އަޒުމީލު އަކީ ގޮތްދޫ ނުކުރާ ގޮތެއް ހުއްޓަސް އަޒުމާ މާ ގިނައިން ކިޔަން ފެށުމުން އަބަދު ވެސް އަޒުމާގެ ބަހަށް ދެބަސް ވާ ކުއްޖެއް ނޫނެވެ. އަޒުމާ އަޒުމީލުގެ މޫނަށް ބަލައިލަމުން ބޯ ޖަހާލި އެވެ. އަދިވެސް އަޒުމީލު ފައުޒާންއާއި ސަލާން ކުރާކަށް ނޫޅެ އެވެ.

އެންމެ ފަހުން އަޒުމާ ގޮސް އަޒުމީލުގެ އަތް ޖިންސު ޖީބުން ގަދަކަމުން ނަގާ ފައުޒާންއާއި ދިމާއަށް ދިއްކުރުވި އެވެ. ފައުޒާން އަޒުމީލުގެ އަތުގައި ހިފައިގެން އަޒުމީލުގެ މޫނަށް ބަލަން ހުއްޓެވެ. އަޒުމީލު ވެސް ހުރީ ފައުޒާންގެ މޫނަށް ބަލާށެވެ.

“އޭ ޒާން. ހަގީގަތް އެނގޭ ނަމަ ތިއަތެއް އަހަންނާ ސަލާން ކުރާކަށް ޒާންއެއް ނުދިއްކުރީސްކަން ޔަގީން. ހަގީގަތް އެނގޭ ނަމަ ޒާން އެންމެ ރުޅި އަންނަ މީހާއަށް އަހަރެން ވާނެ. ދަޅަ ދައްކައިގެން މާ ރަގަޅު މީހަކަށް ވެގެން އުޅޭކަށް އަހަރެން ބޭނުމެއް ނޫން.” އެވަގުތު އަޒުމީލުގެ ހިތަށް އަރަމުން ދިޔަ އެއްޗިހި ދުލުން ބޭރު ވާނަމައޭ އަޒުމީލު ހިތަށް އެރި އެވެ.

ކުއްލިއަކަށް ފައުޒާން އަޒުމީލުގެ އަތުގައި ހިފާ ދަމައިގަނެ އަޒުމީލު ގަޔާ ކައިރި ކޮށްލި އެވެ. އަދި އަޒުމީލުގެ ގައިގައި އޮޅުލައި ގަތެވެ. އަޒުމީލު ހުރީ ހައިރާންވެ ހަދާނެ ގޮތް ނޭގިފަ އެވެ. އަޒުމާ އުފަލުން ދެއަތް ޖަހާލަމުން ހީލި އެވެ. ފައްވާޒްއާއި މާޒް ތިބީ ގަބޫލު ނުކުރެވިފަ އެވެ.

“މަށަށް ހުރިހާ ވާހަކައެއް ކިޔައި ދިނީމަ މިކަމަށް ހައްލެއް އަންނާނީ އިނގޭ. ތިގޮތަށް އަބަދު ދުރު ދުރުން އުޅުމަކުން މިކަންތައް ހައްލެއް ނުވާނެ،” ފައުޒާން އަޒުމީލުގެ ކަތްފަތް ދަށުގައި ބުނަމުން ދިޔަ އެވެ. “ފަހުން ވެދިޔަ ހުރިހާ ކަމެއްގެ ތަފްސީލު މަށަށް ޖެހޭނެ ކިޔައިދޭން.” ފައުޒާން އަޒުމީލުއާއި ދުރު ވެލި އެވެ. އަދި އަޒުމީލުއަށް ހިނިތުން ވެލި އެވެ. އަޒުމީލު ވެސް މިފަހަރު ދުރު ބަލާކަށް ނަހަދަ އެވެ. ބޯ ޖަހާލަމުން ހިނިތުން ވެލީ ކޮންމެ ގޮތެއް ވިއަސް ފައުޒާންއަށް ހުރިހާ ވާހަކައެއް ކިޔައިދޭން ހިތުގެ އަޑިން ނިންމަމުންނެވެ.

“އޯކޭ. މިހާރު ރަގަޅު. ދެން ހިނގާ އަވަހަށް ގެއަށް ދަމާ. ހާދަ ހޫނު ވެސް ވާން ފަށައިފި ޔޭ.” އަޒުމާ ބުންޏެވެ. ފައްވާޒް އަވަހަށް ކާރެއް ހޯދަން މަސައްކަތް ފެށި އެވެ. އަޒުމީލު އާއި ފައުޒާން އެކަކު އަނެކަކަށް ހިނިތުން ވުމެއް ބަދަލު ކޮށްލި އެވެ. މާޒް އެމަންޒަރު ބަލަން ހެވިފައި ހުއްޓެވެ.

އެދުވަހު އަޒުމާ އައުމުން ހީވީ އެގޭގެ ހުރިހާ ބަޔަކަށް އުޖާލާ ކަމެއް ގެނުވި ހެނެވެ. އެކި ބައިތަކަށް އެކިއިރު ވަދެ މުޅިގެ ހަލަބޮލި ކޮށްލައިފި އެވެ.

އެންމެ ފުރަތަމަ އަޒުމާ ގެއަށް ވަދެ އަޒުކާއާއި ޝަކީލާ ގައިގަ ބައްދަ ބައްދާފައި އެކި ވާހަކަ ކިޔައިދެމުން ދިޔަ އެވެ. ކިޔަވަން އަޒުމާ އާއި އެކު އުޅުން ރައްޓެހިންގެ ވާހަކައާއި ދިމާވެފައި ހުރި އެކި ކަހަލަ ކަންތަކުގެ ވާހަކަ އެވެ. ބަދިގޭ މަސައްކަތުގައި ޝަކީލާއާއި އަޒުކާ އުޅެމުން ދިޔައީ އަޒުމާގެ ވާހަކަ އަޑު އަހަމުންނެވެ.

ނަދުވާމެން ބަޔަށް ދިޔައިރު ނަދުވާ އަރާމުގައި ސޯފާގައި އޮށޯވެލައިގެން އޮތެވެ.

“އާޗާ! މީނަ މީ މިގޭގަ އެންމެ މޮޅަށް ކައްކަން ދަންނަ މީހާ ކަމަށް އަޑު އަރުވާފަ ވާއިރު އެންމެ ކަންނެތް މީހާ އަކީވެސް މީ. ތުއްތަ އެކަނި ބަދިގޭގަ އުޅޭއިރު މީނަ އައިސް މިތަނަށް ވެޑިފަ މި އޮންނަނީ ރޯދަ ކުރުކުރަން ދޯ.” ސޯފާ މައްޗަށް ވެއްޓި ގަންނަމުން އަޒުމާ ބުންޏެވެ.

“އަޒޫ. އާދެބަލަ.” ބަދިގެއިން ނަދީމާ ގޮވާލި އަޑު އިވުނެވެ. “ތުއްތަ އެކަންޏެއްނޫނޭ މި އުޅެނީ. މިގެއަށް މެއިޑެއް ގެނެސްގެން މި އުޅެނީ.” ނަދީމާ އެހެން ބުނެ ނިމުނު އިރު އަޒުމާ ބަދިގެ އަށް ވަދެއްޖެ އެވެ. އޭރު ނަވާ ގޮނޑިއެއްގައި ބައިންދައިގެން ނަދީމާ ނަވާއަށް އެއްޗެއް ކާންދޭން އުޅެ އެވެ.

“ނަވާ؟ އަދިވެސް ބޮޑެއް ނުވޭތަ؟ ނަވާ ރޯދައެއްވެސް ނޫންތަ؟ މަންމަ އަތުންތަ ނަވާ އަދިވެސް ކަނީ؟” އަޒުމާ ބަދިގެއަށް ވަދެ ނަވާ ގައިގައި ބައްދާލަމުން ބުންޏެވެ. އޭރު އެގޭގަ އުޅޭ ލަންކާ ކައްކާ މީހާ ކޮންމެސް އެއްޗެއް ކައްކަން އުދުން ކައިރީ ހުއްޓެވެ.

“އަޒޫ، ނަވާ ރޯދައަށްށޭ ހުރީ. އެކަމަކު ހޮޑު ލެވުނީ. އެހެންވެ އެއްޗެއް ކާންދޭން މި އުޅެނީ. ނުކާންވެގެން ނަވާ އުޅެނީ. ނަވާ މިހާރަކަށް އައިސް އަބަދު ބަލިވެ އުޅެނީ. ޑޮކްޓަރަށް ދައްކާ ދައްކާ ދުވަހަކު ވާގޮތެއް ނޭނގެ އެމީހުންނަކަށް.” ހިތްހަމަ ނުޖެހިފައި ހުރި ނަދީމާ ބުންޏެވެ.

“ނަވާ، އަވަހަށް ކާލާ،” އަޒުމާ ވެސް ނަދީމާއާއި ބައިވެރި ވެލަމުން ނަވާއަށް ބުންޏެވެ. “ދެން ބޭރަށް ދާން ވީނު ޑޮކްޓަރަށް ދައްކާލަން.” އަޒުމާ ބުންޏެވެ.

“ރޯދަ މަސް ނިމުނީމަ ބޭރަށް ދާން މިއުޅެނީ. ތުއްތަބެއަށް ދެވޭނީ އެހާތަނުން.” ނަދީމާ ދެރަ ވެލާފައި ބުންޏެވެ. އަޒުމާ ބޯ ޖަހާލި އެވެ.

“މިދަނީ ކުޑައްތަމެން ބަޔަށް ވަދެލަން ދެން. އަދި އަންނާނަން.” އަޒުމާ ބަދިގެއިން ނިކުންނަން ހިގައި ގަންނަމުން ބުންޏެވެ.

“އޭ، ހިންގާ ކުޑައްތަމެން ބަޔަށް ވަދެލާފަ އަންނަން.” ސޯފާގައި އޮތް ނަދުވާ ކައިރިއަށް އަޒުމާ އައިސް ބުންޏެވެ.

“ނަދޫ ނުދާނަން، ދޮންތަ ދޭ.” ނަދުވާ ބުންޏެވެ.

“އެއީ ކީއްވެ؟ ދެން ހިނގާ ބަލަ. ޒާންއާ ރުޅީތަ؟ އެގެއަށް ގޮސް ކަމެއް ކުރަން ޖެހިދާނެތީތަ؟ މިހާރު ނަދޫއަކާ ނުޖެހޭނެނު އެބައުޅޭނު ވާޒް ދޮންބެގެ ވައިފް.” އަޒުމާ ބުންޏެވެ.

“ދެން ދޮންތަ ދޭބަލަ. ނަދޫ ހަމަ ދާކަށް ބޭނުމެއް ނޫނޭ.” ނަދުވާ ގަދަ ހަދާލި އެވެ.

“ނަދޫ ގޮވައިގެން މިއަދު ދާނީ. އެހެންނޫނީ މިރޭ ވިއަސް މިތާ އިންނާނީ ރޯދަވެސް ނުވިއްލަ.” އަޒުމާވެސް ގަދަކޮށްލި އެވެ. އަޒުމާ ގަދަ ކޮށްލައިފިއްޔާ ސަލާމަތެއް ނުވެވޭނެ އެވެ. އަޒުމާގެ ބަހުގައި އަޒުމާ ހިފަހައްޓާނެކަން ނަދުވާއަށް ވެސް އެނގެ އެވެ.

“އޯކޭ..އޯކޭ،” ނަދުވާ ސޯފާއިން ތެދުވަމުން ބުންޏެވެ. “އަންނާނަން ބޯމާން ކޮށްލައިގެން.” ނަދުވާ ބުންޏެވެ.

ނަދުވާއާއި އަޒުމާ އައިސް ހަފީޒާ މެންގެއަށް ވަންއިރު ފައުޒާންއާއި ފައްވާޒް ސޯފާގައި ތިބީ ޓީވީން އެވަގުތު ދައްކަމުންދިޔަ ދަރުސް އެއް އަޑު އަހާށެވެ. އަޒުމާ އައިސް ހުއްޓިލައިގެން ހުއްޓެވެ. ނަދުވާ އަޒުމާ ފަހަތުގައި ބީރައްޓެހި ގޮތަކަށް ހުއްޓެވެ.

“އައްދޭ. ކީއްވެފަ ތިތިބީ؟” ފައުޒާންއަށް ދެމީހުން ފެނުމުން ތެދުވި އެވެ.

“އާދޭ އިށީންނަން.” ފައްވާޒްވެސް ތެދުވަމުން ބުންޏެވެ.

“އަހަރުމެން އިށީންނަން ވީމަ އިށީންނާނަމޭ. މީ އަހަރުންގެ ވެސް ގެޔޭ.” އަޒުމާ ކަރު މައްޗަށް ހިއްލާލަމުން ފޮނި ގޮތަކަށް އެހެން ބުނެލާފައި ބަދިގެއާއި ދިމާއަށް ހިގައި ގަތެވެ. ނަދުވާ އައިސް އިށީނީ ސޯފާގަ އެވެ. ފައުޒާންއާއި ފައްވާޒް އަޒުމާ ފަހަތުން ދިޔައީ ބަދިގެއަށެވެ.

އަޒުމާ ބަދިގެއަށް ވަންއިރު ރިފާ ހަމަ ރޮށި ދަމަމުން ރޮށި ފިހަނީ އެވެ. ހަފީޒާ ހުރީ ކޮންމެސް މަސްގަނޑެއް މޮޑޭށެވެ. ހިބާ ހަމަ ސިންކު ކައިރީ ހުރެ ތަށިތަކާ ތެލިތަކާ އެއްޗިހި ދޮންނަމުން ގެންދެ އެވެ.

“އައްދޭ. މިގެއަށް މިއޮތީ އަދި ރޯދަ އައިސްފަ. މިގޭ ބަދިގެ އެންމެ މަޖަލީ.” އަޒުމާ ބަދިގެއަށް ވަނުމާއެކު ބުންޏެވެ.

“އަޒޫ، އަންނަށްޗޭ ރޯދަ ވިއްލަން.” ހަފީޒާ އަވަހަށް ބުނެލި އެވެ.

“ކުޑައްތާ، މިއަދަކު ތިކަމެއް ނުވާނެ. އެކަމަކު އަންނާނަން ރޯދަ ވިއްލަން،” އަޒުމާ ބުންޏެވެ. “މިހާރު މިއައީ އަހަރުމެންގެ ފަހަރި ބަލައިލަން ވެގެން. މިތަނުން ކޮބާ ފަހަރި؟” އަޒުމާ ހިބާއާއި ރިފާއަށް އިޝާރާތް ކޮށްލަމުން އަހާލި އެވެ.

“އަޒޫ ބުނެބަލަ.” ފައުޒާން ބުންޏެވެ.

“އައްދޭ މާކުރިން މަށަށް ފޮޓޯ ފެނިފައޭ އޮތީ ދެން އެނގޭނެނު.” އަޒުމާ ދެމީހުނަށް ވަރަށް ރަގަޅަށް ބަލައިލި އެވެ. އަދި ކައިރިއަށް ގޮސް ހިބާއާ ދިމާއަށް ގުދުވެލާފައި ބަލައި ލިއެވެ. ހިބާއާއި ރިފާ ހައިރާން ވެފައި ތިއްބެވެ.

“ދެކުދިންވެސް ވަރަށް ރީތި ވަރަށް ކަމުދޭ.” އަޒުމާ ބުންޏެވެ. “ވާޒް ދޮންބެއާ ފަހަރި ވަރަށް ގުޅޭ.” އަޒުމާ ހިނިތުން ވެލަމުން ބުންޏެވެ.

“ހިބާއާ ދިމާއަކަށްނު އެކަމު ތި ގުދުވީ.” ފައްވާޒް ބުންޏެވެ.

“ހިބާއަށް މި ބަލައިލީ ހިބާގެ ވާހަކަ ވަރަށް އިވިފަ ހުރީމަ އަހަރެން ސިފަ ކުރި ގޮތާ ވައްތަރުތޯ.” އަޒުމާ ބުންޏެވެ.

“ދެން ވައްތަރުތަ؟” ފައުޒާން އަހާލި އެވެ.

“ސިފަ ކުރިވަރަށް ވުރެން މާރީތި، އަޒްކާ ހިބާގެ ވާހަކަ ވަރަށް ދައްކާ އެހެންވެ ހިބާ ނުފެނުނަސް ހިބާ ވަރަށް ދަންނަން.” އަޒުމާ ބުންޏެވެ.

“ދެން ރިފާޔޯ؟ ރިފާގެ ވާހަކަ އަޑެއް ނީވޭތަ؟” ފައްވާޒް އަހާލި އެވެ.

“ކީކޭތަ ވާޒް ދޮންބެ ވައިފްއަށް ޒާންމެން ކިޔަނީ، ދޮންބެދައްތަ؟” އަޒުމާ އަހާލި އެވެ.

“އެއީ ދޮންބަތު، ދޮންބަތު ވަރަށް ރަގަޅުވާނެ.” ފައުޒާން ބުންޏެވެ.

“އާން އަޑު އިވިފަ އޮތީ ހަމަ ތިހެން.” އަޒުމާ ރިފާއާއި ކައިރި ވެލި އެވެ. އަދި ރިފާއާއި ދިމާއަށް ބަލައިލާފައި ހީލި އެވެ. “ވާޒް ދޮންބެ ޗޮއިސް ވަރަށް ކަމުދޭ.” އަޒުމާ ބުންޏެވެ. ރިފާ ހިނިތުން ވެލަމުން ރޮށި ފިހުމައިގެން ކުރިއަށް ދިޔައެވެ. އަޒުމާ ހިބާ ކައިރިއަށް އައެވެ. “މީ އަޒްކާގެ ދޮންތަ. ހިބާ ވަރަށް އަހަމެންނު އަޒްކާގެ ދޮންތަ އަންނާނީ ކޮން އިރަކުހޭ. މިހާރު މިހިރީ އައިސް.” އަޒުމާ ބުންޏެވެ. ހިބާ ހީލި އެވެ.

“އާން، ހިބާއަށް އެނގުނޭ ބަދިގެއަށް ވަންތަނުން. ހިބާއަށް ދޮންތަގެ ފޮޓޯ އަޒްކާ ދެއްކިޔޭ. ފޮޓޯއިން ފެންނަ ވަރަށް ވުރެން ދޮންތަ މާރީތި،” ހިބާ ބުންޏެވެ. “ދޮންތަ ވައްތަރީ ފިލްމު ކުޅޭ ކުއްޖަކާ. ބުރުގާ އަޅާލާފަ ހުންނައިރު އަދި ވަރަށް ރީތި. ބުރުގާ ނާޅާ އިރުގެ ފޮޓޯ ވެސް އަޒްކާ ދެއްކި. އޭރު އެކަމު ހީވަނީ ކުޑަ ކުއްޖެއ ްހެން. އެކަމަކު އޭރު ވެސް ލޯބި. މިހާރު އަދި މާ ރީތި. ދޮންތަ އައިމަ ވަރަށް އުފަލުން ދޯ އަޒްކާ އުޅޭނީ. އަޒްކާ އަބަދު ދައްކާނެ ދޮންތަގެ ވާހަކަ ވެސް ހިބާ ކައިރީ. އަޒްކާ…..”

“އާން، ދެން އެއްކަލަ ވާލަކަލޭގެ ގެ ބޮޑު އަނގަ ފެޅީ.” ހިބާ ވާހަކަ ދައްކަމުން ދަނިކޮން ފައުޒާން އެތަނަށް އައިސް ހިބާގެ ވާހަކަ މެދު ކަނޑާލި އެވެ. ހިބާ ފައުޒާންއަށް ލޯ އަޅާލި އެވެ.

“އަޒްކާއާ އެކަންޏެއް ނޫން ދޯ ޒާން ދިމާ ކުރަނީ؟ އެވަރުގެ ހުރިހާ ކުދިންނާވެސް ދިމާކުރަންދޯ؟” އަޒުމާ ހީލަމުން ބުންޏެވެ.

“އަޅާނުލާ ހިބާ. ދޮންތަ ހުއްޓާ ދެން ޒާންއަކަށް ފާޑު ފާޑެއް ނުކުރެ ވޭނެ. ޒާންއާ، އަޒުމީލުއާ ދެމީހުން ވެސް ހިފަހައްޓާލަން ދޮންތައަށް އެނގޭނެ.” ފައުޒާންގެ ކަންފަތުގައި އަޒުމާ ފުއްޓަތްކެއް ޖެހި އެވެ. ފައުޒާން ތަދު ވެގެން ކަންފަތުގައި ފިރުމާލި އެވެ.

“ކުޑައްތައަށް އެނގޭތަ… މިއަދު ޒާންއާ އަޒުމީލުއާ ދެމީހުން އެއްގަލަކަށް އަރުވާފަ ގެއަށް މިއައީ،” އަޒުމާ ފޮނި ވެލާފަ ބުމަ އަރުވާލަމުން ފައުޒާންއަށް ބަލައިލި އެވެ. “ދެން ކުޑައްތަ ބަލަން ހުރޭ. މި ރޯދަ މަސް ނިމެންވާ އިރަށް ކުރިން މިގޭ ތެރޭ މަޖާކޮށް އުޅުން ގޮތަށް ބަދަލު ވެގެން ދާނެ، އަޒުމާ ބުނާ ވާހަކައެއް މީ.” އަޒުމާ ހިން ދެމިލަމުން ބުންޏެވެ.

“އެނގިދާނެތާ.” ހަފީޒާ ބުނަމުން ހިނި އައިސްފައި އިނެވެ. އަޒުމާ ބުނާ ބަހާ ކުރާ ކަންތަކާ އަބަދު ވެސް ސީދާ ވެއެވެ. ބުނާ ބަހާ އަމަލާ ސީދާ ވަންޏާ ކާމިޔާބު އޮންނާނީ އަތު ތެރޭގައޭ ބުނަނީ ހަމަ ތެދެކެވެ. ލޯ މަތިން އަޒުމާ އެމަންޒަރު އެގޭ އެންމެނަށް ދައްކަމުން އަބަދު ވެސް ދެ އެވެ.

އެރޭ ފައުޒާން ތަރާވީސް ނަމާދުން ފައިބައިގެން އައިސް ގެއަށް ވަންއިރު ދޮރު ކައިރީ ފައުޒާން ރައްޓެހި ދެ ފުލުހުން ޔުނީފޯރމުގައި ތިއްބެވެ. އެއީ ދިރާސާކުރާ ބައިގައި އުޅޭ ދެމީހުނެވެ. ފައުޒާން އައިސް އެދެމީހުނާ އަރާ ހަމަވިތަނުން އަޒުމީލު ގެއިން ނިކުމެގެން އެދެ މީހުނާ އެއްކޮން ގޮސް ޕޮލިސް ބަހަށް އަރައިގެން ހިގައްޖެ އެވެ. ފައުޒާން ހައިރާން ވެފައި ބަލަން ހުއްޓެވެ. އަޒުމީލު އަނެއްކާ ކަމެއްގައި ބެދުނީބާ އެވެ. އަޒުމީލު އެގޮތަށް ޕޮލިސް ބަހަށް އަރައިގެން ދިއުމުން ފައުޒާން ހުރީ ވަރަށް ހިތް ނުތަނަވަސް ވެފަ އެވެ. ހަގީގަތުގަ ވެސް އަޒުމީލު މަސްތުވާ އެއްޗިއްސާ ގާތްވީ ބާ އެވެ. ނޫނީ ގޭންގު މީހުންނާ ގުޅުމެއް އޮންނަނީ ބާ އެވެ. ދަންވަރު މުޅިން ހެން ބޭރުގައި އުޅޭ އަޒުމީލު ކުރަމުންދާ ކަމެއް އެގޭ އެކަކަށް ވެސް ނޭގެ އެވެ. މިކަންތަށް އަނެއްކާ މިހާރު ފަޅާ އަރަން އުޅެނީ ބާ އެވެ. ފައުޒާން ހިޔާލު ގައި ހުރެގެން ލިފްޓުން އަރައިގެން އެންމެ މައްޗަށް ދިޔަ އެވެ. އެކަންތަށް ފައުޒާން އަމިއްލައަށް ބަލާފަ ނޫނީ އެކަކު ކައިރީ ވެސް އަދި އެވާހަކަ ނުބުނުމަށް ފައުޒާން ނިންމި އެވެ.

*    *    *    *    *    *    *    *    *    *    *

 

ރޯދަ ވީއްލަން ވާއިރަށް ބަދިގެ ނިމޭނެ ބާއޭ ރިފާ ހިތަށް އަރަމުން ދިޔައެވެ. އެއީ އަދިވެސް ހިބާ ކިލާހަށް ދިޔަގޮތަކަށް ނާދެ އެވެ. ހަފީޒާ ވެސް ވީ ޑިއުޓީގަ އެވެ. އެދުވަހު ރިފާ އެކަނި އުޅެން ޖެހުމުން ރިފާ ހުރީ ހާސްވެފަ އެވެ. ގަޑިން ތިނެއް ޖަހަނީ އެވެ.  އެވަގުތު ހިބާ އައިސް ބަދިގެއަށް ވަނެވެ. ރިފާ އުޅޭ ގޮތް ފެނުމުން ހިބާ ކައިރިއަށް ހިނި އަ އެވެ.

“ދޮންބަތު ހާސް ނުވެ ބަލަ. ހިބާ ވެސް މި އައީނު. ހައެއް ޖަހަން ވާއިރަށް ނިމޭނެޔޭ. އެކަމު އަދި ނަމާދު ކޮށްލައިގެން އަންނާނަން އިންގޭ.” ހިބާ އެތަނުން އަވަހަށް ދިޔައީ ނަމާދު ކޮށްގެން އަވަހަށް ކަންތައް ކޮށްދޭން އަންނާށެވެ.

ރިފާވެސް އަދި މެންދުރު ނަމާދު ވެސް ނުކޮށް ހުރުމުން ކަންތައްތައް ބަހަށްޓާފައި އެހަށް ދިޔައީ ނަމާދަށް ކޮޓަރި އަށެވެ. ހިބާ ނަމާދުކޮށް ލައިގެން އައި އިރު ރިފާ ހުރީ ފުށްގަނޑު މޮޑެފަ އެވެ. ހިބާ ރޮށި ދަމަން ފެށިއެވެ. އުނދުން މަތީ ބޯކިބަލެއް ފިހެން ބާއްވާފައި އޮތުމުން އެހަށް ރޮށިދަމާ ނިމިގެން އުނދުނާ ކައރިވާން ހިބާ ހުރީ މޭޒު ކައިރީ އެވެ. ފައުޒާން ގެއަށް ވަންތަން ފެނުނީ ރިފާ ކޮޓަރި ކުނިކަހާލާފައި ކުނިކޮޅު ބޭރަށް ނެރުނު ވަގުތު އެވެ.

“ޒާން އަސުރަށް ދިއުމުގެ ކުރިން ބަދިގޭގައި ފެނުލާފައި ހުރި ކުކުޅު ކޮޅު ކޮށާލަ ދެއްޗޭ.” ފައުޒާން އާއި ދިމާއަށް ރިފާ ބުންޏެވެ. ފައުޒާން ބޯޖަހާލަމުން މައްޗަށް އެރި އެވެ. އަދި ދާދި އަވަހަށް އެއްޗިހި ބަދަލު ކޮށްލައިގެން އައިސް ބަދިގެއަށް ވަނެވެ. އޭރު ހިބާ ލަވައެއް ކިޔަމުން ރޮށިދަމަމުން ގެންދެ އެވެ.

“ހާދަ ރީތި ލަވައެކޭ.” ފަުއުޒާން ދިމާކޮށްލަމުން އައިސް ސިންކު ކައިރިއަށް ހުއްޓި  ފާރުގައި އެލުވާފައި އިން ކޮށާ ފިލާ ގަނޑު ނަގާ ކުކުޅުކޮޅު ނޮޅަން ފެށި އެވެ. ހިބާ އިރުކޮޅަކުން އައިސް އުދުން މަތީ އޮތް ބޯކިބާ ބަލައިލި އެވެ. އަދިވެސް ރަގަޅަކަށް ރޮލެއް ނުފިލަ އެވެ.

ފައުޒާން ކުކުޅު ނޮޅާ ނިމިގެން އަތް ދޮވެގެން ދަމުން ހިބާގެ މޫނުގައި އަތް ފޮހެލި އެވެ. ހިބާ އައި ރުޅިން ފައުޒާންގެ މޫނުގައި ފުށް އުގުޅާލި އެވެ. ފައުޒާންވެސް ބަލާކަށް ނުހުރެ ހިބާ މޫނުގައި ވެސް ފުށް އުނގުޅި އެވެ. ޖަހާ ސިފަ ދެކި ބަލާށެވެ. ފައުޒާން ކައިރިއަށް ހިނި އައެވެ. ހިބާ ކައިރިއަށް އައީ ރުޅި އެވެ. ކޭކު އެޅުމަށް ގިރާފަ ހުރި އޮލަ ފުށް އެއްޗެއް ފައުޒާންގެ ބޮލަށް ހިބާ އޮއްސާލި އެވެ. ފައުޒާން ވެސް ބަލަން ނުހުރެ މޭޒުމަތީ ހުރި ފަނި ޖަގު ހިބާގެ ގަޔަށް އޮއްސާލި އެވެ. ދެން ފެނުނީ އަށިމަތީ ހުރި ކޮށަން ފަށާފައިހުރި ތަރުކާރީ އެއްޗެއް ފައުޒާން ގަޔަށް ހިބާ އަޅާލި ތަނެވެ. ފައުޒާންވެސް ހިބާ ދެންމެ ދެމި ރޮށިތައް ހިބާ ގަޔައް އަޅާލި އެވެ.

ރިފާއައިސް ބަދިގެ ދޮރުމައްޗަށް ހުއްޓި ހައިރާން ވެގެން އަޖައިބު ވެފައި ބަލަން ހުރެވުނީ އެވެ. ހަފީޒާ ގެއަށް އައިސް ރިފާ ބަދިގެ ދޮރުމަތީ އާޝޯހު ވެފައި ހުއްޓާ ފެނުމުން ކިހިނެއްތޯ ވަނީ ބަލަން އައިސް ހުއްޓުނު އިރު ކަމަކު ދާކަށް ނެތެވެ. ހަފީޒާ ވެސް އަޖައިބުވެ އަންތަރީސް ވެއްޖެ އެވެ.

“ފައުޒާން! ހިބާ!” ތަން ކޮޅެއް ބާރަށް ހަފީޒާ ގޮވާލުމުން ދެމީހުން ބަލައިލި އެވެ. ކުރެވެމުން މިދާ ކަންތަކުގެ އިހުސާސް ދެމީހުނަށް ކުރެވުނީ ދެނެވެ. ރިފާ ވެސް ހަފީޒާއަށް ބަލައިލި އެވެ. ކަންބޮޑު ވެފައި ހުރެ އެވެ. ހަފީޒާ ރުޅި އަންނާނެ ވަރު ހިތަށް އަރާފަ އެވެ.

“އަޅެ ފަހެ ތީ ކުޑަ ކުދިންތަ؟ ތި ކުރެވޭ ކަމެއް އެބަ އެނގޭތަ؟” ހަފީޒާގެ އަޑުން ހިތްހަމަ ނުޖެހުން ފާޅު ވިއަސް މޫނު މަތިން ހީވަނީ ދެންމެ ދެންމެ ހީ ގަނެވެން އުޅޭ ހެނެވެ.

“ބަލާލަ މިއޮއް ބަދިގެ އެއް،” ހަފީޒާ މުޅި ބަދިގެއަށް ކަޅި ހިންގާލި އެވެ. “ޕިސް ޕިސް… ބަލާލަ ދެމީހުން ތިބި ސިފަ.” ހަފީޒާ ފައުޒާން އާއި ހިބާއަށް ބަލައިލަމުން ބުންޏެވެ. އަދި ހިނި ފަޅައިގެން ދިޔަ އެވެ. ރިފާއަށް ވެސް ހެވެން ފެށުނެވެ.

ހަފިޒާ ނުހޭން އަނގަ މަތީ އަތް އަޅައިގެން ހުއްޓެއް ކަމަކު ހެވެނީ އެވެ. ފައުޒާން ހިބާ އަށް ބަލައިލި އެވެ. ހިބާގެ މުޅި ބޮލާއި މޫނުގައި ވަނީ ފުށާ ޖޫހާ އެއްކޮން ތަރުކާރީގެ އެތިކޮޅުތައް ތަތްވެފަ އެވެ. ފެންނައިރު ހީވަނީ ބިރުވެރި ފިލްމަކަށް މޭކަޕު ކޮށްފަ ހުރި ހެނެވެ. ފައުޒާން ކައިރިއަށް ހިނި އައެވެ. ހިބާއާއި ދިމާއަށް ބަލަ ބަލާފައި ހެވެނީ އެވެ. ހިބާ ކައިރިއަށް ވެސް ހިނި އަންނަން ފެށީ ފައުޒާން ހުރި ގޮތް ފެނިފަ އެވެ. ފައުޒާންގެ ވެސް ބޮލާއި މޫނުގައި ވަނީ ފުށެވެ. ހޭ އިރު ފެންނަން ހުރީ ދަތްޕިލަ އެކަންޏެވެ.

“މިއަދު ދެން ކިހިނެއް ރޯދަ ވިއްލަން ވާއިރަށް އެއްޗެއް ހަދާނީ؟ ބަދިގެ ސާފުކޮށްފަ އެއްޗެއް ހަދާކަށް މިއަދަކު ނޫޅެވޭނެ،” ހަފީޒާ ހަރުކަށި ރާގަކަށް އެހެން ބުންޏަސް މޫނު މަތިން ހުރީ ހިނި އައިސްފަ އެވެ. ހަފީޒާ އެހެން ބުނުމުން ހިބާއާއި ފައުޒާން ވެސް ހުނުން ހުއްޓާލައި ފައި މުޅި ބަދިގެ އަށް ނަޒަރު ހިންގާލި އެވެ. މުޅިތަން ހީވަނީ ވައިރޯޅި އެއް އަރާ ފައިބައިގެން ގޮއްސަ އޮތް ހެނެވެ.

“ދެން މިއަދު ޒާން ޖެހޭނީ ޒާންގެ ހަރަދުގަ ބޭރުން ކާނެ އެއްޗިހި ގަންނަން. އަދި ހިބާ ޖެހޭނީ ބަދިގެ ސާފު ކުރަން. ތި ދެމީހުނަށް އަދަބެއްގެ ގޮތުން އެކަންތަށް މި ހަވާލު ކުރީ.” ހަފީޒާއާއި ރިފާއާއި ދެމީހުން ސިއްރު ވާހަކަތަކެއް ދެއްކުމަށް ފަހު ހަފީޒާ ބުންޏެވެ.

ދެން ފޯނު ނަގައިގެން ހަފީޒާ ފޮޓޯ ނަގަން ފެށި އެވެ. ފައުޒާން އަވަހަށް މޫނުގައި އަތް އަޅައިގެން އެތަނުން ނުކުމެގެން ހިގައްޖެ އެވެ.

ހަފީޒާއާއި ރިފާވެސް އަވަހަށް ބަދިގެއިން ނިކުމެގެން ގޮސް ސޯފާގައި ހަމަޖެހިލައިގެން ތިއްބެވެ.

“އަހަރުމެން މިއަދު ރެސްޓު ކުރާނީ ދޯ ރިފާ.” ހަފީޒާ ރިމޯޓް ނަގާ ޓީވީ ހުޅުވާލަމުން ބުންޏެވެ. ރިފާ ހީލަމުން ބޯ ޖަހާލި އެވެ.

ހިބާ މުޅި ބަދިގެއަށް ބަލައިލި އެވެ. މިއޮއްފަދަ ރަމަޟާން މަހު މިއޮތީ ބޮޑު އިސްރާފެއް ކުރެވިފަ އެވެ. އަމިއްލަ ނަފްސައް އެއްޗިހި ކިޔަމުން ބަދިގެ ސާފުކުރަމުން ހިބާ ގެންދިޔަ އެވެ.

ފައުޒާން ކޮށި ކުކުޅު ކޮޅުވެސް ހިބާ ތެއްލާލި އެވެ. އަދި ބޯކިބާ ވެސް އުނދުން މަތިން ނަގާ އެވެސް ކޮށާލި އެވެ. ދެން މިއަދު ބަދިގެއަށް ހަފީޒާއާއި ރިފާ ނާންނާނެކަން ހިބާއަށް އެނގުނެވެ.

ހިބާ ބަދިގެ ސާފުކޮށް ހުރިހާ ކަމެއް ނިންމާލައިފައި މައްޗަށް ދިޔައީ ފެން ވަރާށެވެ. ފައުޒާން އޭރު ކާއެއްޗިހި ގަންނަން ބޭރަށް ހިގައްޖެ އެވެ.

އެދުވަހު ރޯދަ ވިއްލި ގަޑީގައި އޮތީ އެދުވަހުގެ ކަންތައް ދިޔަގޮތުގެ ވާހަކަ ދެއްކުމެވެ. ފައްވާޒުއަށް އެވާހަކަ ކިޔައި ދެމުން އެންމެން އެންމެނަށް ހީހީފަ އެގަޑީގަ އުޅެ އެވެ. އެކަންތައް ފެއްޓެން ދިމާވި ގޮތް ފައްވާޒް އެހުމުން ހިބާ އެވާހަކަ އަނެއްކާ ވެސް ފެށިގެން ނިމެންދެން ކިޔައި ދިނެވެ.

“ހިބާއާ ޖެހުނު ފަހުން ޒާންވެސް މިހާރު ވަރަށް ޅަ ވެއްޖެ،” ފައްވާޒް އިނދެފަ ބުންޏެވެ. “ހިބާއާއި ދިމާއަށް އަބަދު ކުޑަ ކުއްޖެކޭ ކިޔައިގެން ދިމާ ކޮށްކޮށްފަ އުޅެ އުޅެ އެންމެ ފަހުން ތިމާ މީހާ ވެސް ކުޑަ ކުއްޖަކަށް ވީ ދޯ.”

ފައުޒާން އިނީ އަނގައިން ބުނަން ނުކެރިފަ އެވެ. ކުރެވުނީ ވަރަށް ކުޅޭކުޅޭ ކަމެއްކަން ފައުޒާންއަށް ވެސް އެނގެ އެވެ. އެކަމަކު އެ ހުރިހާ ކަމަކުން ވެސް ފައުޒާންއަށް އުފާ ލިބުނެވެ. ހިބާއާއި އެކު ހޭދަވެގެން އެދިޔަ ކޮންމެ ވަގުތު ކޮޅެއް ވެސް އެއީ ހަދާނުން ފޮހެ ނުލެވޭނެ މަޖާ ވަގުތު ކޮޅެކެވެ. ހިނިއައިސްގެން އިނދެ ހަދާންކުރަން ރަގަޅު މަޖާ ވަގުތު ކޮޅެކެވެ. ދޭތެރެ ދޭތެރެއިން މިހުނަށް ކިޔައި ދީފަ ހޭންވެސް މަޖާ ކަންތައް ތަކެކެވެ.

ޖެހިގެން އައި ދުވަހުގެ ރޭ އަޒުމާ އައީ އެންމެން ގޮވައިގެން ސައިކަލު ބުރު ޖަހަން ދާށެވެ. ނަމަވެސް އެރޭ ދެވޭގޮތެއް ނުވި އެވެ. ފައުޒާން އަށް އެލާރޓްވީ އެވެ. އަދި ފައްވާޒްއަށް ވެސް އޮފީސް ކަމަކު ދެވެން ނެތީ އެވެ. އެރޭ އަޒުމާ އަވަހަށް އެހެން ކަމެއް ރާވާލި އެވެ. ހަފީޒާ މެންގޭގައި ޕަޗަސް ކުޅުމެވެ. އަޒުމީލު ނާންނަން ހުއްޓާ ގަދަކަމުން އަޒުމާ ގެނަ އެވެ. ނަދުވާ ވެސް އެގަޑީގައި ގޭގައި ހުރިނަމަ އެރޭ ނަދުވާ ވެސް ގެނައި ހެވެ. ނަމަވެސް ރައްޓެއްސެއްގެ ގެއަށް ރޯދަ ވިއްލަން ދިޔަ ގޮތަށް ނަދުވާ އަދިވެސް ނާދެ އެވެ.

ޕަޗަސް ކުޅެން ދެން ތިބީ އަޒުމީލުއާއި، ހިބާއާއި، ރިފާއާއި، އަޒްކާއާއި އަޒުމާއާއި އަދި ކުޑަކުޑަ ނަވާ އެވެ. ހަމީހުން ވެގެން ބައިބެހި އިރު އަޒުމާއާއި، ހިބާއާއި ނަވާ ދިޔައީ އެއްބަޔަށެވެ. ފޯރީގައި ޕަޗަސް ކުޅެމުން ދިޔައެވެ. ނަވާއާއި ހިބާ ދޮރު ފޮތިގަނޑު ފަހަތުގައި ފިލާ ތިއްބާ އަޒުމީލު ހޯދަމުން އައިސް ނަވާގެ އެއްބައި ފެނިގެން ދޮރުފޮތި ގަނޑުގެ ބޭރުން ހިފައި ގަތެވެ. ނަވާ ދޮރުފޮތި ގަނޑުގެ ބޭރަށް ނިކުމެ ހެވިފައި ބަލަން ހުއްޓެވެ. އަޒުމީލުއަށް ބައްދައިގެން މި ހުރެވުނީ ކާކު ގައިގައި ކަމެއްވެސް ނޭގުނެވެ. އަވަހަށް ދޫކޮށް ލުމުން އެތަނުން ހިބާ ހެމުން ހެމުން ނުކުތެވެ. އަޒުމީލުއަށް ހިބާއާއި ދިމާއަށް ބަލަން ހުރެވުނީ އެވެ. ހިބާގެ ހިތަށް އެއްޗެއް ނޭރި އަސް އަޒުމީލުގެ ހިތަށް ވަނީ ގޮތެއް ވެފަ އެވެ. ބުނެދޭން ނޭނގޭ ފަދަ އަސަރު ތަކެއް  ވަނީ އެހިތަށް ވަދެފަ އެވެ. އަޒުމީލު ބަލަން ހުރިގޮތުން ހިސާބަކަށް ހިބާއަށް އުނދަގޫ ވި އެވެ. އަޒުމީލު ބޯ ކޮށާލުމުން ވަރަށް ރީތި ފިރިހެން ވަންތަކަމެއް ފެނެ އެވެ. އަދި އަޒުމީލުގެ މުށިކުލައިގެ ލޮލުގެ ކަޅީގެ މުށިކުލައިގެ ވިދުވަރު ގަދަވެފައި ވާކަން ފާހަގަ ވެއެވެ. އަދިވެސް އަތުގައާއި ފައިގައި އަޅާފައިވާ އެއްޗިހިތަށް އަޅާފައި ހުއްޓެވެ.

“އަސްލު ބޯކޮށީމަ ވަރަށް ސަޅި. ދެން ތި ގަހަނާ ބޮންޑި ނަގާނީ ކޮން އިރަކުން؟” އަޒުމީލު ބަލަން ހުރުމުން ހިބާ އަހާލި އެވެ.

“ހިބާ ބުނެފިއްޔާ ނަގަން މި ހުރީ. ހިބާ ބުނެބަލަ ނަގާށޭ.” އަޒުމީލު ބުންޏެވެ. ހިބާ ފާޑަކަށް ބަލަހައްޓައިގެން ހުއްޓެވެ. އަޒުމީލު އަނެއްކާ މިއުޅެނީ ކިހިނެއް ވެގެން ހެއްޔެވެ. އަޒުމީލު ކޮންމެހެން ހިބާ ބުނާހާ ކަމެއް ކުރަން ޖެހޭ ހެއްޔެވެ. ހިބާ ބުނެގެން ވެސް އަޒުމީލު ރަގަޅު ވެއްޖެ ނަމަ ރަގަޅުތާ އެވެ. ހިބާގެ ހިތަށް ތަފާތު ހިޔާލުތަކެއް ވެރިވެގެން ދިޔަ އެވެ.

“އަޒޫއެއް ނުފެނުން. އެއްވެސް ކޮޓަރިއަކު އަޒޫއެއް ނެތް.” އެވަގުތު އެތަނަށް ރިފާ އައެވެ.

“ދޮންތަ ވަރަށް ސިޑި ދަށަށް ވަންނާނެ. ހިނގާބަލަ އެތަން ބަލަން.” އަޒުމީލު ބުންޏެވެ. އަދި އެންމެން ގޮސް އެގޭ ސިޑި ދަށުގައި އިން ހިމަ ދޮރު މަޑުމަޑުން ހުޅުވާލި އެވެ.

“ޕަޗަސް!” އަޒުމާ ކުއްލި އަކަށް ނުކުމެ ހަޅޭއްލަވައި ގަތެވެ. ހިބާއަށް އެތަން އެފެނުނީ އަދި އަލަށެވެ. އެއީ ވަރަށް ކުޑަ ތަން ކޮޅެކެވެ. އެތާ ބަހަށްޓާފައި ހުރީ ދަވާދާއި ކުލަ ތަކެކެވެ. ހިބާ އެތަނަށް ވަރަށް ރަގަޅަށް ބަލައިލި އެވެ. ސާފުކޮށް ރީތި ކޮށްލުމުން ހަމަ ކުޑަ އަލަމާރިއަކަށް ވެސް އެތަން ފުދޭނެ އެވެ.

އަނެއްކާ ވެސް އެންމެން ކުޅުމައިގެން އުޅެން ފެށިއެވެ. އެރޭ ހާރުކަން ވަންދެން އެންމެން އުޅުނީ އެގޮތަށެވެ. ފައުޒާންއަށް ގެއަށް އާދެވުނީ ހާރުކާ ގަޑިއަށެވެ. ފައުޒާން އެރޭ ހާރުކާން އިންއިރު އިނީ ވަރަށް މަޑުންނެވެ. ހިބާގެ އަނގަ ހުއްޓާ ނުލާ ތެޅުވި އިރުވެސް ފައުޒާން އެރޭ ބަހެއް ނުބުނެ އެވެ. ހިބާއަށް އެކަމާ އުނދަގޫވެސް ވިއެވެ. އެންމެންގެ ތެރެއިން ހިބާ ކިޔާ އެއްޗިއްސަށް އެއްޗިހި ބުނެއުޅޭނީ އަބަދުވެސް ފައުޒާން އެވެ. މިރޭ އެކަމަކު ވެފައި އިން ގޮތެއް ނޭގެއެވެ.

ހިބާ ބަދިގޭ ކަންތައްތައް ނިންނާލުމަށް ފަހު މައްޗަށް އެރި އިރު ފައުޒާން އުނދޯލީގައި އިށީދެގެން ވިސްނުމެއްގެ ތެރޭ އިނެވެ. މިރޭ ސުނާދު ދިން ހަބަރުން ފައުޒާން އަދިވެސް އެއިނީ ގަބޫލު ނުކުރެވިފަ އެވެ.

ހިބާއަށް ފައުޒާން އެހެން އިނުމުން ގޯނާއެއް ކޮށްނުލާ ކޮޓަރިއަށް ވަންނަ ހިތެއް ނުވި އެވެ. ހިބާއައިސް ބާރަކަށް ފައުޒާންގެ ކަންފަތާ ދިމާލަށް ހަޅޭއް ލަވައި ގަތެވެ. ފައުޒާން ދިޔައީ ސިއްސައިގެން ނެވެ. އެވަގުތު އަތުގަ އޮތް ފޯނުވެސް ބިންމައްޗަށް ނުވެއްޓުނީ ކިރިޔާ އެވެ.

“ހިހިހި…” ހިބާ ހިނި ގަނޑެއް ޖަހާލާފައި އެތަނުން ދިއުމަށް ހިގައި ގަތެވެ.

“ހިބާ. މަޑުކޮށްބަލަ.” ފައުޒާންގެ އަޑުގައި ހުރީ ސީރިއަސް ކަމެވެ. ހިބާ އެންބުރި ފައުޒާންއަށް ބަލައިލި އެވެ. ފައުޒާންގެ މޫނު މަތިން ވެސް އެއްވެސް ސަމާސާ މޫޑެއް ފެންނާކަށް ނެތެވެ. އަދިވެސް އެއިން ގޮތަށް އެބަ އިނެވެ. ކޮންމެސް ކަމެއް ވެއްޖެކަން ހިބާއަށް ނަގައި ގަނެ ވުނެވެ. ހިބާ ފައުޒާން ކައިރިއަށް ޖެހިލި އެވެ. އަދި ކިހިނެއްތޯ ވީ އަހާލުމުން ފައުޒާން އެއްކައިރިއަށް ޖެހިލާފައި އުނދޯލިން ޖާގައެއް ދައްކާލި އެވެ.

“މިތާ އިށީނދެ ބަލަ. ވާހަކައެއް އަހާލަން ވެގެން.” ފައުޒާންގެ އެއްފަރާތުގައި ވާ އުނދޯލީގެ ހުސްބައި ދައްކާލަމުން ފައުޒާން ބުންޏެވެ. ހިބާ ފާޑަކަށް ފައުޒާންއަށް ބަލަން ހުރެލާފައި އައިސް އުނދޯލީގައި އިށީނެވެ.

“ހިބާއާއި އަޒުމީލު އާއި ވަރަށް ކްލޯސް އެއްނު.” ފައުޒާން އިރުކޮޅަކު އިނުމަށްފަހު ވާހަކަ ދައްކަން ފެށި އެވެ.

“ތިބުނީ؟……  ކިހިނެއް ކްލޯސް ވާހަކައެއް ތިބުނީ؟” ހިބާ އަހާލީ ފައުޒާން އެ ދައްކަން އުޅޭ ވާހަކަ ރަގަޅަށް ނޭގޭތީ އެވެ.

“މިބުނީ އަޒުމީލުއާއި ހިބާ ވަރަށް ކްލޯސް އެއް ނޫންހޭ. އެހެންވެ އަޒުމީލު ވަރަށް ގިނަ ވާހަކަ ހިބާއާ ހިއްސާ ކޮށްފަ އެއްނު ހުންނާނީ. ސޯ ޓެލް މީ ހިބާ، އަޒުމީލު ވަޒީފާއަށް ދާ ކަން ހިބާއަށް އެނގޭތަ؟” ފައުޒާން ހިބާއަށް ބަލައިލި އެވެ.

ހިބާ ބޯ ޖަހާލި އެވެ. އަޒުމީލު ވަނީ ހިބާ ކައިރީ އަޒުމީލު ކޮންމެސް ވަޒީފާ އަކަށް ދާވާހަކަ ކުރިން ދުވަހަކު ބުނެފަ އެވެ. ނަމަވެސް އެއީ ކޮންކަހަލަ ވަޒީފާއެއް ކަމެއް ކޮންތަނަކަށް ކަމެއް އަޒުމީލުއެއް ނުބުނެ އެވެ.

“ހިބާއަށް އެނގޭ ދޯ ހުރިހާ އެއްޗެއް ވެސް،” ފައުޒާން އަމިއްލަ ފޯނަށް ބަލައިލީ ނަދުވާގެ މެސެޖެއް އައުމުން ނެވެ. “އަޒުމީލު ވަޒީފާއަށް ދާން ފެށީ ވެސް ހިބާ ބުނެ ގެންތަ؟ ބޯކޮށީވެސް ހިބާ ބުނެގެނޭ ކިޔާ އަޑު އިވޭ.” ފައުޒާން ގެ އަޑުގައި ނުރުހުމެއް ހުއްޓަސް ފައުޒާން ވާހަކަ ދެއްކީ މަޑުމަޑުން ނެވެ. ފައުޒާން ފޯނުން މެސެޖު ކިޔާލުމަށް ފަހު ފޯނު ނިވާލި އެވެ.

“ހިބާ އަކަށް ނޭގެ އަޒުމީލު ވަޒީފާއަށް ދާންފެށި ދުވަހެއް. އެކަމަކު ބޯކޮށީ ހިބާ ވަރަށް ހަޑިޔޭ ބުނުމުން،” ހިބާ ފައުޒާން އަށް ބަލައިލި އެވެ. “އަނެއްކާ އަޒުމީލު ދަނީ ނުބައިބާ ވަޒީފާ އަކަށްތަ؟ ހިބާ އަކަށް ނޭގެ އަޒުމީލު އުޅެނީ ކޮން ވަޒީފާއަކު ކަމެއް އެކަމަކު ކޮންމެސް މަސައްކަތެއް ކުރާ ވާހަކަ ބުނި. އަދި އެކަމެއް ކުރަން ދާން ޖެހެނީ ގިނައިން ދަންވަރު ގަޑީގަ ކަމަށް ބުނީ.”

“ހިބާ ނާހަންތަ ކީއްތޯ ކުރަނީކީ؟ ހިބާ ނުބަލަން ދޯ؟” ފައުޒާންގެ މޫޑު މިހާރު ހިސާބަކަށް ބަދަލު ވެއްޖެ އެވެ.

“ހިބާ ކީއްކުރަން ބަލަނީ؟ އެމީހަކު އުޅޭނެ ގޮތެއް އެނގޭނީ އެމީހަކަށްނު. ހިބާއަށް ކޮން ކަމެއް އަޒުމީލު ކޮންމެތާކު މަސައްކަތް ކުރިއަސް.” ހިބާ އިނީ ފައުޒާން އެސުވާލު ކުރުމުން ނުރުހުން ވެފަ އެވެ. އަނެއްކާ ހިބާ އަޒުމީލުއަށް ހިތްކީ ކަމަށް ފައުޒާން އަށް ހީވަނީ ބާ އެވެ.

“ހީވަނީ ހިބާ އަޒުމީލު ދެކެ ލައިކް ވާހެން ވިއްޔަ.” ފައުޒާން ބުންޏެވެ.

“ވަޓް؟” ހިބާ ފުންމައިގެން އުނދޯލިން ތެދުވި އެވެ. ހިބާ ހުރީ ރުޅި އައިސްފަ އެވެ. “ހިބާ މިދަނީ ދާން. އިރުކޮޅަކުން ފަތިސް ނަމާދަށް ބަންގި ގޮވާނެ.”

“މަޑުކޮށް ބަލަ،” ފައުޒާން ކުއްލިއަކަށް ހިބާގެ އަތުގަ ހިފި އެވެ. “އަޒުމީލު ކުރާ ކަންތައް މިރޭ ޒާންއަށް އެނގުނީ. އެވާހަކަ މާ ގިނަ މީހުނަށް ނޭގުނިއްޔާ ރަގަޅު ވާނީ. އެކަމަކު ހިބާ ކައިރީ ވަރަށް ބުނަން ބޭނުން.” ހިބާ އަނެއްކާ ވެސް އުނދޯލީގައި އިށީނެވެ. މިފަހަރު ފައުޒާން ހިބާގެ އަތަކުން ދުލެއް ނުކުރެއެވެ. އެއަތް ދަމައި ގަންނާކަށް ހިބާއެއްވެސް ނޫޅެ އެވެ.

” ކޮން ކަހަލަ ކަމެއް؟” ހައިރާން ވެފައި އިނދެ ހިބާ އަހާލި އެވެ.

40

10 Comments

 1. Naxoo

  April 8, 2016 at 9:09 am

  plz upload next part soooon….mi bai ves v reethi n majaaa… 🙂

 2. naxu

  April 8, 2016 at 9:32 am

  Avahah up kohdhybaaaaa.. avahah kiyaaalan beynun..?????

 3. Thukko

  April 8, 2016 at 9:44 am

  Wow… V rythi. This story has become one of my favourite. Next part avahah up koh dheythi……??????

 4. Aimsithu

  April 8, 2016 at 10:24 am

  Ahhaha.. varah reethi mi part ves.. hama heveny adhives badhigeyge scene aa hedhi

 5. nashth

  April 8, 2016 at 1:05 pm

  Asi mi vahakaige kithah part tha liyani. V v nice kohme dhuvahaku 2 part up kohdhyba……

 6. Saee

  April 8, 2016 at 6:15 pm

  V v salhi

 7. ken?

  April 8, 2016 at 6:59 pm

  mi story kiyan libeyne dhivehi vaahaka site .eyga ebain eikoh nimifa its really nice story…I dnt knw hw many times i read it..all thankx to aasy…n yeah again mi site in ves kiyan hama up vaairah…✌✌✌

 8. Soabi

  April 9, 2016 at 12:41 am

  Mihaaru lolah nidives naadey ti story kiyaafa nooney ahvahah anebaa up load koahbaa nice love story ???

 9. Faxoo

  April 25, 2016 at 2:51 pm

  varah salhi mibai ves,. aslu ves varah reethi vaahaka eh 😀 keep it up!

 10. rifu

  July 6, 2016 at 6:28 pm

  v salhi

Comments are closed.