ހާދަހާވޭ ކުރާހިތް ސަމާސާ 13 ވަނަ ބައި
މިފަހަރު ފައުޒާން ހިބާގެ އަތަކުން ދުލެއް ނުކުރެ އެވެ. އެ އަތް ދަމައި ގަންނާކަށް ހިބާ ވެސް ނޫޅެ އެވެ.
” ކޮން ކަހަލަ ކަމެއް؟” ހައިރާން ވެފައި އިނދެ ހިބާ އަހާލި އެވެ.
ހިބާގެ އަތުގައި ފައުޒާން އަނެއް އަތުން ވެސް ހިފާލި އެވެ. ފައުޒާންގެ ދެއަތް ތެރޭގައި ހިބާގެ މަޑު މަޑު އަތް އޮތެވެ. އެއަތުން ދުވަހަކު ވެސް ދޫކޮށް ނުލާނަމޭ ފައުޒާންގެ ހިތަށް އެރީ އެވަގުތު ކީއްވެ ހެއްޔެވެ. ހިބާ ދެކެ ހަގީގަތުގައި ވެސް ލޯބި ވެވުނީ ހެއްޔެވެ.
“ބުނެބަލަ ދެން.” ހިބާގެ އަތުގައި ދެއަތުން ހިފާލައިގެން އަނގައިން ނުބުނެ އިންނަން ފެށުމުން ހިބާއަށް އުނދަގޫ ވެގެން އަނެއްކާ ވެސް ބުންޏެވެ.
“ޒާން ހީކުރީ އަޒުމީލު ނުބައި މަގަކުން ދަނީ ކަމަށް. ކުރިން ރެއަކު ޒާންއަށް ފެނުނީ ޕޮލިސް ވޭންއަށް އަރައިގެން އަޒުމީލު ދިޔަތަން އަނެއްކާ މިރޭ ފެނުނީ ޕޮލިސް ސްޓޭޝަނުން ނިކުތް ތަން.” ފައުޒާން ހިބާގެ އަތުގެ އިނގިލި ތަކާ ކުޅެލި އެވެ. ހިބާއަށް އުނދަގޫ ވިއެވެ. ފައުޒާން ހިބާގެ އަތުން ދޫ ނުކޮށްގެން ހިބާ އަތް ދަމައިގަންނަން މަޑު މަޑުން އުޅުނެވެ. ނަމަވެސް ފައުޒާން ވަނީ ހިބާގެ އަތުގައި ދެއަތުން ހިފަހައްޓާފަ އެވެ.
“ސުނާދު ވެސް އެތާ ހުރުމާއި އެކު ސުނާދު ކައިރީ އަހާލީ އަޒުމީލު އެތަނުން އެ ނިކުތީ ކީއްކޮށްފަ ހޭ. ދެން ސުނާދު ބުނީމަ އެނގުނީ.” ފައުޒާން ހިބާގެ އަތުން ދޫކޮށްލި އެވެ.
“ކޯޗެއްތަ އެނގުނީ؟” ހިބާ މިހާރު އިނީ ފައުޒާން ބުނަން އެއުޅޭ އެއްޗެއް އަޑު އަހާ ހިތުންނެވެ. ބަންގި ގޮވަން ކައިރިވެފައި ވާތީ ވެސް ހިބާ އިނީ އަވަސް ކުރަން ބޭނުން ވެފަ އެވެ. ނަމާދު ކުރުމުގެ ކުރިން ޤުރުއާނުން ތަންކޮޅެއް ކިޔޭނީ އޭރުންނެވެ.
“އަޒުމީލު އުޅެނީ ޕޮލިސްގެ ސީ.އައި.ޑީ ޑިޕާރޓްމެންޓުގަ. އެނގޭތަ އެކަން. ގަބޫލު ކުރެވޭތަ؟ އަޒުމީލު ކަހަލަ ވަރަށް ގިނަ އޮފިސަރުން އުޅޭނެ. އާދައިގެ ގޮތަކަށް ބައެއް މީހުން ތިބޭއިރު އަނެއް ބަޔަކު ތިބޭނީ ޕާރޓޭ ވައްތަރަށް.” ފައުޒާން ބުންޏެވެ.
“ހިބާއަށް ހީވިއޭ ގޯސްކަމެއް އަޒުމީލު ނުކުރާނެޔޭ. އަޒުމީލުއާއި ވާހަކަ ނުދައްކާއިރު ހިބާ ހީކުރީ އަޒުމީލަކީ ހަމަ ޕާރޓޭއެއް ކަމަށް.” ހިބާ ބުންޏެވެ. “އެކަމަކު އަޒުމީލުއާ ވާހަކަ ދައްކަން ފެށުމުން މަޑު މަޑުން އޭނަގެ ގޮތް ވެސް ދަސްވާން ފެށީ.”
“އަޒުމީލުގެ ގޮތް މަށަށް ވުރެން ބޮޑަށް ދަންނަ މީހެއް މިގެއަކު ނޫޅޭނެ. އޭނައާ ކުރިން އެންމެ ކްލޯސް ވާނީ ޒާން. ހިބާ އަނެއްކާ އެހެން މީހެއް ކައިރީ ނުބުނައްޗޭ އަޒުމީލު ސީ.އައި.ޑީ ގަ އުޅޭ ކަން. އެއީ ވަރަށް ބޮޑު ސިއްރެއް އިންގޭ.” ފައުޒާން ހިންދެމިލިއެވެ. ހިބާ ވެސް އާން އެކޭ ބުނަމުން ބޯޖަހާލި އެވެ.
“ޒާންއަށް އެކަމަކު އަދިވެސް ނޭގޭ އަޒުމީލު ޒާންއާއި ވާހަކަ ނުދައްކަން ފެށި ސަބަބެއް. ވިސްނާ ވިސްނާ ބޯ ހަލާކު ވީ އިރުވެސް އެކަމެއް ނޭގުނު.” ފައުޒާން އިރުކޮޅަކު މަޑުން އިނުމަށް ފަހު ބުންޏެވެ.
“އަދި ކިރިޔާ މި އެނގުނީ ފައުޒާންގެ ބޯ ސަކަރާތީ ކީއްވެ ކަން. އެކަމާ ވިސްނާތީ ދޯ.” ހިބާ ސަމާސާ ރާގަކަށް ބުނަމުން އުނދޯލިން ތެދުވި އެވެ. ފައުޒާން ހިބާއަށް ބަލައިލި އެވެ.
“ތި ބުނީ މަމީ ބޯ ސަކަރާތް މީހެކޭތަ؟” ފައުޒާންވެސް އުނދޯލިން ތެދުވި އެވެ.
“އާން. ދެން އެންމެނަށް ވެސް އެނގޭނު ފައުޒާންއަކީ ބޯ ހަމަ ނުޖެހޭ ބޯ ސަކަރާތް މީހެއްކަން.” ހިބާ އެހެން ބުނެފައި ކޮޓަރިއާ ދިމާއަށް ހިގައިގަތެވެ.
“އަޅެ ޒާންތަ ބޯ ސަކަރާތީ؟ މަށެއް ދިހަ ބުރީގެ އިމާރާތެއްގެ ފާރުމައްޗަށް އަރައެއް ނޫޅެން އަމިއްލައަށް މަރުވާ ހިތުންނެއް. ފޯނުން މޮހޮރު ޖަހައެއް ވެސް ނަހަދަން. އަނެއްކާ އަނެއްކޮޅުން ބޮޑު މީހަކަށް ނުވެގެން ގައި ތެރެއަށް އެއްޗިހި ލައްވައިގެނެއް ވެސް ނޫޅެން” ފައުޒާން ފާހާނާއާއި ދިމާއަށް ހިގައި ގަންނަމުން ބުންޏެވެ. ހިބާ ތުން އަނބުރާލި އެވެ. ފައުޒާން އަބަދު ކިޔާލަ ކިޔާލަ ހުންނަ ބަނދިވަރު ފެށީ އެވެ. އޅާވެސް ނުލާ ހިބާ ގޮސް ކޮޓަރިއަށް ވަނެވެ.
މިހާރު އަޒުމާގެ ކަމަކީ ކޮންމެ ރެއަކު ކޮންމެސް ކަހަލަ ކަމެއް ރާވައިގެން އެންމެން ގޮވައިގެން އެކަމާ އުޅުމެވެ. އެއްރޭ ޕަޗަސް ކުޅޭނެ އެވެ. އަނެއްރޭ އެހެން ކަމެއް ކުރާނެއެވެ. އެހެން އުޅެފަ ސައިކަލު ދުއަވަންވެސް މަދު ރެއަކު ހިގައްޖެ އެވެ. ސައިކަލު ދުއްވަން ދިޔަރޭ ހިބާއަށް ނުދެވުނީ ސައިކަލު ހަމަ ނުވެގެން ނެވެ. އެހެން ރެއަކު ހިބާ ގެންދާނަން ކަމަށް ބުނެފައެވެ. އެރޭ ސައިކަލު ދުއްވާ ނިމިގެން އައިސް އެންމެން ވަނީ ހަފީޒާ މެން ބަޔަށެވެ. ބަދިގެއަށް ވަދެ އެންމެން ވެގެން ކައިގެން އައިސް ސޯފާގައި އެންމެން ވެސް ޖައްސާލި އެވެ.
“ކޮބާ ނަދޫ؟” އަޒުމާ އަހާލި އެވެ.
“ޒާންއެއް ވެސް ނެތެއްނު.” ފައްވާޒް ބުންޏެވެ.
“ދެމީހުން ނާދެޔޭ ގެއަކަށް.” މާޒް ބުންޏެވެ.
“ކޮބައިތަ ހިބާވެސް؟” އަޒުމާ އަހާލި އެވެ. “ހިބާ ނިދީތަ؟”
“ހީވަނީ މަންމައާ އެއްކޮން ބޭރަށް ގޮސްހެން ވީ. މަންމަ ބުނި ވިއްޔަ ހިބާ ގޮވައިގެން ބޭރަށްދާ ވާހަކަ.” ރިފާ ބުންޏެވެ.
އެންމެން ވާހަކައިގަ ތިއްބާ ހަފީޒާއާއި ހިބާ އައިސް ވަނެވެ. ދެމީހުން ތިބީ ހިސާބަކަށް ތެމިފަ އެވެ.
“ވާރޭ ވެހޭތަ؟” ފައްވާޒް އަހާލި އެވެ.
“ބޯކޮން ވެހިލާފަ މިހާރު ހުއްޓައި ލައިފި. އަހަރުމެން ދުވަމުން ދުވަމުން މި އައީ. ހީކުރީ ހުއްޓާ ނުލާނެ ކަމަށް.” ހަފީޒާ ބުންޏެވެ.
ހިބާ އައިސް އެންމެން ކައިރީ ހުއްޓިލި އެވެ. ހަފީޒާ ދިޔަގޮތަށް ގޮސް ވަނީ ކޮޓަރި އަށެވެ.
“ދެން ދުވަހަކުން ހިބާއަށް ސައިކަލެއް ހޯދަން ވާނެ. ހިބާވެސް ގޮވައިގެން ދާން އަސްލު ބޭނުމީ.” އަޒުމާ ބުންޏެވެ.
އެވަގުތު ފައުޒާން އައިސް ގެއަށް ވަނެވެ. ފައުޒާން އައިސް ކޮޅަށް ހުރި ހިބާ ކައިރީ ހުއްޓިލި އެވެ.
“ޒާން ފަނި ހެދީ. މާ ލަހުން ތި އައީ.” އަޒުމާ ބުންޏެވެ. ފައުޒާން ޖަވާބެއް ނުދީ ހީލި އެވެ.
އެހެން ކަމަކަށް އެންމެންގެ ސަމާލު ކަން ދިއުމާއި އެކު ހިބަގެ އުނަގަނޑުގައި ފައުޒާން ކޮށްޓާލި އެވެ. ހިބާ ހީލި އަރައިގެން ދިޔައީ ސިއްސައި ގެނެވެ. ތެޅި ގަނެފައި ފައުޒާންއާއި ދިމާ އަށް ލޯ އަޅާލި އެވެ.
“ތެމިފަ؟ ވަޓް ހެޕަން؟” ހަމަ އެކަނި ހިބާއަށް އަޑު އިވޭ ވަރަށް ފައުޒާން އެހި އެވެ.
“ފެން އެއްޗަކަށް އެރިފަ.” ހިބާ ވެސް ވާހަކަ ދެއްކީ މަޑުންނެވެ.
ފައުޒާން ހައިރާން ވެފައި ހިބާއަށް ބަލަން ހުއްޓެވެ. ވާރޭ ވެހުނު ކަމެއް ފައުޒާންއަކަށް ނޭގެ އެވެ. އެގަޑީގައި ފައުޒާން ހުރީ ނަދުވާއާއި އެކު ނަދުވާގެ ކޮޓަރީގަ އެވެ. އެތަނަށް ވާރޭ ވެހޭ އަޑެއް ނީވެ އެވެ.
“ހިބާ! ޓްރުތް އޯ ޑެއާ ކުޅެން އަންނައްޗޭ.” ހިބާ މައްޗަށް އަރައިގެން ދާން ފެށުމުން އަޒުމާ ގޮވާލި އެވެ. ހިބާ ބޯ ޖަހާލަމުން ދިޔަގޮތަށް ދިޔައީ އެވެ. މާޒް އިށީދެގެން އިން ސޯފާގެ އަތްގަނޑު މަތީ އަޒުމީލު ޖައްސާލި އެވެ. އަދި އެންމެނާ ބައިވެރި ވެލި އެވެ.
ހިބާ އެއްޗިހި ބަދަލު ކޮށްގެން އައުމުން އެންމެން އަވަހަށް ކުޅުން ފަށައި ގަތެވެ. ހިބާވެސް ގެނެސް އަޒުމާއާއި ރިފާގެ ދޭތެރޭ އިން ހިމަ ޖާގައަށް ފައްތާލި އެވެ.
ފުޅި އަނބުރާލުމުން ފުޅި ގޮސް ހުއްޓުނީ އަޒްކާއާއި ދިމާއަށެވެ.
“ޓްރުތް އޯ ޑެއަރ؟” އަޒުމާ ބުމަ އަރުވާލަމުން އަހާލި އެވެ.
“ޓްރުތް.” އަޒްކާ ބުނުމާއި އެކު އަޒުމާ ކަރު ކެހިލި އެވެ.
“އަޒްކާ އުޅެނީ މާޒްއާއި ރައްޓެހި ވެގެންތަ؟” އަޒުމާ އެހި ސުވާލުން އަޒްކާގެ މޫނު ރަތްވެގެން ދިޔަ އެވެ. އަދި މާޒްއަށް ބަލައިލި އެވެ. ބުނާނެ އެއްޗެއް ނޭގިފައި އަޒްކާ އިނެވެ. އެހެން މީހުން ތިބީ ހެވިފައި އަޒުކާ ބުނާނެ އެއްޗެއްގެ އިންތިޒާރުގަ އެވެ. އެންމެނަށް ވެސް ޝައްކު ވެފައިވާ އެކަންތަކުގެ ތެދު ދޮގު މިރޭ އެނގޭނެ އެވެ.
“ދެން ބުނެބަލަ އަވަހަށް.” ރިފާ ބުންޏެވެ.
އަޒްކާ މާޒްއާއި ދިމާއަށް ބަލައިލި އެވެ. މާޒް ހެވިފަ އިނދެ އިޝާރާތުން ބުނާށޭ އަޒުކާއަށް އެންގި އެވެ. އަޒުކާ ލަދުން އިންދެ ބޯ ޖަހާލި އެވެ.
“މާޒްއާ ރައްޓެހި ވެގެން؟” އަޒްމީލު ގަބޫލު ނުކުރެވިގެން އަހާލި އެވެ. އަޒުކާ ގަތް ލަދުން އެތާ ނީންނަން ވެގެން ތެދުވެގެން ނުކުމެގެން ދިޔައީ އެވެ. އަޒްކާ ފަހަތުން މާޒް ވެސް ތެދުވެގެން ދިޔަ އެވެ.
“މިހާރު ގަބޫލު ކުރެ ވިއްޖެނު.” ފައުޒާން އަޒުމީލުއަށް ބަލައި ލަމުން ބުންޏެވެ. އަޒުމީލު ހިނިތުން ވެލި އެވެ. އަޒުމީލުއާއި ފައުޒާން ދެމީހުން ދެމީހުނަކަށް މާގިނަ ވާހަކައެއް އަދިވެސް ނުދައްކަ އެވެ. ނަމަވެސް އެހެން ކުދިކުދި ބަސްތައް ބުނެލާ ހަދަ އެވެ.
“އޯކޭ، އަލުން ފުޅި އަނބުރަނީ.” އަޒްމާ ފުޅި އަނބުރާލަމުން ބުންޏެވެ.
މިފަހަރު ފުޅި ގޮސް ހުއްޓުނީ ހިބާއާއި ދިމާއަށެވެ. ހިބާވެސް ބުނީ ޓްރުތޭ އެވެ.
“ހިބާ ކިތައް ކުދިންނާ ރައްޓެހި ވީ؟” އަޒްމާ އަހާލި އެވެ.
“އެންމެ ކުއްޖަކާ. އެކަމު އެއީ މީގެ ތިން މަސް ކުރިން.” ހިބާ ޖެހިލުމެއް ނެތި ޖަވާބު ދިނެވެ. އެންމެން ހީލި އެވެ.
“އަލުން.” މިފަހަރު ފުޅި އަނބުރާލީ ފައުޒާން އެވެ. މިފަހަރު ފުޅި ހުއްޓުނީ އަޒުމީލު އާއި ދިމާއަށެވެ.
“ޑެއަރ.” ފުޅި ހުއްޓުމާއި އެކު އަޒުމީލު ބުންޏެވެ. އެއްވެސް ސުވާލަކަށް އަޒުމީލު ޖަވާބުދޭން ބޭނުން ނުވަނީ އެވެ. ކުރާނީ ކޮން ސުވާލެއްކަން އަޒުމީލުއަށް އެނގެ އެވެ.
“އަތުގައާއި ކަރުގަ އަޅާފަ ތިހިރަ އެއްޗިހިތަށް ނަގާ ދެވަނަ ފަހަރަށް ނޭޅޭވަރުކޮށްލާފަ އުކާލާ.” އަޒުމާ ބުންޏެވެ.
“ވަޓް.” އަޒުމީލު އިނީ އެހެން ހަދަން ބުނެދާނެ ކަމަށް ހިތުލައިގެންނެއް ނޫނެވެ.
“ދެން. ޖެހޭނެ ކުރަން. ނަގާ އަވަހަށް،” ހިބާވެސް ބައިވެރި ވެލަމުން ބުންޏެވެ.
އަޒުމީލު ހުރިހާ އެއްޗެއް ނަގަމުން ނަގަމުން ގޮސް އެއްކޮން ނެގި އެވެ. އަދި އެކި އެއްޗިހި އެކި ގޮތްގޮތަށް ކުދި ކުރަން ފެށި އެވެ. ރޮދިން ގަތާފައިވާ ތަކެއްޗާއި، ޕެކިންތައް ކަތުރަކުން ބުރިބުރި ކޮށްލި އެވެ. ރިހި ފަށާ ކެވެލި ގަނޑު ފައްވާޒް ގެނައި ނަރު ކެނޑިން ކޮށާލި އެވެ.
“މިރޭގެ މަގުސަދު ހާސިލް ވެއްޖެ. ދެން މިރެއަށް ކުޅެ ނިމުނީ. ހާރުކާ ގަޑިވެސް ޖެހެނީނު.” އަޒުމާ ހަމަ ޖެހުމުގެ ނޭވާއެއް ލަމުން ތެދުވި އެވެ. އެންމެން ހައިރާން ވެފައި ތިއްބާ އަޒުމާ ނިކުމެގެން ހިގައްޖެ އެވެ. ރިފާއާއި ހިބާވެސް ތެދުވެގެން ބަދިގެއަށް ދިޔައީ ކާން ތައްޔާރު ކުރާށެވެ. ފައްވާޒްއާއި ފައުޒާންއާއި އަޒުމީލު އެތާ ވާހަކަ ދައްކަން އިރުކޮޅަކު ތިބެލާފައި އަޒުމީލު ވެސް ގެއަށް ދިޔައީ އެވެ.
ކޮންމެ ރެއެއް ވެސް އެގޮތުގައި ދިއުން އާދަ އަކަށް ވެއްޖެ އެވެ. އެގޮތުގައި ރޯދަ މަހުގެ ރޭތަށް ވޭތި ވަމުން ދިޔައިރު ފައުޒާން އާއި އަޒުމީލުގެ އެކުވެރިކަން ވެސް ދިޔައީ ބަދަހި ވަމުންނެވެ. މިހަރު ދެމީހުން ވެސް ކުޑަކޮން ސަކަރާތް ޖަހާލާ އުޅެއެވެ. ފެންނަ ފެނުމަށް ކުރީގެ ގުޅުން އަނެއްކާވެސް އާލާވީ ހެން ހީވެ އެވެ.
އެންމެން ހެދި ގޮނޑުދޮށް ސަރަހައްދުގައި ހުންނަ ޑައިނަމޯއަށް ތަރާވީސް ކާން އައީ ނަދީމާއާއި ސައީދު ދިން ދައުވަތަކަށެވެ. ކައިނިމިގެން ނިކުމެ ތިބީ އަޒުމާ ކުއްޖަކަށް އާއިލާ ތަޢާރަފްކޮށްދޭން ބުނުމުންނެވެ.
ހަފީޒާއާއި ނަދީމާއާއި ޝަކީލާއާއި އަދި އަޒުމާ އިށީދެގެން ތިބީ ހެދި ގޮނޑުދޮށުގެ ކުޑައެއްގެ ދަށުގަ އެވެ. ސައީދުއާއި އަޒުމީލުއާއި ރަޝީދު ވެސް އެތާ އިށީދެގެން ތިއްބެވެ.
ފައްވާޒް ރިފާ ގޮވައިގެން ދިޔައީ ރިފާގެ ތިމާގެ މީހަކު ހޮސްޕިޓަލުގައި ބާއްވާފައި އޮތުމުން އެތަނަށެވެ. ހިބާއާއި އަޒުކާ ނަވާލްއާއި އެކު އަތްލާ ކުޅެމުން ގެންދެ އެވެ. އެތާ ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ފައުޒާންއާއި ނަދުވާ ތިއްބެވެ.
ހިބާ ފައުޒާންއާއި ދިމާއަށް ބަލައިލި ވަގުތު ފައުޒާން ހުރީ ނަދުވާގެ އަތުގައި ހިފާލައިގެނެވެ. އެވަގުތު ފައުޒާންއަށް ހިބާއާއި ދިމާއަށް ބަލައިލެވުނެވެ. އަދި ބޭ އިހުތިޔާރުގައި ނަދުވާގެ އަތުން ކުއްލިއަކަށް ދޫކޮށްލެވުނެވެ. ހިބާގެ މިލާފައިވާ މޫނުން ކޮންމެސް އެއްޗެއް ފައުޒާންއަށް ދޭހަ ވެއްޖެ އެވެ. އެވަގުތު ނަވާ އައިސް ހިބާ ގައިގައި އަތްލުމުން އަޒްކާ ފަހަތުން ހިބާ ދުއްވައި ގަތެވެ.
“ޒެކް!” ކުއްލިއަކަށް ހިބާ ހަޅޭއްލަވައި ގަތެވެ. އަދި ފައުޒާންއާއި ނަދުވާ ހުއްޓިގެން ތިބި ދިމާލަށް ބާރަކަށް ދުއްވައިގަނެގެން ގޮސް އެމީހުން ފަހަނަ އަޅައި ގޮސް އެދިމާލަށް ހިނގަމުންއައި ފިރިހެން ކުއްޖެއްގެ އަތުގަ ހިފައިފި އެވެ. އެއީި މަޝްހޫރު ލަވަކިއުން ތެރިޔާ ޒެކް އެވެ. ފައުޒާންއާއި ދެން ތިބި މީހުނަށް ހައިރާން ކަމެއް ލިބިފައި ބަލަހައްޓައިގެން ތިބީ އެވެ.
އެންމެނަށް ވުރެން ބޮޑަށް ހައިރާންވެފައި އެދިމާއަށް ބަލަން ހުރެވުނީ އަޒުމާ އަށެެވެ. އަޒުމާ ހުރީ ފެންނަމުން އެދާ މަންޒަރުން ހިތްހަމަ ނުޖެހޭގޮތް ވެފައެވެ. ނަދުވާގެ ހިތް ހަސަދަވެރިވަމުން ދެއެވެ. ޒެކްއަކީ ނަދުވާއަށް އެންމެ ކަމުދާ ލަވަކިއުން ތެރިޔާ އެވެ. ހިބާ އެކަހަލަ ގޮތަކަށް ގޮސް ޒެކް ކައިރީ އެހެރީ ކީއްވެ ހެއްޔެވެ. ފައުޒާންގެ ހިތަށް އަސަރު ކުރަމުން ދާއިރު އަޒުމީލުގެ ހިތަށްވެސް ދިޔައީ ގޮތްތަކެއް ވަމުންނެވެ.
މާގިނައިރެއްނުވެ ޒެކްގެ އަތުގަ ހިފައިގެން އެހެން މީހުން ތިބި ދިމާލަށް ހިބާ އައެވެ.
“އެންމެންނޭ މިހިރީ ޒެކް.” ހިބާ ބުނެލި އެވެ. އެންމެން ހައިރާންވެފަ ބަލަން ތިއްބެވެ.
“އެންމެނަށްވެސް އެނގެޔޭ ތީ ޒެކް ކަން.” އަޒްކާ ބުންޏެވެ. ހިބާއަށް އެންމެންގެ މޫނަށް ބަލައިލެވުނެވެ. އެންމެން ތިބީ ހިބާއާއި ޒެކްއަށް ބަލާށެވެ. ޒެކް ހުރީ ހިނިއައިސްގެން އަޒުމާއަށް ބަލަހައްޓައިގެނެވެ.
“ޒެކް އަކީ ހިބާގެ ކާކު؟” އަޒުމާގެ އަޑުގައި ހިސާބަކަށް ހިތްހަމަ ނުޖެހުން އެކުލެވިގެން ވިއެވެ.
“ޒެކްއަކީ ހިބާގެ ގާޑިއަން.” ހިބާ ޖެހިލުމެއް ނެތި ބުންޏެވެ. “އެއީ ހިބާގެ ދޮންބެއާ އެއްކޮން އުޅޭ ހިބާމެންގެ ފެމިލީ ފްރެންޑެއް. ޒެކް އުޅުނީ ހިބާ ބައްޕަމެންގޭގައި.”
އަޒުމާ ޒެކްއަށް ބަލައިލަމުން ޒެކްގެ ގައިގައި ޖަހާލި އެވެ. އަދި ޒެކްގެ އަނެއްފަރާތަށް އައިސް ޒެކްގެ އަތުގަ ހިފާލި އެވެ. އެންމެނަށް ލިބިގެން ދިޔައީ އިތުރު ހައިރާން ކަމެކެވެ. ހިބާވެސް ހައިރާން ވެފައި ޒެކްއާއި އަޒުމާއަށް ބަލައިލިއެވެ.
“އަހަރެންގެ ހާއްސަ ޕްރެންޑަކީ ޒެކް. ޒެކް މީ އަހަރެންގެ ފެމިލީ.” އަޒުމާ އެންމެން ކައިރިއަށް އައިސް ހުއްޓިލަމުން ބުންޏެވެ. “މަންމާ، ބައްޕާ މީ ޒެކް. އަޒްކާ މީ ދޮންތައަށް އުޅެ އުޅެގެން ހޯދުނު އެންމެ ރަގަޅު ކުއްޖަކީ.” އަޒުމާ ބުންޏެވެ.
“ދޮންތަގެ ޗޮއިސް ވަރަށް ރަގަޅު. އެހެންވީމަ ކީކޭ އަޒްކޮ ކިޔަންވީ؟” އަޒްކާ ހުރެފަ އަހާލި އެވެ.
“ދެން އަދި ތިހިސާބަކަށް ނުދޭނު.” އަޒުމާ ބުންޏެވެ.
“އިތުރު ނަމެއް ކިޔާނެކަމެއް ނެތެއްނު. ޒެކް ކިޔާ. ހިބާވެސް ކިޔަނީ ޒެކް ވިއްޔަ،” ޒެކް ބުންޏެވެ. “ހިބާއަކީ ޒެކްގެ ކޮއްކޮއެއް ކަހަލަ ކުއްޖެއް. އެހެންވެ މިބުނީ.”
ފައުޒާން ދެޖީބަށް އަތް ޖަހާލަމުން ބޯވެސް ޖަހާލި އެވެ. ކައިރީގައި ހުރި ނަދުވާ ބަލައިލުމުން ނޭގޭކަމަށް ހަދާލަމުން ނަދުވާގެ ކޮނޑަށް އަތްލައިގެން ހެވިފައި ހުއްޓެވެ.
ހުކުރު ދުވަހަށް އިރުއެރީ ހިބާ ހޭލާ ހުއްޓައެވެ. ހިބާމެނަށް ޓެސްޓުތަކެއް އަންނާތީ ހިބާ އެރޭ ހުރީ ހޭލައެވެ. ހަތްގަޑި ބައިވުމުން ހިބާ ކޮޓަރިއަށް ވަނީ ނިދިއައިސްގެން ނީދެވެގެންނެވެ. އަށެއް ޖެހިތަނުން މީހަކު ކޮޓަރީގައި ތަޅާތީވެ ވަރަށް ނިދިމޫނާ ހުރެ ދޮރުހުޅުވި އިރު ހުރީ ފައުޒާން އެވެ. އައި ރުޅިން ދޮރު ލައްޕަން އުޅެނިކޮން ދޮރުގައި ފައުޒާން ހިފެހެއްޓި އެވެ.
“ހިބާ، މަޑުކޮށްބަލަ.” ފައުޒާން ހިބާގެ ކޮޓަރިއަށް ވަންނަމުން ބުންޏެވެ. އެވަގުތު އެނދުމަތީ އޮތް ލެޕްޓޮޕް ފައުޒާންއަށް ފެނުނެވެ.
“ބާރތްޑޭ ހަދިޔާތަ އެއީ؟” ފައުޒާން އަހާލި އެވެ.
“އޯހް ޕްލީޒް، ފައުޒާން ދެން މިގަޑީގަ މޫޑަކު ނޫން މިހިރީ. ވަރަށް ނިދި އައިސްފަ މިހިރީ،” ހިބާ ފައުޒާން ދޮރުން ބޭރަށް ކޮށްޕާލަން އުޅުނެވެ. “ފައުޒާން ދޭބަލަ ބޭރަށް.”
“ހިބާގެ ދޮންބެ އައިސް އެބައިން.” ފައުޒާން އަވަސް އަވަހަށް ބުންޏެވެ. “ހީވަނީ ވަރަށް ބޮޑުކަމެއް ވެގެން ހެން. ވަރަށް ހާސް ވެފަ ހެން ހީވަނީ.”
ހިބާގެ ދެލޯ ބޮޑުކޮށްލި އެވެ. އަދި ފައުޒާން ކޮށްޕާލަމުން ދޮރުން ނުކުމެގެން ތިރިއަށް ފައިބައިގެން އައިއިރު އަބްޔާން ސޯފާގައި އިށީދެގެން އިނެވެ. ހިބާ ފެނުމުން ތެދުވި އެވެ. ތެދެކެވެ. އަބްޔާން އިނީ ވަރަށް ކަންބޮޑު ވެފަ އެވެ.
“ހިބާ، ރޭގަ ދައްތަ ނިޔާ ވެއްޖެ.” އަބްޔާން ހިބާއަށް ބަލައިލަމުން ބުންޏޭވެ. އޭރު ފައުޒާން ވެސް ސިޑިން ފައިބައިގެން ތިރިއަށް އާދެ އެވެ. “ސިންގަޕޫރުގަ ނިޔާވީ. މަންމަ މިކޮޅަށް އަންނަން އުޅުމުމުން ސިންގަޕޫރުގައޭ ވީ ބުނުމުން މަންމަ އަންނާކަށް ބޭނުމެއް ނުވި.” އަބްޔާން ބުންޏެވެ.
ހިބާއަކަށް ނުއެއް ރޮވެ އެވެ. ނަމަވެސް ދެރަވީ ލަޔާންއާއި ދޭތެރޭ ވިސްނާލާފަ އެވެ. ހިބާގެ ދޮންމަންމައަކީ ހިބާއާ މާބޮޑު ގުޅުމެއް އޮންނަ މީހެއް ނޫނެވެ. އެ ދޮންމަންމަގެ ގޮތެއް ހިބާއަކަށް ނުވެސް އެނގެ އެވެ.
“ދައްތަ އަކީ ވަރަށް ރަގަޅު މީހެއް. ހިބާ ވެސް ދައްތަ ކައިރީ އުޅުން ނަމަ އިނގޭނީ.” އަބްޔާން ހިބާގެ ހިތަށްއަރާނެ އެއްޗެއް ވިސްނާލަމުން ބުންޏެވެ.
“ކޮންތާކު ކަށުނަމާދު ކުރަނީ؟” ލައިގެން ހުރި ހަރުވާޅުގެ ޖީބަށް އަތްޖަހައި ލައިގެން ހުރި ފަައުޒާން އަހާލި އެވެ.
“ހުކުރުން ފައިބައިގެން އިސްލާމީ މަރުކަޒުގަ،” އަބްޔާން ބުންޏެވެ. “ފައުޒާން ދާނަން ދޯ.” ފައުޒާން ބޯ ޖަހާލި އެވެ.
“ހިބާ ދާނަންތަ ބައްޕަ މެންގެއަށް؟ ވަރަށް ގިނަމީހުން ގެއަށް އަންނަމުން ދަނީ. ޔޫ ޝުޑް ބީ ވިތް މީ.” އަބްޔާން ބުންޏެވެ.
“އަންނާނަން ތައްޔާރު ވެލައިގެން.” ހިބާ ބުންޏެވެ. އަދި ފައިޒާންއަށް ބަލައިލަމުން ސިޑިން އަރައިގެން ދިޔައީ އެވެ.
އެދުވަހު އަޒުމީލުއާއި ފައްވާޒް ވެސް ހުކުރަށް ދިޔައީ އިސްލާމީ މަރުކަޒަށެވެ. އެއީ ފައުޒާން ކިޔައި ގެންނެވެ. އެދުވަހު މެންދުރު ފަހު ރޯދަ ވިއްލާ އެއްޗިހި ހަދަން ރިފާއާއި ހަފީޒާ އުޅުނީ ވަރަށް އަވަދި ނެތި އެވެ. ހިބާ ނެތުމުން އެކަމުގެ ފަޅުކަން އިހުސާސް ކުރެވުނެވެ. އަދި ކަންތައްތައް ކުރިއަށް ދާލެއް ވަރަށް ލަސް ވިއެވެ.
ހިބާ ގެއަށް އައި އިރު ހުރީ ފަހެއް ޖަހާ ބޮޑުވެފަ އެވެ. އަވަހަށް ތައްޔާރުވެގެން ނަމާދު ކޮށްލައިގެން ހިބާ އައިސް އެންމެނާ އެކު ބަދިގޭގައި އުޅުނެވެ. ހިބާގެ ލޯމަތިން ފެންނަނީ ވަރުބަލި ކަމެވެ. ހަމަ ނިދި ނުލިބުމުގެ ސަބަބުން ހިބާގެ ބޮލަށް ހުރީ ބަރު ވެފަ އެވެ. ރޯދަ ވިއްލި ގަޑީގައި ވެސް ހިބާ އިނީ ވަރަށް މަޑު މަޑުންނެވެ. އެންމެން ހީކުރީ ހިބާގެ ދޮންމަންމަ ނިޔާވުމުން އެކަމުގެ ހިތާމައިގައި އިނީ ކަމުގަ އެވެ.
ނަމާދުން ފައިބައިގެން ފައުޒާން މައްޗަށް އެރިއިރު ހިބާ ފާހާނާގައި އުޅޭއަޑު އިވެ އެވެ. ފައުޒާން ކޮޓަރިއަށް ވަންނަނިކޮން ބަންލާފައި އެއްޗެއް ވެއްޓުނު އަޑު ފާހާނާ ތެރެއިން ފައުޒާންއަށް އިވުނެވެ.
“ހިބާ؟ ހިބާ؟ އާ ޔޫ އޯކޭ؟” ފައުޒާން ފާހާނާ ދޮރުގައި ޖަހާލުމުން ޖަވާބެއް ނަޔެވެ. ފައުޒާން ތަންކޮޅެއް ބާރަށް ދޮރުގައި ޖެހުމުން ވެސް ހިބާގެ ހަބަރެއް ނުވި އެވެ. އެތަކެއް އިރު ހިބާގެ ހަބަރެއް ވޭތޯ އެކި ގޮތްގޮތުން ފައުޒާން މަސައްކަތް ކުރިއެވެ. ފައުޒާން ތަޅުދަނޑިން ދޮރު ހުޅުވައިގެން ވަންނަން ހިތަށް އަރާފަ ވެސް އެއީ މުޅިން ރަގަޅު ގޮތަކަށް ނުވަނެތީ ފައުޒާން ތިރިއަށް ދިޔައީ ހަފީޒާ ނޫނީ ރިފާ ގޮވައިގެން އަންނާށެވެ. ހަފީޒާގެއަކު ނެތެވެ. ރިފާއާއި ފައްވާޒް ވެސް ފެންނަން ނެތުމުން ފައުޒާން އައިސް ތަޅުދަނޑިން ދޮރު ދޮރުހުޅުވާލި އިރު ހިބާ އޮތީ ފާހާނާގެ ތަޅުންގަނޑު މައްޗަށް އުއްޑުން ވެއްޓިފަ އެވެ. ގައިގައި އެއްވެސް އަންނައުނެއް ނެތުމުން ފައުޒާންއަށް ލޯ މަރާލެވުނެވެ.
13 Comments
Comments are closed.
Nice story
V salhi?v bodah thnx ehaa avahah up kuraathee❤️❤️❤️
Aasi vareh nethey buneveynee v vvv bodah thnx??? ummeedhu kurany kuriyah ohthagaves thigothah vaahaka upload kuraanekamah vaahaka vvvvv salhi zaan aai hibaa gulhuveema mi salhivaanee??❤️❤️
V nice story
Alhey mi vaahaka haadha reehchey.. ehfaharu mi vaahaka nimendhen kiyaaleema anehkaa vx alun fashaigen kiyaa hiy vary.. dhn naduva r vx kuhjaku gulhuvaifai oh nama ithurah furihamavys…
Wen next part…pls avaha inge
Anehbai v avahah up kohdheeba
Wow,, mi story haadha ryhcheyy,, waiting 4 the nxt part,,,, plx plz upload it soooon… can’t wait anymore to read the nxt part….
Kobaa tha gurubaan vumee mi hithuge ufaa avaha up kohlaba plx
Author aky v korean series balaa kujjehkan engey vaahaka kiyaaleema… btw story is v interestin…
Alheyy dhen ehnmen heekuraany xaan hibaa behunu kamah
Xaan hibaa aai nubehey besty dhera nuvebah
very nice 😀