“ޝެރިން… ތޭންކްސް…!” ޖޭޑް ވާހަކަ ދެއްކީ ޝެރިނާއެވެ.
“ކޮންކަމަކާ…؟” ޝެރިން މަޑުމަޑުން އަހާލި އެވެ.
“އަހަރެން ކޯމާގަ އޮތްއިރު ޝެރިން ދެއްކި ހުރިހާ ވާހަކައެއް އަޑު އިވުނު… އެވަގުތު އަހަންނަށް ބުނެދޭން ނޭނގޭ ހިތްހަމަ ޖެހުމެއް ލިބިގެން ދިޔަ… ކޮންމެ ދުވަހަކުވެސް އަހަރެންގެ ފޫހިފިލައިގެން ދަނީ ޝެރިންގެ އޯގާތެރި ބަސްތަކުން. އެބަސްތައްވީ އަހަރެންގެ ޒަޚަމްތަކަށް ލެއްވި ޝިފާއެއް ކަމުގަ… އަހަރެން ބޭނުންވީ ކޯމާގަ ދުވަހަކުވެސް ނުހޭލާ އޮންނަން… އޭރުން ކޮންމެ ދުވަހަކުވެސް ޝެރިން އަހަރެން ގާތުގައި ހުންނާނެތީ… ޝެރިން، ތެދަށް ބުނެބަލަ… އަހަރެން ދެކެ ލޯބިވޭތަ؟” ޖޭޑް ވާހަކަ ދެއްކީ ސީދާ ޝެރިންގެ ލޮލަށް ބަލަމުންނެވެ.
ޝެރިންގެ މޫނު އެއްކޮށް ރަތްވެގެން ދިޔަ އެވެ. އޭނާ ހީކުރީ ކޯމާގައި އޮންނަ މީހާއަށް ދައްކާ ވާހަކަ އަޑު ނީވޭނޭ ކަމަށެވެ. ނަމަވެސް ކަން މިދިމާކުރީ އެހެން ގޮތަކަށެވެ.
“އަހަރެން…”
“ޝެރިނަށް މިވަގުތު އެއްބަސްވާން އުނދަގޫނަމަ، އޯކޭ ފަހުން ވިސްނާލާފަ ބުންޏަސް އިނގޭ! އަހަރެން މަޖުބޫރެއް ނުކުރާނަން…” ޖޭޑް މިހެން ބުނި އިރުވެސް އޭނާހުރީ އެއްމިޔަކަނިން ހެވިފަ އެވެ. ޝެރިނަށް ކުރެވުނުހައިވެސް ކަމަކީ މަޑުމަޑުން ބޯޖަހާލުމެވެ. އެވަގުތު ވިރިގެން ފައިބާނޭނަމައޭ އޭނާގެ ހިތަށް އެރި އެވެ. ނުވަތަ ހުރިގޮތަށް ގެއްލޭނޭ ނަމައޭވެސް ހިތަށްއެރި އެވެ.
…………………………………………..
ހެންވޭރު ގަރޑަން ވޭލީ ގޭޓު ކުރިމައްޗަށް ޕާކުކޮށްލައިގެން ދެކާރު އޮތެވެ. ކަޅު ކުލައިގެ ކާރުން ފޭބީ ސުޖާޢު އާއި ދިނާޔާ އަދި ދާނިޔާ އެވެ. މެރޫން ކުލައިގެ ކާރުން ނީމާއި ކައިލް ފޭބި އެވެ. ދާނިޔާގެ އަތުގައި ތުއްތު ތުއްތު ކުއްޖެއް އޮތެވެ. ފަސް މީހުން ގޭތެރެއަށް ވަދެގެން ދިޔުމުން ދޮރުވާނު މީހާ ކާރުތައް ގަރާޖަށް ވެއްދުމުގެ މަސައްކަތް ފަށައިފި އެވެ.
ޚަބަރު ލިބުމުން ނީމްގެ އާއިލާ އާއި ސަޢުދިއްޔާވެސް އެގެއަށް އައިސް ހުއްޓެވެ. އެންމެންވެސް ތިބީ ކައިލްގެ ކޮޓަރީގައި ކުޑަކުޑަ ފުރާނަ ދެކިލާށެވެ. އެއްވެސް މީހެއްގެ ދުލުން ތަޢުރީފުގެ ބަހެއް ބޭރު ނުވެއެއް ނުދިޔަ އެވެ.
“މާޝާ ﷲ!! ހަމަ ދޮންބެގެ ކުޑައިރުގެ ޑުބްލިކޭޓް!” ބޭބީ ބާއްވާފައި އޮތް ކޮށީގެ އަރިމަތީ އުސްކޮށް އޮތް ދިމާގައި އަތް އަޅާލަމުން ދާނިޔާ ބުނެލި އެވެ. އެއާއިއެކު އެންމެންވެސް އެއްބަސްވާން ފެށީ އެ ކުއްޖާ ހަމަ ބޮޑަށް ވައްތަރީވެސް ކައިލަށްވީމަ އެވެ. “ހަމަ ހީވަނީ ފުއްގުޅަވަރެއްހެން…. އެކަމަކު ހާދަ ކުޑައޭ… ދޯ ކުޑޫ…! ދެން އެހާ ކުޑަ ކޫޑަވީމަ އުރާލާކަށްވެސް ނުކެރޭނެ މަށަކަށް…! މާ ލުއިކަމުން… ހެހެހެ… ކުޑޫ، މި ކޮއްކޮއަށް އެއްއަހަރުވީމަ އެންމެ ފުރަތަމަވެސް އުރާލަން ދޭނީ ދޮނާއަށް އިނގޭ…!”
“ހެހެހެ ދޮނާވެސް… އެއްއަހަރަކީ ކުދިން ހިނގާވެސް އަހަރެކޭ… އޭރުން އުރީމަ ކަމަކު ނުދާނެ… ގާތްގަނޑަކަށް ދެތިންމަސް ފަހުން ދޮނާއަށް އުރޭވަރު ވާނެ… ކުޑަކުދިންނާ ގާތްވި ވަރަކަށް އެކުދިން ދޯޅަވާން ފަށާނެ… ދޮނާވެސް ދުވަސް ދުވަހުން ޖެހޭނެ މިބޭބީވެސް ބަލަހައްޓަން…” ނީމް ހެވިލާފައި ބުންޏެވެ.
“ހޫމް… ދޮނާއަށް އެނގޭނެ ކުދިން ބަލަން ދެން ދުވަސްކޮޅަކުން… ދޯ ދޮނާ…” ދިނާޔާ ނިތް އަރުވާލަމުން ބުނެލި އެވެ. “މާމައަކާ، ކާފައަކާ، ދޮންތި އަކާ، ބައިވަރު ދައްތަތަކެއްވެސް ލިބިއްޖެ ދޯ…!”
ކައިލް އެކުޑަ ފުށްގަނޑު ލޯބިކޮށްލި އެވެ.
“ދެކުދިންވެސް ވައްތަރީ ދޮންބެއާ ދޯ؟ ޓްވިންސެއް ވީމަ…” ދާނިޔާ ބުންޏެވެ. “ގަރލް ބޭބީ ހުރިނަމަ ދޯ… އޭރުން ވާނީ ކުޑަކުޑަ ކުޑޫ އަކަށާ ކުޑަކުޑަ ދޮންބެ އަކަށް…”
ނިދާފައި އޮތް ތުއްތު ތުއްތު ފުރާނައާއި ދިމާއަށް ނަޒަރު ހުއްޓާލައިގެން އިން ނީމްގެ ހިތް ކުދިކުދިވީ އޭނާގެ ދަރިފުޅު އެއީ ކުޑަ ދުވަސްކޮޅެއްގެ މެޙެމާނެއްކަން ކުއްލިއަކަށް މާބޮޑަށް އިޙުޞާޞްވުމުންނެވެ.
“ނީމް ހާސްނުވޭ އިނގޭ ދަރިފުޅާ…!” ނީމްގެ މަންމަ އޭނާގެ ބުރަކަށީގައި ފިރުމާލަމުން ހިތްވަރު ދިނެވެ. “އިންޝާﷲ މި ތުއްތު ދަރިފުޅަށް ދިގު ޢުމުރެއް ލައްވަވާނެ…”
“ކޮންނަމެއްތަ ކިޔާނީ ކޮއްކިއަށް؟” ދާނިޔާގެ ސުވާލުން އެންމެންގެ ސަމާލުކަން ނީމަށާއި، ކައިލަށް ހުއްޓުނެވެ.
އެވަގުތު ކައިލްގެ ތުންފަތްމަތީ ކުޅެވުނީ ލުއި ހިނިތުން ވުމެކެވެ.
…………………………………………
ހަ ދުވަސް ފާއިތުވެ ދިޔައިރުވެސް މިކްޔާލްގެ ޚަބަރެއް ނުވި އެވެ. މިކަމާ އެންމެ ކަންބޮޑުވީ ޔައިނެވެ. އޭނާހުރީ މިވަމުންދާ ކަންތައްތަކާއި ހެދި ސިކުނޑި ގޮވަންވެސް ކައިރިވެފަ އެވެ.
“މިހެން މިތާ ތިބެގެން ނުވާނެ އެއްކަމެއްވެސް…. މުޅި ޢުމުރު މިތާ ހުސްކޮށްލަން ޖެހޭނީ މިހެން ތިބެންޏާ… މިތަނުން ނިކުމެގެން އަހަރެން ފަހަތުން އާދޭ… އަހަންނަށް މިތަނުގެ ތަންތަން ވަރަށް ރަނގަޅަށް އެނގޭ… މިތާ ކައިރީގަ ހުންނާނެ ރެއިލްވޭ ސްޓޭޝަނެއް… އެތަނަށްގޮސް އަހަރެމެން ދަތުރު ހެދިދާނެ… އެކަމަކު ފުރަތަމަ ބަލަންވީ މިޢިމާރާތުން ނިކުމެވޭތޯ…!” އެންމެނާ ކުރިމަތިލައިގެން ހުރެ އެވާހަކަ ދެއްކީ ޖޭޑެވެ.
ޝެރިން، ރާނީ އަދި އިތުރު ދެގާޑުން ވެސް އެކަމަށް އެއްބަސްވީ، މިވީ ހާދުވަހު އެތާ ފިލައިގެން ތިބެގެން ވީކަމެއް ޚަރާން ވުމުންނެވެ. ނަމަވެސް ހުރިހާ އެންމެން އެއްބަސްވީ އިރުވެސް ޔައިން އެއްބަސް ވުމުގެ ގޮތުން އެއްޗެކޭއެއް ނުބުނެ އެވެ. އޭނާގެ މިޒާޖުގައި މީހުންނާއި، ޒުވާބުކޮށް އަރާރުންވުން ނެތުމުންނެވެ. ނަމަވެސް އޭނާގެ ހަނި ކޮއްލެވިފައިވާ ދެލޯ ޖޭޑާއި ދިމާއަށް އަމާޒު ކޮށްލެވިފައިވާގޮތުން އޭނާގެ ހިތު ތެރޭވި ނުޤަބޫލުކަން ކިތަންމެ ރީއްޗަކަށްވެސް ދޭހަވެއްޖެ އެވެ.
“މަޑުކުރޭ…” ޔައިން މަޑުމަޑުން ބުންޏެވެ. އެއާއިއެކު ފޮށިތަންމައްޗަށް އެއްޗެހި އަޅައަޅާ ތިބި އެންމެންގެ ނަޒަރު ޔައިނަށް ހުއްޓުނެވެ. “މިކްޔާލް ބޭބެ ބުންޏެއްނު މިތާ މަޑުކޮށްގެން ތިބޭށޭ… އޭނައަށް ކޮންމެވެސް އެއްޗެއް ވިސްނޭތީއެއްނު އެހެން އެބުނީ… އަހަރެމެން މިހެން ނިކުމެގެން އުޅެނިކޮށް އިތުރު ކަންތައްގަނޑަކާ ކުރިމަތި ވެދާނެ… ޔާލް ބޭބެ ބުންޏެއްނު ގިނަ ދުވަސް ނަގާނަމަ ކޮންމެވެސް ގޮތަކުން އަންގާލާނަމޭ… އެހެންވީމަ މިތާ ޔާލް ބޭބެއަށް އިންތިޒާރު ކުރުން އެންމެ ރަނގަޅުވާނީ…”
“އެހެންތަ؟ އެހެންވީމަ ކަލޭ ބޭނުންވަނީ މިތާ ޢުމުރު ހުސްކޮށްލަންދޯ؟ މިތާ މިހެން ތިބެގެން އަހަރެއް ނިމި ދަނީ މިއޮއްގެން…. އެކަމަކު އެކަކުވެސް މިތަނުން ނިކުންނަން މަސައްކަތް ކުރި ތަނެއް ނުދެގެން…” ޖޭޑް ރައްދު ދިނެވެ.
“އޭރު އަހަރެމެން ބެލީ ތަނުގެ މަސްލަޙަތު ރަނގަޅުވޭތޯ…! އޭރުން އަހަރެމެންނަށް އަމާން ކަމާއިއެކު މިތަނުން ނިކުމެވޭނީ… އަނެއްކާ މިހާރު ޔާލް ބޭބެ ވެސް ނެތް… ޔާލް ބޭބެ ބުނި ގޮތަށް ކަންތައް ކުރާނީ… ވިސްނިއްޖެތަ؟ އޭނަ އަންނަން ދެން އަހަރެމެން މަޑުކުރާނީ…” ޔައިން އޭނާގެ އަޑު މައިތިރި ކުރަމުން ހަމަޖެހިލާފައި ބުންޏެވެ.
“ކިހިނެތް އެނގެނީ މިކްޔާލް މިހާރު ދުނިޔޭގަ ހުރިކަމެއް ވެސް؟؟” ޖޭޑްގެ މި ޖުމުލައިން ޔައިން ކެކިއަރައިގަތެވެ.
“އޭތް!! އޭނައާ މެދު ތިކަހަލަ ވިޔާނުދާ ޚިޔާލުތައް ނުކުރާތި އެނގޭ!!!” ޔައިން ހަޅޭއްލަވައިގަތެވެ.
“ޔައިން… ޖޭޑް ބުނި ގޮތަށް ކަންތައް ކުރިއްޔާ ކަންނޭނގެ އެންމެ ރަނގަޅުވާނީ… މިހެން ފިލާ ތިބުމަށް ވުރެ، މިތަނުން ނިކުމެވޭތޯ މަސައްކަތް ކުރިއްޔާ ރަނގަޅުވާނީ… ދެން ހުރީ ޔާލް ބޭބެ… އޭނައަށް އަހަރެމެން ދިޔަކަން އަންގަން ކޮންމެވެސް ނޯޓެއް ކަހަލަ އެއްޗެއް މިތަނުގައި ބާއްވާފަ ދާނީ… އަހަރެމެންގެ ފޯނު ތަކަކުން ރޭންޖެއް ނުލިބޭ… ދެން މިތަނުން ނިކުމެގެން ރޭންޖު ލިބޭ ހިސާބަކަށްވެސް ދެވިއްޖެއްޔާ މެސެޖެއް ކޮށްލެވިދާނެ އެއްނު…” ޝެރިން އޭނާގެ ޚިޔާލު ފާޅު ކުރި އެވެ.
ޔައިން އިރުކޮޅަކު ޝެރިނާއި ދިމާއަށް ބަލަން ހުރެފައި އިސްޖަހާލީ އިތުރަށް ޖަދަލު ކުރަން ބޭނުން ނުވާތީ އެވެ. އޭރު އޭނާގެ ހިތް ވަނީ ދެފަޅި ވެފަ އެވެ. އޭނާގެ ޚިޔާލަށް އެއްބަސް ނުވެ، ދުޝްމަނެއްގެ ޚިޔާލަށް ޝެރިން ތާޢީދު ކުރީތީ އެވެ.
……………………………………………………..
“ކޮން ނަމެއްތަ ކިޔަނީ ކޮއްކި އަށް؟”
ޕާރުސަލްތައް ފޮށިގަނޑު ތަކުން ނަގަމުން ގެންދިޔަ ވަގުތު އެތަނަށް ސަޢުދިއްޔާ އައިސް އެހި އެވެ.
“ކައިލާން ބިން ކައިލް.” ދާނިޔާ އުފާވެލާފައި ބުންޏެވެ.
“ކައިލާން… އަހަރެމެންގެ ކައި، ދޯ ދޮނާ…” ދިނާޔާވެސް މަސައްކަތުގައި އުޅެމުން ބުންޏެވެ.
“ހޫމް… މާޝާﷲ ވަރަށް ރީތި ނަމެއް…” ސަޢުދިއްޔާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލި އެވެ. “ދިނާޔާ އަދިވެސް ހަމަ މަސައްކަތް ކުރަންދޯ… މިހާ ތަނަވަސް ވީމަވެސް ދިނާޔާ ގެންގުޅެނީ އާދައިގެ ގޮތްގަނޑު…” ސަޢުދިއްޔާ ހީލަމުން މިހެން ބުނުމުން ދިނާޔާވެސް ހިނިތުންވެލި އެވެ.
ގޭގެ ނޯކަރުން ޕާރުސަލްތައް ބަހަން ކާރުގައި ދިޔުމުން ދިނާޔާމެން އެންމެން ދެން ދިޔައީ ކުޑަ ކުޑަ ކައިލާން ގާތަށެވެ.
………………………………………….
“ބަލައިގެން އުޅެއްޗޭ އެނގޭ!” ރާނީ އެންމެނަށް ނަސޭޙަތްތެރިވި އެވެ. އޭރު އެމީހުން ތިބީ ފިލާތިބި ތަނުން ނިކުމެ، ބޮޑު ހޯލެއް ކަހަލަ ތަނެއްގަ އެވެ.
“މިއީ ޢިމާރާތުގެ ފަސްވަނަ ބުރި… މިތަނުގައި ނޫޅޭނެ އެހާ ގިނަ ގާޑުންނެއް… އެކަމަކު މިތަނުގަ ވަރަށް ސެކިޔުރިޓީ ވަރުގަދަ ވާނެ… ސެކިޔުރިޓީ ކެމެރާތަކަށް ސަމާލުވާތި!” ޖޭޑް މިހެން ބުނީ އެތަނުގެ އެއްފަރާތެއްގައި މަޑުކޮށްގެން ތިބެ އެވެ.
“ކޮންތާކު ހުރި ކެމެރާއެއް…؟” ރާނީ އެހީ ކުޑަކޮށް ނުތަނަވަސްވެފައި ހުރެ އެވެ.
ވަށައިގެން ނަޒަރު ހިންގާލުމަކުން ކެމެރާ ތަކެއް ނުފެންނާނެ އެވެ. އެކަން ޖޭޑަށް އެނގުނެވެ. އޭނާ ވިސްނުންތެރި ކަމާއިއެކު ވަށައިގެންވާ ހުސް ސަރަޙައްދަށް ނަޒަރު ހިންގަންފެށި އެވެ.
“ފެނޭތަ ކުދިކުދި ރަތް އަލިތަކެއް؟ ކޮންމެ އަލިކޮޅެއް ވީ ދިމާގައި ހުންނާނީ ނުފެންނަ ގޮތަށް ހަރުކުރެވިފައިވާ ކެމެރާއެއް…” ޖޭޑް ޖަވާބު ދިނެވެ.
“ދެން ކިހިނެތް އަހަރެމެން އެއަށް ނާރާނޭ ގޮތަށް އުޅޭނީ؟ މުޅި މިތަނުގަ އެބަހުރި ކެމެރާ ހަރުކޮށްފަ… އެއިން އެއްޗަކަށް ނާރާ މިތަނުން ނިކުންނަން އުޅުމަކީ މުސްތަޙީލު ކަމެއް…” ޝެރިން ބުންޏެވެ.
އެއާއިއެކު ރާނީ އޭނާގެ ދަބަހުން އަލި ކުރާފަދަ ޓޯޗު ތަކެއް ނެގި އެވެ.
“ތީ ކޮންއެއްޗެއް؟” ޔައިން އެހި އެވެ.
13 Comments!
Comments are closed.
very nice when next part?
Boys ah binth kiyatha??? Boys ah kiyany bin. Binth eie girls ah ……… mohamed bin ibrahim………… fathima binth mohamed
yaa Lilly, Faxoo ah ethankolhu ma fahun fenuny. aslu girl name eh olhigen jahaafa fahun hama ekani first name change koffa inyma binth e iny. anyway thanks for figuring it out for me!! 🙂
hadi euuuuuuu
Ei boy name ehnnu..so bin ineema rangalhennu n btw girls ah kiyanee binthi..nt binth..
No girls ah kiyaanee binth
e dhogeh vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv hadi 😉 ;0
e DHOGEH VVVVVVVVVVVVVVVVVV REEEETHI
E rangalhu kohfa ey mihaar iny
Faxu varah reethi ingey story…keep up the gud work
Faxoooo thannks egey varah reethi mi baives dhn knirakuntha sherin mn salaamah vany?
Waiting for the nxt part…..ure the best
Fazoo vaahaka v v reethi. Ekm vaahaka start vegen ulhunu iru v dhigukoh part genesdhey. Ekm mihaaru kuruvany.
Yah I think Mee thedeh hen. Fashaaign ulhunu iru v dhigu but mihaaru kuru vamun annany. Btw story v rythi .??? waiting for the next part. Knirakun next part up kurany? Nd I hope that you will improve the fact that I mentioned ? oikey ??