
ްައަހަރެންގެ ވާހަކަ (އަށްވަނަ ބައި)
ކުއްލިއަކަށް ބޮލަށް ތޫނު ތަދެއް އެރިއެވެ. ފެންނަމުންދިޔަ މަންޒަރުތައް މަޑު މަޑުން ފުސްވަމުންއައިކަން އެނގުނެވެ. ދެން ވީ ގޮތެއް ނޭނގުނެވެ.
މަންޒަރުތައް ސާފުވަމުން އައިއިރު ފުރަތަމަވެސް ފެނުނީ މަންމަގެ މޫނެވެ. އެއަށްފަހު ދޮންބެއެވެ. ޝާލީ ކައިރީގައި އިންކަން އެނގުނީ އަތުގައި ހިފާލުމުންނެވެ. އެދެލޮލުން ކަރުނަތައް ވިދަމުންދިޔައެވެ. ބަލާލުމާއެކު އޭނަގެ ބަޑި ފަޅައިގެންދިޔައެވެ. ރޮމުން އަހަރެންގެ ގައިގާ ބައްދާލިއެވެ. އެއްވެސް ކަމެއް ނުވެއޭ ބުނެލަމުން ޝާލީ ރުއިން ހުއްޓާލުމަށް ބުނީމެވެ. އޮވެވުނީ ސިއްހީ މަރުކަޒުކަން އިނގުނީ އަތުގައިވާ ކެނިއުލާފެނުނީމައެވެ.
“މަށަށް ކިހިނެއްވީ؟” ވީ ގޮތެއް ނޭނގެއެވެ. ހަށިގަނޑަށްވެރިވެފައިވަނީ ލޮޑުކަމެވެ.
” މަ ކޮޓަރިއަށް ވަންނަން އައި ގަޑީގަ ފެނުނީ ތިއްތި ފެއިންޓްވެގެން ވެއްޓިފަ އޮއްވަ…” ރުއިމުގެ ތެރެއިން ޝާލީ ޖަވާބުދިނެވެ.
” ޑޮކްޓަރ ބުނީ ހަށިގަނޑަށް ބޭނުންވާވަރަށް އަރާމު ނުލިބޭތީއޭ.. އައިވީ ހުސްވީމަ ގެއަށް ފޮނުވާލާނަމޭ..” ބޮލުގައި ފިރުމާލަމުން ދޮންބެ ބުނެލިއެވެ. އެދެލޮލުގައިވެސް ވަނީ ކަރުނައިގެ އަސަރެވެ. މަންމަ އިނީ މަޑުމަޑުންނެވެ. އެއްވެސް އެއްޗެއް ނުބުނެ ހަމައެކަނި އަހަރެންގެ މޫނަށް ބަލަހައްޓައިގެން އިނީއެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ ނޫރު އުރާލައިގެން އައިސްވަނީ ޝިއުޒްއެވެ. ދޮންބެ އެދުމުން ޝާލީ ނޫރު ގޮވައިގެން ބޭރަށް ނިކުތެވެ.
އެންމެންގެ ހަމަހިމޭންކަން އަހަރެންގެ ހިތަށް އުދަނގޫ ކުރަމުންދިޔައެވެ. އަހަރެންނަށް ކިހިނެއް ވީ ހެއްޔެވެ؟ އަނެއްކާ ސީރިއަސް މައްސަލައެއް ހުންނަ ވާހަކަ ޑޮކްޓަރ ބުނީ ބާވައެވެ؟ ނޫނެކެވެ. ޓެސްޓެއް ނަހަދާ ކަމެއް ހުންނަ ކަމެއް އެނގޭނެ ހެއްޔެވެ؟
“މަންމަ ހިޔެއް ނުކުރަން ދެން ދަރިފުޅު ފެނިދާނެ ކަމަކަށްވެސް…” އަހަރެންގެ އަތުގައި ހިފާ ބާރުކޮށްލަމުން މަންމަ ބުނެލިއެވެ. އެއަޑުގައި ވަނީ ތުރުތުރުލުމެވެ. ވާނުވާ ނޭނގިފައި ފަހަރަކު މީހެއްގެ މޫނަށް ބަލާލެވުނެވެ.
” ތިއްތި ހޭނާރައިގެން އަހަރުމެން ވަރަށް ބިރުން މިތިބީ.. ޝާލްވެސް ރޮއި ރޮއި ހަލާކުވާވަރުވެފަ އެހެރީ..” އެންމެންގެ މޫނުމަތިން މާޔޫސްކަން ފެންނަމުންދަނީ އަހަރެންނަށް ކަމެއް ވެދާނެތީ ހެއްޔެވެ؟ އެދުވަހު އަމިއްލައަށް މަރުވިނަމަ އެންމެންނަށް ވާނީ ކިހިނެއްބާއެވެ؟ ދޮންބެގެ އެދުމުގެ މަތިން ޝިއުޒް މަންމަ ގޮވައިގެން ގެއަށްދިޔައެވެ.
ދޮންބެ އަހަރެންގާތު މަޑުކުރީއެވެ. އަހަރެން އޮތީ ގަޑި ހިނގާލެއް ލަސްކަމުން ފޫހިވެފައެވެ.
” ދެން ކިހިނެއް ހަދަން ތި ވިސްނަނީ..” ދޮންބެގެ ކުލަ އޮއްސިފައިވާ މޫނަށް ބަލާލަމުން އަހާލިއެވެ. އެރީތި މޫނުންވަނީ ފެންދެމިފައެވެ. އުމުރަށްވުރެވެސް ދުވަސްވެފައިވާކަމަށް ދައްކައެވެ.
“އެންމެންނަށް އެނގުނީމަ މީރާ އެދުނު ގޮތަށް ވަރިކޮށްފަ އޭނަގެ ރަށަށް ފޮނުވާލައިފިން.. ނޫރުވެސް ބޭނުމެއް ނޫނޭ ބުނީ..” ކޮންކަހަލަ އަންހެނެއް ހެއްޔެވެ؟ މައިވަންތަކަމުގެ ކުލުނެއްވެސް އޭނަގެ ހިތުގައި ނެތީ ހެއްޔެވެ؟ މަންމައަކާ ނުލާ ދޮންބެ އެކަނި ނޫރު ގެންގުޅޭނީ ކިހިނެއް ހެއްޔެވެ؟ އެއީ އަދި ނުހަނު ކުޑަ ކުއްޖެކެވެ. ވިސްނިވަރަކަށް ސިކުނޑިއަށް ބާރުބޮޑުވަމުންދިޔައެވެ. ބޮލުގައި ހިފަހައްޓާލެވުނީ ކުއްލިއަކަށް ރިއްސަންފެށީމެވެ.
“ޝިމާލް ނޭފަތުން ލޭ އަންނަނީ..” ދޮންބެ ދުއްވައިގަތީ ބޭރަށެވެ. ނޭފަތުގައި އަތްޖައްސާލެވުނީ ދެނެވެ. ކުޑަކޮށް ލޭއައިސް ހުއްޓެވެ. އޭރު ޑޮކްޓަރ ގޮވައިގެން ދޮންބެ އައިސް ވަންނަނީއެވެ. ޑޮކްޓަރ ބެލުމަށްފަހު ލަފާ ދިނީ ޓެސްޓުތަކެއް ހެދުމަށް މާލެދިއުމަށެވެ. އައިވީ ހުސްވުމުން ގެއަށް ދެވުނުއިރު މެންދުރުން އަނބުރާ ތިނެއްވެސް ޖަހައިފިއެވެ.
ފެންވަރާލައިގެން ނިކުތްއިރު ޝާލީގެ އެކުވެރި ދެތިން ކުއްޖަކު އައިސް އުޅެއެވެ. ގޭތެރޭގައި ހިނގާދިޔަ ކަންތައްގަނޑުގެ ޚަބަރެއް އޭނައަށް ނޭނގެނީއެވެ. ރަނގަޅުވާނީވެސް ނޭނގުނިއްޔާއެވެ. އޭނަގެ ސަކަ މިޒާޖުން އެހެންމީހުންނަށް އުފާވެރިކަން ގެނެސްދެއެވެ. އެކަނި އެއްވެސް ތާކަށް ނުދިއުމަށް މަންމަ އެދުމުން ބޭރު ޖޯލީގައި ޖައްސާލީމެވެ. މަންމަވެސް ފެންނަ ފަށުގައި ނޫރު ގޮވައިގެން އުޅެމުންދިޔައެވެ. އަވަށްޓެރި މީހަކު އައުމުން މަންމަ ނޫރު ގޮވައިގެން ބޭރަށް ނިކުތެވެ. ފޫހިވެގެން ބޭރަށް ނިކުންނަށް ހިގައިގަތްތަނާ ޝާލީ ގޮވާލިއަޑުއިވުނެވެ.
“ކިހިނެއް ވީ؟” ޝާލީ ހުރީ ބަދިގޭގައެވެ.
“ޝައްނުއަށް ޓިޝޫއެއް ދީބަލަ..” ކައިރީގައި ހުރި ޝާޔަލްއަށް އިޝާރާތްކޮށްލަމުން ބުންޏެވެ. ޝާލީ އުޅުނީ ކޮންމެވެސް ކާއެއްޗެއް ތައްޔާރުކުރުމުގައެވެ. ޝާޔަލް ގާތު މަޑުކޮށްލާށޭ ބުނުމަށްފަހު ކޮޓަރިއަށްވަނީ ޓިޝޫއެއް ބަލައެވެ. ޓިޝޫ ނަގައިގެން އެނބުރި ވަގުތު ސިއްސައިގެންދިޔައީ ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުގައިހުރި ޝާޔަލް ފެނިފައެވެ. އޭނަ ގާތު މަޑުކޮށްލާށެކޭ ނުބުނެވޭ ހެއްޔެވެ؟
“ހޭ ހީރޯ.. ރޭގަ ފަހުން ޖީއެފް ގުޅިތަ؟” ޝާޔަލް ބުނި އެއްޗެއް ނޭނގިގެން ކީކޭ ހެއްޔޭ އަހާލެވުނެވެ.
” ކޮންމެސް އިޒްއެއް ގުޅި.. މަ ބިޒީ ކޮށްލީ..” ވަރަށް ހަމަޖެހިލާފައި އޭނަ ބުނެލިއެވެ. އަތުގައި އޮތް ޓިޝޫ ބޮޑިކޮށްލަމުން އޭނަގެ ދެކޮޑުގައި ހިފާ ފާރުގައި ޖައްސާލެވުނީ ކިހާ ގައިގާހުރި ބާރެއްލާފައެވެ. ގުޅިގަދަވެގެން ދެދަތްޕިލަ ތުރުތުރު އަޅަމުންދިޔައެވެ. މި ކުޑަ ކުޑަ އަންހެންކުއްޖާ ހިތަށްއަރަނީ ކީކޭ ހެއްޔެވެ؟ އޭނަ ހިތުން އެކުރެވުނީ ވަރަށް މޮޅުކަމެއްތާއެވެ. މުއްސަނދި ޝާހީ އާއިލާތަކުގެ ކުދިންނަށް އެހެންމީހުންގެ އިހްސާސްތަކެއް ދެނެއެއް ނުގަނެވޭނެއެވެ. އިހްސާސްވެސް ނުކުރެވޭނެއެވެ.
” ހީނުކުރައްޗޭ ތިކުރެވުނީ މާމޮޅު ކަމެކޭ.. އެއީ އަހަންނަށް ވަރަށް މުހިއްމު ކޯލެއް.. ތިކަހަލަ ޝާހީ މީހުންނަކަށް އެހެންމީހުންގެ ފީލިންގްސްއެއް ނޭނގޭނެ..” އެދެލޮލުން ކަރުނަތައް ވިދަމުންދިޔައީ ހިފަހައްޓައިގެންހުރިލެއް ބާރުކަމުންކަމެއް ނޫނީ އަހަރެން އެހެންބުނި ގޮތުން ކަމެއް ނޭނގެއެވެ. ޝާޔަލްގެ ގައިން ދޫކޮށްލުމަށްފަހު ގޮށްމުށުން ފާރުގައި ދެތިން ފަހަރު ޖަހާލީމެވެ.
“އަދިވެސް ހުރީތަ؟ ގެޓް ލޮސްޓް.. ޑޭމް އިޓް…” ބާރަށް ހަޅޭއްލަވައިގަތުމުން އޭނަ ރޮވިފައިވާ އަޑަކުން “ސޮރީ” އޭ ބުނެފައި ދުވެފައި ނިކުމެއްޖެއެވެ. ކޮންމެކަމެއް ކޮށްފަވެސް ސޮރީ އޭ ބުނީމަ އެވީ ހެއްޔެވެ؟ އޭރުން ވީ ކަމެއް ނުވާކަމަކަށް ގެދޭނެ ހެއްޔެވެ؟
ފާޚާނާއަށް ވަދެ ދެތިން ފަހަރު މޫނު ދޮވެލުމުންވެސް ރުޅިގަނޑު ފިނިވާގޮތެއް ނުވިއެވެ. ޝާޔަލްގެ ސަބަބުން ދޮންބެއަށް އެންމެ ބޭނުންވި ވަގުތު ކައިރީގައި ނުހުރެވުނީއެވެ. އެހެންނޫންނަމަ ދޮންބެއަށް ހިތްވަރުދީ މަންމައަށް ވިސްނައިދޭން އެވަގުތު ހުރެވުނީސްކަން ޔަޤީނެވެ. ބޮލުން ފާރުގައި ޖަހާލެވުނީ ހިތަށް އަސަރުކުރިލެއް ބޮޑުކަމުންނެވެ. މޫނު ސާފުކޮށްލައިގެން ބޭރަށް ދާން ހިގައިގަތީ ގެއިން ބޭރަށް ދިއުމަށެވެ.
” ތިއްތި ޝައްނު ރޮމުން އެދިޔައީ ކީއްވެ؟” ބަދިގޭގައި ހުރެފައި އައި ޝާލީ ސުވާލުކުރީ ގެއިން ނިކުންނަނިކޮށެވެ.
“ނޭނގެ..” ރުޅި މައިތިރިކުރަން އުޅުނަސް އެކަމެއްނުވިއެވެ. މަންމަ ގޮވާ ގޮވާ ހުއްޓަސްވެސް އަހަރެން ބޭރަށް ނިކުމެގެން ހިގައިގަތީމެވެ. ދާންވީ ތަނެއް ކުރާނެކަމެއް ސިކުނޑިއަކަށް ނައެވެ. ހީވާ ގޮތުން އައިސްފައިވާ ގަދަ ރުޅީގެ ސަބަބުން ސިކުނޑިވެސް މަސައްކަތް ކުރުން ހުއްޓާލީއެވެ. ނިޒާމަށް ގުޅީ ރުޅި މައިތިކުރުމަށެވެ. އަދްހަމްއާއި ހުސެންއާ ތިންމީހުންނަށް ކޮންފަރެންސް ހަދައިގެން އެކި އެކި ވާހަކަ ދައްކަން ފެށުމުން ސިކުނޑިއަށް ލުއިވިއެވެ. އެންމެން އެދުނީ އަވަހަށް މާލެ އައުމަށެވެ. އަހަރެންވެސް އެކަމާ ވިސްނީމެވެ. ޑޮކްޓަރ ބުނެފައިވާ ޓެސްޓުތައް ހަދާލަން މާލެ ދާން ނިންމީމެވެ. ފަހަރެއްގައި މާޙައުލު ބަދަލުވުމުންވެސް ހިޔާލުތަކާއި ދުރަށްދެވިދާނެއެވެ. މާލޭގައި އުޅޭއިރު ބޭކާރު ހިޔާލުތައް ސިކުނޑިއަށް ވެރިވާކަން ވަގުތެއް ނުދެވެއެވެ. މަސައްކަތުގެ ވަގުތު ފިޔަވާ ކުޅިވަރަށާއި ރައްޓެހިންނަށް ވަގުތުދީ ހެދުމުން ދުވަސް ދާ ގޮތްވެސް ނޭނގެއެވެ.
ފޯނުގައި ހުއްޓާ ސްޓޭޝަނުން ގުޅުމުން އެދިމާލަށް ދިޔައީމެވެ. ކުރިން ފައިލްކޮށްފައިވާ މައްސަލައަކާއި ގުޅިގެން މުހިއްމު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވިގެން ދިޔައީއެވެ. އަލުން އެ މައްސަލަ ތަޙުޤީޤުކުރަން ސީނިއަރ ބޭފުޅުން ބޭނުންވާތީ އެކަމާ އުޅެން ޖެހުނެވެ. ދުވަހުގެ ބާކީބައި ހޭދަވެގެން ދިޔަ ގޮތެއްވެސް ނޭނގުނެވެ.
” އޭނ ހިނގާދެން ބޭރަށް ގޮސް އެއްޗެއް ކާލަން ދާން.. އަށެއް ޖެހީއެހެރަ..” ކޮޑުގައި ޖަހާލަމުން ހޫދު ބުނެލިއެވެ. ތެދެކެވެ. ރޭގަނޑު އަށެއްޖަހާ ބޮޑުވީއެވެ. ބަނޑުހައިކަމުގެ އިހްސާސެއްވެސް ނުކުރެވުނެވެ. އެކަމަކު ވަރުބަލިވެފައިވާތީ ކޮފީ ތައްޓެއް ބޯލަން ބޭނުންވިއެވެ. ދެމީހުން ކެފޭއަށް ވަތްއިރު އާދަޔާޚިލާފަށް މީހުން ގިނައެވެ.
” ހީވަނީ ފިލްމް ސްޓަރ އެއްނޫނީ ރޯޔަލް ފެމެލީ މީހެއް އައިސްގެން އުޅޭހެން ދޯ..” މީހުންތައް ބޮޑިވެގެން އުޅޭތަނަށް އިޝާރާތް ކުރަމުން ހޫދު ހީގަތެވެ.
” ހޫމް.. ރޯޔަލް ފެމެލީ މީހުން އުޅެއޭ އެބަ..” ދުރުގައި ހުރި ޝާޔަލް ފެނުމުން ފޫހިވިއެވެ. ވަގުތުން އަނެއް ފަރާތަށް މޫނު އަނބުރާލީމެވެ. ވަގުތުން ތެދުވެގެން ދާން ބޭނުންވިޔަސް އެއްޗެއް ނުކައި ދާން ބޭނުންނުވީއެވެ. އެއްޗިއްސަން އޯޑާކުރިތަނާ މިއުވާންއާއި ފަރީދުވެސް އަތުވެއްޖެއެވެ. މަސައްކަތްތައް ނިންމާލުމަށްފަހު އެންމެން މަސްބާނަން ދާން ނިންމިއެވެ. ރަނގަޅު ޙިޔާލެކެވެ. ކައިނިމިގެން އަވަހަށް އެންމެން ބެލީ މަސައްކަތްތައް ނިންމާލެވޭތޯއެވެ. ތަނުގައި ތިބެގެން ކުރެވެންހުރި މަސައްކަތްތައް ނިންމާލިޔަސް އަދި މައިގަނޑު މަސައްކަތް އޮތީއެވެ. ފާސްކުރަން ޖެހޭ ތަންތަން ބަލާ، ހެކި ހޯދުމުގެ ބުރަ މަސައްކަތް މާދަމާއަށް މަޑުޖައްސާލީއެވެ. ބުރަކޮށް މަސައްކަތް ކުރަން ޖެހުނަސް ޤައުމާއި ދީނަށް ޚިދުމަތްކުރެވޭތީ ހިތަށް ލިބެނީ ބަޔާންކުރަންދަތި އުފާވެރިކަމެކެވެ.
ހެނދުނުގެ ވަގުތެވެ. ހެނދުނު ޑިއުޓީއަށް ވުމުން ހޭލި ގޮތަށް ތައްޔާރުވެލީމެވެ. މަންމަ ސައިތައްޔާރުކޮށްފައި ހުއްޓެވެ. އޭރު ޝިއުޒްވެސް ސައިބޯންއިނެވެ. ޝިއުޒް ބޭނުންވަނީ ކައިވެނި ލަސްކުރާށެވެ. އެންމެންނަށްވެސް ސަބަބު އިނގެއެވެ. އެކަމަކު ކިއާރާއަށާއި އޭނަގެ އާއިލާއަށް ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ؟ އެމީހުން ގާތު ބުނާނީ ކީކޭ ހެއްޔެވެ؟ ޝިއުޒް ހީވަނީ ގޮތްހުސްވެފައިވާ މީހެއްހެންނެވެ.
“ތިއްތިއަކަށް ނުފެނޭ އިތުރަށް ލަސްކުރާކަށް… މެރީކޮށްގެން އިޒްމެން އުޅޭނީ މިރަށުގައެއްވެސް ނޫނެއްނު..” އަހަރެންނަށް ފެންނަ ގޮތް ހާމަކުރީމެވެ. ދޮންބެއަށްޓަކައި އަހަރުމެންގެ އުފާ ޤުރުބާންކުރާކަށް އޭނަވެސް ނޭދޭނެއެވެ. ބުނެލަން ކިތަންމެ ފަސޭހަޔަސް ކުރަން އުދަނގޫވާނެކަން އިނގެއެވެ. އެކަމަކު ކޮންމެވެސް ދުވަހަކުން ދޮންބެއަށް އެކަންކަމާ ކުރިމަތިލާންޖެހޭނެއެވެ. ނޫރުގެ ސުވާލުތަކަށް ޖަވާބުދާރީވާންޖެހޭނެއެވެ.
“ކޮންކަމަކާތަ އެންމެން މި ޑިސްކަސްކުރަނީ؟” ޝާލީ އައިސްވަނެވެ. މައުލޫއު ބަދަލުވީ އެހިސާބުންނެވެ. ޝާލީގެ ކިޔެވުންވެސް ފެށެން އުޅެނީއެވެ. އޭގެ ކުރީގައި މާލެ ޖައްސާލާ ވާހަކަ ދެކެވުނެވެ. ނާސްތާ ނިންމާލުމަށްފަހު ހިގައިގަތްތަނާ ޝާލީ ދުވެފައި އައިސް ހަމަކުރިއެވެ.
” ތިއްތި ގާތު ޝައްނު ނުބުނޭތަ ހަމަ ވީ ގޮތެއް؟” ވަރަށް ސީރިޔަސްކަމާއެކު އަހާލިއެވެ. ކުޑަގޮތަކަށް ވީ ގޮތް ކިޔާލަދިނީމެވެ. ޝާޔަލްއަށް ފޯނުދިން ގަޑީގައި ގުޅީ ކާކުކަމެއްކަން ނުބުނަމެވެ. ހަމައެކަނި ބުނީ މުހިއްމު ކޯލެއްކަމެވެ. އަހަރެން ކަންތައްކުރި ގޮތުން ޝާލީ ހިތްހަމަނުޖެހުނެވެ. އަދި ޝާޔަލް ގާތުން މާފަށް އެދެން ބުންޏެވެ. އާނއެކޭ ބުނަމުން ހިގައިގަތީ ގަޑިޖެހޭތީއެވެ.
ޝާލީ ދެއްކި ވާހަކަތަކާއިމެދު ވިސްނާލެވުނެވެ. ހަޤީޤަތުގައި އަހަރެންނަށް މާގަދައަށް ރުޅިއާދެވުނީއެވެ. އާރެއް ބާރެއްނެތް އަންހެންކުއްޖަކަށް އަނިޔާވެރިވީއެވެ. ފިރެހެނަކަށްވެސް ނުވެވުނެއެވެ. އަމިއްލަ ނަފުސުވެސް މަލާމަތް ކުރިއެވެ.
މަސައްކަތުގައި އުޅުނުއިރުވެސް ވިސްނެނީ އެކަމާއެވެ. އަހަރެންނަށް ކުރެވުނު ކަންތައް ރަނގަޅު ކުރާނެ ގޮތަކާއިމެދުގައެވެ. ވިސްނާ ވިސްނާވެސް ކަމުދާ ޙިޔާލެއްނައެވެ. ތަފާތު ގޮތްގޮތުން އެކި މީހުންގެ ހިޔާލު ހޯދޭތޯވެސް މަސައްކަތްކުރީމެވެ. އެއްވެސް މީހަކު ކަމުދާ ކަހަލަ ޖަވާބެއް ނުދިނެވެ.
ގެއެއް ބަލާ ފާސްކުރުމަށްފަހު ނިކުންނަނިކޮށް ޝާޔަލް ފިހާރައިން ނިކުންނަނިކޮށްފެނުނެވެ. އަހަރެން ފެންނައިރަށް ބިރުވެރި އެއްޗެއް ފެނިގެން އުޅޭފަދަ ގޮތަކަށް އަވަހަށް ދުވެ ފިލައިފިއެވެ. އެއީ ހަމަ މައުސޫމުކަން ހެއްޔެވެ؟ ނޫނީ ދެއްކުންތެރިކަން ހެއްޔެވެ؟
ހަފްތާއެއް ފަހުން މާލެދާން ހުރިހާކަމެއް އޮތީ ނިމިފައެވެ. އޭގެކުރީގައި މިކަން ނިންމަން އެބަ ޖެހެއެވެ. މެސެޖެއް ކުރަންވެސް އެތައް ފަހަރަކު ހިތަށްއެރިއެވެ. ނަމަވެސް ލިޔާނެ ރަނގަޅު އިބާރާތެއް ހިތަކަށްނައެވެ. އަންހެން ކުއްޖަކާއި “ފްލާރޓް” ކުރާނަމަ މިހާރުވެސް މިކަން ވެއްޖައީހެވެ. އެކަމަކު ޝާޔަލްއަކީ ކުޑަކުއްޖެކެވެ. އެފަދަ ނަޒަރުން ދެކޭކަށް ދުވަހަކު ކޮޅުންވެސް ހިތަކަށް ނާދެއެވެ. މިޖެހުނީ ކިހާބޮޑުކަމެއް ހެއްޔެވެ؟ ޑިއުޓީގައި އުޅެފައި އައިއިރު ޝާލީއާއި ނޫރު ގަސްތައް ކައިރީގައި ތިއްބެވެ. ފާޚާނާއަށް ވަދެފައި ނިކުތްއިރު ނޫރު ކޮޓަރިތެރޭގައި ހުއްޓެވެ. ޝާލްގެ ފޯނުން ގޭމު އަޅުވާދިނުމުން އަތުގައި އޮތް ފިނިފެންމާ ދީފައި ހިނގައްޖެއެވެ.
ނުކުންނަ ދޮރާއި ހަމައަށް ދެވުނުއިރު ޝާޔަލް އެތެރެއަށް ވަންނަން އައީއެވެ.
“އައި އެމް ރިއައީ ސޮރީ…” ސަލާމުކުރުމަށް އަތްދިއްކޮށްލިއިރު އަތުގައި ނޫރު ދިން މާ އޮތްކަމެއް ހަނދާނެއްނެތެވެ. ލަދުރަކި ގޮތަކަށް ހީލަމުން މާ ހިފައިގެން އޭނަ އެތެރެއަށްވަނެވެ.
(ނުނިމޭ)
10 Comments!
Comments are closed.
އުންމީދުކުރަން މިބައިވެސް ކިޔުންތެރިންނަށް ކަމުދާނެކަމަށް…
I thought the guy was flirty ? Kury part egga ekahala vaahaka eh oiy kanneynge ? 😮
އެޖުމްލައިގަ ބުނެފައިން ވާހަކަ ސާދްއަށް ނޭނގުނީ ކަންނޭނގެ ދޯ.. ޝިމާލް އަކީ އަންހެންކުދިން ޓައިމް ޕާސްޓްއަށް ގެންގުޅޭ މީހެކޭ ކުރިން ބުނެފައިވާނެ.. އޭނަ ޝާޔަލް ގާތުން މާފަށް އެދެން އުދަނގޫ ވެގެން އުޅެނީ ކުރިން އެފަދަ ކަމެއްދިމާވެފަނެތީމަ. އަންހެން ކުއްޖެއްގެ ގާތުން މާފަށް އެދުމަކީ ފްލާރޓް ކުރުން ކަމަށްވާނަމަ އެކަން އެހާ ފަސޭހަވާނޭ ބުނެފަ އެއިނީ… އެކަމަކު މިފަހަރު ޝިމާލްއަށް މާފަށް އެދެން ޖެހުނީ ހަމަ ސީރިޔަސް ކަމެއްގަ… އުންމީދުކުރަން ވިސްނިއްޖެކަމަށް 🙂
Vaahaka reethi, ekam mashah fehnnany vaahaka liyanyaa kurin kiyaafa ihnna part handhaan nunethen dhen next part upload kurun…. mihaaru thi upload kurany kurin kiyaafa ihnna part handhaan nethey haa dhuvas kohffa….
Asluveys. Kurie part handhaan ves ney mihaaru.
yhh rangalhu vaahaka eh.. kuree part hadhaan vx nei nw.. vrh foohi vehje mi story kiyan.. garunaku ehfaharu part eh..
asluvex varah foohi mivaahaka.
Varah reethi …. Varah kiyaahithun kiyaalevay story eh… Waiting 4 the next part..
Can u write a drama for us plx but funny one…..
Can u write a drama for grade 10 studends