” ބައްޕި ކައިރީ..” އެލީ ދެއަތް ފުޅާ ކޮށްލީ އޭނާ އިންނަން ބޭނުމީ ދަޔާން ކައިރީގައިކަމަށް ބުނަމުންނެވެ. އެއާއެކު ދަޔާން އެލީ އުފުލާލަމުން އޭނާގެ އުނގުގައި ބޭންދިއެވެ. ދެބަފައިންގެ ހަރަކާތްތަކަށް ބަލަން ލިލިއަން ހުރެވުނު އިރު ހިތުގައި އެތަކެއް ޝުޢޫރެއް ދަޢުރު ވަމުން ދިޔައެވެ. ދަޔާންގެ ކޮންމެ ވާހަކައަކުން ، ކޮންމެ ޢަމަލަކުން އޭނާގެ ދަރިފުޅު ދެކެ ވާ ލޯބި ސާފުކޮށް ފެންނަމުންދިޔައެވެ. އޭނާފަަދައިން ބައްޕައެއްގެ ކުލުންވެރިކަމާއި ރައްކާތެރިކަމަކީ ކޯއްޗެއްކަން ނޭނގި ބޮޑުވާން ޖެހޭނެ ކުއްޖަކަށް އެލީ ނުވާނެ ކަމަށްޓަކައި ލިލިއަން އުފާކުރިއެވެ.

********

 އިރުކޮޅަކުން ހަމްދޫން އައިސް މޭޒުގެ ކޮޅުގައި އިށީނދެއްޖެއެވެ. އެލީއާ ވާހަކަދައްކަމުން ހަމްދޫން ކާން ތައްޔާރުވެލިއެވެ.

” ކޮބާ ދިޔާން..؟” ހަމްދޫން ލިލިއަން އަށް ބަލާލަމުން ސުވާލު ކުރީ ސުފުރާދޮށުގައި ހަމައެކަނި މަދުވަނީ އޭނާ ކަމަށް ވާތީއެވެ.

” ފެންވަރަން ވަނީ.. ބުނި ވަރަށް އަވަހަށް އަންނާނަމޭ..” ލިލިއަން ޖަވާބު ދިނެވެ.

އިރުކޮޅެއްނުވެ ދިޔާން ކާގެއަށް ވަދެގެން އައިސް ލިލިއަންގެ ކަނާތްފަޅީގައި އިން ގޮނޑީގައި އިށީނެވެ. 

އޭނާގެ ކުރިމަތިން އިށީނދެ އިން ދަޔާން އޭރު އެލީ އާއެކު ކެއުން ފަށައިފިއެވެ.

އާއިލާ އެއްކޮށް ހަމަވުމުން ދިރާޝާގެ މޫނުމަތިން ފެނުނީ ތަފާތު ހިތްހަމަ ޖެހުމެކެވެ. ކޮންމެ މީހެއްގެ މޫނަށް ވަކި ވަކިން ބަލާލަމުން ދިރާޝާއަށް ހިނިތުންވެލެވުނެވެ.

*******

ކެއުން ނިމުމާއެކު ހަމްދޫން އޭނާގެ ދެ ފިރިހެންދަރިން ގޮވައިގެންވަނީ އޭނާ ބޭނުން ކުރަމުން އަންނަ ކިޔަވާ ކޮޓަރިއަށެވެ. ދެބެއިންނާ ދައްކަން ޖެހޭ ވާހަކަ ތަކެއް ހުރިމަކަށް ބުނުމުންނެވެ.

 ކައި ނިންމައިގެން ލިލިއަން އުޅުނީ އެލީއާއެކުއެވެ. އެކުއްޖާއާ ތަފާތު ވާހަކަތައް ދައްކާ ނުހަނު އަވަހަށް ރަޙުމަތްތެރިކަން އުފެދިގެން ދިޔައެވެ. ކުޑަކުދިންނާ ގުޅުން ބަދަހި ކުރުމަކީ އޭނާއަށް އެއްވެސް އިރެއްގައި އުނދަގޫ ކަމެއް ނޫނެވެ. އެލީ ލިލިއަން ގޮވައިގެން އޭނާގެ ކޮޓަރިއަށް ގެންގޮސް ތަފާތު ކުޅޭ އެއްޗެހި ދައްކަމުން ދިޔައެވެ. ލިލިއަންވެސް ޝަޢުޤުވެރިވެ އިނދެ އެލީގެ ކޮންމެ ވާހަކައެއް ކަނުލާ އަޑު އަހާ ދޭތެރެއަކުން ސުވާލެއް ކޮށްލައެވެ.

*****

ހަމްދޫން އާ ވާހަކަ ދެއްކުމަށްފަހު ދެބެއިން އެރީ ގޭގެ ހާމަފެންޑާއަށެވެ. ވަށައިގެން ފެންނަން އޮތް މާހައުލަށް ނަޒަރެއް ދެމުން ދަޔާން ރެއިލިންގްގައި އަތް އަޅުވާލިއެވެ.

” ކިހާ ދުވަހަކަށް މިކޮޅަށް ތިއައީ..” ފަހަތުން ދިޔާން ސުވާލު ކޮށްލި އަޑުއިވުމާއެކު ދަޔާން ފަހަތަށް އެނބުރުނެވެ.

” މަހެއްހާ ދުވަހަށް… އަހަރީ ދުވަސް ނިންމާލާފަ ހަފްތާއެއް ވަރު މަޑުކޮށްލާފަ ދާނީ.. އެލީ ގޮވައިގެން އަލަށް އާދެވުނު ފަހަރު އޭނައަށް ކަންކަން ދަސްކޮށްދީ ރާއްޖޭގެ ތަންތަން ދައްކާލަން ބޭނުން..” ދަޔާންގެ ވާހަކައިން އޭނާގެ ކޮންމެ އަމާޒެއް ، ކޮންމެ ވިސްނުމެއް ގުޅިފައިވަނީ އޭނާގެ ދަރިފުޅާކަން ހާމަވެއެވެ.

” ކިހިނެއްވީ..؟ އަހަރެން ނުގޮސްގެންތަ ތިއުޅެނީ..؟” ދަޔާން ސަމާސާ ރާގަކަށް ބުނެލިއެވެ. މީގެ ދުވަސްތަކެއް ކުރިން ދެމީހުން އެކުގައި ކުރި މަޖާ ކަންކަން ހަނދާންވުމުން ދަޔާންގެ ހިތުގައި ރިއްސާލިއެވެ. 

” ނޫން.. ކީއްވެ އަހަރެން އެގޮތް ބޭނުން ވާންވީ..” ދިޔާން ކަރުކެހިލަމުން ބުނެލިއެވެ.

” އެއީ މަޖަލަކަށް ބުނި އެއްޗެކޭ ބްރޯ..” ދަޔާން ދިޔާންގެ ކޮނޑަށް އަތް ވައްޓާލަމުން ބުނެލިއެވެ. އުމުރުން އަށާވީސް އަހަރުވެފައި ވިޔަސް ދިޔާން އާ އެއްތަންވުމުން އޭނާގެ ޅައުމުރުގެ ދުވަސްތައް އަނބުރާ އިޔާދަވާ ފަދައެވެ.

“އިނގޭ ތިކަން.. އަހަރެން ކުޑަކޮށް ޖައްސާލަން މިދަނީ.. ” ދިޔާން އޭނާގެ ކޮނޑުން ދަޔާންގެ އަތް ދުރުކޮށްލަމުން ތިރިއަށް ފައިބަން ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސް ހުއްޓި އޭނާ ދަޔާން އަށް ނަޒަރެއް ދިނެވެ. އޭރު ދަޔާން ހުރީ ދިޔާން އަށް ބަލަހައްޓައިގެންނެވެ.

” ކޮން އިރަކު އޮފީހަށް ދާނީ..؟” ދިޔާން ސުވާލު ކޮށްލިއެވެ. ހަމްދޫން ވަނީ ދަޔާން ކުރެން އޮފީހަށް ވަދެ ކަންކަން ބަލައިލުމަށް އެދިފައެވެ.

” މާދަން..” ދަޔާންގެ ޖަވާބަށް ދިޔާން ބޯ ޖަހާލިއެވެ. އެއަށްފަހު އޭނާ އަނެއްކާވެސް ހިނގައިގަތެވެ.

ދިޔާން ދިޔަ ދިމާއަށް ބަލަހައްޓައިގެންހުރި ދަޔާން އަށް އޭނާގެ އަތާ ދިމާއަށް ބަލާލެވުނެވެ. ނޭނގޭ އެކަނިވެރިކަމެއް އޭނާގެ ނަފްސު ވަށާލިއެވެ. އޭނާގެ އަތް ދުރުކޮށްލަމުން ދިޔާން ހިނގައިގަތް ގޮތް ދަޔާން އަށް ސިފަވަނީއެވެ. ދެބެންގެ ދެމެދަށް ނޭނގޭ ބީރައްޓެހި ކަމެއް ވެރިވެފައިވާ ފަދައެވެ.  އެކަން ކަޑައްތު ކޮށް ދިޔާން އާ ހަމައަށް ވާސިލު ވާނެ ގޮތެއް ދަޔާން އަކަށް ނޭނގުނެވެ. ބޮލަށް ބަރުވަމުންދިޔަ ޚިޔާލުތަކާއެކު އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ގިނައިން ފިކުރުކުރުން ޑޮކްޓަރު މަނާ ކޮށްފައިވީނަމަވެސް ބައެއް ފަހަރު ދަޔާން އަށް އެގޮތަށް ޢަމަލުކުރަން ނުކުޅެދިފައި ވިއެވެ. ފަހަކަށް އައިސް އޭނާގެ ޙަޔާތުގައި ހިނގާ ކޮންމެ ކަމެއްވެސް ޖަވާބެއް ނެތް އަރަތެއް ފަދައެވެ.

” ބައްޕީ..” ފަހަތުން އެލީ ދުވެލާފައި އައިސް ދަޔާންގެ ފައިގާ އޮޅުލައިގަތެވެ. އެއްވެސް ބާރެއްނެތި ދަޔާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ހިތު ތެރޭގައިވީ ހުރިހާ ފިކުރުތަކާއި ޝަކުވާތައް އެ ލޯބިވެތި އަޑާއެކު ފިލައިގެން ދިޔަފަދައެވެ. 

  އެލީ ވައިގެ ތެރެއަށް އުފުލާލުމާއެކު އެކުއްޖާގެ ހުނުމުގެ އަޑު މުޅި މާހައުލުގައި ގުގުމާލިއެވެ. ދުރުގައި ހުއްޓި ހުރި ލިލިއަން ދަޔާންގެ ލޮލުގައި އަޅައިގަތީ އެހިނދުއެވެ. އެލީ ބިމުގައި ބަހައްޓަމުން ދަޔާން ލިލިއަން އާ ދިމާއަށް ބަލައިލިއެވެ.

” ލީ އާންޓް އާ އެކު ކުޅެލާފަ މިއައީ..” އެލީ ލިލިއަން އާމެދު ގަޔާވެފައިވާވަރު އެ އަޑުން ދޭހަވަމުން ދިޔައެވެ. ދަޔާން ހިނިތުންވެލަމުން އެހެންހޭ ބުނެލިއެވެ.

” މީ.. ދިޔާން ވީ ތަނެއް އެނގޭތަ..؟” ލިލިއަން ނުކެރި ހުރެ ސުވާލު ކުރިއެވެ. ނޭނގޭ ސަބަބަކާހުރެ ދަޔާން އާ ހަތަރު ކަޅި ހަމަކުރަން އޭނާއަށް އުނދަގޫވެފައި ވެއެވެ. އެެއީ އޭނާގެ ފިރިމީހާއާ ދަޔާން ވައްތަރުކަމުން ހިތުގައި އުފެދިފައިވާ އިޙްސާސެއް ކަމުގައި ހިތަށް ވިސްނައިދޭން މަސައްކަތް ކުރިޔަސް އެއީ އޭނާގެ އަމިއްލަ ނަފްސަށް އޮޅުވާލެވޭ އޮޅުވާލުމެއްްކަން ލިލިއަން އަށް އެނގެއެވެ. ދަޔާން އޭނާއަށް ބަލާލައި ބެލުމުގައި ދޭހަކުރަން ނޭނގޭ އަސަރެއްވެއެވެ. އެ އަސަރުގައި ދަންނަ ގާތްކަމެއްވާހެން ލިލިއަން އަށް ހީވާންވީ ސަބަބެއް ނޭނގެއެވެ.

” ދެންމެ ތިރިއަށް ފޭބީ.. ނިދާލާށޭ ބުނީ މިދަނީ..” ދަޔާން އެލީގެ އިސްތަށިގަނޑު ރީތި ކޮއްލަމުން ވާހަކަ ދެއްކީ ލިލިއަން އަށް ބެލުމެއް ނެތިއެވެ.

” އޯވް..” ލިލިއަން މަޑު މަޑުން ބުނެލިއެވެ. އޭނާއަށް އެ އާދެވުނީ ދިޔާން ކޮޓަރިއަށް ވަތް ފަހުން ކަންނޭނގެއެވެ.

“ބާއި އެލީ..” ބުނާނެ އިތުރު އެއްޗެއް ސިކުނޑިއަށް ނުވިސްނުމުން ލިލިއަން އެލީއަށް ހަނާ އަޅާލުމަށްފަހު ފަހަތަށް އެނބުރި ހިނގައިގަތެވެ. ލިލިއަން އޭނާގެ ލޯ ކުރިމަތިން ގެއްލެންދެން ދަޔާން އަށް ބަލަހައްޓައިގެން ހުރެވުނެވެ. ލިލިއަން އަކީ އޭނާގެ އެއްމާބަނޑު ކޮއްކޮގެ އަންހެނުންނެވެ. އެހެނަސް އެ އަންހެންކުއްޖާ އޭނާގެ ކުރިމައްޗަށް އަރާ ކޮންމެ ފަހަރަކު އޭނާގެ ހިތަށް އެވަނީ ކިހިނެއްހެއްޔެވެ؟ އެއްޗަކާ ދިމާ ބަލަން އުނދަގޫވެ އެހެނަސް އެ އެއްޗަކުން ނަޒަރު ވަކިކޮއްލަން ބޭނުންނުވާ ހާލަތެއް ހަޔާތުގައި މިހާ ތަނަށް ދަޔާން އަށް ތަޖުރިބާ ކުރެވިފައެއް ނުވެއެވެ. ލިލިއަން ފެނުމުގެ ކުރިންނެވެ. އެހެނަސް ލިލިއަން ފެނުމާއެކު އެމޫނުގެ ކޮންމެ ތަފްސީލެއް ވަކިވަކިން ދިރާސާ ކުރެވެއެވެ. ދެވަނަ ސިކުންތުގައި އެހިތަށް އުނދަގޫވެ މޫނު އަނބުރާލެވެއެވެ. ކީއްވެހެއްޔެވެ؟ ދަޔާން އަށް ވިސްނާ ވިސްނާވެސް އެ ސުވާލަށް ޖަވާބެއް ނުހޯދުނެވެ.

” ބޭނުންތަ ޑެޑީއާއެކު ރައިޑް އަކަށް ދާން.. ؟” އޭނާގެ ސިކުނޑިއަށް އުނދަގޫ ކުރަމުންދާ ޚިޔާލުތަކުން ދުރުވެވޭނެ އެންމެ ފަސޭހަ ގޮތަކީ އޭނާގެ ހުރިހާ ސަމާލުކަމެއް އެލީއަށް ހުސްކޮއްލުންކަން ދަޔާން އަށް އެނގެއެވެ. އޭނާ ހީކުރި ގޮތަށް އެލީ އުފާވެލާފައި އަވަސް އަވަހަށް ބޯ ޖަހާލިއެވެ. އެއާއެކު ދަޔާން އެލީ ގޮވައިގެން ހާމަފެންޑާއިން ނިކުތެވެ.

***********

ހުދުކުލައިގެ ލިލީ މާ ގަސްތަކެކެވެ. ވަޔާއެކު ދެފަރާތަށް ނަށަމުންދިޔައިރު މާތަކުގެ މީރުވެސް ފަޒާގެ ތެރެއަށް ފަތުުރަމުން ދިޔައެވެ. ދަޔާން އަށް ހުއްޓިގެން ހުރެވުނީ އެ މާގަސްތަކުގެ ތެރޭގައެވެ. ކުއްލިއަކަށް އެތަނަށް އާދެވުނު ގޮތަކާމެދު ސުވާލު އުފެދިފައި ހުރި ދަޔާން އެކި ފަރާތް ފަރާތަށް ނަޒަރު ހިންގަމުންދިޔައެވެ. އެހެނަސް މުޅިތަނުގައި ސަރާސަރަށް އޮތީ މާ ގަސްތަކެވެ. ފައި އަޅާލާނެ ހުސް ޖާގައެއްވެސް އެތަނުގައި ނެތްފަދައެވެ.  ކުރިއަށްދެވޭނެ މަގެއް ހޯދުމަށްޓަކައި ދަޔާން އަދިވެސް ދުރު ބަލަމުން ދިޔައެވެ. އެހިނދު އޭނާގެ ނަޒަރު ހުއްޓުނީ ހުދު ކުލައިގެ ވިހުރެމުންދިޔަ އެއްޗެއް ފެނުމުންނެވެ. ފުސްގަނޑެއްގެ ތެރެއިން  ފެންނަމުންދިޔަ އެ އެއްޗަށް ލޯ ހަނިކޮށްލަމުން ދަޔާން ބަލައިލިއެވެ. އެެއާއެކު މަންޒަރު ސާފު ވަމުން ދިޔައެވެ. ވަޔާއެކު ވިހުރެމުން ދިޔައީ ހެދުމެއްގެ ފަސްބައެކެވެ. އޭނާއާ ފުރަގަސްދީގެން ހުރި އަންހެންކުއްޖާގެ ހެދުމުގެ ފަސްބައެވެ. ދަޔާން އަށް ބޭއިޙްތިޔާރުގައި އެ އަންހެންކުއްޖާއާ ދިމާއަށް ފައި އަޅާލެވުނެވެ. އެހެނަސް އެވަޤުތު އޭނާގެ ފައިދަށުވި ގަސްތައް ބިންދައިގެން ދިޔަ އަޑު އިވިގެން ދިޔައެވެ. އެހިނދު އޭނާއާ ފުރަގަސްދީގެން ހުރި އަންހެންކުއްޖާ މޫނު އެއްފަރާތައް އަނބުރާލަމުން އޭނާއަށް ބަލައިލިއެވެ. ވަޔާއެކު ފަށުވި އިސްތަށިތައް މޫނަށް އެޅުމުން ދިޔާން އަށް އޭނާގެ މޫނު ސާފުކޮށް ފެންނަ ގޮތެއް ނުވިއެވެ. އެހެނަސް ދެމީހުންގެ ނަޒަރު އެކަކު އަނެކަކާ އަމާޒުވީކަން ދަޔާން އަށް އެނގެއެވެ. ދެންވީނުވީއެއް ނޭނގުނެވެ. މުޅިތަން އެނބުރިގެން ދިޔަފަދަ އިޙްސާސެއް އޭނާއަށް ކުރެވިގެން ދިޔައެވެ.

ފުންނޭވާތަކެއް ލަމުން ދިޔަ ދަޔާން އަށް އޭނާގެ މޭގާ އަތް އަޅާލެވުނެވެ. ތުރުތުރު އަޅަމުން ދިޔަ އޭނާގެ އަތް ހަރަކާތް ކުރެވޭތޯ ދަޔާން މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް އޭނާގެ މުޅި ހަށިގަނޑު ނޭނގޭ ބާރަކަުން ބަނދެވިފައިވާ ފަދައެވެ. ނިތްކުރިން ވެއްޓުނު ދާތިއްކާއެކު އޭނާގެ ގަޔަށް ބަލާލެވުނެވެ. ލައިގެން ހުރި ޓީ ޝާޓުގެ މޭމަތިވެސް ވަނީ ގަޔަށް ހިފާފައެވެ. މުޅި މީހާ ދަލުން ފެންވަރާފައިވާ ފަދައެވެ. ތުރުތުރު ލަމުން ދިޔަ އޭނާގެ ދެތުންފަތް ބައްދާލަމުން ދަޔާން ދެލޯ މަރާލިއެވެ. އޭނާގެ ނޭވާލުމަށް ސަމާލުކަން ދިނެވެ. އެއާއެކު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހަށިގަނޑުގައި އުފެދިފައިވާ ތުރުތުރުލުން މަޑުވެގެން ދިޔައެވެ. އަތްފައި ހަރަކާތް ކުރެވެން ފެށުމުން އޭނާގެ ބަރުވެފައިވާ ހަށިގަނޑު އެނދުން ތެދުކުުރަމުން ފާޚާނާއާ ދިމާއަށް މިސްރާބުޖެހިއެވެ. 

ވެހެމުންދިޔަ ފެންތަކުގެ ތެރޭގައި ދެލޯ މަރާލައިގެން ދަޔާން ހުއްޓެވެ. އެގޮތަށް އޭނާ ހުރީ ކިހާ އިރެއް ވަންދެން ކަމެއް ނޭނގެއެވެ. އެއް އަތް ފާހާނައިގެ ފާރުގައި ޖައްސާލައިގެން އެ އަތުގައި ބޯ އަޅާލައިގެން ދަޔާން ހުއްޓެވެ.

އޭނާއަށް ފެނުނީ ހުވަފެނެއްކަން ޔަޤީނެވެ. އެއީ އެހުވަފެން އޭނާއަށް ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. އެއީ އެތައް ރެއަކު އޭނާއަށް ގޯނާ ކުރަމުން އަންނަ ހުވަފެނެކެވެ. ހަމަ އެ އަންހެންކުއްޖާއެވެ. އެހެނަސް ކުރިއާ ޚިލާފަށް މިރޭގެ އެހުވަފެނުން އޭނާއަށް ކުރުވި އަސަރު ބޮޑުވިހެން ހީވިއެވެ. ބައެއް ފަހަރު އޭނާގެ ޟަމީރު އެއީ ހުވަފެނެއް ކަމުގައި ޤަބޫލު ކުރަން ދެބަސްވެއެވެ. އެހެނަސް ބުއްދިހުރި ކޮންމެ މީހަކަށްވެސް އެއީ ހަޤީޤަތަކަށް ނުވާނެކަން ޔަޤީންވާނެއެވެ.

 ބޮލުގައި އުފެދިފައިވާ މަޑު ރިހުމާއެކު ދަޔާން ފެންމާގަނޑު ބާރުކޮށްލިއެވެ. އެއަށްފަހު އުނަގަނޑުގައި ތުވާއްޔެއް އަނދެލަމުން ޗޭންޖިންގް ރޫމަށް މިސްރާބުޖެހިއެވެ. ގަޑިން ވީވަރު ދަޔާން އަށް އެނގުނީ ދެނެވެ. އޭރު މެންދަމު ދޭއްޖެހީއެވެ. ކުރިން ނިދަންލީ އެއްޗެހި ދާ ވަށިގަނޑަށް ލުމަށްފަހު، އާ ނިދާ އެއްޗިއްސަށް ބަދަލުކުރަމުން އޭނާގެ އިސްތަށިގަނޑުން ފެން ހިތްކިއެވެ. ޗޭންޖިންގް ރޫމުން އެއްޗެހި ލައިގެން ކޮޓަރިއަށް ނިކުމެ ދަޔާން އޭނާގެ އެނދަށް ބަލައިލިއެވެ. އެނދުގައި އޮށޯތުމުގެ ބަދަލުގައި  އެނދުގެ ކުރިމަތިން ހިނގާފައި ގޮސް އޭނާ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ކޮޓަރިން ނިކުމެ ދޮރު ޖަހާލުމަށްފަހު ދަޔާން ހިނގައިގަތީ އެކޮޓަރިއާ ޖެހިގެން ހުރި ކޮޓަރިއަށެވެ.

ފަނޑު އަލިކަމެއް ވެރިވެފައިވާ އެކޮޓަރީގެ ދޮރު މަޑު މަޑުން ހުޅުވާލަމުން ދަޔާން އެތެރެއަށް ވަނެވެ. އޭނާގެ ކޮންމެ ހަރަކާތެއްގައި ވަނީ ފަރުވާތެރިކަމެވެ. މަޑު މަޑުން ކޮޓަރީގެ ދޮރު ޖެހުމަށްފަހު އޭނާ ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. އެނދުގައި ނިދާފައި އޮތް އޭނާގެ ދަރިފުޅަށް ބަލަހައްޓައިގެން ދިޔާން އިރުކޮޅަކު ހުއްޓެވެ. އެކުއްޖާ ލަމުންދިޔަ ކޮންމެ ނޭވާއެއް ގުނަމުންދިޔަފަދައެވެ. އިރުކޮޅަކު އެގޮތުގައި ހުރުމަށްފަހު ދަޔާން އައިސް އެލީގެ މަގަތުން އެނދުގައި އޮށޯތެވެ. މަޑު މަޑުން އެލީގެ ނިތްކުރީގައި ތުންފަތް ޖައްސާލިއެވެ. އެކުއްޖާއަށް ބައްޕަގެ ވަސްދުވީ ކަންނޭނގެއެވެ. ނިދީގެ ތެރޭގައި ފުރުޅެލަމުން ދަޔާންގެ މޭގައި ބޮނޑިވެލިއެވެ. ދަރިފުޅުގެ ނޭވާގެ އަޑު އަހަން އޮތް ދަޔާންގެ ދެލޯ މަރާލިއެވެ. އިރުކޮޅެއްގެ ކުރިން ފެނުނު ހުވަފެން އޭނާގެ ސިކުނޑިއަށް އެހިނދު ވެރިވީ ދުރު ހަނދާނެއްގެ ގޮތުގައެވެ.

-ނުނިމޭ-

50

2 Comments

 1. Aishath Amaana

  January 10, 2022 at 2:02 pm

  wonderr…… hiiiiiii
  mi part ves vrh rythi ingey
  love it

  • Wonder

   January 10, 2022 at 9:51 pm

   Haii dearr.. Thank u soo much. V ufaavejje mi bai ves kamudhiyaeema 🥰❤️

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!