އަހަރެން މި އަނިޔާވެރި ދުނިޔެ އަށް އުފަންވީ ކީއްކުރަން ބާއެވެ؟  މި ދުނިޔޭގައި އަހަރެން ކުރި މަތި ލާންވީ ހުސް އިމްތިހާނާ ހެއްޔެވެ؟  ދުނިޔެ އަހަރެން ދެކެ އެހާ ފޫހި ވެއެވެ. އަހަރެން ވެސް މަރު ނުވާތީ މިތާ ހުންނަނީއެވެ. އަމިއްލައައް މަރު ވުމަކީ ފާފަ އެއް ނޫން ނަމަ އަހަރެން މަރުވިތާ މިހާރު ކިތަންމެ ދުވަހެކެވެ.

މީހުން ބުނާތީ އަޑު އަހަމެވެ. ލޯތްބާއި އަޅާލުމާއި ނުލާ ދުނިޔެ އަކު ނޫޅެވޭނެއެވެ. އަހަރެން މިއުޅެނީ ނޫން ހެއްޔެވެ؟ އުމުރުން ބާރަ އަހަރު ވީއިރު އަހަން ނަށް ލިބުނީ ކާކު ގެ ލޯތްބެއް ހެއްޔެވެ؟  ކާކުގެ އަޅާލު މެއް ހެއްޔެވެ؟

އާނއެކެވެ. އަހަރެން ސުކޫލަށް ލާފާ ހުރެއެވެ. އެކަމަކު ދުވަހަކު ވެސް ސުކޫލައް ލާކަށް، ސުކޫލުން ބަލައެއް ނާންނާނެއެވެ. އެންމެ ކުޑަ ކޮއްކޮ ގޮވައިގެން ކާރުގައި ކޮންމެ ދުވަހަކު ހެނދުނު ސުކޫލަށް ދަނީ އަހަރެން ގެ ކުރި މަތީގައެވެ. ގައިމު އަހަރެން ގޮވައިގެން ދާން ކީއްހެއްޔެވެ؟ އަހަރެން މީ ނަޖިހަކީ ހެއްޔެވެ؟  ނޫނީ އަހަރެން ގޮވައިގެން ދިއުމަކީ ފާފަ އެއް ހެއްޔެވެ؟ ދަރިޔެއްގެ މަގާމު ނުދިނަސް އަހަރެން ވެސް މީ ދަރިއެއްވިއްޔާއެވެ. އަހަރެންގެ ވެސް އޮންނަނީ ހިތެއްވިއްޔާއެވެ. މި ހިތަށް ހާދަ ތަދެއްވެއެވެ. މި ކުޑަ ކުޑަ ހިތުގައި ހާދަވޭނެއް އަޅައެވެ.

ހަމައެކަނި މިގޭ ތެރެއަކުން ނޫނެވެ. ސުކޫލު ގެ އިތުރު ހަރަކާތެއްގައި ބައިވެރި ވިޔަސް އަހަރެން އުޅެން ޖެހޭނީ ވަކިންނެވެ. ޓީޗަރުން ވެސް އަހަރެން ގެ ފޮތް މާުކު ކުރަން ފޮތުގައި އަތް ލަން ވެސް ފަކުރު ގަނެއެވެ. ކުރާނީ ކީތް ހެއްޔެވެ؟ އަހަރެންގެ ހަމުގެ ކުލަ ކަޅުވެފައި މިކަމެތި ހަށިގަނޑެއްގެ ވެރިއަކަށް ވާތީއެވެ. ބަލާލަން ހުތުރީއެވެ.

ބަނޑު އަޅާ ވިހޭ އަމިއްލަ ދަރިޔާ ދިމާލަށް ”ދަރިފުޅާއޭ” ކިޔަން މަންމަ ލަދު ގަނެއެވެ. މިއީ މައިވަންތަ ކަމުގެ ލޯބި ހެއްޔެވެ؟

ސުކޫލުގައި އިސްލާމް ގަނޑީގައި ބައްޕައިންގެ މާތް ވާހަކަ ކިޔައި ދެއެވެވެ. އަހަރެން ހީކުރީ ހުރިހާ ބައްޕަ އިން ވެސް އެހާ މާތް ވާނެ ކަމަށެވެ. ނަމަވެސް އެއީ ދޮގެއްކަން މިއަދު އަހަންނަށް ފަހުމް ވެއްޖެއެވެ. އަހަރެން ގެ މިހިރަ ހިތްހަރު ބައްޕަ އަހަރެންގެގައިގާ ފިރުމާ ނުލާތާ ދުވަހަކު ވެސް ރުހުމުގެ ނަޒަރަކުން އަހަންނާ ދިމާ ބަލާލާފަވެސް ނުވާނެއެވެ. އަޅެ ކިހާ މާތް ބައްޕަ އެއް ހެއްޔެވެ؟

ތިމާގެ މީހުންނަކީ ވަރަށް ހިތްހެޔޮ ބައެކޭ ކިޔައެވެ. އެކަމަކު އަހަރެން ދެކޭ ގޮތުގައި އެއީ ހަޅޭއް ލަވާ އަނިޔާކުރަން މި ދުނިޔެ އައިސް ތިބިބައެކެވެ. އެމީހުން ގެ މަސައްކަތަކީ އަހަރެން ހިތުގައިޖެއްސުން ކަމުގައި ވަނީނަމަ އެމީހުންނަށް ކިތަންމެ ފުރިހަމަ އަކަށް ވެސް އެކަން ކުރެވެއެވެ. ނަމަވެސް މިތިބަ އިންސާނުން ތަކުގެ ހިލަހިތެއް ނުފުރޭ ވިއްޔާއެވެ.

ދެންއޮތީ ކިޔަވައިދޭ ޓީޗަރުން ގެ ވާހަކައެވެ. އެ ހަސަދަ ވެރިން ގެ ވާހަކަ ރަނގަޅު ވާނީ ނުދެއްކިއްޔާއެވެ. ލާރި އަށް ވިކޭ ވަރަށް ދަށް ފެންވަރުގެ ބައެކެވެ. ލާރި ދީފިއްޔާ ލިޔަން ކިޔަން ނޭނގޭ ކުއްޖަކަށް ވެސް ސުކޫލުގެ ކެޕްޓަންކަން ދޭކަށް މި މީހުން ފަހެއްނުޖެހޭނެއެވެ. ގައިމު ތަފާތު ނުކޮށް ރަނގަޅަށް ކިޔަވާ އަހަރެން މީ ކިހާ އަލިގަދަ ތަރިއަކަށްވާނެ ހެއްޔެވެ؟

ރައްޓެހިންނަކީ ދެރަވާ ވަގުތު ހިތްވަރުދޭ ބަޔަކޯލައެވެ. ދިމާވާ ދަތި ކަންކަމުގައި އެހީވެދޭ ބަޔަކޯލައެވެ. އެކަމަކު އަހަރެން ގެ އެކުވެރިން ބަލާނީ ދެރަވެފައި އިނިއްޔާ މަލާމާތްކޮށް އަހަރެން ރޮއްވާލެވޭތޯ އެވެ. އެންމެންގެ ތެރޭގައި އަހަރެން ބޭޒާރު ކޮއްލެވޭތޯ އެވެ. ވީއިރު މިއީ ރައްޓެހިންނަށް ވެދާނެ ހެއްޔެވެ؟

ހިތަށް އަރާ ސުވާލު ތަައް ބައިވަރެވެ، މި މުޖުތަމައުގައި އަހަރެން ބާކީ ކުރަނީ ކީތް ވެގެން ހެއްޔެވެ؟  މަންމަ ބުނާނެއެވެ. ތިއީ ނުކުޅެދޭ ކުއްޖެކެވެ. އަހަރެން ނުކުޅެދޭ ކުއްޖަކަށް ވީ ކީތްވެގެން ހެއްޔެވެ؟  އަހަރެން މީ ލޭއަޅާ ކުއްޖަކަށްވީމަ ހެއްޔެވެ؟ މިއީ ނުކުޅެދުންތެރި ކަމަކަށް އަހަރެން ގަބޫލެއްނުކުރަމެވެ.

އަހަރެން ގެ ކަންފަތަށް އަޑު އިވޭ ވިއްޔާއެވެ. ދެލޮލަށް ފެނޭވިއްޔާއެވެ. ވާހަކަ ދެއްކޭ ވިއްޔާއެވެ. އަތް ފައިން މަސައްކަތް ކުރެވޭ ވިއްޔާ އެވެ. ބޯ ހަމަ ނުޖެހެނީކީވެސް ނޫނެވެ. ވީއިރު ނުކުޅެދޭ ކުއްޖެއްގެ ލަގަބު އަހަންނަށް ދެނީ ކީއްވެ ހެއްޔެވެ؟

މީގެ ދެދުވަސް ފަހެވެ. ބައްޕަ މީހަކާ ވާހަކަ ދައްކާއަޑު އިވެއެވެ. އަހަރެން އަޑު އަހަން ހުރީމެވެ. ކުއްލި އަކަށް އަހަންނަށް ހީވީ ބިން ގަނޑު ފައި ދަށުން ދެމިގަތް ހެންނެވެ. ބޯ މަތީ ގައި ވާ ފުރާޅު ބޮލަށް ވެއްޓުނު ހެންނެވެ.

އެމީހުން އެއުޅެނީ އަހަރެން މަރާލާށެވެ. އަހަންނާ ހެދި މައިންބަފައިންނަށް ބޮޑު ބުރައެއް އުފުލަން ޖެހޭތީއެވެ. ލޭ އަޅަން ޖެހޭތީއެވެ. ލޭ ނާޅާ ތާ އެއް މަސް ވަނީއެވެ.  އަހަރެން މި ހާލުގާ މަރައި ނުލިޔަސް ދިރިހުޓާ ވަޅުލީ ނަމަވެސް އަހަރެން މާ އުފާވާނެއެވެ. އަހަރެން ދުނިޔޭގައި ބަހައްޓަން ބޭނުން ނުވަންޏާ އަހަރެން މި ދުނިޔެއަށް އުފަން ކުރީ ކީއްކުރަން ހެއްޔެވެ؟ އަހަރެން ގަނަ ތަޅުވަން ހެއްޔެވެ؟

މިދުނިޔެ މަތީގައި އަހަރެންނަށް އެންމެ ނަފްޜަތު ކުރާ މަންމާ އެވެ. އަހަންނަށްޓަކައި އިންސާނިއްޔަތުގެ ކަންފުޅެއް ވެސް ނެތް ބައްޕާއެވެ. މި ދުނިޔެ މަތީ ގައި މި ކަމުގެ ޖަޒާ ނުލިބި ދާނެއެވެ. ނަމަވެސް އާޙިރަތު ގައި  މިކަމުގެ ހިތި ނަތީޖާ ލިބޭނެކަން ހަނދާން ކުރާށެވެ!

މަންމަ މެން އަހަރެން ދެކެ ތިހާ ތި ރުޅިއަންނަނީ މިއީ ތެލަސީމިއާ ކުއްޖަކަށް ވީމާ ނޫން ހެއްޔެވެ. އެއީ އަހަރެން ގެ ކުށެއް ހެއްޔެވެ؟ އަހަރެންގެ ކުށަކީ ކޮބާ ހެއްޔެވެ؟

 

 

 

42

1 Comment

  1. widhaadhaa ismail

    January 13, 2022 at 7:37 pm

    ❤️❤️❤️woww❤️❤️❤️

Comments are closed.