“ހޫމް.. ފިރިހެނެއްގެ ވާހަކަ ދައްކާއިރު ކިހިނެއްތަ ތި ވަނީ އެލީ އަށް؟..” ރީހާން މަޖަލަކަށް ހަދާފައި ސުވާލު ކުރިއެވެ.”ނުވޭ ކަމެއް..”އެލީޒާ ލަދު ނުގަންނަ ކަމަށް ހެދުނެވެ.”ހާދަ ގަބޫލު ނުކުރެވެއޭ.. ދެން ދޭ ރެޑީ ވާން އަވަހަށް..” ހިނިގަނޑެއް ޖަހާލާފައި ރީހާން އެތެރެއަށް ވަތްތަން ބަލަން އެލީޒާއަށް ހުރެވުނީ އެސްފިޔަ ޖަހާނުލައެވެ. ސަބަބަކާއި ނުލައި ހިނިތުންވެސް ވެވުނެވެ. އެކަމަށްޓަކައި ނަފްސަށް ކުދި ކިޔާލަމުން އެލީޒާ ވަނީ ގެއަށް ދިޔައެވެ.ކޮޓަރިއަށް ވަތް ގޮތަށް ފުރަތަމަ ވެސް އެލީޒާ ދިޔައީ އަލަމާރި ކައިރިއަށެވެ. އެކި ކުލަ ކުލައިގެ ހެދުންތަކުން ފުރިފައި ވީ ނަމަވެސް ނަގާނެ އެއްޗެއް އެލީޒާ އަކަށް ނޭނގުނެވެ. އެންމެފަހުން ކަމުދިޔައީ ހުދު ކުލައިން ޑިޒައިން ކޮށްފައި ހުރި ކަޅުކުލައިގެ ސްވެޓާރ އެކެވެ. އަދި ފަޔަށް ދޫ ނޫން ޖީންސްއެއް އެއާއި ގުޅުވައިގެން ނެގިއެވެ. ކުއްލިއަކަށް އެލީޒާ ހުއްޓުން އެރީ ހިތަށް ވެރިވި އެއްޗެއްގެ ސަބަބުންނެވެ.

 

**6 ވަނަ ޕާޓު**

 

މިހާ ވަރަކުން ރީތި މިވަނީ ރީހާންއަށް ދައްކަން ބާއެވެ؟ ކުރިންވެސް އެކީ ކިތަންމެ ތަނަކަށް ގޮސްފައިވީ ނަމަވެސް މިހާ ވަރުން ނުތަނަވަސްވެ ބިރުގަންނަ ސަބަބެއް އެލީޒާގެ ސިކުނޑިއަކަށް ނައެވެ. އެންމެފަހުން ބޯ ފަޅައިގެންދާ ވަރު ވުމުން އެލީޒާ ގާތަށް އައީ ރުޅިއެވެ. އެލީޒާގެ އޮންނަނީ ހާދަ ބަސްނާހާ ހިތެކޭ ވެސް އަމިއްލައަށް ބުންޏެވެ. އެ ރުޅީގައި ހުރެ ތައްޔާރުވެގެން ނިކުތް އިރު ރީހާން ހުރީ އިންތިޒާރުގައެވެ. ކާރަށް ލެނގިލައިގެން ހުރެ ފޯނާއި ކުޅެމުން ދިޔަ މަންޒަރު ކިތަންމެހާ ވެސް އެލީޒާއަށް ހިތްގައިމު ވިއެވެ.”ނިމުނީ ދޯ؟ ހިނގާ.. މިހާރު މިތާ ހުރެ ހުރެ ފަޔަށް ތަދުވާން ފަށައިފި..” އެލީޒާ ފެނުމުން ރީހާން ރުޅި މޫނު ދައްކާލިއެވެ.”ނުބުނަމެއްނު ހުންނާށެކޭ.. އެތެރޭގަ އިނަސް މަށަށް އިނގޭނެއޭ ރީހާންގެ ކާރު ވަކިކުރަން..” ރީހާން ހުޅުވައިދިން ދޮރުން އެތެރެއަށްވަދެ ހަމަޖެހިލަމުން އެލީޒާ ބުންޏެވެ.”އިނގޭ.. މިރޭ އެހެންބުނީތީ ވެސް ތި އައީ ހާދަ ރީތި ވެލައިގެންނޭ..” ރީހާން ގާތަށް ހިނި އައެވެ.”ދެން ނޯ ވޭއި.. އަހަރެން އަތުގަ އޮތް އެންމެ ހަޑި ހެދުމޭ މިއީ..” އެލީޒާ ތުން ދަމާލިއެވެ. ރީހާން ހޭންފެށިއެވެ.

 

ރީހާން އާއި ދިމާވި ފަހުން ދުވަހަކު ވެސް ނުއުފެދޭ ފަދަ ހުސްކަމެއް ލިއީޝްގެ ހިތުގައި އުފެދިއްޖެއެވެ. އެ ތޫނު ނަޒަރާއި އަޑުގައިވި އާދޭހުން އެކަނި ވެސް ލިއީޝްގެ ހިތަށް އުނދަގޫތަކެއް ވެއްޖެއެވެ. އެ ސޫރައިގެ ސަބަބުން އެތަކެއް ސުވާލެއް ސިކުނޑީގައި އެނބުރެމުން ދިޔައިރު ލިއީޝްގެ ބޮލަށް ވަނީ ރިހުމެއް އުފެދިފައެވެ.”ލިއީ ކިހިނެއްވީ؟..” ޚިޔާލަކަށް ގެއްލިފައި އިން ލިއީޝް ސިހުނީ ޒާންގެ އަޑު އިވުމުންނެވެ.”ކަ..ކަމެއް ނުވޭ..” ލިއީޝް ޖަވާބު ދިން އިރު އެއްވެސް ޝައުޤުވެރިކަމެއް އެ އަޑުގައި ނެތުމުން ޒާންއަށް ދެބުމަ ކައިރިކޮށްލެވުނެވެ.”ދެން ބުނެބަލަ ލިއީ.. އަހަންނަށް ފޮރުވޭ ވަރު ކަމެއް ނުހިނގާނެ ކަންނޭނގެ ލިއީގެ ދިރިއުޅުމުގައެއް..” ވަރަށް ލޯބިން ޒާން އައިސް ލިއީޝްގެ ކައިރީގައި އިށީނެވެ.”ކަމެއް ނުވޭ އަސްލު ވެސް.. އަހަރެން ވަރަށް ނިދި އައިސްގެން މީނީ.. ގުޑް ނައިޓް.. ޒާން ވެސް ދާންވީ ކަންނޭނގެ ދޯ ޒާންގެ ރޫމަށް..” ލިއީޝް ވާހަކަ ދައްކަމުން އެނދުގައި އޮށޯތެވެ.”އޯކޭ.. ގުޑް ނައިޓް..” އެއްބުމަ އަރުވާލަމުން ޒާން ލިއީޝްގެ އިސްތަށިގަނޑުގައި ފިރުމާލުމަށްފަހު ނުކުމެގެން ދިޔައެވެ.

 

ދެމީހުން ބޭރުގައި އުޅެފައި ގެއަށް އައީ ދަންވަރު ތިނެއް ޖަހާ ބޮޑުވި ފަހުނެވެ. އެލީޒާ ހުރީ ނިދިއައިސްގެން ގޮސް ހަލާކު ވާވަރު ވެފައެވެ. ދެފަހަރު ކާރުގައި އިން އިރު ނިދިގެން އެލީޒާގެ ބޯ ރީހާންގެ ގަޔަށް ވެއްޓެން އުޅުމުން ރީހާން އެލީޒާގެ ހަށިގަނޑު ތެދުކޮށްދިނެވެ. އެކަން އިނގުމުން ލަދުން އެލީޒާ އެއްޗެހި ކިޔަން ފެށުމުން ރީހާންއަށް ވީ މަޖާ ކަމަކަށެވެ.”އެލީ..” ގެނައި އެއްޗެހި ބަހައްޓަމުން ރީހާން އެނބުރިފައި ބަލާލި އިރު އެލީޒާ އޮތީ ސޯފާއަށް ވެއްޓި ނިދިފައެވެ. އެއް އަތާއި ދެ ފައި އޮތީ ބޭރުގައެވެ. ސޯފާގައި އޮތީ ބޮލާއި ކަނާތް އެކަންޏެވެ. އެއާއި އެކު ރީހާންގެ ސިކުނޑިއަށް މޮޅު ޚިޔާލެއް ވެރިވިއެވެ. ލާނެއް ގޮތަކަށް ހީލަމުން އެލީޒާ އަތްދަނޑި މައްޗަށް އުފުލާލައިގެން ގޮސް ރީހާންގެ އެނދުގައި ބޭއްވިއެވެ. ފާޚާނާއަށް ވަދެފައި އައިސް ރީހާން ވެސް ކޮޓަރީގައި ހުރި ދިގު ސޯފާގައި އޮށޯތެވެ.

 

އެލީޒާ ލޯ ހުޅުވާލިއެވެ. އަމިއްލަ އެނދު ކަމަށް ހީކޮށް ފުރަތަމަ އުޅުނީ އަލުން ހަމަޖެހިލައިގެން ނިދާލަންށެވެ. އެހެނަސް މާހައުލުތަފާތުކަން ފާހަގަވެ ރަނގަޅަށް ބަލާލި އިރު ދެލޯ ބޮޑު ވެއްޖެއެވެ. އެއީ އެލީޒާގެ އެނދެއް ނޫނެވެ. އެލީޒާގެ ކޮޓަރިއެއްވެސް ނޫނެވެ. ރީހާންގެ އެނދާއި ކޮޓަރިއެވެ. އެލީޒާ ހަނދާން އެބަހުއްޓެވެ. ރޭގަ އެންމެފަހުން ނިދުނީ ސޯފާގައި އިށީންތަނާއެވެ. މިހާ ހިސާބަށް އާދެވުނީ އަނެއްކާ ނިދީގައި ހިނގުނީމަ ހެއްޔެވެ؟ ރީހާން ނިދާނީ ކޮންތާކު ކަމާއިމެދު ސުވާލު އުފެދުމުން އެލީޒާގެ ހިތުގެ ވިންދު އަވަސް ވިއެވެ. ނަމަވެސް ސޯފާގައި ނިދާފައި އޮތް ރީހާން ލޮލުގައި އަޅައި ގަތުމުން އެލީޒާގެ ކޯތާފަތް ރަތްވެގެން ދިޔައެވެ. ސިކުނޑިއަށް ވެސް ވީގޮތް ސާފުވިއެވެ. އޭނާ އަށް ނިދުން އިރު ރީހާން ހުރީ ހޭލައެވެ. ނިދުމުން ރީހާން އެލީޒާ ގެނެސް ކޮޓަރިއަށް ލީ ކަންނޭނގެއެވެ. ލަދު ގަތް ވަރުން އެތާ އޮންނަން ނުކެރިގެން އެލީޒާ ފުންމައިގެން ތެދުވެ ކޮޓަރިން ނިކުންނަން ދިޔައެވެ. ނަމަވެސް ނޭނގޭ ސަބަބަކާއި ހުރެ ފިޔަވަޅުތައް މަޑުޖެހުނެވެ. ލަސްލަހުން ރީހާން އާއި ދިމާއަށް އެނބުރެވުނީ ބޭއިޙްތިޔާރުގައެވެ.

 

ނިދާފައި އޮތް އިރު ކޮންމެވެސް އުނދަގޫ ތަކެއް ވާކަމަށް ރީހާންގެ މޫނު ހެކިދެއެވެ. ދާހިތްލާ ފޯވެފައި އޮވެވުނީ އިރު ދެ އަތް މުއްކެވި ދެލޯ ފިއްތާ ބާރުކޮށްގެންނެވެ. އެލީޒާގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން އެލީޒާ ގޮސް ރީހާންގެ ކައިރީގައި ކުރުފައިމައްޗަށް އިށީނެވެ.”ރީހޫ.. ރީހާން..” އެލީޒާ މަޑުމަޑުން ގޮވާލިއެވެ. ނަމަވެސް ރީހާން އޮތީ ގަދަ ނިދީގައެވެ. ރީހާންގެ އެސްފިޔަތައް ތެމިފައި ހުރުމާއެކު ކަރުނަ ފައިބައިގެން އައި ރޮނގެއް މޫނުމަތީގައި އިނުމުން އެލީޒާ ހިތަށް ހީވީ ކައްޓެއް ހަރާލިހެންނެވެ. އެލީޒާގެ ލޯ ވެސް ފެންކަޅިވިއެވެ.”ރީހާން.. އޭއި ކިހިނެއްތަ ވަނީ؟؟..” ރީހާންގެ މޫނުގައި މަޑުމަޑުން ކޮށްޓާލަމުން އެލީޒާ ބާރަށް ބުންޏެވެ. ދެންވެސް ނުހޭލުމުން އެލީޒާ ރީހާންގެ އަތްތިލައިގައި ހިފާ ފިތާލިއެވެ. އެއާއެކު މުއްކެވިފައިވާ ދެ އަތް ދޫވެ މަޑުމަޑުން ރީހާން ދެލޯ ހުޅުވާލިއެވެ. ކުރިމަތީގައި ކަންބޮޑުވެފައި ބަލަން އިން އެލީޒާ ފެނުމުން ރީހާން އަށް ހިންދިރުވާލެވުނެވެ. ފެނުނު ހުވަފެނާއި މެދު ވިސްނާލަން ބޭނުންވިއެވެ. އެލީޒާ އިނުމުން ރީހާން ކަމެއް ވީކަމަށް ހެދެން ބޭނުމެއް ނުވިއެވެ.

 

“އައްދެ.. ހާދަ ކުރިން ހޭލައިގެން..” މޫނު ފުހެލަމުން ރީހާން އަޑަށް ސަމާސާ ވެރިކުރުވިއެވެ.”ކިހިނެއްތަ ދެންމެ ވީ؟..” އެލީޒާ ކުރީ އެހެން ސުވާލެކެވެ.”ކަމެއް ވެއްޖެތަ؟..” ރީހާން ނޭނގޭ ކަމަށް ހެދިއެވެ.”ވެއްޖެހޭ؟.. ކީއްވެ ބިރުން އޮތީ؟؟ ރޮވުނީ ދޯ ނިދީގަ؟؟..” ޝައުގުވެރިވެފައިވާ ވަރު އެލީޒާގެ އަޑުން ވެސް ރީހާންއަށް އިނގުނެވެ. އެއާއި އެކު ރީހާންއަށް އެސްފިޔަތަކުގައިވި ކަރުނަ އިހުސާސް ކުރެވުނެވެ.”ނޫނޭ ހެހެ.. އެވާނީ ހޫނުވީ ކަމަށް.. އެލީއަށް ފިނިވެދާނެތީ ހުރިހާ އެއްޗެއް ނިއްވާލައިގެން ނިދީ..” ރީހާން ސޯފާއިން ތެދުވިއެވެ.”ދޮގުހަދަން ވެސް މޮޅޭ ދޯ؟ އެހެންވެތަ ތިހުރީ ފިނިވެގެން ގޮސް ތުރުތުރު އަޅާ ވަރުވެފަ؟..” ރީހާން ތެދުވުމުން އެލީޒާ ވެސް ތެދުވެ އުނަގަނޑުގައި އަތް ވިއްދާލިއެވެ.”އޯކޭ އޯކޭ..” ރީހާން ތުން އަނބުރާލިއެވެ.”ދެން ބުނެބަލަ..” އެލީޒާ ގޮސް ރީހާންގެ ކުރިމަތީގައި ހުއްޓުނެވެ. އެކަމަކު ހަތަރުކަޅި ހަމައެއް ނުކުރެވުނެވެ.

 

“ބިރުވެރި ހުވަފެނެއް ފެނުނީ..” ރީހާން ދިން ޖަވާބުން އެލީޒާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ.”ދެން އެލީ ވެސް ގެއަށް ދާން ވީ ދޯ؟ އަހަރެން މިދަނީ ފެންވަރާލަން.. ކޮތަޅުތައް އަހަރެން ގެންގޮސްދޭނަން ފަހުން.. މިވަގުތަށް ބޭނުންވާ އެއްޗެއް ހުރިއްޔާ ހިފައިގެން ދާންވީ ކަންނޭނގެ ދޯ؟؟..” ހިނިތުންވަމުން ރީހާން ވާހަކަ ދެއްކިއެވެ. ކުޑަ އިރުކޮޅަކު ބަލަން ހުރެފައި އެލީޒާ ބޯ ޖަހާލިއެވެ. އެލީޒާ ދިއުމުން ރީހާން ފުން ނޭވާއެއް ލިއެވެ. މޫނުމަތީގައި ހުރި ޕްލާސްޓިކް ހިނިތުންވުން ގެއްލުނެވެ. ދޮރު ތަޅުލާފައި އައިސް އެނދުގައި އިށީނުމާއެކު ވިސްނެން ފެށީ އެ ހުވަފެނާ މެދުއެވެ.

 

ފެންނަނީ ކުޑަ އަންހެން ކުއްޖެއްގެ ފަހަތެވެ. ދުރުން ބަލާލާފައި ވެސް އެއީ ރީޝަމްކަން ބުނެދޭން ރީހާންއަށް އުނދަގޫ ކަމަކަށް ނުވިއެވެ. އުފަލުން ރީޝަމް ކައިރިއަށް ދާން ނެގި ފިޔަވަޅު ހުއްޓުނީ ރީޝަމްގެ ކުރިމަތީގައި ބޮޑު ދަގަނޑު ކަހަލަ އެއްޗެއް ހިފައިގެން ހުއްޓި ހުރީ ބިޔަ ފިރިހެން މީހާ ފެނުމުންނެވެ. ރީޝަމްގެ ވަށައިގެން އޮތް ލޭ ކޯރު ލޮލުގައި އަޅައިގަތީ ދެނެވެ. އެވަގުތު އެ މީހާގެ ދެލޯ އަމާޒުވީ ރީހާންއަށެވެ. ރުޅިވެރި ނަޒަރެއް ދެމުން އެ ހަށިގަނޑުން ވަރުގަދަ ފިރިހެންމީހާ ރީހާން އާއި ދިމާއަށް ހިނގައިގަތެވެ. ދެން ވާނީ ކީއްކަން އަންދާޒާ ކޮށްލެވުމުން ރީހާން ދެލޯ މަރާ ބާރުކޮށްލިއެވެ. އެމީހާ އައި ގޮތަށް އައިސް ރީހާންގެ ކުރިމަތީގައި ހުއްޓި ހުރެ ހަޅޭއްލަވަން ފެށިއެވެ. ކިޔާ އެއްޗެއް ހުވަފެން ތެރޭގައި ސާފް ނުވިނަމަވެސް އެއީ ނަފްރަތުން ފުރިގެންވާ ބަސްތަކެއް ކަން ރީހާންއަށް އިނގުނެވެ. ދެލޮލުން ކަރުނަ އައިވަރަކަށް މުއްކެވިފައިހުރި އަތް ދިޔައީ ބާރު ކުރެވެމުންނެވެ. ކިޔާނެ އެއްޗެއް ކިޔުމަށްފަހު އަތުގައި އޮތް އެތިން ރީހާން ގައިގައި ޖަހަން އުޅެނިކޮށް ސިއްސައިގެން ދިޔައީ މީހަކު އަތަށް ވަރަށް ބާރަށް ފިތާލުމުންނެވެ. އެއީ އެލީޒާކަން އިނގުނީ ލޯ ހުޅުވާލުމަށްފަހު ފަސް ވަރަކަށް ސިކުންތު އެލީޒާއަށް ބަލަން ހުރުމަށްފަހު އެވެ.

 

މާޒީގެ ތެރޭގައި ވެ ނިމިފައި އޮތް ކަމެއް އަލުން ފެނުމުން ރީހާންގެ މޭގައި ރިހުމެއް އުފެދުނެވެ. ފެންކަޅިވަމުން ދިޔަ ވަގުތު މަޑު މަޑުން މޭގައި އަތްއަޅާ ފިރުމާލެވުނެވެ. އެ ފިރިހެންމީހާގެ މޫނު ނުފެނުނަސް އެހެން ކަންތައް ކުރާނެ މީހަކީ ކާކުކަން ރީހާންއަށް ހަމަ ރަނގަޅަށް އިނގެއެވެ. ކިޔާ އެއްޗެހި ސާފު ނުވިޔަސް ކިޔާނެހާ އެއްޗެހި ރީހާންގެ ހިތަށް އެބަ ގެނެވެއެވެ. ހިތްވަރު ކުރަމުން ރީހާން ފުން ނޭވާއެއް ލާފައި ނަފްސު ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް އެކަން ވާ ގޮތް ނުވީ އެއަށްވުރެ ބޮޑަށް ރީހާން ހިތުގައި ޖެހިފައި ހުރުމުން އެވެ. ރީޝަމް މަތިން ހަނދާން ވާން ފެށީ އެ ހުވަފެނުގައި އެކުއްޖާ އިން ހާލު ފެނި މިހާރު ރީޝަމްމެން އުޅޭނެ ގޮތެއް ނޭނގޭތީ އެވެ. އިތުރަށް މަސައްކަތް ކުރަން ނޫޅެ ކަރުނަތައް ފައިބަން ރީހާން ދޫކޮށްލިއެވެ. ހިތަށް ހަމަޖެހުމެއް ލިބެން އޮތް ކަމަކަށް ފެނުނީ އެކަން ވީމައެވެ.

 

★★★

 

“އަވަސް ކޮށްބަލަ..ދޮންތީ ހޯދަން މީހަކު އެބަހުއްޓޭ އައިސް..” މާހީ ރީޝަމް ކައިރީގައި ހުރެ ކިޔަން ފެށިއެވެ.”ކާކު؟..” އިސްތަށިގަނޑު އޮމާން ކުރަން ހުރި ރީޝަމް އެހިއެވެ.”ނޭނގޭ ނަމެއް..” ތުން ދަމާލަމުން މާހީ ބުންޏެވެ.”މި ނިމުނީ.. ދެން ހިނގާ ދޯ..” މާހީގެ އަތުގެމައި ހިފައިގެން ރީޝަމް ކޮޓަރިން ނިކުމެ އާނިޔާ ކައިރީގައި ދަނީ ކަމަށް ބުނެ ގެއިން ނިކުތެވެ. ފޯނު ކަންފަތުގައި ޖަހައިގެން ވާހަކަ ދައްކަން ހުރި މާއިލް ރީޝަމްގެ ލޮލުގައި އަޅައިގަތެވެ.”އޯހ ރީޝް ނިކުތީ ދޯ؟؟..” ވާހަކަ ދައްކަން ހުރި މީހަކަށް ބަލާ ނުލައި މާއިލް ފޯނު ކަނޑާލި އެވެ.”ހޫމް..” ރީޝަމް ޖަވާބު ދިނެވެ.”ރީޝަމް ދަނީ މާއިލް އާއި އެކީތަ؟..” އެވަގުތު ގެއިން ނިކުތް އާނިޔާއަށް މާއިލް އާއި ރީޝަމް ފެނުމުން އެހިއެވެ.”ލައްބަ.. އެންމެ ރަނގަޅުތަ؟..” ރީޝަމްއަށް ޖަވާބު ނުދެވި އުޅެނިކޮށް މާއިލް ބުންޏެވެ. އާނިޔާ ބަލަހައްޓައިގެން ހުރެފައި ބޯ ޖަހާލިއެވެ.”އެކަމަކު އެހާ ލަސްނުކޮށް އަންނަން ވާނެ އިނގޭ ރީޝް..” އާނިޔާ ގޭތެރެއަށް ވަނުމުން ދެމީހުން ހިނގައިގަތެވެ.

 

މާއިލްގެ ފޯނު އަނެއްކާވެސް ރިންގްވާން ފެށިއެވެ. ބަލާލާފައި މާއިލް ފޯނު އަލުން ޖީބަށް ލިއެވެ. ދެންވެސް ގުޅަން ފެށުމުން ކަންތައް ކުރީ އެގޮތަށެވެ.”ކާކުތަ އެ ގުޅަނީ އެހާވަރަށް؟..” ހަތަރު ވަރަކަށް ފަހަރު ހުއްޓާނުލާ ފޯނު ރިންގްވުމުން ރީޝަމް އެހިއެވެ.”މަގޭ ބެސްޓް ފްރެންޑް.. ވަރަށް އުނދަގޫ ބޮޑު ވާނެ..” މާއިލް ހިތްހަމަނުޖެހިފައި ބުންޏެވެ. ދެން އައީ މެސެޖެކެވެ.”ކިހިނެއްވެގެންތަ ހަމަ ހުރެފަ ފޯނު ކަނޑާލީ؟ އަދި ގުޅީމަ ނުވެސް ނެގިއޭ ފޯނެއް.. އަނެއްކާ މަރުވީތަ؟؟ ނޫނީ ފުރޭތައެއް އައިސް ކައިލީ ދޯ؟..” އެ މެސެޖް ރީޝަމްގެ ލޮލުގައި އަޅައިތަމުން ހެވޭގޮތްވިއެވެ. އެއާއެކު މާއިލް ރަކިވެގެން ބޯ ކަހާލިއެވެ.”ކަންތައް ބޮޑު ފިރިހެނެއް އެއީ.. ދާންވީނު އޭނާގެ ހާލެއް ބަލާލަން ދޯ؟..” މާއިލްގެ ސުވާލަށް ނޫނެކޭ ބުނަން ނުކެރުމުން ރީޝަމް ބޯ ޖަހާލިއެވެ.

 

“އަހ ޝިޓް..” މާއިލް ނިއްކުރީގައި އަތުން ޖެހިއެވެ. އެވަގުތު ދުވަމުން ކަހަލަ ގޮތަކަށް އަންހެން ކުއްޖަކު އައިސް މާއިލް ކައިރީގައި ހުއްޓި ހުރެ ރޯން ފެށިއެވެ. ރީޝަމް ހުރީ ވާނުވާގައެވެ.”ޕްލީޒް މާއިލް.. އަހަރެން ބޭނުން.. އެންމެ ޗާންސްއެއް..” އެ ކުއްޖާ އާދޭސް ކުރަމުން ދިޔަ މަންޒަރު ބަލަން ހުރި ރީޝަމް ހީކުރީ މާއިލް ފަހަތުން ނެއްޓެން ނޭނގިގެން އުޅޭ ކުއްޖެއް ކަމަށެވެ. އެއްޗެއް ނުބުނެ މާއިލް ކުރިއަށް ހިނގައިގަތުމުން ރީޝަމް އަކަށް ވެސް ހުންނާކަށް ނުކެރުނެވެ.”މޮޔަވެގެންތަ ތިއުޅެނީ.. މީ މަގުމައްޗޭ..” މާއިލް ދަތްކުނޑި ވިކާލިއެވެ.”ހެވޭ.. އަހަރެން ބޭނުން އަދި އެންމެ ޗާންސްއެއް..” މާއިލްގެ އަތުގައި ހިފައިގެން ހުރެ އެކުއްޖާ ރޮމުން ދިޔައެވެ.

 

އެކަމަކުވެސް އެކުއްޖާގެ އަތް ފޮޅުވާލާފައި ރީޝަމް ގޮވައިގެން މާއިލް ދުރަށް ހިނގައިގަތެވެ.”މާއިލް އެއީ ކާކުތަ؟..ކީއްވެ އެކުއްޖާ އެ ރޮނީ؟..” ރީޝަމް ދެރަވެފައި އެކުއްޖާއަށް ބަލާލިއެވެ.”އެއީ އެއްކަލަ ސޮރުގެ ކުރީގެ ގާރލް.. ޖޫލީ.. ކުރިން ދުވަހަކު އޭނަ ޗީޓް ކުރިކަން ބަސްޓް ވެގެން ގުޅުން ކަނޑާލީ..” މާއިލް ކުރުކޮށް ކިޔާދިން އިރު އެ އަޑުގައި ހިތްހަމަ ނުޖެހުމުގެ އަސަރު ހުއްޓެވެ.”އޯހ..” ބުނާނެ އިތުރު އެއްޗެއް ނޭނގުމުން ރީޝަމް ބުންޏެވެ.”ދެން ފަހުން ދޯ ދާނީ އެގެއާށްއެގެއާށް.. އޭނަ ފޯނު ވެސް ހަލާކު ކޮށްލައިގެން ކުރިން ދުވަހު ގަތް އާ ފޯނެއް ގެންގުޅެނީ.. ސިމްކާޑު ވެސް ހަލާކުވެ އޮތީމަ އާ ނަންބަރެއް ގެންގުޅޭތީ ނުގުޅިގެން ކަންނޭގެ މަގޭ ފަހަތުން އެއުޅެނީ..” މާއިލް ބުންޏެވެ.

 

އެދުވަހު މާއިލް އާއި އެކީ ވަރަށް ގިނަ ތަންތަނަށް ހިނގާފައި ގެއަށް އައި އިރު ހަތެއް ޖަހަނީއެވެ. އާނިޔާ އާއި މާހީ ބޭރުގައި ރީޝަމްގެ އިންތިޒާރުގައި ހުއްޓެވެ.”ރީޝަމް! ކޮންތާކު މިހާ ގިނައިރު ވަންދެން ތި އުޅުނީ؟ ބަލާބަލަ ގަޑި.. މިހާރު ހަތެއް ޖަހަނިއްޔޭ.. ބުނިން ދޯ ލަސްނުކޮށް އަންނަން.. ހަތަރެއް ޖެހި އިރު ދިޔަ މީހާ ހާދަ ލަހުން ތި އައީ؟؟ ރީޝަމް ޖަވާބު ދީބަލަ..” ރީޝަމް ފެންނަ އިރަށް އާނިޔާ ސުވާލުތައް އޮއްސަން ފެށިއެވެ.”ދައްތާ.. މިއީ ވަރަށް ރީތި ރަށެއްނު.. އަދި އަލަށް މި އައީ ހިނގާލަފަ.. އަސްލު ލަސްވީ މާއިލް މިސްކިތަށް ދިޔައީމަ އަހަރެން ވެސް ފްރެންޑެއްގެ ގެއަށް ދިޔައީ.. ދެން އަންނަމުން ވެސް ދުރު މަގުތަކުން މި އައީ..” ރީޝަމް ޖަވާބު ދިނެވެ.”އެކަމަކު ވެސް ތިހާ ލަހުން އަންނަ ނަމަ ދެން ނުފޮނުވޭނެ ދައްތަ ކިތަންމެ ބޭނުން ވިޔަސް..” އާނިޔާ ވާހަކަ ދެއްކި އިރު ހިތުގައި ބިރުވެރިކަމެއް އުފެދިއްޖެއެވެ.

 

“އޭ ކިޔާން..” ވިސްނުމަކަށް ގެއްލިފައި އިން ކިޔާން ސިއްސައިގެން ދިޔައީ ދޮރުހުޅުވާލާފައި ވަތް މާއިލްގެ އަޑަށެވެ.”އޯއިކޭ..” ކިޔާން ފާޑަކަށް ބަލާލިއެވެ.”ޖޫލީ ފަހުން ކިޔާން ކައިރިއަށް އައި؟؟..” މާއިލް ސުވާލު ކުރިއެވެ.”ނޯ ނާދޭ.. ކިހިނެއްވީ..” ޖޫލީގެ ވާހަކަ ދެއްކުމުން ކިޔާން ޝައުގުވެރިވިއެވެ.”އަހާލީ ހަމަ.. މިއަދު މަގުމަތީ ވެސް މަށާ ރީޝް އާ ދެމީހުން ދަނިކޮށް އެންމެ ޗާންސް އެކޭ ކިޔާ ރޮމުން އައި..” މާއިލް ކިޔާދިނެވެ. އެއާއެކު ކިޔާން ހިމޭންވިއެވެ.”މާއިލް…” މަޑުމަޑުން ކިޔާން ގޮވާލިއެވެ.”އަހަރެން ބޭނުން އަދި ޖޫލީއަށް ފުރުސަތެއް ދޭން.. އެހެން ވިސްނައިގެން އިންދަ ތި ބުނީ ޖޫލް އައޭ ޗާންސްއެއް ހޯދަން..” ކިޔާން ބުންޏެވެ.”ވަޓް ދަ.. ނޯ.. ނުވާނެ.. އަޅެ ކިޔާން ބުނެބަލަ މިހާރު ކިތަށް ޗާންސް ދެވިއްޖެތަ އޭނާއަށް؟ އަދިވެސް.. ބޯ ހަލާކު ދެން..” މާއިލް ހަޅޭއްލަވާ ފާޑަކަށް ބުންޏެވެ.

 

ހިތްހަމަ ނުޖެހިފައި ކިޔާން ދުރަށް ބަލާލިއެވެ.”އެކަމަކު ވެސް ހެޔޮ.. މަ އޭނައަށް އިތުބާރު ކުރަމޭ މާއިލް..” ދެމީހުން ދެން ފެށުނީ ޒުވާބު ކުރަންށެވެ.”ދެން ނާންނާތި ރޮމުން ރޮމުން މަގޭ ކައިރިއަށް.. އަމިއްލައަށް ދެރަވާން ބޭނުމިއްޔާ އޭނާއަށް ފުރުސަތެއް ދީ..” ވަރަށް އިރު ޒުވާބު ކުރުމަށްފަހު މާއިލް ގޮތް ދޫކުރަމުން ބުންޏެވެ.”ތިކަމާ ވިސްނާނަން މިރޭ..” އެކުވެރިޔާ އެބުނީ ރަނގަޅަށޭ ހިތަށް އެރުމުން ކިޔާން އެހެން ބުނެފައި ކޮޓަރިއަށް ވަނެވެ. މާދަމާ އަލުން ރީޝަމް ފެންނާނެ ކަމުގެ އުންމީދުގައި މާއިލް ވެސް ނިދަން ދިޔައީ ހިނިތުންވެލައިގެންނެވެ. އެކަނި ހުރެ ހެވުމުން މާއިލް އަށް އެކަން ވީ މަޖާ ކަމަކަށެވެ.

 

ހެނދުނު ރީޝަމްއަށް ހޭލެވުނީ ސިއްސައިގެން ގޮސްގެންނެވެ. ކައިރީގައި އަނގަމަތީ އަތް އަޅައިގެން ހޭން ހުރި މާހީ ފެނި ރީޝަމް ތުން ދަމާލިއެވެ. މާހީ އޭނާ ކަންފަތް ކައިރިއަށް ފުމެލީއެވެ.”ސޮރީ ހަހަހަ..” މާހީ ހެމުން މަޢާފަށް އެދުނެވެ.”މާދަމާ ބޮޑު ލަނޑެއް ދޭނަމޭ. ބަލަން ހުންނައްޗޭ..” ރުޅި އަންނަކަމަށް ހެދިފައި ރީޝަމް ފާޚާނާއަށް ވަނެވެ. ފެންވަރާލައިގެން ނިކުތް އިރު މާހީ ވީ ގޭތެރޭގައެވެ. ކުޑަގޮތަކަށް ރީތިވެލައިގެން ރީޝަމް ގޭތެރޭގެ މަސައްކަތް ތަކުގައި އާނިޔާއަށް އެހީވެދޭނެ އުޅުނެވެ.-

ނުނިމޭ –

61

4 Comments

  1. widhaadhaa ismail

    January 17, 2022 at 6:43 pm

    ❤️wowww”❤️

    • Baby Devil

      January 18, 2022 at 3:15 pm

      🤍😚

  2. Hûdhãkkø

    January 17, 2022 at 10:13 pm

    Love this part
    waiting for the next part

    Alhey dhn vaane gothakaa medhu visneni ey alhe
    Vrh avahah next part up kohla dhehchey

    • Baby Devil

      January 18, 2022 at 3:17 pm

      Aneh part tomorrow in sha allah
      Thankiu 💫 we’ll see what happens dhw hudhakko? 🧡

Comments are closed.