ފޮހެވޭނޭ ބާއޭ… 34
ވެހެމުން ދިޔަ ވާރެއަށް ބަދަލެއް ނާދެއެވެ. ހުއްޓާލުމެއް ނެތި ވާރޭ ވެހުމުގެ ނަތީޖާއަކަށް ވީ މަގުތަކުގައި ފެން ބޮޑުވުމެވެ. މަންޒިލާ ހަމައަށް ދެވެނީ ބޮޑެތި ފެން އާރުތައް ހުރަސްކޮށްގެންނެވެ. ދޭތެރެއަކުން ވިދާލާއިރު މުޅި ފަޒާ އަލިކޮށްލައެވެ. ރޯޅިތައް ވެސް އޭގެ ހަރުކަށިކަން ދައްކާލަމުން ދިޔައެވެ. ކުޑަތަކަށް ވެސް އެ ގަދަފަދަ ރޯޅިތަކާ ހަނގުރާމަ ކުރެވޭކަމަކަށް ނުވެއެވެ.
ކޮލެޖް ނިމުމާއެކު ފުރަތަމަވެސް ޒޯޔާ ގުޅާލީ ނަވްރަސް އަށެވެ. އަދި މި ވިއްސާރާގައި އޭނަ ބަލާނަޔަސް ރަގަޅު ވާނެ ކަމަށް ބުނެލިއެވެ. ނަވްރަސް އެކަމާ އެއްބަސް ކުރެވުނީ ޒޯޔާ އެތައް ބަހަނާއެއް ދެއްކި ފަހުންނެވެ. ޔަޝްމް ވެސް ބަލްޤީޝްއަށް ގުޅާލަމުން އެކްސްޓްރާ ކްލާސް ތަކެއް އޮތް ވާހަކަ ބުންޏެވެ.
”ނަސީބެއް އެއްބަސް ވި ކަން…. އިރުކޮޅަކުން ޤާސިމް އަންނާނެ…..”
ފޯންކޯލް ނިންމާލަމުން ޒޯޔާ ބުންޏެވެ. ދެމީހުން އިންތިޒާރުގައި ތިއްބާ ކާރެއް އައިސް މަޑުކޮށްލައިފިއެވެ. އެއީ އަޅިކުލައަކަށް ދާ ކާރެކެވެ. ޒޯޔާ އެކަރާށް އިޝާރާތްކޮށްލިއެވެ. އަދި އެމީހުން ބަލާ އައިސްފިކަމަށް ޔަޝްމް ގާތު ބުންޏެވެ. ވާރޭ ތެރޭން ދުވެލާފައި ގޮސް ދެކުދިން ވެސް ކާރަށް އެރިއެވެ. ނަސީބަކުން އޭރު ވާރޭ އޮތީ ތުނިކޮށްލާފައެވެ. ތެމިގެން ދާން ޖެހުމުން ޔަޝްމްއަށް ފިނިވާ ގޮތް ވިއެވެ. ނުވީތާކަށް ކާރު ތެރެވެސް އެހާ ފިންޏެވެ. ޒޯޔާއަށް ވިސްނުނީ ކަން ނޭގެއެވެ. އޭނަ ޤާސިމް ގާތު އޭސީގެ ފިނި ދަށްކޮށްލަން ބުނެލިއެވެ.
”ކްރިސްޓަލް” އަކީ ދެބުރިއަށް ނަގާފައިވާ ގެއެކެވެ. ގޭގެ ބޭރުން ބަލާއިރު މުސްކުޅި ގޮތެއް އިމާރާތުގައި ހުއްޓެއްކަމަކު އެތެރެއިން ފެންނަނީ ޒަމާނީ ކުލަތަކެކެވެ. ނުހަނު ޗާލެވެ. ގޯތީގެ ގޮތުން ބަގީޗާ ކުޑަ ކަމުގައި ވިޔަސް ހިތްދަމައިގަންނަ ފަދަ ޖާދުލެއް އެތާނގައި ވެސް އެކުލެވިގެން ވިއެވެ. އެއީ ޒޯޔާގެ މަންމަ ޝަރުމީލާގެ މިންނެއް މަސައްކަތެވެ. އޭނައަކީ ގަސްހެއްދުމަށް ފޯރިއެއް ހުންނަ މީހެކެވެ.
ޒޯޔާގެ އެކުވެރިޔާ ފެނުމުން ޝަރުމީލާ އަވަސްވެގަތީ މެހުމާން ދާރީ އަދާކުރުމަށެވެ. އޭނަ ޔަޝްމް ގާތުން މައުލޫމާތު ސާފުކޮށްލުމަށްފަހު އައީ ހޮޓްޗޮކްލެޓެއް ތައްޔާރުކޮށްލައިގެންނެވެ. އޭނަ ޔަޝްމް އާއި ޒޯޔާއާއެކު ބޮޑުކޮޓަރީގައި ވާހަކަ ދައްކަން މަޑުކޮށްލިއެވެ. ޝަރުމީލާއަށް މޫސުން ކަމުދާ ގޮތެއް ނުވިއެވެ. އޭނަ ކަންބޮޑުވެފައި ވަނީ އޭނަ އިންދާ ގަސްތަކާ މެދުގައެވެ.
ޒޯޔާ އިނީ މަންމަގެ ފަރާތުން ސަލާމަތްނުވެވިގެންނެވެ. ޔަޝްމްއާ އެހާ ގިނައިން ސުވާލުކުރަން ފެށުމުން ހިތްހަމަވެސް ނުޖެހުނެވެ. ނަމަވެސް އޭނަ އިނީ ހިނިތުންވުމަކުން ފުއްދާލައިގެންނެވެ. ވަގުތު ކުޑަތަން ވަމުން ދާތީއާއެކު ނުތަނަވަސްކަން ވެސް މޫނުމަތިން ފެނެއެވެ. ޔަޝްމްގެ ހާލަކީ ވެސް އެއީއެވެ. ޝަރުމީލާ ދިޔައީ ގަޑިއެއްހާ އިރު ފަހުންނެވެ. އެއާއެކު ޒޯޔާ އަވަސް އަވަހަށް ތެދުވުނެވެ. އަދި ޔަޝްމް ގާތު އަތުގެ އިޝާރާތުން އައުމަށް ބުންޏެވެ.
ދެކުދިން ދެވަނަ ފަންގިފިލާގެ ފުޅާ ކޮރިޑޯން ހިނގާލާފައި ގޮސް ދޮރެއް ހުޅުވާލިއެވެ. އަދި ކޮރިޑޯއަށް އަވަސް ނަޒަރެއް ދިނުމަށްފަހު އެތެރެއަށް ދެމިގެންފިއެވެ.
ކޮޓަރިއަށް ވެރިވެފައި އޮތް އަނދިރިކަމަށް ނިމުމެއް އައި ހިނދު އެތަން ހުރި ހާލު ފެނި ޒޯޔާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އެތަން ހީވަނީ ކުޑަވަރެއްގެ ގޮނޑެއް ހެންނެވެ. ލައިމް އަދި ހުދުކުލައިގެ ލިޔާ މޭޒު މަތީ ނަވްރަސްގެ ލެޕްޓޮޕް ބަހައްޓާފައި ވާއިރު އެމޭޒު ވެސް ހިސޯރުކޮށްލާފައި ވަނީ ގަނޑުތަކުންނެވެ. ވަށައިގެން ހުރި ފޮތް ހަރުގަނޑުތަކުގައި ފޮތްތަކާއި ފައިލްތައް ތަރުތީބެއް ނެތި ބަހައްޓާފައި ހުއްޓެވެ. ޑަސްބިން ވަނީ ގުޅައަކަށް ޖަހާލެވިފައި ހުރި ގަނޑުތަކުން ފުރިބާރުވެފައެވެ. ބޭރަށް ވެސް ބައެއް ގަނޑުތައް ފައިބާފައި ހުއްޓެވެ. ފޮތް ހަރުގަނޑެއްގެ މަތީގައި ހުރި އޮޓޮމެޓިކް އެއާރ ޕްރެޝްނާރގެ އަޑު އިވިގެން ދިޔުމުން ޔަޝްމްއާއި ޒޯޔާ ސިހޭ ގޮތް ވިއެވެ.
ދެމީހުން ދެން އަވަސް ވެގަތީ ބޭނުންވާ ފަދަ އެއްޗެއް ފެނޭތޯއެވެ. ޔަޝްމް ފޮތް ހަރުގަނޑުތައް ބަލަމުން ދިޔައީ ފަރުވާތެރިކަމާ އެކުގައެވެ. ގަޑިއިރު ފާއިތުވެގެން ދިޔައިރު މާޔޫސްކަން ހިތަށް ވެރިވާން ފެއްޓިއެވެ. ޒޯޔާ ވެސް ޔަޝްމްއަށް ބަލާލީ ނާއުއްމީދުން ފުރިގެން ވި ފަދަ ނަޒަރަކުންނެވެ. ޔަޝްމް ގޮސް ޑަސްބިން ހާވަން ހުއްޓާ މޭގަނޑަށް ފިނިވެގެން ދިޔައީ ބަރު ފިޔަވަޅުތަކެއްގެ އަޑު އިވެން ފެށުމުންނެވެ. އެއާއެކު އޭނަގެ ހަރަކާތްތަކަށް ހުއްޓުމެއް އަތުވެއްޖެއެވެ. އޭނައަށް ބަލާލެވުނީ ޒޯޔާ އަށެވެ. ޒޯޔާ ވެސް ހުރީ ތަން މިނަށް ދެލޯ ބޮޑުކޮށްލައިގެން އަނގަމަތީ އަތް އަޅާލައިގެންނެވެ. އޭނަގެ މޫނުމަތިން ހާސްވެފައިވާވަރު ހާމަކޮށްދެއެވެ. ޔަޝްމްގެ ނިތުގައި ވެސް ފިނިދަލެއް ހިއްލާލިއެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަން ތިބެފައި ޒޯޔާ ގޮސް ކޮޓަރީގެ ބޮކި ނިއްވާލިއެވެ. އަދި ލިޔާ މޭޒު ކައިރީ ހުރި ކުޑަދޮރުތަކުގެ ފޮތިގަނޑު ކުޑަކޮށް ދުރުކޮށްލަމުން ކޮރިޑޯއަށް ނަޒަރު ހިންގާލިއެވެ. އޭރު ނަވްރަސް ފޯނެއްގައި ހުރެ އެދިމާއަށް އާދެއެވެ.
”ދޮންބެ…” ހަދާނެ ގޮތް ހުސްވެފައިވާ ރާގަކަށް ޒޯޔާ ބުންޏެވެ. އަނދިރީގެ ތެރޭން އޭނައަށް ކޮޓަރިއަށް އަވަސް ނަޒަރެއް ދެވުނެވެ. އަދި ޔަޝްމްއަށް އިޝާރާތްކޮށްލީ ފާޚަނާއާ ދިމާއަށެވެ. ދެމީހުން ދުވެލާފައި ގޮސް ފާޚަނާއަށް ވަދެ ދޮރު ލެއްޕި ތަނާ އިރުކޮޅެއްވެސް ނުވަނީސް ނަވްރަސް ކޮޓަރިއަށް ވަން އަޑު އިވުނެވެ.
ޒޯޔާއަށް ވުރެ ބޮޑަށް ހާސްވެފައި ހުރީ ޔަޝްމް އެވެ. އޭނަ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. ނަވްރަސް ސާފު އިބާރާތުން މަނާކޮށްފައި ވަނިކޮށް މިޝްޔާގެ ހަޤީޤަތް ހޯދަން އޭނަ ނަވްރަސްގެ ސްޓަޑީއަށް ވަންކަން ފަޅާއަރައިފިނަމަ އޭނަ ދެކެ ނަވްރަސް ހިތްހަމަނުޖެހޭނެކަން ކަށަވަރެވެ. ޔަޝްމް ބިރުގަތެވެ. އެހެން ވާކަށް އޭނަ ނޭދެއެވެ.
”އައި ހޯޕް ހީ ޑަޒަންޓް ކަމް ހިޔާރ…” ވައިއަޑަކުން ޒޯޔާ ބުނެލިއެވެ. ޔަޝްމްގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ޔަޝްމް ހުރީ ފިނިވެފައެވެ. މޫނުމަތިން ހިއްލާފައިވާ ދާތިކިތައް އެކަމަށް ހެކިދެއެވެ. ނަވްރަސް އަވަހަށް އެތަނުން ދާނެ ވަގުތަކަށް އިންތިޒާރު ކުރެވެން ފެށުނީ ކެތްތެރިކަމެއް ނެތިއެވެ. އެނޫން ގޮތަކަށް އޭނަގެ ހާސްކަމަށް ނިމުމެއް ނެތެވެ.
ނަވްރަސް ވާހަކަ ދައްކާ އަޑު އިވެއެވެ. ޔަޝްމްގެ އިންތިޒާރަށް ނިމުމެއް އަންނަން ވަގުތުކޮޅެއް ނެގިއެވެ. ކޮޓަރީގެ ދޮރު ލެއްޕުނު އަޑަށް ޔަޝްމްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ޒޯޔާއަށް ވެސް މެއެވެ. ޒޯޔާ ފާޚަނާއިން ނިކުންނަން ތަޅުގައި ހިފާލުމުން ހުޅުވޭ ގޮތެއް ނުވިއެވެ. އޭނަ އަތަށް ލެވުނު ހާ ބާރަކާއެކު ތަޅުގެ ގޮބު އަނބުރާލެވޭތޯ އުޅުނެވެ. ވީކަމެއް ނެތެވެ. އޭނަގެ ހާސްކަން މައްޗަށް ޖެހިލީ ދެނެވެ.
”ޔުމް މިނުހުޅުވެޔޭ، ސްޓަކް ވެފަ…” ޒޯޔާ ބުނެލިއެވެ. ޔަޝްމްއަށް ޒޯޔާގެ ޖުމްލަ އަޑު އިވޭއިރަށް އަތްދަބަސް ތެރެއިން ފޯނުނަގައި ތަޅަށް އަލިއަޅުވާލިއެވެ. ”ޒޯ، އަދި އެއްފަހަރު ބަލާބަ…” ޔަޝްމް ބިރުގަންނަ ގޮތް ވިއެވެ.
”އިޓްސް ޖޭމްޑް… ނުހުޅުވެޔޭ…” ޒޯޔާ އަތަށް ލެވުނުހާ ބާރަކާއެކު ދޮރު ހުޅުވަން މަސައްކަތްކުރިއެވެ. ޒޯޔާ ވަރުބަލި ވުމުން ޔަޝްމް ވެސް އެކަމާ އުޅުނެވެ. ދެމީހުންގެ ހިތަށް ބިރުވެރިކަން ފޭދިގެން ދިޔައީ އެހިސާބުންނެވެ. ދާހިތްލަން ފެށިއެވެ. މީހާ ފިނިވާން ފަށައިފިއެވެ. އަނދިރީގެ ތެރޭގައި ތިބެން ޖެހުމުންނެވެ.
”ޔުމް އަޅެ ދެން ކިހިނެއްތަ ހަދާނީ… ވަރަށް ބިރުއެބަގަނޭ، ހީވަނީ މިތާ މީހަކު ހުރިހެން، ފޯނުން ލައިޓް ޖައްސަބަ…” ޒޯޔާއަށް ނޭވާލާން ވެސް އުނދަގޫވެއްޖެއެވެ. ޔަޝްމް ފޯނުގެ ލައިޓް ޖައްސާލިއެވެ. އޭނައަށް ހުދުވަމުން ދިޔަ ޒޯޔާގެ މޫނު ފެނި ކަންބޮޑުވުން އިތުރުވެގެން ދިޔައެވެ. ޒޯޔާގެ އަތުގައި ހިފާލެވުނެވެ. ޒޯޔާ ބުނީ އަނދިރިދެކެ ބިރުގަންނަނީ ކަމަށެވެ. އެއީ ޔަޝްމް ވެސް ބިރުގަންނަ އެއްކަމެވެ.
”ޔުމް ދީބަ ފޯނު، މިތަނުން ނިކުމެވެން އޮތީ އެންމެ ގޮތެއް…” ޒޯޔާ ބުންޏެވެ.
ޔަޝްމްއަށް ވިސްނިއްޖެއެވެ.
”އެކަމަކު އޭރުން…” ނަވްރަސްއަށް ބޭޒާރު ވެދާނެތީ ޔަޝްމްގެ އަޑުގައި ޖެހިލުންވުން އެކުލެވިގެން ވިއެވެ. އޭނޫން އިތުރު ގޮތެއް ނެތީ ހެއްޔެވެ؟
”ނޯ އަދާރ ޗޮއިސް…” ޒޯޔާ ބުންޏެވެ. ޔަޝްމްއަށް ޖެހުނީ އެކަމާ އެއްބަސް ވާށެވެ. އޭނަ ވެސް ބަންދުވެފައިވާ ކުޑަ ގޮޅިއެއްގެ ތެރޭގައި ހުންނާކަށް ބޭނުމެއް ނޫނެވެ. ނަވްރަސްއާ ކުރިމަތިލާނެ ހިތްވަރެއް ވެސް އޭނަގެ ނެތެވެ. މިހުރިހާ ކަމަށްފަހު ނަވްރަސް އޭނަ ދެކެ ރުޅި އައިސްފިނަމަ ޔަޤީނުން ވެސް ހިތަށް ވޭން ލިބޭނެއެވެ.
”ހެލޯ… ދޮންބޭ….” ނަވްރަސް ފޯނު ނެގުމާއެކު ޒޯޔާގެ އަޑު ކަންފަތުގައި ޖެހުނެވެ. ޒޯޔާގެ އަޑުއިވި ހާސްކަމުން ގޭގެ ފެންޑާއަށް ނިކުތް ނަވްރަސް ގަނޑުކޮށްލައިފިއެވެ.
”ޒޯ…” ނަވްރަސްގެ އަޑުގައި ކަންބޮޑުވުން އެކުލެވިގެން ވިއެވެ.
”ދޮންބޭ، އައި ނީޑް ޔޯރ ހެލްޕް، އައެމް ސްޓަކް…” ޒޯޔާ ބުނެލިއެވެ.
”ވަޓް؟ ކޮންތާކު ތިހުރީ؟…” ނަވްރަސްގެ ހިތަށް ފިނިވެލައިފިއެވެ. ޒޯޔާއަށް ކަމެއް ވީ ކަމަށް ހީކޮށް މުޅި މީހާ ހާސްކޮށްލައިފިއެވެ. ހިތުގެ ތެޅުން އެތައް ގުނައަކަށް އަވަސް ވެގެން ދިޔައެވެ.
”ދޮންބެ ސްޑަޓީ ރޫމްގެ ފާޚަނާގަ، ޕްލީޒް ހެލްޕް މީ، ހާސްވެގެން ގޮސް ނޭވާ ނުލެވިގެން މިއުޅެނީ….” ޒޯޔާ ބުނެލިއެވެ. އެއާއެކު ނަވްރަސްއަށް ދުއްވައިގަނެވުނީ ސްޓަޑީއާ ދިމާއަށެވެ.
ނަވްރަސްއަށް ޖެހުނީ ދޮރު ހަލާކުކުރާށެވެ. އެއަޑަށް ޒޯޔާއާއި ޔަޝްމް ތިބީ އެކަކު އަނެކަކު ގައިގައި ބައްދާލައިގެންނެވެ. ނަވްރަސް ކުރާނެ ސުވާލަކަށް ދޭނެ ޖަވާބަކާ މެދު ވިސްނާލާނެ ވަގުތެއް ވެސް ނުލިބުނެވެ. ހުޅުވިގެން ދިޔަ ދޮރާއެކު ޔަޝްމްއާއި ޒޯޔާ ފެނި ނަވްރަސްއަށް ލިބިގެން ދިޔައީ ހައިރާންކަމެކެވެ. އޭނައަށް ބަލަން ހުރެވުނީއެވެ.
”ކީއްކުރަން މިތަނަށް ވަނީ؟….” ނަވްރަސް ސުވާލުކުރިއެވެ. ޔަޝްމް ބިރުގެންފައިވާ ތަން ފެނި އެއަންހެންކުއްޖާ ގެނެސް މޭގައި ޖައްސާލަން ބޭނުންވިއެވެ. ހިމާޔަތް ދޭން ބޭނުން ވިއެވެ. ނަމަވެސް އެފަދައިން ކަންތައް ކުރާނެ ހިތްވަރެއް ނުލިބުނީ ރޭގައި ހިނގާ ދިޔަ ހާދިސާ ހަނދާނަށް އައުމުންނެވެ.
”ޒޯ އާއޭ ދޮންބެ ސުވާލު މިކުރަނީ….” ޖަވާބު ބޭނުންވެފައި ހުރެ ނަވްރަސް އެހިއެވެ. ޒޯޔާއަށް ކުށްވެރިއެއް ފަދައިން އިސްޖަހާލެވުނެވެ. އޭރު ޔަޝްމް ހުރީ ނަވްރަސްގެ މޫނަށް ނުބަލަން ހުވާކޮށްގެންކަން ނޭގެއެވެ. ފިނިވެފައިވާ ދެއަތްތިލަ ޖޯޑުކޮށްލައިގެން ހުރިއިރު އޭނަގެ ނަޒަރު ހުއްޓާލެވިފައިވަނީ ބިންމައްޗަށެވެ. ޔަޝްމްއާއި ޒޯޔާގެ ހިމޭންކަން ނަވްރަސްއަށް ދޭހަވާން ނެގީ މަދު ސިކުންތުކޮޅެކެވެ. އެއާއެކު އޭނަގެ ނަޒަރު ހުއްޓިގެން ދިޔައީ ޔަޝްމް އަށެވެ.
”ޖަވާބު…” ކުރިއަށް ފިޔަވަޅެއް އަޅާލަމުން ނަވްރަސް ބުންޏެވެ. އޭނަގެ އަޑުގައި ރުޅިވެރިކަމެއް އެކުލެވިގެން ނުވެއެވެ. އެހެނަސް ޔަޝްމްއަށް ނަގައިގަނެވުނީ މުޅިން ގޯސްކޮށެވެ. ބިރުން ހުރުމުން ކަމަށް ވެސް ވެދާނެއެވެ. އޭނަގެ ހިތަށް އަސަރުކުރިއެވެ. އޭނަގެ ބިރު ހަޤީޤަތަކަށް ވުމުންނެވެ. ނަވްރަސް އެހުރީ އޭނަ ދެކެ ރުޅިއައިސްފައެވެ. މިފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ވިސްނާލެވުނު ނަމައެވެ. ކުރެވޭނެ ކަމެއް ނެތެވެ. މިހާރު ވަގުތު ފާއިތުވެއްޖެއެވެ. އޭނައަށް އެވަނީ ނަވްރަސްގެ ރުޅިވެރިކަމާ ކުރިމަތިލާން ޖެހިފައެވެ.
ނަވްރަސްގެ ސުވާލަށް ޖަވާބެއް ނުލިބުނެވެ.
”ދޮންބެ ބޭނުން ޔަޝްމްއާ އެކަނި ވާހަކައެއް ދައްކާލަން…” ޒޯޔާއަށް ބަލާލަމުން ނަވްރަސް ބުންޏެވެ. އެޖުމްލައިން ޔަޝްމްގެ މޭގަނޑަށް ލޮޅުމެއް އަރައިފިއެވެ. އިހްތިޔާރަކާ ނުލާ އިސްއުފުލާލެވުނެވެ.
ޒޯޔާއަށް ބަލާލެވުނީ ޔަޝްމްއަށެވެ. ޔަޝްމް އެކަނި ދޫކޮށްލާފައި ނުދާނަމޭ ބުނާ ފަދަ ގޮތަކަށެވެ. މިކަމުގައި ދެމީހުންގެ އަތެއް ވެސް އެބައޮތެވެ. ހަމައެކަނި ޔަޝްމް ކުށްވެރިވާކަށް އޭނަ ނޭދެއެވެ.
”ޒޯ އަހަރެން ނޫޅެމޭ ޔަޝްމްއަށް ގެއްލުމެއް ދޭކަށް، އަހަރެން ބޭނުމީ ހަމައެކަނި ވާހަކަ ދައްކަން…” ނަވްރަސް ޔަޤީންކަން ދެމުން ބުނެލިއެވެ.
ޔަޝްމް ޒޯޔާއާ ބަދަލުކޮށްލި ނަޒަރާއެކު ދެކެވުނު ސިއްރު ވާހަކަތަކަށް ފަހުގައި ޒޯޔާ ބޯޖަހާލިއެވެ. ޒޯޔާ ކުރިއަށް އަޅައަޅާ ހުރި ފިޔަވަޅުތައް ހުއްޓުނީ ނަވްރަސް ގޮވާލުމުންނެވެ.
”ދެން ބޭރުން ދޮރުގަ ކަންފަތް ޖަހައިގެން ހުންނާނީކީ ނޫން…” ނަވްރަސް ބުނެލިއެވެ. އެއާއެކު ޒޯޔާ ތުން އަނބުރާލާފައި ނުކުމެއްޖެއެވެ. އަދި ކޮޓަރީގެ ދޮރުލައްޕާލިއެވެ. ނަމަވެސް އޭނަ އެތަނުން ދާކަށް ޚިޔާލެއް ނުކުރިއެވެ. ކޮޓަރީގެ ބޭރުގައި މަޑުކޮށްލައިގެން ހުއްޓާ ނަވްރަސް ދޮރު ހުޅުވާލުމުން ލަދުގަންނަ ގޮތް ވިއެވެ. ނަވްރަސް ހުރީ އުނަގަނޑުގައި ދެއަތްވިއްދާލައިގެންނެވެ.
”މިދަނިއްޔޭ…..” ޒޯޔާ ފަޔަށް ލެވުނުހާ ބާރަކާއެކު ގޮސް ލޯކުރިމަތިން ގެއްލިއްޖެއެވެ.
ޔަޝްމް ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ދެއަތް މޮޑެލަމުން ދިޔައިރު ނަވްރަސްގެ ތޫނު ދެލޯ އޭނައަށް އަމާޒުވެގެން ދިޔުމާއެކު ހިތުގެ ތެޅުން މަޑު ޖެހިލިހެން ހީވިއެވެ. އޭނައަށް ބަލަން ހުރެވުނީ އެވެ. ހިތުގައި އޮތް ބިރު އޭރު ވެސް ފިލައިގެން ނުދެއެވެ.
ނަވްރަސް އައިސް ޔަޝްމްއާ ކުރިމައްޗަށް ވާހެން މޭޒުގެ ކަނުގައި އިށީނެވެ. ދެއަތް މޭޒުގައި ވިއްދާލައިގެން އިންއިރު އޭނަ ފަރުވާތެރިކަމާއެކު ޔަޝްމްއަށް ބަލަމުން ގެންދިޔައެވެ. ޔަޝްމްއަށް ވަށައިގެން ހޯދާލެވުނެވެ. ނަވްރަސްއަށް ނުބަލައި ވޭތޯ އޭނަ މަސައްކަތްކުރިއެވެ. ނަމަވެސް ހިތުގެ އެދުމާ އޭނަ ދެކޮޅު ހަދާނީ ފަހެ ކިހިނެއް ހެއްޔެވެ؟ ނަވްރަސް ވެފައިވަނީ ޚާއްސަ މީހަކަށެވެ.
”އަހަންނަށް ބުނެ ދީފާނަންތަ ޔަޝްމް ތިހާވަރަކުން މިޝްޔާގެ މައުލޫމާތު ހޯދަން ބޭނުންވާ ސަބަބެއް؟…” ނަވްރަސް ސީދާ ދިޔައީ އޭނަގެ މައުޟޫއުއަށެވެ. ”އަހަރެން މީނީ ޔަޝްމްގެ ޖަވާބެއްގެ އިންތިޒާރުގަ…” ނަވްރަސް ބުނެލިއެވެ.
”ޔަޝްމް…” އެދެމެދަށް ވެރިވެފައި އޮތް މަރުގެ ހިމޭންކަމަށް ނަވްރަސް ނިމުމެއް ގެނުވިއެވެ. ހަޤީޤަތުގައި އޭނަ އިންތިޒާރުކުރަމުން ދިޔައީ ޔަޝްމްގެ އަޑު އިވޭނެ ވަގުތަކަށެވެ. އެއަޑު ވެފައި ވަނީ ކަންފަތަށް ވިރިގެންދާ ފަދަ ހިތްގައިމު ރީތި މިޔުޒިކަކަށެވެ.
”އެއީ…އެއީ…” ޔަޝްމްއަށް ވާހަކަދައްކަން އުނދަގޫވިއެވެ.
”ޓޭކް އެ ޑީޕް ބްރެތް….” ނަވްރަސް ބުނެލިއެވެ.
ނަވްރަސް ބުނި ފަދައިން ޔަޝްމް ކަންތައް ކުރިއެވެ. އޭނައާއި ނަވްރަސްގެ ހަތަރުކަޅި ގުޅިލާމެހިގެން ދިޔައިރު އެދެމެދުގައި ދަގަތްޕާނީ ބާރެއް ވާ ހެނެންވެސް ހީވިއެވެ. ޔަޝްމްއަށް ކަޅި ޖަހާނުލައި ބަލަން ހުރެވުނެވެ. އެސޫރައިން ހިތަށް ފިނިކަމެއް ގެނެސްދެއެވެ. އިރުކޮޅަކަށް ވިޔަސް ހުރިހާ ކަމެއް މަތިން ޔަޝްމް ހަނދާން ނެތުނެވެ. ނަވްރަސް ވެސް އިނީ ޔަޝްމްގެ ސޫރައަށް ގެއްލިފައެވެ. އެތަފާތު ރީތިކަން ދެކެ ލޯބި ވެވިއްޖެއެވެ. ހިތުގައި ވާ އިހުސާސްތައް ބަންޑުންކޮށްލަން ހިތް ބާރުއަޅަން ފެއްޓިއެވެ. ޔަޝްމްގެ ދެލޮލުން ވެސް އޭނައަށް ތަފާތު ޖަޒުބާތުތަކެއް ފާހަގަ ކުރެވިގެން ދިޔައެވެ. އެހެނަސް އެހިތުގައިވާ ޖަޒުބާތުތަތައް ފާޅުކުރަން ނަވްރަސް ޖެހިލުންވި ސަބަބެއް އޭނައަށް ނޭގުނެވެ. ހިމޭންކަމާއެކު ވަގުތު ފާއިތުވަމުން ދިޔައެވެ.
”ނަވްރަސް އަހަރެން ދެކެ ރުޅި ނާންނައްޗޭ، އަހަރެން މިއަދު މިތަނަށް އައީ އިތުރު ޗޮއިސްއެއް ނެތީމަ، ފަހަރެއްގައި ވެސް ނަވްރަސް ރުޅިއަރުވާލާކަށް ނޫން، އައެމް ސޮރީ….” ހިތްވަރުލިބުމާއެކު ޔަޝްމް ފުރަތަމަ ވެސް މާފަށް އެދުނެވެ.
”ކީއްވެގެންތަ އަހަރެން ޔަޝްމް ދެކެ ރުޅިއަންނަންވީ؟، ދުވަހަކު ވެސް އެހެން ވާނެ ހެނެއް ހިޔެއް ނުވޭ… އެކަމަކު ރޭގަ ޔަޝްމް ދިޔައީ އަހަރެން ދެކެ ރުޅިއައިސްގެނެއްނު؟…” ނަވްރަސްގެ ޖުމްލައިގައި ވި ފޮރުވިފައިވާ މާނަ ޔަޝްމްއަށް ނަގިގަނެވުނެވެ. އެއާއެކު ހިތަށް ހަމަޖެހުމެއް ގެނެސްދިނެވެ.
”އަސްލު އެފަދަ ޖަވާބެއް ލިބިދާނެ ކަމަކަށް ނޫން ދިޔައީ، އެހެންވެ އެގޮތަށް ރިއެކްޓް ކުރެވުނީ، އައެމް ސޮރީ….” ޔަޝްމް ބުންޏެވެ. ”ދެން ތިހާ ގިނައިން މާފަށް ނޭދުނަސް ވާނެޔޭ… އަދި ވެސް އަހަރެން ކުރި ސުވާލަށް ޖަވާބެއް ނުދެމެއްނު…” ނަވްރަސް ހިނިތުންވުމަކާއެކު ބުންޏެވެ. އެހިނިތުންވުމުގެ ތެރެއަށް ޔަޝްމް ގެއްލުނެވެ. ހަމަހޭވެރިކަން ވީ ނަވްރަސް އޭނަގެ ލޯކުރިމަތިން އަތް ހުރަސްކޮށްލުމުންނެވެ.
ޔަޝްމްއަށް ސިހިފައި ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އޭރުވެސް ނަވްރަސް އިނީ ހިނިތުންވެލައިގެންނެވެ.
”އެއީ، އެއީ…. އަހަރެންގެ ކްލޯޒް ފްރެންޑެއް، އަހަރެން ބޭނުންވަނީ މިޝްޔާ ޓްރީޓްމެންޓް ނަގަން ޖެހުނު ސަބަބު އޮޅުން ފިލުވަން….” ޔަޝްމް ބުނެދިނެވެ.
”ވައި؟…” ނަވްރަސް ބުމަ އަރުވާލިއެވެ.
”އެއީ އަހަންނަށް ބަޔަކު އޮޅުވާތީހެން ހީވާތީ… އަހަރެން ބޭނުން ވަނީ މިޝްޔާއަށް ވީ ގޮތް ބަލަން، މިޝްޔާއަށް އެކްސިޑެންޓް ދިމާވުމުގެ ފަހަތުގައި ސިއްރުތަކެއް ވާހެން ހީވާތީ، އަހަރެން ހަޤީޤަތް ހޯދަން ވަރަށް މަސައްކަތް ކުރިން، އެކަމަކު އެކަށީގެންވާ ފަދަ ނަތީޖާއެއް ނުނެރެވުނު، އެންޑް ދެން އައި މެޓް ޔޫ…. އަހަރެންގެ ހިތް ބުނަނީ މިޝްޔާއަށް ވަރަށް ބޮޑު އަނިޔާއެއް ލިބިފައިވާކަމަށް……” ޔަޝްމް ވިސްނުން ތެރިކަމާއެކު ވާހަކަ އަތުރާލަމުން ދިޔައެވެ. ނަމަވެސް ހިތުގައި ބިރުވެރިކަން އޮތެވެ. ނަވްރަސް އަކީ ވިސްނުން ތޫނު ޒުވާނެކެވެ. ބުނެވޭ އެއްޗަކުން އޭނަ ބޭޒާރު ވެސް ވެދާނެއެވެ.
”ކޮން ބަޔަކު؟…” ނަވްރަސް ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ދިޔައެވެ. ހާސްވިއެއްކަމަކު ޔަޝްމް ބެލީ އެކަން ސިއްރުކުރެވޭ ތޯ އެވެ.
”ފެމިލީ، ދެން ބުނެބަލަ، އާރ ޔޫ ގޮއިންގް ޓު ޓެލް މީ؟، އަހަރެން ދުވަހަކު ވެސް މީހަކު ގާތު މިހާ ބޮޑަށް އާދޭސް ނުކުރަން…. ޕްލީޒް… ޔޫ އާރ މައި އޮންލީ ހޯޕް….” ޔަޝްމް އާދޭހުގެ ރާގަކަށް ބުންޏެވެ.
(ނުނިމޭ)
2 Comments!
Comments are closed.
Alhey haada reechey .thanx ingey mifadha vaahakatah genesdhey thee
Nice story ira tha first 😉