
ކަޅު ސަފުހާ (4)
” ކޮންވާހަކައެއްހޭ މިއަހަނީ ” ކޮޅަށް ތެދުވަމުން ކުރިއަށްވުރެ ބާރަށް ޒައިކް ބުންޏެވެ. ސިއްސައިގެންގޮސް އިވީއަށް ބަލާލެވުނީ ސީދާ ޒައިކްގެ ލޮލަށެވެ.
ދެވަނަ ފަހަރަށްވެސް ހަމަ އެބާރުމިނުގަ ޒައިކް ސުވާލު ތަކުރާރު ކޮށްލިއެވެ. ޒައިކް ގެ އެފަދަ ސިފައެއް، އެރުޅިވެރިކަން ފެނުމުން އިވީ އިތުރަށް ބިރުގަނެ ދެރަވިއެެވެ. އެތައް ފަހަރަކު ދުވެފަ ނުކުންނަން ހިތަށް އެރި ނަމަވެސް ހުރި ފިޔަވަޅު މަތީ އިސްޖަހާލައިގެން ހުރެވުނީއެވެ. ކިތަންމެ ވަރަކަށް ހިތްވަރު ކުރި ނަމަވެސް ދެލޮލުން ފޭދިގެން އައި ކަރުނަ ތިކި ކޯތާފަތް ހުރަސް ކުރުމަށްފަހު ވެއްޓިގެން ދިޔައީ އެވެ.
” ބުނަން އިވީ ރަނގަޅު ވާހަކައެއް. ކުރަން ހަވާލުކޮށްފަ ހުރި މަސައްކަތް ތައް ކުރެވޭތޯ ބަލާ. އުއްމީދު ކުރަން މީގެފަހުން ތިކަހަލަ ބޭކާރު ވާހަކަތައް ދެއްކުމަށް މިތަނަށް ނުވަންނާނެކަމަށް ” ޒައިކް އެއްނޭވާއިން ދޭން ބޭނުންވި މެސެޖް ދިންކަހަލައެވެ. ކުރީގެ އިވީ ނަމަ އަންނާނީ ރުޅިއެވެ. އެހެނަސް ރުޅި އައުމުގެ ބަދަލުގައި އިވީ ވަރަށްބޮޑައް ހިތުގަ ޖެހުނެވެ. މަޑުމަޑުން ދޮރު ލައްޕާލުމަށްފަހު ނުކުމެގެން ގޮސް ގޮނޑީގެ އިށީނދެލިއެވެ.
ނޫރާ އިނީ އިވީ ނުކުންނާނެ އިރެއްގެ އިންތިޒާރުގަ ކަމުން އަވަސް އަވަހަށް މޭޒާ ކައިރިވެލުމަށްފަހު ކަންތައް ވީ ކިހިނެތްތޯ އަހާލިއެވެ. ނަމަވެސް އިވީގެ ފެންކަޅިވެފައިވާ ދެލޮލުން ޖަވާބު ހޯދުމަކީ އުނދަގޫ ކަމަކަށް ނުވިއެވެ. ހާލަތުގެ ގޮތުން އިތުރަށް އެވާހަކަ ދައްކައިފިނަމަ އިވީ ދެރަވާނެތީ އާއެކު ނޫރާވެސް މަސައްކަތާއިގެން މަސްއޫލު ވިއެވެ.
***************************
ޖެހިގެން އޮތީ ހުކުރު ދުވަސް ކަމަށްވާތީ އޮފީހުގަ ރޭވެމުން ދިޔައީ އޮފީސް ދަތުރުގެ ކަންތައް ތަކެވެ. މާކުރިން ފެށިގެން ހަމަޖެހިފަ ވާ ކަމަކަށްވުމުން އެދަތުރު ނުގޮސް ކެންސަލް ކުރެވޭނެ އެއްވެސް މަގެއް އިވީއަކަށް ނެތެވެ. ދަތުރު ދިއުމަށް ހަމަޖެހިފަވާ މީހުންގެ ލިސްޓުގަ ޒައިކްގެ ނަން ހިމެނިފަވުން ވީ އިވީގެ ހިތަށް ލިބުނު އިތުރު އުނދަގޫ ކަމަކަށެވެ. އެކި މީހުންނާ އެކިކަންތައް ތައް ހަވާލު ކުރެވިގެން ދިޔައެވެ. ފަތިހު ޖެޓީއިން ދިމާވުމަށް ނިންމުމަށްފަހު ހުރިހާ އެންމެންވެސް ގެއަށް ދިއުމަށް ނުކުތީ އެކުއެކީއެވެ. އެންމެން ދިޔައިރުވެސް އިވީ މަޑުކޮށްލައިގެން ހުރީ ޓެކްސީ އެއްގެ އިންތިޒާރު ގައެވެ.
ހަމަ އެވަގުތެވެ. ޒައިކް އޮފީހުން ނުކުމެ ސައިކަލަށް އަރާ އިވީ ހުރަސްކޮށް ދިޔައެވެ. އޮފީސް މުއައްޒަފެއްގެ ހައިސިއްޔަތުންވެސް އިވީއަށް ބަލާލުން އެއީ ޒައިކް އަށް އުނދަގޫ ކަމަކަށްވެފައިވާ ހެން އިވީއަށް ހީވެގެން ދިޔައެވެ. ދެރަވި ނަމަވެސް އެކަން ހަނދާން ނައްތާލެވޭތޯ މަސައްކަތް ކުރަމުން އިވީ ޓެކްސީއެއް ނެގުމަށްފަހު ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.
******************************
ފަތިހުގެ ބަންގީގެ އަޑާއެކު ފޯނު ރިންގްވާން ފަށައިފިއެވެ. ކުރިންރޭ ރަނގަޅަށް ނުނިދުމުގެ ސަބަބުން އިވީއަށް ހޭލަން ބޮޑުކަމަކަށް ވިއެވެ. ގުޅީ ނޫރާ އެވެ. ތައްޔާރު ވެގެން ޖެޓީއަށް ނުކުންނަން ހަނދާން ކޮށްދިނުމަށެވެ. ދާހިތްނުވި ނަމަވެސް ތައްޔާރުވެލައިގެން ދަބަަހަށް ހެދުމެއް ލުމަށްފަހު ގެއިން ނުކުންނަން ތައްޔާރު ވެލިއެވެ. އިވީ ނުކުންއިރު ނާޒިމާވެސް ހޭލާ އުޅެއެވެ. މަންމަ ގާތު ބުނެލުމަށްފަހު އިވީ ގެއިން ނުކުމެ ހިނގައިގަތީ ޖެޓީ އާ ދިމާލަށެވެ.
ޖެޓީއަށް ދެވުނު އިރު ހުރިހާ އެންމެން ކަހަލަ ގޮތަކަށް އައިސް ވަނީ ހަމަވެފައެވެ. ނާންނަ މީހުންގެ ލިސްޓްގަ ހިމެނޭ އެކަކީ ޒައިކް އެވެ. ޒައިކް ގެ އިންތިޒާރުގަ އެތައް އިރަކު ތިބެންޖެހުނެވެ.
ދާންވީ މަންޒިލާ ހަމައަށް ފޯރިއިރު އިރުއަރާ ދުނިޔެ މައްޗަށް އަލިވިލެއްޖެއެވެ.
މިކަހަލަ ހަމަހިމޭން ފަޅު ރަށަކަށް އާދެވުމުން ޒައިކް އަށް ލިބުނީ ބުނަން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެކެވެ. މިއަދު ފެންނަން ހުރި ޒައިކް އަކީ އޮފީހުން ފެންނަ ޒައިކް އާ މުޅިން ތަފާތު މީހެކެވެ. ކުރުސޯޓަކާ ޓީޝާޓަކާއެކު ޒައިކް ފެންނަނީ ވަރަށް ފުރިހަމަ ކޮށެެވެ. އޮފީހުގެ ހުރިހާ އަންހެން ކުދިންގެ ނަޒަރުވެސް ސީދާވެފަވާ ޒުވާނަކީ ހަމަ ޒައިކް އެވެ. މިއެންމެންގެ ތެރެއިން އިވީ އަކީ އެކަކުއެވެ. ސިއްރުން ނަމަވެސް ޒައިކް އާ ދިމާލަށް ބަލާނުލާ އިވީއަށް ހުރެވޭގޮތެއް ނުވެއެވެ.
ޒައިކް އަށް ފެންނަމުންދިޔަ ހަމަހިމޭން މާހައުލުން އުފާވެރި އިހުސާސްތަކެއް ކުރެވެމުން ދިޔައެވެ. އެއީ ޒައިކް އަށް މުޅިންވެސް އާ ތަޖުރިބާ އެކެވެ.
ޒައިކްގެ އުމުރުން އެއްއަހަރުގައި މަންމަ މެލޭޝިޔާއަށް ދިރިއުޅުން ބަދަލުކުރީ މާމައާއި ކާފަގެ އެދުމުގެ މަތީންނެވެ. އެކްސިޑެންޓެއްގައި ބައްޕަ ނިޔާވުމުން މަންމަ އެކަނި މާލޭގައި ބަހައްޓަން މާމަމެން ބޭނުން ނުވީއެވެ. އެހެންކަމުން ގެ ކުއްޔަށް ދިނުމަށްފަހު ހުރިހާ އެންމެން މެލޭޝިޔާއަށް ދިރިއުޅުން ބަދަލުކުރީއެވެ. ޒައިކް އަކީ އަބަދުވެސް ކަންތައްތަކުގައި ވިސްނާ ކުއްޖެއްކަމުން ކިޔެވުމުގެ ހުރިހާ އަހަރެއްވެސް ކާމިޔާބުކޮށްފައިވަނީ މަތީ ވަނަތަކާއި އެކުއެވެ. މަންމަމެން ފަހުރުވެރިވާ ފަދަ ދަރިއަކަށް ޒައިކް ވެގެން ދިޔައީ އެހެންކަމުންނެވެ. އެކަމަކު މިހާރު ދުނިޔޭގަ ހުރީ ހަމައެކަނި ޒައިކްގެ މަންމަ އެވެ. ޒައިކް ގެ އުމުރުން ދިހައަހަރު ވީ އިރު މަންމަ ވަނީ ދެވަަނަ ކައިވެންޏެއް ކޮށްފައެވެ. އެކަމާ ދެކޮޅަށް އެއްވެސް ވާހަކައެއް ބުނާކަށް ޒައިކް ބޭނުމެއް ނުވެއެވެ. މަންމަ އަށް ލިބޭ ކޮންމެ އުފަލަކީ ޒައިކް އަށް ވެސް ލިބޭ އުފަލަކަށް ވުމުންނެވެ. މާލެ ބަދަލުވާން ނިންމި އެންމެ ބޮޑު ސަބަބަކީ ވެސް ޒައިކްގެ މިހާރުގެ ބައްޕަ، ޒައިކް ކިޔާ ގޮތުންނަމަ ބޭބެ ހަނީފު އެވެ. ހަނީފުގެ ގެ ނިމުމުން މާލެ ބަދަލުވީއެވެ. ޒައިކް މެންގެ ގެ އަދިވެސް ހުންނަނީ ކުރިއެކޭ އެއްގޮތަށް ކުއްޔަށް ދީފައެވެ.
ގޮނޑުދޮށުން ހިނގަމުން ހިނގަމުން ގޮސް ހުރިހާ އެންމެންވެސް މަޑުކޮށްލީ ހިޔާލިބޭ ބޮޑު ގަހެއްގެ ދަށުގައެވެ. ހެނދުނުގެ ސައި ހެދުމަށް ހަވާލު ކުރެވިފައިވާ ގްރޫޕް ކުދިން އަވަސް ވެގަތީ ސައިގެ ކަންތައް ތަކާއެވެ. ސައިތައްޔާރު ކުރެވެމުން ދިޔައިރުވެސް އެއްބަޔަކު ކެއުމާއިގެން ކުރިއަށް ދިޔައެވެ.
އެކި އެކި ކުޅިވަރު ކުޅުމާ ސަކަރާތުގަ ވަގުތުތައް ހޭދަވެގެން ދިޔަގޮތް ނޭނގެއެވެ. މެންދުރުފަސް އެއްކޮށް ހާއްސަ ކުރެވިފައިވަނީ މޫދަށް އެރޭށެވެ. ކައި ނިމުމާއެކު އެންމެން އަވަސްވެގަތީ މޫދަށް އެރުމަށެވެ. ހުރިހާ އެންމެން ދިއުމުންވެސް އިވީ ގަސްދަށުގަ މަޑުކޮށްލައިގެން އިނީ އެހެން މީހުން ޖަހަމުން ދިޔަ ސަކަރާތް ބަލާށެވެ. އެ އެއެންމެންގެ ތެރެއިންވެސް ޒައިކް ވަކިން ހާއްސަކޮށް އިވީއަށް ފެންނަމުން ދިޔައެވެ. ހަމައެކަނި ސޯޓްގަ ހުންނައިރު އިސްތަށިތައް ކޮޅަށް ނުޖެހޭނެ އަންހެން ކުއްޖަކު ހުންނާނެ ބާވައެވެ.
ކިތަންމެ ނޫން ކަމަށް ހެދިގެން ކުޅިވަރުގަ ބައިވެރިވި ނަމަވެސް ޒައިކް އަށް އުނިކަމެއް ފާހަގަ ކުރެވެމުން ދިޔައީ ކީއްވެ ބާވައެވެ. އެއްގަމުގަ އިށީނދެލައިގެން އިވީ އިންގޮތުން އެތައް ފަހަރަކު ގޮވާލަންދާން ހިތް ބުނަމުން ދިޔައެވެ. އެކަމަކު ހިތުގެ އިހުސާސް ތަކުގެ މައްޗަށް ކޮންމެ ފަހަރަކުވެސް ޒައިކް ބާރުފޯރުވަމުން ދިޔައެވެ. އެދުވަހު އިވީ ކުރި އަމަލާ ދެއްކި ވާހަކަތައް އަދިވެސް ޒައިކް ކަންފަތުގާ ގުގުމަމުން ދިޔަ ކަހަލައެވެ. ހިތް އެދުނު ނަމަވެސް ޒައިކް ގަބޫލުކުރާ ގޮތުގައި އިވީ އަކީ ދޮގުހަދާ އެއްވެސް އުޅުމެއްނެތް އަންހެން ކުއްޖަކަށްމިވަނީ ވެފައެވެ. އެކަހަލަ އަންހެން ކުއްޖަކަށް ޒައިކްގެ ހިތުން ޖާގައެއް ދެވުނީ ކީއްވެބާއޭ އެތައްފަހަރަކު މިހާރު ޒައިކް ހިތާ ސުވާލު ކޮށްފިއެވެ.
” އިވީ ދެންތިހެން ނީނދޭ ހިނގާބަލަ މޫދަށްއެރިލަން. ދަތުރުގެ ފޯރިވެސް ނުނަގާ ތިއިންނަނީ ” ނޫރާ ލޮނުތައް އިވީގެ މޫނަށް ފޮޅާލަމުން ބުންޏެވެ. އެތައްވަރަކަށް ކިޔައިގެންވެސް އިވީ އިންތަނުން ގުޑާވެސް ނުލިއެވެ. ފަހަރަކު މީހަކު އެކައްޗެއް ތަކުރާރު ކުރަން ފެށުމުން އިވީ އިންތަނުން ތެދުވެ ހިނގައިގަތީ ރަށުގެ އަނެއްފަރާތަށް ދިއުމަށެވެ. އެދުވަހުގެ އެހާދިސާއަށް ފަހު އިވީ މިވަނީ މުޅިން ބަދަލުވެފައެވެ. ކުރިންހުރި ލާނެތްގޮތްގަނޑު ކެނޑި ބަސްމަދުވެފައެވެ. މަޑުމަޑުން ހިނގަމުން ގޮސް ގޮނޑުދޮށާވާގޮތަށް ހުރި އުނދޯލީގަ އޮށޯވެލީ އެކަނިވެލާށެވެ. އޭރުވެސް ޖެހިގެން ހުރި އުނދޯލީގެ މީހަކު އޮތްކަމެއް އެއްވެސް ވަރަކަށް އިވީއަކަށް ނޭނގެއެވެ. އެހެންނޫނަސް ޒައިކް އުޅުނީ މޫދުގައެވެ. އެތަނަށް ޒައިކް އައިސްދާނެ ކަމަކަށް އިވީ ނުވިސްނައެވެ.
ކުރިމައްޗަށް ޒައިކް ހުއްޓުމާއެކު އިވީ ކުއްލިއަކަށް އުނދޯލިން ތެދުވިއެވެ.
” މޮޅު ވާހަކައެއް ދައްކާލަން ހިތުލައިގެން ދޯ މިތަނަށް ތިއައީ. އޮފީހުގަ އަހަރެން އެއްޗެއް ނުބުނި ކަމަށްވިޔަސް އިވީ ހީނުކުރައްޗޭ އަހަންނަށް އެއްޗެއް ބުނަންނުކެރޭނެއޭ. އަހަރެންގެ ފަސްފަހަތުން މިތަނަށް ތިއައީ މިދަތުރުގެ ވާހަކަވެސް ރަނގަޅު ގޮތަކަށް ދައްކާލެވޭނޭ ކަމަށް ބަލާފަ ދޯ ” ޒައިކް ގެ ވިސްނުން އެހާ ހިސާބަށް ގޮސްދާނެކަމަށް އިވީއަށް ގަބޫލުކުރަންވެސް އުނދަގޫވިއެވެ.
” ތިރީތި ސިފަ އަހަންނަށް ވަރަށް ކަމުދިޔަ. އެކަމަކު އޭރު ނޭނގެ ތިސިފައިގެ ފުރަގަހުގެ ފޮރުވިފަ ވަނީ ކިހާ ދަށުދަރަޖައިގެ އަންހެން ކުއްޖެއްކަމެއް. އަހަރެން ބޭނުންނަމަ އިވީ އޮފީހުންވެސް ކަނޑާލެވޭނެ. އެކަމަކު އިވީގެ ދަރަޖައަށް ވެއްޓުމަކީ އަހަރެން ކުރާނެ ކަމެއް ނޫން. ރަނގަޅުގޮތަކީ މިތަނުން ދިއުން. މިތަނަށް ކުރިން އައީ އަހަރެން. ހަަމަމިހާރު ދޭ މިތަނުން ” އެއްވެސް ރަހުމެއްނެތް ބަސްތައް އިވީގެ ނާޒުކު ހިތަށް ތޫނުކަށިތަކެއް ފަދައިން ހެރެމުން ދިޔައެވެ. މިފަހަރު އިވީއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން ޒައިކްގެ ހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ. ފައިގަ ހުރި ބާރެއްލުމަށްފަހު އިވީ ދުއްވައިގަތީ އެތަނުން ދުރައް ދިއުމަށެވެ. ޒައިކް ނުފެންނަ ހިސާބަށް ދެވުމުން ހުރިދިމާލުގަ އިށީނދެ ބާރު ބާރަށް ރޯން ފެށިއެވެ.
އަމިއްލަ ނަފުސާ މުހާތަބްކޮށް އިވީއަށް ބުނެވުނެވެ. އަހަރެންނަކީ ހަމަ އެހާ ގޯސް މީހެއް ހެއްޔެވެ؟ އަހަންނަށް އެދުވަހު ކުރެވުނު ކަންތަކަށް އިންތިހާއަށް ދެރަވެއެވެ. މައާފަށް އެދެން ބޭނުމެވެ. ކުށް ކުރެވެނީ އިންސާނުންނަށެވެ. އެކުށަށް މައާފު ލިބެން އަހަރެންނަށް ނެތީ ބާވައެެވެ. ޒައިކް އެވެ. އަހަންނަށް މައާފު ކުރާށެވެ. އެތައް އިރަކު ރުއިމަށްފަހު ހަމަޖެހިލައިގެން އިވީ އެންމެން ތިބި މަންޒިލަށް ހިނގައިގަތީ ފުރަން ކައިރިވެފަވުމާއެކުއެވެ.
އެންމެންގެ ތެރެއިން ނޫރާ ފެނޭތޯ އިވީ ހޯދާލިއެެވެ. އެހެންމީހުންނާ ވަކިން ތަންކޮޅެއް ދުރުގައި ހުރި ނޫރާ އިވީއަށް ފެނުނެވެ. ދިޔަގޮތަށް ގޮސް ނޫރާ ގައިގަ އޮޅުލައިގަތުމަށްފަހު އިވީ ގިސްލާ ރޯންފެށިއެެވެ. އިތުރު މީހަކު އެވަގުތު އެތާ ހުރިކަންވެސް އިވީއަށް އިހުސާސެއް ނުކުރެވުނެވެ. ރޮމުން ރޮމުން އިވީ ޝަކުވާ ކުރަމުން ދިޔައީ ނޫރާ އާއެވެ. އިވީގެ ހުރިހާ ވާހަކަ އަކުންވެސް ދޭހަވަމުން ދިޔައީ އެދުވަހުގެ އެކަންތަކާ އިވީ ދެރަވެފަ ވާވަރެވެ. އެކަމާ އިވީ މައާފަށް އެދެން ކުރި މަސައްކަތް ވެސް ހާމަވަމުން ދިޔައެވެ.
” އަހަންނަކީ ހަމަ އެހާ ވިޔާނުދާ މީހެއްތަ ނޫރާ. އެދުވަހަށްފަހު ނޭނގޭ އިހުސާސް ތަކެއް ޒައިކް އާ ދޭތެރޭ ކުރެވުން އެއީ އަހަރެންގެ ކުށެއްތަ؟ ކުށްކުރެވެނީވެސް އިންސާނުންނަށްކަން ކީއްވެތަ ޒައިކް އަށް ނުވިސްނެނީ. އަހަަންނަށް އިނގޭ އެއީ އަހަރެންގެ ވެރިމީހާކަން. އެކަމަކުވެސް ނޭނގި ނަމަވެސް މިހިތުން ޒައިކްގެ ނަން ފިލާނުދޭ. ” ރޮވޭވަރުން އިވީގެ އަޑުވެސް ނުކުންނަނީ ކިރިޔާއެވެ.
” ނޫރާ ޒައިކް ގެ އެއްވެސް ކުށެއް އޮވެގެނެއްނޫނޭ އެދުވަހު އެގޮތަށް އަހަރެން އެވާހަކަ ދެއްކީ. ރުޅިގަދަވިވަރުން ވީގޮތެއް. ނޫރާ ބުނެބަލަ ޒައިކް ކައިރި އަހަންނަށް މާފު ކުރަން. ” އިވީ އަށް އަދިވެސް ރޮވެނީއެވެ.
” މާފުކޮށްފިން ” އިވުނު އަޑާ ދިމާލަށް ފަސް އެނބުރި އިވީ ބަލާލިއެވެ.
” ނުނިމޭ “
10 Comments!
Comments are closed.
Wow
Yay m first
V nice??waiting for next part…….
Haada kuray
Wow wow it’s just like a story…
Koniraku next part.. v reethi mi part ves….?
Awlhey haadha salhi ey waiting for the next part?❤️
V reethi. Next part kn irakn
V rythi. When next part up kuraniy? Next part mihaa kuru bukurachey
Wow. Varah salhi. .. hama rangalhah ves rovijje.♡♡♡♡