އެކަނި ވެރިކަން އިޙްސާސް ވުމާއި އެކު ރީހާންގެ ދެލޯ ފެންކަޅިވިއެވެ. ފަސްއަހަރު ލޯތްބަށްޓަކައި މަސައްކަތް ކުރުމުން ވެސް މިހެން މިވީ ކީއްވެ ހެއްޔެވެ؟ ރީހާން ކުށެއް ކޮށްގެން ހެއްޔެވެ؟ ވެގެން ވާނަމަ މިހާރު ޔަޤީނުންވެސް ލިއީޝް އާއި ހެދި އެ ހިތް ފޮތި ފޮތި ވެފައިވާ ގޮތް ދައްކާނެއެވެ. ކޮންމެ އަކަސް ހަލާކު ވެފައި އޮންނަ އެއްޗެއް އަލުން ނުހެދޭނެ ކަން ރީހާން ވެސް ދަނެއެވެ. ކުއްލިއަކަށް ސިކުނޑިއަށް ޚިޔާލެއް އައެވެ. ފުރަތަމަ ނުތަނަވަސްވި ނަމަވެސް ދެން އެއްމިޔަކަނުން ހީލާފައި ރީހާން ކަރުނަތައް ފޮހެލިއެވެ. ނުވާނޭ ކަމެއްކަން އިނގި ހުރެ އެކަމަށް އުންމީދު ކުރުމަކީ މޮޔައިން ކުރާ ކަމެކެވެ. ވާނުވާ ނޭނގި ހުރެފައި ފަސް އަހަރު އިންތިޒާރު ކޮށްގެން ކުޑަމިނުން ވީގޮތް އޮޅުން ފިލައިފިތާއެވެ. އަދި ލިއީޝް އަކީ އޭނައަށް ލިބެން ނެތް މީހެއްކަން ވެސް އިނގިއްޖެއެވެ. ރީހާންގެ ވިސްނުން ހުރީ ނުބައި ދިމާއަކަށެވެ. އޭނަގެ ނިންމުމަކީ ކުރީގެ ނަރަކައެއްފަދަ ދިރިއުޅުމަށް އަނބުރާ ދިއުމެވެ. އަންހެން ކުދިންނާ އެކީ ނުބައި ގޮތުގައި އުފާ ހޯދައި މަސްތުވާތަކެތީގެ ވިޔަފާރީގައި ލިހުއާންއަށް އެހީތެރިވެދީ މީހާގެ ހިތަށް ވަގުތީ ހައްލެއް ލިބެންށެވެ. މިހާރު ވެސް އެކަން ކުރަން ފަށައިފިއެވެ. އާޚިރުގައި ލިބޭނެ ޢަޒާބު ރީހާންގެ ހިތަށް ވެސް ނުގެނެވޭ ކަންނޭގެއެވެ.

 

**5 ވަނަ ޕާޓު**

 

ހިތުގެ ކަނަކުން ނޫނެކޭ ބުނަމުން ދިޔައިރުވެސް ރީހާންއަށް ބުރަވެވެނީ ނުބައި މަގަށް އަޅާށެވެ. ޝައިތާނާ އޭނާގެ ބޮލަށް ސަވާރުވީ އެގަޑި ބަލަން ހުރެފައި ކަންނޭނގެއެވެ. ޙަޔާތުގެ މިހިސާބަށް އައި އިރު ރީހާންގެ ހަމައެކަނި ހުރި މީހަކީ އެލީޒާއެވެ. މިވީ ފަސް އަހަރުތެރޭ އޭނައަށް އަޅާލި ހަމައެކަނި އިންސާނެވެ. ލަންޑަންގައި ކިޔެވި ދުވަސްކޮޅު ރީހާން އާއި އެލީޒާގެ ގުޅުން ވަރުގަދަވެ ސިއްރުތައް ވެސް ހިއްސާ ކުރެވުނެވެ. އެހެން ހުރިހާ ސިއްރެއް ހިއްސާ ކުރި އިރު ލިއީޝް، ރީޝަމް، މަންމަ، ބައްޕަ، ދޮންބައްޕަގެ ވާހަކަ ރީހާން ބުނެފައެއް ނުވެއެވެ. އެލީޒާ ދޫކޮށްލަން ހިތަށް އެރީ ވެސް ލިއީޝްހެން ހަޤީޤަތެއް ނެތް ހުވަފެންތަކެއް ދައްކާފައި ފިލައިފާނެތީއެވެ. ނަމަވެސް ރީހާންގެ ހިތް އެކަމަށް އެއްބަހެއް ނުވިއެވެ. އެލީޒާ އަކީ ރަނގަޅު ކުއްޖެކެވެ. ދުނިޔެމަތީން ލިބޭނެ އެންމެ ރަނގަޅު އެއް އެކުވެރި އެކެވެ.

 

އެންމެ ފަހު ފަހަރަށް ވެސް ރީހާން ލިއީޝްގެ ފޮޓޯއަކަށް ނުބަލައެވެ. ހިތަށް ވޭން ނޫން އެހެން އެއްޗެއް ނުލިބޭނެ ކަން އިނގޭތީއެވެ. އަދި އެނދުން ތެދުވެ ލިއީޝް ކުރީގައި ދިންހަދިޔާތަކުން އަތުޖެހުނު އެއްޗެއް ކޮޓަރިއަށް އުކިއެވެ. އަތުގައި އަޅާ ގަޑިއަކާއި ކަޅުކުލައިގެ ހެޑްފޯން އެވެ. އެކި ވައްތަރު ވައްތަރުގެ މާތަކެވެ. ލިއީޝްގެ ދެއަތުން ހެދި ކާޑް ތަކެވެ. އެހުރިހާ ކަމެއް ރީހާން ކުރީ ފެންކަޅިވެފައި ހުރެ އެވެ. އެންމެ އަޑީގައި އޮތް ދެ ކީޗެއިން ލޮލުގައި އަޅައިގަތީ އެވަގުތެވެ. އެތަނުން ރީހާން ނެގީ ހިތެއްގެ ތެރޭގައި “ދޮންބެ” ޖަހާފައި އިން އެއްޗެކެވެ. އަނެއްއެތި ބަލާލާ ވަރަށް ވުރެ ރީހާންގެ ޝައުޤުވެރިކަން ހުރީ އަތުގައި އޮތް އެއްޗަށް ހުއްޓިފައެވެ.”ރީއްކޯ..” ރީހާން ހިންދިރުވާލިއެވެ. އެއީ އޭނާގެ ލޯބިވާ ކޮއްކޮ ދިން ހަދިޔާ އެކެވެ.

 

ބެލް އަޅާލި އަޑު އިވުމުން ސިހިފައި ރީހާން ދޮރާއި ދިމާއަށް ބަލާލިއެވެ. އަވަސް އަވަހަށް ވަތްގަނޑު ތެރެއަށް އެ ކީޗެއިން ލާފައި ދިޔައީ ދޮރު ހުޅުވާލަންށެވެ.”އަމް ސޮރީ..ނިދާފަ އޮއްވަ ދޯ މި އުނދަގޫ ކުރެވުނީ.. ލައިޓް ޖައްސަން އުޅުނު ގަޑީ ފޯނު ބާއްވާފަ ދެވުނީ..” އެލީޒާ ބޯކަހާލަމުން އެތެރެއަށް ވަނެވެ.”އޯހ.. އޯކޭ.” ރީހާން ޖަވާބު ލިބުމުން ދުވެފައި އެލީޒާ ރީހާންގެ ކޮޓަރިއަށް ދިޔައެވެ.”ވަޓް ދި ހެލްލް ރީހޫ…” ތޫލި އަޑަކުން އެލީޒާ ހަޅޭއްލަވައި ގަތެވެ.”އެލީ ކިހިނެއްވީ؟..” ހާސްވެފައި ރީހާން ދިޔައިރު އެލީޒާ ހުރީ ދެލޯ ބޮޑުކޮށްގެން ކޮޓަރިއަށް ބަލަންށެވެ.”މީ ކޮން ކަމެއް؟.. މިހާ އަގު ބޮޑެތި އެއްޗެހި ހަލާކު ކުރާކަށް ނުވާނެ އެއްނު.. ސުބުހާނަﷲ ރީހާން..” އެލީޒާ ހުރީ ޝޮކެއްގައެވެ.”ޝިޓް..” ލިއީޝްގެ ލޯބީގެ ކާޑުތައް ފެނިދާނެތީ ރީހާން ހާސްވިއެވެ.”އަމްމްމް.. އެއީ..މި.. މި.. އެ ކަބަޑު ސާފް ކޮށްލަން އެއްޗެހިތައް.. އެއްލާލީ..” ރީހާން އަޅައިގަންނަމުން ބުންޏެވެ.

 

“އެކަމަކު ވެސް ހަމަ ކޮޓަރިއެއްނު ތި ހަޑިވީ؟؟ ރީހު އަށް އޯކޭ ދޯ ކަބަޑު އެކަނި ސާފު ކޮށްފަ ކޮޓަރި އެގޮތް މިގޮތަށް އޮތަސް؟..ނިދަނީކީ ވެސް ނޫނޭ ހަމަ.. ރީހު ބުނި ނަމަ އެލީ އަންނާނަމޭ ހެލްޕް ކޮށްދޭން..” އެލީޒާ ކުދި ކިޔަން ފެށިއެވެ.”ދެން އެލީ ހާސް ނުވެބަލަ.. މި ސާފު ކުރަނީއޭ..” ކުރުފައިމައްޗަށް ތިރިވެ ފުރަތަމަ ވެސް ރީހާން ކާޑުތައް ހިފައިގެން ގޮސް ޑަސްބިނަށް އެޅިއެވެ. އަނބުރާ އައި އިރު އެލީޒާ ވެސް އެއްޗެހިތައް ނެގުމުގައި އުޅެއެވެ. އެލީޒާ ހުއްޓުމެއް ނެތި ޝަކުވާ ކުރަނީ އެކަހަލަ ބޭނުންތެރި އެއްޗެހި ހަލާކު ކޮށްލީ މައެވެ.”އެ ބޭކާރު އެއްޗެހި ތަކެއް..ކުޑައިރު ގެންގުޅުން އެއްޗެހި ހުންނާނީ.. އެހެން ނޫނަސް ގިނަ އެއްޗެހި ކުރިން ވެސް ހުންނާނީ ހަލާކު ވެފަ.. ތިއޮށް ބްލެކް ކުލައިގެ ހެޑްފޯންގަ އެއް ކަންފަތުން އަޑެއް ނާދޭ.. ވައިޓް ކުލައިގެ ހެޑްފޯންގަ އަޑު އަންނަނީ ކެނޑި ކެނޑިގެން.. ދެން ތި ގަޑި ވެސް ސްކްރީން ތެޅިފަ..” ރީހާން ހިތް އަވަސް ވުމާ އެކުވެސް ބުންޏެވެ. އަދި އުކާފައި ހުރި ހުރިހާ އެއްޗެހީގައި ހުންނަ ކޮންމެވެސް މައްސަލައެއް އެލީޒާގެ ކިޔާދިނެވެ.

 

ދެމީހުން ވެގެން އެއްޗެހިތައް ނަގާފައި އިށީން އިރު ހުރީ ވަރުބަލި ވެފައެވެ.”ދެން ނުވާނެ އެކަހަލަ ކަމެއް ކޮށްގެންނެއް.. ސިކުނޑިއެއް ނޫން ކަންނޭނގެ ދޯ ބޮލުގެ އިންނަނީ؟..” އެލީޒާ ބުންޏެވެ.”ސޮރީއޭ ސޮރީއޭ.. ސިކުނޑިއެއް ނޫނީ ދެން ކޮން އެއްޗެއްތަ އިންނާނީ..” ރީހާން އިނީ ދެލޯ މަރާލައިގެންނެވެ. އެ ހުރިހާ އެއްޗެއް އުކުމުން އެކަމާ ބޯ ގޮވާފައެވެ. ކިތަންމެ ފަހަރަކު ޑަސްބިނަށް ނޭޅުންނަމައޭ ހިތަށް އަރައިފި އެވެ. އެލީޒާ ކުނިމޫނު ހަދައިގެން އިނީއެވެ.”ދެން ހީނލަބަލަ އެލީ..” ހަޤީޤަތުގައި ވެސް ރީހާން ހުރީ ދެރަވެފައެވެ. ރީހާން އެހެން ބުނުމުން ތުން އިތުރަށް ދަމާލާފައި އެލީޒާ ދިޔައެވެ. “އަޅެ..” ރީހާން ފުން ނޭވާއެއް ލިއެވެ.

 

ހެޑްބޯޑްގައި ބޯ ޖައްސައިގެން އެލީޒާ އިންނަތާ ކުޑަ އިރުކޮޅެއް ވެއްޖެއެވެ. ސިކުނޑީގައި އެނބުރެމުން ދިޔައީ އެކޮޓަރި ތެރޭން ފެނުނު ހިތެއްގެ ބައްޓަމަށް އިން ކުޑަ ވަރެއްގެ ކާޑެކެވެ. ފަށުވި ޢިބާރާތްތަކުން ލޯބީގެ މެސެޖްތައް ލިޔެފައި ހުރި އެ ކާޑު ވަރަށް ފުރިހަމަ އެވެ.”ހަތަރު ވަނަ އެނިވާސަރީ” ބޭރު ގަނޑުގައި ޖަހާފައި އިނެވެ. އެލީޒާގެ ދެލޯ ފުސްވީ ކަރުނައިންނެވެ. އެއީ ކާކު ބާއެވެ؟ ރީހާންގެ ލޯބިވެރިޔާ ހެއްޔެވެ؟ އެކަމަކު އަދި ދުވަހަކު ވެސް ރީހާން ލޯބިވެރިއެއް ހުންނަކަމެއް އެލީޒާ އަކަށް ނޭނގެއެވެ. ހިތަށް އަނިޔާ ލިބެމުން ދިޔަ ވަރަކަށް އެލީޒާގެ މޫނުމަތީގައި ހައިރާންކަން އުފެދުނެވެ.”ކީއްވެތަ މިހެން މިވަނީ އަޅެ.. ކިހާ ދެރަވެއްޖެ ކަމެއްތަ މީ؟ ރީހު ލޯބިވެރިންނާ އެއްޗެހި ހޯދައިގެން އުޅުނަސް އަހަރެންނަށް ކޮން ކަމެއްތަ؟؟..” ރޮވިފައި ހުރެ އެލީޒާ އަމިއްލައަށް ވާހަކަ ދެއްކިއެވެ.

 

އެލީޒާ ދިއުމުން ފޫހިވެފައި ރީހާން ނިންމީ ކުޑަކޮށް ބޭރަށް ނިކުމެލަންށެވެ. ހަޤީޤީ މަގްސަދަކީ ލިއީޝް ވީތަނެއް ހޯދުމެވެ. ހުދުކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ޖިންސްގެ އެއް ލައިގެން އޭގެ މަތިން ޑެނިމް ޖެކެޓަކާއި އެކީ ވިންޓާ ކޯޓެއް ވެސް ލިއެވެ. ގަރާޖަށް ގޮސް ކާރު ހިފައިގެން ރީހާން ދުއްވީ ވީހާ ވެސް މީހުން މަދު މަގުތަކުންނެވެ. އެކީގައި އުޅުން އިރު ވެސް މީހުން އެއްވާ ތަންތަނަށް ދިއުމަކީ ލިއީޝް މާ ގަޔާވާ ކަމެއް ނޫނެވެ. ފެންނަ ހުރިހާ އަންހެން ކުދިންނަކަށް ބަލަމުން ދިޔަ އިރު ލިއީޝް ފެންނަ ވަރެއް ނުވިއެވެ. އެންމެފަހުން ވަރުބަލިވެގެން ރެސްޓޯރެންޓް އަކަށް ރީހާން ވަނެވެ. އޭރު ލިހުވާން ހަމަ އެ ރެސްޓޯރަންޓްގައި އިނެވެ. އެކަމަކު އިނީ ފޯނެއްގައެވެ. ރީހާން ފެންނަ އިރަށް ލިހުވާން އަތުގެ އިޝާރާތުން އައުމަށް އެންގިއެވެ.

 

“ލިއަމް މަށަށް ގުޅާފަ މައްސަލަ ޖައްސައިފި ރީހާން ލާރި ނުދައްކާތީ..” ކޯލް ނިމުމުން ރީހާންގެ މޫނަށް ބަލާ ވެސް ނުލައި އިނދެ ލިހުވާން ބުންޏެވެ. ރީހާން ހިތަށް ވެރިވީ ފޫހިކަމެވެ.”މަށެއް ނުޖެހޭނެ ކޮންމެހެން ބައްޕަ ހިންގާ ކަމަކަށް ލާރި ދޭކަށް..” ރީހާން ޖަވާބު ދިނުމުން ލިހުވާން ލޯ އަޅާލިއެވެ.”ކަލޭ ތީ މަގޭ ދަރިއެކޭ ކާކު ބުނީ؟..” ފޫހިވެފައި އިނދެ ލިހުވާން އެހިއެވެ.”މީހަކު ނުބުންޏަސް މަ ދެކޭތީ މިބުނީ.” އާދައިގެ ގޮތަކަށް ދެމީހުން ވާހަކަ ދައްކަމުން ދިޔަ ނަމަވެސް އެދެމެދުގައި ވި ރުޅިވެރިކަން އިނގޭވަރު ވެއެވެ.”ރީހާން ދެކުނަސް މަށެއް ނުދެކެން. ލިއަމްއަށް ހަމަ މިހާރު ފައިސާ ދައްކާ!.” ލިހުވާން އަމުރު ކުރިއެވެ.”އަހަރެން ބޭނުން އަލުން ތި ވިޔަފާރި ކުރިއަރުވަން..” މަޑުމައިތިރި ކަމާއެކު ރީހާން ބުންޏެވެ. އެއާއެކު ރީހާންގެ މޫނަށް ލިހުވާން ބަލާލީ ފާޑަކަށެވެ.”އައްދެ. އަނެއްކާ ލާރިކޮޅު ހިފައިގެން ފިލަން؟ ނޫނީ ކުރިން ހެދިހެން ބަނގުރޫޓް ކުރަން؟ ޕިސް ނުވާނެ ކަމެއް ތީ.. ކަލޭ އެކި ތަންތާ ތެޅޭނެ ވައްތަރަށް ތެޅުނީމަ މަށަށް ޖެހުނީ ކުރިން ފަހަރު ވެސް އެހުރިހާ ރުފިޔާއެއް ދައްކަން.. އަނެއްކާ މިފަހަރު ވެސް މަގޭ ކައިރިއަށް އައީ ރުފިޔާ ބޭނުން ވެގެން ދޯ؟.” ލިހުވާން ރީހާން އާއި ދިމާއަށް ބެލިއެވެ.

 

“ނޫނެކޭ.. ދެން މިފަހަރު ވާގޮތެއް ބަލާބަލަ.” އިސްތަށިގަނޑު ކުޑަކޮށް ރީތިކޮށްލަމުން ރީހާން އެދުނެވެ.”މިފަހަރު ވެސް ހަމަ އެހެން ވަނީ ވިއްޔާ ކިހިނެއް ހަދާނީ؟ އޭރުން އޮންނާނީ ވާނެ ކަމެއް ވެ ނިމިފަ އެއް ނޫންތަ؟ މިފަހަރު ކާކަށްޓަކައޭ ކިޔާ ބޮލުގަ ތާކިހާ އަޅާ މިސްކިތަށް ވަދެ އޮންނާނީ؟ އެއުޅޭ އެލީޒާ؟” ލިހުވާން ވާހަކަ ބެހެއްޓީ ރީހާން ދައްވާ ކަހަލަ ގޮތަކަށެވެ.”އެލީޒާ މިދޭތެރެއަށް ނުވައްދަބަލަ.. އޭނައާ ބެހޭ ވެސް ކަމެއް ނޫނެއްނު މިއީ؟.” ރީހާން ގާތަށް ރުޅި އަންނަ ގޮތްވިއެވެ.”ހާދަ ވަރެއް ތިވަނީ އެލީޒާ އޭ ބުނާއިރަށް؟ ލިއީޝް ހެން އޭނާވެސް….” ލިހުވާން އަށް ޖުމްލަ ފުރިހަމަ ނުކުރެވި އުޅެނިކޮށް ކޯތާފަތްމައްޗަށް އަތުގެ ހޫނު ހަމަލާއެއް އެރިއެވެ. ކުރިމައްޗަށް ބަލާލި އިރު ރީހާން ހުރީ ރުޅިއައިސްގެން ގޮސް ހަލާކު ވާވަރު ވެފައެވެ.”ބޮޑު ކަމެއްނު؟ އެމީހުންނޭ ކިޔައިގެން ވާހަކަ ނުދައްކާ ހުރެބަލަ.. މިއީ މަށާ ތީނަ އާ ދޭތެރޭ އޮންނަ މައްސަލަ އެކޭ. ކޮންމެހެން އެހެން މީހުން ވެއްދީމަ މޮޅެއް ވަނީތަ؟.” ލިއީޝްގެ ނަން ހުތުރުވާން އުޅޭހެން ހީވުމުން ރީހާންގެ ރުޅިގަނޑު ފަޅައިގެން ދިޔައީއެވެ.

 

“ދެއްކޭނެ އެމީހުންގެ ވާހަކަ ވެސް.. ދެލޯބިވެރިން އެއްފަހަރާ ގޮވައިގެން އުޅޭ އިރު ކީކޭ ބުނާނީ ވެސް..” ލިހުވާން ފާޑަކަށް ބުންޏެވެ.”ލިއީޝް އަކީވެސް އަދި އެލީޒާ އަކީވެސް މަގޭ ލޯބިވެރިއެއް ނޫން.” ރުޅި އިސްކުރާ ހިތް ނެތުމުން ރީހާން އާދައިގެ ރާގަކަށް ބުންޏެވެ. “ވަރެއްގެ އަންހެނުން ތަކެއްނު؟..” ލިހުއާން ފެށީ ހޭށެވެ.”ހުއްޓާލަން ވެއްޖެ ދެން.. އަހަރެން ބޭނުންވީ އެންމެ ވާހަކަ އެއް ބުނަން.. ވިޔަފާރި ކުރިއަރުވައިގެން މަށަށް ލިބޭ ބައި މަ ބޭނުން ހޯދަން..” ހިތްހަމަ ނުޖެހިފައި ރީހާން ބުންޏެވެ.”އެންމެ ރަނގަޅު. އެކަމަކު މިފަހަރު ކަލެއާ ހެދި ބޮޑު ގެއްލުމެއް ވަނީ ވިއްޔާ ހަނދާން ވެސް ނުކުރާތި އަނެއް ދުވަސް ލޮލުން ދެކޭނެ ކަމަށް..” ލިހުއާން އިންޒާރެއް ދިނެވެ.”ހޫމް.” ރީހާން ޖަވާބު ދީފައި ނުކުމެގެން ދިޔައެވެ.

 

ކާރުގައި އިން އިރު ރީހާން އިނީ ބޯ ގޮވާ ވަރުވެފައެވެ. ލިހުއާން އަކީ އެއް އިރެއްގައިވެސް ރީހާން ލޯބިވި މީހެއް ނޫނެވެ. ބައްޕަގެ މަޤާމަށް އައުމުން ކުރާ ޤަދަރާއި އިޚްތިރާމް އޮންނަކަން އެކަންޏެވެ. އެކުވެރިކަން އުފެދުން ދުވަސް ކޮޅެއް ވެސް އައެވެ. އެކަމަކު އެދުވަސް ފާއިތުވެ ގޮސްފިއެވެ. ލިއީޝް އާއި އެލީޒާއާ މެދު ވާހަކަ ދެއްކި ގޮތުން އިތުރު ފޫހިކަމެއް ރީހާންގެ ހިތުގައި އުފެދިއްޖެއެވެ. ކިތަންމެ ވަރެއް ކުރިޔަސް އަދިވެސް ރީހާން ބޭނުންވަނީ ލިއީޝްއަށް އިންތިޒާރު ކުރަންށެވެ. ކިތަންމެ އަހަރެއް ފާއިތު ވިޔަސް އެ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ. މަރުވަންދެން ވެސް ލިއީޝްއަށް އިންތިޒާރު ކުރަން ރީހާން ހުރީ ތައްޔާރަށެވެ. އެކަމަކު އުމުރުގެ ބާކީ ބައި ބޭކާރު ގޮތުގައި ވޭތު ކުރަނީ ކީއްކުރަން ހެއްޔެވެ؟ އެއަށްވުރެ ހިތަށް ހަމަޖެހުން ލިބޭނެ ކަމެއް ކުރުން ބުއްދިވެރި ކަމަށް ރީހާން ހިތަށް ވިސްނައިދިނެވެ.

 

ރީހާން ހުއްޓުން އެރީ ކައިރީގައި ހުރި ބަސް ސްޓޮޕް ކައިރިން ޒާން އާއި އެކު ހުރި ލިއީޝް ފެނުމުންނެވެ. އޭރު އެތާ ވަށައިގެން އެތަށް މީހުންނައް ހަރަކާތްތެރި ވަމުން ދިޔައެވެ.”ލިޝް..؟؟..” ދެބުމަ ކައިރި ކޮށްލަމުން ހެވިފައި ވާހަކަ ދައްކަން ހުރި ލިއީޝްއަށް ރީހާން ފަރުވާތެރިކަމާއި އެކު ބަލާލިއެވެ. އިތުރަށް ހައިރާންވުން ނޫން ކަމެއް ނުވިއެވެ. ރީހާން ރަނގަޅަށް ހަނދާން އެބަ ހުއްޓެވެ. މީހުން ގިނަ ތަންތަނަށް ނިކުމެ ސަކަރާތް ޖެހުމަކީ އެއްގޮތަކަށް ވެސް ލިއީޝް ކުރާ ކަމެއް ނޫނެވެ. އެކަހަލަ ތަނަކަށް ދެވުނަސް ހުންނާނީ މަޑުންނެވެ. ބަލާ މީހަކަށްވެސް އެހުރީ އުނދަގޫ ވެފައިކަން ބުނެލަން އިނގޭނެއެވެ.

 

މީހަކު މާ ވަރަކަށް ބަލާހެން ހީވެގެން ލިއީޝް ވަށައިގެން ހޯދާލިއެވެ. ވަގުތުން ލޮލުގައި އަޅައިގަތީ ކާރުގެ ބިއްލޫރިގަނޑު ތިރި ކޮށްގެން ބަލަން އިން ރީހާންއެވެ. އެއާއި އެކު ލިއީޝްގެ ދެބުމަ ކައިރިވިއެވެ.”ލިއީ ކިހިނެއް ވީ؟..” ޒާން ވަރަށް ލޯބިން އަހާލިއެވެ.”އެއްކަލަ މީހާ..” ކިރިޔާ ޒާންއަށް އަޑު އިވޭ ވަރަށް ލިއީޝް ބުންޏެވެ. އެހެން ބުނުމުން ޒާން ލިއީޝް ބަލަން ހުރި ދިމާއަށް ބަލާލިއެވެ. އެއާއެކު ދެބުމަ ގޮށްޖަހާލިއެވެ.”ޒާން.. އަހަރެން ވަރަށް ބިރުގަނޭ އެބަ.. އޭނަ އަސްލު ވެސް ފާރަ ލަނީ ދޯ؟..” ލިއީޝްގެ އަޑުން ވެސް ބިރުން ހުރިވަރު ޒާންއަށް އިނގުނެވެ.”ލިއީ ހާސް ނުވޭ.. އަހަރެން ހުންނާނަމޭ ލިއީ ކައިރީގަ.. އޭނަ ފާރަ ލިޔަސް އެއްވެސް ކަމެއް ނުކުރެވޭނެ..” ރީހާން ބަލަން ހުރިކަން އެނގި ހުރެ ޒާން ލިއީޝްގެ ގައިގައި ބައްދާލިއެވެ.

 

މަންޒަރު ބަލަން އިން ރީހާން އަށް ހީވީ މީހަކު ހިތަށް ފިތާލި ހެންނެވެ. އޭނައާއި ދިމަ ބަލާލައި ވާހަކަ ދެއްކުމަށްފަހު ޒާން ލިއީޝްގެ ގައިގައި ބައްދާލި ގޮތުން ރީހާން ހިތުގައި ރިހުމެއް އުފެދުނެވެ. ރީހާންއަށް އެ ފުރުސަތު ނުލިބެންވީ ކީއްވެ ހެއްޔެވެ؟ ލިއީޝް ހިތުގައި ޖެހޭފަދަ ކަމެއް ދުވަހަކު ވެސް ކޮށްފައި ނުވާއިރު އޭނާގެ ހިތަށް އެވަރަށް ތަދު ކުރަނީ ކީއްވެ ހެއްޔެވެ؟ އަމިއްލަ ނަފްސަށް ވަމުން ދިޔަ ހަމްދަރުދީ އިނގުނީ ވެސް ފަހަތުން ބަރުގޮނު އަޅަން ފެށުމުންނެވެ. ހިތާމަވެރި ކަމާއި އެކީ ލިއީޝް މެންނަށް ބަލާލާފައި ރީހާން ކާރު ދުއްވާލިއެވެ. ރީހާން ދިޔަތަން ބަލަން ހުރެފައި ޒާން މަލާމާތް ކުރާ ގޮތަކަށް ހީލިއެވެ. އެވަގުތު ރީހާން ދެރަ ކޮށްލުން ޒާންއަށް މުހިންމު ވުމުން ލިއީޝްއަށް ވީގޮތް ޒާންއަކަށް ނުފެނުނެވެ.

 

ފެންނަ ހުރިހާ ތާކުން ލިއީޝް އާއި އެކީ ޒާން ހުންނަން ޖެހޭ ހެއްޔެވެ؟ އެ ދެމީހުން އުޅެނީ އެހާ ލޯބިން ތާއެވެ. ހިތުގައި ޖެހުނު ވަރުން ރީހާން ފެންކަޅިވިއެވެ. ލިއީޝް އާއި މެދު އެތަށް ހާސް ޝަކުވާއެއް ހިތުތެރޭގައި ވި ނަމަވެސް އެ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ކަރުނައިގެ ތެރެއިން ރީހާން ފަނޑު ގޮތަކަށް ހީލިއެވެ. ދެން ލިއީޝްއަށް އިންތިޒާރު ކުރުމުގެ ބޭނުމަކީ ކޮބައިހޭ ކިޔާ ރީހާންގެ ސިކުނޑި ހަޅޭއްލެވިއެވެ. ރީހާން އަކީ ކާކުކަން ހަނދާން ނައްތާލައި އެހެން މީހަކާއި ރައްޓެހިވެގެން އެ އުޅެނީ ލޯބި ނުވާތީ ނޫން ހެއްޔެވެ؟ ނަމަވެސް ރީހާންގެ ބަސްނާހާ މަޑުން ނޯވެވޭ ހިތް އެކަމަށް އެއްބަހެއް ނުވިއެވެ. އެކަމަކު އެއީ ކީއްވެ ހެއްޔެވެ؟ ރީހާން ލިއީޝްއަށް އެ ހިތް ދިނީ އެއްވެސް ކޫރުމެއް ވެސް ނެތް އިރުއެވެ. ނުވިތާކަށް އިތުބާރު ގެއްލުވާ ލުމުން ވެސް އަދިވެސް އިތުބާރު ކުރެވެނީއެވެ. ބޭކާރު ކަންތަކަށް ވެސް އުންމީދު ކުރެވޭނީއެވެ. ރީހާން ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށީ ދެން ލިއީޝް އަނބުރާ ނާންނާނެހެން ހީވުމުންނެވެ. އެހެނަސް ކެތް ކުރާނެއެވެ. ލިއީޝް ބޭނުންވަނީ އޭނަ ހިތާމަ ކުރާތަން ދެކެން ނަމަ އެކަން ކާމިޔާބު ވިޔަކަ ނުދޭނެ އެވެ. ރީހާން އަކީ ވެސް ހިތްވަރުގަދަ މީހެއްކަން ލިއީޝްއަށް ހާމަކުރަން ރީހާން އަމިއްލަ ހިތަށް ވަޢުދު ވިއެވެ.

 

ގެ ކައިރިއަށް އައި އިރު އެލީޒާ ހުރީ ބޭރަށް ނިކުމެ އެވެ.”އަބަދު ބޭރުގަ ހުންނާކަށް ނުވާނެ.. މިހާރު ކިހާ އިރެއް ތިތާ ހުންނަތާ؟..” ކާރު ލާފައި އައިސް ރީހާން އެލީޒާ ކައިރީގައި ހުއްޓުނެވެ.”އިރުކޮޅެއް ވީ އަދި.. ގޭގަ އޮންނަން ވެސް ފޫހިވެޔޭ..” އެލީޒާ ޖަވާބު ދީފައި ދުރު ބަލާލިއެވެ.”ތިހެން ވީއިރު ހިނގާ މިރޭ ޝޮޕިން އަށް ދާން.. ކުރިން ރޭ ވެސް ޝަކުވާ ކުރި ނުދާތީ..” ރީހާން ދިން ޚިޔާލު އެލީޒާއަށް ކަމުދިޔައެވެ.”އާނ ދޯ..” ވަގުތުން އެލީޒާ އެއްބަސްވެ ބޯ ޖަހާލިއެވެ.”ފިރިހެންކުދިންގެ ލޮލުގަ އަޅައިގަންނަ ގޮތަށް ހުރެވޭތޯ ބަލާތި އިނގޭ މިރޭ.. ތަންކޮޅެއް ގިނައިން ދުއްވަން ކަމަށް ވިސްނަން އެބަ..” ލާނެއް ކަމާއެކު ރީހާން އެހެން ބުނުމުން އެލީޒާ ރަކިވިއެވެ.”ޕިސް ކީއްކުރަންތަ؟ ރީތި ވިޔަސް ނުބަލާނެ ހަމަ އެކަކު..” އަނގަ ހަދާލަމުން އެލީޒާ ހޭންފެށިއެވެ.”ނޫނެކޭ ބަލާނެ.. މަށަށް ވެސް އެލީ ރީއްޗޭ.. އަދި އެހެން މީހަކަށް ކިހާ ވަރެއް ވާނެ؟..” ރީހާން އެލީޒާގެ ކޮލުގައި ކޮއްޓާލިއެވެ. އެއާއިއެކު އެލީޒާގެ އަތްފައި ފިނިވެ މޫނު ރަތްވިއެވެ.

 

“ހޫމް.. ފިރިހެނެއްގެ ވާހަކަ ދައްކާއިރު ކިހިނެއްތަ ތި ވަނީ އެލީ އަށް؟..” ރީހާން މަޖަލަކަށް ހަދާފައި ސުވާލު ކުރިއެވެ.”ނުވޭ ކަމެއް..”އެލީޒާ ލަދު ނުގަންނަ ކަމަށް ހެދުނެވެ.”ހާދަ ގަބޫލު ނުކުރެވެއޭ.. ދެން ދޭ ރެޑީ ވާން އަވަހަށް..” ހިނިގަނޑެއް ޖަހާލާފައި ރީހާން އެތެރެއަށް ވަތްތަން ބަލަން އެލީޒާއަށް ހުރެވުނީ އެސްފިޔަ ޖަހާނުލައެވެ. ސަބަބަކާއި ނުލައި ހިނިތުންވެސް ވެވުނެވެ. އެކަމަށްޓަކައި ނަފްސަށް ކުދި ކިޔާލަމުން އެލީޒާ ވަނީ ގެއަށް ދިޔައެވެ.ކޮޓަރިއަށް ވަތް ގޮތަށް ފުރަތަމަ ވެސް އެލީޒާ ދިޔައީ އަލަމާރި ކައިރިއަށެވެ. އެކި ކުލަ ކުލައިގެ ހެދުންތަކުން ފުރިފައި ވީ ނަމަވެސް ނަގާނެ އެއްޗެއް އެލީޒާ އަކަށް ނޭނގުނެވެ. އެންމެފަހުން ކަމުދިޔައީ ހުދު ކުލައިން ޑިޒައިން ކޮށްފައި ހުރި ކަޅުކުލައިގެ ސްވެޓާރ އެކެވެ. އަދި ފަޔަށް ދޫ ނޫން ޖީންސްއެއް އެއާއި ގުޅުވައިގެން ނެގިއެވެ. ކުއްލިއަކަށް އެލީޒާ ހުއްޓުން އެރީ ހިތަށް ވެރިވި އެއްޗެއްގެ ސަބަބުންނެވެ.

– ނުނިމޭ –

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!