ހެނދުނު ރީޝަމްއަށް ހޭލެވުނީ ސިއްސައިގެން ގޮސްގެންނެވެ. ކައިރީގައި އަނގަމަތީ އަތް އަޅައިގެން ހޭން ހުރި މާހީ ފެނި ރީޝަމް ތުން ދަމާލިއެވެ. މާހީ އޭނާ ކަންފަތް ކައިރިއަށް ފުމެލީއެވެ.”ސޮރީ ހަހަހަ..” މާހީ ހެމުން މަޢާފަށް އެދުނެވެ.”މާދަމާ ބޮޑު ލަނޑެއް ދޭނަމޭ. ބަލަން ހުންނައްޗޭ..” ރުޅި އަންނަކަމަށް ހެދިފައި ރީޝަމް ފާޚާނާއަށް ވަނެވެ. ފެންވަރާލައިގެން ނިކުތް އިރު މާހީ ވީ ގޭތެރޭގައެވެ. ކުޑަގޮތަކަށް ރީތިވެލައިގެން ރީޝަމް ގޭތެރޭގެ މަސައްކަތް ތަކުގައި އާނިޔާއަށް އެހީވެދޭނެ އުޅުނެވެ.

 

**7 ވަނަ ޕާޓު**

 

ހަވީރު ގައިގައި މާއިލް ރީޝަމް ބަލާ އަންނާނެކަން އިނގޭތީ ރީޝަމް ހުރީ ތައްޔާރު ވެގެންނެވެ. މިއަދު އާނިޔާ ބުނެގެން ރީޝަމް ދަނީ މާހީ ވެސް ގޮވައިގެންނެވެ. ބޭރަށް ނިކުތް އިރު މާއިލް ބޭރުގައި ހުއްޓެވެ. ކައިރީގައި އިތުރު ފިރިހެން ކުއްޖެއްވެސް ހުއްޓެވެ. ނަމަވެސް ފުރަގަސް ދީގެން ހުރުމުން މޫނެއް ނުފެނެއެވެ.”ހިނގާ ދާން.. ރީޝް ވެސް އެ އައީ..” މާއިލް ރީޝަމް ގޮވައިގެން ހިނގައިގަތެވެ. މާއިލް ކައިރީގައި ހިތްދަމައިގަންނަ ގޮތަކަށް ހުރި އިސްކޮޅުން ދިގު ޒުވާނާގެ މޫނު ދެކިލުމަށް ރީޝަމް ބޭނުން ވިއެވެ. އެހެނަސް ފޯނަށް ނޫން އެހެން އެއްޗަކަށް އޭނާ ނުބަލައެވެ. ހިނގައިފައި ގެއާއި ފުދޭވަރަކަށް ދުރަށް ދިއުމުން ވެސް މާއިލް ނޫން އިތުރު މީހަކު ވާހަކައެއް ނުދައްކައެވެ. ރީޝަމް ކުރި ކަމަކީ ހަމައެކަނި މާއިލް ދެއްކި ވާހަކަތަކަށް ބޯ ޖަހާލުމެވެ.

 

“އަޅެ ކަލޭ ވާހަކަ ދައްކަން ވެއްޖެ ނޫންތަ؟..” އެންމެފަހުން މާއިލް އެފިރިހެން ކުއްޖާއާއި މުޚާތަބު ކުރިއެވެ. މާއިލް އާއި ދިމާ ފާޑަކަށް ބަލާލާފައި އިތުރު އެއްޗެއް އެކުއްޖާ ނުބުންޏެވެ.”އެންމެ ރަނގަޅު.. ރީޝް.. މީ މަގޭ ބެސްޓް ފްރެންޑް ކިޔާން.. ކިޔާން.. މީ މަގޭ.. ފްރެ..ންޑެއް.. ރީޝަމް.. ދެން މިހުރީ އޭނާގެ ކޮއްކޮއެއް.. މާހީ..” އަޅައިގަންނަމުން ކަހަލަ ގޮތަކަށް މާއިލް ރީޝަމް ތަޢާރަފް ކޮށްދިނެވެ.”ކިޔާން..” މަޑުމަޑުން ރީޝަމް އެނަން ކިޔާލިއެވެ. ދެންވެސް ކިޔާން ބަލައެއް ނުލިއެވެ.”ހާދަހާ ފޮނި މީހެކޭ.. ރީތި ސިފައެއް ލިބިފަ ހުރިޔޭ ކިޔާ ތިހާ ވަރަށް ފޮނި ނުވިޔަސް ވެދާނެ ކަންނޭނގެ..” ކިޔާންގެ މޫނު ނުފެނުމުން ހިތާއި ހިތުން ރީޝަމް އެއްޗެހި ގޮވާލިއެވެ.”ލަދު ގަތީތަ ރީޝް އާ ވާހަކަ ދައްކަން؟..” މާއިލް ކިޔާންގެ ކޮނޑުގައި ކުޑަކޮށް ޖެހިލިއެވެ.”އޯހ ގޯޑް.. އޭއި ބްރޯ.. ޖޫލީ އެ އަންނަނީ.. އަވަސް.. ފިލާ..” ދުރުން ފިރިހެން ކުއްޖަކާއި ވާހަކަ ދައްކަމުން އައި ޖޫލީ ފެނުމުން މާއިލް ކިޔާންގެ ކުރިމައްޗަށް އެރިއެވެ.

 

ކިޔާން ކަރަންޓް ޖެހުނުހެން އިސްއުފުލާ ބަލާލި ގޮތުން ރީޝަމްގެ ހިތަށް ވެސް ކުޑަ ސިހުމެއް ގެނުވިއެވެ. ނަފްސުގެ މައްޗަށް ބާރު ފޯރުވަމުން ކިޔާން އިސް ތިރި ކޮށްލާފައި ކައިރީގައި ހުރި ގަސްތަކެއްގެ ތެރެއަށް ވަނެވެ. މާއިލް ވެސް ރީޝަމް ގޮވައިގެން ކިޔާން ފަހަތުން ދިޔައެވެ.”އޭ ދެން އަޅާ ނުލާ.. ކިޔާން ވާހަކަ ދައްކަބަލަ ފިނޑި ނުވެ..” ކިޔާން މޫނުމަތިން މާޔޫސްކަން ފެންނަން ފެށުމުން މާއިލް މައުޟޫ ބަދަލު ކޮށްލިއެވެ. މާއިލް އެހެން ބުނުމުން ކިޔާން ކުޑަ ސަމާސާއެއް ކޮށްލާ ހިތްވިއެވެ.”މަށެއް ނުޖެހޭނެ ކަންނޭނގެ ވާހަކަ ދައްކާކަށް.. އެއީ ކައެގެ ގާރލް..” ކިޔާން ވާހަކަ ދައްކަ ދައްކަ ހުއްޓައި މާއިލް ކިޔާންގެ އަނގަ މަތީގައި އަތް އަޅާ ބާރު ކުރިއެވެ. އެވަގުތު ރީޝަމްގެ ހިތަށް ހީވީ ފެން އެއްޗެއް އޮއްސާލި ހެންނެވެ. ފުރަތަމަ ހިތް ފުރުނީ ކިޔާންގެ ހިތްގައިމު އަޑުންނެވެ. ކިޔާން ބުނި ޖުމްލަ އާއި މެދު ވިސްނާލެވުނީ ކުޑަ އިރުކޮޅެއް ފަހުންނެވެ. އެވަގުތު މުޅި މޫނަށް ރަތްކުލަ ފާއްދާލިއެވެ.

 

“ހަހަ އެހެން ހުއްޓަސް ކިޔާން ވަރަށް ސަމާސާ ކުރާނެ އިނގޭ..” ބޯ ކަހާލަމުން މާއިލް ބުންޏެވެ.”ބައި ދަ ވޭ ނައިސް ޓު މީޓް ޔޫ ރީޝަމް.. ރީޝަމް އާއި ދިމާއަށް އެނބުރިލަމުން ކިޔާން އަތް ހިއްލާލާ ކުޑަކޮށް “ވޭވް” ކޮށްލިއެވެ. އެހެނަސް އަތުގައި އޮތް ފޯނުން ނަޒަރު ވަކިކޮށް ނުލައެވެ. އެހެންކަމުން ކިޔާންއަށް ރީޝަމްގެ މޫނެއް ނުފެނެއެވެ. ނަމަވެސް ރީޝަމްއަށް ކިޔާންގެ މޫނު ރީއްޗަށް ފެނުނެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލާފައި ވެސް ނުކެރިގެން ރީޝަމް ބޯ ޖަހާލިއެވެ. ނޭނގި ހުރެ ހިނިތުންވުމެއް ވެސް އެ މޫނުމަތީގައި ދުވެލިއެވެ. ރީޝަމްގެ މޫނު ނުފެނުނެއްކަމަކު ބޯ ޖަހާލިކަން ކިޔާންއަށް އިނގުނެވެ. ކައިރީގައި ހުރި މާހީ ރީޝަމްގެ އަތަށް ފިތާލިއެވެ. އެއާއެކު ރީޝަމް ސިހުނެވެ. ކިޔާންގެ އަޑު އިވުން ފަހުން މާހީ އެތާ ހުރިކަން ރީޝަމް ހަނދާނެއް ނެތެވެ.

 

އެދުވަހު ރީޝަމް ގެއަށް އައީ ކިޔާން ހުރުމުން ވާހަކަ ނުދައްކައެވެ. ދައްކަން ބޭނުން ވިޔަސް ނުކެރުނީއެވެ.”މަންމިއަށް އިނގޭތަ މިއަދު ދޮންތި ވާހަކައެއް ނުދައްކާ ހަމަ އެއް އިރަކު..” މާހީ ގެއަށް ވަދެފައި އާނިޔާ ކައިރީގައި ކިޔަން ފެށުމުން ރީޝަމް މާހީގެ ގައިގައި ކުޑަކޮށް ޖެހިލީ ނުކިޔާށޭ ބުނާފަދަ އިޝާރާތެއް ދޭންށެވެ.”އެހެންތަ.. އެ ކީއްވެތަ ރީޝް..” އާނިޔާ ފައިލް ތަކެއް ބަލަމުން ބުންޏެވެ.”ފޫހިވީމަ..” ރީޝަމް ބޯކަހާލިއެވެ. އާނިޔާ ހީނލާފައި މަސައްކަތާއިގެން ކުރިއަށް ދިޔައީ މާ ބިޒީކޮށް އިނުމުންކަމަށް ވެދާނެއޭ ރީޝަމް ހިތަށް އެރިއެވެ. ނަމަވެސް ހަޤީޤަތުގައި އާނިޔާގެ ހިތް ދިޔައީ ސްޕީޑް ލޯންޗަކަށްވުރެ ބާރަށް ތެޅެމުންނެވެ. ކިރިޔާ ވެސް ހަމަޖެހުމެއް ލިބުނީ ރީޝަމް މާހީ ގޮވައިގެން ކޮޓަރިއަށް ވަނުމުންނެވެ. އެއާއެކު ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައި ފުން ނޭވާއެއް ލިއެވެ. ހުރިހާ ފައިލް ތަކެއްގެ ދަށުގައި އޮތް ރީޝަމްގެ މެޑިކަލް ރިޕޯޓް އާނިޔާ ލީ އެންމެ ގަނޑުތައް ގިނަ ފައިލަށެވެ. އޮޅިގެންވެސް އޭތި މީހަކަށް ފެންނަން ނޭދޭތީއެވެ.

 

“ކީއްވެ މަންމި ކައިރި ނުކިޔަންވީ؟؟..” ކޮޓަރިއަށް ވަދެފައި މާހީ އެހިއެވެ.”އެއީ ސީކްރެޓްސް ވީމަ.. މާހީ ތީ ދޮންތިގެ ބެސްޓީ އެއްނު..” މާހީގެ ކޮލުގައި ރީޝަމް ހިފާލިއެވެ.”އޯހ..” މާހީ ވިސްނާލިއެވެ.”ސީކްރެޓްސް ނުވާނެ މީހުން ކައިރީ ކިޔާކަށް..” މާހީއަށް ވިސްނަދޭން ރީޝަމް މަސައްކަތް ކުރިއެވެ.”އެއީ ކީއްވެ؟؟..” ތުން ދަމާލާފައި މާހީ އެހިއެވެ.”މާކް ވެސް މާކްގެ ސިއްރުތައް އެހެން މީހުން ކައިރީ ބުނީމަ ރުޅި އަންނާނެދޯ؟ އެގޮތަށް ދޮންތިމެން ވެސް ދެރަ ވާނެ..” ރީޝަމް އެނދުގައި އިށީނދެ ދެފައި ދަމާލިއެވެ.

 

“ހާދަ ކަޑަ މަންޖެއެއް ގޮވައިގެން ތި އުޅެނީ.. ދަރިއެއް ވެސް ހުރޭ ދޯ؟ ވާހަކަ ދައްކަން ވެސް ނޭނގެނީތަ؟..” ކިޔާން މާއިލް ކައިރީގައި ކިޔެވެ.”ވަރަށް.. އޭނަ ވަރަށް މަޑުން ހުންނާނީ.. އެކަމް ފްރެންޑް ވީމަ ބޯ ގޮވާ ވަރަށް ވާހަކަ ދައްކާނެ.. އެންޑް މާހީ އެއީ އޭނާގެ ކޮއްކޮއެކޭ..” މާއިލް ފޫހިވެފައި ކިޔާންގެ ގައިގައި ޖެހިއެވެ.”އުނހު.. ނުކުރާނަން ޤަބޫލެއް..” ކިޔާން ބޭނުންވީ މާއިލް ރުޅި އަރުވާލަންށެވެ.”ހެވޭ ނުކުރިޔަސް.. ކަލެއަށް ވެސް އޭނަ ރީތި ވާނެ.. ސަތޭކަ ޕަސެންޓް ޔަޤީންކަން އެބަ ދެން މިހާރު ވެސް..” ރީހާން ފޮނިވެލިއެވެ.”ވަރުގަދަ ރީޝަމްއެކޭ.. ފޮނިކަމުން ގޮސް ހަކުރު ގަނޑަކަށް ވުރެ ފޮނި..” މާއިލް ރުޅި އައިތަން ފެނުމުން ކިޔާން ދަތްޕިލަ ފެންނަވަރަށް ހީނލިއެވެ.”ނޫނެކޭ އެހާ ސްވީޓް މީހެއް ނޫޅޭނެ ދުނިޔެއަކު ވެސް.. ހަމަ ވަން އިން އަ މިލިއަން އެއީ..” ފަޚުރުވެރި ވެފައިވާ އަޑަކުން މާއިލް ބުނީ އެއީ އަމިއްލަ ލޯބިވެރިއަކަށް އެވަގުތު ކޮޅު ހަދާލައިގެންނެވެ.

 

ރީޝަމް ގޭތެރޭގައި ފޮތް ކިޔަން އިންދައި ދޮރުމައްޗަށް މީހަކު އެރިހެން ހީވިއެވެ.”ހާނިމްބެ..” ފޮތުން ނަޒަރު ވަކިކޮށް އެމީހެއްގެ މޫނަށް ރީޝަމް ބަލާލިއެވެ.”ކޮބާ އާނިޔާ؟..” ހާނިމް ގޭތެރެ ހޯދާލިއެވެ.”ރީޝް ކާކު؟..” އަތް ފޮހެމުން އާނިޔާ ކާގެއިން ބޯ ދިއްކޮށްލިއެވެ.”ހާނިމް.. ކީއްކުރަން؟ މާހީ އެއް ނެތް..” އާނިޔާގެ މޫނުގެ ކުލަވަރު ބަދަލުވީ ސިކުންތެއްގެ ތެރޭގައެވެ.”ބޭނުން އާނިޔާ ކައިރީ ވާހަކައެއް ބުނަން..” މީހަކު ވަންނާށޭ ނުބުނަނީސް ހާނިމް އެތެރެއަށް ވަދެ އިށީނެވެ. ރީޝަމް އާނިޔާއަށް ބަލާލުމުން އާނިޔާ ބޮލުން ކޮޓަރިއަށް އިޝާރާތް ކުރިއެވެ. ބޯ ޖަހާލާފައި ރީޝަމް އެތަނުން ދިޔައެވެ.

 

“ކޮން ވާހަކައެއްތަ ނުދެއްކިގެން ތިއުޅެނީ..” ފޫހި ރާގަކަށް އާނިޔާ އެހިއެވެ.”އަހަރެން ބޭނުން އަލުން އާނި އާ މެރީ ކުރަން..” ހާނިމް ބުނި ޖުމްލައިން އާނިޔާއަށް ހީވީ ހިތުވިންދު މަޑުޖެހުނު ހެންނެވެ. ހިތަށް އެއްފަހަރާ އެތަށް ސުވާލުތަކެއް ވެރިވިއެވެ. އެއްފަހަރު އާނިޔާގެ ވިހި އަހަރުގެ ދުވަސްތައް އަނބުރާ އައީއޭ ވެސް ހިތަށް އެރިއެވެ.”އާނިޔާ..” ޖަވާބެއް ނުލިބުމުން ހާނިމް ގޮވާލިއެވެ.”ނުވާނެ ތިކަމެއް..” ހިތާއި ދެކޮޅަށް އާނިޔާ ބުންޏެވެ.”ކީއްވެތަ އާނިޔާ؟ އަހަރެން އަލުން ގުޅެން ބޭނުމޭ..” ހާނިމް އަނެއްކާވެސް ބުންޏެވެ.”ނޫނެކޭ ބުނާއަޑެއް ނިވޭތަ ހާނިމްއަކަށް؟ދޭ ދެން..” އާނިޔާ ކޮޅަށްތެދުވިއެވެ.”މިގޭގަ އިތުރު ކުއްޖަކު ހުރިކަން ހަނދާން އެބަހުރި ދޯ؟ އެކުއްޖާގެ މަ-..” ހާނިމްއަ ވާހަކަ ފުރިހަމަ ނުކުރެވެނީސް އާނިޔާ ހަޅޭއްލަވައި ގަތެވެ.”ހުއްޓާލާ.. ހާނިމްއަށް ކީއްތަ ވަނީ ރީޝަމް މިގޭގަ ހުރިއްޔާ.. މީ އަހަރެންގެ ގެއެއް.. އަހަރެން މަންމައެއްގެ ލޯބި ދީގެން ބަލާ ކުއްޖެއް.. އޭގެން ހާނިމްއަށް ވާނެ ގެއްލުމެއް މަށަކަށް ނުވިސްނޭ..”

 

“ހޫމް.. ކައިވެނި ނުކުރާހާ ހިނދަކު މަށަށް ކުރެވޭނެ ކަންތައް އޮންނާނެ ތި އުޅޭ ރީޝަމްއަކަށް.. ކުރިއްޔާ ސަލާމަތް ވެވިދާނެ..” އާނިޔާއަށް ފަސްދީ ހާނިމް ހިނގައިގަތެވެ. އާނިޔާގެ ހިތުގައި ބިރުވެރިކަމުގެ އޮއިވަރެއް ދުވެލިއެވެ.”ހާނިމް..” އާނިޔާ އެނބުރި ހާނިމްގެ އަތުގައި ހިފާ ހުއްޓުވިއެވެ. ހާނިމް އަކީ އިންޒާރެއް ދީފިއްޔާ އެކަން ވަރަށް ރަނގަޅަށް ކުރާނެ މީހެއްކަން އެންމެ ރަނގަޅަށް އިނގޭނީ އާނިޔާ އަށެވެ.”އަހަރެން ކައިވެނި ކުރާނަން.. އެކަމް މަގޭ ގައިގަ އަދި މާހީގެ ގައިގަ އަތްލައިގެން ނުވާނެ..” އާނިޔާ އަޑު ތުރުތުރު އަޅައެވެ.”އަނހަ.. ތި ކަޑައޭ.. އޭރުން އެ ކައިވެންޏަކަށް ވާނެތަ؟ އެހެން ނޫނަސް މާހީ އެ މަގޭ ދަރިއެކޭ..” ހާނިމްއަށް ހެވުނެވެ. ނަމަވެސް އާނިޔާގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ.”ހާނިމް..” ދެލޯ ފެންކަޅިވުމުން އާނިޔާ އިސްޖަހާލިއެވެ.”އެހެންމަ ރެޑީ ވެގެން ހުންނާތި އިނގޭ.. އަންނާނަން ބަލާ މާދަމާ..” ކާމިޔާބީގެ ހިނިތުންވުމުގައި ހުރެ ހާނިމް ނުކުމެގެން ދިއުމުން އާނިޔާ ގައިން ހީބިހި ނެގިއެވެ. އެ ނުލަފާ މީހާގެ ވަކިތަކެއްގެ ޝިކާރައަށް ވާން އަނެއްކާ އެއްބަސް ވެވުނީ އޭނާގެ މޮޔަކަމުން ހެއްޔެވެ؟ ނޫނީ ރީޝަމްގެ ރައްކާތެރި ކަމަށް ހެއްޔެވެ؟ ނުވަތަ ކުރީގައި ހާނިމް ދެކެ ވީ ލޯބީގެ ކުޑަ މިންވަރެއް ވެސް އެ ހިތުގައި ނުފުހެވި އޮތީމަ ހެއްޔެވެ؟

 

ހާނިމް އާއި އާނިޔާގެ ކައިވެންޏަކީ އާނިޔާގެ މަންމަ އާއި ބައްޕަ އަނިޔާއަށް އެންމެ ވިހި އަހަރުގައި މަޖުބޫރުން ކުރުވި ކައިވެންޏެކެވެ. އޭރުވެސް ހާނިމް އަކީ ނުބައި މަގުން އަރާ ހުރި މީހެކެވެ. ބަލާ ބެލުމަށް ރަނގަޅު ވައްތަރެއް ޖަހާފާނެއެވެ. އާއިލާ އަކީ މުއްސަނދި ޤަދަރުވެރި ބައެއްކަމުން އެކަން ހިފަހައްޓަން ހާނިމް މަސައްކަތް ކުރާކަން އާނިޔާއަށް އިނގެއެވެ. އެހެން މީހުންނާ ޚިލާފަށް އާނިޔާއަށް ޝައިތާނާ އާއި ހާނިމްގެ ތަފާތެއް ނުފެނެއެވެ. އެހެނަސް ކައިވެނީގެ ވަކި ހިސާބަކުން އާނިޔާއަށް ހާނިމްދެކެ ލޯބިވެވުނީ ކިހިނެއް ކަމެއް ނޭނގެއެވެ. އިނގޭކަށް ބޭނުމެއް ވެސް ނޫނެވެ. އެކަމަށްޓަކައި އާނިޔާ އެތަށް ކަރުނައެއް އެޅިއެވެ. އެފަދަ ފިރިހެނެއް ދެކެ ލޯބިވީ ކޮން ސިފައެއް ފެނިގެން ހެއްޔޭ ކިތަންމެ ފަހަރަކު ހިތަށް އަރައެވެ. އެއްފަހަރު ޖަލަށް ގެންދިއުމުން އިތުރަށް އެ އުޅުން ފޮރުވާކަށް ހާނިމް ގަސްތެއް ނުކުރިއެވެ. އެކަމުގެ ސަބަބުން ހިތްހަމަ ނުޖެހުމުގެ އެތަށް ބަހަކާ އެ އާއިލާ ކުރިމަތިލާން ޖެހުނެވެ. ހާނިމް ކޮންމެ ފަހަރަކު އާނިޔާގެ ހަށިގަނޑުގައި އަތްލާ އިރަށް އަތްލާން ފުރުސަތު ނުދޭށެ ކިޔާ ސިކުނޑި އިންޒާރު ދެއެވެ. ނަމަވެސް ހިތް މުޅިން ދެކޮޅެވެ. އެހެން އުޅެނިކޮށް މާހީއަށް އާނިޔާ ބަނޑުބޮޑު ވީއެވެ. އެންމެފަހުން އާނިޔާ ހާނިމް ކައިރިން ވަރިވީ ހިތް ރޮއެލަ ރޮއެލާ އޮއްވައެވެ.

 

އާނިޔާގެ ދެލޮލުން ކަރުނަ ފައިބަން ފެށިއެވެ. އަލުން އަނބުރާ ފުން ވަޅުގަނޑަކަށް ފުންމާލެވޭ ފަދަ އިހުސާސެއް ކުރެވެމުން ދިޔައެވެ. އަމިއްލަ މޮޔަކަމާ މެދު އާނިޔާ ގާތަށް ރުޅިއައީ ކެތް ނުކުރެވިގެންނެވެ. ރީޝަމް ދޮރު ހުޅުވާލި އަޑު އިވުމުން އާނިޔާ ސިހިފައި މޫނު ފުހެލާ ހިނިތުންވެލިއެވެ.”ދަނީ އިނގޭ މާހީ ބަލާ..” ބޯ ދިއްކޮށްލާފައި ހާނިމް ނެތްކަން ޔަޤީންވުމުން ރީޝަމް ބުންޏެވެ.”އަވަހަށް ގެއަށް އަންނާތި އިނގޭ ރީޝް..” ހާނިމް ދިން އިންޒާރު މަތިން ހަނދާން ވުމުން އާނިޔާ ބުންޏެވެ. އާނއެކޭ ބުނެފައި ރީޝަމް ގެއިން ނުކުމެގެން ދިޔުމުން އާނިޔާ ވަނީ އޭނާގެ ކޮޓަރިއަށެވެ. އެއާއެކު އަނެއްކާވެސް އާނިޔާ ބަލާލީ ރީޝަމްގެ މެޑިކަލް ރިޕޯޓް ލާ ތަޅުލާފައި އޮތް ކަބަޑަށެވެ. ހަމަގައިމުވެސް ހާނިމްއާއި ކައިވެނިކޮށްގެން އުޅެންޖެހޭނީ މިގޭގައެވެ. ހާނިމްގެ މަންމަ އާއި ބައްޕަ ހާނިމް ގެއިން ނެރެލާ އެގެ ކުއްޔަށް ދިނީ އެމީހުން މާލެ ބަދަލު ވުމަށްފަހުގައެވެ. ފަސްވަރަކަށް މިނެޓް ވިސްނަން ހުއްޓައި މާހީ ގޮވައިގެން ރީޝަމް އައި އަޑު އިވުނެވެ.

 

“ދަރިފުޅާ ރީޝަމް.. ދައްތަ ވާހަކައެއް ބުނަން ބޭނުން.. މާހީ އެތެރެއަށް ދޭ އިނގޭ.. ދޮންތި ދާނެ އިރުކޮޅަކުން..” ސިކުނޑިން ޚިޔާލުތައް އެއްފަރާތަށް ކޮށް އާނިޔާ ހިނިތުންވެލިއެވެ. ހާނިމް އާއި އިންނަން އުޅޭ ވާހަކަ ކޮންމެހެން ވެސް ރީޝަމްއަކަށް އިނގެން ޖެހޭނެކަން އާނިޔާ ދަނެއެވެ.”ކޮން ވާހަކައެއް ދައްތާ؟..” ރީޝަމް އެހިއެވެ.”މިއުޅެނީ އަލުން ހާނިމްބެ އާ ކައިވެނި ކުރަން.. ހާނިމްބެ އަންނާނެ މިގެއަށް އުޅެން..” ހަމަޖެހެވޭތޯ މަސައްކަތް ކުރަމުން އާނިޔާ ބުންޏެވެ.”ވަޓް.. ކީއްވެ؟..” ރީޝަމް ދެލޯ ބޮޑުކޮށްލިއެވެ.”ހެހެ.. ދެން ހަމަ ކުރާ ހިތްވީ.. ވަރަށް އަވަހަށް ކުރަން.. ހީވަނީ މާދަމާ ހަވީރު ނޫނީ ރޭގަނޑުހެން.. އަނެއްހެން ޕާޓީއެއް ނޯންނާނެ..” މަސައްކަތް ކޮށްކޮށް ވެސް ހަމަނުޖެވެވުމުން އާނިޔާ ތެދުވިއެވެ.”އެކަމް ދައްތާ..” ރީޝަމް ވާހަކަ ދައްކަން އުޅުމުން އާނިޔާ ބޮލުން ނޫނެކޭ ބުންޏެވެ.”ރީޝް އަށް ހާނިމްގެ ފަރާތުން އުނދަގުލެއް ވާނަމަ ދައްތަ ކައިރީ ބުނެލާ އިނގޭ..” އާނިޔާގެ ޖަވާބަށް ރީޝަމްއަކަށް އެއްޗެކޭ ނުބުނެވުނެވެ. އެހެންކަމުން ބޯ ޖަހާލާފައި ރީޝަމް އިނީއެވެ.

 

އިރު އެރީއްސުރެ އަވަސްވެފައި އޮތް އާނިޔާގެ ހިތަށް ނުތަނަވަސްކަމެއް ލިބުނީ ހާނިމް ގެއަށް އައުމުންނެވެ. ރީޝަމް އާއި މާހީ އެގަޑީގައި ވީ ކޮޓަރީގައެވެ.”ތައްޔާރު ވެގެންތަ ތީނީ؟..” ހާނިމް ހަރުކަށިކަމާ އެކު އެހިއެވެ.”ކޮންއިރަކުން؟..” ހާނިމް ކުރި ސުވާލަށް އާނިޔާ ޖަވާބެއް ނުދިނެވެ.”މިރޭ ހަތް ގަޑި ބައިގަ.. ދެން ނެތެއްނު ގަޑިއިރެއް ވެސް..” ހާނިމް އައިސް ސޯފާގައި އިށީނެވެ.”ދޭ ތައްޔާރު ވާން..” އަމިއްލަ ގެއަކަށް ހަދާލަމުން ހާނިމް އަމުރު ކުރިއެވެ. އާނިޔާއަށް ހާނިމްގެ ކުރިމަތީގައި ބަސްބުނަން ނުކެރުމުން ކޮޓަރިއަށް ވަނެވެ. ހާނިމް އިނީ ތައްޔާރު ވެގެންނެވެ. އެހެން އިންނަތާ ފަނަރަ މިނެޓް ވަނިކޮށް އާނިޔާ ނިކުތެވެ. ފާޑަކަށް ހީލާފައި ހާނިމް ކަރުކެހިލިއެވެ.”ރީޝް.. ދައްތަ އަންނާނަން އިރުކޮޅަކުން..” އަޅައިގަންނަމުން އާނިޔާ ބުންޏެވެ. އަދި ހާނިމްއަށް ބަލާ ނުލައި ނިކުތެވެ.

 

ކައިވެނި ކޮށްގެން އާނިޔާ ގެއަށް އައި އިރު މާހީ އޮތީ ނިދާފައެވެ. ރީޝަމް އިނީ ޓީވީ އަޅުވައިގެން އިނގިރޭސި ޑްރާމާތައް ބަލަންށެވެ.”ނިދަން ދޭ އިނގޭ އަވަހަށް..” ގެއަށް ވަދެފައި އާނިޔާ ރީޝަމްއަށް ބަލާލިއެވެ. ފަހަތުން އައި ހާނިމް ދިޔަގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. އާނިޔާ މޫނުމަތިން ފެންނަން ހުރި ކުލަވަރުން އިތުރު ސުވާލެއް ނުކޮށް ރީޝަމް އެތެރެއަށް ވަނެވެ. އާނިޔާ ކޮޓަރިއަށް ވަދެ ހާނިމްއަށް ގޮވާލިއެވެ.”ކީއްވީ؟..” ފަރުވާކުޑަ ރާގަކަށް ހާނިމް އެހިއެވެ. އޭރު ހާނިމް އޮތީ އެނދުމަތީގައި އޮށޯވެއެވެ.”ކީއްކުރަން ކުރި ކަމެއްތަ މީ؟ ހާނިމް އަހަރެން ދެކެ ލޯތްބެއް ވެސް ނުވޭ.. ދެން ކީއްކުރަން؟..” އާނިޔާ ޝަކުވާ ކުރިއެވެ.

 

“އާނ އަހަރެން އާނިޔާ ދެކެ އެއް އިރަކު ވެސް ނުވަން ލޯތްބެއް.. އަހަރެން ލޯބިވެރިއެއް ހުރޭ.. އެކަމަކު.. އާނިޔާ ނުވާނެ ހިތަށްއެރި ވައްތަރަކަށް އުޅެގެން.. މިހާރު ތީ މަގޭ އަންހެނުން..” ފާޑަކަށް ހާނިމް ބުންޏެވެ. ވަގުތުން އާނިޔާގެ ދެލޯ ފެންކަޅިވިއެވެ. އިތުރު އެއްޗެއް ނުބުނެ ދެން ވަނީ ފާޚާނާއަށެވެ. ދޮރުފަތުގައި ލެނގިލައިގެން ހުރެ އާނިޔާ ވިސްނަން ފެށިއެވެ. ހިތުގައި ހާނިމް ދެކެ ވެފައިވާ ލޯތްބަށް ބަދަލެއް އައިސްފައި ނުވާކަން އާނިޔާއަށް ޔަޤީންވިއެވެ. އެހިނދު ދެލޯ ތެމުނީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. ހާނިމްދެކެ ވާ ލޯބި އެންމެ ފަހަރަކު ވެސް ހާނިމްއަށް އިނގޭނެ ނަމައެވެ. ކުރިއަށް އޮތް ދުވަސްތައް ވޭތު ވާނެ ގޮތް ވިސްނަން ވެސް ނޭނގެއެވެ. ލަސްކުރުން ނުހަދާ އާނިޔާ ނިދަން ތައްޔާރު ވާންފެށިއެވެ.

 

އަނެއް ދުވަހު ހެނދުނު އާނިޔާ ހޭލި އިރު ހާނިމް އޮތީ ގަދަ ނިދީގައެވެ. ކުރިން އުޅުނު ގޮތަށް އާދައިގެ މަތިން އާނިޔާ ތައްޔާރު ވެގެން ނިކުމެ ސައި ހެދި އިރު ރީޝަމް ދަބަސް ހިފައިގެން ނިކުންނަނީއެވެ. ކޮލެޖަށް ދަނީ ކަމަށް ބުނެ ސައި ނުބޮއި ރީޝަމް ދިޔައީ ހާނިމް އިނދެދާނެ ކަމަށެވެ. ރީޝަމް ދިއުމުން އާނިޔާ ފުން ނޭވާއެއް ލިއެވެ. މިހާރު ހާނިމް އަދާ ކުރާ ވަޒީފާއާއި މެދުވެސް އާނިޔާގެ ހިތުގައި ޝައްކު އުފެދިއްޖެ އެވެ. ރަނގަޅު ވަޒީފާއެއް އަދާ ނުކުރާނެ ކަން އާނިޔާއަށް ޔަޤީނެވެ. އެކަމުން ވެސް އިތުރު ބޮލުގަ ރިހުމެއް ނޫނީ އާނިޔާއަކަށް ނުލިބުނެވެ. އަނެއްކޮޅުން އާނިޔާ ވަޒީފާއަށް ދާ ގަޑީގައި މާހީ އާއި ރީޝަމް ހާނިމް ކައިރީގައި އެކަނި ބަހައްޓާކަށް އާނިޔާ ބޭނުމެއް ނޫނެވެ. އަނެއްކާ ވެސް އަނެއް ކަންތަކެވެ. ހާނިމް ވެސް ހަމަ ކުއްލިއަކަށް ހުރެފަ މިކަހަލަ ކަމެއް ކުރަން ޖެހޭ ހެއްޔެވެ؟ ގޭތެރޭގެ ކަންތައްތައް ހަމަޖެއްސުމަށް އާނިޔާއަށް ވެސް ވަގުތު ބޭނުންވާކަން ހާނިމްއަށް ނޭނގި ނުހުންނާނެއެވެ.

– ނުނިމޭ –

55

1 Comment

  1. Hûdhãkkø

    January 20, 2022 at 4:42 pm

    Alhey haanim and aaniya Marry kuri ey dhw
    Mi part VX vrh reethi
    Waiting for the next part
    Hithah arani dhen kihineh ba ey vaani

Comments are closed.