
ޤުރުބާން ވުމީ މިހިތުގެ އުފާ 9 ވަނަ ބައި
“މަށަކަށް ކޮފީއެއް ނުލިބޭނެތަ؟” އަބްޔާން އައިސް މޭޒުދޮށުގައި އިށީންނަމުން ބުނެލި އެވެ. ޖަންނަތު އެއްޗެއް ނުބުނެ ތެދުވީ އަބްޔާންއަށް ކޮފީ ހަދާށެވެ. ކުއްލިއަކަށް އަބްޔާން ޖަންނަތުގެ އަތުގައި ހިފެހެއްޓި އެވެ. ޖަންނަތު ހައިރާން ވެފައި އަބްޔާންއަށް ބަލައިލި އެވެ. “ވަރަށް މަދުން ކިރު އަޅާނީ.” އަބްޔާން އެހެން ބުނެލަމުން ޖަންނަތުގެ އަތުން ދޫކޮށްލި އެވެ.
އަބްޔާންއަށް ކޮފީ ގިރައިދިނުމަށްފަހު ޖަންނަތު ބޯން އިން ކޮފީޖޯޑު ގައި ބާކީ އިން އެތިފޮދު އަވަހަށް ބޯލައިގެން ޖަންނަތު މައްޗަށް އެރި އެވެ.
އަބްޔާން ކޮފީ ބޮމުން އައިސް ސޯފާގައި އިށީނެވެ. އެދުވަހުގެ ފެށުން ވަރަށް ރަގަޅު ކަމުގައި އަބްޔާންގެ ހިތް ބުނަމުން ދިޔަ އެވެ. އަބްޔާން އިނީ ނަމާދަށް ދެވުނީތީ ވަރަށް ހިތްހަމަ ޖެހިފަ އެވެ. އަދި ހިތުގައި އަޒުމު ކަނޑައެޅި އެވެ. ނަމާދު ކުރުމަށެވެ.
އަބްޔާންގެ ޖިންސްގައި އޮތް ފޯނު ވައިބްރޭޓް ވާން ފެށި އެވެ. މިސްކިތައް އަރަމުން ހިމޭން ކޮށްފައިވާ ފޯނު އަބްޔާން ނަގާ ބަލައިލި އެވެ. އަރާފައި އިން ނަމަކީ ‘ބައްޕަ’ އެވެ.
“ހެލޯ!” ގުޅަނީ ނަސީރުކަން އިނގުމުން އަވަހަށް އަބްޔާން ފޯނު ނެގި އެވެ.
“އަބީ، ހަތެއް ޖަހާއިރު ތިކޮޅަށް މޫސަގެ ލޯންޗު ދާ ގޮތަށް އޮތީ. ދަރިފުޅު މޫސައަށް ގުޅައިގެން ޖާގަ ހޯދަންވީނު.” ނަސީރު ބުންޏެވެ.
“ލައްބަ. އަޅުގަނޑު ތިކަމާ އެބަ އުޅެން.”
އަބްޔާން ފޯނު ކަނޑާލާފައި އަވަހަށް މޫސައަށް ގުޅާލި އެވެ. އެވަގުތު ބޭރުން އައިސް އާޒަތު ވަންތަން ފެނުނެވެ.
“މޫސާ، މަށަށް ތިން ޖާގަ.” މޫސަ ފޯނު ނެގުމާއެކު އަބްޔާން ބުނެލި އެވެ.
“ތިހެންވިއްޔާ ބަރާބަރު އަށްގަޑި ބައިގަ ޕެޓްރޯލް ޖެޓީއަށް އަންނަން ވާނެ.” މޫސަ ބުންޏެވެ.
“އޯކޭ.” އަބްޔާން ފޯނު ކަނޑާލާފައި އާޒަތުއަށް ބަލައިލި އެވެ.
“އާޒަތު، ދޭ އަވަހަށް ޕެކް ކުރަން. އެއިޓް ތާރޓީގަ އެބައިން ލޯންޗެއް،” އަބްޔާން އެހެން ބުނުމުން އާޒަތު މައްޗަށް އަރަން ހިގައި ގަތެވެ. “ޖަންނަ ގާތުވެސް ބުނެލައްޗޭ.”
ހެދުނުގެ ސައި ނިކަން އަވަހަށް ޝަމްސުއްދީން ހަދާލި އެވެ. ތިންމީހުން އަވަސްކޮށްލާފައި ސައިބޯން ތިއްބެވެ.
“ތުއްތާ! ރޭގަ ކިހިނެއް ތުއްތަ ޓޮލަރޭޓް ކުރީ؟” ޕާން ފޮއްޗެއްގައި ބަޓަރު ޖަހަމުން އާޒަތު އަހާލުމާއި އެކު އަބްޔާންއާއި ޖަންނަތުއަށް އެކަކު އަނެކަކަށް ބަލައިލެ ވުނެވެ. ދެމީހުން ކުރެ އެކަކުވެސް އަނގައިން ނުބުނުމުން ރޭގައި އެދެމީހުން ދޭތެރޭ ކަމެއް ހިގައިފިކަން ނަގައި ގަންނާކަށް އާޒަތުއަށް އުނދަގުލެއް ނުވި އެވެ.
“ވަރަށް ބިރުގަތް ދޯ.” އެންމެ ފަހުން އާޒަތު ބުނެލި އެވެ.
“ތުއްތަ އެކަނި ކޮށްފަ އާޒަތު ދިޔައީނު.” ޖަންނަތު ބުނެލި އެވެ.
“އަބީބެ ހުއްޓެއްނު،” އާޒަތު އަވަހަށް ބުނެލި އެވެ. “އަހަރެން އަބީބެއަށް ގުޅިމޭ. ދޯ އަބީބޭ.” އަބްޔާން ބޯ ޖަހާލި އެވެ. އަނެއްކާވެސް އައީ ހަމަހިމޭން ވަގުތު ކޮޅެކެވެ.
ގިނަ ވަގުތު ހަމަހިމޭންކަން ވެރިވެފައި ވުމުން އާޒަތުއަށް އެކަމާ ވިސްނާލަން ޖެހުނެވެ. އަބްޔާންއާއި ޖަންނަތު ޖެހިއްޖެއްޔާ މީގެ ކުރިން އެގޮތަށް މަޑުން ނުތިބެ އެވެ. ކޮންމެވެސް ކަމެއް ވެއްޖެ ކަން އާޒަތުއަށް އިނގުނެވެ. ނަމަވެސް އެކަމާ ސުވާލުކޮށްލަން ވެސް އާޒަތުއަކަށް ނުކެރުނެވެ.
ލޯންޗު ރަށަށް ލެފުމުން އެންމެން ލޯންޗުން ފޭބި އެވެ. އެބަޔަކު އެބައެއްގެ ގެއަށް ދިއުމަށް ހިގައި ގަތެވެ. އަބްޔާންއަށް ޖަންނަތުއަށް ބަލައިލެ ވުނެވެ. ޖަންނަތު ނުފެންނަ ހިސާބަށް ދާކަށް އަބްޔާން ބޭނުމެއް ނޫނެވެ. އެވަގުތު ޖަންނަތުއަށް ވެސް އަބިޔާންއަށް ބަލައިލެވުނެވެ. ދެމީހުންގެ ނަޒަރުން އެތަކެއް މެސެޖުތަކެއް ހިއްސާކުރެވިގެން ދިޔަ ކަހަލަ އެވެ. ދެން ފެންނާނީ ކޮން އިރަކުން ހެއްޔެވެ. ވާހަކަ ދެއްކޭނީ ކޮން އިރަކުން ހެއްޔެވެ. ދެމީހުންގެ ހިތުގައި ހިނގައިގަތް ސުވާލުތަކެއް ގިނެ ވެގެން ދިޔަ އެވެ.
“އަބީ!” އަބްޔާން ސިއްސައިގެން ދިޔައީ ސައިކަލުގައި އިން އަހްޔާން ގޮވާލުމުންނެވެ. އަހްޔާން އިނީ އަބްޔާން ބަލައި އައިހެވެ. އަބްޔާންއަށް ވެފައި ހުރިގޮތް އަހްޔާންއަށް ފާހަގަ ކުރެވުމުގެ ކުރިން އަބްޔާންއަވަހަށް ސައިކަލު ފަހަތައް އެރި އެވެ. ޖަންނަތުއާއި އާޒަތު ވެސް ގެއާއި ދިމާލަށް ހިނގައި ގަތެވެ.
“ޔާނު ބައްޕައާއި އެއްކޮން އެރަށަށް ގޮއްސަ ކޮން އިރަކު އައީ؟” ސައިކަލު ދުއްވާލުމުން އަބްޔާން އަހާލި އެވެ.
“ރޭގަ އައިސްފީމޭ.”
“ބައްޕަ ކޮބާ؟”
“ބައްޕަ ވެސް އެބަ އުޅުއްވާ.”
ސައިކަލު އައިސް ގްރީންވިލާ ދޮރުބުޑަށް ހުއްޓުމުން އަބްޔާން އޭގެން ފޭބި އެވެ. އަދި ގެއަށް ވަދެ އަވަހަށް ފެންވަރާލި އެވެ. އަދި ތައްޔާރު ވެލި އެވެ. މޫނުމަތިން ވަރުބަލިކަން ފެނުނަސް ނިދާކަށް އަބްޔާން ބޭނުމެއް ނުވި އެވެ. ދުވާލު ނިދުމަކީ އަބްޔާން ކުރާކަމަކަށް ނުވާތީ އެވެ.
އަބްޔާން ރަސްމީކޮން ތައްޔާރު ވެލައިގެން ނުކުތް އިރު ނަސީރުއާއި ހިދާޔާ ވެސް ކޮޓަރިން ނިކުންނަނީ އެވެ. އަބްޔާން ފެނުމުން ދެމީހުން އެކަކު އަނެކަކަށް ހައިރާން ވެފައި ބަލައިލި އެވެ.
“ދަރިފުޅު އޮފީހަށް ދަނީތަ؟ މިއަދު ދެން ގޭގަ މަޑުކޮށްލި ނަމަ.” ހިދާޔާ ބުނެލި އެވެ.
“ކީއްކުރަން މަންމާ، ގޭގަ ހުރީމަ މާ ފޫހި ވާނެނު.” އެހެން ބުނެފައި އަވަހަށް ނިކުމެގެން ގޮސް ސައިކަލު މަތީ އިން އަހްޔާން ކައިރީ އޭނަ އޮފީހަށް ލައިދިނުމަށް އެދުނެވެ.
“ކޮބާ ހިދާޔާ، އަބީއަށް ކިހާ ބޮޑު ބަދަލެއް މިހާރު އައިސްފި. މަ ބުނީމެއްނު އެސޮރު ވަޒީފާއަށް ދާން ފެށީމަ ހަރުދަނާ ވާނެޔޭ.”
“ނަސީރު ބުނީ ތެދެއް. އަހަރެން ހިތަކަށްވެސް ނާރާ އޭނަ ބަދަލު ވެދާނެ ކަމަކަށް.”
ދެމަފިރިން ވެސް ތިބީ ނިކަން ހިތްހަމަ ޖެހިފަ އެވެ.
“ދެން އުޅެންވީ އާލިޔާއަށް ރަގަޅު ވިސްނުމެއް ލިބޭތޯ. މަށަށް ހީވަނީ ރަގަޅު ކުއްޖެއް ހޯދާފަ އާލިޔާ މީހަކާ ދެވަންވީހެން.” ހިދާޔާ އެހެން ބުނީ މީގެ ދެދުވަހެއް ކުރިން އާލިޔާއާއި ބެހޭގޮތުން އަބްޔާން ހިދާޔާ ކައިރީ ދައްކާފައިވާ ވާހަކައިން ނެވެ.
“ނޫނޭ ހިދާޔާ، އަވަސް އަރުވާލައިގެން އެއްވެސް ކަމެއް ނިންމާކަށް ނުވާނެ. އަދި އާލިޔާ ވެސް ރަގަޅު ވާނެ. އޭނަވެސް ކޮންމެވެސް ކަމެއްގައި މަޝްޢޫލު ކުރުވަންވީ.” ނަސީރު ބުންޏެވެ.
ޒައިދާން ކޮޓަރިން ނިކުތީ ޖަންނަތުގެ މޭޒުމަތީ އޮތް ފައިލްއެއް ބަލައެވެ. އޭރު އަބްޔާން މޭޒުކައިރީ މަސައްކަތުގައި އިންތަން ފެނުނެވެ.
“އަބީ؟ މިއަދު ނިކުތީތަ؟”
“ލައްބަ. މިދުވަސްކޮޅު މަސައްކަތް ވަރަށް ގިނަ ނޫންތޯ، އެހެން ނޫނަސް ގޭގަ ހުރީމަ ހަމަ ފޫހިވާނީ. އެހެންވެ.”
އަބްޔާން ބުނި އެއްޗަކާއި މެދު ވިސްނާލަމުން ޒައިދާން ބޯ ޖަހާލި އެވެ. އަބްޔާންގެ ވާހަކަ ހުރިގޮތުން އަބްޔާންއަށް ބަދަލުތަކެއް އައިސްފައި ވާކަން ޒައިދާންއަށް ފާހަގަ ވިއެވެ. ޒައިދާން ފައިލް ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ.
ކުޑަކޮން ނިދާލާފައި ޖަންނަތުއަށް ހޭލެވުނީ ބޭރުން ބަޔަކު ހަޅޭއްލަވާ އަޑަށެވެ. ޖަންނަތު ތެދުވެ ގަޑި ބަލައިލި އިރު ތިނެއް ޖަހަން އުޅެނީ އެވެ. ޖަންނަތު ކޮޓަރި ލޯގަނޑުން މޫނު ބަލައިލާފައި އިސްތަށިގަނޑަށް ހުޅިއެއް ޖަހަމުން ނުކުތީ މަގުމަތީ ކޮންކަމެއް ވަނީތޯ ބަލާށެވެ.
ޖަންނަތު ބޭރަށް ނިކުތް އިރު ފަރުޒާނާ ސާރާ މެންގޭ ދޮރުމަތީ ހުރެގެން އަޑުގެ ނެތްތަނަށް ހަޅޭއް ލަވަނީ އެވެ. އޭރު ޒައީމާ އެގޭ ދޮރުކައިރީ ހުއްޓެވެ. ފަރުޒާނާ ބުނެލާ ބައެއް ބަސްތަކަށް ޒައީމާވެސް ރައްދު ދެއެވެ. ނަމަވެސް ފަރުޒާނާހާ ޒައީމާގެ އަޑު ބާރެއް ނޫނެވެ.
“ކަލޭގެ ދަރި މަގޭ ދަރިއަކާ އިނދެގެން ލާހިކެއްނޫން މިރަށުގަ އުޅޭކަށް.” ފަރުޒާނާ ބާރަކަށް ބުނެލި އަޑު އިވުނެވެ.
“އަހަރެންގެ ދަރި އިންނާނެ މީހެއް ކަލެއަކަށް ނޭގޭނެ. އޭނަ ބޭނުން މީހަކާ އޭނައަށް އިނދެވޭނެ.” ޒައިމާ ވެސް ފަރުޒާނާއަށް ދޫކުރާކަށް ބޭނުމެއް ނުވި އެވެ.
“ބަލަ މަމި ކިޔަނީ މަގޭ ދަރިޔަކާ ނީނދެވޭނެޔޭ. މަށަށް ހެޔޮ އެހެން ކޮންމެ މީހަކާ އިނަސް.”
“އޭނަ ލޯބިވަންޏާ ކަލޭގެ ދަރިޔާ ވެސް އޭނަ އިނުމުގެ ހުއްދަ އަހަރެން ދޭނަން.”
“ކަލޭމެން ތި އުޅެނީ އަހަރުމެންގެ ފައިސާއަށް ދަހިވެތި ވެގެންކަން މަށަށް އިނގެޔޭ. ލާހިކެއްނޫން މަ ދުނިޔޭގަ ހުއްޓާ ތިކަން ކުރާކަށް.”
“ކަލޭގެ ފައިސާތަ؟ ލަދެއްނުގަނޭތަ ތިހެން ބުނާކަށް؟ މިރަށު އެންމެނަށްވެސް އިނގޭނެ މައުސޫމް ކުދިންތަކެއްގެ މުދާތަކެއް އަތުލައިގެން ތިބި ބައެއްކަން ތީ.”
“ތިޔަ އުޅެނީ ހަސަދަ ވެގެން. މިރަށު އެންމެން ތިހެން ކިޔަނީ ނޭގޭތީ. އެއީ އިބްރާހިމް މަނިކު ދުނިޔޭގައި އަލިމަނިކަށް ހިބަކޮށް ދީފަ ހުރި މުދާ. ކަލޭމެން ކޮންމެ ވާހަކައެއް ވެސް ފަތުރާނެ ވާނުވާ ނޭގި ތިބެގެން.” އެހެން ބުނަމުން ފަރުޒާނާ އަވަހަށް އެތަނުން ދާން ހިގައި ގަތެވެ. “ކޮންމެ ގޮތެއް ވިޔަސް މަގޭ މުޒައްފަރަކަށް ލާހިކެއް ނޫން ސާރާއާ އިންނާކަށް.” ދަމުން ވެސް ފަރުޒާނާ ދިޔައީ ކުދި ކިޔަމުންނެވެ. ޖަންނަތުއަށް ވާނުވާ އިނގުނީ ޖަންނަތު ކުރިކަނޑާފައި ފަރުޒާނާ ދަމުން ބުނެލި އެއްޗަކުންނެވެ.
ހަވީރު ވެގެން އައި އިރު ފިޔާތޮށިގޭދޮށު ޖޯލިފަތީގައި ޒީނަތު އޮވެގެން ވިސްނަމުން ދިޔަ އެވެ. މިއަދު ފިހާރައިގައި މޫސަ އިނދެގެން ޒީނަތު ކައިރީ ދެއްކި ވާހަކަތައް ޒީނަތުގެ ސިކުނޑިއާއި ހަމައަށް ފޯރައިފި އެވެ. މޫސަ އެދެއްކީ ރަގަޅު ވާހަކަ އެވެ. މަންމަމެން ދުނިޔޭގައި ތިބި ނަމަ އަހަރެން މިއުޅޭ ގޮތުން ދެރަވާނެ އެވެ. ތެދެކެވެ. އަހަރެންގެ ހަޔާތައް ރަގަޅު އިންސާނަކުވެސް އަންނާނީ އަހަރެންގެ އުޅުމާއި އަހުލާގު ރަގަޅު ކޮށްގެނެވެ. މިގޮތަށް އަބަދަކު އަހަރުމެނަކަށް ނޫޅެވޭނެ އެވެ. ފުންނޭވާއެއް ޒީނަތުލަމުން މަގުގެ ކޮޅަށް ބަލައިލި އެވެ. އޭރު ސާރާއާއި އެކު ހިނގަމުން އެދިމާލަށް އަންނަ ޖަންނަތު ފެނުނެވެ.
އެއީ އަހަރެންގެ ކޮއްކޮ އެވެ. އެކަމަކު އޭނަ މާ ޒިންމާދާރެވެ. މާވިސްނެ އެވެ. ދުވާލުދާ ހަތަރުދަމު މަސައްކަތް ކުރަނީ އެވެ. އެންމެނާއި މެދު ވިސްނަ އެވެ. ހަގަށް ތިބި ކުދިންނަށް ކިޔަވައިދޭން މަސައްކަތް ކުރެ އެވެ. ގޭތެރޭގެ ހުރިހާ ޒިންމާއެއް ނަގަ އެވެ. އަދި ހަމަ އެއްވެސް ޝަކުވާއެއް ވެސް ނުކުރެ އެވެ. އަހަރެން ގެއަށް ލާރި ނުދިނަސް އެކައްޗެއް ވެސް ނުބުނެ އެވެ. ގައިމު އަހަރެން ވެސް ލާރި ދޭން ޖެހޭނެނޫން ހެއްޔެވެ. އެއީ ހަމަ އެކަނި ޖަންނަގެ ޒިންމާއެއް ނޫން ވިއްޔާ އެވެ. ޒީނަތުގެ ލޮލުން ކަރުނަ ނިރާލި އެވެ. އަވަހަށް ލޯ ފޮހެލަމުން ތެދުވެގެން ޒީނަތު ގޭތެރެއަށް ވަނެވެ.
ސާރާއާއިި ޖަންނަތު އައިސް މަޑުކޮށްލީ ޖޯލިފަތީ އެވެ. ދެމީހުންގެ މޫނު މަތިން ވެސް ފެންނަމުން ދިޔައީ މާޔޫސް ކަމެވެ.
“ސާރާ، އަހަރެން އެކަމު ބުނާނީ މުޒޭބެ ސާރާއާއި އިންނަން ހުރިއްޔާ ހާސް ނުވާށޭ. ބޮޑުބެ ދައްތަގެ ޒީލަ ވަރަށް ގަދަވާނެ، އެކަމަކު އެކަމާ އަޅާ ނުލީމަ ރަގަޅު ވާނީ. އަނެއްކާ މެރީކޮށްގެން އުޅެން ގަސްތުކުރަނީ ބަހާރުގޭގަތަ؟”
“ނޫނޭ، މުޒޭ ބުނީ އެގޭގަ އުޅެން އޭނަ ބޭނުން ނުވާ ވާހަކަ. އަޅެ މަގޭ ހިތައް އަރާ މުޒޭ މަންމަ ގަބޫލު ވާނެނަމައޭ.”
ދެމީހުން ވަހަކައިގަ ތިއްބެވެ. ސާރާއާއި މުޒައްފަރުގެ ގުޅުމަށް ހަފުތާއެއް ނުވެގެން އުޅެނިކޮން އެގުޅުން ދެމެހެއްޓޭނެ ގޮތާއި މެދު ސުވާލު އުފައްދައިފި އެވެ.
އަބްޔާން ގެއަށް ދިޔައިރު ހުރީ ވަރަށް ވަރުބަލި ވެފަ އެވެ. އެހާމެ ނިދިވެސް އައިސްފަ އެވެ. އެހެން ކަމުން އަވަހަށް ފާހާނާކޮށްލައިގެން އައިސް އަސުރު ނަމާދު ކޮށްލައިގެން އެނދުގައި ޖައްސާލި އެވެ. ދާދި އަވަހަށް އަބްޔާންއަށް ނިދިއްޖެ އެވެ. ނިދުނުތާ ވިހި މިނިޓު ނުވެ އެނދު ކައިރީ ހުރި ކަބަޑުމަތީ އޮތް ފޯނު ރިންގުވާން ފެށި އެވެ. އަބްޔާން އަށް ހޭލެވުނެވެ. ނަމަވެސް ފޯނު ނަގަން ހިޔާލެއް ނުކުރި އެވެ. ބޮލުގައި ބާލީސް އަޅައިގެން އޮތީ އެވެ. ފޯނު ކެޑުނެވެ. އަނެއްކާ ވެސް ރިންގުވާން ފެށި އެވެ. އަބްޔާން މިފަހަރުވެސް އެ ނަގާކަށް ހިޔާލެއް ނުކުރި އެވެ. މީހަކާ ވާހަކަދައްކާ ވަރަށް ވުރެންވެސް އޭނާ އޮތީ ނިދިއައިސްފަ އެވެ. އެހާމެ ވަރުބަލި ވެސް ވެފައެވެ. އެންމެ ފަހުން ފޯނު ސައިލެންޓަށް ލާފައި އަނެއްކާވެސް ނިދައިފި އެވެ.
އިރުއޮއްސެމުން އައި ވަގުތު ގްރީންވިލާ ބޭރު ޖޯލިފަތީގައި ފަރުޒާނާއާއި ހިދާޔާ ވާހަކަ ދައްކަން ތިއްބެވެ. އެހެން ތިބެފައި ފަރުޒާނާ ގެއަށްވަނީ އަލިމަނިކު ފިހާރަ ލައްޕާފައި އައިސް ގެއަށް ވަނުމުންނެވެ. އެވަގުތު ގޭތެރެއިން ނުކުތް އާލިޔާ އައިސް ހިދާޔާ ގާތު އިށީނެވެ.
“މަންމާ، ޕްލީސް… މަށަށް ދީބަލަ ފައިވް ހަންރެޑް.” ބޭރު ޖޯލީގައި އިން ހިދާޔާ ކައިރީ އާލިޔާ ކިޔަމުން ދިޔަ އެވެ.
“އާލިޔާއަށް މިދިޔަ ހަފްތާގަ މަންމަ ދިނީ ފަސްސަތޭކަ ރުފިޔާ. އެ މިހާރު ހުސްވީ؟”
“ދެން މަންމާ، އެ ހުސްވާނެނު… އަހަރެން ޕާރޓީއަށް ދާން ގަހަނާ ގަތީ އޭގެނެއްނު، ބައްޕަ ގެނެސްދެއްވީ މާރީތި ހެދުމެއް ވިއްޔަ. އަޅެ މަންމާ ޕްލީސް.” އާލިޔާ ކުސް ތަޅާލި އެވެ.
“އާލިޔާ ބައްޕަ ކައިރީ ބުނެބަލަ ލާރި ދޭށޭ. މަގޭ އަތަކު މިހާރު ލާރިއެއް ނުހުރެޔޭ.” ހިދާޔާ ރުންކުރުކޮން ބުންޏެވެ. އަބްޔާން އާލިޔާގެ ވާހަކަ ހިދާޔާ ކައިރީ ދެއްކި ފަހުން އާލިޔާ ބުނާކަންތައްތައް ކޮށްދޭން ހިދާޔާ ބޭނުމެއް ނުވެ އެވެ.
“އަޅެ ބައްޕަ ގާތު ބުނާކަށް ނުކެރޭ. މަންމައަތުގަ ކީއްވެތަ ނެތީ؟”
“ނެތޭ ދެން، ދޭ ގޮސް އަބީބެ ކައިރީ ބުނަން، އަބީއަށް މިހާރު ލާރި ލިބޭނެނު.” ހިދާޔާ އެހެން ބުނުމުން އާލިޔާ ގޭތެރެއަށް ވަނެވެ.
“އަބީބޭ! އަބީބޭ!” އާލިޔާ އަބްޔާން ކޮޓަރިއަށް ވަން އިރު ގޮޅިޖެހި ބޮކްސާއެއް ލައިގެން ބަންޑުން އަބްޔާން އޮތީ ނިދާފަ އެވެ.
“އަބީބޭ، ހޭލަބަލަ، ކީއްވެތަ ތި ނިދަނީ… އަބީބެ ތީ ދުވާލު ނިދާވެސް މީހެއް ނޫނެއްނު.” އެހެން ބުނަމުން އައިސް އަބްޔާން ފައިގެ ދައްފުށުގައި ކޮށްޓާލި އެވެ. އަބްޔާން ފައި ތަޅުވައި ގަތެވެ. ނަމަވެސް އަދިވެސް ލޯ ހުޅުވާކަށް ނޫޅެ އެވެ.
“އަބީބޭ!” އާލިޔާ އައިސް އަބްޔާންގެ ކަންފަތާއި ކުޅެލި އެވެ.
“އާލިޔާ! ކިހިނެއް ވެގެންތަ ތި އުޅެނީ؟”
“ތެދުވެ ބަލަ، ކީއްކުރަންތަ ތި ނިދަނީ؟”
“އާލިޔާ ދޭބަލަ، އަހަރެން ވަރަށް ނިދިއައިސްގެނޭ މިއޮތީ،” އެވަގުތު ބަންގި ގޮވާއަޑު އިވެން ފެށި އެވެ. “އެގޮވަނީ މަޣްރިބަށްތަ؟”
“އާން، މިހާރު އިރުއޮއްސިއްޖެޔޭ… އަބީބެ ހަތަރެއް ޖެހި އިރު ނިދިގޮތަށް ވިއްޔަ ތި އޮންނަނީ.” އާލިޔާ ބުންޏެވެ. އަބްޔާން ތެދުވި އެވެ. އަދި ލޯ ފޮހެލި އެވެ.
“ކީއްކުރަންތަ އާލިޔާ އައިސް ތި ގޮވަނީ؟”
“ދެން އަބީބެއަށް އަހަރެން ކެއަރ ކުރާނެނު، އަބީބެ މިގަޑީގަ ނިދަން އޮތީމަ އަހަރެން ހަމަ ހިތައްއެރީ އަބީބެއަށް ކަމެއް ވެފަޔޭ، އެހެންވެ ގޮވީ… އަހަރެން އަސްލު އަބީބެ ދެކެ ލޯބިވާވަރު އަބީބެއަށް ނޭނގެއެއްނު.”
އަބްޔާން އާލިޔާއާއި ދިމާއަށް ބަލަހައްޓައިގެން އިނެވެ. އިރުކޮޅަކުން އެނދުން ތެދުވި އެވެ.
“އަބީބޭ، އަބީބެ ބަލިވެތަ؟”
“އާލިޔާ! ޑޫ ޔޫ ވޯންޓް ސަމްތިން؟” އަބްޔާންއަށް ވިސްނިގެން އަހާލި އެވެ.
“މީ އަސްލު ދެން އަބީބެ މިހާރު ޖޮބްގަ އުޅޭތީ އަތުގަ ހުންނާނެ ދޯ…. ދެން އަހަރެން މީ… ޖަމްޝާދު ފިހާރައިގަ އިން ފައިވާން ރީތިވެގެން އެކަމު ދެން އޭތި ތަންކޮޅެއް އަގުބޮޑު ވީމަ… އެހެންވެ…”
“އާލިޔާ ތި ކިޔާ އެއްޗެއް އާލިޔާއަށް އިނގޭތަ؟” އަބްޔާން އައިސް ތުވާލި ނެގި އެވެ. އާލިޔާ ވެސް އަބްޔާން ފަހަތުން ދިޔަ އެވެ.
“އަބީބޭ ފައިވް ހަންޑްރެޑް ލިބިދާނެތަ؟ ނެކްސްޓް މަންތްގެ ޕޮކެޓް މަނީ ލިބުނީމަ ދޭނަން. ޕްރޮމިސް.”
އަބްޔާން ތުވާލި ހިފައިގެން ފާހާނާއަށް ވަންނަން ދިޔަ އެވެ. އާލިޔާ އަބްޔާން ފަހަތުން އާދޭސް ކުރަމުން ފާހާނާއާ ހިސާބަށް ދިޔަ އެވެ.
“އާލިޔާ! މަ ފާހާނާއަށޭ މި ވަންނަނީ.” އަބްޔާން ނުރުހުން ވެފައި ބުނެލި އެވެ.
“އޯހް ސޮރީ. މަ މިތާ މަޑުކޮށްލާނަން.” އާލިޔާ އެހެން ބުނެފައި އައިސް އެނދުގައި އިށީނދެގެން އިނެވެ.
އަބްޔާން ފާހާނާއިން ނުކުމެ ތުވާލި އަޅުވާލި އެވެ. އޭރު އާލިޔާ އަބްޔާން އެނދުގައި އޮށޯވެލައިގެން ފޯނާ ކުޅެލަ ކުޅެލަ އޮތެވެ.
“އަބީބޭ، ކޮން އިރަކުންދޭނީ؟” އާލިޔާ އަވަހަށް ތެދުވެ އަހާލި އެވެ.
“އަލިޔާއަކަށް މަ ލާރިއެއް ނުދޭނަން. އެކަމަކު އާލިޔާ ގޮވައިގެން ގޮސް ތި ބުނާ ފައިވާނެއް މަ ގަނެދީފާނަން.” އަބްޔާން އައިސް ހަރުގަނޑުގައި އަލުވާފައި އިން ޖީންސް ނަގާ ލިޔެވެ. އަދި ހަމަ އެތާ އަޅުވާފައި އިން ޓީ-ޝާރޓެއް ލި އެވެ.
“ތިގޮތް ވެސް އޯކޭ.” އަބްޔާން އެބުނާ ގޮތާއި މެދު ހިތްހަމަ ނުޖެހުނަސް އަލިޔާ އެއްބަސް ވެލި އެވެ. “އަބީބޭ، އަބީބެ މިހާރު ސޯޓު ނުލަނީތަ؟ އަބަދު ފެންނަނީ ދިގު އެއްޗެއް ލައިގެން އުޅޭތަން. ދެން ހީވަނީ ޔާނުބެ ފެންނަހެން.”
އަބްޔާން އެއްޗެއް ނުބުނެ އައިސް އެނދުކައިރީ ހުރި ކަބަޑު މަތިން ފޯނު ނަގާ ޖީންސް ޖީބަށް ފޯނު ލިޔެވެ. އަދި ކޮޓަރިން ނިކުންނަން ހިގައި ގަތެވެ.
“އަބީބޭ! ކޮންތާކަށް؟” އަބްޔާން އެއްޗެއް ނުބުންޏެވެ. “ކޮން އިރަކުން ދާނީ ގަނެދޭން؟” އާލިޔާ އަބްޔާން ފަހަތުން އަންނަމުން ބުންޏެވެ. އޭރު ހިދާޔާއައިސް ހަތީމު ހިފައިގެން ސޯފާގައި އިށީންނަނީ އެވެ.
“ނަމާދުން ފޭބީމަ… ފިހާރަތައް ހުޅުވީމަ.” އަބްޔާން އެހެން ބުނަމުން ގެއިން ބޭރަށް ނިކުމެގެން ހިގައްޖެ އެވެ.
“ވަރަށް ފޫހިވޭ… ގައިމު ފައިވް ހަނރެޑް ދިނީމަ އަބީބެއަށް ވެސް ފަސޭހަ ވީހެއްނު.” އަބްޔާން ދިޔަ ދިމާއަށް ބަލަން ހުރެފައި މޫނު ކުނިކޮށްލަމުން އާލިޔާ ބުންޏެވެ. ހިދާޔާ އާލިޔާއަށް ބަލައިލާފައި ބޯހޫރާލި އެވެ.
މިސްކިތުން ނަސީރުއާއި ޒައިދާން ނިކުތީ ވާހަކައެއްގައި ތިބެގެނެވެ. އެވަގުތު އެމީހުންގެ ކުރިން ދިޔަ އަބްޔާން ފެނުމުން ޒައިދާން ނަސީރުއަށް އަބްޔާން ދައްކާލީ ފަހަތުންނެވެ.
“ޔާނު ދޯ… އެހެން އުޅެލާފަ މިސްކިތައް އަރާނީ އޭނަ. އަބީ ކައިރީ ބުންޏަސް މިސްކިތައް ނުވަންނާނެ.” ނަސީރު ބުނެލި އެވެ. ޒައިދާން ހީކުރީ އެއީ އަބްޔާން ކަމަށެވެ. ނަމަވެސް ނަސީރު އެހެން ބުނުމުން އަހްޔާން ކަމަށް ޒައިދާން ނިންމި އެވެ.
އަބްޔާން އައިސް ގޯޅި އަޅާފައި ފޯނަށް ބަލައިލި އެވެ. ތިރީސް މިސް ކޯލު އިނުމުން އަބްޔާން ބަލައިލި އެވެ. އެންމެ ގިނައިން ގުޅާފައި ހުރީ މުޒައްފަރު އެވެ. ދެން ނޫރުއާއި މޫސަ އަދި އަހްޔާން ވެސް ގުޅާފައި ހުއްޓެވެ. އަވަހަށް މުޒައްފަރުއަށް އަބްޔާން ގުޅާލި އެވެ.
“އޭ، ކޮންތާކު ތި އުޅެނީ؟” ފުރަތަމަ ރިންގުން މުޒައްފަރު ފޯނު ނެގި އެވެ.
“ހާދަ ވަރަކަށް ގުޅާފަ، ކިހިނެއްވީ؟
“ކައޭ އާދެބަލަ ލީކްސްއަށް… އަހަރުމެން މިތިބީ ކޮފީއެއްގަ. ބޮޑުކަމެއް ދިމާވެގެން މިއުޅެނީ.”
“މިދަނީ.” އަބްޔާން ފޯނު ކަނޑާލި އެވެ. އަދި އެހެންދިޔަ ސައިކަލެއް މަޑުކުރުވި އެވެ. “ޖޫދް، އަބީބެ ލީކްސްއަށް ވައްޓާލަދީ ބަލަ.” އެހެން ބުނެފައި އެ ސައިކަލު ފަހަތައް އެރި އެވެ.
“މުޒޭ. ކަލޭ ކޮންއިރަކު ފެއްޓި ކަމެއްތީ؟” އަބްޔާންއަށް ވެގެން އުޅޭގޮތް ކިޔައިދިނުމުން ހައިރާން ވެފައި އަބްޔާން އަހާލި އެވެ. “އަހަރުމެންނަށް ނުވެސް އަންގާލަމެއްނު.”
“އަސްލު އަދި ވީކް އެއްވެސް ނުވެޔޭ. މަށާ ސާރާއާ ތިބީ ކުޑަ ސަޔަކާ އެއްކޮން ރައްޓެހިންގާތު ބުނަން. އެކަމަކު މިހެން ވީމަ ދެން…” މުޒައްފަރު ބުނެލި އެވެ.
“ޒައީމާއްތަ ގަބޫލު ވިތަ؟ ކިހިނެއް ކަލޭ ކޮންފެސް ކުރީ؟” އަބްޔާން ބޭނުންވީ ހުރިހާ ވާހަކައެއް އިނގޭށެވެ.
“މަ ދެން ނިކަން ކުރީން ސުރެން ކަމުދާ ކުއްޖެކޭ ސާރާ އަކީ. އެކަމު ދެން އެހާ ރަގަޅު ކުއްޖަކާ އަހަރެން އެކަށީގެން ނުވާހެން ހީވާތީ ހުރީ… އެކަމަކު ފަހުން ފަހުން އައިސް ސާރާއަށް މަ ފެނުނީމަ އޭނަ ލަދުވެތިކޮން މަށާ ދިމާއަށް ހީލާތީ މަ ހިތައް އެރީ މިކަންތައް ވެދާނެޔޭ. އެހެންވެ ހަމަ ނެތް ހިތްވަރު ލާފަ ގުޅާލީ. ވަރަށް ސަޅި. އޭނަ ވަރަށް ޕޮސިޓިވްކޮން ވާހަކަ ދެއްކީ. އެކަމު ބުނެފި ރައްޓެހިވެގެން އުޅެން ކެރޭނީ އޭނަ މަންމަ އެއްބަސްވީމައޭ. ދެން ޒައީމާއްތަ ކައިރީ ސާރާ އެވާހަކަ ބުނީމަ ޒައީމާއްތަ މަށާ މީޓް ކޮށްފަ ވަރަށް ހިތްހެޔޮ ކަމާއިއެކު މަށަށް ނަސޭހަތް ދިނީ ވަޒީފާއެއް ހޯދައިގެން ރަގަޅު ދިރިއުޅުމެއް ބިނާ ކުރަން. އަދި އެހާ ގިނަދުވަހު ރައްޓެހިވެގެން ނޫޅެ އަވަހަށް އިންނަން ވެސް ޒައީމާއްތަ ނަސޭހަތް ދިން.”
“އެހެންވެ ދޯ އެ ގެސްޓް ހައުސްގެ ސްޕޯރޓް ސެކްޝަނަށް ސިޓީ ފޮނުވީ.” އަބްޔާން އަހާލި އެވެ. މުޒައްފަރު ބޯ ޖަހާލި އެވެ.
“ތިޔެއްނޫނޭ، އަބީ ކޮންތާކުތަ އުޅުނީ؟ ހަވީރުން ފެށިގެން އަހަރުމެން އަބީ ހޯދާ ހޯދާ.” ނޫރު އިނދެފައި އެހި އެވެ.
“މަށަށް ނިދުނީ. ރަށަށް އައި އިރު ހުރީ ވަރަށް ވަރުބަލި ވެފަޔޭ.” އަބްޔާން އެހެން ބުނުމުން ނޫރު ފާޑަކަށް އަބްޔާންއަށް ބަލައިލި އެވެ.
އެމެން އެތާތިއްބާ އަހްޔާން އައިސް ވަންތަން ފެނުނެވެ. އަހްޔާން ހުރީ ބޯ އެއްކޮން ތުނިކޮށްލާފަ އެވެ. ތުނބުޅިވެސް ހުރީ އެއްކޮން ތުނިކޮށްލާފަ އެވެ. މިހާރު އަބްޔާންއާއި އަހްޔާން ވަރަށް ތަފާތެވެ.
“ޔާނު، ކަލޭ ހީވަނީ ދެންމެ ސިފައިންގެ ޓްރޭނިން ހަދާފަ އައިސް ހުރި ހެން.” ނޫރު ބުންޏެވެ.
“އަބީއާ ހެދި ނޫޅެވޭނެ އެއްވަތަރު ވެގެނެއް. ހާދަ އަންހެން ކުދިންނެކޭ ބަލަނީ… ހަމަ އެކަނި ބަލަނީ އެއްވެސް ނޫން، ދެން އައިސް ވާހަކަ ދައްކާ.. ދެން މަށަކަށް ނޭގެ.” ޔާނު އަބްޔާންއަށް ބަލައިލަމުން ބުންޏެވެ. “އަބީ، ކޮން އިރަކުން ހުއްޓޭނެ ކަމެއް މީ؟”
“އަބީއަށް އަދި ރަގަޅަށް ލޯބި ނުވެވިގެން އެއުޅެނީ. ލޯބި ވެވުނީމަ އޭނައަށް ބަދަލު އަންނަން ފަށާނެ. ކަލޭމެން ބަލަން ތިބޭ.” މުޒައްފަރު އިނދެފައި ބުނެލި އެވެ. އަހްޔާން އަބްޔާންއަށް މާނަވީ ގޮތަކަށް ބަލައިލި އެވެ. މިހާރުވެސް ކުޑަ ބަދަލެއް އައިސްފިކަން އަހްޔާންއަށް އިނގެ އެވެ. އަބްޔާން އަނގައިން ވެސް ނުބުނެ އިނީ އެވެ.
އަބްޔާންގެ ފޯނު ރިންގުވާން ފެށުމުން އަބްޔާން ބަލައިލި އެވެ. ގުޅަނީ އާލިޔާ އެވެ. އަބްޔާން އާލިޔާ މަތިން ހަދާން ވެސް ނެތެވެ. އެހެން ކަމުން އަވަހަށް ފޯނު ނެގި އެވެ.
“ހެލޯ!”
“އަބީބޭ! ކޮންތާކު؟”
“ލީކްސްގަ މީނީ.”
“ކޮން އިރަކުން ދާނީ ފައިވާން ގަނެދޭން؟”
“އާދޭ، މީނީ މަޑުކޮށްގެން.” އަބްޔާން ފޯނު ކަނޑާލި އެވެ. އަދި އަހްޔާން އަތުން ސައިކަލު ތަޅުދަނޑި އަތުލި އެވެ.
“އަނެއްކާ މިރޭ ބުރުޖަހަން ދަނީ ދޯ، ކޮން ބިޓެއް މިހާރު ތި ގެންގުޅެނީ؟” ނޫރު ދިމާކުރާގޮތަށް އަހާލި އެވެ.
“ކިހާ ދެރަކަމެއް ނޫރޫ، އާލިޔާ ގޮވައިގެން ފިހާރައަށް ދާން ވެގެން މި އުޅެނީ،” އަބްޔާން ކުޑަކޮން ހިތްހަމަ ނުޖެހިފައި ބުނެލި އެވެ. “މިރޭގެ ފަހުން ރެންޑަމް ކުދިން ގޮވައިގެން ސައިކަލުގަ ނޫނީ އެހެން އެއްވެސް ތާކުން ނުފެންނާނެ ތިމީހުނަކަށް. މިރަށު ބަޔަކަށް ވެސް ނުފެންނާނެ. އަހަރެން މިހާރު ކުރިން އުޅުން ގޮތްތައް ދޫކޮށްލައިފިން.”
“މަ ބުނީމެއްނު އަބީ ވެސް ލޯބިވީމަ ޗޭންޖު ވާނެޔޭ.” މުޒައްފަރު އިނދެފައި ބުންޏެވެ.
“ލޯބިވީމައެއް ނޫން، ބައްޕަ އުފާވެފައި ހުންނަތަން ދެކެން ބޭނުން ވާތީ. އަހަރެން ވަޒީފާއަށް ވަދެ މަސައްކަތުގައި އުޅެން ފެށީމަ ބައްޕަ ވަރަށް އުފާވެފައި ހުންނަތަން ފެންނަނީ. އެހެންވެ.” އަބްޔާން އެހެން ބުނެފައި ބަލައިލި އިރު ލީކްސް ރެސްޓޯރެންޓްގެ ދޮރުކައިރިން އާލިޔާ ފެނުނެވެ. “މަ އަންނާނަން.” އެހެން ބުނެފައި ތެދުވެގެން ހިގައްޖެ އެވެ.
ޖަންނަތު އޮފީހަށް އައީ އެހެން ދުވަސްތަކަށް ވުރެން ކުރިންނެވެ. ރިސެޕްޝަނުގައި އިން ހައިފާއާއި ކުޑަކޮން ވާހަކަ ދައްކާލާފައި އައިސް ކެބިންއަށް ވަދެ ހުއްޓެވުނީ އަބްޔާން ފެނުމުންނެވެ. އަބްޔާން އަވަސްކޮށްލާފައި ލެޕްޓޮފުން ކޮންމެވެސް އެއްޗެއް ޓައިޕުކުރަމުން ދިޔަ އެވެ. ޖަންނަތު އެތާ ހުރިކަން ވެސް އަބްޔާންއަށް ނޭގޭ ކަހަލަ އެވެ.
“ގުޑް މޯރނިންގް،” ޒައިދާން އައިސް ކެބިންއަށް ވަދެފައި ގޮވާލުމުން އަބްޔާން ބަލައިލި އެވެ. އަދި ޖަންނަތު ވެސް ބަލައިލި އެވެ. “ޖަންނާ، އާދެބަލަ އެތެރެއަށް އިނގޭ،” ޒައިދާން އޭނަގެ ކޮޓަރިއަށް ވަންނަން ދަމުން ޖަންނަތުއަށް ބުނެލި އެވެ. “އަބީ، މިއަދު ވާނެ އިނގޭ މީރާގެ ކަންތައް ނިންމާލަން.” އަދި ކޮޓަރި ދޮރުގައި ހުޅުވަން ހިފާލާފައި އަބްޔާންއައި ދިމާއަށް ބުނެލި އެވެ.
“އާން، އެކަމާއޭ މިއުޅެނީ. މި ހަފްތާ ތެރޭ މިކަން ނިންމާލާނަން.” އިތުބާރާއި އެކު އަބްޔާން ބުނެލި އެވެ.
“ރަގަޅު… އަބީ، އިއްޔެ ފިހާރައިގެ ޓެކްސް ފައިލް ގެންގުޅުނީމެއްނު. ކޮބާ އެ؟” ކޮޓަރިއަށް ވަންނަން އުޅެލާފައި ވެސް ޒައިދާން އަހާލި އެވެ.
“ލައްބަ، އަޅުގަނޑު އިއްޔެ އެ ގެންގުޅުނިން. ޒައިދާންގެ މޭޒު ބަތީ ބޭއްވީ.” އަބްޔާން ބުންޏެވެ.
“ގުޑް.” ޒައިދާން އެހެން ބުނެފައި ކޮޓަރިއަށް ވަނެވެ. ޖަންނަތުވެސް ޒައިދާން ފަހަތުން ވަނެވެ.
“ޒައިދާން؟ އަބީ އިއްޔެ އޮފީހަށް އައިތޯ؟” ހައިރާން ވެފައި ޖަންނަތު އަހާލި އެވެ.
“އާން، ހައިރާންވެއްޖެ ދޯ… ދަތުރުކޮށް އެހާ ވަރުބަލި ވެފައި ހުރެވެސް އޮފީހަށް އޭނަ އައި. އަދި ވަރަށް މަސައްކަތް ވެސް ކުރި. އަބްޔާންއަށް ހެޔޮ ބަދަލެއް އަންނަހެން ހީވޭ. އެހެން ނޫންތަ؟”
“ލައްބަ.. ވަރަށް ބަދަލު ވެއްޖެ.” ޖަންނަތު ބުނެލި އެވެ. އަދި ޒައިދާން މޭޒުކައިރީ އިށީނުމުން ޖަންނަތު އަތުގައި އޮތް ލިޔެކިއުންތައް ޒައިދާން މޭޒުމަތީ ޖަންނަތު ބެހެއްޓި އެވެ.
މުޅި ހަފްތާ ހިގައި ދިޔަ ގޮތްވެސް ނޭގެ އެވެ. ވަރަށް އަވަދި ނެތި އަބްޔާންއާއި ޖަންނަތު ވެސް އޮފީހުގައި މަސައްކަތް ކުރި އެވެ. ޖަންނަތު ގެއަށް އައިސް އާދަވެ ސާރާ މެންގެއަށް ވަދެލަ އެވެ. އިތުރު ތާކަށް ދާކަށް ހިޔާލެއް ނުކުރެ އެވެ. ވެފައި ހުންނަ ވަރުބަލިން މާ އަވަހަށް ނިދެނީ އެވެ.
އަބްޔާން ވެސް ގެއަށް އައިސް އިތުރު ތާކަށް ދާނެ ހިތްވަރެއް ނުހުރެ އެވެ. ހަވީރު ގަޑީގައި ގޭދޮށު ހިރުނދުގަސް ދަށުގައި އުނދޯލީގައި އޮތުން ގިނަވާން ފެށި އެވެ. އަދި އިޝާ ނަމާދުން އައިސް ގޭގެ ސޯފާގައި ޖައްސާލައިގެން އޮތުން ގިނަ ވި އެވެ. މުޒައްފަރުމެން ނޫރުމެން އައިސް ގެންދަން އުޅުމުންވެސް ވަރަށް ވަރުބަލި ކަމަށް ބުނަމުން ކޮންމެވެސް ފިލްމެއް އަޅުވައިގެން އެމީހުނާ އެކު ގޭތެރޭ އިނދެދާނެ އެވެ. ރޭގަނޑު އެތައް ދަމެއް ވަންދެން ބޭރުގަ އުޅުމަށް އާދަވެފައިވާ އަބްޔާންއަށް އަންނަމުން ދާންފެށި ބަދަލުތައް އެންމެނަށް ވެސް ފެނެ އެވެ.
“އަބީ! މިހާރަކަށް އައިސް އަބަދު ގޭގަ އޮންނަތަން މަންމައަށް ފެންނަނީ. ދަރިފުޅަށް ކިހިނެއްތަ ތިވަނީ؟” ހިދާޔާ އައިސް ސޯފާގައި އިށީންނަމުން ޓީ ވީ ބަލަން އޮތް އަބްޔާން ކައިރީ އެހި އެވެ.
“ކަމެއްނުވޭ މަންމާ، އަހަރެން ހަމަ ބޭރަށް ދާހިތް ނުވަނީ.”
“ބައްޕަ ވެސް ހުންނެވީ ހައިރާންވެފަ ބޮޑު ބަދަލެއް ކުއްލިއަކަށް އަބީއަށް އައިމަ. ބައްޕަ ބުނުއްވި މިސްކިތުން ވެސް އަބީ ފެންނަ ވާހަކަ. ކޮންމެ ކަހަލަ ބަދަލެއް އަޔަސް ހެޔޮ ބަދަލެއް ތި އައީ.” ހިދާޔާ ބުނެލި އެވެ.
“އަޅުގަނޑު ބޭނުންވަނީ ބައްޕަ ބުނުއްވި ގޮތަށް ވަރަށް ހަރުދަނާ މީހަކަށް ވާން. އަޅުގަނޑަށް ވިސްނިއްޖެ ދިރިއުޅުމަކީ ކުޅިވަރެއް ނޫންކަން. ބައްޕަ ދެއްވަމުން އައި ނަސޭހަތް އަދިކިރިޔާ މި ވިސްނުނީ.”
“ދަރިފުޅާ. މަންމަ ވަރަށް އުފާ ވެއްޖެ ދަރިފުޅަށް ވިސްނުނީމަ. ދެން ހުރީ މިގޭ އާލިޔާ. ދަރިފުޅު އުޅެބަލަ އޭނައަށް ވެސް ކޮންމެވެސް ކަމެއް ކުރަން.”
އެވަގުތު ކޮޓަރިން ނިކުތް އަހްޔާންއަށް އަބްޔާންޢާއި ހިދާޔާ ދެއްކި ވާހަކަ އަޑު އިވުނެވެ.
“މަންމާ، އަބީ ވެސް އެ ބަދަލުވީނު. އާލިޔާ ވެސް ބަދަލު ވާނެ. ބޭނުން ވާނީ ވަގުތު.” އަހްޔާން ވެސް އައިސް ސޯފާގައި އިށީނެވެ.
4 Comments!
Comments are closed.
Kobaa aneh story…. mibaaaives v reethi…. nxt part kn irakun…
Haadhaha vey kuraahiy samaasaa up vaanee kon irakun tha…….mihaaru vaahaka up veytho balaa balaa eba rulhi gadha vey….
Waiting waiting. .
mi story up nukursnytha