Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންގެ ވާހަކަ (ނުވަވަނަ ބައި)

Mysterious Angel Level 110 Stories100 Comments
April 21, 2016 7 Mins Read
5 Comments

“އައި އެމް ރިއައީ ސޮރީ…” ސަލާމުކުރުމަށް އަތްދިއްކޮށްލިއިރު އަތުގައި ނޫރު ދިން މާ އޮތްކަމެއް ހަނދާނެއްނެތެވެ. ލަދުރަކި ގޮތަކަށް ހީލަމުން މާ ހިފައިގެން އޭނަ އެތެރެއަށްވަނެވެ.

ގަޑިޖެހޭތީ އަވަހަށް ދެވޭތޯއެވެ. ހަފްތާ ވޭތުވެގެން ދިޔައީ ވަރަށް އަވަދިނެތިކޮށެވެ. ދޭތެރެ ދޭތެރެއިން ޝާލީއާއެކީ ޝާޔަލް ގެއަށް އައިސް އުޅެއެވެ. އަހަރެން ފެންނަ ކޮންމެ ފަހަރަކު ލަދުރަކި ހިނިތުންވުމެއް ހަދިޔާކުރެއެވެ. އަހަރެންވެސް ރައްދުގައި ހިނިތުންވެލަމެވެ.

 

ފުރާ ދުވަސްވެސް އައިސް ޖެހިއްޖެއެވެ. ދޮންބެ އަހަރުމެން ފުރުވަން އެއަރޕޯރޓަށް އައިސް ހުއްޓެވެ. ސަލާމުކޮށްލުމަށްފަހު ޝިއުޒްއާއި ދެމީހުން ހިގައިގަތީ އެތެރެއަށް ވަނުމަށެވެ. ބޯޓަށް އަރާ ޝީޓްގައި ހަމަޖެހިލަމުން ލޯމަރާލީމެވެ. އެވަގުތު ސިފަވި ސޫރައެއްގެ ސަބަބުން އަވަހަށް ދެލޯ ހުޅުވާލެވުނެވެ. ކައިރީގައި އިން ޝިއުޒް އަތުގައި ކޮއްޓާލަމުން ކިހިނެއް ވީ ތޯ އެހިއެވެ. ކަމެއް ނުވެއޭ ބުނަމުން އަނެއްކާވެސް ލޯމަރާލީމެވެ.

” މަ ހީކުރީ އަނެއްކާވެސް ތިއްތިއަށް އެ ހުވަފެން ފެނުނީ ކަމަށް..” ކަންފަތްދޮށުގައި ސިއްރުން ބުނެލިއެވެ. މިހާރު އެހުވަފެންތައް ނުފެންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަނެއްކާ ދެންމެ ސިފަވި ސޫރައާއި އެ ހުވަފެންތަކާއި ގުޅުމެއް ވަނީބާއެވެ؟ އެހެން ވާނީ ކިހިނެއް ހެއްޔެވެ؟

ހުޅުލެއަށް ފްލައިޓް ޖެއްސިއިރުވެސް އިނދެވުނީ ވިސްނާށެވެ. އަދްހަމްއާއި ނިޒާމު ބަލާ އައިސްތިއްބެވެ. ހަތަރު މީހުން މާލެ ދެވެންދެންވެސް ތިބީ އޮލަ ވާހަކައިގައެވެ.

ޝިއުޒް އޮފީހަށް ދާންޖެހިގެން ދިޔުމުން ތިން މީހުން މިސްރާބަކަށްވީ ކޮފީއަކަށް ދިއުމަށެވެ. ދުވަސްކޮޅަކަށްފަހު ބައްދަލުވުމުން ދައްކަންހުރި ވާހަކަތައް ވަނީ ފުނިޖެހިފައެވެ. އެކި ކަންކަމުގެ ވާހަކައަށްފަހު ކޮންމެ މީހަކުވެސް އެމީހަކު ކޮށްފައިވާ މޮޅެތި ކަންތައްތަކުގެ ވާހަކަ ދައްކަމުންދިޔައެވެ. އަންހެންކުދިން ސެޓްކުރިވަރާއި އެކި ކުދިންގެ ވާހަކަ ވަކި ވަކިން ކިޔެއެވެ. ނަމަވެސް އަހަރެން ދައްކާނެ ވާހަކައެއްނެތެވެ. އަންހެންކުއްޖަކާ ފްލާރޓްނުކުރާތާ އެފަދަ ނަޒަރަކުން އަންހެންކުއްޖަކާއި ދިމާލަށް ބަލާނުލާތާވެސް ދުވަސްތަކެއްވެގެންދިޔައީއެވެ. މީގެ ކުރިން އަހަރެންނަކީ އަންހެންކުދިންނާ ފްލާރޓް ކުރުމުގައި އެންމެ ކުރީގައި އުޅޭ މީހާއެވެ. އެހާ ފަސޭހައިން އަންހެންކުދިންވެސް އަހަރެން ދައްކާ ދަޅައިގައި ޖެހިދެއެވެ. ހުރިހާކަމަކީ އަހަރެންނަށް ލިބިފައިވާ ރީތި ސިފަކަމަށް ރައްޓެހިން ބުނަމުންދެއެވެ. އެކަމަކު މިހާރު ޙާލަތު ބަދަލުވެއްޖެއެވެ.

ދިރިއުޅުމުގައި ދިމާވަމުންދާ ކަންތައްތަކާއިއެކު ޙާލަތުވެސް ބަދަލުވެއެވެ. ރަށަށް ބަދަލުވިފަހުން އަހަރެންގެ ދިރިއުޅުން މުޅިން ބަދަލުވެއްޖެއެވެ. ހުރިހާ ކަމެއް އެފުށް މިފުށަށްޖެހިއްޖެއެވެ.

ޖެހިގެން އައި ދުވަހަށް އެތެރެހަށީގެ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރއެއްގެ އެޕޮއިންޓްމެންޓް ލިބުނެވެ. ޝިއުޒް އަހަރެންނާ އެކީ ހޮސްޕިޓަލަށް ދިޔައެވެ. އަހަރެންނަށް ވަމުންދާ ގޮތްތައް ކިޔާދިނުމުން ވަރަށް ރަނގަޅަށް ބެއްލެވުމަށްފަހު ވަރަށް ގިނަ ޓެސްޓުތަކެއް ހެދުމަށް ޑޮކްޓަރ ބުންޏެވެ. އެވަގުތު ނޭނގޭ ބިރުވެރިކަމެއް ހިތުތެރޭގައި އުފެދުނެވެ.

އަހަރެން ބިރުގަތްފައިހުރިވަރު ޝިއުޒްއަށް ވިސްނިގެން އެއްވެސް ކަމެއް ނުވާނެއޭ ބުނެލިއެވެ. އަހަރެންނަށް ހިތްވަރުދިނެއް ކަމަކު ޝިއުޒްގެ މޫނުމަތިންވެސް ފެންނަމުންދަނީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ. އޭނަގެ ނިތްކުރިމަތިން ވަނީ އޮށްދާހިތްލާފައެވެ. ފަހަރެއްގައި އަހަރެންނަށް ކަމެއްވެދާނެތީ އޭނަ ކަންތައް ބޮޑުވަނީ ކަންނޭނގެއެވެ.

“ކިހިނެއް ވީ؟” އަހަރެން އެސުވާލުކުރީ ގެއަށް އައިސްފައެވެ. ގެއަށްއައި މަގުމަތީގައި އޭނަ އިނީ ބަސްހުއްޓިފައެވެ.

”  ތިއްތި އެޑްމިޓްކޮށްފަ އޮތްއިރު މަންމަ ބުނި އަހަރެމެން ހަތަރުކުދިންގެ ތެރެއިންވެސް އެންމެ ހާލުގަ ބޮޑު ވީ ތިއްތިއޭ.. ތިއްތިއަށް ބަނޑުބޮޑުއިރުވެސް ބައްޕަ މަންމައަށް ވަރަށް އަނިޔާކުރި.. ޑޮކްޓަރވެސް  ތިއްތި ސަލާމަތްވާނެ ކަމުގެ އުންމީދެއްނެތޭ ބުނި ވާހަކަ.. ކުޑައިރުވެސް ބައްޕަ ވަރަށް އަނިޔާކުރި .. އެހެން ކުދިންނަށްވުރެ ބޮޑަށް ތިއްތިއަށް އަނިޔާކުރަނީ ދޮންބެގެ ބައްޕާ ވައްތަރީ އޭ ކިޔާފަ.. ވަރަށް ކުޑައިރުއްސުރެ އެހެންކުދިންނާ ތަފާތުކުރެއޭ.. އެކި ދުވަސްތަކުގެ ހިނގި ކަންކަން ވަކިވަކިން މަންމަ ކިޔާދިން.. މަށާއި ޝާލްއަށް ރަނގަޅު ލައިފެއް ލިބުނީ ތިއްތިއާ ހެދި ކަމަށް ބުނި.. މަންމަ އެދުވަހު ބުނި ތިއްތިއަށް ކަމެއްވެއްޖިއްޔާ މަންމަ އަމިއްލަ ނަފުސަށްވެސް މާފެއް ނުކުރެވޭނެއޭ..” އެންމެ ފަހު ޖުމްލަ ބުނުމަށްފަހު ޝިއުޒް އިސްއުފުލާލިއިރު އެދެލޮލަށް ކަރުނަތައް ޖަމާވަމުންދިޔައެވެ.

ޝިއުޒް ކުރިމަތީގައި ރޮވިދާނެތީ އަހަރެން ފާޚާނާއަށް ވަނީމެވެ. އަހަރެން މީ ހާދަ ބަދުނަސީބު މީހެއްތާާއެވެ؟ ބައްޕަ އަހަރެން އުފަންނުވަނީސްވެސް ކުރަމުންއައީ ނަފްރަތެވެ. ބޮޑުވަމުންއައިއިރުވެސް އެލޯތްބަށް އެދެވެމުންދިޔަ ނަމަވެސް އެކަމުން މަޙުރޫމްވީއެވެ. ބައްޕައެއް ހުރެމެ އެލޯބީގެ ފޮނި މީރުކަމެއް ނުލިބި އުމުރުގެ ދުވަސްތައް ވޭތުވެގެންދިޔައީއެވެ. ދުވަހަކުވެސް ބައްޕަ ލޯބިން އަހަރެންނަކަށް ގޮވައެއް ނުލައެވެ. ލޯބިން ބަހެއް ބުނެފައެއް ނެތެވެ. މުޅިންވެސް ނަފްރަތެވެ. ރުޅިވެރިކަމެކެވެ. ނަމަވެސް ދުވަހަކުވެސް ޝަކުވާއެއް ނުކުރަމެވެ.

ތަފާތު އެތައް ޙިޔާލުތަކަކުން ސިކުނޑިއަށް ބާރުބޮޑުކުރަމުންދިޔައެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލެވުނީ ބޮލަށް ބަރުވާންފެށީމައެވެ. ބޭރުން ޝިއުޒް ގޮވާ އަޑު އިވެމުންދިޔައެވެ. މޫނު ދޮވެލުމަށްފަހު ފާޚާނާއިން ނިކުންނައިރަށް ޝިއުޒް އަހަރެންގެ ގައިގާ ބައްދާލިއެވެ. އޭނަގެ މަޑު ރުއިމުގެ އަޑުއިވެމުންދިޔައެވެ. ހިތަށް އަސަރުކުރިނަމަވެސް ކެތްތެރިވެލީ އަހަރެން ދެރަވިކަން އެނގިއްޖެނަމަ އޭނައަށް މާބޮޑަށް އަސަރުކުރާނެތީއެވެ. އުދަނގުލުން އޭނަ ގަޔާ ދުރުކޮށްލިއިރު ކިއާރާ އަހަރެންގެ ފޯނަށް ގުޅަނީއެވެ. އަހަރެން ފޯން ނަގާއިރަށް ޝިއުޒް އޭނަގެ ފޯނަށް ޖަވާބު ނުދޭ ވާހަކަ ބުނެލިއެވެ. މަޑުކޮށްލާށޭ ބުނުމަށްފަހު ފޯން ދިއްކޮށްލުމުން އެއްވެސް ބަހަނާއަކާއިނުލާ ފޯނުގައި ހިފިއެވެ. ދެމީހުންނަށް ވަގުތުދެމުން އަހަރެން ބެލްކަންޏަށް ނިކުމެލީމެވެ.

މަޑުމަޑު ލުއި ވައިރޯޅިތައް ޖެހެމުންދިޔައެވެ. މެންދުރުގެ ވަގުތުކަމުން މަގުތަކުގެ ބާރުވެސް ބޮޑެވެ. ސްކޫލުތަކަށާއި އޮފީސްތަކަށް ދާ މީހުން ކޮޅުކޮޅުމަތީގައި ހަރަކާތްތެރިވަމުންދިޔައެވެ. މަޑުމައިތިރި ހިނގުމެއްގައި ހިގާފައި ދިޔައީ ދަންނަ ކުއްޖެއްހެން ހީވިއެވެ. ފަރުވާތެރިކަމާއެކު ބަލާލުމުން އެއީ ކާކުކަން އެނގިއްޖެއެވެ. ގޮވާލަން އަތްނެގިތަނާ ޝިއުޒް އައިސް ފޯނުދިއްކޮށްލީ އަދްހަމްގެ ކޯލެކޭ ކިޔާފައެވެ. އަދްހަމް އެދުނީ ހަވީރު ފުޓްބޯޅަކުޅެން ދިޔުމަށެވެ. އަހަރެންވެސް އަވަސް އަވަހަށް އާނއެކޭ ބުނީ ކުޅެންދާހިތްލެއް ބޮޑުކަމުންނެވެ.

ބޯހަމަޖައްސާލުމަށް ޓީވީ ހުޅުވާލުމަށްފަހު ސޯފާގައި ޖައްސާލީމެވެ. ނިދުނީ ކޮންއިރަކުކަމެއްވެސް ނޭނގުނެވެ. ސިހިފައި ހޭލެވުނީ އަސުރުނަމާދުގެ ބަންގީގެ އަޑަށެވެ. ތެދުވެ ބަލާލިއިރު ޝިއުޒް ކައްކާބައިގައި އުޅެއެވެ.

” ނޫޑްލްސް ކައްކާފަ މިހިރީ.. ނަމާދަށް މިދަނީ..” ތަށީގެ މަތި ޖެހުމަށްފަހު އޭނަ ހިގައިގަތެވެ. ބަނޑުހައިވެފައިހުރުމުން  ކޮފީއެއް ހަދައިގެން ނޫޑްލްސްއާއެކީ މީރުކޮށް ކާލެވުނެވެ. ގިނަ ދުވަސްތަކެއް ކިޔެވުމަށް އާއިލާއާއި ދުރުގައި ހުރުމުން ޝިއުޒްއަށް މީރުކޮށް ކައްކަން އެނގެއެވެ. ގޭތެރޭގެ އެހެނިހެން މަސައްކަތްތައްވެސް ވަރަށް ފުރިހަމައަށް ކޮށްއުޅެއެވެ. ކިއާރާއަށް ލިބިފައި މިހިރީ ފަސްމީރު ކުރި ރުކެކޭ ކިޔައިގެން ޝާލްއާ ދެމީހުން ވަރަށް ދިމާކުރަމެވެ.

ކުޅެންދާން ތައްޔާރުވެގެން ތިރިއަށް ފޭބިއިރު އަދްހަމް ސައިކަލްމަތީގައި އިނެވެ. ދެމީހުން އާންމުކޮށް ކުޅެން ގޮސް އުޅޭ ދަނޑަށް ދިޔައިރު އެހެންމީހުންވެސް އައިސް ތިއްބެވެ. ގިނަ ދުވަސްތަކެއް ކުޅުމާއި ދުރުގައި ހުރުމުގެ ސަބަބުން ހިތްހަމަޖެހޭވަރަކަށް ނުކުޅެވުނެވެ. ފުރަތަމަ ހާފް ނިމުނުއިރު މީހާ ހުރީ ވަރުބަލިވެފައެވެ. އޭރު ދެފައި ތުރު ތުރު އަޅަމުންދިޔައެވެ. ފެންފޮދެއް ބޯލުމަށްފަހު ވިނަގަނޑުމަތީގައި ޖައްސާލީ ދެން އިތުރަށް ކުޅޭނެހާ ހިތްވަރުނެތީމައެވެ. ފޯރިއާއެކު އެހެން މީހުން ކުޅޭތަން ބަލަން އިނީމެވެ.

ކުޅެ ނިމުނުއިރު ހަޔެއްޖަހައިފިއެވެ. އަދްހަމް ފެންފުޅިއެއް ހިފައިގެން އައިސް އަހަރެންގާތު ޖައްސާލިއެވެ.

” ކީއްވެ މާ މައިރާ އައިސް މިތާ ފަތާކޮށްފަ ތިއިނީ؟” އުތުރުގެ އަތޮޅަކަށް ނިސްބަތްވާތީ އޭނަގެ ވާހަކަ ހުންނާނީ އެކަހަލަ ގޮތަކަށެވެ.

” ވަރަށް ދުވަސްވެއްޖެއްނު ނުކުޅޭތާ އެހެންވެ މާބޮޑަށް ވަރުބަލި ވީ…” ބޮލަށް ފެންފޮދެއް އަޅާލަމުން ބުނީމެވެ.

” އަސްލު ބުނެބަލަ ވީ ގޮތެއް… މިކޮޅުން ދިޔައިރަށްވުރެ މިހާރު މާބޮޑަށްވެސް ހިކިއްޖެ… ގައިގަ ވަރުނުހުންނަނީ އެހެންވެ..” އޭނަގެ މޫނުމަތީގައިވާ މަޖާކަން ކެނޑި ސީރިޔަސްކަން ވެރިވެއްޖެއެވެ.

ރަށަށް ބަދަލުވިފަހުން ދިމާވި ހުރިހާކަމެއް ވަރަށް ތަފްސީލުކޮށްކިޔާދިނީމެވެ. ވަރަށް ޝައުޤުވެރިކަމާއެކު އަހަރެންގެ ވާހަކަތައް ކަނުލާ އަހަންއިނެވެ. އަހަރެންގެ އެންމެ ގާތް ރަޙްމަތްތެރިއަކަށް ވީ އެހެންވެއެވެ. ސްކޫލު ދައުރުން ފެށިގެން އަހަރެން ދައްކާ ވާހަކަތައް އަޑުއަހާ ޙިޔާލުދެއެވެ. ކަންކަމުގައި ވީވަރަކުން އެހީތެރިވެދެއެވެ. އިއްތިފާޤުން ދެމީހުންނަށްވެސް މަސައްކަތްކުރަން ޖެހުނީ އެއްދާއިރާއަކުންނެވެ. ގިނަ ފަހަރަށް އެކީގައި މަސައްކަތްކުރަން ޖެހެއެވެ. އަހަރެންގެ ވާހަކަ ނިމޭއިރަށް ކޮޑުގައި ޖަހާލަމުން ހިތްވަރުދިނެވެ.

“މިރޭ ގެއަށް ވާނެ ޖައްސާލަން.. މަންމަ މިހާރުވެސް މަ ދެކެ ރުޅިއައިސް ހުރީ މާލް ގޮވައިގެން ނުގޮސްގެން..” އަދްހަމްގެ މަންމަ އަހަރެންދެކެ އަމިއްލަ ދަރިއެއް ފަދައިން ލޯބިއެވެ. އެ އާއިލާގެ އެންމެންގެ ފަރާތުންވެސް އިންތިހާއަށް އެހީތެރިކަން ލިބެއެވެ. ޝިއުޒް ގުޅީ އެގަޑީގައެވެ. މިރޭ ޓެސްޓެއް ހަދަން ދާންޖެހޭކަން ހަނދާންކޮށްދިނުމަށެވެ. މީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ؟ އެކެއްގެ ލޯބިން މަޙުރޫމުވީއިރު އަނެއް ބަޔެއްގެ ފަރާތުން އިންތިހާއަށް ލޯބިލިބެމުންދެއެވެ. އެކަމަކުވެސް ޝަކުވާކުރަމުން މިދަނީ ލިބިފައިނެތް ނިއުމަތްތަކާއިމެދުގައެވެ. އިންސާނުންނަކީ ހަމަ ޝުކުރު ނުކުރާބަޔަކީއެވެ.

ގެއަށް އައިސް ފެންވަރާލައިގެން ނިކުތްއިރު ޝިއުޒްވެސް ބޭރުން އައިސް ވަންނަނީއެވެ. މިރޭގެ ކެއުން އަދްހަމްމެން ގެއިން އޮތް ވާހަކަ ބުނީމެވެ. ހޮސްޕިޓަލަށް ދިޔުމުގެ ކުރިން އެގެއަށްދާނީ ދޯ އޭ ބުނެލިއެވެ.

އަށެއް ޖެހިއިރަށް އަދްހަމް ގުޅައިފިއެވެ. ޝިއުޒްއާއި ދެމީހުން އެގެއަށް ދިޔައިރު ލަސްވެގެން އަދްހަމް ދޮރުމަތީގައި ހުއްޓެވެ. އެތެރެއަށް ވަންނައިރަށް އަދްހަމްގެ މަންމަ އައިސް އަތުގައި ހިފައިގެން ގެންގޮސް ގޮނޑީގައި ބައިންދައިފިއެވެ. ބުރަކަށީގައި ފިރުމަމުން ދިޔައީ މަންމައެއް ފަދައިންނެވެ. ޝިއުޒްވެސް ހައިރާންވެފައި ބަލަންއިނެވެ. ކާން ތައްޔާރުކޮށްފައި ހުރީ އަހަރެންނަށް އެންމެ މީރުހެން ހީވާ ތަކެއްޗެވެ. ޝިއުޒް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“މާލްބޭ..” އަދްހަމްގެ ކޮއްކޮ އަދްޔަން އައިސް ކޮޑުގައި އެލިގަތެވެ. ގްރޭޑް އަށެއްގައި އުޅެމުންދިޔަ ނަމަވެސް އުޅުން ހުންނަނީ ކުޑަ ކުއްޖެއް ފަދައިންނެވެ.  ކައިނިމިގެން ހޮސްޕިޓަލަށް ދިޔައިރު އަދްހަމްވެސް އެކީގައި ދިޔައެވެ.

“ތިއްތިދެކެ އަދޫބެގެ މަންމަ ހާދަ ލޯބިވޭ ދޯ.. މަންމައަށްވުރެ ބޮޑަށް އޭނައަށް ތިއްތި އެނގޭހެން ހީވަނީ..” އަދްހަމް ތަންކޮޅެއް ދުރަށް ޖެހިލާއިރަށް ޝިއުޒް ބުނެލިއެވެ.

” ކުރިން ބައްޕަ އަނިޔާކޮށްފަ ހުންނަ ތަންތާނގަ ބޭސް އަޅާދެނީ އެމަންމަގެ އަތުން.. ރޮއި ރޮއިފަ ބޭސް އަޅައިދޭ ހަނދާން މިހާރުވެސް ވޭ..” އަދްހަމް އަންނަތަން ފެނުމުން ހުއްޓާލީމެވެ. ޓެސްޓް ހަދާ ނިމުމުން ޝިއުޒް އޭނަގެ ކްލާސް ކުއްޖަކާއި ބައްދަލުކުރަން ދިޔައީއެވެ. އަދްހަމްގެ އެދުމުގެ މަތިން ހުޅުމާލެއަށް ދިޔައީ ހުސެންމެން މިހާރު އުޅެނީ ހުޅުމާލޭގައި ކަމަށްވީމައެވެ. ހިތްފަސޭހަ މާޙައުލެކެވެ.

“ޝިމާލް…” ފަހަތުން ގޮވާލިއަޑު އިވުނެވެ. ފަހަތް ބަލާލިއިރު ދާދި ގާތުގައި ޝާޔަން ހުއްޓެވެ. މޫނުމަތިން އުފާވެރިކަން ފާޅުވަމުންދިޔައެވެ. އަދްހަމް ގާތު ދާށޭ ބުނަމުން ޝާޔަން ގާތު މަޑުކޮށްލީމެވެ.

“ހޭއި ކިހިނެއްތަ؟ މިކޮޅުގަތަ އުޅެނީ؟” ޖީބަށް އަތްޖަހާލަމުން އަހާލީމެވެ. އޭނަގެ އަތުގައި ކޮތަޅެއް އޮތެވެ.

” ހޫމް.. މިތާ ކައިރީ.. ކޮލެޖް އެންޑް ޖޮބަށް ދަނީ މާލެއަށް..” ހިނިތުންވެލަމުން ބުނެލިއެވެ.

“ކޮބާ ޒައިކް؟” ރޭގަނޑު އެކަނިމާ އެކަނި ފެނުމުން އަހާލެވުނެވެ.

” ޑިއުޓީ ގަ.. އެކަނި އުޅެން މިހާރު ދަސްވެއްޖެ.. ޔާލް ކައިރީވެސް ބުނެފިން މިކޮޅަށް އަވަހަށް އަންނާށޭ.. މިކޮޅުގަ އުޅެންޏާ ޖައްސާލައްޗޭ.. ދަނީ” ރީތި ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އޭނަ ހިގައިގަތެވެ. ޝާޔަން ގޮސް ވަންނަންދެން ބަލަހައްޓައިގެންހުރީމެވެ. އަދްހަމް ވަތްދިމާއެއް ނޭނގިގެން ގުޅާލުމުން ކައިރީގައި ހުރި އިމާރާތަކުން އޭނަ ބޯދިއްކޮށްލިއެވެ. އަވަހަށް އެދިމާލަށް ހިގައިގަތީމެވެ. އެތެރެއަށްވަތްއިރު ހުސެން އާއި އަދްހަމް ސޯފާގައި ތިއްބެވެ. ހުސެންގެ ފަސްއަހަރަށްދާ އަންހެން ދަރިފުޅު ޓައިލްސްތައް މަތީ ކުޅެންއިނެވެ.

” އާދެވިއްޖެ ދޯ..” ފެންނައިރަށް ހުސެން ގޮވާލިއެވެ. އެމީހުންނާ ކުރިމަތިވާ ގޮތަށްހުރި ސޯފާގައި ޖައްސާލީމެވެ.

” ކޮބާތަ ވައިފް؟” ފެންނަން ނެތުމުން އަހަރެންވެސް ބަލާލީމެވެ.

“މިހާރު ހިކެންވެގެން ކޮންމެ ރެއަކު ދުވަންދަނީއެއްނު ދޯ ދަރިފުޅާ..” އެއާއެކު އޭނަގެ ދަރިފުޅު ހީގަތެވެ.

” މަރީ ދެން ނުވެސް ފެންނާނެތާ ދޯ އަހަރުމެންނަށް..” އަދްހަމް ހުސެންގެ ދަރިފުޅު ލާނާއަށް ބަލާލަމުން ބުނެލިއެވެ. ބޯނެ އެއްޗެއް ހިފައިގެން އަންނާނަމޭ ބުނެފައި ހުސެންވަނީ ކައްކާ ބަޔަށެވެ. އެވަގުތު މަރީވެސް ގެއަށް އައިސް ވަދެއްޖެއެވެ.

” އަދްހަމްވެސް އެބަ އުޅެން ދޯ..” އަހަރެން އިން ގޮތުން މަރީއަކަށް ނުފެނުނެވެ.

” މާލްބެވެސް އެބައިން.. މަންމައަކަށް ނުފެނޭ ދޯ..” ހީލަމުން ލާނާ ބުންޏެވެ.

ހުސެންގެ އާއިލާ އާއެކީ މަޖާ ވަގުތުތަކެއް ހޭދަ ކުރެވުނެވެ. މުހިއްމުކަމެއްގައި ދާންޖެހިގެން ގުޅުމުން މާލެދާން ފެރީ ޓާރމިނަލްއަށް ދިޔައިރު ތިބީ މަދު މީހެކެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ އެކަނިމާ އެކަނި ހުރި ޝާޔަން ފެނުމުންނެވެ. ރޭގަނޑު އެކަނި މާ އެކަނި މާލެ ދަނީ ކީއްވެބާއެވެ؟ ވަގުތުގެ ގޮތުން އެދިމާލަށް ދާކަން ނުކެރުނެވެ. މާލެދެވެންދެންވެސް އޭނަ އިނީ އިސްޖަހާލައިގެންނެވެ. އިރުކޮޅަކާއި އަތުގައި އޮތް ފޯނަށް ބަލާލައެވެ. ހީވަނީ ތަނަކަށް ދާން ލަސްވެގެން އުޅޭހެންނެވެ. އެމޫނުމަތިން ފެންނަމުންދަނީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމާއި ހާސްކަމެވެ. އަނެއްކާ ޒައިކްއަށް ކަމެއް ވީ ހެއްޔެވެ؟

ފެރީގާތްކޮށްލުމާއެކު އެންމެން ފައިބަންފެށިއެވެ. ޝާޔަން ފެރީއިން ފައިބައިގެން ގޮސް ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ހުރި ސައިކަލެއްގެ ފަހަތަށްއެރިއެވެ. ޕޮލިސް ޔުނީފޯރމުގައި އިނީ ޒައިކް ކަންނޭނގެއެވެ. އެކަމާ މާބޮޑަށް ސަމާލުކަމެއް ނުދީ އަދްހަމްގެ ސައިކަލުގެ ފަހަތަށް އެރީމެވެ. މާދަމާ ގުޅާނެކަމަށް ބުނުމަށްފަހު އޭނަ ދިޔައީ ގަޑިޖެހެނީއޭ ކިޔާފައެވެ. ގެއަށް ވަތްއިރު ޝިއުޒް ފުޓްބޯޅަ މެޗެއް ބަލަން އިނުމުން އެތާގައި ޖައްސާލީމެވެ.

ޑޮކްޓަރ ދީފައިވާ ޓެސްޓުތައް ހަދާ ނިމުނީ ދެދުވަސްފަހުންނެވެ. ނަތީޖާތައް ލިބުމުން ޑޮކްޓަރަށް ދިޔަ ދުވަހެވެ. އާދަޔާޚިލާފަށް ހިތްބިރުގަންނަންފެށިއެވެ. ޑޮކްޓަރގެ ކޮޓަރިއަށް ވަތްއިރުވެސް އަހަރެންހުރީ ދާހިތްލާފައެވެ. އޭސީގެ ފިނިކަމުންވެސް އަސަރެއްނުކުރިއެވެ. ވަރަށް ފަރުވާތެރިކަމާއެކު ވަކި ވަކިން އެކި ޓެސްޓުތަކުގެ ނަތީޖާއަށް ބަލަންފެށިއެވެ. ޑޮކްޓަރ ބުނާނީ ކީކޭ ބާ ވެއެވެ؟ އެ މޫނުމަތިން ފެންނަމުންދާ ކުލަވަރުތައް ދިރާސާކުރެވޭތޯ މަސައްކަތްކުރީމެވެ.

“ޓެސްޓުތަކަށް ބަލާއިރު އެއްވެސް މައްސަލައެއް ހުރިކަމަކަށް ނުދައްކާ.. ބޮޑަށް ލަފާކުރެވެނީ ޑިޕްރެޝަނުގެ ސަބަބުން ދިމާވާ މައްސަލަތަކެއް ކަމަށް… ދެން ހަށިގަނޑު މާބޮޑަށްވެސް ވީކްކަމަށް އަޅުގަނޑަށް ފެންނަނީ.. ރަނގަޅު ކާނާއާއެކީ ކަސްރަތުވެސް ވަރަށް މުހިއްމު.. އަޅުގަނޑު ރިފަރ ކުރަން ސައިކޮލޮޖިސްޓަކަށް ދައްކާލަން..” ޑޮކްޓަރ ވާހަކަދެއްކީ ހިނިތުންވުމާއެކީގައެވެ. ޝުކުރު އަދާކުރުމަށްފަހު ޑޮކްޓަރގެ ކޮޓަރިން ނުކުތުމުން ހިތްހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. ހެއްދެވި ފަރާތަށް ހާސްފަހަރު ޝުކުރު ކުރެވުނެވެ.

“ސައިކޮލޮޖިސްޓަކަށް ދައްކާލަން ވާނެ މިފަހަރު..” ޝިއުޒް އަވަހަށް ފޯނުން ކޮންމެވެސް ރައްޓެސަކަށް ގުޅާލިއެވެ. ޑޮކްޓަރގެ ކޮޓަރީގެ ދޮރުމަތީގައި ބެހެއްޓިފައިވާ ގޮނޑިބަރީގައި ޖައްސާލީމެވެ. ހޮސްޕިޓަލަށް ވަދެވުނަސް އިހްސާސްކުރެވެނީ ބަލިކަމެވެ.

“ފްރެންޑެއް ބުނެފި ކްލިނިކެއް.. ވަރަށް މަޝްހޫރު ސައިކޭޓަރިސްޓެއް އެއީ.. އޭނަ ބުނި އެޕޮއިންޓްމެންޓެއް ހައްދާފަ ގުޅާލާނަމޭ..” ހިގައިގަންނަމުން އޭނަ ވާހަކަދެއްކިއެވެ.

ނަސީބު ރަނގަޅުކަމުން ހަމަ އެދުވަހު އެޕޮއިންޓްމެންޓެއް ލިބިއްޖެއެވެ. ޑޮކްޓަރ ބެއްލެވުމަށްފަހު ވަމުންދާ ގޮތްތައް ކިޔާދިނުމުން ޝެޝަންތަކެއް ނަގަން ބުނެލިއެވެ. ކަންކަމާ މާބޮޑަށް ނުވިސްނުމަށާއި އަބަދުވެސް އުފާވެރި ކަންތައްތައް މަތިން ހަނދާންކޮށް އުފަލުގައި ހުރުމަށް ނަސޭހަތްދިނެވެ. ޑޮކްޓަރގެ ކޮޓަރިން ނިކުންނަނިކޮށް އެތެރެއަށް ވަދެގެންއައި ޝާޔަން ފެނުނެވެ.

“ޝާޔަންއަށް ކިހިނެއްވީ؟” ޝާޔަންވެސް އަނެއްކާ އެއައީ ޑޮކްޓަރަށް ދައްކަން ހެއްޔެވެ؟

” މިތާގަ މަސައްކަތް ކުރަނީ..” ހިނިތުންވެލަމުން އޭނަ ޖަވާބުދިނެވެ.

“މަ ހީކުރީ ޑޮކަށް ދައްކަން ކަމަށް…” ހިނިގަނޑެއް ޖަހާލަމުން ބުނީމެވެ. ގަޑިޖެހިއްޖޭ ބުނަމުން އޭނަ އަވަސްއަރުވާލާފައި އެތެރެއަށްވަނެވެ.

ސެޝަންތައް ކުރިއަށް ދިޔަވަރަކަށް ހިތަށާއި ސިކުނޑިއަށް ލުއިވަމުންދިޔައެވެ. ކުރިން ބައެއް ފަހަރަށް ނުނިދިގެން އުޅެން ޖެހުނުނަމަވެސް އެކަމަށްވެސް ޙައްލެއް ލިބުނެވެ. ކުއްލި ކުއްލިއަށް އަންނަމުންދިޔަ ސިނގުރުޅިވެސް ކޮންޓްރޯލް ކުރާނެގޮތް އެނގުނެވެ. އާއިލާގެ މީހަކު ބަލިވެގެން ކުއްލިއަކަށް ޑޮކްޓަރ ބޭރަށްދާން ޖެހުންވީ ލިބުނު ނުތަނަވަސްކަމަކަށެވެ. އެގޮތަށް ސެޝަންތައް މެދުކަނޑާލުން ވެގެންދިޔައީ އުދަނގޫތަކާއި ކުރިމަތިލާން ޖެހުނުކަމަކަށެވެ. އަނެއްކޮޅުން ޑިއުޓީއަށް ނުކުންނަން ޖެހޭ ދުވަސްވެސް ކައިރިވަނީއެވެ. ކޮންމެވެސް ގޮތެއް ހަދައިގެން މާލެ ނޫނީ ހުޅުމާލެއަށް ބަދަލުވެވޭތޯ އަދްހަމް ގާތު މަސައްކަތްކޮށްދޭށޭ ބުނީމެވެ. އޭނަވެސް މަތީ މަޤާމުތަކުގައި ތިބޭ މީހުންނާއި ވާހަކަދައްކައިގެން ގޮތެއް ވޭތޯ ބަލާދޭނަމޭ ބުނެލިއެވެ.

ހުކުރުދުވަހުގެ ހެނދުނެވެ. އަހަރެން އުޅުނީ ދާވެފައިހުރި އެއްޗެހި ދޮންނާށެވެ. ޝިއުޒްވީ އޮފީހަށް ގޮސްފައެވެ. އަމިއްލަ ކުންފުންޏެއްގައި ޒިންމާދާރު ވަޒީފާއެއް އަދާކުރަމުންދާތީ ބަންދު ދުވަސްތަކުގައިވެސް އޭނަ އޮފީހަށްދެއެވެ. ފޯން ރިންގުވާންފެށުމުން ކުރަންހުރި މަސައްކަތް ބެހެއްޓުމަށްފަހު ފޯނާއި ދިމާލަށް ހިގައިގަތީ އަތްފޮހެލަމުންނެވެ. ގުޅަނީ އަދްހަމްއެވެ.

” އޭނ.. އެކަންތައް ވާނެ ގޮތެއް ވެއްޖެ.. ހަލީމް ސަރ ބުނީ މާލްގެ މެޑިކަލް ރިޕޯރޓްތަކާ ޑޮކްޓަރގެ ލިޔުމެއް ހޯދަނިކޮށް އެކަން ވެދާނޭ.. އޭރުން ޑޮކްޓަރާ ވާހަކަ ދައްކައިގެން ފަރުވާ ހޯދޭނެ ތަނެއްގައި ހުރެގެން މަސައްކަތް ކުރެވިދާނެ ގޮތެއް ވެދާނޭ..” އަދްހަމް ވަރަށް ޖޯޝުގައި ވާހަކަދެއްކިއެވެ.

“ތޭންކްސް މޭން.. ތިހުރިހާ ލިޔުމެއްވެސް ހަމަ ރެޑީ..” ދެމީހުންވެސް އެކަމާ ބެހޭ އެކި ވާހަކަދެއްކުމަށްފަހު ފޯންބޭއްވި ތަނާ އަނެއްކާވެސް ފޯން ރިންގުވާންފެށިއެވެ. ނުދަންނަ ނަންބަރެކެވެ. ކޮންމެވެސް އަންހެންކުއްޖެއްގެ ފޯނަކަށް ވެދާނެތީ ނުނަގަން ހުރެފައިވެސް ނެގީ މުޙިއްމު ކޯލަކަށްވެސް ވެދާނެތީއެވެ.

“އައްސަލާމަލައިކުމް.. ޝިމާލް މީ ޝާޔަން..” ފޯން ނެގުމާއެކު އިވުނީ ޝާޔަންގެ މަޑުމައިތިރި އަޑެވެ. ސަލާމުބަލައިގަތުމަށްފަހު ގުޅީ ކަމެއްގަ ތޯ އަހާލީމެވެ.

“މިއަދު މެންދުރު ޒައިކްއާ އަހަރެން ދޭ ކެއުމަކަށް ދަޢުވަތުދޭން ވެގެން މިގުޅީ.. ޝިމާލްގެ ކޮއްކޮއާ ދެމީހުންނަށް.. އެއްގަޑި ބައިގަ އަންނައްޗޭ ހަނދާންކޮށް..” ކުއްލިއަކަށް ޝާޔަން އެ ގުޅީ ކެއުމަކަށް ދައުވަތުދޭން ހެއްޔެވެ؟ އަނެއްކާ ކިހިނެއް ވީ ހެއްޔެވެ؟

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Angel

Level 110 Stories100 Comments

Other Articles

Previous

އިންސާފް.. 09 ވަނަ ބައި

Next

ހާދަހާވޭ ކުރާހިތް ސަމާސާ 31 ވަނަ ބައި

Next
April 21, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 31 ވަނަ ބައި

Previews
April 21, 2016

އިންސާފް.. 09 ވަނަ ބައި

5 Comments!

  1. Mysterious Angel says:
    April 21, 2016 at 3:35 pm

    ދިހަވަނަ ބައި މިރޭ ނޫނީ މާދަމާ ގެނެސްދޭނަން އިންޝާﷲ

  2. M says:
    April 21, 2016 at 4:22 pm

    V reethi … Me varah interesting story eh …

  3. princess says:
    April 21, 2016 at 4:48 pm

    Vrh rythi…mirey up vaane gotheh neih tha

  4. unlucky girl says:
    April 21, 2016 at 5:00 pm

    wow mysterious angel .. story is suparb .. awesome .. alhe mirey aneh part up kohdhehcheiiiii

  5. nashth says:
    April 22, 2016 at 9:42 am

    V v nice abadhuves beynunvani mi story kiuah varah kamudhey… ekam up kuràlehlahy

Comments are closed.

Next Episodeއަހަރެންގެ ވާހަކަ (ދިހަވަނަ ބައި)←


All Right Reserved!