“ހެޔޮ ނުވާނެ ޝާނީ… ތެދުވެބަލަ! ނޭނގެނީތަ އަހަރެން ލޯބިވާ ވަރު… އަހަންނަށް މިވާގޮތް ނޭނގެނީތަ؟ ޝާނީ ޕްލީޒް… އައި ކާންޓް ސްޓޭންޑް ދިސް… އިޓްސް ކިލިންގ މީ…” މާއިޒް ޝާނީގެ އެނދުގަ ބޯ ޖައްސައިގެން އޮވެ މަޑުމަޑުން ބުނެލީ އިތުރަށް ކެތް ނުކުރެވިގެންނެވެ.

“ތިހާ ފަސޭހައިން އަހަންނާ ވަކިވާކަށް ނުކެރޭނެ މާއިޒްއަކަށް…”
އެއަޑު މާއިޒްއަށް އިވުނެވެ. ނަމަވެސް ގަބޫލެއް ނުކުރެވުނެވެ. އެވަގުތު ޝާނީ މާއިޒްގެ އަތަށް ފިތާލިއެވެ. އިވުނު އަޑަށް ވުރެ ބޮޑަށް މާއިޒްއަށް އިތުބާރު ކުރެވުނީ އެހަރަކާތަށެވެ. މަޑުމަޑުން ބޯހިއްލާ ޝާނީއަށް ބަލާލީ އެއީ މާއިޒްއަށް ހީވި ހީވުމަކަށް ނުވޭތޯ ދުޢާ ކުރަމުންނެވެ. ޝާނީ ލޯ ހުޅުވައިގެން މާއިޒްއަށް ބަލަން އޮތްތަން ފެނުމުން މާއިޒްއަށް ޝާނީއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ ލޮލަށް ފެންނަ މަންޒަރާމެދު ޔަގީން ނުކުރެވިފައެވެ.
“މާއިޒް…” ޝާނީ ގޮވާލިއެވެ. އެއާއެކު މާއިޒްގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. މާއިޒް އަވަހަށް މޫނު ފޮހެލާފައި އެނދުގެ ކޮޅުގައި ހުރި ބޯޑުން ފިތަކަށް ފިތާލިއެވެ. އަދި ޖީބުން މޯބައިލް ނަގާ ނިޝާއަށް ގުޅާފައި އެ ހަބަރު ދިނެވެ. ދެމިނެޓް ތެރޭ ފިރާޒްއާ ނިޝާއާ ޝިއުނާވެސް ހުރީ އެތަނުގައެވެ.
ދެގަޑިއިރު ތެރޭ ހުރިހާ ކަމެއް ރަނގަޅު ކަމަށް ފިރާޒް ބުންޏެވެ. ގިނަ އިރެއްނުވެ ޝާނީ ރޫމަކަށް ޝިފްޓް ކުރެވުނެވެ. އޭރު ނާސިފްއާ ޒާހިރުއާ ޝިމާއުވެސް އައިއްސިއެވެ. ޝާނީއަށް ތެދުވެ އިށީނދެލާ ހެދުމުގެ ހުއްދަ ލިބުނީ ދެދުވަސް ފަހުންނެވެ. އަބަދުވެސް ނިޝާ ނޫނީ ޝިއުނާ ޝާނީ ކައިރީގަ އިނދެއެވެ. ޒާހިރުއާ ނާސިފްވެސް ގިނަ ވަގުތު އުޅެނީ ހޮސްޕިޓަލުގައެވެ. ޑިޔުޓީ ގަޑީގަ ނޫނިއްޔާ މާއިޒްވެސް ހުންނަނީ ޝާނީ ކައިރީގައެވެ. މާއިޒް ގެޔަށް ދަނީ ރޭގަނޑު 12 ޖަހާ ފަހުންނެވެ. އަނެއް ކޮޅުން ހެނދުނު 6 ޖަހާނީ މާއިޒް ޝާނީ ކައިރީގަ ހުއްޓައެވެ.

ޝާނީ ރޫމަށް ބަދަލު ކުރެވުނުތާ ތިންވަނަ ދުވަހުގެ ހަވީރު ޑިޔުޓީ ނިންމާފައި މާއިޒް ގެޔަށް ގޮސް ފެންވަރާ ހަދައިގެން ހޮސްޕިޓަލަށް ދިޔައިރު ޝާނީވެސް އިނީ ފެންވަރާލައިގެންނެވެ. އޭރު ޝާނީ ކައިރީގަ ތިބީ ނިޝާއާ އާސިފް އެކަންޏެވެ.
“ތުއްތާ، އެބަ އަންނަން އިނގޭ!” މާއިޒް އައިތާ ފަސް މިނެޓްވެސް ނުވަނީސް ނިޝާ ބުންޏެވެ.
“ކޮންތަނަކަށް ތިދަނީ؟” ޝާނީ އެހިއެވެ.
“މިއަންނަނީ، ގިނަ އިރެއް ނުވާނަމޭ…” އާސިފްގެ އަތުގަ ހިފައިގެން ނިކުންނަމުން ނިޝާ ބުންޏެވެ.
ނިޝާ ދިޔަ ބޭނުން މާއިޒްއަށާ ޝާނީއަށްވެސް ވިސްނުނެވެ. ޝާނީ ހޭއެރި ފަހުން އަދި މާއިޒްއަށާ ޝާނީއަށް އެކަނި ވެލާނެ ފުރުސަތެއް ނުލިބެއެވެ. ނިޝާ އެދިނީ އެ ފުރުސަތެވެ.
ޝާނީ އެނދު ކައިރީ ކޮޅަށް ހުރި މާއިޒްއަށް ބަލާލާފައި ހީލިއެވެ. މާއިޒް ހަމަ ހުރި ތަނުގައި ހުރީއެވެ. ޝާނީ އެނދުގައި ޝާނީ ކައިރީ އަތުން ޖަހާލުމުން މާއިޒް އައިސް ޝާނީ ކައިރީ އިށީނެވެ. ޝާނީ އެއްޗެއް ނުބުނެ މާއިޒްގެ މޭގައި ލެނގިލާފައި މާއިޒް ގައިގަ ބައްދާލިއެވެ. މާއިޒްވެސް ޝާނީ ގަޔާ ކައިރިކޮށްލިއެވެ.
“އެހާ ވަރަށް ބިރު ގެންނެވީމަ އަހަރެން މިހިރީ ވަރަށް ބިރުން…” ޝާނީ ބުނެލިއެވެ. “އަހަރެން ހީކުރީ ހޭލާ އިރަށް މިތަނަށް ފުރަތަމަވެސް ގެންނާނީ ގާޒީއެއް ކަމަށް” ޝާނީ އެހެން ބުނުމުން މާއިޒް ހީލިއެވެ.
“އަހަރެންތަ ޝާނީ ބިރުގެންނެވީ؟ ނޫނީ ޝާނީތަ އަހަރެން ބިރު ގެންނެވީ؟” މާއިޒް އަހާލިއެވެ.
“ސޮރީ…” ޝާނީ މާއިޒްގެ މޭގައި ފިރުމާލަމުން ބުންޏެވެ. އިރުކޮޅަކު އެކަކުވެސް ވާހަކަ ނުދައްކާ ތިއްބެވެ.
“ކޮން ވާހަކަތަކެއްތަ އަހަންނާ ދައްކަން އުޅުނީ؟ އަހަރެންގެ ކަންފަތް ދުޅަވާވަރަށް؟” ޝާނީ އަހާލިއެވެ.
“މިހާރަކު ނޫން، ފަހުން… އެހެން ފަހަރަކުން” މާއިޒް ބުންޏެވެ.
“އުހުނ… މިހާރު” ޝާނީ އެދުނެވެ.
“އެހެން ދުވަހަކުން ކިޔާދޭނަމޭ” މާއިޒް އެވަގުތު ކިޔާދޭކަށް ބޭނުމެއް ނުވިއެވެ.
“ދެން މިހާރު ކިޔާ ދީބަލަ… ޕްލީޒް!” ޝާނީ ބޭނުންވީ އެވާހަކަތައް އަޑުއަހާށެވެ.
މާއިޒް ޝާނީއަށް ހުރިހާ ވާހަކައެއް ކިޔާދޭން ފެށިއެވެ. ޝާނީ ފުރަތަމަ ފެނުމުން ވީގޮތެވެ. އޭގެ ފަހުން މާއިޒްއަށް އަންނަން ފެށި ބަދަލެވެ. ޝިއުނާ މާއިޒްއަށް ގުޅި ދުވަހުގެ ވާހަކަޔާ އޭގެ އަނެއް ދުވަހުގެ ވާހަކައެވެ. ޝާނީގެ ބަލީގެ ވާހަކައެވެ. ޝިފްޒާގެ ވާހަކައެވެ. ޝިފްޒާގެ ބަލީގެ ވާހަކަޔާ ޝިފްޒާ މާއިޒްއާ ވަކިވި ގޮތެވެ. ޝާނީ ހޮސްޕިޓަލަށް ގެނައި ދުވަހުން ފެށިގެން ޝާނީ ހޭއެރި ވަގުތާ ހަމައަށް މާއިޒް އުޅުނު ގޮތާ މާއިޒްއަށް ކުރެވުނު އިހްސާސް ތަކުގެ ވާހަކައެވެ. ޝާނީދެކެ ލޯބިވާ ވަރާ ޝާނީއާ ނުލާ ދެން އުޅެން އުނދަގޫ ވާނެ ވަރެވެ.
ޝާނީއަށް ރޮވެން ފެށީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ. މާއިޒް ހުރިހާ ވާހަކައެއް ދައްކާ ނިމުނު އިރު ޝާނީއަށް ގިސް ލެވެއެވެ. މާއިޒް ވާހަކަ ދެއްކުން ހުއްޓާލުމުން ޝާނީ އިސް އުފުލާ މާއިޒްއާ ދިމާއަށް ބަލާލިއެވެ.
“ސޮރީ…” އަނެއްކާވެސް ޝާނީ ބުންޏެވެ.
މާއިޒް ޝާނީގެ މޫނު ފޮހެދިނެވެ. އަދި ދެއަތުން ޝާނީގެ މޫނުގައި ހިފަހައްޓާލާފައި ޝާނީގެ ނިތްކުރީގައި ތުންފަތް ޖައްސާލިއެވެ.
“ދެން ކޮން އިރަކުން އަހަރެން މާއިޒްގެ ވައިފްއަށް ވާނީ؟” މާއިޒްގެ މޫނުގައި އަތް ޖައްސާލާފައި ޝާނީ އަހާލިއެވެ.
ޝާނީ ސުވާލު ކުރުމުން މާއިޒް ކައިރިއަށް ހިނިއައެވެ.
“ކީށްވެ ތި ހެނީ؟” ޝާނީ އަހާލިއެވެ.
“ޝާނީ ސްޓްރެއިޓް ފޯވާރޑް ކަމުން… ތިހެން ޑައިރެކްޓްކޮށް ބުނަން ނުކެރޭ ވާހަކައެއް އޮންނާނެތަ؟” މާއިޒް އަހާލިއެވެ.
“ބޭނުން ކަމެއް ވާނީ ކެރިގެން، ނުކެރި ހުރި ނަމަ އަހަރެންނަށް—”
“މާއިޒްއެއް ނުލިބުނީސް” މާއިޒް ޝާނީގެ ޖުމްލަ ފުރިހަމަ ކޮށްދިނެވެ.
ޝާނީ އަނެއްކާވެސް މާއިޒް ގައިގަ ބައްދާލިއެވެ.
“އަހަރެން ކުރި ސުވާލުގެ ޖަވާބު ކޮބާ؟” ޝާނީ އަހާލިއެވެ.
“ފުރަތަމަ ޖެހޭނީ މަންމަމެން ކައިރީ ބުނަން. ގޭ މީހެއް ކައިރި މިވާހަކަ ބުނާނެ ޗާންސެއްވެސް ޝާނީ ނުދެމެއްނު؟ މިރޭ ގެއަށް ގޮސް މަންމަމެން ކައިރީ ބުނާނަން، މާދަން ޝާނީގެ ބައްޕައާވެސް ވާހަކަ ދައްކާނީ… ދެން ހަމަ ޖެހިލައިގެން މެރީވެސް ކުރާނީ. އެވަރު ލަސްތަ؟” މާއިޒް އެހިއެވެ.
“އަހަރެން ބޭނުމީ މާއިޒްގެ އަނތްބެއްގެ ގޮތުގަ މިތަނުން ނިކުންނަންވެސް…” ޝާނީ ބުންޏެވެ.
“ޔާރައްބީ! އަހަރެން ހިއެއް ނުކުރަން ތީ ތިހާ ކެތްމަދު ކުއްޖެއް ކަމަކަށް” ކުރިއަށް ވުރެވެސް ބޮޑަށް މާއިޒްއާ ޝާނީ ކައިރި ކޮށްލަމުން މާއިޒް ހިނިއައިސްފައި ބުނެލިއެވެ.
“އަދި މާއިޒްއަށް އަހަރެންގެ އެއްވެސް ކަމެއް ނޭނގެއެއްނު؟” ޝާނީ ބުންޏެވެ.
“އަބަދުވެސް ކޮންމެސް ތަނަކުން ވެއްޓިގެން އުޅޭކަން އެނގޭ…” މާއިޒް ބުންޏެވެ.
“ނަސީބެއްނު މާއިޒްތީ ޑޮކްޓަރެއް ކަން…” ޝާނީ ބުނެލިއެވެ.
މާއިޒް ޝާނީ ގަޔާ ދުރުކޮށްލިއެވެ.
“ޑޮކްޓަރަކަސް އަހަންނަށް ނުކުރެވޭނެ ކިތަންމެ ކަމެއް ހުންނާނެ… ޝާނީ، ދެންވެސް ބަލައިގެން އުޅޭތި، ދެން މިކަހަލަ ކަމެއް ވެއްޖެއްޔާ އަހަރެން—” މާއިޒް އެހިސާބަށް ބުނި އިރަށް ޝާނީ މާއިޒްގެ ތުންފަތުގަ އިނގިލި ޖައްސާލިއެވެ.
“ޝްޝްޝް… ތިހެން ނުބުނޭ، ދެން އިރާދަ ކުރެއްވިއްޔާ އެހެންނެއް ނުވާނެ” ޝާނީ ބުންނެވެ.
މާއިޒް ލޯމަރާލާފައި ޝާނީގެ އަތްތިލައިގަ ތުންފަތް ޖައްސާލިއެވެ. އިރުކޮޅަކު މާއިޒް އެހެން އިނެވެ.
“މާއިޒް…” ޝާނީ ގޮވާލިއެވެ. މާއިޒް ލޯހުޅުވާ ޝާނީއަށް ބަލާލިއެވެ. “އައި ލަވް ޔޫ…” ޝާނީ ބުންނެވެ. އަދި މާއިޒްގެ މޫނުގަ ދެއަތުން ހިފާ ޝާނީއާ ކައިރި ކޮށްލިއެވެ. “ވަރަށް ވަރަށް ލޯބިވޭ މާއިޒް ދެކެ—” ޝާނީއަށް ބުނެވުނީ އެވަރަށެވެ. މާއިޒް ޝާނީގެ ބަސް ހުއްޓުވިއެވެ.
ދެލޯބިވެރިންގެ ލޯބީގެ ވަގުތުކޮޅު މެދުކެނޑުނީ ދޮރު ހުޅުވުނު އަޑަށެވެ. ދެމީހުން އެއްފަހަރާ ބަލާލިއިރު އެތެރެއަށް ވަނީ ނިޝާއާ އާސިފްއާ ޝިއުނާއާ ޝިމާއު އެވެ.
“މިހާރު ޝާނީ ދޫކޮށްލާ ވަރު ވެއްޖެދޯ؟” މާއިޒްއާ ދިމާއަށް އެއްލޯ މަރާލަމުން ޝިމާއު ބުންޏެވެ. ޝިމާއުގެ އެޖުމްލައާ އެހަރަކާތުން މާއިޒްއާ ޝާނީ އެކުގަ އެމީހުންނަށް ފެނުނުކަން ޝާނީއަށް ވިސްނުނެވެ.
“އާނ… މިހާރު ގެޔަށް ދެވޭ ވަރު ވެއްޖެ ހަމަ ރަނގަޅަށްވެސް، ޝާނީ ހަމަ ނުދާން ވެގެން އޮންނަނީ” ޝިއުނާވެސް ޝާނީ މެންނާ ދިމާ ކޮށްލިއެވެ.
“ސާބަސް! މި ދޮންތައާ ދޮންތަބޭއާ އެއްތަން ވެއްޖެއްޔާ ދެން އެ ނިމުނީ. ކީށްވެގެންތަ އަހަރެން ގެޔަށް ނުގޮސްގެން ތި އުޅެނީ؟” ޝާނީ ރުޅި އަންނަ ކަމަށް ހަދާލާފައި ބުންޏެވެ.
“ރަނގަޅު ވީމަ ކީށްކުރަން މިތާ އޮންނަނީ؟ އެހެން ނޫނަސް ގޭގަ އެބައޮތް ޝާނީ މިސް ވެގެން އުޅޭ ކުއްޖެއްވެސް…” ޝިއުނާ ބުންޏެވެ.
“އަޅެ މީޝް ގޮވައިގެން އައިނަމަ…!” މީޝަލްގެ ވާހަކަ ބުނުމުން ޝާނީ ބުންޏެވެ. އަދި މާއިޒްއަށް ބަލާލިއެވެ. “ތެދެއް މާއިޒް، ކޮން އިރަކުން އަހަރެން ދޫކޮށްލާނީ؟”
“ފިރާޒްއަށް އެނގޭނީ، ހިއެއްނުވޭ ދެން މާގިނަ ދުވަސް ވާނެ ހެނެއް” މާއިޒް ބުންޏެވެ.
“އަހަރެން ބޭނުން ވަނީ އަވަހަށް ގެޔަށް ދާން، އަވަހަށް—” ޝާނީ އެހިސާބަށް ބުނި އިރަށް މާއިޒް ޝާނީގެ އަތަށް ފިތާލިއެވެ. އަދި އެކަހަލަ ވާހަކައެއް އެންމެން ގާތު ނުބުނަން މާއިޒް ނިންމީ އެއްވެސް ކަމެއް ހަމަ ނުޖެހޭތީއެވެ.
މާއިޒް ޝާނީގެ އަތަށް ފިތާލިތަން ޝިއުނާއަށް ފެނުނެވެ. އެދެމީހުން ކޮންމެވެސް ކަމެއް ސިއްރު ކުރާހެން ޝިއުނާއަށް ހީވިއެވެ.
“ކީކޭ؟ އަވަހަށް ކީށްކުރަން؟” ޝިއުނާ އަހާލިއެވެ. “މިދެ މީހުން ކޮންމެސް ކަމެއް އެބަ ރާވާ. ބުނެބަލަ! ކީށްކުރަންތަ؟” ފަހަރަކު މީހަކަށް ބަލަމުން ޝިއުނާ އެހިއެވެ.
“ތެދެއް ތުއްތާ… ބުނެބަލަ!” ނިޝާވެސް ބުނެލިއެވެ.
“ކޮބާ! އެހެން ވާނީ ތިހާ ކެތް މަދުވެގެން އުޅެންޏާ…” މާއިޒް ހިނި އައިސް ހުރެ ޝާނީއަށް ބަލާލާފައި ބުނެޏެވެ.
“އަހަރެން އެކަނިތަ؟ އެދުވަހު މާއިޒް ހީވަނީ ދެން އެންމެ އިރުކޮޅަކަށްވެސް މަޑެއް ނުކުރާނެހެން، ބުނި އަހަރެން ހޭލާ އިރަށް—” ޝާނީ ނުބުނެ ހުއްޓާލިއެވެ.
“ހޭލާ އިރަށް ކީށްކުރަންތަ؟” ނިޝާއާ ޝިއުނާ އެއްފަހަރާ ސުވާލު ކޮށްލިއެވެ.
ޝިމާއުއާ އާސިފް އެކަކު އަނެކަކަށް ބަލާލާފައި ހީގަތެވެ. އެދެމީހުންނަށް ޝާނީއާ މާއިޒްގެ ވާހަކަ ވިސްނުނެވެ. ދެމީހުން އެކަކު އަނެކަކާ ދިމާއަށް އަތްދިއްކޮށްލާ އަތުގަ ޖަހާލިއެވެ. އަދި މާއިޒްއާ ދިމާއަށް އަތް ދިއްކޮށްލުމުން މާއިޒް ފާޑަކަށް ހިނިއައިސް ހުރެ ދެމީހުންގެ ދެއަތުގަ ޖަހާލިއެވެ.
“ކިހިނެއްވީތަ؟ އަޅޭ… ދެން ބުނެބަލަ!” ނިޝާ ބުންޏެވެ.
“ޝިމާއު، ބުނެބަލަ…” ޝިއުނާ ބުންޏެވެ.
“އެހެންވެޔޭ އަހަރެން ބުނަނީ އަންހެނުންނަކަށް ނުވިސްނޭނެޔޭ…” ޝިމާއު ބުނެލިއެވެ.
“ޝިމާއު! ދެން ބުނަންވީ… އެހެންނޫނީ މިރޭދެން އަހަރެން ޝިމާއުއަކާ ވާހަކައެއް ނުދައްކާނަން…” ރުޅިއައި ކަމަށް ހަދާފައި ޝިއުނާ ބުންޏެވެ.
“ޝާނީ، ބުނަންވީތަ؟” ޝިމާއު ޝާނީއަށް ބަލާލާފައި އެހިއެވެ. ޝާނީ ބަލާލީ މާއިޒްއަށެވެ.
“ޝާނީއަށް ނުބުނެ ހުރެވެނިކީ ނޫން… ޝިއުނާއާ ނިޝާ އަޑު އަހާ ހިތުން ހަލާކުވަނީ… ދެން ބުނޭ!” ކޮނޑު އަރުވާލަމުން މާއިޒް ބުންޏެވެ.
“މާއިޒްއާ ޝާނީ އެދައްކަނީ މެރީ ކުރާ ވާހަކަދޯ؟” ޝިމާއު ބުންޏެވެ.
“ތެދެއް؟” ޝިއުނާ އަހާލިއެވެ.
“ކޮން އިރަކުން؟” ނިޝާ އަހާލިއެވެ.
“އަދި ތި ވާހަކަ ނުދެއްކިގެން މިއުޅެނީ” މާއިޒް ބުންޏެވެ.
ޝިއުނާ މާއިޒްއާ ޝާނީއަށް ބަލާލިއެވެ.
“އޯކޭ! ދެން ޑިސްކަސް ކުރޭ، އަހަރުމެން މިދަނީ ބޭރަށް. ފަހުން އަންނާނަން” ޝިއުނާގެ އަތުގަ ހިފައިގެން ބޭރަށް ނިކުންނަމުން ޝިމާއު ބުންޏެވެ.
“ގުޑްލަކް!” އާސިފްއާ އެކީ ނިކުންނަމުން ނިޝާވެސް ބުނެލިއެވެ.
މާއިޒް ޝާނީއާ ދިމާއަށް ބަލާލިއެވެ.
“ދެން ބުނޭ… ކޮން އިރަކުން މެރީ ކުރާނީ؟” މާއިޒް އެހިއެވެ.
ޝާނީ މާއިޒްގެ މޭގައި ބޯޖައްސާލިއެވެ.
“އަހަރެން ބޭނުމީ ވިހާވެސް އަވަހަކަށް ކުރަން… ހެޔޮ މިއަދު ވިޔަސް މާދަން ވިޔަސް…” ޝާނީ ބުންޏެވެ.
“ތިވަރު މާ އަވަސް، އަހަރެން ބެނުން ވަނީ ޝާނީ މުޅިން ރިކަވަރ ވީމަ ހަމަ ޖެހިލައިގެން ކުރަން… އޭރުން ޝާނީގެ ވެޑިންގ ޝާނީ ބޭނުން ގޮތަކަށް ޕްލޭން ކުރެވޭނީ” މާއިޒް ބުންޏެވެ.
“މިހާރުވެސް އަހަރެން ބޭނުން ގޮތަކަށް ކުރެވިދާނެއެއްނު؟ އެހެން ނޫނަސް އަހަރެން ބޭނުމެއް ނޫން މާބޮޑުކޮށް ޕާޓިއާ އެއްޗެހި ބާއްވާކަށް… މާއިޒްގެ އަނތްބަކަށް ވެވެނިކޮށް އެނިމުނީ” މާއިޒް ލައިގެން ހުރި ގަމީހުގެ ގޮށްތަކާ ކުޅެމުން ޝާނީ ބުންޏެވެ.
“އަހަރެން ބޭނުން ހަނދާން ނުނެތޭނެ ވަރުގެ ބޮޑު ޕާޓީއެއް ބާއްވަން… ހުރިހާ ގޮތަކުންވެސް މިވެޑިންގ ޝާނީއަށް ސްޕެޝަލް ވާން، އަހަރެންނަށް އާ ނޫނަސް މީ ޝާނީގެ ފަސްޓް ވީމަ އެއީ އަހަރެން ޝާނީއަށް ކޮށްދޭން ބޭނުންވާ ކަމެއް” މާއިޒް ޝާނީގެ އަތުގަ ހިފާލަމުން ބުންޏެވެ.
“އެކަމަކު—” ޝާނީ އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް މާއިޒް ޝާނީގެ ތުންފަތުގަ އިނގިލި ޖައްސާލިއެވެ.
“ކަންތައްތަކާ ތިހާ އަވަސް އަރުވާލައިގެން އުޅޭކަށް ނުވާނެ… ހަމަޖެހިބަލަ އިހަށް… މިހުރިހާ ކަމަކާ އަދި ޝާނީ ވިސްނާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން ބޭނުމީ ހުރިހާ ކަމެއްވެސް ޝާނީ އަމިއްލައަށް ޝާނީ ބޭނުންވާ ގޮތަކަށް ކުރަން… އެކަމަކު އަދި ޝާނީ އެހުރިހާ ކަމެއް ކުރާ ވަރަކަށް ރަނގަޅެއް ނުވޭ، މިހާ އަވަހަށް އެހެން އުޅެން ވެއްޖެއްޔާ ކަމަކު ނުދާނެ…” މާއިޒް ޝާނީއަށް ވިސްނައިދިނެވެ.
“ޑޮކްޓަރގެ ލެކްޗަރ ދޯ؟” ހީލާފައި ޝާނީ ބުނެލިއެވެ.
މާއިޒް ޝާނީގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. ޝާނީވެސް މާއިޒްގެ ދެއަތުގަ ހިފާލިއެވެ. އެކަކު އަނެކަކާ ކައިރި ވެލިއެވެ.
ދެމީހުން ސިހުނީ ދޮރުގައި ޓަކި ޖަހާލި އަޑަށެވެ. ދޮރު ހުޅުވާލާފައި ފިރާޒް އެތެރެއަށް ވަނެވެ.
“ޝާނީ… މިހާރު ކިހިނެއްވަނީ؟” އެނދު ކައިރިއަށް އައިސް ފިރާޒް އަހާލިއެވެ.
“ރަނގަޅު…” ޝާނީ ޖަވާބު ދިނެވެ. ފިރާޒް އިތުރު ސުވާލުތަކެއް ކުރިއެވެ. ޝާނީގެ ފަރާތުން ހިތްހަމަ ޖެހޭ ޖަވާބު ލިބުމުން ފިރާޒް މާއިޒްއަށް ބަލާލާފައި ބޯ ޖަހާލިއެވެ.
“މާދަމާ އަދި ޓެސްޓެއް ހަދާލަން ވާނެ… އޭގެ ރިޒަލްޓް ލިބުނީމަ ބަލާފަ އެއްވެސް މައްސަލައެއް ނެތިއްޔާ މާދަން ދޫކޮށްލާނެ” ފިރާޒް އެހެން ބުނުމުން ޝާނީ ބޯޖަހާލިއެވެ.
“އަހަންނަށް ހީވަނީ ދެން މާއިޒްއަށް ބޭސް ކުރަން ފަށަން ވީހެން، ބަލާބަލަ މިހާރު ތިހިރަ މީހެއް… ކަމަކާ ހާސް ވިޔަސް ކަންބޮޑު ވިޔަސް އަމިއްލަ ސިއްހަތަށްވެސް ވިސްނަން ވާނެއެއްނު؟” ފިރާޒް މާއިޒްއަށް ބުންޏެވެ. ޝާނީ ހޮސްޕިޓަލަށް ގެނައި ފަހުން މާއިޒް ހާސްވެ ކަންބޮޑުވީވަރު މާއިޒްގެ ހަށިގަނޑުންވެސް އެނގޭވަރު ވެއެވެ. “އަހަންނަށް ހީވަނީ މާއިޒް—”
“މި ޑޮކްޓަރުންނަކީ ވަރަށް އުނދަގޫ ބޮޑު ބައެއް” ފިރާޒް ބުނަން އުޅުނު އެއްޗެއް ބުނިޔަނުދީ މާއިޒް ބުންޏެވެ.
“އެކަން ވިސްނިއްޖެ ދޯ؟” ޝާނީ މާއިޒްއަށް ބަލާލާފައި ބުންޏެވެ.
“އާނ… އަހަރުމެން ބެހޭނަން ހުރިހާ ކަމަކާވެސް، ދެން އެންމެ ރަނގަޅު، ޝާނީ ބުނެބަލަ! ކޮން އިރަކުން ސައި ލިބޭނީ؟” ފިރާޒް އަހާލިއެވެ.
“އަހަރެން ބޭނުން މިއަދުވެސް ސައި ދޭން، އެކަމަކު މާއިޒް ބުނަނީ އަދި މަޑުކުރާށޭ” ޝާނީ ބުންޏެވެ.
“މާއިޒް ބުންޏަސް އެއީ ތެދެއް، އަދި މަޑުކޮށްލަން އަހަރެންވެސް އެޑްވައިސް ދޭނީ، ވެޑިންގއެއް ޕްލޭން ކުރާ ވަރަށް އަދި ޝާނީ ރިކަވަރއެއް ނުވޭ” ފިރާޒްވެސް މާއިޒްއާ އެއްކޮޅަށް ބުންޏެވެ.
“ދެން މާކަންތައް ބޮޑު ނުކުރިޔަސް އަހަރެން ބޭނުންވާ ކަންތައް ކުރެވިދާނެ” ޝާނީ ޝަކުވާގެ ރާގަކަށް ބުނެލިއެވެ.
“އެކަމަކު އެހާ އާދައިގެ ގޮތަކަށް ކުރާކަށް އަހަރެންގެ ހިތެއް ނުރުހޭ” ޝާނީގެ ކޮނޑުގަ އަތް އަޅުވާ މާއިޒްއާ ކައިރި ކޮށްލަމުން މާއިޒް ބުންޏެވެ.
“ހުރިހާ ކަމަކަށް ވިސްނާފަ އެންމެ ރަނގަޅު ވާނީ އަދި މަހެއްހާ ދުވަހު މަޑުކޮށްލުން… ކިތަންމެ ރުޅި އަޔަސް ޑޮކްޓަރުންގެ ބަސްވެސް އަހަންވާނެ، އަދި އަމްދުން ޝާނީ އެކަމަށް މިހާރުއްސުރެ ފަރިތަ ކުރަން ވާނެ، ޑޮކްޓަރަކާ ވިއްޔަ އިންނަން ތިއުޅެނީ، އެވެސް އެހާ ގޮތްދޫނުކުރާ ޑޮކްޓަރެއް” ފިރާޒް ބުނެލިއެވެ.
“އޭ! ތިއުޅެނީ ޝާނީ ކުރިމަތީގަ އަހަރެންގެ ގޯސް ސިފަތަކުގެ ވާހަކަ ދައްކަންތަ؟” ސަމާސާ ރާގަކަށް މާއިޒް އަހާލިއެވެ.
“މާއިޒްގެ ގޯސް ސިފަތަކާވެސް އެކީ އަހަރެން މާއިޒް ބޭނުމީ… ވިތްއައުޓް އެނީ ޗޭންޖް” ޝާނީ ބުނެލިއެވެ. ޝާނީގެ އެ ޖުމްލައިންވެސް ޝާނީ މާއިޒް ދެކެ ލޯބިވާ ވަރު ފިރާޒްއަށް އެނގުނެވެ.
“މާއިޒް! ދުވަހަކުވެސް ޝާނީ ދޫކޮށް ނުލާތި! އެހާ ވަރަށް މާއިޒް ދެކެ ލޯބިވާނެ ކުއްޖަކު ދެން ނުލިބޭނެ” ފިރާޒް ބުންޏެވެ.
“ދޫކޮށްލާކަށް ނޫނޭ އަތުގަ ހިފީކީ… ދޯ ޝާނީ؟” ޝާނީގެ އަތުގަ ހިފާލަމުން މާއިޒް ބުންޏެވެ.
“އަހަރެން މިހާރު ހާލެއްގަ މިއުޅެނީ… ސެންޓު ކޮޅެއް ޖެހެނީކީ ނޫން، މީރުވަސް ދުވާ ޝަވަރއެއް ނުގަނެވޭ… ކީކޭ ބުނާނީ؟” ބޮލުގަ އަތް ހާކާލަމުން ފިރާޒް ބުންޏެވެ.
“ޒީ ބަނޑުބޮޑުތަ؟” މާއިޒް އަހާލިއެވެ.
“އާނ…!” ފިރާޒް ޖަވާބު ދިނެވެ.
“ނުވެސް ބުނަމެއްނު؟ ކޮން އިރަކު؟” މާއިޒް ޝަކުވާ ކުރިއެވެ.
“އަދި ނުބުނެވި ލަހެއް ނުވެއެއްނު؟ އަދި މަހެއްމިވީ. އެނގުނުތާވެސް އަދި ދެދުވަސް މިވީ” ފިރާޒް ބުންޏެވެ.
“އެހެންތަ؟ ކޮންގްރެޗުލޭޝަންސް! އެހެން ވިއްޔާ ފުރަތަމަ ސައި ދޭންވާނީ ފިރާޒް އިނގޭ!” މާއިޒް ބުންޏެވެ.
“އޯކޭ، އަހަރެން ހަމަ ރެޑީ. އެކަމަކު މިސައިގަ ޝާނީވެސް ވާނެ ބައިވެރި ވާން. ޒީ ކައިރީ ޝާނީގެ ވާހަކަ ބުނިފަހުން އަބަދު ކިޔާ ޝާނީއާ މީޓް ކޮށްދޭށޭ. އެކަމަކު އެކަން ވާނީ މިތަނުން ނިކުމެވިގެނެއްނު ދޯ؟” ފިރާޒް މާއިޒް ބުނި އެއްޗަކަށް އެއްބަސް ވެފައި ބުންނެވެ.
“ފިރާޒްގެ ވައިފްއަށް އުނދަގޫ ނުވަންޏާ ހެޔޮ މިތަނަށް އަޔަސް، އަހަރެން ވެސް ބޭނުން މާއިޒްގެ ފްރެންޑްސްއާ ފްރެންޑް ވާން” ޝާނީ ބުންޏެވެ.
“އާނ، ޒީ ކައިރި ބުނާނަން. އެކަމަކު ޝާހިދު އައިމަ ވާނެ އެންމެން އެކީ ގެޓް ޓުގެދަރއެއް ބާއްވަން” ފިރާޒް މާއިޒްއަށް ބުންޏެވެ.
“ކޮން އިރަކު ޝާހިދުގެ ޗުއްޓީ ހަމަވަނީ؟” މާއިޒް އެހިއެވެ.
“އަންނަ ހަފްތާގަ ނިކުންނާނެހެން ހީވަނީ. ޗުއްޓީ ނެގި ކަންތައް ކުރެވުނު ބާއޭ އަހަރެން ހިތަށް އަރާ…” ފިރާޒް ބުނެލިއެވެ.
“އޭނަ ދުވަހަކު ރަނގަޅެއް ނުވާނެ. ނާދިޔާ ރަނގަޅު ޝާހިދުއާ އެކީ ދިޔަކަންވެސް” މާއިޒް ބުނެލިއެވެ.
“ޝާހިދު ނުވިސްނިޔަސް ނާދިޔާ މަލްއާ މެދު ވިސްނާނެއެއްނު؟” ފިރާޒް ބުންޏެވެ.
“ދެން ދަނީ. ޝާނީ، ރަނގަޅަށް ރެސްޓް ކުރައްޗޭ، އިރާދަ ކުރެއްވިއްޔާ މާދަމާ ގެޔަށް ދެވޭނެ” ފިރާޒް ބުންޏެވެ. އަދި ނިކުތެވެ.

“ކާކު ޝާހިދުއަކީ؟” ފިރާޒް ދިޔުމުން ޝާނީ އެހިއެވެ.
“އެއީ ފްރެންޑެއް. އަހަންނާ ފިރާޒްއާ ޝާހިދު ކިޔަވަން އުޅުނީ އެކީގަ. އެއީ ޝިފޫގެ ޑޮކްޓަރ” މާއިޒް ބުންޏެވެ. އެހެން ބުނެވުމާއެކީ މާއިޒް ޝިފްޒާ މަތިން ހަނދާން ވިއެވެ. އެކަން ޝާނީއަށްވެސް ވިސްނުނެވެ.
“ނާދިޔާ އެއީ ޝާހިދުގެ އަންހެނުންތަ؟” އިރުކޮޅެއް ފަހުން ޝާނީ އަހާލިއެވެ. މާއިޒް ބޯޖަހާލިއެވެ. “ކޮންތާކަށް ދިޔަ ވާހަކައެއް އެބުނީ؟”
“ޝާހިދުއާ ނާދިޔާ މެރީކޮށްގެން އުޅޭތާ މިހާރު ފަސް އަހަރު މިވީ. މިފަސް އަހަރުތެރޭ ޝާހިދު ދެވަނަ ފަހަރަށް އެހެން ކުއްޖަކާ އެ ރައްޓެހިވީ. ކޮންމެ ފަހަރަކުވެސް ނާދިޔާއަށް އެނގުނީމަ ދެން އުޅޭނެ ނާދިޔާ ފަހަތުން އާދޭސް ކުރަމުން. ކުރީ ފަހަރުވެސް ކިރިޔާ ދެމީހުން ވަރި ނުވީ. އަނެއްކާ ތިން މަސް ކުރިން ދެވަނަ ފަހަރަށް ކުއްޖަކާ ރައްޓެހި ވެގެން އުޅޭކަން ނާދިޔާއަށް އެނގުނީމަ ނާދިޔާ ދިޔައީ ގޭން ނިކުމެގެން. އަހަންނާ ފިރާޒް ހާދަ ވަރަކަށް ބުނީމޭ އެހެން ނަހަދާށޭ، ނާދިޔާއަށް އެނގުމުގެ ކުރިން ހުއްޓާލާށޭ. މިހާރު ކުއްޖަކުވެސް އެބައޮތް. ޝާހިދުއަށް ނުވިސްނެނީ ކީށްވެ ބާއޭ އަހަރެން ހިތަށް އަރާ… މަލްއާ މެދުވެސް ވިސްނާލާނަމަ…!” މާއިޒް ޝާނީއަށް ކިޔާދިނެވެ.
“މަލްއޭ؟ ކިހާ ވަރެއްގެ ކުއްޖެއް އެއީ؟” ޝާނީ އަހާލިއެވެ.
“މަލަކް… އަހަރެއް އެވީ އިހަށް ދުވަހު” މާއިޒް ބުންޏެވެ.
“މިހާރު ކޮބާ؟” ޝާނީ އަހާލިއެވެ.
“ދެހަފްތާ ކުރިން ޗުއްޓީ ނަގައިގެން ޝާހިދު ވެއްޖެ ނާދިޔާއާ މަލް ގޮވައިގެން ލަންކާއަށް ގޮސް. އެތައް ވަރަކަށް އާދޭސް ކޮށްގެން މިފަހަރުވެސް ނާދިޔާ ޝާހިދުއަށް މާފު ކުރީ. ދެފަހަރަށްވެސް ނާދިޔާ ޝާހިދުއަށް މާފު ކުރީ އެނަ ޝާހިދު ދެކެ ލޯބިވާތީ ކަން ޝާހިދުއަށް ވިސްނޭ ނަމަ…” މާއިޒް ބުންޏެވެ.
“ހާދަ ގަދަ ފްރެންޑެކޭދޯ؟” ޝާނީ އަހާލިއެވެ.
“އެހެން އުޅުނަސް ފްރެންޑެއް ވިއްޔަ… ކީށްކުރާނީ؟” ޝާނީ ގައިގަ ބައްދާލަމުން މާއިޒް ބުނެލިއެވެ.
“ކޮބާތަ ދޮންތަމެން؟ މިހާރު ދިޔަތާ ކޮން އިރެއް؟” ޝާނީ އަހާލިއެވެ.
ދިހަ ވަރަކަށް މިނެޓް ފަހުން ޝިއުނާމެން އައެވެ.
“ކޮންތާކުން ތިއައީ؟” ޝިއުނާމެން އެތެރެއަށް ވަނުމާއެކު ޝާނީ އަހާލިއެވެ.
“އަހަރުމެން ތިބީ މިތާ މޫދު ކައިރީ. ދެން ބުނެބަލަ… މިހާރު ރަނގަޅަށް ޑިސްކަސް ކުރާނެ ވަގުތު ލިބިއްޖެއެއްނު؟ ކޮންގޮތަކަށް ނިމުނީ؟” ޝިއުނާ އެހިއެވެ.
“އަދި ހަމަސް ފަހުން މެރީ ކުރާނީ. އެވަރު ރަނގަޅުތަ؟” މާއިޒްއާ ދިމާއަށް ބަލާފަ އެއްލޯ މަރާލަމުން ޝާނީ އެހިއެވެ.
“މާލަސް…” ޝިއުނާއާ ނިޝާ އެއްފަހަރާ ބުނެލިއެވެ.
“އާނ… ދެން ދޮންތަމެން ތިހާ ބޭނުމިއްޔާ އެއްމަސް ފަހުން ކުރާނީ ދޯ؟” ޝާނީ މާއިޒްއާ ދިމާއަށް ބަލާލަމުން ބުނެލިއެވެ.
“ތިވަރު ރަނގަޅު” ނިޝާގެ އަތުގަ ހިފާ ސަލާން ކޮށްލަމުން ޝިއުނާ ބުންޏެވެ.
އަނެއް ދުވަހު ޝާނީ ހޮސްޕިޓަލުން ދޫކޮށްލިއެވެ. ހަމަ އެދުވަހު މާއިޒް، ގޭމީހުން ގާތު ޝާނީގެ ވާހަކަ ބުންޏެވެ. އަދި އެއްމަސް ފަހުން ޝާނީއާ ކައިވެނި ކުރާ ވާހަކަވެސް ބުންޏެވެ. މާއިޒްގެ އެނިންމުމާ މެދު މާއިޒްމެންގޭ މީހުންވެސް ވަރަށް އުފާ ވިއެވެ.
ޝިފްޒާ މަރުވިތާ ދެއަހަރު ވީނަމަވެސް މާއިޒް ޝިފްޒާގެ މަންމައާ ބައްޕައަށް ގުޅާ ހާލު ބަލާ ހަދައެވެ. އަދި ދޭތެރެ ދޭތެރެއިން އެގެޔަށް ގޮސްވެސް ހަދައެވެ. އާބިދާއާ ޝާކިރުގެ އެހެން ކުއްޖެއް ނެތުމާވެސް އެކު އެދެމަފިރިން މާއިޒް ދެކެނީ ދަރިއެއް ފަދައިންނެވެ. މާއިޒްވެސް މައިދައިތައާ ބަފާބެގެ ހާލު ބަލާ އެހީވެދީ ހަދަނީ އަމިއްލަ މައިން ބަފައިން ކަމުގައި ދެކިގެންނެވެ.

އަލުން ކައިވެންޏެއް ކުރަން އުޅޭ ވާހަކަ ބުނަން މާއިޒް ޝިފްޒާމެން ގެޔަށް ދިޔައީ ހަފްތާއެއް ފަހުންނެވެ. އެވާހަކަ އަޑު އިވުމުން އާބިދާއާ ޝާކިރުވެސް ވަރަށް އުފާ ވިއެވެ.
“ތިކަމަށް މިހާރު މާލަސްވެސް ވެއްޖެ، ވަރަށް އުފާ ވެއްޖެ މާއިޒް ތިދިން ހަބަރަކުން. މިހާރު ޝިފްޒާއެއް ނެތް، އެކަމަކު އެހެން މީހުންގެ ދިރިއުޅުން އަދި ކުރިޔަށް އޮތީ. މާއިޒްގެ ތި އުފަލުގަ މަންމައާ ބައްޕަ ބައިވެރި ވާނަން، ހިތުގެ އަޑިން މާއިޒްއަށާ މާއިޒް ކައިވެނި ކުރަން ތިއުޅޭ ކުއްޖާއަށް މަރުހަބާ ކިޔަން. އުފާވެރި ދިރިއުޅުމަކަށް އެދެން” ޝާކިރު ބުންޏެވެ.
މާއިޒް އެއްޗެއް ނުބުނެ އިސްޖަހާލައިގެން އިނެވެ. އެތައް ދުވަހެއް ފަހުން ޝިފްޒާ މަތިން ހަނދާން ވުމުން ދެރަވިއެވެ. ކުރިންވެސް ވާހެން މެއަށް ފާޑަކަށް ތަދުވިއެވެ. ހުސްކަމެއް އިހުސާސް ކުރެވުނެވެ.
“މާއިޒް، ދެރަނުވޭ. އާދިރިއުޅުމެއް ފަށާއިރު ތިހެން ޝިފްޒާ މަތިން ހަނދާންކޮށް ދެރަވެގެން ކަމަކުނުދާނެ. ހަނދާން ވާނެ، ދެރަވެސްވާނެ… އެކަމަކު އެހަނދާން ތަކުން ހަޔާތަށް ތިހެން އަސަރު ކުރިޔަ ދީގެން ނުވާނެ” އާބިދާ މާއިޒްގެ ބޮލުގަ ފިރުމާލަމުން ބުންޏެވެ.

އާބިދާއާ ޝާކިރު ވެސް މާއިޒްގެ ކައިވެންޏަށް ތައްޔާރު ވުމުގައި އެހީވެދިނެވެ. އެމިހުންނާ ޝާނީ ބައްދަލުވެ އެދެފަރާތް ވަރަށް ގުޅުނެވެ. ޝާނީއާ ޝިފްޒާއާ ހުރި އެއްގޮތް ކަން އެމީހުންނަށްވެސް ފާހަގަ ކުރެވި ޝާނީއާ ވަރަށް ރުހެވުނެވެ. ގިނަ ދުވަހެއް ނުވެ އެމީހުންގެ ހިތުން ދަރިއެއްގެ މަގާމު ޝާނީ ހޯދިއެވެ.

މަހެއް ފަހުން މާއިޒްއާ ޝާނީގެ ކައިވެނި ވަރަށް ކުލަގަދަކޮށް ކުރެވުނެވެ. ޕާޓީ ނިމިގެން މާއިޒްމެން ގެޔަށް އައިސް ޝާނީ މާއިޒްއާ އެކީ ކޮޓަރިއަށް ވަނެވެ.
އެނދުގެ ހެޑްބޯޑް މަތީގައި ހުރި ޝިފްޒާގެ ފޮޓޯފްރޭމް މާއިޒްއަށް ފެނުނީ އެވަގުތުއެވެ. މާއިޒް ގޮސް އެ ފްރޭމް ނަގާ ސައިޑް ޓޭބަލްގެ ވަތްގަނޑަށް ލާން އުޅުނެވެ.
“މާއިޒް، މަޑުކޮށްބަލަ…” އެވަގުތު ޝާނީ ގޮވާލިއެވެ. މާއިޒް ޝާނީއަށް ބަލާލިއެވެ. ޝާނީ އައިސް މާއިޒްގެ އަތުން ފްރޭމް ނަގާ އަލުން ހެޑްބޯޑް މަތީ ބެހެއްޓިއެވެ.
“އެ ފޮޓޯ ހުންނާނީ އެތާ. އަހަރެން މާއިޒްގެ އަނތްބަކަށް ވިޔަސް މާއިޒްގެ ހިތުން، ދިރިއުޅުމުން އަދި މިކޮޓަރިންވެސް ޝިފްޒާގެ އެއްވެސް ހަނދާނެއް ބޭރު ކުރާކަށް ނުޖެހޭނެ. އަހަރެން އަބަދުވެސް ގަބޫލު ކުރާނަން އެއީ މާއިޒްގެ ފުރަތަމަ އަންހެނުން ކަން، މާއިޒް އޭނަ ދެކެ ލޯބިވާކަން. ހަމަ އެއާއެކީ އަހަންނަށް އެނގޭ މާއިޒް އަހަރެން ދެކެ ލޯބިވާކަންވެސް…
އަހަރެން ނުބުނާނަން ޝިފްޒާ މަތިން ހަނދާން ނައްތާލާށެކޭ، އެނަން ހިތުން ފޮހެލާށެކޭވެސް ނުބުނާނަން. އަހަރެން ދެކެ ލޯބިވާކަން އެގޮތަށް ސާބިތު ކުރާކަށް ނުޖެހޭނެ މާއިޒްއަކަށް… އަހަރެން ދެކެ މާއިޒް ލޯބިވާކަން އަހަންނަށް އިހްސާސް ކުރެވެންޏާ އެނިމުނީ” މާއިޒްގެ ދެއަތުގަ ހިފަހައްޓާލައިގެން ހުރެ ޝާނީ ބުންޏެވެ.
ޝާނީގެ ވާހަކަ އަޑު އަހާފައި ބުނާނެ އެއްޗެއް މާއިޒްއަކަށް ނޭނގުނެވެ.

“ތޭންކްސް!” މާއިޒް ބުނެލިއެވެ. “ޝާނީ ހާދަ ރަނގަޅޭ، އަހަރެން ހިއެއް ނުކުރަން އަހަންނަށް މިހާ ރަނގަޅު ނަސީބެއް ލިބިދާނެކަމަކަށް… ޝާނީ ތީ އަހަރެންގެ ނަސީބު… އަހަރެންގެ ލައިފް…” ޝާނީ ގައިގަ ބައްދާލަމުން މާއިޒް ބުނެލިއެވެ.
“އައި ލަވް ޔޫ…” ޝާނީ ބުންޏެވެ.
“ލަވް ޔޫ ޓޫ…” ޝާނީގެ ދަތްދޮޅީގަ އިނގިލި ޖައްސާ އުފުލާލަމުން މާއިޒް ބުންޏެވެ.
“މާއިޒް…” ޝާނީ ގޮވާލިއެވެ.
“ޝްޝްޝް… ދެން ހެޔޮ… ނޯމޯ ޓޯކިންގ… އެކްޝަން ޓައިމް…!” ދެއަތް މައްޗައް ޝާނީ ނަގަމުން މާއިޒް ބުނެލިއެވެ. ޝާނީގެ ހުނުމުގެ އަޑު ކޮޓަރި ތެރޭން އިވުނެވެ.

ނިމުނީ

79

8 Comments

 1. lillygirl

  November 16, 2015 at 1:43 pm

  v salhi marsha

 2. SARA

  November 16, 2015 at 2:04 pm

  V salhi mi story.. v v v v v salji

 3. isha

  November 16, 2015 at 2:40 pm

  varah reethi lolunkaruna athuveghe

 4. isha

  November 16, 2015 at 2:41 pm

  mashah ves mihaa loabi firieh libeynenama

 5. azra

  November 16, 2015 at 3:56 pm

  varah reethi

 6. aafi

  December 2, 2015 at 11:33 pm

  Marsh ehn story eh nei tha??

 7. modu

  December 11, 2015 at 2:43 pm

  Habeys igey??????

 8. roassy

  January 21, 2016 at 11:21 pm

  v.asaru gadha vaahaka eh.abin dheke eha loabiva firin ulheynama kn fadha

Comments are closed.