ފޮހެވޭނޭ ބާއޭ… 35
ޔަޝްމްގެ ވާހަކަތައް ހަމަނުޖެހޭކަން ނަވްރަސްއަށް އެނގުނެވެ. ޔަޝްމް ބުނާ ފަދައިން މިޝްޔާއަކީ ޔަޝްމްގެ ގާތް ރަހުމަތްތެރިއެއްނަމަ މިޝްޔާއަށް ދިމާވި ހިތާމަވެރި ހާދިސާ ޔަޝްމްއަށް ނޭގުން އެއީ ހައިރާންވާންޖެހޭ ވަރުގެ ކަމެކެވެ. އޭނައަށް ވަނީ މިޝްޔާގެ މައިންބަފައިންނާ ވެސް ބައްދަލުވެފައެވެ. އެއީ ހިތްހެޔޮ ބައެކެވެ. އެމީހުން ޔަޝްމްއަށް އޮޅުވާލަފާނެ ކަމާމެދު ވެސް ހިތުގައި ޝައްކު އުފެދުނެވެ. ޔަޝްމް އޭނަ ގާތު ދޮގު ހަދަނީ ބާވައެވެ! އޭނައަށް ކަމެއް ސިއްރުކުރަން އުޅެނީ ބާވައެވެ!
ނަވްރަސް އެޚިޔާލުތަކާ ދުރުވާން ބޭނުން ވިއެވެ. ސަބަބަކަށް ވީ މިއީ ޔަޝްމްއާއި އޭނަގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އަލިވެގެން ދިޔަ މަގަކަށް ވީތީއެވެ. ޔަޝްމްއަށް އެހިތުގެ ހާލު އަންގަން ނަވްރަސް ބޭނުމެވެ. ޔަޝްމްގެ ހިތުގައި ވެސް އޭނައަށް ތަކައި ޖަޒުބާތު އުފެދިފައިވާކަން އެދެލޮލުން ހާމަކޮށްދެ އެވެ. އެއީ ކުރިއަށް ދާން އޭނައަށް ލިބިގެން ދިޔަ އިތުރު ހިތްވަރަކަށް ވެއްޖެއެވެ.
މިޝްޔާގެ ޚިޔާލުން ނަވްރަސް މާޔޫސް ކުރުވިއެވެ. މިޝްޔާއަށް ދިމާވި ހިތާމަވެރި ހާދިސާ އަދިވެސް ހަނދާނުން ފޮހެލަން ދައްޗެވެ. އޭނަ މިޝްޔާއަށް އެހީވާން ހާދަ މަސައްކަތެއް ކުރިއެވެ. އެކަމުގެ ނަތީޖާވެސް ރަގަޅު ގޮތުގައި ފެނުނެވެ. މިޝްޔާއަށް ބޮޑު ބަދަލެއް ވެސް އައެވެ. ނަމަވެސް ދުނިޔެއަކީ ކެހިވެރިތަނެކޭ މީހުން ބުނެ ނޫން ހެއްޔެވެ؟ މިޝްޔާއަކީ ވެސް ނުހައްގުން ސަޒާ ލިބިފައިވާ ކުއްޖެކެވެ. ދުނިޔޭގެ ކެހިވެރި ލޯތަކުން މިޝްޔާގެ އުފާވެރިކަން ރަހުމެއް ނެތްގޮތުގައި ފޭރިގަތީއެވެ. އެތަކެއް އަނިޔާއެއް ދިނުމަށްފަހުގައެވެ. އެރޭ މިޝްޔާގެ ފިރިމީހާ އުޅުނު ހާލު އަދިވެސް ލޯކުރިމަތިން ސިފަވެއެވެ. އެއީ ކެތްތެރި ޒުވާނެކެވެ. އޭނަގެ އަންހެނުންނަށް އެފަދަ ކަމެއް ދިމާވިނަމަ ހިތް އެތިކޮޅުތަކަށް ބުރައިގެން ދިޔައީސްކަން ކަށަވަރެވެ.
”ނަވްރަސް…” ޖަވާބެއް ނުލިބި ގިނަ އިރު ވާން ފެށުމުން ޔަޝްމްއަށް ގޮވާލެވުނެވެ. ޔަޝްމްގެ އަޑަށް ނަވްރަސް ތެދުވުނެވެ. އަދި ޖިންސްގެ ޖީބަށް އަތްކޮށްޕާލަމުން ހިނިތުންވެލިއެވެ.
”އަހަންނާއެކު މިރޭ ޗެރިޓީ ފަންކްޝަންއަކަށް ދާން އެއްބަސްވެއްޖެ ނަމަ ކިޔައިދޭނަން…” ނަވްރަސް ހާމަކޮށްލިއެވެ. ޔަޝްމްއަށް ޤަބޫލުނުކުރެވިގެން ބަލަން ހުރެވުނެވެ. ނަވްރަސް ހަމަ ހަޤީޤަތުގައި ވެސް އެއްބަސް ވީ ހެއްޔެވެ؟ ނޫނީ އޭނައަށް ޖެއްސުމެއް ކޮށްލަން އުޅެނީ ހެއްޔެވެ؟
ޔަޝްމްގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތަކުން ދެވަނަ ފަހަރަށް ވެސް އޭނަ ބުނި ޖުމްލަ ނަވްރަސް ތަކުރާރުކޮށްލި އެވެ.
”ފައިނަލީ… މިރޭ މިޝްޔާގެ ޕާސްޓް އަހަންނަށް އެނގޭނެ….” ޔަޝްމްއަށް ހިތާހިތުން ބުނެވުނެވެ. އޭނަ ކުރަމުން އައި ދިގު އިންތިޒާރަށް ނިމުމެއް އަންނަން އުޅެނީއެވެ. ހީވެސް ނުކުރާހާ އަވަހަށެވެ. ޔަޝްމް ހެއްދެވި ފަރާތަށް ޝުކުރުކުރިއެވެ.
ޔަޝްމް ނަވްރަސްގެ ނިންމުމާ އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ. އެއާއެކު ނަވްރަސްގެ ހިނިތުންވުން ފުޅާވެގެން ދިޔަތަން ޔަޝްމްއަށް ފެނުނެވެ. އެހިނިތުންވުމުން ޔަޝްމްގެ ހިތުގައި ގަނޑުފެން އަޅާލަދިން ފަދައެވެ. އެވަގުތު ކޮޅު އިތުރަށް ދިގު ވުމަށް އެދި ހިތާހިތުން ދުޢާކުރެވުނެވެ.
”އަށްގަޑި ބަޔަށް ރެޑީ ވައްޗޭ، އަހަރެން ދާނަން ޔަޝްމް ބަލާ…” ނަވްރަސް ޔަޝްމް ގޭގެ އެޑްރެސް އަހާލުމުން ޔަޝްމްގެ ހިނިތުންވުން ގެއްލިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. ހިތުގެ ތެޅުން އަވަސް ވެގެން ދިޔައެވެ. ނަމަވެސް ހާސްކަން ފޮރުވާލުމުގައި އޭނަ ކާމިޔާބު ހޯދިއެވެ. ޔަޝްމްއަށް ޖެހުނީ ދޮގު ހަދާށެވެ. ނަވްރަސްއަށް އޮޅުވާލަން ޖެހުމުން ހިތުގައި ބިރުވެރިކަން އުފެދުނެވެ. ނަވްރަސްއަށް އޭނަގެ ސިއްރު އެނގޭ ދުވަހަކުން ވާނީ ކިހިނެއް ހެއްޔެވެ؟ އެދުވަހަކުން ނަވްރަސް އޭނައާ މެދު ދެކޭނީ ކިހިނެއް ހެއްޔެވެ؟ އޭނަ ބާކީކޮށްލަ ފާނެ ހެއްޔެވެ؟
”އޯވާރ ޕްރޮޓެކްޓިމް މޯމް އެއް ދޯ؟…” ނަވްރަސް ސަމާސާ ރާގަކަށް ބުނެލިއެވެ. ޔަޝްމް ހަމައެކަނި ބޮލުގެ އިޝާރާތުން ފުއްދާލީއެވެ. ނަވްރަސް ދެން ވެސް ވާހަކަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދިއެވެ. ޔަޝްމް އެހާ އަވަހަށް ދާކަށް އޭނަ ބޭނުމެއް ނުވިއެވެ. ނަވްރަސް މައުޟޫއު ބަދަލުކޮށްލުމުން ޔަޝްމްއަށް ހަމަޖެހިލަން ފުރުސަތެއް ލިބުނެވެ.
****
ޔަޝްމް ގެއަށް އާދެވުމާއެކު މުޅި ދުވަސް ހޭދަކުރީ ކޮޓަރީގަ އެވެ. ކިތަންމެ ފަހަރަކު ނަވްރަސްއަށް ހަޤީޤަތް ހާމަކޮށްދޭން ޔަޝްމް ބޭނުންވިއެވެ. ނަމަވެސް ނޭގޭ ސަބަބަކާ ހުރެ އޭނަ ބިރުގަންނަނީއެވެ. ފަސްޖެހެވެނީއެވެ. ހާސްވަނީއެވެ. ވިސްނި ވަރަކަށް ހިތުގައި ބިރުވެރިކަން އުފަންވެގެން ދެއެވެ. އެންމެ ފަހުން ޔަޝްމްގެ މޫޑު ވެސް ގޯސް ވާ ހިސާބަށް ކަންތައް ދިޔައެވެ. ވިސްނަން ޖެހޭ ކަންތައް ގިނަވުމުންނެވެ. މިރޭ ވެސް ބަލްޤީޝްއަށް ބަހަނާއެއް ދައްކަން އެބަޖެހެނެއެވެ. އޭނަ ބުނާނީ ކީކޭ ހެއްޔެވެ؟ ބަލްޤީޝްއަށް ޝައްކު ނުވާނެ ހެއްޔެވެ؟ ޔަޝްމްއަށް ދެކޮޅަށް ހިނގަން ފެއްޓުނެވެ. ވަރުބަލިކަން ވެސް އިހުސާސް ނުވާކަހަލައެވެ.
އިޒްކާން ކޮޓަރިއަށް ވަނީ ޔަޝްމް ފުން ވިސްނުމަކަށް ގެއްލިފައި ހުއްޓާއެވެ. އިޒްކާން ޔަޝްމް ފެންނަކަމަށް ވެސް ހަދާނުލިއެވެ. ނަމަވެސް ކުޑަދޮރު ކައިރީގައި ހުރި ޔަޝްމް އިޒްކާންއަށް އަވަސް ނަޒަރެއް ދިނެވެ. މިރޭ އޭނައަށް ހުރިހާ ސިއްރެއް އެނގިގެން ދާނެއޭ ބުނާ ފަދަ ގޮތަކަށެވެ. އޭނަ މިހުރިހާ ދުވަހު ހޯދަން އުޅުނު ހަޤީޤަތް ހާމަވެގެން ދާން ކުޑަ ވަގުތުކޮޅަކަށް ވެއްޖެއެވެ.
****
ރޭގަނޑުވެގެން އައިއިރު އުޑުމަތިން މަދުން ނަމަވެސް ތަރިތައް ބަބުޅާ މަންޒަރު ފެނެއެވެ. ކޮޅިގަނޑުތަކުގެ ތެރޭން ހަނދު ހިނިތުންވެލަން މަސައްކަތްކުރާތަން ވެސް މެއެވެ. ގިނައިރު ވާރޭ ވެހުމުގެ ސަބަބުން ފަޒާގައި ވަނީ ތެތްފިނިކަމުގެ ލިސާންތަކެކެވެ. ޖެހިލާ ރޯޅިތަކުން ފިނިކަން އިތުރު ކުރުވައެވެ.
ޔަޝްމް ޝޯލް އަޅާލަމުން ލޯގަނޑުން ފެންނަން ހުރި ސޫރައަށް ނަޒަރެއް ދިނެވެ. ރަތްކުލައިގެ މިޑީ އާއި ހުދުކުލައިގެ ލެގިންސް ޔަޝްމްގެ އަންހެންވަންތަ ހަށިގަނޑަށް ވަނީ ހިފާލާފައެވެ. އަމިއްލަ ސޫރައަށް ބަލަން ހުރެފައި ޔަޝްމް ފުންނޭވާއެއް ދޫކޮށްލިއެވެ. ހުރިހާ ކަމަކާ ކުރިމަތިލާން ތައްޔާރު ވި ފަދައިންނެވެ. ޔަޝްމް ފޯނުން ގަޑި ބަލާލިއެވެ. އަދި ފޯނު އަތްދަބަސް ތެރެއަށް ލުމަށް ފަހު އަތްދަބަސް ކޮނޑުގައި އަޅުވާލިއެވެ. ދެން އޭނަ މިސްރާބު ޖެހީ ބަލްޤީޝްގެ ކޮޓަރިއާ ދިމާއަށެވެ.
”މަންމާ” ޔަޝްމް ދެތިން ފަހަރު ޓަކި ދިނިމުން ވެސް ޚަބަރެއް ނުވިއެވެ. އޭނަ އަދިވެސް އެއްފަހަރު ޓަކި ދިނެވެ. އެއާއެކު ޔަޝްމްއަށް ހައިރާންކަން ލިބުނެވެ. މިއީ ދުވަހަކުވެސް ވީކަމެއް ނޫނެވެ. އޭނަ ގޮވާލުމުން ބަލްޤީޝް ޖަވާބު ދޭނެއެވެ. ގިނައިރުވާން ފެށުމުން ޔަޝްމް ތަޅުގައި ހިފާލިއިރު ހުރީ ތަޅުނުލައެވެ. ދެޚިޔާލެއްގައި ހުރެ އޭނަ ދޮރު ހުޅުވާލިއެވެ. ދިރޭ ފުރާނައެއްގެ ހިލަމެއް ވެސް ކޮޓަރިއަކު ނުވެއެވެ. ނަމަވެސް ބަލްޤީޝް ބޭނުން ކުރާ ސެންޓްގެ ވަސް ކޮޓަރީގައި ހަރުލާފައި އޮތެވެ.
”މަންމަ ތަނަކަށް ދިޔައީތަ؟…” ޔަޝްމްއަށް އަމިއްލަ ނަފްސާ ވާހަކަ ދައްކާލެވުނެވެ. އޭނަ ކޮޓަރީގެ ދޮރު ލައްޕާލަމުން ބަލްޤީޝްއަށް ގުޅާލިއެވެ. ޖަވާބެއް ނުލިބުނެވެ. ސިޑީގެ ހަރުފަތައް ގިރާކޮށްލަމުން ގޮސް އޭނަ ބޮޑުކޮޓަރި ވެސް ހޯދާލިއެވެ. އެއްވެސް ތަނަކުން ބަލްޤީޝްގެ ހިލަމެއް ނުވެއެވެ. ޔަޝްމް ސަރާއާ ސުވާލުކޮށްލުމުން ރަސަލްގެ ދެމަފިރިން ބޭރަށް ދިޔަ ވާހަކަ ސަރާ ބުންޏެވެ.
”ޔަޝްމް ތަނަކަށް ދާންތަ ތިއުޅެނީ؟…” ބަދިގެއިން ނިކުތް މާހުތާބްއަށް ސާރާއާ ވާހަކަ ދައްކަން ހުރި ޔަޝްމް ފެނި އެހި އެވެ. ސަރާއަށް މާހުތާބްގެ އަޑު އިވޭއިރަށް އޭނަގެ މަސައްކަތަށް އެނބުރި ރުޖޫއަ ވެއްޖެއެވެ.
”އާނ، ކޮލެޖް އެކުވެރިޔަކާއެކު ފިހާރަޔަށް ދާން ކަމަށް، އަހަރެން އައުމުގެ ކުރިން މަންމަ ގެއަށް އައިސްފި ނަމަ ދިޔަ ތަނެއް ބުނެދެއްޗޭ، މަންމައަށް ގުޅީމަ ވެސް ފޯނެއް ނުނަގާ…” ޔަޝްމް އޮޅުން ފިލުވާލަ ދިނެވެ. މާހުތާބް ބޯޖަހާލިއެވެ. އޭނަ ޔަޝްމްއަށް ބަލަން ހުރީ ފާޑަކަށެވެ. ޔަޝްމް ގޮސް މައިދޮރުން ނިކުންނަން ދެން ބަލަހައްޓައިގެން އޭނަ ހުއްޓެވެ.
”އަދި ކޮލެޖަށް ދިޔަތާ ވީ ދެދުވަސް ކަންނޭގެ، އެކަމަކު މީނައަށް އެކުވެރިން ވެސް ލިބިއްޖެ، އެމީހުންނާ އެކު ތަންތަނަށް ވެސް ދާން ފަށައިފި…” މާހުތާބް ބުނެލިއެވެ.
*****
ބުނި މަންޒިލާ ހަމައަށް ދެވުނު އިރު ނަވްރަސް ސައިކަލު މަތީގައި ޔަޝްމްގެ އިންތިޒާރުގައި އިން ތަން ފެނުނެވެ. ދުރުން ފެނިލިއިރު ވެސް ޔަޝްމްގެ ހިތާ ނަވްރަސް ކުޅެލައިފިއެވެ. ޔަޝްމް ފެންނައިރަށް ފޯނު ފަޓުލޫނުގެ ޖީބަށް ލަމުން ނަވްރަސް ސައިކަލު މަތިން ތެދުވުނެވެ. އޭނަ ހުރީ ކަޅުލައިގެ ސޫޓެއްގައެވެ.
ނަވްރަސްގެ ދެލޯ އޭނައަށް ހުއްޓިފައިވާކަން އިހުސާސް ވުމުން ޔަޝްމްގެ ފައި ނޯޅުނީ ކިރިޔާއެވެ. އޭނަގެ ދެފައި ޖެލީ ކޮޅެއް ވެގެން ދިޔައެވެ. ހިތްވަރުކޮށްލަމުން އޭނަ ކުރިއަށް ދެވޭތޯ މަސައްކަތް ކުރިއެވެ. ނަވްރަސް އޭނައާ ދިމާއަށް ކަޅިޖަހާނުލައި ބަލަން ހުރުމުން ރަކިވާ ގޮތް ވެސް ވިއެވެ.
ނަވްރަސް ފަޓްލޫނުގެ ޖީބަށް އަތްޖަހާލަމުން ކުރިއަށް ހިނގައިގަތެވެ. އޭރު އޭނަގެ ތުންފަމް މަތީގައި ހިނިތުންވުމެއް ވެއެވެ.
”ޔޫ ލުކް ބިއުޓިފުލް…” ޔަޝްމްއާއި އަރާހަމަކޮށްލަމުން ނަވްރަސް ބުންޏެވެ.
ނަވްރަސްގެ ދުލުން އޮހުނު ތައުރީފުގެ ބަސްތަކުން ޔަޝްމްގެ ހިތުގައި ގަނޑުފެން އަޅާލަދިން ހެން އިހުސާސް ކުރެވުނެވެ. ހިނދުކޮޅަކަށް ވިޔަސް ހުރިހާ ކަމެއް މަތިން ހަނދާން ނެތިއްޖެއެވެ. ނަވްރަސްގެ ދެލޮލަށް ބަލާލެވުމުން ހިތަށް ފިނިކަމެއް ގެނެސް ދެއެވެ. ހިތުގައި ޖަހަން ފަށަނީ މުޅިން ތަފާތު ވިންދެކެވެ. އެއިން އޭނައަށް ކަމެއް ޔަޤީންކޮށްދޭން އުޅޭ ކަހަލައެވެ. މިއީ ލޯތްބެވެ. އޭނައަށް ނަވްރަސް ދެކެ ލޯބި ވެވިއްޖެއެވެ. ލޯބީގައި އޭނަ ކުރިމަތިލާން ޖެހުނު ނާކާމިޔާބީ މަތިން ވެސް ހަނދާން ނެތިއްޖެއެވެ. ނަވްރަސްއާއެކު އޭނަގެ އުއްމީދުތައް ވެސް ގުޅިގެން ދިޔައެވެ. އެއާއެކު ސިކުނޑީގައި އެތައް ހާސް ކިލޯގެ ބަރުދަނާ އެކުގައި ޖެހިގަތީ އިޒްކާން އެވެ. ވަގުތުން އޭނަގެ ހިނިތުންވުން ގެއްލިގެން ދިޔައެވެ. ހިތުގެ ހަމަޖެހުން ވެސް މެއެވެ. މާޔޫސް ކުރުވައިފަ އެވެ.
މިމަންޒަރު ފެނި ނަވްރަސްގެ ހިތުގައި ރިއްސާލިއެވެ. ބޭއިހްތިޔާރުގައި އޭނައަށް ޔަޝްމްގެ އަތުގައި ހިފާލެވުނެވެ. އަދި ހުރިހާކަމެއް ވެސް ރަގަޅު ހެއްޔޭ އަހާލެވުނެވެ. އެދެލޮލުގައި ވިދަމުން ދަނީ ކަންބޮޑު ވުމެވެ. ގަދަކަމުން ހިނިތުންވާން ޔަޝްމް މަސައްކަތްކުރިއެވެ. އޭނައަށް ބަލަން ހުރެވުނީ ނަވްރަސް ހިފާލައިގެން ހުރި އަތަށެވެ.
”އަހަރެން ނަވްރަސްއަށް ހުރިހާކަމެއް ހާމަކުރާނަން، އެކަމަމު ފަހުން…..” ބަސްނާހާ ހިތަށް ޔަޝްމް ވިސްނައިދިނެވެ. ތަކުރާރުކޮށް އޭނަގެ ޒަމީރު ބުނަމުން ދިޔައީ ތެދު ހާމަ ކުރުމަށެވެ. އެހެންނޫންނަމަ އޭގެ ނަތީޖާ ހިތިވެދާނެ ކަމަށެވެ. ޔަޝްމް އޭނަގެ ޒަމީރަށް ދިނީ ބީރު ކަންފަތެކެވެ.
”ހޫމްމް…” ޔަޝްމް ހިނިތުންވުމަކާ އެކު ފުއްދާލިއެވެ. ”ޝުއާރ؟…” ޔަޝްމްގެ މަޑު އަތްތިލައަށް ފިތާލަމުން ނަވްރަސް ވާހަކަ ދެއްކިއެވެ. ޔަޝްމް ޔަޤިންކަން ދެމުން ބޯޖަހާލިއެވެ.
”ލެޓްސް ގޯ…” ޔަޝްމްގެ އަތުން ދޫކޮށްލުމެއް ނެތި ނަވްރަސް ކުރިއަށް ހިނގައިގަތެވެ. ދެޒުވާނުން ލުއި ފިޔަވަޅުތަކެއްގައި ގޮސް ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވާ ”އޯޝަން ވިއު” ހޮޓެލްއަށް ވަނެވެ. ހޮޓެލްގެ ބޯލްރޫމް ވަނީ ހަފްލާއަށް ހާއްސަކޮށްގެން ޒީނަތްތެރި ކުރެވިފައެވެ. އެތަނުގައި ލުއި މިޔުޒިކެއްގެ އަޑު ގުގުމާލަމުން ދިޔައިރު ތަނަށް ވެރިވެފައި އޮތް ދަނބުކުލައިގެ ހިތްގައިމު ފަނޑު އަލީގެ ތެރޭން މެހެފިލް ފެންނަ ގޮތް ކިތަންމެހާ ވެސް ރީއްޗެވެ. މާތަކުގެ މީރުވަސް ހުވަނދެއްގެ ސިފާގައި ފަޒާގެ ތެރެއަށް ފެތުރިލާފައި އޮތެވެ. ޔަޝްމް އާއި ނަވްރަސް ފެންނައިރަށް ވެއިޓަރަކު އައިސް ތަބެއްގައި ހުރި ފިނި ބުއިންތައް ދިއްކޮށްލިއެވެ. ނަވްރަސް ބަލާލީ ޔަޝްމްއަށެވެ. ޖަވާބެއް ބޭނުންވެފައި ހުރެއެވެ. ޔަޝްމް ބޮލުގެ އިޝާރާތުން ނޫނެކޭ ބުނުމުން ނަވްރަސް ވެއިޓަރު ފޮނުވާލިއެވެ.
”ވަރަށް ރީތި، ކާކު އޯގަނައިޒް ކުރި އިވެންޓެއްތަ؟…” ޔަޝްމް އަހާލިއެވެ. ފަނޑުއަލިކަމުގެ ތެރޭން ނަވްރަސް ފެންނައިރު ހިތަށް ސިހުރެއް ޖައްސާހެން ވެސް ހީވެއެވެ. ޔަޝްމްއަށް ނަވްރަސްގެ މޫނުން ނަޒަރު ވަކިކުރުން ވީ އުނދަގޫ ކަމަކަށެވެ.
”ހޮސްޕިޓަލްގެ ފަރާތުން… ކެންސާރ އަދި ކިޑްނީ މައްސަލަތައް ހުންނަ ޕޭޝެންޓުންނަށް އެހީވާން……” ނަވްރަސް ހިނިތުންވުމަކާއެކު ބުންޏެވެ.
………….
”ނަވްރަސް…” ޔަޝްމް ނަވްރަސްއަށް ގޮވާލިއެވެ. އެއާއެކު ނަވްރަސް އޭނަގެ ސަމާލުކަން ޔަޝްމްއަށް ހުއްޓާލިއެވެ. އޭނައަށް ޔަޝްމް ބޭނުންވެފައިވާ ކަންތައް އެނގެން ނެގީ މަދު ވަގުތުކޮޅެކެވެ.
”ހޭވް ޕޭޝެންސް، އަހަރެން ނޫޅެމޭ ނުބުނާކަށް…” ނަވްރަސް ބުނެލިއެވެ. ”ޕްލީޒް، މި ހަފްލާ ދެމިގެންދާނެ ގަޑިއިރުތަކަށް، އެހާ އިރުވަންދެން މަޑުނުކުރެވޭނެ…” ޔަޝްމް ކެތްތެރިކަން ކުޑަވެފައިވާ ރާގަކަށް ބުންޏެވެ. އޭނަ އެވަނީ މިޝްޔާގެ ވާހަކަ ބުނާނެ އިރަކަށް ކެތްތެރިކަން ކުޑަވެފައެވެ. ހަޔާތުގައި ވެސް ކަމަކަށް މިހާ ބޮޑަށް އިންތިޒާރުކުރެވުނު ހަނދާނެއް ނުވެއެވެ. ހިތުގެ ވަގުތީ ހަމަޖެހުން ވެސް ގެއްލިގެން ހިނގައިދާނެހެން އެބަ ހީވެއެވެ.
”ޕޭޝެންސް…” ނަވްރަސް ޔަޝްމްގެ ކޯތާފަތުގައި ފިރުމާލައިފިއެވެ. ލޯބިން ފުރިގެން ވި ހަރަކާތެކެވެ. ޔަޝްމްއަށް ނޭވާ ހިފަހައްޓާލެވުނެވެ. އެއަތުގައި އެކުލެވިގެން އެވަނީ ކޮންފަދަ ސިހުރެއް ހެއްޔެވެ؟ ހުރިހާ ހިއްސުތައް ވެސް ފިދާވާހާ ވެއެވެ.
ޔަޝްމްއަށް އިތުރު ގޮތެއް ނެތެވެ. އޭނަގެ އިންތިޒާރު ދިގުލާން ފެށިއެވެ.
ހަފްލާ ތެރެއިން ފެންނަނީ ހުސް މުއްސަނދި މީހުންނެވެ. ޔަޝްމް ޝައުޤުވެރިކަމާއެކު ލޯ ހިންގަމުން ދަނިކޮށް ފެނުނު ސޫރައެއްގެ ސަބަބުން މޭގަނޑަށް ފިނިފެންއެއްޗެއް އޮއްސާލެވުނުހެން ހީވިއެވެ. މީހާ ގަނޑުވެގެން ދިޔައެވެ. ހަލުވިކަމާއެކު އެސްފިޔަތައް ތަޅުވާލުމުން ވެސް މަންޒަރު ބަދަލެއް ނުވިއެވެ.
”އޯހް ގޯޑް…” ތަންކޮޅެއް ދުރުގައި ޔަޝްމްއަށް ފުރަގަސް ދީގެން ހުރީ ބަލްޤީޝް ނޫން ދެވަނަ މީހެއް ނޫނެވެ. ބަލްޤީޝްއާއެކު ރަސަލް ވެސް ހުއްޓެވެ. ޔަޝްމްގެ މޫނު ހާސްކަމުން ފެންވެރިގެން ދިޔައެވެ. ހަތަރެސްފައިވެސް ފިނިވެއްޖެއެވެ. އޭނައަށް މޫނު އަނބުރާލެވުނީ އަނެއް ފަރާތަށެވެ. އަދި ނަވްރަސްގެ އަތަށް ބާރުކޮށްލެވުނެވެ.
”ނަ..ނަވްރަސް…” ޔަޝްމްއަށް ބުނެވުނެވެ. އޭނަގެ ހާސްކަން އިތުރުވާން ފެށިއެވެ. އޭނަ ބޭނުންވީ އެތަނުން ދާށެވެ. ބަލްޤީޝްއަށް ނުފެންނަ ހިސާބަކަށެވެ. އެހެންނޫންނަމަ ހުރިހާކަމެއް ވެސް ބޮއްސުން ލައިގެން ހިނގައިދާނެއެވެ. އޭނައަށް ނަވްރަސް ގެއްލިދާނެއެވެ. އޭނަގެ ހިތުގައި ބިންވަޅު ނެގިފައިވާ ބިރުވެރިކަން ހަޤީޤަތަކަށް ވެގެން ހިނގައިދާނެއެވެ. ނަވްރަސްއަށް ހަޤީޤަތް ސިއްރު ކުރެވޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ ޔަޝްމްއަށް ހިންދިރުވާލެވުނެވެ.
ނަވްރަސް ކަންބޮޑު ވިއެވެ. އޭނަ ޔަޝްމްއާ ސުވާލުކުރުމުން ޖަވާބެއް ނުލިބުނެވެ. ނަވްރަސް އޭނައާ ދިމާއަށް ޔަޝްމް އަނބުރާލަން އުޅުމުން ޔަޝްމްއަށް ތެޅިގަނެވުނެވެ.
”ނަވްރަސް، އަހަރެން ބޭނުމީ މިތަނުން ދާން…” ޔަޝްމްގެ ދޫ ހައްޔަރީން މިނިވަން ވުމާއެކު ބުނެވުނެވެ. ނަވްރަސްގެ ސުވާލުތަކަށް ޖަވާބެއް ނުލިބުނެވެ. އޭނަގެ ހައިރާންކަން ވެސް އިތުރުވުން ނޫންކަމެއް ނުވިއެވެ. ކުއްލިޔަކަށް ޔަޝްމްއަށް އެހާ ބޮޑު ބަދަލެއް އައީ ކީއްވެގެން ހެއްޔެވެ؟ ނަވްރަސްއަށް ވަށައިގެން ހޯދާލެވުނެވެ. އޭނައަށް އެއްވެސް ކަމެއް ފާހަގަ ނުކުރެވުނެވެ. މީހުންތައް ގިނަކަމުންނެވެ.
ނަވްރަސް އަވަސް ވެގަތީ ޔަޝްމް ބޭނުންވި ފަދައިން ކަންތައް ކޮށްދިނުމަށެވެ. ހޮޓެލުގެ ގޯތި ތެރެއަށް ނިކުމެވުމާއެކު ޔަޝްމް ފުންނޭވާތަކެއް ދޫކޮށްލީ މީހާ ހަމައަކަށް އަޅުވާލުމަށެވެ. ޔަޝްމްގެ ހުރިހާ ހަރަކާތްތަކަށް ފުރިހަމަ ސަމާލުކަން ދީގެން ނަވްރަސް ހުއްޓެވެ. އޭނަ ހުރީ ޔަޝްމްއާ ސުވާލުކުރަން ބޭނުން ވެފައެވެ. ކުއްލިޔަކަށް ޔަޝްމް އެހަފްލާ ދޫކޮށްދާން ޖެހުނު ސަބަބު އޮޅުން ފިލުވަން ބޭނުން ވެފައެވެ.
ނަވްރަސް އެދަނީ އޭނަގެ ޖަވާބަކަށް އިންތިޒާރު ކުރަމުންކަން ޔަޝްމްއަށް ވިސްނުނެވެ. ނަމަވެސް އޭނަ ބުނާނީ ކީކޭ ހެއްޔެވެ؟ ތެދު ހާމަކުރަން ވީ ހެއްޔެވެ؟ އޭރުން ވާނީ ކިހިނެއް ހެއްޔެވެ؟ މިރޭ ބަލްޤީޝްއަށް އޭނަ ފެނުނުނަމަ ވާނެ ގޮތެއް ވެސް ހިތަށް ގެންނަން ދައްޗެވެ. އެއީ އިންޒާރުގެ ރަނގަބީލެކެވެ. ޔަޝްމް ހުރީ އަދިވެސް ހާސްވެފައެވެ. އެތަނުން ދުރަށް ދެވުމުން ނޫނީ ހަމަޖެހުމުގެ ނޭވާއެއް ނުލެވޭނެއެވެ.
”ނަވްރަސް މިތަނުން ހިނގާބަ، އަހަރެން ކިޔައި ދޭނަމޭ، އައި ޕްރޮމިސް…” ޔަޝްމް ބުނެލިއެވެ. ދެން ވެސް ނަވްރަސް ކަންތައް ކުރީ ޔަޝްމް ބުނި ގޮތަށެވެ. ޔަޝްމް ހަމައަކަށް އަޅުވާލަން ބޭނުންވެފައި ހުރި ވަރުންނެވެ. ޔަޝްމްއަށް ކޮންމެވެސް ކަމެއް ދިމާވެއްޖެކަން އޭނައަށް އެނގެއެވެ. އެކަން ރީއްޗަށް އެމޫނުމަތިން ހާމަކޮށްދެއެވެ.
ޔަޝްމް ނަވްރަސްގެ ސައިކަލުގެ ފަހަތަށް އެރުމާއެކު ނަވްރަސް ދުއްވާލިއެވެ. ނަވްރަސް މިސްރާބު ޖެހީ ރާޅުގަނޑު ސަރަހައްދަށެވެ. މަންޒިލާ ހަމައަށް ދެވުމާއެކު ސައިކަލު ޕާރކްކޮށްލިއެވެ. ނަވްރަސްގެ ފަހަތުން ކަހަލަ ގޮތަކަށް ޔަޝްމް ވެސް ސައިކަލުން ފޭބިއެވެ. އަދި ނަވްރަސްއާ ކުރިމަތިލާން ތައްޔާރު ވިއެވެ.
”މަންމަ އެތާ ހުރީ….” ޔަޝްމް ޖަވާބު ދިނެވެ. ނަވްރަސް ބަހެއްވެސް ބުނެނުލާ ޔަޝްމްގެ މޫނަށް ބަލަން ހުރީއެވެ. ފިނިކަން އެލުވިގެން ވި ރޯޅިތަކަށް ވެސް ޔަޝްމްގެ ސިކުނޑީގެ ހާސްކަމަށް ލުޔެއް ހޯދައިދިނުމުގައި ކާމިޔާބެއް ނުހޯދުނެވެ. އޭނައަށް ނަވްރަސް އާއި ހަތަރުކަޅި ހަމަކުރަން ފަސޭހަކަމަކަށް ނުވިއެވެ.
”ޔަޝްމް އަހަންނަށް ކަމެއް ސިއްރުކުރަނީތަ؟…” ނަވްރަސް އެހިއެވެ.
”ނޫން، އަހަރެން ކީއްވެތަ ސިއްރުކުރަންވީ؟، މަންމައަށް ފެނުނު ނަމަ ކަންތައް ގޯސްވާނެ، އަހަރެން ބޭނުމެއް ނޫން ނަވްރަސްއާ ދިމާއަށް މިހާކު އެއްވެސް އެއްޗެކޭ ބުނާ އަޑު އަހަން… އަހަންނަށް، އަހަންނަށް ޓޮލެރޭޓްނުކުރެވޭނެ….” ޔަޝްމް އަވަސް އަވަހަށް ބުންޏެވެ.
”ވައި؟…” ނަވްރަސް ބުމަ އަރުވާލަމުން ބުނެލިއެވެ.
ޔަޝްމް އެސުވާލަށް ޖަވާބު ދޭން ފަސްޖެހެވުނެވެ. އޭނަ އިސްޖަހާލައިގެން ހުއްޓާ ނަވްރަސް އޭނަގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އިސްއުފުލަން މަޖުބޫރު ކުރުވިއެވެ. ޔަޝްމް ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. ނަވްރަސްއާއި ހަތަރުކަޅި ހަމަވެގެން ދިއުމުން އެދެލޮލުގެ ތެރެއަށް ގެއްލުނެވެ. ބޮލުގެ ބަރުދަން ވެސް އެފުންކަނޑުގެ ތެރޭގައި ބެހިގެން ދާން ފެށުމުން ބޭނުންވީ ތާއަބަދު އެއަތުގެ ތެރޭގައި ހުރުމަށެވެ. ނަމަވެސް އޭނަގެ ޒަމީރު ކަމެއް މަތިން ހަނދާންކޮށްދިން ކަހަލައެވެ. އޭނަ އަކީ މީހެއްގެ އަންބެއް ކަމެވެ. ނަމެއްގައި ކުރެވުނު ކައިވެންޏަކަށް ވިޔަސް މިފަދަ ގުޅުމެއް ހުއްދަ ނޫންކަމެވެ. ޔަޝްމްގެ ހިތުގައި ރިއްސާލި އެވެ. އޭނައަށް ނަވްރަސް އާއި ކުރިން ބައްދަލު ނުވީ ކީއްވެގެން ހެއްޔެވެ؟ އޭނައާއި އިޒްކާންގެ ކައިވެނި ރޫޅިގެން ނުދަނީ ކީއްވެގެން ހެއްޔެވެ؟
(ނުނިމޭ)
3 Comments!
Comments are closed.
Alhey next part avaskoh upkohdheeba…..vv kiyaa hithun mi eny….mutha plz
Wooooooooooooow haada interesninneyyyy tanxs
Oh mutha u are the best ehaa avahah story up kohdhinee ma hehehe 😉