Skip to content
އެސްފިޔަ

މަންޝާ (އަށްވަނަ ބައި)

ފޯނަށް ހެޑްސެޓްގެ ވާގަނޑު ގުޅާލުމަށްފަހު ނަވާފްގެ ޖިންސުގެ ޖީބަށް ފޯނު ލިއެވެ. އަދި ނަވާފްގެ ކަންފަތަށް ހެޑްސެޓް ހެޔޮވަރު ކޮށްލިއެވެ. ލިފްޓުން ގްރައުންޑް ފްލޯއަށް ދާން ސްވިޗަށް ފިތާލައިގެން ހުރި އިރު އަޒީމް އެކޮޅުން ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަން ނަވާފް ހުރީ ދަތްޕިލަ ސޭލް އަޅުވައިގެންނެވެ. ބައްޕައަކަށް ވުމުގެ އުފާ ދެވަނަ ފަހަރަށް ކުރުމުންވެސް ނަވާފަށް ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ. ތިރީބުރިއަށް އައިސް ލިފްޓުގެ ދޮރު ހުޅުވުމުން ނަވާފް މިސްރާބު ޖެހީ ނަރުސްކުދިން ބުނި ކައުންޓަރ ދޮށަށް ދިއުމަށެވެ. ނަވާފް އެ ކައުންޓަރ ދޮށަށްދާން އަޅާލި މަގަކީ އަވަސް ފަރުވާދޭ ކޮޓަރި ހުންނަ މަގެވެ. އެހިސާބުން އަވަސް ފަރުވާދޭ ކޮޓަރި ކުރިމަތީގައި ހުރި ގޮނޑިބަރީގައި ރިޔާޒާާއި މީރާ އިށީނދެގެން ތިބިތަން ފެނުނެވެ.

“ރިޔާޒް… މިހާރު އާމިނައްތަ ކިހިނެއް؟… ކީކޯ ޑޮކްޓަރުން ބުނީ….” އެމީހުން ތިބި ހިސާބަށް ދެވުމުން ނަވާފް ސުވާލުކޮށްލިއެވެ.

އިސްއޮބާލަމުން މަންމަގެ ހާލު ރަނގަޅު ނޫން ކަމަށް ރިޔާޒް ބުންޏެވެ.

“ޑޮކްޓަރުންވެސް ވަކި ޖަވާބެއް ނުދޭ… އެމީހުންނަށް ލަފާ ކުރެވެނީ ސްޓްރޯކެއް ޖެހުނީ ކަމަށް… ޓެސްޓުތަކުގެ ނަތީޖާތައް ލިބުނީމަ ވަކި އެއްޗެއް އެނގޭނީ… ދޯ ރިޔާޒް… ” ގޮނޑިން ތެދުވަމުން މީރާ ތަފްސީލްކޮށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

ރިޔާޒާއި ސަލާމްކޮށްލަމުން އެތެރެއަށް ދިޔުމަށް ނަވާފް ހިނގައިގަތުމުން މީރާ ސުވާލުކޮށްލިއެވެ. “ނަވާފް މިތާ ކީއްކުރަނީ؟… އަންހެނުން ރަނގަޅުތަ؟…”

“އަންހެނުން ވިހައިފި… މި ފަހަރު އަންހެން ކުއްޖެއް… މިހާރު ދޫކޮށްލާތީ މިއުޅެނީ ދެން ގެއަށް ދާން… ގެއަށް އަންނައްޗޭ ތިހެން އުޅެމުން.. ދެން ދަނީ… އިނގޭ…”

“ކޮންގްރާ.. އާން ދާނަން… ޒުހާއަށް ސަލާމް ބުނާތި…” މީރާ އަތް ހަނާއަޅަމުން އެ ދެމަފިރިންނަށް މަރުޙަބާ ކީ ހިނިތުން ވެލަމުންނެވެ.

ނަވާފް ކުރިއަށް ހިނގައިގަތީ ޑިސްޗާޖް ކަންތައް ހަމަޖެއްސުމަށެވެ. އޭރުވެސް ނަވާފްހުރީ އަޒީމްގެ ކޯލް ކަނޑާނުލާ ކަމުން ނަވާފް އަޒީމަށް ގޮވާލިއެވެ. އެއަށްފަހު އަަނެއްކޮޅުން ފޯނުގައި ހުރި އަޒީމް ސުވާލުކުރިއެވެ. “އެއީ.. އެއްކަލަ މީރާދޯ… އޭނާ ކޮންއިރަކު މާލެ އައީ؟… މެލޭގަ ދޯ ކިޔަވަން ހުރީ؟…” އަޒީމްގެ ސުވާލުތަކަށް ޖަވާބު ދެމުން ނަވާފް ކައުންޓަރަށް ގޮސް އެ ލިޔުންތައް ހަވާލުކުރިއެވެ.

“ނޭނގޭތަ؟.. ތިރަށު ރިޔާޒް އިނގޭތަ…. އެއަރޕޯޓް ރެޕަކަށް އުޅެއެއްނުން… އޭނަގެ ކޮއްކޮ ރޫހީ މަރުވީ ރޭގަ… ދަން ޖެހިގެން… ފަތިހު އޭނަ ވަޅުލީ.. އެވާހަކަ ބުނަން އެ ގަޑީ އަހަރެން ވަރަށް ގުޅިން….އެކަމަކު ފޯނަށް ޖަވާބު ނުދިނީމަ އެނގުނު އަޒީމް ބިޒީކަން.. އަނެއްކޮޅުން މަންޝާ ވެސް ބުނި އަޒީމް ރޭ ދަންވަރު ޑިއުޓީގަޔޯ ވީ…”

ނަވާފް ހުރިހާ ވާހަކައެއް ފޯނުން ކިޔައިދެމުން ދިޔައިރު ކުރިމަތީ ހުރި ކައުންޓަރު ދޮށުގައި ހުރި ޒުވާނާގެ އެދުމަށް ޖީބުގައިވާ ވޮލެޓުން ޒުހާގެ އައިޑީ ކާޑް ނަގާ އެނާގެ އަތަށް ދިއްކޮށްލިއެވެ.

*** *** *** *** *** **

“އެހެންތަ؟ މަ ނުވެސް ދެނަހުރިން… އެހެންވެ ދޯ މީރާ އެއައީ… ދެން ރޫހީ ވަޅުލީމަ އެމީހުން ހޮސްޕިޓަލްގަ ކީއްކުރަނީ؟….” ފުންމައިގެން އެނދުމަތިން ތެދުވެ ކޮޓަރި ތެރޭ ދެއަތަށް ހިނގަމުން އަޒީމް ވާހަކަދެއްކީ ވަރަށް ހާސްވެ ހުރެއެވެ.

ފާޚާނާއިން މަންޝާ ނުކުތީ އަޒީމް ނައިސް ލަސްވުމުންނެވެ. އޭރު ކޮޓަރީގެ އެއްބިތުގައި ޖެހިފައި އަނެއްބިތުގައި ޖެހޭ ބީދައިން އަޒީމް ދެކޮޅަަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ފޯނެއްގައި ހުރެ މާ ބޮޑަށް ކަންބޮޑުވެ ހުރެ ވާހަކަ ދައްކާނަމަ އަޒީމްގެ ފައި އެއްތާކު ހަރެއް ނުލާނެއެވެ. މަންޝާގެ ސަމާލުކަން އަޒީމްއާ ދިމާލަށް ދިޔައީ ފޯނުގައި ހުރެގެން އަޒީމް ހޮސްޕިޓަލޭ ބުނުމުންނެވެ. މަންޝާ ހިތަށް އެރީ އަނެއްކާ ޒުހާ ނޫނީ ޒުހާގެ ބޭބީއަށް ކަމެއް ވީ ކަމަށެވެ. އަލަމާރި ތެރެއިން ސޯޓު ބުރިއަކާއި ޓީޝާޓެއް ނަގައި ގަޔަށް މަހާލި އިރު ދޭތެރެއަކުން އަޒީމާ ދިމާލަށް ބެލެމުން ދިޔައީ ކަމެއް ގޯސްވެއްޖެކަން އަޒީމްގެ މޫނުމަތިން ފާޅުވުމުން ދާތީއެވެ. އެ ވަގުތު އަޒީމް ފޯނުގައި ހުރުމުން ސުވާލެއް ނުކޮށް، މަންޝާ އަވަސްވެގަތީ ބަދިގެއަށް ވަދެ ހޫނު ކޮފީތައްޓެއް ތައްޔާރު ކޮށްލާށެވެ.

ފެންކައްކާ ޖަގަށް ފެންއަޅާލުމަށްފަހު ކަރަންޓާ ގުޅާލަމުން ކޮފީ މަގު ނަގާ އެއަށް ހަކުރާއި ކޮފީ އަޅާލީ މަންޝާއަށް ކަމުދާ ވަރަށެވެ. ކޮފީތަށި ތައްޔާރު ކޮށްލުމަށްފަހު މަގު ހިފައިގެން މަންޝާ ކޮޓަރިއަށް ވަނެވެ. އޭރު އަޒީމް ފޯނު ނިންމާލުމަށްފަހު އެނދުގައި ހަމަޖެހިލައިގެން އިނީ އުނގު މައްޗަށް ލެޕްޓޮޕް ލައިގެންނެވެ.

“ކޮފީ ތައްޓެއް ބޭނުންތަ؟….” އަޒީމްގެ ގާތުގައި ދެފައި ވަށްކޮށް އިށީނުމަށްފަހު އުނގު މައްޗަށް ބާލީހެއްލައި އެނދުގައި ހަމަޖެހިލަމުން މަންޝާ އަހާލިއެވެ.

“ނޫން… އަހަރެން މިއައީ ދެންމެ ރައްޓެއްސަކާއި އެކީ ސައިބޮއެގެން… ދެން ބޭނުމީ ނިދާލަން.. ސޯ ކޮފީއެއް ނުބޮވޭނެ… ކޮފީ ބޮއެގެން ކިހިނެއް ނިދާނީ…”

ފޭސްބުކް ޕޭޖް ހާވަމުން ދިޔަ އަޒީމް ވާހަކަ ދެއްކިއިރު އޭނާގެ ކަޅި ހުއްޓިފައި ވަނީ ލެޕްޓޮޕްގެ ސްކްރީނަށެވެ. ލެޕްޓޮޕްގެ ސްކްރީނުން ފެންނަމުން ދިޔަ ތަސްވީރަށް މަންޝާގެ ސަމާލުކަން ދިޔައީ ހީވެސް ނުކުރާހާ އަވަސްމިނެއްގައެވެ. އަޒީމްގެ ގާތަށް ޖެހިލަމުން ތި ބަލަނީ ކޯއްޗެއްހޭ އަހާލީ ފޮޓޯގަނޑުން ފެންނަން ހުރި އަންހެން މީހާއަކީ މަންޝާ ދުށް މީހެއްކަމަށް ލަފާ ކުރެވުނީމައެވެ.

“އިނގެޔެއްނު މީރާ…. މަންޝާމެންނާ އެކީ ކިޔަވަން އުޅުނު… އޭނަ މެރީ ކުރީ އަހަރެމެން ރަށު ކުއްޖަކާނު…” އަޒީމް އެވާހަކަ ކިޔައިދޭން ފެށީ މަންޝާއަށް އެމީހުން އެނގޭނެ ހިސާބުންނެވެ.

“ހޫންން… އިނގޭ… ރިޔާޒް ދޯ…” މަންޝާ އަވަހަށް ޖަވާބު ދިނީ ވެގެން އުޅޭ ގޮތް އަވަހަށް އޮޅުން ފިލުވާށެވެ.

“ރޭގަ އޭނަގެ ކޮއްކޮ ދަން ޖެހިގެން މަރުވީ…. މީ އޭނަގެ ފޮޓޯތައް…. ދެން މިހުރީ އޭނާގެ މަންމަ އާމިނަ… ދެންމެ ނަވާފް ގުޅާފަ މިހުރިހާ ވާހަކައެއް އެ ކިޔައި ދިނީ… މިހާރު އާމިނަ އޮތީ ހޮސްޕިޓަލުގަ… ޑޮކްޓަރުން ބުނީ ރޫހީގެ މަރުގެ ޚަބަރަށް ފަހު އާމިނަ ސްޓްރޯކް ޖެހެނީއްޔޯ…. މީރާއާ ރިޔާޒް އެބަތިބި ހޮސްޕިޓަލުގަ…. ހަވީރުން ވާނެ އެދިމާލަށް ދާން…. އެކަމަކުދޯ… ނިދިވެސް ފިލައިފި…” އަޒީމް ހުރިހާ ވާހަކައެއް ދައްކާ ނިންމާލުމަށްފަހު ނިތްކުރި މައްޗަށް އަތް ވައްޓާލީ ބޮލުގައި އުފެދެމުން ދިޔަ ރިހުމަކުންނެވެ.

“ތިހެން ބުނީމަ އެނގިއްޖެ…. ރިޔާޒްގެ މަންމައާ ދިމާވި ހޮސްޕިޓަލުން… ވަރަށް ހާސްވެފަ ހުރީ… އާންން… ރިޔާޒްވެސް ދެކުނިން… މަން ލިފްޓަށް އަރަން ދިޔައިރު އޭރު އޭނަ ލިފްޓުން ފޭބީ އެހެން ދެ ފިރިހެނުންނާ އެކީގަ… ވަރަށް ބެލި.. އޭނަ ތުނބުޅި ކޮޅެއްލާފަ ހުރީމަ މަންއަކަށް ނޭނގުނު ކާކު ކަންވެސް…. ތިހެން ބުނީމަ މި އެނގުނީ…. އަޅެ ކިހާ ދެރަދޯ….” އެ އާއިލާއަށް ދިމާވި ހާދިޡާ އެނގުމުން މަންޝާ ވަރަށް ދެރަވިއެވެ.

“އެކަމަކު އެ ފޮޓޯތައް އެފްބީއަށް އެޅީ ކީއްކުރާކައްތަ؟…. ޝެއާރ ކުރާނެ ފޮޓޯއެއް ނުފެނިފަ ހުންނާނީ…. އެ އާއިލާ މީހުންނަށް ތި ފޮޓޯތައް ފެނުނީމަ ކިހާ ދެރަވާނެ…” އަޒީމްގެ އުނގުމަތީގައި އިން ލެޕްގެ ސްކްރީން ލައްޕާލުމަށްފަހު މަންޝާ ބޯންއިން ކޮފީތަށި ސައިޑް ޓޭބަލް މަތީ ބެހެއްޓިއެވެ. އަދި ލެޕްޓޮޕް ދުރަށްލުމަށްފަހު އަޒީމްގެ މަގަތުގައި އޮށޯވެލަމުން ފޯނު ނަގާ އޭގެ ސްކްރީން ހުޅުވާލިއެވެ.

އަޒީމްވެސް މަންޝާގެ ބިއްދޮށުގައި ހަމަޖެހިލައިގެން އޮށޯވެލިއެވެ. މަންޝާގެ ފޯނުން ގެލެރީއަށް ވަދެލުމަށްފަހު ހޮސްޕިޓަލުގައި ނަގާފައިވާ ފޮޓޯތައް ދައްކަން ފެށިއެވެ. ޒުހާގެ ތުއްތު ބޭބީއާއި މަންޝާއާއި އެކީ ނަގާފައިވާ ފޮޓޯތަކެވެ. ހެވިދިލިފައި މަންޝާ އެ ފޮޓޯތަކަށް ބަލަން އޮތް ގޮތް ފެނުމުން އަޒީމްވެސް އެކަހަލަ ބޭބީއެއް ބޭނުންވިއެވެ. އެވަގުތު ކަމެއް ނުކުރެވި އޮތްކަން އަޒީމްގެ ހަނދާނަށް އައެވެ. މަންޝާގެ ޕްރެގްނެންސީ ޓެސްޓް ރިޕޯޓްތައް ނުނަގާ ހުރިކަމެވެ.

ޒުހާގެ ބޭބީއަށް ތައުރީފް ކުރުމަށްފަހު އަޒީމް ދެލޯ މަރާލީ ވެފައި ހުރި ވަރުބަލިންނެވެ. ބޭބީއެއް ހޯދުމުގެ ވާހަކަ އަޒީމް އިސްނަގައި ނުދެއްކީ އެވާހަކައިން މަންޝާގެ ހިތަށް ތަދުވެދާނެތީއެވެ. އަޒީމް ގަބޫލުކުރާ ގޮތުގައި އަދި އެމީހުންނަށް އެކަމުގެ ވަގުތު އައިސް ނުޖެހެނީއެވެ. ދެލޯ މަރާލައިގެން ހިމޭނުން އޮތް އަޒީމް ފެނުުމުން އޭނާއަށް އުނދަގޫނުކޮށް މަންޝާ އޮތީ ފޯނުން ގޭމެއް ކުޅޭށެވެ. ނަމަވެސް ގޭމަށް މާބޮޑު ސަމާލުކަމެއް ދެވޭ ގޮތެއް ނުވިއެވެ. މީރާގެ ވާހަކަ ދެކެވުމުން މަންޝާގެ ސިކުނޑިއަށް އައީ އެތައް އަހަރުތަކެއް ކުރީގެ ހަނދާންތަކެކެވެ.

*** *** *** *** *** ***

އާދައިގެ މަތިން ކޮންމެ ދުވަހަކު ކޮލެޖަށް އަންނަ މަންޝާ ކޮލެޖަށް ނުގޮސް ގޭގައި މަޑުކޮށްގެން ހުރުމުން ކްލާހުގައި މަންޝާއާއި އެންމެ ގާތްކޮށް އުޅޭ ކުދިންތައް އެކަމާ ވަރަށް ކަންބޮޑުވިއެވެ. މަންޝާ ބަލިވީތޯ ބަލަން އެމީހުން އެތައް ފަހަރަކު ގުޅުމުންވެސް މަންޝާ އެއިން ކޯލަކަށް ޖަވާބެއް ނުދިނެވެ. އެންމެ ފަހުން މަންޝާ ދިރިއުޅޭ ގެއަށް މީރާއާއި ނައުމާ ދިޔައީ ވީ ގޮތެއް އޮޅުން ފިލުވުމުގެ ބޭނުމުގައެވެ.

އެންމެ ފަހުގެ ފެޝަނަށް ހެދުން އެޅުމަށް ލޯބިކުރާ މީރާއަކީ މާލެއަށް އުފަން ކުއްޖެކެވެ. ހިތްހެޔޮ، މީހުންނާ ގުޅޭ އަޚްލާގީ ރީތި ސިފަތަކެއް ލިބިފައިވާ މީރާއަކީ މަންޝާގެ ވަރަށް ގާތް އެކުވެރިއެކެވެ. މީރާއަށް އެކަނި އެގެއަށް ދާންނުކެރުމުން އެ ކުލާހުގައި ހުންނަ އެންމެ ބަސްމަދު މަޑުމައިތިރި ނައުމާ ގޮވައިގެން އޭނާ ދިޔައެވެ.

ގޭގެ ދޮރުގައި ދެތިންފަހަރު ޓަކި ޖެހުމުން މަންޝާ ދޮރު ހުޅުވާލިއެވެ. ގޭގެ ދޮރުމަތީގައި ތިބި ދެ އެކުވެރިން ފެނުމުން މަންޝާގެ މޫނު މައްޗަށް ކަންބޮޑުވުމުގެ ކުލަވަރު ފެތުރިގެން ދިޔައެވެ. ބަލާކަށްނުހުރެ ދޮރުން އެތެރެއަށް މީރާ ދެމިގަތެވެ. ޖެހިލުންވެ ބޭރުގައި މަޑުކޮށްގެން ހުރި ނައުމާ ގާތު އެތެރެއަށް ވަންނާށޭ ބުނެލީ މީރާއެވެ. މީރާގެ ފަހަތުން ނައުމާ ގޭތެރެއަށް ވަނުމުން މަންޝާ ބޭރު ދޮރު ލައްޕާލަމުން ސިޓިންގެ ރޫމްގެ ފަންކާ ޖައްސާލިއެވެ.

“ކިހިނެއްވީ މިއަދު ކުލާހަށް ނުދިޔައީ؟… ބަލީތަ؟…” މީރާ ސުވާލު ކުރަމުން މުޅި ގޭތެރެއަށް ވަށައިގެން ނަޒަރު ހިންގާލިއެވެ.

ސިޓިންގް ރޫމުތެރޭގައި އިށީންނަން ހުރި ދެ ގޮނޑީގެ ސޯފާގައި އިށީނދެ މަންޝާގެ މޫނަށް ފުން ނަޒަރަކުން މީރާ ބަލާލިއެވެ. ދެލޯ ދުޅަވެފައި ހުރުމުން ގިނައިރުތަކެއް ވަންދެން މަންޝާ ރޮއިފައި ހުރިކަން މީރާއަށް އެނގުނެވެ. ކަމެއް ނުވެޔޭ ބުނެ ދެއަތަށް މަންޝާ ބޯ ހޫރާލިއެވެ. މީރާ އިތުރު ސުވާލެއް ނުކޮށް އަތްދަބަސް ތެރެއިން ގަނޑުތަކެއް ނަގާ މަންޝާގެ އަތަށް ދިއްކޮށްލިއެވެ.

“އެސައިންމަންޓް ސުވާލު ކަރުދާސް ތީ… މަންޝާގެ ގަނޑު ހިފައިގެން މިއައީ…. މިގޭތެރޭ ހާދަ މީހެއް ނެތޭ؟… ކޮބާ މުނީރައްތަ؟…” ވަށައިގެން ގޭތެރެއަށް މީރާ ނަޒަރު ހިންގާލީ މީހެއްގެ ހިލަމެއް ނުވާތީއެވެ.

“އަފްނާން ބަލިވެގެން ލަންކާއަށް ގޮސްވީ…” މަންޝާ ވާހަކަ ދެއްކި އިރު އޭނާގެ އަޑު ހުރީ ކުރެހިފައެވެ. ހީވަނީ ރޯގާ ޖެހިގެން އަޑު ގޮއްސަ ހުރި ހެންނެވެ. “މީރާ ބަލީތަ؟… އަޑަށް ކިހިނެއް ހަދާފަ ތިހުރީ….” މަންޝާގެ ދުލުން ޖަވާބެއް ލިބޭތޯ އަނެއްކާވެސް މީރާ ސުވާލުކޮށްލީ މަންޝާ ކުލާހަށް ނައީ ކޮންމެވެސް ކަމެއް ދިމާވެގެންކަން މީރާއަށް އެނގިހުރެވެ.

“ހޫންން.. ރޯގާ ޖެހިގެން މިއުޅެނީ… އެހެންވެ އަޑު ހަލާކުވެފަ މިހުރީ….” މަންޝާ މަސައްކަތް ކުރީ އެތައް ކަމެއް ސިއްރު ކުރާށެެވެ. މީރާއާއި ހަތަރުކަޅި ހަމަނުކޮށް ވާހަކަ ދައްކަމުން ދިޔައީ ކަމެއް ފޮރުވަމުންނެވެ.

“އޯހް… ގެޓް ވެލް ސޫން… މުނީރައްތަ ލަންކާއަށް ދިޔައީ ހުރިހާ ކުދިން ގޮވައިގެންތަ؟… ކޮން އިރަކުން އެމީހުން އަންނަނީ؟… މަން އެކަނިމާ އެކަނި ގޭގައި ހުންނަން ހާދަ ފޫއްސެއް ވާނޭދޯ!…” ސޯފާއިން ތެދުވަމުން މީރާ އެހެން ބުނެލީ އަތުތެރޭގައި އޮތް އޭނާގެ ފޯނުން ގަޑި ބަލަމުންނެވެ.

“ނޭނގެ އަންނަ ދުވަހެއްވެސް… ކުޑަ ދެމީހުން ބަހައްޓާފަ ދިޔައިީ.. އެމީހުން ވީ ސްކޫލުގަ…” މަންޝާ ޖަވާބު ދިނުމުން މީރާމެން އަވަހަށް ދާން ޖެހޭކަމަށް ބުނަމުން އެގެއިން ނުކުތެވެ. އެމީހުން ދިޔުމުން މަންޝާއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ގޭގެ ބޭރު ދޮރު ތަޅުލުމަށްފަހު ކޮޓަރިއަށް ވަދެ ގަޑިއަށް ބަލާލީ އަމާންއާއި އީމާން ބަލާ ދާންޖެހޭ ގަޑިއަށް ވިސްނާލުމަށް ފަހުގައެވެ.

ތިން ދޮރުުފަތުގެ އާދައިގެ އަލަމާރީގެ މޫނު ބަލާ ލޯގަނޑު ކުރިމަތީ ހުރެ ލައިގެން ހުރި ކަޅުކުލައިގެ ކުރުތާ ބޭލިއެވެ. އަދި ނިއުޅުވާލާފައިވާ އިސްތަށިގަނޑު އެއްފަރާތުން ގެނެސް ކޮނޑުމަތިން ކުރިމައްޗަށް ވައްޓާލުމަށްފަހު ލޯގަނޑުން މަންޝާގެ ބުރަކައްޓަށް ބަލާލިއެވެ. ވަކިތަކެއް ފަދައިން ބުރަކަށިގައި ހަލާކުވެފައި ހުރި ތަންތަނުގައި އަތް ހާކާލެވުނެވެ. ލައިގެން ހުރި ބެލްސްގެ ޒިބު ކަހާލުމުން ބެލްސް މުޅިންހެން ހަށިގަނޑުން ވަކިވެ ފައިދަށަށް ވެއްޓުނެވެ. ފައިގެ ފަލަމަސްގަނޑުގައި ނޫފައިގެންފައިވާ ތަންތަނަށް ބަލާލެވުނެވެ. މަޑު ފިޔަވަޅުތަކެއްގައި ކުރިޔަށް ހިނގަމުން އައިސް ލޯގަނޑަށް މަންޝާގެ ހޫނު ނޭވާ އެޅޭހާ ކައިރީގައި ހުއްޓުނެވެ. އަމިއްލަ ސޫރައަށް ބަލަން ހުރެ ލޯގަނޑުން ފެންނަމުން ދިޔަ މަންޝާގެ ސޫރައިގައި އަތް ހާކާލެވުނެވެ.

މަންޝާގެ ލޯވަނީ ދުޅަވެފައެވެ. ލޮލުގެ ރަވައިގައި ރަތްކަމެއް ހުރިއިރު މަންޝާގެ ނޭފަތް ވަނީ ބެދިފައެވެ. ކޮޓަރީގެ ދޮރު ބިއްދޮށުގައި ހެދުން އަޅުވަން ހުރި ތަނުގައި ހުރި މަންޝާގެ ތުވާލި ނަގައިގެން ފާޚާނާއަށް ވަންނަން ދިޔައީ ގައި ދޮވެލާށެވެ. ސްކޫލު ދޮށަށް ދާން ތައްޔާރުވެގެން ކޮޓަރިން ނުކުންނަން ދޮރު ހުޅުވާލި އިރު މޫނާމޫނު ޖެހޭހަ ކައިރީގައި މީހަކު ހުއްޓެވެ. ސިއްސައިގެން ގޮސް މަންޝާއަށް ފަހަތަށް ޖެހެވުނެވެ. އއެމީހާއާއި ދިމާލަށް ރަނގަޅަށް ބަލާލެވުނީ ކާކުތޯ ޔަގީން ކުރާށެވެ.

މަޖާ ވެލާފައި ހިނިގަނޑެެއް ޖަހާލަމުން ހަސންބެ ވާހަކަ ދެއްކިއެވެ. “އަމާންމެން ބަލާތަ ތިދަނީ؟…. ހަސަންބެ މިއައީ ހެދިކާ ކޮޅެއްވެސް ގަނެގެން…. އެކުދިން ސްކޫލުން ގެނެސް ސައިހަދާލާ އިނގޭ….”

ހަސަންބެ ދިއްކޮށްލި ހެދިކާ ކޮތަޅުގައި ހިފަމުން މަންޝާ ހިނގައިގަތީ ބަދިިގެއާއި ދިމާލަށެވެ. މޭޒުމަތީ ހެދިކާ ކޮތަޅު ބެހެއްޓިއެވެ. ފެން ކައްކަން ޖައްސާލުމަށްފަހު މަންޝާ އަވަހަށް ދިޔައީ ސްކޫލު ދޮޮށަށެވެ. ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު ގެއަށް އައިސް ހަސަންބެ ވަނީ ފާޚާނާއަށް ފެންވަރާށެވެ.

ސްކޫލުން އެކުދިން ގެނެސް އެކުދިންނަށް ހަވީރުގެ ސައި މަންޝާ ތައްޔާރު ކޮށްދިނެވެ. އޭރު ހަސަންބެ އިނީ ޓީވީ ބަލާށެވެ. ކުދިން ސައިބޮއެގެން ކާޓޫން ބަލަން ސިޓިންގް ރޫމަށް ދިޔުމުން ހަސަންބެއަށް ސައި ހެދުމަށްފަހު ސައިބޯން އައުމަށް ގޮވީ މަންޝާއެވެ. ހަސަންބެ ބަދިގެއަށް އައުމުން މަންޝާ މޭޒުދޮށުން ދުރަށް ދާން ހިނގައިގަތެވެ.

އެވަގުތު ހަސަންބެ ވާހަކަ ދައްކަން ފެއްޓިއެވެ. “މަންޝާ… އާދޭ ބޭބެއާއި އެކީ ސައިބޯން… މިއަދު ދައްތަ ގުޅި ބުނި މިހާރު އަފްނާނުގެ ހުރިހާ ޓެސްޓުތަކެއް ހަދައިފީމޯ… ދެން ވަރަށް އަވަހަށް އޮޕަރޭޝަން ކުރުމުގެ ކަންތައް ހަމަޖެހޭނެ…”

“ކޮބާ މިއަދު ބޭސް ކައިފިންތަ؟..” މަސް ރޮއްޓަކުން އެތިކޮޅެއް އަތުން ވަކިކޮށްލާ، އޭތިކޮޅު އަނގަޔަށް ލަމުން އަނެއްކާވެސް ހަސަންބެ ވާހަކަ ދެއްކިއެވެ.

ޖަވާބުގައި މަންޝާ ބޯ ޖަހާލިއެވެ. ހަސަންބެއަކީ މުނީރައްތަގެ ފިރިމީހާއެވެ. އާއިލާ އެއްކޮށް ލަންކާއަށް ދިޔުމުން ބޮޑު ޚަރަދެއް ހިނގާނެތީ، އަފްނާން ބޭސް ފަރުވާއަށް ގޮވައިގެން ދިޔައީ މުނީރައްތަ އެކަންޏެވެ. ލަންކާގައި އާއިލާ ބަޔަކު ދިރިއުޅޭކަންވެސް އެއީ ނަސީބެކެވެ. އެހެން ނޫންނަމަ އެފަދަ ބޮޑު ކަމަކު ގޮސް ލަންކާގައި އެކަނިމާ އެކަނި އެ ދެމައިން އުޅޭނީވެސް ކިހިނަކުން ހެއްޔެވެ.

ސައިބޮއި އަވަދިވުމުން މަންޝާ އުޅުނީ އަމާންއާއި އީމާންގެ ފިލާވަޅުތައް ހެދުމުގައި އެހީތެރި ވެދޭށެވެ. ކުދިންގެ ފިލާވަޅުތައް ހަދާ، ދަސްކުރަންޖެހޭ ފިލާވަޅުތައް ކިޔުއްވައި، އެކުދިންނަށް ރޭގަނޑުގެ ކެއުން ދިނުމަށްފަހު މުނީރައްތަ ނިދާ ކޮޓަރީގައި ނިންދަވަން ބޭއްވިއެވެ. ކުދިން ނިދުމުން މަންޝާ އަވަސްވެގަތީ މީރާމެން ގެެނެސްދިން އެސައިންމަންޓް ސުވާލު ކަރުދާސް ކިޔާލުމަށެވެ.

ފޮތްތައް ހިފައިގެން ސިޓިންގް ރޫމް މޭޒު ދޮށުގައި އިށީނުމަށްފަހު އެސައިންމަންޓް ކިޔާލިއެވެ. ދިހަ ވަރަކަށް ބައި ފުރިހަމަ ކުރަންޖެހޭ އެ އެސައިންމަންޓުގެ ފުރަތަމަ ހަތަރު ބަޔަކީ ކުލާހުގައި ކިޔަވާ ދެމުންދާ ތިއަރީބައި ހިމަނައިގެން ހަދަންޖެހޭ ސުވާލުތަކެކެވެ. ބާކީ ހުރި ބައިތަކަކީ އިންޓަރނެޓް މެދުވެރިކޮށް ދިރާސާކޮށްގެން ހަދަންޖެހޭ ބައިތަކެވެ. އެހެންކަމުން ފުރަތަމަ ހަތަރު  ސުވާލު ހަދާ ފުރިހަމަ ކުރުމަށް ކްލާހުން ދީފައިވާ ނޯޓްސް ތަކާއި އެކީ މަންޝާ މޭޒުދޮށުގައި އިށީނެވެ.

ވަގުތު ދިޔަ ގޮތެއްވެސް ނޭނގެއެވެ. ހަސަންބެ ވެސް ކޮޓަރިއަށް ވަދެ ނިދައިފިއެވެ. ގަޑިން ރޭގަނޑު އެގާރަ ޖެހުމާއި އެކީ މަންޝާގެ ފޯނު ރިންގް ވާން ފެށިއެވެ. އެ އަންނަނީ ކާކުގެ ކޯލެއްކަން މަންޝާއަށް ޔަގީން ވިއެވެ. އަވަހަށް ފޯނު ނެގީ އަޒީމްއާ ވާހަކަ ނުދެއްކި ގިނަ އިރުތަކެއް ވެފައިވުމުން ނެވެ.

“ހެއި ދޫންޏާ… ކިހިނެއްތަ؟… ޑިއުޓީގައި ވަރަށް ބިޒީކޮށް އުޅެން ޖެހުމުން މަންއަށް ގުޅޭ ގޮތް ނުވީއޭ….” އަޒީމް ވާހަކަ ދެއްކީ ވަރަަށް ލޯބިންނެވެ.

ފުރަތަމަ ފަހަރަށް އެ ދެމީހުން ދިމާވީ ވަރަށް ބޯކޮށް ވާރޭ ވެހުނު ރެއެއްގައެވެ. އެދުވަހަށް ފަހު މަންޝާ ފެނޭތޯ ކޮލެޖް ކައިރިއަށް ގޮސް އޭނައާ ބައްދަލުކޮށް އަޒީމްއާ މަންޝާގެ މެދުގައި ވަރަށް ގާތް އެކުވެރިކަމެއް އުފެދިގެން ދިޔައެވެ. މަންޝާގެ ކިޔެވުމުގެ ފަހު ސެމެސްޓަރ ފެށުމާއި އެކީ އަޒީމްގެ ހުށައެޅުމަށް މަންޝާ އެ އުޅެނީ ލޯބީގެ ގޮތުން އަޒީމްއާއި ގުޅިގެންނެވެ. ކޮންމެ ދުވަހަކު ދިމާ ނުވިކަމުގައި ވީނަމަވެސް އަޒީމް މަންޝާގެ ހާލުބަލާ ގުޅާ ހަދައެވެ. ޑިއުޓީ ނޯންނަ ދުވަސްތަކުގައި މަންޝާ ކޮލެޖަށް ގެންގޮސް ގެނެސްދީ ހަދަނީ އަޒީމެވެ.

“ރަނގަޅު… ވަރަށް މިސްވެފައޭ މީނީ… އަޒީމް ކައިފިންތަ؟…” ހިނިތުންވެ ހުރެ މަންޝާ އަޒީމްއާ ސުވާލުކޮށްލިއެވެ.

“އާން ކައިފިން… އަދިވެސް ރޯގާ ގަނޑު ރަނގަޅުވާ ގޮތެއް ނުވޭތަ؟… ރަނގަޅަށް ގަޑިން ގަޑިއަށް ބޭސްކަންތަ؟…” މަންޝާގެ އަޑުގައިވާ ކުރަކިކަން ފާހަގަވުމުން އަޒީމް އަހާލިއެވެ.

“އާން ބަރާބަރަށް ބޭސްކަން… އެ ބޭސްތައް ކާތީ މިއަދު ހޭލެވުނީވެސް ވަރަށް ލަހުން… އެހެންވެ ކޮލެޖަކަށްވެސް ނުދެވުނު….” މަންޝާ އިނީ މިއަދު ކޮލެޖަށް ނުދެވުނީމަ އެކަމާ ވަރަށްބޮޑަށް ދެރަވެފައެވެ.

“އެހެންތަ؟… އެހެންވެއްޖިއްޔާ މިރޭ ދެންދޭ އަވަހަށް ނިދަން… ދެން ބުރާސްފަތި ދުވަހުގެ ރޭ ވާހަކަ ދައްކާނީ… މުނީރައްތަ ލަންކާއިން އައިމަ ވާނެ ޑިނަރ އަކަށްދާން… ދެން ބޭއްވީ އިނގޭ… ގުޑްނައިޓް ލަވް…. މިސްވޭ ބޮޑުކޮށް…”

“މިސްޔޫ ޓޫ… ގުޑް ނައިޓް…”

ފޯނު ކަނޑާލުމަށްފަހު މަންޝާ ގޮނޑިންތެދުވެ ފޮތްތައް ހިފައިގެން ކޮޓަރިއަށް ދާން ހިނގައިގަތެވެ. ކޮޓަރިއަށް ވަދެ މަންޝާގެ ފޮތްތައް ބަހައްޓާފަ ހުންނަ ކަނުގައި ފޮތްތައް ބަރިއަކަށް ބަހައްޓާލިއެވެ. ހެދުން ބަދަލުކުރަން ގައިން ހެދުން ވަކި ކޮށްލުމުން އަނެއްކާވެސް ގައިގަހުރި ވަކިތަކާއި ނޫފައިގެންފައިވާ ތަންތަން ފެނުމުން މަންޝާގެ ހިތަށް ވެރިވީ ބިރުވެރިކަމެވެ.

“މީ ކޮން ކަންތައް ގަނޑެއްބާ؟… ގައިމު އަހަރެންގެ ނިޔަފަތިވެސް ކަނޑާފަ ހުންނާނީ…. ދެން މީކޮން ވަކިތަކެއް؟….” ހިތާހިތުން އެތައް ސުވާލުތަކެއް ކުރަމުން ދިޔައީ އެކަމަކީ މަންޝާއަށް ނޭނގި ހިނގާފައިވާ ކަމަކަށް ވާތީއެވެ. އެކަމުގެ ހަޤީގަތް ބަލަން ބޭނުންވިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (23)

  1. Shahi

    Shaz miepisode kiyaafa neyvaahifahahtaa lanves dhathivefa aslu mihury vvvvvvvv salhi

    1. Shax Lyn
      Shahi

      ehntha… thanks Shahi… ei vaahaka nimmaalaafa in hisaabun veegotheh dhw… 🙂

  2. Shaax

    V reethi…maazeega vs mansha ah ebiruveri kamaa dhimaa v tha…alhe v ehen nahadhachey..hehehe…waiting ige..luv ur story????

    1. Shax Lyn
      Shaax

      thanks Shaaz… thanks for reading regularly… <3

  3. AAA

    Dhen thi hunaahaa ves reecheh noon. Hus haasaru

    1. Shax Lyn
      AAA

      ooh… sorry if u felt its haasaru :/

  4. shimayaa

    Mi baiga maa manxaru dhigukann fahaga kurevey, bt stry v nice, waiting 4 next part,

    1. Shax Lyn
      shimayaa

      Thanks…. 🙂

  5. shiff

    varahhh salhi… past and prsnt gulhuvaalaafa huri goi varah furihama… ur the best.. enmme intrestin hisaabun miothy nimmaalaafa dho.. waitin to read next part ?

  6. Ammadey

    waiting for monday. 😀

  7. Laala

    Haasaru hen heevaa meehun story nukyma hunnaany rangalhah..story v reethi ingey shax..

  8. Addukalo

    Kada maaa kuru

  9. nadhuwa

    vaahaka hama obiness ☺ baei meehunnan vaahaka get nuveema heevaanee haasaruhen…but as a reder i wud like to knw every lil part of mansha’s..eyrun vaahaka nimeyiruuga javaabu nulibey suvaalei neenaanee dhw..n shax explains dat v well…its a truly remarkable work dat u r doing…i really appriciate de hard work dat u n every other writer is doing…especially those who upload it within de days they told b4 n without any delay…thanks to all writers
    n mi part ah dheynee????

  10. ken?

    haasaruhen heevaa meehun vaahaka kiyumun break ei nagan fennanee…cux i think dix story is awesome…✌ n n btw story get nuvanyaa heevaanee haasaruhen..

  11. zee?

    Vaahaka getu nuvaane medhu thereyn kiyanyaaa…. I even started reading this story lately ekamu fahttaigen kee… This is an awsome story hama habeys ey buneveyneeee…. ???? ???? ????

  12. Aimsithu

    Vaahaka hama varah obines.. keep it up grl

  13. Haby

    Vaahaka varah reethi … waiting for the next part.

  14. shama shuaib

    varah reethi…..thee hama inspiration eh vaahaka liyaa kudhinnah…

  15. Mohammed

    Varah reethi hama varah ves reethi

  16. suzan

    Varah reethi..lov ur story shaax

  17. Zully

    Varah shakku kurevey hassanbeyaa dheytherey…. He’s doing that dhw….. Vaahaka varah salhi….. Ur mlan amazing writer… Hithah araa komme dhuvahaku episode eh kiyaalan libeyne namaey… But I appreciate weekly twice regularly up kohdheythy… Amazing.. Amazing work

  18. jaxx

    your a amazing writer shaax……..v salhi

  19. feel

    ޔަހުޔާ ކަހަލަވާހަކަޔެއް

Comments are closed.