ކައިވެނިކޮށްގެން ދިރިއުޅުން އެހެން ގެއަކަށް ބަދަލުވީ ކަމުގައި ވިޔަސް ޝިޔާރާއާއި ގުޅުމަށް ހީނަރުކަމެއް ނާންނާނެ ކަމުގައި ބުނީ ހެވިލާފައެވެ. ހާލާ އެންމެ އުފާވީ ޝިޔާރާގެ ފަރާތުން ޝަޒަން އެއީ ކާކުކަން އެނގުނީމައެވެ. ކައިވެނިކޮށްގެން ދެވެން މިއުޅެނީ އެކުވެރިޔާ ދާދި ކައިރިއަށްކަން އެނގުމުން ޝިޔާރާގައިގާ ބައްދާލެވުނެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހުރި ގޮތުން އާރިކްއަށް ހަފްތާއަކަށް އައްޑުއަށް ފުރަން ޖެހުމުން އަނެއްކާ ވެސް ރާކީ ލައިލް ގޮވައިގެން މެކާހިޔާއަށް ބަދަލުވިއެވެ. އޭރު ރާކީ ބަނޑަށް އަށް މަސް ފުރެން ވަނީ ދެތިން ދުވަހަށް ކުރުވެފައެވެ. މެކާހިޔާގައި ރާކީގެ ހުރިހާ ކަމަކާއި އަދި ލައިލްގެ ހުރިހާ ކަމެއް ކޮށްދެނީ ޔަޝްމީއާއި ލަތާއެވެ. ބައެއް ފަހަރު ޝިޔާރާ ވެސް ކޮށްދެއެވެ. ބަކުރު ފުރިފަހުން ޝިޔާރާ ގިނަ ވަގުތު ހޭދަ ކުރަނީ މެކާހިޔާގައެވެ. ޒޯހަންގެ ކުރިމައްޗަށް ނާރާވޭތޯ މިތިން ދުވަހު ޝިޔާރާ ކުރި މަސައްކަތް ވަނީ ކާމިޔާބުވެފައެވެ. އެކަމަކު އެކަން ގިނަ ދުވަހަށް ދެމި ނޯންނާނޭ ޝިޔާރާގެ ހިތަށް އެރީ މިއަދު ނޫރީ އޮފީސް ސާފު ކުރުމުގެ މަސައްކަތް ޝިޔާރާއާއި ހަވާލުކުރުމުންނެވެ. އޮފީހުގައި މަސައްކަތް ކުރާ ވަގުތު ތަކުގައި ޒޯހަން ކުރި މައްޗަށް ނާރާ އުޅެވިދާނެ ހެއްޔެވެ؟ މިވީ ދުވަސްތަކުގައި ޝިޔާރާއާއި ޔަޝްމީއާ ދެމެދު ވެސް ވަރަށް ގުޅުން ރަނގަޅު ވެފައިވެއެވެ. ޝިޔާރާއާއި ބެހޭ ގޮތުން ޔަޝްމީ އޮޅުން ފިލުވަން ސުވާލުކުރި ކޮންމެ ވަގުތަކު ޝިޔާރާ އިހްތިޔާރު ކުރީ ހިމޭންކަމެވެ.
“މަންމާ ދޮންބެއަށް މިއަދަކު ޝިނީ ކޮލެޖަށް ގެންދަން ވަގުތެއް ނުވާނެ. ދާނީ ޒޯންއާއެކު. މަންމަ އޯކޭ ނަޔަސް. ފަހަރި އަންނަންވާއިރަށް މަންމަ ޖެހޭނުން ރަނގަޅު ސައެއް ހަދަން. ޝިނީ އަންނާނަން ނަދޫ އާއެކު. ޕްރޮމިސް ޝިނީ އުޅޭނީ ވަރަށް ބަލައިގެން” ބަދިގޭގައި ކައްކަން ހުރި ސާރާގެ ގައިގާ ފުރަގަހުން ބައްދާލައިގެން ހުރި ޝިފްނީ ވާހަކަދެއްކިއެވެ. ސާރާގެ ހުއްދަ ލިބިގެން ޝިފްނީ ކޮލެޖަށް ދާން ނިކުތީ ޒޯހަން ގުޅާފައި ތިރިއަށް ފައިބަން ބުނުމުންނެވެ. އަވި އައިނު އަޅާލައިގެން ނިކުތް ޝިފްނީގެ ހިތްގައިމު ސޫރައަށް ޒޯހަންއަށް ތައުރީފް ކޮށްލެވުނެވެ. ތުއި ވެލާފައި ޒޯހަންގެ ކާރަށް ޝިފްނީ އެރީ ޒޯހަންއާއެކު އެކަނި ވަގުތު ކޮޅެއް ލިބުމުން އެކަމާއި ވަރަށް އުފަލުން ހުރެއެވެ. މެކާހިޔާގެ ބޮޑު ގޭޓުން ޒޯހަންގެ ކާރު ނެރުމާއެކު އެކަމަށް ބަލައިގެން ހުރި ޝިޔާރާ ސާފުކުރާ އެއްޗެހި ހިފައިގެން އޮފީސް ބަޔަށް މައްޗަށް އެރިއެވެ. އޮފީސް ފެނުމާއެކު ޝިޔާރާގެ ދެލޯ ބޮޑުވިއެވެ. މިހާ ބޮޑު ތަނެއް ސާފުކޮށް މޮޕްއަޅާ ޒޯހަން އެނބުރި އައުމުގެ ކުރިން ނިމޭނެ ބާއެވެ؟ އޮފީހުގެ ތެރޭގައި ތިބި ދެޖިންސުގެ ޒުވާނުން ޝިޔާާރާއަށް މާބޮޑު ސަމާލުކަމެއް ނުދޭއެވެ. އެންމެން ވެސް މަސައްކަތު މީހާއަށް ފަސޭހަ ވާނެހެން ގޮނޑިތައް ދުރުކޮށްލައިގެން ތިބީއެވެ. ސާފު ކުރަމުން ދިޔަ ޝިޔާރާ އެންމެ ފަހު ތަނަކަށް ވަނީ ޒޯހަންގެ ކެބިންއަށެވެ. ކެބިންތެރެއަށް ކަޅި ހިނގާލި ޝިޔާރާއަށް އެތަނުން ދުވީ ވެސް މަޑުމަޑު މީރު ވަހެކެވެ. އެންމެ މިނެޓެއް ވެސް ބޭކާރުކޮށްނުލާ ޝިޔާރާ އެތަން ސާފުކޮށްލިއެވެ. ޝިޔާރާގެ އަތްމަތި ވަރަށް އަވަހެވެ. ޒޯހަންގެ މޭޒުމަތި ސާފު ކުރަމުން ދިޔަ ޝިޔާރާގެ އަތްމަތި ހުއްޓުމަކަށް އައީ މޭޒުމަތީގައި އޮތް ޒޯހަންގެ ވޮލެޓާއި ކައިރީގައި ބަހައްޓާފައި ހުރި ޒޯހަންގެ ފޮޓޯ ފްރޭމް ފެނުމުންނެވެ. ވޮލެޓުގައި އަތް ހިންގާލުމަށްފަހު ފޮޓޯ ފްރޭމްނަގާ ވަރަށް ފުންކޮށް އެއަށް ބަލާލިއެވެ. ފޮޓޯގައި ޒޯހަން ކިތަންމެހާ ވެސް ހިތްގައިމެވެ. އިހުތިޔާރަކާއި ނުލާ ޝިޔާރާއަށް ފޮޓޯގައި ފެންނަން ހުރި ޒޯހަންގެ މޫނުގައި ފިރުމާލެވުނެވެ. ކުއްލިއަކަށް ޝިޔާރާގެ ކަންފަތްކައިރިއަށް މީހަކު ފުމެލުމުން ސިހިފައި އެނބުރުނުއިރު ކުރިމަތީގައި ހެވިފައި ހުރި ޒޯހަން ފެނުމުން ބިން ފަޅާފައި އަޑިއަށް ދާނެ ނަމައޭ ހިތަށް އެރިއެވެ. އަތުގައި އޮތް މޮޕްގެ ދަނޑިގަނޑު ވެއްޓި ގޮސް ޖެހުނީ ޒޯހަންގެ ނިއްކުރިމަތީގައެވެ. އައުޗް އޭ ޒޯހަންއަށް ބުނެލެވުމާއެކު ޝިޔާރާއަށް ހުރެވުނު ތަނެއް ވެސް ނޭނގުނެވެ. ފަހަތަށް ލާފައި އޮތް އަތް ނެރެވޭކަށް ނެތެވެ. އެއަތުގައި ވީ ފްރޭމް ޒޯހަންއަށް ފެނިއްޖިއްޔާ ޝިޔާރާ ފަޅާއަރާނެއެވެ. ހުސްކޮށް އޮތް އަތުން ޒޯހަންގެ ނިއްކުރިމަތީގެ ކުޑަކޮށް ދުޅަވެފައި ހުރި ތަނުގައި ފިރުމާލެވުނީ ހުދު ޝިޔާރާއަށް ވެސް ނޭނގިއެވެ. ޝިޔާރާގެ އަތް ގެންގޮސް ޒޯހަންގެ މޭމަތިން ހިތާއިވީ ފަޅީގައި ޖައްސާލުމުން ދެލޯ ބޮޑުކޮށްލާ ޒޯހަންއަށް ބަލާލެވުނެވެ. “ނުފެނުނަސް މިތަނުގައި ވެސް ޒަހަމެއް ވަނީ ލެވިފައި. އަދި މާ ތަދުވޭ” ޒޯހަންގެ އަތު ތެރޭގައިވި ޝިޔާރާގެ އަތް ދަމާގަތުމަށްފަހު ދުއްވައިގަތީ އެތަނުން ނިކުތުމަށެވެ. ނަމަވެސް ޒޯހަން ޝިޔާރާގެ ނަމުން ގޮވާލުމުން ފައިގާ ތަޅެއް އެޅުނު ކަހަލައެވެ. ޒޯހަން ޝިޔާރާއަށް ނަމުން ގޮވާލުމުން ހިތަށް ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. “މިރޭ އެންމެން ނިދީމަ ދާނަން. ބޭނުންވަނީ ޓޯކް ކޮށްލަން. ތިކޮޓަރިއަށް ވައްދަދެއްޗެ ޕްރިންސަސް” ޒޯހަންއަށް ބަލާލުމެއް ވެސް ނެތި ޝިޔާރާ ނިކުމެގެން ދިޔައީއެވެ. ލިފްޓުން ތިރިއަށް ގޮސް ޝިޔާރާ އުޅޭ ބައިގައި ހުންނަ އަމިއްލަ ކޮޓަރިއަށް ވަންއިރު ވެސް ޝިޔާރާގެ ސިކުނޑީގައި އެނބުރެމުން ދަނީ ދެންމެ ޒޯހަން ދެއްކި ވާހަކަތަކެވެ. އަނެއްކާ ޒޯހަން ހީކުރަނީ ކީކޭ ކަމަށް ހެއްޔެވެ؟ މީ ހަމަ ކޮންމެ ފިރިހެނެއްގެ ގޮތް ބާއެވެ. ޝިޔާރާއަކީ ޒޯހަން އެހީކުރާކަހަލަ ދަށު ދަރަޖައިގެ މީހެއނޫނެވެ. މިރޭ އެކަން އަންގަން ވެސް ޝިޔާރާ ޒޯހަން އެކޮޓަރިއަށް ވައްދާނެއެވެ. އެކަމަކު އެއީ ރަނގަޅު ގޮތެއް ބާއެވެ. “އަހަރެން ޒޯހަން ދެކެ ހިތާއި ފުރާނައިން ލޯބި ވާއިރު އަނެއްކާ ޒޯހަންއަށް މިކަން އެނގުނީބާ. ޔަގީން އެކަން އެނގިގެން އޭނަ އެއުޅެނީ މަޖަލަކަށް އަހަރެންގެ މިނިކަމެތި ހަށިގަނޑުގެ ބޭނުން ހިފަން. ޒޯހަން ވެސް އަހަރެން ހީކުރި ކަހަލަ ރަނގަޅު މީހަކަށް ނުވި. މީ އަހަރެންގެ ތަޤުދީރުގަ ލިޔެވިފައިވާ ގޮތްނަމަ އަހަރެންގެ އެއްވެސް ޝަކުވާ އެއް ނެތް” ހާސްކަމާއެކު ޝިޔާރާއަށް އިށީނދެވުނީ އެނދުގައެވެ. ކޮޓަރިން ނިކުތީ ލަތާ ގޮވާލުމުންނެވެ.
ޝަޒަންއަށް ޒޯހަންގެ ޕްލޭން ކިޔާދީ ނިމުމާއެކު ޝަޒަން ވެސް ފާޅުކޮށްލި ސިއްރަކުން ޒޯހަން މާބޮޑަށް އުފާވިއެވެ. ހާލާ އާއި ޝިޔާރާއަކީ ބެސްޓްފްރެންޑްސް ކަން އެނގުނީ މިއަދު އެގެއަށް ޝަޒަންގެ މައިންބަފައިންނާއި ބައްދަލުކުރުމަށް ހާލާ ގެނެއްސަ ގެއަށް ލާން ދިޔަ މަގުމަތީގައި އެރޭގައި ފެނުނު ކުއްޖާއާއި ބެހޭ ގޮތުން ސުވާލުކުރުމުންނެވެ. “ނުކެރުނޭ އިތުރަށް އަހާކަށް. ދެން މަ އެގާލްގެ ވާހަކަ މާގިނައިން އަހަންޏާ ހާލީ ކީކޭ ހީކުރާނީ. އެކަމު ބަޑީ ޔޫއަށްޓަކައި އިތުރަށް މައުލޫމާތު ހޯދޭތޯ ބަލާނަން” ޝަޒަން މަސައްކަތް ކުރީ ޒޯހަންގެ ހިތްހަމަޖައްސާދެވޭތޯއެވެ. އަދި މިރޭ ޝިޔާރާ ކައިރީގައި ދައްކާނެ ވާހަކަތައް ޝަޒަންއާއި ދެމީހުން ވެގެން ޕްލޭން ކޮށްލިއެވެ.
ގަޑިން ބާރަ ގަޑި ތިރީސް ވުމާއެކު ޒޯހަން ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ދެކޮޅު ހޯދާލީ ވަގަކު ވައްކަންކުރަން ވަދެ އުޅޭއިރު ތަންތަން ހޯދާހާ ސިއްރުންނެވެ. ގޭތެރެއަށް ވެރިވެފައިވަނީ މަރު ފަދަ ހަމަހިމޭންކަމެވެ. ލަސް ފިޔަވަޅު ތަކެއްގައި ޒޯހަން ހިނގަމުން ގޮސް މަޑުޖެހިލީ ޝިޔާރާގެ ކޮޓަރީ ދޮރުމަތީގައެވެ.
ޝިޔާރާގެ ދަބަހުން ނެގި ފުނަލުން ބޮލުގެ އިސްތަށިގަނޑުގައި ފުނާ އަޅާލަމުން އިސްތަށިގަނޑު އަތަށް އޮޅާލައި ގޮށެއް ޖަހާލިއެވެ. އަދި ލައިގެން ހުރި ބޮޑު ހެދުން ދަމާލައި ހަމަޖައްސާލިއެވެ. ބުނެދޭން ނޭނގޭ ބާރު މިނެއްގައި އެހިތް ތެޅެމުންދަނީއެވެ. މިރޭ މިއީ މެކާހިޔާގައި ޝިޔާރާގެ ފަހު ރެއޭ ހިތަށް އަރާ ކޮންމެ ފަހަރަކު މޭ ހީވަނީ އަނގައިން ނިކުންނަން އުޅޭހެންނެވެ. ދޮރުގައި މަޑުމަޑުން ޓަކި ޖަހާލި އަޑަށް ޝިޔާރާގެ ދެކަންފަތް ކޮޅަށް ޖެހިގެން ދިޔައެވެ. ލަސްލަހުން އައިސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރި ޒޯހަންއަށް ބަލާލަން ވެސް ޝިޔާރާއަކަށް ނުކެރުނެވެ. “ވަންނަންވީތަ” ޒޯހަން ބުނެލުމާއެކު ޝިޔާރާ އެއްކައިރިއަށް ޖެހިލިއެވެ. އެކޮޓަރިއަށް ވަނުމަށްފަހު ޒޯހަން ދިމަ ދިމާލަށް ބަލާލުއެވެ. އާދައިގެ ސިންގަލް ބެޑުގައި ހުރީ އޮމާންކޮށް ތަންމަތި އަޅާލާފައެވެ. ޑްރެސިންގްޓޭބަލްމަތީގައި ހުރީ ހަމައެކަނި ޝިޔާރާގެ ހޭންޑްބޭގެވެ. ވަކިން ހުރި ގޮނޑިއެއްގެ މަތީގައި އޮޅާލާފައި އޮތް މުސައްލައެއް އޮތެވެ. މުސައްލަ ފެނުމާއެކު ޒޯހަންއަށް ބަލާލެވުނީ ޝިޔާރާއާއި ދިމާލަށެވެ. ޝިޔާރާއަކީ ދީނަށް ލޯބިކުރާ ކުއްޖެއްކަން އެނގުމުން ޒޯހަންގެ ހުރިހާ ޝަރުތުތަކެއް ފުރިހަމަވީއެވެ. ކޮޓަރީގައި އޭސީއެއް ހަރުކޮށްފައި ހުރި ނަމަވެސް ޝިޔާރާ ހުރީ އާދައިގެ ވަރަކަށް ފަންކާ ޖަހާލާފައެވެ. ކޮޓަރީގެ ޓައިލްސް މަތިން ކުނޑި ކޮޅެއްހާ މިންވަރު ވެސް ފެންނާކަށް ނެތެވެ. ޝިޔާރާ ހީކުރި ގޮތާއި ހިލާފަށް ޒޯހަން އެއްވެސް ކަމެއް ކުރަން ނޫޅުމުން ހައިރާންވިއެވެ. އެންމެ ހައިރާންވީ ޒޯހަން ބަހެއް ވެސް ބުނެލާ އަޑު ނީވުމުންނެވެ. އެހެންކަމުން ޝިޔާރާ އިސް އުފުލާ ޒޯހަންއަށް ބަލާލިއެވެ. އެހިނދު ލަދުން އިސް ޖަހާލެވުނީ ޒޯހަން ޝިޔާރާގެ މޫނަށް ބަލަން ހުރުމުންނެވެ. ކޮޓަރި ތެރެއަށް ވެރިވެފައިވާ ހިމޭންކަން މުގުރާލަމުން ޒޯހަން ވަރަށް ލޯބިން ޝިޔާރާއަށް ގޮވާލިއެވެ. “ޝިޔާ…. ކީއްވެ ވާހަކަ ނުދައްކަނީ. ޝިޔާ ހީކުރާ ކަހަލަ ކުއްޖެއް ނޫން މިއީ. ޕްލީޒް ވާހަކަދައްކަބަލަ. މަށަށް ހީވަނީ މަ ނުބުންޏަސް ޝިޔާއަށް މަގޭ ހިތުގައި ޝިޔާއާއި މެދު އޮތީ ކީކޭ ކަން އެނގޭނެހެން. ކީއްވެތަ ތިބޮޑު ހެދުން ތެރޭގައި އަބަދު ފޮރުވިގެން ތިއުޅެނީ. މުޅި އުމުރުގައި ވެސް އަހަންނަށް ފެނުނު އެންމެ ކަމުދާ އަންހެންކުއްޖަކީ ތީ. ޝިޔާއަށް މިހިތް ދެވުނީ އަމިއްލަ ބާރުގައެއް ނޫން. ވަރަށް ޖެހިލުންވޭ އެބަ މިހެން ބުނަން ވެސް ބަޓް އައި ތިންކް އައިމިން ލަވް. ޝިޔާ ދެކެ. އަހަރެންގެ ގައިގަ ޖެހިފަ ޝިޔާ ވެއްޓުނު ރެއިން ފެށިގެން. އޭރުގަ ނޭނގޭ ޝިޔާ އުޅެނީ މިގޭގަ ކަމެއް. އެރޭ ދިމާވި އަންހެންކުއްޖާ ހޯދަނިކޮށް އެންމެ ފަހުން މިގެއިން ފެނުނީ. އަހަރެން ދެކުނީ އެއީ އަހަރެންގެ ނަސީބުކަމަށް. ތިއަށް ވުރެ ފުރިހަމަ އަންހެންކުއްޖެއް މިދުނިޔޭން ވެސް މަށެއް ނުދެކެން. ޝިޔާ ބޭނުން ނަމަ މިވާހަކަތައް އަހަރެން މަންމައަށް ވެސް ކިޔާދީފާނަން. އޭރުން ޝިޔާއަށް ގަބޫލުކުރެވޭނެ މީ ތެދެއްކަން. ތިގޮތަށް ބަހެއް ނުކިޔާ ހުރުމުން އަހަރެންގެ ހިތް މާޔޫސްވެއްޖެ. އަހަރެންނާއި ދެމެދު ޝިޔާގެ ހިތުގައި އެއްވެސް އިހުސާސެއް ނެތް އިރު ކީއްވެ މި ފޮޓޯ ފްރޭމް މިތާ އޮންނަންވީ” ޒޯހަންގެ ޖުމްލަތައް އެހިސާބަށް ދިޔުމުން ޝިޔާރާއަށް އިތުރަށް ކެތް ނުކުރެވުނެވެ. މޫނުމަތީގައި ދެއަތް އަޅާ ރޯން ފެށުނީއެވެ. ޒޯހަން ފަދަ ބޭފުޅަކު ޝިޔާރާ ފަދަ އަންހެންކުއްޖަކު ދެކެ ލޯބިވުމަކީ ހުވަފެނުގައި ވެސް ޝިޔާރާ ދެކެފައިވާ ކަމެއް ނޫނެވެ. ޝިޔާރާއަކީ މިއަދު ކޮންފަދަ މަޖުބޫރީ އަންހެނެއް ހެއްޔެވެ؟ ޝިޔާރާގެ މޫނުމަތިން ދެއަތް ނަގާ އެދެލޯ ފޮހެދެން ޒޯހަން ކިތަންމެހާވެސް ބޭނުމެވެ. އެކަމަކު ޝިޔާރާގެ އިހުތިޔާރެއް ނެތި އެހަށިގަނޑުގައި އިނގިލީ ކުރި ޖައްސާލާކަށް ވެސް ޒޯހަން ބޭނުމެއް ނޫނެވެ. “ޕްލީޒް ސްޓޮޕް އިޓް. ވިސްނާނެ ވަރަކަށް ވިސްނަން ޝިޔާއަށް ވަގުތު އެބޮތް. އެކަމަށްޓަކައި އަހަރު ދުވަސް ނެގިޔަސް މައްސަލައެއް ނެތް. އަހަރެން އަބަދުވެސް ހުންނާނީ ޝިޔާއަށްޓަކައި ކަން އަބަދުވެސް ހަނދާންކުރައްޗެ” މޫނު މަތީގައި ދެއަތް އަޅައިގެން ރޯން އިން ޝިޔާރާއަށް ޒޯހަންގެ އަޑު ނީވި ގިނައިރު ވުމުން ބަލާލިއރު ޒޯހަން ފެންނާކަށް ނެތެވެ. އަވަސް އަވަހަށް ދޮރު ލައްޕާލުމަށްފަހު އެދުމައްޗަށް ވެއްޓިގަނެ ގައިގަ ހުރި ބާރަކަށް ރޯން ފެށިއެވެ. ބޭނުންވަނީ ހިތް ފުރޭވަރު ކުރާށެވެ. ޝިޔާރާގެ ހިތް ހަމަޖެހުނީ ކަންނޭނގެއެވެ. އެނދުމަތީގައި ރީތިކޮށް އިށީނދެ ހަމަޖެހިލުމަށްފަހު ދެލޯވެސް ރީތިކޮށް ފޮހެލިއެވެ. ދެލޯ ދުޅަވެގެން ގޮސް ބޮލާއި ލޮލާއެކު ރިއްސަންވެސް ފަށުމުން ބޮލުގައި ޖަހާފައި ހުރި ހުޅި ދޫކޮށް އިސްތަށިގަނޑަށް މިނިވަންކަން ދިނެވެ. ޒޯހަން އަކީ ހާދަ ހިތްތިރި އިންސާނެކެވެ. ޒޯހަން ޝިޔާރާ ދެކެ ލޯބިވުމަކީ ޝިޔާރާގެ ނަސީބު ކަމެއް ނުވަތަ ބަދު ނަސީބުކަމެއް ކަނޑައަޅާކަށް ޝިޔާރާއަށް ނޭނގުނެވެ. ޔަގީންވާ ކަމަކީ ހަމަ އެމިންވަރަށް ޒޯހަން ދެކެ ޝިޔާރާ ވެސް ލޯބިވާ ކަމެވެ. މިކަންތައް ވެސް ޝިޔާރާ ދޫކޮށްލީ ތަގުދީރަށެވެ. ޝިޔާރާއާއި ޒޯހަން އެކުގައިވުމަށް ތަގުދީރުގައި ވާނަމަ އެކަން ވާނެއެވެ. ޝިޔާރާ އެންމެ ހިތުގައި ޖެހުނީ ޒޯހަން އަބަދު ޝިޔާރާ ކައިރީގައި ވާހަކަދައްކާށޭ ކިޔާތީއެވެ. އެކަން ޝިޔާރާ ކުރާނީ ކިހިނެއް ހެއްޔެވެ؟ ޝިޔާރާގެ އަނގައިގަވާ ދޫ ގެ އެއްފަރާތް ފިހިފައިވާ ކަމަށް ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ ޝިޔާރާއަކީ ވާހަކަ ނުދެއްކޭ މަންމަނެއް ކަން އެނގޭހިނދު ޒޯހަންގެ އަމަލުތައް ހުންނާނީ ކިހނެއް ހެއްޔެވެ؟ ހަމައެއާއެކު ޝިޔާރާއަކީ މީހެއްގެ އަންބެއްކަން އެނގޭހިނދު ޒޯހަންގެ ހިތް ފުނޑުފުނޑުވާނެއެވެ. އެންމެ ރަނގަޅު ގޮތަކީ ޝިޔާރާ ޒޯހަންގެ ލޯތްބަށް ފުރަގަސް ދިނުމެވެ. ޒޯހަން ނުފެންނަ ހިސާބަށް މާދުރަށް ދާންވީއެވެ. ފަހަރެއްގައި ވެސް ޝިޔާރާގެ ސަބަބުން ޒޯހަންގެ ނަމަށް ހުތުރުވާ ވަރުގެ އެއްވެސް ކަމެއް ކުރާކަށް އަމިއްލަ ނަފްސަށް ވެސް ފުރުސަތެއް ނުދޭނަމެވެ. ޒޯހަންއަޓަކައި ޝިޔާރާއަށް ހަމައެކަނި ކުރެވޭނެ ކަމަކީ ޒޯހަންއާއި އެކަށީގެންވާފަދަ ބައިވެރިއެއް ދެއްވުން އެދި ދުޢާ އިޖާބަ ކުރައްވާ ފަރާތަށް ދެންނެވުމެވެ. ޝިޔާރާގެ އެތެރެހަށީގައި ނޭވާ ހިނގާހާ ހިނދަކު އެކަން ކުރާނެއެވެ.
އަނެއް ދުވަހު އެރި އިރާއެކު ޝިޔާރާއަށް ލިބުނު ހަބަރަކުން އުފަލުން އުދުއްސައި ނުގަނެވުނީ ކިރިޔާއެވެ. ބަކުރު ނުކުޅެދޭ މީހަކަށްވީ ކަމުގެ ހަބަރު ޝިޔާރާއަށް ދިނީ ހާލާއެވެ. ހާލާގެ ބޮޑުބޭބެއަކީ ބަކުރުގެ ދަރިން އުޅޭ ރަށުގެ މީހަކާއި އިނދެގެން އެރަށުގައި ވަޒަންވެރި ވެގެން އުޅޭ މީހެއް ކަމުން އެހަބަރު ހާލާއަށް ދިނީ ހާލާގެ މަންމައެވެ. ހާލާގެ މަންމަ އަރޫޝާ ހީކުރަނީ ބަކުރަކީ ޝިޔާރާގެ ހަރަދުތައް ކުރަން މާލޭގައި ހުންނަ ހަމައެކަނި ބޭބެ ކަމަށެވެ. އިންސާނަކަށް ދެރަ ކަމެއް ވުމަކީ ޝިޔާރާ އެކަމާއި އުފާ ކުރާނެ ކަމެއް ނޫނެވެ. ނަމަވެސް ކޮންމެސް ސަބަބަކާއި ހުރެ ޝިޔާރާއާއި ހަމައަށް ބަކުރަށް ނާދެވުމަކީ ޝިޔާރާގެ ދުލު ކުރީގައިވާ ހަމައެކަނި ދުޢާ އެވެ. ބަކުރަށް ކޮންމެފަދަ ހާލެއް ޖެހުނަސް ޝިޔާރާގެ އެއްވެސް ފަރުވާލެއް ނެތެވެ. ބަކުރުގެ ހާލު ބެލުމަކީ ޝިޔާރާއަށް މުހިއްމު ކަމެއް ނޫނެވެ. ވާގޮތެއް ވެދާނެ ނޫން ހެއްޔެވެ؟ “ދެން ހިނގާބަލަ މިކަމާއި އުޅެން. މިހާރު ބަކުރަށް ކުރެވޭނެ ކަމެއް ނޯންނާނެ” ޝިޔާރާގެ އަތުގައި ހިފާލައިގެން އިން ހާލާ ބުނެލިއެވެ. މިރޭ ޝިޔާރާ މަޑުކުރީ ހާލާގެ ކޮޓަރީގައެވެ. “ކުރިން ތިކަމާއި ވިސްނާކަށް ވެސް ބޭނުމެއް ނޫން. އެކަމު ހިނގާ ތިކަމާއި އުޅެން. ހާލީ އެހީވާނަމެއްނު” ޝިޔާރާގެ ޖަވާބުން ހާލާ ބޯޖަހާލުމަށްފަހު ޝިޔާރާގެ ގައިގާ ބައްދާލިއެވެ. “އަހަންނަށްޓަކައި ދެން އެންމެ ކަމެއް ކޮށްދޭންވީ. ޒޯންއަށް އާބަސް ބުނެދޭންވީ. ވެދާނެއްނު މާތްﷲ ޝިޔާގެ ދުޢާ އިޖާބަކުރެއްވުމަށްފަހު ޝިޔާގެ މުސްތަގުބަލް އުޖާލާ ކުރެއްވުމަށް މެދުވެރި ކުރެއްވިި ސަބަބު ކަމަށް ވެސް ޒޯންއަކީ” ޝިޔާރާ ދެލޯ ބޮޑުކޮށްލަމުން ހާލާއާއި ދިމާލަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ޒޯހަންގެ ވާހަކަތައް ހާލާއަށް އެނގުނު ގޮތެއް ވިސްނާލުމުން އެކަން އެނގުނީ ޝަޒަން ހާލާއަށް ކިޔާދިނުމުންކަން އެނގުމުން ވަތަށް އިސްޖަހާލުން ފިޔަވާ އިތުރު ކަމެއް ޝިޔާރާއަށް ނުކުރެވުނެވެ.
ދުވަސްތައް ހަލުވި ކަމާއެކު ފާއިތު ވަމުން ގޮސް އެއްމަސް ދުވަސް ފާއިތުވީ ވަރަށް ވެސް އަވަހަށެވެ. ބަކުރުގެ ފަރާތުން ގޯނާއެއް ކުރިމަތި ނުވިޔަސް ޝިޔާރާގެ ހިތް ހުންނަނީ އަބަދުވެސް ނުތަނަވަސް ވެފައެވެ. ޒޯހަން ޝިޔާރާ ދެކެ ވަރަށް ބޮޑަށް ލޯބިވާކަން މިހާރު ޝިޔާރާ ގަބޫލުކުރެއެވެ. ބައެއް ރޭރޭ ޝިޔާރާގެ ފަހަތުން އާދޭސް ކުރަމުން ވެސް ޒޯހަން ދޭއެވެ. ޝިޔާރާ އެންމެ ދެރަވީ ޒޯހަން އަބަދުވެސް ވާހަކަދެއްކުމަށް ޝިޔާރާ ކައިރީގައި އެދެމުންދާތީއެވެ. ހާލާ ކައިރީގަވެސް ޝިޔާރާ ބުނެފައި އޮންނަނީ ޝިޔާރާ އަކީ ވާހަކަނުދެއްކޭ މީހެކޭ ޝަޒަން ކައިރީގައި ނުބުނުމަށޭވެ. ސަބަބަކީ ޒޯހަންގެ ހިތް ހަލާކުވާތަން ދުށުމަކީ ޝިޔާރާއަށް ކެއްކުރެވޭނެ ކަމެއް ނޫނެވެ. “އޯކޭއޭ މަށާ ކައިވެނި ކުރަން އެއްބަސް ނުވިޔަސް. އެޓްލީސްޓް އެންމެ ފަހަރަކު ތިއަޑު އިއްވާލަބަލަ. ތިލޯބި ކުއްޖާގެ އަޑު އަހާލާ ހިތުން އަހަރެން މަރުވަނީމި” މެންދަމުގެ ހަމަހިމޭން ވަގުތުގައި މިރޭ ވެސް ޒޯހަން ހުރީ ޝިޔާރާގެ އަތުގައި ހިފާލައިގެން ބަދިގޭގައެވެ. ޝިޔާރާ މަސައްކަތްކުރަނީ ފެންކަޅިވެފައިވާ ޝިޔާރާގެ ދެލޯ ޒޯހަންއަށް ނުދެއްކުމަށެވެ. “މިރޭ ޕްރިންސަސް އަނގައިން ނުބުނަނިސް މިއަތަކުން ދުލެއް ނުކުރާނަން” ޒޯހަން ގަދަކޮށްލިއެވެ. “އަޅެ ދެން އަހަރެން ކިހިނެއް ހަދާނީ. ޒޯހަންއަށް އެނގޭނެ ނަމައެވެ.” ހަމަހިމޭންކަން ވެރިވެފައިވާ ތަނުގެ ތެރެއިން ކުއްލިއަކަށް އިވެންފެށީ ޝިޔާރާގެ ނޭފަތް ދަމާއަޑެވެ. ޒޯހަންއަށް ސިހުން ލިބި ޒޯހަންއާއި ވީ ފަރާތަށް ޝިޔާރާ އަނބުރާލިއިރު ވެސް ޝޔާރާ ހުރީ ރޯށެވެ. ޒޯހަންގެ ހިތުގެ ހަމަޖެހުން ރޯ މަންޒަރު ދުށުމަކީ އެހިތަށް ކެއްވާވަރު ކަމަކަށް ނުވިއެވެ. އެހެންކަމުން ޝިޔާރާގެ އަތުގައި ހިފައިގެން ހުރި ޒޯހަންގެ އަތަށް ލުޔެއް ދިނުމާއެކު ޝިޔާރާގެ އަތް މިނިވަންވިއެވެ. މާޔޫސްވެފައިވާ ހާލު ޒޯހަންއަށް ހުރެވުނީ ޝިޔާރާގެ ދޮންދޮން މޫނަށް ބަލަހައްޓައިގެންނެވެ. ބަދިގެ ތެރޭގައި ދިއްލާފައިވާ އޮރެންޖް ކުލައިގެ ލައިޓު ޝިޔާރާގެ މޫނަށް އެޅިފައި ހުރިއިރު ލޮލުން ފައިބާ ކަރުނަތައް ވެސް ޖަވާހިރުތަކެއް ފަދައިން ވިދަވިދާ ހުއްޓެވެ. މަޑުމަޑުން ޒޯހަންގެ އަތް އުފުލާ ލެވުނީ ޝިޔާރާގެ ދޮން ކޯތާފަތް ފޮހެލަދޭ ހިތުންނެވެ. ވަކި ހިސާބަކަށް އަތް ގެންދެވުނުތަނާ ޒޯހަން އެއަތް ކޮށްޕާލީ ލައިގެން ހުރި ސޯޓްބުރީގެ ޖީބަށެވެ. ޝިޔާރާ ދުވެފައިދިޔަ މަންޒަރު ބަލަން ހުރީ ދެރަވެފައެވެ. ޝިޔާރާ ރޯންވީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ އެހިތުގައިވި އެއްޗެއް ދެނެގަންނަން ޒޯހަން އިންތިހާއަށް ބޭނުންވިއެވެ. “ދަރިފުޅު. މިގަޑީގަ މިތާ ކީއްކުރަނީ ތި” ޒޯހަން ސިއްސައިގެން ދިޔައީ ކުރިމަތީގައި ހުރި ލަތާ ފެނުމުންނެވެ. ލަތާ ވަދެގެން އައިއިރު ޒޯހަންއަށް ނުފެނުނީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ ޝިޔާރާ ފެނުނުބާއެވެ. ޒޯހަން ހާސްވިއެވެ. ކުއްލިއަކަށް ދޭނެ ޖަވާބެއް ވެސް ނޭނގުނެވެ. “މި މި މި ބާމޫ ފުޅި ހޯދަންވެގެން” ހާސްވެފައި ހުރި ވަރުން އެންމެ ފުރަތަމަ ޒޯހަންގެ ދުލާއި ހަމައަށް އައި ޖުމްލަ ބޭރުކޮށްލިއެވެ. ލަތާގެ ދެލޯ ބޮޑުވެގެން ދިޔައީ ޒޯހަން ދިން ޖަވާބަކުންނެވެ. އަނެއްކާ ޒޯހަން މޮޔަވީކީ ނޫން ބާވައެވެ. ބާމް ފުޅި ހޯދަން ބަދިގެއަށް އަންނަން ޖެހޭ ހެއްޔެވެ؟ އިރު އޮށްސުނު ވަގުތު ޒޯހަން ބާމް ފުޅިއަށް އެދުމުން އެކޮޓަރީ ސައިޑްކަބަޑް މަތީގައި ބާމް ފުޅި ބެހެއްޓީ ލަތާގެ ދެއަތުންނެވެ. އެކަން ޒޯހަންއަށް ވެސް އެނގޭނެއެވެ. ލަތާ ދެފަރާތް ބަލާލުމަށްފަހު ޒޯހަން އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވެއްދިއެވެ. “ޒޯން ބުނީމައެއްނު މަންމަ މިތާ ބާމްފުޅި ބެހެއްޓީ. މިހިރީނު އަދިވެސް ބެހެއްޓި ތަނުގަ. އަނެއްކާ ޒޯން ރަނގަޅުތަ؟” ލަތާ ހާސްވިތަން ފެނުމުން ޒޯހަން ކަންބޮޑުވިއެވެ. “ބާމްފުޅިއެކޭތަ އަޅުގަނޑަށް ބުނެވުނީ. ފެންފޮދެއް ބޯންށޭ ދިޔައީ މަންމާ” ޒޯހަން އެހެން ބުނުމުން މިފަހަރު ލަތާ ބަލާލީ ސައިޑްކަބަޑުމަތީގައި ހުރި ފެންޖަގަށެވެ. ޖަގުގައި ފެން ހުއްޓާ ބަދިގެއަށް ޒޯހަން ފެންބޯން ދާންވީ ކީއްކުރަން ހެއްޔެވެ؟ ރޯގާ ޖެހިފައި ހުއްޓާ ޒޯހަންއަކީ އެއްއިރެއްގައި ވެސް ފިނިފެންބޯ ކުއްޖެއްނޫނެވެ. ލަތާއަށް ވިސްނުނީ އެންމެ ނުބައި ކޮށެވެ. ލަތާ ހީކުރީ ޒޯހަންއަށް ޖިންނިއެއްގެ އުނދަގުވީ ކަމަށެވެ. ގަތްބިރުން ލަތާ ގައިން ހީބިހި ނަގައިގަނެގެން ދިޔައެވެ. އަވަސްއަވަހަށް ޒޯހަން ފާހާނާއަށް ވައްދާ ދެފައި ދޮންނާށޭ ބުނީ ކައިރީގައި ލަތާ މަޑުކޮށްގެން ހުރެއެވެ. އެއަށްފަހު ޒޯހަން އެނދުގައި ބާއްވާ ފޯނުން ޤުރުޢާން އެޅުވުމަށްފަހު ލަތާ ޖައްސާލީ ކޮޓަރީ ސޯފާގައެވެ. ލަތާ އުޅޭގޮތުން ޒޯހަން ހުރީ ވާނުވާ ނޭނގިފައެވެ. ކުއްލިއަކަށް މަންމަ އަށް މިވީ ކިހިނެއް ހެއްޔެވެ؟ އެއްޗެއް އަހާނުލާ ޒޯހަންއަށް ކެތެއް ނުވިއެވެ. “މަންމާ. ކިހިނެއްވެގެން މިއުޅެނީ. ކީއްވެ މިރޭ ޤުރުޢާން އެޅުވީ” ބަދަލުގައި ލަތާ ބުނީ ވާހަކަނުދައްކާ މަޑުން އޮތުމަށެވެ. އަދި ޝަހާދަތާއި ކުރުސި ކިޔައިގެން ދެލޯ މެރުމަށެވެ. ޒޯހަން އެންމެ ހައިރާންވީ ފަތިސް ނަމާދަށް ގޮވަންދެން މަންމަ އޮންނާނީ ޒޯންގެ ކޮޓަރީގައޭ ބުނުމުންނެވެ. ވެގެން އުޅޭ ގޮތެއް ޒޯހަންއަށް ވިސްނުމުން ހިނިގަނޑު ފަޅައިގެންދާ ވަރުވިއެވެ.
ނުނިމޭ
417 Comments
Comments are closed.
Wow vrh nice.. Yeyy I’m first dhw
Wowww v reethi
Alhey next part ves avahah genes dhebala.mihaaru kiyaa hithun keth madhuvefa mi hunnane??????
Varah reethi
VVV naic
Nalla
Varah reethi sowhennext part
Varah reethie.. Next part avahah update koh deebalaa