ހުކުރު ދުވަސް ކަމުން ހޭލައިގެން ކުރާނެ ކަމެއް ނޯންނާނެތީ މާހީ ރީޝަމްއަށް އުނދަގޫ ކޮށްފައި އަލުން އާނިޔާ ކޮޓަރިއަށް ގޮސް ނިދީއެވެ. ފެންވަރާލައިގެން ރީޝަމް އުޅުނީ ކޮޓަރިތެރެ ސާފު ކޮށްލަންށެވެ. ކިޔެވުމުގައި ބިޒީ ވުމުން މިހާރަކަށް އައިސް ރީޝަމް އަށް އެކަމުގައި އުޅެވޭނީ މަދު ފަހަރަކުއެވެ. ކޮޓަރިތެރޭގައި އޮތް ކުޅޭ އެއްޗެހިތައް ނެގުމަށްފަހު ބިތުގައި މަދު މަދުން ހުރި ކިލާތައް ފޮޅާ ސާފު ކުރިއެވެ. ދޮންނަން ވެފައި ހުރި އަންނައުނުތައް ވަށިގަނޑަކަށް އަޅައިގެން ދޮރު ކައިރީގައި ބަހައްޓާފައި އަލަމާރި ތެރެ ތަރުތީބު ކުރަން އުޅުނެވެ. ރީޝަމް އާއި މާހީ އެއް ކޮޓަރިއެއްގައި އުޅޭތީ މާހީގެ ހެދުންތައް ވެސް އެއްފަޅީގައި ހުއްޓެވެ. މާހީގެ ޖީންސްތަކާއި ހެދުންތައް އަދި ޓީޝާޓުތައް ފަތްޖަހާ ތަރުތީބު ކުރަމުން ދިޔައިރު ކޮޓަރިތެރޭގައި އިވެމުން ދިޔައީ އައިޕެޑްއިން ޖަހާފައި އިން ލަވައެއްގެ އަޑެވެ. ކޮޓަރީގައި ހުރި ދެ ލޯގަނޑު ކުޑަ ފޮތިކޮޅަކުން ފުހެ ސާފު ކޮށްލާފައި ދެ އެނދުގެ ބެޑްޝީޓްތައް އާ ކޮށްލިއެވެ. ކޮޓަރިއާއި ފާޚާނާ ސާފުކޮށް ނިމުމުން ހީވަނީ ހަމަ އާ ކޮޓަރިއެއް ހެންނެވެ. އޭރު ރީޝަމް ހުރީ ދާ ހިތްލާ ފޯވެފައެވެ. ކުއްލިއަކަށް ހަނދާންވީ ޑްރެސިންގް ޓޭބަލްގެ ކައިރީގައި ހުންނަ ވަތްގަނޑު ތައް ސާފު ނުކުރެވޭ ކަމެވެ. ކިނބިހި އަޅަމުން އެންމެ ތިރީގައި އިން ވަތްގަނޑު ރީޝަމް އަށް ހުޅުވާލެވުނެވެ. އެވަގުތު ބަންޑުން އޮތް ފޮޓޯ ފްރޭމް އެއް ރީޝަމްގެ ލޮލުގައި އަޅައިގަތެވެ. އެ ފްރޭމް ކައިރީގައި ކުޑަ ކީޗެއިން އެއްގައި އިން ހިތެއްގެ ތެރޭގައި ”ރީއްކޮ“ އަތު ލިޔުމުން ލިޔެފައި އިނެވެ. އެ މީހަކު އެ ލިޔެފައި އިނީ ވަރަށް ފަރުވާތެރިކަމާއި އެކުއެވެ. ރީޝަމްގެ ހިތް ތެޅިގަތެވެ.

**4 ވަނަ ޕާޓު**

” ރީޝަމް!!..” ތުރުތުރު އަޅަމުން އޭގައި ހިފަން ގެންދިޔަ އަތް ހުއްޓުނި އާނިޔާގެ ބާރު އަޑުންނެވެ. އަދި އަވަސް އަވަހަށް ދުވެފައި އައިސް ވަތްގަނޑު ލައްޕާލިއެވެ.”ރީޝް ދާންވީނު ފެންވަރާލައިގެން އަންނަން.. ދައްތަ މިތަން ސާފު ކޮށްލަދޭނަން.. މުޅި މި ކޮޓަރިއާ ފާޚާނާ ރީޝް އެއްނު ދޯ ސާފް ކުރީ..” އާނިޔާ ބުންޏެވެ.”ދައްތާ ދެން ތިތަން އެކަންޏޭ އިނީ ނުކޮށް.. އަޅުގަނޑަށް ކުރެވޭނެ..” ރީޝަމް ބޭނުންވީ ކުރަންށެވެ.”ނޫނޭ ދެން ދައްތަ ވެސް ކުރާނެ ކަމެއް ނެތިގެން މިއުޅެނީ.. މިކަން ކުރަން ރަނގަޅެއްނު ދޯ..” އާނިޔާ ރީޝަމްގެ ޖަވާބު ބަލާނުލައި އެހެން ވަތް ގަނޑެއް ހުޅުވާލަމުން ތަރުތީބު ކުރަން ފެށިއެވެ. ދައްތައަށް އުނދަގޫ ނުކުރަން ވެގެން ރީޝަމް ފާޚާނާއަށް ވަނެވެ. އާނިޔާ ހިތް އަވަސް ވެފައި އެތަން ސާފުކޮށް ނިންމާލައިގެން އެ ފޮޓޯ ފްރޭމް އާއި ކީ ޗެއިން ހިފައިގެން ނިކުމެވުނީ ކިރިޔާއެވެ. ރީޝަމް ފެން ވަރައިގެން ނިކުތް އަޑު އިވުނެވެ. ލަސްނުކޮށް ހިނގާފައި ގޮސް އާނިޔާގެ ކޮޓަރިއަށް ވަދެ ތަޅުލާފައި ހުރި ވަތްގަނޑު ހުޅުވާފައި އެ ދޭތި ލާފައި އަލުން ތަޅުލިއެވެ. ނަސީބަކުން އޭރު ވެސް މާހީ އަށް އޮތީ ނިދިފައެވެ.

ކޮޓަރިން ނިކުތް އިރު ރީޝަމް ހުރީ ބަނޑުހައިވެފައެވެ. އެއާއި އެއްވަރަށް ވަރު ބަލި ވެސް ވެފަ އެވެ. އާނިޔާ ކާއެއްޗެހި ހަދާފަ ހުންނާނެކަން އިނގޭތީ ކާގެއަށް ވަދެ ހަދާފައި ހުރި ސެލެޑް އާއި ބަޓަރާއި ޕާން ހިފައިގެން އައިސް މޭޒުގައި އިށީނެވެ. އޭރުވެސް ވިސްނެމުން ދިޔައީ ފެނުނު އެއްޗެއްސާއި މެދުއެވެ. ކޮންމެވެސް ގޮތަކުން ދަންނަ އެއްޗެކޭ ރީޝަމް ހަނދާންވިއެވެ. ނަމަވެސް ވިސްނާ ވިސްނާ ވެސް އެ ކޮން އެއްޗެއް ކަމެއް ނޭނގުނެވެ.”އޯހ ގޯޑް..” ބޮލަށް ތަދުވުމުން ރީޝަމް ޕާން ފޮތި ތައްޓަށް ލާފައި ދެލޯ މަރާލިއެވެ.”ރީޝަމް.. ކޮން ކަމަކާތަ ތި ވިސްނަނީ؟..” އާނިޔާގެ ހިތަށް އުނދަގޫ ވެގެން އަހާލިއެވެ. އެތަކެއްޗާ މެދު ރީޝަމް ވިސްނާކަށް އާނިޔާ ބޭނުމެއްނޫނެވެ.”ނޭނގެ.. ބޮލަށް ތަދުވޭ އެބަ..” ރީޝަމް ބުނީ ދޮގެއް ނޫނެވެ.”އަވަހަށް ކައިގެން ބޭސްކާން ވީދޯ؟..ދައްތަ އެބަ އަންނަން ޕެނަޑޯލް ގަނެގެން.. ގެއަކު ނެތް..” ރީޝަމްގެ ބޮލުގައި ފިރުމާލާފައި އާނިޔާ ނުކުމެގެން ދިޔައެވެ.

“ދޮންތީ ކޮބާ މަންމަ..” އެވަގުތު ނިދާ ހޭލައިގެން އައި މާހީ އެހިއެވެ.”މަންމަ ދެންމެ އެދިޔައީ ފިހާރައަށް.. ސަންތި މަރިޔަނބަށް ނުވެ އަވަހަށް ދޭ ފެންވަރަން..” އިސްތަށިގަނޑު ހޭވިފައި ހުރުމުން ރީޝަމް ދޫ ނެރެލިއެވެ. ތުން އޫ ކޮށްލާފައި މާހީ ދިޔައެވެ. ކުޑަ ހިނިގަނޑެއް ޖަހާލާފައި ދެފަރާތަށް ބޯ ހުރާލަމުން ރީޝަމް ކޭ ތަށިތައް ދޮންނަން ފެށިއެވެ. އަދި އަތް ފުހެލައިގެން ނުނިމި ހުރި ފިލާވަޅުތައް ނިއްމާލަން ކޮޓަރިއަށް ވަނެވެ. އައިޕެޑްއިން މަޝްހޫރު ލަވަކިޔުންތެރިއެއްގެ ލަވައެއް ޖަހާލަމުން ފޮތް ހުޅުވާލިއެވެ.”އަން ބޭސް..” އާނިޔާ ކޮޓަރިއަށް ވަނީ ރީޝަމް ފިލާވަޅު ހަދަން އިންދައެވެ. އޭރު މާހީ ކައިރީގައި ކުޅެން އިނެވެ.”އިރުކޮޅަކުން ކެޔަސް އެންމެ ރަނގަޅު ދޯ؟؟..” ރީޝަމް އެހިއެވެ. ބޯ ޖަހާލާފައި ބޭސް މޭޒު މަތީގައި ބައިންދަމުން އާނީޔާ ދިޔައެވެ.

މާހީ ގޮވައިގެން ހިނގައިލަން ރީޝަމް ނިކުތް އިރު މާއިލް ހުރީ ދޮރު މަތީގައެވެ. ކުއްލިއަކަށް މާއިލް ފެނުމުން ރީޝަމް ސިހޭ ގޮތް ވިއެވެ.”ހެހެ.. އަންނާނެ ކަމަށް މިހުރީ..” ބޯ ކަހާލަމުން މާއިލް ބުންޏެވެ.”އޯހ..” ރީޝަމް ހިނިތުންވެލިއެވެ. އެވަގުތު މީހަކު މާއިލްގެ ފޯނަށް ގުޅަން ފެށުމުން ރީޝަމް އަށް ބަލާލާފައި މާއިލް ދަނީއޭ ބުންޏެވެ. މާހީ ގޮވައިގެން އެކި ވާހަކަތައް ދައްކަމުން ދިޔަ އިރު ރީޝަމް އަށް ވިސްނެނީ ހަމަ އެއާއި މެދުއެވެ. އެއްވެސް ވަރަކަށް ހިތަށް އުފާވެރިކަން ނުލިބުމުން ހިނގުމުގެ ފޯރި ކެނޑި ގެއަށް ދާން ހިނގައިގަތެވެ. ދުރުގައި ހުރި ގަހެއްގެ ހިޔަލުގައި މާއިލްގެ ލޯބީގެ ނަޒަރު ހުރީ ރީޝަމްއަށެވެ.”އަޅެ ކަލޭ އެއްފަހަރު ވެސް އޭނައާ ދިމަ ބަލާލަބަލަ އޭނަ ކިހާ ރީތިތޯ ބަލަން.. ޕިސް މަށަށް ފުރަތަމަ ފެނިލުމުން ވެސް އޭނާ ކަމުގޮއްސި.. ކިޔާން އަޅެ ބަލާލަބަލަ..” ކައިރީގައި ހުރި ކިޔާންއަށް މާއިލް ބުންޏެވެ.

“އޭނަ އަށް ބަލާބަލަ ކަލޭ ހިތްފުރެންދެން.. މަ ނޫޅެން މޮޔަ ވެގެންނެއް..” ކިޔާން ދޫ ނެރެ އަނގައަށް ފާޑެއްގެ ގޮތެއް ހަދާލިއެވެ. އެތަން ބަލަން ހުރީ އަންހެން ކުއްޖެއް ނަމަ އެ ރީތި ކަމުގައި ޖެހޭނެކަން ޔަޤީނެވެ.”އަޅެ ހެޔޮނުވާނެ..” ރީޝަމް ލޯ ކުރިމަތިން ގެއްލުމުން މާއިލް ކިޔަން އާއި ދިމާލަށް އެނބުރުނެވެ.”ޖެހުނީ އަނެއް ކަންތައް.. ހިނގާ ދެންވެސް.. މަ ގެއަށްދާން ލަސްވެގެން މިހިރީ..” ފޫހިކަމާއެކު ކިޔާން މާއިލް ދަމާފައި ކަހަލަ ގޮތަކަށް ގެންދަން ފެށިއެވެ.”މީހެކޭ އެހީވެދީ.. މި ފިރިހެނާ މަ ގެންދަނީ!..” މާއިލް މަޖަލަކަށް ހަދާފައި މީހުންނަށް އަޑު އިވޭ ވަރަށް ގޮވާލިއެވެ. ލަދުގެ ކަންފުޅެއް ނެތް ކިޔާން ހުއްޓި ވަށައިގެން ބަލަން ތިބި އެންމެނަށް ލޯ އަޅަން ފެށިއެވެ. ނަމަވެސް އެއްޗެއް ނުބުނެ މާއިލްގެ ގައިން ދޫކޮށްލަމުން ހިނގައިގަތެވެ.

ހަޤީޤަތުގައި ކިޔާން އަކީ ސަކަރާތްޖަހާ މަޖާކޮށް އުޅޭ ކުއްޖެކެވެ. މިއަދު އެހާ ސީރިއަސްވެފައި އެވަނީ މެންދުރު އޭނާގެ ލޯބިވެރިޔާ ޖޫލީ އޭނައަށް ބޭވަފާތެރި ވީކަން ފަޅާ އެރުމުންނެވެ. މިއަދުގެ ގޮތުން ކިޔާން ކުރާ ހިތްވާ އެއްވެސް ކަމެއް ނެތެވެ. މާއިލް ވަރަށް އާދޭސް ކޮށްގެން ނިކުންނަން ބަލާ އައުމުން ކިޔާން ބުނީ ރެޑީ ވެގެން ގުޅާނެ ކަމަށެވެ. ނުރުހުމުގެ ކުލަ ފެންނަން ހުރި ކިޔާން ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯތެވެ. މިހާރު ޖޫލީއަށް ދެވުނީ ކިތަށް ޗާންސްކަމެއް ކިޔާންއަށް ގުނާކަށް ނޭނގުނެވެ. ވެފައިވާ ކަނު ލޯތްބާއި ކިޔާންގެ ރީތިކަމުގެ ނާޖާއިޒު ފައިދާ ޖޫލީ ރަނގަޅަށް ނަގާލައިފިއެވެ. އޭނާއާއި އެކު އުޅުނު ދުވަސްތަކު ތެރޭ އެހެން އަންހެން ކުދިންނާ މެދު ކިޔާންގެ ހިތުގައި ކިލަނބުކަން އުފައްދަން ވެސް ޖޫލީ ވަނި ކާމިޔާބު ކޮށްފައެވެ. އެހެންކަމުން އަދިވެސް ރުހުމުގެ ލޮލަކުން އަންހެނަކަށް ބަލާލަން ކިޔާން ގަސްތެއް ނުކުރެއެވެ.

“ތިހެން ނޯވެ ކޮންމެވެސް ކަމެއް ކުރަން ހިނގާބަލަ.. މީހާ ތިހިރަ ހަލާކު ވަނީއޭ..” މާއިލް ކޮޓަރިއަށް ވަތް އިރު ކިޔާން ބަންޑުން އޮށޯވެ އޮތްތަން ފެނުމުން ބުންޏެވެ.”ނެތޭ އެއްކަމެއް ކުރާ ހިތެއް ވެސް..” އެ އޮތްގޮތަށް އޮވެ ކިޔާން ބުންޏެވެ. އެގޮތަކުން މާއިލްގެ ހިތްހަމައެއް ނުޖެހުނެވެ. ކިޔާންގެ ދެފައިގައި ހިފާ ދަމަމުން އެނދުން ވައްޓާލިއެވެ. ތަދު އިހްސާސް ވިހެން ހީވެސް ނުވެއެވެ. ތަރުތީބެއް ނެތި ހޭވިފައިވާ ފަން ކުރު އިސްތަށިގަނޑާއި އަސަރެއް ނެތް މޫނުމަތީގެ އިތުރުން އިން ގޮތުން ވެސް ކިޔާންއަށް އައިސްފައިވާ ބަދަލަށް ހެކިވެއެވެ.”ކަލެއާ މި ވާހަކަ ދައްކަނީ..” ކިޔާންއަށް ކުޑަވެސް ބަދަލެއް ނައުމުން މާއިލް މާޔޫސްވި ނަމަވެސް އަނެއްކާ ވެސް މަސައްކަތް ކުރިއެވެ.”ބުނެފީމެއްނު ނެތޭ ކަމެއް ކުރާ ހިތެއް..” ޖަވާބު ދީފައި ކިޔާން މަޑު ނުކޮށް ކޮޓަރިން ނިކުމެ ސޯފާގައި އިށީނެވެ.”ތީ އެއްއަހަރުގެ ކުއްޖެއްތަ ބޮޑާ ހާކަން؟..” މާއިލް ރުޅިއަންނަކަމަށް ހެދުނެވެ. ވީ ކަމެއް ހަރާމެވެ. އިންތާ ގުޑި ވެސް ނުލާ އިން އިރު އެސްފިޔަ ވެސް ޖަހާ ނުލައެވެ.”ވަރެއްގެ އަންހެނެއްނު އެ ޖޫލީ އަކީ..” ކިޔާން އެގޮތަށް އިންނަތަން ފެނުމުން މާއިލް ހިތާހިތުން ކިޔާލިއެވެ.

“ދެން ހުރޭ މަ ބުނާ ކަންތައް ނުކޮށް..” ރަނގަޅު ވިސްނުމެއް ވިސްނާލާފައި މާއިލް ބުންޏެވެ. ބުނި ރާގުން ކޮންމެވެސް ކަމެއް ކިޔަން އުޅޭހެން ހީވުމުން ކިޔާން ވައްކަޅިން ބަލާލިއެވެ.”މާދަމާ ދަތުރު ދަން..އޯރވާ ނައިޓެއް ހަދަން ވިސްނިން އެކަމް އަންހެން ކުދިންތަކެއް ގެންދާތީ ނުހެދޭނެ އެހެންމަ ރޭގަނޑު ރަށަށް އަންނަ ގޮތަށް..” މާއިލް ފުޅާ ހިނިތުންވުމަކާއެކު ބުންޏެވެ. ކިޔާން މާއިލް އަށް ބަލާލި އިރު އެ މޫނުމަތިން ކުޑަވަރެއްގެ ހިތްހަމަ ޖެހުމެއް ފެނިލިއެވެ. ދަތުރު ދިއުމަކީ ކިޔާން އެންމެ ކުރާ ހިތްވާ އެއް ކަމެވެ. އެކަން ދަނެގެން މާއިލް ކަމެއް ރާވާލަން ނިންމީއެވެ. ކިޔާން ހިތްހަމަ ޖެހުނު ކަން އިނގުމުން މާއިލް ހިނިތުންވެލިއެވެ.

އެރޭ މާހިލް އޭނާގެ އެކުވެރިންނަށް ދައުވަތު ދީފައި ރީޝަމް ކައިރީ ބުނަން ދިޔައެވެ. ގެއަށް ވަތް ވަގުތު ވެސް ސަލާމް ބަލައިގަތީ އާނިޔާއެވެ.”ރީޝް އުޅޭތަ؟..” މާއިލް އެހެން އެހުމުން އާނިޔާ ރީޝަމް ގޮވައިގެން އައެވެ.”ކިހިނެއް ވީ މާއިލް..؟” ރީޝަމް އެހިއެވެ.”އަމް.. މާދަމާ ހެނދުނު ދަތުރު ދެވޭނެތަ؟.. ރޭގަނޑު އަންނަ ގޮތަށް..” އާނީޔާ ހުރުމުން މާއިލް ނުތަނަވަސްވިއެވެ.”ނޫން..” އާނއެކޭ ބުނަން ހުޅުވާލި އަނގަ ރީޝަމްއަށް ލައްޕާލަން ޖެހުނީ އާނިޔާގެ ޖަވާބުންނެވެ.”ނުދެވޭނެ ރީޝް އަކަށް.. ރީޝް ނުދަންނަ ކިތަށް މީހުން ދާނެ އެތަނަށް؟ އެހެން ނޫނަސް އަހަރެން ފިރިހެން ކުދިންނާ އެކީ ފޮނުވާ ހިތެއް ނުވޭ.. އެކުވެރިކަން ކުރިއަށް ގެންދިޔަސް މައްސަލަ އެއް ނެތް އެކަމަކު ތިކަމަށް ދައްތައަށް ހުއްދައެއް ނުދެވޭނެ..” އާނިޔާ ބުންޏެވެ. މާއިލްގެ ހިތް މާޔޫސްވިއެވެ. ނަމަވެސް ރީޝަމްގެ ބެލެނިވެޔާ ބުނާ ގޮތް ނޫން އެހެން ގޮތެއް ނެތުމުން މާއިލް ބޯ ޖަހާލިއެވެ.

އަނބުރާ ކިޔާންމެންގެ ގެއަށް ދިޔަ އިރު މާއިލް ހުރީ އަނގަ ސަކަރާތް ވެފަ އެވެ. އެކުވެރިންނަށް ދައުވަތު ދީފައިވިޔަސް ކެންސަލް ކޮށްލަން ހިތަށް އެރިއެވެ. ނަމަވެސް އެހެން ހަދައިފިއްޔާ ކިޔާން އަނެއްކާ ވެސް މާޔޫސް ވެދާނެތީ އެހެން ހަދާކަށް ނުކެރުނެވެ.”ޕެކް ކުރަނީ ދޯ؟..” މާއިލް ކިޔާން ކުރަމުން ދިޔަ ކަންތަކަށް ބަލާލިއެވެ. މަޑު ހޫމްއެއް އަޅުވާލާފައި ކިޔާން އޭނާގޭ މަސައްކަތަށް ސަމާލުކަން ދިނެވެ. ދަތުރު ދާ ހިތް ކެނޑިފައި ވުމުން އެކަހަލަ ވާހަކައެއް ދައްކާކަށް މާއިލް ބޭނުމެއް ނޫނެވެ. އެހެންކަމުން ސޯފާއަށް ހަށިގަނޑު ދޫކޮށްލައި ދެލޯ މަރާލިއެވެ.

ޕެކް ކޮށް ނިންމާފައި ކިޔާން ތާޒާ ވެލައިގެން ނިކުތް އިރު ޖޫލީގެ ކިތަންމެ މިސްޑް ކޯލެއް އައިސްފައި ހުއްޓެވެ. އެއާއި އެކު ކިޔާންގެ މޫނުގެ ކުލަވަރު ބަދަލުވީ ސިކުންތެއްގެ ތެރޭގައެވެ. ހިތުގައި އަޅަމުން ދިޔަ ވޭނަށް ވުރެ މޫނުމަތިން ފެންނަމުން ދިޔަ ރުޅިގަނޑު ވަނީ ހާމަޔަށެވެ. ދެދަތްޕިލަ ފިއްތާ ބާރު ކޮށްލެވުނީ ޖޫލީގެ މެސެޖްތައް ފެނުމުންނެވެ.”ބޭބީ” ނުވަތަ “ލޯބި” ބޭނުން ކޮށްގެން އޭނައަށް މުޚާތަބު ކޮށްފައި ހުރި މެސެޖްތައް ފެނުމުން ކިޔާންއަށް އިޙުސާސް ވީ ވޭނެވެ. އިތުރު ރުޅިވެރިކަމެވެ. ފޯނު ބާއްވަނީ އުޅުނު ގަޑީގައި އަނެއްކާ ޖޫލީ ގުޅަން ފެށިއެވެ.”ކިހާ ބޮޑު ވެއްޖެ ކަމެއްތަ މީ؟..” ފޯނު ނެގިގޮތަށް ހަޅޭއްލަވައި ގަތެވެ.”ބޭބީ ޕްލީޒް މައާފްކުރޭ..އަހަރެން ޔާން ދެކެ ލޯބިވެއޭ ޕްލީޒް..” ޖޫލީ އާދޭސް ކުރަން ފެށިއެވެ.”އަހަރެމެން ދެމީހުންގެ ގުޅުން ނިމިއްޖެ.. ގުޅުން މީންސް ހަމައެކަނި ރިލޭޝަންޝިޕްއެއް ނޫން! ދެން އަހަންނާ ވާހަކަ ދައްކައިފިއްޔާ ވެސް މި ދެއަތުގެ ނުބައިކަން ދައްކާލާނަން!..” އައިސްފައި ހުރި ރުޅިން ކިޔާން ގޮށްމުށުން މޭޒުމަތީގައި ޖެހިއެވެ. އަދި ލަސްނުކޮށް ފޯނު ކަނޑާލިއެވެ. ރުޅި މައިތިވޭތޯ ފޯނުވެސް ހޫރާލިއެވެ. އަދި ފުންނޭވާއެއްލާފައި ޓީޝާޓެއް ލައިގެން އެނދުގައި އޮށޯތެވެ.

ގަޑިން ފަސްގަޑި ފަނަރައެވެ. ދަތުރު ދާން ޖެހޭނެކަން ހަނދާން ކުރަމުން ތެދުވެ ކިޔާން ފާޚާނާއަށް ވަނެވެ. އޭރު ފޯނު އޮތީ ބިންމަތީގައެވެ. ސްކްރީންގެ ބައިތައް ކައިރީގައި ހުރުމުން ފޯނު ހަލާކުވެފައިކަން އިނގެއެވެ. ނިކުމެ ކަޅު ކުލައިގެ ޕްލެއިން ޓީޝާޓެއް ލާފައި ސޯޓެއް ލިއެވެ. އަދި ކަންނެތް ކަމާއެކު ކޮޓަރިން ނިކުތް އިރު މާއިލް ހުރީ ފޫހިވެފަ އެވެ. އަދި ގަޑިން ވީ ފަސްގަޑި ބައެވެ.”ކަލޭ ހާދަ ރުޅިއައިސްފަ؟..” ކިޔާންގެ މޫޑު ކުޑަކޮށް ރަނގަޅުހެން ހީވެއެވެ. އެ ސުވާލު އެހީވެސް ޖެއްސުމުގެ ރާގަކަށެވެ.”އާނ.. މަ ދާހިތެއް ނެތް…ރީޝް ކައިރީ ދާން އެހިތަނާ އޭނާ ދައްތަ ހުއްދައެއް ނުދިން..” މާއިލް ހިތްހަމަ ނުޖެހުން ފާޅު ކުރިއެވެ.”ހޫމް ދެން އެއީ ނުދެވޭވާރު އުޒުރެއް؟ ނުވާނެ އެހެނެއް.. މާއިލް ގެންދާނަން..” ކިޔާން ފާޑަކަށް ބަލާލިއެވެ.”ނޫނެކޭ..މަ ވެސް ބޭނުންވާނޭ ދޯ..” ކިޔާންއަށް މާއިލް ދެލޯ އަޅާލިއެވެ. ކިޔާން ގާތަށް އައީ ހިންޏެވެ. މިހިރީ ވާ ވަރުގަދަ ރީޝަމް އެކެވެ.

“ރީޝް..” އާނިޔާ މަޑުމަޑުން އިން ރީޝަމްއަށް ގޮވާލިއެވެ.”ލައްބަ..” މޫނު މަތީގައިވި ހިތާމަވެރިކަން ފޮރުވަން ރީޝަމް މަސައްކަތް ކުރިއެވެ.”ދައްތައަށް ވަރަށް ބޮޑަށް މަޢާފު ކުރޭ ރީޝް.. އިނގޭ ވަރަށް ދެރަވެފަ ކަން ދަރިފުޅު ތިއިނީ.. ވަރަށް ދާހިތް ވެސް ވޭކަން.. އެކަމަކު ދައްތައަށް ފޮނުވޭކަން ނެތް..” ރީޝަމްގެ ބޮލުގައި އާނިޔާ ފިރުމާލިއެވެ. ހަޤީޤަތުގައި ރީޝަމް އެއިނީ ދެރަވެފައެވެ. އަބަދު ވެސް އާނިޔާ ބުނާ ގޮތް ހަދައިގެން އެކުވެރިންނާ އެކީ ބޭރަށް ދެވޭ ގޮތެއްނުވެއެވެ.”އެ އޯކޭ ވާނެ..އަދި ރީޝްގެ މުސްތަޤްބަލް އޮތީ ކުރިއަށް.. ދައްތަ ހާސް ނުވައްޗޭ.. އިރާދަކުރެއްވިޔާ އަޅުގަނޑު ކާމިޔާބު މީހަކަށް ވާނެ.. އެދުވަހުން ދައްތަ ނުޖެހޭނެ އަޅުގަނޑު ގެއްލިދާނެތީ ހާސް ވާކަށް..” ރީޝަމް ވާހަކަ ދެއްކިއެވެ. ނަމަވެސް އާނިޔާ ހިތަށް ހީވީ ގުޑުމެއް އައިހެންނެވެ. ބޮޑު ވެގެން ވެސް އެގޮތަށް އުޅެން ދޫކުރެވޭކަށް އާނިޔާ ބޭނުމެއް ނޫނެވެ.

އިތުރު އެއްޗެއް ނުބުނެ ބޯ ޖަހާލާފައި އާނިޔާ ދިއުމުން ރީޝަމް އިސްޖަހާލިއެވެ. މިރަށަކީ ރީޝަމް ދަންނަ ރަށެއް ނޫން ނަމަވެސް މިރަށުގައި އުޅޭތާ މިހާރު ހަތަރު ވަރަކަށް އަހަރު ވެދާނެއެވެ. އާނިޔާގެ އެދުމުގެ މަތިން އެހާ ގިނައިން ބޭރަށް ގޮސް ރީޝަމް ނޫޅެއެވެ. އާނިޔާ ރީޝަމްއަށް ވަރަށް އިތުބާރު ކުރާކަން އޮޅިފައެއް ނުވެއެވެ. ހައްތަހާ ވެސް ހިތަށް އަރަނީ އާނިޔާ މާ ބިރުގަންނަންވީ ސަބަބެވެ. އޭނަ އާނިޔާ ކައިރީގައި ހުވާ ވެސް ކޮށްފާނަމެވެ. އޭނައަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ނުލިބޭނެ އެވެ. ޚާއްސަކޮށް މާއިލް އާއި އެކު ތަނަކަށް ދަންޏާ އެވެ. އެހެން އެކުވެރިންނަށް ނޭނގޭ ކަމެއް ފަޅާ އަރާ، އަދި އެކަމުން ރީޝަމް ރައްކާތެރި ކުރަން މަސައްކަތް ކުރިތަން އަމިއްލަ ދެލޮލުން ފެނުމުން މާއިލް އަށް އޮތް އިތުބާރު ވަރުގަދަ ވެއްޖެއެވެ. ސިކުނޑި ތެރޭގައި ވައިސޫރިއެއްހެން އެނބުރެމުން ދިޔަ ސުވާލަށް ޖަވާބު ދެވޭނީ ހަމައެކަނި އާނިޔާއަށެވެ.

★★★

މޭޒުމަތިން ރީހާން ބޯ ހިއްލާލި އިރު ކުޑަ ރިހުމެއް ބޮލުގައި ވިއެވެ. ލަސްލަހުން ކޮފީތަށި ބޮމުން ދިޔައިރު ވެސް އެކި އެއްޗެހި ހިތަށް އަރާ ފައިބަމުން ދިޔައެވެ. އެހާ ގިނައިން ވިސްނެން ފެށުމުން ކޮފީތަށި ދުރަށް ޖައްސާލާފައި ބިލް ދައްކައިގެން ރީހާން ނިކުތެވެ. މާޙައުލުގެ ހިތްފަސޭހަ ކަމުން އެތަނަށް އަންނަ މީހުން ގިނައެވެ. އެ ކެފޭ ވަށައިގެން ތޮށްޖެހިފައި ވުމުން އުނދަގޫ ވެގެން ރީހާން ކާރަށް އަރާ އެލީޒާގެ ގެއަށް ދާން ދުއްވާލިއެވެ. ނޭނގޭ ސަބަބަކާހުރެ ބޮލަށް އުނދަގޫ ވަމުން ދިޔައެވެ. އެންމެފަހުން އެލީޒާގެ ގެއަށް ދާ ޚިޔާލު ދޫކޮށްލާފައި އަމިއްލަ ގެއަށް ގޮސް ރީހާން ދޮރު ތަޅުލިއެވެ. އަދި އެއްކަލަ ގުދަނަށް ވަދެ އެތަނުން ބޮޑު އެއްފޮށިގަނޑު ހިފައިގެން ޑައިނިންގް ރޫމަށް ދިޔައެވެ. ފޮށި ހުޅުވާ، އޭގެ ތެރެއިން ބޮޑު ރާފުޅިއެއް ނެގިއެވެ. ތުން ޖަހާ ދިމާއަށް ހިމަކޮށް އަނެއް ބަޔަށް ފަލަކޮށް އިން ބޮޑު ފުޅިއެއްގައި ތުންޖަހާ އޭގައި ހުރި އެއްޗެހި ރީހާން ބޯން ފެށީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ.

ކުއްލިއަކަށް ސިހިފައި ރީހާންއަށް ދެލޯ ހުޅުވާލެވުނީ ބެލް އަޅާ އަޑަށެވެ. އެވަގުތު ކުރިމަތީގައި ހުސްކޮށް ހުރި ފަސްފުޅި ރީހާންއަށް ފެނުނެވެ. މަސްތުގެ ދުނިޔޭގައި އެހާ ވަރަށް ބޮވުނުކަން އިނގުމުން ރީހާންގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. އޭނަ ނިންމައިގެން ހުރީ އެއްފުޅިން ފުއްދާލަންށެވެ. އަމިއްލަ ނަފްސު ދެކެ އައި ރުޅިން ރީހާން ދަތްކުނޑި ވިކާލިއެވެ. ދެވަނަ ފަހަރަށް ބެލް އަޅާލުމުން ފޮށިގަނޑު ގެންގޮސް ގުދަނަށް ލާފައި މޭޒުމަތި ސާފު ކޮށްލިއެވެ. ގޮސް ދޮރު ހުޅުވާލި އިރު ކުރިމަތީގައި ހުރީ އެލީޒާ އެވެ. ރީހާން ދޮރު ހުޅުވާލުމުން ހެވިފައި އެލީޒާ އެތެރެއަށް ވަދެ ސޯފާއަށް ވެއްޓިގަތް އިރު ވެސް ރީހާން ހުރީ ބަލަންށެވެ. ރަނގަޅަށް ސިކުނޑި މަސައްކަތް ކުރަން ނުފަށާކަހަލައެވެ. އެހެން ނޫނަސް އެވަގުތު ރީހާން ހުރީ ސަކަރާތް ޖަހާކަހަލަ މޫޑެއްގައެއް ނޫނެވެ. އަދިވެސް ކުޑަކޮށް އެ އެއްޗެހީގެ އަސަރު ހުރުމުން އެއްޗެއް ނުބުނެ ކޮޓަރިއަށް ގޮސް ރީހާން އެނދުމަތީގައި އޮށޯތެވެ.”ރީހު ނިދާލަނީ ދޯ؟؟.. ނުބައި ގަޑިއެއްގަ އެއްނު މި އާދެވުނީ.. އަހަރެން ދަނީ އިނގޭ ރީހޫ..” ރީހާން ފަހަތުން ގޮސް އެލީޒާ ބުންޏެވެ.”ހްމްމް..” ރީހާންގެ ޖަވާބާއި އެކު ލެޑް ލައިޓަށް ބަދަލު ކޮށްލާފައި އެލީޒާ ދިޔައީ ދޮރު ލައްޕާލާފައެވެ. އެލީޒާ ދިޔަކަން ޔަޤީން ކޮށްފައި ރީހާން ދެލޯ ހުޅުވާލައި އެނދުގައި ލެނގިލިއެވެ.

އެކަނި ވެރިކަން އިޙްސާސް ވުމާއި އެކު ރީހާންގެ ދެލޯ ފެންކަޅިވިއެވެ. ފަސްއަހަރު ލޯތްބަށްޓަކައި މަސައްކަތް ކުރުމުން ވެސް މިހެން މިވީ ކީއްވެ ހެއްޔެވެ؟ ރީހާން ކުށެއް ކޮށްގެން ހެއްޔެވެ؟ ވެގެން ވާނަމަ މިހާރު ޔަޤީނުންވެސް ލިއީޝް އާއި ހެދި އެ ހިތް ފޮތި ފޮތި ވެފައިވާ ގޮތް ދައްކާނެއެވެ. ކޮންމެ އަކަސް ހަލާކު ވެފައި އޮންނަ އެއްޗެއް އަލުން ނުހެދޭނެ ކަން ރީހާން ވެސް ދަނެއެވެ. ކުއްލިއަކަށް ސިކުނޑިއަށް ޚިޔާލެއް އައެވެ. ފުރަތަމަ ނުތަނަވަސްވި ނަމަވެސް ދެން އެއްމިޔަކަނުން ހީލާފައި ރީހާން ކަރުނަތައް ފޮހެލިއެވެ. ނުވާނޭ ކަމެއްކަން އިނގި ހުރެ އެކަމަށް އުންމީދު ކުރުމަކީ މޮޔައިން ކުރާ ކަމެކެވެ. ވާނުވާ ނޭނގި ހުރެފައި ފަސް އަހަރު އިންތިޒާރު ކޮށްގެން ކުޑަމިނުން ވީގޮތް އޮޅުން ފިލައިފިތާއެވެ. އަދި ލިއީޝް އަކީ އޭނައަށް ލިބެން ނެތް މީހެއްކަން ވެސް އިނގިއްޖެއެވެ. ރީހާންގެ ވިސްނުން ހުރީ ނުބައި ދިމާއަކަށެވެ. އޭނަގެ ނިންމުމަކީ ކުރީގެ ނަރަކައެއްފަދަ ދިރިއުޅުމަށް އަނބުރާ ދިއުމެވެ. އަންހެން ކުދިންނާ އެކީ ނުބައި ގޮތުގައި އުފާ ހޯދައި މަސްތުވާތަކެތީގެ ވިޔަފާރީގައި ލިހުއާންއަށް އެހީތެރިވެދީ މީހާގެ ހިތަށް ވަގުތީ ހައްލެއް ލިބެންށެވެ. މިހާރު ވެސް އެކަން ކުރަން ފަށައިފިއެވެ. އާޚިރުގައި ލިބޭނެ ޢަޒާބު ރީހާންގެ ހިތަށް ވެސް ނުގެނެވޭ ކަންނޭގެއެވެ.
– ނުނިމޭ –

78

2 Comments

  1. Ave

    January 13, 2022 at 1:21 pm

    Wow! Mi bai vxx hama v salhi ingeii sis… Aslu v dheravey Reehan e gothah kanthah kuraaathee.. Anywayss… Lysm.. ✌️👍🏻❤️❤️

  2. Hûdhãkkø

    January 13, 2022 at 6:12 pm

    Woooow mi part vrh vrh reethi
    Waiting for the next part

Comments are closed.