އިންތިޒާރު ( 23 )
ކިޔާންގެ މޫނުމަތިން ފެނުނު ކުލަވަރުން ކިޔާންގެ ނިންމުން ދެން ބަދަލުނުވާނެކަން އެނގެއެވެ. އެހެންކަމުން ކަރީމް ކުޑަކޮށް ހިނިތުންވެލާފައި ކައިވެނީގެ ކަންތައް އަވަހަށް ފަށާށޭ ބުނެލިއެވެ.
ހަލުވިކަމާއެކީ ކައިވެނީގެ ކަންތައް ކުރިއަށް ގެންދަމުން ދިޔައިރު މާޔާ އެއްވެސް ކަމަކާ ބައިވެރިނުވެއެވެ. މަލީހާ އަދި މާއިޝާވެސް ކަމަކު ބުނެފިއްޔާ މާޔާ ބިޒީއޭ ކިޔާފަ އެތަނަކުން އަވަހަށް ދެއެވެ. ޒީނަތު މާއިޝާއަށް ގުޅައިގެން އެ ގެއަށް ގެންގޮސް ހެދުމުގެ ކަންތައް ނިންމިއެވެ. ކޮންމެމީހަކުވެސް އޭނަ ފެނުމުން ހިނިތުންވެލައެވެ. އެކަމަކުވެސް މާއިޝާއަށް އެ ގޭތެރެއިން ބޭނުންވި ގާތްކަމެއް ނުލިބެއެވެ. ކިޔާން އެންމެ ކުޑަމިނުން ގުޅާވެސް ނުލައެވެ. އޭނަ ގުޅައިފިއްޔާވެސް އަވަހަކަށް ފޯނު ބާއްވަން އުޅޭގޮތުން މާއިޝާ ދެރަވެއެވެ. ކައިވެނިކުރެވުމުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމުގައި ހިތް ބުނެއެވެ. ކައިވެނިކުރާ ތަނާ ހުރިހާ އެއްޗެއް ހަމަޖެހިއްޖެއެވެ.
ކައިވެނީގެ ހަބަރު ޝާނިމްއަށް ލިބުމުން ވަގުތުން މާޔާއަށް ގުޅިއެވެ. ހައިރާންކަމާއެކީ މާއިޝާއާ ކިޔާން ކައިވެނިކުރަނީ ކީއްވެހޭ އަހާލިއެވެ. މާޔާއަށް ކިޔާނެ އެއްޗެއް ވެސް ނޭގުނެވެ. ޝާނިމްއަކީ އޭނަގެ ހިތުގެ ހާލު އެނގޭ އެކަކެވެ. ޝާނިމްއަށް ހަގީގަތް ކިޔައިދޭންވީ ހެއްޔެވެ؟ ނޫނެކެވެ. މި ހަގީގަތް އެއްވެސް މީހަކަށް އެނގޭކަށް މާޔާ ބޭނުމެއް ނޫނެވެ. ” އެއީ އެދެމީހުން ލޯބިވާތީ.. ” މާޔާ ބުނެލިއެވެ. ” ދެން މާޔާއޯ؟ ” ޝާނިމް ސުވާލުކޮށްލިއެވެ. ” އަހަރެން ކިހިނެއްވީ؟ އަހަރެން ކިޔާންދެކެ ލޮތްބެއް ނުވޭ… ހަމައެކަނި ރަހްމަތްތެރިއެއްގެ ގޮތަށް ލޯބިވަނީ.. ” މާޔާ ބުނެލިއެވެ. ޝާނިމް އިތުރަށް ސުވާލު ކުރަން އުޅުމުން މާޔާ ދެން ސުވާލު ނުކުރާށޭ ބުނެފަ އަވަހަށް ފޯނު ބޭއްވިއެވެ. ޝާނިމްގެ ހިތުގެ ކަނަކުން ކޮންމެވެސް ނުބައެއް އުޅޭ ކަމުގައި ބުނެލިއެވެ. އެކަމަކު އެކަމެއް ހޯދާނީވެސް ކިހިނެއް ހެއްޔެވެ؟
މިއަދަކީ ކައިވެނި ކުރަން ހަމަޖެހިފައިވާ ދުވަހެވެ. މާޔާ ޑިއުޓީ ނިންމާލާފައި ގެއަށް ދާން ނުކުތީ ހިނގާފައެވެ. ދަނިކޮށް މަގުމަތިން ނިހާނާ ދިމާވިއެވެ. މާޔާ އަޅާވެސްނުލާ ދާން ފެށުމުން ނިހާން އައިސް މާޔާއާ އެއްހަމައެއްގައި ހުރެގެން ހިނގަމުން ދިޔައީ ވާހަކަދައްކަމުންނެވެ. މާޔާ އިވޭ ކަމަށްވެސް ހަދާނުލާ ދަނިކޮށް ކުރިމަތީ ހުރި ފިހާރައަކުން ނުކުތް ކިޔާން ފެނިގެން ހުއްޓިލެވުނެވެ. ދެން ބަލާކަށް ނުހުރެ އެނބުރިލަމުން ނިހާންގެ ގައިގަ ބައްދާލިއެވެ. ނިހާން ވާނުވާ ނޭގިފައި ހުއްޓުން އަރާފައި ހުރެވުނީ މާޔާއަށް މިއައި ކުއްލި ބަދަލުގެ ސަބަބުންނެވެ. މާޔާ އަމިއްލައަށް އެދިގެން އޭނަގެ ގައިގަ ބައްދާލުމަކީ އެއީ މާޔާ ކުރާނެ އެންމެ ފަހު ކަމެވެ. ދެން މިވީ ކިހިނެއް ހެއްޔެވެ؟ ނިހާން ހައިރާންވެފަ ހުރެ އިސްއުފުލާލި ވަގުތު ކުރިމަތީ ހުރި ފިހާރައިގެ ދޮރުމަތީ ހުއްޓިލައިގެން ހުރި ކިޔާން ފެނުމުން މިވީ ގޮތް އެނގުނެވެ. ނިހާންގެ ބަސް ގަބޫލުކޮށްގެން މާޔާ ކިޔާނާ ދުރުވަނީއެވެ. ޔަގީނެވެ. ނިހާން ކިޔާނަށް ދައްކަން އެއްމިޔަކަނުން ހީލަމުން މާޔާގެ އުނަގަނޑުގައި އެ ދެއަތް ވަށާލިއެވެ. އޭރު ފޯނެއްގައި ހުރެ ނުކުތް ކިޔާން އެ މަންޒަރު ބަލަން ހުރި އިރު ކަންފަތުން ފޯނުވެސް ވަކިކޮށްލެވުނެވެ. ރުޅިއައިވަރުން ފޯނުގައި ހިފާލީނުން ފޯނު ބިންދާލާނެ ހެން ހީވިއެވެ. ކައިރީގަ ހުރި ޒިޔާންވެސް އެ މަންޒަރު ބަލަން ހުރީ ގަބޫލުނުކުރެވިފައެވެ. ޒިޔާން ކިޔާންގެ ކޮނޑުގައި ހިފާލަމުން މަޑުމަޑުން ހިނގާށޭ ބުނެލިއެވެ. ކިޔާން އަދިވެސް އެއްފަހަރު އެ ދެމީހުންނަށް ބަލާލަމުން ހަލުވިފިޔަވަޅުތަކެއްގައި ގޮސް ދުރުގައި ޕާރކް ކޮށްފައި އޮތް ކާރަށް އަރާ ދުއްވާލިއެވެ.
ކިޔާންމެންގެ ކާރުގޮސް ލޯމަތިން ގެއްލުމުން ނިހާން އަމިއްލައަށް މާޔާ ގަޔާލާ ދުރުކޮށްލަމުން ކިޔާން ގޮއްސިއޭ ބުނެލީ ޖީބަށް އަތް ޖަހާލަމުންނެވެ. އޭރު މާޔާ އިސްޖަހާލައިގެން ހުރެ އިސްއުފުލާލި ވަގުތު އެދޮލުގައި ކަރުނަ ވިދަމުން ދިޔަތަން ފެނުމުން ނިހާން ދެރަވިއެވެ. މާޔާ ނިހާނަށް ކުޑަކޮށް ލޯ އަޅާލަމުން އެއްވެސް އެއްޗެކޭ ނުބުނެ ނިހާން ފަސްދީ ދިޔުމުން ނިހާން މާޔާ ހުއްޓުވާކަށްވެސް ނޫޅުނެވެ. ތުންފަތުގައި ދަތް އަޅާލަމުން މާޔާ ދިޔަ ދިމާލަށް ބަލާލީ ކުއްވެރިއަކު ފަދައިންނެވެ. މާޔާ އަތްނަގައި މޫނު ފޮހުނުތަން ފަހަތުން ފެނުމުން މާޔާ ރޮނީކަން ނިހާނަށް އެނގުނެވެ. ނިހާން ގޮސް އެ ކަރުނަތައް ފޮހެދޭން ބޭނުންވިއެވެ. އެހެންނަމަވެސް އެ ހިޔާލު ދޫކޮށްލަމުން ނިހާން އެނބުރިލަމުން ހިނގައިގަތެވެ.
ގޭގަ އެންމެން އެކި މަސައްކަތުގައި އަވެދިނެތި އުޅުނެވެ. މާއިޝާ ގަޑިއަށް ތައްޔާރުކުރަން ބިއުޓީޝަނުންނަށް ގުޅައިގެން މަލީހާ އުޅެއެވެ. ފާއިޒުވެސް ދުރުގައި ކޮންމެވެސް މީހަކާ ފޯނުން ވާހަކަދައްކަން ހުއްޓެވެ. މާއިޝާ ސޯފާގައި އިށީދެލައިގެން ކޮންމެވެސް އެއްޗެއް ކާން އިނެވެ. މާޔާ މާއިޝާއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ސިޑިން އަރައިގެން ދާން އުޅުނުތަނާ މާއިޝާ ގޮވާލާފަ އައިސްބަލާށޭ ބުނެލިއެވެ. މާޔާ ގޮސް މާއިޝާ ކައިރީގަ ސޯފާގަ އިށީންނަމުން ކިހިނެއްވީހޭ އަހާލިއެވެ. ” ދޮންތާ.. ވަރަށް ނާރވަސް އެބަ ވޭ ” މާއިޝާ މާޔާގެ އަތުގަ ހިފާލަމުން ކިޔާލީ ނުތަނަވަސްކަމާއެކީއެވެ. މާޔާއަށް އެހާ ކަމުދާ ވާހަކައަކަށް ނުވިޔަސް ކުޑަކޮށް ހީލަމުން ކައިވެނީގަ ރޭ ކޮންމެ މީހަކުވެސް ނާރވަސް ވާނެޔޭ ބުނެލިއެވެ. މަލީހާވެސް އައިސް މާއިޝާއަށް ކައިވެނީގެ ވާހަކަތައް ކިޔައިދީ ކައިވެންނަށް ފަހު އުޅެންވީ ގޮތް ކިޔައިދިނެވެ. މާއިޝާ ކަނުލާ އަޑުއަހައިގެން އިންއިރު މާޔާއަށް މިއަދު އެ މަގާމުގައި އިންނަށް ޖެހޭ މީހަކީ އޭނަ ކަމުގައި ހިތުން ބުނަމުން ދިޔައެވެ.
ރޭގަނަޑު ހަތެއް ޖެހި އިރެވެ. ނިހާން ކޮޓަރީގެ އެނދުގަ އިށީދެލައިގެން އިންއިރު އިނީ ފުންވިސްނުމަކަށް ގެއްލިފައެވެ. މާޔާގެ މޫނުމަތިން އެ ވަގުތު ފެނުނު ހިތްދަތިކަން އަދިވެސް ލޯ ކުރިމަތިން ސިފަވަމުން ދިޔަ ފަދައެވެ. މާޔާއަށް އަމާޒުވެފަ ހުރި ކިޔާންގެ ރުޅިވެރި މޫނު ސިފަވަމުން ދިޔައެވެ. އެހާ ލޯބިން އެކުގައި އުޅުނު ދެމީހަކު މިއަދު ވަކިއެވީ އޭނައާ ހެދިއޭ ހިތަށް އެރުމުންވެސް ނިހާންގެ ހިތް އަވަސްވެލައެވެ. މާޔާއާ ކިޔާން ދެމީހުން ވަކިކުރުވިޔަސް އޭނައަށް ވަކި މާޔާ ލިބޭނީއެއް ނޫނެވެ. ދެން އެދެމީހުން ވަކިކޮށްގެން ނިހާނަށް އޮތީ ކޮން އުފަލެއްހެއްޔެވެ؟ މާޔާގެ ލޮލުން ކަރުނަ ފެނުމުން ހިތް ކުދިކުދި ވެއްޖެއެވެ. އެކަމަކު ހިތާމައަކީ އެ ކަރުނައަކީ ކިޔާނަށްޓަކައި އައި ކަރުނައެއް ކަމެވެ. އެ ދެމީހުން ވަކިކޮށްފިއްޔާ މާޔާގެ ލޮލުން ދުވަހަކު ކަރުނަ ހުހެއް ނުވާނެއެވެ. އެކަމަކު ސުވާލަކީ ނިހާނަށް މާޔާ ރޯތަން ބަލަން ހުރެވޭނެ ހެއްޔެވެ؟ ނޫނެކެވެ. ނުހުރެވޭނެއެވެ. ނިހާން ދެ ފަރާތަށް ބޯ ހޫރާލަމުން މޫނުގައި ދެއަތް އަޅާލިއެވެ. ކިތަންމެ ހިތަށް ތަދުވިޔަސް މާޔާގެ އުފަލަކީ ކިޔާނެވެ. މާޔާއާ އެ އުފާ ނިހާން ވަކިވިޔަކަ ނުދޭނެއެވެ. ނިހާން މޫނުން ދެ އަތް ވަކިކޮށްލަމުން އަވަހަށް ފޯނު ނަގައިގެން މާޔާއަށް ގުޅަން ފެށިއެވެ. އެކަމަކު އެތައް ބައިވަރު ފަހަރަކު ގުޅިއިރުވެސް މާޔާ ފޯނެއް ނުނަގައެވެ. ނިހާން ކާރުގެ ތަޅުދަނޑި ނަގަމުން އަވަހަށް ނުކުމެފަ ދިޔައީ އޭނައާ ހެދި މާޔަގެ ދިރިއުޅުމަށް އަންނަން އޮތް ތޫފާނުގެ އެއްވެސް ހަބަރެއް ނެތި ހާލުގައެވެ.
ނިހާން މާޔާމެންގޭ ކައިރިއަށް ގޮސް ގެއަށް ވަންނަން އުޅެފަވެސް އެ ހިޔާލު ދޫކޮށްލާފައި އަނެއްކާވެސް މާޔާއަށް ގުޅާލިއެވެ. އެކަމަކު ދެތިން ފަހަރު ގުޅިތަނާވެސް މާޔާ ފޯނުނުނެގުމުން ނިހާން ގެއަށް ވަންނަން އުޅުނުތަނާ ގޭޓް ކައިރީ ހުރި ސެކުއިރިޓީ މީހާ ނިހާން ހުއްޓުވަމުން ގޭގަ އެއްވެސް މީހަކު ނެތޭ ބުނެލިއެވެ. ނިހާން ހައިރާންވެފައި އެންމެން ކޮބާހޭ އަހާލިއެވެ. އެމީހާ އެންމެން ވީ މާއިޝާގެ ކައިވެނި ޕާރޓީއަށް ގޮއްސައޭ ބުނުމުން ކުޑަކޮށް ހީލަމުން ކާކާހޭ ސުވާލުކޮށްލިއެވެ. އެމީހާ ކިޔާންގެ ނަން ބުނުމުން ނިހާންގެ މޫނުމަތީގައި މީހަކު ޖެހިހެން ހީވިއެވެ. ގަބޫލުނުކުރެވިފައި ދެންވެސް އެހުމުން ހަމަ ލިބުނީ އެއް ޖަވާބެކެވެ. ނިހާން ބޮލުގައި ދެއަތުން ހިފާލަމުން ” އޯހ ގޯޑް ” އޭ ބުނެލީ ހާސްކަމާއެކީއެވެ. އޭނައާ ހެދި މާޔާގެ މުޅި ދިރިއުޅުން ހަލާކުވަނީއެވެ. ކައިވެނި ކުރެވުމުގެ ކުރިން މިކައިވެނި ހުއްޓަން ޖެހޭނެއެވެ. ނިހާން ހާސްވެފައި ހުރެ ޕާރޓީ އޮތީ ކޮންތާކުހޭ އަހާލިއެވެ. އެކަމަކު އެމީހާއަށް ޕާރޓީ އޮތްތަނެއް ނޭގެއޭ ބުނުމުން ހާސްކަން އިތުރުވިއެވެ. ކާރަށް އަރާ ދުއްވާލަމުން އަނެއްކާވެސް މާޔާއަށް ގުޅަން ފެށިއެވެ.
ދަރުބާރުގޭގައި ބާއްވަން ހަމަޖެހިފައި އޮތް ކައިވެނި ޕާރޓީއަށް ދެފަރާތުގެ އާއިލާ މީހުން ހާޒިރުވެ ތިއްބެވެ. ޕާރޓީއަށް މީހުންނަށް ކިޔާފަ އޮތީ އަށްގަޑި ބަޔަށެވެ. މާއިޝާ ބޮޑު ހުދުހެދުމުގައި ހުރިއިރު ހީވަނީ ކުޑަޕަރީއެއް ހެނެވެ. އިސްތަށިގަނޑު ރީތި ގޮތަކަށް މައްޗަށް ނަގާ ހުޅިއެއް ޖަހާފަ ހުރިއިރު ހުޅީގެ މަތިން ޖަވާހިރުގެ ރީތި ބޮޑު ދައްޗެއް ޖަހާފަ ހުއްޓެވެ. އަތް ކުރު ހުދުކުލައިގެ ފަސްބައި ބޮޑު ހެދުމުގެ މޭމަތި ހުދުކުލައިގެ އެސްތަކުން ޖަރީކޮށްލައިފައި ހުއްޓެވެ. އަތުގައި މިންޓް ގްރީން ކުލައިގެ މާ ބޮނޑިއެއް އޮތެވެ. ކިޔާން ކަޅުކުލައިގެ ވެސްޓެކާ އެކީ ހަމަކަޅުކުލައިގެ ފަޓުލޫނެއް ލައިގެން ވެސްޓްގެ މޭމަތީ މިންޓް ގްރީން ކުލައިގެ މަލެއް ޖަހާފައި ހުއްޓެވެ. ކައިވެނިކުރެވޭ ވަގުތު ޖެހުމުން މާއިޝާއާ ކިޔާން ދެމީހުން ގޮސް ގޮނޑިތަކުގައި އިށީދެލިއެވެ. ގާޒީ ކައިވެނީގެ ހުތުބާ ކިޔަމުން ދިޔައިރު މާއިޝާ އިސްޖަހާލައިގެން އިނީ ކުޑަކޮށް ހިނިތުންވެފައެވެ. ކިޔާންގެ މޫނުމަތިން ނުތަނަވަސްކަން ފެންނަމުން ދިޔައިރު ހިތް ބާރަކަށް ތެޅެމުން ދިޔައެވެ. މިހުރިހާ ދުވަހު ކިތަންމެ ހަމަޖެހިލައިގެން ހުއްޓަސް ވަގުތު ޖެހުމުން މި ނިންމުމާ ދޭތެރޭ ހިތުގައި ސުވާލުއުފެދެމުން ދިޔައެވެ. ހިތްބޭނުންވަނީ މާޔާ ދުވެފައި އައިސް މި ކައިވެނި ހުއްޓުވާށެވެ. އެކަމަކު މާޔާ ކޮބާ ހެއްޔެވެ؟ އަދި މިތަނަށް އައިފަހުން މާޔާ ނުވެސް ފެނެއެވެ. ހުތުބާއަކަށްވެސް އަޑުނައަހާ އެދެލޯ ހޯދަމުން ދިޔައީ މާޔާއެވެ.
އިރުކޮޅަކުން ސީދާ ކިޔާންގެ ކުރިމަތިން މާޔާ މަޑު ހިނގުމެއްގައި ހިނގަމުން އައީ ފޯނާކުޅެމުން އިސްޖަހާލައިގެން ހުރެއެވެ. މިންޓް ގްރީން ކުލައިގެ ފޫކޮޅާ ހަމައަށް ބާރުކޮށް، ދެން ފަސްބައި ބިމުގެ ޖެހޭވަރަށް ބޮޑުކޮށް ފަހާފައި ހުރި ހެދުމުގައި މާޔާ ފެނުނު އިރު ކިޔާނަށް އެހެން ދިމާލަކަށް ބަލާލާކަށްވެސް ނޭގުނެވެ. އިސްތަށިގަނޑު ކަނާތު ކޮނޑުން ކުރިމައްޗަށް ގެނެސް ވައްޓާލާފައި އޮތް އިރު ކަންފަތް ކައިރީގަ ދަތްޗެއް ޖަހާފަ ހުއްޓެވެ. ނިހާންގެ މިސްޑް ވެފައި ހުރި ގިނަ ކޯލުތައް ފެނުމުން މާޔާ ހުރީ ކުޑަކޮށް ބޮލަށް އުދަގޫވެފައެވެ. ހަމަޖެހިލައިގެން މާޔާއަށް ނޭވައެއްވެސް ލިޔަކަ ނުދޭނެޔޭ ހިތުން ބުނެލެވުނެވެ. ފޯނު ނިއްވާލަމުން އިސްއުފުލާލި ވަގުތު ކިޔާނާ ހަތަރުކަޅި ހަމަވިއެވެ. މާޔާގެ ދެލޯ ފެންކަޅިވެފައި ހުރިތަން ފެނުމުން ކިޔާން ހައިރާންވިއެވެ. މާޔާއަށް ކިޔާނަށް ބަލަހައްޓައިގެން ހުރެވުނީ ހުއްޓުން އަރާފައެވެ. އެ ވަރުން ކިޔާންގެ ކުރިމައްޗަށްވެސް ނާރަން ހުވާ ކޮށްގެން ހުއްޓާ މި އާދެވުނީ ސީދާ ކުރިމައްޗަށެވެ. ދާންވެސް ނުކެރިފައި މާޔާ އެ ހުރި ގޮތަށް ކިޔާނާ ހަތަރުކަޅި ހަމަކޮށްލައިގެން ހުރިއިރު މޭ ފަޅާލާފައި ހިތް ނުކުމެދާނެހެން ހީވިއެވެ. އޭރު ޝާނިމް ދިރާސާ ކުރާ މީހެއްހެން އެއްފަހަރު މާޔާއަށް އަނެއް ފަހަރު ކިޔާނަށް ނަޒަރެއް ދެމުން ދިޔައެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ އެކަކު އަނެކަކަށްޓަކައި އިންތިހާ ދަރަޖައިގެ ލޮތްބެވެ. ދެން މިވަނީ ކިހިނެއް ހެއްޔެވެ؟ ޝާނިމް ބަލަން ހުރެލާފައި މާޔާ ކައިރިއަށް ދާން އުޅުނުތަނާ ހުއްޓިލެވުނީ ފޯނެއް އައިސްގެނެވެ. ނުވެސް ދަންނަ ނަންބަރަކުން އޭނައަށް ގުޅަނީ ކާކު ހެއްޔެވެ؟ ޝާނިމް ވިސްނާލާފައި ފޯނު ނެގިތަނާ އެކޮޅުން ވާހަކަ ދެއްކި މީހަކު އެނގިގެން ހައިރާންވިއެވެ.
” އޯހް.. ޕުއާރ ޔޫ.. ކިޔާނެއްވެސް ނުލިބުނު ދޯ؟ އައި ފީލް ސޯ ބޭޑް ފޯރ ޔޫ.. އަޅެ ދެރައެއް ނުވޭތަ އަމިއްލަ ލޯބިވާމީހާ އެހެން މީހަކާ ކައިވެނިކުރާތަން ބަލަން ކުރިމަތީ ހުންނަން.. އެވެސް އަމިއްލަ ކޮއްކޮއާ.. އޫޕްސް.. އަމިއްލައެއް ނޫންދޯ.. އެޓްލީސްޓް އެގޮތަށްތާ ވިސްނަނީ.. އަހަރެން ހިތަށް އަރާ ކީއްވެބާ އޭ މާޔާ އަބަދުވެސް އެންމެ ގާތް މީހުން މާޔާއާ ދުރުވަނީ.؟ އަޅާނުލާ.. ދެން ހުރޭ އުމުރުދުވަހު ކިޔާންގެ ލޯބި ނުލިބުނުކަމުގަ ހިތާމައިގަ ކަރުނަ އަޅަން.. ބައި ދި ވޭ ދޭ ލުކް ގްރޭޓް ޓުގެދާރ.. މާޔާއަށް ވުރެވެސް ރީތި އަހަންނަށް މާއިޝާ ކިޔާނާ އެއްކޮށް.. ނޯ އޮފެންސް…. އެންޖޯއި ދި ނައިޓް.. ” ދުރުގައި ހުއްޓިލައިގެން ހުރި ޝަހާ އައިސް މާޔާގެ ކައިރިއަށް ހުއްޓިހުރެ މާޔާއަށް އަޑުއިވޭ ވަރަށް މަޑުން ވާހަކަދެއްކީ މަލާމާތުގެ ރާގުގައެވެ. ފަހު ޖުމަލަ ބުނެލަމުން ހީލަމުން ދުރަށް ދިޔައީ މާޔާގެ ޒަހަމްވެފައިވާ ހިތުގައި އިތުރަށް މިރުސްއަޅާފައެވެ. މާޔާ އެއްވެސް އެއްޗެކޭ ނުބުނެ ޝަހާއަށް ބަލާލަމުން އިސްޖަހާލިއެވެ. ކުޑަކޮށް ބޯ ހޫރާލަމުން އަނެއްކާވެސް މާޔާ އިސްއުފުލާލި ވަގުތު ކިޔާނާ ހަތަރުކަޅި ހަމަވިއެވެ.
ގާޒީ އަނބި ގަބޫލު ކޮށްފިންހޭ ބުނެލި އަޑުވެސް ކިޔާނަކަށް ނީވެއެވެ. އެއްފަހަރު ބުނެގެން ނީވުމުން އަނެއްކާވެސް ގާޒީ އަނބި ގަބޫލުކޮށްފިންހޭ އަހާލިއެވެ. ދެންވެސް ކިޔާން އެއްޗެކޭ ނުބުނެ މާޔާއަށް ބަލަން ހުރީއެވެ. މާއިޝާ ފާޑަކަށް ކިޔާނަށް ބަލާލިއިރު ހިތްތެޅެމުން ދިޔައެވެ. އާއިލާގެ މީހުންވެސް ކިޔާނަށް ބަލަން ތިބީ ކިޔާންގެ ޖަވާބަކަށް އިންތިޒާރުކުރާ ފަދައިންނެވެ. ގާޒީ ތިންވަނަ ފަހަރަށް ސުވާލު ތަކުރާރުކުރުމުން ކިޔާންގެ ކައިރީ އިށީދެލައިގެން އިން ކަރީމް މޭޒުގެ ތިރިން ކިޔާންގެ އަތުގައި ހިފާލިއެވެ. ސިހިފައި ކިޔާން ބައްޕައަށް ބަލާލުމުން ކަރީމް ޖަވާބުދޭށޭ ބުނެލިއެވެ. މާޔާވެސް ހުވަފެނަކުން ހޭލެވުނުހެން އިސްޖަހާލަމުން ތުންފަތުގައި ދަތްއަޅާލިއެވެ. ގާޒީ އަނެއްކާވެސް އަނބި ގަބޫލުކޮށްފިންހޭ އެހުމުން ކިޔާން މާޔާއަށް ބަލާލިއެވެ. މާޔާ އިސްއުފުލާލަމުން ގަދަކަމުން ހިނިތުންވެލިއެވެ. މާޔާގެ އެ ހިނިތުންވުން ފެނުމުން ކިޔާން ރުޅިގަދަވިއެވެ. ސީދާ މާޔާއާ ހަތަރުކަޅި ހަމަކޮށްގެން ހުރެ ދަތްތަކަށް ބާރުލާފައި ” އަނބި ގަބޫލުކޮށްފިން ” އޭ ބުނެލިއެވެ. މާއިޝާ ފުންނޭވައެއް ދޫކޮށްލަމުން އަނެއްކާވެސް އިސްޖަހާލީ ހިނިތުންވެލަމުންނެވެ. މާޔާ ލޯ މަރާލީ ހިތަށް ކުރި އަސަރުންނެވެ. އަބަދަށްޓަކައި ކިޔާން އޭނައާ ދުރުވީއޭ ހިތް ބުނެލިއެވެ. އެންމެން މަރުހަބާ ކިޔަމުން ސަލާމް ކުރަމުން ދިޔައިރު ކިޔާން އަދިވެސް ގޮނޑީގަ އިށީދެލައިގެން އިނީ މާޔާއަށް ބަލަންށެވެ. މާޔާ ހިނިތުންވެ ހުރެ މަޑުމަޑުން ފަހަތަށް ފިޔަވަޅު އަޅަމުން ގޮސް ލޯ ކުރިމަތިން ގެއްލުނެވެ. ކިޔާންގެ ދެލޯ ފެންކަޅިވެގެން ދިޔަހިނދު އިސްޖަހާލަމުން މޭޒުގައި ކުޑަކޮށް އަތުން ޖަހާލިއެވެ. ޒިޔާން އައިސް ކިޔާންގެ ކޮނޑަށް އަތް ވައްޓާލަމުން ކުޑަކޮށް ލޯ މަރާލަމުން ހިނިތުންވެލިއެވެ. ކިޔާން ހީލަމުން ތެދުވިއެވެ. ޝާނިމް ދުރުގައި ހުއްޓުން އަރާފަ ހުރިއިރު ދެންމެ އައި ފޯނުކޯލާ ދޭތެރޭ ވިސްނެމުން ދިޔައެވެ. އޭނައަށް އެމީހަކު ބުނި ގޮތަށް ކަންތައް ކުރެވުނު ނަމައެވެ.
މާޔާ މަޑުމަޑުން ގޮސް ބޭރަށް ނުކުތް އިރު ދެލޯ ފުރިގެން ކަރުނަ ފައިބައިގަތެވެ. މާޔާގެ ބޯކޮޅު ބަލަމުން ދިޔަ ޝާނިމްއަށް މާޔާ ބޭރަށް ނުކުތް މަންޒަރު ފެނުމުން ފަހަތުން ދިޔައެވެ. މާޔާ މަޑުހިނގުމެއްގައި ބޭރުމަގު ޕޭވްމަންޓް މަތިން ހިނގާލާފަ ދަނިކޮށް ކޮންމެވެސް މީހަކު އަތުގައި ހިފާ ހުއްޓުވިއެވެ. މާޔާ ސިހިފައި ބަލާލިއިރު ނިހާން ކުރިމަތީގައި ހުރުމުން ރުޅިގަދަވިއެވެ. ” ކައިވެނި ކުރެވިއްޖެތަ؟ ” މާޔާގެ އަތުން ދޫކޮށްލަމުން ނިހާން ސުވާލުކޮށްލީ ހާސްކަމާއެކީއެވެ. މާޔާ ރުޅިއައިވަރުން ނިހާންގެ އަތުގަ ހިފާލަމުން ދަމާލާފައި ގޮސް ދަރުބާރުގޭ ފަހަތަށް ވަނެވެ. ފުދޭ ވަރަކަށް އަނދިރިކޮށް އޮތުމުން ރަނގަޅަށް ބަލައިފި މީހަކަށް ނޫނީ އެދެމީހުންނެއް ނުފެންނާނެއެވެ. އޭރު ފޯނެއްގައި ހުރެ ބޭރަށް ނުކުތް ޝަހާއަށް މާޔާ ނިހާންގެ އަތުގައި ހިފައިގެން ދިޔަތަން ފެނިގެން ވާ ނުވާ ބަލާލާ ހިތްވީ ވަރުން ގޮސް ގަހަކާ ނިވާވެލައިގެން އެމީހުން ކުރާކަމެއް ބަލަން ހުއްޓިލިއެވެ. ބޭރަށް ނުކުތް ޝާނިމްއަށް މާޔާ ނުފެނުމުން ކޮނޑުއަރުވާލަމުން އެތެރެއަށް ވަނީ ހީވި ހީވުމެއްކަމަށް ހީކޮށްފައެވެ.
މާޔާ ނިހާންގެ އަތް ފޮޅުވާލަމުން ސީދާ ކުރިމަތީ ހުއްޓިލިއިރު ރޮވެމުން ދިޔައެވެ. ” މިހާރު ކަލޭ ހުންނާނީ ހިތް ފުރިފައެއްނު.. ކިޔާން އަބަދަށްޓަކާ އަހަންނާ ދުރުވެއްޖެ.. ނިހާން ބޭނުންވި ގޮތަށް ހުރިހާ ކަމެއްވެސް ވެއްޖެ އެއްނު.. ދެން އަހަރެން ބޭނުންވިޔަސް ކިޔާނެއް ނުލިބޭނެ.. އެކަމަކު ކަލޭވެސް އުމުރުދުވަހު ހަނދާން ބަހައްޓައްޗޭ.. ކިޔާން ނޫން އެހެންމީހަކަށް ދުވަހަކުވެސް އަހަރެންގެ ހިތުން ޖާގައެއް ނެތް.. އަހަރެން އުމުރުދުވަހު މީހަކާ ނީނދެ ހުންނަން ޖެހުނަސް ކިޔާން ނޫން އެހެން މީހަކާ ނީންނާނަން.. ހީނުކުރައްޗޭ ކިޔާން ދުރަށް ދިޔައީމަ ކަލެއަށް ޗާންސް ލިބުނީއޭ.. ނޫން. ދުވަހަކުވެސް އަހަރެން ނިހާން ދެކެ ލޮތްބެއް ނުވާނަން..” މާޔާ ނިހާނާ ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލައިގެން ހުރެ ވާހަކަދައްކަމުން ދިޔައީ ރުޅިވެރިކަމާއެކީއެވެ. މާޔާގެ ވާހަކަތަކުން ކައިވެނި ކުރެވިއްޖެކަން އެނގުމުން ނިހާން އަމިއްލަ ނަފްސް ކުއްވެރިކުރަމުން ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. މާޔާއަށް އެނގޭނެނަމައެވެ. އޭނަ މިތަނަށް މިއައީ މާޔާއަށް އޭނަގެ ލޯބި އަނބުރާ ހޯދަދެންށެވެ. އެކަމަކު ކުޑަތަންކޮޅެއް ލަސްވީއެވެ. ނިހާން މާޔާ ކައިރީ އެހެން ބުނަން އުޅެފަވެސް ހިމޭންކަން ހިޔާރުކުރީ ދެން އޭނަ ބުނާ އެއްވެސް އެއްޗެއް މާޔާ ގަބޫލުނުކުރާނެކަން އެނގޭތީއެވެ. ” ދެން އަހަރެން ދިރިއުޅުނަދީ.. ހެޔޮނުވާނެ އަހަރެން ދޫކޮށްލާ.. ނިހާން އުޅޭނެ ގޮތަކަށް ނިހާން އުޅޭ. އަހަރެން އުޅޭނެ ގޮތަކަށް އަހަރެން އުޅުނަދީ.. އަހަންނަށް ހަމަޖެހޭ ދިރިއުޅުމެއް އުޅުނަދީ.. ޕްލީސް.. އަހަރެން ދޫކޮށްލާ.. ޕްލީސް.. ޕްލީސް.. ” މާޔާ ރޮމުން ނިހާންގެ ގަމީހުގައި ހިފާލަމުން ދެކަކޫ މައްޗަށް ތިރިވިއެވެ. ނިހާން ކިޔާނެ އެއްޗެއް ނޭގިގެން ތުންފަތުގައި ދަތް އަޅާލިއިރު ފެންކަޅިވިއެވެ. ” އައި އެމް ސޮރީ ” މާޔާ އެ އިން ހާލަތަށް ދޫކޮށްލާފަ ނިހާން އެތަނުން ހަލުވިފިޔަވަޅުތަކެއްގައި ދިޔައިރު ލޮލުން ކަރުނަ ފައިބައިގަތެވެ. މާޔާ ބިންމަތީގައި އިށީދެލައިގެން އިނދެ ގިސްލަގިސްލާފަ ރޮމުން ދިޔައެވެ.
ގަހަކާ ނިވާވެލައިގެން ހުރި ޝަހާ އެ މަންޒަރު ބަލަން ހުރީ ގަބޫލުނުކުރެވިފައެވެ. މާޔާ ދެއްކި ވާހަކަތަކުން މާޔާ ކިޔާނާ ދުރުވީ މަޖުބޫރުވެގެންކަން އެގުނެވެ. ޝަހާ މަޑުމަޑުން އަތް އުފުލާ މޫނުގައި އަތްލިއިރު ކޮލުގައި ކަރުނަ ހުރުމުން ހައިރާންވިއެވެ. މާޔާ ރޯތަން ފެނުމުން ހިތަށް އަސަރުކުރީއެވެ. އެތަނުން ދާން އުޅެފަވެސް މާޔާ އެކަނި އެ ހާލަތަށް ދޫ ކޮށްލާފަ ދާން ހިތްނޭދުނެވެ. އެހެންކަމުން މަޑުމަޑުންގޮސް މާޔާގެ ފަހަތުގައި ހުއްޓިހުރެ ކޮނޑުގައި މަޑުމަޑުން އަތް ބޭއްވިއެވެ. މާޔާ ފަހަތަށް އެނބުރުނު އިރު ޝަހާ ފެނުމުން އެނބުރި ކަކުލާ ހިސާބުން ޝަހާގެ ދެފައިގަ ހިފާ ބައްދާލީ ރޮމުންނެވެ. މީހަކަށް ބޭނުންވެފަ ހުރި މި ވަގުތު ޝަހާ ފެނުމުން ހިތާމަ ހިއްސާކުރަން ބޭނުންވީއެވެ. ޝަހާ އަތް އުފުލާލަމުން މާޔާގެ އިސްތަށިގަނޑުގައި ފިރުމާލިއިރު ފެންކަޅިވިއެވެ. މާޔާ އޭނައަ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ހިތުގެ ކަނަކުން އަދިވެސް މާޔާއަށް އެ ލޯބިވެއެވެ. ޝަހާ ލޯ ފޮހެލީ މާޔާއަށް އޭނަގެ އެ ކަރުނަތައް ނުދައްކަންވެގެނެވެ. ކުޑަކޮށް ގުދުވެލާފައި މާޔާގެ ދެކޮނޑުގައި ހިފާ ކޮޅަށް ތެދުކުރުވިއެވެ. ” މިހާރު ވާ ވަރަށް ރޮވިއްޖެ ދެން.. އަދި ކުރިޔަށްވެސް ރޯންށެއްނު އޮތީ.. އެހެންވީމަ ދެން މި ވަގުތަށް ހުއްޓާލާ.. ދެން ކިތަންމެ ވަރަކަށް ރުޔަސް ކިޔާނެއް ނުލިބޭނެ މާޔާއަކަށް.. ހީޒް ނައު ޔޯ ސިސްޓާރސް ހަސްބެންޑް.. ލިވް ވިތް ދެޓް… ” ޝަހާ ހިތްހަމަނުޖެހި ހުރެ އެހެން ބުނަން ބޭނުންވިޔަސް ބުނެވުނީ އޯގާތެރިކަމާއެކީއެވެ. މާޔާ ޝަހާއަށް ބަލާލީ ގަބޫލުނުކުރެވިފައެވެ. އަހަރުތަކަށްފަހު ޝަހާގެ އެ ރަނގަޅު ބައި ފެނުމުން އުފާވިއެވެ. މާޔާ އަތުގެ ނުފުށުން ކަރުނަ ފޮހެލަމުން ހިނގާށޭ ބުނެލިއެވެ.
” ތިހެން ހުރެ ޕާރޓީއަށް ދާންތަ ތިއުޅެނީ؟ ” ޝަހާގެ ޖުމުލައިން މާޔާ ހުއްޓިފައި ކިހިނެއްހޭ އަހާލިއެވެ. ” ލުކް އެޓް ޔޫ.. މޫނުގަ މިހާރު ނެތް ފުއްކޮޅެއްވެސް.. އެހާ ރީއްޗަށް މޭކަޕް ކޮށްގެން އައިސް ތިހެން ހުރެ ދިޔާމަ އެންމެންގެ ހިތުގަވެސް ސުވާލު އުފެދޭނެ. އަނެއްކާ މާޔާ މާއިޝާ ކައިވެނިކުރީމަ އުފާނުވަނީހޭ ކިޔާފަ.. ” ޝަހާ އަތުގައި އޮތް ދަބަހުގައި ހުރި ރީތިވާ ސާމާނު ނަގައިގެން މާޔާގެ މޫނު ރީތިކޮށްލަދިނެވެ. މާޔާ ކުޑަކޮށް ހެވިފައި ޝަހާއަށް ބަލަން ހުރީ ހިތްހަމަޖެހިފައެވެ. ” ތެންކިޔު ” ޝަހާ ދާން އެބުރިލުމުން މާޔާ ބުނެލިއެވެ. ޝަހާގެ ތުންފަތްމަތީގައި ކުޑަ ހިނިތުންވުމެއް ދުވެލިއެވެ. އެކަމަކު މާޔާ ހުރީ ޝަހާގެ ފަހަތުގައި ކަމުން އެ ހިނިތުންވުމެއް ނުފެނެއެވެ. ޝަހާ ތަންކޮޅަކަށް ގޮއްސައި ހުއްޓިފައި އެނބުރިލިއެވެ. މާޔާވެސް ހުއްޓިލީ ޝަހާ އެއްޗެއް ބުނަން އުޅޭކަން އެގުމުންނެވެ. ” އައި އެމް ސޮރީ.. ދެންމެގަ ނިހާނާ ދެމީހުން ދެއްކި ވާހަކަ އެއްކޮށް އަޑުއިވުނު އަހަންނަށް.. ސޮރީ މި ބުނީ ކޮންމެހެން އަޑުއެހީތީކީ ނޫން.. ސޮރީ މި ބުނީ މާޔާގެ ލޮތްބައް ޖެއްސުންކުރެވުނީތީ.. ކުރިން ނޭނގެ މާޔާ ކިޔާނާ ދުރުވީ މަޖުބޫރުވެގެން ކަމެއް.. އަހަންނަކަށް އަދިވެސް ނޭގެ އެއްކޮށް ވީ ކީއްކަމެއް. އެކަމަކު އަޑުއިވުނު ވަރުން އެނގޭ މާޔާ ކިޔާނާ ތި ދުރުވީ ނިހާންގެ ކަމަކުން ކަން.. އެކަމަކުވެސް އެއްޗެކޭ ބުނެފާނަން. ކިޔާން މާއިޝާއާ ކައިވެނިކުރަން ނިންމި ނިންމުން އެއީ އެންމެ ރަނގަޅު ނިންމުމެއް ނޫން.. ދެންމެގަ އެތެރޭގަ ފެނުނު ކަމަކުން އަހަންނަށްވެސް އެވަރު އެނގިއްޖެ ކިޔާން މާއިޝާދެކެ ލޮތްބެއް ނުވޭ.. ދެން އަހަންނަކަށް ނޭގެ ކިޔާން މި ކައިވެނި އެ ކުރީ ކީއްވެ ކަމެއް.. ބަޓް އިޓްސް ރޯންގް..” ޝަހާ މާޔާއަށް ބަލަން ހުރެ މަޑުން ވާހަކަދެއްކިއެވެ. މާޔާ އެއްޗެކޭ ނުބުނެ އިސްޖަހާލި އިރު ދެރަވިއެވެ. ޝަހާ ބަލަން ހުރެލާފައި އަނެއްކާވެސް ދާން ހިނގައިގަތެވެ. ” ޝަހާ.. ދެންމެގަ ވީ ކަމެއް އަހަރަމެން ދެމީހުން ދޭތެރޭ އޮވުނަ ދެއްޗޭ.. އަހަރެން ބޭނުމެއް ނޫން އެހެން އެއްވެސް މީހަކަށް އެނގޭކަށް.. ” މާޔާ ޝަހާއަށް ގޮވާލަމުން ބުނެލިއެވެ. ޝަހާ އެނބުރިލަމުން ކުޑަކޮށް ހިނިތުންވެލާފައި ” ޓޮޕް ސީކްރެޓް ” އޭ ބުނެލިއެވެ. މާޔާ ހީލިއެވެ. އެއީ އެމީހުން ކުޑައިރުކަމެއް ސިއްރުކުރަން ބޭނުންވެންޏާ ބޭނުންކުރާ ބަހެވެ. ޝަހާ ހީލަމުން ” ލެޓްސް ގޯ ” އޭ ބުނުމުން މާޔާ ހީލާފައި ގޮސް ޝަހާއާ އެއްހަމައެއްގައި ހުރެ ދިޔައެވެ.
ދެމީހުން އެކީ ގޮސް އެތެރެއަށް ވަން ތަން ފެނުމުން ގައިމުވެސް އެތައް ބައެއްގެ މޫނުމަތިން ހައިރާންކަމާއެކީ އުފާވެރިކަން ވެސް ފެނިގެން ދިޔައެވެ. ދެމީހުންގެ މޫނުމަތީގައިވެސް ފާޑެއްގެ ހިތްހަމަޖެހުމެއް ވެއެވެ. ސަމީރާގެ ދެލޯ ފެންކަޅިވެގެން ދިޔަ ހިނދު ޝާނިމް ސަމީޜާގެ ކޮނޑުގައި ހިފާލަމުން ހީލިއެވެ. ކިޔާންވެސް ހައިރާންވެފައި އެ ދެމީހުންނަށް ބެލިއިރު އުފާވެސް ވިއެވެ. ޕާރޓީއަށް މެހްމާނުން އަންނަން ފެށުމުން މާއިޝާއާ ކިޔާން އެ މީހުން ތިބެން ހަމަޖެހިފައިވާ ތަނުގައި ގޮސް ހުއްޓިލިއެވެ. ކިޔާން ޕްލާސްޓިކް ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކޮށްގެން ހުރިއިރު މި ކަންތައް އަވަހަށް ނިމޭނެ ކަމަށް އެދި ދުއާކޮށްލިއެވެ. ކިޔާންގެ އާއިލާ މީހުން މާޔާއަށް އެ ބަލާ ނަޒަރު މާޔާއަށް އެގެއެވެ. އެންމެންގެ ހިތުގައި މާޔާއާ މެދު ވާނީ ޝަކުވާކަން މާޔާއަށް އެނގެއެވެ. އެހެންކަމުން މާޔާ އުޅުނީ ވީހާވެސް އެމީހުންނާ ދުރުންނެވެ. މާޔާ ކިޔާންގެ ކުރިމައްޗަށް ނާރަން ގޮސް ދުރުގައި ގޮނޑިއެއްގައި އިށީދެލައިގެން އިން އިރު އިރުއިރުކޮޅާ ކިޔާނަށް ބެލެއެވެ. ބައެއްފަހަރު ދެމީހުންގެ ހަތަރުކަޅި ބައްދަލުވާ ވަގުތު މާޔާ ހީލާ ގޮތުން ކިޔާން ރުޅިގަދަވެއެވެ. ހަގީގަތުގައިވެސް މާޔާ އޭނަދެކެ ލޮތްބެއް ނުވޭތާއޭ ހިތް ބުނެއެވެ. ޝާނިމްއައިސް މާޔާއާ ވާހަކަދައްކަން އުޅުމުން މާޔާ ކޮންމެވެސް އެއްޗެކޭ ކިޔާފަ ދުރަށް ދާން ފެށުމުން ޝާނިމް ފަހުން ވާހަކަ ދައްކަން ނިންމިއެވެ. ޝަހާ މާޔާގެ ބޯ ކޮޅު ބަލަމުން ދިޔައިރު މާޔާގެ ހިތަށް ކުރާނެ އަސަރާމެދު ވިސްނާލުމުން ދެރަވެއެވެ. ކިޔާންގެ ނަޒަރުވެސް ގިނަފަހަރު މާޔާ ހޯދަމުން ދާތީ ދެރަވެއެވެ. ބައެއް ފަހަރު މާޔާގެ ދެލޯ ފެންކަޅިވެފައި ހުންނަތަން ފެނުމުން ޝަހާ ކުރިމައްޗަށް އަރާ ހިނިތުންވެލަނީ މާޔާގެ ހިތް ހަމަޖައްސައިދިނުމަށެވެ. މިރޭ މިހާވަރުން މާޔާ ދެރަވެފަ އިންނަތަން ބަލަން ކެތްނުވާތީ ޝަހާ ހުރީވެސް ފާޑަކަށް ހައިރާންވެ އުދަގޫވެފައެވެ.
ޕާރޓީ ނިމިގެން މާއިޝާ ދިޔައީ ކިޔާންމެން ގެއަށެވެ. ވަރުބަލިވެފައި ހުރުމުން މާއިޝާ ފެންވަރައިގެން ނިދަން ބޭނުންވިއެވެ. އެހެންނަމަވެސް މިރެއަކީ އޭނަގެ ކައިވެނީގެ ފުރަތަމަ ރޭކަން ހަނދާންވުމުން ލަދުރަކި ގޮތަކަށް ހީލަމުން ސޯފާގަ އިށީދެލިއެވެ. މިރޭ ކުރިއަށް އޮތް ބައި ހިތަށް އަރުވާލިޔަސް ލަދުން ގޮސް މޫނު އެއްކޮށް ރަތްވެއެވެ. ކޮޓަރި ތައްޔާރުކޮށްފައި ހުރިގޮތް ފެނުމުން ވެސް މާއިޝާ އިނީ ލަދުގެންފައެވެ. ވަށައިގެން ކޭންޑްލް ސްޓޭންޑް ތަކުގައި އުއްބައްތި ދިއްލާފައި ހުރިއިރު އެނދު މައްޗަށް ރަތް ފިނިފެންމާ ފިޔަ އަޅާފައި ހުއްޓެވެ. އެތައް އިރެއް ވެގެން ދިޔައިރުވެސް ކިޔާން ނައުމުން މާއިޝާ އިނީ ހާސްވެފައެވެ. ޕާރޓީގައިވެސް ކިޔާން އޭނައާ ހެދި އެވަރަކުން ނޫޅޭކަން މާއިޝާއަށް ފާހަގަވިއެވެ. އަނެއްކާ މި ކައިވެންޏަކީ ކިޔާން ބޭނުންވެގެން ކުރި ކައިވެންނެއް ހެއްޔެވެ؟ ހިތަށް އެރި އެއްޗެހިން މާއިޝާ ބިރުގަތެވެ. ގޮސް ފެންތައްޓެއް ބޯލައިގެން ކޮޓަރީގެ ދެކޮޅަށް ހިނގަން ފެށިއިރު ދެ އަތް ދެއަތާ މޮޑެމުން ދިޔައެވެ. އޭސީގެ ފިނި ކޮޓަރީގަ ހިފާލާފަ ހުރިއިރުވެސް މޫނުމަތިން ދާތިކިތައް ބަބުޅަން ފެށިއެވެ. ދަންވަރު ދޭއް ޖެހި އިރުވެސް ކިޔާން ނައުމުން މާއިޝާ ފޯނު ނަގައިގެން ކިޔާނަށް ދެތިން ފަހަރަކު ގުޅިތަނާ ވެސް ފޯނެއް ނުނަގައެވެ. މާއިޝާގެ ހިތް ތެޅެމުން ދިޔައީ އޮބިނޯންނަ ވަރަށެވެ. މިގޭ މީހަކު ކައިރީ އަހަން ހިތަށް އަރާފަ ވެސް މިހާރު އެމީހުން ތިބޭނީ ނިދަން ކަމުގައި ހިތަށް އެރުމުން އެ ހިޔާލު ދޫކޮށްލަމުން އަނެއްކާވެސް ގޮނޑީގައި ޖައްސާލީ މޫނުގައި ދެއަތް އަޅާލަމުންނެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.



V foohi maaishaa ah kiyaan libunyma heekury kaavenyge kurin nihaan ah ethanah dheveyne kamah???
🙁 🙁 🙁 🙁 🙁
Loabimavy beykarey v hayaai magey barubaadhey vy eyru ehaa oagaa v thy mihaaru mihithah thadhu mivany….. alheyy kihinw thu hedhyy.. nukko ah hama rovunyyy…… kiyaan kiyaane ” hiyy nurohvva kushakaa nulaa hiyy nurohvvaa nuruhun nuvey loabi dhyfaa.. nimidhaane jaanaa hithaa”
Bunebala maayaa loabivey kiyaan kairy bunebalaaa… v habeyx ingeyy… luvin it… 🙁 🙁 🙁 🙁 🙁
ehaa reehcheh noon .. kiyaan aa maishaa gulhifa kiyaan aa maaya nugulhunyma .. dhn mivaahaka kiyaany ehkoh nimuny ma .. gud luck
Rovijje…. kyvetha abadhu ves maako ah dhera libeni… shaha emme rangalhennu kiyaan ah hageegaiy kiyaadhen… vvvvvvv salhi ingey next part kondhuvahakun avahan genes dhehchey
alhe haadha reethi vaahakaekey…..i loved it….
Its so boring nw…… i dnt want read.
Dhen vaahaka kiyaaniiii ehkoh ninuniiiima varah foohivejje
dhnn v foohivey marry kuryma…..
waiting for the next part
varah reethi mibaives…
Vaahaka v reethi. Aneh bai Avahah up koh dechey.
Kuhlliyakah mi vy kihineiy.. kury parteh ga oiy nihaan ge maya ehn meehakaa eku ulheythan balaahaa bodeh nooney.. dhen mihaaru kihineiy e vee.. nihaan hiy bodu v tha.. dhen mivaahaka ehaa ehaa eh noon.. echeh neiy thaakah ok..
*ulhey than balaahaa hiy bodeh nooney
Rohwaalaafi. Vv nice
Pis dhn varah foohi kiyaan n maishaa marry kuryma bt still waitin for the next part
Aslu dhen vaanee kihine ..next part kon irakun…dhen aslu vahaka wh haa eache nuvaane dhemyhun vari vefah maya merry kohfiya story hadi…dhen fenunu huvafenakah hadaalaa
Haan dream akah hadhaalaa mi story varah hadi evee… asslu heekuree varah reethivane nekamah
Hama rangalhahves rovihjje
Aslu ves v reethi.read four times. Sooo touching.?????
aharen v foohi vaane dhn maisha nd kiyaan marry kuruvaafa anekka edhe meehun divorce kohfiyya. aee marriage akee kulhivareh noon. beynun v ma marry kohfa beynun v ma divorce kuran. kiyaan ehen v ma marry kuree keevve? loabee ga namuga nujeheyne marriage aeee kulhivarakah hadhaakah. aee eha light koh nagaa ehcheh noon. plus meega maisha ge kusheh neh. so eyna ah abadhu dhera goiy vaakah nujehey. nihaan ves goahekey nubunaanan. mee ge huriha fault eh othy kiyaan nd maaya ge. maaya emme bodah
ya yu r right. mee hurihaa vaahaka akun ves vaa ehcheh. hero nd heroine melodramatic kamun amihlayah dhuruvaanee. dhn ehen bayaka marry kohfa love bla blah ey kiyaafa divorce vaanee. ehen bayakah dheraeh dhevey kameh neynge. vaahaka nimey iru alun e dhen meehun gulheynee. dhn thibi bayaku mimeehunnattakai sacrifice kuraanee. pls mi concept dhn badhal kuran vejje ehnu. typical hindi series!!!!
Kbaa aneh part…. alhey kiyaa hiyy vaniyyyey….. kn irakuntha???? Plx dhuvas or gadi bunebaaaaaa……………. kiyaa hithun moyavaniyyeyyyy
thank you guys.. 🙂 and for those who didn’t like this part i wud say sorry for disappointing you.. thank you 🙂
Waaaaau.
I’m simply loving this
Varah salhi ❤
Rovijje aslahves..