Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދެނީ 7

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
February 13, 2016 9 Mins Read
15 Comments

“ނޫނޭ ޒާ، އަދި އެނީ ގޮވައިގެން ޕާކަށް ދާ ވަރަށް ވުރެން އެނީ މާ ކުޑައޭ” ޒިޔާން ޒާޔާއަށް ބަލާލަމުން ބުންޏެވެ.

“އެހެންތަ؟ އެހެން ވިއްޔާ ހިނގާ ދޮންތަމެން ގެޔަށް” ޒާޔާ ބޭނުންވީ ޒިޔާން ގޭގައި ހުރި ދުވަހަކަށް ވާތީ އެދުވަހު އެންމެން އެކީ ކޮންމެވެސް ތަނަކަށް ގޮސްލާށެވެ.

“ތެދެއް އިފާ؟” ޒިޔާން އިފާޝާއަށް ބަލާލިއެވެ.

“ދެން ޒާ ބޭނުމިއްޔާ ހިނގާ ދޯ ގޮސްލަން؟” ޒާޔާގެ ބޮލުގައި ފިރުމާލަމުން އިފާޝާ ހިނިތުންވެލިއެވެ.

“ލަވް ޔޫ މަންމީ…” ޒާޔާ އިފާޝާ ގައިގައި ބައްދައިގަތެވެ.

ދުވަސްތައް އެގޮތުގައި ދެއެވެ. ޒިޔާންއަށް ކޮށްދޭ ކޮންމެ ކަމަކުން އާމިރުގެ ހަނދާން އިފާޝާއަށް އުނދަގޫ ކުރަމުން ދިޔަ ނަމަވެސް ވަގުތާ އެކު އެހަނދާންތަކުން ހިތަށް ލިބެމުންދާ ނުތަނަވަސްކަން ފިލަމުން ދިޔައެވެ. ޒިޔާންއާ އެކު ދިރިއުޅުން އާދަވިއެވެ. އިފާޝާގެ ހިތުން އާމިރުގެ ހަނދާން ދުވަހަކުވެސް ފިލައިގެނެއް ނުދާނެއެވެ. ނަމަވެސް އާމިރުއާ ނުލާ ދިރިއުޅެން އިފާޝާއަށް ދަސްވިއެވެ.

މާޔާގެ ހަނދާންތަކާ އެކު ޒިޔާންވެސް ދިރިއުޅުމާއިގެން ކުރިއަށް ދިޔައެވެ. އެލޯބި ހިތުން ނުފޮހެވުނު ނަމަވެސް އިފާޝާއާ އެކު ދިރިއުޅުން ފަސޭހަވިއެވެ.

އިފާޝާއާ ޒިޔާންގެ ކައިވެންޏަށް ތިންމަސް ވީއިރު އެދެމީހުންވެސް ވަނީ އެދިރިއުޅުމަށް ހޭނިފައެވެ. އެކަކު އަނެކަކަށް ކޮށްދޭ ކަންތައްތަކަށް އާދަ ވެފައެވެ. ޒާޔާއާ އާނާއަކީ އެދެމީހުންގެ ދެކުދިން ފަދައެވެ. އިފާޝާވެސް އަދި ޒިޔާންވެސް ދެކުދިންގެ މެދުގައި އެއްވެސް ތަފާތެއް ނުކުރެއެވެ. ޒާޔާ އިފާޝާއަށް އިފާމަންމަ ކިޔުން ހުއްޓާލާފައި މަންމަ ކިޔަން ފެށީ އަމިއްލައަށެވެ. ހަމަ އެހެން ޒިޔާންވެސް އާނާ ގާތު ވާހަކަ ދައްކާ ހަދަނީ ބައްޕަ ކިޔައިގެންނެވެ.

އިފާޝާއާ ޒިޔާންގެ މެދުގައި ކުރިން ނޯންނަ ފަދަ ރަޙުމަތްތެރިކަމެއް އުފެދުނެވެ. ކުރިންވެސް އެދެމެދުގައި އެހާ ގާތް ގުޅުމެއް ނޯވެއެވެ. މާޔާއާ އާމިރުގެ މެދުގައި އޮތް ފަދަ ގާތް ކަމެއް އިފާޝާއާ ޒިޔާންގެ މެދަކު ނޯވެއެވެ. ނަމަވެސް ދެމީހުންގެ ކައިވެނީގެ ފަހުން ދެމީހުން ގާތްވެފައި ވަނީ ދެމަފިރިންގެ ގޮތުގައެއް ނޫނެވެ. ގާތް ދެރަޙުމަތްތެރިންގެ ގޮތުގައެވެ. އެދެމެދުގައި އެކިއެކި ވާހަކަ ހިއްސާ ކުރެވެއެވެ. ކުދިންގެ ވާހަކަޔާ އެކަކު އަނެކަކުގެ ދިރިއުޅުމުގައި ދިމާވެފައިވާ އުފާ އަދި ހިތާމައާ މަޖާވެސް އެކަކު އަނެކަކާ ހިއްސާ ކުރެއެވެ. ޒިޔާން އޮފީހުން އައިސް އިފާޝާއާ އެކުގައި ވަގުތު ހޭދަ ކުރަނީ އެގޮތުގައެވެ. އޭގެ އިތުރުން ދެމީހުން އެކީގައި ބޭރަށް ގޮސްވެސް ހަދައެވެ.

ނަމަވެސް ދެމީހުންގެ ގުޅުން އޮތީ އެހިސާބުގައެވެ. ކައިވެނީގެ ފުރަތަމަ ރެއެކޭ އެއްގޮތަށް އޭގެ ފަހުންވެސް ދެމީހުން ނިދަނީ ދެކޮޓަރީގައެވެ. އެކަކު އަނެކަކާ މެދު ދެކެނީ އަނތްބަކާ ފިރިއެއްގެ ނަޒަރުންނެއް ނޫނެވެ. ހަމައެކަނި ރައްޓެހިންގެ ގޮތުގައެވެ.

މާޔާ ދުނިޔޭގައި ހުރި އިރެކޭ އެއްގޮތަށް އޭގެ ފަހުންވެސް ސާދާ ޒިޔާންމެން ގެޔަށް ގޮސް އުޅެއެވެ. ޒިޔާންއާ އިފާޝާ ފެނުމުން ސާދާ އުފާވެއެވެ. އެދެމީހުންގެ އެކުވެރިކަން ފެނުމުން ސާދާއަށް ހީކުރެވުނީ އެދެމީހުންގެ ކައިވެންޏާ މެދު އުފާވެ ދެމަފިރިންގެ ގޮތުގައި އުޅެނީ ކަމަށެވެ. އެދެމީހުންގެ ދިރިއުޅުމުގެ ހަގީގަތެއް ސާދާއަކަށް ނޭނގެއެވެ. ސާދާ ހީކުރަނީ އެރަޙުމަތްތެރިކަމަކީ އެދެމެދުގައި އުފެދެމުންދާ ލޯބި ކަމަށެވެ. ޒިޔާންއާ އިފާޝާގެ ކައިވެނި ކުރެވުނީ ކޮން ހާލަތެއްގައި ކަން އެނގުނު ނަމަވެސް އެކައިވެންޏަށް ފަހު އެދެމީހުން އުޅެމުންދާ ގޮތެއް ސާދާއަކަށް ނޭނގެއެވެ. އެހަގީގަތް ސާދާއަށް އެނގުނީ އިފާޝާއާ ޒިޔާންގެ ކައިވެންޏަށް ހަމަސް ވީ ފަހުންނެވެ.

އެރޭ ސާދާ އެގެޔަށް އައީ ވަރަށް ލަސްވީ ފަހުންނެވެ. ފަޔާޒްއާ އެކު ބޭރަށް ގޮސްފައި އަންނަނިކޮށް ވާރޭ ވެހެން ފެށުމުން ޒިޔާންމެން ގެޔަށް ވަނީ އެގެޔާ ކައިރި ހިސާބެއްގައި ތިބެވުމުންނެވެ. އޭރު ގަޑިން އެގާރާ ޖަހާ ބޮޑު ވެއްޖެއެވެ. ބެލް ޖަހާލުމުން ދޮރު ހުޅުވީ ސިޓިންގރޫމްގައި ޓީވީ ބަލަން އިން ޒިޔާންއެވެ.

“ސާދާ… ހާދަ ލަހުން؟” ޒިޔާންއަށް އަހާލެވުނެވެ.

“އާނ، ވާރޭ ވެހެން ފެށީމަ މިތާ ކައިރީގަ މަޑުކޮށްގެން ތިބެތިބެ ހުއްޓާ ނުލީމަ މިއައީ… އިފާ ކޮބާ؟ ނިދީތަ؟” ސާދާ އިސްތަށިގަނޑުން ފެން ފޮޅަމުން އަހާލިއެވެ.

“ހީވަނީ ނިދާފަ ހެން، އެބަ އަންނަން ބަލާލާފަ” ޒިޔާން ބުންޏެވެ. އަދި ސާދާމެން ގާތު އިށީންނަން ބުނެފައި ގޮސް ޒާޔާ ނިދާ ކޮޓަރިއަށް ވަނެވެ. ސާދާއަށް ހައިރާން ވެފައި ބަލަހައްޓައިގެން އިނދެވުނެވެ. ހިތުގައި ސުވާލުތައް ގިނަވެގަތެވެ.

ސާދާ ހިތަށް އެރި އެއްޗެހި ހިތުން ފޮހެލަން މަސައްކަތް ކުރަމުން އަމިއްލަ ހިތަށް ވިސްނައިދިނެވެ. އިފާޝާ އެކޮޓަރީގައި އޮތީ ޒާޔާ ނިންދަވަން ކަންނޭނގެއެވެ. އެހެން އޮއްވާ ނިދިދާނެއެވެ. ދެމަފިރިން ނިދާނީ އެއް ކޮޓަރިއެއްގައެވެ.

އެވިސްނުމުގައި ސާދާ އިންދާ ޒިޔާންގެ ފަހަތުން އިފާޝާ ނިކުތެވެ.

“ދޮންތާ، މިއޮއް ވިއްސާރައިގަވެސް ޝޮޕިންގއަށް ނިކުމެ ދޯ ތިއުޅެނީ؟” ސާދާ ގާތު އިށީންނަމުން އިފާޝާ އަހާލިއެވެ.

“ދެންމެއެއްނު ވާރޭ ވެހެން އެފެށީ؟ އިފާއަކަށް ނޭނގޭނެއެއްނު، މާ އަވަހަށް ވިއްޔަ ތިނިދަނީ” ސާދާ ބުންޏެވެ.

“މިރޭ މާ އަވަހަށް ނިދިއައީ، ރޭގަ ދަންވަރު އެނީ ހޭލާ އުޅުނީމަ. އެހެންވެ އަވަހަށް އޮށޯތީ” އިފާޝާ ބުންޏެވެ.

އެއާއެކު ސާދާގެ ހިތުގައި އަނެއްކާވެސް އެސުވާލު އުފެދުނެވެ.

“އިފާ ނިދަނީ އެކޮޓަރީގަތަ؟” ވިސްނާނުލާ ސާދާއަށް އަހާލެވުނެވެ.

ޒިޔާންއާ އިފާޝާއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. އެކަކުވެސް ސާދާގެ ސުވާލަށް ޖަވާބެއް ނުދެއެވެ. ނަމަވެސް ސާދާއަށް ވިސްނުނެވެ.

އެވަގުތު އެކަމާ އިތުރަށް އެއްޗެއް ބުނަން ސާދާ އުޅުނެވެ. ނަމަވެސް އެކަން ވިސްނި ފަޔާޒް ކުއްލިއަކަށް ސާދާގެ އަތުގައި ހިފާލީ އެކަން މަނާ ކުރާށެވެ. ސާދާ ފަޔާޒްއަށް ބަލާލުމުން ފަޔާޒް ދެފަރާތަށް ބޯހަލުވާލިއެވެ. ސާދާވެސް އެވަގުތަށް އެވާހަކަ ނުދައްކާ މަޑުކޮށްލީ އެހެން ފަހަރަކަށް އެވާހަކަ ފަސްކޮށްލާފައެވެ.

“އަންނާނަން ކޮފީ ހަދައިގެން” އެވަގުތު އިފާޝާ ތެދުވަމުން ބުންނެވެ.

ބައިގަޑިއެއްހާ އިރު ފަހުން ވާރޭ ހުއްޓާލުމުން ސާދާމެން ދިޔައެވެ. އިތުރަށް އެވާހަކަ ނުދެކެވުނު ނަމަވެސް ޒިޔާންއާ އިފާޝާ ނިދަން ދިޔަ އިރު އެދެމީހުންގެ ހިތުގައިވެސް އެކަން ވިއެވެ.

ދުވަސްކޮޅެއް ފަހެވެ. ޒާޔާގެ ހަތަރުވަނަ އުފަން ދުވަސް ފާހަގަ ނުކުރެވުނު ނަމަވެސް އިފާޝާ ބޭނުންވީ ޒާޔާގެ ފަސްވަނަ އުފަން ދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރާށެވެ. ހުރިހާ ކަމެއް ރޭވީ ޒިޔާންގެ ރުހުމާއި އެކު އިފާޝާ އަމިއްލައަށެވެ.

ޕާޓީގެ ކަންތައް ނިމި އެރޭ ހަތެއް ޖެހި އިރު އެގޭގައި ތިބީ ސާދާއާ ސާދާގެ ދެކުދިން އެކަންޏެވެ. އިފާޝާގެ އެދުމަށް އެރޭ ކައިގެން ދާން ސާދާ މަޑުކުރީއެވެ.

ކުދިންނަށް ކާން ދީފައި ސާދާއާ އިފާޝާއާ ޒިޔާން ކާން އެރީ އެކީގައެވެ.

“ޒިޔާން، އަހަރެން އެއްޗެއް އަހާލަންތަ؟ އެއްޗެއް ހީ ނުކުރައްޗޭ” ކައި ނިމިގެން ސާދާ އިފާޝާއާ ޒިޔާންއަށް ވަކިވަކިން ބަލާލާފައި އަހާލިއެވެ.

އިފާޝާއާ ޒިޔާން އެކަކު އަނެކަކަށް ބަލާލިއެވެ. ސާދާ ކުރަން އުޅެނީ ކޮން ސުވާލެއް ކަން އެދެމީހުންނަށް އެނގޭ ކަހަލައެވެ.

ޒިޔާން ބޯޖަހާލިއެވެ.

“އެރޭ އަހަރެން ކުރި ސުވާލަށް ޖަވާބެއް ނުދެމެއްނު؟ އިފާއާ ޒިޔާން…” ސާދާ އެވަރަށް ބުނެފައި ހުއްޓާލާފައި ދެފަރާތަށް ބޯ ހަލުވާލިއެވެ. “އަހަރެން ބެހެން ޖެހޭ ކަމެއްވެސް ނޫން މީކީ… އަޅާނުލާ… ސޮރީ…” އިސް ޖަހާލަމުން ސާދާ އެވާހަކަ ހުއްޓާލިއެވެ.

އެކަކުވެސް ވާހަކަ ނުދައްކާ ވަގުތުކޮޅެއް ދިޔައެވެ.

“އަސްލު އަހަރެން ހީކުރީ… އިފާއާ ޒިޔާން ފެނުނީމަ ދެމީހުން އެކީގަ އުޅެނީ ލޯބިން ކަމަށް، އެއީ އަހަރެން އެދޭ ގޮތަކީވެސް… މާޔާ ނެތަސް ޒިޔާންވެސް އެކަނި އުޅޭކަށް އަހަރެން ނޭދެން. އިފާވެސް ދިރިއުޅުމެއް ފަށައިގެން އުފަލުގަ އުޅުން އަހަރެން އެދެނީ، އިފާއަކީވެސް އަހަރެންގެ ކޮއްކޮއެއް ކަމަށް އަހަރެން ބަލާތީ… އެކަމަކުވެސް އެހާ ޕަރޒަނަލް ކަމަކާ އަހަރެން ބެހުން އެއީ ރަނގަޅު ގޮތެއް ނޫން… ސޮރީ…” ދެވަނަ ފަހަރަށްވެސް ސާދާ މާފަށް އެދުނެވެ.

“ނޫނޭ، ސާދާ މާފަށް އެދޭކަށް ނުޖެހޭ… އެވަރުގެ ކަމެއް ސާދާއަކަށް އަދި ނުކުރެވޭ. އަހަންނަށް އެނގޭ އެމަންޒަރު ފެނުނު ކޮންމެ މީހެއްގެ ހިތުގަވެސް ތި ސުވާލު އުފެދޭނެ ކަން… އެއީ އަހަރުމެން ވާހަކަ ދައްކައިގެން ނިންމި ގޮތެއް ނޫން، އޭރު ކަންތައް ވީ ގޮތް ދެން އެއީ…” ވިސްނުމެއްގެ ތެރޭގައި އިނދެ ކަހަލަ ގޮތަކަށް ޒިޔާން ބުންޏެވެ.

“އޯކޭ، އަހަރެން އަންޑަސްޓޭންޑް ވޭ، ގަބޫލު ކުރަން ތިހެން ވެދާނެ ކަމަށް… މާޔާ ނެތަސް އަހަންނާ ތިދެމީހުންނާ އޮންނަ ގުޅުމެއް އަބަދުވެސް އޮންނާނެ… ޒިޔާންވެސް އިފާވެސް އުފަލުގަ އުޅުން އަހަރެންގެ އެދުމަކީ” ސާދާ ހީލަމުން އިފާޝާގެ އަތުގައި ހިފާލަމުން ބުންޏެވެ.

ސާދާ ދިޔުމުން އެރޭ ދެމީހުންވެސް އެކަމާ ވިސްނިއެވެ. ނަމަވެސް އެކަކުވެސް އެވާހަކައެއް ނުދައްކައެވެ. ޒިޔާން އެވާހަކަ ފެށީ އަނެއް ދުވަހު ހެނދުނު ސައިބޯން އިނދެފައެވެ.

“އިފާ، އިފާއަށް މައްސަލައެއް ނެތިއްޔާ އަހަރެންގެ ރޫމަށް ޗޭންޖް ވާން ވީނު؟” ޒިޔާން ބުންނެވެ.

އިފާޝާ ހަމަ އެކަނި ބޯޖަހާލިއެވެ.

“ސްކޫލްތައް ބަންދު ވީމަ މަންމަމެންވެސް އަންނާނެ، އަނެއްކާ ދެން ސަނާވެސް ހުންނާނީ މިގޭގަ، އެހެން ވީމަ އެންމެ ރަނގަޅު ވާނީ އެގޮތް ކަންނޭނގެ…” ޒިޔާން އިތުރަށް ބުންޏެވެ.

މިފަހަރުވެސް އިފާޝާ ބޯޖަހާލިއެވެ.

“އިފާ… ހިތްހަމަ ނުޖެހުނީތަ؟” އިފާޝާ އެއްވެސް އެއްޗެއް ނުބުނުމުން ޒިޔާން އަހާލިއެވެ.

“ނޫން… އެންމެ ރަނގަޅު ވާނީ ތިގޮތް. އެހެން ނޫނަސް ދޮންތަގެ ހިތުގަ އެސުވާލު އުފެދުނިއްޔާ މަންމަވެސް އެސުވާލު ކުރާނެ. އެކަމަކު… ޒިޔާންއަށް އުނދަގުލެއް ނުވާނެތަ؟ މިބުނީ އެނީ…” އިފާޝާ އަހާލިއެވެ.

“އެނީއާ ހެދި ދެން ކޮން އުނދަގުލެއް ވާނީ؟” ހީލަމުން ޒިޔާން އަހާލިއެވެ.

“އޭނަ ރޭގަނޑު ހޭލާފަ ރޯނެ…” އިފާޝާ ކަން ބޮޑުވީ ޒިޔާންއަށް އުނދަގުލެއް ވެދާނެތީއެވެ.

“ނޫނޭ… އެއީ އެއްވެސް ކަމެއް ނޫން، އަހަންނަށް ތިހުރިހާ ކަމެއް އެނގެޔޭ، ޒާވެސް ތިސްޓޭޖަށް ގޮއްސައެއްނު އެވަރުވީ؟ އެކަމާ އިފާ ހާސް ނުވޭ، ކުދިންގެ ކަމަކާ ހެދި ކާކަށް އުނދަގޫ ވާނީ؟” ޒިޔާން ބުންޏެވެ.

އިފާޝާ ހީލަމުން ބޯޖަހާލިއެވެ.

“އިފާ އަންނަ އިރު ޒާވެސް ގެންނާނީ، ފަހުން ސަނާ އައިމަ ޒާ އަލުން އެކޮޓަރިއަށް ބަދަލު ކުރާނީ. އޭރުން ސަނާވެސް އެކަންޏެއް ނުވާނެއެއްނު؟” ޒިޔާން ބުންޏެވެ.

ދެހަފްތާއެއްހާ ދުވަސް ފަހުން އެ އަހަރުގެ ކިޔެވުން ނިމި ސްކޫލްތައް ބަންދު ވުމާ އެކު ރަމްޒިއްޔާއާ ޒިޔާންގެ ދޮންތަ ޒީނިޔާއާ ޒީނިޔާގެ ތިން ކުދިންގެ އިތުރުން ޒިޔާދުގެ ދަރިފުޅުވެސް މާލެ އައެވެ. ޒީނިޔާގެ ދޮށީ ދަރިފުޅު ސަނާ ސްކޫލަށް ވެއްދުމުގެ ކަންތައް ހަމަ ޖެއްސުމަށް ފަހު އެމީހުން މާލޭގައި ތިބީ އިތުރު ތިން ހަފްތާ ވަން ދެނެވެ. އެދުވަސްކޮޅު ތެރޭ ގޭތެރޭގައި ވަރަށް ފޯރި ގަދަ ވިއެވެ. އެންމެން އެކީ ސަކަރާތް ޖަހާ މަޖާ ކުރުމުގައި ވަގުތު ހޭދަ ވިއެވެ. ޒާޔާއާ އާނާވެސް ސަނާއާ ސަނީހްއާ ސުމާ އަދި ޝިޔާއާ ވަރަށް ރައްޓެހި ވިއެވެ. އިފާޝާއަށްވެސް އެމީހުން ވަރަށް ކަމުދިޔައެވެ.

މަޖަލާ ސަކަރާތުގައި ހީވެސް ނުކުރާހާ އަވަހަށް ދުވަސްތައް ފާއިތުވަމުން ގޮސް ތިން ހަފްތާ ވޭތުވެ ދިޔަ ގޮތްވެސް ނޭނގި ރަމްޒިއްޔާމެން ރަށަށް ދާން ތައްޔާރު ވާން ފެށިއެވެ. އިފާޝާއާ ޒިޔާންގެ އެދުމަށް އެމީހުން އިތުރު ހަފްތާއެއް ވަންދެން މަޑުކޮށްފައި ދިޔައިރުވެސް އިފާޝާ ހިތް ފުރޭ ވަރު ނުވެއެވެ. އާއިލާއަކީ ކޮބާ ކަމާ، އާއިލާއާ އެކުގައި އުޅުމުން ލިބޭ ހިތްހަމަ ޖެހުން އިފާޝާއަށް އެނގުނީ ޒިޔާންގެ އާއިލާގެ ފަރާތުންނެވެ.

ރަމްޒިއްޔާމެން ދިޔުމުން ގޭތެރެ މުޅިން ފަޅުވި ކަހަލައެވެ. ޒާޔާއާ އާނާވެސް އެމީހުން ދިޔުމުން ތިބެނީ ފޫހި ވެފައެވެ. ޒިޔާން އޮފީހަށް ދިޔުމުން އިފާޝާ ކުރިޔަށް ވުރެންވެސް ފޫހި ވާން ފެށިއެވެ.

ރަމްޒިއްޔާމެން ދިޔުމުން ސަނާއާ އެކު ޒާޔާވެސް ރަމްޒިއްޔާމެން ތިބި ކޮޓަރިއަށް ބަދަލު ވިއެވެ. އެއްކޮޓަރިއެއްގައި އުޅެން ފެށި ނަމަވެސް އަދިވެސް ޒިޔާންއާ އިފާޝާ ނިދަނީ ވަކިންނެވެ. އިފާޝާ އެނދުގައި ނިދާ އިރު ޒިޔާން ނިދަނީ މުށިތައް މަތީ ބޯ ރަޖަލެއް އަޅައިގެންނެވެ. އެހެން ނަމަވެސް އެދެމީހުންގެ ދިރިއުޅުން ބަދަލު ވާން ފެށީ އޭގެ ފަހުންނެވެ. އެކަކު އަނެކަކުގެ ފަރާތުން ކުރިން ނުފެންނަ އެތައް ކަމެއް ދެމީހުންނަށް ފެންނަން ފެށިއެވެ. ނޭނގޭ އެތައް ކަމެއް އެނގެން ފެށިއެވެ.

ފުރަތަމަ ދުވަސްކޮޅު އިފާޝާ އާނާއަށް ގާތުން ދޭ ވަގުތުގައި ޒިޔާން ކޮޓަރިން ނިކުތް ނަމަވެސް ފަހުން ފަހުން ޒިޔާން ކޮޓަރިން ނުނިކުމެ އިނދެއެވެ. އިފާޝާވެސް އެކަމާ އަޅައެއް ނުލައެވެ.

ނިދުމުގެ ކުރިން ޒިޔާން ބައެއް ރޭރޭ އޮފީހުން ގެންނަ މަސައްކަތް ކުރަން އިނދެއެވެ. ޒިޔާންއަކީ ނިދުމުގެ ކުރިން ފޮތް ކިޔާ މީހެއް ކަން މާޔާގެ ފަރާތުން އިފާޝާއަށް ވަނީ އެނގިފައެވެ. ނަމަވެސް ޒިޔާން ކިޔަނީ އިނގިރޭސި ވާހަކަ ކަން އިފާޝާއަށް އެނގުނީ އޭގެ ފަހުންނެވެ.

އަދިވެސް އިފާޝާއަށް ހުވަފެނުގައި އެބިރުވެރި ހާދިސާއާ ކުރިމަތި ލާން ޖެހެއެވެ. އާމިރުގެ ވަކިވުން އަދިވެސް އިފާޝާގެ ހިތަށް ބަޔާން ކުރަން ދަތި ރިހުމެއް ގެނެސްދެނީ އެހުވަފެނުގެ ސަބަބުންނެވެ. އެހަނދާން އަދިވެސް ހިތުން ފޮހެލަން ދަތިވަނީވެސް އެހެން ވެއެވެ. އެފަދަ ރޭރޭ އިފާޝާއަށް ހޭލެވުމާ އެކު ރޮވެއެވެ. ޒިޔާންއަށް އަޑު އިވިދާނެތީ ބާލީހުން މޫނު ނިވާ ކޮށްގެން އިފާޝާ އެތައް އިރެއް ވަންދެން ރޯން އޮވެއެވެ.

ނަމަވެސް އިފާޝާއަށް ނޭނގޭ ކަމަކީ ޒިޔާން އެއަޑު އަހަން ނުނިދާ އޮންނަ ކަމެވެ. އެފަދަ ކޮންމެ ރެއަކު އިފާޝާއަށް ނިދޭ ފަހުންވެސް އެތައް އިރެއް ވަންދެން ނުނިދިފައި ޒިޔާން އޮންނަ ކަމެވެ. އަދި އިފާޝާއަށް ނިދިއްޖެ ކަން ޔަގީން ވުމުން ތެދުވެ އިފާޝާއަށް ބަލަން އެތައް އިރަކު ޒިޔާން ހުންނަ ކަމެއްވެސް އިފާޝާއަކަށް ނޭނގެއެވެ. އިފާޝާ ނުބުނި ނަމަވެސް، އަދި ޒިޔާން ސުވާލު ނުކުރި ނަމަވެސް އިފާޝާއަށް ހޭލެވެނީ ކީއްވެ ކަމާ، ހުވަފެނުގައި ފެންނަނީ ކޮން ކަންތައްތަކެއްކަންވެސް ޒިޔާންއަށް އެނގެއެވެ. ނިދީގައި އިފާޝާއަށް ބުނެވޭ ބަސްބަހުން ޒިޔާންއަށް އެކަން ޔަގީން ވެއެވެ.

އިފާޝާއާ ޒިޔާންގެ ހިތުގައި އެކަކު އަނެކަކަށް ޓަކާ ޚާއްސަ މަގާމެއް އުފެދިގެން ދިޔައެވެ. ތަފާތު ކަންތައްތައް އެކަކު އަނެކަކާ ހިއްސާ ކުރުމާ، ގޭތެރޭގަޔާ އަދި ބޭރުގައިވެސް އެކުގައި ވަގުތު ހޭދަ ކުރުމާ، އެކަކު އަނެކަކު ނުފެނި ގިނަ އިރު ވުމުން ފޫހި ވާކަން ދެމީހުންނަށްވެސް ފާހަގަ ކުރެވެއެވެ. ނަމަވެސް އެކަކުވެސް އެކަންތަކާ މެދު މާ ބޮޑަކަށް ނުވިސްނައެވެ. ދެމީހުންވެސް އަދިވެސް އެހާދިސާ މަތިން ހަނދާނެއް ނުނެތެއެވެ. މާޔާއާ އާމިރު މަތިން ހަނދާނެއް ނުނެތެއެވެ. ދެހިތުގައިވެސް ކުރިން ފެވިފައިވާ ލޯބި އަދިވެސް ފަނޑެއް ނުވެއެވެ.

އެހެން ނަމަވެސް އެދެމީހުންގެ ގުޅުމަށް ބަދަލުތަކެއް އަންނަމުން ދާކަން ދެމީހުންނަށްވެސް އިހުސާސް ކުރެވެއެވެ. ގޭތެރޭގައި އުޅޭ އިރު ޒިޔާން ބައެއް ފަހަރު އިފާޝާއާ ގާތްވެލައެވެ. އިފާޝާ މަސައްކަތުގައި އުޅޭ ވަގުތު ޒިޔާން އައިސް އިފާޝާއަށް އެހީވެދެއެވެ. އެހެން އުޅޭ އިރު އިފާޝާގެ މޫނުމައްޗަށް ވެއްޓިފައި އޮންނަ އިސްތަށިކޮޅު ފަހަތަށް ޖައްސާލަދެއެވެ. ވާހަކަ ދައްކަން ތިބޭ އިރުގައާއި އެކުގައި ޓީވީ ބަލަން ތިބޭ އިރުގައި ޒިޔާން އިފާޝާގެ އަތުގައި ހިފާލާނެއެވެ. ބައެއް ފަހަރު އަތުން ދޫކޮށްނުލާ އިނދެއެވެ. ބޭރުގައި އުޅޭއިރުއާ ރައްޓެހިންގެ ކުރިމަތީގައިވެސް ޒިޔާން އިފާޝާގެ އަތުގައި ހިފާލާނެއެވެ. ބަޔަކަށް އިފާޝާ ތަޢާރަފް ކޮށްދޭ އިރު އިފާޝާއަކީ ޒިޔާންގެ އަންހެނުންނޭ ބުނެ އުނަގަނޑުގައި ހިފާ ޒިޔާންއާ ގާތް ކޮށްލާނެއެވެ.

އެކަންކަމުގައި ޚާއްސަ ކަމެއް ނެތް ނަމަވެސް ޒިޔާން އިފާޝާ ގައިގައި އަތް ޖައްސާލާ ގޮތް އިފާޝާއަށް ފާހަގަ ކުރެވެއެވެ. އެކަންކަން އިފާޝާގެ ހިތުގައި ބިންވަޅު ނެގިފައިވެއެވެ. ދެމަފިރިންގެ ގޮތުގައި ނޫޅުނު ނަމަވެސް ދެމީހުންގެ މެދުގައި ވަނީ ހަމައެކަނި ރަޙުމަތްތެރިކަމުގެ ގުޅުން ނޫންކަން އިފާޝާގެ އިތުރުން ޒިޔާންއަށްވެސް އެނގެއެވެ.

އާނާއަށް އަހަރު ވާން އުޅެނިކޮށް އާނާ ވަރަށް ގަދައަށް ހުން އައެވެ. ޒިޔާންއާ އިފާޝާގެ ގުޅުމަށް ބޮޑު ބަދަލެއް އަންނަން މެދުވެރިވި ސަބަބަކަށް އެކަން ވިއެވެ.

އެދުވަހު އިފާޝާ ހޭލައިގެން އައިސް އާނާ ނަގާ އުރާލި އިރު އާނާ އޮތީ ހުން އައިސްފައެވެ. ވަގުތުން އިފާޝާ ކަންބޮޑުވިއެވެ.

“ޒިޔާން، އެނީ ހުން އައިއްސަ މިއޮތީ…” ފެން ވަރައިގެން ނިކުތް ޒިޔާންއަށް އިފާޝާ ގޮވާލިއެވެ. ޒިޔާން އައިސް އާނާ ގައިގައި އަތް ޖައްސާލިއެވެ. އެއާއެކު ޒިޔާންވެސް ކަންބޮޑު ވިއެވެ. އެހާވެސް އާނާ ހުން ގަދައެވެ. އެދުވަހު އޮފީހަށް ނުގޮސް އިފާޝާއާ އެކު ޒިޔާން ދިޔައީ އާނާ ޑޮކްޓަރަށް ދައްކާށެވެ. ބޭސް ދިން ނަމަވެސް ގަޑި ހަމަ ނުވަނީސް އާނާ ހުން އާދެއެވެ. އެހެންވެ ދެވަނަ ފަހަރަށް ޑޮކްޓަރަށް ދެއްކުމުން އާނާ ޖެހުނީ ހޮސްޕިޓަލްގައި އެޑްމިޓް ކުރާށެވެ.

ޒާޔާއާ ސަނާގެ ކަންތައް ސާދާއާ ހަވާލު ކޮށްފައި ޒިޔާންއާ އިފާޝާ ތިން ދުވަސް ވަންދެން އުޅުނީ ހޮސްޕިޓަލްގައެވެ. ކޮންމެ ދުވަހަކުވެސް ދެތިން ފަހަރު ޒާޔާ ގާތަށް ގޮސް، އެތައް ފަހަރަކު ފޯނުން ގުޅައިގެން ވާހަކަ ދެއްކި ނަމަވެސް ޒިޔާން ގިނަ ވަގުތު ހޭދަ ކުރީ ހޮސްޕިޓަލްގައެވެ. އިފާޝާ ޒާޔާއާ މެދު އަމިއްލަ ދަރިއަކު ފަދައިން ދެކޭ ގޮތަށް ޒިޔާން އާނާއާ މެދުވެސް ދެކެނީ ހަމަ އެގޮތަށެވެ.

ހޮސްޕިޓަލްގައި ތިން ދުވަސް ވީ ފަހުން އާނާގެ ހާލު ރަނގަޅު ވާން ފެށިއެވެ. އެތިން ދުވަސް އިފާޝާ ހޭދަ ކުރީ ކިހިނެއް ކަމެއް އިފާޝާއަކަށް ނޭނގެއެވެ. ދަރިފުޅަށް ޓަކާ ގަނެފައިވާ ބިރާ، އެދުވަސް ތަކުގައި އިފާޝާގެ ހިތަށް ވަންނަމުން ދިޔަ އެކި ޚިޔާލުތަކުގެ ސަބަބުން އިފާޝާ އުޅުނީ އެއްގޮތަކަށްވެސް ނުނިދައެވެ. އިފާޝާ ގާތުގައި ޒިޔާން ނެތް ނަމަ އެތިން ދުވަސް އިފާޝާ ހޭދަ ކުރާނީ ކޮން ގޮތަކަށް ކަމެއްވެސް އިފާޝާގެ ހިތަކަށް ނުގެނެވެއެވެ. ޒިޔާން ކޮންމެ ވަގުތެއްގައިވެސް އިފާޝާއަށް ހިތްވަރު ދިނުމުގައި އިފާޝާ ގާތު ހޭދަކުރިއެވެ.

އާނާއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ޑޮކްޓަރު ބުނުމުން އިފާޝާއަށް ރޮވުނީ ހިތުގައި ވާ ބިރު އެކީ ފިލައި ދިޔުމުންނެވެ. ދަރިފުޅު އިފާޝާއާ ވަކި ނުވާނެ ކަމުގެ ޔަގީން ކަން ލިބުމުން އިފާޝާގެ ލޮލުން އައި ކަރުނައާ އެކު ލޯމަރާލަމުން ފުރަތަމަވެސް އެދަރިފުޅު ދެއްވި ފަރާތަށް ޝުކުރު ކުރެވުނެވެ. އިފާޝާއަށް ބަލާލަމުން ޒިޔާން އިފާޝާގެ ކޮނޑުގައި ހިފާ ގެނެސް ޒިޔާންގެ ގައިގައި އިފާޝާ ޖައްސާލިއެވެ. ޑޮކްޓަރު ނިކުތުމުގެ ކުރިން އިފާޝާގެ ކޮނޑުގައި އަތް ޖައްސާލާފައި ހީލިއެވެ. އާނާ އޮތް ކޮޓަރީގައި ދެމީހުން އެކަނި ވުމާއެކު އިފާޝާ ޒިޔާން ގައިގައި ބައްދާލާފައި ރޯން ފެށިއެވެ.

އިފާޝާގެ އެހަރަކާތުން ހައިރާން ވި ޒިޔާން އިފާޝާގެ ކޮނޑުގައި ހިފާ އިތުރަށް ޒިޔާންއާ އިފާޝާ ކައިރި ކޮށްލިއެވެ. މަޑުމަޑުން އިފާޝާއަށް ހިތްވަރު ދެމުން ހުރިހާ ކަމެއްވެސް ރަނގަޅު ވެއްޖެޔޭ ބުނަމުން ޒިޔާން އިފާޝާގެ އިސްތަށިގަނޑުގަޔާ ބުރަކަށީގައި ފިރުމަމުން ދިޔައެވެ.

ރުއިން ހުއްޓާލެވުމާ އެކު އިފާޝާއަށް ހުރެވުނު ގޮތް އިހުސާސް ކުރެވުނެވެ. ނަމަވެސް ދުރަށް ޖެހިލާކަށްވެސް އިފާޝާއަކަށް ނުކެރުނެވެ. އިރުކޮޅަކު އެހެން ހުރެފައި އިފާޝާ އިސް އުފުލާ ޒިޔާންގެ މޫނަށް ބަލާލިއެވެ. އެވަގުތު އިފާޝާގެ މޫނު ފެނުމުން ޒިޔާންގެ ހިތަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވެގެން ދިޔައެވެ. ކަރުނަ ނުހިކި ހުރި އެމޫނުގައި ވި ލަދުވެތިކަމާ ރީތިކަން އެވަގުތު ޒިޔާންގެ ހިތާ ކުޅެލީ ޒިޔާން ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. ހިތް އެދުނީ އިފާޝާ އަދިވެސް ބޮޑަށް ޒިޔާންއާ ކައިރިކޮށްލާށެވެ.

ޒިޔާން އެއްއަތުން އިފާޝާގެ މޫނު ފޮހެލިއެވެ. އިފާޝާގެ މޫނަށް ފައިބާފައި ހުރި އިސްތަށިތައް ކަންފަތް ކައިރީ އަޅުވާލާފައި އިފާޝާގެ މޫނުގައި ހިފަހައްޓާލިއެވެ. ހަމައެކަނި އަތުގެ ބޮޑުވާ އިނގިލިން ޒިޔާން އިފާޝާގެ މޫނުގައި ފިރުމާލިއެވެ. ދެހިތުގެ ތެޅުންވެސް އަވަސް ވެގެން ދިޔައެވެ. އިފާޝާ ލޯމަރާލަމުން އިސްޖަހާލަން އުޅުނެވެ.

“އިފާ…” އިފާޝާގެ ދަތްދޮޅީގައި ހިފަހައްޓާލަމުން ޒިޔާންގެ އަނގައިން މަޑުމަޑުން އަޑު ނިކުތެވެ. އިފާޝާގެ ދެލޮލަށް ޒިޔާން ފުންކޮށް ބަލާލީ އިފާޝާގެ ފަރާތުން ނުރުހުމުގެ އެއްވެސް ނިޝާނެއް ފެނޭތޯއެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް އިފާޝާގެ ފަރާތުން ނުފެނުމުން ޒިޔާންއަށް ހިތްވަރު ލިބުނެވެ. ކުރިއަށް ވުރެން ބޮޑަށް އިފާޝާގެ ހަށިގަނޑު ޒިޔާންގެ އަތުގެ ތެރޭގައި ހިފަހައްޓާލަމުން އިފާޝާގެ މޫނު ޒިޔާންއާ ކައިރި ކޮށްލާފައި ތިރިވެލިއެވެ. އިފާޝާއަށް ލޯމަރާލެވުނެވެ.

އެވަގުތު އެދެމެދަށް ކުއްލިއަކަށް ހުރަސް އެޅީ އާމިރުގެ ހަނދާނެވެ. މަޑުމަޑުން ޒިޔާންއާ ދުރަށް މޫނު އަނބުރާލި ނަމަވެސް އިފާޝާ ޒިޔާންއާ ދުރަކަށް ނުޖެހެއެވެ. ޒިޔާންގެ އެ އަމަލާ މެދު އިފާޝާގެ ހިތުގައި ޝަކުވާއެއް ނެތެވެ. ހިތާހިތުން އިފާޝާ ޒިޔާންއަށް މަރުހަބާވެސް ކިޔެވެ. ނަމަވެސް އޭގެ ކުރިން އެފަދަ ގާތް ކަމެއް އިފާޝާ ހިއްސާ ކޮށްފައި ވަނީ ހަމަ އެކަނި އާމިރުއާ އެކީ ކަމަށް ވާތީ އޭރުގެ ހަނދާންތައް އިފާޝާގެ ހިތަށް އުނދަގޫ ކޮށްލީއެވެ.

“އިފާ…؟” ދެވަނަ ފަހަރަށް އިފާޝާގެ އިސް އުފުލާ ޒިޔާންއާ ހަތަރު ކަޅި ހަމަ ކުރުވަމުން ޒިޔާން ގޮވާލިއެވެ. ޒިޔާންގެ މޫނަށް ބަލާލަމުން އިފާޝާ ޒިޔާންގެ މޭގައި މޫނު ޖައްސާލިއެވެ. ލުއި ހުނުމަކާ އެކު ޒިޔާން އިފާޝާގެ އިސް އުފުލާލަމުން އަނެއްކާވެސް ތިރިވެލިއެވެ.

މިފަހަރު ދެމީހުން ދުރުވެލީ އާނާގެ އަޑަށެވެ. ނިދިފައި އޮތް އާނާއަށް ހޭލެވުމާއެކު ކައިރިގައި އިފާޝާ ނެތުމުން ރޮވެން އުޅުނެވެ. އެކަކު އަނެކަކުގެ މޫނަށް މާނަވީ ގޮތަކަށް ބަލާލަމުން ހީލާފައި ދެމީހުން އެކީ އައިސް އިފާޝާ އާނާ ނަގާ އުރާލިއެވެ.

އެ ދުވަހު ހަވީރު އާނާ ދޫކޮށްލުމުން އިފާޝާއާ ޒިޔާން ގެޔަށް ދިޔައެވެ. އޭރު ޒާޔާއާ ސަނާ ތިބީ ސާދާއާ އެކީ އައިސް ގޭގައެވެ. ސާދާ ހުރީ އިފާޝާމެން އަންނަން ވާ އިރަށް ސައި ތައްޔާރު ކޮށްފައެވެ. ސަނާ އަތަށް އާނާ ދީފައި އިފާޝާއާ ޒިޔާން ޒާޔާއާ ސާދާއާ އެކީ ސައިބޯން އިށީނެވެ. ޒިޔާންމެން ފެނުމާ އެކު ޒާޔާ ޝަކުވާ ކުރަން ފެށިއެވެ. ޒިޔާންގެ އުނގުގައި އިނދެގެން މަންމައާ ބައްޕަ ނެތުމުން ފޫހި ވީ ވާހަކައާ އާނާ ނެތުމުން ޒާޔާއާ އެކީ ކުޅޭނެ ކުއްޖަކު ނެތް ކަމުގެ ޝަކުވާއާ އެތިން ދުވަސްތެރޭ ޒާޔާ ކުރި ހުރިހާ ކަމެއްގެ ވާހަކަ ކިޔާ ދިނެވެ.

ސާދާ ދިޔުމުން އިފާޝާ ފެން ވަރައިގެން ރޭގަނޑަށް ކައްކާފައި ޒާޔާއަށް ކާން ދީ ނިމުނު އިރު ހަތްގަޑި ބައި ވެއްޖެއެވެ. އެހުރިހާ އިރު ޒިޔާން އިފާޝާގެ ހަރަކާތްތަކަށް ބަލަން އިނެވެ. އެދުވަހު ހޮސްޕިޓަލުގައި ހިނގި ކަންތަކަށް ފަހު ޒިޔާން ބޭނުންވީ އިފާޝާއާ އެކު އެކަނި ވެލާނެ ވަގުތުކޮޅެކެވެ. އެފަދަ ގާތްކަމެކެވެ. ދެމީހުން އެކުގައި ހިއްސާ ކުރި އެޚާއްސަ ވަގުތުކޮޅަށް ފަހު ޒިޔާންއަށް އިފާޝާއާ މެދު ޚިޔާލު ނުކުރެވޭ ވަގުތެއް ނުދެއެވެ. ޒިޔާން އިންތިޒާރު ކުރަމުން ދިޔައީ އެރެއަށެވެ.

އަށެއް ޖެހުމުން ޒިޔާން އަތަށް އާނާ ދީފައި އިފާޝާ ދިޔައީ ޒާޔާ ނިންދަވާށެވެ. އެރެޔާ މެދު އެކި ގޮތްގޮތަށް ވިސްނަމުން އައި ޒިޔާންގެ ރޭވުންތައް ބަދަލު ކޮށްލަން ޖެހުނީ އެވަގުތު އައި ފޯނެއްގެ ސަބަބުންނެވެ.

ޒާޔާއަށް ނިދެން ދެން ކައިރީގައި އޮތް އިފާޝާ ތެދުވީ ޒާޔާއަށް ނިދުނު ކަން ޔަގީން ވުމުންނެވެ. އެވަގުތު ޒިޔާން އައިސް އެކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

“އިފާ، ކުއްލިއަކަށް ޖެހިއްޖެ އޮފީހަށް ގޮސްލަން… އަންނާނަން ގޮސްލާފަ އިނގޭ” ޒިޔާން ބުންޏެވެ.

“ނުވެސް ކައިތަ ދާނީ؟” ޒިޔާން އަތުން އާނާ ނަގާ އުރާލަމުން އިފާޝާ އަހާލިއެވެ.

“އާނ، އައިއްސަ ކާނީ، ވަރަށް އަވަހަށް ދާން ވެއްޖެ” ޒިޔާން ބުންޏެވެ. އަދި ނިދިފައި އޮތް ޒާޔާގެ މޫނުގައި ބޮސްދީފައި ނިކުމެ އިފާޝާގެ އަތުގައި އިން އާނާގެ ނިތްކުރީގައިވެސް ބޮސްދިނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ދޭނަން ހިތާ ޖާނާ..! 10 ވަނަ ބައި

Next

ދޭނަން ހިތާ ޖާނާ..! 11 ވަނަ ބައި

Next
February 14, 2016

ދޭނަން ހިތާ ޖާނާ..! 11 ވަނަ ބައި

Previews
February 12, 2016

ދޭނަން ހިތާ ޖާނާ..! 10 ވަނަ ބައި

15 Comments!

  1. v foohi says:
    February 13, 2016 at 8:04 pm

    v v v v reethi…..n yay me first

  2. v foohi says:
    February 13, 2016 at 8:05 pm

    keep it up marsha

  3. roassy says:
    February 13, 2016 at 8:15 pm

    v v nice. marsha u r the best

  4. Shix says:
    February 13, 2016 at 8:27 pm

    Vvv nice. waiting 4 nxt part

  5. Zeena says:
    February 13, 2016 at 8:43 pm

    Varah reethi

  6. nammi says:
    February 13, 2016 at 9:21 pm

    Nice….

  7. Zaanaa says:
    February 13, 2016 at 9:24 pm

    Alhay vvvv reethi aneh bai varah avahah up kohdeeba Marsha molhay vaahaka leyan vaahaka keyaafa keh kureveneh yeh noon next part keyaa hethun

  8. Mari says:
    February 14, 2016 at 7:08 am

    Vvvvvvvv reethi..keep it up….vahah next part up koh dhehchey..vvvv kiyaa hivey

  9. lyn says:
    February 14, 2016 at 9:19 am

    u r right mari

  10. lyn says:
    February 14, 2016 at 9:20 am

    by the way can we be friends

  11. Nicky says:
    February 14, 2016 at 9:25 am

    Nyc…whn is nxt prt

  12. Zu says:
    February 14, 2016 at 12:32 pm

    Wow.. I lurw itt.. vaahaka nimen ulhenythr.. ? alhe nuninmahchey.. ?

  13. Luyoona says:
    February 14, 2016 at 12:50 pm

    aachaa

  14. Mari says:
    February 14, 2016 at 4:43 pm

    Nxt part avahah up koh dhehchey…vahaka v v v reethi….keep it up…

  15. angleraa.. says:
    February 15, 2016 at 8:53 am

    Nice…..

Comments are closed.

Next Episodeހިތް އެދެނީ 8←


All Right Reserved!