
ހާދަހާވޭ ކުރާހިތް ސަމާސާ 27 ވަނަ ބައި
“އާން! ޒާން ހިބާ ދެކެ ލޯބިވޭ. ވަރަށް ލޯބިވޭ. އަދި އެ ލޯތްބަށް ދުވަހަކު ނިމުމެއް ވެސް ނާންނާނެ. އެގިއްޖެތަ؟ އަޑު އިވިއްޖެތަ؟” ފައުޒާން ނަދުވާގެ މޫނާ ދިމާލަށް ކަޅި އަޅާލަމުން ބުންޏެވެ. ހިބާއަށް އެއަޑު އިވުމުން ހިތަށް ވެރިވެގެން ދިޔައީ އުފާވެރި ކަމެވެ. ފައުޒާން ހަގީގަތުގައިވެސް ހިބާ ދެކެ ލޯބިވާކަން މިއަދު ހިބާއަށް ޔަގީން ވެއްޖެ އެވެ.
“ޒާން!” ނަދުވާ ކައިރިއަށް ރުޅި އައެވެ. ފައުޒާން އެ ބުނީ ނަދުވާ އެންމެ އަޑު އަހަން ބޭނުން ނުވާ އެއްޗެވެ. ނަދުވާއަށް ހީވީ މީހަކު އޭނާގެ ހިތަށް ތޫނު ހަންޖަރެއް ހަރާލާފައި ދަމައިގަތް ހެނެވެ. ކޮންމެ ގޮތަކަށް އެނަ އުޅުނަސް އޭނަ ހީކޮށްގެން ހުރީ ފައުޒާން އަބަދުވެސް ލޯބިވާނީ އޭނަ ދެކެ ކަމުގަ އެވެ. ނަމަވެސް އޭނައަށް ހީކުރެވުނީ މުޅިން ގޯސް ކޮންނެވެ. މިވީ ކިހިނެއް ހެއްޔެވެ. މިހުރިހާ ކަމެއްވެސް މިވަނީ އެ ހިބާ އާއި ހެދި އެވެ. ހިބާއަށް ވަރުގަދަ ލަނޑެއް ދޭން ނަދުވާ ނިންމި އެވެ.
“ނަދުވާ، ދެން ދޭ. ނަދުވާގެ މޫނުވެސް ޒާން އަށް ފެންނާކަށް ޒާން ބޭނުމެއް ނޫން!” ނަދުވާ ވާހަކަ ނުދައްކަ ހުންނަން ފެށުމުން ފައުޒާން ބުންޏެވެ. އަދި ނަދުވާއަށް ފުރަގަސް ދިނެވެ. ހިބާ ވެސް އެވަގުތު އަވަހަށް ސިޑިން ފައިބައިގެން ގޮސް ސިޑި ދަށުގައި ހުރި ކުޑަ ގުދަނަށް ވަދެއްޖެ އެވެ. “އަދި މީގެ ފަހުން މާ ވެފަ ޒާންއާއި ވާހަކަ ދައްކަން މަސައްކަތް ނުކުރާތި. މީގެ ފަހުން ނަދޫއާ ޒާންއާ ދޭތެރޭ އޮންނާނީ ހަމަ އެކަނި ތިމާގެ ކަމުގެ ގުޅުން. އެއީ ވެސް އޮންލީ ފޮރ ފެމިލީ.” ފައުޒާން ބުންޏެވެ.
“ޒާން، ނަދޫ ހުރެދާނަން ތިގޮތުގައި. އެކަމަކު ޒާން ވެސް ނަދޫއަށް ކަމެއް ކޮށްދެވިދާނެތަ؟” ނަދުވާ ވިސްނާލަން ހުރެފައި އަހާލި އެވެ.
“ކޮން ކަމެއް؟” ފައުޒާން އެ ހުރިގޮތަށް ހުރެ އެހި އެވެ.
“އަދި ދުވަސް ކޮޅަކަށް އެހެން މީހެއް ކައިރީ މިވާހަކަ ނުދައްކާ ހުރެވިދާނެތަ؟” ނަދުވާ ފައުޒާންގެ ކުރިމައްޗަށް އަރަމުން ބުންޏެވެ. “ފެމިލީ ތެރެއަށް އައިސްފައިވާ ހިތާމައިގެ ދުވަސް ތަކަކަށް ފަހު އުފާވެރިކަން ލިބުނު ހިނދު މި އުފާވެރިކަމަށް އެހާ އަވަހަށް ބުރޫ އަރާކަށް ނަދޫ ބޭނުމެއްނޫން. އެހެންވެ ނަދޫއަށް ދުވަހަކު ކަމެއް ކޮށްދެންޏާ ޕްލީޒް ކީޕް ކުއައިޓް ފޮރ ފިއު ޑޭސް.” ނަދުވާ އާދޭހާ އެކު ފައުޒާން ކައިރީ ބުންޏެވެ. ފައުޒާންއަށް އެކަން ހިތުގެ އަޑިން ގަބޫލު ކުރެވުނީ ނަދުވާގެ ހިތުގައި ރޭވިފައިވަނީ ކޮންކަހަލަ ރޭވުމެއްކަން ނުވެސް އެނގި ހުރެ އެވެ.
“އޯކޭ!” ފައުޒާން ބޯ ޖަހާލަމުން ބުންޏެވެ. “އެކަމަކު ކުޑަ ދުވަސް ކޮޅަކަށް އިނގޭ!”
“ތޭންކްސް ޒާން.” ނަދުވާ ފައުޒާންއާއި ސަލާން ކޮށްލަން އުޅުނެވެ. ނަމަވެސް ފައުޒާން އަނެއްކާވެސް ނަދުވާއަށް ފުރަގަސް ދިނެވެ.
“ޔޫ މޭ ގޯ ނައު!” ހަމަ ޖެހިލަމުން ފައުޒާން ބުންޏެވެ. ނަދުވާ މަޑު މަޑުން އަތް ތިރިކޮށްލާފައި އިރުކޮޅަކު ފައުޒާންއަށް ބަލަން ހުރެފައި އެނބުރި ހިގައިގަތެވެ. ސިޑިން ފައިބައިގެން ދަމުން ލޮލުން ނިރާލާފައިވާ ކަރުނަތައް އަތުގެ ނުފުށުން ފޮހެމުން އެގެއިން ނުކުމެގެން ހިގައްޖެ އެވެ.
ހިބާ ގުދަނުން މަޑުމަޑުން ބޯ ދިއްކޮށްލީ ނަދުވާ ސިޑިން ފޭބި އަޑު އިވުމުންނެވެ. ހިބާ ދިމަދިމާ ހޯދާލި އެވެ. މީހެއްގެ ހިލަމެއް ނުވުމުން ސިޑިން އަރައިގެން މައްޗަށްގޮސް ވެސް ސިއްރުން ބަލައިލި އެވެ. ހިބާގެ އަތުގައިވާ ލެޕްޓޮޕް ދަބަހާއި މޭގައި ޖައްސާލައިގެން ހުރި ފޮތްތައް ކޮޓަރިއަށް ލުމަށް ދިޔަވަގުތު އުނދޯލީގައި އިސްޖަހައިގެން އިން ފައުޒާން ފެނުމުން ހުއްޓެވުނެވެ. މީހަކު އައިސް ހުއްޓިގެން ހުރިހެން ހީވެގެން ފައުޒާން އިސްއުފުލާ ބަލައިލި އެވެ. ކުރިމަތީ ފެންނަން އެހެރީ ފައުޒާން އެންމެ ދެކެން ބޭނުންވާ ސޫރަ އެވެ. ފައުޒާންގެ ހިތުގެ ހިތްހަމަ ޖެހުމެވެ.
“ހިބާ!” ފައުޒާންއަށް ގޮވާލެވުނެވެ. އަދި ބޭ އިހުތިޔާރުގައި ތެދުވެ ވުނެވެ. ފައުޒާން ތެދުވުމުން ހިބާ އަވަހަށް ކޮޓަރިއަށް ދިއުމަށް ހިގައި ގަތެވެ. “ހިބާ ކައިރީ ޒާން ބުނީމެއްނު އިންތިޒާރު ކުރައްޗޭ ޒާން ހިބާ ފޮނުވި މެސެޖަށް ޖަވާބެއް ދޭނަމޭ.” ފައުޒާން ހިބާ ކައިރިއަށް އަންނަމުން ބުންޏެވެ.
“ހާދަ ދުވަހަކު އިންތިޒާރު ކުރެވިއްޖެޔޭ. ހާދަ ލަހޭ!” ހިބާ ފައުޒާންއަށް ބަލައިލަމުން ބުންޏެވެ. އޭރު ފައުޒާން ހުރީ ހިބާއާއި ނުހަނު ކައިރީގަ އެވެ. ހިބާއަށް ދުރަށް ޖެހިލެވުނެވެ.
“ހިބާއަށް އޮޅިގެން ކުރެވުނު މެސެޖުގައި އޮތް އެތި ކިޔާލަ ދެންތަ؟” ފައުޒާން ހިބާގެ ލޮލަށް ބަލައިލަމުން ބުންޏެވެ. “ހައު ލޯންގް ވިލް ޔޫ މޭކް މީ ވެއިޓް؟” ފައުޒާން ހިބާއާއި އަދިވެސް ކައިރި ވެލި އެވެ. ހިބާ އަނެއްކާވެސް ފަހަތަށް ޖެހިލި އެވެ. ފައުޒާން ކައިރިވާ ވަރަކަށް ހިބާ ފަހަތަށް ޖެހެ އެވެ. އެންމެ ފަހުން ހިބާގެ ބުރަކަށި ގޮސް ފާރުގައި ޖެހިއްޖެ އެވެ. އިތުރަށް ފަހަތަކަށް ނުޖެހެވޭނެ އެވެ. ފައުޒާން އައިސް އެއް އަތް ފާރަށް ނަގާ އަނެއް އަތުން ހިބާގެ ކޮނޑުގައި ހިފަހައްޓާލި އެވެ. “ބުނެބަލަ! އެއީ ހަމަ އޮޅިގެން ފޮނުވުނު މެސެޖެއްތަ؟”
ހިބާ އެއްފަހަރު ބޯ ޖަހާލި އެވެ. އަނެއް ފަހަރު ބޯ ހޫރާލި އެވެ. ބުނާނީ ވެސް ކީކޭ ހެއްޔެވެ. ހިބާ މުޅިން ހާސް ވެއްޖެއެވެ. އެހާ ކައިރީގައި ފައުޒާން ވުމުން ހިބާގެ ހިތްވެސް ވަނީ އަވަސް ވެފައެވެ. ފައުޒާންގެ ލޮލަށް ހިބާއަށް ބަލައިލެވުނެވެ. އެލޮލުގައިވާ ތޫނުކަމަކުން ހިބާގެ ހިތް އެއްކޮން ކަތިލެވިއްޖެ އެވެ. ކޮންފަދަ ރީތި ދެލޮލެއް ހެއްޔެވެ. އެ ލޮލުގައި އެވާ ޖާދޫގައި ހިބާއަށް ޖެހިވިފައި ވަނީ މިއަދަކު ނޫނެވެ. މާކުރިންނެވެ.
“ކީކޭތަ ތި ކިޔަނީ؟” ފައުޒާން ބުންޏެވެ. ހިބާ އިސް ޖަހާލި އެވެ. ފައުޒާން އެހާ ކައިރިން ހިބާއަށް ބަލަން ހުރީތީ ހިބާ ލަދުގަތީ އެވެ.
“އެއީ… ހިބާގެ ހިތަށް އެރި އެއްޗެއް. އެކަމަކު ފައުޒާންއަށް ފޮނުވާކަށްނޫން ހުރީ. އެކަމަކު ފޮނުވުނީ. މިބުނީ ހިބާ…” ހިބާއަށް ހިބާ ދައްކަން އުޅޭ ވާހަކައެއްވެސް ނުދެއްކުނެވެ. ފައުޒާން ހިބާގެ މޫނާ މޫނު ކައިރިކޮށްލުމުން ހިބާ އަނެއް ފަރާތައް މޫނު އަނބުރާލި އެވެ.
“އަދި ނުވޭ! އައި ވިލް ސޭވް އެވްރިތިން ފޮރ ޔޫ!” ހިބާ ބުންޏެވެ. އަދި ފައުޒާންގެ އަތްދަށުން ދެމިގަނެގެން ގޮސް ކޮޓަރިއަށް ވަންނަން އުޅުނެވެ. ނަމަވެސް ފައުޒާން ހިބާގެ އަތުގައި ހިފިއެވެ. ހިބާ އެބުނި އެއްޗަކާ މެދު ފައުޒާން ވިސްނާލި އެވެ. އެވަގުތު ހިތަށް ލިބިގެން ދިޔަ އުފާވެރި ކަމަކުން ތުންފަތަށް ހިނިތުން ވުމެއް ވެރިވެގެން ދިޔަ އެވެ.
“ތިކަން އިނގެޔޭ ޒާންއަށް! އެކަމަކު ތިހާ އަވަހަށް ދަނީތަ؟ އެ މެސެޖުގެ ޖަވާބެއް ވެސް ބޭނުމެއް ނޫންތަ؟” ފައުޒާން ހިބާ ކައިރިއަށް ދަމާލި އެވެ.
“ކޮބައިތަ ޖަވާބަކީ.” ހިބާ ބުންޏެވެ. “ބަޓް ކީޕް ޑިސްޓަންސް.” ހިބާ ފައުޒާންގެ މޭގައި އަތްވިއްދާލާފައި ފަހަތަށް ކޮށްޕާލި އެވެ.
“ހާދަ ބިރެއް ގަނެޔޭ ދޯ. ނޫޅެމޭ ކަމެއް ކުރާކަށް.” ފައުޒާން ބުންޏެވެ.
“ދެން ބުނެ ބަލަ އަވަހަށް.” ހިބާ ބުންޏެވެ.
“އައްދޭ ދެން. ކިހިނެއްތަ ތި އުޅެނީ؟ ކޮންތާކުން ތުއިވާން ދަސްކުރީ؟ ތީ ތިހާވަރަށް ލަދުރަކިވާ ކުއްޖެއް ކަމެއް ކުރިއަކުން ނޭގެ.” ފައުޒާން ހިބާގެ އަތަށް ދަމާލަމުން ބުންޏެވެ. ހިބާ ފައުޒާންއަށް ލޯ އަޅާލި ގޮތުން ފައުޒާންއަށް މަޖާ ވިއެވެ. “އަދި މިހާ ދުވަސް ކޮށްފަ ފެނުނީމަވެސް ތި ދުވަނީ ފިލަންވެގެން. ވެއިޓް ކުރަން މިހާރު ނުޖެހޭނެ ކަން އިނގޭތީތަ ތި ދުރަށް ދަނީ؟” ފައުޒާން ހިބާއާއި ކައިރި ވެލި އެވެ.
“ފައުޒާން! އާދެބަލަ ތިރިއަށް!” ތިރިން ހަފީޒާ ގޮވާލި އަޑު އިވުމުން ދެމީހުން ދިޔައީ ސިއްސައިގެނެވެ. ފައުޒާން ހިބާ އަތުން ދޫކޮށްލުމުން ހިބާ އަވަހަށް ކޮޓަރިއަށް ވަދެ ދޮރު ލެއްޕި އެވެ.
އެރޭ އެންމެން އެއްކޮން ކައިގެން ވެފައި ހުރި ވަރުބަލިކަމާއި އެކު ހަފީޒާ މެން ވަރަށް އަވަހަށް ކޮޓަރިއަށް ނިދަން ވަދެއްޖެ އެވެ. ހިބާ ބަދިގޭގައި ތަށިތައް ނަގާ ހަދާފައި ކޮޓަރިއަށް ދާން ދިޔަ ވަގުތު ފައުޒާން ސޯފާގައި އިށީދެލައިގެން ހަމަ ޖެހިލާފައި އިނެވެ. ހިބާ ފައުޒާންއަށް ބަލައިވެސް ނުލާ އަވަހަށް ސިޑިން އަރައިގެން ދާން ހިގައި ގަތެވެ. ފައުޒާން ދެކެ ހިބާ ލަދު ގަނެ އެވެ. ދެމީހުން އެކަނި ތިބެން ހިބާ ބިރު ގަންނަނީ އެވެ.
“ހިބާ!” ސިޑިން އަރައިގެން ކޮޓަރިއަށް ނުވަދެވި އުޅެނިކޮން ފައުޒާން ވެސް ހިބާ ފަހަތުން އަރާ ހިބާއަށް ގޮވާލުމުން ހިބާއަށް ހުއްޓެވުނެވެ. “ޒާން ބޭނުން ހިބާއާ ވާހަކަ ދައްކާލަން. ޕްލީސް… އެހާ ގިނައިރެއް ނުވާނެ.” ފައުޒާން ހިބާ ކައިރިއަށް އަންނަމުން ބުންޏެވެ.
“ސްޓޮޕް!” ދެފޫޓަށް ފައުޒާން ކައިރި ވުމުން ހިބާ އަތް ދަމާލާފައި އަވަހަށް ބުންޏެވެ. ފައުޒާން ހައިރާން ވެފައި ހުއްޓިގެން ހިބާއަށް ބަލަހައްޓައިގެން ހުއްޓެވެ. “ތިހިސާބުގަ ހުރެގެން ވާހަކަ ދައްކާ. އެހާ ކައިރިއަށް ނާންނާތި.” ފައުޒާން ކައިރިއަށް ހިނި އައެވެ. ނަމަވެސް ހިބާ ބުނިގޮތަށް އެއަށް ވުރެން ކައިރި ނުވެ ފައުޒާން ހުއްޓެވެ.
“ހިބާ ހޮސްޕިޓަލުގައި ޒާން ބާއްވާފައި އޮތް އިރު ކޮންމެ ދުވަހަކު ޒާން ކައިރީ ދައްކާ ހުރިހާ ވާހަކައެއް ޒާން ހަދާން އެބަ ހުރި. އެއީ އޮޅިގެން ދެއްކިފައި ހުރި ވާހަކަ ތަކެއްތޯ އަހާލަން ޒާން ބޭނުން ވަނީ.” ފައުޒާން ހިބާގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. ހިބާގެ މޫނު ލަދުން ރަތް ވަމުން ދިޔަތަން ފައުޒާންއަށް ފެނުނެވެ.
“ކޮން ވާހަކައެއް؟” ނޫން ކަމަށް ހަދާލަމުން ހިބާ އެހި އެވެ.
“އަދި ނޭގޭ ކަމަށް ހަދާނު އެބަ.” ފައުޒާން ހިބާއާއި ކައިރިއަށް ޖެހިލި އެވެ. ހިބާ ދެފިޔަވަޅު ފަހަތަށް ޖެހުނެވެ. “ހިބާ ބުނީމެއްނު ޒާން ދެކެ އަބަދުވެސް ލޯބި ވާނެމޭ. ހިބާ ބުނީމެއްނު އުމުރު ދުވަހު އެގޮތަށް ހިދުމަތްކޮށް ދޭން ވެސް ހިބާ ތައްޔާރަށް ހުރި ވާހަކަ. ހިބާ ބުނީމެއްނު ޒާންއާއި ނުލާ ހިބާއަށް ނޫޅެވޭނެ ވާހަކަ. އަދިވެސް ބައިވަރު ވާހަކަ.” ފައުޒާން ބުންޏެވެ.
“އެހެންތަ! ހިބާ މިހާރު ހަދާނެއް ނެތް ތިކަހަލަ ވާހަކަ ހިބާއަށް ދެއްކިފަ ހުރި ކަމެއް. އެވާނީ ފައުޒާން އެގޮތަށް އޮތީމަ ދެރަވެގެން ދެއްކުނު ވާހަކަތަކެއް ކަމަށް.” ހިބާނޫން ކަމަށް ހަދާލަމުން ފައުޒާންއަށް ފުރަގަސް ދިނެވެ. ފައުޒާން ހައިރާން ވެފައި ހިބާއަށް ބަލަން ހުއްޓެވެ. ހިބާ ވެސް ވަރަށް ހުޝިޔާރު ވެއްޖެޔޭ ފައުޒާން ހިތަށް އަރަމުން ދިޔަ އެވެ.
“ފައުޒާން!” ފައުޒާން އަނގައިން ނުބުނެ ހުރުމުން ހިބާއަށް އުނދަގޫ ވަގެން ފައުޒާންއާއި ދިމާއަށް އެނބުރުނެވެ. އޭރު ފައުޒާން ގޮސް އުނދޯލީގައި އިށީންނަނީ އެވެ. އަނެއްކާ ހިބާ ބުނި އެތި ފައުޒާން ސީރިއަސްކޮން ނެގީ ހެއްޔެވެ. ހިބާ ދެރަވެއްޖެ އެވެ. ހިބާ ގޮސް ފައުޒާން ކައިރީ އިށީނެވެ. ފައުޒާން ހިބާއަށް ބަލައިލި އެވެ. ޖެހި ފިތިގެން ހިބާ އިށީދެގެން އިން އިރު މަޑުމަޑު މީރު ވަހެއް ފައުޒާންގެ ނޭފަތަށް ވަދެގެން ދާން ފެށި އެވެ.
“ފައުޒާން،” ހިބާ ފައުޒާންގެ ކޮނޑުގައި ބޯ އަޅާލި އެވެ. “އޭރު ހިބާ ދެއްކި ހުރިހާ ވާހަކައަކީ ވެސް ހިތުގެ އަޑިން ހިބާ ދެއްކި ވާހަކަތަކެއް. އެ ހުރިހާ ވާހަކަ ތަކެއްގައި ވެސް އެވަނީ ހިބާގެ ހިތުގެ ގޮވުން. ހަމަ ތެދެއް މިބުނީ. ހިބާ ފައުޒާން ދެކެ ވަރަށް ލޯބިވޭ.” ހިބާ ބުންޏެވެ. ފައުޒާން ހިބާގެ ކޮންޑުގައި ފިރުމާލި އެވެ.
“ޒާން ވެސް ހިބާ ދެކެ ލޯބިވޭ. ވަރަށް ބޮޑަށް ލޯބިވޭ.” ފައުޒާން ބުންޏެވެ. އެއީ ދެމީހުންގެ ލޯބީގެ އާ ފެށުމެކެވެ. ހުޅުވާލެވުނު ލޯބީގެ އާ ސަފްހާތަކެއްގެ ފެށުމެވެ. އެތަކެއް ވަޢުދާއި ހުވާތަކެއް ކުރެވެމުން ދިޔަ އެވެ. ނަމަވެސް ސިއްރިއްޔާތުގަ އެވެ. އެކަން ހަފީޒާއާއި އަލީއަށް ރޭކާވެސް ނުލަ އެވެ.
ހަފްތާއެއް ފަހުން އަލީ ބޯޓަށް ހިގައްޖެ އެވެ. ހަފިޒާ އާއި ފައުޒާން ވެސް ވަޒީފާއަށް ނިކުންނަން ފެށި އެވެ. ހަފީޒާގެ ކުރިމަތީ ކުދި ސަމާސާ އާމުކޮން ކުރާގޮތަށް ފައުޒާން ހިބާއާއި ސަމާސާ ކުރެ އެވެ. އެއީ މާ ބޮޑުކަމަކަށް ހަފީޒާއަކަށް ނުވެ އެވެ.
ކޮންމެ ރެއަކު ހިބާ ކްލާހަށް ލާދޭން އަދި ބަލާވެސް ފައުޒާން ދާން ފެށި އެވެ. އަޒްކާ ވެސް މާޒްއާއި އެކު ގެއަށް އައިސް ގޮސް އުޅެ އެވެ. ބައެއް ރޭރޭ ގުރޫޕް ހަދާފައި ދުއްވާލަން ވެސް ދެއެވެ. އެއިން އެއްވެސް ކަމެއް ހަފީޒާއަކަށް ނޭގެ އެވެ. އެގޮތުގައި ދުވަސް ތަކެއް ވޭތިވެގެން ހިގައްޖެ އެވެ.
އެދުވަހު ފައުޒާން އޮފީސް ނިމިގެން ގެއަށް އައި އިރު ނަދުވާއާއި ޒޭބާ ސޯފާގައި އިށީދެލައިގެން ތިއްބެވެ. ފައުޒާންއާއި ވާހަކަ ދެއްކި ފަހުން ފައުޒާންއަށް ނަދުވާ ފެނުނީ އަދި ކިރިޔާ އެވެ. ފައުޒާން ނަދުވާއަށް ބަލައިލާފައި އަޅާވެސް ނުލާ މައްޗަށްދާން ހިގައިގަތެވެ.
“ދަރިފުޅާ! ނަދޫގެ ބާރތްޑޭގަ ވިޝް ވެސް ނުކޮށްނު ތި އުޅެނީ؟” ހަފީޒާ ބަދިގެއިން ނުކުންނަމުން ބުންޏެވެ. ފައުޒާން ހުއްޓިފައި ހަފީޒާއާއި ދިމާއަށް އެނބުރުނެވެ. އޭރު ނަދުވާ ހުރީ ބިރުން ވިރިވިރި އެވެ. ފައުޒާން ބުނާނެ އެއްޗެއް ނޭގޭތީ އެވެ.
“އެހެންތަ! ހަދާންވެސް ނެތް.” ފައުޒާން ގަދަކަމުން ހީލަމުން ބުންޏެވެ. “ހެޕީ ބާރތް ޑޭ ނަދޫ!” ފައުޒާން ނަދުވާއާއި ދިމާއަށް އެނބުރިލަމުން އެހެން ބުނެލާފައި އަވަހަށް ސިޑިން އަރައިގެން ހިގައްޖެ އެވެ.
“ވަރަށް ވަރުބަލި ވެފަ ކަންނޭގެ އެހެރީ. އެހެންވެ އެހާ އަވަހަށް އެދިޔައީ.” ފައުޒާންގެ އެ އަމަލުން ހަފީޒާ ހައިރާން ވެފައި ހުއްޓަސް ނަދުވާ ހިތްހަމަ ޖައްސާ ދިނުމުގެ ގޮތުން ހަފީޒާ ބުންޏެވެ. ނަދުވާ ހިނިތުން ވެލައިގެން ހުއްޓެވެ.
ފައުޒާން މައްޗަށް ދިޔަގޮތަށް ތިރިއަށް ނުފޭބުމުން ހަފީޒާ މާ ބޮޑަށް ހައިރާން ވެއްޖެ އެވެ. އަނެއްކާ ނަދުވާއާއި ފައުޒާން ކަމަކާ މައްސަލަ ޖެހިގެން އުޅެނީ ނޫން ބާވައެވެ.
“ނަދޫ، ދެކުދިން މައްސަލައެއް ޖެހިގެންތަ ތި އުޅެނީ؟” ހަފީޒާ އަހާލި އެވެ.
“ނޫނޭ، ކޮން މައްސަލައެއް ޖެހެން އޮންނާނީ.” ނަދުވާ ޖަވާބު ދިނީ ވަރަށް އަވަހަށެވެ. ތެދެކެވެ. މައްސަލަ އެއް ޖެހުންނަމަ ނަދުވާ އެހެން އިންނާނެ ހެއްޔެވެ. ކިރިޔާ ފައުޒާން ރުޅި މޫނު ދައްކާލިއަސް ނުކައި ނުބޮއެ އިންނަ މީހެއް ވިއްޔާ އެވެ. ހަފީޒާ ވިސްނާލި އެވެ. އެވަގުތު ދޮރުން ވަނީ ހިބާ އެވެ. އެ އައީ އަޒްކާއާއި އެކު ފިލާވަޅު ހަދަން އެގޭގައި އުޅެފަ އެވެ.
“ހިބާ ފައުޒާންއަށް ގޮވާލައްޗޭ.” ހިބާ އައިސް ސިޑިން އަރަން ފެށުމުން ހަފީޒާ ބުންޏެވެ. ހިބާ ބޯ ޖަހާލި އެވެ.
“ޒާން ބަދަލު ކުރަން ވީނު ވާޒް ދޮންބެމެން ކޮޓަރިއަށް. އޭރުން ކުޑައްތައަށް ވެސް ކިހާ ފަސޭހަ ވާނެ.” ނަދުވާ ބުނާ އަޑު ހިބާއަށް އިވުނެވެ. އޭގެ ޖަވާބުގައި ހަފީޒާ ބުނި އެއްޗެއް ހިބާއަކަށް އަޑެއް ނީވުނެވެ. ހިބާ ގޮސް ފައުޒާން ކޮޓަރީގައި ޓަކި ޖަހާލި އެވެ. ފައުޒާން ވަރަށް ކުޑަކޮން ދޮރު ހުޅުވާ ބަލައިލި އެވެ. ހިބާ ހުރިތަން ފެނުމުން ބޮޑަށް ދޮރު ހުޅުވާލި އެވެ. ފައުޒާން ހުރީ ކަކުލާއި ހަމައަށް އަންނަ ވަރުގެ ސޯޓެއް ލައިގެން މަތިން އެއްވެސް އެއްޗެއް ނުލަ އެވެ. ހާމަ ވެފައިވާ ހަށިގަނޑުގައި މިހާރު ވަނީ ކޮންމެސް ވަރަކަށް މަސް ޖަހަން ފަށާފަ އެވެ. ކޮންމެ ދުވަހަކު ހިބާ ކްލާހަށް ލާފައި ފައުޒާން ޖިމްއަށް ދެއެވެ. އެކަމުގެ އަސަރުތައް އެ ހަށިގަނޑުން ކުޑަކޮން ފެންނަން ހުއްޓެވެ.
“ކިހިނެއްވީ؟” ހިބާ ބަލަން ހުރުމުން ފައުޒާން އަހާލި އެވެ.
“މަންމަ އެބަ ގޮވާ!” ހިބާ ބުންޏެވެ.
“މަންމައޭ!” ފައުޒާން ލާނެތް ހިނިތުން ވުމެއް ތުންފަތަށް ވެރި ކުރުވަމުން ބުނެލި އެވެ.
“މިބުނީ ފައުޒާންގެ މަންމައޭ.” ހިބާ ރަކިވެފައި ހުރެ ބުންޏެވެ.
“ނަދޫ އެބައިންތަ؟” ފައުޒާން އަހާލި އެވެ. ހިބާ ބޯ ޖަހާލި އެވެ. “ޝިޓް!” ފައުޒާން އަށް ބުނެލެ ވުނެވެ.
“ކީއްވެތަ މަންމަ ކައިރީ ނުބުނެ ތި އުޅެނީ؟” ހިބާ ހުރީ ހައިރާން ވެފަ އެވެ.
“އަދި ނުބުނެވިފައެއް ނެތެއްނު.” ފައުޒާން ހިބާގެ އަތުގައި ހިފާލި އެވެ.
“ދޭ ބަލަ ދެން،” ހިބާ ފައުޒާންގެ އަތް ފޮޅުވާލި އެވެ. “މަންމަ އެބައިން ވެއިޓްކޮށްގެން.”
ފައުޒާން ޓީޝާޓެއް ބޮލަށް މަހާލައިގެން ތިރިއަށް ދިއުމުން ހިބާވެސް ކޮޓަރިއަށް ވަދެއްޖެ އެވެ.
“ޒާން، ކީއްތަ ތި ކުރަނީ މަތީގަ.” ފައުޒާން ތިރިއަށް ފޭބުމުން ހަފީޒާ ބުންޏެވެ. ހިސާބަކަށް ހަފީޒާ ހުރީ ނުރުހުން ވެފަ އެވެ. “ދޭބަލަ ކުޑަ ކޭކެއް ގަނެގެން އަންނަން. މިފަހަރު ނަދޫގެ ބާރތްޑޭ ވެސް ފާހަގައެއް ނުކުރަންތަ؟” ފައުޒާން ނަދުވާއަށް ބަލައިލި އެވެ. އެ ބަލައިލުމުގައި މިހާރު ވަނީ ނަފްރަތެވެ. ރުޅިވެރި ކަމެވެ. ނަދުވާގެ ހިތަށް ވަރަށް އަސަރު ކުރި އެވެ. އަދި ހަފީޒާއަށް ހުރިހާ ވާހަކައެއް ކިޔައިދީފާނެ ކަމުގެ ބިރު ހީވެފައި ނަދުވާ ހުއްޓެވެ. ފައުޒާން އަނގައިން ވެސް ނުބުނެ ނުކުމެގެން ހިގައްޖެ އެވެ.
“މިފަހަރު ރަގަޅު ވީ ފަހުން ޒާންއަށް ވަރަށް ބޮޑު ބަދަލު ތަކެއް އެބަ އާދެ. ނަދޫއަށް ފާހަގައެއް ނުކުރެވޭތަ؟” ހަފީޒާ ފައުޒާން ދިޔަ ދިމާލަށް ބަލަން އިނދެފައި އެހި އެވެ. ނަދުވާ ބޯ ޖަހާލަމުން އެކަމާ އެއްބަސް ވެލި އެވެ.
ފައުޒާން ކޭކު ހިފައިގެން އައި އިރު ހިބާވެސް ތިރީގައި ހުއްޓެވެ. އަދި ނަދީމާއާއި ނަވާވެސް އައިސް ތިއްބެވެ.
“ޒާންބޭ!” ފައުޒާން ފެނުމުން ނަވާ ދުވެލާފައި ފައުޒާން ކައިރިއަށް އައެވެ. ފައުޒާން ކޭކު ހަފީޒާ އަތައް ދީފައި ތިރިވެލީ ނަވާއާއި ސަމާސާ ކޮށްލާށެވެ.
ހަފީޒާ ކޭކް ފޮށިން ނަގައިގެން ގެނެސް ސޯފާ ކުރިމަތީ ހުރި ކުޑަ މޭޒުމަތީ ބޭންދި އެވެ. އަދި ހިބާ ކައިރީ ބަދިގޭން ވަޅިއެއް ގެނައުމަށް ބުންޏެވެ. ހިބާ ވަޅިއެއް ހިފައިގެން އައުމުން ކޭކު ފަޅަން އެންމެން ތައްޔާރު ވެލި އެވެ.
“ޒާން، އާދޭ މިތާކައިރިއަށް. ހިބާ! ފޮޓޯ ނަގާ!” ހަފީޒާގެ ފޯނު ހިބާ އަތަށް ދެމުން ހަފިޒާ ބުންޏެވެ. އަދި ފައުޒާން ގެނެސް ނަދުވާ ކައިރީ ހަފިޒާ ބެހެއްޓި އެވެ. ފައުޒާން ހިބާއަށް ބަލައިލި އެވެ. ހިބާ މާބޮޑު ސަމާލުކަމެއް ފައުޒާންއަކަށް ނުދެ އެވެ. ހެވިލާފައި ފޮޓޯ ނެގުމައިގެން ހިބާ އުޅެ އެވެ.
އެންމެން އުފަން ދުވަހުގެ ލަވަ ކިޔަން ފެށުމާއި އެކު ނަދުވާ ކޭކު ފަޅާލި އެވެ. އެންމެން އަތްތިލަ ބަޑި ޖަހަން ފެށި އެވެ. ނަދުވާ ކައިރި ޖީބަށް އަތް ޖަހައިގެން ހުރި ފައުޒާން ބަލަމުން ދަނީ ހިބާއާއި ދިމާއަށެވެ. ހިބާގެ ހިތަށް އަސަރެއް ނުކުރޭ ހެއްޔެވެ. މިކަމާ ހިބާގެ މޫނުމަތިން ދެރަވުމުގެ ނިޝާނެއްވެސް ފާޅެއް ނުވެ އެވެ. އަދި ނުވި ތާކަށް ހަސަދަ ވެރިކަމުގެ ނިޝާނެއްވެސް ފާޅެއް ނުވެ އެވެ.
“ޒާން،” ހަފީޒާ ގޮވާލުމުން ފައުޒާން ބަލައިލިއިރު ނަދުވާ ހުރީ ކޭކުކޮޅެއް ފައުޒާންއަށް ދިއްކޮށްލައިގެނެވެ. “ދެން ނަދޫ އަތުން ތި ކާލަބަލަ. ފޮޓޮއެއް ނަގަން ވެގެނޭ!” ފައުޒާން އަތުން އޭގައި ހިފަން އުޅުމުން ހަފީޒާ ބުންޏެވެ. ފައުޒާން ކުޑަކޮން ގުދުވެލާފައި އެކާލި އެވެ. އަދި ހިބާއަށް އެވަގުތު ވެސް ބަލައިލި އެވެ. ހިބާ ފޮޓޯނަގަނީ އެވެ. ހިބާގެ މޫނުމަތިން އެއްވެސް އަސަރެއް ފައުޒާންއަކަށް ނުފެނުނެވެ.
ފައުޒާން އިރުއިރު ކޮޅާ ހިބާއަށް ބަލާތީވެ ނަދުވާއަށް އެކަން ފާހަގަ ކުރެވުނެވެ. ނަމަވެސް ހިބާ އަޅާވެސް ނުލާ އުޅޭތީ ނަދުވާގެ ނިވިފައި ވާ އުންމީދުގައި ހުޅުކޮޅެއް ރޯވާން ފެށި އެވެ. ހިބާ ފައުޒާން ދެކެ ލޯބި ނުވިއަސް ފައުޒާން މަތިން ބައިން ހިބާއާއި ހެދި އުޅެނީ ކަމުގެ އިހުސާސެއް ނަދުވާއަށް ކުރެވިގެން ދިޔައެވެ. އަދި ހިތަށް އުފާވެރިކަން ވެރިވެގެން ދިޔަ އެވެ.
“ހިބާ، ދޭބަލަ މި ކޭކް ފޮތިކޮށްލައިގެން ގެންނަން.” ހަފީޒާ ކޭކް ހިބާ އަތަށް ދެމުން ބުންޏެވެ. “އަދި ބަދިގެ މޭޒުމަތީ ހުރި ހެދިކާ ކޮތަޅު ވެސް ތައްޓަކަށް އަޅާލައިގެން މިތަނަށް ގެނޭ.”
ކައި ނިމިގެން ހަފީޒާއާއި ހިބާއާއި ދެމިނުން ވެގެން ތަށިތަކާއި އެއްޗިހި ނަގާ ހަދާފައި އެހެން މީހުން ކައިރިއަށް އައިއިރު ފައުޒާންއާއި ޖެހި ފިތިގެން ނަދުވާ އިށީދެލައިގެން އިނެވެ. ނަދުވާއާއި ޖެހިގެން ޒޭބާ އިނެވެ. އެކަކަށް އިނދެވޭ ސޯފާގައި ނަދީމާ އިނެވެ. ނަދީމާގެ އުނގުގައި ނަދިމާގެ ފޯނާ ކުޅެން ނަވާ އިނެވެ. ހަފިޒާ ވެސް އައިސް ދެން އިން ސޯފާގައި އިށީނެވެ. ހަފީޒާ އިށީން ސޯފާގެ އަތްއަޅުވާތާ ހިބާ ފޫކޮޅު ޖައްސާލި އެވެ.
“ކުޑައްތަ ތިބުނީނު ކުޑައްތަ ފުރީމަ ނަދޫއާ ޒޭބާއާ މިގެއަށް ޝިފްޓް ވާނީއޭ، މަންމައަށް އެގޮތް އޯކޭތަ؟” ނަދުވާ އިނދެފައި ބުންޏެވެ. ފައުޒާންއާއި ހިބާ ހައިރާން ވެގެން ނަދުވާއާއި ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ.
“މަންމަ ކޮންތާކަށް ދަނީ؟” ފައުޒާން ހައިރާން ވެފައި އިނދެ އަހާލި އެވެ.
“އެވާހަކަ އަދި ޒާން ކައިރީ ނުދެއްކިގެން މިއުޅެނީ.” ހަފީޒާ ހަމަ ޖެހިލަމުން ބުންޏެވެ. “ރިފާ ވިހަން ވާއިރަށް މި އުޅެނީ އޮސްޓްރޭލިޔާއަށް ދާން ވެގެން. އާދެވޭނެ ދުވަހެއް ވެސް ނޭގެ. ދެން ތުއްތައްތަ ވެސް އަނެއްކާ ނަވާ ގޮވައިގެން ދާން ވެގެން އެއުޅެނީ. އެހެންވެ ނަދޫވެސް މިގެއަށް ބަދަލުކޮށްލާފަ ދާން ވެގެން އެވާހަކަ ދައްކާފަ އޮންނާނީ. ދެން އޭރުން ޒާންއަށް ވެސް އުނދަގުލެއް ނުވާނެނު. ހިބާއަށް ވެސް ފަސޭހަ ވާނެނު.” ހަފީޒާ ބުންޏެވެ. ފައުޒާންއަށް ހިބާއާއި ދިމާއަށް ބަލައިލެވުނެވެ. އޭރު ހިބާވެސް އިނީ ފައުޒާންއާއި ދިމާއަށް ބަލަހައްޓައިގެނެވެ.
“ޒާންއާއި ނަދޫއާ މެރީ ކުރާނަމަ ކިހާ ފަސޭހަ ވީސް. އޭރުން ދެން މާބޮޑު ވިސްނުމެއް ވިސްނާކަށްވެސް ނުޖެހުނީސް.” އެ ދަނޑިވަޅުގައި ހަފީޒާ ބުނެލި އެވެ. “ދެން މިހާރު ނަދޫ ބުނެފި މަންމަމެން އައިމަޔޭ މެރީ ކުރާނީ. އެހެންވީމަ ދެން އެކުން އެވާހަކަ ވެސް ނުދެއްކީ. އަޒްމީލް މެރީ ކުރާ ދުވަސްނޫން އަނެއް ދުވަހު މަންމަމެން ފުރަން ނިންމީ އޭރުން އަޒުމީލް ވެސް ދެރައެއް ނުވާނެނު.” ހަފީޒާ ވާހަކަ ދައްކަމުން ދިޔައެވެ. ފައުޒާން ހުރީ ބުނާނެ އެއްޗެއް ނޭގިފަ އެވެ. ބުނެވޭނީ ވެސް ކީކޭ ހެއްޔެވެ. ގައިމުވެސް ދެން އޮތީ ވަރަށް ވެސް އުނދަގޫ ދުވަސް ތަކެއްކަން ފައުޒާންއަށް ގަބޫލް ކުރެވުނެވެ. ހިބާ ވެސް އިނީ ހަމަ އެފަދަ ހިޔާލެއްގަ އެވެ.
ޖެހިގެން އައި ދުވަހު ފައުޒާން ބެންކަށް ދިޔައީ އަޒްމާއަށް ފޮނުވަން ވެގެން ޑޮލަރުކޮޅެއް ނަގައި ދިނުމަށް އަޒްމީލް ބުނެފައި އޮތީތީ އެވެ. ފައުޒާންއަށް ހައިރާން ކަމެއް ލިބުނީ ބޭންކް ސްޓޭޓްމެންޓެއް ނަގާ ބަލައިލުމުންނެވެ. އެންމެ ކުރިން ފައުޒާން ހީކުރީ އެއީ އޮޅިފައިވާ ސްޓޭޓްމެންޓެއް ކަމުގަ އެވެ. އެގޮތުން ދެތިން ފަހަރު އެދިގެން ޗެކްވެސް ކޮށްލި އެވެ. ހައިރާންކަމާއެކު ގެއަށް އައިސް އަޒްމީލްއަށް ޑޮލަރކޮޅު ދެމުން ފައުޒާން އެވާހަކަ އަޒްމީލް ކައިރީ ބުންޏެވެ.
“ޒާންގެ ޑޮލަރު އެކައުންޓުގަ އޮތް ތިރީސް ހާސް ފަސްސަތޭކަ ޑޮލަރު. އަހަރެން ކުޑައްތަ ބުނެގެން ސްޓޭޓްމެންޓް ވެސް ނަގައިދިނީ ޒެކްއާއި އެއްކޮން ގޮސް.” އަޒްމީލް ބުންޏެވެ.
“އެކަމަކު ޒާން އެކްސިޑެންޓް ވުމުގެ ދެދުވަސް ކުރިން ފިޒްއަށް ޑޮލަރ ފޮނުވަން ވެގެން ބެލި އިރުވެސް އެއިޓް ހަންރެޑް ޑޮލާރސް އޮތީ. އޭގެން އަދި ތިން ސަތޭކަ ޑޮލަރު ޒާން ނެގީ. ދެން ތި ތިރީސް ހާސް ޑޮލަރު ތީ ކިހިނެއް ޒާންގެ އެކައުންޓަށް ލިބުނު އެއްޗެއް ކަމެއް ނޭގޭ!” ފައުޒާން ހަމަ ހަގީގަތުގައި ވެސް ހުރީ އަޖައިބު ވެފަ އެވެ. އަދި އަޒުމީލުއަށް ވެސް ހައިރާން ކަމެއް ގެނުވި އެވެ.
“ޒާންގެ ހުރިހާ ބޭހެއް މި ކުރެވުނީ މިވަރަށް ޑޮަލަރު ޒާންގެ އެކައުންޓުގަ ހުރީތީވެ. އަނެއްކާ ދެން އިތުރަށް ވެސް ޕޮލިހުންނާއި ބައެއް ރައްޓެހިންނާއި ތިމާގެ މީހުންވެސް އެހީދިން. އެކަމަކު އެންމެ ބޮޑަށް ހަމަ ޒާންގެ އެކައުންޓުން ކުޑައްތަ ހަރަދުކުރީ.” އަޒުމީލް ބުންޏެވެ. “ކޮންމެސް މީހެއްގެ އަތެއް ވޭ ކަންނޭގެ ތިކަމުގަ.”
“މަންމާ!” ގެއަށް ވަނުމާއި އެކު ސޯފާގައި އިން ހަފީޒާ ކައިރިއަށް އަންނަމުން ފައުޒާން ގޮވާލި އެވެ. “ޒާންއަށް ބޭސް ކުރުމަށް ހަރަދުވީ ކިހާވަރެއް؟ ގާތް ގަޑަކަށް ކިހާ ވަރެއް؟” ފައުޒާން އައިސް އިށީންނަމުން އެންމެ ކުރިންވެސް ހަފީޒާއާއި ކުރި ސުވާލަކީ އެއީ އެވެ. އޭރު ހިބާ ވެސް ޓީވީ ބަލަން ހަފީޒާ ކައިރީ އިނެވެ.
“ގާތް ގަޑަކަށް ފަސްދޮޅަހަކަށް ހާސް ޑޮލަރު ހަރަދުވި ހުރިހާ ކަމަކަށް. ދެން ހުރުމަށް ތުއްތައްތަ ލާރިއެއް ނާތުލާ. ތުއްތައްތަ ހިފި އެޕާރޓް މަންޓުގަ މަންމަމެން ވެސް އުޅުނީ.” ހަފީޒާ ބުންޏެވެ. “ކީއްވެތަ ކުއްލިއަކަށް ތިހެން ތި އެހީ؟”
“އެހާ ފައިސާ ކިހިނެއް ހޯދީ؟” ފައުޒާން އިތުރަށް އޮޅުން ފިލުވަން ބޭނުން ވިއެވެ.
“ޒާންގެ ޑޮލަރ އެކައުންޓުންޓުގަ ހުރި ތިންހާސް ފަސްސަތޭކަ ޑޮލަރުން މަންމަމެން ނެގިން ތިންހާސް ޑޮލަރު. ޕޮލިހުންވެސް ދިން ފަސްދަތޭކަ ޑޮލަރު. އަދި މަންމަގެ ރައްޓެހިން ވެސް އެހީ ވި. މާޒް އާ ފައުޒާންގެ ބައެއް ރައްޓެހިންވެސް އެހީ ދިން.” ހަފީޒާ ބުންޏެވެ.
“އެކަމަކު މަންމާ! ޒާންގެ އެކައުންޓަށް…” ފައުޒާން ބުނަން އުޅުން ވާހަކަ މެދު ކަނޑާލީ ހިބާ އެވެ.
“ދެން އެކަމާ ތި ވާހަކަ ދައްކަނީ ކީއްކުރަންތަ؟ ފައުޒާން މިހާރު ތިހިރީ ރަގަޅު ވެފަ. މާތް ﷲގެ އިރާދަ ފުޅާ އެކު ކުޑައްތަމެންގެ ނަސީބުން އެހާ ފަސޭހައިން ހުރިހާ ކަމެއްވެސް ނިމިގެން ދިޔައީ ދޯ ކުޑައްތާ.” ހިބާ ހަފީޒާއަށް ދޯ ލަމުން ބުންޏެވެ.
“އެއީ ތެދެއް،” ހަފީޒާ ވެސް އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލި އެވެ. “އަސްލު ޒާންގެ އެކައުންޓް ޗެކް ކުރަން ހިބާ އައިޑިއަރު ދިނީ. ޒާންގެ އެކައުންޓުގަ ފައިސާ ފުދޭ ވަރަށް ހުރުމުން ބޭރަށް ދާން ހިތްވަރުވެސް ލިބުނީ.” ހަފީޒާ ބުންޏެވެ. މާނައިން ފުރިގެން ވާ ގޮތަކަށް ފައުޒާންއަށް ހިބާއާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ އެވެ. ފައުޒާންއަށް އެއްޗެއް ވިސްނުނު ކަހަލަ އެވެ. ބޯ ޖަހާލަމުން ގޮސް ސިޑިން އަރައިގެން ދަމުން އަޒްމީލްއަށް ގުޅާލި އެވެ.
ދުވަސްކޮޅެއް ފަހުން އަޒްމީލްގެ ކައިވެންޏަށް އެންމެން ތައްޔާރީތައް ވަމުން ގެންދަން ފެށި އެވެ. ޝަކީލާ ވެސް ފޯރިނަގާފައި ހުރީ އެކަމަށް ފައިސާވެސް މާކުރިން އެއްކޮށްފަ އެވެ. ނިހާނީގެ އާއިލާގެ ފަރާތުން ވެސް ވަރަށް އެހީތެރިކަން އެކަމުގައި ލިބެމުން ދިޔަ އެވެ.
“ޒެކް ކީއްކުރަންތަ ހެދުން ގަނެދޭން ތި އުޅެނީ؟” ފައުޒާން ކައިރީ އުނދޯލީގައި އިނދެގެން ހިބާ ފޯނުން ވާހަކަ ދައްކަމުން ދިޔައީ ޒެކްއާ އެވެ. އަޒްމީލްގެ ކައިވެންޏަށް ހިބާ ލާނެ ހެދުމާއި އެއްޗިހި ގަނެދޭން ޒެކް އުޅުނެވެ. ފައުޒާން ވެސް ހުރީ އެކަމާ ހިތްހަމަ ނުޖެހިފަ އެވެ. އަބަދު ކޮންމެ ކަމެއްގައި ވެސް ހިބާއަށް ހަރަދު ކުރަނީ ޒެކް އެވެ. އެއީ ކިހިނެއް ވާންވީ ކަމެއް ހެއްޔެވެ. ހިބާގެ ބައްޕަ ކައިރީ މަސައްކަތް ކުރިއަސް ޒެކް ހިބާއަށް ހަރަދު ކުރަން ޖެހޭނެ ހެއްޔެވެ. އަނެއްކާ ޒެކްގެ ހިތުގައި ހިބާއާއި މެދު ގޮތެއް އޮންނަނީ ނޫން ބާވައޭ ފައުޒާން ހިތަށް އަރަމުން ދިޔަ އެވެ. ކޮންމެސް ވަރެއްގެ ހަސަދަ ވެރިކަމެއް އެ ހިތުގައި ހިގައިގަތެވެ.
12 Comments!
Comments are closed.
Hadi mihaaru. Keevve nadhuva beynungothah kanthah vaanvi. Kanthah maa goasnuvani zaan mom gaathu hageegaiy haama kure please
Mihaaru hadi.. foohi dhen nadhoo egeyah annaathee.. zaan manma.kairy bunebala dhen
Maaaaaaahaaaaasaru bodu vaneeeee mihaaaru. V foooooooohi. Sorrrry
Mihaaru ehaa keycheh noon.
Thi gothah story gen dhiyaeema heevane drama eh balaa eh bt salhi story ekam nw gen dhaa goi kada
Yes foohi aslu noo heekuree ehaadhuvas fahun dhimaa v ma xaan n hibaa v romantic seen eh annaane kamah
Hib and xaan varah romantic vaane adhi but thats after their marriage ?
hurihaa kameh nadhoo beynungothah ehenve vaahaka vv hdi……..
Zaan avahah momah kiyaadhee ehnoony nadhwa udhagooo v boduvaane.mihaar midhaa got kamaku nudhey
Adives bust vakah nooleytha Maa digulaatey foohi mihaaru
up koh dhybaaa next part… mihaaru v lahun up vaniyy so kada
Fauzan ves avahah hageegai kiya dheynama. nadhuva gandu dheke ma bodah biru gannany tha 😛 hehe dhww Aasi 😀 mibai ves varah reethi. kommes kommes Hiba ah dhera gotheh nuhadhacchey