
ފޮހެވޭނޭ ބާއޭ… 47
މާހުތާބް އާއި ފަލަކް ނުވެސް ކުރާ ކުށެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. މަސްތުވާތަކެތި ގެންގުޅުމާއި ބޭނުން ކުރުމުގެ ކުށުގެ ދަށުންނެވެ. ހެއްކަކަށް ގެންދެވުނީ މާހުތާބްގެ ކޮޓަރިން ފެނުނުކަމަށް ބުނި ރަބަރު ޕެކެޓެވެ. ފައިސާއާއި ބާރު ހުރުމުން ބަލްޤީޝް ބޭނުންވި ގޮތަކަށް އެމައްސަލަ ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވެސް އޭނައަށް އޮތެވެ. މިހާރު ވެސް ކަންތައް ދިޔައީ އޭނަ ބޭނުންވި ފަދައިންނެވެ. ރަސަލް އެކަމަށް ފާޑު ނުކިޔުމުން ހިތަށް ހަމަޖެހުމެއް ވެސް ލިބުނެވެ. ބަލްޤީޝް ހުރީ ދުރާލާ ހުރިހާ ކަމެއް ގެއަށް އައި މަގުމަތީގައި ރާވާލައިގެންނެވެ. ރަސަލްގެ އެކުވެރިން ފުލުހުންގެ ބޮޑުންގެ ތެރޭގައި ހިމެނުމުން އެކަމުގެ ނާޖާއިޒް ފައިދާ އޭނަ ކިތަންމެހާ ވެސް ފުރިހަމަ ކަމާއެކު ހިފައިފިއެވެ. ނިކަމެތި ބަޔެއްގެ މައްޗަށް އެބާރުގެ ބޭނުން ވެސް ފޯރުވައިފިއެވެ.
ޔޫޝައު އެތާނގައި މަޑުކުރުމެއް ނެތި ބާރު ބާރަށް ހިނގާލާފައި ދިޔައީ އޭނަގެ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެވުމާއެކު އައިސްފައި ހުރި ރުޅިގަނޑު ފަހަތުން ލެއްޕުނު ދޮރަށް އަމާޒުކޮށް ލިއެވެ. ގޮށްމުށުގެ ދެއެތިފަހަރު ދޮރަށް ވީއްލާލަމުން އޭނަ ފުންނޭވާތަކެއް ލިޔެވެ. ހީވަނީ މީހާ ހަމައަކަށް އަޅުވަން އުނދަގޫވެ ހަނގުރާމައެއް ކުރަމުން ދާ ހެންނެވެ.
”ޔަޝްމް، ޔަޝްމްއާއި ޔަޝްމްގެ ޢާއިލާ މީހުންނަށް ވަނީ ވަރަށް ބޮޑަށް އޮޅުވާލެވިފައި، އިޒްކާން ޔަޝްމްއާ ކައިވެނި ކުރީ ބަލްޤީޝް އޭނައަށް މަޖުބޫރު ކުރުމުން!…. އިޒްކާންގެ ކުރީގެ އަންހެނުން މިޝްޔާ، އިޒްކާން ދޫކޮށްފަކާ ނުދޭ، އެކުއްޖާއަށް ދިމާވި އެކްސިޑެންޓެއްގެ ސަބަބުން އޭނަ ވީ ކޯމާއެއްގައި، އިޒްކާން އެކުއްޖާ ވަރިއެއް ވެސް ނުކުރޭ، އެނގޭތަ އައީ ކާކުކަން؟… އެއީ ދީމްގެ ކޮއްކޮ… ޔަޝްމްއަށް ވެސް އެނގޭނެ ދީމް މިގޭ މީހުން ދެކެ ރުޅި އަންނަކަން… އެކީއްވެގެން ކަން އެނގޭތަ؟… މިޝްޔާ ކޯމާއަށް ދިޔުމުން އޭނަ ގެއިން ބޭރުކޮށްލީ ބަލްޤީޝް…. މިޝްޔާ މިހާރު ވީ އޭނަގެ މަންމަމެން ގާތު، ޔަޝްމްއަށް އަހަރެންގެ ވާހަކަތައް ޤަބޫލު ނުކުރެވެންޏާ އަހަރެން މިބުނާ އެޑްރެސްއަށް ގޮސްބަލަ، އޭރުން ހުރިހާ ހަޤީޤަތެއް އެނގިގެން ދާނެ، ބަލްޤީޝް އަކީ މަކަރު ވެރި އަންހެނެއް، އޭނަ ވަނީ ޔަޝްމްގެ މަންމަ ގާތު ބޮޑެތި ދޮގުތައް ހަދާފަ… ޔަޝްމް ދޭ ސަމާރ ބްރީޒްއަށް އޭރަށް ޖުވޭރިޔާ ކިޔައިދޭނެ ހަޤީޤަތް….. ބަލަ މަގޭ އަތުން ދޫކުރާށޭ!!! މީ މިމީހުންގެ ރޭވުމެކޭ……” އަންހެން ފުލުހަކު މާހުތާބްގެ އަތުގައި ބިޑި އަޅުވައިގެން ޖިޕާއި ދިމާއަށް ގެންދަން އުޅުމުން އޭނަ ހަޅޭއްލަވައިގަތެވެ. އެއާއެކު ބަލްޤީޝްގެ މޭގަނޑަށް ފިނިވެގެން ދިޔައެވެ. ވަގުތުން މާހުތާބްގެ އަނގަ ބަންދުރުކުރަން އޭނަ ފޫގަޅައިގަތެވެ.
”ފަތަށް ބަރުކުރަން އަދިވެސް ދޮގު ހެދޭތޯ ބަލާތި!!!…” ބަލްޤީޝް ރުންކުރު ރާގަކަށް އިއްވާލި އެވެ.
”ޔަޝްމް އަހަރެން ބުނި އެޑްރެސްއަށް ދޭ އޭރުން އެނގޭނެ އަހަރެން މިހަދަނީ ދޮގެއް ނޫންކަން…” މާހުތާބް ހުއްޓާނުލިއެވެ. އޭނަގެ ދުލުގައި ތަޅެއް ލެވިގެން ދިޔައީ ފުލުސް ކުއްޖާ އޭނަ ގަދަކަމުން ގެންގޮސް ޖިޕަށް އެރުވުންނެވެ. އޭރު ބަލްޤީޝްގެ އުފާވެރިކަމަށް އޭނައަށް ވީ ވަރަކުން އޭނަ ޒަހަރު ލައިފިއެވެ.
ކުއްލިޔަކަށް ބަލްޤީޝްއަށް ޔަޝްމްއަށް އަވަސް ނަޒަރެއް ދެވިއްޖެ އެވެ. މުޅި މީހާ ހާސްވެފައި ވާ ހާލުގައެވެ. ޔަޝްމް މާހުތާބްގެ ބަހަށް އިތުބާރުކޮށްފާނެ ތީއެވެ. އޭނަ ކުރި ބުރަ މަސައްކަތަށް ފެންބުރުއްސައިގެން ހިނގައިދާނެ ތީއެވެ. މިހެން ވެދާނެ ކަމާމެދު ކުރިން ވިސްނާލެވުނު ނަމައެވެ. ނަމަވެސް އައިސްފައި ހުރި ގަދަ ރުޅީގެ ސަބަބުން އޭނަ ބޭނުންވީ މާހުތާބްގެ ފަރާތުން ބަދަލު ހިފާށެވެ. އެކަމުގެ ބަދަލު މާހުތާބް ވަރަށް ރަގަޅަށް ވެސް ހިފައިފިއެވެ. ހަޤީޤަތުގައި ބަލްޤީޝް ހުރީ ވަރަށް ބޮޑަށް ބިރުގެންފައެވެ. އޭނަ އަވަސް ވެގަތީ ދޮގެއް ހަދައިގެން ވިޔަސް ޔަޝްމްގެ ވިސްނުމާ ކުޅެލާށެވެ. އޭރު ޔަޝްމްއަށް މާ ކުރިން ވެސް ހަޤީޤަތް އެނގިފައިވާކަމެއް އޭނައަށް ރޭކާނުލައެވެ. އޭނަގެ ދޮގުތަކަށް ޔަޝްމް ނުހެއްލޭނެކަން ވެސް މެއެވެ.
”ދަރިފުޅު އޭނަގެ ވާހަކަތަށް އިތުބާރު ނުކުރައްޗޭ، އޭނަ އެއުޅެނީ ދަރިފުޅާއި އިޒްކާންގެ ދިރިއުޅުން ބަރުބާދުކުރަން، އެކަލަ މީހުންނަށް ހިތްހަމެޖެހުން ލިބިގެން ދާނީ ވެސް އެފަދަ ކަންތައްތަކުން…” ބަލްޤީޝް ދޮގު ހެދިއެވެ. ޔަޝްމްގެ ހިތުގައި އޮތް ފޫހިކަން ވީ އިތުރެވެ. އޭނައަށް ހަޤީޤަތް އެނގިފައިވާކަން ހާމަކުރަން ވެސް ބޭނުން ވިއެވެ. ނަމަވެސް އޭނައަށް އެފުރުސަތު ގެއްލިގެން ދިޔައީ ކުއްލިޔަކަށް އިވިގެން ދިޔަ އިޒްކާންގެ އަޑުގެ ސަބަބުންނެވެ.
”މަންމާ، ދެން ހޮޔެ، އިތުރު ދޮގެއް ނުހަދަ ފާނަންތަ؟، ޔަޝްމްއަށް ވަނީ ހަޤީޤަތް އެނގިފައި، މިގުޅުމަށް ނިމުން ގެންނަން ވެސް އަހަރުމެން ވަނީ ނިންމާފައި، އަންނަ ހަފްތާގައި ވަރީގެ ކަންތައްތައް ނިމިގެން ދާނެ…” އިޒްކާންގެ ޖުމްލައިން ބަލްޤީޝްގެ މޫނަށް ބާރުގަދަ އެތިފަހަރެއް ވީއްލާލެވުނު ހެން ހީވިއެވެ. އިޒްކާންގެ ނަން ބާރަށް ކިޔާލެވުނެވެ. ކައިރީގައި ހުރި ޔަޝްމް ދިޔައީ ސިއްސައިގެންނެވެ.
”މަންމަ ހަޅޭއްލެވިޔަސް އަހަރުމެން ދެމީހުންގެ ނިންމުން ބަދަލެއް ނުކުރެވޭނެ، ވަރަށް ގިނަ ދޮގުތައް ހެދިއްޖެ، މީހުންނަށް އޮޅުވާލެވިފައިވާ ވަރު އަދިވެސް ނުވިސްނެނީތަ؟… މަންމަ އަދިވެސް ހިތްހަމަ ނުޖެހެނީތަ؟…” އިޒްކާންއަށް ބުނެވުނެވެ.
”ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫނޭ، އަހަރެން ތިކަން ވިޔަކަ ނުދޭނަން، ރަސަލް!…” ގޮތް ހުސްވެފައިވާ ގޮތަކަށް ބަލްޤީޝް ރަސަލްއަށް ބަލާލިއެވެ. އިޒްކާންއަށް މަންމަގެ ބަލައިލުމުގައި ފޮރުވިފައިވާ މާނަ ނަގައިގަނެވުނެވެ. އެއާއެކު ރުޅިވެސް އާދެވުނެވެ. މިފަހަރުވެސް މަންމަ އެއުޅެނީ ބައްޕަ ލައްވާ އޭނައަށް މަޖުބޫރުކުރުވާށެވެ. ނަމަވެސް މިފަހަރު އެފަދައިން ކަންތައް ނުވާނެއެވެ. ޔަޝްމްގެ އެއްބާރުލުން އޭނައަށް ވަނީ ލިބިފައެވެ.
”ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫނޭ ބުނާއިރު ކީއްވެގެންތަ މަންމައަށް އެކަން ނުވިސްނިގެން ތިއުޅެނީ؟… އަހަންނާއި މިޝްޔާގެ ގުޅުމަށް ނިމުން ގެންނަން ބޭނުން ވެގެން އުޅެނީ؟، މަންމައަށް އެނގޭނެ އަހަރެން މިޝްޔާ ދެކެ ލޯބިވާވަރު އެކަމަކު ވެސް ކިތައް ފަހަރު އަހަންނަށް މަޖުބޫރުކުރީ މިޝްޔާ ވަރިކުރަން؟، އެންމެފަހުން އެކަންތައް ނުވާނެކަން ޔަޤީންވުމުން ދެވަނަ ކައިވެންޏެއް ކުރަން މަޖުބޫރުކުރުވީ… އެދުވަހު ފަހު އަހަރެން މިގޭގަ މިހުންނަނީ ހަމަ މިޝްޔާގެ މަންމަ ދިން ނަސޭހަތުގެ ސަބަބުން، އެހެންނޫންނަމަ އަހަރެން ދުވަހަކުވެސް މިގޭގެ އިމުގެ ތެރެއަށް ފިޔަވަޅެއް ވެސް ނޭޅީމުސް…” އިޒްކާންއަށް ކެތްނުކުރެވިގެން ބުނެވުނެވެ.
”އިޒްކާން ތީތަ މަންމައާ ވާހަކަ ދައްކަން ވީ ގޮތަކީ…” ބަލްޤީޝް ގާތަށް ރުޅި އަންނަ ގޮތް ވިއެވެ.
”މަންމާ އައެމް ސޮރީ، މިފަހަރު މަންމަ ބޭނުން ވާ ގޮތަށް އެއްވެސް ކަމެއް ނުކުރެވޭނެ، މީ ހަމައެކަނި އަހަރެންގެ ނިންމުމެއް ނޫން، ޔަޝްމް ވެސް ބޭނުންވާ ގޮތް މީ، މާނައެއް ނެތް ކައިވެނީގެ ގުޅުމަކުން ބަނދެވިގެން ތިބޭކަށް އަހަރުމެން ބޭނުމެއް ނޫން…” އިޒްކާން ހަޤީޤަތް ހާމަކުރިއެވެ. އެއާއެކު ބަލްޤީޝްގެ އަނގަ ހުޅުވިގެން ދިޔައެވެ. މިހުރިހާ ދުވަހަކު އޭނަ ހުރީ ކުށްހީއެއްގެ މަތީގައި ހެއްޔެވެ؟ އޭނައަށް ހުރެވުނީ ބިލާހީ އާލަމެއްގައި ހެއްޔެވެ؟ ނޫނެކެވެ. އެހެންވެގެން ނުވާނެއެވެ. ޒައުމާ އޭނަ ގާތު ދޮގެއް ނުހަދާނެއެވެ. ބަލްޤީޝްގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. އޭނަ ޒައުމާއަށް އޮޅުވާލި ފަދައިން ޒައުމާ ވެސް އޭނައަށް އޮޅުވާލީ ހެއްޔެވެ؟
ބަލްޤީޝް ހުރީ ހަރަކާތެއް ވެސް ގެންނަން ނޭގިފައެވެ. ހަމަހޭވެރިކަން ވީ މީހަކު އޭނަގެ ކޮނޑުގައި އަތް ބާއްވާލިހެން ހީވެގެންނެވެ. އިސްއުފުލާލި ހިނދު ގާތުގައި ރަސަލް ހުއްޓިލައިގެން ހުއްޓެވެ. އޭރު ދެމަފިރިން ފިޔަވައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ބަލްޤީޝްއަށް ރަސަލްގެ ގައިގައި ބައްދައި ގަނެވުނެވެ. އޭނައަށް ރޮވުނީ ދެނެވެ.
****
ޔަޝްމް އެނދަށް އަރާ އިށީންދެލައިގެން އިން އިރު ވިސްނެނީ ޔޫޝައުއާ މެދުގައެވެ. ފަލަކްމެންގެ ހަޤީޤަތް އެނގުނު ފަހުން އޭނައަށް ލިބިފައިވާ ޝޮކު އަދި ވެސް މުޅިއަކުން ފިލައިގެން ނުދެއެވެ. ޔޫޝައުއާ ދިމާއަށް ހިތާހިތުން ގޮވާލެވިފައިވާ އެއްޗިއްސާ މެދު އޭނަ ދެރަ ވެސް ވިއެވެ. ހަޤީޤަތް ނޭގޭ ހާލު އެއްވެސް މީހަކާ ދިމާއަށް އެއްޗެއް ނުބުނަން އޭނަ އަޒުމު ކަނޑަ އެޅިއެވެ. ބޭރަށް ފެންނަ މަންޒަރު ތަކަކީ ހަޤީޤަތައް ނުވެދާނެއެވެ. ހަމައެއާއެކު ޔޫޝައުގެ ހާލާ މެދު ވެސް ހަމްދަރުދީ ވިއެވެ. ދީމް ވެސް ޔޫޝައުއަށް ލަނޑު ދީފައި ފިލީއެވެ. ހަމަ އެފަދައިން މާހުތާބް އާއި ފަލަކް އެމީހުންގެ ބޭނުމަށްޓަކައި ޔޫޝައު ދަލުގައި ޖެއްސީއެވެ.
”އިޒްކާން، އަހަންނަށް ފެންނަނީ އިޒްކާން ޔޫޝައު ގާތަށް ދާން، އޭނަ ހުންނަނީ ވަރަށް ރުޅިގަދަ ވެފައި، ވަޓް އިފް ހީ ޑޫ ސަމްތިންގް ސްޓުޕިޑް؟…” ބެލްކަނީގައި ހުރި އިޒްކާން އާއި ޔަޝްމް ވާހަކަ ދެއްކިއެވެ.
”ތިބުނީ ވެސް ތެދެއް، އެކަމަކު މަންމައާ މެދު މާ ބޮޑަށް ކޮންސާރން ވޭ، ޔަޝްމްއަށް ނޭގޭނެ މަންމަގެ ގޮތެއް، އަނެއްކާ ވެސް މިޝޫގެ ފެމިލީ ބްލޭމް ކުރާނީ، ހިތަށް އަރާ މިގެ ދޫކޮށް މިޝޫ ގޮވައިގެން ބޭރަށް ބަދަލު ވެދާނަމޭ، އެހެން ހަދައިފިއްޔާ ވެސް މަންމަ ރުޅިގަދަ ވާނެ، އަހަންނަށް ނޭގޭ މަންމައަށް ވިސްނައިދޭނެ ގޮތެއް، ހަޤީޤަތް އެނގޭ އިރުވެސް ހުންނަނީ ގޮތުގަ…” އިޒްކާންގެ އަޑު އިވުނެވެ.
”ވަގުތާއެކު މަންމައަށް ވިސްނޭނެ، އެހެންނޫނަސް މިގުޅުމަށް ކޮންމެވެސް އެއް ދުވަހަކުން ނިމުން އަންނާނެކަން ވެސް އެނގެން ޖެހޭނެ ދޯ…….” ޔަޝްމް ބުންޏެވެ.
”ޔަޝްމްގެ މަންމައާ ވާހަކަ ދެއްކިންތަ؟…” އިޒްކާން ބުނި އަޑު އިވުނެވެ.
”އަދި ފަހުން، މިހާރު ބުނެފިއްޔާ މަންމަ ވަރަށް ރުޅި ގަދަވާނެ…” ޔަޝްމް ބުންޏެވެ. އޭނަ އެހުންނަނީ މަންމައަށް އެވާހަކަތައް ކިޔައިދޭން ނުކެރިފައެވެ. މަންމަގެ ގޮތް އެންމެ ރަގަޅަށް އެނގޭނީ ވެސް އޭނައަށެވެ. ގާތް އެކުވެރިޔަކު އެހާ ބޮޑު ކެއްސެއް ދީފާނެ ކަމަކަށް މަންމަ ޤަބޫލެއް ވެސް ނުކުރާނެއެވެ. ނަމަވެސް ކޮންމެވެސް އެއް ދުވަހަކުން މަންމައަށް ހަޤީޤަތާ ކުރިމަތިލާން ޖެހޭނެއެވެ.
”އަހަރެން ޔަޝްމްގެ މަންމައާ ވާހަކަ ދައްކަންތަ؟، ނެކްސްޓް ވީކްގަ ހުރިހާ ކަމެއް ފައިނަލް ވާނެ، ޑިވޯރސްއަށް ފަހު ޔަޝްމް އެހެން ތަނަކަށް ބަދަލު ވާނީތަ؟…” އިޒްކާން ކޮޓަރިއަށް ވަންނަމުން އެހި އެވެ.
”އުހޫނ، އަހަރެން މަންމަ ގާތު ބުނާނީ…. އާނ، ޑިވޯސްގެ ކަންތައް ނިމުނީމަ ބަދަލުވާނީ… ހިލޭ ބައެއްގެ ގާތުގަ އުޅުމަކީ އެހާ ރަގަޅުކަމެއް ވެސް ނޫނެއްނު، ކުދިން ބައިތިއްބާ ގެއަކަށް ބަދުލުވާން ކަމަށް މިވިސްނަނީ…” ޔަޝްމް އޭނަގެ ވިސްނުން ހާމަކުރިއެވެ. އެގޮތް އިޒްކާންއަށް ކަމަކު ނުދިޔައެވެ. ޔަޝްމްއަކީ މާލޭގެ މާހައުލަށް މުޅިން އައު ކުއްޖެކެވެ. އެކުއްޖާއަށް މާލޭގެ މީހުންގެ ގޮތެއް ވެސް ނޭގޭނެއެވެ. އެފަދަ ގެތަކުން އަންހެން ކުދިންނަށް ފޯރާ އުނދަގޫ ތަކާއި ގޯނާތަކެއް ވެސް ނޭގޭނެއެވެ.
”ކޯސް ނިމެންދެން މިގޭގެ ހުރެވިދާނެއެއްނު… މިގެއަށް ވުރެ ސޭފްތަނެއް ޔަޝްމްއަކަށް މާލެއިން ނުލިބޭނެ… ގެސްޓް ރޫމް ވެސް ހުންނާނެ…” އިޒްކާން ކުޑަކޮށް ޖެހިލުންވެފައި ހުރެ ބުންޏެވެ. އޭނަގެ ޖުމްލައިން ޔަޝްމް މާނަ ނަގާފާނެ ގޮތަކާ މެދު ވިސްނަމުންނެވެ.
”މަންމަ ހިތްހަމަނުޖެހޭނެކަން ޔަޤީން، ފްރޮމް ދި މޯމެންޓް ޝީ ނޯސް ދަ ޓްރުތް ބުނާނެ ރަށަށް އަންނާށޭ، އެކަމަކު ކޯސް ފުރިހަމަ ކުރަން އަހަރެން ބޭނުން، އަހަރެން މާލެ އައި ބޭނުމަކީ ވެސް އެއީ، މަންމަ ހިތްހަމެވެސް ނުޖެހޭނެ ކިޔަވާ ކުދިން ބައިތިއްތާ ގެއަކަށް ދާކަށް ވެސް، މަންމަ ގާތު ބުނާނީ މާލެ ބަދަލު ވާށޭ، އޭރުން ސެޓްލްސް ވެދާނެ، އެކަމަކު މަންމަ ބައްޕައާ ވަކިން އުޅޭކަށް ވެސް ބޭނުމެއް ނުވާނެ، ދެން ނޭގޭ!…” ގޮތް ހުސްވެފައިވާ ރާގަކަށް ޔަޝްމްއަށް ބުނެވުނެވެ.
”ކޮލީގެއް ނުހުރޭތަ؟، އޭރުން ދެމީހުން ޝެއާރކޮށްގެން އެޕާރޓެމެންޓެއް ހިފިދާނެއެއްނު…” ޔަޝްމްއަށް ބަލަން ހުރެފައި އިޒްކާން ބުންޏެވެ. އެމޫނުމަތިން ފާޅުވަމުންދާ ކުލަވަރުތައް ރީއްޗަށް އޭނައަށް ފާހަގަ ކުރެވުނެވެ. ބޭނުންވީ ޔަޝްމްއަށް އެހީގެ އަތެއް ފޯރުކޮށްދޭށެވެ.
”ޒޯޔާ….” ޔަޝްމްއަށް ވައި އަޑަކުން ބުނެވުނެވެ. އެއާއެކު ހިތަށް ތޫނު ތަދެއް އިހުސާސްވެގެން ދިޔައެވެ. ނަވްރަސް މަތިން ހަނދާންވެ ހިތުގެ ޒަހަމްތަކުގައި ވޭން އަޅަން ފެށިއެވެ. ފާއިތުވެގެން ދިޔަ ދެ ހަފްތާ ތެރޭގައި އޭނައަށް ނަވްރަސް ފެނިފަކާ ނެތެވެ. ޒޯޔާ މިހާރު ކޮލެޖަށް އަންނަނީ ވެސް ކާރުގައެވެ. ޒޯޔާ ވެސް ހުންނަނީ ފާޑަކަށެވެ. ސުވާލެއް ވެސް ކުރަން އެސަބަބާ ހުރެ ޔަޝްމް ފަސްޖެހެއެވެ. ހިތުގައި އަޅާ ފުން ވޭނާ ހުރެ އޭނަގެ ޠަބީޢަތަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައި ވެއެވެ. ފުރަތަމަ ފަހަރަށް އޭނަ ކަޅުވުމުން އެކަމާ މެދު ޝުކުރު ކުރެވުނެވެ. ކިތަންމެ ގިނަ އިރު ރުޔަސް މޫނު މަތިން އެކަން ފާޅު ނުވާނެތީއެވެ. ލޯރަތްވެފައި ހުރުމުން ބަހަނާއަކަށް އޭނަ ދައްކަނީ ރޯގާ އެވެ. ޔަޝްމްއަށް ރޭގަނޑު ނުވެސް ނިދެއެވެ. އުއްމީދު ކުރެވެނީ ނަވްރަސްގެ ފޯންކޯލް އަކަށެވެ. ނުވަތަ މެސެޖަކަށެވެ. އެދުވަހު ފޮނުވި މެސެޖަށް ފަހު ދެމީހުންގެ ގުޅުން ރަގަޅަށް ނުވެސް ފެށެނީސް ވަނީ ނިމުމުގެ ސިއްކަ ޖެހިގެން ގޮސްފައެވެ. އެރޭ ޔަޝްމްގެ ހިތުގައި އެޅި ވޭނާ ހުރެ ފަހު ދުވަހު އޭނަ އޮތީ ތަންމަތި އަރާފައެވެ.
”ވަޓް؟…” އިޒްކާންއަށް ޔަޝްމް ބުނި ޖުމްލަ ސާފެއް ނުވިއެވެ.
”ނަތިންގް… އަހަންނަށް އެކަނި ވެސް އެޕާރޓެމެންޓެއް ހިފިދާނެއެއްނު، މަންމައަށް ވިސްނައިދޭން ޖެހޭނީ، އެއީ އެންމެ ޑިފިކަލްޓް ކަމަކީ….” އަޑު ކުރެހިގެން ދިޔުމުގެ ކުރިން ޔަޝްމް އަވަސް އަވަހަށް ބުނެލިއެވެ. ރޮވި ދާނެތީ އޭނަ ދިޔައީ ކަރުނައާއި ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. އެއީ އޭނަގެ ގާތް އެކުވެރިޔާއަށް ވިޔަސް އިޒްކާންއަށް ފެންނަ ހިސާބުގައި ރޯން އޭނަ ބޭނުމެއް ނުވެއެވެ. އެކަނިވެރިކަމާއި އަނދިރިކަމުގެ ތެރޭގައި ފިލަން އޭނަ ބޭނުންވެއެވެ. ހިތުގެ ރިހުމަށް ލުޔެއް ހޯދައި ދޭން ވެސް މެއެވެ.
”އަދިވެސް ނުބުނަމެއްނު މިޝްޔާގެ ފެމިލީ މީހުންނާ މީޓް ކުރެވޭނެ ދުވަހެއް، މިހާރު ޓޫ ވީކްސް ވެއްޖެ އެއްނު…” ޔަޝްމް ކުއްލިޔަކަށް ކަމެއް މަތިން ހަނދާން ވާ ފަދަ ގޮތަކަށް ބުނެލިއެވެ.
”މާދަމާ، އެކަމަކު ދީމް ނެތް ގަޑިއެއްގަ ދާން ޖެހޭނީ…” އިޒްކާން ދީމްގެ ނަން ކިޔާލިއިރު ފޫހި ގޮތެއް ހުރިކަން ޔަޝްމްއަށް ފާހަގަ ކުރެވުނެވެ.
”ނޫން، އަހަރެން ބޭނުންވަނީ އެންމެން ތިބޭ ގަޑިއެއްގަ ދާން…” ޔަޝްމް ބުނެލިއެވެ. އިޒްކާން އިރުކޮޅެއް ވަންދެން ވިސްނާލަން ހުރެފައި އެއްބަސް ވީ ޔަޝްމް ގޮތް ދޫނުކުރާނެކަން އެނގޭތީއެވެ. އޭނަ ދެން ކޮޓަރީގައި މަޑުކުރުމެއް ނެތި ނިކުންނަމުން އޭނަގެ މިސްރާބު ޖެހީ ޔޫޝައުގެ ކޮޓަރިއާއި ދިމާއަށެވެ.
*****
އިޒްކާން ނުކުމެގެން ދިޔުމާއެކު ޔަޝްމްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެނދަށް ވެއްޓިގަތުމާއެކު ބާލީސް ގެނެސް މޫނުގައި ޖައްސާ ބާރުކޮށްލީ ރުއިމުގެ އަޑު ކޮންޓްރޯލް ކުރުމަށެވެ. ހިފެހެއްޓުމެއް ނެތި ކަރުނަތައް ފައިބައިގެން ދިޔައިރު ޔަޝްމްގެ ތުންފަތުން މަޑު އާހެއްގެ އަޑު ބޭރުވެގެން ދިޔައެވެ. ނަވްރަސް އޭނަގެ މަތިން މުޅިން ހެން ހަނދާން ނައްތާލައިފިއެވެ. ނަވްރަސް އެހެން ބައިވެރިޔަކު ހިޔާރު ކުރީ ހެއްޔެވެ؟ އޭނަ ބާކީ ކޮށްލީ ހެއްޔެވެ؟ މިހިރަ ޚިޔާލު ތަކާ ހުރެ ޔަޝްމްއަށް އިތުރަށް ރޮވުން ނޫންކަމެއް ނުކުރެވުނެވެ. ހިތް ބޭނުންވީ ހަމަޖެހުމެއް ލިބެން ދެން ކަރުނަ އޮއްސާށެވެ.
ޔަޝްމް ސިއްސައިގެން ދިޔައީ ފޯނު ރިންގް ވި އަޑަށެވެ. މޫނުން ބާލީސް ދުރުކޮށްލެވުނީ ކުއްލިޔަކަށެވެ. ފުންމައިގެން ތެދުވެ ފޯނު ހޯދަން އުޅުނެވެ. އަޑު އަންނަމުން ދިޔަ ދިމާއަށް ސަމާލުވުމާއެކު ފޯނުގެ ފެނުނީ ރީތިވާ މޭޒު މަތިންނެވެ. އެނދުން ފައިބަމުން އަވަސް ފިޔަވަޅުތަކާއެކު ޔަޝްމް ހިނގައިގަތެވެ. އޭނަގެ ހިތުގެ ތެޅުން ވަނީ އިންތިހާއަށް އަވަސް ވެދައެވެ. އެއީ ނަވްރަސްއަށް ވުމަށް އެދި ހިތާހިތުން ދުޢާ ކުރެވުނީ ކިތައް ފަހަރު ކަމެއް ވެސް ނޭގެއެވެ.
”އަމަލް…” ފޯނުގެ ސްކްރީނަށް ނަޒަރު ހިންގާލުމާއެކު ޔަޝްމްގެ މޫނުގެ ކުލަވަރު ވަގުތުން ބަދަލުވެގެން ދިޔައެވެ. ނަވްރަސްގެ ފޯނު ކޯލަކަށް ނުވުމުންނެވެ. ތުން ދަމާލަމުން ޔަޝްމް ފޯނު ނެގިއެވެ. ޑުބާއީއަށް ދިޔަ ފަހުން އަމަލް އޭނައަށް ގުޅި މީ ދެވަނަ ފަހަރެވެ. ޔަޝްމް ކަރުކެހިލަމުން ހަލޯ އޭ ބުންޏެވެ.
”ޔުމް ވަޓްސް ރޯންގް ބަލި ވީތަ؟…” އަމަލްގެ އަޑު އިވުނެވެ. އެއާއެކު ޔަޝްމްއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ބައެއް ފަހަރު އަމަލް ހީވާނީ އޭނަގެ މަންމަ ހެންނެވެ. ”ހޫމްމް، ހުންވައްތަރު ވެގެން މިއުޅެނީ، އަމަލްގެ ޚަބަރެއް ވެސް މިހާރު ނުވޭ، ތިކޮޅުގެ ކަންތައް ކިހިނެއްތަ؟، ކިޔެވުން ކިހިނެއްތަ؟…” ޔަޝްމް ވާހަކަ ދައްކަމުން ގޮސް ބެލްކަނިއަށް ނިކުތެވެ.
”ޚަބަރެއް ނުވެޔޭ ކިޔާއިރު ޔުމް ވެސް ގުޅަނީކީ ނޫން، ހުރިހާ ކަމެއް ވެސް ބަރާބަރު، ވާހަކައެއް ބުނަންށޭ މިގުޅީ…” އަމަލްގެ އަޑުގައި އާދަޔާ ޚިލާފު ޖޯޝެއް ވާކަން ޔަޝްމްއަށް ފާހަގަ ކުރެވުނެވެ.
”އޯއެމްޖީ، ބީއެފް އެއް ނެގީތަ؟…” ފުރަތަމަވެސް ހިތަށް ވެރިވެގެން ދިޔަ ސުވާލު ޔަޝްމް ކޮށްލިއެވެ. އެއާއެކު ލަދުރަކި ހުނުމެއްގެ އަޑު އިވުނެވެ. ޔަޝްމް ދިމާކުރަން ފެށީ ދެނެވެ. ފަނޑު ހިނިތުންވުމެއްގެ އަސަރު ވެސް ތުންފަތުގައި ވެއެވެ. ހިތާމަ ތަކާއި ދުރަށް ދާން ލިބުނު ވަގުތީ ފުރުސަތެކެވެ.
ދެކެއުވެރިން އެތައް އިރެއް ވަންދެން ވާހަކަ ދައްކަން ތިއްބެވެ. ވާހަކައިގެ ތެރޭން ޔަޝްމް އިޒްކާންގެ މާޒީގެ ވާހަކަ ވެސް ކިޔައިދިނެވެ. ފުރަތަމަ އޭނަ ހީކުރީ އަމަލް އަންނާނީ ރުޅި ކަމަށެވެ. ނަމަވެސް އެހެނެއް ކަންތަކެއް ނުވިއެވެ. އަމަލްގެ އަޑުން ވެސް ދެރަވެފައި ހުރިކަން އަންގައިދެއެވެ.
”އެހެންވެތާ އެހާ ކޯލްޑް ބިހޭވިއާރއެއް ގެންގުޅުނީ، ޕުއާރ އިޒްކާން، އަހަރެންނަމަ އޮންނަނީ ގުރާދޫގަ ކަންނޭގެ…. ޔުމް އެގާރލް އާ މީޓް ކުރިންތަ؟…” އަމަލް އަހާލިއެވެ.
”މާދަން ދާންކަމަށް…” ޔަޝްމް އެކި އެކި ވާހަކަ ހިއްސާކުރިއެވެ. ނަމަވެސް އޮޅިގެން ވެސް ނަވްރަސްގެ ނަން އޭނަ ނުގެނައެވެ. ދޫފުރޮޅިދާނެތީ އެކަމަށް ވެސް ސަމާލުކަން ދޭން ޖެހުނެވެ. ފޯންކޯލް ނިންމާލިއިރު ޔަޝްމްގެ ހިތަށް ކުޑަ ފިނިކަމެއް ލިބިފައިވާ ކަހަލައެވެ.
****
ޖެހިގެން އައި ދުވަހެވެ. ރަތްކުލައިގެ ކުޑައެއްގެ އެހީގައި ޔަޝްމްގެ މިސްްރާބު ހުރީ ކޮލެޖާ ދިމާއަށެވެ. ވިއްސާރަ ދުވަހަކަސް މަގުތައް ހަލަބޮލިއެވެ. ފެން ކޯރުތަކުން ރެކެމުން ޔަޝްމްއަށް ކޮލެޖަށް ގަޑި ޖެހުމުގެ ކުރިން ދެވުނެވެ. އޭރު ހައިކަމުގެ އެލާރމް ބަނޑުން އަޅަމުން ދިޔައެވެ. ޔަޝްމް ގަސްދު ކުރީ ކައިރީގައި ހުރި ފިހާރަޔަކަށް ވަދެ މައިލޯ ޕެކެޓެއް ގަނެލުމަށެވެ. ގޭޓާ ދިމާއަށް ހިނގަމުން ދަނިކޮށް މަޑުކޮށްލި ސައިކަލު ފެނި މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. އެސޫރައިން ހިތަށް ފިނިކަން ގެނެސްދިން ކަން ގައިމެވެ. ޔަޝްމްއަށް ކުރިއަށް ހިނގައިގަންނާކަން ނުކެރުނެވެ. އަވަސް އަވަހަށް ފަސްއެނބުރިލަމުން ފިޔަވަޅުތައް ބާރުކޮށްލިއެވެ. އަދި ނަވްރަސްއާ ވީހާ ވެސް ދުރަކަށް ހިނގައިގަތެވެ. އެނައަށް ރޮވިދާނެތީ އެވެ. ނަވްރަސް ކުރިމަތީގައި ރޯން އޭނަ ބޭނުމެއް ނޫނެވެ. އެކަރުނަ ތަކުގެ އަގުވެސް ނަވްރަސް ވަޒަން ނުކުރާނެކަން ގައިމެވެ. ހިތަށް ތަދުވިއެއްކަމަކު މިފަހަރު ޔަޝްމް އިޖާބަ ދިނީ އޭނަގެ ސިކުނޑިއަށެވެ. ސައިކަލު ދުއްވާލި އަޑު އިވުމުން ބޭއިހްތިޔާރުގައި ބަލާލެވުނީ ކީއްވެގެން ކަމެއް ނޭގެ އެވެ. އޭރު އޭނަގެ ދެލޯ ރަގަޅަށް ވެސް ފެންކަޅި ވެއްޖެ އެވެ.
”މޮޔަގަނޑު އޭނަ އަންނާނެތަ ތިކަހަލަ މީހެއްގެ ފަހަތުން؟… އޭނަ މަތިން ހަނދާން ނައްތާލުން ރަގަޅުވާނީ… އޭނަ އެހުންނަނީ ގޮތަގަ، ޔަޝްމް ދެއްކި ވާހަކަ ވެސް ޤަބޫލެއް ނުކުރިއެއްނު، ދެން އެވަރުގެ މީހަކު ފަހަތުން ރޮއެ އާދޭސްކޮށް ސަލާން ޖަހަނީ ކީއްކުރަން، އޭނަ އެދިޔައިރު ޔަޝްމްއަށް ބަލާވެސް ނުލި…” ޔަޝްމްގެ ޒަމީރު އޭނައަށް މަލާމާތް ކުރި ކަހަލައެވެ. އެއުއްމީދު ހިތުގައި އޮތީ ކީއްވެގެން ހެއްޔެވެ؟ ނަވްރަސް އޭނަ ބޭނުންނަމަ ދެހަފްތާ ވަންދެން ދުރުގައި ނުހުރީހެވެ. ޔަޝްމްގެ ލޮލުން ކަރުނަތައް ޖަމާވުމާއެކު އެއްވެސް މީހަކަށް ފެނުމުގެ ކުރިން ސިއްރުސިއްރުން ފޮހެލިއެވެ. އަދި ތުންފަތުގައި ބާރަކަށް ދަތް އަޅާލިއެވެ. އަދި އިހުނަށް ވުރެ ފިޔަވަޅުތައް ބާރުކޮށްލިއެވެ.
(ނުނިމޭ)
16 Comments!
Comments are closed.
V salhi. Next part avahah up koh dheh chey. Nd thnx for uploading so so so so sooooooon…. keep up the gud work.. :-):-):-)
Alhe mutha 48 vana baa avahah up kohdhee Bala plx plx plx mihuree inthixaaruga please avas nd mi part ves vvvvvvvvvvvv reethi
muthaaaaaaaa plx plx mirey up kohdhybaa……..mi part vrh vrh reethi…….. waiting for the next part…
Muthaa 48 please soooon… v first comment for this story… & its awesome… please tonight if u can…
Wow!!! Mi partves vara nice….pls upload the next part soon….waiting….;)
V v nice. Mirey next part up kohdhyba pls pls pls
Awlheyyy..
Avahah next parts up kohdheebr..
Plxxxxx
Mutha plx do upload next part soon. 🙂
Muthaa plz mirey next part upkohdhyba kiyaahithun hurevenykynoon muthaathy besty
Muthaa plx upload next part sooon…hama kiyaa hiyvany… 🙂
vaahaka habeys..
Plx mirey next part up kureveythoo balaaba muthaa ok kurukohvias. My emme rythivaahaka izkaange wife komaain salaamah kuraathi adhi yoosauge wife ah baby libeygoh veyto balaathi adhi yasmuge lobivaafarah yashmuah hoadhadheythi muthaaaaaa….
Muthaaaa plx i beg u……plx next part mirey up kohba plzzzzzzzzzzzzzzzzzzzoooooooooo.
Muthaaa plz next part mirey up kohdhyba varah kiyaalaahihvey next part mee emme reethi story mihaaru kiyaalan libey.
v reethi aneh bai avss koh dheebala
Wow mi part ves varah reethi