
ހަތަރު އުދަރެސް (17)
“ލިއު! ކިހިނެތް ވީތަ؟ ވަރަށް ހާސްވެޔޭ އެބަ… މީހަކު ކަމެއް ކުރީތަ؟ އަރީފު އެއްޗެކޭ ބުނީތަ؟!” އަހުނަފް ގެ އަޑު ދިޔައީ ފަހަރަކަށް ވުރެ ފަހަރެއް ގަދަ ވަމުންނެވެ.
“ނޫން… އައި…” ލިއުޒާއަކަށް އަދިވެސް ވާހަކައެއް ނުދެއްކެއެވެ.
“ޕްލީޒް ލިއު…” އަހުނަފްގެ އަޑުގައިވެސް މިހާރު ވަނީ ވޭނީ ކެކުޅުމެކެވެ. ލޯބިވާ މީހެއްގެ ރުއިމުގެ އަޑުއަހަން ކެތް ކުރެވޭނީ ކާކަށް ހެއްޔެވެ؟
“އައި.. އޭމް ޕްރެގްނެންޓް..” ލިއުޒާއަށް މިހެން ބުނެވުނީ ގިސްލް ގިސްލާފައެވެ.
“ވަޓް؟!” އަހުނަފްއަށް ހަޅޭއްލަވައިގަނެވުނެވެ. އެއަޑު އިވިފައި ލިއުޒާގެ ރުއިން ކުރިއަށްވުރެވެސް ގަދަވިއެވެ.
“ސޮރީ.. ސޮރީ….” ލިއުޒާ ރޯ އަޑު އަހާކަށް އަހުނަފްއަކަށް ކެތެއް ނުކުރެވެއެވެ.
“އެކަމަކު ކިހިނެތް….؟” ރުއިމުގެ އަޑު މުޅިން ކެނޑި ގިސްލުމަކަށް ބަދަލުވުމުން އަހުނަފް އަހާލިއެވެ.
“އަހުނަފްއަކަށް ނޭނގޭތަ.. ކިހިނެތް ވާ ކަމެއް ކަން އެއީ..؟” އަހުނަފްގެ އެ ސުވާލުން ލިއުޒާއަށް ހިނިތުން ވެލެވުނެވެ.
“އެހެންނެއް ނޫނޭ…” އަހުނަފް ގެ ޖަވާބުއައީ ވަރަށް މަޑުންނެވެ.
“ލިއު އަހަންނާ އިންނަން ވީނު..؟” އެއްވެސް އެއްޗެކޭ ނުބުނެ އިރުގަނޑެއް ވަންދެން ހުރުމަށްފަހު އަހުނަފް އަހާލިއެވެ. އެ ސުވާލާއެކު ލިއުޒާގެ ނޭވާ ހުއްޓުނު ކަހަލައެވެ.
“ކީ-ކީކޭ….؟” ލިއުޒާއަށް ބުނެވުނީ މިހާ ވަރަށެވެ.
“ވިލް ޔޫ މެރީ މީ..؟” އަހުނަފް އޭނާގެ ސުވާލު ތަކުރާރު ކޮއްލިއެވެ.
“ކިހިނެތް- ކިހިނެތް އެ-އެހެން ވާނީ….. އަރީ އޯ..؟” އަހުނަފް އެހެން އެހުމުން ލިއުޒާގެ ހިތުތެރޭގައި ބުނަން ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ.
“އަރީފު އަށް ކަމެއް ވެއްޖެތަ؟! މިއޮތް ހުރިހާ ދުވަހުވެސް ލިއުޒާ އޭނަ ދެކެ ލޯތްބެއް ނުވޭ.. އޭނަވެސް-” އަހުނަފް އުޅުނީ އަރީފު ލުޔާއާއި މެދު ދެކޭ ގޮތުގެ ވާހަކަ ބުނާށެވެ. އެހެނަސް އޭނާގެ ވާހަކަ މެދުކަނޑާލުމަށްފަހު ލިއުޒާ ވާހަކަ ދެއްކިއެވެ. މިފަހަރު އޭނާގެ އަޑުގައިވެސް ވަނީ ނުރުހުމުގެ އަސަރެވެ.
“އަހުނަފް މޮޔަ ވީތަ؟؟ އެއީ އަހުނަފްގެ އެންމެ ގާތްއެކުވެރިޔާ! އެހެންނޫނަސް ލިއުގެ މަންމަމެން ވެސް ބުނާނީ ކީކޭ؟!”
“މަންމަމެން ލިއު ނެރެލައިފިއްޔާ އަހަރެން ލިއުޒާ ބަލަހައްޓާނަން.. ދުނިޔޭގެ ހުރިހާ އުފަލެއް ދޭނަން… އެވަރު ތަނަވަސްކަން އަހަރެންގެ އެބަހުރި…. ޕްލީޒް ލިއު… ތި ބަނޑުގަ އޮތީ އަހަރެންގެ ދަރިއެކޭ…” އާދޭސް ކުރަމުން ދިޔައިރު އަހުނަފްގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އޭނާގެ އަޑުވެސް ވަނީ ކުރަކިވެފައެވެ.
ލިއުޒާގެ ފަރާތުން އެއްވެސް ޖަވާބެއް ނާދެއެވެ.
“ނުވާނެ ވައްޓާ-” އަހުނަފްއަށް ބުނެވުނީ މިހިސާބަށެވެ.
“އަހުނަފް މޮޔަވީތަ؟!” ލިއުޒާ ރޮއެގަތެވެ. “އަހަރެން ނޫޅެން ދަރިފުޅު ވައްޓާލާކަށް.. އެކަމަކު އަހުނަފް އާ އެއްކޮށް އުޅެވޭކަށްވެސް ނެތް…”
“ތީ އަހަރެންގެ ދަރިއެއް! އަރީފުގެ އެއް ނޫން! ލިއު ޕްލީޒް… އައި ލަވް ޔޫ….” އޭނާއަށް އަދިވެސް ރޮވެނީއެވެ.
“އައި ލަވް ޔޫ ޓޫ.. އެކަމަކު އަރީފުއާ މެރީ ކުރުން ނޫން ގޮތެއް ނެތް….” މިހެން ބުނެފައި ލިއުޒާ ފޯނު ކަނޑާލިއެވެ. އަދި ރުއިންގަނޑު ހިންދާލުމަށްފަހު ދެ ލޯ ފޮހެލިއެވެ.
****
އަހުނަފް ކޮޓަރީން ނިކުމެލީ ބޯ ހަމަ ޖައްސާލުމަށެވެ. އޭރު ސިޓިންގރޫމުގައި އޭނާގެ މަންމައާއި ބައްޕަ އުޅެއެވެ. ހީވަނީ ކޮންމެވެސް ބޮޑު ވާހަކައެއްގައި ތިބި ހެންނެވެ. އަހުނަފް ހިނގައިގަތީ ބޭރަށް ދިއުމަށެވެ. އެހެނަސް މަރީނާ ގޮވާލުމުން އޭނާގެ ފިޔަވަޅުތައް ހުއްޓުނެވެ.
“އާދެބަލަ މިތަނަށް…” ސޯފާއަށް އިޝާރާތް ކޮއްލަމުން މިފަހަރު ވާހަކަ ދެއްކީ ރަމީޒެވެ. އަހުނަފް އަނގައިންވެސް ނުބުނެ ގޮސް ބައްޕަ ގާތުގައި އިށީނެވެ.
“ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެގެން.. މީގެ ކުރިންވެސް ދަރިފުޅު ގާތު މިވާހަކަ އެކި ގޮތް ގޮތަށް ދެއްކިއްޖެ…”ރަމީޒު ވާހަކަ ދައްކަން ފެށުމުން އަހުނަފް އިސް އުފުލާލުމަށްފަހު އޭނާގެ ބައްޕަގެ މޫނަށް ބަލާލިއެވެ. ބައްޕަ އެ ދައްކަން އުޅެނީ ކޮން ވާހަކައެއްކަން އަހުނަފްއަށް ހަމަ ރަނގަޅަށްވެސް އެނގެއެވެ.
“ދަރިފުޅު އަދިވެސް މީހަކާ އިންނާކަށް ނުވޭތަ؟ ބައްޕަ ބޭނުން ބައްޕަ ދުނިޔޭގަ ހުއްޓައި ދަރިފުޅު ކައިވެނި ކުރާތަން ދެކެން… އަދި ކާފަ ދަރިއަކުވެސް..”ރަމީޒުގެ ވާހަކަތައް އަޑުއަހަން އަހުނަފް އިނީ ޖެހިތާ އިން ބުދެއް ފަދައިންނެވެ.
“އަސްލު މަންމަމެން ބޭނުމީ ދަރިފުޅު ޒީޝާންއާއި ގުޅެން.. ކިހާ ރަނގަޅު ކުއްޖެއް.. އެހާމެ ގެވެހި.. ރީތިވެސް މެ… އަދި ދަރިފުޅުދެކެ އެހާ ލޯބިވޭ…” މިފަހަރު ވާހަކަ ދެއްކީ މަރީނާއެވެ.
“އެކަމަކު އަހަރެން ލޯބިވަނީ އެހެން މީހެއް ދެކެ…” އިށީން ފަހުން ފުރަތަމަ ފަހަރަށް އަހުނަފް ވާހަކަ ދެއްކިއެވެ.
“އެހެން ވީރު އެކުއްޖަކު މަންމަމެންނަށް ދައްކަން ވީނު.. ފޮރުވައިގެން އުޅުނީމަ ނޭނގޭނެއްނު..” މަރީނާ ވާހަކަ ދެއްކީ ވަރަށް އުފާވެފައި އިނދެއެވެ.
“އެއީ އަހަރެންގެ މީހެއް ނޫން.. ލިބެން އޮތް މީހެއް ވެސް ނޫން..” އަހުނަފް ވާހަކަ ދެއްކީ އިސްދަށަށް ޖަހައިގެން އިނދެއެވެ. އޭނާގެ ދުލުން އެ ބަސްތައް ނިކުތުމާއެކު މަރީނާ އޭނާގެ ބުރަކަށީގައި ފިރުމަން ފެއްޓިއެވެ. ދަރިފުޅުގެ ހިތާމަ ބަލަން އިނުމަކީ މައި ލަނގޮޑިއަށް ކެތްވާނެ ވަރުގެ ކަމެއް ނޫނެވެ.
“ދެން އެހެންވީރު ޒީޝާން އާ ކައިވެނި ކޮއްގެން ތި ކުއްޖެއް މަތިން ހަނދާން ނައްތާލަން މަސައްކަތް ކުރޭ… ލޯބިވާނީ ދެކެ ދެނެގަނެވުނީމަ.. ޒީޝާން އާ އެއްކޮށް އުޅެން ފެށީމަ ލޯބި ވެސް ވެވޭނެ…” ރަމީޒު އޭނާއަށް ފެންނަ ގޮތް ބުނެލިއެވެ.
“އަޅުގަނޑު ވިސްނާނަން…” ލިއުޒާ އަރީފު އާއި އިންނަންޏާ އަހުނަފް ވަކި އިންތިޒާރު ކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ އެއަށް ވުރެ އޭނާއަށް ރަނގަޅުވާނީ ލިއުޒާގެ މަތިން ހަނދާން ނައްތާލަން މަސައްކަތް ކުރުމެވެ.
****
އަރީފު ލިއުޒާ މެން ގެއަށް ދިޔައީ އޭނާ ގުޅާފައި ބުނުމުންނެވެ. ފޯނު ކޮއްފައި ބުނީ ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުމެވެ. އަޑުގައި ހާސްކަމެއް އެކުލެވިގެން ވާތީ އަރީފު އިނީ ހިތް އަވަސްވެފައެވެ. އަނެއްކާ ލުޔާދެކެ އޭނާ ލޯބިވާކަން ލިއުޒާއަށް އެނގުނީ ބާވައެވެ؟ މިޚިޔާލުގައި އޭނާ އިންދައި ލިއުޒާ އައިސް އަރީފުގެ ގާތުގައި އިށީނެވެ. ސިޓިންގ ރޫމުގައި އިތުރު އެއްވެސް މީހަކު ނެތެވެ. ޓީ.ވީގެ އަޑު މަޑު ކޮއްފައި ހުރި ނަމަވެސް ހިންދީ ލަވައެއްގެ އަޑު އިވެމުންދިޔައެވެ.
“ކިހިނެތްވީ މާ ހާސްވެފަ؟ ކޮން ވާހަކައެއް ބުނަން އުޅުނީ..؟” އަރީފުގެ އިނގިލިން ލިއުޒާގެ ނިތްކުރިމައްޗަށް އަރާފައިވާ ރޫތައް ފަވާލަމުން ބުންޏެވެ.
“އައި ލަވް ޔޫ..” ލިއުޒާ ލޯމަރާލުމަށް ފަހު ބުނެލިއެވެ. އަރީފުގެ ކުރިމަތީގައި އިނދެގެން އެހެން ބުންޏެއް ކަމަކު އޭނާއަށް ކުރިމަތިން ސިފަވަމުން ދިޔައީ އަހުނަފްގެ ސޫރައެވެ. އޭނާގެ ފިރިހެން ވަންތަ ހަށިގަނޑެވެ. އެ ސާދާ ހިނިތުންވުމެވެ.
“އައި ލަވް ޔޫ ޓޫ.. އެވާހަކަ ބުނަން ވެގެންތަ މާ ވަރަކުން ތި ގެނައީ..” އަރީފު ލިއުޒާގެ ދަތްދޮޅީގައި ހިފާ އިސް އުފުލުވާ ލަމުން ބުނެލިއެވެ. އޭނާގެ ހިތާ ދެކޮޅަށެވެ. ހަމަ އެވަގުތު ލުޔާ ބޭރުން އައިސް ގެއަށް ވަންނަނީއެވެ. އަރީފުގެ އެ ލަފްޒުތަކާއި އެ ހަރާކާތް ހިވީ ލުޔާގެ ހިތަށް ބަންޑުން ކޮއްލި ބައި ނާޅި އަފުނޯސް ކަށި ތަކެއް ހެންނެވެ. ގެއަށް ނުވަދެ އަނބުރައި އައި ކޮޅަށް ހިނގައި ގަތީ އެ މީހުންނަށް އޭނާ ފެނި ދާނެތީއެވެ.
“ހިނގާ މެރީ ކުރަން..؟” ލިއުޒާ އޭނާ ބުނަން ބޭނުންވި ވާހަކަ ވަރަށް ސީދާކޮށް ހާމަ ކުރިއެވެ.
“އޭނ… މެރީ އޭ….” އަރީފު ދިޔައީ ސިއްސައިގެންނެވެ. ލިއުޒާ އެހެން އަހާފާނެއެކޭ އޭނާގެ ހިތަކަށް ދުވަހަކުވެސް ނާރައެވެ.
“ހްމމ.. މެރީ.. ރައްޓެހި ވެގެންވެސް އުޅެވިއްޖެއެއްނު..މަންމަމެންވެސް އެހާ ހިތް ހަމައެއް ނުޖެހޭނެ މިހެން އުޅޭކަށް..” ލިއުޒާ ބޭނުން ވީ ކޮންމެވެސް ބަހަނާއެއް ދެއްކުމަށްފަހު އަރީފު އެއްބަސް ކުރުވާށެވެ.
“މިހެން އުޅޭށޭ… އަހަރުމެން ނުބައި ފާޑަކަށް އެބަ އުޅެންތަ؟ ފާފައެއް އެބަ ކުރަންތަ؟” ލިއުޒާ އާއި ޚިލާފަށް އަރީފު ބެލީ އެކަމާ ދެކޮޅު ހެދޭތޯއެވެ.
“އަރީ އަހަންނާ މެރީ ކުރަން ބޭނުން ނޫނީތަ؟ މިއޮތް ހުރިހާ ދުވަހު ތިދެއްކީ ދަޅައެއްތަ؟” ލިއުޒާ ހާސް ވާން ފެށުމުން ރުޅިއާދެވުނެވެ.
“ލިއު ހަމަޖެހިބަލަ… އަދި މެރީ ނުކުރެވިފައެއް ނެތެއްނު…” އަރީފު މަސައްކަތް ކުރީ ލިއުޒާއަށް ވިސްނައި ދެވޭތޯއެވެ.
“ކޮބާތަ މައްސަލައަކީ؟ ހަމަ މެރީ ކުރިޔަސް މި އުޅޭގޮތަށް ދޯ އުޅޭނީ… މިހާރުވެސް ހަތަރުދަމު މިގޭގަ ވިއްޔަ ތި އުޅެނީ.. ބޭނުން ނޫނިއްޔަ ސީދާ ކޮށް ބުނެބަލަ.. އޭރުން އަހަރެން ގޮސްފާނަމޭ… އަރީފު މިނިވަން ވާނެއްނު..!” ލިއުޒާ މިހެން ބުނިއިރު ހިތާ ހިތުން ދުޢާ ކޮއްލެވުނެވެ. އަރީފު ދެކޮޅު ހަދާތޯއެވެ. އޭރުން ފަހަރުގައި އަހުނަފްއާއި އެކު ދިރިއުޅުން ކުރިއަށް ގެންދެވިދާނެއެވެ. އެހެނަސް އަރީފު އެކަމާ ދެކޮޅެއް ނަހަދައެވެ. އޭނާއަށް ގަބޫލު ކުރެވުނީ ލިއުޒާ ހިތުގައި ޖެހުނީ ކަމަށެވެ.
“ސޮރީ ޑާރލިންގ… ހިނގާ މެރީ ކުރަން..” ލިއުޒާގެ ބޯ އަރީފުގެ މޭމަތީގައި ބާއްވާލަމުން އޭނާ ބުންޏެވެ. ލިއުޒާގެ ހަށިގަނޑުގެ ހޫނުކަން އިހުސާސް ވި ނަމަވެސް އޭނާ ވަނީ މުޅިން ފިނިވެފައެވެ. ލުޔާ ނޫން އެހެން މީހަކަށް އެއަތް ތެރެއިން ޖާގައެއް ދޭކަށް އޭނާ ބޭނުމެއް ނުވެއެވެ.
ލުޔާގެ ހަނދާން އާވުމާއެކު އަރީފަށް ލޯ މަރާލެވުނެވެ. ސަހަރޯއެވެ. އޭނާ ވާނީ ލުޔާގެ ޅިއަނަށެވެ. އަބަދުމެ އުޅެން ޖެހޭނީ ލުޔާ ކުރިމަތީގައެވެ. އެ ހިތަށް ކެތް ވާނީ ކިހިނަކުން ހެއްޔެވެ. ލިއުޒާގެ އެދުމަށް ދެކޮޅު ހެދުމަށްފަހު ގޮސް ދުވަހަކުވެސް ލުޔާ ނުފެންނަ ތަނެއްގައި ހުންނަން ޖެހުނަސް މާ ރަނގަޅު ވާނެއެވެ. ނުފެންނަ މަލެއް ބިންނަން ބޭނުންވެ ނުބިނދެވުމަށްވުރެ އަތް ފޯރާފަށުގައި އިން މަލެއް ނުބިނދެވުމުން ހިތަށް ވާ ތަދު މާ ބޮޑު ވާނެއެވެ.
އަރީފުގެ މޭތެރެއަށް ބޮނޑި ވެގެން އޮތް އިރު ލިއުޒާގެ ލޮލުން ކައުނައިގެ ކޯރެއް ފައިބަމުން ދިޔައެވެ. ގަމީސް ތެންމަމުން ދިޔައިރު އަރީފު ނިންމައިގެން ހުރީ އެއީ އުފާވެރިކަމުގެ ކަރުނަ ކަމަށެވެ. އެހެނަސް މިއަދު ލިއުޒާއަށްވުރެ ބޮޑު ހިތާމަ ވެރިއަކު މުޅި ދުނިޔޭގައިވެސް ނުވާނެއެވެ. އަހުނަފްގެ އެދުމަށް އެއްބަސް ވެވުނު ނަމައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. މަންމަމެންގެ ކުރިމަތީގައި ކިތަންމެ ބަދުނާމެއް ވިޔަސް މިހާރު އެ ހިތަށް އެވާ ތަދު ހަމަގައިމުވެސް ބަރުދާސްތު ކުރާކަށް ނުޖެހޭނެއެވެ.
“މާދަމާ ފޯމު ނަގައްޗޭ… އެންމެން ގާތު ބުންނަންވެސް ޖެހޭނެއްނު” ތަންކޮޅެއް ދުރަށް ޖެހިލުމަށްފަހު އަރީފުގެ މޫނަށް ބަލާލަމުން ލިއުޒާ ބުންޏެވެ.
“މާދަމާއޭ… އަދި ޕްލޭން ވެސް ކުރަން ވާނެއްނު.. ހެދުމާ، ކޭކާ، ޕާރޓީއާ….” އެއްބަސްވި ނަމަވެސް އަރީފު ބޭނުންވަނީ އެކަންތައް ވީހާވެސް ލަސް ކުރާށެވެ.
“އައި ޑޯންޓް ވޯންޓް އަ ޕާރޓީ.. ދެން ފެމިލީ އާ ޔިވާމް އިންވައިޓް ކުރީމަ ނިމުނީ އެއްނު…” ލިއުޒާ އިސްދަށަށް ޖަހާލުމަށްފަހު ބުންޏެވެ. އޭނާގެ މިހަރަކާތުން އަރީފު ހީކުރީ ލިއުޒާ ހިތްހަމަ ނުޖެހުނީ ކަމަށެވެ އެހެންކަމުން އޭނާ ދެކޮޅެއް ނަހަދައެވެ.
“އަހުނަފް އާއި ޔިވާމް އެއްނު ދެ ހެކި ވެރިންނަށް ވާނީ.. ދެން އެހެންވީރުން އިތުރު މީހެއް ނުހުންނާނެ ދޯ…” އަރީފު ވާހަކަ ދެއްކީ ވަރަށް މަޑުމޮޅު ރާގެއްގައެވެ. އަހުނަފްގެ ނަން އިވުމާއެކު ލިއުޒާއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމުން ހެންނެވެ. ދުވަހެއްގެ ކޮޅުންވެސް އަހުނަފް އޭނާގެ ކައިވެންޏަކަށް ނާންނާނެ ކަން ލިއުޒާއަށް އެނގެއެވެ.
“މާދަމާ ކާން ދަމާ… ގޮސް ބުނާނީ ދޯ…” ލިއުޒާގެ އަޑުގައި ރިހުމެއް ވެއެވެ.
“އޯކޭ…” އަރީފުގެ އަޑު ވަނީ ކުރަކިވެފައެވެ. ލުޔާ ގެއަށް ވަދެގެން އައި މަންޒަރު އޭނާއަށް ފެނުނީ އެވަގުތުގައެވެ. ކުއްލިއަކަށް ލިއުޒާ ދުރުކޮއްލެވުނީ ބޭއިޚްތިޔާރުގައެވެ. އެއާއެކު ލިއުޒާވެސް އަރީފު ބަލަހައްޓައިގެން ހުރި ދިމާލަށް ކަޅި ހިންގާލިއެވެ. ލުޔާ ފެނުމާއެކު ލިއުޒާ އޭނާއަށް ގޮވިއެވެ.
“ވަރަށް ހެޕީ ނިއުސްއެއް އެބޮތް…” ލިއުޒާ ވާހަކަ ދައްކަމުން އަރީފުގެ އަތުގައި ހިފާލިއެވެ. އެއާއެކު ލުޔާގެ ކަޅި ހުއްޓުނީ އެދެމީހުންގެ ގުޅިފައިވާ އަތަށެވެ.
“ވީ އާރ ގެޓިން މެރީޑް!” ލިއުޒާ ވަރަށް އުފާވެރި މޫނެއް ދައްކަމުން ބުނެލިއެވެ.
އެ ލަފްޒުތައް ވަކި ވަކިން އައިސް ލުޔާގެ ހިތް ތޮރުފަލިއެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި އޭނާގެ ލޮލުން ކަރުނަ އޮހެން ފެއްޓިއެވެ. ހަމައެއާއެކު ދުވެފައި ގޮސް އޭނާ ލިއުޒާގެ ގައިގައި ބައްދާލިއެވެ.
“ކޮންގްރާ… އައި- އައި އޭމް ސޯ ހެ- ހެޕީ ފޯރ ޔޫ…” ލުޔާ އަށް ވާހަކަ ދެއްކުނީ ހަމަ ކިރިޔާއެވެ. އޭރުވެސް އޭނާގެ ކަރުނައެއް ނުހިކެއެވެ. ބޮޑު ތޫފާނެއްގައި ކަފަކޮޅެއް ނެތި ދާހެން މިއަދު އޭނާގެ ހިތް ވަޔާ އޮޔާ ބެހިއްޖެއެވެ. އަނބުރާ އޭގެ ޖަގަހައަށް ގެންނާނެ މަގެއް ވެސް ނެތެވެ. އޭނާއަށް ދުނިޔޭގައި ހަމަ އެއްވެސް އުފަލެއް ނެތީ ހެއްޔެވެ؟
“އޯ ލުޔާ… ރޮންޏާ ދޮންތައަށް ވެސް ރޮވޭނެ…” ލުޔާގެ ބޮލުގައި ފިރުމާލަމުން ލިއުޒާ ބުންޏެވެ. ލުޔާ ލޯމަރައިގެން ހުރީ ގަސްތުގައި އަރީފުގެ މޫނަށް ނުބަލާށެވެ. އެ ސޫރަ ފެނުނަސް އޭނާއަށް ކެތް ނުކުރެވޭނެކަން އެނގޭތީއެވެ. އެހެނަސް އަރީފަށް ކަޅި ޖަހާނުލައި ބެލެނީ ލުޔާއަށެވެ. އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ތަކަށެވެ. ހަމަ ހަގީގަތުގައިވެސް އެއީ އުފާވެރި ކަމުގެ ކަރުނަ ބާވައެވެ؟ ނޫނީ ލުޔާގެ ހިތުގައިވެސް… އަރީފުގެ ޚިޔާލުތަށް މިހިސާބަށް ދިއުމުން އޭނާ އަމިއްލަ ނަފްސަށް ބާރު ފޯރުވިއެވެ. އެހެން ވާނީ ކިހިނަކުން ހެއްޔެވެ. ލުޔާ މި ދުނިޔެއިން އެންމެ ލޯބިވާ އެކަކީ އޭނާގެ ދޮންތައެވެ. އެހެން ނޫނަސް ލުޔާ ދެކެނީ އަރީފު އަކީ އޭނާގެ ބޭބެއެއް ކަމަށެވެ. އަދި ގާތް ރަހުމަތް ތެރިއެއް ކަމަށެވެ. އެ ހިތުގައި އަރީފައްޓަކައި ޖާގައެއް ވާކަމެއް އަރީފަކަށް ނޭނގެއެވެ.
“ކޮންގްރާ އަރީ… މިހާރު ދެން ހަމަ ރަނގަޅަށްވެސް ދޮންތަބެއަށް ވަނީ ދޯ…” ލުޔާ ވަހަކަ ދެއްކީ ގަދަ ކަމުންނެވެ. އެވަރުންވެސް އޭނާ އަރީފުގެ މޫނަކަށް ނުބަލައެވެ. އެހެން ބުނުމަށް ފަހު ލުޔާ ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. މިރޭ އޭނާގެ ދޮޅި ނުހިކޭނެކަން ކަށަވަރެވެ. އެ މަގާމުގައި ހުރި ނަމަ އެހެން މީހަކަށްވެސް ހަމަ ލުޔާއަށް ވީ ވަރު ވާނެއެވެ. އެހިތަށް ވާ ތަދު ވާނެއެވެ. އަމިއްލަ ދިރިއުޅުމާމެދު ހަމަ އެހާ ފޫހި ވާނެއެވެ.
“ދަނީ އިނގޭ.. ގުޑް ނައިޓް..” ލުޔާ ދޮރު ލެއްޕުމާއެކު އަރީފު ވާހަކަ ދެއްކިއެވެ. ލިއުޒާގެ ނިތްކުރިއަށް ބޮސް ދިނުމައްފަހު އޭނާ ހިނގައިގަތީ ގެއަށް ދާށެވެ. ލުޔާ ރޯތަން ފެނުމުން އޭނަގެ ހިތަށް މާބޮޑަށް އަސަރު ކުރީއެވެ. މިވަގުތު ލިއުޒާ ގާތުގައި ހުރުމަކީ އޭނާއަށް ކުޅަދާނަ ކަމެއް ނޫނެވެ.
“މާދަމާ ފޯމު ނަގައްޗޭ…” އަރީފު އާއި އެކު ދޮރާށްޓާއި ދިމާލަށް ހިނގައި ގަންނަމުން ލިއުޒާ ބުންޏެވެ. ޖަވާބުގައި އަރީފު ބޯޖަހާލިއެވެ.
އަރީފު ގެއަށް ދިޔަތާ ފަނަރަ ވަރަކަށް މިނިޓު ފަހުން ލިއުޒާ ފެންޑާއަށް ނިކުތެވެ. އަހުނަފް މިދަނީއޭ ބުނެ މެސެޖު ކުރުމުންނެވެ. އަހުނަފް އެގެއަށް ވަތް އިރު ލިއުޒާ އިނީ ޖޯލިފަތީގައެވެ. އައިގޮތަށް އައިސް އަހުނަފް އިށީނީ ލިއުޒާގެ ކުރިމަތީގައެވެ. އޭނާގެ ލޮލުގައިވާ ކަރުނަތައް ލިއުޒާއަށް ވަރަށް ސާފުކޮށް ފެނެއެވެ.
“ކައިފިންތަ؟” އަހުނަފް އަހާލިއެވެ. ޖަވާބުގައި ލިއުޒާ ބޯ ހޫރާލިއެވެ.
“ކާން ވާނެ..އެހެން ނުނީ ބޭބީ..” އަހުނަފްއަކަށް ކުރިއަކަށް ނުގެންދެވުނެވެ. އޭނާ ލިއުޒާގެ އުނގުގައި ބޯ އަޅާލިއެވެ.
“ލިއު ޕްލީޒް.. ޑޯންޓް މެރީ ހިމް.. އަހަންނަން ލިއު ނުލިބޭ ތާނގަ ތި ދަރިފުޅުވެސް ދުރުކުރަން ނޫޅޭ…. ތީ އަހަރެންގެ ފުރާނަ… ތި ދެ މައިން..” ލިއުޒާގެ ބަނޑުގައި އަތް ބާއްވާލައިގެން އޮތް އިރު އަހުނަފްއަށް ރޮވެމުން ދިޔައެވެ. އަހުނަފްގެ އެ ލަފްޒު ތަކާއެކު ލިއުޒާއަށްވެސް ރޮވުނެވެ.
“ޕްލީޒް ލިއު… މެރީ މީ..” އަހުނަފް ވާހަކަ ދެއްކީ ގޮސްލަމުންނެވެ.
“މިހާރު ނިމިއްޖެ… މާދަމާ ފޯމު ނަގާނެ..” އަހުނަފްގެ ބޮލުގައި ފިރުމާލަމުން ލިއުޒާ ބުނެލިއެވެ. ހަމަ އެއާއެކު އަހުނަފް ކޮޅަށް ތެދުވިއެވެ.
“ދެން ތި ނިންމުމެއް ބަދަލެއް ނުވާނެތަ؟” އަހުނަފް އަހާލިއެވެ. ޖަވާބުގައި ލިއުޒާ ބޯޖަހާލިއެވެ.
“އޯކޭ… އެހެންވީރުން އަހަރެންވެސް ވާހަކައެއް ބުނަން ބޭނުން… އަހަރެން ޒީޝާން އާ އިންނަން މި އުޅެނީ…” އަހުނަފްގެ ވާހަކަ ނުނިމެނީސް ލިއުޒާވެސް ތެދުވިއެވެ.
“ދޮގެއް… ބުނޭ ތީ ދޮގެކޭ!” އަހުނަފްގެ ކޮނޑުގައި ހިފާ ތަޅުވާލަމުން ލިއުޒާ ބުންޏެވެ. އަހުނަފް ލިއުޒާގެ އަތް ފޮޅާލިއެވެ.
“ލިއު އަހަރެންގެ ހިތަށް ފައިން އަރާއިރު އަހަރެން ވީ މަޖާވެފަ ބަލަން އިންނަންތަ؟! މީ ދޮގެއް ނޫން.. ލިއު އަރީފުއާ އިންނަންޏާ އަހަރެން ޒީޝާންއާ އިންނާނަން…” ފަހަތަށް ދެތިން ފިޔަވަޅު އަޅަމުން އަހުނަފް ވާހަކަ ދެއްކިއެވެ. ލިއުޒާ އޭނާގެ މޭގައި އަތް އަޅާލިއެވެ. އެ ހިތަށް ކެތް ނުވާފަދައެވެ.
“އައި ލަވް ޔޫ…” ބުނާނެ އިތުރު އެއްޗެއް ނޭނގުމުން ލިއުޒާއަށް ބުނެވުނީ މިހެންނެވެ.
“ޑޯންޓް… ލިއު މިހާރު ތި ލަފްޒުގެ އަގު ވަނީ ވައްޓާލާފަ… އިޓް މީންސް ނަތިންގ…” އަހުނަފް މިހެން ބުނުމާއެކު ލިއުޒާގެ ހިތް ފަޅައިގެން ދިޔަ ފަދައެވެ. އޭނާއަށް ރޮއެ ގަނެވުނީ އަޑުން އަޑު ނަގާއެވެ.
16 Comments!
Comments are closed.
Hama habeyss…when will be the next part…waiting:)
This is awesome
Y so slow
It’s B awesome waiting waiting for the next part……..,.,.,,
what is tis b awsome.. lol
V v v v. Reethi mi baivx.. Waiting 4 next part
Up date kuraale las vee mah aslu vrh uhdagoovey…but v shalhi
it’s really really nice, hama hivany filmehge shot thakeh sifavahen waiting 4 the next part
vrh reethi waiting for the next part hope u will upload it sooooooooooooooooooooooooooooooooooooooooon
Vvvvv reethi….
Waitin for next part..
Hadhaa reethi yaaa. Y v slw
Thankolheh avahah up khdhee eyrun bst vaanee…anehen hama habeyss….mibai vrh touching 😀
Maash baby avahah up kohdeeba
nice
chabee can u plx go ehkala place , hehehe
Avahah up kohdeeba..