“ދެވަނަ ސަބަބެއް އަޑެއް ނާހާނަންތަ.. އަހަރެން އާސީންއާއި ބައްދަލު ކުރަން ބޭނުންވި” ނާސިރު ބުނެލިއެވެ. އަހަރެން ހުއްޓުނީމެވެ. އަދި ނާސިރުއާއި ދިމާލަށް އެބުރެލީމެވެ. “އާސީން ވަރަށް ކަމުދޭ.. އަހަރެންގެ ޖިންނިއަށް” ނާސިރު ބުނެލިއެވެ. އަހަރެން ދެލޯ ބޮޑު ވިއެވެ. “ކިހިނެއްވީ.. މާ ހައިރާން ތިވީ.. އަހަރެން ޖިންނި ގެންގުޅޭކަން އާސީންއަށް ރަނގަޅަށް އެނގޭ.. އެހެން ނޫންނަމަ މިތަނަށް އައުމުގެ ކުރިން ތި އުނަގަނޑުގައި އޮތް ތަވީދު ނަގާނެ” އަހަރެންނަށް ވަގުތުން އުނަގަނޑުގައި އަތް ޖައްސާލެވުނެވެ. އަދި ބާރު ބާރަށް ހިގާފައި އެތަނުން ނިކުތީމެވެ. އެތަވީދަކީ މިއަދު ބައްޕަ ގެނެސްދިން އެއްޗެކެވެ. އޭރު ހެނދުނު ގަޑީގައި ބައްޕަ ދިނީ އެތަވީދެވެ. އެ ރޫމްގެ ދޮރު ޖެހުނު އިރު ނާސިރު މޮޔައެއްހެން ހޭ އަޑު އިވެމުން ދިޔައެވެ. އަހަރެންނަށް އޭނައަކީ ސިހުރު ހަދާ މީހެއްކަން އެނގެއެވެ. އެހެންކަމުން އަހަރެންގެ ސަލާމަތައްޓަކައި އަހަރެން ފިޔަވަޅު އެޅީއެވެ.
“އާ ޔޫ އޯކޭ” ސިހިގެން ދިޔައީ ނުލާހިކު ކައިރިން އައިރްގެ އަޑު އިވުމުންނެވެ. ބަލާލިއިރު އަހަރެންނަށް އައިރް ފެނުނީ ފުސްކޮށެވެ. ދެލޮލަށް ކަރުނަ ޖަމާވެފައިވާކަން އެވަގުތު އެނގުނެވެ. ވަގުތުން އިސްޖަހާލާ ދެލޯ ފުހެލީމެވެ. އަދި ބޯޖަހާލީ އަހަރެން ރަނގަޅޭ ބުނެލުމުގެ ގޮތުންނެވެ. “އަޅުގަނޑު ގެއަށް ދިޔަޔަސް އެންމެ ރަނގަޅުތޯ” އަހަރެން އަހާލީމެވެ. އައިރްގެ މޫނުމަތިން އަހަރެން ބޭނުންވި ޖަވާބެއް ނުލިބުނެވެ. “ނާސިރު ރަނގަޅަށް ބަލަހައްޓާތި” އެތަނުގައި ހުރި ފުލުހަކަށް އެހެން ބުނެލުމަށްފަހު އައިރް ހިގައިގަތެވެ. އަހަރެންވެސް އައިރްގެ ފަހަތުން ހިގައިގަތީމެވެ. އޭނަ ދިޔަގޮތައް ދިޔައީ އޭނާގެ އޮފީހަށެވެ. “އިށީދޭ” އެތަނުގައި އިން ގޮޑި ދައްކާލަމުން އައިރް ބުނެލިއެވެ. އަދި ތަންކޮޅެއް ދުރުގައި ހުރި ފެން ކޭހަކުން ފެންފުޅިއެއް ނަގާ އަހަރެންނަށް ދިއްކޮށްލިއެވެ. “މިހާރު ކިހިނެއްތަ” އަހަރެން ފެންފޮދެއް ބުއިމުން އައިރް އަނެއްކާވެސް އަހާލިއެވެ. އަހަރެން އައިރްގެ މޫނަށް ބަލާލީމެވެ. އެމޫނުމަތިން ފެންނަން ހުރީ އަހަރެންގެ ހިތް ހަލާކު ކުރާފަދަ ހިނިތުންވުމެކެވެ. “ލައްބަ.. އަޅުގަނޑު ރަނގަޅު” ގަދަކަމުން ހިނިތުންވުމެއް ގެންނަމުން އަހަރެން ބުނެލީމެވެ. “އެންމެ ރަނގަޅު ތޯ އަޅުގަނޑު ދެން ދިޔަ ޔަސް” އަހަރެން ބޭނުންވީ ވީހާވެސް އަވަހަސް އެތަނުން ދާށެވެ. “އަހަރުމެން ދެންމެ އެވީ ކަންތަކާއި މެދު ވާހަކަ ދައްކަން އެބަ ޖެހޭ” އައިރް ބުނެލިއެވެ. “ބައްލަވާ.. އަޅުގަނޑު މިހާރު މިކޮޅުގައި ވަރަށް ގިނަ އިރު ވެއްޖެ.. ގޭގައި މަންމައާއި ބައްޕަމެން ތިބޭނެ އަޅުގަނޑަށް ވީނުވީއެއް ނޭނގިފައި.. ހާސްވެފައި.. ފަހުން އައިސް އެވާހަކަ ދައްކާ ގޮތަށް އަޅުގަނޑު ފޮނުވައިދެއްވާ” އަހަރެން އެދުނީމެވެ.
” މަންމައަށް ގުޅާފައި ބުނަން ވީ ނުން އަދި މިކޮޅުގައި އިރުކޮޅެއް ވާނެއޭ” އައިރް ބުނެލިއެވެ. އަހަރެންނަށް އިތުރު އެއްޗެއް ނުބުނެވުނެވެ. އައިރްއަށް ނުވިސްނެނީ ކީއްވެ ހެއްޔެވެ. މިވަގުތު އަހަރެންނަށް މިތަނުގައި އިންނަން އުދަގޫކަމެއް އޭނާއަކަށް ނޭނގެނީ ހެއްޔެވެ. “ނާސިރު އެދެއްކީ ރަނގަޅު ވާހަކައެއްތަ” އައިރް ސުވާލު ކުރިއެވެ. އަހަރެން އިސްއުފުލާލަމުން އައިރްއާއި ދިމާލަށް ބަލާލީމެވެ. “އެކަމަކު އާސީން ބުނީ ނާސިރު ނުދައްނަމޭ..” އައިރް ގޮޑީގައި ހަމަޖެހިލަމުން ސީރިއަސް ކަމާއި އެކު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. “އާސީންއަށް އޭނަ އެނގޭކަމަށް ވަންޏާމު ބުނެދީ މިހާރު.. މީނައާއި އެއްވެސް ގުޅުމެއް އޮވެ އެވާހަކަ އަހަރުމެން ކައިރީގައި ނުބުނެ ސިއްރު ކުރާނަމަ އާސީން ވަރަށް ބޮޑަށް ބެދިދާނެ” އައިރް ބުނެލިއެވެ.
އައިރް ހީކުރަނީ ކީކޭ ކަމަށް ހެއްޔެވެ. އަހަރެން ނާސިރުގެ ވާހަކައެއް އެނގެންޔާމު ފޮރުވަންވީ ކީއްވެ ހެއްޔެވެ. ފުލުހުންނަށް ބުނެނުދީ ދެން އަހަރެން ބުނެދޭނީ ވަކި ކާކަށް ހެއްޔެވެ. އަހަރެން ނާސިރުއާއި ވާހަކަ ދެއްކީ އަހަރެންގެ ސުވާލުން ފުރި ބަރުވެފައިވާ ގޯންޏަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭތޯއެވެ. އެކަމަކު އޭނާ އަހަރެންގެ އަމިއްލަ ނަފްސާއި މެދުވެސް ޝައްކު އުފައްދައިފިއެވެ. އޭނާ އެބުނީ ކީކޭ ހެއްޔެވެ. އަހަރެން އޭނާގެ ދަރިއަކަށްވާންވީ ކީއްވެ ހެއްޔެވެ. މަންމައާއި ބައްޕައާއި ދެމީހުން އަހަރެންނަށް އެހާ ބޮޑަށް އޮޅުވާ ލާފާނެ ހެއްޔެވެ. މަރްޔަމް ނަޝްފާ އެއީ އަސްލުވެސް އުޅޭ މީހެއް ހެއްޔެވެ. އެއީ ނާސިރުގެ ދަރިއެއް ހެއްޔެވެ. “އާސީން.. އަހަރެން މިދައްކާ ވާހަކަ އަޑު އިވޭތަ އެބަ” އަހަރެން ސިހިގެން ދިޔައީ އައިރް މޭޒުގައި ޖަހާލަމުން އެހެން ބުނެލި އަޑު އިވުމުންނެވެ. “ސޮރި.. ކީކޭތޯ” އަހަރެން ސިހިފައި އަހާލީމެވެ. “އަހަރެން ބުނީ ނާސިރު އެބުނީ ތެދެއްހޭ..” އައިރްގެ އަޑު ކުޑަކޮށް ހަރުކަށިވެގެން ދިޔަކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. އޭނާ އެވަރަށް ވާހަކަ ދެއްކުމުން އަހަރެން އެއްޗެއް ނުބުނުމުން ރުޅި އައީ ކަމަށް ވެދާނެއެވެ.
“ކިހިނެއްތަ އާސީންއަށް އެނގުނީ އޭނާ އަކީ ޖިންނި ގެންގުޅޭ މީހެއްކަން” އައިރް އަނެއްކާ ސުވާލު ކުރިއެވެ. އަހަރެން މިފަހަރުވެސް އައިރް އާއި ދިމާލަށް ބަލާލީމެވެ. “ނާސިރު ބުނި އެކަން އެނގޭތީއޭ އާސީން ތަވީދެއް އަޅައިގެން ތިއުޅެނީ.. ކިހިނެއްތަ އާސީންއަށް އެކަން އެނގުނީ” އައިރްގެ އަޑު ހަރުކަށިވަމުން ދިޔައެވެ. “ކީއްވެ އައިރްއަށް އެކަން ނޭނގެންވީ” އަހަރެން ހައިރާންކަމާއި އެކު އަހާލީމެވެ. އޭނާއަކީ ސިހުރު ހަދާމީހެކޭ މުޅި މާލޭ ތެރޭގައި ކިޔާއިރު އައިރްއަށް އެއަޑު ނީވޭ ހެއްޔެވެ. އިވޭނަމަ ސިހުރު ހަދާ މީހުން ޖިންނި ގެންގުޅޭކަންވެސް އެނގޭނެ ނޫން ހެއްޔެވެ. “މުޅި މާލޭގައި އެކިޔަނީ އޭނައަކީ ސިހުރު ހަދާ މީހެކޭ” އަހަރެންގެ އަޑުވެސް މިފަހަރު ބާރުވިއެވެ. އަސްލު ބުނާނަމަ އަހަރެންނަށް ނޭނގޭ އުދަގޫތަކެއް ވާން ފެށިއެވެ. އެތަނުގައި އަހަރުމެން ދެމީހުން ފިޔަވާ އިތުރު މީހަކު އުޅޭކަމުގެ އިހްސާސް އަހަރެންނަށް ވާން ފެށިއެވެ. “މާލޭގެ ތެރޭގައި ކިޔާ އާސީންއާއި ނާސިރުއާއި ގުޅުމެއް އޮވެއޭވެސް.. އެވާހަކަވެސް އަހަރެން ވީ ގަބޫލު ކުރަންތަ” އައިރް ބުނެލިއެވެ. އައިރްގެ ވާހަކަ ތައް ހުރި ގޮތުން އަހަރެންނަށް ހީވީ އަހަރެންނަށް އިދެވުނީ ތަހުގީގު ކުރާ ރޫމްއެއްގައި ހެންނެވެ. “އަހަރެން ލިޔުނިން ނާސިރުއާއި ބެހޭގޮތުން ދެ އާޓިކަލް.. އެ ދެއާޓިކަލް ލިޔުނު އިރު އަހަރެން އޭނަގެ ފެމެލީގެ ދެ މެންބަރަކާއި ވާހަކަ ދެއްކިން.. އެދެމީހުން ބުނި ނާސިރުއަކީ ކުރިން ވަރަށް ރަނގަޅު މީހެކޭ.. އެކަމަކު ފަހުން އޭނާ ވަރަށް ބޮޑަށް ބަދަލުވީއޭ.. އޭނަގެ އުޅުން ހުރި ގޮތުން ހީވަނީއޭ އެކަހަލަ ކަމެއް ކުރާހެން” އަހަރެން ވާހަކަ ދެއްކީމެވެ.
ދެމީހުންގެ ވާހަކަ އެހާ ހިސާބަށް ދިޔަތަނާ އެތަނުގައި ހުރި ލައިޓް ފިޔަޖަހަން ފެށިއެވެ. “މިލައިޓްއަށްވެސް މިގަޑީގައިތަ އަނދަން އެނގުނީ” ފޫހިކަމާއި އެކު އައިރް ބުނެލިއެވެ. އަހަރެން ބިރު ގަންނަން ފެށިއެވެ. އަވަހަށް އެތަނުން ނިކުންނަށް ބޭނުންވިއެވެ. އައިރް އޭނަގެ ގޮޑިން ތެދުވިއެވެ. އެވަގުތު ކުއްލިއަކަށް ލައިޓް ނިވުނެވެ. މުޅިތަން އަދިރިވެގެން ދިޔައެވެ. ގަޑިއަކީ ދުވާލު ގަޑިކަމުގައި ވިޔަސް އެރޫމްއަކީ މުޅިން ބަންދު ތަނެއް ކަމުން އަލި ވާނެ ހަމައެކަނި ގޮތަކީ އެލައިޓް ކަމުން އެވަގުތު އެތަނަށް ވެރިވީ ނާމާން އަދިރިކަމެކެވެ. އަހަރެންގެ ދެލޯ ބޮޑުކޮށް ހުޅުވާލީމެވެ. އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ އައިރްގެ ގޮޑީގެ ފަހަތުން ކެބިނެޓް ކައިރިން ދިލުނު ދެ އަލި ކޮޅެވެ. ކުޑަ އިރުކޮޅަކަށް އެ އަލިކޮޅު ދިލިފައި ހުރެފައި ގެއްލުނެވެ. އެވަގުތު ލައިޓް ދިއްލުނެވެ. އަހަރެންގެ ނޭވާ ތާށިވި ކަހަލައެވެ. ވަމުން ދިޔައީ ކީއްކަން އަހަރެންނަށް ކިތައްމެ ރަނގަޅަކަށްވެސް އެނގެއެވެ. އައިރް ކައިރީގައި ބުނަން ވީ ހެއްޔެވެ. ނޫނެކެވެ. އަދި ނުބުނާނަމެވެ. އެކަމަކު.. އައިރް އައިސް އޭނާގެ ގޮޑީގައި އިށީދެލިއެވެ.
“ކީއްވެ އާސީން ކުރިން ތިވާހަކަ އަހަރެން ކައިރީގައި ނުބުނީ” އައިރް އަހާލިއެވެ. “ކޮން ވާހަކައެއް” އަހަރެން ނޭނގިފައި އަހާލީމެވެ. “ތި ބުނި ވާހަކަ.. އާސީންއަށް އެހެންވީމަ އޭނާގެ އާއިލާގެ މީހުން އެނގެއެއްނުން.. ނޭނގެއޭ ކިޔާފަ..” އައިރް ބުނަން އުޅުނު ޖުމްލަ މެދުކަނޑާލިއެވެ. “ލުކް މިސްޓަރ.. އަޅުގަނޑު އެއްވެސް މީހަކަށް ދޮގެއް ނުހަދަން.. އަޅުގަނޑަށް ނޭގޭތީ ނޭނގޭ ވާހަކަ ބުނީ.. އެހެން ނޫނަސް އަޅުގަނޑަށް އެނގޭ، އަޅުގަނޑު ނުބުންޏަސް އައިރްއަށް އެކަން ނުލާހިކު ރަނގަޅަށް އެނގޭނެކަން.. އޭނާއަކީ ކާކުމަކާއި އޭނާ ކުރާ މަސައްކަތްވެސް އައިރްއަށް އެނގޭނެކަން އަޅުގަނޑަށް ރަނގަޅަށް އެނގޭ..” އަހަރެން ކުއްލިއަކަށް ތެދުވެ އައިރްއާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ރުޅިވެރިކަމާއި އެކު ބުނެލީމެވެ. އަހަރެންނަށް ކަންތައްތައް ނުވާ ވާހަކަ ކިޔާށެވެ. އަދި އަހަރެން މީ ހާސްވެ ކަންބޮޑުވާ މީހެކޭވެސް ކިޔާށެވެ. އެކަމަކު އަހަރެން މީ ދޮގު ހަދާމީހެކޭ ބުނާއަޑު އަހާކަށް އަހަރެން ނުހުންނާނެމެވެ.
“އަޅުގަނޑު މިތަނަށް މިއައީ އައިރްމެންނަށް އެހީވަން.. އަދިވެސް އިތުރު އެހީއެއް ބޭނުންނަމަ ބުނެލާ.. އަންނާނަން” ހިތްހަމަނުޖެހިފައި އަހަރެން އެތަނުން ބާރު ހިގުމެއްގައި ނިކުތީމެވެ. އައިރްގެ މޫނުމަތީގައި އޭރު ހިނިތުންވުމެއް އިންކަން އަހަރެންނަށް އެނގުނެވެ. ނަމަވެސް އަހަރެން އަޅައެއް ނުލަމެވެ. ބާރު ހިގުމެއްގައި އަހަރެން ފުލުސް އޮފީހުން ނިކުމެ ސައިކަލަށް އަރާ ދުއްވާލީމެވެ. އޭރު ސިކުނޑީގައި ވަނީ އެތަނުން ފެނުނު ދެއަލި ކޮޅެވެ. ދުއްވަން އިދެފައި އުނަގަނޑުގައި އަތް ޖައްސާލެވުނެވެ. އަހަރެން ހީކުރި ވަރަށް ވުރެއް ނާސިރު ބާރުގައެވެ. އެހެން ނޫންނަމަ އަހަރެންނާއި އެގޮތަށް އެ އެއްޗަކަށް ކައިރިއެއް ނުވެވުނީހެވެ.
“ކީކޭ ބުނާނީ ކަނބުލޯ.. މިހެން ބުނަން ލަދުވެސް ގަނޭ.. އެކަމަކު މިހާރު ބޭބެ އެއުޅެނީ ރަނގަޅަށްކަށް ނޫން.. އަހަރެންގެ ހިތްބުނޭ އޭނަ ރަނގަޅު ކަމެއް ނޫނޭ ކުރަނީ ކީ.. އެންމެންނާއި ދުރުވެއްޖެ.. އެކަނި އަބަދު އުޅެނީ.. ގެއިން ނުވެސް ނިކުމޭ.. ނިކުންނަނީވެސް ދަންވަރު ގަޑީގައި.. ކުރިން ރެއަކުވެސް ރަށު މީހަކަށް ފެނިއްޖެ ދަންވަރު ގަޑީގައި ގަބުރުސްތާނުގައި ހުއްޓާ” ނާސިރުގެ ކޮއްކޮ ދެއްކި ވާހަކަ އަހަރެންގެ ސިކުނޑީގައި އުތުރިގަތެވެ. އަހަރެން ގެއަށް ދިޔަ ގޮތަށް އަވަހަށް ގޮސް ނަމާދު ކޮށްލީމެވެ. އެމީހާގެ ކިބައިން އަހަރެން ސަލާމަތް ކޮށްދިނުން އެދި ދުއާ ކުރީމެވެ. އަހަރެންގެ ދެލޯ ކަރުނުން ފުރިގެން ދިޔައެވެ. އިންތިހާއަށް އަހަރެންވަނީ ބިރުގަނެފައެވެ. އިރުއިރު ކޮޅާ އަހަރެންނަށް މުޅި ކޮޓަރި ތެރެއަށް ބަލާލެވެއެވެ. އަހަރެން ގެއަށް އައިކަން މަންމަމެންނަށް އެނގުނީ އިރުކޮޅެއް ފަހުންނެވެ. ބައްޕައައިސް ދޮރުޓަކި ޖަހާލަމުން އެތެރެއަށް ވަނެވެ. “ދަރިފުޅާ..” ބައްޕަ ގޮވާލިއެވެ. އަހަރެން ބައްޕައާއި ދިމާލަށް ބަލާލީމެވެ. އަހަރެންގެ ކަރުނުން ފުރިގައިވާ ދެލޯ ފެނުމުން ކޮންމެވެސް ކަމެއް ވެއްޖެކަން ބައްޕައަށް އެނގުނެވެ. އަހަރެން އެތަނުގައި ވީ ކަންތައް ކިޔައިދިނީމެވެ. އަދި ނާސިރު މަންމައާއި ބައްޕަ އާއި ދެމީހުންނޭ ކިޔައިގެން ބުނި ވާހަކަ ވެސް އަހަރެން ބުނީމެވެ. އެންމެ ފަހުން އަހަރެންނަށް ފެނުނު މަންޒަރުވެސް ރީއްޗަށް ކިޔައިދިނީމެވެ.
“އެހެންވީމަ ވަރަށް ބަރުގަދަތާ އޭތި” ބައްޕަ ބުނެލިއެވެ. ބައްޕައަކީވެސް ކޮންމެވެސް ވަރަކަށް ކިޔެވެލި ކިޔަވާ މީހެކެވެ. އެކަމަކު އެހާ ބޮޑެތި ކަންތައް ކުރާކަށް ބައްޕައަކަށް ނޭނގެއެވެ. “ދަރިފުޅު ބިރު ނުގަނޭ.. އެއްވެސް އެއްޗަކަށް ދަރިފުޅަކާއި ކައިރިވާކަށް ނުކެރޭނެ.. ތި ތަވީދު އޮތްހާ ހިދަކު.. އަނެއްކާ ދަރިފުޅުތީ އަބަދު ނަމާދުކޮށް ގުރުއާން ކިޔަވާ ކުއްޖެއް.. އެހެންވީމަ އެއްވެސް ބިރެއް ދަރިފުޅަކަށް ނެތް.. އެކަމަކު ޖިންނިއަށް ކަމުދާ ވާހަކަ ބުނެފި ނަމަ އެކަމާއި ވިސްނަން ޖެހޭނެ.. އެއީ ވަރަށް ބޮޑުކަމެއް” ބައްޕަ ބުނެލިއެވެ. އޭގެ އިރުކޮޅެއް ފަހުން އަހަރެން ބޭރަށް ނިކުމެ މަންމައާއި ސުވާލު ކުރީމެވެ. އެކިގޮތް ގޮތަށް އަހަރެންގެ ކުޑައިރުގެ ވާހަކަތައް ހޯދީމެވެ. ނޭނގޭ ގޮތަށް އެތައް މައުލޫމާތެއް ހޯދީމެވެ. އަހަރެން ފުލުސް އޮފީހުން އައިއިރު މެންދުރު ފަސް ވެއްޖެއެވެ. އަހަރެން ބޭނުންވަނީ މިކަމުގެ ހަގީގަތް ހޯދާށެވެ. އެހެން އެކަން ވާނީ އަހަރެން މަސައްކަތް ކުރާ ތަނުން ޖާގަ ލިބިގެންނެވެ. އެކަމަކު.. ޖައިޝްއާއި ވާހަކަ ދައްކަން ޖެހޭނެއެވެ. އަހަރެންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވީ އެވަގުތު ހިތައް އެރި އެއްޗަކުންނެވެ.
ހިތުގައި ޕްލޭން ރާއްވާލީމެވެ. “ދަރިފުޅާ ކޮންތާކަށް” ބޭރަށް ނިކުމެ ނިކުމެ އޮއްވާ ބައްޕަ ގޮވާލިއެވެ. އަހަރެން އެބުރި ބައްޕައާއި ދިމާލަށް ބަލާލީމެވެ. ހާސްވާކަން ނުދެއްކި ނަމަވެސް ބައްޕަވެސް މިކަމުގައި ހާސްވާނެ ވަރު އަހަރެންނަށް އެނގެއެވެ. ” މިދަނީ އޮފީހަށް.. ޖައިޝްއާއި ބައްދަލު ކުރަން” އަހަރެން ހިނިތުންވެލަމުން ބުނެލީމެވެ. “އެކަމަކު” “ބައްޕާ އަޅުގަނޑަކަށް އަބަދަކު ގެއަކު ބަންދުވެގެނެއް ނުއިދެވޭނެ ނޫންތޯ.. އަޅުގަނޑަށް ޔަގީން އަޅުގަނޑާއި ކައިރިވާކަށް ނުކެރޭނެކަން” އަހަރެން ބުނީމެވެ. އަދި އަވަސް ކަމާއި އެކު ބޭރަށް ނިކުތީމެވެ. އަހަރެންނަށް ޔަގީންނެވެ. ޖައިޝް ހުންނާނީ ވަރަށް ހިތްހަމަނުޖެހިފައެވެ. އެހެންވީމަ ފުރަތަމަ ކަމަކަށް އަހަރެން ޖެހޭނީ އޭނާ އަހަރެންގެ މުށުތެރެއަށް ލާށެވެ. އެކަމަށް ބޭނުންކުރާނެ އުކުޅު އަހަރެންނަށް އެނގެއެވެ.
އޮފީހަށް ވަތްގޮތަށް މަޑުޖެހުމެއް ނެތި އަހަރެން ދިޔައީ ޖައިޝްގެ ކެބިންއަށެވެ. އޭރު ޖައިޝް ރުޅިގަދަވެގެން އޭނާގެ ބާރުގަދަކަން އެތަނުގައި އެއްވެސް ބާރެއް އާރެއް ނެތް ގަނޑުތަކަށް ބާލަމުން ދިޔައެވެ. “އާދެވިއްޖެދޯ.. އަހަރެން ހީކުރީ ދެން އަހަރެން ހުންނަ ދިމާލަށް ބޯ ވެސް ނުލާނެ ކަމަށް..” އަހަރެން ފެންނަ އިރަށް ރުޅިވެރިކަމާއި އެކު ޖައިޝް ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ. “ސޮރީ” އަހަރެން ވަރަށް ރީތިކޮށް ބުނީމެވެ. “ސޮރީ.. ސޮރީ.. އާސީން ހީކުރަނީ ކީކޭ ކަމަށްތަ… އެތަނުގައި އަހަރެން އެހާ ގިނަ އިރު ބައިންދާފަ.. އަދި ނިކުމެގެން ދާން ފެށުމުން އަހަރެން އެވަރަށް ގޮވީމަވެސް.. އަހަރެންނަށް ޔަގީނޭ އަޑުވެސް އިވޭނެކަން” ޖައިޝް ހިތްހަމަނުޖެހުނީ އަހަރެން އޭނާ ގޮވުމުން އަޅާނުލީމެވެ. އޭނާ އެބުނީ ތެދެކެވެ. އަހަރެންނަށް ޖައިޝް ގޮވުމުން އަޑުވެސް އިވުނެވެ. އެކަމަކު އަހަރެން ގަސްދުގައި އެއަޑު ނީވޭކަމަށް ހެދީއެވެ. އެގަޑީގައި އަހަރެން ހުރީ އެއަށްވުރެއް ބޮޑަށް ރުޅިގަދަވެފައެވެ. “ބަލަ އެހެންވެގެނެއް ނޫންތަ އަހަރެން ސޮރީއޭ މި ބުނީ.. އަހަރެންނަށް ވަރަށް ރަނގަޅަށް ޖައިޝްގެ އަޑު އިވުނު.. އެކަމަކު އަހަރެން ހުރީ ވަރަށް ރުޅިގަދަ ވެފަ.. އެތަނުގައި ހުރެ އަހަރެން ބޭނުންނުވީ ޖައިޝްއާއި ދިމާލަށް އެއްޗެކޭ ބުނަން” އަހަރެން ބުނެލީމެވެ.
“ރުޅިގަދަ ވެގެން ނޭ.. އެއީ ކީއްވެ..” ޖައިޝް ވާހަކަ ދެއްކި އިރު ރުޅިމަޑު ނުވާކަން އެނގުނެވެ. “އެއީ އެ ޕޮލިސް މީހާއާއި ހެދި.. އޭނާ ހީކުރަނީ ކީކޭ ކަމެއްވެސް ނޭނގޭ” އަހަރެން ދަތް ކުޑި ވިކާލީމެވެ. “އެކަމެއް ނޭނގެ.. އޭނައާޢި އެކުގައި ދިޔައިރު ހީވަނީ އެވަރެއް ނެތީގެން ދިޔަހެން” ޖައިޝް އެހެން ބުނެލިގޮތުން އަހަރެން ކައިރިއަށް ހިނިއައެވެ. “އެނގޭތަ.. މި ކޭސްގައި ޕޮލިހުން ވަރަށް ގިނަ ކަންތައް އެބަ ފޮރުވާ..” އަހަރެން ބުނެލީމެވެ. ޖައިޝް އަހަރެންގެ މޫނަށް ބަލާލިއެވެ. “ހާދަ ވަރަކަށޭ އެމީހުން ފޮރުވަން އުޅެނީ.. އިޓްސް ލައިކް އެމީހުން” “ޕޮލިހުންނެއް ނުން… ރަނގަޅެއް ނުވާނެ.. އަހަރެންގެ ހިތް އޭރުވެސް ބުންޏޭ އެމީހުން މީގެ ވަރަށް ތެދު ހާމަ ނުކުރެއޭ” އަހަރެންގެ ޖުމްލަ ފުރިހަމަ ކުރީ ޖައިޝްއެވެ. ޖައިޝްއަކީ ފުލުހުންދެކެ ވަރަށް ރުޅި އަންނަ މީހެކެވެ. އެމީހުންގެ ގޯސް ވާހަކައެއް ދައްކާ ކަމަށްވާނަމަ އެކަމާއި ނުބެހިއެއް އޭނާއަކަށް ނުހުރެވޭނެއެވެ. “ކިޔައިދީބަލަ.. ކިހިނެއްތަ ވީ” ޖައިޝް އޭނާގެ ގޮޑީގައި އިށީނަމުން ބުނެލިއެވެ. އަހަރެންގެ ޕްލޭން އެހާ ފަސޭހައިން ކާމިޔާބު ވީތީ ހިތާ ހިތުން ﷲއަށް ޝުކުރު ކުރީމެވެ.
އަހަރެން ކުޑަ ގޮތަކަށް ޖައިޝްއަށް ވާހަކަ ކިޔައިދިނީމެވެ. އައިރް އެތަނުގައި ވާ އެއްވެސް ވާހަކައެއް އެއްވެސް މީހެއް ކައިރީގައި ނުދައްކާށޭ ބުނެފައިވާ ވާހަކަ އަހަރެން ރަނގަޅަށް ހަނދާން ހުއްޓެވެ. އެހެންކަމުން އަހަރެން ނާސިރުއާއި ބައްދަލުވި ވާހަކައެއް ޖައިޝް ކައިރީގައި ނުބުނަނެވެ. އެކަމަކު އައިރް އަހަރެންނާއި ސުވާލު ކުރިގޮތާއި ކުރި ސުވާލުތަކާއި ބެހޭގޮތުން ވާހަކަ ދެއްކީމެވެ. އަސްލު ތެދައް ބުނާނަމަ އަހަރެން ޖައިޝްއަކަށް އިތުބާރެއް ނުކުރަމެވެ. އޭނާ ކައިރީގައި ނުބުނާށޭ ކިޔާފައި ބުނާ ވާހަކައެއް އޮންނާނީ ގިނަ ފަހަރަށް ބޭރަށް ގޮސްފައެވެ. “އަހަރުމެންނަށް މިކަމުގައި ‘ޕޮލިހުންގެ އިހްމާލު’ ނޫނީ ‘ޕޮލިހުން ފޮރުވަނީ ކޮންކަމެއް’ ގެ ނަމުގައި އާޓިކަލްއެއް ލިޔެވިދާނެ.. އޭރުން ހަމަގައިވުވެސް މީހުންގެ ސަމާލުކަން ލިބޭނެ” އަހަރެން ބުނެލީމެވެ. “ރަނގަޅު ހިޔާލެއް.. އެހެންވީމާ މާދަން ހެނދުނު ވާއިރު އާޓިކަލް އޮންނަން ވާނީ މިތަނުގައި” މޭޒުގައި އަތް ޖައްސާލަމުން ޖައިޝް ބުނެލިއެވެ. “މާނައަކީ އަހަރެންގެ ވަޒީފާ އަހަރެންނަށް ލިބުނީއޭތަ” އަހަރެން އަހާލީމެވެ. ޖައިޝް ހިނިތުންވެލިއެވެ. އަހަރެން ޝުކުރުއާދާ ކުރުމަށްފަހު އަވަހަށް އަހަރެންގެ މޭޒު ކައިރިއަށް ގޮސް އިށީދުނީމެވެ. އޮފީހުގައި އުޅެމުން ދިޔަ މީހުން އަހަރެންނާއި ދިމާލަށް ބަލަމުން ދިޔަ ނަމަވެސް އަހަރެން އެވަރަކަށް އެކަމަކަށް ނުވިސްނަމެވެ.
އޮފީހުގެ މަސައްކަތް ފެށުމުގެ ކުރިން އަހަރެން ކުރަންޖެހޭ ވަރަށް މުހިއްމު މަސައްކަތެއް އެބައޮތެވެ. ފޯނު ނަގާ އަހަރެންގެ އެކުވެރިއަކަށް ގުޅާލީމެވެ. ފޯނެއް ނުނަގައެވެ. “އަދި އަދްލީއަކަށްވެސް ނޭނގޭނެ ފޯނުގަނޑު ނަގާކަށް” އަހަރެންނަށް މަޑުމަޑުން ބުނެވުނެވެ. އަދި ބޭރަށް ނިކުމެ ސައިކަލަށް އަރާ ސްޓާޓް ކޮށްލީމެވެ. އަދްލީއަކީ އަހަރެންގެ ކްލާސް މޭޓެކެވެ. އެކަމަކު އެހެން އެކުވެރިންނާއި ވަރަށް ތަފާތު އެކުވެރިއެކެވެ. އަހަރެންނާއި އަދްލީ ދިމާވވިއިރު އަދްލީއަކީ ‘ބުލީ’ ގެ ޝިކާރައަކަށް ވެފައިވާ ކުއްޖެކެވެ. ސްކޫލުގެ ހުރިހާ އެންމެންވެސް އޭނައާއި ދިމާކުރެއެވެ. އޭނާ ހުންނަ ގޮތުންނެވެ. އަބަދުވެސް ހުންނާނީ ލޯބޮޑު އައިނު އަޅާފައެވެ. ކުޑަކޮށް ލަދު ގަނެ ވާހަކަ ދައްކާއިރު އާ ގަންނަ ކަހަލަ ގޮތެއް ހުރެއެވެ. އެންމެ ފުރަތަމަ ސްކޫލުގައި އޭނާއާއި އެއްކޮޅަށް ވާހަކަ ދެއްކީ އަހަރެންނެވެ. އޭނާއަށް އަހަރެންނަށް ޝުކުރުއަދާ ކުރެވުނީވެސް އޭގެ ތިން ދުވަސް ފަހުންނެވެ. ލަދުން ވާހަކަ ދައްކަން ނުކެރުނީ ކަމަށް އޭނާ ބުންޏެވެ. އަދްލީގެ ހޮބީއަކީ ކޮންޕިއުޓަރ އެވެ. ކޮންޕިއުޓަރ އަކުން އޭނައަކަށް ނުކުރެވެނެ ކަމެއް ނުއޮންނާނެއެވެ. ސްކޫލްގައި އުޅުނުއިރު އޭނައަށް ‘ނާޑް’ އޭ ކިޔާފައި އަހަރެން ގޮވާ ހަދަމެވެ.
ބުލީގެ ސަބަބުން އަދްލީއަށް ކުރީ ވަރަށް އެހެން ކަހަލަ އަސަރެކެވެ. ހުރިހާ އެންމެންނާއި ވަކިން އުޅެ އެންމެންނާއި އޮންނަ ގުޅުން ކަނޑާލިއެވެ. އެކަނި ކޮޓަރި ތެރޭގައި ގިނަ ވަގުތު ހޭދަކުރަން ފެށިއެވެ. އަދްލީއަކީ ބައްޕަ ނެތް ކުއްޖެއްކަމުން އޭނަ ބެލީ މަންމަ އެކަންޏެވެ. އޭނާގެ މަންމަވެސް މަރުވުމުން ދެން އޭނާގެ ކަންތައް ކުރީ ދުރުތާ ތިމާގެ މީހެކެވެ. ނަމަވެސް މިހާރު އޭނަގެ ހުރިހާ ހަރަދެއް ކުރަނީ އޭނަ އެކަންޏެވެ. އަހަރެން އަދްލީގެ އުޅޭ އެޕާޓްމެންޓަށް ގޮސް ދޮރުގައި ޓަކި ޖަހާލީމެވެ. ހަބަރެއް ނުވިއެވެ. ބެލް އަޅާލީމެވެ. އެވަރުންވެސް ހަބަރެއް ނުވިއެވެ. އެހެންކަމުން ދޮރުގައި އަތުން ޖަހާލީމެވެ. “ކޮބާ ބޭނުމަކީ” އަދްލީގެ އަޑު އެވަގުތު އިވިގެން ދިޔައެވެ. “އަދްލީ.. މިއީ އާސީންއޭ” އަހަރެން ގޮވާލީމެވެ. “ކޮބާ ބޭނުމަކީ” އަނެއްކާވެސް އަދްލީ އަހާލިއެވެ. “އަދްލީ.. މި އައީ.. ކަމަކު ކިޔަން..” އަހަރެން ބުނެލީމެވެ. “އެހެން ވެގެންނެއް ނޫންތަ މި އަހަނީ ކޮބާހޭ ބޭނުމަކީ” ދޮރު ކުޑަކޮށް ހުޅުވާ އަހަރެންނަށް ފެންނަ ވަރަށް މޫނު ދައްކާލަމުން އަދްލީ އަހާލިއެވެ. “ކިހިނެއްތަ އަދްލީ” އަހަރެންނާއި އަދްލީ މި ފެނުނީ ދުވަސްކޮޅެއް ވީ ފަހުންނެވެ. “އަހަރެން.. ރަނގަޅު.. އާސީން ބޭކާރު ވާހަކަ ގިނަ ނުކޮށް ބޭނުން ކަމެއް ބުނޭ” އަދްލީ އަކީ އެކަހަލަ ކުއްޖެކެވެ. އަބަދުވެސް އަވަސް އަވަސް އަރުވާލާފައި ހުންނަ ކުއްޖެކެވެ. ބައެއް މީހުން ބުނާ ގޮތުން އަދްލީއަކީ ސައިކޭޓްރިސްޓް މައްސަލައެއް ހުންނަ މީހެކެވެ.
“އޯކޭ.. އަހަރެން މިއައީ މި ކުއްޖާއާއި ބެހޭގޮތުން މައުލޫމާތު ކޮޅެއް ލިބޭތޯ” އަހަރެން ގަނޑުކޮޅެއް ދެމުން އަދްލީ ކައިރީގައި ބުނެލީމެވެ. އަދްލީ ގަނޑުކޮޅު ހިފިއެވެ. “ދިރި ހުއްޓަސް.. ނެތަސް.. އަހަރެން ތި ނަމުގައިވާ މީހާއާއި ބެހޭގޮތުން ހުރިހާ މައުލޫމާތެއް ބޭނުން.. އަދި އޭނަގެ ފޮޓޯއެއްވެސް..” އަހަރެން ބުނެލީމެވެ. “އޯކޭ.. އަހަރެން ފޮނުވާނަން” އެހެން ބުނެލުމަށްފަހު އަދްލީ ދޮރު ކުއްލިއަކަށް ޖެހިއެވެ. އަހަރެން ސިހިގެން ދިޔައެވެ. ނަމަވެސް އަހަރެން ހިނިތުންވެލީމެވެ. މި ރާއްޖޭގައި އަހަރެން ބޭނުންވާ ކަންތައް ކުރެވޭނެ މީހަކު ހުރިއްޔާ އެއީ އަދްލީއެވެ. އެގަނޑުކޮޅު އަދްލީއާއި ހަވާލު ކުރުމަށްފަހު އަހަރެން އަވަހަށް މިސްރާބު ޖެހީ އޮފީހަށެވެ. މާދަމައަށް ވާއިރަށް ޖައިޝް ހިތްކިޔާކަހަލަ ރިޕޯޓްއެއް ޕޮލިހުންނާއި ބެހޭގޮތުން ލިޔެވޭތޯއެވެ.
އޮފީހަށް ދިޔައިރު ހަވީރު ވެއްޖެއެވެ. އެހެންކަމުން އެކަމާއި ބެހޭގޮތުން މައުލޫމާތު ހޯދަމުން ރިޕޯޓް ލިޔަމުން އަހަރެން ދިޔައީމެވެ. ވަގުތުތައް ދިޔަގޮތެއްވެސް އަހަރެންނަކަށް ނޭނގުނެވެ. “އާސީން” ކުއްލިއަކަށް އަހަރެން ސިހިގެން ދިޔައީ އަހަރެންގެ ނަމުން މީހަކު ގޮވާލީމެވެ. މަޑުމަޑުން އަހަރެންނަށް މުޅި އޮފީސް ތެރެއަށް ބަލާލެވުނެވެ. އެވަގުތު ހިތައް ބިރުވެރިކަން ވަދެގެން ދިޔައެވެ. އެތަން އެހާ އަދިރިވީ ކޮން އިރަކު ހެއްޔެވެ. ގަޑި ބަލާލެވުނެވެ. އޭރު ރޭގަނޑު ހަތެއް ޖަހައިފިއެވެ. އަހަރެން މި ހުރިހާ އިރަކު މިއިނީ ލައިޓް ނުދިއްލާ ހެއްޔެވެ. މިތަނުގައި އަހަރެން މިއިނީ އެކަނި ހެއްޔެވެ. އެންމެން ދިޔައިރު އަހަރެން ކައިރީގައި ނުބުނީ ކީއްވެ ހެއްޔެވެ. ހިތުގައި ސުވާލު ފުނިޖެހި އުތުރިގަތެވެ. “އާސީން” ދެވަނަ ފަހަރަށް އެއަޑު އިވިގެން ދިޔައެވެ. ބަރު ފިރިހެން އަޑެކެވެ. އެއަޑު އިވުމުންވެސް އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. މަޑުމަޑުން އަނެއްކާވެސް އޮފީސްތެރެއަށް ބަލާލެވުނެވެ. އެވަގުތު ކައިރީގައި ހުރި ކޮންޕިއުޓަރ ކުއްލިއަކަށް ނިވުނެވެ. އެތަނަށް ވެރިވެގެން ދިޔައީ އިތުރު އަދިރި ކަމެކެވެ. އަތުން ކީބޯޑުގެ އަކުރު ތަކަށް ފިއްތައި ގަތީމެވެ. ނަމަވެސް އެއްވެސް ކަމެއް ނުވިއެވެ. އަހަރެން މަޑުމަޑުން މުޅިތަނަށް ބަލާލީމެވެ. މުޅިތަނުން ފެންނަމުން ދިޔައީ އަދިރިކަމާއި ނާމާންކަމެވެ. ބޭރުގެ މަގުމަތީގައި ދިއްލާފައިވާ ލައިޓް ތަކުން އެތަނަށް އަލިވަނީ ކުޑަކޮށެވެ. އަހަރެން މަޑުމަޑުން ކައިރީގައި އޮތް ދަބަހާއި ފޯނު ނެގީމެވެ.
“ބިރުންތަ ތިހުރީ” އޯގާތެރިކަމުން ފުރިފައިވާ ގޮތައް އެއަޑު އިވިގެން ދިޔައެވެ. އަހަރެންނަށް ހިން ދިރުވާލެވުނެވެ. ފޯނާއި ދަބަސް ނަގާ މެޔާއި ލައި ބޮޑިކޮށްލީމެވެ. އަދި މަޑުމަޑުން ގޮޑިއާއި ދުރަށް ޖެހިލީމެވެ. ލައިޓް ހުރި ދިމާއަށް މަޑުމަޑުން މުޅިތަން ބަލަމުން ފަހަތަށް ވާގޮތަށް ދިޔައީމެވެ. “އަހަރެންނަކީ ކާކު ކަން އެގިއްޖެތަ” އަނެއްކާވެސް އެއަޑު އިވިގެން ދިޔައެވެ. އަހަރެން ބިރުން ހުރީ ކަމަށްވެސް ވެދާނެއެވެ. އެއަޑު އެފަހަރު އައި ދިމާލެއް ބުނެދޭކަށް ނެނގުނެވެ. އަހަރެންނަށް އެންމެ އަދިރި ދިމާލަށް ބަލާލެވުނު ގަޑީގައި އެތަނުގައި ހުރި ހިޔަނި ރަނގަޅަށް އަހަރެންނަށް ފެނުނެވެ. މޭގަނޑު ހީވީ އަހަރެންގެ އަގަޔަށް އައި ހެންނެވެ. މީހާ ގަނޑުވި ކަހަލައެވެ. ކުރިއަށް ވުރެއް ބާރަށް ދަބަހާއި ފޯނުގައި ހިފަހައްޓާލެވުނެވެ. އޭރު އަހަރެންނަށް ހުރީ ލައިޓްތައް ހުރި ހިސާބަށް ދެވިފައިކަމުން މަޑުމަޑުން އަހަރެން އަތުން ލައިޓްތައް ޖައްސާލީމެވެ. ނަމަވެސް ހިތާމަ ހުއްޓެވެ. އެންމެ ލައިޓްއެއްވެސް ނުދިލުނެވެ. “މިއަދު ހުރިހާ ލައިޓް ތަކެއްވެސް ވަނީ އަހަރެންގެ ބާރު ދަށުގައި” އެއަޑު އިވިގެން ދިޔައެވެ. އަހަރެން ފޯނުގެ ލައިޓް ޖެއްސޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް ބަލާލިއިރު ފޯނުވެސް އޮތީ ނިވިފައެވެ.
ދެލޯ ކަރުނުން ފުރުނެވެ. މިފަދަ ގޮތަކަށް ދިމާވެދާނެކަމަށް އަހަރެން ހުރީ ވިސްނައިގެނެއް ނޫނެވެ. “އަހަރެންނަށް ޔަގީން މިހާރު އަހަރެން މީ ކާކުކަން އާސީންއަށް އެގިދާނެކަން.. އަހަރެންގެ ބޭނުމަކީ އާސީން ބިރުގެންނެވުމެއް ނޫން.. އަހަރެން ބޭނުންވީ އާސީންއާއި ވާހަކަ ދައްކާލަން” އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. އެކަމަކު އެއަޑު މަޑުމަޑުން ކައިރިވަމުން އަންނަމުން ދިޔަކަން އަހަރެންނަށް އިހްސާސް ވިއެވެ. އެވަގުތު އަހަރެން ބޭނުންވީ އަޑުބާރުކޮށް ގުރުއާން ކިޔަވާށެވެ. ނަމަވެސް އަހަރެންގެ އަޑެއްވެސް ބޭރެއް ނުވިއެވެ. އެހެންކަމުން ހިތުން ކިޔަން ފެށިމެވެ. އަދި މަޑުމަޑުން ދޮރާއި ދިމާލަށް ދިޔައީމެވެ. އިތުރަށް އެއަޑެއް ނީވުނެވެ. އަހަރެން އަވަސްކަމާއި އެކު ދޮރުހުޅުވާލަމުން ބޭރަށް ނިކުތީމެވެ. އަދި ދުވެފައި ކަހަލަ ގޮތަކަށް އެ އިމާރާތުން ބޭރަށް ނިކުމެ ސައިކަލަށް އަރާ ދުއްވާލީމެވެ.
މީހާއަށް ހިތްހަމަޖެހެވުނީ އެތަނުން ދުރައްދެވުނީމެވެ. ފުން ނޭވާއެއް ބޭރުކޮށްލީމެވެ. ހަމަޖެހިގެން ހުރެ އަވަހަށް ގެއަށް ދިއުމަށް އެންމެ ފަސޭހައިން ދެވޭ ގޯޅިއެޅީމެވެ. އެތައް އިރަކު ދުއްވި އިރުވެސް އަހަރެން ބޭނުންވާ ހިސާބަށް ނުދެވޭކަން އެނގުނީ އޭގެ އިރުގަނޑެއް ފަހުންނެވެ. އަދި އެމަގުގައި އެއްވެސް މީހަކު ނުފެއްނާތީ އަހަރެން ހައިރާންވެގެން ދިޔައެވެ. މީހާ ހާސްވާން ފެށިއެވެ. މާލޭގެ މަގުމަތީގައި އެގަޑީގައި އެއްވެސް މީހަކު ނޫޅެ ގޮސްފާނެ ހެއްޔެވެ. އަހަރެން ސައިކަލް މަގު މެދައް ވާގޮތަށް މަޑުކޮށްލީމެވެ. އަދި މަގުގެ ދެކޮޅު ހޯދާ ބަލާލީމެވެ. “އަހަރެން އެހާ ވާހަކަ ދައްކާ ހިތުން ހުއްޓާ.. އާސީން ކީއްވެ އައީ” ކުއްލިއަކަށް އެއަޑު އިވުނީ އަހަރެންގެ ފުރަގަހުންނެވެ. އަހަރެން ސިހިފައި ބަލާލީމެވެ. އޭރު އެތަނުގައި ހުރި އަދިރިކޮޅު ތެރެއިން މީހަކު ނުކުންނަނީއެވެ. ރީތި ޒުވާނެކެވެ. ދޮން ހަށިގަނޑެކެވެ. ފަން ދިގު އިސްތަށިގަނޑެކެވެ. ލައިގެން ހުރީ ތުނި ކަޅު ކުލައިގެ ގަމީހެކެވެ. ދެން ޖިންސެކެވެ. ޒުވާނާއަށް ލިބިފައިވާ ރީތި ފުރިހަމަ ވަރުގަދަ ދެބުމައިގެ ސަބަބުން އިތުރަށް ރީތިކަމަށް ދައްކައެވެ. އަހަރެންނަށް އަނގަ ހޮޅުވުނެވެ. އެޒުވާނާ ހުރީ ހިނިތުންވެލައިގެންނެވެ. ނަމަވެސް އެއީ ކާކުކަން އަހަރެންނަށް ރަނގަޅަށް އެނގެއެވެ. “ހައި.. އަހަރެންނަށް ކިޔައީ ބަންޝީލް” ބަންޝީލް އަމިއްލައަށް ނަން ބުނެލިއެވެ.
“އަހަރެންނަށް އެނގޭ.. އާސީންގެ ހިތުގައި ބައިވަރު ސުވާލު އުފެދޭނެކަން.. ނޫންތަ” ކުރިއަށް ފިޔަވަޅެއް އަޅަމުން ބަންޝީލް ބުނެލިއެވެ. އަހަރެން ހުރީ ގުޑިލަންވެސް ނޭނގިފައެވެ. އަހަރެން ހީކުރީ އަހަރެންގެ އުނަގަނޑުގައި އޮތް ތަދީދުގެ ސަބަބުން އެއްވެސް ވަރަކަށް މީތީގެ އުދަގޫ ނުވާނެ ކަމަށެވެ. ނަމަވެސް ވީކީ އެހެނެއް ނޫނެކެވެ. “ރަނގަޅު.. އާއްމު ޖިންނިތަކަށް ތި ތަވީދު އޮވެގެން އާސީންއަކާއި ކައިރިއެއް ނުވެވޭނެ.. އެކަމަކު އަހަރެންނަކީ އާއްމު ޖިންނިއެއް ނޫން.. އަހަރެންނަކީ މީހެއްގެ ނުބައި އަމަލުން އުފަންވެފައި ހުރި ބާރުގަދަ ޖިންނިއެއް.. ތިކަހަލަ އާދައިގެ ތަވީދަކުން އަދި އެމީހުންނަކަށް އަހަރެންނާއި އާސީންއާކާއި ދުރެއް ނުކުރެވޭނެ” ބަންޝީލް ފަހުރުވެރިކަމާއި އެކު ބުނެލިއެވެ.
ހަމައެކަނި ބޮޑާކަމާއި ކިބިރުވެރިކަން ލިބިފައިވަނީ އިންސާނުންނަކަށް ނޫންތާއެވެ. ޖިންނީންގެ ތެރެއިންވެސް އެކަހަލަ އެއްޗެހި އުޅެނީއޭ އަހަރެންގެ ހިތައް އެރިއެވެ. “ކީއްވެ ބޮޑާ ނުވާންވީ.. ތިހާ ރީތި ކުއްޖެއް.. އަހަރެންގެ މިލްކަކަށް ވެގެންދާއިރު” ބަންޝީލް ބުނެލިއެވެ. އަހަރެން ފަހަތަށް ފިޔަވަޅެއް އަޅާލީމެވެ. މިއީ ޖިންނިއެކެވެ. އަހަރެންނަކީ އިންސާނެކެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެންނަށް ވުރެއް އޭތި ބާރުގަދަވާނެއެވެ. ހިތުން އަހަރެން ހުރީ ގުރުއާން ކިޔަވަ ކިޔަވައެވެ. ބަންޝީލް އަހަރެންނާއި ކައިރިއަށް އައުމަށް ފިޔަވަޅެއް އެޅިއެވެ. އެކަމަކު އެވަގުތު ދެފިޔަވަޅު ފަހަތަށް ޖެހިލިއެވެ. އަދި ބިރުވެރިކަމާއި އެކު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ބަންޝީލް ވިޔަސް އެހެން އެއްޗެއް ވިޔަސް.. އަހަރެންނާއި ކައިރިވާން ނުވިސްނާތި.. އަހަރެންނަކީ ކާކުކަން ނޭނގިގެން ތިއުޅެނީ..” އަހަރެން ބިސްމި ކިޔާ ސައިކަލަށް އެރީމެވެ. އަދި ތަޅުދަނޑިޖަހާ ސްޓާޓް ކޮށްލީމެވެ. އޭރުވެސް އަހަރެން ދިޔައީ ގުރުއާން ހިތުން ކިޔަވަމުންނެވެ. ސައިކަލް ދުއްވާލީމެވެ. ބާރު ދުވެއްޖެއްގައި އަހަރެންނަށް ނިކުމެވުނީ މަޖީދީމަގަށެވެ. އެހާ ބާރަށް އުމުން އެތަނުން ދިޔަ ކާރެއްގައި ނުޖެހުނީ ކިރިޔާއެވެ. އަހަރެން ފަހަތް އެބުރި ބަލާވެސް ނުލަމެވެ. ބާރަށް ދުއްވާފައި ގޮސް އަހަރެން ގެ ކައިރިއަށް މަޑުކޮށްލީމެވެ. އޭރު އަހަރެން މަޑުމަޑުން ތުރުތުރު އަޅަމުން ދިޔަކަން އަހަރެންނަށް ފާހަގަ ވިއެވެ. މީހާގެ ކަރުތެރެ ވަނީ ހިކިފައެވެ. މީހާ ހީކަރުވަންފެށިއެވެ. ސައިކަލް ޕާކް ކޮށްލުމަށްފަހު އަވަސް ކަމާއި އެކު ލިފްޓަށް އެރީމެވެ. ލިފްޓުން ފައިބާ ގެއަށް ވަންނަން އަހަރެން ދޮރުގައި ހިފާލީމެވެ. ދޮރު ހުޅުވާލެވުނު ކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް ދެން ވީގޮތެއް އަހަރެންނަކަށް ނޭނގުނެވެ.
ނުނިމޭ…
1631 Comments
Comments are closed.
Fantasy
April 7, 2016 at 8:48 amkihineh tha hurihaa kudin .. mi baives hurihaa kudin nah kamudhaane kamah heekuran .. 🙂 hurihaa kudinge hiyaalu thakah maruhabaa 🙂
Addukalo
April 7, 2016 at 1:59 pmVarah salhi ?
Shaai
April 7, 2016 at 9:21 amVvvvvvvvvvv rythi. V interest me story. Dhen vaane gotheh kiyaala hihvanu. Next part avahah update kohladhehche. Keep it up…
Fantasy
April 7, 2016 at 12:17 pmthnks shaai dear 🙂 v avahah up koh dheveytho try kuraana igey 🙂
princess
April 7, 2016 at 9:34 amWow fantasy…haadharyhchey…hama rgalhah vx biruganehjje..hehe…whn nxt prt
Fantasy
April 7, 2016 at 12:17 pmheheh… thnks princess dear 🙂
ken?
April 7, 2016 at 10:45 ammasha allah v furihama ????
Fantasy
April 7, 2016 at 12:18 pmthnks ken dear 🙂
Niz
April 7, 2016 at 11:16 amVvv reethi mi part..v interesting…nyt gadyga kynama yagyn nidhanvx nukereyne..ehe viyas biruveri vaahaka v kiyaa hiy veu..nxt prt avahah up kohdhyba plxxx..keep it up dear
Fantasy
April 7, 2016 at 12:19 pmthnks niz dear 🙂 thihaa lobi comment eh koh leema happy vejje bodu koh 🙂
Nuxu
April 7, 2016 at 11:37 amV nice this part also.. waiting fr next part.. ☺☺☺
Fantasy
April 7, 2016 at 12:19 pmthnks dear thihaa sweet comment eh koh leema nuxu 🙂
shine
April 7, 2016 at 12:21 pmWoww.. Story hama habeys.❤❤?. V v kiyaahithun keevx.. dhn knirakun nxt part… avas upload beynun ingey..
Fantasy
April 7, 2016 at 1:06 pmthnks shine dear 🙂 avas kureveytho balaan igey 🙂
Faxoo
April 7, 2016 at 12:54 pmvarah reethi mibai ves. kon irakun next part fantasyyyyy?? ? avahah up koddhecchey.. mii horror story eh dhw. i love it ❤ alhey.. Bansheel ei jinni eh dhw.. just what i thought. 😮
Fantasy
April 7, 2016 at 1:07 pmfaxoo ge lobi comment eh fenunyma fantasy v happy vejje 🙂 thnks bodu koh 🙂
Rineesha
April 7, 2016 at 1:29 pmMy god. haadha salhi hisaabaunney thi nimmy FANTASY. fantasy i have a question. Are u a boy or a girl. kurin bihen Rineesh ah reethivi furathama story mee.. V salhi story and kon iraku up kurany?
Fantasy
April 7, 2016 at 1:39 pmthnks rineesha dear 🙂 v ufaa vejje thihaa lobi coment eh kohleema .. and fantasy mee girl kujjeh 🙂
iffa
April 7, 2016 at 1:51 pmSAlhi ?
Mashu
April 7, 2016 at 7:55 pmmi baives haaadha reehchey.. cnt wait aneh part ah.. ahahah up kurahchey.. keep it up fantasy
Rineesha
April 7, 2016 at 8:08 pmoh!
aleena
April 7, 2016 at 10:26 pmFantasy thee girl kujjekeyyy..! V salhi mi part. Hama neyva hifahttaigen mi kiyunee.
Fantasy
April 10, 2016 at 8:01 amheheh thnks aleena dear 🙂
samii
April 8, 2016 at 12:23 amwow…jux wow.varah habeys mi story..garah dhuvas kohfa mi site ge story balaalee..n fantasy ge story eh otheema mi kiyaalee reethi vaane kan ingeythee..varah salhi hurihaa part ehves..plss aneh part avahah upload kurahchey 🙂
Fantasy
April 10, 2016 at 8:09 amthnks samii v bodu koh 🙂 thihaa lobi coment eh koh leema ufaa vejje bodu koh 🙂
Shehey
April 8, 2016 at 11:06 amFantasy haadha rangalhey. Thi noony neh comment kureema reply kuraa kujjeh. Thankyou fantasy dhoony ???
Fantasy
April 10, 2016 at 8:12 amthnks shekey … 🙂 thi kudin thihaa lobi comment kohleema reply kuran vaane eh nun dhoo 😉 <3
Rineesha
April 8, 2016 at 11:13 amanother question. why are u saying dear always. Eg: Thanks Rinysh dear. Thanks Bird dear. thanks Fish dear. Why so much Dears??? 😉 Anyways Rineesha nukiyaa Rinysh kiyaaba
Fantasy
April 10, 2016 at 8:14 amheheh ok ehen viyya kiyaany rinysh igey 🙂 anekka rinysh dear keema hin hama nujehenytha 😉 😉
ny
April 9, 2016 at 12:39 amV v reethi avaha up kodeeba
Fantasy
April 10, 2016 at 8:14 amthnks ny bodu koh 🙂