
ހިތް އެދެނީ 2
“އަދި ނުބުނަން. މިއަދު އަހަންނަށްވެސް ޔަގީން ވީ. އެހެން ނޫނަސް ޒިޔާންއަށް ވުރެން ކުރިން އިފާ ކައިރީގަ ބުނެވުނީމަ މާ އުފާވޭ” މާޔާ ބުންޏެވެ.
“އަހަރެން ހިތަށް އަރާ… އަހަންނަށްވެސް އާމިރުއަށް ތިކަހަލަ ހަބަރެއް ދެވޭނެ ދުވަހެއް އަންނާނެ ނަމައޭ…” އިސް ޖަހާލަމުން އިފާޝާއަށް އަމިއްލަ ހިތުގެ ހާލު ދުލުން ފާޅު ކުރެވުނެވެ.
“އިފާ… އިރާދަ ކުރެއްވިއްޔާ އަދި އިފާއަށްވެސް އެދުވަސް އަންނާނެ، އިފާމެންނަށްވެސް ކާމިޔާބު ވާނެ. ދެރަ ނުވެބަލަ” އިފާޝާގެ އަތުގައި ހިފާލަމުން މާޔާ ބުންޏެވެ.
“ވާން އޮތް ކަމެއް ވިއްޔާ ކޮންމެސް ދުވަހަކުން އެކަން ވާނެ ކަން އެނގެޔޭ، އެކަމަކު… އިން ފަހުން މިހާރު ހަތަރު އަހަރު ވީ… ހިތް އެދޭ ވަރުން ޝަކުވާ ކުރެވެނީ…” އިފާޝާ ބުނެލިއެވެ.
“ދެރަ ނުވޭ… އަދި ވަގުތު ނުޖެހެނީ ކަންނޭނގެ” މާޔާ އިފާޝާގެ އަތް ތިލައިގައި މަޑުމަޑުން ޖަހާލަމުން ބުންޏެވެ.
އިފާޝާ ބޯޖަހާލިއެވެ.
“އެހެން ނޫނަސް އަހަންނަށް ހީވަނީ އާމިރުއަށް ނޭނގެނީ ހެން… އަހަރެން ޒިޔާން ކައިރީގަ ބުނާނަން ހަދަންވީ ގޮތް އާމިރުއަށް ރަނގަޅަށް ކިޔާދޭށޭ، އޭރުން ދެން ނުވެގެން ތިއުޅޭ ކަންތައް ވެދާނެ” ސޯފާއިން ތެދުވެ އިފާޝާއާ ދުރަށް ޖެހިލާފައި މާޔާ އިފާޝާއާ ދިމާކޮށްލިއެވެ.
“މާޔާ ގަނޑާ…!” އިފާޝާ މާޔާގެ ފަހަތުން ދުއްވައިގަތެވެ.
މާޔާ ބޭނުންވި ގޮތަށް އިފާޝާގެ މޫޑް ބަދަލުވިއެވެ. މާޔާ އިފާޝާގެ އަތު ނުޖެހެން ވެގެން ކޮޓަރި ތެރޭ ދެކޮޅަށް ދުވެދުވެ ހުއްޓެވެ. ދެމީހުންގެ ހުނުމުގެ އަޑު އިރުއިރުކޮޅާ އިވެއެވެ. ދެމީހުންގެ ސަކަރާތް ބަލަން މަޖާ ވެފައި ޒާޔާ އަތްޖަހަޖަހާ އިނެވެ.
“އަހަރެން ހީކުރީ ޒާ ކަމަށް ކުޑައީ، އެކަމަކު މިދެމީހުންގެ ޅަކަން މާ ބޮޑު ދޯ؟” ކޮޓަރީގެ ދޮރު ހުޅުވާލާފަ އެތެރެއަށް ވަން ޒިޔާން އިފާޝާއާ މާޔާ ސަކަރާތް ޖަހާ މަންޒަރު ފެނުމުން ބުނެލިއެވެ. މާޔާ ހެމުން އައިސް ޒިޔާން ފަހަތަށް ވަނެވެ.
“އާނ، މީ ހަމަ އަދިވެސް ކުޑަ ކުދިން” މާޔާގެ ފަހަތުން އައި އިފާޝާ ގައިގައި ހިފަހައްޓަމުން އާމިރު އެއްބަސް ވިއެވެ.
“މާޔާ ކީށްކޮށްގެން ތިއުޅެނީ؟ ޔަގީނޭ ކޮންމެސް އެއްޗެއް ކިޔާފަ އިފާއާ ދިމާ ކުރީކަން” ޒިޔާން ބުންޏެވެ.
“އަހަރެން ބުނީ—” މާޔާ ބުނަން އުޅުނެވެ.
“މާޔާ!” އިފާޝާ އެވަގުތު މާޔާއަށް ގޮވާލީ ހަމަ އަސްލުވެސް އެވާހަކަ މާޔާ ޒިޔާންއާ އާމިރު ގާތު ބުނެފާނެހެން ހީވާތީއެވެ. އެހާވެސް މާޔާ ލާނެތް ވާނެއެވެ.
“އޯކޭ އޯކޭ… ދެން ހުއްޓާލީ” ދެއަތް މައްޗަށް ނަގައިގެން ހުރެ ޒިޔާންގެ ފަހަތުން މާޔާ ނިކުތެވެ.
އެރޭ ކައިގެން އައިސް ޒާޔާ ނިންދަވާފައި މާޔާ ޒިޔާން ކައިރީ އޮށޯތެވެ. ޓީވީ ބަލަން އޮތް ޒިޔާން ޓީވީ ނިއްވާލާފައި އެނބުރި މާޔާ ގައިގައި ބައްދާލިއެވެ.
“ޒިޔާންއަށް އެނގޭތަ؟ ތިހެން ހުއްޓާ ތިއޮއް މުސްކުޅި ވަނީ” މާޔާ ބުންޏެވެ.
“އަހަރެން މުސްކުޅި ވާތީ މާޔާއަށް ކޮންކަމެއް މަދުވީ؟” ޒިޔާންގެ އަތުތެރޭން މާޔާއަށް ނުނިކުމެވޭނެ ގޮތަށް ފުރޮޅިލަމުން ޒިޔާން އެހިއެވެ.
“އަހަންނަށް ކަމެއް މަދުވާތީކީ ނޫން، ކުދިން ލިބެން ފެށީމަ ދެން މުސްކުޅި ވީއެއްނު؟” ޒިޔާންއަށް ގޯނާއެއް ކޮށްލަމުން މާޔާ ބުނެލިއެވެ.
“އެންމެ ކުއްޖެއް ހުރީތީ އަހަރެން—” ޒިޔާންއަށް އެޖުމްލަ ފުރިހަމަ ކުރާނެ ފުރުސަތެއް މާޔާ ނުދިނެވެ.
“ދެ ކުދިން” ހިނި އައިސްފައި މާޔާ ބުންޏެވެ.
“ދެ ކުދިންނޭ…؟” މާޔާ ބުނި އެއްޗެއް ޒިޔާންއަށް ވިސްނުނީ އިރުކޮޅެއް ފަހުންނެވެ. “ޕްރެގްނަންޓް؟” ޒިޔާންއަށް އަހާލެވުނެވެ.
މާޔާ ބޯޖަހާލިއެވެ. އެއާއެކު ޒިޔާން ހީގެންފައި ކުރިއަށް ވުރެން ބޮޑަށް މާޔާއާ ކައިރިވެލިއެވެ.
ހަމަ އެވަގުތެވެ. އުފާވެރި ވަގުތުކޮޅަކަށް ފަހު ލޯމަރާލައިގެން އޮތް އާމިރުގެ މޫނަށް އިފާޝާ ބަލާލިއެވެ.
“އާމިރު، ވާހަކައެއް ބުނަންތަ؟” އިފާޝާ އަހާލިއެވެ.
“ބުނެބަލަ” ލޯހުޅުވާލަމުން އާމިރު ބުންޏެވެ.
“މާޔާ ބަނޑުބޮޑު…” އިފާޝާ މަޑުމަޑުން ބުންޏެވެ.
އިފާޝާ އެހެން ބުނި ގޮތުންވެސް އިފާޝާ އެކަމަށް އެދޭ ވަރު އާމިރުއަށް އިހުސާސް ކުރެވުނެވެ.
“އިފާ…” އިފާޝާ ގައިގައި ބައްދާލަމުން އާމިރު ގޮވާލިއެވެ.
“އަހަރުމެންނަށް އެކަން ކާމިޔާބު ވާނެ ކަމެއްވެސް ނޭނގެ ދޯ؟” އިފާޝާ އަހާލިއެވެ.
“ދެރަ ނުވެބަލަ އިފާ، އަދި އިރާދަ ކުރެއްވިއްޔާ ކާމިޔާބު ވާނެ… ކިހިނެއް އެނގެނީ މިހާރުވެސް އިފާ ބަނޑުބޮޑު ނޫން ކަމެއް؟” އިފާޝާގެ މޫނުގައި އެއް އަތުން ހިފާލަމުން އާމިރު ބުންޏެވެ.
“މިހުރިހާ ދުވަހު ނުވެފަ…” އިފާޝާއަށް ރޮވުނެވެ.
“އިފާ، އުންމީދު ކަނޑާލާކަށް ނުވާނެ. ހަމަ އަސްލުވެސް މިހާރުވެސް އިފާ ބަނޑުބޮޑު ވެދާނެ… އެހެން ހިތަށް އަރުވާލަބަލަ” އާމިރު އިފާޝާއަށް ހިތްވަރު ދިނެވެ. އިފާޝާގެ މޫނު ފޮހެދީފައި އާމިރު އިފާޝާގެ މޫނުގެ އެކި ހިސާބުގައި ބޮސްދޭން ފެށިއެވެ.
“އަދި ކުއްޖަކު ނެތަސް އަހަރެން އިފާ ދެކެ ވާލޯބި ހަނދާން ކޮށްލާފަ ހިތްވަރު ކޮށްބަލަ އިފާ… ޔަގީނޭ އަހަރެން މިވާ ވަރަށް އިފާ ދެކެ ލޯބިވާނެ އެހެން މީހަކު ނުހުންނާނެ ކަން”
“އެނގެޔޭ ތިކަން، އެހެން ވެއޭ އަހަރެންވެސް މިވަރަށް އާމިރު ދެކެ ލޯބި ވަނީ…” އާމިރުގެ ދެއަތުގެ ބީހުންތަކަށް ގެއްލެމުން އިފާޝާ ލޯމަރާލިއެވެ.
އަނެއް ދުވަހު ޒިޔާން މެންނަށްވެސް އަދި އާމިރުމެންނަށްވެސް ހޭލެވުނީ ތަންކޮޅެއް ފަހުންނެވެ. އަވަސް އަވަހަށް ތައްޔާރު ވި ނަމަވެސް އެއަރޕޯޓަށް ދާން ނިކުމެވުނީ ލަހުންނެވެ. ގަޑިއަށް އެއަރޕޯޓަށް ނުދެވި، ފްލައިޓް މިސް ވެދާނެތީ އެންމެންވެސް ތިބީ ކަންބޮޑުވެފައެވެ.
އާމިރުއާ ޒިޔާން އިރުއިރުކޮޅާ ޑްރައިވަރު ގާތު ފަހަރަކަށް ވުރެން ފަހަރެއް ބާރަށް ކާރު ދުއްވުމަށް ބުނެއެވެ. ވަގުތު ކުޑަތަން ވެފައި ހުރި ވަރުން ޑްރައިވަރުވެސް ކާރު ދުއްވަމުން ދިޔައީ ފުދޭ ވަރަކަށް ބާރަށެވެ.
އަދިވެސް ބާރަށް ދުއްވުމަށް ޒިޔާން އަނެއްކާވެސް ބުންޏެވެ. އެވަގުތު ޒާޔާ ކުޅެން ގެންގުޅުނު އެތިން އަތުގެ ތަންކޮޅެއް ކަނޑައިގެން ގޮސް ޒާޔާ ރޯން ފެށުމުން އެންމެންގެ ސަމާލުކަން ކުޑަ ވަގުތުކޮޅަކަށް ޒާޔާއަށް ހުއްޓުނެވެ.
ދެން ކަންތައް ވީގޮތް އެކަކަށްވެސް ނޭނގުނެވެ. ޑްރައިވަރުގެ ކަންބޮޑުވެފައިވާ އަޑަށް އެންމެންނަށް އެއްފަހަރާ ބަލާލެވުނެވެ. ޖެހިގެން އޮތް މަގުން ނިކުތް ޓްރަކް ފެނުނީ ކުއްލިއަކަށެވެ. އެޓްރަކް ކާރުގައި ޖެހުނު ކަންވެސް ނޭނގުނެވެ.
ލޯ ހުޅުވާލުމާ އެކު އިފާޝާއަށް ފުރަތަމަވެސް ނިތްކުރިމަތިން ތޫނު ތަދެއް އިހުސާސް ކުރެވުނެވެ. ނިތްކުރިމަތީ އަތް ޖައްސާލާފައި އިފާޝާ އަތްތިލަ ބަލާލި އިރު އަތުގައި ލޭ ހުއްޓެވެ. އެއާއެކު ދެން އިވުނު އަޑުން އިފާޝާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.
ބަލަން ނުބަލަން އިނދެފައި އިފާޝާ ކަނާތް ފަރާތަށް ބަލާލިއެވެ. ޒިޔާން އެއްއަތުން ޒާޔާ ހިފަހައްޓާލައިގެން އިނެވެ. ޒިޔާންގެ އަނެއް އަތްތިލަ އޮތީ މާޔާގެ އަތުތެރޭގައެވެ. އިފާޝާ މާޔާގެ މޫނަށް ބަލާލިއެވެ.
“އިފާ…” މާޔާ މަޑުމަޑުން ގޮވާލިއެވެ. އިފާޝާގެ މޫނުމައްޗަށް އަނދިރި ވާން އުޅުނެވެ. އެ އަނދިރި ކަމުގެ ތެރެއަށް ދާން ބޭނުން ވި ނަމަވެސް އިފާޝާ އެކަމަށް ދެކޮޅު ހެދިއެވެ.
“އިފާ… ޒާ… ޒާ… ޕްލީޒް…” މާޔާއަށް ވާހަކައެއް ނުދެއްކުނެވެ. ނަމަވެސް މާޔާ ބުނަން ބޭނުންވީ ކީކޭ ކަން އިފާޝާއަށް ވިސްނުނެވެ. އަވަސް އަވަހަށް ބޯޖަހާލަމުން އިފާޝާ މާޔާގެ އަތްތިލައިގައި ހިފާލިއެވެ.
މާޔާގެ މޫނު މަތިން އެވަގުތު ހިނިތުން ވުމެއް ފެނުނެވެ. އެހިނިތުން ވުމާއެކު މާޔާގެ ލޯ މެރުނެވެ.
ލޮލުން އައި ކަރުނައާ އެކު އިފާޝާ ލޯމަރާލަމުން ވައަތް ފަރާތަށް އެނބުރިލިއެވެ. މާޔާގެ ލޯމެރުނީ އަބަދަށްޓަކާ ކަން ގަބޫލު ކުރަން ބޭނުން ނުވެފައެވެ. ނަމަވެސް ދެން ލޯހުޅުވާލުމާ އެކު އިފާޝާއަށް ފެނުނު މަންޒަރުން ސިކުނޑި މަސައްކަތް ކުރުން ހުއްޓުނު ކަހަލައެވެ.
“އާމިރު…!” އިފާޝާއަށް އަމިއްލަ އަޑު އިވުނީ ހުސް ވާދީއެއްގައި އެއަޑު އެކޯ ވެގެން ދިޔަފަދަ ގޮތަކަށެވެ. ނަމަވެސް ހަގީގަތުގައި އިފާޝާގެ އަޑު އާމިރުއަށްވެސް އިވުނީ ކިރިޔާއެވެ.
“އިފާ… ޒިޔާން… މާޔާ…” އާމިރުގެ ލޮލުން ކަރުނަ ތިއްކެއް ފޭދިގެން ދިޔައެވެ. މޫނުގައި ވާ ލޭގެ ތެރެއިން ހުދު ރޮނގެއް ކުރެހުނެވެ.
ކަންތައް ވީގޮތް އާމިރުއަށް އެނގެއެވެ. ދެން ވާނެ ގޮތްވެސް އާމިރުއަށް އިހުސާސް ކުރެވެއެވެ.
“ޒިޔާން… އަހަރެން… އަޑު އެހިން… މާޔާ… ޒާ…” އާމިރު ވާހަކަ ދެއްކީ އުނދަގުލުންނެވެ. އިފާޝާއާ ޒިޔާން އާމިރުއަށް ބަލަން ތިއްބެވެ.
“ޒިޔާން… އިފާގެ އެއްވެސް މީހަކު ނެތް… އަޅާލާނެ މިހާރު… ޒިޔާން ނޫނީ… އަހަރެން ވަސިއްޔަތް ކުރަން… ޒިޔާން އިފާއާ… ކައިވެނި ކުރައްޗޭ…” އެވަރަށް ބުނެފައި އާމިރު އަތް ދިއްކޮށްލިއެވެ.
ޒިޔާން އާމިރުގެ އަތުގައި ހިފާލިއެވެ. އިތުރު އެއްވެސް ވިސްނުމަކާ ނުލާ ޒިޔާން ބޯޖަހާލިއެވެ.
“އިފާ…” އާމިރު ގޮވާލިއެވެ.
އާމިރުގެ އަތުގައި ހިފާލަމުން އިފާޝާ ލޯމަރާލާފައި ދެފަރާތަށް ބޯހަލުވާލިއެވެ. އާމިރުގެ އެދުމާ ދެކޮޅު ހަދާކަށް ނޫނެވެ. އާމިރުއާ ވަކިވުމަށް ނޭދޭތީއެވެ.
“އިފާ…” އަނެއްކާވެސް އާމިރު ގޮވާލިއެވެ.
އިފާޝާ ލޯހުޅުވާ އާމިރުގެ މޫނަށް ބަލާލިއެވެ.
“އާމިރު…” ޒިޔާން އެއްޗެއް ބުނަން އުޅުނެވެ.
“ޒިޔާން… ދެކޮޅު ނަހަދާ، އިފާވެސް… ޕްލީޒް… މިވަގުތު އަހަރެންގެ ހިތްހަމަ ޖައްސައިދީ…” އާމިރު އިފާޝާއާ ޒިޔާންގެ މޫނަށް ވަކިވަކިން ބަލާލި އިރު އެލޮލުގައި ވަނީ އާދޭހެވެ.
އިފާޝާ ރޮވިފައި އިނދެ ބޯޖަހާލިއެވެ.
“ޒާ…” އާމިރު ޒިޔާންގެ އުނގުގައި ޒިޔާންގެ މޭގައި މޫނު ޖައްސައިގެން އިން ޒާޔާގެ ބޮލުގައި ފިރުމާލިއެވެ. އެއާއެކު އާމިރުގެ އަތް ވާގި ނެތް ގޮތަކަށް ވެއްޓުނެވެ.
“އާމިރު!” އިފާޝާގެ އަތުތެރޭ އޮތް އާމިރުގެ އަތްތިލައިގައި ހިފާ ތަޅުވައިގަންނަމުން އިފާޝާއަށް ހަޅޭ ލަވައިގަނެވުނެވެ. އެހުރިހާ އިރު އިފާޝާގެ ކައިރީގައިވި އަނދިރިކަން އައިސް އެވަގުތު އިފާޝާ ވަށާލިއެވެ.
އިފާޝާ އޮތް އެނދު ކައިރީގައި ގޮނޑީގައި ޒިޔާން، އެނދުގައި އުޅަނބޮށި ޖައްސާލައިގެން ދެއަތްތިލައިގެ ތެރޭ މޫނު ފޮރުވާލައިގެން އިނެވެ.
ކުޑަކުޑަ ޒާޔާއަށް އެކްސިޑެންޓްގައި އަނިޔާއެއް ނުވި ނަމަވެސް އޭގެ ފަހުން މިވީ 4 ގަޑިއިރުތެރޭ އެކުއްޖާ މާޔާއަށާ އިފާޝާއަށް އެތައް ފަހަރަކު ގޮވިއެވެ. ރޮއެރޮއެ ވަރުބަލި ވެފައިވާ ޒާޔާ އެވަގުތު އޮތީ ހޮސްޕިޓަލުން ދިމާވި، ޒިޔާންގެ މަންމަގެ އުމުރުގެ މީހެއް ކަމަށްވާ ފަރީދާގެ އުނގުގައި ނިދިފައެވެ.
ޒިޔާން މޫނުން އަތް ނަގާ ދެއަތުން މޫނު ފޮހެލާފައި ތެދުވެ ވޯޑުން ބޭރަށް ނިކުތެވެ. އެތާ ހުރި ގޮނޑި ބަރީގައި ފަރީދާ ޒާޔާ ގޮވައިގެން އިނެވެ.
“ނުހޭލާ ދޯ؟” ޒިޔާން އަހާލިއެވެ.
“ކޮއްކޮ އިހަށް ދޭ އޭނަ ކައިރިއަށް، ދަރިފުޅު ހޭލީމަ ގޮވާލާނަން… އޭނައަށް ހޭލެވޭ އިރު ކައިރީގަ މީހަކު ހުންނަން ވާނެ…” ހިތް ހެޔޮ ހިނިތުންވުމަކާ އެކީ ފަރީދާ ބުނެލިއެވެ.
ބޯޖަހާލާފައި، ޒާޔާގެ ބޮލުގައި ފިރުމާލާފައި ޒިޔާން އަނެއްކާވެސް ވޯޑަށް ވަނެވެ.
ޒިޔާންއާ ފަރީދާ ދިމާވީ ހޮސްޕިޓަލުންނެވެ. ރޮމުން ދިޔަ ޒާޔާ ހުއްޓުވޭތޯ މަސައްކަތް ކުރަމުން ދިޔަ ޒިޔާން ފެނި ފަރީދާއަށް ޒިޔާންއާ މެދު ހަމްދަރްދީ ވެވުނެވެ. އެވަގުތު ޒިޔާންގެ ހާލަތު ފަރީދާއަށް ވިސްނުނު ކަހަލައެވެ. ޒިޔާން ކައިރިއަށް އައިސް ޒާޔާއާ ދިމާއަށް އަތް ދިއްކޮށްލުމާ އެކު، އެއްވެސް ޑޮކްޓަރެއް ނުވަތަ ނަރުހެއް ކައިރިއަށް ނުދިޔަ ޒާޔާ އެއްވެސް ނުރުހުމެއް ނުދައްކާ ފަރީދާ ގާތަށް ދިޔައެވެ.
ދެގަޑިއެއްހާ އިރު ޒާޔާ އުރާލައިގެން ހުރުމަށް ފަހު ސުވާލު ކޮށްލުމުން ޒިޔާން ފަރީދާއަށް ހުރިހާ އެއްޗެއް ކިޔާދިނެވެ. ދަންނަ މީހަކު ނެތް ތަނެއްގައި އެހީތެރިއަކަށް ޒިޔާންގެ ހިތް އެދުނު ވަރުން ކަންނޭނގެއެވެ.
އެވަގުތުން ފެށިގެން ފަރީދާގެ އެހީތެރިކަން ޒިޔާންއަށް ލިބެމުން ދިޔައީ ތިމާގެ މީހަކު ފަދައިންނެވެ.
އިފާޝާ ލޯހުޅުވާ ދެފަރާތަށް ބަލާލިއެވެ. ބިރުވެރި ހުވަފެނެއް ފަދައިން ހުރިހާ ކަމެއް މަޑުމަޑުން އިފާޝާގެ ހަނދާނަށް އަންނަމުން ދިޔައެވެ.
“ޒިޔާން… އެއީ ހަގީގަތެއް ނޫން ދޯ؟ މާޔާ… އާމިރު…” އިފާޝާއަށް ބުނަން އުޅުނު އެއްޗެއް ފުރިހަމައެއް ނުކުރެވުނެވެ.
ޒިޔާން ޖަވާބެއް ނުދެއެވެ. ނަމަވެސް އެލޮލުން ފޭބި ކަރުނަ އިފާޝާއަށް ޖަވާބަކަށް ފުދުނެވެ.
އެވަގުތުން ފެށިގެން އިފާޝާ ވާހަކައެއް ނުދައްކައެވެ. ޒިޔާންއާ ޑޮކްޓަރުންގެ އެތައް މަސައްކަތަކުންވެސް އިފާޝާގެ ފަރާތުން އެއްވެސް ބަދަލެއް ނުފެނުނެވެ.
ހޭލެވުނީއްސުރެން މަންމައާ އިފާމަންމަ ކައިރިއަށް ދާން ރޮމުން ދިޔަ ޒާޔާއާ އިފާޝާ ހަމައަކަށް އެޅުވޭތޯ ޒިޔާން މަސައްކަތް ކުރަމުން ދިޔައެވެ. އަމިއްލަ ކަރުނަ ފޮރުވައިގެންނެވެ. އަމިއްލަ ހިތުގެ ރިހުން ސިއްރު ކޮށްގެންނެވެ.
ނަމަވެސް އަނެއް ދުވަސް ވީއިރު ޒިޔާންއަށް ހަދާނެ ގޮތް ހުސްވި ކަހަލައެވެ. އެންމެ ފަހުން ޒާޔާ ގޮވައިގެން އައިސް އިފާޝާގެ އުނގުގައި ޒިޔާން ރޮމުން ދިޔަ ޒާޔާ ބޭންދިއެވެ.
ޒާޔާ ފެނުމުން އިރުކޮޅަކު ބަލަހައްޓައިގެން އިދެފައި އިފާޝާ ބާރަށް ރޯން ފެށިއެވެ. ޒާޔާ ގައިގައި ބައްދަމުން ބޮސްދެމުން ދިޔައިރު އަބަދާ އަބަދު މާޔާ ދައްކާ ވާހަކަ އިފާޝާ ހަނދާން ވިއެވެ. އެންމެ ފަހު ވަގުތު މާޔާ ބުނި ބަސްތައް ސިކުނޑީގައި ތަކުރާރު ވަމުން ދިޔައެވެ.
އިފާޝާވެސް ޒާޔާވެސް ކޮންމެވެސް ވަރަކަށް ހަމަޖެހުނީ އޭގެ ފަހުންނެވެ. ނިންމަން ޖެހޭ ހުރިހާ ކަމެއް ނިންމުމަށް ފަހު ޒިޔާންއާ އިފާޝާއަށް ޒާޔާ ގޮވައިގެން މާލެއަށް އާދެވުނީ އެހާދިސާ ހިނގިތާ ފަސް ދުވަސް ފަހުންނެވެ.
މާލެ އައި ގޮތަށް އިފާޝާ ދިޔައީ ގެޔަށެވެ. އެއަރޕޯޓުން އައިސް ފެރީއިން ފޭބި ގޮތަށް އިފާޝާ ބޭނުންވީ އެކަނި ވެލާށެވެ. ކުޑަ ވަގުތުކޮޅަކަށް ޒާޔާއާވެސް ވަކިވެލާށެވެ.
ޒިޔާން އިފާޝާ ގާތު އެކަނި ގެޔަށް ނުގޮސް ޒިޔާންމެން ގޭގައި ހުރުމަށް ބުނުމުން އިފާޝާ ދެކޮޅު ހެދީ އެހެން ވެގެންނެވެ. އެތައް ފަހަރަކު ބުނުމުންވެސް އިފާޝާ އެއްބަސް ނުވުމުން އެންމެ ފަހުން ޒިޔާން ދޫކޮށްލީ އެގޮތް ބޭނުން ވެގެންނެއް ނޫނެވެ. އިފާޝާގެ އެދުމަށް އިހްތިރާމް ކުރުމުގެ ގޮތުންނެވެ.
އިފާޝާއާ އެކު ގެޔާ ހަމައަށް ޒިޔާން ދާން އުޅުމުން އިފާޝާ އެކަމަށްވެސް ދެކޮޅު ހެދިއެވެ. ޒިޔާން ހުންނާނީ ވަރުބަލި ވެފައި ކަމަށާ، ޒާޔާ ގޮވައިގެން އަވަހަށް ގެޔަށް ދިޔުމަށް އިފާޝާ ބުނުމުން ޒިޔާން އެއްބަސްވީ ކަމެއް ބޭނުން ވެއްޖެ ނަމަ ޒިޔާންއަށް ގުޅުމަށް ބުނަމުންނެވެ.
އެއަރޕޯޓުން ފެށިގެންވެސް އިފާޝާގެ އުނގުގައި އިން ޒާޔާ ގައިގައި ބައްދާލަމުން އެތުއްތު މޫނުގައި ބޮސް ދިފައި އިފާޝާ ޒިޔާން އަތަށް ޒާޔާ ދީފައި ޓެކްސީއަށް އެރިއެވެ. އިފާޝާ ދިޔަ މަންޒަރު ބަލަން ޒާޔާވެސް ނުރޮއެ އިނެވެ.
“އިފާވެސް މިގެޔަށް ގެނައި ނަމަ ދަރިފުޅާ… އޭނަ އެކަނި ވީމަ ކިހިނެއް ވާނީ؟” ގެޔަށް ވަން ޒިޔާން ފެނުމާ އެކު ޒިޔާން އަތުން ޒާޔާ ނަގާ އުރާލަމުން ޒިޔާންގެ މަންމަ ރަމްޒިއްޔާ ބުންޏެވެ.
އެކްސިޑެންޓް ވީ ދުވަހު ޒިޔާން ރަމްޒިއްޔާއަށް ގުޅާ ކަންތައް ވީގޮތް ކިޔާ ދިނުމުން ޒިޔާންމެން މާލެ އަންނަން ވާއިރަށް ރަމްޒިއްޔާ މާލެއަށް އައީ ޒިޔާން ބުނެގެންނެއް ނޫނެވެ. ދަރިފުޅަށް ދިމާވި ހިތްދަތި ހާދިސާގައި ދަރިފުޅާ އެކުގައި ވުމަށް އައީއެވެ. ޒިޔާންގެ ބޭނެމެންނާ ދައްތަމެންވެސް އަންނަން ބޭނުންވިއެވެ. ނަމަވެސް ސްކޫލްތަކުގެ ކިޔެވުން ބަންދު ނުވާތީއާ، ވަޒީފާގެ ގޮތުން ޒިޔާންގެ ތިއްތިބޭ ޒައިދު ނޫން މީހަކަށް ނާދެވުނީއެވެ.
“އަހަރެން ބުނިން އިފާ ކައިރީގަ މިގެޔަށް އަންނަން، އެކަމަކު އިފާ ބޭނުންވީ ގެޔަށް ދާން” ވަރުބަލި ވެފައިވާ މިހަކު ފަދައިން ސޯފާގައި އިށީންނަމުން ޒިޔާން ބުންޏެވެ.
“ތެދެއް މަންމާ، ޒިޔާން ބުނި، އަހަރެންވެސް ބުނިން، އެކަމަކު އިފާ އެއްގޮތަކަށްވެސް ގަބޫލެއް ނުވި. މިވަގުތު ދެން ގަދަ ކަމުން ގެނައުން ރަނގަޅެއްވެސް ނުވާނެއެއްނު؟ އެހެންވެ ޒިޔާން އަޅާނުލީ” ފޮށި ހިފައިގެން ޒިޔާންގެ ފަހަތުން ވަން ޒައިދު ބުންޏެވެ.
“އެކަމަކު ޒިޔާން ދާން ވާނެ އިފާ އުޅޭނޫޅޭ ގޮތް ބަލާލަން، އަހަރުމެން ނޫނިއްޔާ ދެން އޭނަޔާ އަޅާލާނެ ބަޔަކުވެސް ނުތިބޭނެ” ރަމްޒިއްޔާ ބުންޏެވެ.
“އާނ މަންމާ، އަހަރެން ބަލާނަމޭ…” އާމިރުގެ ވާހަކަ ހަނދާން ކުރަމުން ޒިޔާން ބުނެލިއެވެ.
ގެޔަށް އާދެވުނު އިރު އިރު އޮއްސިފައި ވާތީ ޒިޔާންއަށް ސައި ހަދާފައި ރަމްޒިއްޔާ އުޅުނީ ޒާޔާއަށް ކާން ދޭށެވެ. ބަނޑުހައި ވެފައި ހުރި ނަމަވެސް ޒިޔާންއަކަށް ސައެއް ނުބޮވުނެވެ. އެކިއެކި ޚިޔާލުތަކުން ސިކުނޑި ބަރުވަމުން ދިޔައެވެ. ހަމަ އެކަނި ކޮފީތަށި ބޯލައިގެން މިސްކިތަށް ގޮސްފައި ޒިޔާން ގެޔަށް އައީ އަށެއް ޖެހި ފަހުންނެވެ. އޭރު ޒާޔާއަށް ނިދިފައި އޮތުމުން ޒިޔާންވެސް ކޮޓަރިއަށް ވަދެ އޮށޯވެލިއެވެ. ވަރުބަލި ވެފައި ހުރި ވަރުން ގިނަ އިރެއް ނުވެ ޒިޔާންއަށް ނިދުނެވެ. އެހާދިސާގެ ފަހުން ޒިޔާންއަށް ހަމަ ނިދި ނިދާލެވުނީ އެރެއެވެ.
ރަމްޒިއްޔާ ކާން ހަދާފައި ކާން ގޮވަން ދިޔަ އިރު ޒިޔާންއަށް ނިދިފައި އޮތުމުން ނުގޮވާ ދިޔައީއެވެ.
ނުނިމޭ
12 Comments!
Comments are closed.
Hope u like thisss… part 3 on sunday.. ☺
Im first…very nyccc
Vrh salhi.. Dhn kihinehbaa vaany?
v dhera vejje… hama rovifa miny… waiting for the next part
Oh v reethi..bt vvv dheravi maaya nd amir maru v ma….nxt part avahah up kurahchey
Dhen vaane gothakee ifaa bandu boduvaanee
Eves aamiruge dhariakah
Ifaa ah engeynee kudathankolheh fahun
Ziyaan aa ifaa kaivenives kuraane
Zaa boduvegen meehakaa ves indhey
Ziyaan aa ifaa vaki nuvevey varah lobives vaane
Kurin mivaahaka kiyaafa ineema mihen mi bunee
:$:-P;-)
V habays…..????
V nice
Khon site akuntha maree keyee
Esite eh mihaaraku neh. V reethi vaahaka eh mi. Thanks dhevana faharah kiyaalan libunyma.
Kobaatha meyadhu ge part