
ކަނޑުފެން (ނަވާރަވަނަ ބައި) KanduFen P-19
ލުޔޫނާގެ އަތުގައި ހިފައިގެން މަޑު ހިނގުމެއްގައި ރަނާގެ ގެއިން ނުކުމެގެން ދިޔައިރު ރަނާގެ ހިތް ދިޔައީ ވަރަށް ބާރަށް ތެޅެމުންނެވެ. ބުނެދޭން ނޭނގޭ ކަހަލަ އިހުސާސް ތަކެއް ކުރުވަމުންނެވެ. ޝިފާނާ ދޭތެރޭ ވިސްނާ ކޮންމެ ފަހަރަކު ރަނާއަށް މިހެންވަނީ ކީއްވެކަން ޚުދު ރަނާއަކަށް ވެސް ނޭނގެއެވެ. ޝިފާން އެންމެ ފަހުން ވާހަކަ ދެއްކި ދުވަހު ކައިވެނިކުރަން ބޭނުންވާ ވާހަކަ ވަނީ ދައްކާފައެވެ. ނަމަވެސް އަދި މަޑުކޮށްގެން އެ ހުންނަނީ ސީމާއްތަ ވިހައިގެން ހަމަޖެހެން ދެނެވެ. އެ ދެ ލޯބިވެރިންވެސް ތިބީ ކެތްމަދުވެފައެވެ.
ލުޔޫނާގެ ގެ ހުންނަ މަގަށް އެޅުނު އިރު އެގޭ ބޭރުގައިވާ އަށި މަތީގައި އިށީނދެލައިގެން ދެ ފިރިހެން ކުދިން ތިއްބެވެ. އޭގެ ތެރެއިން އެއް ޒުވާނަކީ ޝިފާންކަން އެނގުމުން ރަނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހިތް އަވަސްވެ ހަތަރެސްފައި ފިނިވާން ފެށިއެވެ. ލުޔޫނާގެ އަތުގައި ހިފާ ބާރު ކޮށްލެވުނެވެ. އޭރު އެމީހުން އެ އައްޓާއި އަރާ ހަމަވަނީއެވެ.
“އައްދޯއި!…” ލުޔޫނާ ތަދުވާ ކަމަށް ހެދިއެވެ.
“ކިހިނެއްވީ ލުޔޫ!…” ޝިފާން އަހާލިއެވެ.
“މީ..ރަނާ ރަނާ…” ޖުމްލަ ފުރިހަމަ ނުކުރެވެނީސް ލުޔޫނާގެ އަތުގައި ވިކައިގަންނަމުން ޖަވާބުގައި ރަނާ ބުންޏެވެ. ” ކަމެއް ނުވޭ!… ލުޔޫ އެއުޅެނީ ކިޔާނެ އެއްޗެއް ނޭނގިގެން…”
“ބުނީމެއްނު އަހަރެންގެ ވަރަށް ގާތް ބެސްޓް ފްރެންޑެއްގެ ވާހަކަ… މީ ޝައިބާން…. ޝިފާން އޭނާގެ ގާތުގައި ހުރި ޝަައިބާން ތަޢާރަފްކޮށްދިނެވެ. ރަނާ ރަކި ހިނިތުންވުމަކާއި އެކު ބުންޏެވެ. “އަޅުގަނޑަކީ ރަނާ….”
“ހެ.. ހެ.. ހާދަ ފޯމަލް އޭ….. ފޯނުންވެސް ވަރަށް ވާހަކަ ދެއްކިން ދޯ… ދެން އަހަރެމެން މީ ރަހްމަތްތެރިންނެއްނު.. އަހަރެންނާ މާތް ބަހުން ވާހަކަ ނުދައްކައްޗޭ!…” ޝައިބާން ގާތްކޮށް ވާހަކަ ދައްކަމުން ރަނާއާއި ލުޔޫނާއަށް އަތާއި އަތްގުޅާލަމުން ސަލާމް ކޮށްލިއެވެ. ވާހަކަ ދައްކަން ހުއްޓާ އެގޭ ދޮށަށް ލުޔޫނާގެ ރަހްމަަތްތެރިން އަންނަތަން ފެނުނެވެ. އެތެރެއަށް އައުމަށް ލުޔޫނާ ދައުވަތު ދިން ނަމަވެސް ޝިފާން އެގެއަށް ވަންނަަން ދެކޮޅު ހެދިއެވެ. އެހެން ކަމުން ރަނާ ޝިފާނާ އެކީ އަތިރި މައްޗަށް ފައިބަނީ ކަމަށް ބުންޏެވެ. ފިލްމް ނިމުނީމަ ޝިފާންގެ ނަންބަަރަށް ގުޅާނަމޭ ލުޔޫނާ ބުނުމުން ރަނާ ބޯޖަހާލިއެވެ.
އާދައިގެ މަތިން އެ ދެ ލޯބިވެރިން ބައްދަލު ކުރަން ގޮސް އުޅޭ ފަޅުގެއާ ދިމާލަށް މިސްރާބު ޖެހިއެވެ. އެގޭގައި ދިރިއުޅޭ އެންމެން މާލެ ބަދަލުވުމުން އެގެ ހުންނަނީ ހުސްކޮށެވެ. އެ ގެއަކީ ޝިފާން ރަށަށް އަންނަ ދުވަސް ދުވަހުގައި އެ ދެ ލޯބިވެރިން މާފޮޅުވާ ބަގީޗާއެވެ. އެ ދެމީހުންގެ ފަހަތުން އައި ޝައިބާން ފިހާރައަކަށް ގޮސްލާފަ އެބަ އަންނަމޭ ބުނުމަށްްފަަހު ޖެހިގެން އޮތް މަގުން ލަނބާލުމުން ޝިފާން ރަނާގެ އަތުގައި ބާރަށް ހިފާލިއެވެ. ދެމީހުންގެ ފިޔަވަޅު އަވަސްކޮށްލީ އެ ފަޅުގެއާއި ދިމާލަށެވެ.
*** *** *** *** *** ***
ފުން ޚިޔާލުތަކުގެ ތެރޭގައި ފީނަމުން ދިޔަ ޒީކަށް ހޭވެރިކަންވީ ފޯނު ރިންގްވާން ފެށުމުންނެވެ. އެއީ މަޒީނެވެ. ފޯނު ނަގާ ކަންފަތުގައި ޖަހާލުމުން މަޒީން ހަލޯއޭ ބުނެލިއެވެ. އާދައިގެ ގޮތަކަށް ޒީކް ޖަވާބު ދިނުމުން ޒީކްގެ މޫޑު ރަނގަޅު ނޫންކަން މަޒީނަށް އެނގުނެވެ. “ހެއި… މާލޭގަ ވަރަށް ބޯރިންގް… ޒީކް ކޮން އިރަކުން މާލެ އަަންނަނީ… އައި މިސް ޔޫ…” މަޒީން އޭނާގެ ހިތުގެ ޝުއޫރު ހާމަކުރިއެވެ.
“ލަންކާއަށް ދާން ކައިރިވީމަ މާލެ ދާނީ… ވަރަށް ޓަޔަޑް.. ނިދަން މި އުޅެނީ… އިނގޭ…. ގުޑް ނައިޓް…” މާ ބޮޑު ވާހަކައެއް ނުދައްކާ ޒީކް ފޯނު ކަނޑާލިއެވެ.
ކޮޓަަރީގެ ދޮރާ ދިމާލަށް ބަލަހައްޓައިގެން އޮތް ޒީކް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ތެދުވެ އަތުގެ އިނގިލިތަކުން ބޮލުގެ އިސްތަށިގަނޑު ރީތިކޮށްލިއެވެ. އަދި މަޑު ފިޔަވަޅުތަކެއްގައި ކޮޓަރިން ނުކުތެވެ. ސިޓިންގް ރޫމު ތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން، ގޭގައި އުޅެނީ ސީމާއާއި ސަފިއްޔާ އެކަނިކަން އެނގުނެވެ. މިހާ ލަސްވީމާ މަންމައާއި މާމަ ނިދީކަން ޒީކަށް ކަށަވަރުވުމުން ސިއްރުސިއްރުން ގެއިން ނުކުމެ މަޑުމަޑުން ދޮރު ލައްޕާލިއެވެ. ސިމާމެންނަށް އަޑުނީވޭ ވަރަށެވެ.
ބަނދަރު މަތިން ހިނގަމުން ދިޔަ ޒީކްގެ މިސްރާބު ހުރީ ކުރިން އޭނައަށް ލުޔޫނާ ފެނުނު ދިމާލަށެވެ. ލުޔޫނާއާއި ބައްދަލު ކޮށްލަން ބޭނުންވެފައި ހުންނަތާ އެތައް އަހަރެއްވީއެވެ. ހިއްސާ ކުރަން ބޭނުންވާ ކިތަންމެ ވާހަކައެއް އެބަހުއްޓެވެ. ކުރިންވެސް އިން ބެންޗު މަތީގައި ލުޔޫނާ އިންތަން ޒީކަށް ފެނުނެވެ. ނަމަވެސް މިފަހަރު ލުޔޫނާ އިނީ އެކަންޏެއް ނޫނެވެ. ލުޔޫނާއާއި ދާދި އެއް އުމުރެއްގެ އެހެން އަންހެނަކާއި އެކީ އެ ބެންޗުމަތީ ތިބުމުން ޒީކް ފަސް ޖެހުނެވެ.
ވަށައިގެންވާ މާހައުލަށް ކަޅި ހިންގަމުން ދިޔަ ލުޔޫނާގެ ލޮލުގައި ރުކެއް ކައިރީ މަޑުކޮށްލައިގެން ހުރި ޒީކް އަޅައިގަތެވެ. ބެންޗު މަތިން ތެދުވެ ޒީކާ ދިމާލަށް ފިޔަވަޅު އަަވަސްކޮށްލިއެވެ. ޒީކްގެ އަތުގައި ހިފާ ވާހަކަ ދައްކަމުން ބެންޗުގައި އިށީންނަން އައުމަށް އެދުނެވެ. ޒީކް ހިމޭނުން ހުރީއެވެ. ލުޔޫނާ ޒީކާ މުޚާތަބު ކުރަމުން ދިޔައީ ރަނާގެ ނަމުންނެވެ.
ބެންޗުގެ ބިއްދޮށުގައި ހަދާފައިވާ ދެބުރީގެ އިމާރާތުގެ ތެރެއަށް އިޝާރާތް ކުރަމުން އެ މެދުއުމުރުގެ އަންހެން މީހާ ލުޔޫނާ ގެއަށް ދަމާ ހިނގާށޭ ބުނެލިއެވެ. ނަމަވެސް ލުޔޫނާ ގެއަށް ވަންނަން ބޭނުމެއް ނުވިއެވެ. ޒީކްގެ އަަތުގައި ހިފައިގެން އެކި ވާހަކަތައް އަހަމުން ދިޔައީ މޮޔައެއް ފަދައިންނެވެ.
“ބަލަ ލުޔޫނާ… ދެލޯ ފުޅާ… އެއީ ރަނާއެއް ނޫނޭ… އެއީ ސީމާގެ އަންހެން ދަރި ޒީކް… ރާއްޖޭން ބޭރުގައި ކިޔަވަން ހުރެފައި ޗުއްޓީގަ ރަށަަށް އައިސް އެ އުޅެނީ….” އެ އަންހެން މީހާ ދެއްކި ވާހަކަތަކުން ލުޔޫނާ ރުޅިއައެވެ. އޭނާއާއި ދިމާލަށް އަަތް ފޮޅަމުން މިތަނުން ދާށޭ ކިޔާ ހަޅޭއްލަވަން ފެށިއެވެ.
ލުޔޫނާ ހަމަޔަކަށް އަޅުވަން ޒީކް މަސައްކަތް ކުރިއެވެ. އަދި އެ އަންހެން މީހާ ގާތު އިރުކޮޅަކުން ލުޔޫނާ ގެއަށް ގެންދާނަމޭ، ދައްތަ އިހަށް ދާށޭ ބުނެލިއެވެ. ލުޔޫނާއާ އެކީ ވާހަކަ ދައްކަން އެ ބެންޗުގައި އިށީންދެގެން ތިބީ ގޮނޑު ދޮށުން ފެންނަމުން ދިޔަ ހިތްފަސޭހަ މާހައުލަށް ގެއްލިފައެވެ. އެރޭގެ ފުރިހަމަ ވެފައިވާ ހަނދަށް ބަލަން ތިބި އިރު ލުޔޫނާ އެކި ސުވާލުތައް ކުރަމުން ދިޔައީ މާޒީގައި ވެފައިވާ ކަންތައްތަކާއި ބެހޭ ގޮތުންނެވެ. ޒީކް ގެއަށް ދިޔައީ އެރޭ އެގާރަ ޖަހާ ބޮޑުވި ފަހުންނެވެ. އެކިކަހަލަ ވާހަކަތައް ހިއްސާ ކުރުމަށްފަހުގައެވެ.
ލުޔޫނާ ގެއަށް ވަދެގެން އައީ ގަބުއަރާފައި ހުރި ބުދެއް ފަދައިންނެވެ. ދެވަނަ ބުރީގައިވާ އޭނާގެ ކޮޓަރިއަަށް ވަދެ ބޮލުގައި އަޅާފައިވާ ޝޯލް ނެގުމަށްފަަހު ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. ޒީކް ކިޔައިދިިން ވާހަކަތަކުން އޭނާއަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. ޑްރެސިންގް ޓޭބަލް މަތީގައިވާ ފޯނު ނެގުމަށްފަހު އޭނާގެ ފިރިމީހާއަށް ގުޅާލިއެވެ. “ހަލޯ…. ކޮންއިރަކު ގެއަށް އަންނަނީ… އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފައި އެބައޮތް… ” ފޯނުން ލުޔޫނާގެ ފިރިމީހާއަށް މުޚާތަބުކޮށް ވާހަކަ ދެއްކީ ދުވަހަކުވެސް އޭނާއާ ވާހަކަ ނުދައްކާ ގޮތަކަށެވެ. އަޑުގައިވަނީ ހަރުކަށިކަމެވެ. ކޮޓަރިތެރޭ ސޯބެއްހެން އެނބުރެމުން ދިއައެވެ. ކުޑަދޮރުން ފެންނަމުންދާ މަންޒަރަށް ބަލަން ހުރެވެނީ ގޭގެ މައި ދޮރާށިން އެތެރެއަށް ޝިފާން ވަދެގެން އަންނާނެ ވަގުތަކަށެވެ.
ވަރުބަލިކަމެއް އިހްސާސް ވުމުން ލުޔޫނާ އެނދުގައި އޮށޯވެލިއެވެ. ފުން ޚިޔާލުތަކެއްގެ ތެރޭގައި އޮންނަތާ އިރުކޮޅެއްފަހެވެ. އެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. މުޅި ކޮޓަރިވަނީ އަނދިރި ކޮށްފައެވެ. ދޮރު ކައިރީގައިވާ ސްވިޗުން ކޮޓަރީގެ ހޮޅިބުރި ދިއްލާލިއެވެ. ކޮޓަރިތެރެ އަލިވުމާއި އެކީ އޮށޯވެގެން އޮތް ލުޔޫނާ ކައްޓެއް ޖެހީމާ ތެދުވާ ގޮތަށް ފުންމައިގެން ތެދުވެއްޖެއެވެ. ދޮރުން އެތެރެއަށް ވަދެގެން އައި ޝިފާނާ ދިމާލަށް ބަލަންހުރެ ވާހަކަ ދައްކަން ފެއްޓިއެވެ. “އަހަރެމެންގެ ދަރިފުޅު މަރުވީކީ ނޫން… އަހަރެމެންގެ ދެދަރިން މަރާލީ… ޝައިބާންވެސް އޭނަަ މަރާލީ….އަހަރެންނަށް އެނގޭ… ހުރިހާ ކަމެއްވެސް އެނގޭ…” ލުޔޫނާ ހަޅޭއް ލަވަމުން ރޮމުން ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ފިރިމީހާ އާއެވެ.
ޝިފާނަށް ލުޔޫނާގެ ވާހަކަތަކުން ސިހުމެއް ލިބިގެން ދިޔައެވެ. “ކީކޭތަ ލުޔޫ ތި ކިޔަނީ؟… ހިނގާ ނިދަން… ޑޮކްޓަރ ދިން ބޭސްތައް ނުކައި ދޯ ތިއުޅެނީ…” ޝިފާން، މޭޒުމަތީ ހުރި ބިއްލޫރި ތައްޓަށް ފެންފޮދެއް އަޅަމުން ލުޔޫނާގެ ބޭސްފުޅިން ބޭސްގުޅައެއް ނެގިއެވެ.
“އަހަރެން ހީކުރީ ބައްޕައާއި ކުދިން ވައްތަރުވުމަކީ ނަސީބެއް ކަމަށް… އީވާނާއި ލީވާނަކީ ޝިފާންގެ ދެލިކޮޕީއެއް… އެހާވެސް ވައްތަރު…. އެކަމު އެއީ އެކުދިންގެ ބަދުނަސީބު…. ރަނާ އެ އައީ ބަދަލު ހިފަން…. ޝިފާން،… ކީއްވެ އަހަންނަށް އޮޅުވާލީ… ރަނާއަށް… ރަނާ..ރަ” ލުޔޫނާގެ ބޮލަށް އެނބުރުން އަރަން ފެށިއެވެ. އެވަގުތު ޝިފާން އަތުގައިވާ ފެންތަށި މޭޒުމަތީ ބެހެއްޓުމަށްފަހު އަރިއަޅަމުން ދިޔަ ލުޔޫނާ ޝިފާނަށް ހިފެހެއްޓުނީ ހަމަ ކިރިޔާއެވެ. ލުޔޫނާ ހަމައަކަށް އެޅުނީ އިރުކޮޅެއް ފަހުންނެވެ. ލުޔޫނާއަށް ބޭސް ދިނުމުން ބޮޑާ ނުހާކާ ބޭސް ކެއެވެ. އަދި އެނދުގައި އޮށޯވެ ހަމަޖެހިލިއެވެ.
ޝިފާން ގާތްވެ އޭނާގެ އަންހެނުންގެ ބޮލުގައި ފިރުމާލިއެވެ. ޝިފާން އަތް ދުރުކޮށްލަމުން ލުޔޫނާ ޝިފާނަށް ފުރަގަސްދީ އެނދުގެ ބިތްދޮށަށް އެނބުރުނެވެ. ލުޔޫނާގެ މި އަމަލުން ޝިފާން ވަރަށް ދެރަވިއެވެ. ވިހި އަހަރުވީ މި ކައިވެނީގައި އެ ދެމަފިރިން ދުވަހަކުވެސް މައްސަލައެއް ނުޖެހެއެވެ. ޝިފާންގެ ސިކުނޑިއަށް ބަރުވިއެވެ. ބުނެދޭން ނޭނގޭ ކަހަލަ ރިހުމެއް ބޮލުގައި އުފެދުނެވެ. ނިތްކުރި މަތީ އަތް ބާއްވާލައިގެން އޮޮވެވުނީ އެ ޚިޔާލުތަކަށް ގެއްލިފައެވެ. އެއީ މީގެ ވިހި އަހަރު ކުރިއެވެ. ދ. ގެމެންދޫއިން ވަކި ނުވެވުނު ހަނދާންތަކެވެ.
*** *** *** *** *** ***
ދ. ގެމެންދޫއަށް އުފަން ޝިފާނަކީ ބައިމަތި ފުޅާ ހަމުގެ ކުލަ ދޮން ވަރަށް ރީތި ފިރިހެނެކެވެ. އޭނާގެ ފުރިހަމަ ރީތި ސިފަތަކުގައި އަޅައި ނުގަންނަ އަންހެން ކުއްޖެއް މަދުވާނެއެވެ. ޝިފާނަށް ރަނާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ރަނާ ހާސިލް ކުރުމަށް އަޒުމް ކަނޑައެޅިއެވެ. ރަނާ ހޯދުމަށް ޝިފާނަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދިނީ ރަނާގެ އެންމެ ގާތް އެކުވެރިޔާ ލުޔޫނާއެވެ. ރަނާ ކާމިޔާބު ކުރުމަށް ފަހު ރަނާއާއި އެކަަހެރިކޮށް ބައްދަލު ކުރަން ބޭނުންވި ނަމަވެސް ކޮންމެ ފަހަރަކު ބޭރަށް ދިޔުމަކީ ރަނާއަށް އެހާ ފަސޭހަކަމެއް ނޫނެވެ. ރަނާގެ އަތުގައި ފޯނެއް ނޯންނާތީ ރަނާއަށް ގުޅަން ޖެހެނީ ރަށު ބޫތުންނެވެ. ނޫނީ ލުޔޫނާގެ ފޯނު މެދުވެރިކޮށެވެ.
ޝިފާން ވަޒީފާ އަދަކުރަމުން ދަނީ ދ އަަތޮޅުގައި އޮންނަ ރިސޯޓެއް ކަމަށްވާ ވިލުރީފްގައެވެ. އެ ރިސޯޓުގައި މަސަައްކަތް ކުރާ އިރު ލިބޭ އޮފް ދުވަސް ތަކުގައި ރަށަށް އަންނަނީ ރަނާއާއި ބައްދަލު ކުރަން ބޭނުންވާތީއެވެ. ނަމަވެސް އެއީ ކޮންމެ ހަފްތާއަކު ކުރަން އެހާ ފަސޭހަ ކަމެއް ނޫނެވެ. ކޮންމެ ރެއަކުވެސް ރަނާގެ އާއިލާގާތު ކޮންމެ ވެސް ބަހަނާއެއް ދައްކައިގެން ނޫނީ ނުކުމެވޭ ގޮތެއް ނުވެއެވެ. ކޮންމެ ކޮންމެ ރެއަކު ނުނިކުމެވެއެވެ. މިހެން ކަންތައްތައް ވާން ފެށުމުން ޝިފާން ރަށަށް އައުން މަދުވެގެން ދިޔައެވެ. މަޑުމަޑުން ރަނާއާއި އެކީގައި އޮތް ގުޅުން ދުރުވަމުން ދިޔައެވެ.
ރިސޯޓުގައި މަޑުކުރާ ދުވަސްތަކުގައި އެ ރިސޯޓުން ދިމާވި ކުޑަހުވަދޫ ޒުވާނެއް ކަމަށްވާ ޝައިބާން ވެގެން ދިޔައީ ޝިފާންގެ ވަރަށް ގާތް ރަހްމަތްތެރިއަކަށެވެ. ރިސޯޓުގައި ހުސްކޮށް އުޅޭ ވަގުތުތަކުގައި ފިރިހެން ކުދިންތައް ގްރޫޕް ހަދާ ނައިޓް ފިޝިންގްއަށް ގޮސް މަޖަލުގައި ދުވަސްތައް ވޭތުކުރަމުން ދިޔައެވެ. މި މަޖާ ކުރުމުގެ ތެރެއިން ރާ ބުއިމާ، ރިސޯޓަށް އަންނަ ގެސްޓުންނާ އެކީގައި ބަދްއަޚްލާގީ ގުޅުންތައް ހިންގަމުން ދިޔައެވެ.
ޝިފާންގެ ފޯނު ކޯލްތައް މަދުވާން ފެށުމުން ރަނާ ގިނަގިނައިން ގުޅައެވެ. ފޯނު ކާޑް ގަނެގެން ރަށު ފޯނު ބޫތުން ގުޅާތީ ޝިފާން ބައެއްފަހަރު ފޯނު ނަގައެވެ. ނަމަވެސް އެއީ ރަނާކަން އެނގުމުން ބިޒީ ކަމަށް ބުނެ މަތި މަތިން ބަހަނާ ދައްކަމުން ދިޔައީ ރަނާ މަތިން ފޫހިވާތީއެވެ. ރަނާ ގުޅާވަރުން ފޯނު ނުނަގާ ހުންނަތަން ޝައިބާނަށް ފެނެއެވެ. ބައެއް ދުވަސްދުވަހު ޝައިބާން އެ ފޯނު ކޯލްތަކަށް ވާހަކަ ދައްކައެވެ. ޝިފާންގެ ލޯބީގައި ރަނާ ވަނީ ދިވާނާ ވެފައިކަން ޝައިބާނަށް ނަގައިގަނެވުނެވެ. އެހެންކަމުން އެކުވެރިޔާ ކަންތައް މިހެން ކުރާ ސަބަބަކީ ކޮބައިތޯ އަހާލުމުން ޝިފާންްގެ ދުލުން ބުނީ މިހާރު ރަނާ މަތިން ފޫހިވަނީ ކަމަށެވެ.
“އޯ…. ބޭނުން ފުދުނީމަ ބާވީ ދޯ…..” ޖަވާބު ހުރިގޮތުން ޝައިބާންގެ މާނަ ކުރިގޮތް ޝިފާނަށް އެނގުނެވެ.
“ނޫނޭ…. އަދި ތިކަހަލަ ކަމެއް ނުކުރަން…. އެއީ ވަރަށް އިނޮސެންޓް ކުއްޖެއް… ދެން މާ އިނޮސެންޓީ….” ޝިފާންގެ ޖަވާބުހުރި ގޮތުން ޝައިބާނަށް ހުރީ ޤަބޫލުކުރަން ދަަތިވެފައެވެ.
“ޝިފާން ބުނި ޝީޒް އެއިޓީން އޭ… ހަމަ އެހާ ބަސްއަހާ ކުދިން އުޅޭތަ؟… ދެން ޝިފާން އޭނައާ މީޓްކުރަން ގޮސް ދެމީހުން ދެފަރާތަށް މޫނުލައިގެން ހަނދަށް ތައުރީފް ކޮށްކޮށްފަ… ތަރިތައް ގުނަން ތިބެނީތަ؟… ދެން އެމަންޖެއަށް އެހެން ހަދާކަށް ނުވާނެއްނު…. މަށަށް އޭނަަ ސެޓްކޮށްދޭންވީނު…. ހަމަ ހުވާ މަށަކަށް ހިމޭނަކުން ނުހުރެވޭނެ…” ޝައިބާންގެ އިހްސާސްތައް ބަންޑުން ކޮށްލިއެވެ.
“މަށަކަށް ނޭނގޭ ތިބުނާހެން ސެޓްކޮށްލާކަށް…. މިހާރު ގުޅައިގެން ވާހަކަ ދައްކާއިރު އަބަދު ކަމަކީ ޝަކުވާ ކުރުން… ވަރަށް ފޫހިވޭ… އެހާ ޝަކުވާ ބޮޑު ކުރާތީވެސް…” ރަނާ ދުރުކޮށްގެން ގެނގުޅެން ޖެހޭ މައިގަނޑު ސަބަބު ޝިފާން ހާމަކުރިއެވެ.
“އޯ…. ތިހެން ޝަކުވާ ކުރަންޏާ އެންމެ ރަނގަޅު ގޮތަކީ ހައްދާލުން… ބުނޭ ޝިފާން ބޭނުމީ މެރީ ކުރާށޭ… އޭރުން ތި ކުރާ ހުރިހާ ޝަކުވާއެއް މެދުކެނޑޭނެ…. އަސްލު ޝިފާން މިގުޅުމާ މެދު ސީރިއަސް ކަން ހާމަކުރި ވަރަކަށް ހުރިހާ ކަމެއް ވެސް ސްމޫތު އެންޑް އީޒީ ވާނެ….” ޝައިބާން ޝިފާނަށް ވިސްނައިދިނެވެ.
ޝައިބާން އެދުނުގޮތަށް ޝިފާން ކަންތައް ކުރިއެވެ. އިސާހިތަކު ރަނާ ކުރަމުން އަައި ޝަކުވާތައް މަދުވެ ޝިފާން ދައްކާ ވާހަކަތަކަށް އިތުބާރު ކުރަން ފެށިއެވެ. ރަނާގެ މައިންބަފައިންނާ ހަމައަށް އެވާހަކަ ގެންދަން އަދި ބޭނުން ނުވާ ވާހަކަ ބުނުމުން ޝިފާން ވަރަށް ހިތްހަމަޖެހުނެވެ. އެއީ ރަނާގެ ފަހަރި ވިހައިގެން ގަދަވަންދެން ކައިވެނީގެ ވާހަކަ އާއިލާއަށް ނާންގާ ބޭއްވުމަށް ރަނާ އެދުމުންނެވެ.
ރަނާގެ މަންމައާއި ބައްޕަ ބޭސްކުރަން މާލެދާ ދުވަސްވަރަކީ މި ދެ ލޯބިވެރިންގެ ގިނަ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖައްސާ ދުވަސް ވަރެވެ. ރަނާގެ މަންމަައާއި ބައްޕައާއި ބޭބެ މާލެ ދިޔަ ކަން ލުޔޫނާގެ ފަރާތުން އެނގުމުން ޝިފާންް އަވަހަށް ރަނާއަށް ގުޅައިގެން ބައްދަލުކުރަން ހަމަޖައްސަން ބޭނުންވީ ޝައިބާންގެ ޕްލޭނަކަށެވެ. ރަނާއާއި ބައްދަލުކޮށްލަން ޝައިބާންވެސް ވަނީ ނުހަނު ބޮޑަށް ބޭނުންވެފައެވެ. އެހެންކަމުން ރަނާއަށް ގަޑި ކިޔައިގެން ޝައިބާންއާއި ޝިފާން ލުޔޫނާމެން ގޭ ދޮށަށް ދިޔައެވެ. އޭރު ލުޔޫނާ ހުރީ ވަރަށް ނަލަ ހެދިލައިގެންނެވެ. ޝިފާންމެން ފެނުމުން އެމީހުން ގާތުގައި ގޭ ބޭރުގައި ހުރި އަށިމަތީގައި މަޑުކޮށްގެން ތިބުމަށް އެދި ލުޔޫނާ އަވަސްވެގަތީ ރަނާމެން ގެއާ ދިމާލަށް ދާށެވެ.
ޝިފާނާއި ޝައިބާން އެކި ކަހަލަ ވާހަކަތައް ހިއްސާ ކުރަމުން ދިޔައެވެ. ރަނާއާއި ބައްދަލުވުމުން ކަންތައް ކުރާނެ ގޮތަކާއި މެދުގައެވެ. މިހެން އޮލަ ވާހަކަ ތަކުގައި ތިއްބާ މަގުގެ ކޮޅުން ލުޔޫނާއާއި އެކީ ރަނާ އަންނަތަން ފެނުނެވެ. ހުދުކުލައިގެ ޕާކިސްތާން ހެދުމުގައި ހުރި ރަނާ ފެނި ޝައިބާންގެ ތަލިން ކުޅު ހިކުނެވެ. އަދި އެހާ ފުރިހަމަ ރީތިކަމެއް ނުފެނެއެވެ. ޝިފާންގެ ކޮނޑުގައި ޖެހިގަންނަމުން ޝައިބާން ބުނެލިއެވެ. “ވާއު…. މަނަމަ ތިކުއްޖާ އަތުން ދޫ ވިޔަކަ ނުދޭނަން… ޝީޒް ޑޭމް ހޮޓް… މިރަށުން އަދި ތިވަރު ކަމެއް ނުދެކެން…”
ރަނާގެ ފަރި ހިނގުމަށާއި އޭނަގެ ބޮލުގެ ފަން ދިގު އިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔަ މަންޒަރަށް ބަލަން ދެމީހުންނަށް ތިބެވުނެވެ. މޭމަތީގައި އަޅާފައިވާ ދޯޕައްޓާ ވަޔާ ވިހުރެމުން ދިޔައިރު އޭނާގެ ދޮން މޭމަތި ފެނި ދެމީހުންގެ ހިތުގައި އުފެދެމުން ދިޔައީ އާދަޔާ ޚިލާފް ޖަޒްބާތެކެވެ. އެ ދެމީހުންގެ ހަށިގަނޑުގެ ގުނަވަންތަކަށް ބާރުކުރަމުން ދިޔައެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ލުޔޫނާމެންނަކަށް ފާހަގައެއް ނުވެއެވެ. ލުޔޫނާ ޝިފާންމެން ގާތުގައި ފިލްމް ބަލަން އައުމަށް އެދުނެވެ. ނަމަވެސް ޝިފާންގެ ސިކުނޑީގައި އެނބުރެމުންދާ ވަހުޝީ ކުޅިގަނޑު ކަމިޔާބު ކުރުމަށް ފިލްމް ބަލަން މަޑު ކުރުމަކީ އެންމެ ބުއްދިވެރި ގޮތެއް ނޫނެވެ. ޝިފާން ނުރުހުމުގެ މޫނު ދައްކާ ލުމާއި އެކީ ޝިފާނާ އެއްކޮޅަށް ޖެހި ރަނާ ގަސްތުކުރީ ފަޅުގެއާ ދިމާލަށް ދިޔުމަށެވެ. އެމީހުންގެ ލޯބީގެ އެކަހެރި ވަގުތުތައް ހޭދަކުރަން ދާ އެމީހުންގެ ލޯބީގެ މައިދާނަށެވެ.
އެ ގެއާ ދިމާލަށް ޝިފާންމެން މިސްރާބުޖެހީ ވަރަށް އުފަލުން ތިބެއެވެ. ޝައިބާނާ ޝިފާންގެ ޕްލޭނާ އެއްގޮތަށް ޝައިބާން ޖެހިގެން އޮތް ގޯޅިއަށް އެޅީ ފިހާރައިން އެއްޗެއް ގަނެގެން އަންނަމޭ ބުނަމުންނެވެ. ކަރު ހިއްކާފައި ވުމުން ބޯލާނެ ކޯލްޑް ޑްރިންކެއް ގަތުމަށެވެ. ޝިފާންގެ އަތުގެ ތެރެއަށް ރަނާގެ އިނގިލިތައް މަހާލަމުން ޝިފާން އެ މަޑު އަތްތިލައިގައި ހިފާލިއެވެ. ރާނާއަށް ޝިފާން ބޭނުންވެފައިވާ މިންވަރު އިހްސާސް ކޮށްދިނުމަށެވެ. ފަޅުގޭއާ ދިމާލު އަތިރި މައްޗަށް ދެވުނު އިރު އެހިސާބުން މީހަކު ފެންނާކަށް ނެތެވެ. އާދައިގެ މަތިން އެގޭގެ ދޮރުން އެތެރެއަށް އެ ދެމީހުން ވަނެވެ. ފެންޑާގައި ކުރިން ހުރި ގޮނޑިތައް ނެތެވެ. އެކަމާ ރަނާއަށް ހައިރާން ކަމެއް ލިބުނެވެ. “ކޮބާ މިތާ ހުރި ގޮނޑިތައް… ދެން އަޅެ…”
އެމީހުން އާންމު ގޮތެއްގައި ތިބެނީ އެތާހުރި ގޮނޑިތަކުގައި އިށީނދެގެންނެވެ. ނަމަވެސް އެ ގޮނޑިތައް އެތާގައި ނެތީ އެއީ ޝިފާންމެން ބޭނުންވި ގޮތެވެ. ރަނާއާއި ބައްދަލު ކުރަން އައުމުގެ ކުރިން ޝިފާންމެން އެ އައީ އެ ގޮނޑިތައް ބޭރުކޮށްފައެވެ. ޝިފާން ވާހަކަ ދެއްކީ އޭނާއަށް އެއިން އެއްވެސް ކަމެއް ނޭނގޭ ކަމަށް ހަދައިގެން ހުރެއެވެ. “ނޭނގެ ތި ވާނީ ކޮންމެވެސް ބަޔަކު މިތާހުރި ގޮނޑިތައް ނެގީ ކަމަށް…. ދެން ކޮޅަަށް ތިބޭނީ…. ރަނާ ވަރުބަލި ވަންޏާ އަހަރެން ރަނާ އުރާލަފާނަން…” ލޯބިން ރާނާގެ ކޮލުގައި ހިފާލަމުން ޝިފާން ވާހަކަ ދެއްކި އިރު ތުންފަތް މައްޗަށް ލާނެއް ހިނިތުން ވުމެއް ފާޅުވަމުން ދިޔައެވެ.
ލަދުން އިސްޖަހައިގެން ހުރެ ރަނާ ހިނިތުން ވެލިއެވެ. ފާރުގައި ލައްވެގެން ދެމީހުން އެކިކަހަލަ ލޯބީގެ ވައުދުތައް ވަމުން ދިޔައެވެ. ރަނާ އޭނާގެ ހަޔާތުގެ ބައިވެރިޔާއަށް ޝިފާން އިހްތިޔާރު ކުރީ ކުރެވޭ އިތުބާރެއްގެ ބޮޑުކަމުންނެވެ. ޝިފާންގެ ބީހުންތަކަށް ލެނބެމުން ދެވުނެވެ. ރަނާގެ ހަށިގަނޑުގައި ޝިފާން ބައްދާލި މީ ފުރަތަމަ ދުވަހެވެ. ރަނާވެސް ވަނީ ޝިފާންގެ ލޯބި ފިރުމުންތައް ބޭނުންވެފައިކަން އެނގެއެވެ. ރަނާގެ އަތް ޝިފާންގެ ކޮނޑުމަތިން ވަށާލަމުން ޝިފާންގެ ހަށިގަނޑަށް އިނގިލިތަކުން ބާރުކޮށްލިއެވެ. ދެމީހުންގެ ހޫނު ނޭވާ އެކަކު އަނެކަކުގެ ކަނދުރާއަށް އެޅެމުން ދިޔައިރު ރަނާގެ ހަށިގަނޑަށް ކުރަމުން ދިޔަ ޖަޒްބާތުން ޝިފާންގެ ކަންފަތްދޮށުގައި ވައިއަޑުން ބުނެލިއެވެ. “އައި ލަވް ޔޫ ޝިފާން….”
ރާނާގެ ކޯތާފަތުގައި ހިފާ މޫނާމޫނު ގާތްކޮށްލުމަށްފަހު ޝިފާންވެސް އިންތިހާއަށް ލޯބިވާ ކަމަށް ބުނަމުން ރަނާގެ ނިތްކުރީގައި ބޮސްދިނެވެ. ޝިފާން އޭނާގެ މޫނު ތިރިކޮށްލި އިރު ރަނާ އިސް އުފުލާލި ހިނދު ދެމީހުންގެ ލޮލާލޯ ވަނީ އަމާޒުވެފައެވެ. ޝިފާން އިތުރަށް ރަނާއާއި ގާތްވަމުން ގުދުވެލިއެވެ. އެ ވަގުތު ރަނާ އޭނާގެ ލޯމަރާލިއެވެ. ދެ ތުންފަތް ބައްދަލުވެގެން ދިޔަ ފުރަތަމަ ފަހަރެވެ. ރަނާއަށް ދުވަހަކުވެސް އިހްސާސްނުކުރެވޭ ކަމެކެވެ. ހިތުގެ ވިންދު އަވަސް ވިއެވެ. ހަތަރެސްފައި ފިނިވެ ނޭވާ ކުރުވިއެވެ. ޝިފާންގެ ކޮންމެ ބީހިލުމަކުން އަރާމް ލިބެމުން ދިޔައެވެ. މޭ މަތީގައި އަޅާފައިވާ ދޯޕައްޓާ ތިރިކޮށްލަމުން ޝިފާން ރަނާގެ ކަނދުރާއަށް ތިރިިވިއެވެ. އެ ދަނޑިވަޅުގައި ރަނާ މަޑުމަޑުން ދުރަށް ޖެހިލީ އެހާ މައްޗަށް ދާން ބޭނުން ނުވާތީއެވެ.
“ކިހިނެއްވީ؟… ކީއްވެ ދުރަށް ޖެހުނީ…” ހައިރާންވެހުރެ ވަހުޝީ ދެލޮލުން ރަނާއަށް ބަލަން ހުރެ ޝިފާން އަހާލިއެވެ.
“ކަމެއް ނުވޭ… ދެން މާ މައްޗަށް ދާތީ…” ރަނާ ލަދުރަކި ގޮތަކަށް ހުރެ ވާހަކަ ދެއްކިއެވެ.
“އެއީ އެހާވަރު ކަމެއްތަ؟…. މާ މައްޗަށް ދާކަށް ނޫޅެމޭ… އެހެންނޫނަސް ތީ މަގޭ ވާން އުޅޭ އަނބި މީހާއެއްނުން… 3 މަސް ފަހުން ބައްޕަ ގާތަށް ވަލީ ހޯދަން ދާނަން.. ސޯ… އެހާ މައްޗަކަށް ނުދާނަމޭ.. އައި ޕްރޮމިސް….” ޝިފާން ރަނާ ހައްދާލަން މަސައްކަތް ކުރިއެވެ.
“އެކަމަކުވެސް… ޝިފާން… ރަނާއަކަށް ނުކެރޭނެ..” ރަނާ އެނާގެ އުޒުރު ހާމަކުރިއެވެ. ޝިފާން އަޅާނުލާ އޭނާގެ ފޯނުނަގާ ފޯނާ ކުޅެން ފެށިއެވެ. ރަނާއަށް ޝިފާން ހިތްހަމަނުޖެހުނީކަން އެނގުމުން ވަރަށް ދެރަވިއެވެ. މަޑުމަޑުން ޝިފާނާ ގާތްވެލަމުން އައިސް ޝިފާންގެ ކޮނޑުގައި ބޯއަޅާލިއެވެ. “ސޮރީ.. ޝިފާން ރުޅިއައީތަ؟…” ޝިފާންލައިގެން ހުރި ގަމީހުގެ ގޮށްތަކާ ކުޅެމުން ރަނާ ވާހަކަ ދެއްކީ ވަރަށް ދެރަވެފައި ހުރެއެވެ. ޝިފާން ދުވަހަކުވެސް ރަނާ ދެކެ ރުޅިއަންނާކަށް ރަނާ ބޭނުމެއް ނުވެއެވެ. ގަމީހުގެ ގޮށްތަކާ ކުޅެން ހުރި ރަނާގެ އަތުގައި ޝިފާން ހިފާލިއެވެ. އެވަގުތު ރަނާގެ އަތުތެރޭގައިވާ ތަޅުދަނޑި ފެނުމުން ޝިފާން އަހާލިއެވެ. “މީ ކޮން ތަޅުދަނޑިއެއް؟….”
“މީ… މީ… ގޭ ބޭރު ދޮރުގެ ތަޅުދަނޑި.. ސީމައްތަ ނިދާފާނެ މިހާރު… ސީމައްތަ ބުނި ގެއަށްއައިސް ވަންނަން ތަޅުދަނޑި ހިފައިގެން ދާށޭ… އެހެންވެ މި ހިފައިގެން މި އައީ…” ރަނާ އެ ތަޅުދަނޑިގެ ތަފްސީލެއް ދިނެވެ.
“އޯހް… ސޯ މިރޭ ރަނާ ކޮންމެ ގަޑިއެއްގަ ގެއަށް ދިޔަޔަސް އޯކޭ ވާނެ ދޯ… ޕްލީސް މިރޭ ތަންކޮޅެއް ލަސްވަންދެން މަޑުކުރޭ… ދެން ޝިފާނަކަށްވެސް އަވަހަކަށް ނާދެވޭނެ… މީ ސީޒަންތެރެ.. ވަރަށް އާދޭސްކޮށްގެން ޝައިބާނާ ދެމީހުން މިއައީވެސް…” ޝިފާންގެ އެދުމަށް ރަނާ ބޯޖަހާލިއެވެ. ރަނާވެސް ބޭނުމީ ގިނަ ވަގުތު ޝިފާނާއެކު ހޭދަކުރާށެވެ.
ދެމީހުން ދިރިއުޅުމުގެ އެކިކަހަލަ ވާހަކަތަކުގައި ތިއްބާ ޝައިބާން އައިސް އެފަޅުގޭ ތެރެއަށް ވަދެއްޖެއެވެ. އޭނާ ވަނީ ކޯކު ދަޅުތަކެއް ހިފައިގެންނެވެ. އޭނާގެ އަތުގައި ކަނޑާފައިވާ ދަޅު ރަނާއަށް ދިިއްކޮށްލިއެވެ. ނަމަވެސް ރަނާ ނޫނެކޭ ބުނުމުން ޝިފާން އާދޭހުގެ ރާގަކަށް ބުނެލިއެވެ. “ދެން މިފަަހަރު ބޯލަބަލަ… ޝައިބާން ދިނީމަ… ޕްލީސް..” ޝިފާން ގެ ޖުމްލަ ފުރިހަމަ ނުވަނީސް ރަނާ އެކޯކް ދަޅުގައި ހިފިއެވެ. ދެން ކޮތަޅު ތެރެއިން ނެގި ދެ ދަޅު ޝިފާނާއި ޝައިބާން ކަނޑައިގެން ބޯން ފެށިއެވެ. އެވަގުތު ޝިފާންގެ ފޯނު ރިންގްވިއެވެ. ފޯނު ނަގާ ރަނާއަށް ފޯނު ދިއްކޮށްލިއެވެ. އެއީ ލުޔޫނާގެ ކޯލެކެވެ. “ހެއި ފިލްމް ނިމިއްޖެ…. ދެން ދޭ އަވަހަށް ގެއަށް…” ލުޔޫ އެކޯލް ކުރީ ރަނާއަށް ގެއަށް ދާން އަންގާށެވެ. ރަނާ ޖަވާބުގައި އާން މިހާރު މިދަނީއޭ ބުނެލިއެވެ.
ފޯނު ކަނޑާލުމުން ރަނާ އެ ފޯން ޝިފާނަށް ދިއްކޮށްލުމުން ޝިފާން އަދި އިރުކޮޅަކުން ދާން މަޑުކުރުމަށް އެދުނެވެ. ރަނާގެ އިންތިޒާރުގައި މިރޭ ގޭގައި މީހަކު ނުހުންނާނެއެވެ. މިކަހަލަަ ދެވަނަ ފުރުސަތެއް ނުލިބޭނެތީ ރަނާވެސް ގަސްތު ކުރީ ޝިފާނާ އެކީގައި މަޑު ކުރާށެވެ. މަޑުމަޑުން ކޯކު ދަޅުން އެތިފޮދު ބޮމުން އެކިވާހަކަ ދައްކާ ހީ ސަމާސާ ކުރަމުން ދިޔައެވެ. އެހިސާބުގަނޑަށް އިވެނީ މޫދުގެ ރާޅުޖަހާ އަޑެވެ. ރޭގަނޑު 11 ޖެހުމުން ގެމެންދޫ މަގެއްގެ މަތިންވެސް މީހެއްގެ ހިލަމެއް ނުވެއެވެ.
= ނުނިމޭ =
19 Comments!
Comments are closed.
vrh inthizaarukoffin mi part ah……yipppy… im the first one…..
Wow wow it’s so nice……. I love it…. ????????????thanks shax
i am second story is beautiful
Woww….varah varah salhi…story ge main climax annany dhow mi
Omg.. dhn kihinebaa ranaa ah vaany.. e coke dhalhah knmevx echeh alhaafa dhw ..i think.. nice story shax darlx..hehe..waiting for the nxt prt.. its really interesting igey.. 😉
Alhey waiting Hama. Dhen Kon irakun baa, can’t wait, v avahah gendhehchey. Pls
Awwww.. Ranaaa.. ? v nice.. Next part avahah up kohdheythi ingey
maa kuree dhen mifaharu keh nuvee nukiyaa so kiyaalee hehehe v salhi dhen ana bai adhi mi ah vuren reethi vaane kamah heekuran
Alhey ranaa fakeeru neyngi bedhey malhi dhw…. varah hiy vvasvaa hisaabakun thi nimmaaleeee…. shaz great work….
alheyy… vrh intrstin hisaabakun e nimuny hithah ery alhe cntinue kureveyne namey mihaaru.. hehehe.. alhey dhn hve to wait dhw.. m waitin ingey shax… 😉 vrhh salhi ingey… 😉
Wowwww vvvvv reethi….waiting
Very nice! Love it.
Yayyyy!! Hehe 🙂 Ma guess kuri gothah dhw mivee. Story hama vara awesome.. keep writing, n m waiting..
Loved it…
Wow.. v rythi masha allah.. when next part shax.. v kiyaahithun mihiry..
V nice. Vr kiyaa hithun indhaa thi nihmaalee.. whn is next part waiting wating…
ithurah bunaane ehcheh neynge.. hehe.. this story is just awesome Shax ??.. loved it
Wow v v v salhi mi part… Alhe shax dhn up kuraairu thankolheh dhigu kolla dhenchey..keep it up swity <3 <3 <3 <3 <3
Awesome ?. One of my favorite ?