Skip to content
އެސްފިޔަ

ފޮހެވޭނޭ ބާއޭ… 48

”ޑެމިޓް!…” ސައިކަލު ދުއްވަމުން ދިޔަ ނަވްރަސްއަށް އެންމެ ފަހުން ޖެހުނީ އޭނަގެ ހިތުގެ ގޮވުމަށް އިޖާބަ ދޭށެވެ. ހިމަފޮދު ވާރޭގެ ތެރޭން ސައިކަލުގެ ދުވެލި ބާރުކޮށްލަމުން އޭނަ މިސްރާބު ޖެހީ ކޮލެޖާ ދިމާއަށެވެ. ދުވަސްތަކަށް ފަހު ޔަޝްމް ފެނުނު އިރު މިލައިގެން ގޮސްފައިވާ އެރީތި މޫނާއި ރަތްވެފައިވާ ދެލޮލުން އޭނަގެ ހިތް ރޮއްވާލައިފިއެވެ. އޭނަ ޔަޝްމްއާ ދުރުން އުޅެން މަސައްކަތްކޮށްފިއެވެ. ހިތަށް ވިސްނައިދޭން ވެސް މެއެވެ. ނަމަވެސް ހިތް އެއިން އެއްވެސް ކަމަކަށް އިޖާބައެއް ނުދިނެވެ. މިއަދު ޔަޝްމް ފެނި އޭނަގެ ހިތަށް ވަކިން ބޮޑަށް އަސަރުކޮށްފިއެވެ.

ނަވްރަސް ސައިކަލު ޕާރކްކޮށްލަމުން ދުވެފައި ކަހަލަ ގޮތަކަށް ކޮލެޖްގެ ތެރެއަށް ވަދެގެން ދިޔައެވެ. އޭނައަށް ސިޑިން މައްޗަށް އަރަމުން ދިޔަ ޔަޝްމް ފެނުނެވެ. ވަށައިގެން ވި މާހައުލަށް ސަމާލުކަން ނުދީ ހަލުވިކޮށް ހިނގާލާފައި ގޮސް އޭނަ ޔަޝްމްގެ މުލައްދަނޑީގައި ހިފާ އޭނައާ ދިމާއަށް އަނބުރާލައިފިއެވެ. ސިއްސައިގެން ދިޔަ ޔަޝްމްއަށް ނަވްރަސް ފެނި ނޭވާލާން ވެސް ހަނދާން ނެތުނެވެ. ހަމަހޭވެރިކަން ވުމާއެކު އޭނައަށް ވަށައިގެން ހޯދާލެވުނެވެ. ކޮންމެ މީހެއްގެ ނަޒަރު ހުއްޓިފައިވަނީ އެދެޒުވާނުންނަށެވެ. ވާހަކައެއް ވެސް ދެއްކުމެއްނެތި ނަވްރަސް ހިނގައިގަތީ ގޭޓާއި ދިމާއަށެވެ. އޭރު ނަވްރަސްގެ އަތް ވީއްލުވަން ޔަޝްމް އުޅެއެވެ.

”ނަވްރަސް އަހަރެންގެ އަތުން ދޫކޮށްބަލަ، މީހުން އެތިބީ ބަލަހައްޓައިގެންނޭ، ތިހެން އަހަންނާ މެދު ކަންތައް ކުރުމުގެ ބާރެއް ނަވްރަސްއަކަށް ލިބިގެން ނުވޭ، ބަލަ ބުނެފީމެއްނު އަތުން ދޫކުރާށޭ، ނަވްރަސް….” ހާސްވެފައި ހުރި ޔަޝްމްއަށް ވާހަކަ ދެކެވުނީ އަޅައިގަންނަމުންނެވެ. މީހުންގެ ނަޒަރުން އޭނަ ހުރީ ލަދުގެންފައެވެ. ފާޑުފާޑުގެ ވާހަކަ ދައްކާނެކަން ޔަޤީނެވެ. އޭނައަށް ދުރުގައި ހުއްޓުން އަރާފައި ހުރި ޒޯޔާ ވެސް ފެނުނެވެ. ޒޯޔާ ހުރީ އަނގަ މަތީ އަތް އަޅާލައިގެން ދެލޯ ބޮޑުކޮށްލައިގެންނެވެ.

ޔަޝްމް ގަދަ ހަދަމުން ދިޔަ ކަމުގައި ވިޔަސް ނަވްރަސް ކުރިމަތީގައި ކުރިއެރުން ލިބޭ ގޮތެއް ނުވިއެވެ. ނަވްރަސް ޔަޝްމްގެ އަތުން ދޫކޮށްލީ ސައިކަލާއި އަރާހަމަވުމުންނެވެ. މަގުން ދާހާ މީހުންގެ ސަމާލުކަން ވެސް ޔަޝްމްމެންނަށް ހުއްޓިފައި ވެއެވެ.

”ނަވްރަސް ކިހިނެއް ވެގެންތަ ތިއުޅެނީ، ނަވްރަސް ބޭނުން ގޮތެއް އަހަންނަށް ނެހެދޭނެ…” ކުރެހިގެން ދިޔަ އަޑަކުން ޔަޝްމް ބުންޏެވެ. ހިތުގައި ވާ ޝަކުވާތައް އެއްފަހަރާ ބޭރުކޮށްލަން ބޭނުން ވިއެވެ. އެހެނަސް އެހާ ގާތުން ނަވްރަސްގެ މޫނު ފެނި އެހިތްވަރު ވެސް އެލުނެވެ. ޔަޝްމްގެ މޫނަށް ފުންކޮށް ބަލަން ހުރި ނަވްރަސް އަމުރުކުރީ ސައިކަލަށް އެރުމަށެވެ. އޭރު ވެހެމުން ދިޔަ ހިމަފޮދު ވާރެއިން ހިސާބަކަށް ދެޒުވާނުން ތެތްމާލައިފިއެވެ.

”ނުދާނަން، ކްލާސް ފެއްޓެން ކައިރިވެފަ އޮތީ…” ޔަޝްމް ގޮތް ދައްކާލަމުން އެތެރެއަށް ވަންނަން އުޅުމުން ނަވްރަސް ޔަޝްމްގެ އަތުގައި ހިފާ ލުއްކިއެއް ޖެހިއެވެ. އަދި ސައިކަލަށް އަރަން ދެވަނަ ފަހަރަށް އަމުރުކުރިއެވެ. ވަށައިގެން ހޯދާލި ޔަޝްމް އިސްޖަހާލަމުން ނަވްރަސް ބުނި ފަދައިން ކަންތައް ކުރިއެވެ. އެނޫން ގޮތެއް އޭނައަށް ނެތީމައެވެ. ނަވްރަސް ކުރިމަތީގައި ކުރިއެރުން ނުލިބޭނެކަން ޔަޤީން ވުމުންނެވެ. އޭނަ އިނީ ހިތުގައި ޖެހި ދެރަވެފައެވެ. ރޮވެންވެސް ކައިރިވެފައެވެ. ތުންފަތުގައި ދަތްއަޅާލީނުން ލޭއޮހޮރުވާލަފާނެހެން ވެސް ހީވެއެވެ.

ޔަޝްމް ސައިކަލަށް އަރައި ހަމަނުޖެހެލެވީން ނަވްރަސް ސައިކަލު ދުއްވާލުމުގެ ނަތީޖާއަކަށް ވީ ހުރަހެއްނެތި އޭނަގެ މޫނު ގޮސް ނަވްރަސްގެ ބުރަކަށީގައި ޖެހުމެވެ. އެހަށިގަނޑުން ދުވި މީރު ވަހަކުން ޔަޝްމްގެ ސިކުނޑި ތާޒާ ކުރުވިއެވެ. މީހާއަށް ހަމަޖެހުން ގެނެސްދިނެވެ. އެލުއި ފިރިހެންވަންތަ ސެންޓްގައި ވަނީ ކޮންފަދަ ސިހުރެއްކަމެއް ވެސް ނޭގެއެވެ. ދެތިން ފަހަރު އެތެރެއަށް ނޭފަތް ދަމާލެވުނީ ވެސް ބޭއިހް ތިޔާރުގައެވެ. އެހަށިގަނޑުގެ ހޫނުކަމުން ހިތަށް އަރާމެއް ވެސް ލިއްބައިދިނެވެ.

ޔަޝްމް ނަވްރަސްއާ ދުރަށް ޖެހިލަން ނުކެރިފައި އިނީ ނަވްރަސް ސައިކަލު ދުއްވަމުން ދިޔަ ދުވެލި ބާރުކަމުންނެވެ. ދެލޯ މަރާ ތަގުޅިކޮށްލައިގެން އިންއިރު ދުލަށް އައިހާ ހެޔޮއެއްޗެއް ކިޔަމުން ގެންދިޔައެވެ. ނަވްރަސް އޭނަ ގެންދާ ތަނަކާ މެދު ހިތުގައި ސުވާލު އުފެދިފައި ވިޔަސް ދުލުގައި ވަނީ ތަޅެއް ލެވިފައެވެ.

ސައިކަލު މަޑުކޮށްލިކަން އެނގުނެވެ. ހަމައެއާއެކު ނަވްރަސްގެ އަޑު ވެސް އިވިގެން ދިޔައެވެ. ސައިލުން ފޭބުމަށް އެދިއެވެ. އަވަސް އަވަހަށް ދެލޯ ހުޅުވާލި ޔަޝްމްއަށް ވަށައިގެން ހޯދާލެވުނެވެ.

”މި..މިތަނަށް އައީ ކީއްކުރަން، ނަވްރަސް އަހަރެން ބޭނުމީ ކޮލެޖަށް ދާން، މިހާރު ގަޑި ވެސް ޖެހިދާނެ…” ސައިކަލުން ނުފައިބަން ގަދަ ހަދާލި ޔަޝްމް ބުންޏެވެ. އޭނަ އިނީ ދެއަތް މޭގައި ހުރަސްކޮށްލައިގެންނެވެ. އޭނަ ކަންތައް ކުރަމުން ދިޔައީ ސިކުނޑި އިރުޝާދު ދެމުން ދިޔަ ގޮތަށެވެ. އޭރުވެސް ތަކުރާރުކޮށް ހިތް އެދި ގޮވަމުން ދިޔައީ ލޯތްބަށް އެދި ނަވްރަސްގެ ފަރާތުން ސަލާން ޖެހުމަށެވެ.

”އެއްފަހަރު ވިޔަސް އަހަރެން ބުނާ ގޮތަށް ކަންތައް ކުރިއްޔާ ވާނީ ކީއްތަ؟…” ނަވްރަސްގެ އަޑުގައި ރުޅިވެރިކަމެއް ނެތެވެ. އެއާ ޚިލާފަށް އޭގައި ފޮރުވިފައިވާ މާނައެއް އެކުލެވިގެން ވެއެވެ. ދެން ވީ ގޮތެއް ނޭގުނެވެ. ހަތިޔާރު ބަހައްޓަމުން ޔަޝްމް ސައިކަލުން ފޭބިއެވެ. ނަވްރަސްގެ ދެލޮލުގައި މަޑު ރިހުމެއް ވާކަން ވެސް އޭނައަށް ފާހަގަ ކުރެވުނެވެ. ނަވްރަސް ޔަޝްމްގެ އަތުގައި ހިފުމުން ޗާބީ ދީފައިވާ ބުދެއްހެން އޭނަ ކުރިއަށް ހިގައިގަތެވެ. ބަސްހުއްޓިފައި ހުރެއެވެ.

ހޮސްޕިޓަލްގެ ކޮރިޑޯން ހިނގާލާފައި ގޮސް ނަވްރަސް ވަނީ އޭނައަށް ޚާއްސަ ކުރެވިފައިވާ ކެބިން އަށެވެ. ފަހަތުން ލެއްޕުނު ދޮރާއެކު އޭނަ ޔަޝްމްގެ އަތުން ދޫކޮށްލަމުން ޔަޝްމްއަށް ފުރަގަސް ދިނެވެ. ޔަޝްމްގެ ހިތުގެ ވިންދު އަވަސް ވެގެން ދިޔައީ ކުއްލިޔަކަށެވެ. ނަވްރަސް އެއްޗެއް ބުނަން ބޭނުންވެ ނުކެރިފައި ހުރިކަން ވެސް އޭނައަށް އެނގެއެވެ. ފަހަތުން ނަވްރަސްގެ ގައިގައި ބައްދައިގަންނަން ވެސް ހިތަށް އެރިއެވެ. ނަމަވެސް އޭނަ ހަމަ ހުރި ފިޔަވަޅު މަތީގައި ހުއްޓެވެ.

ދޮރުގައި ދެއަތް ވިއްދާލައިގެން ހުރި ނަވްރަސް ފުންނޭވާތަކެއް ލަމުން ދިޔައެވެ. ދެލޯމަރާލައިގެން ހުރި އިރު އޭނަ ދިޔައީ ފުންކޮށް ކަމަކާ މެދު ވިސްނަމުންނެވެ.

”އަހަރެން މިހުރީ އަޑުއަހަން…” ނަވްރަސް ބުނި އަޑު އިވުނެވެ.

”ޔަޝްމް ދައްކާ ކޮންމެ ވާހަކައެއް އަޑު އަހަން މިހުރީ، އައެމް ސޮރީ، އެރޭ އެގޮތަށް ކަންތައް ކުރެވުނީތީ، އަހަރެން މީ ކޮންކަހަލަ މީހެއްތަ؟… އައެމް ސޮރީ ޔަޝްމް، އަހަންނަށް ފުރުސަތެއް ނުދޭނަންތަ؟، އަހަރެން ވަރަށް މަސައްކަތް ކުރިން ޔަޝްމްއާއި ދުރުން އުޅެން، އެކަމަކު އެގޮތަށް ކަންތަކެއް ނުކުރެވުނު، މިއަދު ޔަޝްމް ފެނި އަހަރެން ވަރަށް ދެރަވި، އެނގޭ ޔަޝްމްގެ ދެލޯ ރަތްވެފައި ވަނީ އަހަރެންގެ ސަބަބުންކަން، އަހަރެން ބޭނުން އެއިން ކޮންމެ ކަރުނައެއްގެ އަގު އަދާކޮށްދޭން، އައި ލަވް ޔޫ…” ނަވްރަސް ޔަޝްމްއާ ކުރިމަތިލަމުން ބުންޏެވެ. އަދި ހަމައެއާއެކު އެބާރުގަދަ ދެއަތުގެ ތެރެއަށް ޔަޝްމް ގެނެސް މޭގައި ފޮރުވާލީ ދުވަހަކު ދޫކޮށްނުލާނަމޭ ބުނާ ފަދަ ގޮތަކަށެވެ.

”ވަރަށް ބޮޑަށް ލޯބިވޭ…” ނަވްރަސް ޔަޝްމްގެ ކަންފަތް ދޮށުގައި ބުންޏެވެ. ހިތަށް ލިބުނު ފިނިކަމާއެކު ވެސް ޔަޝްމް އަށް ރޮވުނީއެވެ. އެއީ އުފާވެރިކަމުގެ ކަރުނަތަކެކެވެ. ޔަޝްމްއަށް ނަވްރަސްގެ މޭގައި މޫނު ފޮރުވާލެވުނެވެ. އެހިތުގެ ތެޅުން ވެސް އިހުސާސްކުރެވުނެވެ. ލިބިގެން ދިޔަ އުފާވެރިކަން ބަޔާންކޮށެއް ނުދެވޭނެއެވެ. އޭނަގެ ހިތާމަތަކަށް ނިމުން އައީއެވެ. ހިތުގެ ވެރިޔާ ހާސިލް ވެގެން ދިޔައީއެވެ.

”އަހަރެން ވެސް ލޯބިވޭ….” ޔަޝްމް ކަރުނައިގެ ތެރޭން ބުނި އަޑު އިވުނެވެ. އެވަގުތު ނަވްރަސްގެ ހުނުމުގެ އަޑު އިވުނެވެ. ޔަޝްމްއަށް ވެސް ހިނިތުންވެވުނެވެ.

”ދެން ނުރޯތި…” ޔަޝްމްގެ ކަރުނަތައް ފޮހެލަދެމުން ނަވްރަސް ވާހަކަ ދެއްކިއެވެ. އަދި ތެތްކަން އެކުލެވިގެންވާ އެސްފިޔަތަކުގައި ބޮސްދިނެވެ. އެރީތި ތުންފަތުގެ ފުރަތަމަ ބީހިލުމުން ޔަޝްމްގެ ހިތް ފިދާހާ ވިއެވެ. ނަމަވެސް ކައިވެނީގެ ކުރިން އެފަދަ ގުޅުމަކާ ހަމައަށް ދާން އޭނަ ބޭނުމެއް ނުވިއެވެ. އޭނަ ބޭނުންވަނީ ކައިވެނީގެ ފަހުން ނަވްރަސް އާއެކު ހޭދަކުރެވޭ ކޮންމެ ވަގުތަކީ ވެސް ފުރިހަމަ ވަގުތުކޮޅަކަށް ވުމަށެވެ. އެފަދައިން ކަންތައް ވާނީ ދެމީހުންވެސް ކެތްތެރި ވެގެންނެވެ. ޝައިތާނާގެ ވަސްވާހުން ދުރުހެލިވެގެންނެވެ.

”ލެޓްސް ސިޓް…” ނަވްރަސްއަށް ނަގައިގަނެވުނީ ކަން ނޭގެއެވެ. އެއާއެކު އޭނަގެ ހިތުން ޔަޝްމްއަށް ދެވުނު ޤަދަރު އިތުރުވެގެން ދިޔައެވެ. ޔަޝްމް އެހެން އަންހެންކުދިންނާ ހާދަ ތަފާތެވެ. އެހިތުގައި އޮތް ލޯބި އެތައް ދަރަޖައަކަށް އުފުލިގެން ދިޔައެވެ.

ޔަޝްމް ގޮސް ނަވްރަސް އިޝާރާތްކޮށްލި ސޯފާ ގޮނޑީގައި އިށީނެވެ. ޔަޝްމްއާ ކުރިމައްޗަށް ވާ ގޮތަށް ނަވްރަސް ވެސް އިށީނެވެ. ނަވްރަސްއަށް ބަލާލަމުން ޔަޝްމް ފުންނޭވާއެއް ދޫކޮށްލިއެވެ.

ނަވްރަސް ޔަޝްމްގެ އަތުގައި ހިފާލަމުން ފިތާލިއެވެ. އަދި އޭނަ މީނީ ތައްޔާރުވެގެންނޭ ބުންޏެވެ. ޔަޝްމް ހިނިތުންވެލިއެވެ.

”އަހަރެން ފުރަތަމަ ހަޔާތުގެ ބައިވެރިޔަކަށް ޚިޔާރު ކުރި ޒުވާނާ އަކީ ވަރަށް ގޯސް މީހެއް، އޭނަ އަހަންނަށް އޮޅުވާލީ ވަރަށް ވެސް ބޮޑަށް، އޭނަގެ ސަބަބުން އަހަރެންގެ ދިރިއުޅުން މުޅިން ބަދަލުވެގެން ދިޔައީ، މަންމަ އަހަންނަށް ކުރި އިތުބާރު ގެއްލިގެން ދިޔައީ، އަހަންނަށް އޭރު ނޭގޭ ބޭރުން ފެންނަ ސިފަ ކިތަންމެ ރީތި ވިޔަސް އެތެރެއިން މީހާ ހުތުރު ވެދާނެއެކޭ…. މުޅި އުމުރުދުވަހަށް އެއްވެސް ކަމެއް ނުފޮރުވޭނެކަން އޭނައަށް ނޭގުނު، އަހަންނަށް އޭނަ އަންހެން ކުއްޖަކާއެކު ހުއްޓާ ފެނުމުން ވަގުތުން ގުޅުން ކަނޑާލީ، އޭގެ ފަހުން އޭނަގެ އުނދަގޫ ބޮޑު ވާން ފެށީ، އެއްދުވަހު ގެއަށް އައިސް ބައްޕައާ ދިމާއަށް ވެސް ހަޑިހުތުރު ބަހުން އެއްޗެހިކީ، ބުނި އަހަންނަށް ހަމަޖެހުމެއް ވެސް ނުދޭނަމޭ، އޭގެ ފަހުން މަންމަ ވަރަށް ބިރުން އުޅުނީ… އަހަންނާ ވާހަކައެއް ވެސް ނުދައްކާ ހުރި، ދެން މަންމަ ބަލިވެގެން އެކަނި މާލެއަށް ދިޔަ ފަހަރަކު އިޒްކާންގެ މަންމައާ ދިމާވީ، ދެމީހުންނަނީ ވަރަށް ގާތް ދެއެކުވެރިންނަށް، އަހަންނާއި އިޒްކާންގެ ކައިވެނި ހަމަޖެހިގެން ދިޔައީ އެދަތުރަށް ފަހު، އޭރު އަހަންނަކަށް ނޭގޭ އެމީހުންނީ ތިބޭ ބައެއް ކަމެއް ވެސް… އަހަރެން ގާތު އެވާހަކަ ބުނި ދުވަހު ވަރަށް ރުއިން، ރުޅިވެސް އައި… އާދޭސް ވެސް ކުރިން، އެކަމަކު އަލަފްގެ ސަބަބުން ބިރުން ހުރި މަންމަ ބޭނުންވީ އަހަންނަށް ރައްކާތެރިކަން ހޯދައިދޭން، އަލަފް އާ ދުރަށް ފޮނުވާލަން، މަޖުބޫރުވެގެން އަހަރެން އެއްބަސްވީ، އަނެއްކާ މާލެ ދެވުމުން އަހަރެން ހަދަން ބޭނުންވާ ކޯސްވެސް ފުރިހަމަ ކުރެވޭނެކަން އެނގޭތީ ހިތާއި ދެކޮޅަށް އާނ ބަސް ދިނީ… ކައިވެންޏަށް ފަހު އަހަރެން ބަލަން އިޒްކާންއާއި ދުރުން އުޅެން، ފިރިހެނުންނަށް އިތުބާރު ނުކުރެވޭތީ…. ކައިވެންޏަށް ފަހު އަހަންނަށް ޝައްކުވާން ފެށީ އިޒްކާން އުޅޭ ގޮތުން… އަހަރެން ހަޤީޤަތް ހޯދަން ކުރި މަސައްކަތަށް ދިޔައީ ހުރަސް އެޅެމުން، ވަރަށް އުނދަގުލުން ނަވްރަސްގެ މައުލޫމާތު ލިބުނީ ވެސް، އޭރު ނޭގޭ ތީ ޒޯޔާގެ ބޭބެއަށް ވެދާނެއެކޭ، އޭރު އަހަރެންގެ ހިތުގައި ނަވްރަސްއަށް ވަނީ ހާއްސަ މަޤާމެއް ދެވިފައި…. އަހަރެން އެރޭ އައީ ވަރަށް ފޮނި އުއްމީދުތަކާއެކު، އެންމެ ފަހުން މިޝްޔާއަށް ވެގެން ދިޔަ ގޮތް އެނގޭނެތީ…. ނަވްރަސް އިންކާރު ކުރުމުން ދެރަވީ ވެސް އެހެންވެ، ރުޅިއައިސްގެން ބޭރަށް ދިޔައީ ވެސް އެހެންވެ، އެކަމަކު ފަހުން ބޭނުންވި އަންނަން، ނަވްރަސް އަހަރެންދެކެ ހިތްހަމަނުޖެހިދާނެތީ، އެކަމަކު އެރޭ ވެސް އައީ އިޒްކާންގެ މަންމަ ގާތު ދޮގެއް ހަދައިގެންކަމުން އެފުރުސަތު ނުލިބުނީ… އެނގޭތަ އަހަންނަށް ނަވްރަސް މޯލް އިން ފެނުނު ދުވަހު ވަރަށް އުފާވި، ދެލޯ ހޯދަމުން ދިޔަ ޒުވާނާ ފެނުމުން…. އެރޭ ގެއަށް އައިސް ނުވެސް ނިދުނު……” ޔަޝްމް ކިޔައިދިނެވެ.

”ޑިވޯސްގެ ކަންތައް އަންނަ ހަފްތާގަ ނިމިގެންދާނެ… ނަވްރަސް އަހަންނަށް އިތުބާރު ކުރޭ، އަހަންނާއި އިޒްކާންއާ ދެމެދު އެއްވެސް ކަހަލަ ގުޅުމެއް ނޯވޭ… މިއަދު މިޝްޔާގެ ފެމިލީ މީހުންނާ ވެސް މީޓް ކުރަން ދާންކަމަށް މިއުޅެނީ، އެމީހުންނަށް ވެސް ހަޤީޤަތް އެނގެން ވާނެ އެއްނު….” ޔަޝްމް އިތުރުކޮށްލިއެވެ.

”ނަވްރަސް ކީއްވެތަ އެއްޗެކޭ ނުބެނެ ތީނީ؟…”

ދެޒުވާނުންގެ ދެމެދަށް ހިމޭންކަން ވެރިވެގެން ދިއުމާއެކު ނީދެވިގެން ޔަޝްމްއަށް ބުނެވުނެވެ. އޭނަގެ ދެލޮލުން ކަންބޮޑުވުން ފާޅުވާން ފަށައިފިއެވެ. ނަވްރަސްއަށް އޭނަގެ ވާހަކަތަކަށް އިތުބާރު ނުކުރެވުނީ ހެއްޔެވެ؟

”ޔަޝްމް އެހެން އެންމެނަށް ވުރެ ބޮޑަށް އަހަންނަށް އިތުބާރު ކުރަން ދޯ؟، ދުވަހަކު ވެސް އެއިތުބާރު ގެއްލުނަކަ ނުދޭނަން، އަހަރެން ވެސް ޔަޝްމްއަށް އިތުބާރުކުރަން…” ނަވްރަސްގެ ޖުމްލައިން ޔަޝްމްގެ ހިތަށް ހަމަޖެހުން ގެނެސްދިނެވެ. ޔަޝްމް ވަގުތުން ބޯޖަހާލިއެވެ.

ޔަޝްމްއާއި ނަވްރަސްގެ ގުޅުން ބަދަހިވެގެން ދިޔައެވެ. ދެހިތް އެކަކު އަނެކަކު ކުރިމަތީގައި ބަންޑުންކޮށްލެވުނެވެ. ދެޒުވާނުން ހިތްވަރާއެކު އާހަޔާތެއް ފަށަން ގަސްދުކުރިއެވެ. ޔަޝްމްގެ ވާހަކަ ޝަރުމީލާއާ ހަމައަށް ގެންދަން ވެސް ނަވްރަސް ބޭނުން ވިއެވެ. ޔަޝްމްއާއި ދުރުގައި ހުންނަން އޭނައަށް ކެތްނުކުރެވޭނެތީއެވެ. ބީވެގެން ދާން ނޭދޭތީއެވެ.

”އަޅޭ، މިއަދުގެ ކްލާސް މުޅިން މިސްވީ، ނަވްރަސް ކަންތައް ކުރި ގޮތުން ޖެހޭނެ އެތައް ހާސް ބަޔަކަށް ޖަވާބު ދޭން ވެސް…. އޯހހ…. އެންޑް ޒޯޔާ، ޒޯޔާގެ ސުވާލުތަކަށް އަހަރެން ޖަވާބު ދޭނީ ކިހިނެއްތަ؟…” ކުއްލިޔަކަށް ކަމެއް މަތިން ހަނދާން ވުމާއެކު ޔަޝްމްއަށް ގޮނޑިން ތެވުވެވުނެވެ.

”ތެދު ހާމަކުރާނީ، ޔަޝްމްއަށް ނުކެރެންޏާ އަހަރެން ޒޯއަށް ކިޔައި ދީފާނަން، ދެން މާގިނަ ދުވަހެއް ވަންދެން ސިއްރެއް ވެސް ނުކުރެވޭނެ ދޯ….” ނަވްރަސް ހިނިތުންވުމަކާއެކު ބުންޏެވެ.

****

ހަވީރުގެ ވަގުތެވެ. ބޯމަތިކުރަމުން އައި ވިލާތަކަށް ނިމުމެއް ނެތް ފަދައެވެ. އުޑުމަތީގައި އަނދިރިކަމުގެ ސައިލެއް އޮޅާލެވިފައި ވާއިރު ބަރުވަމުން ދިޔަ ކޮޅިގަނޑުތަކަށް ކެތްނުކުރެވިގެން ދެންމެދެންމެ ވާރޭ އޮއްސައިގެންފާނެހެން ވެސް ހީވެއެވެ. ވައިރޯޅިތައް ވެސް ބާރުވެފައި އޭގެ އަޑު ފަޒާއިން ހިނދުކޮޅަކަށް ވެސް ކެނޑިގެން ނުދެއެވެ. ކޮންމެ މީހަކު ވެސް ބަލަނީ ވާރެއިގެ ޝިކާރައަކަށް ނުވަނީސް އެމީހެއްގެ މަންޒިލާ ހަމައަށް ދެވޭ ތޯ އެވެ.

”ސަމާރ ބްރީޒް” ގޭޓުން ވަން އިޒްކާންއަށް ޔަޝްމް ބަލާލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލަމުން ބޯޖަހާލިއެވެ.

ކުދި ފިޔަވަޅުތަކެއްގައި ގޮސް އިޒްކާން ބެލް ޖަހާލިއެވެ. ޔަޝްމް ހުއްޓިލައިގެން ހުރީ އިޒްކާންގެ ފަހަތުގައެވެ. ދެއަތް މޮޑެލަމުން ދިޔައިރު ނުތަނަވަސްކަން އެމޫނުމަތިން ފާޅުވެއެވެ. މިގެއަށް އަންނަން އެހާ ބޮޑަށް ބޭނުންވެފައި ހުރިއިރު މިހާ އުނދަގޫ ވެދާނެއެކޭ އޭނަގެ ހިތަކަށް ނާރައެވެ. ޖުވޭރިޔާއަށް އޭނަ ފެނުމުން ހަޅޭއްލަވައިގެންފިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ މަޑު ނާނާއެއްގެ އަޑު އަޅުވާލަމުން ދިޔަ ވާރެއަށް ނަޒަރު ހުއްޓާލައިގެން ހުއްޓާ މައިދޮރު ހުޅުވިގެން ދިޔަ އަޑު އިވުނެވެ. ތެޅިތެޅި އޮތް ހިތަކާއެކު އެދިމާއަށް ޔަޝްމްގެ ނަޒަރު ސީދާވެގެން ދިޔައެވެ. ހުޅުވިގެން ދިޔަ ދޮރުން އޭނައަށް ފެނުނީ ބޭރު ކުއްޖެކެވެ. އިޒްކާން ފެނުމާއެކު އެތެރެއަށް ދުރުވުމަށް އެކުއްޖާ އަދަބުވެރިކަމާއެކު ބުނެލިއެވެ. ނަމަވެސް ޔަޝްމް ފެންނައިރަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

ބޮޑުކޮޓަރީގައި އިން ޖުވޭރިޔާއާއި ޔަޝްމްގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. ޔަޝްމްގެ ހިތް ކުއްލިޔަކަށް އަވަސް ވެގެން ދިޔައެވެ. ޖުވޭރިޔާއާއެކު ޔޫސުފް ވެސް އިނެވެ. ދީމްއަށް ޔަޝްމް ފެންނައިރަށް ހީވީ ކެކިކެކި ހުރި އަލިފާން ފަރުބަދައެއް ފަޅައިގެން ދިޔަ ހެންނެވެ.

”ކޮބާ ހީވޭ ކަމެއް ހެން، މިއަދު އެއައީ އެއަންހެނާ ވެސް ގޮވައިގެން…” ދީމް ހަޅޭއްލަވައިގަތެވެ. އެއާއެކު ޖުވޭރިޔާގެ އަޑު އިވިގެން ދިޔައެވެ. ހިތްހަމެނުޖެހިފައިވާ އަޑެކެވެ. ދީމް ތުންފިއްތާލިއެވެ. އަނެއްކާ ވެސް ޖުވޭރިޔާ ޔަޝްމްއަށް ބަލާލިއެވެ.

”ޔަޝްމް…” އިޒްކާން ބުނެލިއެވެ. ޔަޝްމް ނޭވާ ހިފަހައްޓާލަމުން ކުރިއަށް ޖެހިލިއެވެ.

”ދައްތާ، އަހަންނަށް އެނގޭ ދައްތަ ހުންނާނީ އަހަރެން ދެކެ ރުޅިއައިސްފަކަން، އަހަރެން ދައްކާ ވާހަކަ އަޑުއަހަން ބޭނުންނުވާނެކަން ވެސް، އެކަމަކު ދައްތާ އެއްފަހަރު ވިޔަސް އަހަރެން މިދައްކާ ވާހަކަ އަޑު އަހާބަލަ… އަހަރެން މިބުނަނީ ތެދޭ… އަހަރެން ބޭނުން ދައްތައަށް ހުރިހާ ހަޤީޤަތެއް އެނގެން، އަހަރެން އިޒްކާން އާއި ކައިވެނި ކުރަން ޖެހުނު ސަބަބު ވެސް… އިޒްކާންގެ މަންމަ ވަނީ އަހަރުމެންނަށް ހަޤީޤަތް އޮޅުވާލާފައި، އިޒްކާންގެ މާޒީ ސިއްރުކޮށްފައި… މަންމައަށް އެހަޤީޤަތް އެނގުނުނަމަ ދުވަހަކު ވެސް އަހަންނާއި އިޒްކާންގެ ކައިވެންޏަށް އާނ ބަސް ނުދިނީސްކަން ޔަޤީން… އަހަރެން އިޒްކާންއާއި ކައިވެނި ކުރީ މަންމަ މަޖުބޫރު ކުރުވުމުން….. މިއަދު އަހަންނަށް ހުރިހާ އެއްޗެއް ވަނީ އެނގިފައި، އިޒްކާން ގާތުން ވަރިވާން ވެސް ވަނީ އެދިފައި… އެހެންވެ ދައްތަ މެން ގާތަށް މިއައީ… ދައްތަމެން އަހަރެން ދެކޭނީ އިޒްކާންއާއި މިޝްޔާގެ ގުޅުމަށް އެޅިފައިވާ ހިޔަންޏެއްގެ ގޮތުގައި ކަން ވެސް އެނގޭ… އެކަމަކު އެއީ ހަޤީޤަތެއް ނޫން، އަހަރެން ދުވަހަކު ވެސް ލޯބިވާ ދެމީހެއްގެ ދެމެދަކަށް ނުވަންނާނަން، އެއީ ކިހާ ދަށުދަރަޖައިގެ ކަމެއްކަން ވެސް އެނގޭ….” ޔަޝްމް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އެއާއެކު ބޮޑުކޮޓަރި ތެރެއަށް ފެތުރިގެން ދިޔައީ ހިމޭންކަމެވެ. ރުޅިއައިސް މޫނު ހަދާލައިގެން އިން ދީމް ވެސް ބަލަން އިނެވެ.

ޖުވޭރިޔާ ސޯފާއިން ތެދުވަމުން އައިސް ޔަޝްމްއާ އަރާހަމަކޮށްލިއެވެ. އެދެލޮލުގައި ކަރުނައިގެ އަސަރު ވެއެވެ. އޭނަ ޔަޝްމްގެ އަތުގައި ހިފާލަމުން ހިނިތުންވެލިއެވެ. އަދި އޭނަ ޔަޝްމްގެ ވާހަކަތައް ޤަބޫލުކޮށްފީމޭ ބުންޏެވެ. އިޒްކާން އޭނަ ގާތު ތިން ދުވަސް ކުރިން އެވާހަކަ ބުނެފައިވާ ކަން ވެސް ހާމަކުރި އެވެ.

”ދައްތައަށް ކުރިން ވެސް އެނގުނު ބަލްޤީޝް ތެދު ހާމަ ނުކުރާނެކަން…” ޖުވޭރިޔާ ބުންޏެވެ. ހުރިހާ އެންމެންގެ ހިތް ވެސް ޔަޝްމްގެ މައްޗަށް ސާފުވެގެން ދިޔަ އެވެ.

ދީމްގެ ހިމޭންކަން ފެނި އިޒްކާން ހައިރާން ވެސް ވިއެވެ. އޭނައަށް އެކަން ޤަބޫލެއް ވެސް ނުކުރެވުނެވެ. އޭނަ ހީކުރީ ދީމް ޔަޝްމްގެ ވާހަކައަށް އިތުބާރު ނުކުރާނެ ކަމަށެވެ. ހަޅޭއްލަވައިގަންނާނެ ކަމަށެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ ދިމާ އޭގެ އިދިކޮޅަކަށެވެ. އޭނަ އެކަމާ މެދު އުފާވެސް ވިއެވެ.

”ސޮރީ…” ދީމް އިސްއުފުލާލުމެއް ނެތި ބުންޏެވެ. ޖުވޭރިޔާ ވެސް ހައިރާންވެފައި ބަލާލި އެވެ. ދީމް އޭނަގެ ކޮޓަރިއަށް ދާން ތެދުވަމުން ޔަޝްމްއަށް ހިނިތުންވެލި އެވެ. އަދި މަޑުކުރުމެއް ނެތި ދިޔަ އެވެ.

”ސައިބޮއެގެން ދާން ވާނީ އެނގޭ…” ޖުވޭރިޔާ ހަވީރުގެ ސަޔަށް ދައުވަތު ދިނެވެ.

****

ހަވީރުގެ ސަޔަށް ފަހު މިޝްޔާއާއި ބައްދަލު ކުރަން ޔަޝްމް ދިޔައެވެ. އޭނަގެ ފަހަތުން އިޒްކާން ވެސް ދިޔައެވެ. މިޝްޔާ ފެނި ޔަޝްމްގެ ފައިގައި ކަސްތޮޅު އެޅުނު ކަހަލައެވެ. އޭނައަށް ބަލާލެވުނީ އިޒްކާން އަށެވެ. މިޝްޔާ އެހާލުގައި ފެންނަ ކޮންމެ ފަހަރަކު އިޒްކާންގެ ހިތް ހަލާކުވާނެކަން ގައިމެވެ. އިޒްކާން ބަހެއް ވެސް ބުނެލުމެއް ނެތި ގޮސް މިޝްޔާގެ މަގަތުގައި އިށީނެވެ. ފަހަތުން ގޮސް ޔަޝްމް ހުއްޓުނީ ތަންކޮޅެއް ދުރުގައެވެ. މިޝްޔާއާއި އިޒްކާންގެ މޫނަށް ވަކިވަކިން ބަލާލިއެވެ. ދެމަފިރިން ވަރަށް ވެސް ގުޅެއެވެ. ޔަޝްމް ދުޢާ ކުރިއެވެ. އެދެލޯބިވެރިން އަލުން ގުޅުމުގެ ނަސީބު ދެއްވުމަށް އެދިއެވެ.

ކޮޓަރިއަށް ވެރިވެފައި އޮތް ހިމޭންކަން ފުނޑުފުނޑުކޮށްލީ ރިންގްވާން ފެށި ފޯނުގެ އަޑުންނެވެ. އިޒްކާން އަވަސް އަވަހަށް ފޯނުނަގައި ކަންފަތުގައި ޖައްސާލިއެވެ. އެކޮޅުން އިވިގެން ދިޔަ ޚަބަރަކުން އިޒްކާންގެ ހިއްސުތައް ގަނޑުވެގެން ދިޔަ ކަހަލައެވެ. ވިހަ ގަދަ ތީރުތަކެއް ފަދައިން ދެންމެ އިވުނު ކޮންމެ ލަފްޒެއް އައިސް އެހިތުގެ އެންމެ ފުނަށް ހެރިއްޖެއެވެ. އަތުގައި އޮތް ފޯނު ވެސް ދޫވެގެން ގޮސް ވެއްޓިއްޖެއެވެ. އެމޫނުމަތި މިލައިގެން ދިޔައިރު ލޮލުން ކަރުނަ ވެސް ފާޅު ވެއްޖެއެވެ.

ޔަޝްމް ވަގުތުން ސުވާލުކުރިއެވެ.

”މަންމަ… މަންމަ… އެކްސިޑެންޓް… ވެއްޖެ…” ހާސްކަމުން ފުރިގެން ވި ރާގަކަށް އިޒްކާންއަށް ވާހަކަ ދެއްކުނީ އަޅައިގަންނަމުންނެވެ. އެޖުމްލަ އަޑު އިވި ޔަޝްމްއަށް ވެސް ވީ އިޒްކާންއަށް ވީ ވަރެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (21)

  1. Mutha/ S.Hithadhoo

    Hey all, story ge last two parts maadhan genesdeynan, In Shaa Allah 🙂

  2. monarch butterfly

    Varah nice story eh.. waiting for tomorrow

  3. maasha

    Ohh.. V salhi… Plx up kohlaba nex part.. Kehmadhu vefa mihunnanee…. Story ehkn uo kohlaba.. Vvvv reethi.

  4. laish

    Muthaa dhn mirey up kohdhin nama

  5. Kai

    Last 2 alhe muthaa 😛 miyoh salhi story nimunee tha 🙁 🙁

  6. mixoo88

    Oh… Waiting for tomorrow….. ?????

  7. Miloo

    Dhn muthaa.. alhe mirey story ehkoh up koh bala.. plxplx.. dhn enme 2 part eynu… i am waitin.. waitin.. waitin

  8. Eeamy

    Huwa miee vaa reethi vaahaka eh…… Waiting for tomorrow’s part…… Mutha mi vaahaka varah reethi mi vaahaka abadhu kiyaa hiy vani…..

  9. Naxoo

    Ohh…last ey…adhi thahkolhey dhigukohlaaa….hehe…v nice feshigen mihisaabah aadhevunu iruga….kiyaalan beynunvany adhives… 🙂 🙂
    waiting for the next part…

  10. LatHu

    Thanks muthaa… hardly waiting for tmrrrw… avahah muthaage ithuru vaahaka ehves kiyaalan libeyne kamah unmmmeedhu kuran…

  11. Kiyuntheriyaa

    Thanks a lot muthaa. U are a great writer who pay heed to your readers demands. Thanks a lot once again for uploading. It really means a lot. 🙂

  12. mice

    Varah reethi stry eh….

  13. Aishaa

    Haadha avahah nimmalanee thi story

  14. iris

    Mutha thee hama best… Ehaa avahah up kohdhey.. Story vx vvvvvvvvv nyc.. ?

  15. SARA

    Yay.. mishyaa heylahvvahcchey muthaa.. cant wait 4 d nxt part..

  16. sheynn

    Last 2 partx ey…awlhey nun muthaa…ehaa avahah nihmaa nulaabala plyxxxx…mee haadha rythi story ekey..adhi vex dhigu koh genas dhybala plxx…i luv dhixx story

  17. Meera

    Eha avaha nunimaba. Mioi reethi vahaka.. Adi vs digy kureveynenu mi vahaka.. Pls pls few more parts… lov reading dis story

  18. inayaa

    Omg…..thanks muthaa i beg u

  19. Naazneen Abdulsattar

    Nufoheveyne

  20. lai

    mutha aky anhenehtha noony firihenehtha? story v vvvvv nice. keep up the good work. anekkaaves rythi vaahakaeh genes dhehche muthaa……………

  21. ina

    This is my first cmnt on this stry………stry v v v nice….hurihaa parts vx hama v nice……nw m waitin 4 last 2 partsssss

Comments are closed.