
ހިތް އެދެނީ 3
އޭރު ޒާޔާއަށް ނިދިފައި އޮތުމުން ޒިޔާންވެސް ކޮޓަރިއަށް ވަދެ އޮށޯވެލިއެވެ. ވަރުބަލި ވެފައި ހުރި ވަރުން ގިނަ އިރެއް ނުވެ ޒިޔާންއަށް ނިދުނެވެ. އެހާދިސާގެ ފަހުން ޒިޔާންއަށް ހަމަ ނިދި ނިދާލެވުނީ އެރެއެވެ.
ރަމްޒިއްޔާ ކާން ހަދާފައި ކާން ގޮވަން ދިޔަ އިރު ޒިޔާންއަށް ނިދިފައި އޮތުމުން ނުގޮވާ ދިޔައީއެވެ.
ގެޔަށް ވަން ގޮތަށް އިފާޝާ އަނދިރި ވެފައިވާ ސިޓިންގރޫމްގެ ބޮކި ދިއްލާލިއެވެ. އެއާއެކު ފުރަތަމަވެސް ފެނުނީ ފާރުގައި އަޅުވާފައި ހުރި އިފާޝާއާ އާމިރު އެކުގައި ނަގާފައިވާ ފޮޓޯއެވެ.
ލޮލުން ކަރުނަ އަންނަން ފެށީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. ރޮއެގަނެވުމާއެކު އަނގަމަތީ އެއްއަތް އަޅާލަމުން އިފާޝާ ފޮޓޯ ކައިރިއަށް ގޮސް އާމިރުގެ މޫނުގައި އަތް ޖައްސާލިއެވެ.
“އާމިރު… އަހަރެން ދެން ކިހިނެއް އުޅޭނީ؟ ކާކު ދެން އަހަންނަށް އަޅާލާނީ؟ ކާކު ދެން އަހަރެންގެ އެކަނިވެރިކަން ފިލުވަދޭނީ؟ ކީއްވެ…؟ ކީއްވެ އަހަންނަށް މިހެން ދިމާ ވާންވީ؟” އިފާޝާ ރޮމުން ހިތާހިތާ ޝަކުވާ ކުރަމުން ދިޔައެވެ.
ފޮޓޯއަށް ފުރަގަސް ދެމުން އިފާޝާ ވަށައިގެން ބަލާލިއެވެ. ކޮންމެ ދިމާލަކުން، ކޮންމެ އެއްޗަކުން އާމިރުގެ ހަނދާންތައް އާކޮށްދެމުން ދިޔައެވެ. އިފާޝާ ލޯމަރާލިއެވެ. އެހެން ނަމަވެސް ހިތަށްވެސް ފެންނަމުން ދިޔައީ އެފަދަ މަންޒަރުތަކެވެ. އާމިރުގެ ހެވިފައިވާ މޫނެވެ.
ބެލްގެ ސްވިޗް އޮފްކޮށްލާފައި އިފާޝާ ސިޓިންގރޫމްވެސް ނިވާލާފައި ކޮޓަރިއަށް ވަނެވެ. އަޅާލެވޭ ކޮންމެ ފިޔަވަޅަކާ އެކު އާމިރުގެ ހަނދާންތަކުން ހިތަށް އަނިޔާ ލިބެމުން ދިޔައެވެ.
ކޮޓަރީގެ ފޯންގެ ރިންގްވެސް އިފާޝާ އޮފް ކޮށްލިއެވެ. މަޑު ހިނގުމެއްގައި ގޮސް އެނދުގައި އިށީނެވެ. އެނދުގައި އާމިރު ނިދާ ފަރާތުގައި އޮތް ބާލީހުގައި އިފާޝާ އަތް ޖައްސާލިއެވެ. އަނެއްކާވެސް ރޮއެގަންނަމުން އިފާޝާ އެނދުގައި އޮށޯވެ އެބާލީހުގައި މޫނު ފޮރުވާލިއެވެ.
ދެން ދުވަހަކުވެސް އާމިރުގެ އަޑެއް ނީވޭނެއެވެ. އެމޫނެއް ނުފެންނާނެއެވެ. އެއަތުގެ ބީހުން އިހުސާސެއް ނުކުރެވޭނެއެވެ. އެހަށިގަނޑުގެ ހޫނުކަން އިހުސާސެއް ނުކުރެވޭނެއެވެ. އެއަތުގެ ހިމާޔަތެއް ނުލިބޭނެއެވެ. އެހެން ނަމަވެސް އެހިތުގައި އިފާޝާއަށް ޓަކާ ވާ ލޯބި އަބަދުވެސް އިހުސާސް ކުރެވޭނެއެވެ.
ހަމަ އެހެން އެއްބަނޑު އެއްބަފާ ދައްތައެއް ފަދަ ރަހުމަތްތެރިޔާގެ އުނިކަން އޭރުވެސް އިފާޝާއަށް އިހުސާސް ކުރެވެމުން ދިޔައީ ފޫނުބެއްދޭނެ ފަދަ ހުސް ކަމަކާ އެކުގައެވެ. ތިމާގެ އެއްވެސް މީހަކު ނެތް ދުނިޔޭގައި އިފާޝާއަށް ލިބުނު އެ ރަހުމަތްތެރިޔާ ވެގެން ދިޔައީ އިފާޝާގެ އާއިލާއަށެވެ. އާމިރު ފިޔަވާ އިފާޝާގެ އެންމެ ގާތް ފަރާތަށެވެ. އެންމެ ލޯބިވީ ފަރާތާ އެންމެ ގާތް އެކުވެރިޔާ ނެތުމުން މިބޮޑު ދުނިޔޭގައި ދެން އިފާޝާއާ އަޅާލާނެ އެކަކުވެސް ނެތް ކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ.
ޒިޔާންއަށް ހޭލެވުނީ އަނެއް ދުވަހު ހެނދުނު ނުވައެއް ޖެހި ފަހުން ޒާޔާ އައިސް ގޮވާލުމުންނެވެ.
“ޑެޑީ، ޒާ ފޫހި ވަނީ” ޒިޔާން ލޯހުޅުވާލުމުން ޒިޔާންގެ މޭމަތީ އޮށޯންނަމުން ޒާޔާ ބުނެލިއެވެ.
“ބޭބީ ކީއްވެ ކުރިން ޑެޑީއަށް ގޮވާނުލީ؟” ޒާޔާ ގައިގައި ބައްދާލަމުން ޒިޔާން އަހާލިއެވެ.
“ކަމެއް ނުވޭ، މާމަ ބުނީ ޑެޑީ ސައިބޯން ތެދުވާށޭ” ޒާޔާ ބުންޏެވެ.
ޒިޔާން ފެނަވަރާ ހަދައިގެން ނިކުމެ ސިޓިންގރޫމްގައި އިން ރަމްޒިއްޔާ ގާތު އިށީނެވެ.
“މަންމަ ކުރިން ގޮވާލި ނަމަ… ރޭގަވެސް ހުރީ އިފާމެން ގެޔަށް ގޮސްލަން ކަމަށް” ޒިޔާން ބުންޏެވެ.
“ނިދިފަ އޮތީމަ ނުގޮވީ. މަންމަ ރޭވެސް މިއަދުވެސް އިފާއަށް ގުޅިން، ފޯން ނިވާލާފައޭ ބުނަނީ، ގޭފޯނެއް ނުނަގާ” ރަމްޒިއްޔާ ބުންޏެވެ. އަދި ތެދުވެގެން ގޮސް ޒިޔާންއަށް ސައި ހަދަން ފެށިއެވެ.
“އެހެންތަ؟ އޮފީހަށް ވަދެލާފަ ދާނަން އިފާމެން ގެޔަށް” ޒިޔާން ބުންޏެވެ.
ސައި ހަދާފައި ރަމްޒިއްޔާ ޒިޔާންއަށް ގޮވިއެވެ.
“ސައެއް ނުބޯނަން މަންމާ” ޒިޔާން އެއްވެސް ގޮތަކަށް ކާހިތެއް ނެތެވެ.
“ޒިޔާން ރޭގަވެސް ނުކަމެއްނު؟ އެއްޗެއް ނުކައި ހުންނާކަށް ނުވާނެ” ރަމްޒިއްޔާ ހިތްހަމައެއް ނުޖެހުނެވެ.
ޒިޔާން ތެދުވެގެން ގޮސް ކޮފީތަށި ބޯލިއެވެ.
“މަންމާ، ޒާ ސައި ބުއީތަ؟” ޒިޔާން އެހިއެވެ.
“އާނ، ސައި ބުއި، އެކަމަކު ފޫހި ވެގެން އުޅެނީ” ރަމްޒިއްޔާ ބުންޏެވެ.
ޒިޔާން ކޮޓަރިއަށް ވަން އިރު ޒާޔާ ކުޅެން އިނެވެ. ޒިޔާން ގޮސް ޒާޔާ ކައިރީގައި އިށީނެވެ.
“ބޭބީ، ޑެޑީ އަންނާނަން އޮފީހަށް ގޮސްލާފަ އިނގޭ، ޑެޑީ އަންނަން ދެން ބަސް އަހައިގެން މާމަ ކައިރީ ހުންނައްޗޭ” ޒާޔާގެ ބޮލުގައި ފިރުމާލަމުން ޒިޔާން ބުންޏެވެ.
ބޯޖަހާލާފައި ބަސް އަހައިގެން ހުންނާނެ ކަމަށް ބުނެފައި ޒިޔާން އަންނަ އިރު ކުޅޭ އެއްޗެއް ގެނެސްދިނުމަށް ޒާޔާ އެދުނެވެ. އެކަމަށް އެއްބަސް ވަމުން ޒިޔާން ނިކުތެވެ.
ޒިޔާން އޮފީހަށް ގޮސް ވޭތުވެ ދިޔަ ތިން ހަފްތާއެއްހާ ދުވަހުގެ މަސައްކަތް ޗެކްކޮށް އެދުވަހު ކުރަން ހުރި ކަންތައް ކޮށް ނިމުނު އިރު 3 ޖަހައިފިއެވެ. ޒިޔާން މޭޒުމަތީ ހުރި ފައިލްތައް ދުރުކޮށްލާފައި ގޮނޑީގައި ލެނގިލިއެވެ.
މޭޒުމަތީ ހުރި ޒިޔާންއާ މާޔާއާ ޒާޔާގެ ފޮޓޯއަށް ޒިޔާންގެ ނަޒަރު ހުއްޓުނެވެ. ފްރޭމް ނަގާ މާޔާގެ މޫނަށް ބަލަން ޒިޔާން އިރުކޮޅަކު އިނެވެ. ދޭތެރެއަކުން މާޔާ ބުނެލާ މަޖާ ބަސްތަކާ އެ ހުނުމުގެ އަޑު ޒިޔާންގެ ސިކުނޑީގައި އެނބުރިގެން ދިޔައެވެ. އަބަދުވެސް އެންމެ ހީނުވާ ވަގުތުގައި ޒިޔާން ކައިރިއަށް އައިސް، ނުވަތަ ކައިރީގައި ނެތް ނަމަ ފޯނުންވެސް ޒިޔާން ދެކެ ލޯބިވާ ވަރު މާޔާ ބުނެދޭ ގޮތް ޒިޔާން ހަނދާން ވިއެވެ.
“ހަމަ ބުނެލާ ހިތުން ނުހުރެވިގެން މިއުޅެނީ… ޒިޔާން އައި ލަވް ޔޫ، އައި ލަވް ޔޫ، އައި ލަވް ޔޫ…” ކަރީގައި ހުރި ނަމަ އެރީތި ތުންފަތުގެ މީރު ހަދިޔާއަކާ އެކު މާޔާ ބުނެލާ އެލޯބި ބަސްކޮޅު ހަނދާން ވުމުން ޒިޔާންގެ ތުންފަތަށް ވެރިވި ހިނިތުންވުމާ އެކު އެލޮލުން ކަރުނަ އައެވެ.
އަދިވެސް، އެންމެ ފަހަރަކު ނަމަވެސް އެބަސްކޮޅު އަޑު އަހާލުމަށް ޒިޔާން ނުކުރާނީ ކޮން ކަމެއް ހެއްޔެވެ؟
ލޯ ފޮހެލާފައި ފްރޭމް ބަހައްޓާފައި ކެބިން އިން ނިކުމެ ޖެހިގެން ހުރި އާމިރުގެ ކެބިންއަށް ޒިޔާން ވަނެވެ. ތިން ހަފްތާ ކުރިން އާމިރު އެއެއްޗެއް ބެހެއްޓި ތަނެއްގައި އެތާ ހުރި ކޮންމެ އެއްޗެއް ހުއްޓެވެ. އެއްވެސް އެއްޗަކަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ނަމަވެސް ފެންނަން ނެތަސް އެކެބިންއަށް އައިސްފައިވާ ބަދަލު ޒިޔާންގެ ހިތަށް އިހުސާސް ކުރެވުނެވެ.
އެންމެ ގާތް ރަހުމަތްތެރިޔާގެ ވަކިވުން ޒިޔާންގެ ހަށިގަނޑުން ބައެއް އުނިކޮށްފައިވާ ފަދައެވެ. މާލޭގައި ކިޔަވަން އައިސް ޒިޔާން އެކަނި ހުރި އިރު އާމިރުގެ ފަރާތުން ލިބުނު އެހީތެރިކަމާ އާމިރުގެ ހިތްހެޔޮކަން ޒިޔާން ދުވަހަކުވެސް ހަނދާން ނުނެތޭނެއެވެ. އެކަހަލަ މީހަކު ޒިޔާން އެނޫނީ ދެކެފައެއް ނެތެވެ. އެފަދަ އެކުވެރިޔަކު ދެން ނުލިބޭނެއެވެ.
އާމިރުގެ ކެބިންއިން ނިކުމެގެން ގޮސް ޒިޔާން އަމިއްލަ ކެބިންއަށް ވަދެ އިށީނެވެ. އިރުކޮޅަކު ވިސްނަން އިނދެފައި ޒިޔާން ފޯން ނަގާ އިފާޝާގެ މޮބައިލް ނަމްބަރަށް ގުޅާލިއެވެ.
ރަމްޒިއްޔާ ބުނިހެން އިފާޝާގެ ފޯން އޮތީ ނިއްވާލާފައެވެ. ޒިޔާން އިފާޝާމެން ގޭ ނަމްބަރަށް ގުޅާލިއެވެ. ރިންގް ވެފައި ކެނޑުނު އިރުވެސް އެކޮޅުން ފޯނެއް ނުނަގައެވެ. ތިން ވަނަ ފަހަރަށް ގުޅައިގެން ހުއްޓާ ޒިޔާންގެ ފޯން ރިންގް ވިއެވެ. ފޯން ބާއްވާފައި ޒިޔާން މޮބައިލް ނަގާ ބަލާލި އިރު ގުޅަނީ ރަމްޒިއްޔާއެވެ.
“ކީކޭ މަންމާ؟” ޒިޔާން ފޯން ނަގާ އަހާލިއެވެ.
“ޒާޔާ ރޯވަރުން މިގުޅީ” ރަމްޒިއްޔާ އެހެން ބުނެފައި ޒާޔާ އަތަށް ފޯން ދިނެވެ.
“ޑެޑީ، ޒާ ފޫހި ވަނީ” ރޮވިފައި ޒާޔާ ބުންޏެވެ.
ޒާޔާއާ މެދު ޒިޔާންގެ ހިތުގައިވާ ހާސްކަން އިތުރު ވެގެން ދިޔައެވެ. މާޔާއާ ނުލާ ޒިޔާން ޒާޔާ ގެންގުޅޭނީ ކިހިނެއް ހެއްޔެވެ؟ މާޔާއާ ނުލާ ޒިޔާން އުޅޭނީ ކިހިނެއް ހެއްޔެވެ؟
ހިތަށް ވެރިވި ނުތަނަވަސް ކަމާއެކު ޒިޔާންގެ ސިކުނޑި މަސައްކަތް ކުރުން ހުއްޓާލި ކަހަލައެވެ. މާޔާގެ ފަހު ނޭވަޔާ އެކު ޒިޔާންގެ ނޭވާވެސް ހުސްވި ނަމައޭ ޒިޔާން ހިތަށް އެވަގުތު އެރިއެވެ.
“ޑެޑީ…” ޒާޔާ ގޮވާލި އަޑު އިވުނެވެ.
އެއާއެކު ޒިޔާންގެ ދިރިހުރުމުގެ އެންމެ މުހިންމު ސަބަބަކީ ޒާޔާކަން ޒިޔާންއަށް ކުއްލިއަކަށް އިހުސާސް ކުރެވުނެވެ. އާއެކެވެ. ޒިޔާން ހިތްވަރު ކުރަން ޖެހޭނެއެވެ. ޒާޔާއަށް ޓަކައެވެ.
“ޒާ ބޭބީ، ނުރޮއެ… ޑެޑީ މިހާރު މިދަނީ އިނގޭ، ހަމަ މިހާރު މިދަނީ” ޒިޔާން ބުންޏެވެ.
“ޓޯއިއެއް ހިފައިގެން އަންނައްޗޭ ޑެޑީ” ޒާޔާ އެދުނެވެ.
“އާނ، ޓޯއިއެއް ހިފައިގެން މިދަނީ. ދެން މާމަ އަތަށް ފޯން ދީ އިނގޭ” ޒިޔާން ބުންޏެވެ.
“ޒިޔާން، އިފާމެން ގެޔަށް ދިޔައިންތަ؟” ރަމްޒިއްޔާ ސުވާލު ކޮށްލިއެވެ.
“އަދި ނުދަން މަންމާ، މިތާނގަ މަސައްކަތާ ހެދި އަދި ވަގުތެއް ނުވެގެން، މިހާރު ގެޔަށް މިދަނީ، ގެޔަށް ވަދެލާފަ ދާނަން” ޒިޔާން އިފާޝާއާ މެދުވެސް ކަންބޮޑު ވިއެވެ. އިއްޔެ މާލެ އައި ފަހުންވެސް އަދި އިފާޝާގެ ޚަބަރެއް ނުވެއެވެ. އިފާޝާ ފޯން ނުނަގަނީ ކީއްވެ ބާއޭ ޒިޔާން ހިތަށް އެރިއެވެ.
ޒިޔާން ގެޔަށް ވަން އިރު ރަމްޒިއްޔާ ޒާޔާއަށް ކާން ދެވޭތޯ އުޅެއެވެ. ޒިޔާން ފެނުމާ އެކު ޒާޔާ ދުވެފައި އައިސް ޒިޔާން ގައިގައި ބައްދައިގަތެވެ.
“ކީއްވެތަ ޒާ ބޭބީ ފޫހި ވަނީ؟” ޒާޔާ އުރާލާފައި އެތުއްތު މޫނުގައި ބޮސް ދެމުން ޒިޔާން އަހާލިއެވެ.
“ޑެޑީ ނެތީމަ ޒާ ވަރަށް ފޫހި ވޭ… މަންމިވެސް ނެތް… އިފާ މަންމަވެސް މިހާރު ޒާ ކައިރިއަކަށް ނާދޭ” ޒާޔާއަށްވެސް މާޔާ ނެތްކަމުގެ އިހުސާސް ކުރެވޭ ކަން ފުރަތަމަ ފަހަރަށް އޭނަގެ ބަހުން ހާމަ ކޮށްދިނެވެ.
ބުނާނެ އެއްޗެއް ނުވިސްނިފައި ޒިޔާންއަށް ބަލާލެވުނީ ރަމްޒިއްޔާއާ ދިމާއަށެވެ. ޒިޔާންގެ ލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަ އައެވެ.
ޒާޔާގެ އެބަސްކޮޅުންނާއި އެވަގުތު ޒިޔާންއަށް ވީގޮތުން ރަމްޒިއްޔާއަށްވެސް ރޮވުނެވެ. އަތުގައި ހުރި ޒާޔާގެ ބަތްތަށި މޭޒުމަތީ ބަހައްޓާފައި ރަމްޒިއްޔާ އައިސް ޒިޔާންގެ ބުރަކަށީގައި ފިރުމާލިއެވެ.
“ދަރިފުޅު ހިތްވަރު ކުރޭ… ޒާއަށް އަދި ނުވިސްނޭނެ… އޭނަވެސް މާޔާ މަތިން ހަނދާން ވާތީ އެހެން އެބުނީ…” ރަމްޒިއްޔާ މަޑުމަޑުން ބުންޏެވެ.
ޒިޔާން ބޯޖަހާލިއެވެ. އަދި ލޯފޮހެލާފައި ޒާޔާއަށް އަތުގައި އޮތް ބޯޅަ ދިއްކޮށްލިއެވެ.
“ރަނގަޅުތަ؟ ދެން ޒާ ފޫއްސެއް ނުވާނެ ދޯ؟” ޒިޔާން ލޯތްބާއި އެކު ޒާޔާއާ ސުވާލު ކޮށްލިއެވެ.
ހަމަ ވަގުތުން ޒާޔާ އޭނަގެ ހުރިހާ ޝަކުވާއެއް ހަނދާން ނެތުނެވެ. އަވަސް އަވަހަށް ބޯޖަހާލަމުން ފައިބައިގެން ކުޅެން އިށީނެވެ.
ޒާޔާއާ ދިމާއަށް ބަލަން ޒިޔާން ހުރި ގޮތަށް ހުއްޓެވެ. އެތުއްތު ކުއްޖާގެ ބަސްތައް ޒިޔާންގެ ސިކުނޑީގައި ބުރު ޖަހަމުން ދިޔައެވެ.
“ކާން ހަދަންތަ؟” ރަމްޒިއްޔާ ޒިޔާންގެ އަތުގައި އަތް ޖައްސާލަމުން މަޑުމަޑުން އަހާލިއެވެ.
ޒިޔާން ދެފަރާތަށް ބޯހަލުވާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.
“ތިހެން ކަމަކު ނުދާނެ، މާލެ އައި ފަހުން ޒިޔާން ތި ހުންނަނީ ނުކައި، ހިނގާ ކާން” ރަމްޒިއްޔާ ޒިޔާންގެ އަތުގައި ހިފައިގެން ގޮސް މޭޒު ކައރީ ބޭންދިއެވެ. އަދި ތައްޓަށް ބަތާ ރިހަ އަޅައިދިނެވެ.
ކާހިތް ނުވި ނަމަވެސް މަންމަ ހިތްހަމަ ޖައްސައި ދިނުމަށްޓަކާ ޒިޔާން ކޮންމެވެސް ވަރަކަށް ކެއެވެ.
“މަންމާ، ފަހުންވެސް އިފާއަށް ގުޅިންތަ؟” އަތް ދޮވެގެން އައިސް ޒިޔާން އަހާލިއެވެ.
“އާނ، ގުޅިން، އެކަމަކު އަދިވެސް އިފާ ފޯނެއް ނުނަގާ” ރަމްޒިއްޔާ ޖަވާބު ދިނެވެ.
“އެގެޔަށް ގޮސްލަން ވީ ދޯ؟” ޒިޔާން ބުންޏެވެ. ނަމަވެސް އެއަޑު އިވުމާއެކު ކުޅެން އިން ޒާޔާ އައިސް ޒިޔާންގެ ފައިގައި ހިފައިގަތެވެ.
“ނޫން ޑެޑީ، ނުދާތި! ޒާ ފޫހި ވާނެ…” އަނެއްކާވެސް ޒިޔާން ގޮސްދާނެތީ ޒާޔާ ރޯން ފެށިއެވެ.
ޒިޔާން ޒާޔާ އުރާލިއެވެ.
“އޯކޭ، ޑެޑީ ނުދާނަން އަދިއެއް، ޒާ ފޫހި ފިލީމަ ޑެޑީ ދާނީ” އިފާޝާމެން ގެޔަށް ދިޔުން ޒިޔާން އިރުކޮޅަކަށް ފަސް ކޮށްލިއެވެ.
ޒާޔާއަށް ކާން ދީފައި ފެންވަރުވާ ރީތި ކޮށްގެން ރަމްޒިއްޔާ ޒާޔާ ގޮވައިގެން ހަވީރު ބޭރަށް ނިކުމެލީ ޒިޔާންއަށް އިފާޝާމެން ގެޔަށް ދިޔުމަށް ފުރުސަތު ދޭށެވެ.
ޒިޔާންއަށް އިފާޝާމެން ގެޔަށް ދެވުނު އިރު އިރު އޮއްސެން ކައިރި ވެއްޖެއެވެ. ތިން ހަތަރު ފަހަރަށް ބެލް ޖެހި އިރުވެސް ދޮރު ނުހުޅުވުމުން އާމިރު ޒިޔާން އަތަށް ދީފައި އޮންނަ ތަޅުދަނޑިން ޒިޔާން ގޭދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ.
ބޮތްކެއް ދިއްލާފައި ނެތް ސިޓިންގރޫމްގެ ކުޑަދޮރުތަކުގައި އެލުވާފައި ހުރި ދޮރުފޮތިތަށް ދަމާލާފައި ހުރުމުން ސިޓިންގރޫމް އޮތީ އަނދިރި ވެފައެވެ. އެތެރެއިން މީހަކު އުޅޭ ކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. ކަންބޮޑުވެ ހުރެ ޒިޔާން ގޮސް އާމިރުގެ ކޮޓަރީގެ އެއްކޮށް ނުލެއްޕި ހުރި ދޮރުގައި އަތް ޖައްސާ ބޮޑަށް ހުޅުވާލިއެވެ.
އަނދިރި ކޮށްފައި އޮތް ކޮޓަރި ތެރެއިން، އެނދުގައި އޮށޯވެލައިގެން އޮތް އިފާޝާ ޒިޔާންއަށް ފެނުނެވެ. އެއްވެސް ހަރަކާތެއް ނެތިފައި އޮތް އިފާޝާ ފެނުމުން ޒިޔާންގެ ހިތުގެ ތެޅުން އިތުރު ވެގެން ދިޔުމާއެކު ކޮޓަރި ތެރެއަށް ފިޔަވަޅެއް އަޅާލަމުން ޒިޔާން ބޮކި ދިއްލާލިއެވެ.
ކޮޓަރި އަލި ވުމާއެކު އޮށޯވެލައިގެން އޮތް އިފާޝާ ދޮރާ ދިމާއަށް ބަލާލިއެވެ. އަދި ޒިޔާން ފެނުމުން ތެދުވެ އިށީނެވެ.
އިފާޝާއަށް ގޮތެއް ނުވާކަން ޔަގީން ވުމުން ޒިޔާންއަށް ހަމަ ޖެހުމުގެ ނޭވައެއް ލެވުނެވެ. ނަމަވެސް ރޮއެރޮއެ ދުޅަވެ ރަތް ވެފައިވާ އިފާޝާގެ މޫނާ، އަދިވެސް ކަރުނަ ނުހިކި ހުރި ދެލޯ ފެނުމުން ޒިޔާންއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނީ އިފާޝާގެ ހާލު ބަލާނުލާ ހުރެވުނީތީއެވެ.
އަމިއްލަ ހިތަށް ކުރަމުންދާ އަސަރު އެނގި ހުރެ އިފާޝާއާ މެދު ޒިޔާން ކުރިން ވިސްނާ ނުލީ ކީއްވެ ހެއްޔެވެ؟ މިއަދު އިފާޝާގެ ޒިންމާ އެޅިފައި ވަނީ ޒިޔާންގެ ބޮލުގައެވެ. ވީއިރު އިފާޝާއާ މެދު އެގޮތަށް ފަރުވާ ކުޑަ ކުރެވުނީ ކީއްވެ ހެއްޔެވެ؟ ޒިޔާންއަކީ ފިރިހެނެކެވެ. އަންހެނަކަށް ވުރެން ބޮޑަށް އިހުސާސްތައް ކޮންޓްރޯލް ކުރެވުނު ނަމަވެސް އިފާޝާއަކީ އަންހެން ކުއްޖެކެވެ. އެކަން ޒިޔާންއަށް ނުވިސްނުނީ ކީއްވެ ހެއްޔެވެ؟ ޒިޔާންއަށް އެހީ ވުމަށް ރަމްޒިއްޔާއާއި، ދުރުގައި ނަމަވެސް އާއިލާގެ އެންމެން ތިބިއިރު އިފާޝާގެ އެކަނިވެރިކަން ޒިޔާންއަށް ނުވިސްނުނީ ކީއްވެ ހެއްޔެވެ؟
ޒިޔާން އެތެރެއަށް ވަދެ އެނދުގައި އިށީނެވެ.
“އިފާ، ވީކަމެއް ނުވާ ކަމަކަށް ނުވާނެ. އިފާ ދެރަ ވާނެ ވަރު އަހަންނަށް އެނގޭ، އެކަމަކު ހިތްވަރު ކުރަން ވާނެއެއްނު؟” ޒިޔާން އިފާޝާއަށް ހިތްވަރު ދޭން މަސައްކަތް ކުރިއެވެ.
“ކާކަށް ޓަކާ އަހަރެން ހިތްވަރު ކުރަންވީ؟ މިދުނިޔޭގަ އަހަރެންގެ ކާކު ދެން ހުރީ؟” ޒިޔާންގެ ބަސްތަކާ އެކު އިފާޝާއަށް އަނެއްކާވެސް ރޮވުނެވެ.
“ތިހެން ހީ ނުކުރޭ އިފާ، އަހަރުމެން މިތިބީއެއްނު؟ އަހަންނާ ސާދާއާ މީ އިފާގެ މީހުންނެއް ނޫންތަ؟ އަނެއްކާ ޒާ… މިއަދުވެސް އިފާ ނުފެންނާތީ ޒާ ޝަކުވާ ކުރި” ޒިޔާން ބުންޏެވެ.
ޒާޔާގެ ނަން އިވުމާއެކު އިފާޝާއަށް ހައްތަހާ ބޮޑަށް ރޮވުނެވެ.
“ޒާއަށް ޓަކާ ނަމަވެސް އިފާ ހިތްވަރު ކުރޭ… މާޔާ އެދުނު އެދުން… އިފާ އެކަން ކޮށެއް ނުދޭނަންތަ؟” މާޔާގެ ނަމާއެކު ޒިޔާންއަށްވެސް ވާހަކަ ދައްކަން އުނދަގޫ ވިއެވެ.
އެވަގުތުވެސް ދެއަތު ތެރޭގައި ޒާޔާ ވުމަށް އިފާޝާއަށް އެދެވުނެވެ. އެތުއްތު މޫނު ދެކިލުމަށް އެދި ހިތް ގޮވަން ފެށިއެވެ. ޒާޔާގެ ހަނދާންތަކުން ހިތް ފުރިގެން އައެވެ.
“ޒާ ކޮބާ؟ ގޮވައިގެން އައި ނަމަ…” ލޯ ފޮހެލަމުން އިފާޝާ ބުންޏެވެ.
“އަހަރެން އައީ އިފާގެ ހާލު ބަލާލަން ވެގެން، މިހާރު ހިތަށްއަރާ ކުރިން އާދެވުނު ނަމައޭ. މިއަދު އަހަރެން ގުޅިން، އިއްޔެވެސް މިއަދުވެސް މަންމަވެސް ވަރަށް ގުޅި، އިފާ ކީއްވެ ފޯން ނުނަގަނީ؟” ޒިޔާން އަހާލިއެވެ.
“އައި ގޮތަށް ފޯންގެ ސިމްއެއް އަދި ނުލައްވަން، ގޭ ފޯނާ ބެލްވެސް އޮފް ކޮށްލީ، އެއްވެސް މީހަކާ ވާހަކަ ދައްކާ ހިތެއް ނެތް…” އިފާޝާ ބުންޏެވެ.
“އެކަމަކު ތިހެން މީހުންނާ ވަކި ވެގެން އެކަނި އިންނާކަށް ނުވާނެ އިފާ” ޒިޔާން ބުންޏެވެ.
ޒިޔާން އެހެން ބުނުމާ އެކު އިފާޝާއަށް އަނެއްކާވެސް ރޮވުނީއެވެ. އާމިރު ނެތުމުން އިފާޝާ އެކަނި ވީ ވަރު އިހުސާސް ކުރެވި ހިތަށް ތަދުވީއެވެ. މިބޮޑު ދުނިޔޭގައި އިފާޝާގެ އެއްވެސް މީހަކު ނެތޭ ހިތަށް އަރާ ދެރަވީއެވެ.
“އިފާ…” އިފާޝާ ރޯން ފެށުމުން ޒިޔާން ހާސްވިއެވެ. ހަދާނެ ގޮތެއް ނުވިސްނިފައި އިރުކޮޅަކު އިނދެފައި ޒިޔާން އިފާޝާގެ ބޮލުގައި އަތް ޖައްސާލިއެވެ.
“އާމިރު ނޫނީ ދެން ކާކު އަހަންނާ އަޅާލާނީ؟ މިހާރު އަހަރެންގެ އެއްވެސް މީހަކު މިދުނިޔެއަކު ނެތޭ ޒިޔާން، މީހުން އައިސް އަހަންނަށް ވާނެ ގޮތާ ކުރެވޭ އިހުސާސްތައް ވިސްނެޔޭ ބުނާ އަޑު އަހާކަށް އަހަރެން ބޭނުމެއް ނޫން… އަހަންނަށް މިވާ ގޮތެއް އެކަކަށްވެސް ނޭނގޭނެ… އަހަރެން އެކަނި ވީ ވަރެއް، އަހަރެން ދެރަވާނެ ވަރެއް އެކަކަށްވެސް ނުވިސްނޭނެ…” ރުއިމުގެ ތެރެއިން އިފާޝާއަށް ބުނެވުނެވެ.
“އަހަންނަކަށްވެސް ނޭނގޭނެތަ؟” ޒިޔާން މަޑުމަޑުން އަހާލިއެވެ.
ޒިޔާންގެ އެ ސުވާލާއެކު އިފާޝާއަށް ޒިޔާންއާ ދިމާއަށް ބަލާލެވުނެވެ.
“ސޮރީ!” ލޯފޮހެލާފައި އިފާޝާ އިސް ޖަހާލިއެވެ. “އަހަންނަށް މިވާ ގޮތް ޒިޔާންއަށްވެސް ވާނެކަން އެނގޭ… އަހަންނަށް އެހެން ބުނެވުނީ…”
“ދެން އަޅާނުލާ…” ޒިޔާން އަވަސްއަވަހަށް ބުންޏެވެ. “އިފާ އެއްޗެއް ކައިފިންތަ؟”
“”ބަނޑުހައެއް ނުވޭ” ދެފަރާތަށް ބޯ ހަލުވާލަމުން އިފާޝާ ޒިޔާންގެ ސުވާލަށް ޖަވާބު ދިނެވެ.
މާލެއަށް އައި ފަހުން އެއްވެސް އެއްޗެއް ނުކާކަން އިފާޝާ ހަނދާން ވިއެވެ. އެދުވަހު ކޮޓަރިއަށް ވަން ގޮތަށް އެރޭ އިފާޝާ ކޮޓަރިން ނުވެސް ނިކުމެއެވެ. އެރޭ ނިދުނީވެސް ވަރަށް ލަސްވި ފަހުންނެވެ. އަނެއް ދުވަހު ހޭލެވުނު އިރު ބަނޑުހައި ވެފައި ހުރުމުން ޖޫސްތައްޓެއް ބޯލައިގެން އިފާޝާ ފެން ވަރާލި ގޮތަށް އަނެއްކާވެސް ޖޫސްތައްޓެއް ބުއީ މެންދުރުއެވެ.
ޒިޔާންގެ ސުވާލާ އެކު އިފާޝާއަށް އަނެއްކާވެސް ބަނޑުހައިކަން އިހުސާސް ކުރެވުނެވެ. ނަމަވެސް އިފާޝާ ޒިޔާން ގާތަކު ނުބުނެއެވެ.
“ހިނގާ ދޯ ކާން؟” ޒިޔާން އަހާލިއެވެ.
“ކާން… އަހަރެން ނުވެސް ކައްކަން…” ޒިޔާން އެހެން ބުނީ ޒިޔާން ބަނޑުހައި ވުމުންނޭ ހިތަށް އަރާ ހާސްވެފައި އިފާޝާއަށް ބުނެވުނެވެ.
“ރަނގަޅު ވާނެ، އެއްޗެއް ގެންނާނީ…” ފޯން ނަގަމުން ޒިޔާން ބުންޏެވެ.
ކާ އެއްޗެހި ގެނައުމުން އިފާޝާ ކާން ހަދާފައި ގޮވުމުން ޒިޔާން ކާން ދިޔައެވެ. އެރޭ ދެމީހުން ކެއީ އެކީގައެވެ. ބަނޑުހައި ވެފައި ހުރި ވަރު ޒިޔާންއަށްވެސް އިހުސާސް ކުރެވުނީ ކާން ފެށުމުންނެވެ.
“މާދަން މަންމަ ފޮނުވަންތަ؟” ކައި ނިމިގެން އަތް ދޮވެގެން އައިސް ޒިޔާން އަހާލިއެވެ.
“ނޫން، ހަވީރުން ޒާ ގެނެސްދީ” އިފާޝާ ބުންޏެވެ.
“އާނ، ގެންނާނަން، އިފާ، ގޭ ފޯން އޮން ކުރައްޗޭ، މޮބައިލްއަށް ސިމްވެސް ލައްވާފަ ބާއްވާ، ދެން ބެލްވެސް އޮން ކޮށްލާތި، މައިމެން އަޔަސް ނޭނގޭނެ އެހެން ނޫނީ… އަހަރެންވެސް ގުޅާނަން. އިފާ އެއްވެސް ކަމެއް ބޭނުން ވަންޏާ އަހަންނަށް ގުޅާލާ އިނގޭ” ކުޑަ ކުއްޖަކަށް ނަސޭހަތް ދޭ ކަހަލަ ގޮތަކަށް ޒިޔާން ވާހަކަ ދެއްކިއެވެ.
އިފާޝާ ބޯޖަހާލިއެވެ.
“ނުކައި ނުހުންނައްޗޭ!” ޒިޔާން އިތުރު ކޮށްލިއެވެ. އިފާޝާ އަނެއްކާވެސް ބޯޖަހާލިއެވެ.
ޒިޔާން ދިޔުމުން އިފާޝާ ތަށިތައް ނަގާފައި އޮށޯވެލިއެވެ. އަނެއް ދުވަހު ޒާޔާ އަންނަން ވާ އިރަށް ކުރާނެ ކަންތައްތައް ހިތުގައި ރާވާލިއެވެ. ޒާޔާގެ ޚިޔާލުން އިފާޝާގެ ހިތާ ސިކުނޑިއަށް ހަމަ ޖެހުމެއް ލިބުނެވެ. ނަމަވެސް ނިދެމުން ދިޔަ އިރު އާމިރުގެ ހަނދާން ވުމުން ރޮވުނެވެ.
އަނެއް ދުވަހު ހެނދުނު ތެދުވެ އިފާޝާ ގޭތެރެ ސާފުކޮށް އެއްޗެހި ދޮވެ ހެދިއެވެ. މެންދުރު އާމިރުގެ ދެ ކޮއްކޮ މައިރާއާ މީރާ އިފާޝާއަށް ކާ އެއްޗެހި ގެނެސްދިނެވެ. އެދެކުދިން ފެނި ވާހަކަ ދައްކާލެވުމުން ހިތަށް ހަމަ ޖެހުން ލިބުނު ނަމަވެސް މީރާ ފެނުމުން އިފާޝާއަށް ރޮވުނީ އާމިރު މަތިން ހަނދާން ވިވަރުންނެވެ. މީރާއާ އާމިރު ވައްތަރު ކަމުންނެވެ.
ނުނިމޭ
6 Comments!
Comments are closed.
Here’s part 3.. hope readers like this☺
Haadha kureyy
Yey me first. v reethi mi part vx. Kn irakn next part up kurany
Vvv reethi mi partves. next part thankolheh avahah up kohdhehchey
v nice.marshage vaahaka thah varah salhi
Kobaatha next part