
ނިމިދާނެ ޖާނާ ހިތާ 8
ޔުމްނާ ތަބައް ހިފައިގެން ބަދިގެއަށް ގޮސް އަލުން ކާއެއްޗެހި ހަދައިގެން ކޮޓަރިއަށް ވަންނަން ދިޔައެވެ. އެއްޗެއް ބުނަން އުޅެފަވެސް ނައީމާ އިނީއެވެ.
ޔުމްނާ އެތައް އާދޭހެއް ކޮށްގެންވެސް ނަޒްލާ އެއްޗެއް ކާކަށް އެއްބަހެއް ނުވިއެވެ.
“ތިހެން ހަދާކަށް ނުވާނެ ނަޒޫ… ނުކައި ހުއްޓާ ކޮންމެ ގޮތެއްވެސް ވެދާނެ” ޔުމްނާ ނަޒްލާއަށް ވިސްނައިދެވޭތޯ އުޅުނެވެ.
“ރަނގަޅެއްނު؟ މިހާރު އަހަރެން މަރު ވުމަށްވުރެ ރަނގަޅު ކަމެއް ދެން ނުވާނެ” ނަޒްލާ ބުންޏެވެ.
“ނަޒޫ… ތިހެން ބުނާކަށް ނުވާނެ…” ޔުމްނާއަށް ބުނެވުނެވެ.
“ދެން އަހަރެން ކިކޭތަ ބުނަން ވީ؟ ހަމަ ތެދެއް މިބުނީ، އަހަރެން މަރު ވިއްޔާ އެންމެންގެ ބޮލަށް ފަސޭހަ ވާނެ. އަހަންނާ ހެދި އެކަކުވެސް ލަދު ގަންނާކަށް ނުޖެހޭނެ… އެކަކަށްވެސް އުނދަގުލެއް ނުވާނެ… އަހަރެންގެ އާއިލާއަށް އަހަންނާ ހެދި މިވަރުގެ ކަމެއް ދިމާ ވުމުގެ ކުރިން މަރުވި ނަމަ ކިހާ ރަނގަޅު ވީސް… އެހުރިހާ ފަހަރެއްގަ މަންމަމެން އަހަރެން މަރުވާން ދޫކޮށްލިނަމަ މިއަދު އެމީހުންނަށް މިދުވަހެއް ނުފެނުނީސް…” ނަޒްލާ ގިސްލަމުން ބުންޏެވެ.
ޔުމްނާއަށްވެސް ރޮވުނެވެ.
ދެދުވަސް ވީއިރުވެސް އެކަކުވެސް ނަޒްލާއަކާ ވާހަކައެއް ނުދައްކައެވެ. ނަޒްލާ ކޮޓަރިއަކުން ނުނިކުމެއެވެ. އެހެން މީހަކުވެސް ކާއެއްޗެހި ހިފައިގެން ވަންނަ ފަހަރަކު ނޫނީ އެކޮޓަރިއަކަށް ނުވަދެއެވެ. ނަޒްލާ ނުވެސް ކައެވެ. ކަރު ހިކިގެން ކެއްސަން ފެށުމުން ބޯލާ ފެން ފޮދެއް ފިޔަވާ އެހެން އެއްޗެއް ނަޒްލާގެ އަރުން އެތެރެއެއް ނުކުރެއެވެ. ކުރިންވެސް ފާޑަކަށް މޭނުބައި ކޮށްފައި ހުރި ނަމަވެސް އެދެދުވަހު ނަޒްލާއަށް އެތައް ފަހަރަކު ހޮޑުވެސް ލެވުނެވެ. ނުކައި ހުރުމުގެ ސަބަބުން ބޯވެސް އަނބުރައެވެ.
ތިން ވަނައަށް ވީ ދުވަހު ނިހާ ކާއެއްޗެހި ހިފައިގެން ވަން އިރު ނަޒްލާ އޮތީ އަނބުރައިގަނެގެން ވެއްޓިފައެވެ. އެންމެން ނަޒްލާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ.
ނައީމާ ނަޒްލާއާ ވާހަކަ ދެއްކީ އެދުވަހުއެވެ. ކުރިން ކިތަންމެ ރުޅި އައިއްސަ ހުރި ނަމަވެސް ނަޒްލާއަށް ކަމެއް ވެދާނެ ކަމުގެ ބިރު ނައީމާގެ ހިތުން ހުރިހާ ރުޅިއެއް ފޮހެލިއެވެ.
ނަޒްލާ ރޮއެރޮއެފައި ނައީމާ ގާތުން މާފަށް އެދުނެވެ. ނައީމާވެސް އެއީ ނަޒްލާއަށް ނޭނގި ކުރެވުނު ކުށެއް ކަމަށް ބަލާފައި ނަޒްލާއަށް މާފު ކުރިއެވެ.
އާސިމް ފުރީވެސް އެދުވަހުއެވެ. ނަމަވެސް އެކަމެއް ނަޒްލާއަކަށްވެސް އަދި ޔުމްނާއަކަށްވެސް ޝާއިރުއަކަށްވެސް ނޭނގެއެވެ. އޭރުވެސް އެރޭ އާސިމްމެން ގޭގައި ކަންތައް ވީގޮތެއް ނަދީމްމެންނަކަށް ނޭނގެއެވެ. އަސްމާއާ ޝާއިރު ރުޅިވީ ކަމެއްވެސް ނޭނގެއެވެ.
އެރޭ ނަޒްލާ ހޮސްޕިޓަލުން ދޫކޮށްލުމުން ނައީމާއާ ޔުމްނާ ނަޒްލާ ގޮވައިގެން ގެޔަށް ދިޔަ އިރު ޝާއިރު އެގޭގައި އިނެވެ. ނައީމާ ނަޒްލާ ގޮވައިގެން ކޮޓަރިއަށް ވަނުމުން ޔުމްނާ އައިސް ނަދީމްއާ ޝާއިރު ކައިރީ އިށީނެވެ.
“ސިމީ ނާދޭތަ؟” ޔުމްނާ ޝާއިރުއާ ސުވާލު ކޮށްލިއެވެ.
“އޭނައެއް ނާންނާނެއެއްނު؟” ޝާއިރު ބުނެލިއެވެ.
“އެއީ ކީށްވެ؟” ޔުމްނާ އަހާލިއެވެ.
“އޭނަވެސް އާސިމްގެ ވާހަކަ ގަބޫލު ކޮށްގެން އެހެރީ” ޝާއިރު ބުނެދިނެވެ.
“އެހެންވެ ތިދެމީހުން ޒުވާބު ކޮށްގެންތަ ތިއުޅެނީ؟” ނަދީމް އެހިއެވެ.
“ނަދީމްއަކަށް ނޭނގޭނެ އާސިމް ކީ އެއްޗެއްސެއް…” ޝާއިރު ބުނެލިއެވެ.
“ކީކޭތަ ދެން ބުނަން އޮތީ؟” ނަދީމް ސޯފާގެ އަތްގަނޑުގައި ޖަހާލިއެވެ.
“ތެދެއް…؟ ކިކޭތަ ކީ؟” ޔުމްނާ އަހާލިއެވެ.
ޝާއިރު ހުރިހާ ވާހަކައެއް ކިޔާދިނެވެ. އާސިމް އެރޭ އެންމެން ތެރޭ ދެއްކި ހުރިހާ ވާހަކައެކެވެ. ނަޒްލާ ކުރި ސުވާލު ތަކެވެ. ޝާއިރުގެ ބޮލުގައި އާސިމް އެޅުވި އިލްޒާމެވެ. އަސްމާ ގަބޫލު ކުރި ގޮތެވެ.
“އޭނަ ހީކުރީ ނަޒޫއަކީ ފެންނަހާ މީހެއް ކައިރިން…” ޝާއިރު ދެއްކި ވާހަކަ އަޑު އަހާފައި ނަދީމް އައި ރުޅީގައި ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލިއެވެ.
“ނަދީމް… ދެން އަޅާ ނުލާ…” ޔުމްނާ ނަދީމްގެ އަތުގައި ހިފާލިއެވެ.
“އޭނަ ހިތަށް އެރިހާ އެއްޗެއް ނަޒޫއާ ދިމާލަކަށް ނުކިޔޭނެ. ތިން އަހަރު ވީފަހުން އިންނަންވެސް ތައްޔާރު ވެފަތަ އޭނައަށް ނަޒޫއަކީ ކޮން ކަހަލަ ކުއްޖެއްކަން އެނގުނީ؟ ކީށްވެތަ ކުރިން ނޭނގުނީ؟” ނަދީމްއަށް ރުޅި މަޑެއް ނުކުރެވުނެވެ.
“އަހަރެން ގުޅީމަ ސިމީ ފޯން ނުނަގަނީ އެހެން ވީމަ ދޯ؟ އޭނައަށްވެސް ނަޒޫއެއް ނޭނގުނު” ޔުމްނާ ބުނެލިއެވެ.
“ނަދީމް… އަހަރެން ވާހަކައެއް ބުނަންތަ؟” ޝާއިރު ކަރު ކެހިލާފައި އަހާލިއެވެ. ނަދީމް ޝާއިރުއަށް ބަލާލާފައި ބޯޖަހާލިއެވެ. “އަހަންނަކަށް ނޭނގެ މިވާހަކަ ބުނާނެ ގޮތެއް… އެކަމަކު… އަހަރެން މިހެން ބުނީމަ ގޯސް ގޮތަކަށް ހީނުކުރައްޗޭ… އަހަރެން ކުރިން ނަޒޫ ކައިރީ ރައްޓެހިވާން އެހިން، އެކަމަކު ރައްޓެއްސެއް ނުވަން… އޭރުވެސް ނަޒޫ ލޯބި ވަނީ އާސިމް ދެކެ. އަހަރެން ސިމީއާ ރައްޓެހި ވީފަހުން ނަޒޫ ކީށްކުރަން…؟ އެހެން އެއްވެސް އަންހެން ކުއްޖަކާ މެދު އެގޮތަކަށް ނުދެކެން… އެކަމަކުވެސް ސިމީވެސް ގަބޫލު ކުރީ އާސިމްގެ ވާހަކަ… އަހަރެން ބުނާ އެއްޗެއް އަޑު އަހާކަށްވެސް އޭނަ ބޭނުމެއް ނުވި…” އިސް ޖަހައިގެން އިނދެ ޝާއިރު ވާހަކަ ދެއްކިއެވެ.
ޝާއިރު ދައްކަން އުޅޭ ވާހަކައެއް ނުވިސްނިފައި ޔުމްނާއާ ނަދީމް އެކަކު އަނެކަކަށް ބަލާލިއެވެ.
“ނަދީމް… އަހަރެން ނޭދެން ނަޒޫއަށް ދެރަ ގޮތެއް ވާކަށް… އެހެންވެ… އަހަރެން ބޭނުން… ނަޒޫއާ އިންނަން… ނަދީމް ގަބޫލިއްޔާ…” އަތުގައި އޮތް ފޯން އަނބުރަމުން އިސް ޖަހައިގެން އިނދެ ޝާއިރު ބުންޏެވެ.
ނަދީމްއަށް އަނެއްކާވެސް ބަލާލެވުނީ ޔުމްނާއަށެވެ. ޔުމްނާވެސް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
“ނަޒޫ ގަބޫލިއްޔާ އަހަރެންގެ މައްސަލައެއް ނެތް… އެކަމަކު އަހަންނަކަށް ހިއެއް ނުވޭ ނަޒޫ ރުހޭނެ ހެންނެއް…” ނަދީމް އެންމެ ފަހުން ބުންޏެވެ.
ނައީމާ ކޮޓަރިއަށް ވަނުމުން ޝާއިރު ނަޒްލާގެ ކޮޓަރިއަށް ވަނެވެ. އޭރު ނަޒްލާ އެނދުގައި އިށީނދެލައިގެން އިނެވެ. އާސިމްމެން ގެއިން ނިކުތް ފަހުން މީ ޝާއިރުއަށް ނަޒްލާ ފެނުނު ފުރަތަމަ ފަހަރެވެ. އެ ތިން ދުވަސް ތެރޭވެސް ނަޒްލާއަށް އައިސްފައި ހުރި ބަދަލު ޝާއިރުއަށް ފާހަގަ ކުރެވުނެވެ.
ޝާއިރު އެތެރެއަށް ވަނުމުން ނަޒްލާ ބަލާލިއެވެ.
“ސޮރީ…” ނަޒްލާ ނުންޏެވެ.
“ކޮން ކަމަކާ؟” ޝާއިރުއަށް ނަޒްލާ މާފަށް އެދެންވީ ސަބަބެއް ނުވިސްނުނެވެ.
“އަހަންނާ ހެދި އާސިމް ޝާއިރުގެ ބޮލުގަ މިހުރިހާ ކަމެއް އެޅުވީތީ…” ނަޒްލާ ބުންޏެވެ.
“އާސިމް އެކަނިތަ؟ އަސްމާވެސް އެހެރީ ގަބޫލު ކޮށްގެން އަހަރެން ދެކެ ރުޅި އައިއްސަ… އެކަމަކު އޭގަ ނަޒޫގެ ކުށެއް ކޮބާ؟ އެއީ އެދެމީހުންގެ މައްސަލައެއް” ޝާއިރު އެނދު ކައިރީގައި ހުރި ގޮނޑީގައި އިށީނދެފައި ބުންޏެވެ.
ޝާއިރު ވާހަކަ ދެއްކި ގޮތުންވެސް އޭނަ ދެރަވެފައި ހުރި ވަރު ނަޒްލާއަށް އިހުސާސް ކުރެވުނެވެ. އާސިމްއާ އެއްވަރަށް އެވަގުތު ނަޒްލާ އަސްމާ ދެކެވެސް ރުޅި އައެވެ.
“އަހަރެން ހިތަށް އަރާ އާސިމް އެހެން ހީކުރީ ކީށްވެބާއޭ؟ ކިހިނެއްތަ އޭނަ އެވަރުގެ އެއްޗެއް ހިތަށް އެރުވީ؟ އަހަރުމެން ދެމީހުންނޭ ކިޔާފަ އެކަހަލަ އެއްޗެއް ބުނަން އޭނައަށް ކެރުނީތީ އަހަރެން ހައިރާން ވޭ… އަނެއްކާ ތިބުނީ ސިމީވެސް…” ނަޒްލާ އަށް އަނެއްކާވެސް ރޮވުނީ އަސްމާވެސް ނަޒްލާއާ މެދު އެގޮތަށް ދެކޭކަން އެނގުމުންނެވެ. އެންމެ ގާތް އެކުވެރިޔާވެސް އެފަދަ ހަޑި ކަމެއްގައި ނަޒްލާއާ މެދު ޝައްކު ކުރީތީއެވެ.
“އަހަރެންނަށް އެނގިއްޖެ އެމީހުން އެހެން ހީކުރީ ކީށްވެކަން…” ޝާއިރު ބުންޏެވެ. ނަޒްލާ ޝާއިރުއަށް ބަލާލިއެވެ.
ޝާއިރު އެރޭ ވީކަންތައް ނަޒްލާއަށްވެސް ކިޔާދިނެވެ. އެވާހަކަ އަޑު އަހާފައި ނަޒްލާއަށް ކުރިއަށް ވުރެ ބޮޑަށް ރޮވުނެވެ.
“މީހަކު މީހެއް ކައިރީ ރައްޓެހިވާން އެހުމަކީ އެހާ ބޮޑު ކަމެއް އެމީހެއްގެ ބޮލުގަ އަޅުވާނެ ވަރުގެ ކަމެއްކަން ކުރިން އެގުނު ނަމަ އަހަރެން ފުރަތަމަވެސް އެވާހަކަ ސިމީ ކައިރީ ބުނީމުސް… އެކަމަކު ނުބުނީވެސް ސިމީ ދެރަ ވެދާނެތީ… އޭރުވެސް ސިމީ އަބަދު އަހަރެން ކައިރީ ޝާއިރުގެ ވާހަކަ ދައްކާތީ… އަހަންނަކަށް ނޭނގެ އޭރު އެކަން ސިއްރު ކޮށްގެން މިއަދު އަހަންނަށް މިވަރުގެ ކަމެއް ދިމާ ވެދާނެ ކަމެއް…” ނަޒްލާ ބުންޏެވެ.
“އަހަންނަށް އެނގޭ… އަހަރެން އަންޑަސްޓޭންޑްވޭ” ޝާއިރު ބުންޏެވެ.
“ކީށްވެތަ އަހަންނަށް މިހެން ވާންވީ؟ އަހަންނާ މެދު އެވަރުގެ އިތުބާރެއްވެސް ނެތީތަ؟ ކުޑަ އިރުއްސުރެ ލޯބި ވީ އެންމެ މީހެއް ދެކެ، އެކަމަކު އޭނަވެސް…” ނަޒްލާ ވާހަކަ ދެއްކުން ހުއްޓާލީ ރޮވެން ފެށުމުންނެވެ.
“އަހަރުމެން ދެމީހުންގެ ބޮލުގަވެސް މިއޮތީ އަހަރުމެން ނުކުރާ ކަމެއް އަޅުވާފަ… ހުރިހާ ދެރައެއް ނަޒޫއަށް… ނަޒޫ، އަހަރެން ބުނާ ގޮތެއް ހަދާނަންތަ؟” ޝާއިރު އަހާލިއެވެ.
“ދެން އެބަ އޮތްތަ ގޮތެއް ހެދެން؟” ނަޒްލާ އެހިއެވެ.
“އާނ، އަދިވެސް ނަޒޫއަށް ގޮތެއް އެބައޮތް” ޝާއިރު ބުންޏެވެ.
“ކޮން ގޮތެއް؟” ނަޒްލާ އެހިއެވެ.
“ނަޒޫ އަހަންނާ މެރީ ކުރާނަންތަ؟” ޝާއިރު އަހާލީ އިރުކޮޅެއް ފަހުންނެވެ.
ނަޒްލާ ހައިރާން ވެފަ ޝާއިރުއާ ދިމާއަށް ބަލަން އިނެވެ. ޝާއިރު އެބުނީ ނަޒްލާ ހީކޮށްގެން އިން އެއްޗެއް ނޫނެވެ.
“ކީށްވެ ތިހެން ތިއެހީ؟” ނަޒްލާވެސް ސުވާލެއް ކޮށްލިއެވެ.
“އޭރުން އިތުރު ބަޔަކަށް ނަޒޫއާ ދިމާއަށް އެއްވެސް އެއްޗެއް ނުބުނެވޭނެއެއްނު؟” ޝާއިރު ޖަވާބު ދިނެވެ.
“އެކަމަކު އޭރުން ސިމީ ކިހާ ދެރަވާނެ؟” ނަޒްލާއަށް އެވަގުތުވެސް ވިސްނާލެވުނީ އަސްމާއާ މެދުއެވެ.
“އަހަރެންގެ ވާހަކަ އަޑުވެސް ނޭހި މީހަކާމެދު އަހަރެން ކީށްކުރަން ވިސްނަންވީ؟ ނަޒޫވެސް ވިސްނާނެ ކަމެއް ނެތް. އެހެން ނޫނަސް އެދެމީހުންވެސް ގަބޫލު ކޮށްގެން އެތިބީ ނަޒޫ ބަލިވެ އިނީ އަހަރެންގެ ދަރިއަކަށް ކަމަށް. ދެން އެމީހުންނާ މެދު ވިސްނާފަ ނަޒޫ އަހަންނާ މެރީ ނުކުރަންވީ ކީށްވެ؟” ޝާއިރު އެހިއެވެ.
ނަޒްލާ ބޯހަލުވާލިއެވެ.
“އަހަރުމެންނަށް އެނގެއެއްނު؟ އެހެން ނޫނަސް އަހަންނާ ހެދި އެހެން އެކަކަށްވެސް ދެރައެއް ލިބޭކަށް އަހަރެން ނޭދެން… އަހަންނާ މެދު ސިމީއަށް ޝައްކު ކުރެވުނަސް އަހަންނަށް އެނގޭ ސިމީ ލޯބި ވަނީ ޝާއިރު ދެކެކަން… އަހަންނާ ހެދި ޝާއިރުގެ ދިރިއުޅުން ހަލާކު ވާކަށްވެސް އަހަރެން ނޭދެން. ސިމީ ރުޅި މަޑު ވީމަ އޭނައަށް ވިސްނޭނެ އަދި، އޭރުން އޭނަ ޝާއިރުގެ ވާހަކަ އަޑު އަހާނެ، ގަބޫލުވެސް ކުރާނެ” ނަޒްލާ ޝާއިރުއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
“އެކަމަކު ނަޒޫ—”
“އަހަންނަށް ވާނެ ގޮތެއް މިހިރީ ވެފަ… ދެން މިކަމެއް ބަދަލެއް ނުވާނެ. އަހަންނަށް އެނގޭ މިކަމުން އަދި ސަލާމަތް ވެވިދާނެ ކަންވެސް… އެކަމަކު އަހަރެން އިތުރު ގޯހެއް ހަދާކަށް ބޭނުމެއް ނޫން. އަހަރެން ޓްރައި ކުރާނަން ސިމީއަށް ވިސްނައިދެވޭތޯ، އޭނަ އަދި ގަބޫލު ކުރާނެ. މިއަދު ގަބޫލު ނުކުރިޔަސް އާސިމްވެސް އަދި ގަބޫލު ކުރާނެ މީ އޭނަގެ ދަރިއެއް ކަން… އަހަރެން އޭނައަށް އޮޅުވައެއް ނުލާކަން. އެކަމަކު އެދުވަހަކުން އަހަރެން އޭނައަކަށް މާފެއް ނުކުރާނަން” ނަޒްލާ އިސް އުފުލާލާފައި ބުނެލިއެވެ.
އެރޭ ނަޒްލާ އަސްމާއަށް ގުޅިއެވެ.
“ނަޒޫ ކިޔާނެ އެއްޗެއް އަދިވެސް އެބަ އޮތްތަ؟” ފޯން ނެގި ގޮތަށް އަސްމާ އަހާލިއެވެ.
“މިރޭ ޝާއިރު އަހަރެން ކައިރީ ބުނީ އޭނަޔާ އިންނާށޭ” ފުރަތަމަވެސް ނަޒްލާ ބުންޏެވެ.
“އަހަންނަށް ކޮން ކަމެއް؟ ރަނގަޅެއްނު؟ ދެން އަވަހަށް އިންނަން ވީނު؟” ނަޒްލާގެ ޖުމްލަ އަޑު އިވުމުން ކުޑަ އިރުކޮޅަކަށް ހުއްޓުން އަރާފައި ހުރެފައި އަސްމާ ބުނެލިއެވެ.
“އަހަރެން ބުނީ ނޫނެކޭ” ނަޒްލާ ބުންޏެވެ.
ނަޒްލާގެ ވާހަކަ ގަބޫލު ނުކުރެވިފައި އަސްމާއަށް އެއްޗެކޭ ނުބުނެ އިރުކޮޅަކު ހުރެވުނެވެ.
“ކީށްވެ؟” އަސްމާ އަހާލިއެވެ.
“އަހަންނާ ޝާއިރުގެ މެދުގަ އެކަހަލަ ގުޅުމެއް ނެތީމަ، އަހަރެން ބަނޑުބޮޑީ ޝާއިރުގެ ދަރިއަކަށް ނޫން ވީމަ” ނަޒްލާ ޖަވާބު ދިނެވެ.
“ހަމަ ރަނގަޅަށްތަ ނަޒޫ ތި ބުނީ؟” އަސްމާ އަހާލިއެވެ.
“އަހަރެން ކީށްކުރަން ދޮގު ހަދަންވީ؟ އަހަރެން ބަނޑުބޮޑީ ޝާއިރުއަށް ނަމަ އޭނަ އެހި އިރަށް އަހަރެން އެއްބަސް ވާނެއެއްނު؟ އަށް އަހަރު ވީއިރުވެސް ސިމީއަށް އަހަރެން އެއްވެސް ވަރަކަށް ނޭނގުނު. އަހަންނަށް ޓްރަސްޓެއް ނުކުރެވުނު… އަހަރެން ހީކުރީ އަހަރެން އާސިމްދެކެ ލޯބިވާ ވަރު އެންމެ ރަނގަޅަށް އެނގޭނެ އެކަކީ ސިމީ ކަމަށް، އެކަމަކު ސިމީއަކަށްވެސް ނުވިސްނުނު.
އަހަންނާ ދިމާއަށް އެހާ ހަޑި އެއްޗެހި ކީއިރު އެކަކުވެސް އެއްވެސް އެއްޗެއް ހިތަކަށް ނޭރި. އަހަންނަކަށް ހެއްކެއް ނުދެއްކޭނެ ސިމީ، އެކަމަކުވެސް ހަމަ ތެދެއް މިބުނީ، އަހަންނާ ޝާއިރުއާ އެކަހަލަ ގުޅުމެއް ދުވަހަކުވެސް ނޯންނާނެ. ކުރިން ޝާއިރު އަހަރެން ކައިރީ ރައްޓެހިވާން އެހި ވާހަކަވެސް ސިމީ ކައިރީ ނުބުނީ އޭރު ސިމީ ޝާއިރުދެކެ ލޯބިވާ ކަން އަހަންނަށް އެނގޭތީ، ސިމީ ދެރަ ވެދާނެތީ.
އެކަމަކު އެވަރުގެ ކަމަކާ ހެދި އަހަރެން ބަލިވެ އިނީ ޝާއިރުގެ ދަރިއަކަށޭ ބުނަން ވާނެތަ؟ އަހަރެންގެ ވާހަކަ ބާއްވާފަ އެއްފަހަރުވެސް ސިމީ ވިސްނާލިންތަ ޝާއިރު ހިތަށް އަރާނެ އެއްޗަކާ މެދު؟ އޭނަ ދެރަވާނެ ވަރު ސިމީއަކަށް ނޭނގޭތަ؟ އިންނަން ތައްޔާރު ވަމުން ދިޔަ އިރު އެވަރުގެ އިތުބާރެއްވެސް އޭނައަށް ނެތީތަ؟”
އަސްމާ އެއްވެސް އެއްޗެއް ނުބުނެ ނަޒްލާގެ ވާހަކަ އަޑު އަހަން ހުއްޓެވެ. ނަޒްލާ ވާހަކަ ދައްކާ ނިމުނު އިރު އަސްމާއަށް ރޮވިއްޖެއެވެ.
“ވަރަށް ބޮޑަށް ސޮރީ ނަޒޫ… އަހަންނަށް ގަބޫލު ކުރެވިއްޖެ. ޕްލީޒް… އަހަންނަށް މާފު ކޮށްދީ ނަޒޫ…” އަސްމާ ރޮމުން އެދުނެވެ.
“އެކަކަށްވެސް އަހަރެންގެ މާފެއް މުހިންމެއް ނުވާނެ. އަހަރެން ސިމީއަށް ގުޅި ބޭނުމަކީ ހަމައެކަނި ޝާއިރުގެ ކުށެއް ނެތް ކަން ވިސްނަދިނުން… ސިމީ އޭނަދެކެ ލޯބި ވަންޏާ އޭނަ ކައިރިން މާފަށް އެދޭ، އޭރުން އެނިމުނީ” ނަޒްލާގެ ވާހަކައިން އަސްމާ ކަންތައް ކުރި ގޮތުން ނަޒްލާ ހިތުގަ ޖެހުނު ވަރު އަސްމާއަށް ވިސްނުނެވެ.
“ނޫން… އަހަންނަށް ނަޒޫގެ މާފުވެސް މުހިންމު، ނަޒޫގެ މާފުވެސް ބޭނުން. އަހަރެން ވަރަށް ދެރަ ވެއްޖެ އެރޭ ތުއްތުބޭ ދެއްކި ވާހަކަ ގަބޫލު ކުރެވުނީތީ… ޕްލީޒް ނަޒޫ، އައިމް ސޯ ސޮރީ…” އަސްމާ ވާހަކަ ދެއްކީ ރޮމުންނެވެ.
“ސިމީ ހިތްހަމަ ޖެހެންޏާ އަހަރެން ސިމީއަށް މާފު ކޮށްފިން، އެކަމަކު ސިމީ ހަނދާން ކުރައްޗޭ، ނުކުރާ ކުށެއް މީހެއްގެ ބޮލުގަ އެޅުވުމަކީ މާފު ކުރަން ފަސޭހަ ކަމެއް ނޫން… އަހަންނަށް އެނގޭނީ އަހަރެން ދެރަވީ ވަރު…” ނަޒްލާ އަސްމާއަށް މާފު ކުރިއެވެ.
“ތެންކް ޔޫ ނަޒޫ…” އަސްމާ ބުންޏެވެ.
“އަސްލުވެސް ސިމީ، އަހަރެން ވަރަށް ދެރަ ވެއްޖެ ސިމީވެސް އަހަންނަށް ޓްރަސްޓް ނުކުރީތީ… އަހަރެން ހިއެއް ނުކުރަން އަހަރެންގެ ބެސްޓް ފްރެންޑްވެސް އެވާހަކަ ގަބޫލު ކުރާނެ ކަމަކަށް” ނަޒްލާ ބުންޏެވެ.
“އަހަންނަކަށް ނޭނގެ އެރޭ އަހަންނަށް ވެފަ ހުރި ގޮތެއް… ތުއްތުބޭ ބުނީމަ ގަބޫލު ކުރެވުނީ… ނަޒޫ ކީށްވެތަ އެއްވެސް ވާހަކައެއް ކުރިން އަހަރެން ކައިރީގަ ނުބުނީ؟” އަސްމާ އެހިއެވެ.
“އޭރު ބުނި ނަމަ ސިމީ ދެރަވާނެ ކަން އެނގޭތީ ނުބުނީ” ނަޒްލާ ބުންޏެވެ.
“ފަހުންވެސް އަހަރެން ކައިރީގަ ނުބުނަމެއްނު…؟” އަސްމާ އަހާލިއެވެ.
“އެވާހަކަ ސިމީ ކައިރީގަ ބުނަން ނުކެރުނީ… ޔުމްވެސް ބުނި ސިމީ ކައިރީގަ ބުނާށޭ… އެކަމަކު…” ނަޒްލާ އެވާހަކަ ދައްކާ ހިތެއް ނުވިއެވެ. “ދެން އަޅާ ނުލާ… އެވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން ސިމީ…”
“ނަޒޫ، ޝާއިރު އެބަ ހުރިތަ ތިގޭގަ؟” އަސްމާ އަހާލިއެވެ.
“ގޮއްސި، ޝާއިރު ދިޔައީމަ އަހަރެން މިގުޅީވެސް” ނަޒްލާ ޖަވާބު ދިނެވެ.
ހަމަ އެރޭ އަސްމާ ޝާއިރުއަށް ގުޅާފައި ޝާއިރު ގާތުން މާފަށް އެދުނެވެ. ނަމަވެސް ޝާއިރު އަސްމާއަށް މާފު ކުރާކަށް ބޭނުމެއް ނުވިއެވެ. އަސްމާ ގުޅުމުން ފޯން ނަގާފައި ޝާއިރު އަސްމާއާ ދިމާއަށް އެއްޗެހި ކިއެވެ. އަދި އޭގެ ފަހުން އަސްމާ ގުޅުމުން ޝާއިރު ފޯނެއް ނުނެގިއެވެ.
ދެދުވަސް ވަންދެން މަސައްކަތް ކޮށްގެންވެސް ޝާއިރު އަސްމާއާ ވާހަކަ ނުދެއްކުމުން އަސްމާ ގުޅީ ނަޒްލާއަށެވެ. ދެވަނަ ފަހަރަށް ޝާއިރު އަސްމާއާ ގުޅުނީ ނަދީމްއާ ޔުމްނާއާ ނަޒްލާ އެތައް ފަހަރަކު ޝާއިރު ގާތު އަސްމާއަށް މާފުކޮށް އަލުން ގުޅުމަށް ބުނުމުންނެވެ.
ޔުމްނާވެސް ފުރަތަމަ އަސްމާއާ ވާހަކަ ނުދައްކަން ހުއްޓެވެ. ނަމަވެސް އަސްމާ އާދޭސް ކުރަން ފެށުމުން ޔުމްނާވެސް އަސްމާއަށް މާފު ކުރިއެވެ.
އާސިމް ފުރިކަން ނަޒްލާއަށް އެނގުނީ އަސްމާގެ ފަރާތުންނެވެ. އެކަން އެނގުމުން ނަޒްލާ ވަރަށް ރުޔެވެ. އެދުވަހާ ޖެހެން ދެންވެސް ނަޒްލާ އުންމީދު ކޮށްގެން ހުރީ އާސިމްއަށް ވިސްނިގެން އަދިވެސް ނަޒްލާ ކައިރިއަށް އަންނާނެ ކަމަށެވެ. ހުރިހާ ކުށްހީއެއް ފިލާ އާސިމް ނަޒްލާއަށް އެހީ ވެދޭނެ ކަމަށެވެ. ނަމަވެސް ނަޒްލާގެ އެ އުންމީދުވެސް ގެއްލުނީއެވެ.
ނަޒްލާގެ ކަމަކީ އަބަދު ރުއިމެވެ. އެރޭ ކަންތައް ކުރެވުނު ގޮތާ މެދު އަމިއްލަ ހިތާ ޝަކުވާ ކުރުމެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރުމެވެ. ދުނިޔެއަށް އުފަން ކުރަން ނޭދޭ ދަރިއަކަށް ބަލިވެ އިނީތީ އެކަމާ ޝަކުވާ ކުރުމެވެ. އެދަރިފުޅާމެދު ކަންތައް ކުރެވިދާނެ ގޮތަކާމެދު ދެރަވެ ރުއިމެވެ.
އެދަރިފުޅަކީ ނަޒްލާއަށް ކިހާ މުހިންމު ކުއްޖެއްކަން ނަޒްލާއަށް ވިސްނުނީ ދަރިފުޅު ގެއްލިދާނެ ކަމުގެ ބިރު ހިތަށް ވަނުމުންނެވެ. ބަނޑަށް ދެމަސް ވީތަނާ ނަޒްލާ ހޮސްޕިޓަލަށް ގެންދެވުނީ ބަނޑަށް ތަދުވާތީއެވެ.
ތިން ދުވަސް ވަންދެން ހޮސްޕިޓަލުގައި ބާއްވާފައި ނަޒްލާ ދޫކޮށްލީ ބަނޑަށް ހަތަރު މަސް ވަންދެން ބެޑްރެސްޓް ކުރަން އަންގާފައެވެ. އެހެން ނޫނީ ދަރިފުޅަށް ގެއްލުމެއް ވެދާނެ ކަމަށް ހީވާތީއެވެ.
ނަޒްލާގެ ހިތުން ބިރު ފިލީ ދެމަސް ފަހުން ދަރިފުޅަށް އެއްވެސް ނުރައްކަލެއް ނެތް ކަން ޔަގީން ވުމުންނެވެ. ނަމަވެސް ދަރިއަކަށް ބަލިވެ އިނުމަކީ ކިހާ ބުރަ ކަމެއްކަން ނަޒްލާއަށް އޭރު ވަނީ ވިސްނެން ފަށާފައެވެ. އަބަދު ހޮޑު ލެވުމާ، ގައިގަ ވަރު ނުހުރުމާ، ކޮންމެ އެއްޗަކުން ނުބައި ވަސް ދުވުމާ، ކާހިތް ނުވުމާ އަދި އަތްފައި ދުޅަވެ ހިނގާ އުޅެން އުނދަގޫ ވުމާ މިހުރިހާ ކަމެއްވެސް ނަޒްލާއަށް ތަހައްމަލް ކުރަން ޖެހުމުން ދަރިންނަށް ޓަކާ މައިން އުފުލާ ބުރައާއި ވޭން ނަޒްލާއަށްވެސް އިހުސާސް ކުރެވުނެވެ. ނަޒްލާއަށް ޓަކާ ނަޒްލާގެ މަންމަވެސް އެހުރިހާ ބުރައެއް އުފުލާފައި ވާކަން އިހުސާސް ކުރެވުމުން މަންމައާ މެދު ކުރިއަށް ވުރެން ބޮޑަށް ވިސްނެން ފެށިއެވެ. އަދި އެދުވަހުގެ ފަހުން މަންމަ ދެރަވެ ހިތުގަ ޖެހޭނެ ފަދަ އެއްވެސް ނުކުރުމަށް އަޒުމް ކަނޑައެޅިއެވެ.
ނަޒްލާގެ ބަނޑަށް ހަތް މަހުގައި ޔުމްނާއާ ނަދީމް ކައިވެނި ކުރިއެވެ. ކުރިން އެކަހަލަ އެއްވެސް އެއްޗެއް ނުބުނެ ހުރެފައި ޔުމްނާ އެވާހަކަ ނަޒްލާ ގާތު ދެއްކިއެވެ.
“ކީށްވެ ކުއްލިއަކަށް މެރީ ކުރަން ތިއުޅެނީ؟” ނަޒްލާއާ ޔުމްނާ ތިބީ ނަޒްލާގެ ކޮޓަރީގައެވެ.
“ކަމެއް ވެގެނެއް ނޫން… ދެން ކުރިން ޕްލޭން ކުރި ގޮތަކަށް ނުވާނެއެއްނު؟ އެހެންވެ ހިތަށް އެރީ ދެން މަޑު ނުކޮށް ކުރާނީޔޭ…” ޔުމްނާ ޖަވާބު ދިނެވެ.
“އަހަންނާ ހެދި އެންމެންގެ ލައިފްއަށްވެސް ބަދަލު ގެންނަން ޖެހުނީ…” ނަޒްލާއަށް ބުނެވުނެވެ.
“ނޫން ނަޒޫ… ތިހެން ނުބުނޭ… ނަޒޫއާ ހެދި ނޫނަސް މިކަން މިހެން ވާން އޮތިއްޔާ ކޮންމެސް ކަމެއް ދިމާވާނެ… ދެން ތިހެން ވާހަކަ ނުދައްކާ އަހަރެންނަށް ޓަކާ ހެޕީ ވެބަލަ!” ނަޒްލާގެ އަތުގަ ހިފާލާފަ ޔުމްނާ ބުންޏެވެ.
“އަހަރެން ހެޕީއޭ… ކީށްވެތަ ނުވާންވީ؟ އަހަރެންގެ ދޮންބެއާ އަހަރެންގެ ބެސްޓް ފްރެންޑްގެ ވެޑިންގ ވިއްޔަ! ސިމީ ކައިރީ ބުނެފިންތަ؟” ނަޒްލާ އަހާލިއެވެ.
“އަދި ނުބުނަން އަހަރެންގެ މަންމަ ނޫން އެއްވެސް މީހެއް ކައިރިއަކު. ނަޒޫ މަންމަ ކައިރިއަކުވެސް އަދި ނުބުނޭ… އެކަމު ނަދީމް ބުނި މިރޭ ބުނާނަމޭ. އަހަރެން ބޭނުން ވީ ފުރަތަމަ ނަޒޫ ކައިރީގަ ބުނަން” ޔުމްނާ ބުންޏެވެ.
“ޕާޓީ ބާއްވަންތަ؟” ނަޒްލާ އަހާލިއެވެ.
“ނޭނގެ އަދި… އަހަރެން ހިތަށް އަރަނީ އެހާ ބޮޑު ޕާޓީއެއް ނުބާއްވާނަމޭ—” ޔުމްނާ ބުނަން އުޅުނެވެ. ނަމަވެސް ނަޒްލާ އެފުރުސަތެއް ނުދިނެވެ.
“އުހުނ… ޕާޓީ ބާއްވަން ވާނެ… ޔަގީނޭ ތިއުޅެނީ އަހަންނާ ހެދިކަން ޕާޓީ ނުބާއްވަން! އަހަރެން ބޭނުން ޕާޓީ ބާއްވަން… ނޫނެކޭ ބުނެގެން ނުވާނެ…” ނަޒްލާ އަވަސް އަވަހަށް ބުންޏެވެ.
ނުނިމޭ
9 Comments!
Comments are closed.
Woww nyc..mi stwry hama vrh salhi…kyp it up
Varah teething vaahaka,,,witting for next part??????
Heres part 8.. hope u will like it… part 9 hopefully tomorrow.. thnx
Varah reethi
Mashaa Varah reethi vaahaka. Thank u u u u
Varah nice vaahaka!
V reethi mi story..
Maasha varah reethi vaahakaeh thankuuuuu
Kobaa part 9