ހާދަހާވޭ ކުރާހިތް ސަމާސާ 26 ވަަނަ ބައި

- by - 0- April 18, 2016

“އާހް!” ހައިރާން ވެގެން ހިބާ ބަލައިލި އިރު އަޒްކާއާއި އަޒްމީލު ބަދިގެ ދޮރުމަތީ ހެވިފައި ތިއްބެވެ. ޝަކީލާ ވެސް ހިނި އައިސްފައި ހިބާއަށް ބަލަހައްޓައިގެން ހުއްޓެވެ. ހިބާ ހުރީ އަޖައިބު ވެފަ އެވެ. ބިސް ޖަހާފައި ހެވިފައި އެންމެން އެބަ ތިއްބެވެ.

“ހެޕީ ބާރތް ޑޭ ޓޫ ޔޫ!” އެންމެން އެއް އަޑަކުން ލަވަ ކިޔަން ފެށި އެވެ. ހިބާއަށް އެއީ ހިބާގެ އުފަން ދުވަސް ކަން ހަދާނެއް ވެސް ނެތެވެ. އެމީހުން ލަވަ ކިޔަން ފެށުމުން އެކަން ހަދާން ވެގެން އަނގަމަތީ އަތް އަޅައިގެން ހެވިފައި ހިބާ ހުއްޓެވެ.

“ހޫން. ދެން ހެވިފަ ހުންނާނެ ކަމެއް ނެތް. ދޭ ފެން ވަރައިގެން އަންނަން.” ޝަކީލާ ބުންޏެވެ.

“އެއީ ދޮގެއް. އަދި ނުނިމެޔޭ.” އަޒުމީލު ބަދިގެއަށް ވަންނަމުން ބުންޏެވެ. އަޒުމީލު ގޮދަން ފުށް އެއްޗާއި ދިމާއަށް ގުދުވާން ފެށުމުން އަޒުމީލު ކުރަން އުޅޭ ކަންތައް ހިބާއަށް އެގިގެން އަވަހަށް ދުއްވައި ގަންނަން އުޅެނިކޮން އަޒްކާ ހިބާ ހިފެހެއްޓި އެވެ. އަޒުމީލު ބަލާކަށް ނުހުރެ އޭގަ އޮތް ކުޑަ ޖޯޑަށް ފުށްއަޅައިގެން އައިސް ހިބާގެ ގަޔަށް އޮއްސާލި އެވެ. އެންމެން ހޭން ފެށި އެވެ. ޝަކީލާ ވެސް އެވަގުތު ހެވިފައި ހުއްޓެވެ.

“ބަލާލަ މިހާރު މިއޮއް ބަދިގެއެއް.” ދެންމެ ހެވިފައި ހުރި ޝަކީލާ ހިތްހަމަ ނުޖެހުނީ މުޅި ބަދިގެއަށް ބިހާ ފުށާ އެޅިފައި އޮތީމަ އެވެ. “ކަލޭމެން މިތަން ސާފުކުރޭ. ދެން ބައްޕަ ސައިބޯން އަންނައިރު މިގޮތަށް އޮތީމަ ވަރަށް ރީތި ވާނެ.”

“ހިބާ ދޭ ފެން ވަރަން. އަޒްކޮއާ ދޮންބެއާ ސާފު ކޮށްލާނަން.” އަޒްކާ ހިބާ އަވަހަށް ފޮނުވާލަމުން ބުންޏެވެ.

“އަޒްކާ ސާފު ކޮށްލާ ދޮންބެ ރޭގަ ހޭލާ ހުރެފަ އައިމަ ނިދި އައިސްގެން މިދަނީ ނިދާލަން.” އަޒްމީލް އަވަހަށް ބޮލުން ނައްޓާލަމުން އެތަނުން ނުކުމެގެން ހިގައްޖެ އެވެ.

“ރީތި ވެއްޖެ.” އަޒުމީލު ނުކުމެގެން ދިޔަތަން ބަލަން ހުރެފައި ޝަކީލާ އަޒްކާއަށް ބުންޏެވެ. އަޒްކާ ފޫހި ގޮތަކަށް ތުންގަނޑު އޫކޮށްލަމުން ސާފުކުރަން ފެށި އެވެ.

ހިބާ ފެންވަރައިގެން ނިކުމެ ލޯގަނޑު ކައިރީ ހުއްޓިލި އެވެ. މިއަދު ފައުޒާން ހުރިނަމައޭ ހިބާ ހިތަށް އެރި އެވެ. މިދިޔަ އުފަން ދުވަސް މަތިން ހިބާ ހަދާން ވި އެވެ. އެއީ ހިބާއަށް ހިތްދަތި ކަމެއް ގެނުވި އުފަން ދުވަހެކެވެ. އެކަހަލަ އުފަން ދުވަހަކަށް މިއަދު ނުވުމަށް ހިތުގެ އަޑިން ހިބާއަށް ދުޢާ ކޮށްލެވުނެވެ.

އެދުވަހު މެންދުރު ފަހު ޒެކް އައީ ބޮޑު ކޮތަޅެއް ހިފައި ގެނެވެ. އެންމެ ކުރިން އެ ކޮތަޅުން ޒެކް ނަގާފަ ހިބާއަށް ދިނީ ވަރަށް އަގު ބޮޑު ފަށެކެވެ. އެއީ ފެހި ކުލައިގެ ޖަވާހިރު މުތީ ތަކެއް ޖަހާލާފައިވާ ރިހި ފަށެކެވެ. ދެން ދިނީ ޓޮޕަކާއި ޖީންސް އެކެވެ. އެއީ ހިބާ އާމުކޮން ލާއުޅޭ ކަހަލަ އެއްޗިއްސެވެ. އެއީ ހިބާގެ ބައްޕަ ފޮނުވި ހަދިޔާ ކަމުގައި ޒެކް ބުންޏެވެ. ޒެކްގެ ފަރާތުން ހިބާއަށް ދިނީ ދަބަހެކެވެ. ހެދުމާއި ގުޅޭ ކަހަލަ ދަބަހެކެވެ.

“ޒެކް، ޒެކް ޖެހޭނެ ދެ ހަދިޔާ ދޭން.” ހިބާ ބުންޏެވެ. އޭރު އަޒްކާ ހިބާއަށް ލިބުނު ހަދިޔާތަށް ރީތި ވެގެން ބަލަން އިނެވެ.

“އެޔޯ؟” ޒެކް އެހި އެވެ.

“މިދިޔަ އަހަރު ޒެކް ނުދެމެއްނު.” ހިބާ ބުންޏެވެ.

“އާން. ތެދެކޭ.” ޒެކް ހަދާން ވެގެން ބުންޏެވެ. އެހެންޏާ ކޮންމެ އަހަރަކު ވެސް ހިބާއަށް ކޮންމެސް ހަދިޔާއެއް ޒެކްގެ ފަރާތުން ލިބެ އެވެ. ނަމަވެސް މިދިޔަ އަހަރު ހިބާގެ އުފަން ދުވަސް އައި އިރު ޒެކް އުޅުނީ ރާއްޖޭން ބޭރުގަ އެވެ. އެހެން ކަމުން ޒެކް ވެސް ހަދާން ނެތުނީ އެވެ.

“ޒެކް، މިފަހަރު ދޭން ޖެހޭނީ ހިބާ ބުނާ އެއްޗެއް.” ހިބާ ބުންޏެވެ. ޒެކް ބުމަ އަރުވާލަމުން އަތުން އިށާރާތެއް ކޮށްލި އެވެ.

“ޒެކް ޖެހޭނީ މިގޭ އެންމެނަށް ކާން ދޭން.” ހިބާ ބުންޏެވެ. “މިރޭ!” ހިބާ އަޑަށް ބާރު ލާފައި ބުންޏެވެ.

“އޯކޭ، ރެޑީވޭ.” ޒެކް ބުންޏެވެ. “ސައިކު ނެތް ކުދިން ބަލާ ޒެކް އަންނާނަން.”

ހިބާ އަވަހަށް އަޒްމީލުއަށް ގުޅާލި އެވެ. އަދި ޝަކީލާއާއި ރަޝީދް ކައިރީ ވެސް ތައްޔާރު ވުމަށް ބުންޏެވެ.

“އެކޮއެ. ނަދޫ ވެސް ގެންދަން ވާނެނު.” ހިބާ ރަޝީދް ކައިރީ ބުނުމުން ރަޝީދް ހިބާއަށް ގޮވާލާފައި ބުންޏެވެ. ހިބާއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ހިބާ އަޒްކާ ކައިރީ އެވާހަކަ ބުނުމުން އަޒްކާ ވެސް ފޫހި ގޮތަކަށް އިނދެ ނަދުވާއަށް ގުޅި އެވެ.

“އާން ދެވިދާނެ. ކާކު ދެނީ؟” ނަދުވާ އެހި އެވެ.

“ޒެކް ދެނީ، ހިބާގެ ބާރތްޑޭ ވީމަ.” އަޒްކާ ހީކުރީ ހިބާގެ ބާރތްޑޭ ވީމަ އޭ ބުނެފިއްޔާ ނަދުވާ ނުދާނެ ކަމަށެވެ. ނަމަވެސް ކަންތައް ވީ އެހެނެއް ނޫނެވެ. ޒޭބާއާއި ދެމީހުން ވެސް ތިބީ ދާގޮތަށް ކަމަށް ބުނެފި އެވެ.

އެރޭ ހިބާ ކްލާސް ނިމިގެން އަޒްކާއާއި އެކު ކޮލެޖު ދޮރު ކައިރީ މަޑުކޮށްލައިގެން ތިބީ މާޒްއާއި ޒެކް އަންނަން ދެނެވެ. އެންމެ ކުރިން އައީ މާޒް އެވެ. މާޒް އިނީ ވަރަށް ހިނި އައިސްފަ އެވެ.

“ހެޕީ ބާރތް ޑޭ ހިބާ!” މާޒް ބުންޏެވެ. “ހިބާގެ ބާރތްޑޭ ދުވަހު ވަރަށް ހެޔޮ ޚަބަރެއް އެންމެންގެ ފޯނުތަކަށް ވެސް އަންނަމުން އެބަދޭ. ތި ދެމީހުން އަދި ފޯނެއްވެސް ނުބަލައިލަން ދޯ!” މާޒް އިނީ ވަރަށް އުފާ ވެފައިކަން މޫނުމަތިން ފެންނަން ހުއްޓެވެ. އަޒްކާ އަވަހަށް ފޯނު ނަގާ ބަލައިލި އެވެ. އަދި އުފަލުން ފުމެން ފެށި އެވެ. ހިބާވެސް ފޯނުނަގާ ބަލައިލާފައި ހިބާއަށް ހެވުނެވެ. އަދި އުފަލުން ލޮލުން ކަރުނަ ނިރާލައިފި އެވެ. އަނގަމަތިން ހެވިފައި ލޮލުން ރޮވެނީ އެވެ. އަޒްކާއާއި މާޒް ހައިރާން ވެފައި ހިބާއަށް ބަލަހައްޓައިގެން ތިއްބެވެ.

“ހިބާ!” މާޒްއަށް ގޮވާލެވުނެވެ. “ކިހިނެއް ތި ވަނީ؟”

“ހިބާ؟ އާރ ޔޫ އޯކޭ؟” ހިބާއަށް ވަމުންދާ ގޮތް ފެނިގެން އަޒްކާ ހިސާބަކަށް ހާސް ވިއެވެ. ހިބާ ބޯ ޖަހާލި އެވެ. ހިބާ އުޅެނީ ވާހަކަ ވެސް ނުދެއްކި ގެންނެވެ.

“ހިބާ… މިއަދު .. މީ ހިބާގެ ހެޕިއަސްޓް ބާރތް ޑޭ.” ހިބާ ލޯ ފޮހެލަމުން ހިބާ ބުންޏެވެ. “މިއަދު މި ލިބުނީ އުންމީދު ކޮށްގެން ހުރި އެންމެ އުފާވެރި ހަބަރު.”

“އަސްލުވެސް.” އަޒްކާ ވެސް ބުންޏެވެ. އެންމެން ވެސް ތިބީ ވަރަށް އުފާ ވެފަ އެވެ. ދާދި ދެންމެއަކު އެންމެނަށް އައި މެސެޖަކުން ނެވެ. ފައުޒާން ދާދި ދެންމެގައި ހޭ އެރީ ކަމުގައި ބުނެ ހަފީޒާ މެސެޖު ކުރީ އެވެ. މިހާރު ޑޮކްޓަރުން އައިސް ބަލަމުން ދާކަމާއި އަދި ރަގަޅު ވީ ކިހާ މިންވަރަކަށް ކަމެއް ނޭގޭކަމަށް ހަފީޒާ ވައިބަރ މެދުވެރިކޮށް އެންމެނަށް މެސެޖު ކުރި އެވެ.

އިރުކޮޅަކުން ޒެކްގެ ކާރު އައިސް އެތަނަށް މަޑުކޮށްލި އެވެ. ހިބާ އަވަހަށް ކާރަށް އަރަން ވެގެން ގޮސް ކުރީ ދޮރު ހުޅުވާލަން އުޅުނެވެ. ނަމަވެސް ކުރީ ގޮނޑީގައި ނަދުވާ އިންތަން ފެނުމުން ފަހަތް ހުޅުވާ ފަހަތައް އެރި އެވެ. އޭރު ޒޭބާ ފަހަތުގައި ތުއި ގޮތަކަށް އިށީނދެލައިގެން އިނެވެ.

“ހިބް؟” ހިބާ އަރާ އިށީނުމާއި އެކު ޒެކް ބުންޏެވެ. “މެސެޖް ބަލައިފިންތަ؟” ހިބާ ބޯ ޖަހާލީ ލޯގަނޑުން ޒެކްއަށް ބަލައިލަމުން ނެވެ. އަދި ވަރަށް ހެވިފައި ގޮނޑީގައި ހަމަ ޖެހިލި އެވެ. ކާރު ތެރޭގައި އިތުރަށް ވާހަކައެއް ނުދެކެވެ އެވެ.

އެންމެން ގޮސް އިށީދެގެން ތިބީ ރާނބާ ރެސްޓޯރެންޓްގެ މަތީ ބުރީގަ އެވެ. އެންމެން ވެސް ދައްކަމުން ދަނީ ފައުޒާން ރަގަޅު ވީމަ އެވާހަކަ އެވެ.

“ހަފީ ބުނީ ހަފީ ޤުރުޢާން ކިޔަވަން ފައުޒާން ކައިރީ އިންދާ އެއްފަހަރު ޒާން ގޮވާލި އަޑު އިވުނޯ. ދެން ބަލައިލާފަ ޒާން ހަރަކާތް ނުކޮށް އޮތީމަ އަނެއްކާވެސް ޤުރުޢާން ކިޔަވަން ފެށީޔޯ. ދެވަނަ ފަހަރަށް މަންމާއޭ ކިޔާފަ ގޮވާލީމަ ކައިރި ވެލި އިރު އެސްފިޔަ ވެސް ޖަހާލިޔޯ. ދެން ޒާންއާއި ދިމާއަށް ދަރިފުޅާ އޭ ކިޔާފަ ގޮވާލުމުން އަނެއްކާވެސް މަންމާއޭ ކިޔާފަ ގޮވާލީ އޯ. ދެން ހަފީ އަވަހަށް ޑޮކްޓަރަށް ގޮވާފަ އައިސް އެންމެނަށް މެސެޖް ކުރީ ޔޯ.” ޝަކީލާ އަށް ހަފީޒާ ކިޔައިދިން ގޮތަށް ޝަކީލާ އެވާހަކަ އެންމެނަށް ހިއްސާ ކޮށްލި އެވެ.

އެންމެން ވެސް ލިބުނު ހަބަރުން ތިބީ ވަރަށް އުފާ ވެފަ އެވެ. ކައި ނިމިގެން ބިލް ގެންނަން ދެން މަޑުކޮށްލައިގެން އެންމެން ތިއްބާ ހިބާގެ ފޯނަށް ހަފީޒާ ގުޅަން ފެށުމުން ހައިރާން ވެފައި އިނދެ ހިބާ ފޯނު ނެގި އެވެ.

“ހެލޯ!” ހިބާ ބުންޏެވެ. އެކޮޅުން އަޑެއް ނީވެ އެވެ. “ހެލޯ! ކުޑައްތާ؟” ހިބާ އަނެއްކާވެސް ބުންޏެވެ. އެންމެންގެ ސަމާލުކަން ހިބާއަށް ހުއްޓުނީ ހިބާ ކުޑައްތާއޭ ބުނުމުން ނެވެ.

“ހެލޯ ހިބާ!” އެކޮޅުން އައީ ފައުޒާންގެ އަޑެވެ. ހިބާއަށް ބުނާނެ އެއްޗެއްވެސް ނޭގިފައި ވާހަކަ ދައްކަން ވެސް އުނދަގޫ ވެފައި އިނެވެ.

“ހިބާ؟” އަނެއްކާ ވެސް ފައުޒާން ގޮވާލި އެވެ.

“ފައުޒާން؟” ހިބާއަށް މަޑު މަޑުން ބުނެ ވުނެވެ. އެވަގުތު އެންމެން ތިބީ ހިބާއަށް ސަމާލު ކަން ދީގެންނެވެ. ނަދުވާގެ ހިތް އަނދަމުން ދިޔައީ ހަސަދައިން ނެވެ. ފައުޒާން ހޭ އަރާފަ ވެސް އެންމެ ކުރިން ނަދުވާއަށް ގުޅުމުގެ ބަދަލުގައި ހިބާއަށް ގުޅީމަ އެވެ.

“ހެޕީ ބާރތްޑޭ ހިބާ!” ފައުޒާން ބުންޏެވެ. ހިބާގެ ލޮލުން ކަރުނަ ނިރާލި އެވެ. ހިތަށް ލިބުނު އުފާވެރި ކަމުން ކެތްވެސް ނުކުރެވުނެވެ. ކަރުނަ ކޯތާފަތް މައްޗަށް ފައިބައި ގަތެވެ.

“ތެންކް ޔޫ!” ހިބާ މަޑުމަޑުން ބުންޏެވެ. ލޮލުން ކަރުނަ އައި ކަމުގައި ވިއަސް ތުންފަތަށް ވެރި ވެފައި ވަނީ ރީތި ހިނިތުން ވުމެކެވެ.

“ހިބާ!” ހަފީޒާ ގެ އަޑު އިވުނެވެ. “ޒާންއަށް އަދި އެހާ ގިނައިން ވާހަކައެއް ނުދެއްކޭ. ވަރުބަލި ވާތީ. އެކަމަކު ހަމަ ކުޑައްތަ ކައިރީ ކިޔާ ވަރުން މި ގުޅީ ހިބާއަށް ވިޝް ކޮށްލަން ވެގެން.” ހަފީޒާ ބުންޏެވެ. “އުފާ ވެރި އުފަން ދުވަހަކަށް އެދެން. އަލީބެއާ ކުޑައްތަގެ ފަރާތުން ވެސް އިނގޭ!” ހަފީޒާ އެހެން ބުނުމުން ހިބާ ބޯ ޖަހާލަމުން އާއެކޭ ބުންޏެވެ. އަދި އަތުން ލޯ ވެސް ފޮހެލި އެވެ. ހަފީޒާ ފޯނު ކަނޑާ ލުމުން ހިބާ އެންމެނަށް ބަލައިލި އެވެ. އެންމެން ތިބީ ހިބާއަށް ބަލަހައްޓައިގެނެވެ. ހިބާއަށް ބުނާނެ އެއްޗެއް ނޭގިފައި އިނެވެ.

“ޒާން ވާހަކަ ދެއްކީތަ؟” މާޒް އެހި އެވެ. ހިބާ ބޯ ޖަހާލި އެވެ.

“ކީކޯ ބުނީ؟” ޝަކީލާ އެހި އެވެ.

“ވިޝް ކުރީ އިތުރު އެއްޗެއް ނުބުނޭ!” ހިބާ ބުންޏެވެ. “ދެން ކުޑައްތަ ވާހަކަ ދެއްކީ.” ހިބާ ގެ ނަޒަރު ގޮސް ނަދުވާއަށް ހުއްޓުނު އިރު ނަދުވާ އިނީ ރުޅި އައިސްގެން ފަޅައިންގެން ދާން ކައިރިވެފައި ކަން ހިބާއަށް އިނގުނެވެ. ހިބާ އަވަހަށް އަނެއް ފަރާތައް މޫނު އަނބުރާލި އެވެ.

ހަފީޒާއާއި ދެން ދެއްކި ވާހަކަ ހިބާ އެންމެނާއި ހިއްސާ ކޮށްލި އެވެ. އެންމެން ވެސް ހިތްހަމަ ޖައްސާލަމުން ދެން ވާނީ ރަގަޅު ކަމަށް ބުނަމުން ދިޔަ އެވެ.

އެރޭ ގެއަށް އައިސް ހިބާއަށް ނުވެސް ނިދުނެވެ. ކަންފަތުގައި ހަރުލާފައި ހުންނަނީ ފޯނުން ފައުޒާން ހިބާއަށް ގޮވާލި އަޑާއި ހިބާއަށް ފައުޒާން ހެޕީ ބާރތް ޑޭ ކީ ގޮތެވެ. ފައުޒާން އަވަހަށް ރަގަޅު ވޭތޯ ދުޢާ ކޮށްލަ ކޮށްލަ އޮއްވާ ހިބާއަށް ނިދިއްޖެ އެވެ.

*    *    *    *    *    *    *    *    *    *    *

 

ދުވަސްތައް ފާއިތު ވަމުން ގޮސް ފައުޒާން ހޭ އެރި ފަހުން ދެ ހަފްތާ ވެއްޖެ އެވެ. ނަދީމާ މާލެ އަންނަން އުޅެނިކޮން ފައުޒާން ރަގަޅު ވުމުން ފައުޒާން މެނާ އެކު އަންނަން މަޑުކުރީ އެވެ. މިއަދު ގޭތެރޭ އެންމެން ހަލަބޮލި ވެގެން އުޅެއެވެ. ހަފީޒާ މެންގޭގައި ނަދުވާއާއި ޝަކީލާ ވެގެން ބޮޑު ކެއުން ގަޑެއް ތައްޔާރު ކުރުމުގައި އަވަދި ނެތި އުޅެ އެވެ. ހިބާއާއި ޒޭބާ އަދި އަޒްކާ ވެސް އެތަން މިތަން ސާފު ކުރުމުގައި މަޝްޢޫލު ވެގެން އުޅެ އެވެ. މިއަދު ފައުޒާން ރަގަޅު ވެގެން މާލެ އަންނާތީ އެންމެންގެ ހިތްތަކުން ވެސް ފެންނަމުން ދަނީ އުފާވެރި ކަމެވެ. ފިރިހެން ވެރިން އެއަރ ޕޯރޓަށް ގޮސް ވީ އެމީހުން ބަލަ އެވެ.

ހިބާގެ ހިތް ހީވަނީ އުފަލުން ބޭރަށް ނުކުމެދާނެ ހެނެވެ. ހިބާއަށް ފައުޒާން ފެނުމުން ވާނީ ކިހިނެއް ބާ އެވެ. ހިބާ ހިތަށް އަރަމުން ދިޔަ އެވެ. އަނެއްކާ ފައުޒާން އެދުވަހު ބުނި ވާހަކަ ފައުޒާން ހަދާން ހުންނާނެ ބާ އެވެ.

މަސައްކަތްތައް ނިންމާލާފައި ހިބާ ވެސް ދިޔައީ އަވަހަށް ފެން ވަރާލާށެވެ. އަޒްކާއާއި ޒޭބާ ސޯފާގައި އިށީދެލައިގެން ތިއްބެވެ. ނަދުވާއާއި ޝަކީލާ ވެސް ކައްކާ ނިމިގެން ބަދިގެ ސާފުކޮށްލާފައި ނުކުތް ވަގުތު ފޮށިތައް ހިފައިގެން އައިސް އަލީއާއި އަޒްމީލް ވަދެއްޖެ އެވެ. އެމީހުން ފަހަތުން ދެން ތިބި މީހުން ވެސް ވަނެވެ. ގޭތެރެއަށް ހީވީ އީދެއް އައި ހެނެވެ. އަޒްކާ އާއި ޝަކީލާ ތިބީ ފައުޒާންގެ ހަށިގަނޑަށް އައިސްފައި ވާ ބަދަލުން އަޖައިބު ވެފަ އެވެ. މަސް ޖަހާލާފައިވާ ފިރިހެން ވަންތަ ހަށިގަނޑު މިހާރު ވަނީ ހިކި އަނަރޫފަ ވެފަ އެވެ. ފައުޒާންއަށް ބަލައިލުމުން މީހަކު ދެރަވާފަދަ ނިކަމެތި ކަމެއް މޫނުމައްޗަށް ވަނީ އައިސްފަ އެވެ. ފަޅާފައިވާ ތުނި ތުނބުޅިން ވެސް މީހާގެ ސިފައަށް ވަނީ ބަދަލު ތަކެއް އައިސްފަ އެވެ. ފައުޒާން ފެނުމުން ނަދުވާ އައިސް ފައުޒާން ކުރިމައްޗަށް އަރާ ފައުޒާންއާއި ކައިރި ވާން އުޅުނެވެ. ނަމަވެސް ފައުޒާން ހަމަ ދެނަހުރި ކަމަށްވެސް ނަހަދާ ދުރަށް ޖެހިލީ އެކި ދިމަދިމާ ހޯދަމުންނެވެ. ފައުޒާންގެ ލޯ ހޯދަމުން ދަނީ އެންމެ ފަރާތެކެވެ. ނަމަވެސް އެތާކު އެފަރާތެއް ފެންނާކަށް ނެތެވެ.

“ޒާން، ހާދަ ހިކިއްޖެޔޭ ދޯ!” ޝަކީލާ ފައުޒާން ކައިރިއަށް ހުއްޓިލަމުން ބޮލުގައި ފިރުމާލި އެވެ. “ދޮންބެދައްތަ މި ހުންނަނީ ވަރަށް ދެރަވެފަ. ޒާން އަށް އެކަހަލަ ކަމެއް ވީމަ ދޮންބެދައްތަ ދުވަހަކު ނުވާހާ ދެރަ ވީ އެދުވަހު.” ޝަކީލާ ބުންޏެވެ. ފައުޒާން ހީލަމުން ޝަކީލާއަށް ބަލައިލި އެވެ.

“އިރާދަ ކުރެއްވިއްޔާ ދުވަސް ކޮޅަކުން މި ބޮޑީ ވަރުގަދަ ކޮށްލާނަން” ފައުޒާން އަތުގެ ހިކަނދި މަސްގަނޑުގައި ޖަހާލަމުން ބުންޏެވެ.

“އާން! ޒާން ޖިމްއަށް ދާން ފެށީމަ ތިކަންތައް ހައްލު ވެދާން.” އަޒްމީލް އައިސް ފައުޒާންގެ ކޮނޑަށް އަތް ވައްޓާލަމުން ބުންޏެވެ. “އަހަރެން ކައިވެނި ކުރަން މި އުޅެނީ. ޒާން އަންނަން ދެން މި ހުންނަނީ.”

“އެހެންތަ. އަވަސް ކުރޭ. ތިހެން ވިއްޔާ.” ފައުޒާން އަޒްމީލްގެ ކޮންޑުގައި ޖަހާލަމުން ބުންޏެވެ. އެވަގުތު ނަވާއާއި ނަދީމާ އައިސް ވަނެވެ. ނަވާގެ ބޮލުގައި އެންމެ އިސްތައްޓެއް ވެސް ނެތެވެ. ނަވާ ވެސް ވަނީ ހިކިފަ އެވެ. ނަމަވެސް ކުޑަކޮން ދެމިލާފައި ހުރުމުން ބޮޑު ވައްތަރު ޖަހަ އެވެ.

“ނަވާ!” އަޒްކާ އައިސް ނަވާގައިގައި އޮޅުލައި ގަތެވެ. ނަވާ ވެސް އަޒްކާ ގައިގައި ބައްދާލި އެވެ.

“ކޮބާ ހިބާއްތަ؟” ނަވާ އެހި އެވެ.

“އެއީ ނަވާ އެކޮޅުގަ އުޅުން އިރުވެސް އަބަދު އުޅެނީ ހިބާ މިސް ވެގެން. އަހަންނަކަށް ނޭގެ ނަވާ ހިބާ ދެކެ މިވާ ލޯތްބެއް. ހަދިޔާ ވެސް ގެނައީ ހިބާއަށް އެކަނި.” ނަދީމާ ބުންޏެވެ. ނަދުވާ ހަސަދަ ވެރި ވެފައި އެންމެނަށް ބަލައިލި އެވެ.

“ދޮންތި ދެކެ އެކަމު ނަވާ އެންމެ ލޯބިވާނީ ދޯ ދޫނީ!” ނަދުވާ އައިސް ނަވާ އުރާލަން އުޅުނެވެ.

“ނޫން. ދޮންތި ކައިރީ ނުދާށޭ ބުނީމަވެސް ދޮންތި މާލެ އައީނު. އެހެންވެ ދޮންތިއާ ރުޅި.” ނަވާ ތުންކޮޅު އޫކޮށްލަމުން އެހެން ބުނުމުން އެންމެން ކައިރިއަށް ހިނިއައެވެ.

“އެހެން ވާނީ.” ޝަކީލާ ހެމުން ހެމުން ނަދުވާއާއި ދިމާއަށް ބުންޏެވެ. ހަފީޒާ ވެސް ހިބާ ހޯދާލި އެވެ.

“ކޮބާ ހިބާ؟” ހަފީޒާ އެންމެ ފަހުން އެހި އެވެ. ހަފީޒާ އެހެން އެހުމުން ފައުޒާން ވެސް އެކަމަށް ސަމާލު ވެލި އެވެ.

“ހިބާ ފެންވަރަން ދިޔައީ. އިރުކޮޅަކުން އަންނާނެ.” އަޒްކާ ބުންޏެވެ. “ހިންގާ އެންމެން ކާން ދާން.”

އެހެން ބުނުމުން އެއްބަޔަކު ބަދިގެއާއި ދިމާއަށް ހިގައި ގަތެވެ. ފައުޒާން އާއި އަޒްމީލް ފައުޒާންގެ ފޮށި ހިފައިގެން އެރީ މައްޗަށެވެ. އެކަކުވެސް ފެންނާކަށް ނެތެވެ. އަޒްމީލު ގޮސް ފައުޒާންގެ ކޮޓަރިއަށް ފޮށި ވެއްދި އެވެ.  އަޒްމީލު ފަހަތުން ފައުޒާން ވެސް ގޮސް ކޮޓަރިއަށް ވަނެވެ.

“ކޮބާ ހިބާ؟” ފައުޒާން އަޒްމީލް ކައިރީ އެހި އެވެ. ނޭގެއޭ ބުނުމުގެ ގޮތުން އަޒްމީލް ކޮނޑު އަރުވާލި އެވެ.

“ޒާން، ހިބާ ވަރަށް ބޮޑު މިހާރު. މި ބުނީ ވަރަށް ރީއްޗޭ މިހާރު.” އަޒްމީލް ބުންޏެވެ. މި ވީ ބައި އަހަރު ތެރޭ ހިބާއަށް އައިސްފައި ވާ ބަދަލު އަޒްމީލްއަށް ވެސް ވަނީ ފާހަގަ ކުރެވިފަ އެވެ. ދެމީހުން އިރުކޮޅަކު ވާހަކަ ދައްކަން ތިބުމަށް ފަހު ނުކުތީ ތިރިއަށް ކާން ދިއުމަށް ޓަކައެވެ. ފައުޒާން ދަމުން ހިބާ ކޮޓަރީގައި ޖަހާވެސް ލިއެވެ. ނަމަވެސް ހަބަރެއް ނުވި އެވެ.

ފައުޒާން ތިރިއަށް ދިޔައިރު ހަފީޒާއާއި ރަޝީދްއާއި ސައީދް ތިބީ ސޯފާގަ އެވެ. ނަދުވާވެސް އެމީހުން ކައިރީ އިށީދެލައިގެން އިނެވެ. ދެން އެހެން މީހުން ވީ ބަދިގޭގައި ކާން ވަދެ އެވެ. އަޒްމީލްއާއި ފައުޒާން ގޮސް ސޯފާކައިރީ މަޑުކޮށްލި އެވެ.

“ޒާންއާ އަޒްމީލްއާ ދެކުދިން ދާންވީނުކާން. މިހާރު ތުއްތައްތަޔާ އަޒްކާއާ ވެސް ކާން އެބަތިބި.” ހަފީޒާ އެދެމީހުނަށް ބަލައިލަމުން ބުންޏެވެ. “ނަދޫ ދޭބަލަ އެމީހުނަށް ކާން ހަދާދޭން.”

ނަދުވާ ތެދުވި އެވެ. ނަމަވެސް ބަދިގެއިން ހިބާ ނިކުތްތަން ނަދުވާއަށް ފެނުނެވެ.

“ހިބާ!” ނަދުވާ ގޮވާލި އެވެ. ފައުޒާންއަށް ނަދުވާ ބަލައިލި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ އެވެ. ހިބާ ނަދުވާއަށް ބަލައިލި އެވެ. “ޒާން މެނަށް ކާން ހަދާދީ ބަލަ.” ނަދުވާ އެހެން ބުނުމުން ހިބާއަށް އެކި މީހުނަށް ވަކިވަކިން ބަލައިލެވުނެވެ. ފައުޒާން ކޮބައިބާއޭ ހިބާ ހިތަށް އެރި އެވެ. ސޯފާ ކައިރީ ހުރި ހިކިހިކި މީހެއް ހިބާއަށް ބަލަހައްޓައިގެން ހުރުމުން ހައިރާން ވެފައި އަދި އެއްފަހަރު ރަގަޅަށް ބަލައިލި އެވެ. ހިބާގެ ލޯ ބޮޑު ވެގެން ދިޔަ އެވެ. ތުނި ތުނބުޅިއެއް ލާފައި ހިކި އަނަރޫފަ ވެފައިވާ މިހިރަ މީހަކީ ފައުޒާން އެވެ. ފައުޒާން ފެނުމުން ހިބާ އުފާވި ނަމަވެސް ހިތް ކުދި ކުދި ވެއްޖެ އެވެ. ފައުޒާންއަށް ވެފައި ހުރި ގޮތުން ހިބާގެ ލޮލުން ކަރުނަ ނިރާލި އެވެ. އަވަހަށް ބަދިގެއަށް ދެމިގަތީ ލޮލަށް ގިނަވި ކަރުނަތައް މީހަކަށް ފެނިދާނެތީ އެވެ. ހިބާއަށް ބަލަން ހުރި ފައުޒާން ހިބާ ބަދިގެއަށް ވަނުމުން ބަދިގެއާއި ދިމާއަށް ހިގައި ގަތެވެ. ތެދެކެވެ. ހިބާ ވަނީ ބަދަލު ވެފަ އެވެ. ރީތިކަން ވަނީ އިތުރު ވެފަ އެވެ. ހިބާއަށް ބަލައިލައިފި ނަމަ ފިރިހެނަކު ވިއްޔާ މޮޔަވެދާނެ އެވެ.

“އަހަރުމެން މި އައީ ކާން.” ފައުޒާން ފަހަތުން ބަދިގެއަށް ވަން އަޒްމީލް ބުންޏެވެ. އެވަގުތު ނަދީމާ ވެސް ނަވާއަށް ކާން ދީގެން ނުކުންނަނީ އެވެ. އަޒްކާ ވެސް މޭޒުމަތި ރީތިކޮށްލަ ދީފައި ދެމީހުނަށް ދެތަށި ނަގާފައި ނުކުމެގެން ހިގައްޖެ އެވެ. މޭޒުމަތިން ހުސްވެފައި ހުރި އެއްޗިހި އަޅައި ދިނުމުގައި ހިބާ އުޅެ އެވެ. ކަޅި ޖަހާނުލާ ހިބާއަށް ބަލަހައްޓައިގެން ފައުޒާން އިނެވެ.

ރީތިކަން މިހާރު ވަނީ އިންތިހާއަށް ގޮސްފަ އެވެ. ލޫޅާފަތި ހަށިގަނޑުގައި މިހާރު ފާޅުވަފައި އެވަނީ ރީތި އަންހެން ވަންތަ ބައްޓަމެކެވެ. އޮމާން ހަންގަނޑެކެވެ. އޮފްއަރާލާފައި އޮތް އިސްތަށިގަނޑު ވަނީ ފަހަތައް ނަގާ ދަނޑިކޮޅު ހަރާ ހުޅިއެއް ޖަހާލާފަ އެވެ. އެސްފިޔަތަކުން ލޮލަށް އެޅިފައި އެވާ ހިޔަނިން އެލޮލުގެ ކަޅުކަން ގަދަކޮށްލާފައި ވެއެވެ. ތުންފަތުގައި ވާ މަޑު ފިޔާތޮށި ކުލައިން އެމޫނަށް ވަނީ އިތުރު ފުރިހަމަ ކަމެއް ގެނެސް ދީފަ އެވެ. ހިބާގެ ހަރަކާތްތަކަށް ކަޅި ޖަހާނުލާ ބަލަހައްޓައިގެން ފައުޒާން އިނެވެ.

“ޒާން!” އަޒްމީލް ގޮވާލުމުން ފައުޒާން ދިޔައީ ސިހިގެންނެވެ. އޭރު ހިބާ ތައްޓަށް ޖޫސް އަޅައިގެން އައިސް ބަހައްޓަނީ އެވެ. “ކިހިނެއްވެފަ ތީނީ؟”

“ކިހިނެއްވާނީ. ލޯމަތިން ފެންނަން މިހިރީ ރީތި ހޫރު ޕަރީއެއް ވިއްޔަ.” ފައުޒާން ހިބާއަށް ބަލައިލަމުން ބުންޏެވެ. ހިބާ ރަކި ވެގެން އިސް ޖަހާލި އެވެ. “އާދޭ ޒާން މެނާ އެއްކޮން ކާން.” ފައުޒާން ބުންޏެވެ.

“ތެދެއް. އާދޭ ބައިވެރި ވެލަން.” އަޒްމީލް ވެސް ބުންޏެވެ. ހިބާ ދެ ހިޔާލެއްގައި ހުރެފައި އައިސް ތަށި ބެހެއްޓީ އަޒްމީލްއާއި ޖެހިގެން އިން ގޮނޑިއާއި ދިމަލުގަ އެވެ. ހިބާ ޖޫސް އަޅަން ދިޔަ ވަގުތު ފައުޒާން އެތަށި ނަގާ ފައުޒާންއާއި ޖެހިގެން އިން ގޮޑިއާއި ދިމާލުގައި ބެހެއްޓި އެވެ. އަޒްމީލް ކައިރިއަށް ހިނިއައިސްފައި އިނެވެ.

ހިބާ އައިސް ތަށި ބަދަލު ވެފައި އިނުމުން އެއީ ފައުޒާންގެ ކަމެއްކަން އިގުނެވެ. ނަމަވެސް އެތަށި ނަގާކަށް ނުކެރުނެވެ. ފައުޒާންއާއި ޖެހިގެން އިށީނީ އެވެ. ހިބާ ބަތް އަޅަން ތަށި ކައިރިކޮށްލި ވަގުތު ފައުޒާން ވެސް ތަށި ހިބާއަށް ދިއްކޮށްލި އެވެ.

“އަޅާދީބަލަ މިއަށް ވެސް.” ފައުޒާން ބުންޏެވެ. ހިބާ ރަކި ގޮތަކަށް ހީލަމުން އެއަށް ބަތް އަޅަން ފެށި އެވެ. “ޒާންއަށް ހީވަނީ އަގްލީ ޑަކްލިން ސްވޯންއަކަށް ބަދަލުވި އިރު އަޑު ވެސް ގައިބު ވެއްޖެހެން. އަދިއެއް އަޑެއް ނީވެ.” ފައުޒާން ބުންޏެވެ. ހިބާ އިތުރަށް ލަދުގަތެވެ. ފައުޒާން ލާނެތް ގޮތަކަށް ހީލައިގެން އިނެވެ.

“މަ ދާން ވީތަ މިތަނުން؟” އަޒްމީލު ވެސް ހެވިފައި އިނދެ ބުންޏެވެ. ހިބާ އަވަހަށް ލޯ ބޮޑުކޮށްލާ އަޒްމީލް އަށް ބަލައިލި އެވެ. ހިބާއާއި ފައުޒާންއާއި އެކަނި ބައިތިއްބާފައި އަޒްމީލް ދާކަށް ހިބާ ބޭނުމެއް ނޫނެވެ.

“ނޫނޭ، ދެން ކައިގެން ދާން ވާނީ.” ފައުޒާން ޖޫސް ފޮދެއް ބޯލުމަށްފަހު ބުންޏެވެ. އެވަގުތު ބަދިގެއަށް މާޒް ވަދެގެން އައެވެ. ” މާޒް އާދޭ ކާން.”

“ކައިގެން މި އައީ.” މާޒް ބުންޏެވެ. “ޒާން ތީނީ ކާޑު ބަލި ޖެހިފަތަ؟” ފައުޒާން ކައިރީ އިށީންނަމުން މާޒް ޒާންއާއި ދިމާ ކޮށްލި އެވެ.

“ހެހެހެ. ތިހެނެއް ނުބުނެވޭނެ ދެތިން މަސް ފަހުންނެއް.” ފައުޒާން ބުންޏެވެ. ފިރިހެނުން ގެ ވާހަކަތައް އަޑު އަހަން ހިބާ މަޑުމަޑުން ކާލަ ކާލަ އިނެވެ.

“ޒާން ކޯމާގައި އޮތް އިރު އަހަރުމެން ވަކި ކުރަން އެނގޭތަ؟” މާޒް ސީރިއަސް ވެލާފައި އަހާލި އެވެ.

“އާން! އެގޮތަށް އޮތް އިރު ހުރިހާ ކަމެއް ލޯމަތިން ފެނޭ ޒާންއަށް.” މާޒް ބުނި އެއްޗަކުން ފައުޒާން ބުންޏެވެ. “އަޑުވެސް އިވޭ ބަރާބަރަށް. ޒާންއަށް ހަމަ އެކަނި އަގައިން ނުބުނެވެނީ، އަދި ހަރަކާތް ވެސް ނުކުރެވެނީ. ވަރަށް ދެރަވޭ އެހެން އޮންނައިރު. ކިތަންމެ ފަހަރަކު ރޮވޭ.” ފައުޒާން ބުންޏެވެ. ހިބާއަށް ފައުޒާން ދައްކަމުން އެދާ ވާހަކައިން ވަރަށް އަސަރު ކުރެއެވެ. ނަމަވެސް ހިންދައިގެން ވާހަކަތައް އަޑު އަހަން އިނީ އެވެ.

“ކަލޭމެން ކޮންމެ ރެއަކު ހޮސްޕިޓަލަށް ވަދެ ޖަހާ ސަކަރާތްތައްވެސް ޒާންއަށް ފެނޭ. އަޑުވެސް އިވޭ. ތިއެންމެން އަންނާތީ ޒާން ވަރަށް އުފާވެފަ އޮންނަނީ އެތެރެއިން ހީލަ ހީލަ އޮންނަނީ.” ފައުޒާން މަސްކޮޅެއް ތައްޓަށް ލި އެވެ. “އެކަމަކު އެހެން އޮންނައިރު ފެނިގެން ނުވާކަހަލަ ތަންތަނާ އަހަން ނުވާ ކަހަލަ އަޑު ވެސް އިވޭ.” ފައުޒާން ބުންޏެވެ.

“އެއީ ކޮންކަހަލަ އަޑެއް؟” އަޒްމީލް އަހާލި އެވެ.

“ޝީ އިޒް ބަސްޓަޑް.” ފައުޒާން އަޒްމީލްއަށް ބަލައިލަމުން ބުމަ އަރުވާލި އެވެ. އަޒްމީލްއަށް ފައުޒާން އެބުނި އެއްޗެއް ނޭގުނެވެ. “ޒާންގެ ކުރިމަތީ އެމީހުން އެގޮތަށް އުޅެލި ދެ ރޭ.”

“އަސްލު!” ގަބޫލު ނުކުރެވިފައި އިނދެ އަޒްމީލް އެހި އެވެ. މާޒްއަށް ވެސް ޒާން އެކިޔާ އެއްޗެއް އިގުނެވެ. ނަމަވެސް އެމީހުން އެދައްކާ ވާހަކައިގެ މިން ވަރެއްވެސް ހިބާއަކަށް ނޭގެ އެވެ. ނޭގުމެއްގެ ތެރޭ އިނދެ ހިބާ ކައި ހުސްކޮށްލައިގެން ތެދުވެގެން ތަށިދޮންނަން ހިގައްޖެ އެވެ. އެމީހުން ކައި ނިމިގެން ވެސް ވާހަކައިގައި ތިއްބެވެ. އެހެން ތިއްބާ ޒެކް ވެސް އައިސްފި އެވެ. ޒެކް އައުމުން އަނެއްކާ ވާހަކަތައް އާވީ އެވެ. ހިބާ ބަދިގެއިން ނިކުތީ އެމީހުން މީން އިރަކު ނުތެދުވާނެކަން އިނގުމުންނެވެ.

އަސުރަށް ބަންގި ގޮވުމުން ހުރިހާ ފިރިހެން ވެރިން މިސްކިތައް ހިގައްޖެ އެވެ. ހިބާ ވެސް ކޮޓަރިއަށް ވަނީ ނަމާދު ކުރާށެވެ. ގޭތެރޭން އެންމެން ހުސްވުމުން ހަފީޒާ ވެސް ފެންވަރާ ނަމާދުކޮށް ހަދާލަން ކޮޓަރިއަށް ވަނެވެ. އޭރުވެސް ނަދުވާ ސޯފާގައި އިންގޮތަށް ޓީވީ ބަލަން އިނެވެ. ހިބާ ނަމާދުކޮށް ނިމިގެން ދިޔައީ އަޒްކާ މެންގޭގައި ހުރި ހިބާގެ ބައެއް ސާމާނު ގެންނާށެވެ.

ފައުޒާންއާއި އަލީ އައިސް ގެއަށް ވަނީ އެވަގުތު އެވެ. އަލީ އައިސް ކޮޓަރިއަށް ވަނުމުން ފައުޒާން މިސްރާބު ޖެހީ ކޮޓަރިއަށް ދިއުމަށް މައްޗަށް އަރާށެވެ. ފައުޒާން ފަހަތުން ނަދުވާ ވެސް ގޮސް މައްޗަށް އެރި އެވެ.

“ޒާން،” ނަދުވާ ގޮސް ފައުޒާންގެ ފަހަތުން ފައުޒާން ގައިގައި އޮޅުލައި ގަތެވެ. ފައުޒާން ހުއްޓިގެން ހުރީ އެވެ. “އައި މިސްޑް ޔޫ ސޯ މަޗް.”

ފައުޒާން ނަދުވާއާއި ދިމާއަށް އެނބުރުނެވެ. އަދި ނަދުވާ ދުރަށް ޖައްސާލި އެވެ. ފައުޒާންގެ މޫނުމަތިން ފެންނަން ހުރީ ނުރުހުމުގެ އަސަރުތަކެވެ.

“ނަދޫ ލަދެއް ނުގަނޭތަ ތިހެން ބުނާކަށް؟ ނަދޫ ހީކޮށްގެން ތި ހުންނަނީ އަދިވެސް ޒާންއަށް އެކައްޗެއްވެސް ނޭގޭ ކަމަށްތަ؟” ފައުޒާން ނުރުހިފައި އެބުނި ބަސްތަކުން ނަދުވާއަށް ތެޅި ގަނެވުނެވެ. އަނެއްކާ ފައުޒާންއަށް ކޮން ކަމެއް އެނގުނީ ބާއޭ ނަދުވާ ހިތަށް އެރި އެވެ.

“ޒާން ތި ކިޔަނީ ކީކޭތަ؟” މައުސޫމް ގޮތް ދައްކަމުން ނަދުވާ އެހި އެވެ.

“މި ކިޔަނީ ނަދޫއާ މިންހާޖް ގެ ކުޅި ގަނޑު ޒާންއަށް އެގިއްޖެޔޭ. އަދިވެސް ޒާން ފަހަތުން ނުނެއްޓިގެން ތި އުޅެނީ ކީއްވެހޭ.” ފައުޒާންގެ އަޑުވެސް ބާރުވެގެން ދިޔަ އެވެ.

“ޒާން! ތީ ކާކު ދެއްކި ވާހަކައެއް؟” ނަދުވާ ހީކުރީ އަދިވެސް ފައުޒާން ކައިރީ އަޒްމީލު މެން މީހަކު އެވާހަކަ ދެއްކީ ކަމުގަ އެވެ. “އަޒުމީލު ދެއްކި ވާހަކައެއް ދޯ ތި އުޅެނީ ގަބޫލު ކޮށްލައިގެން. މީހުން ދޭތެރެ ޖައްސަން ދައްކާ އެކަހަލަ ވާހަކަވެސް ޒާން މިހާރު ގަބޫލު ކުރަން ފެށީދޯ.”

“އަޒްމީލު ވެސް ދެއްކި އެކަމަކު ޒާން ހުރީ އެކަމާ އަޅާނުލާ. މިފަހަރު ބަލިވެގެން ހޮސްޕިޓަލުގައި…” ފައުޒާން އަށް ބުނެ ވުނީ އެހިސާބަށެވެ. ނަދުވާ ވާހަކަ ފަށައިފި އެވެ.

“އާން އެގިއްޖެ. ހިބާ ދޯ ތި ހުރިހާ ވާހަކައެއް ދެއްކީ. އެދުވަހު މިންހާޖް ހޮސްޕިޓަލަށް އައީ ހިބާ ހޯދަން ވެގެން. އެކަމަކު ނަދޫގެ މަތި ކޮށްލައިގެން އޭނަ އެހުންނަނީ. ހިބާ ދައްކާ ވާހަކަ ދޯ ޒާން ވެސް ގަބޫލު ކުރަނީ.” ނަދުވާ ހަމަޖެހޭ ގޮތް ދައްކާލަމުން ބުންޏެވެ. ފައުޒާން ކައިރިއަށް އައިސްފައި ވާ ރުޅިގަނޑު ކޮންޓްރޯލުން ނައްޓަން ކައިރި ވެއްޖެ އެވެ. އަދި އެހެން މީހުންގެ މަތި އަޅުވަންވެސް ހާދަ ކުޅަދާނަޔޭ ފައުޒާން ހިތަށް އަރަމުން ދިޔައެވެ.

“ހިބާ ނުބުނެ އެކަށްޗެއްވެސް. އެކަމަކު ނަދޫއަށް ސާބަސް. ހިބާގެ މަތިވެސް އަޅުވާލަނީ ތިމާ އަމިއްލައަށް ކޮށްފަ ހުރި ހަޑި ކަންތައް ތައް ފޮރުވަންތަ؟” ފައުޒާން ނަދުވާގެ އަތުގެ މުލައްދަނޑީގައި ހިފައިގެން ގެންގޮސް ޓެރަސް މައްޗަށް ނެރުނެވެ. “އަޑު އަހާ! ގަބޫލު ނުކުރެ ވެންޏާ އަޑު އަހާ!” ފައުޒާން ހުރީ ވަރަށް ރުޅި އައިސްފަ އެވެ.

“އެންމެ ފުރަތަމަ ދުވަހު މިންހާޖް ހޮސްޕިޓަލަށް ގެންނަން ވެގެން ނަދުވާ މިންހާޖަށް ގުޅީ. ނަދޫ ބުނީ އެކަކުވެސް އަވަހަކަށް ނާންނާނެޔޭ އަންނާށޭ. އެހެންނު. މިންހާޖް އެދުވަހު އައީ ވަރަށް ލަހުން. އެކަމަކު ވެސް ދެމީހުން ކޮޓަރި ތަޅުލައިގެން ޒާންގެ ކުރިމަތީ އެއުޅުނު ގޮތް ޒާންއަށް ފެނުނޭ. މާ ބޮޑުކަމެއް އެދުވަހު ނުކުރެވިގެން އުޅެނިކޮން ހިބާއާއި ނަރުސް ކުއްޖާ އައިމަ އެދުވަހު ދެމީހުން ނުކުމެގެން ދިޔައީނު. ބަލަ މަށަށް ހުރިހާ އެއްޗެއް ވެސް ފެނެޔޭ. އަޑުވެސް އިވޭ. އެކަމެއް ނޭގޭނު ކަލޭމެނަކަށް.” ނަދުވާ ލޯ ބޮދުކޮށްލައިގެން ފައުޒާންއަށް ބަލަން ހުރީ ގަބޫލު ނުކުރެވިފަ އެވެ. އެހާ ތަފްސީލުކޮން ކިޔައި ދިނުމުން އަޖައިބު ވެފައި ނަދުވާ ހުއްޓެވެ.

“ދެން ނަދުވާ ހޭލާ އިންނަން އައި ރޭ ފަތިސް ވަންދެން ކޮޓަރި ތަޅު ލައިގެން ޒާން ކުރިމަތީ އެ ގަތްގަނޑު ޒާން އަށް ނުފެންނާނެ ކަމަށް ހީކުރީ ދޯ. އެންމެ ފަހުން ފަތިހު ކޮޓަރީ ދޮރުގައި ނަރުސް ކުއްޖާ ޖެހުމުން ނަދޫ ލާން ގެންގުޅޭ އަންނައުނުތައް ހިފައިގެން ވަނީ ފާހާނާއަށް. މިންހާޖް އަވަސް ކޮށްލާފަ އެއްޗިހި ލައިގެން ގޮސް ދޮރު ހުޅުވީ.” ފައުޒާން ނަދުވާ އާއި ދިމާއަށް ބަލައިލީ ރުޅި ވެރި ނަޒަރަކުންނެވެ. “އަދިވެސް އިތުރަށް މިއަށް ވުރެން ވެސް ޑީޓޭލްކޮން ކިޔައިދޭންވީތަ؟” ފައުޒާން ހަޅޭއް ލަވައި ގަތެވެ.

ބުނާނެ އެއްޗެއް ވެސް ނޭގިފައި ލޯ ބޮޑުކޮށްލައިގެން ފައުޒާންއާއި ދިމާއަށް ބަލަހައްޓައިގެން ނަދުވާ ހުއްޓެވެ. އެއްކޮން ފަޅާ އެރީ އެވެ. ބަލަބަލަ ހުއްޓާ އޮރިޔާން ވީ އެވެ. ދެން ހަދާނީ ވެސް ކިހިނެއް ހެއްޔެވެ. ނަދުވާއަށް ރޮވެން ފެށި އެވެ. ލޮލުން ކަރުނަ ފައިބަން ފެށި އެވެ.

“ޒާން! ޕްލީސް ޒާން، ނަދޫއަށް.. އެއްފަހަރުކަމަށް މާފް ކޮށްދީ. ޕްލީސް ޒާން.” ނަދުވާ ރޮމުން ރޮމުން ޒާންގެ އަތުގަ ހިފިއެވެ. ނަމަވެސް ފައުޒާން އަތް ފޮޅާލި އެވެ.

“ދެން ނިމުނީ! ކިތައް އެއްފަހަރު؟” ފައުޒާން ހުރީ ވަރަށް ރުޅި އައިސްފަ އެވެ. އެވަގުތު ހިބާ ސިޑިން އަރާފައި ވެސް ފާރުކައިރީ މަޑުކޮށްލެވުނީ ފައުޒާން ހަޅޭއް ލަވައިގަތް އަޑަށެވެ. “އަދި ވެސް ލަދެއް ނުގަނޭތަ. ކޮން މާފެއްތަ އަދި؟ ކިތައް މީހުން ޒާން ކައިރީ ބުނީ ނަދުވާ އުޅޭ ވައްތަރު. އެކަމަކު ފެމިލީއަށް ޓަކާ ލޯ މަރާލައިގެން މި ހުރިހާ ދުވަހު ޒާން މިހުރީ ނަދުވާއާ އިންނަން ކަމަށް. އެކަމަކު ދެން ކިހިނެއް އެކަން ކުރެވޭނީ. ހަމަ ލޮލުން ފެނިފައި ވެސް މާފް ކުރަންވީތަ؟” ފައުޒާންގެ ރުޅި ގަނޑު މައިތިރި ކުރެވޭތޯ ބަލަމުން ވާހަކަ ދެއްކި އެވެ.

“ދެން އެންމެ ރަގަޅުވާނީ ބްރޭކް އަޕް ވީމަ. ކޮންމެ ގޮތެއް ވިއަސް ދެނެއް ޒާންއަކަށް ނަދޫއާ އެއްކޮނެއް ނޫޅެވޭނެ. ނަދޫ ފެނުމުން ވެސް ފާޑެއްގެ ފޫއްސެއް ވަނީ. ސޯ ޕްލީސް ގޯ އަވޭ.” ފައުޒާން ބުންޏެވެ.

“މަށަށް އެގިއްޖެ. ތި އުޅެނީ އެ ހިބާއަށް ހިތް ކިޔައިގެންނު ދޯ.” ނަދުވާ ލޯ ފޮހެލަމުން ރުޅިވެރި ރާގަކަށް ފައުޒާންއާއި ދިމާއަށް ބުންޏެވެ. ފައުޒާން ނަދުވާއާއި ދިމާއަށް ބަލަހައްޓައިގެން ހުރީ އަޖައިބު ވެފަ އެވެ. އަދި ލަދުގެ ކަންފުޅެއްވެސް މި އަންހެނާގެ ނެތެވެ. ގޮތެއް ވެސް ހުރި މީހެއް ނޫނެވެ. ކޮންކަހަލަ މުޑުދާރު އަންހެނެއް ހެއްޔެވެ.

“އާން! ޒާން ހިބާ ދެކެ ލޯބިވޭ. ވަރަށް ލޯބިވޭ. އަދި އެ ލޯތްބަށް ދުވަހަކު ނިމުމެއް ވެސް ނާންނާނެ. އެގިއްޖެތަ؟ އަޑު އިވިއްޖެތަ؟” ފައުޒާން ނަދުވާގެ މޫނާ ދިމާލަށް ކަޅި އަޅާލަމުން ބުންޏެވެ.

0

You may also like...

9 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. varah salhi… haadha inthizaareh kohfa huhta ey mi bai up thikohlee.. keep up the great work… varah reethi vaahaka eh mee.. loved it … waiting for another episode… 🙂

    ⚠Report!
  2. Kihaa digu intixaareh kuri fahun ti up koahley plx avahah next part up koalabaa v salhi v interested ☺?

    ⚠Report!

Leave a Reply

Your email address will not be published.