޑްލިސް ހަދައިގެން ކާށެވެ.
“މި ހިބާއަކަށް ނޭގޭނެ މީރުކޮން އެއްޗެއް ކައްކާކަށްވެސް. މިއަދުވެސް މީގަ ލާރަހަ. ހުސް ދިރިޔާ މިރުހާ ލޮނާ މިޔައް އަޅާފަ ހުރީ ދޯ.” ނަދުވާއަށް ހިބާ ބަދިގެއަށް ވަންތަން ފެނިގެން ބުންޏެވެ.
“ފައުޒާންއަށް މީރުވީމަ އެނިމުނީނު. ދެން ތިމީހުނަށް ނުބައިޔާ އަމިއްލައަށް ކައްކައިގެން ތި ކަނީނު.” ހިބާ ވެސް ވަކި ދެރަވާކަށް ބޭނުމެއް ނޫނެވެ. ހިބާ އައިސް ފެންތައްޓެއް އަޅައިގެން ބޯލައިގެން ނިކުމެގެން ދިޔައީ ކްލާހަށްދާން ލަސްވާތީ އެވެ.
އެގޮތުގައި ދުވަސް ކޮޅެއް ވޭތިވެއްޖެ އެވެ. ޒޭބާއާއި ނަދުވާ ކާ އެއްޗިއްސައް ގޮތްގޮތް ހަދާތީ ފައުޒާންގެ އެދުމުގެ މަތިން ހިބާ މިހާރު ނުކައްކަ އެވެ. ފައުޒާން އޮފީސް ނިމިގެން އަންނަނީ ކައިގެންނެވެ. ހިބާވެސް އަޒްކާމެންގޭން ކަނީ އެވެ. ރޭގަޑު ކްލާސް ނިމިގެން ދެމީހުން ވެސް ގެއަށް އަންނަނީ ކައިގެންނެވެ. ޒޭބާއާއި ނަދުވާ ކުރާ އެއްވެސް ކަމެއް ކާމިޔާބުވާ ގޮތެއް ނުވެއެވެ. އެކަމާ ނަދުވާ ހުންނަނީ ހިބާދެކެ ނުހަނު ރުޅި އައިސްފަ އެވެ. އަދި ހަފީޒާ ކައިރީވެސް ހިބާއޭ ކިޔައިގެން ފާޑު ފާޑުގެ ވާހަކަ ދައްކަން ފެށި އެވެ. މިހާރު ހިބާ އެހެން އުޅެފައި ވައިބަރ އިން ހަފީޒާއަށް ގުޅާލިއަސް މާ ވަރަކަށް ހިބާއާއި ވާހަކަ ދައްކާކަށް ނޫޅެއެވެ. އެކަން ހިބާއަށް ވެސް ވަނީ ފާހަގަ ކުރެވިފަ އެވެ.
ހިބާގެ ކްލާސް ނިމުމުން ހިބާ ގެއަށް ލާފައި ފައުޒާން ދިޔައީ އަޒްމީލްއާއި މާޒްއާއި އެކު ކޮފީއަކަށްށެވެ. ފައުޒާން ނައިސްގެން ލަސްވެފައި ހިބާ އިނެވެ. ބާރަ ޖެހިއިރުވެސް ފައުޒާންއެއް ނައެވެ. އެންމެ ފަހުން ނިދަން ދާން އުޅެނިކޮން ފައުޒާން އައިސް މައްޗަށް އެރިއެވެ. ހިބާ ފެނުމުން ފައުޒާން އައިސް ހިބާ ކައިރިއަށް ހުއްޓިލަމުން ހިނިތުން ވެލި އެވެ. ފައުޒާން ކޮންމެސް ވާހަކައެއް ބުނަން އުޅޭހެން ހިބާއަށް ހީވި އެވެ. ހިބާ ފައުޒާންގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ.
“ހިބާ!” ފައުޒާން އައިސް ހިބާގެ އަތުގައި ހިފާލި އެވެ. “ހިންގާ މެރީ ކުރަން.”
10 Comments!
Comments are closed.
Mihaaru asi ge gurubaabvumy mihithuge ufaa nugenes dhenytha 2 vahakaves kiuamun dhaa hisaab v v rythi. Thxa asi.
Vv reethi… ?
Superb..?”
thanx vvvv salhi adhi avahah upkohleema v ufaavejje
Thanks Aasi waiting for next part
Nice mi part thanks avahah up koahleyma good work?☺
Varah reethi. Waiting for next part
Nadhuva hadha fani Hafeeza gaboolu nukuruvaathi. Please. V foohi zaan mom kaari Nubuneema. Reethi gothakah emmen kurimathi nadhuva ge hageegaiy bunetheythi. Eyrun haadha majaa vaane. Waiting 4 the next part
dhen stry reethi vaane. xaan aa hibaa sirun mery kogen eykee ulheniko nadhoo hibaage isthashigandu burikolaane. xaan nadhoo geyn beyru kolaane hibaa burugaa alhan fashaa..xaan traning ah dhaa fahun xaan ge mom aasa v nubaa vaane hibaa ah. nadhoo plane kogen vakan boluga alhu vaafa hibaa geyn nere lanee. hibaa preg vey. foan halaak v ma xaan aa hibaa aa contect nuvey. hibaage dad xaan dheke v rulhi aadhdy……………
Aish thogothah vaahakaiga vaa kanthah thah bunedhenya kuriah onna baithah kiya hitheh nuvaane ehnu dhw 😛 mibai ves varah salhi ingey Aasi 😀 haadha haavey kura hih samaasaa <3