
ކަނޑުފެން (ވިހިވަނަ ބައި) KanduFen P-20
ފޯނު ކަނޑާލުމުން ރަނާ އެ ފޯން ޝިފާނަށް ދިއްކޮށްލުމުން ޝިފާން އަދި އިރުކޮޅަކުން ދާން މަޑުކުރުމަށް އެދުނެވެ. ރަނާގެ އިންތިޒާރުގައި މިރޭ ގޭގައި މީހަކު ނުހުންނާނެއެވެ. މިކަހަލަަ ދެވަނަ ފުރުސަތެއް ނުލިބޭނެތީ ރަނާވެސް ގަސްތު ކުރީ ޝިފާނާ އެކީގައި މަޑު ކުރާށެވެ. މަޑުމަޑުން ކޯކު ދަޅުން އެތިފޮދު ބޮމުން އެކިވާހަކަ ދައްކާ ހީ ސަމާސާ ކުރަމުން ދިޔައެވެ. އެހިސާބުގަނޑަށް އިވެނީ މޫދުގެ ރާޅުޖަހާ އަޑެވެ. ރޭގަނޑު 11 ޖެހުމުން ގެމެންދޫ މަގެއްގެ މަތިންވެސް މީހެއްގެ ހިލަމެއް ނުވެއެވެ.
*** *** *** *** *** ***
ސިއްސައިގެންގޮސް ޝިފާނަށް ހޭވެރިކަންވީ ގަދަ އަޑުފައްގަނޑެއް އިވުމުންނެވެ. ގޭގެ ތިރީ ބުރިން އެއްޗެއް ވެއްޓުނު ފާޑު އަޑެކެވެ. ކޮޓަރީގެ ކުޑަދޮރު ކައިރިއަށް ގޮސް ގޯތިތެރެއަށް ބަލާލިއެވެ. އަދި އެއަށް ފަހު ކުޑަދޮރު ލައްޕާ ފޮތިގަނޑު ކަހާލުމަށްފަހު އައިސް އެނދުގައި އޮށޯވެލިއެވެ. ނިތްކުރިމަތީ އަތްބާއްވާލަމުން ނިދާ ލެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ޝިފާނަކަށް މިރޭ ނިދޭ ގޮތެއް ނުވިއެވެ.
މޫސުމް ބަދަލުވާން ފަށައިފިއެވެ. ގަހުގެ ގޮފިތައް ވައިގެ ގަދަ ހަމަލާއަށް ކެތްނުވެގެން ހޫރެމުން ދާއިރު ގަސްތައް ހީވަނީ މޫގަނޑު ބިމުން ލުހިގެން ވަޔާ ހިނގައިދާނެ ހެންނެވެ. ޝިފާނަށް ފުންމައިގެން ގޮސް ކޮޅަށް ތެދުވެވުނީ ކުއްލިއަކަށް އިވުނު އަންހެނެއްގެ ވޭނީ ރުއިމުގެ އަޑަށެވެ.
ޝިފާންގެ ގާތުގައި އޭނާގެ އަންހެނުން އޮތީ ފުން ނިންޖަކުން ނިދާފައެވެ. އެހެން ކަމުން ޝިފާން ބޭނުންވީ އޭނާގެ އަންހެނުންނަށް އުނދަގޫ ނުކުރުމަށެވެ. އެނދުގައި އިށީނދެގެން އަޖައިބުވެ ބަލަން އިނދެވުނީ ކޮޓަރީގެ ކުޑަ ދޮރާ ދިމާލަށެވެ. ޝިފާން ނިދަން އައުމުގެ ކުރިން އޭނާ އައީ ކުޑަދޮރު ލައްޕާ ކުޑަދޮރުގެ ފަރުދާވެސް ކަހާފައެވެ. ނަމަވެސް އެނދާ ކުރިމައްޗަށް ވާގޮތަށް ހުރި ކުޑަދޮރުވަނީ ހުޅުވިފައެވެ. ކުޑަ ދޮރުގައިވާ ފަރުދާތައްވެސް އުކާލަފާނެހެން ހީވާހާ މިރޭގެ ތޫފާނުގެ ބާރު ގަދައެވެ.
އަވަސް ފިޔަވަޅުތަކެއްގައި ތެދުވެގެން ގޮސް އެ ކުޑަދޮރު ލައްޕަން މަސައްކަތް ކުރަން ޝިފާން އުޅުނު ވަގުތު އެގޭގެ ބަގީޗާތެރޭގައި އަންހެނަކު ހުރިހެން ހީވިއެވެ. އޭނާ ހުރީ ޝިފާނާ ދިމާލަށް ބަލަހައްޓައިގެންކަން އެނގުނީ ވިދާލި ވިދުވަރުގެ އަލި އޭނާގެ މޫނަށް އެޅުމުންނެވެ.
ޖެހެމުން ދިޔަ ވައިރޯޅީގެ ގޯނާތަކަށް ހާވާލާފައިވާ ޒީކްގެ އިސްތަށިގަނޑު އެކި ގޮތްގޮތަށް އުދުހެން ފެށިއެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. ލޮލުން އަލިފާންކަނި ބުރާހެންވެސް ހީވެއެވެ.
ޝިފާން އަވަސްއަވަހަށް ކުޑަދޮރު ލައްޕާލިއެވެ. އަދި ކުޑަދޮރުގެ ފަރުދާ ކަހާލައި ފަސްދީ އެނބުރުމަށްފަހު އެނދާ ދިމާލަށްދާން ހިނގައިގަތެވެ. އެނދުގައި އިށީނދެ ސައިޑް ޓޭބަލް މަތީގައި ހުރި ފެންފުޅި ނަގާ އެއިން ފެންފޮދެއް ބޯލިއެވެ. ޝިފާން ހުރީ ޖެހިލުން ވެފައެވެ. އޭނާގެ އަތުގެ އިނގިލިތައް ތުރުތުރު އަޅާވަރުންވެސް އެކަން ދޭހަކޮށްދެއެވެ. އަނބުރާ ސައިޑް ޓޭބަލް މަތީ ފެންފުޅި ބެހެއްޓުމަށްފަހު އެނދުގައި އޮށޯވެލިއެވެ. ގައިމަތީގައި ރަޖާގަނޑު އަޅާލުމަށްފަހު ފުންނޭވާއެއް ދޫކޮށްލީ އެ ޚިޔާލުތަކުން ދުރުހެލިވެ ނިދާލެވޭތޯއެވެ.
ކައިރީގައި އޮތް އޭނާގެ އަންހެނުން އެނބުރި ލުމަށްފަހު އޭނާގެ ގައިމަތީގައި އަތްބާއްވާލުމުން ނިދާކަމަށް ހަދާ ޝިފާން ދެލޯ ބާރުކޮށްލައިގެން އޮތީއެވެ. މިހެން އޮއްވާ ދެން އިވުނީ ކަންފަތް ދޮށުގައި ވައިއަޑުން ގޮވާލި އަޑެވެ.
“ޝިފާން…….”
ސިއްސައިގެންގޮސް ލޯހުޅުވާލެވުނު އިރު ޝިފާނުގެ ގައި މައްޗަށް އަރާ މިއިނީ ޒީކެވެ. ހޭވިފައިވާ އޭނާގެ އިސްތަށިގަނޑުގައި ތެތްކަމެއް ހުއްޓެވެ. އެެ އިސްތަށިގަނޑުން ފައިބަމުން ދިޔަ ފެންތިކިތައް ޝިފާންގެ ހަށިގަނޑު މައްޗަށް ޖަހަމުން ދިޔައެވެ. ތެމިގެންގޮސް ގައިގާ ތަތްވެފައިވާ ހުދު ކުލައިގެ ތުނި ހެދުމެއްގައި އިން ޒީކްގެ މޫނުމަތީގެ ދެ ދިމާލެއް ވަނީ ޒަޚަމްވެފައެވެ. ބުމަ މަތިވަނީ ފަޅައިގެން ގޮސްފައެވެ. ލޯކައިރިވަނީ ވަޅުވަދެ ވަށައިގެން ކަޅުވެފައެވެ. ގައިގެ ހަންގަނޑު ހޫރީ ރޫޖެހި ހުދުވެފައެވެ. ހީވަނީ ގައިން ލޭ މަދުވެފައި ހުރިހެންނެވެ. ހިކިގެން ހަނގަނޑު ދޫވެފައި ހުރިހެންނެވެ.
ހަށިގަނޑަށް ހަރާކާތެއް ގެންނަން ޝިފާން މަސައްކަތް ކުރި ނަމަވެސް އަތާއި ފައިގެ ހަރަކާތް ވަނީ ހުއްޓިފައެވެ. ޝިފާން ގާތުގައި އޭނާގެ އަންހެނުން އަދިވެސް އޮތީ ފުން ނިންޖަކުން ނިދާފައެވެ. ހަށިގަނޑުގެ އެއްވެސް ގުނަވަނެއް ހަލުވާ ނުލެވި ނިކަމެތި ކަންމަތީގައި އޮންނަން އޭނާއަށް މަޖުބޫރުވިއެވެ. އޭރު އޭނާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. ހަޅޭއްލަވަން ޝިފާން އަނގަހުޅުވާ ދެ ލޯ ބޮޑު ކޮށްލުމުން ޒީކް އޭނާގެ މޫނު ޝިފާންގެ މޫނާ ގާތް ކޮށްލަމުން ހަށިގަނޑު މައްޗަށް ގުދުވިއެވެ. ޒީކްވެސް ޝިފާނެކޭ އެއްގޮތަށް ތަންމިނަށް އަނގަ ހުޅުވާލިއެވެ. ޒީކްގެ އަނގައިން ނުކުތް ހަޅޭކުގެ ތޫނު އަޑުން ޝިފާނަށް ލޯމަރާލެވުނެވެ. ހީވީ ކަންފަތް ފަޅައިގެން ގޮސްދާނެ ހެންނެވެ.
އެ އަޑު ކެނޑުމުން ޝިފާން ލޯހުޅުވާލިއެވެ. މިހާރު އޭނާގެ ހަށިގަނޑުމަތީގައި އިން ޒީކް ފެންނާކަށް ނެތެވެ. ހިންދިރުވާލުމަށްފަހު ޝިފާން ގާތުގައި ނިދާފައި އޮތް ލުޔޫނާއަށް ބަލާލެވުނެވެ. ރަނާ މިހިސާބަށް އައީ ކިހިނެއް ބާވައޭ އޭނާގެ ހިތަށް އެރިއެވެ. ލުޔޫނާ ކިޔައިދިން ވާހަކައިގައި ކޮންމެވެސް ހަޤީގަތެއް ވާކަމަށް ޝިފާނަށް ޤަބޫލު ކުރެވުނެވެ. ރަނާ އެ އައީ އެމީހުން ކިބައިން ބަދަލު ހިފާށެވެ. ނިދަން ލޯމަރާލާ އިރަށް ލޯ މައްޗަށް ރަނާގެ ސޫރަ ސިފަވެގެން ދާތީ ޝިފާނަށް އެރޭ ނިދޭ ގޮތެއް ނުވިއެވެ.
*** *** *** *** *** ***
ބަނދަރުމަތިން ހިނގާފައި ދިޔަ ޒީކް ހުރީ ފުން ޚިޔާލެއްގެ ތެރޭގައެވެ. ބަދަލު ހިފުމުގެ ރޫހު އޭނާގެ ލޭގައި ހިނގަމުން ދާއިރު އެކަމުން ބުނެދޭން ނޭނގޭ ކަހަލަ ފުން އަސަރުތަކެއް އޭނާއަށް ކުރަމުން ދިޔައެވެ. ލުޔޫނާއާއި މެދު ވިސްނެމުން ދިޔައެވެ. ކުށެއް ނެތް ލުޔޫނާއަށް މި ކަމުން ލިބޭނެ ވޭނާ ހިތްދަތިކަން ހިތަށް ވެރިވުމުން މިރޭ ޝިފާނަށް ހަމަލާ ދޭން ނުކެރުނީއެވެ. ލުޔޫނާ އެކަނިވެރި ވާނޭކަން އޭނާއަށް ވިސްނޭތީއެވެ. ގެއާ ދިމާލަށް ހިނގަމުން ދިޔައިރު ކައިރީގައި ފެންނަން ހުރި ގެއެއް ފެނުމާއި އެކު ޒީކްގެ ފިޔަވަޅު މަޑުކޮށްލެވުނެވެ.
ގޮތްނޭނގޭ ބާރަކާ އެކީ އެގެއާ ދިމަލަށް ޒީކަށް ދެވެން ފެށީ އެ ގޭގެ މަލަމަތި ފެނުމުން ޒަމާންވީ އެ ބިރުވެރި ދުވަސް ހިތަށް ވެރި ވުމުންނެވެ. ޝިފާންގެ ދަލުގައި ޖެހި ސަލާމަތް ނުވެވުނު ހިތްދަތި ދުވަސް ހަނދާންވާން ފެށުމުންނެވެ. އެގޭގެ ދޮރު މައްޗަށް އަރަން އުސްކޮށް ހަދާފައިވާ ސިޑި މަތީގައި އިށީނދެ ދެކަކޫ ގަޔާ ލާ ކައިރި ކޮށްލިއެވެ. ކަކޫމަތިން ދެއަތް ވަށާލާ އަތުގައި ނިތްކުރި ޖައްސާލަމުން ދެލޯ މަރާލިއެވެ. އެ ދުވަހުގެ ހާދިޘާ ލޯމައްޗަށް ސިފަވަމުން ދިޔައެވެ.
*** *** *** *** *** ***
ޝައިބާންއަކީ ވަރަށް ސަކަރާތް ބޮޑު މީހެކެވެ. އެކި ކަހަލަ މަޖާ ވާހަކަތައް ހިއްސާ ކުރަމުން ދިޔައިރު ރަނާއަށް ހެވޭ ވަރުން ހުރީ ބަނޑުގައި ރިއްސާފައެވެ. ކޮޅަށް ހުންނަތާ ގިނަ އިރުތަކެއް ވުމުން ކޮޅަށް ހުންނަން ރަނާއަށް އުނދަގޫވިއެވެ. އުނަގަނޑުގައި އަތް އަޅައިގެން ހުރެ ފަހަރަކު ފައެއް މައްޗަށް ހުންނަން މަސައްކަތް ކުރުމުންވެސް ފައިގައި ރިހުމެއް ހުއްޓެވެ. އަރާފައިވާ ފައިވާން ބޭލުނީ ފައިގެ ރިހުން ގަދަވާން ފެށުމުންނެވެ. އެވަގުތު ޝިފާނަށް އެ މަންޒަރު ފެނުމުން ޝައިބާނަށް ބަލާލަމުން އަހާލިއެވެ. “އަޅެ މިގޭތެރެ ބަލާލަބަލަ… ފަހަރުގައި އެތެރެއިން ގޮނޑިއެއް ފެނިދާނެއްނު…. ރަނާ ފަކީރު ފަޔަށް ތަދުވާ އިރުވެސް ނުބުނެ ވިއްޔަ އެ ހުންނަނީ…”
ފެންޑާތެރެއިން އެތެރެއަށް ވަދެވެން ހުރި ދިމާލަށް ފޯނުން އަލިކުރަމުން އެތެރެއަށް ވަންނަމުން ޝައިބާން ބުންޏެވެ. “ހެޔޮނުވާނެ އެ މަންޖެއަށް ތިހެން ހަދަން…. އަދަބެއް ދީގެންތަ ތި އުޅެނީ…..”
އެ ގޯޅިތެރެއަށް ޝައިބާންް ވަދެ ގެއްލުމުން ރަނާގެ އުނަގަނޑުގައި ހިފާ ޝިފާން ގަޔާ ކައިރި ކޮށްލިއެވެ. ރަނާގެ ހަށިގަނޑު އައިސް ޝިފާންގެ މޭމަތީގައި ޖެހުމާއުކު ރަނާ މަޑުމަޑުން ދުރަށް ޖެހެމުން ޝައިބާން އައިސްދާނެ ބުނެލިއެވެ. ހަމަ އެވަގުތު އެތެރެއަށް އައުމަށް ޝައިބާން ގޮވާލިއެވެ. ޝިފާންގެ ފޯނުން އަލިކޮށްގެން ހުރެ ޝައިބާން ދިޔަ ދިމާލަށް ހިނގައިގަތެވެ. ޝިފާންގެ ފަސްފަހަތުން ރަނާވެސް އެ ދިމާލަށް ދިޔައީ އެކަނި އެތާ ހުންނަން ފަސް ޖެހޭތީއެވެ. އެ ގޯޅިގަނޑު ތެރޭގައި ދެ ފަރާތުގައި ދެ ކޮޓަރި ހުއްޓެވެ. އޭގެތެރެއިން އެއް ކޮޓަރީގެ ދޮރުވަނީ ހުޅުވާފައެވެ.
ހުޅުވިފައިވާ ކޮޓަރި ތެރެއަށް ޝިފާން ވަނެވެ. އޭރު ޝައިބާން އެ ކޮޓަރި ތެރޭގައި ހުރި ކުޑަ ދޮރު ހުޅުވާލިއެވެ. “މާ އުދާސް ބޮޑުވީމަ މި ދޮރު މި ހުޅުވާލީ…. ސަޅިއެއްނު މިތާ އިށީންދެގެން ތިބެވޭނެއްނު….” ޝައިބާން އެހެންބުނެ އެކޮޓަރީގައިވާ ޑަބަލް އެނދުގެ މަތީގައިވާ ގޮދަޑީގައި އަތް ހާކާލިއެވެ. ހިރަފުހުގެ އަސަރު ހުރުމުން ރަނާ ގާތު ދުރަށް ޖެހިލަން ބުނެލިއެވެ. ރަނާ ކޯކް ދަޅު ބޮމުން ކުޑަަދޮރު ކައިރިއަށް ދިޔައެވެ. އެމީހުން އެ ގޮދަޑި ނަގައިގެން ކޮޓަރިން ބޭރަށް ގެންގޮސް ފޮޅާލައިގެން ގެނައެވެ. އަދި އެނދުމަތީގައި ގޮދަޑި ބޭއްވުމަށްފަހު އިށީންނަން އައުމަށް އެދުނެވެ.
ރަނާ ފަސް އެބުރި ބަލާލިއިރު އެމީހުންގެ އަތުގައި ހުދުކުލައިގެ ދެ ބެޑްޝީޓް އޮތެވެ. އޭގެން އެއް ބެޑްޝީޓް ނިއުޅުވާލައި އެނދުގައި އަޅަން ފެށުމުން ރަނާވެސް އެމީހުންނަށް އެހީވުމަށް ބެޑުޝީޓުގެ އެއްފަޅީގައި ހިފާ ގޮދަޑި އުފުލާލުމަށްފަހު ބެޑްޝީޓް އަޑިއަށް ލައްވާލިއެވެ. “މީ ކުރިމަތިން އެހެރަ ކޮޓަރީގެ އަލަމާރި ތެރޭގައި ހުރި ބެޑްޝީޓްތަކެއް…” ޝައިބާން މިހެން ބުނެ ހަށިގަނޑު ދަމާލިއެވެ.
އެނދުގައި ރަނާ އިށީނުމުން ރަނާގެ އުނގުގައި ބޯއަޅައިގެން ޝިފާން އޮށޯތެވެ. ރަނާ ބޯން ގެންގުޅުނު ކޯކް ދަޅު ކުޑަދޮރު ކައިރީގައި ބަހައްޓާފައި ހުރިތަން ފެނުމުން ޝައިބާން އެ ދަޅު ރަނާއަށް ދިއްކޮށްލިއެވެ. “ހާދަ ކުރިއަށް ނުދެއޭ ދޯ…. ހިނގާ ރޭސް ޖަހަން….”
ރަނާ ދަޅުގައި ހިފައި ތުން ޖަހާ އެންމެ ކުރިން ހުސްކޮށްލެވޭތޯ މަސައްކަތް ކުރިއެވެ. ދަޅުން ތުންފަތް ނައްޓާލިއިރު ޝިފާނާއި ޝައިބާން، އެމީހުންގެ ދަޅު ހުސްކޮށްލައިގެން ރަނާއަށް ބަލަން ތިއްބެވެ. “އޯހް… ރަނާ ދޯ އެންމެ ލަހުން މި ނިމުނީ… ދެން ދުވަހަކުން އެންމެ ކުރިން ރަނާ ދަޅު ހުސް ކުރާނީ….” ރަނާ ހުސްވި ދަޅު ތަޅުންމަތީ ބަހައްޓަމުން ބުނެލިއެވެ. ގުދުވެފައި ތެދުވި އިރު ރަނާގެ ބޮލަށް އުނދަގުލެއް ވާހެން ހީވިއެވެ.
*** *** *** *** *** ***
ވާހަކަ ފޮތް ލައްޕާ ލަމުން ކަޔާން ގަޑި ބަލާލީ ކޮޓަރިތެރެ އަނދިރި ވުމުގެ ސަބަބުންނެވެ. އިރުއޮއްސި ހައެއް ޖެހީ ކަން އެނގުމުން ކިޔަމުންދިޔަ ޞަފްހާ ފާހަގަކުރަން ކަނުން ތަންކޮޅެއް ލަންބާލަމުން ފޮތް އެނދުގެ ހެޑްބޯޑް މަތީގައި ބޭއްވިއެވެ. ކޮޓަރީގެ ބޮކި ދިއްލާލުމަށްފަހު ފާހާނާއަށް ވަދެ ތާޒާވެލައިގެން ނުކުތީ ބަނޑުހައިކަމެއް އިހްސާސްވާތީއެވެ.
މަރީޝާއާއި ކައިސަން ތިބީ ޓީވީން ކާޓޫނެއް ބަލާށެވެ. ވަރުގަދަ ހިނިގަނޑު ޖަހަމުން މަރީޝާ ކާޓޫން ބަލަން އިންއިރު ހީވަނީ ކުޑަކުއްޖެއް ހެންނެވެ. ކަޔާން މަންމައަށް ގޮވާލަމުން ކާކޮޓަރި ތެރެއަށް ވަނެވެ. މަރީޝާ އައިސް ކަނާޔަށް ކާން ހަދައިދިނެވެ. ކައިނިމިގެން ކަޔާންވެސް ކައިސަނާ އެކު ކާޓޫން ބަލަން ސިޓިންގް ރޫމުގައި މަޑުކުރިއެވެ. ބަންގި ގޮވުމުން ކައިސަން ގޮވައިގެން ކަޔާން ނަމާދަށް ދިޔުމަށް އަވަސްވެގަތެވެ.
ކައިސަން ގޮވައިގެން ކަޔާން ގެއަށް އައީ އިޝާ ނަމާދަށް ފަހުގައެވެ. ގެއަށް އައިސް ކަޔާން ޖޯޒީ ލައިގެން ތައްޔާރުވީ ވޮލީގެ ފައިނަލް މެޗަށް ދިޔުމަށެވެ. ކަޔާން ގެއިން ނުކުންނަން އުޅުނުތަނުން މަރީޝާ އެ މެޗް ބަލަން ދާން ބޭނުންވާ ވާހަކަ ބުންޏެވެ. ހިނިތުންވުމަކާއި އެކީ ކަޔާން އޭނާގެ މަންމައަށް ޖަވާބު ދިނެވެ. “ކައިސަން ގޮވައިގެން މަންމައަށް ކެތްވާނެތަ؟… އިރުކޮޅަކުން ގެއަށް ދާން ކިޔާނެ… ދެން މާފަންނު ކޮޅުން މިހިސާބަށް އަންނާކަށްވެސް އެއީ ފަސޭހަ ކަމެއްތަ؟… އެއަށް ވުރެއް މާ ރަނގަޅުވާނެ ގޭގަ ހުއްޓަސް… ޓީވީން ދައްކައޭ ލައިވްކޮށް ފައިނަލް މެޗް…” ފައިވާން ހަރު މަތީ ބަހައްޓާފަ އިން ކަޔާންގެ ބޫޓު ނަގާ އޭނާގެ ދަބަހަށް ލަމުން ގެއިން ނުކުތެވެ. އެވަގުތު ކައިސަން އޭނާގެ ދޮންބެއަށް ބެސްޓް އޮފް ލަކްއޭ ބުނެލިއެވެ.
ޒުވާނުންގެ މަރުކަޒަށް ދެވުނު އިރު ޓީމްގެ ހުރިހާ ކުދިންތައް ކޯޗާއި އެކީ ހަރަކާތްތެރި ވަމުންދާ ތަން ފެނުނެވެ. ކަޔާން އެމީހުންގާތަށް ގޮސް ބޫޓަށް އަރާ މެޗް ފެށެންވާ އިރަށް ވާން ޖެހޭ ތައްޔާރީ ތަކުގައި ބައިވެރިވެގަތެވެ. މެޗު ކުރިޔަށް ދިޔައީ ވަރަށް ހޫނު ގަދަކޮށެވެ. ކަޔާންމެންގެ ޓީމް ބައްދަލުކުރަން ޖެހިފައިވަނީ ވަރަށް މޮޅު ޓީމަކާއެވެ. ފުރަތަމަ ސެޓް ނިމިގެން ދިޔަ އިރު މޮޅުވީ އިދިކޮޅު ޓީމެވެ. މާޔޫސްވެ ހުރެ ކަޔާންމެން ޓީމް ދެން އޮތް ސެޓަށް ޕްލޭން ކުރުމަށް ވާހަކަ ދައްކަން ކޯޗް ވަށާ ހުރިހާ ކުޅުން ތެރިން އެތުރުނެވެ. ދެވަނަ ސެޓު ނިމިގެން ދިޔައިރު ސަޕޯޓަރުންގެ ތެރެއިން ކަޔާންގެ ނަން އެއް އަޑަކުން ގުގުމަމުން ދިޔައެވެ. ކަޔާންމެންގެ ޓީމް ދެވަނަ ސެޓް ކާމިޔަބު ކުރީ ކުޑަކުޑަ ތަފާތަކުންނެވެ. ސަޕޯޓަރުންގެ ތެރެއަށް ކަޔާން ނަޒަރު ހިންގާލިއެވެ. އޭރުވެސް ކާޔާންގެ ނަމުން ކުއްޖަކު ހަޅޭއް ލަވަމުންދާ އަޑު އިވުނެވެ. ދެވަނަ ބުރީގައި ތިބި ސަޕޯޓަރުންގެ ތެރެއިން އަލީނާއާއި މިޝްކާ ފެނުނެވެ. ކަޔާން ހިނިތުންވަމުން އެމީހުންނަށް ހަނާއަޅާލިއެވެ.
ތިންވަނަ ސެޓް ފަށައިފިއެވެ. ކަޔާނަށް ސަޕޯޓްކުރަން އަލީނާ އައުން ވެގެން ދިޔައީ ކަޔާނަށް ލިބުނު ހިތްވަރަކަށެވެ. މެޗު ނިމުނު އިރު ކަޔާންމެންގެ ޓީމަށް މި މުބާރާތުން ޗެމްޕިއަންކަން ލިބުނެވެ. މެޗަށް ފަހު އިނާމް ދިނުން ކުރިޔަށް ދިޔައެވެ. ޒުވާނުންގެ މަރުކަޒުން ކަޔާން ނުކުތް އިރު ބޭރުގައި މަޑުކޮށްގެން އަލީނާއާއި މިޝްކާއާއި އެކު ވިޝާލް ހުއްޓެވެ. ކޮނޑުގައި ދަބަސް އަޅުވައިގެން ހުރެ ކަޔާން އެމީހުން ގާތަށް އައީ ދަތްޕިލަ އަވީލައިގެން ހުރެއެވެ. މިޝްކާއަށް ހިމޭނަކުން ނުހުރެވުނެވެ. ކަޔާންގެ ގައިގާ އޮޅުލައިގަނެ މަރުހަބާ ކިޔެވެ. “މިރޭގެ މޭން އޮފް ދަ މެޗް… އައިމް ސޯ ޕްރައުޑް އޮފް ޔޫ….” ކަޔާނާ ސަލާމް ކޮށްލަމުން އަލީނަވެސް ކަޔާނަށް މަރުހަބާ ކިއެވެ.
ވިޝާލް ބޭނުންވީ މިރޭ އެންމެން އެކީގައި ކެއުމަކަށް ދާށެވެ. ނަމަވެސް ކަޔާން ކުޅޭ އެއްޗިހީގައި ހުރުމުން ނުދާން އުޒުރު ދެއްކިއެވެ. މިހަފްތާ ތެރޭ ކަޔާން ދޭ ކެއުމެއް އެމީހުންނަށް ދޭނަންކަމަށް ވައުދުވެ ކަޔާން ގެއަށް ދިޔުމަށް އަވަސް ވެގަތެވެ.
ވިޝާލާއި އެކު ކަޔާން ގެއަށް ދިޔައީ ސައިކަލުގައެވެ. “ހެއި… ތޭންކްސް… ވިޝާލް ދޯ އަލީނާ މެން މިތަނަށް ގެނައީ….” އެއްމިޔަކަނުން ހިނިއައިސް ހުރެ ކަޔާން ވިޝާލަށް ޝުކުރު އަދާކުރިއެވެ. “ހެހެހެ… އެމީހުން އަމިއްލައަށް ބުނި ކަޔާންގެ މެޗް ބަލަން ދާން ހިނގާށޯ…. ދެން މަ މިއައީ އެމީހުން ގޮވައިގެން…. ފަހުން ވަރަށް ފޯރިއެރީ އަލީނާގެ އަޑު ޖެހުނީމަ ދޯ….” ވިޝާލް ލާނެއް ގޮތަކަށް ކަޔާނާ ދިމާ ކޮށްލިއެވެ.
ގެއަށް އައިސް ވަނުމާއި އެކީ ކައިސަން އޭނާގެ ދޮންބެގެ ބޮލަށް އަރާ ޓްރޮފީ ދައްކަން އެދުނެވެ. ކަޔާން އޭނާގެ ދަބަސް ތެރެއިން ޓްރޮފީއާއި ސެޓްފިކްޓް ނަގާ މަރީޝާއާއި ހަވާލުކުރިއެވެ. ކަޔާންގެ ފަހަތުން އައި ވިޝާލް ފެނުމުން މަރީޝާ އުފަލާއެކު އެތެރެއަށް ވަނުމަށް ދައުވަތު ދިނެވެ. އަދި ކަޔާން ގާތު ތާޒާ ވެލައިގެން އައުމަށް އެދުނެވެ. ކަޔާން ކޮޓަރިއަށް ވަދެ ފެންވަރައިގެން ނުކުތް އިރު ވިޝާލް ސިޓީންގް ރޫމްގައި ކައިސަނާއި އެކު ޓީވީ ބަލަން އިނެވެ. ކަޔާން އައުމުން، ކައިސަން ގާތު ދެން ލަސްނުކޮށް ނިދަން ދިޔުމަށް އެދި އެ ދެ އެކުވެރިންނަށް ކާން ހަދަން މަރީޝާ ކާ ކޮޓަރިއަށް ދިޔައެވެ. ކާ މޭޒު ދޮށުގައިވާ ގޮނޑީގައި ވިޝާލް އިށީނދެ މޭޒުމަތީގައި ހުރި ތަފާތު ކެއުންތަކަށް ނަޒަރު ހިންގާލިއެވެ. “މީ ދޯ ކަޔާން ރެސްޓޯރަންޓަށް ކާން ނުދާ ސަބަބަކީ… އަހަރެމެން މިރޭވެސް ބުނިން ކާން ދާން ހިނގާށޭ…. މިހާ މީރުކޮށް ގެއިން ކާން ލިބެންޏާ ކާކު ރެސްޓޯރަންޓަށް ދާނީ….” ފްރައިޑް ރައިސް ސަމްސަލެއް އަނގަޔަށް ލަމުން ވިޝާލް އެއް ފައްޗަކަށް ވާހަކަ ދެއްކިއެވެ.
“ކޮންމެ ރެއަކު ވިޝާލްވެސް ދެން މިގެއަށް ކާން އަންނަން ވީނުން… މަންމަގެ އެއްވެސް މައްސަލައެއް ނެތް؟… މާދަމާާ ރޭވެސް އަންނާތި…” މަރީޝާ ހިތްހެޔޮ ކަމާއެކު ވިޝާލް ދެއްކި ވާހަކައަށް ޖަވާބު ދިނެވެ.
ރޭގަނޑުގެ ކެއުމަށްފަހު ވިޝާލް ގެއަށް ދިޔުމުން ކަޔާން ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެ ފޯނަށް ބަލާލިއިރު އޮފީހުގެ ގިނަ ރައްޓެހިން މަރުހަބާ ކިޔާފަ މެސެޖް ފޮނުވާފަ ހުއްޓެވެ. އޭގެތެރެއިން މެނޭޖަރ އަރީފް ފޮނުވާފައިވާ މެސެޖް ކަޔާން ހުޅުވާލިއެވެ. ވޮލީ ޓީމްގެ ކުދިންނަށް މާދަަމާ ޗުއްޓީވާނެ ކަމަށް އެ މެސެޖްގައި ވުމުން ކަޔާނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
އެނދުގައި ހަމަޖެހިލުމަށްފަހު ސީލިންގް ގައިވާ ފަންކާއަށް ބަލަން އޮތް ކަޔާނުގެ ސިކުނޑީގައި އަލީނާގެ ހަނދާންތައް ދައުރުވާން ފެށިއެވެ. ކުއްލިއަކަށް ވާހަކަ ފޮތް މަތިން ހަނދާން ވުމުން ހެޑް ބޯޑް މަތީގައި އޮތް ވާހަކަ ފޮތް ނަގާ ކަޔާން ފާހަގަ ކުރި ޞަފްހާ ހުޅުވާލިއެވެ.
*** *** *** *** *** ***
ރަނާ ދަޅުގައި ހިފައި ތުން ޖަހާ އެންމެ ކުރިން ހުސްކޮށްލެވޭތޯ މަސައްކަތް ކުރިއެވެ. ދަޅުން ތުންފަތް ނައްޓާލިއިރު ޝިފާނާއި ޝައިބާން، އެމީހުންގެ ދަޅު ހުސްކޮށްލައިގެން ރަނާއަށް ބަލަން ތިއްބެވެ. “އޯހް… ރަނާ ދޯ އެންމެ ލަހުން މި ނިމުނީ… ދެން ދުވަހަކުން އެންމެ ކުރިން ރަނާ ދަޅު ހުސް ކުރާނީ….” ރަނާ ހުސްވި ދަޅު ތަޅުންމަތީ ބަހައްޓަމުން ބުނެލިއެވެ. ގުދުވެފައި ތެދުވި އިރު ރަނާގެ ބޮލަށް އުނދަގުލެއް ވާހެން ހީވިއެވެ.
“ޝިފާން…. އަހަރެންގެ ބޯ….” ބޮލުގައި އަތްއަޅައިގެން އިންއިރު ރަނާއަށް ވާނުވާއެއް ނޭނގެއެވެ. ޝިފާންގެ މޫނު ރަނާއާއި ގާތްވަމުން ދިޔަކަން އެނގުނެވެ. ރަނާގެ ލޯމައްޗަށް ފެންނަމުން ދިޔަ މަންޒަރު މަޑުމަޑުން ފުސްވަމުން ދިޔައެވެ. ޝިފާންގެ ދުލުން ބޭރުކުރަމުން ދިޔަ ޖުމްލަތައް ރަނާއަށް ސާފުކޮށް އަޑެއް ނީވެއެވެ. ބައެއްފަހަރު ޝިފާނާއި ޝައިބާންގެ ހުނުމުގެ އަޑު ރަނާއަށް އިވޭހެން ހީވަމުން ދިޔައެވެ. ދެލޮލުން ފުރާ ކަރުނަ އަންނަމުން ދިޔައެވެ. ބޮލުގައި އުފެދެމުން ދިޔަ ތޫނު ތަދާ އެކީ ރަނާގެ ލޯ ބާރަށް މަރާލިއެވެ.
ރަނާއަށް ކުއްލިއަކަށް ދެލޯ ހުޅުވާލެވުނެވެ. އޮވެވުނީ އެނދެއްގެ މަތީގައެވެ. އެއީ އެފަޅުގޭ ތެރޭގައިވާ ކޮޓަރިއެވެ. ހޫނުކަމެއް އިހްސާސް ވަމުން ދާތީ ރަނާއަށް އެ ކޮޓަރީގެ ކުޑަދޮރާ ދިމަލަށް ބަލާލެވުނެވެ. ކުޑަދޮރުވަނީ ލައްޕާފައެވެ. ސީލިންގްގައިވާ ފަންކާއަށް ކަރަންޓު ނުލިބޭތީ ރަނާ އޮތީ ދާ ހިއްލާ ފޯވެފައެވެ. ނިއްކުރިމަތީ އުފެދެމުންދިޔަ ތޫނު ތަދުން ނިތްކުރި މައްޗަށް އަތްއުފުލާލަން މަސައްކަތް ކުރިނަމަވެސް އަތަށް މާ ބޮޑު ހަރަކާތެއް ނުގެނެވުނެވެ. ރަނާގެ ހަތަރެސް ފައިވަނީ އެނދާއެކު ބަނދެފައެވެ. ރަނާއަށް އޭނާގެ ހަށިގަނޑަށް ބަލާލެވުނެވެ. ރަނާގެ ހެދުމުގެ އެތަން މިތަން ވަނީ ވީދިފައެވެ. ރަނާގެ ހިތަށް އެތަކެއް ސުވާލުތަކެއް އަރަމުން ދިޔައެވެ. މީ ކޮން ކަންތައް ގަނޑެއް ހެއްޔެވެ؟ ޝިފާން ދިޔައީ ކޮންތާކަށް ބާ؟
އަޑުގެ ނެތްތަނަށް ޝިފާންގެ ނަމުން ރަނާ ގޮވާލިއެވެ. މީހެއްގެ ހިލަމެއް ނުވިއެވެ. ރަނާގެ އަތާއި ފައި އައްސާފައިވާ ވާތަކުން މިންޖުވުމަށް ތެޅިގަތެވެ. ސަލާމަތެއް ނުވެވުނެވެ. ދެއަތާއި ދެފައި ތަޅުވަމުން ތަޅުވަމުން އައްސާފައިވާ ދިމާލުން ހަންމަށައިގެންގޮސް ދިލަނަގަން ފެށިއެވެ. ރަނާގެ ހަރަކާތަށް ހުއްޓުމެއް އައީ ކޮޓަރީގެ ދޮރު ހުޅުވުމުންނެވެ. ހިޔަންޏެއް ހެން ކޮޓަރީގެ ދޮރުމަތީގައި މީހަކު ހުއްޓެވެ. ރަނާ ސަލާމަތަށް އެދި އާދޭސްކުރަމުން ދިޔައެވެ. “ތީ ކާކު… އަހަރެންގެ ޝިފާން އައިސް ކަލޭގެ ދުވަސް ދުއްވާލާނެ… އަހަރެން ދޫކޮށްލާ….” ރަނާގެ ދުލުން ނުކުންނަމުން ދިޔަ ބަސްތައް ހުއްޓުނީ ކުރިމަތީ ފެންނަން ހުރި ޒުވާނާ ކައިރިވަމުން ދިޔަވަރަކަށް އެއީ ކާކު ކަން ސިފާވާން ފެށުމުންނެވެ.
ވީ އުފަލުން ޝިފާނަށް ގޮވާލެވުނީ އުންމީދުން ފުރިގެންވާ ގޮތަކަށެވެ. “ޝިފާން އަހަރެންގެ އަތް މޮހެބަލަ… މީ ކާކު ކުރިކަމެއްތަ؟… ޝިފާން ހެލްޕް މީ…”
*** *** *** *** *** ***
ސިއްސައިގެންގޮސް ޒީކަށް އިސް އުފުލާ ބަލާލެވުނީ އިވެމުން އައި ބާރު އަޑުގެ ސަބަބުންނެވެ. ރޭސްކޮށްލާފައި އެހިސާބުން ދުއްވާފައި ދިޔަ ސައިކަލެކެވެ. ޒީކް ޖިންސް ޖީބުގައިވާ ފޯނު ނަގާ ގަޑިއަށް ބަލާލިއެވެ. އޭރު މެންދަމު ތިނެއް ޖެހީއެވެ. ޒީކަށް ހުރެވުނު ދިމާލަށް ބަލާލެވުނެވެ. އެއީ ކޮންތަނެއްކަން ޒީކަށް އެނގުނީ އަރިމަތީގައިވާ ނަންބޯޑު ކިޔާލުމުންނެވެ. “އެސްއެސް ވެއާރހައުސް”
ޒީކަށް މިހުރެވުނީ ގެއާ ވަރަށް ދުރު ހިސާބެއްގައެވެ. ވިޔަފާރިވެރިންގެ ގުދަންތައް ހުންނަ ހިސާބުގައެވެ. އެ ގުދަނުގެ ދޮރާށި ކައިރީ ހުރި ކުޑަ ސިޑި ބަރި މަތީގައެވެ. ގެއަށް ދާން ވިސްނަމުން ދިޔައިރު އަދިވެސް ޒީކްގެ ހަށިގަނޑުގައި ބަދަލު ހިފުމުގެ ރޫހު އަށަގެންފައިވެއެވެ.
*** *** *** *** *** ***
ޖެހިގެން އައި ދުވަހަށް އިރުއެރުމާއި އެކު ލުޔޫނާ ތެދުވެ ހެނދުނަށް ގޭގައި ރަނގަޅު ސައެއް ތައްޔާރު ކުރުމަށް އުޅެގަތެވެ. ތެލުލި ރިހާކުރާ މަސްހުންޏާ ރޮއްޓެވެ. މޭޒުމައްޗަށް ސައި ތައްޔާރު ކުރުމަށްފަހު ލުޔޫނާ ކޮޓަރިއަށް ދިޔައީ ފެންވަރާލައިގެން ތާޒާވެލާށެވެ. ލުޔޫނު ރީތިވެގެން ކޮޓަރި ކުޑަދޮރު ކައިރީގައި މަޑުކޮށްގެން ހުރީ މީހެއްގެ އިންތިޒާރުގައެވެ. ކުޑަދޮރު ކައިރީގައި ހުރުމަށްފަހު ލުޔޫނާ ކޮޓަރިން ބޭރަށް ދިޔައީ ކުޑަދޮރު ލައްޕާލުމެއް ނެތިއެވެ.
ރޭގަ ރަނގަޅަށް ނުނިދި އޮވެވުމުގެ ސަބަބުން ޝިފާނަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. ކޮޓަރި ތެރެއަށް އަލިވެ ހޫނުވާތީއެވެ. އޭސީ ރިމޯޓް ނެގާ އޭސީ ޖައްސާލަން ބަލާލިއިރު އޭސީ ހުރީ ޖައްސާފައެވެ. ނަމަވެސް ކޮޓަރީގެ ކުޑަދޮރު ހުރީ ތަންމިނަށް ހުޅުވިފައެވެ. ޝިފާންގެ ސިކުނޑީގައި އެވަގުތު އެނބުރިގަތީ ރޭގައި ދިމާވި ކަންތައްގަނޑެވެ. ބައެއް ފަހަރު އެއީ ވަހުމެކޭ ހުވަފެނެކޭ ހިތަށް އަރައެވެ. ނަމަވެސް އެކަމާ ފަރުވާލެއް ނުބަހައްޓާ ފިހާރަ ދޮށަށް ދާން ތައްޔާރުވުމަށް އަވަސްވެގަތެވެ. ފޯނަށް ބަލާލި އިރު ފިހާރައާ ހަވާލުވެ ހުންނަ މެނޭޖަރ ޖަމްޝީދު ހަ ފަހަރު ޝިފާނަށް ގުޅާފައި އޮތެވެ. ފޯނުން އެ ނަންބަރަށް ރީ ޑައަލް ކޮށްލިއެވެ. ދެބުރަކަށް ރިންގް ވީ ތަނުން ޖަމްޝީދު ފޯނު ނަގައިފިއެވެ. ޖަމްޝީދު ދިން ޚަބަރުން ޝީފާން ގޮތްހުސްވެ ބޮލަށް އެނބުރުން އެރިކަހަލައެވެ.
ފޯނު އެނދު މައްޗަށް ހޫރާލުމަށްފަހު ފާހާނާއަށް ވަދެ ރީތިވެގެން އޮފީހަށް ދިޔުމަށް އަވަސް ވެގަތެވެ. ކޮޓަރިން ބޭރަށް ނުކުތީ ލުޔޫނާ ކާންޖެހޭ ބޭސްތައް ހިފައިގެންނެވެ. ލުޔޫނާ ބޭސް ނުކައި ހުންނާނެކަން ޔަގީން ވީމައެވެ. ސިޑިން ތިރިއަށް ފޭބި އިރު ލުޔޫނާ މީހަކާ ވާހަކަ ދައްކަން ސިޓިންގް ރޫމް ސޯފާގައި އިންތަން ފެނުނެވެ. ކާކޮޓަރިއަށް ވަދެ ސަޔަށް ހަދާފައި ހުރި ސާމާނު ފެނުމުން ޝިފާން ސައިބޯ ހިތް ކެނޑިގެން ދިޔައެވެ. “މީ ކާކަށް މީރުވެގެން ހަދާފަ ހުރި އެއްޗެއްތަ؟…” ޝިފާން ރުޅިވެރިކަމާއި އެކު އެހެންބުނީ އެއީ ދުވަހަކުވެސް އެގޭގައި ނާސްތާ ކުރުމަށް ތައްޔާރުކުރާ ކެއުމަކަށް ނުވާތީއެވެ. ކާގޭތެރޭގައި މެންދުރުގެ ކެއުމަށް އެއްޗެތި ތައްޔާރުކުރަން ހުރި ޝިފާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޝިފާނާ ޖަވާބު ދިނެވެ. “ތީ ލުޔޫނާ މިއަދު ތައްޔާރު ކުރި ކެއުމެއް….”
ލުޔޫނާއަށް ދޭން ޖެހޭ ބޭސްތައް ޝިފާނާއަށް ހަވާލު ކުރީ އެވަގުތު މުހިއްމު ފޯނު ކޯލެއް އަންނަން ފެށުމުންނެވެ. ފޯނުގައި ހުރެ ޝިފާން ގެއިން ބޭރަށް ނުކުތުމަށް ހިނގައިގަތީ ލުޔޫނާމެން ކުރިމަތިން ލާފައެވެ. ޖީބުގައިވާ އަވިއައިނު ނަގާ އަޅާލަމުން ގެއިން ނިކުތް އިރު ލުޔޫނާއާއި ދިމާލަށް ބަލާވެސް ނުލާ ނުކުމެގެން ދިޔައީ ފިހާރައިގެ ކަންތައްގަނޑެއްގައި އަވަސް އަރުވާލައިގެން ހުރެއެވެ.
ޝިފާން ގެއިން ނިކުމެގެން ދިޔަ މަންޒަރަށް ބަލަން ޒީކް ހުރީ އެއްމިޔަކަނުން ހިނިއައިސްފައެވެ. ލުޔޫނާ އެކި ވާހަކަތައް ޒީކާ ހިއްސާ ކުރަމުން ދިޔައީ ރަނާކަމަށް ހީކޮށް އިނދެއެވެ. ހެނދުނުގެ ސަޔަށް އައުމަށް ޒީކަށް ދައުވަތު ދިނުމަށްފަހު ރަނާއަށް އެންމެ މީރު ތަކެތި ލުޔޫނާ ތައްޔާރުކުރީ ރަނާއަށް ހާއްސަ ކެއުމެއްގެ ގޮތުގައެވެ. ސައި ބޮއި ނިމިގެން ވާހަކައިގައިި ދެމީހުން އެހެން ތިބޭތާ ކިތަންމެ އިރެކެވެ. ޒީކްގެ މޫނުމަތިން ފާޅުވަމުން ދިޔަ ހިނިތުންވުމުން އޭނާއަށް ކޮންމެވެސް ކަމެއް އެނގޭކަން ކަށަވަރެވެ. ލުޔޫނާ ގާތުން ދިޔުމަށް ހުއްދަ ހޯދުމަށްފަހު އެގެއިން ޒީކް ނުކުމެގެން ދިޔައީ ވަރަށް އުފަލުން ހުރެއެވެ.
ޒީކް އެގޭ ދޮރުމަތީގައި ބެހެއްޓި އޭނާގެ ފައިވާނަށް އަރައަރާ ހުއްޓާ އެގެއަށް ވަދެގެން އައި މެދު އުމުރުގެ ފިރިހެނަކު ދިނީ އަންތަރީސް ވާވަރުގެ ޚަބަރެކެވެ. ޝިފާނާ ޝައިބާންމެން ޅަ ދުވަސްވަރު އެކުވެގެން ފެއްޓި ވިޔަފާރި ހަލާކުވި ވާހަކައެވެ. މިލިއަނެއްހާ އަގުހުރި މުދާތަކާއި އެކު ޝިފާންގެ ވެއަރހައުސް އަނދާ އަޅިއަށް ވި ވާހަކައެވެ.
= ނުނިމޭ =
14 Comments!
Comments are closed.
Wooow. …keep it up…waiting for next part
wowwwwww.shaxlyn.mi vaahaka v v v nice.v v v intresting.this is one of my fav. srty in this esfiya site.next part vx hama mihaa intresting vaane kamah hykuran.next part kn irakun???waiting 4 next part
Wowwwww vvvvvv reethi…when is the next part???
thank you @Shif @Ina and @Maalu…. In-Sha Allah next part on Monday….. m glad u liked this…. 🙂
wow…. vrh rythi….. next [part kiaalaahithun hama kehmadhuvefa mihury…..
Varah salhi eki baithah gulhuvaigen vaahaka genna goiy….. v v v v v v salhi… hama evvana
Shaz o m g! This is such a nice part!! That description was just like a movie scene !! Wow
V v nice shaaxuu
Nunidhifa miothy vaahaka kiyaa hithun… obiness over over loading. .. loved it shaazooo…. keep it up
woww. ranaa good job..
Hama habeysss..
vaahaka varah salhi… adhives ranaa ah vee goiy ingen beynumeee…. shazge vaahaka nimmaalanee haadha hiy avas vaa hisaabakashey…. keh kuran dhathi… mondayga dhw next episode
Nice story…i like this story …n when next part.
Koba