
ވަކިވީ އަސަރާ މަންޒަރު… 4
“ހިތުގަ އޮންނަ އެއްޗެއް ބުނަން އެހާ ފަސް ޖެހޭ ކުއްޖެއްތަ ތީ؟ އަޅެ ބުނެބަލަ، ވާ ގޮތެއް އެނގިދާނެއެއްނު؟” ޝާނީ ބުނާ ކޮންމެ އެއްޗަކަށް ހިތާހިތުން ތައްޔާރު ވެލަމުން މާއިޒް ބުންޏެވެ. ނަމަވެސް ޝާނީ އެއްޗެއް ނުބުންޏެވެ.
“ޝާނީ…؟ ކީށްވެތަ އެއްޗެއް ނުބުނެ ތީނީ؟” މާއިޒް ފުރަތަމަ ފަހަރަށް ޝާނީގެ ނަމުން މުޚާތަބް ކުރިއެވެ.
ޝާނީ ހީލިއެވެ. މާއިޒްގެ ދުލުން ޝާނީގެ ނަން ބުނި އަޑު އިވުމުން ބުނެދޭން ނޭނގޭ ހަމަޖެހުމެއް ހިތަށް ލިބުނެވެ.
“ކޮންކަމަކާ ތި ހިނި އައީ؟” މާއިޒް އަހާލިއެވެ.
“އެނގޭތަ؟ މާއިޒް ފުރަތަމަ ފަހަރަށް އަހަރެންގެ ނަން ތިބުނީ” ޝާނީ ބުންޏެވެ.
“އެހެންތަ؟ އަހަރެން ޝާނީގެ ނަން ނުކިޔާ ކަމެއް އަހަންނަކަށް ފާހަގައެއް ނުކުރެވޭ” މާއިޒް ބުންނެވެ.
“އަހަންނަށް ކުރެވޭ” ޝާނީ ބުންޏެވެ.
“ދެން ވާހަކަ ބަދަލު ނުކޮށް ޝާނީގެ ހިތުގަ އޮތް އެއްޗެއް ބުނެބަލަ!” މާއިޒް ބުންޏެވެ.
“ކީށް ކުރަން އެހާ ވަރުން އެއެއް ބަލަން ތިއުޅެނީ؟” ޝާނީ އަހާލިއެވެ. މާއިޒް ޖަވާބެއް ނުދީ ޝާނީއަށް ބަލަން އިނެވެ. “އަސްލުވެސް މާއިޒް ހިތްހަމައެއް ނުޖެހޭނެ” ޝާނީ ބުންޏެވެ.
“ހެވޭ، ބުނެބެލަ…” މާއިޒް ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ.
“އެންމެ ރަނގަޅު… އަހަރެން މިތަން ދެކެ ފޫއްސެއް ނުވޭ” ޝާނީ ބުންޏެވެ.
“ތިހެންތަ މިހުރިހާ އިރު ނުބުނަން ތިއުޅުނީ؟ ހާދަ ހީ ނުވެޔޭ، އެކީ ބުނެބަލަ!” ހީލާފައި މާއިޒް ބުންޏެވެ.
ޝާނީ މާއިޒްއަށް ބަލާލިއެވެ. ކޮންމެ ގޮތެއް ވިޔަސް މިއަދު ހުރިހާ ވާހަކައެއް ބުނަން ނިންމިއެވެ.
“މިތަން ދެކެ ފޫއްސެއް ނުވޭ، އެއީ މިތަނުން ނޫނިއްޔާ މާއިޒް ފެންނާނެހެން ހީނުވާތީ… އަހަރެން… އަހަރެން މާއިޒް ދެކެ ލޯބި ވާތީ… އަދި—”
“ޝްޝްޝް….” ޝާނީ އެހިސާބަށް ބުނި އިރަށް މާއިޒް އަތް ހިއްލާލާފައި ބުންޏެވެ. ޝާނީ ހިތުގަ އޮތް އެއްޗެއް ބުނަން ފަސް ނުޖެހޭނެކަން މާއިޒްއަށް އެނގެއެވެ. ނަމަވެސް މާއިޒްދެކެ ލޯބިވާ ކަން އެގޮތަށް މާއިޒްގެ ކުރިމަތީގައި ފާޅު ކުރަން ކެރޭނެ ކަމަކަށް މާއިޒް ހިޔެއް ނުކުރެއެވެ.
“ޝާނީއަށް އަހަރެން އެނގެނީ ކިހާ ވަރަކަށް؟ އަހަންނަކީ ކޮންކަހަލަ މީހެއް ކަމެއް، ކިހިނެއް އުޅޭ މީހެއް ކަމެއް ޝާނީއަށް އެނގޭތަ؟” މާއިޒް އަހާލިއެވެ.
“ތީ ޑޮކްޓަރެއް، ބަލި މީހުންނަށް ފަރުވާދޭ މީހެއް، އަހަންނަށް އެވަރު އެނގޭ” ޝާނީ ބުންޏެވެ.
“އަހަރެންގެ އަމިއްލަ ދިރި އުޅުމާ ބެހޭ ގޮތުން އެނގެނީ ކޯޗެއް؟” މާއިޒް އެހިއެވެ.
ޝާނީ އެއްޗެއް ނުބުނެ ކަންފަތުލާ އެއްޗާ ކުޅެން ފެށިއެވެ.
“ތީ އަބަދުވެސް ކުރާ ކަމެއްތަ؟” ޝާނީ ކަންފަތުލާ އެއްޗާ ކުލެން ފެށުމުން އުނދަގޫ ވެގެން މާއިޒް އަހާލިއެވެ.
ޝާނީ އަތް ތިރި ކޮށްލާފައި މާއިޒްއަށް ބަލާލިއެވެ.
“ކީށްވެތަ އަހަރެން މިހެން ހަދާތީ ތިހާ ކަންބޮޑު ވަނީ؟ މާއިޒް ދަންނަ ކާކުތަ އެހެން ހަދަނީ؟” ޝާނީ އެހިއެވެ.
“ޖަވާބު ބޭނުންތަ؟” މާއިޒް އަހާލިއެވެ. ޝާނީ ބޯ ޖަހާލިއެވެ.
މާއިޒް ލޯމަރާލިއެވެ. ޝިފްޒާ ކޮންމެވެސް ކަމަކަށް ގެއްލި އެއްއަތުން ކަންފަތުލާ އެއްޗާ ކުޅެލަކުޅެލާ އިންދާ ފެނުނެވެ.
“އެއީ…” މާއިޒް ލޯ ހުލުވާލާފައި ޝާނީއަށް ބަލާލިއެވެ. “އެއީ އަހަރެންގެ ވައިފްވެސް ކަމަކާ ވިސްނާ އިރު، ގެއްލިފަ އިންނަ އިރު ކުރާ ކަމެއް” މާއިޒް ބުންޏެވެ.
ޝާނީއަށް ބުނާނެ އެއްޗެއް ނޭނގި މާއިޒްއާ ދިމާއަށް ބަލަހައްޓައިގެން އިނދެވުނެވެ. ގަބޫލު ނުކުރެވިފައެވެ.
“ގަބޫލު ނުކުރެވެނީތަ؟” މާއިޒް އެހިއެވެ. ދެންވެސް ޝާނީ އެއްޗެއް ނުބުނެއެވެ. މާއިޒް ޖީބުން ވޮލެޓް ނަގާ، ޝާނީއަށް ފޮޓޯއެއް ދައްކާލިއެވެ. ޝާނީ ފޮޓޯ ނަގާ ބަލާލިއެވެ. އެ ފޮޓޯއިން އެއީ އެދެމީހުންގެ ކައިވެނި ޕާޓީގެ ފޮޓޯއެއްކަން ޝާނީއަށް އެނގުނެވެ.
“ހައަހަރު ކުރިން އަހަރުމެންގެ ވެޑިންގގަ ނަގާފަ އިން ފޮޓޯއެއްތީ” މާއިޒް ބުންޏެވެ.
ފޮޓޯ ފެނުމުން ޝާނީއަށް ޔަގީން ކުރެވުނެވެ. ރޮވެން ފެށިއެވެ. މާއިޒް އަތަށް ފޮޓޯ ދީފައި އިސް ޖަހާލިއެވެ. އަދި ލޮލުން އައި ކަރުނަ ފޮހެލިއެވެ.
ޝާނީ ރޯތަން ފެނުމުން މާއިޒްގެ ހިތަށް އުނދަގޫ ވިއެވެ.
“ސޮރީ!” މާއިޒް ބުންޏެވެ.
“މާފަށް އެދެންވީ އަހަރެން، މާއިޒްއެއް ނޫން” ލޯ ފޮހެލާފައި ޝާނީ ބުންޏެވެ. “ސޮރީ، އަހަރެންނަކަށް ނޭނގެ މާއިޒް މެރިޑް ކަމެއް”
“އެއީ އަދި ހާފް…” މާއިޒް ބުންޏެވެ.
“ކިޑްސް؟” ޝާނީ އަހާލިއެވެ.
“އެހާ ލަކީއެއް ނޫން…” ބޯ ހަލުވާލަމުން މާއިޒް ބުންޏެވެ.
“އެހެންވިއްޔާ ގުޑްލަކް!” ޝާނީ ތެދުވިއެވެ. “ދެން އިރާދަ ކުރެއްވިއްޔާ މާއިޒްއަށް އުނދަގުލެއް ނުކުރާނަން، ނުވެއްޓި ވޭތޯ ބަލާނަން” މޭޒުމަތީ އޮތް ބޭސްސިޓީ ނަގައިގެން ހިނގައިގަންނަމުން ޝާނީ ބުންޏެވެ.
“މިއަދު މީ ޝިފްޒާ މަރުވިތާ އެއް އަހަރާ ހަތަރު މަސް ވީ ދުވަސް” ޝާނީއަށް ދޮރާ ހަމައަށް ނުދެވެނީސް މާއިޒް ބުނެލިއެވެ. އެ ޖުމްލަ އަޑު އިވުމާ އެކު ޝާނީއަށް ހުއްޓެވުނެވެ. މަޑުމަޑުން އެނބުރި މާއިޒްއާ ދިމާއަށް ބަލާލިއެވެ. މާއިޒް ވޮލެޓްގަ އިން ފޮޓޮއަށް ބަލަން އިނެވެ. ޝާނީ ބުނާނެ އެއްޗެއް، ހަދާނެ ގޮތެއް ނޭނގި ހުރި ތާނގައި ހުއްޓެވެ.
“އަހަރެން ވަރަށް ލޯބިވޭ ޝިފްޒާދެކެ… މިހާރުވެސް… މިދިޔަ އަހަރަކަށް ވުރެން ގިނަ ދުވަސް ތެރޭ ޝިފްޒާ މަތިން ހަނދާން ނުވާ އެންމެ ދުވަހެއް، އެންމެ މިނަޓެއް ވެސް ނުދޭ… މިހާރުވެސް ހީވަނީ ޝިފްޒާ އަހަންނާ ވަކިވީ ހަމަ ދެންމެ ހެން” މާއިޒް ޝާނީއާ ދިމާއަށް ބަލާލާފައި މޭގަ އަތް ޖައްސާލިއެވެ. “އަދިވެސް އެ ރިހުމެއް ނުފިލާ، މޭގެ އެތެރެ ހީވަނީ ހުސްކޮށް އޮންނަހެން… ހަނދާން ވީމަ… ޕެއިން…” މާއިޒް ލޯމަރާލިއެވެ. “ނޭނގެ ބުނެދޭކަށް… ހިއެއް ނުވޭ ދުވަހަކުވެސް މި ޕެއިން ލުއިވާނެ ހެނެއް…” މާއިޒް ބުންޏެވެ.
ލޮލުން ކަރުނަ އަންނަކަންވެސް އިހްސާސް ނުވެ ޝާނީ އަޑުއަހަން ހުއްޓެވެ.
“ކޮންމެ މީހަކަށްވެސް ކޮންމެ ކަމެއްގަވެސް ކޮންމެވެސް އުންމީދެއް އޮންނާނެ، އަދި ފަހުން ވާނެޔޭ، އަދި މަސައްކަތް ކޮށްލަނިކޮށް ކާމިޔާބު ވެދާނެޔޭ، ކޮންމެސް ގޮތަކަށް ކޮންމެސް ކަމެއް ކުރީމަ ބޭނުން ވާ ނަތީޖާ ލިބޭނެޔޭ…
އެކަމަކު އަހަންނަށް އެއްވެސް އުންމީދެއް ނެތް، ކިތަންމެ ބޭނުން ވިޔަސް ދެން ޝިފްޒާއެއް ނުލިބޭނެކަން ޔަގީން، ދުވަހަކުވެސް ނުލިބޭނެ… އެހެންވެ އަހަރެން ބޭނުން ވަނީ ވީހާވެސް ގިނަ ދުވަހަކު އެ ހަނދާންތަކާ އެކީ އުޅެން…” މާއިޒް ޝާނީއާ ދިމާއަށް ބަލާލީ ފެންކަޅި ވެފައިވާ ލޮލަކުންނެވެ.
“އަހަރެން ދޮގެއް ނަހަދާނަން. ޝާނީއާ ދިމާވި ފަހުން އަހަންނަށް ޝާނީއާ ދޭތެރޭ ވިސްނޭ، އަހަންނަށް ޝާނީއާ ޝިފޫ ވަރަށް އެއްގޮތް، ޝާނީއާ ދޭތެރޭ އަހަރެންގެ ހިތުގަ ކޮންމެވެސް ފީލިންގްސް ތަކެއް ވެސް ވޭ، ގަބޫލު ކުރަން އެކަން، އެކަމަކު ޝާނީ މަތިން ހަނދާން ވިޔަސް އަހަންނަށް ހީވަނީ ޝިފޫއަށް ބޭވަފާތެރި ވެވޭހެން، އޭނައަށް އޮޅުވާ ލެވޭހެން… އެހާ އަވަހަށް ޝިފްޒާ މަތިން ހަނދާން ނައްތާލާފަ އަހަރެން އެހެން މީހަކާ އެކީ… އެކަމެއް ނުވާނެ އަހަންނަކަށް… ހިތަށް އެރިޔަސް ދެރަވޭ… އެހެން މީހަކާމެދު ވިސްނާކަށްވެސް އަހަރެން ބޭނުމެއް ނޫން…
އަހަރެންގެ ހިތުގަ ޝާނީއާ މެދު ކޮންމެ ކަހަލަ އިހްސާސް ތަކެއް ވިޔަސް އަހަންނަށް އަދި ޝިފްޒާ މަތިން ހަނދާން ނައްތައެއް ނުލެވޭނެ… ބޭނުމެއްވެސް ނޫން… އަހަރެންގެ ހިތުން ޝިފޫގެ މަގާމު ދުވަހަކުވެސް އެހެން މީހަކަށް ދޭކަށް ބޭނުމެއް ނޫން…” މާއިޒް ލޯ ފޮހެލާފައި ޝާނީއާ ދިމާއަށް ބަލާލިއެވެ.
މާއިޒްގެ ވާހަކައިން މާއިޒްގެ ހިތަށް ކުރަމުންދާ އަސަރު ޝާނީއަށް އިޙްސާސް ކުރެވެއެވެ. މާއިޒްގެ ހިތާމައިގެ ސަބަބު ވިސްނުނު ވަރަކަށް ޝާނީގެ ހިތް މާއިޒްއަށްޓަކައި ރޮމުން ދިޔައެވެ. ނަމަވެސް މާއިޒްގެ ކޮންމެ ޖުމްލައަކާއެކު ޝާނީގެ ހިތަށް ދިޔައީ އިތުރު އަނިޔާތަކެއް ލިބެމުންނެވެ. ޝާނީގެ ހިތުގައިވާ އުންމީދުގެ ހުޅުކޮޅު ދިޔައީ ފަނޑު ވަމުންނެވެ.
“ނޭނގިގެން ނަމަވެސް އަހަރެންގެ ފަރާތުން ވީކަމަކަށް ވިއްޔާ އަހަރެން މާފަށް އެދެން، ވެދާނެ ޝާނީ އަހަންނާމެދު ތިގޮތަށް ދެކެން ފެށީ އަހަންނަށް ކުރެވުނު ކަމަކުން ކަމަށް، ނޫނީ އަހަންނަށް ބުނެވުނު އެއްޗަކުން ކަމަށް ވެސް… އެހެން ވިޔަސް އަހަރެން މާފަށް އެދެން… އަހަރެން…”
ޝާނީއަކަށް އިތުރަކަށް އަޑެއް ނޭހުނެވެ. ޓިޝޫއަކުން މޫނު ފޮހެލާފައި ޝާނީ ދޮރު ހުޅުވާލާފައި ނިކުތެވެ.
ޝާނީ ދިޔުމުން މާއިޒް އިރުކޮޅެއް ވަންދެން ދޮރާ ދިމާއަށް ބަލަން އިނެވެ. ވޮލެޓް ހުޅުވާލާފައި އޭގައިން ފޮޓޯއަށް ބަލާލިއެވެ.
“ސޮރީ ޝިފޫ…” ފޮޓޯގައި ބޮސްދެމުން މާއިޒް ބުނެލިއެވެ. މާއިޒް ކަންތައް ކުރީ ރަނގަޅަށް ކަން މާއިޒްއަށް އެނގެއެވެ. ނަމަވެސް ޝާނީ ދިޔުމުން ހިތަށް ވެރިވި ނުތަނަވަސް ކަމުގެ މާނައެއް މާއިޒްއަކަށް ނުވިސްނުނެވެ.
ޝާނީ ގެޔަށް ގޮސް ވަރަށް ރުޔެވެ. ލޯބި ނުލިބުމަކީ ކިހާވޭނެއް ހުރިކަމެއް ކަން މިއަދު ޝާނީއަށް އެނގިއްޖެއެވެ. ނިޝާ އަހާއަހާވެސް ވީގޮތެއް ޝާނީ ނުބުންޏެވެ. އެތައް އިރަކު ރޮއެރޮއެފައި ނިޝާ ކިޔާވަރުން ހަވީރު ޝިއުނާމެން ގެޔަށް ދިޔައީ ގޭގަ އޮންނަ ހިތް ނުވެގެންނެވެ. ޝިއުނާވެސް ޝާނީ ފެނުމުން ސުވާލު ކުރަން ފެށިއެވެ. އެންމެ ފަހުން ޝާނީ ޝިއުނާއަށް ހުރިހާ ވާހަކައެއް ކިޔާދިނެވެ.
******************
ދުވަސްތައް ދިޔަ ވަރަކަށް މާއިޒް މަޑުމަޑުން ޝިފްޒާގެ ހަނދާންތަކާ ދުރުވިއެވެ. ހިތާމަ ލުއިވިއެވެ. ހިތުގެ ރިހުން ކުޑަވިއެވެ. ނަމަވެސް އެ ހިތުގައި ޝާނީގެ ހަނދާން ހަރުލާފަ ހުއްޓެވެ. މާއިޒް ޝާނީއަށް ޝިފްޒާގެ ވާހަކަ ކިޔާދިން ފަހުން އަށްމަސް ވީ އިރުވެސް އެކަކު އަނެކަކާ ދިމައެއް ނުވެއެވެ.
ޝިއުނާ ވިހެއުމުން ޝާނީ ދެމަހެއްހާ ދުވަހަށް ޝިއުނާމެން ގެޔަށް ބަދަލު ވީ ޝިއުނާއަށް އެހީތެރި ވެދޭށެވެ. އެ ދުވަސް ކޮޅު ޝާނީ މާއިޒްގެ ހިޔާލު ތަކާ ކޮންމެވެސް ވަރަކަށް ދުރުވިއެވެ.
އެއްދުވަހެއްގެ ރެއެކެވެ. ޝާނީއާ ޝިއުނާ ނުކުތީ ކުޑަކޮށް ބާޒާރު ކޮށްލާށެވެ. އެކިއެކި ފިހާރަތަކުން އެކިއެއްޗެހި ގަންނަމުން ޝިއުނާއަށް މާރީތި ގަމީސްތަކެއް ހުރި ފިހާރައެއް ފެނުމުން ޝިމާއުއަށް ގަމީހެއް ގަންނަން ޝިއުނާ އެ ފިހާރައަށް ވަނެވެ. ހުރިހާ ގަމީހެއްވެސް ރީތި ކަމުން ޝިއުނާއަށް ނަގާނެ ގަމީހެއް ނޭނގުނެވެ.
“ހުރިހާ ގަމީހެއްވެސް ރީތި، މަށަކަށް ނޭނގެ މިތަނުން ނަގާނެ އެއްޗެއް…”ޝިއުނާ ބުންޏެވެ.
“ދޮންތަ މިތަން ބަލާ، މަ އެބަ އަންނަން އެކޮޅު ބަލާފަ” ޝާނީ ބުންޏެވެ. އަދި އެހެން ދިމާއަކަށް ގޮސް ގަމީސް ތަކެއް ބަލަން ފެށިއެވެ. އެތަނުން ޝާނީއަށް ރީތިވި ދެގަމީސް ދެއަތަށް ނަގައިގެން ޝިމާއުއާ ބޮޑަށް ގުޅޭނީ ކޮން ގަމީހެއްބާއޭ ހިތަށް އަރައަރާ ހުއްޓެވެ.
“އަހަންނަށް ރީތީ ގްރީން ގަމީސް…” ދެގަމީސް ދެއަތަށް ނަގައިގެން ހުއްޓާ މީހަކު ބުނި އަޑަށް ޝާނީ ސިހިފައި އެނބުރި ބަލާލިއެވެ.
މާއިޒްވެސް އެ ފިހާރައަށް ވަނީ ގަމީހެއް ގަންނާށެވެ. ގަމީހެއް ނަގައިގެން ހިނގައިގަތް ތަނުން ޝާނީ ފެނުމުން މާއިޒް އިރުކޮޅަކު ބަލަން ހުރެފައި ގޮސް ޝާނީގެ ފަހަތުގައި މަޑުކޮށްލައިގެން ހުރީއެވެ.
ކުއްލިއަކަށް އެހާ ދުވަސް ފަހުން މާއިޒް ފެނުމުން ޝާނީއަށް ބަލަހައްޓައިގެން ހުރެވުނެވެ.
“ކާކަށް ގަމީސް ގަންނަން އައިސް ތި އުޅެނީ؟” ޝާނީ އެއްޗެއް ނުބުނެ ހުރުމުން މާއިޒް އަހާލިއެވެ.
“މީ… ދޮންތަ… ދޮންތަބެއަށް ގަމީސް ގަންނަން ވެގެން…” ޝާނީ ހުއްޓަމުން ބުންޏެވެ.
“އެކަނި؟” މާއިޒް އަހާލިއެވެ. ޝާނީއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ޝިއުނާ އައިސް ޝާނީއަށް ގޮވާލިއެވެ.
“ދޮންތައާ އެކީ…” ޝިއުނާ ދައްކާލަމުން ޝާނީ ބުންޏެވެ. ޝިއުނާއަށް މާއިޒް ފެނުނީ އެވަގުތުއެވެ.
“ދޮންތާ، މީ… އޭރު އަހަރެން ދެއްކި ޑޮކްޓަރ…” ޝާނީ ޝިއުނާއަށް މާއިޒް ތައާރަފް ކޮށްދިނެވެ.
“މާއިޒް” ޝިއުނާއާ ދިމާއަށް އަތް ދިއްކޮށްލަމުން މާއިޒް ބުންޏެވެ.
“ޝިއުނާ” އެއީ ކޮން މާއިޒްއެއް ކަން ޝިއުނާއަށް ވަގުތުން އެނގުނެވެ. މާއިޒްއާ ސަލާން ކޮށްލަމުން ޝިއުނާ ވެސް ނަން ބުންޏެވެ. އަދި ޝިއުނާގެ އަތުގަ އޮތް ގަމީސް ޝާނީއަށް ދައްކާލިއެވެ. “ރީތިތަ؟” ޝިއުނާ އަހާލިއެވެ.
“މަށަށް ރީތީ މީތި” އަތުގަ އޮތް ފެހި ކުލައިގެ ގަމީސް ދައްކާލަމުން ޝާނީ ބުންޏެވެ.
“އެހެން ވިއްޔާ ދޭތި ނަގާނީ” ޝިއުނާ ބުންޏެވެ. އަދި މާއިޒްއަށް ބަލާލިއެވެ. “މާއިޒްވެސް ތިއުޅެނީ ގަމީހެއް ގަންނަންތަ؟ ޝާނީއަށް އެނގޭނެ ވަރަށް ރީތި ގަމީސް” ޝިއުނާ ބުންޏެވެ. އަދި ޝާނީގެ އަތުގަ އޮތް ފެހިކުލައިގެ ގަމީސް އަތުލައިގެން ކައުންޓަރާ ދިމާއަށް ހިނގައިގަތެވެ.
ޝާނީ އެއްޗެއް ނުބުނެ ޝިއުނާއާ ދިމާއަށް ބަލަން ހުއްޓެވެ.
“އަސްލު ތި ގަމީސް ވަރަށް ރީތި” ޝާނީގެ އަތުގަ އޮތް ގަމީހާ ދިމާއަށް އަތް ދިއްކޮށްލަމުން މާއިޒް ބުންޏެވެ. ޝާނީ އެ ގަމީސް މާއިޒް އަތަށް ދިނުމުން އަތުގަ އޮތް ގަމީސް ބާއްވާފައި މާއިޒް ވެސް ކައުންޓަރާ ދިމާއަށް ހިނގައިގަތެވެ. ޝާނީވެސް މާއިޒްގެ ފަހަތުން ދިޔައެވެ.
ތިން މީހުން އެކީގައި ފިހާރައިން ނިކުމެ ދޮރުމަތީ މަޑު ކޮށްލިއެވެ.
“ދަނީ…” ޝާނީ މާއިޒްއަށް ބަލާލާފައި ބުންޏެވެ.
“އުހުނ… ނުދަން. މާއިޒް، އަހަރުމެން މިދަނީ ސްކޫޕަށް… ހިނގާ އަހަރުމެންނާ އެކީ” ޝިއުނާ ކުއްލިއަކަށް ބުނެލިއެވެ.
މާއިޒް ޝާނީއާ ދިމާއަށް ބަލާލިއެވެ.
“ދޯ ޝާނީ…؟” ޝާނީގެ އަތުގަ ވިކާލަމުން ޝިއުނާ ބުންޏެވެ.
“އާނ…!” ސިހިފައި ޝާނީ ބުންޏެވެ.
ތިން މީހުން އެކީ ސްކޫޕަށް ވަދެ ބޯނެ އެއްޗެހި ނަގައިގެން ގޮސް މޭޒެއް ކައިރީ އިށީން ގޮތަށް ޝިއުނާ މާއިޒްއާ އެކި ކަންކަމާ ބެހޭ ގޮތުން ސުވާލު ކުރަން ފެށިއެވެ. މާއިޒް ޝިއުނާ ކުރާ ހުރިހާ ސުވާލަކަށް ޖަވާބު ދެމުން ދިޔައެވެ. ޝާނީ ވާހަކައިގައި ބައިވެރި ނުވެ އަޑު އަހަން އިނެވެ. މާއިޒް އިރުއިރުކޮޅާ ޝާނީއާ ދިމާއަށް ބަލާލައެވެ.
ޝާނީ އެއްޗެއް ނުބުނެ އިން ނަމަވެސް މާއިޒް ކައިރީ ގިނަ އިރުވީ ވަރަކަށް ޝާނީގެ ހިތަށް އުނދަގޫ ވާން ފެށިއެވެ. އަވަހަށް ގެޔަށް ދާން ބޭނުން ވިއެވެ.
“ދޮންތާ…” ގަޑިއެއްހާއިރު ފަހުން ޝާނީއަށް ނީނދެވިގެން ގޮވާލިއެވެ.
ޝިއުނާއާ މާއިޒް އެއްފަހަރާ ޝާނީއަށް ބަލާލިއެވެ.
“އެގާރަ ޖަހަނީ… މީޝް ހޭލަފާނެ…” ޝާނީ ބުންޏެވެ.
“ދާންވީދޯ؟ މި އަންނަނީ އިނގޭ!” ޝިއުނާ ބުންޏެވެ. އަދި ތެދުވެގެން ކައުންޓަރ ކައިރިއަށް ދިޔައެވެ.
ޝާނީ އެވަގުތު އެތާ އިންނަން ބޭނުން ނުވާކަން މާއިޒްއަށް ވިސްނުނެވެ.
“ސޮރީ، ދޮންތަ ވަރަށް ގޮތް ދޫނުކުރާނެ… މިތަނަށްވެސް މާއިޒް ގެނައީ…” އިސް ޖަހައިގެން އިނދެ ޝާނީ ބުންޏެވެ.
“އަޅާނުލާ… އޯކޭ ދެން… އެހާވަރު ކަމެއް ނޫން މީ” މާއިޒް ބުންޏެވެ. އެކަކުވެސް އެއްޗެއް ނުބުނެ ތިއްބެވެ.
“އޭގެ ފަހުން ނުވެއްޓޭތަ؟” އިރުކޮޅެއް ފަހުން މާއިޒް ހީލާފައި އަހާލިއެވެ.
“ވެއްޓޭ، ކިތަންމެ ފަހަރަކު ވެއްޓުނު…” މޭޒުމަތީ އޮތް ޓިޝޫކޮޅަކާ ކުޅެމުން ޝާނީ ބުންޏެވެ.
“ހޮސްޕިޓަލަކަށް ނުދަންތަ؟” މާއިޒް އަހާލިއެވެ.
“އެއް ދުވަހު ދިޔައިން… ވެއްޓި އަތް ދުޅަވެގެން ރިއްސާ ވަރުން… މާއިޒްއަށް އުނދަގޫ ނުކުރަން ވެގެން ޑިޔުޓީ ބަލާފަ އެހެން ޑޮކްޓަރަކަށް ދެއްކީ… އެހެން ފަހަރު ފަހަރު އެހާ ތަދު ނުވާތީ ނުދަން” ޝާނީ ބުންޏެވެ.
“އެއީ އުނދަގޫ ކުރަނީކީ ނޫނެއްނު؟ ބަލިވީމަ ކޮންމެ މީހަކުވެސް ދާނީ ޑޮކްޓަރެއް ކައިރިއަކަށްނު؟ އޭރުންނެއްނު ފަރުވާ ލިބޭނީ…” މާއިޒް ބުންޏެވެ.
“ތި ޖުމްލަ އެކި މީހުން މާނަ ކުރާނީ އެކި ގޮތަށް، އެކި މީހުންނަށް ވާނީވެސް އެކި ގޮތް… އަހަންނަށް ޑޮކްޓަރެއް ކައިރިއަށް ދިޔުމަށް ވުރެ ނުދިޔުން މާ ފަސޭހަ” ޝާނީ ބުންޏެވެ. އެވަގުތު ޝާނީގެ އަޑުގައި ވާ ރިހުން މާއިޒްއަށް ވެސް އިހްސާސް ކުރެވުނެވެ.
“އަހަރެން ހީކުރީ…” މާއިޒް އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އެއަށް ވުރެ ކުރިން ޝާނީ މާއިޒްއާ ދިމާއަށް އަތް ދިއްކޮށްލިއެވެ. ވާހަކަ ނުދައްކާށޭ ބުނާކަހަލަ ގޮތަކަށެވެ.
“އެ ދުވަހު އަހަރެން ދިޔައީ މާއިޒްގެ ވާހަކަތައް އަޑު އެހޭނެ ވަރަށް އަޑު އަހާފަ… ދެން އިތުރަކަށް އަޑެއް ނޭހޭނެ… މާއިޒް ހީކުރީ ތިމާ ލޯބިވާ މީހަކު އެހެން މީހެއް ދެކެ ލޯބިވާވަރު ކުރިމަތީ އިނދެގެން ހާމަ ކުރާ އިރު އަޑު އަހަން ވަރަށް ފަސޭހަ ވާނެ ކަމަށްތަ؟ އެހާ ވަރަށް ލޯބިވާއިރު ވެސް އެމީހަކާ މެދު ވިސްނަންވެސް ބޭނުމެއް ނޫނޭ ބުނާ އަޑު އިވޭ އިރު ވާނެ ގޮތެއް މާއިޒްއަކަށް ނޭނގޭނެ…
މާއިޒް ދައްކާނެ އުންމީދުގެ ވާހަކަ… ދުނިޔޭގަ ނެތް މީހެއް ލިބުމުގެ އުންމީދެއް ނެތް އިރު ވިސްނަބަލަ ކުރިމަތީ ހުރި މީހާ ލިބުމުގެ އެއްވެސް އުންމީދެއް ނެތް މީހަކަށް ވާނެ ގޮތް… އެކަން އެނގޭ އިރު އެމީހަކަށް ކުރާނެ އަސަރު މާއިޒް ހިތަށްވެސް އަރުވާ ނުލެވޭނެ… މާއިޒް އެކަންޏެއް ނޫނޭ ލޯބި ވަނީ، އެހެން މީހުންވެސް ލޯބިވޭ…” ޝާނީ އަށް އިތުރަށް ވާހަކައެއް ނުދެއްކުނެވެ. ތެދުވި ގޮތަށް މަޑުވެސް ނުކޮށް ޝާނީ ބޭރަށް ނިކުތެވެ. އިރުކޮޅެއް ނުވެ ޝިއުނާ ނިކުތެވެ. އޭރު ޝާނީ ހުރީ ރޯށެވެ. ދެއަތުން ކަރުނަތައް ފޮހޭށެވެ. ގިނައިރެއް ނުވެ މާއިޒްވެސް ނިކުތެވެ. މާއިޒް ނިކުތް އިރަށް ޝާނީ ޝިއުނާގެ އަތުގަ ހިފައިގެން ހިނގައިގަތެވެ. އަދި އެވަގުތު އެތަނަށް މަޑު ކުރި ކާރަކަށް އެރިއެވެ.
“ކިހިނެއްތަވީ؟” ޝިއުނާ އެހިއެވެ.
“މާއިޒްގެ އަންހެނުން ހާދަ ލަކީއޭ… އަދިވެސް މާއިޒް އޭނަ ދެކެ ހާދަ ލޯބި ވެޔޭ… އޭނަ ދުނިޔޭގަ ހުރިނަމަ…” ޝާނީ ލޯ ފޮހެމުން ބުންޏެވެ.
“މާއިޒް ބުނީތަ ތިހެން؟” ޝިއުނާ އެހިއެވެ.
“އަހަރެން އޭނަ ވާހަކަ ދެއްކިޔަ ދިންނަމަ ބުނީސް…” ޝާނީ ބުންޏެވެ. އަނެއްކާވެސް ރޮވުނެވެ. “އަހަރެން ވެސް މޮޔަ ކަން ދޯ! މައިތިރި ވެގެން ތާކުން ނުވެއްޓި ހުރިނަމަ މިހެނެއް ނުވީހެއްނު؟ އޭނަޔާ ދިމާވެސް ނުވީހެއްނު؟ އޭނަ ދެކެ ލޯތްބެއްވެސް ނުވީހެއްނު؟” ލޮލުން ކަރުނަ ފޮހެމުން ޝާނީ ބުނެލިއެވެ.
“މާއިޒް ހިތުގެ ޑޮކްޓަރަކަށް ވީނަމަ ދޯ؟” ޝިއުނާ އަހާލިއެވެ.
“ހާހާ… ވަރަށް މަޖާ…” ރުޅި އައިސްގެން ޝާނީ ބުނެލިއެވެ.
އެރޭގެ ފަހުން މާއިޒްއަށް އެންމެ އިރުކޮޅަކަށްވެސް ޝާނީގެ ޚިޔާލުތަކާ ދުރަކަށް ނުދެވެއެވެ. އަބަދު ޝާނީ މަތިން ހަނދާން ވެއެވެ. ލޯމަރާލާ އިރަށް ޝާނީ ރޯން ހުރި މަންޒަރު ފެނެއެވެ. އެރޭ ޝާނީ ދެއްކި ވާހަކަތައް ހަނދާން ވާ ކޮންމެ ފަހަރަކު ބުނަން ނޭނގެ އުނދަގޫ ތަކެއް ހިތަށް ވެއެވެ.
އޭގެ ދެދުވަސް ފަހުން ޝިއުނާ އެތައް މަސައްކަތަކުން މާއިޒްގެ ނަމްބަރު ހޯދައިގެން މާއިޒްއަށް ގުޅިއެވެ.
ޑިޔުޓީ ނިމެން އަދި ގަޑިއެއްހާ އިރު އޮތް ނަމަވެސް ދެން އިތުރު ޕޭޝަންޓެއް ނެތުމުން މާއިޒް ގޮނޑީގައި ހަމަޖެހިލި ތަނާ ފޯނެއް އައުމުން މާއިޒް ފޯން ބަލާލިއެވެ. ނުދަންނަ ނަމްބަރެއް ނަމަވެސް މާއިޒް ފޯން ނެގިއެވެ.
“މާއިޒްތަ؟” މާއިޒް ފޯން ނެގި އިރަށް ޝިއުނާ އެހިއެވެ.
“އާނ…” މާއިޒް ބުންޏެވެ.
“މީ ޝިއުނާ… ޝާނީގެ ދޮންތަ… އެނގިއްޖެދޯ؟” ޝިއުނާ އެހިއެވެ.
“އާނ… އެނގިއްޖެ، ކަމަކުތަ؟” ޝިއުނާ ގުޅީ ކީއްކުރަން ބާއޭ ހިތަށް އަރަމުން މާއިޒް އަހާލިއެވެ.
“ވަރަށް ބޮޑު ކަމަކު، ބިޒީ ގަޑިއެއްތަ؟” ޝިއުނާ އެހިއެވެ.
“ނޫނޭ… މިވަގުތު ފްރީ، ކިހިނެއްވީ އަނެއްކާ؟” ޝާނީއަށް ކަމެއް ވީއޭ މާއިޒް ހިތަށް އެރިއެވެ.
“މާއިޒް ދޮގު ނުހަދާ ބުނެބަލަ، ޝާނީ ބޭނުންތަ؟” ޝިއުނާ އެހިއެވެ.
“ތީ ކޮންކަހަލަ ސުވާލެއް؟” މާއިޒްއަށް އަހާލެވުނެވެ.
“އެހެން ގޮތަކަށް އަހާފާނަން، މާއިޒް ޝާނީ ދެކެ ލޯބި ވޭތަ؟” ޝިއުނާ އަހާލިއެވެ.
“ކީށްވެ ތިކަހަލަ ސުވާލު ތަކެއް ތިކުރަނީ؟” މާއިޒް ދެން ވެސް ކުރީ ސުވާލެކެވެ.
“އަހަރެންގެ ކޮންމެ ސުވާލެއްގެ ޖަވާބުގަ ސުވާލެއް ނުކޮށް ޖަވާބެއް ދީބަލަ!” ޝިއުނާ ބުންޏެވެ. “އަހަރެން މާއިޒް ކައިރީގަ ޝާނީ ބޭނުންހޭ މިއެހީ، ޝާނީ އަހަންނަށް ތިހުރިހާ ވަހަކައެއް ކިޔާދިން ގޮތުން އަހަންނަށް ހީވީ މާއިޒް ކޮންމެސް ވަރަކަށް ޝާނީދެކެ ލޯބިވެޔޭ، އެކަމަކުވެސް… މާއިޒް ޝާނީ ބޭނުމެއް ނުވެޔޭ، މާއިޒްގެ ވައިފް މަތިން ހަނދާން ނައްތާލާކަށް ބޭނުމެއް ނުވެޔޭ… ރަނގަޅަށްތަ މި ހީކުރެވުނީ؟” ޝިއުނާ އެހިއެވެ.
އެހެން މީހެއްގެ ދުލުން އެގޮތަށް އެ ވާހަކަ އަޑު އިވުމުން މާއިޒްއަށް އެބަސްތަކުގެ ހަރުކަށިކަން ވިސްނުނެވެ. އަދި އެދުވަހު މާއިޒް ޝާނީ ކައިރީ އެގޮތަށް އެ ވާހަކަ ދެއްކި އިރު ޝާނީ ދެރަވާނެ ވަރު މާއިޒްއަށް އިހްސާސް ކޮށްލެވުނެވެ.
“ތީ އަހަރެން ޝާނީ ކައިރީގަ ބުނި ގޮތް” މާއިޒް އެއްބަސް ވިއެވެ.
“ތީ ހާޓެއްވެސް ނެތް މީހެއްތަ؟ އެހާ ވަރަށް އޭނަ ދެރަ ކޮށްލަން ވާނެތަ؟” ޝިއުނާއަށް އަހާލެވުނެވެ. “ދެން އެންމެ ރަނގަޅު، މިހާރުވެސް ހަމަ އެގޮތަށްތަ އޮތީ؟ ކުރީރޭ ޝާނީ ފެނުނީމަ މާއިޒްއަށް ވީ ގޮތުން، އަދި އަމްދުން ޝާނީ ރުއިތަން ފެނިފަ މާއިޒްއަށް ވީގޮތުން އަހަންނަށް ވަރަށް ހީވޭ އޭރާ މިހާރާ ވަރަށް ތަފާތުހެން… ރަނގަޅަށްތަ އަހަންނަށް މި ހީކުރެވުނީ؟” ޝިއުނާ އެހިއެވެ.
“އާނ… ރަނގަޅަށް ތިހީވީ…” މާއިޒް ބުންޏެވެ.
“މާއިޒް މިހާރު ޝާނީއާ ދޭތެރެ ފީލްވާ ގޮތް ވަރަށް ސާފުކޮށް ބުނެދީބަލަ…”ޝިއުނާ އެދުނެވެ.
މާއިޒް ޖަވާބު ދިނީ އިރުކޮޅެއް ފަހުންނެވެ.
“އައި ލަވް ހަރ… މިއަށް ވުރެ ސާފުކޮށް ބުނާނެ ގޮތެއް ނޭނގެ” މާއިޒް ބުންޏެވެ.
“ތީ ހަމަ ސީރިއަސްކޮށް ބުނާ އެއްޗެއްތަ؟” ޝިއުނާ އަހާލިއެވެ.
“ސަމާސާއަށް ދައްކާ ކަހަލަ ވާހަކައެއް ނޫނެއްނު މީކީ…” މާއިޒް ބުންޏެވެ.
“މާއިޒް އޭނައަށް ދެރައެއް ނުދޭ ވަރަށް އޭނަ ދެކެ ލޯބިވޭތަ؟” ޝިއުނާ އަނެއް ސުވާލު ކޮށްލިއެވެ.
“އާނ…” މާއިޒް ވަގުތުން ޖަވާބު ދިނެވެ.
“ޝާނީއާ މެރީ ކުރާ ވަރަށް ޝާނީ ދެކެ ލޯބިވޭތަ؟” ޝިއުނާ އެހިއެވެ.
މާއިޒް ލޯމަރާލިއެވެ. ޝާނީ ލޮލުން ކަރުނަ ފޮހެފޮހެ ހުރި މަންޒަރު ސިފަ ކުރެވުމާ އެކީ ހީވީ މާއިޒްގެ މެޔަށް މީހަކު ފިއްތާލި ހެންނެވެ.
“އާނ…” މާއިޒް ޖަވާބު ދިނެވެ.
“ތިދެމެދަށް މާއިޒްގެ ޕާސްޓް ނުވަންނާނެ ކަން ޔަގީންތަ؟” ޝިއުނާ އެހިއެވެ.
ނުނިމޭ
13 Comments!
Comments are closed.
މިފަހަރު ތަންކޮޅެއް ދިގުކޮށް މިގެނެސްދިނީ، ހީކުރަން ކަމުދާނެ ކަމަށް.
V reethi
V v reethi ingey next part vex miha dhigukoh ingey
vvv reethi vara kiyahithun indhaa ninmaalee konirakun next part up kuraanee
Hehe thahugeege tha meee.aharen ves marryy kuraa iru e hurihaa suvaal kofa kuraani.nice
V reethi story… keep it up hope downlodng v soon 4 next prt..
Vaahaka reethi…mi vaahaka keen book akun..is this a copy…????
Keep it up
kobaitha ekkala shahnyx, muraasil in mivaahaka negi gothah ebainey bunyehnu..
Varah reethi adhives dhigukohlaa
When next part?
Vv salhi
Not bad