ފަނޑު އަލިކަމެއް ވެރިވެފައިވާ އެކޮޓަރީގެ ދޮރު މަޑު މަޑުން ހުޅުވާލަމުން ދަޔާން އެތެރެއަށް ވަނެވެ. އޭނާގެ ކޮންމެ ހަރަކާތެއްގައި ވަނީ ފަރުވާތެރިކަމެވެ. މަޑު މަޑުން ކޮޓަރީގެ ދޮރު ޖެހުމަށްފަހު އޭނާ ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. އެނދުގައި ނިދާފައި އޮތް އޭނާގެ ދަރިފުޅަށް ބަލަހައްޓައިގެން ދަޔާން އިރުކޮޅަކު ހުއްޓެވެ. އެކުއްޖާ ލަމުންދިޔަ ކޮންމެ ނޭވާއެއް ގުނަމުންދިޔަފަދައެވެ. އިރުކޮޅަކު އެގޮތުގައި ހުރުމަށްފަހު ދަޔާން އައިސް އެލީގެ މަގަތުން އެނދުގައި އޮށޯތެވެ. މަޑު މަޑުން އެލީގެ ނިތްކުރީގައި ތުންފަތް ޖައްސާލިއެވެ. އެކުއްޖާއަށް ބައްޕަގެ ވަސްދުވީ ކަންނޭނގެއެވެ. ނިދީގެ ތެރޭގައި ފުރުޅެލަމުން ދަޔާންގެ މޭގައި ބޮނޑިވެލިއެވެ. ދަރިފުޅުގެ ނޭވާގެ އަޑު އަހަން އޮތް ދަޔާންގެ ދެލޯ މަރާލިއެވެ. އިރުކޮޅެއްގެ ކުރިން ފެނުނު ހުވަފެން އޭނާގެ ސިކުނޑިއަށް އެހިނދު ވެރިވީ ދުރު ހަނދާނެއްގެ ގޮތުގައެވެ.
************
ދެފަހަރަކު އެސްފިޔަ ޖަހާލަމުން ދަޔާން އޭނާގެ ލޯހުޅުވާލިއެވެ. ފިނި ފިނި އަތެއްގެ އިޙްސާސް ކުރެވުމުންނެވެ. އެހިނދު އެލީގެ އަތް އޭނާގެ ކޯތާފަތުގައި ބާއްވާލެވިފައިވާތަން ފެނުނެވެ. އެލީވެސް އެހޭލީ ދެންމެކަން އެމޫނުމަތީގައިވާ ނިދީގެ އަސަރުން ފާޅުވަމުންދެއެވެ. އެންމެ ކުޑަ އިރުއްސުރެ އަވަހަށް ނިދުމަށްފަހު ފަތިހާ ހޭލަން ދަޔާން ވަނީ އޭނާގެ ދަރިފުޅަށް އާދަކޮށްދީފައެވެ.
” ގުޑް މޯނިންގް ސަން ޝައިން..” ދަޔާން އެލީގެ ކުޑަ ކުޑަ އަތުގައި ބޮސްދެމުން އޭނާގެ ބަރުވެފައިވާ ނިދި އަޑުން ބުނެލިއެވެ. ބަރު އެސްފިޔަތަކާއެކު ދެލޯ މަރާލަމުން އާފުރުނު އޭނާގެ ދަރިފުޅަށް ބަލަން އޮވެ ދަޔާން އެލީގެ ޝަހާދަތް އިނގިލި ދެތުންފަތް ދޭތެރޭ ބައްދާލުމާއެކު އެލީގެ ހުނުމުގެ އަޑު ކޮޓަރީގައި ފެތުރިގެން ދިޔައެވެ.
އެއާއެކު ދަޔާން އެނދުން ތެދުވެލަމުން އެލީގެ މޫނުގެ އެތައް މިތާ ބޮސްދޭން ފެށިއެވެ. ދަޔާން އެލީ ދޫކޮށްލީ ހެމުން ހެމުންގޮސް ނޭވާ ހިނދުމުންނެވެ. އޭރު އެލީގެ މޫނުން ކުޑަ އިރުކޮޅެއްކުރިން ފެނުނު ނިދީގެ އަސަރު މުޅިން ފިލައިގެން ގޮސްފިއެވެ.
****
އޮފީހަށް ދިޔުމަށް ތައްޔާރުވެގެން ކޮޓަރިން ނިކުން ދަޔާން މިސްރާބުޖެހީ ކާގެއާ ދިމާއަށެވެ. ސައި ބޯހިތް ނެތުމުން ތިރިއަށް ސައިބޯން ދިޔުމުގެ ވިސްނުން އޭނާ ދޫކޮށްލިއެވެ. މަތީ ފަންގިފިލާގައި ކައްކާ ކެވޭނެހެން ހެދިފައި ހުރި ކާގެއަށް ވަނުމާއެކު، ކޮފީ މެޗިން ދޮށުގައި ހުއްޓިގެން ހުރި ލިލިއަން އޭނާގެ ލޮލުގައި އަޅައިގަތެވެ. މީހެއްގެ ހިލަން ވެގެން ކަންނޭނގެއެވެ. ލިލިއަން ފަހަތަށް ބަލައިލިއެވެ. ދަޔާން ފެނުމާއެކު ލިލިއަންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާއަށް އަދިވެސް ދަޔާންގެ ހަޤީޤަތަށް ނަފްސު ހޭނުވިފައިނުވަނީއެވެ. މޫނު މައްޗަށް ވެރިވި ކުލަވަރު ނުހަނު އަވަހަށް ލިލިއަން ފޮރުވާލުމަށްފަހު ޖޯޑަށް ކޮފީ އެޅުމައިގެން ހަރަކާތްތެރިވިއެވެ.
” ކޮފީއެއް ހަދައިދެންތަ..؟” ދަޔާން ކިޗެން އައިލެންޑްގައި އިށީނުމުން ލިލިއަން އަށް ނާހާލާ ހިތްހަމައެއް ނުޖެހުނެވެ.
” އަހަރެން އަމިއްލައަށް ހަދާލަފާނަން..” ދަޔާން ދެފަރާތަށް ބޯ ހޫރުވާލަމުން އިންކާރު ކުރިއެވެ.
ކުއްލިއަކަށް ހިތަށް މާޔޫސްކަން ލިބުނީ ކީއްވެކަމެއްނޭނގެއެވެ. އެކަމާ ނުވިސްނާ އަވަސް އަވަހަށް ކޮފީ ހިފައިގެން ލިލިއަން މިސްރާބުޖެހީ ކޮޓަރިއަށެވެ. ދިޔާން އަދިވެސް ތައްޔާރުވެ ނުނިމޭތީއެވެ. ގަޑިއަށް ތައްޔާތުވުމަކީ ދިޔާން އަށް އަތުން ގުނާލެވޭހާ މަދުފަހަރަކު ކުރެވޭ ކަމެކެވެ. އެކަން ރަނގަޅު ކުރުވުމަަށް ފަތިހާ ދިޔާން އަށް ގޮވޭތޯ ލިލިއަން މަސައްކަތް ކުރެއެވެ. އެހެނަސް އޭނާ ކުރަމުންދާ މަސައްކަތް ފޫނެއް ފަޔަކަށް ފެންފުރުމެކޭ އެއްފަދައެވެ. ގިނަ ދުވަސް ދުވަހު ފަތިސް ނަމާދު ކުރެވޭ މޫސުމުގައިވެސް ދިޔާން އަކަށް ނުހޭލެވެއެވެ. އެއީ ލިލިއަން އެންމެ މާޔޫސްވެ ދެރަވާ ކަންތަކެވެ.
*******
ދެބެއިން ގެއިން ނުކުމެ ކާރާ ދިމާަައަށް މިސްރާބުޖެހިއެވެ.
” އޮފީހުން ދިމާކުރޭ..” ދިޔާން ކާރަށް އަރަމުން ބުނެލުމަށްފަހު ކާރުގެ ދޮރުފަތް ލައްޕާލަމުން އިންޖީނު ހިންގާލިއެވެ. ކާރާ ދިމާއަށް އެޅިފިޔަވަޅުމަތީ ހުއްޓިގެން ހުރި ދަޔާން ކާރު ދުއްވާލި ދިމާއަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ.
އޭނާގެ އަތުގައި ކާރު ނެތީކީނޫނެވެ. އެކަމަކު އޭނާ ހުރީ ކޮއްކޮ އާ އެކު ދަތުރުކޮށްލާ ދެމެދުގައި ހީނަރުވެފައިވާ ގުޅުން ބަދަހިކޮށް ވާހަކަ ދައްކާލަން ނިންމައިގެންނެވެ. ލިބުނު މާޔޫސްކަން ދަޔާންގެ މޫނުމަތިން ހާމައަށް ފެންނަން ހުއްޓެވެ. ތިރިބަލާލަމުން ދެޖީބަށް އަތްޖަހާލައިގެން ހުރެ ފަހަތަށް އެނބުރި އޭނާގެ އަމިއްލަ ކާރާ ދިމާއަށް ދަޔާން މިސްރާބު ޖެހިއެވެ.
ކޮމްޕެނީގެ ކާރު ޕާކުކުރުމަށް ހަމަޖެހިފައިވާ ޕާކިންގް ލޮޓްގައި ކާރު ޕާކު ކުރުމަށްފަހު ދަޔާން ފޭބިއެވެ. އޭރު ދިޔާންވެސް ކާރުން ނުކުންނަނީއެވެ. ދެމީހުން އެކީގައި ލިފްޓަށް އެރުމަށްފަހު ދިހަވަނަ ފްލޯރ އަށް ފިއްތާލިއެވެ.
“ދުވަހުގެ ތާވަލު އަހަރެންގެ ޕީއޭ ފޮނުވާލާނެ.. މިއަދު އެބައޮތް ޝެއަރ ހޯލްޑަރުންގެ މީޓިންގް އެއްވެސް.. ” ދިޔާން އޭނާގެ ފޯނަށް ބަލާލުމަށްފަހު ބުނުމުން ދަޔާން ބޯ ޖަހާލިއެވެ.
ލިފްޓު ހުޅުވުމާއެކު ދެމީހުންވެސް ނިކުތެވެ. ލިފްޓު ކައިރީ ދިޔާންގެ އިންތިޒާރުގައި ހުރި އޭނަަގެ ޕީއޭ ހަމްޒާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މޫނުމަތިން ލޭގެ ކުލަ އޮއްސިގެން ދިޔައިރު ގަދަ ކަމުން ހިންދިރުވާލިއެވެ. އޮފީހަށް ދަޔާން އަންނަކަމުގެ ހިލަމެއް އޭނާއަށް ވެފައި ނެތީ ކަންނޭނގެއެވެ.
މި.. މިސްޓަރ ކޭ..” އޭނާ އުނދަގުލުން ހިންދިރުވާލަމުން ބުނެލިއެވެ.
ދަޔާން ލުއި ހިނިތުންވުމަކާއެކު ބޯ ޖަހާލިއެވެ. އެއަށްފަހު ދިޔާން އަށް ބަލައިލުމަށްފަހު އޭނާ މިސްރާބު ޖެހީ އޭނާގެ ކެބިން އާ ދިމާއަަށެވެ. އިމާރާތުގެ ދިހަ ވަނަ ފަންގިފިލާއަކީ އޭނަައަށާއި ދިޔާން އަށް ހާއްސަކުރެވިފައިވާ ފަންގިފިލާއެކެވެ.
*****
ދަޔާން ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރި ދިޔާން ހަމްޒާގެ މޫނަށް ކުއްލިއަކަށް ބަލައިލިއެވެ. އެ މޫނުގައި އެއްވެސް ވަރެއްގެ ހިނިތުންވުމެއް ފެންނާކަށް ނެތެވެ.
” އަހަރެންގެ ކެބިން އަށް އާދޭ!” ދިޔާން ހަރުކަށި ކަމާއެކު އަމުރު ކޮށްލުމަށްފަހު ބާރު ހިނގުމުގައި އޭނާގެ ކެބިން އާ ދިމާއަށް މިސްރާބުޖެހިއެވެ.
ހަމްޒާއަށް ކެބިންގެ ދޮރު ހުޅުވާލެވުނުއިރު ހާސްކަމާއެކު ދެފަރާތަށް ހިނގަމުން ދިޔަ އޭނާގެ ބޮސް ފެނުމުން މޫނުމައްޗަށް ހާސްކަން ވެރިވިއެވެ. ދިޔާން އަށް އޭނާގެ ޕީއޭ ފެނުމާއެކު ހިނގުން މަަޑު ކޮއްލަމުން ހަމްޒާއާ ދިމާ ބަލައިލިއެވެ.
” ފުރަތަމަ ފަހަރު ކަމަށް.. މި ދޫކޮށްލަނީ.. އެކަމަކު.. ދެވަނަ ފަހަރަށް ދަޔާން އަށް ޝައްކު ކުރެވޭ ކަމެއް ކޮއްފިއްޔާ ވަޒީފާ ގެއްލޭނެ ކަން ހަނދާން ކުރާތި..!” ދިޔާން އިންޒާރެއް އިއްވާލިއެވެ.
” ސޮރީ ސަރ އަޅުގަނޑު.. އަޅުގަނޑަކަށް ނޭނގެ މިސްޓަރ ކޭ ދުރުވާނެކަމެއް..” ހަމްޒާ އިސްޖަހާލަމުން ބުނެލިއެވެ.
” ދިޔާން އޭނާގެ އިސްތަށިގަނޑުގައި އަތުން ފުނާ އަޅާލިއެވެ. ނަފްސު ހަމަޖައްސާލުމަށް ފުންނޭވާއެއް ދޫކޮށްލިއެވެ.
“ދެން އެކަން ހަނދާން ނައްތާލާ.. ދެންވެސް ދަޔާން އަށް ޝައްކުވާފަދަ ގޮތަކަށް ހަރަކާތްތައް ނުބަހައްޓާތި.. އާދައިގެ ގޮތަކަށް އަހަންނާ މުޢާމަލާތް ކުރާގޮތައް ކަންކަން ކުރީމަ ހުންނާނީ ރަނގަޅަށް..” ދިޔާން ބުންޏެވެ.
މިއަދުގެ ތާވަލު ދަޔާން އާ ހަވާލު ކޮއްލާތި.. އަހަރެން ދެންމެ މިދެއްކި ވާހަކަ ހަނދާނުގަ ބަހައްޓާތި..” ދިޔާން ބުނެލިއެވެ.
އޭނާގެ ޕީއޭ ބޯ ޖަހާލުމަށްފަހު ކެބިން އިން ނިކުމެގެން ދިޔައެވެ.
ގޮނޑީގައި ބުރަކަށި ޖައްސާލަމުން ދިޔާން ދެލޯ މަރާލިއެވެ. ނިއްކުރީގައި އަތް ހާކާލަމުން ބޮލުގައި އުފެދިފައިވާ ރިހުން ކުޑަ ކުރެވޭތޯ މަސައްކަތް ކުރިއެވެ.
އެހެނަސް އޭނާގެ ޚިޔާލުތައް ފުރާލީ މިހުރިހާ ދުވަހު އޭނާ ފިލަން މަސައްކަތް ކުރަމުން ދިޔަ ހަޤީޤަތެވެ. އެ ހަޤީޤަތުން މިންޖުވާން މަސައްކަތް ކޮށްކޮށް އޭނަަގެ ނަފްސު ވަރުބަލިވެއްޖެއެވެ. ދަޔާންގެ އެނބުރި އައުމާއެކު އެކަން ވެފައިވީ އިތުރު ވޭނަކަށެވެ.
************
ހަތަރު އަހަރު ކުރި.
—————————————
އާދައިގެ ހިނގުމެއްގައި ހިނގާފައި އައި ދިޔާން ކެބިންގެ ދޮުރު ހުޅުވާލިއެވެ. މޭޒުދޮށުގައި އެގްޒެކެޓިވް ގޮނޑީގައި އިށީނދެ އިން ޒުވާނާ ކުރަން ހުރި މަސައްކަތް ހުއްޓާލަމުން އިސް އުފުލާ ބަލައިލިއެވެ. ދެމީހުންނާ ބައްދަލު ކުރީ އެއް ސޫރައެކެވެ. ކުރިމަތީގައި ބަހައްޓާލެވިފައިވާ ބުރުސޫރަ ބަލާ ލޯގަނޑެއް ފަދައެވެ.
” އައިމް ޑޫމްޑް..” އަނގައިން އަޑެއް ލައްވާލަމުން ދިޔާން އައިސް ކެބިންގެ އެއްފަރާތުގައި ހުރި ސޯފާ ސެޓެއްް ޖެހިގަތެވެ.
” ކިހިނެއްވީ މިހާރު.. ލެޓް މީ ގެސް.. ރިސޯޓަކަށް ދާން އޮތް ޓްރިޕެއް ކެންސަލް ވީތަ..؟ ނުވަތަ އާކޭޑުން ކުޅުނު ގޭމަކުން ބަލިވީތަ..؟ ނޫނީ އިއްޔެ ރައްޓެހިވި އަންހެން ކުއްޖާ ރުޅިވީތަ..؟” ދަޔާންގެ އަޑުގައިވަނީ ސަމާސާއެވެ. އެހެނަސް އޭނާއަށް ބަލައިލި ދިޔާން ދެލޯ އަޅާލިއެވެ.
‘ އެއްވެސް މަޖައެއް ނޫން އިނގޭ ބްރޯ..” ދިޔާން ސޯފާގައި ހަމަޖެހިލަމުން ބުނެލިއެވެ.
” ސޮރީ ސޮރީ.. ދެންވެސް ވީގޮތް ބުނެބަލަ.. އޭރުންނެންނު އެނގޭނީ..” ދަޔާން ހަތިޔާރު ބެހެއްޓީކަން ދައްކާލަމުން ބުނެލިއެވެ.
” ބައްޕަ އަހަރެން ފާޑެއްގެ ރަށަކަށް ފޮނުވަން އުޅެނީ.. އެނގެ އެންނު ސަރުކާރުގެ ފަރާތުން މިހާރު ހައުސިންގް ޔުނިޓްގެ މަސައްކަތް ކުރާ ރަށް.. އަހަރެން އެ ޕްރޮޖެކްޓް ކުރިއަށް ދާގޮތް ބަލަން ދާންވީއޯ.. ޒިންމާދާރު ކުރުވާށޯ.. ނޭނގެ ދެން އަހަންނަކަށް.. ބީބީ ބުނެބަލަ.. އަހަރެން ވަކި ރެސްޕޮންސިބަލް އެއް ނޫންތަ މިހާރު..؟” ދިޔާން ދެއަތް އުފުލާލަމުން އަހާލި ގޮތުން ދަޔާންގެ ގާތަށް ހިނިއަންނަނ
ގޮތްވިއެވެ. އެހެނަސް ދިޔާން ރުޅި އައިސްދާނެތީ އަވަސް އަވަހަށް ތުންފަތް ބައްދާލިއެވެ.
” ޑޭން ކައިރި ބުނަންތަ ވާހަކައެއް ބޭބެގެ ހައިސިއްޔަތުން.. ” ދަޔާން ގޮނޑިން ތެދުވެގެން އައިސް ދިޔާންގެ ކައިރީ އެކަކަށް އިށީނދެވޭނެހެން ހުރި ސޯފާ ގޮނޑީގައި ހަމަޖެހިލިއެވެ.
” އަހަރެމެންގެ ބައްޕަ މިބކޮމްޕެނީ އުފެއްދީ އަހަރެމެން ވަރަށް ކުޑައިރު.. އޭރުއްސުރެ ބައްޕަ އެ މަސައްކަތް ކުރަނީ އަހަރެމެންނަށްޓަކައި.. އަހަރެމެން ދެބެއިންނަށް ތަނަވަސް ފަސޭހަ ދިރިއުޅުމެއް ހޯދައިދޭން.. އަހަރެމެން ދެމީހުން އަތުން ފައިން އެއްވެސް މަސައްކަތެއް ނުކޮށްވެސް ދިރިއުޅެވޭނެ ތަނަވަސްކަން ﷲގެ އިރާދަ ފުޅުން އަހަރެމެންނަށް މިހާރު ލިބިއްޖެ.. އެކަމަކު އެއީ އެއް ނޫނެންނު ދިރިއުޅުމަކީ.. އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ ބައްޕަ ބުނިވާހަކަ.. މި މުޅި ކޮމްޕެނީ އަކީ އަހަރެމެން ދެމީހުންނޭ.. އެކަން ކޮމްޕެނީގެ ނަމުންވެސް ފެންނާނެ.. ކޭ އެންޑް ޑަބްލިޔު.. އެއީ އަހަރެމެން ދެމީހުން.. ބައްޕަ އެހާ ބުރަ މަސައްކަތުން ނަގާ ކޮޅަށްޖެހި މަސައްކަތެއް ހަލާކު ކޮއްލާ ބަޔަކީ އަހަރެމެންނަށް ވާކަށް އަހަރެން ބޭނުމެއްނޫން. ޒިންމާދާރު ވުމަކީ ހަމައެކަނި ކޮންމެ ދުވަހަކު ގަޑި ނުޖެހި އޮފީހަށް އައުމެއް ނޫން.. ކުރާ ކޮންމެ މަސައްކަތެއްވެސް ފަރުވާތެރި ކަމާއެކު އެކަމެއް ކުރާ ހިތުން ކުރުން.. ޑޭން އެބަޖެހޭ މިހާރު ތިއުޅޭ ކެއަރ ފްރީގޮތް ދޫކޮށްލަން.. މިބުނީ ރައްޓެހިންނާއެކު މަޖާ ނުކުރާށެކޭވެސް ނޫން.. ދުވާލުދާ ހަތަރު ދަމު ވަޒީފާގެ މަސައްކަތުގެ ހޭދަ ކޮއްލުމަކީވެސް ރަނގަޅު ގޮތެއް ނޫން.. ދަސްކުރަންވީ ކަމަކީ ޕްރޮފެޝަނަލް ލައިފް އާ ޕާސަނަލް ލައިފް ބެލެންސް ކުރަން.. ” ދަޔާން ދެއަތް ޖޯޑުކޮށް ގެނެސް ދަތް ދޮޅީގައި ވިއްދާލިއެވެ.
” ވާހް.. ބީބީ ހަމަ ބައްޕައެކޭ ތަފާތެއް ނެތް..” އަނގައަށް ގޮތެއް ހަދާލަމުން ދިޔާން ބުނުމާއެކު ދަޔާން ހިނިގަނޑެއް ޖަހާލިއެވެ.
” އެކަމަކުވެސް ބްރޯ.. އަހަރެން އެ ރަށަށް ދާކަށް ބޭނުމެއް ނޫން.. އަހަރެން މިހާރުވެސް މި މަސައްކަތް ކުރަނީއޭ މި ވަޒީފާއަށް އިތުރަށް ފޯކަސް ކުރެވޭތޯ.. ބަޓް އައިލެންޑް ލައިފް؟؟ އައި ކާންޓް.. ދެޓްސް ޓޫ މަޗް އޮފް އަ ބިގް ލީޕް..!” ދިޔާން ކުޑަ ކުއްޖެއްހެން ކުސްތަޅާލިއެވެ.
” ކިހިނެއް އިނގެނީ. ޑޭންގެ ތި ދަތުރު ހަނދާނުން ފޮހެލަން ދަތި ވަރަށް ހާއްސަ ދަތުރަކަަށްވެސް ވެދާނެ އެންނު..” ދަޔާން މަސައްކަތް ކުރުވީ އޭނާގެ ކޮއްކޮގެ ވިސްނުން ބަދަލު ކުރުމަށެވެ.
” ލޮލް.. ހަނދާނުން ފޮހެލަން ދަތިވާނެ ގޮސް އެއަރާ ހޫނުން މަރުވީމަވެސް..” ދިޔާން ދެލޯ މައްޗަށް ހިންގާލިއެވެ.
ދަޔާން އަށް އަނެއްކާވެސް ހީލެވުނެވެ.
” ދެން ބޭބެ ތިކަމުގަ ކޮއްދޭންވީ ކޮންކަމެއް.. އިނގެ އެންނު ބައްޕަ ކަމެއް ވަކި ގޮތަކަށް ނިންމައިފިއްޔާ ބަދަލު ނުކުރާނެކަން.. އަނެއްކޮޅުން އަހަރެންވެސް އެބަޖެހޭ ރާއްޖޭން ބޭރަށް ދާން ދުވަސްކޮޅަކަށް..” ދަޔާން ވިސްނަމުން ބުނެލިއެވެ.
” އަހް.. ދެން ނެތްތަ ހަމަ އިތުރު ގޮތެއް..” ދިޔާން އަށް އިތުރަށް ވާހަކަ ނުދެއްކެނީސް ދޮރު ހުޅުވިގެން ދިޔައެވެ.
****
“މިސްޓަރ ކޭ.” ވަދެގެން އައި ޒުވާނާ އޭނާ ހިފަހައްޓައިގެން ހުރި ގަނޑުތަކުން ނަޒަރު ވަކިކޮއްލަމުން ބަލައިލިއެވެ. ސޯފާގައި އިށީނދެގެން ތިބި ދެޒުވާނުންނަށް ވަކި ވަކިން އޭނާއަށް ބަލައިލެވުނެވެ. އެސްފިޔަ ޖަހާލަމުން އެ ޢަމަލު އޭނާ ތަކުރާރު ކޮއްލިއެވެ.
” މި.. މިސްޓަރ ކޭ..؟؟” އޭނާއަށް އެތަނުން ދަޔާން އާ ދިޔާން ވަކިކުރާކަށް ނޭނގުނެވެ. ފަހަރަކު މީހެއްގެ މޫނަަސް ބަލަން ހުރި އެ ޒުވާނާގެ ނިއްކުރީގައި ދާތިކިތައް ވިދަން ފެށިއެވެ. މިނޫނަސް އޭނާއަށް ނިބޫއިން ފެނިފައި ވެއެވެ. އެހެނަސް ސޯފާގައި ތިބި ދެބެއިންގެ މޫނުން އޭނާއަށް ކުޑަވެސް ތަފާތެއް ނުފެންނަނީއެވެ. އިސްތަށިގަނޑުގެ ސްޓައިލް ކުރުމުން ފެށިގެން މޫނުމަތީގެ ކޮންމެ ތަފްސީލެއްގައިވެސް ވަނީ އެއްގޮތް ކަމެވެ.
އޮޅުން އަރާފައި ހުރި ޒުވާނާގެ ހަރަކާތްތަކަށް ބަލަން މަޖާވެފައި އިން ދިޔާންގެ ދެލޯ ވިދާލީ ސިކުނޑިއަށް އައި މޮޅު ޚިޔާލަކުންނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.







Salaam readers. Furathama ves mi part upload kohlevunuleh lasvi kamahtakai hurihaa readers kibain ma’aafah edhen.. Dhevana kamakah readers ge v gina comments ah reply nudhevunu kamahtakai ma’aafah edhen. Ekamakuves hurihaa readers ge comment ves wonder kiyan. Story ah support dhehvaa hurihaa faraaithakah shukuriyaa. Enjoy reading☺️❤️❤️