ހެނދުނު އެގާރަގަޑި ބައި އެހާކަންހާއިރެވެ. އަޔާން އާއި ޖުއާން ވީ އެ މީހުން ގެ ވަޒީފާ ތަކަށް ގޮހެވެ. މާޔާވީ އެކުވެރިން ތަކަކާއެކު ބޭރަށް ގޮހެވެ. މާހީވެސް ހެނދުނު ސައި ބޮއެގެން ކޮޓަރިއަށް ވަތް ގޮތަށް އަދި ނުނިކުމެއެވެ. ޒީޝާން ފޫހިވެގެން ‘ޕެރެޑައިސް’ގެ ގޭތެރޭ ހިނގާލަ ހިނގާލަ ހުއްޓެވެ. ރީތި ގަނޑުވަރެއް ފަދަ އެންމެ ޒަމާނީ ގޮތަށް ހަދާފައިވާ ގެއެކެވެ. ބަލާލާ ކޮންމެ ދިމާއަކުން ގޭގެ ވެރިންގެ ހައިބަތު ހާމަކޮށްދެއެވެ. ހިނގަމުން ގޮސް ބަދިގެއާއި އަރާ ހަމަވިތަނުން އިވެމުން ދިޔަ ވާހަކަ އަކުން ޒީޝާން މަޑުޖެހިލިއެވެ. އަދި އެތެރެ ބަލާލިއެވެ. ބަދިގެ ތެރޭގައި މެންދުރަށް ކެއްކުމަށް ތައްޔާރު ކުރަމުން ދިޔަ އުލްފާ އާއި ހައްވާދީ ވާހަކަ ދައްކަން ތިބިތަން ފެނުމުން އިވުނީ އެ މީހުންގެ އަޑުކަން ޒީޝާނަށް އެނގުނެވެ.

“އަޅެ ހައްވަތަ ރިހާއާއި ވާހަކަ ދައްކާލައްޗޭ!” އުލްފާ ހައްވާދީއަށް ބުނަމުންދިޔައެވެ. އެއަޑުގައި ކޮންމެވެސް ވަރަކަށް ހަމްދަރްދީ އެކުލެވިފާވެއެވެ. “އަހަންނަށް ޔަގީން މިއަދު މިވީ ކަންތަކުން ރިހާ ހުންނާނީ ވަރަށް ދެރަވެފަކަން… އަހަރެން ދައްކާ ވާހަކަ އަޑު ނާހަފަނެތީ ހައްވަތަ ގާތު މި އެދެނީ… ” އުލްފާގެ ވާހަކަ އަޑު އަހަން ހުރި ހައްވާދީ ރައްދުގައި ބުންޏެވެ. “ދަރިފުޅާ އުލްފާ! ހީވޭތަ ރިހާ ޤަބޫލުކުރާނެހެން ރިހާއަށް އެކަމުން އެއްވެސް އަސަރެއް ކުރިކަމަށް؟ ނުކުރާނެ… އެއީ ބޯ ހަރު ކުއްޖެއް. ރިހާ ބޭނުމެއްނުވޭ އެއްވެސް މީހަކު އޭނައަށް ހަމްދަރްދީ ވާކަށް.” ކުޑަ ވަގުތު ކޮޅަކަށް ވާހަކަ މެދު ކަނޑާލަމުން އަނެއްކާވެސް ހައްވާދީ ވާހަކަ ކުރިއަށް ގެންދިޔައެވެ. “ރިހާ އަމިއްލައަށް ހަމައަކަށް އެޅިދާނެ… ދައްތަ ރިހާއާއި ވާހަކަ ދައްކަން ބޭނުން ނުވާތީ އެއް ނޫން މިހެން މިބުނަނީ. ރިހާ އުޅޭ ގޮތް ދެކެން މި މައިލަގޮނޑިއަށް ވެސް ކެތެއްނުވޭ… އެ މޫނުމަތިން ހިނިތުންވުމެއް ފެންނާނެ ދުވަހަކަށް އަބަދު މި އިންތިޒާރު ކުރަނީ.” ހައްވާދީގެ ލޮލުން ކަރުން ހިލިގެން އައީ އެ ހިތުގަ ރިހާއަށް ޖެހިފައިވާ ކުލުނެއްގެ ބޮޑުކަމުންނެވެ. “އަހަރެންވެސް މިގެއަށް އައިސް މިވީ 4 އަހަރު ދުވަހުގެ ތެރޭ ނުދެކެން ދުވަހަކުވެސް އެ މޫނުމަތިން ހިނިތުންވުމެއް. އަދި ކޮބާ؟؟ އަޔާންމެން މީހަކު ލޮތްބާއެކު ރިހާއާ ވާހަކަ ދައްކާލާތަން ވެސް ނުފެނޭ…” ދެރަވެފާ ހުރެ އުލްފާ ދައްކަމުން ދިޔަ ވާހަކަ މެދު ކަނޑާލަން ޖެހުނީ ގޭގަ ގެންގުޅޭ ނޯކަރަކު އައިސް އަޔާން އާއި އުލްފާގެ ދެ އަހަރަށްދާ ދަރިފުޅު، އުލްޔާ ހޭލި ވާހަކަ ބުނުމުންނެވެ. އުލްފާ އަވަހަށް އަތް ދޮވެލައިން އުލްޔާ ގާތަށް ދިއުމަށް ހިނގައިގަތެވެ. އުލްފާއަށް ޒީޝާން ފެނުމުގެ ކުރިން އަވަހަށް އެތަނުން ދުރަށް ދިޔައެވެ.

ޒީޝާނަށް ގޮސް ހުއްޓެވުނީ ސިޓިން ރޫމްގެ އެއްފަރާތެއްގައި އާއިލީ ތަސްވީރު ތަކަށް ހާއްސަ ކުރެވިފައިވާ ފާރު ކައިރީގައެވެ. ޒީޝާން ފަރުވާތެރިކަމާއެކު ތަސްވިރުތަކަށް ބަލަން ފެށިއެވެ. އޭގެ ތެރެއިން ގިނަ ތަސްވީރު ތަކަކީ މުޅި ޢާއިލާ އެއްކޮށް ނަގާފައިވާ ތަސްވީރުތަކެއް ނަމަވެސް އެ ތަސްވީރުތަކުން އެއްކަމެއް ޒީޝާނަށް ފާހަގަ ކުރެވުނެވެ. އެއީ އެއިން އެއްވެސް ތަސްވީރެއްގައި ރިހާ ނެތްކަމެވެ. އެވަގުތު ދެންމެ އިވުނު ވާހަކަތަކާއި މިއަދު ހެނދުނު ސައިމޭޒު ދޮށުން އިވުނު އަޑުތަކާއި ފެނުނު މަންޒަރު ތަކާއި މެދު ވިސްނާލިއެވެ. ރިހާއާއި ގޭގެ އެހެން މީހުނާއި އެއްވެސް ގުޅުމެއް ނެތްކަން މިވީ ކުޑަވަގުތު ކޮޅު ތެރޭވެސް ޒީޝާނަށް ވިސްނުނެވެ. ގޭގެ އެހެން ކުދިން ރިހާއަށް ނަފްރަތު ކުރާކަންވެސް ވިސްނުނެވެ. އެކަމަކު އެއީ ކީއްވެ ހެއްޔެވެ؟ ހަމަ އެހެންމެ ރޭގަ ޒީޝާން ރިހާ އާއި މެދު ދެކުނު ގޮތް އެއީ ރަގަޅު ގޮތް ނޫން ކަމަށް ނިންމާ ރިހާ އާއި ބެހޭ ގޮތުން އިތުރަށް މަޢުލޫމާތު ހޯދާފަ ގޮތެއް ނިންމަން ޒީޝާން ކަނޑައެޅީ ބައެއްފަހަރު ލޮލަށް ފެންނަ މަންޒަރު ތަކާއި ކަންފަތަށް އިވޭ އަޑުތައް އެއީ ކަމުގެ ހަމައެކަނި ހަޤީޤަތަށް ނުވެދާތީއެވެ. ބައެއް ފަހަރު ފަރުދާގެ އަނެއް ފަރާތުގައި މުޅިން އެހެން ހަޤީޤަތެއް ފޮރުވިފައި އޮންނާތީއެވެ. ހަމައެހެންމެ ޒީޝާންގެ ހިތުގައި މާކުރިއްސުރެ ރިހާއަށްޓަކައި ޖަހަމުންދާ ވިންދަށް އިތުރު ފުރުސަތެއް ހޯދާދިނުމުގެ އުންމީދުގަވެސްމެއެވެ.

މެލޭޝިއާގައި ވިޔަފާރިކަމަކު ދެ ހަފްތާއަށް ދިޔަނަމަވެސް އެއް ހަފްތާއިން ދިޔަ ބޭނުން ނިމުމުން ރިހާ އަވަހަށް ރަށަށް އައިސް އޮފީހަށް ނުކުންނަން ފެށީ ނަސީރާއެކު ޒުބޭރު ކުޅުދުއްފުށީގައި ފަށަން އުޅޭ ވިޔަފާރީގެ ކަންތައްތަކުގައި ރިހާ މަސްޢޫލު ވުމުގެ ކުރިން މިހާރު ރިހާގެ ކޮމްޕެނީން ފަށާފަ ހުރި އެކިއެކި ޕްރޮޖެކްޓްތަކުގެ މުހިންމު މަސައްކަތްތަށް ނިންމާ ރިހާގެ ވަގުތުތަށް އަލަށް ފަށަން އުޅޭ ޕްރޮޖެކްޓަށް ހުސްކުރުމަށެވެ. އެހެނީ ނަސީރުގެ ވިޔަފާރިއާއި ރިހާ ހަވާލުވި ފަހުން ވިޔަފާރީގެ ހުރިހާ ކަމެއް ބަލަހައްޓަނީ ރިހާ ކަމަށް ވުމުން ނަސީރު ވިޔަފާރީގެ ކަންތަކުގައި މިހާރު ނޫޅޭތީއެވެ. އެއީ ރިހާވެސް ބޭނުންވާ ގޮތެވެ. ޒުބޭރު ވިޔަފާރި ފަށަނީ ނަސީރާއި އެކުއޭ ބުންޏަސް ހަޤީޤަތަކީ އެ ވިޔަފާރި އެއީ ޒުބޭރު ރިހާ އާއި އެކު ފަށާ ވިޔަފާރިއެއް ކަމެވެ.

ވަގުތުތަށް ފާއިތުވަމުން ދެއެވެ. ޒީޝާން ހުރީ އުލްފާ އެކަނި ވާނެ ވަގުތަކަށް ބަލަބަލައެވެ. ރިހާއާއި ބެހޭ ގޮތުން އިތުރަށް އޮޅުންފިލުވަން ބޭނުންވެފަ ހުރިލެއްބޮޑުކަމުންނެވެ. ހަވީރުގެ ހިތްގައިމު ވަގުތެވެ. އުލްޔާ އުރާލައިގެން ގެ އަށް ވަންނަ ގޭޓް ކުރިމަތީ ދެފަރާތަށް ވާގޮތަށް ހައްދާފަ އޮތް ބޮޑު ރީތި ބަގީޗާއާއި ދިމާއަށް ހިނގަމުން ދިޔަ އުލްފާ ޒީޝާންއަށް ފެނުނެވެ. އޭރު ޒީޝާން ހުރީ އެތާ ކައިރީގަ ކަމުން ދެކޮޅު ހޯދާ ބަލާލާ، އިތުރު އެއްވެސް މީހެއް ފެންނަން ނެތުމުން ލިބުނު ފުރުސަތުގެ ބޭނުން ހިފާ އުލްފާ ފަހަތުން ބަގީޗާއަށް ވަނެވެ. ޒީޝާން އެރަށަށް އައިސް އެވީ ދެތިން ދުވަސް ތެރޭ އުލްފާ އާއިވެސް ކޮންމެވެސް ވަރަކަށް ވާހަކަ ދައްކާ ހަދާފައިވުމުން އެދެމެދުގައި ބީރައްޓެހި ކަމެއްނުވެއެވެ. އެހެންކަމުން ޒީޝާން އުލްފާއަށް ހިނިތުންވުމެއް ހަދިޔާ ކުރަމުން އެއްވަރަށް ކޮށާލެވިފައިވާ ބަގީޗާގެ ވިނަގަނޑު މަތީ ކުޅެން އިން ލޯބިލޯބި ކުޑަކުޑަ އުލްޔާ އާ ލޯބިކޮށްލިއެވެ. ކުޑައިރުކޮޅަކު އުލްޔާ ގާތުގައި ހީސަކަރާތްޖަހަން އިނުމަށް ފަހު ބަގީޗާގައި ހަދާފައިވާ ބެންޗުތަކުން އުލްޔާ އާއި އެންމެ ކައިރި ބެންޗުގައި އިށީނދެއިން އުލްފާ ގާތު އިށީނދެލަމުން ޒީޝާން އޭނާގެ މަޤްސަދަށް ވާސިލް ވުމަށް މަސައްކަތް ފެށިއެވެ.

“އުލްފާ! ވާހަކައެއް އަހާލަންތަ؟” އުލްފާގެ ޖަވާބަކަށް އިންތިޒާރުކޮށްގެން އިން ޒީޝާން، ބޮލުގެ އިޝާރާތުން އުލްފާ އާއެކޭ ބުނުމުން އަނެއްކާވެސް ބުންޏެވެ. “މީ… ރިހާ އެއީ ކާކު؟ މި ބުނީ ކީއްހޭ ކުރަނީ؟ ކުރިން މިގޭން ނުފެންނާތީ އަހާލީ!” ހިނިތުންވެލަމުން އުލްފާ ވާހަކަ ދައްކަން ފެށިއެވެ. “ރިހާ ދޯ! އެއީ މިގޭ އެންމެ ދޮށީ އަންހެން ކުއްޖާ. އަޔާން އާއީ ޖުއާން އާއި ޖެހިގެން ދެން ހުންނާނީ ރިހާ” ކުޑަވަގުތު ކޮޅަކަށް ވާހަކަ މެދު ކަނޑާލަމުން ފަރުވާތެރިކަމާ އެކު އުލްފާގެ ވާހަކަ އަޑު އަހަން އިން ޒީޝާނަށް އުލްފާ ނަޒަރެއް ހިންގައިލިއެވެ. އަދި އަނެއްކާވެސް ރިހާގެ ވާހަކަ އާއިގެން ކުރިއަށް ދިޔައެވެ. “އެހެން އެންމެނާ ރިހާ ތަފާތުވާނެ. ރިހާ އެއީ ކާކުކަން އެނގޭ މީހުން ބުނާނެ ރިހާ އެއީ ވަރަށް ނަސީބު ގަދަ ކުއްޖެކޭ. އެހެންނު ވާނީ، ރިހާ ބޭނުން ކޮންމެ އެއްޗެއްވެސް ރިހާ ބޭނުމިއްޔާ ރިހާއަށް ލިބޭނެ. އާފްޓައޯލް، ޝީ އިޒް ރިހާ! މިރަށުގެ ކާމިޔާބު ވިޔަފާރިވެރިންގެ ލިސްޓްގެ ކުރީގަ ރިހާ އުޅޭނީ. އުމުރުން ކިތަންމެ ހަގު ނަމަވެސް ރަށު އެންމެންގެ ލޯބި ރިހާއަށް ވަނީ ލިބިފަ. އެކަމަކު ރިހާގެ ޢާއިލާގެ ލޯބި ފިޔަވާ… ޝާން އަށް ވެސް މިކަން ފާހަގަވެފަ ކަންނޭގެ އޮންނާނީ. ރޭގެ ޕާޓީ އަދި މިއަދު ހެނދުނު މިގޭގަ ހިނގާ ދިޔަ ކަންތައްތަކުން…”

“އެއީ ކީއްވެ؟” އުލްފާގެ ވާހަކަ މެދުކަނޑާލަމުން ޒީޝާން ހިތުގަ އުފެދުނު ސުވާލު އުލްފާ އާއި ކޮށްލިއެވެ. “މިބުނީ އެންމެން ކީއްވެހޭ ރިހާ ދެކެ އެހާ ރުޅި އަންނަނީ؟! އެއީވެސް ހަމަ މިގޭ ކުއްޖެއް ނޫންތަ؟” ޒީޝާންގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އުލްފާ އަނެއްކާވެސް އޭނާގެ ވާހަކަ ކުރިއަށް ގެންދަންފެށިއެވެ. “އާނ… މިގޭ ކުއްޖެއް. އެކަމަކު އަހަރެން ދެކޭ ގޮތުގަ އެއީ ހަމައެކަނި ނަމަކަށް. ރިހާގެ ބޭބެމެނާއި ކޮއްކޮމެނަށް ރިހާ އެއީ އުޅޭ މީހެއްކަން ވެސް އެނގޭނީ އެމީހުން ރިހާގެ ފަރާތުން ކަމަކަށް ބޭނުން ވީމަ…” އުލްފާ ފުންނޭވާއެއް ދޫކޮށްލިއެވެ. “ދެން ޒީޝާން އަށް އެނގޭނެ ކަންނޭގެ ރިހާ އެއިން ކަމަކަށް އިންކާރު ކޮށްފިނަމަ ދެން ކަންތައް ވެގެންދާ ގޮތް…”

“ރިހާ މަންމަ؟” ޒީޝާން އުލްފާ އާއި ސުވާލު ކޮށްލީ މިއަދު ހެނދުނު ކަންތައް ވީގޮތް ހަނދާންވުމުންނެވެ. އުލްފާ ބޮލުގެ އިޝާރާތުން އާއެކޭ ބުނަމުން އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ. “އާނ. މަންމަ… ހައްވައްތަ ބުނާ ގޮތުން އެއްއިރެއްގަވެސް މަންމަ ރިހާއާއި މާ ބޮޑަށް އަޅައެއް ނުލާ. ރިހާ ކުޑައިރުވެސް މިގޭ އެހެން ކުދިން އެކީ ހީ ސަކަރާތްޖަހާ ސަމާސާ ކޮށް ހަދާނެ. އެކަމަކު ރިހާ އެކީ އެހެނެއް ނޫން ކަމަށް ވަނީ… އަދި ނުބުނެވޭ ދޯ ހައްވައްތަ އެއީ ކާކުކަމެއް؟” އުލްފާ ހިނިތުންވެލަމުން ޒީޝާން އާއި ކޮށްލި ސުވާލުގެ ޖަވާބުގައި ޒީޝާން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.

“ހައްވައްތަ އެއީ ރިހާ ކުޑައިރުއްސުރެ ބަލާ ބޮޑުކުރި މީހަ. ރިހާދެކެ އިންތިހާއަށް ލޯބިވާނެ. އަމިއްލަ ދަރިއެއް ނޫނަސް ރިހާއަށް އަމިއްލަ ދަރިއަކު ދެކެވެސް މީހަކު ލޯބިވާނެ ވަރަށް ވުރެ ބޮޑަށް ހައްވައްތަ ރިހާ ދެކެ ލޯބިވޭ. އުފަން މަންމަގެ ލޯބި ނުލިބުނަސް ރިހާ އެ ޝަކުވާއެއް ނުކުރޭ.”

(ނުނިމޭ)

21

5 Comments

  1. Nau Nausha

    June 30, 2013 at 7:24 pm

    ވ ރީތި މިވާހަކަ … މި އަައްވުރެ އަވަހަށް އަޕްކޮއްދީބާާ…..

  2. pinky

    June 30, 2013 at 9:42 pm

    ވ.ވ.ވރީތި. އަވަހަށް އަޕްކޮށް ދެއްޗޭ 🙂

  3. RUXEY

    July 3, 2013 at 11:55 am

    އޮބި…. ވވވވވވ ނައިސް.. ކީއްވެތަ ރިހާ އެހެން ވާންޖެހުނީ؟

  4. RUXEY

    July 3, 2013 at 11:58 am

    ތަންކޮޅެއް ލަހީ އަޕް ވާލެއް…. އަވަސްކޮއްލަ ދީބާާާާާާާބާބާބާ

  5. Raina

    July 3, 2013 at 2:56 pm

    ތެންކިޔު ހުރިހާ ކުދިންނަށް…..
    ބިޒީކޮށް އުޅޭއިރު އެހާ އަވަހަށް ވާހަކަ ނުލިޔެވޭތި އަޕްވާލެއް ލަސްވަނީ.
    ރިހާ އެހެން ވީ ކީއްވެ ކަން ވާހަކަ ކުރިއަށް ދާ ވަރަކަށް އެނގޭނެ.

Comments are closed.