މިއަދަކީ ކަޅު ފޮއި ރޭނގަޑެއްފަދަ އަނދިރި ދިރިއުޅުމުން އަހަރެންނަށް ނިކުމެވި ހަޔާތުގެ އާ ބާބެއް ފެށުމަށްޓަކައި އަހަރެންގެ ފުރަތަމަ ފިޔަވަޅު މި ބިންމަތީގައި ނަގާ ދުވަހެވެ. އެހެންކަމުން އަހަރެން ނަގާ ކޮންމެ ފިޔަވަޅަކާއެކު ދިޔައީ އަހަރެންގެ އަޒުމު ހިތުގައި ބިންވަޅު ނެގި ވަރުގަދަވަމުންނެވެ.

 

އަހަރެން މަންމައާ ބައްދަލު ނުވާތާ އެތައް އަހަރެއް ވެފައިވުމުން  އަހަރެންގެ ހިތުގެ ހަމަޖެހުންވަނީ ގެއްލިފައެވެ. ނަމަވެސް އަހަރެން މިއަދު މިދަނީ އާ އަޒުމަކާ އާ ހިތްވަރަކާއެކުގައެވެ. މާޒީވެ ގޮސްފައިވާ  ކަންތައް ބަދަލުކުރުމަށެވެ. އެ މަންމަގެ ފައިބުޑަށް ތިރިވެ މާފަށް އެދުމަށެވެ. އެ މަންމަ އުފާވާފަދަ ދަރިއަކަށްވުމަށެވެ. މިފަދަ ހިޔާލުތަކެއް އަހަރެންގެ ސިކުނޑީގައި ދައުރުވަމުން ދިއުމާއެކު ބޭއިހްތިޔާރުގައި ނަމަވެސް އަހަރެންގެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލިއެވެ.

 

ނަމަވެސް ގެ ފެނުމާއެކު އަހަރެން ހުއްޓުންއަރާގޮތްވިއެވެ. ފަސްޖެހެވޭގޮތްވިއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މާޒީގެ ސަފްހާތައް ޑްރާމާ ސިލްސިލާއެއްހެން އަހަރެންގެ ސިކުނޑީގައި އެނބުރެނީ ވިއްޔާއެވެ. އަހަރެންގެ ހިތް އަހަންނަށް ބުނާ ކަހަލައެވެ. ކަލެއަށް އެ މަންމަގެ މާފު ހައްޤު ހެއްޔެވެ. އެ މަންމަ ކަލެއަކަށް މާފު ނުކުރާނެއެވެ. އަހަރެންގެ އަމިއްލަ ހިތާ ދެކޮޅަށް ނަފްސަށް ވިސްނައިދިނުމަށް މަސައްކަތް ކުރީމެވެ. މަންމަ އަބަދުވެސް ބުނާނެއެވެ.” ލޯބިވާ ދަރިފުޅާއެވެ. މަންމަ އަބަދުވެސް ދަރިފުޅަށް މާފުކުރަމެވެ. ދަރިފުޅަށް މަންމަ ހިތްހަމަ ނުޖެހޭފަދަ ކަމެއް ކުރެވުނު ކަމުގައިވިޔަސް، ދަރިފުޅު މާފަށް އެދުމުގެ ކުރިން މަންމަ މާފުދެމެވެ.”މަންމަ ބުނެފައިވާ ބަސްތައް ހަނދާންކޮށް އެ ބަސްތަކުން ހިތްވަރު ހޯދައި އަހަރެން ގެއަށް ވަނީމެވެ. ނަމަވެސް ގޭގެ ތެރެއިން އަހަރެންނަށް މަރުހަބާ ކިއީ ފަޅުކަމާއި އަނދިރިކަމެވެ. ގޭގެ ވަށައިގެންވީ މާހައުލަށް ނަޒަރު ހިންގާލުމާއެކު އަހަރެންގެ ސިކުނޑީގައި ބޮޑު ސުވާލު މާކެއް ޖެހޭ ގޮތްވިއެވެ. މަންމަ ފެންނަން ނެތުމުންނެވެ. ގޭގެ ބޭރުގައިވާ ހުސްޖާގަ ޖަންގައްޔެއް ފަދައިން ބޯ ގަސްތަކުން ފުރިފައި ވުމުންނެވެ. އެންމެ ހިނދުކޮޅެއްވެސް ލަސްކުރުމެއްނެތި މަންމަ ހޯދުމަށްޓަކައި ގޭގެ ދޮރު ހުޅުވާލުމަށް ތަޅުގައި ހިފާލީމެވެ. ނަމަވެސް ކުރިއެކޭ އެއްފަދައިން ގޭގެ އެތެރެއިންވެސް އަހަރެންނަށް މަރުހަބާ ކިއީ ފަޅުކަމެވެ. އަހަރެންގެ ސިކުނޑި ހާސްވާންފެށިއެވެ. ނުބައި ހިޔާލުތަކުން ފުރެންފެށިއެވެ. މަންމަ މި ދުނިޔޭގައި ނެތޭ އަހަރެންގެ ހިތް ބުނަމުން ގެންދިޔައެވެ. އެހެންކަމުން އަހަރެން ގެއިން ނިކުމެ އަހަރެންގެ ބޮޑުދައިތައެއް ކަމަށްވާ ހައްވައްތަގެ ގެއަށް ދިއުމަށް މިސްރާބު ޖެހީމެވެ. ހައްވަތައަށް އަހަރެން ފެނުމާއެކު ފުރަތަމަ ހައިރާންވެފައި ހުރެވުނީއެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތްތާއެވެ. އަހަރެން ފެންނަނީ މުޅިން ތަފާތު މީހެއްގެ ގޮތުގައި ވިއްޔާއެވެ

އަހަރެންގެ ހިތް ނުތަނަވަސްވަމުން ދިޔަ މިންވަރުން ހައްވައްތަގެ ސުވާލުތަކަށް ޖަވާބުވެސް ދިނުމެއްނެތި އަހަރެންނަށް މަންމަ ކޮބައިތޯ އަހައިލެވުނެވެ. ހައްވައްތަގެ ފަރާތުން ޖަވާބު ލިބުނު ވަގުތު ހީވީ މެއަށް ތޫނު ހަންޖަރެއް ހަރާލިހެންނެވެ. މަންމަގެ ކިބައިން މާފަށް އެދުމުގެ ފުރުސަތުވެސް ނުލިބި ވަކިވެގެން ދިޔައިތީއެވެ.

އަހަރެންގެ ދެލޯ ކަރުނައިން ފުރި ބަރާވެފައިވާ ހާލު ގަބުރުސްތާނަށް ދިޔައިމެވެ. އެ މަންމަގެ މަހާނަ ގާ ކައިރީ އިނދެ އެތައް ގަނޑިއިރަކު ރުއިމެވެ. އަހަރެންގެ ކަންފަތުގައި ގުގުމަމުން ދިޔައީ މަންމަ ބުނެފައިވާ ލޯބިވެތި ބަސްތަކެވެ. އަހަރެން މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވި ދުވަސްވަރު އަހަރެންނަށް ވިސްނައިދޭން މަންމަ މަސައްކަތް ކުރި ގޮތެވެ. އަހަރެން މިއަދު ހިތަށް އަރައެވެ. ކުރިން ވިސްނުނުނަމައެވެ.

 

19

1 Comment

  1. Meaning

    November 24, 2021 at 7:11 am

    And hard mundhara

Comments are closed.