Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދެނީ 6

Marsha
February 11, 2016
8 Mins Read
76 Views
15 Comments

“ޒިޔާން…” އިފާޝާއަށް ގޮވާލެވުނެވެ.

ޒިޔާން ކުރިއަށް ވުރެން ބާރަށް އިފާޝާ ގައިގައި ހިފަހައްޓާލިއެވެ.

“އެބަ އަންނަން…” ޒިޔާންއާ ދުރަށް ޖެހިލަމުން އިފާޝާ ބުންޏެވެ.

“ކޮން ތާކަށް؟” ހާސްކަން އެކުލެވިފައިވާ އަޑަކުން ޒިޔާން ސުވާލުކުރިއެވެ.

“ފާހާނާއަށް…” އިފާޝާ ދުރަށް ފިޔަވަޅެއް އަޅާލިއެވެ.

އެވަގުތު އިފާޝާއަށް ބަލާލި ޒިޔާންއަށް ވިސްނުނެވެ.

“އިފާ، ހިނގާ އަވަހަށް ދާން… ވޯޓަރ ބްރޭކްވީއޭ” ކުރިއަށް ވުރެން ހާސްވެފައި ޒިޔާން އިފާޝާގެ އަތުގައި ހިފާލަމުން ބުންޏެވެ. އަދި އިފާޝާއަށް އިތުރަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ އަތްމައްޗަށް އިފާޝާ ނަގައިގެން ގެއިން ނިކުތެވެ.

ފަސް ގަޑިއެއްހާ އިރު ފަހެވެ. އިރު އޮއްސެން ދިހަ ވަރަކަށް މިނެޓް ހުއްޓާ އިފާޝާ އަންހެން ކުއްޖަކު ވިހެއެވެ. ނަރުސް ކުއްޖާ ބޭބީ ގޮވައިގެން ނިކުތް އިރު ޒިޔާންއާ ރަމްޒިއްޔާއާ ނަސީމްގެ އިތުރުން ސާދާއާ ފަޔާޒް އަދި މައިރާއާ މީރާވެސް ބޭރުގައި ތިއްބެވެ.

ނަރުސް ކުއްޖާ ޒިޔާން އަތަށް ބޭބީ ދިނެވެ. ވިހައިގެން ދަރިފުޅު ފުރަތަމަ ފެނުނު ވަގުތު އިފާޝާއަށް ފާހަގަ ކުރެވުނުހެން ޒިޔާންއަށްވެސް އެތުއްތު ކުއްޖާގެ ކަންފަތް ކައިރީ އިން މަސްކޮޅު ފާހަގަ ކުރެވުނެވެ. އެއީ އާމިރުގެ ކަންފަތް ކައިރީގައިވެސް އިންނަ ކަހަލަ ތަންކޮޅެކެވެ. އެނޫނަސް އެކުއްޖާ އެހާ ތުއްތު އިރުވެސް އާމިރުއާ ވަރަށް ވައްތަރެވެ.

އާމިރުގެ ހަނދާން ހިތުގައި އާވެގެން ދިޔުމާ އެކު ޒިޔާން އާމިރުގެ އަންހެން ދަރިފުޅުގެ މޫނުގައި ބޮސްދިނުމަށް ފަހު މައިރާ އަތަށް އެތުއްތު ކުއްޖާ ދިނެވެ.

އެރޭ އިފާޝާ ގާތުގައި މަޑު ކުރީ ރަމްޒިއްޔާއެވެ. އަނެއް ދުވަހު ހެނދުނު ސާދާ އައުމުން ރަމްޒިއްޔާ ގެޔަށް ގޮސް ސައި ހަދާފައި ނުވައެއް ޖެހިތަނާ ޒިޔާންއާ އެކީ ހޮސްޕިޓަލަށް ދާން ތައްޔާރު ވިއެވެ.

“ޒިޔާން، އިފާއަށް ދެން އެކަންޏަކު ނޫޅެވޭނެ، ވިހައިގެން އެހާ އަވަހަށް ތުއްތު ކުއްޖަކު ގޮވައިގެން ކިހިނެއް އެކަނި އުޅޭނީ؟ ކޮންމެ ގޮތެއް ހަދާފަ ވިޔަސް އިފާ ހޮސްޕިޓަލުން ގެންނަން ވާނީ މިގެޔަށް” ސައިބޯން އިން ޒިޔާން ކައިރީ ގޮނޑިއެއްގައި އިށީންނަމުން ރަމްޒިއްޔާ ބުންޏެވެ.

“އާނ މަންމާ، އަހަރެންވެސް މިހުންނަނީ ތިހެން ނިންމައިގެން” ޒިޔާން މަންމައާ އެއްބަސް ވުމުގެ ގޮތުން ބޯޖަހަލިއެވެ.

“މަންމައަށް ފެންނަނީ ދެން ލަސް ނުކޮށް ދަރިފުޅު އިފާއާ ކައިވެނީގެ ވާހަކަ ދައްކާ އެކަންވެސް ކުރަން… މިގެޔަށް ގެނެސް ގިނަ ދުވަހު ތިހެން ތިބެގެންވެސް ކަމަކު ނުދާނެ” ރަމްޒިއްޔާ އިރުކޮޅެއް ފަހުން ޒިޔާންއަށް ބަލާލަމުން، އެތައް ދުވަހެއް ވަންދެން ދައްކަން ބޭނުން ވެފައި އިން ވާހަކަ ފެށިއެވެ.

ޒިޔާން އެއްވެސް އެއްޗެއް ނުބުނި ނަމަވެސް އެކަމާ ވިސްނަމުން ދިޔައެވެ. އާމިރުގެ ވަސިއްޔަތް މަތިން ޒިޔާން ހަނދާނެއް ނުނެތެއެވެ. އިފާޝާވެސް އެކަމާ ވިސްނާނެ ކަން ޒިޔާންއަށް އެނގެއެވެ. ނަމަވެސް ޒިޔާން އެވާހަކަ އިފާޝާއާ ދައްކާނީ ކިހިނެއް ހެއްޔެވެ؟

“ޒިޔާން، ކީއްވެ އެއްޗެއް ނުބުނީ؟” ޒިޔާން އެއްޗެއް ނުބުނެ ގިނަ އިރު ވާން ފެށުމުން ރަމްޒިއްޔާ ސުވާލު ކޮށްލިއެވެ.

“މަންމާ، އަހަރެން ކިހިނެއް އިފާ ކައިރީ އެވާހަކަ ދައްކާނީ؟” ޒިޔާން އަހާލިއެވެ.

“ކޮންމެސް ގޮތަކުން ދައްކަން ވާނީ. އާމިރު އެދުނު ކަމަކަށް އިފާ ދެކޮޅެއް ނަހަދާނެ، އެކަން މަންމައަށް ޔަގީން. ދެން އަނެއްކާ ޒާޔާވެސް އެއް ދުވަހު މިގޭގަ، އަނެއް ދުވަހު އިފާ ކައިރީގަ އެހެން ހުރުމަށް ވުރެން ރަނގަޅު ވާނެ އިފާ މިގެޔަށް އައުން. ޒިޔާންއަށްވެސް ފަސޭހަ ވާނެ… އިފާގެ ދެމައިންނަށް ޒިޔާންއަށްވެސް އަޅާލެވޭނީވެސް އެހެން ހެދިއްޔާ، އާމިރުގެ ބައްޕަމެންގެ ފަރާތުން އިފާއަކަށް އެއްވެސް އެހީއެއް ނުލިބޭނެ… އެކަން އެނގުނެއްނު އިއްޔެވެސް؟ އާމިރުގެ ދަރިފުޅު ވިއްޔަ އެއީ، އެންމެ ރަނގަޅެއްނު އާމިރުގެ ބައްޕަ އެކުއްޖާ ދެކިލަން ދިޔަ ނަމަވެސް…” ރަމްޒިއްޔާގެ ވާހަކަ ނިމިގެން ދިޔައީ ހިތްހަމަ ނުޖެހުމާއެކުއެވެ.

“އާނ މަންމާ، އަހަރެން ވިސްނާނަން ތިކަމާ” ބޯޖަހާލަމުން ޒިޔާން ބުންޏެވެ.

ޒިޔާންއާ ރަމްޒިއްޔާ އަދި ސާދާގެ އެދުމަށް އިފާޝާ ޒިޔާންމެން ގެޔަށް ދިޔުމަށް އެއްބަސް ވިއެވެ. ވިހައިގެން ތިން ވަނައަށް ވީދުވަހު ހޮސްޕިޓަލުން ދޫކޮށްލި ގޮތަށް އިފާޝާ ދިޔައީ ޒިޔާންމެން ގެޔަށެވެ. އިފާޝާމެން ގެއިން އިފާޝާއަށް ބޭނުން ވާނެ އެއްޗެހި އެގެޔަށް ގެނައީ ސާދާއާ ރަމްޒިއްޔާއެވެ.

މާޔާ، ޒާޔާ ވިހައިގެން އުޅުނު އިރު ކަންތައް ކޮށްދިން ގޮތަށް ރަމްޒިއްޔާ އިފާޝާއަށްވެސް ކަންތައް ކޮށްދިނެވެ. ސާދާގެ ފަރާތުންވެސް އިފާޝާއަށް އެހީތެރިކަން ލިބުނެވެ. ހަމަ އެހެން ޒިޔާންވެސް އެކި ގޮތްގޮތުން އިފާޝާއށް އެހީވިއެވެ.

ހަތް ދުވަސް ވުމުން އާމިރުއާ އިފާޝާގެ ދަރިފުޅަށް އައިމިނަތު އާނާ އާމިރުގެ ނަމުން ނަން ކީ އިފާޝާއެވެ. އާމިރުގެ ބައްޕަ ޝަރީފް އާނާ ދެކިލަން ފުރަތަމަ އައީ އެދުވަހުއެވެ. ނަން ކިޔުމުގެ ކަންތަކުގައިވެސް އިފާޝާއަށް އެހީވީ ޒިޔާންގެ އާއިލާއާ ސާދާއެވެ. އާމިރުގެ އާއިލާއެކޭ އެގެޔަށް އެދުވަހު އައި އެހެން މެހެމާނުންނެކޭ އެއްގޮތެވެ.

އެހެން ނަމަވެސް އިފާޝާ އެކަމާ އެއްވެސް ޝަކުވާއެއް ނުކުރެއެވެ. އެއީ އިފާޝާއަށް އާކަމެއް ނޫނެވެ. އާމިރުއާ ކައިވެނި ކުރި ދުވަހުން ފެށިގެންވެސް އިފާޝާއަށް ފެނަމުންދަނީ އެފަދަ ކަންތަކެވެ.

ގެޔަށް އައި އާ މެހެމާނަށް އެންމެ ހޫނު މަރުޙަބާއެއް ކީ ޒާޔާއެވެ. އިފާޝާއާ އާނާގެ ގާތުން އެންމެ އިރުކޮޅަކަށްވެސް ޒާޔާ ދުރަކަށް ނުދެއެވެ. އާނާ ނިދާފައި އޮންނަ ވަގުތުވެސް އެނދުގައި އާނާގެ މޫނަށް ބަލަން ޒާޔާ އިނދެއެވެ. ހީވަނި އާ ކުޅޭ އެއްޗެއް ލިބިގެން އުޅޭ ހެންނެވެ.

ފާއިތުވާ ކޮންމެ ދުވަހަކާ އެކު ޒިޔާންވެސް އާނާއާ ގާތް ވަމުން ދިޔައެވެ. ޒާޔާ އެކެ އެއްގޮތަށް އާނާއާ މެދުވެސް އަމިއްލަ ދަރިއެއް ފަދައިން ޒިޔާންއަށް ދެކެވެމުން ދިޔައެވެ. އޮފީހުން އައިސް ގެޔަށް ވަންނަ ގޮތަށް ޒާޔާއާ އާނާއާ ބެހޭ ގޮތުން ސުވާލު ކުރެއެވެ. އާނާއަށް މަހެއް ވީއިރު ޒާޔާއެކޭ އެއް ގޮތަށް އާނާއާ ނުލާ ޒިޔާންގެ ދިރިއުޅުން ފުރިހަމަ ނުވާނެހެން ހީވާން ފެށިއެވެ.

އަބަދުވެސް ހިތާ ސިކުނޑީގައިވާ ޚިޔާލުތަކާ މެދު އިފާޝާއާ ވާހަކަ ދައްކާނެ ފުރުސަތެއް ހޯދަން ޒިޔާން މަސައްކަތް ކުރެއެވެ. ނަމަވެސް އެފަދަ ފުރުސަތެއް ލިބޭ ފަހަރުވެސް އެކަން ފަސްކޮށްލެވެނީ އިފާޝާ ހިތަށް އަރާނެ އެއްޗެއް ނޭނގޭތީއެވެ. ނަމަވެސް އާނާއަށް މަހެއް ވީތަނާ ޒިޔާންއަށް އެކަން އިތުރަށް ފަސް ކުރަން ނުކެރުނީ ރަމްޒިއްޔާގެ ސަބަނުންނެވެ.

ޒައިދުގެ އަންހެނުން ނީޒާ ބަލިވެ އިނދެ ވިހަން ކައިރި ވެފައި ވާތިއާ، މާލޭގައި އަހަރެއްހާ ދުވަހު މަޑު ކުރުމަށް ފަހު ރަމްޒިއްޔާއާ ނަސީމްވެސް ބޭނުން ވީ ދެން ރަށަށް ދާށެވެ. އެވާހަކަ ޒިޔާން ގާތު ރަމްޒިއްޔާ ބުނުމުން އިތުރަށް މާލޭގައި މަޑުކުރަން މަންމަމެން ގާތު ބުނާކަށް ޒިޔާންއަކަށް ނުކެރުނެވެ. އަދި ހަމަ އެދުވަހު އިފާޝާ ގާތު ކައިވެނީގެ ވާހަކަ ދެއްކުމަށް ރަމްޒިއްޔާ ބުނުމުން އެކަމަށްވެސް ޒިޔާން އެއްބަސްވީ ދެން އިތުރަށް އެކަން ފަސް ކުރަން ދައްކާނެ ބަހަނާއެއް ނުވިސްނުމުންނެވެ.

ފަހެއް ޖަހަން އުޅެނިކޮށް ގެޔަށް އައި ޒިޔާންއަށް ސިޓިންގރޫމްގެ ހުރިހާ ފަރާތަކަށް ބަލާލެވުނި ގޭތެރެއިން އެކަކުވެސް ފެންނަން ނެތުމާއެކު ޒާޔާގެ އަޑެއްވެސް ނީވޭތީއެވެ. އެވަގުތު އެންމެން ވާނީ އިފާޝާ ކައިރީގައި ކަން ޒިޔާންއަށް އެނގުނެވެ. ދަބަސް ބަހައްޓާފައި ޒިޔާން ގޮސް އިފާޝާގެ ކޮޓަރީ ދޮރު ހުޅުވާލިއެވެ.

އެނދުގައި އިފާޝާ ގާތު އާނާގެ ކުޅޭ އެއްޗެހިތައް އެއްކޮށްގެން ޒާޔާ އިން އިރު އިފާޝާ އިނީ ޒާޔާގެ ބޮލުގައި ފުނާ އަޅުވާށެވެ.

“ކޮބާތަ މިގޭ ޕްރިންސެސްތައް މިއަދު؟” ޒިޔާން އަހާލިއެވެ.

“ޑެޑީ!” ޒިޔާންގެ އަޑު އިވުމާ އެކު ޒާޔާ ތެދުވަން އުޅުނެވެ.

“ޒާ، އަދި މަޑުކޮށްލަބަލަ ދޫނީ… ކުޑަކުޑަ އިރުކޮޅެއް، މިނިމުނީއޭ” ޒިޔާން ގާތަށް ދާން ދުއްވައިގަންނަން އުޅުނު ޒަޔާގެ އަތުގައި ހިފަހައްޓަމުން އިފާޝާ ބުންޏެވެ. އަދި އަވަސް އަވަހަށް އަތުގައި އޮތް ވޫލްކޮޅުން ޒާޔާގެ އިސްތަށިގަނޑު އައްސާލިއެވެ.

އެނދުން ފުންމާލައިގެން ޒިޔާންއާ ދިމާއަށް ދުވެފައި އައި ޒާޔާ އުރާލަމުން ޒިޔާން ޒާޔާގެ އިސްތަށިގަނޑުގައި ބޮސްދިނެވެ.

“މިއަދު ހާދަ ލަހުން ތިފެންވެރީ؟” ޒިޔާން އަހާލިއެވެ.

“އާނާއާ އެކީ މިއަދު ޒާވެސް ނިދީ ވިއްޔަ… އެހެން ވީމަ ލަސްވަނެއެއްނު؟ ދޯ ޒާބޭބީ؟” އިފާޝާ ޒާޔާގެ ތުވާލި ހިފައިގެން ތެދުވަމުން ބުންޏެވެ.

“މިއަދު ޒާ ހާދަ ދޮނޭ… ކޮބާ މިގޭ އަނެއް ދޮންދޫނި؟” ޒާޔާގެ ނޭފަތުގައި ހިފާލަމުން ޒިޔާން އަހާލިއެވެ.

އެވަގުތު ރަމްޒިއްޔާ އާނާ ފެންވަރުވައިގެން ފާހާނާއިން ނިކުތެވެ.

“މިއޮތީ ތިހޯދާ ދޮންދޫނި، ޒާ މިއަދު ދޮން ވާނެއެއްނު؟ އެނީއާ އެކީ ވިއްޔަ މިއަދު ޒާވެސް ފެންވެރީ” ރަމްޒިއްޔާ ބުންޏެވެ.

އާނާ ފެނުމާ އެކީ ޒާޔާ ގޮސް ރަމްޒިއްޔާގެ ކައިރިއަށް ހުއްޓުނެވެ. ޒިޔާންވެސް ގޮސް އާނާގެ ކުޑަކުޑަ އަތްތިލައިގައި ހިފާލިއެވެ.

“މާމާ… ޒާ އުރާލަން…” ޒާޔާ ފުންމަމުން ބުންޏެވެ.

“އަދި މަޑުކޮށްލާ އިނގޭ ދަރިފުޅާ… މަންމަ އަތަށް އިހަށް މިދެނީ އެނީ ތިއްތި ކޮށްލަން” އިފާޝާ އަތަށް އާނާ ދެމުން ރަމްޒިއްޔާ ބުންޏެވެ.

އިފާޝާ އާނާ ރީތި ކުރަން ފެށުމުން ޒާޔާ ގޮސް އިފާޝާ ގާތު އިށީނެވެ. ޒިޔާންވެސް އެމަންޒަރު ބަލަން އެނދުގެ މަގަތުން އިށީނެވެ. ރަމްޒިއްޔާ ނިކުތީ ސައި ހަދާށެވެ.

އާނާ ރީތިކޮށް ނިމުމާއެކު ޒާޔާ ދެއަތް ދިއްކޮށްލިއެވެ. ހިނިއައިސްފައި ޒިޔާންއަށް ބަލާލަމުން އިފާޝާ އާނާ ގައިގައި ރަޖާ އޮޅާލާފައި ޒާޔާގެ އުނގުގައި އާނާ ބާއްވާލިއެވެ. ހައިރާން ވެފައި ކަހަލަ ގޮތަކަށް އާނާއާ ދިމާއަށް ބަލަން ޒާޔާ އިނެވެ.

“ކޮން އިރަކުންތަ ޒާއަށް ބޭބީ ދޮންތަ ކިޔަނީ؟” އެހެން އިނދެފައި ޒާޔާ އަހާލިއެވެ.

“އަދި ދުވަސްކޮޅަކުން ޒާބޭބީއަށް ދޮންތަވެސް ކިޔާނެޔޭ، އަދި ކެތް ކޮށްލާ…” ޒާޔާގެ ބޮލުގައި އަތް ހާކަލަމުން ޒިޔާން ބުންޏެވެ.

“ޑެޑީ! މިހާރު ޒާއެއް ނޫނޭ ބޭބީއަކީ، އެނީއޭ މިހާރު ބޭބީއަކީ، ޒާއަކީ މިހާރު ދޮންތައޭ… ޑެޑީވެސް ދެން ޒާއަށް ބޭބީ ނުކިޔާ އެނީއަށް ބޭބީ ކިޔާށޭ ޒާ ބުނެފީމެއްނު؟” ޒާޔާއަށް ޒިޔާން ބޭބީ ކިޔާތީ ފަހަކަށް އައިސް ކުރާ ޝަކުވާ އެވަގުތުވެސް ޒާޔާ ކޮށްލިއެވެ.

ހިނި އައިސްފައި އިފާޝާއާ ޒިޔާން އެކަކު އަނެކަކަށް ބަލާލިއެވެ.

“ޒާ ދަރިފުޅާ، ދެން ހިނގާ ސައިބޯން” ރަމްޒިއްޔާ އައިސް ޒާޔާއަށް ގޮވާލިއެވެ. އަދި ޒާޔާގެ އުނގުން އާނާ ނަގާ އުރާލާފައި ޒިޔާން އަތަށް އެކުއްޖާ ދިނެވެ. އެވަގުތު ރަމްޒިއްޔާ ލޮލުގެ އިޝާރާތުން އިފާޝާއާ ވާހަކަ ދެއްކުމަށް ޒިޔާންއަށް ބުނެފައި ޒާޔާގެ އަތުގައި ހިފައިގެން ނިކުމެ ކޮޓަރީގެ ދޮރު ލައްޕާލިއެވެ.

“އެއް ދުވަހަށް ވުރެން އަނެއް ދުވަހު އެނީ އާމިރުއާ ވައްތަރު ވޭދޯ…؟” އާނާގެ މޫނަށް ބަލަން އިނދެ ޒިޔާން އެހެން ބުނެލީ އިރުކޮޅެއް ފަހުންނެވެ.

އާމިރުގެ ނަން އިވުމާއެކު އިފާޝާގެ ހިތުގައި އާމިރުގެ އެކިއެކި ހަނދާންތައް ބުރު ޖަހާލިއެވެ. ޒިޔާންގެ ވާހަކައަށް ޖަވާބެއް ނުދީ އިފާޝާ އާނާގެ މޫނަށް ބަލަން އިނެވެ.

“ވައްތަރު ވާނެއެއްނު؟ ބައްޕަގެ ދަރިފުޅު ވިއްޔަ… ދޯ އެނީ؟” ޒިޔާން ބުންޏެވެ.

ޒިޔާންގެ ދުލުން އެނަން އަޑު އިވުމުން އިފާޝާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެނީއަކީ ޒިޔާން އާނާއަށް ލޯބިން ކިޔަން ފެށި ނަމެކެވެ. އެހެން ހިތައް އެރުމާއެކު ޒިޔާން އާނާއާ މެދު ބަހައްޓާ އޯގާތެރިކަމާ، އާނާ ދެކެ ޒިޔާން ވާ ލޯތްބަށް ޓަކާ އެވަގުތު އިފާޝާއަށް ހިތާހިތުން ޝުކުރު ކޮށްލެވުނެވެ.

“އިފާ…” ޒިޔާން އިފާޝާއާ ދިމާއަށް ބަލާލަމުން ގޮވާލިއެވެ.

އިފާޝާ ޒިޔާންއަށް ބަލާލިއެވެ.

“އިފާ، އަހަރެން އިފާއާ ވާހަކައެއް ދައްކަން އުޅޭތާ ދުވަސްތަކެއް ވެއްޖެ… ނޭނގެ ކިހިނެއް ކަމެއް މިވާހަކަ ފަށާނީ…” އަނެއްކާވެސް އާނާގެ މޫނަށް ބަލާލަމުން ޒިޔާން ބުންޏެވެ.

އިފާޝާގެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔައެވެ. އެންމެ ފަހު ވަގުތު އާމިރު އެދުނު ކަންތައް މަތިން އިފާޝާ ހަންދާން ވިއެވެ. އާމިރުގެ ބަސްތައް އިފާޝާގެ ހިތުގައި ތަކުރާރު ވަމުން ދިޔައެވެ. ޒިޔާން ދައްކަން އެއުޅެނީ އެވާހަކައޭ އިފާޝާގެ ހިތަށް އެރީ ކީއްވެ ކަމެއް ނޭނގެއެވެ.

“ކޮން ވާހަކައެއް؟” އިސް ޖަހައިގެން އިނދެ މަޑުމަޑުން އިފާޝާ އަހާލިއެވެ.

“އާމިރު ކުރި ވަސިއްޔަތުގެ ވާހަކަ…” ހަމަ އެއިން ގޮތަށް ޒިޔާން ބުންޏެވެ.

އިފާޝާ އެއްޗެއް ނުބުނެ އިނެވެ.

“އިފާ ހަނދާން އެބަ ހުރިތަ؟” ޒިޔާން އަހާލިއެވެ.

އާއެކޭ ބުނުމުގެ ގޮތުން އިފާޝާ ބޯޖަހާލިއެވެ.

“މިހުރިހާ ދުވަހު އަހަރެން އަޅާނުލާ ހުރީ… އިފާ ވިހަން ދެން. އޭގެ ކުރިން އެކަން ނުވާނެތީ… އެކަމަކު މިހާރު… އިފާއަށް އެނގޭ ދޯ ދެން ވާނެ ގޮތް؟” ޒިޔާން ވާހަކަ ދެއްކީ ޖެހިލުން ވެ ހުރެކަން އިފާޝާއަށްވެސް އެނގުނެވެ.

މިފަހަރުވެސް އަނގައިން ނުބުނެ އިފާޝާ ބޯ ޖަހާލިއެވެ.

“އިފާ ބުނެބަލަ، ކިހިނެއް ހަދަންވީ؟” ޒިޔާން ބޭނުން ވީ އިފާޝާގެ ޚިޔާލު ހުރި ގޮތެއް ބަލާށެވެ.

“އަހަރެން ކީކޭ ބުނަންވީ؟” އިފާޝާ އެއްޗެއް ބުނީ އިރުކޮޅެއް ފަހުންނެވެ.

“އިފާ، އާމިރު އެދުނު ކަމަކަށް ވާތީ އަހަރެން މިވާހަކަ މިދައްކަނީ… އޭނަ ބުނި ކަމެއް ވިއްޔާ އަހަރެންނަށް ވީ ވަރަކުން ކޮށްދޭނަން. އެނގޭ އިފާވެސް އާމިރުގެ އެދުމަކަށް ދެކޮޅެއް ނަހަދާނެ ކަން… އަނެއްކާ މާޔާ އެދުނީ އިފާ ޒާ ބަލާ ދިނުމަށް، ސާދާގެ ވާހަކަވެސް ނުބުނެ އެވަގުތު އިފާގެ ނަން މާޔާ ބުނީ އަބަދު ސަމާސާއަކަށް ހަދާފަވެސް މާޔާ ބުނަނީ އޭނަ އެންމެ ބޭނުން ވާ ގޮތް ކަމަށް ވާތީ. އަނެއްކާ މިހާރު… އަހަރެން ނުބުންޏަސް އިފާއަށް އެނގޭނެ އާމިރުގެ ބައްޕަގެ ގޮތް… އެމީހުން އިފާއާ މެދު ދެކޭ ގޮތް… އެހެން ނޫނަސް އާނާގެ ކޮންމެ ކަމެއް އަހަރެން ކުރާނީ ކުރާ ހިތުން، އާމިރުއަށް ޓަކާ، އަހަރެންގެ އެއްބަނޑު އެއްބަފާ މީހެކޭ އާމިރުއެކޭ އަހަންނަކަށް ތަފާތެއް ނެތް…

ދެން ހުރީ ޒާޔާ… މާޔާއާ އާމިރު އެހެން ނޭދުނު ނަމަވެސް އަހަންނަށް އެނގޭ މާޔާ ނެތް ދުވަހަކުން ޒާޔާގެ މަންމައަކީ އިފާ ކަން. ޒާޔާ އުފަން ވީ ދުވަހުން ފެށިގެން އޭނަ އިފާވެސް ދެކެމުން އައީ މަންމައެއް ގޮތަށް. އިފާއާ އާމިރުވެސް ދެކުނީ އެއީ ދަރިއެއް ކަމަށް… މާޔާ ނޫނީ އެމީހެއްގެ އަތް މައްޗަށް ފުރިހަމަ އިތުބާރާ އެކީ އަހަރެން ޒާޔާ ދޫކޮށްލާނެ ހަމަ އެކަނި މީހަކީ އިފާ…

އަހަންނަށް އެނގޭ އަހަންނާ އިފާގެ ކައިވެނި ނުކުރެވުނަސް އިފާގެ ހިތް ޒާޔާއާ މެދު ދުވަހަކުވެސް ބަދަލެއް ނުވާނެކަން. ހަމަ އެހެން އާނާގެ ކަންތައް އަހަރެން އުމުރަށްވެސް ބަލާނަން، އާމިރު ދުނިޔޭގަ ހުރި ނަމަ އޭނަވެސް އާނާއަށް ކަންތައް ކޮށްދޭނެ ގޮތަށް އަހަރެން ކުރާނަން…

އަހަރެން އިފާއަށް ކައިވެނި ކުރާކަށް މަޖުބޫރެއް ނުކުރާނަން، އެކަމަކު އަހަންނަށް ފެންނަ ގޮތުގަ ޒާއަށާ އެނީއަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ އަހަރުމެން ކައިވެނި ކުރުން”

ޒިޔާން ވާހަކަ ދައްކާ ނިމެންދެން އެއްވެސް އެއްޗެއް ނުބުނެ އާނާގެ ރުމާކޮޅު ފަތްޖަހާލާފަ ނިއުޅާލަ ނިއުޅާލާ އިފާޝާ އިނެވެ.

ޒިޔާން އާނާ ގޮވައިގެން ތެދުވިއެވެ.

“އަހަންނަށް އެނގޭ ވިސްނާނުލާ އިފާއަށް ޖަވާބެއް ނުދެވޭނެކަން، އިފާގެ ޖަވާބަކަށް އަހަރެން އިންތިޒާރު ކުރާނަން” ޒިޔާން ބުންޏެވެ. އަދި އާނާގެ ނިތްކުރީގައި ބޮސްދީފައި އިފާޝާ އަތަށް އާނާ ދީފައި ކޮޓަރިން ނިކުންނަން ދިޔައެވެ.

“ޒިޔާން…” ޒިޔާންއަށް ދޮރާ ހަމައަށް ނުދެވެނީސް އިފާޝާ ގޮވާލިއެވެ.

ޒިޔާން ހުއްޓިފައި އެނބުރި ބަލާލިއެވެ.

“އަހަރެން ވިސްނާކަށް ވަގުތެއް ބޭނުމެއް ނޫން” އިފާޝާ ބުންޏެވެ. އިފާޝާ ބުނަން ބޭނުންވާ އެއްޗެއް އަދި ބުނެ ނުނިމޭކަން އެނގޭތީ ޒިޔާން މަޑުކޮށްލައިގެން ހުއްޓެވެ.

“އާމިރުގެ އެދުމަކަށް އަމަލު ކުރަން އިތުރަށް ވިސްނާކަށް އަހަރެން ބޭނުމެއް ނޫން… އަހަރެން… އަހަރެން ރެޑީ…” އިފާޝާ ޒިޔާންއަށް ބަލާލަމުން ޖަވާބު ދިނެވެ.

ޒިޔާން އަނެއްކާވެސް އެނދުގައި އިށީނެވެ.

“ޔަގީންތަ؟” ޒިޔާންގެ އެސުވާލުގެ ޖަވާބުގައި އިފާޝާ ބޯ ޖަހާލިއެވެ. “އިފާ ބޭނުމިއްޔާ އަދި މަޑު ކުރެވިދާނެ… ނޫނީ…” ޒިޔާން ބުންޏެވެ.

“ނޫން… އެންމެ ރަނގަޅު ވާނީ އަވަސް ކުރިއްޔާ، ކުދިންނަށްވެސް… އެހެން ނޫނަސް ޒިޔާން މަންމަ ރަށަށް ދާންވެސް ބޭނުން ވެފަ މިހާރު އެހެރީ… އަނެއްކާ މިގޮތަށް އަހަރެން މިގޭގަ… އެންމެ ރަނގަޅު ވާނީ ކުރަން ޖެހޭ ކަމެއް އަވަހަށް ކޮށް ނިންމާލިއްޔާ…” އިފާޝާ ވާހަކަ ދެއްކީ އިސްޖަހާލައިގެން އިނދެއެވެ.

“އަހަރެން މަންމައާ ވާހަކަ ދައްކާލާފަ ހަމަ ޖައްސާލާނަން” ޒިޔާންވެސް އެގޮތާ އެއްބަސް ވިއެވެ. އަދި ދާން ތެދުވިއެވެ.

“ޒިޔާން…” އަނެއްކާވެސް އިފާޝާ ގޮވާލިއެވެ. އެވަގުތު ހިތުގައި އުފެދުނު ޚިޔާލުތަކެއްގެ ސަބަބުން އިފާޝާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވާން ހުއްޓެވެ.

އިފާޝާ ބުނަން އުޅޭ އެއްޗެއް އަޑު އަހަން ޒިޔާން ހުއްޓެވެ.

“ޒިޔާން… އަހަރެން… އަދި…” ބުނަން ބޭނުންވި އެއްޗެއް އިފާޝާއަކަށް ނުބުނެވުނެވެ. ނަމަވެސް އިސްޖެހުމާ އެކީ އިފާޝާގެ މޫނަށް ވެރިވި ރަތް ކުލަ ފެނުމުން ޒިޔާންއަށް ވިސްނުނެވެ. ކައިވެނި ކުރި ނަމަވެސް އެގުޅުމަށް އިފާޝާއަށް ވަގުތު ބޭނުން ވާނެކަން ޒިޔާންއަށް އެނގުނެވެ.

ފުރަތަމަ ފަހަރަށް އިފާޝާއާ މެދު ތަފާތު ޚިޔާލެއް ޒިޔާންއަށް ކުރެވުނެވެ. ލަދުން އިސް ޖަހައިގެން އިން އިފާޝާގެ މޫނަށް ޒިޔާން ރަނގަޅަށް ބަލާލިއެވެ. އަދިވެސް އެރީތި މޫނުން ހިތާމައިގެ އަސަރު ފެންނަން ހުއްޓެވެ. ޒިޔާންގެ އަންހެނުންގެ އެންމެ ގާތް ރަޙުމަތްތެރިޔާ، އަދި ޒިޔާންގެ އެންމެ ގާތް ރަޙުމަތްތެރިޔާގެ އަންހެނުންގެ ގޮތުގައި ނޫން ގޮތަކަށް ފުރަތަމަ ފަހަރަށް ޒިޔާންއަށް އިފާޝާއާ ދިމާއަށް ބަލާލެވުނެވެ.

އެހެން ފަހަރުފަހަރު އިފާޝާއާ މެދު ފާހަގަ ނުކުރެވޭ އެތައް ކަމެއް އެވަގުތު ޒިޔާންއަށް ފާހަގަ ކުރެވުނެވެ. އިފާޝާގެ ދޮން، ރީތި މޫނެވެ. އެލޮލެވެ. އެފަން ދިގު އިސްތަށިގަނޑެވެ. އިފާޝާއާ ދިމާއަށް ބަލަން ހުރި ޒިޔާންގެ ހިތުގެ ތެޅުން އަވަސް ވެލިއެވެ.

މާޔާއާ ދިމާވި ފަހުން އެހެން އަންހެން ކުއްޖަކާ މެދު ވިސްނާނެ ފުރުސަތެއް ޒިޔާންގެ ހިތް ޒިޔާންއަކަށް ނުދެއެވެ. އެއަށް ވުރެން ބޮޑަށް ޒިޔާންގެ ހިތުގައި މާޔާގެ ލޯބި ވަނީ ބިންވަޅު ނެގިފައެވެ. މާޔާގެ ވަކިވުމަށް ފަހު ޒިޔާންއަށް ފުރަތަމަ ފަހަރަށް އެހެން އަންހެން ކުއްޖަކާ މެދު ވިސްނާލެވުނު މީ ފުރަތަމަ ފަހަރެވެ.

އަނެއްކާވެސް އެނދުގައި އިށީނދެ ޒިޔާން އިފާޝާގެ މޫނުގައި އަތް ޖައްސާލިއެވެ. ސިހިފައި ކަހަލަ ގޮތަކަށް އިފާޝާ ޒިޔާންއަށް ބަލާލިއެވެ. އިފާޝާއަށް ވީގޮތުން ޒިޔާންވެސް ސިހިފައި އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލިއެވެ.

“އަހަންނަށް އެނގޭ އިފާ އަދި ވަގުތު ބޭނުން ވާނެ ކަން، އަހަރެން ގަބޫލު ކުރަން އެކަން. އަހަންނާ ކައިވެނި ކުރިޔަސް އިފާ ނުރުހޭ އެއްވެސް ކަމެއް އަހަރެން ނުކުރާނަން” ޒިޔާން ބުންޏެވެ. އަދި އިތުރު އެއްޗެއް ނުބުނެ ނިކުތެވެ.

އާނާއަށް ދެމަސް ވީ ދުވަހު އިފާޝާއާ ޒިޔާންގެ ކައިވެނި ކުރެވުނެވެ. ޒިޔާންމެން ގޭގައި އާދައިގެ ގޮތަކަށް ކުރެވުނު އެކައިވެނީގައި ރަމްޒިއްޔާއާ ނަސީމްގެ އިތުރުން ބައިވެރިވީ ސާދާގެ އާއިލާއެވެ.

ކައިވެންނަށް ފަހު ހަމަ އެރޭ ރަމްޒިއްޔާއާ ނަސީމް ރަށަށް ދާން ފުރިއެވެ. ސާދާއާ ފަޔާޒް ދިޔުމުން އިފާޝާއާ ޒިޔާން އިރުކޮޅަކު ސިޓިންގރޫމްގައި ތިއްބެވެ. އެދެމެދުގައި ވީ ހިމޭން ކަމެވެ. ދައްކާނެ ވާހަކައެއް އެކަކުގެ ވިސްނުމަކަށްވެސް ނާދެއެވެ. އެހެން ތިބެފައި އިފާޝާ ކޮޓަރިއަށް ވަނީ އާނާ ހޭލައިގެން ރޯން ފެށުމުންނެވެ.

އިފާޝާއާ ޒިޔާން އެރޭ ނިދީ ދެކޮޓަރީގައެވެ. ޒިޔާންއަށް އޮވެވުނީ މާޔާގެ ޚިޔާލުގައެވެ. އިފާޝާ މުޅި އެރޭ ހޭދަ ކުރީ އާމިރުގެ ހަނދާން ކުރުމުގައެވެ. ދެމީހުން ކުރެ އެކަކުވެސް އެރެއަކު ނުނިދައެވެ.

ފަތިސް ވުމުން ނަމާދު ކޮށްލައިގެން އިފާޝާ ކޮޓަރިން ނިކުތީ ޒިޔާން ތެދުވަން ވާ އިރަށް ސައި ހަދާށެވެ. ނަމަވެސް ކޮޓަރިން ނިކުމެވުމާ އެކު އިފާޝާގެ ފިޔަވަޅު ހުއްޓުނެވެ. ކާމޭޒު ކައިރީގައި ކޮފީތައްޓެއް ހިފައިގެން ޒިޔާން އިނެވެ. އިފާޝާ ނިކުތުމުން ޒިޔާން އިފާޝާއަށް ބަލާލިއެވެ. އެންމެ ނަޒަރަކުންވެސް ދެމީހުންނަށް އެކަކު އަނެކަކުގެ ހާލު ދެނެގަނެވުނެވެ. ކުރީރޭ އެކަކުވެސް ނުނިދާކަން އެނގުނެވެ. އަދި ރޭގެ ވަގުތުތައް ހޭދަވީ ކިހިނެއް ކަންވެސް އެނގުނެވެ. އެވަގުތު އެކަކު އަނެކަކުގެ ހިތުގެ ހާލުވެސް ސިއްރެއް ނުވެއެވެ.

“ކުދިން ނުހޭލާތަ އަދި؟” ހިމޭންކަން ނަގާލަމުން ސުވާލު ކޮށްލީ ޒިޔާންއެވެ.

“އަދި ނުހޭލާ…” އިފާޝާ ޖަވާބު ދިނެވެ. އަދި ބަދިގެއަށް ވަދެ ސައި ހެދުމުގެ މަސައްކަތް ފެށިއެވެ.

އަށެއް ޖެހިއިރު ޒިޔާން އިނީ ސައި ބޯށެވެ. އޭގެ ފަހުން ގިނަ އިރެއް ނުވެ ޒާޔާ ހޭލައިގެން އިފާޝާއަށް ގޮވަމުން ނިކުތެވެ. އާނާ ހޭލުމުގެ ކުރިން އިފާޝާ ޒާޔާ ފެން ވަރުވާ ރީތިކޮށް ސައި ދިނެވެ. އޭގެ ފަހުން އާނާ ހޭލުމުން އާނާވެސް ފެން ވަރުވާލިއެވެ.

ދުވަހަކީ ހޮނިހިރު ދުވަހެއް ނަމަވެސް ޒިޔާން އެދުވަހު އޮފީހަކަށް ނުދެއެވެ.

“ޒިޔާން، މިއަދު އޮފީހަކަށް ނުދަންތަ؟” ނުވައެއް ޖަހަން އުޅެނިކޮށް އާނާ އުރާލައިގެން އިން ޒިޔާން ގާތު އިފާޝާ އަހާލިއެވެ.

“އާނ، މިއަދު ހިތަށް އެރީ އޮފީހަކަށް ނުދާނަމޭ” ޒިޔާން ޖަވާބު ދިނެވެ.

“އެހެން ވިއްޔާ ހިނގާ މިއަދު ހަވީރު ޒާއާ އެނީ ގޮވައިގެން ޑެޑީ ޕާކަށް ގޮސްލަން، އިފާ މަންމަވެސް” ޒިޔާންގެ ފައިގައި އެލި ގަންނަމުން ޒާޔާ ބުނެލިއެވެ.

“ނޫނޭ ޒާ، އަދި އެނީ ގޮވައިގެން ޕާކަށް ދާ ވަރަށް ވުރެން އެނީ މާ ކުޑައޭ” ޒިޔާން ޒާޔާއަށް ބަލާލަމުން ބުންޏެވެ.

“އެހެންތަ؟ އެހެން ވިއްޔާ ހިނގާ ދޮންތަމެން ގެޔަށް” ޒާޔާ ބޭނުންވީ ޒިޔާން ގޭގައި ހުރި ދުވަހަކަށް ވާތީ އެދުވަހު އެންމެން އެކީ ކޮންމެވެސް ތަނަކަށް ގޮސްލާށެވެ.

ނުނިމޭ

50
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Marsha

I love to read stories and that led to writing stories. I hope readers like my stories and I would love any ideas from readers that would improve my writing. Thank you.

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 40

Next

dheynan hithaa jaanaa

Next
February 11, 2016

dheynan hithaa jaanaa

Previews
February 11, 2016

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 40

15 Comments

  1. Marsha says:
    February 11, 2016 at 1:33 pm

    Heres part 6.. hope u like this..

  2. TiNkEr says:
    February 11, 2016 at 1:39 pm

    Nyc.. keep it up

  3. Habee says:
    February 11, 2016 at 2:10 pm

    Kon irakun aneh bai……

  4. Joke says:
    February 11, 2016 at 2:11 pm

    Reethi igeyn ???

  5. Ily says:
    February 11, 2016 at 2:28 pm

    Reethi☺☺☺☺

  6. dhooni says:
    February 11, 2016 at 6:20 pm

    nice story

  7. maayaa says:
    February 11, 2016 at 7:46 pm

    not bad…be quick

  8. Nicky says:
    February 11, 2016 at 8:50 pm

    Nyc stry…

  9. Leen says:
    February 12, 2016 at 9:09 am

    V reethi story.. Best of luck marsha..?

  10. roassy says:
    February 12, 2016 at 8:27 pm

    nice. it is painful to remember those who r dead

  11. Girly says:
    February 12, 2016 at 9:32 pm

    Kon iraku 7 vana bai

  12. Mari says:
    February 13, 2016 at 9:06 am

    Kon irakun tha part 7up kurany… Vvv kiyaaa hivey….vahaka reethi kamuh

  13. Luyoona says:
    February 13, 2016 at 10:35 am

    not bad anyways good story keep it up and when next part

  14. Mari mahu says:
    February 13, 2016 at 3:07 pm

    Dhn next part avahah up koh baaa…mihaar inthizaruga mithibhi…vas koh dhehchey

  15. shaai says:
    February 13, 2016 at 7:17 pm

    haadha lahey update vaaleh

Comments are closed.

All Right Reserved!