“ޔާން.. އަދިވެސް އަހަރެން ދެކެ ލޯބިވޭތަ..؟ އަދިވެސް .. އަހަންނާ ކައިވެނިކުރަން ބޭނުންވޭތަ..؟”  ދެއަތް ދެއަތާ ލާ ބޮނޑި ކޮށްލަމުން ލިލިއަން ކަށިން ހިތްވަރު ނެރިގެން އޭނާއަށް ކުރަން އެންމެ އުނދަގޫ ސުވާލު އަމާޒުކުރިއެވެ. ކަންތައްތައް ބަދަލުވެފައިވާ މިންވަރާއެކު ދިޔާން ދޭނެ ޖަވާބަކާމެދު ލިލިއަން ކަންބޮޑުވަނީއެވެ. ދިޔާން އޭނާ ބޭނުމެއްނޫނޭ ބުންޏަސް އެދެފައިގާ ހިފާ އާދޭސް ކުރަން އެދެއަތް ބޭއިޙްތިޔާރުގައި ހަރަކާތް ކުރާނެކަން ލިލިއަން އަށް ޔަޤީންވެއެވެ. 

” ޔޫ ޑިޒަރވް މޯ ދެން ދެޓް ޑަރލިންގް..” ލިލިއަން އޭނާ މަތިން ފޫހިވިޔަސް ދޫނުކޮށްލުމަށް އެދުނު ދުވަހު ދިޔާން ބުނި ޖުމްލަތައް ކަންފަތުގައި ގުގުމާލިއެވެ.

” އެކަމަކު އަހަރެންގެ ހިތް ބޭނުންވަނީ ހަމައެކަނި ދިޔާން ކަން އެނގޭނެ ނަމަ..” ލިލިއަންގެ އަމިއްލަ ހިތާއި ވާހަކަ ދައްކަމުން ދިޔައިރު އެހިތް ދިޔާން ދޭނެ ޖަވާބަކާމެދު ނުތަނަވަސް ވެފައިވިއެވެ.

 ދިޔާން އިރުކޮޅަކު އެގޮތުގައި ލިލިއަން އަށް ބަލަހައްޓައިގެން ހުއްޓެވެ. ދިޔާން ވިސްނަމުންދިޔައީ ކޮންކަމަކާ ކަމެއް ލިލިއަން އަށް އަންދާޒާ ކޮށްލާކަށްވެސް ނޭނގުނެވެ. އެމޫނުގައިވީ ދެނެގަންނަން އުނދަގޫ އަސަރުތަކެކެވެ.

” އަހަރެން ލި.. ލިއަން އާ ކައިވެނި ކުރާނަން..” ދިޔާން ލިލިއަންގެ ލޮލާ ނަޒަރު އަމާޒުކޮށްލަމުން ބުނެލިއެވެ. ލިލިއަން އަށް ދިޔާންގެ ޖަވާބު ފަހުމްވާން އިރުކޮޅެއް ނެގިއެވެ. ދެތިން ފަހަރަކު އެސްފިޔަ ޖަހާލަމުން ހަރަކާތެއް ކޮށްނުލާ ހުރި ދިޔާން އަށް ލިލިއަން އަށް ބަލައިލިއެވެ. ދިޔާންގެ ޖަވާބު އަޑުއިވުމުން ލިބޭނެކަމަށް ހީކުރި އިންތިހާ އުފާވެރިކަން އިޙްސާސް ނުކުރެވުމުން ލިލިއަން އަމިއްލަ ހިތާއިމެދު ސުވާލު އުފެދުނެވެ. އޭނާގެ ހިތްނުފުރިގެން އިތުރަށް ބޭނުންވެގެން އެއުޅެނީ ކޮން ކަމެއްހެއްޔެވެ؟ ލިލިއަން އަށް އެސުވާލަށް ޖަވާބެއް ނުހޯދުނެވެ. އެނގޭހާވެސް އެއްޗަކީ ކޮންމެވެސް ކަމެއް މަދުވާކަމެވެ. ދިޔާން ދިޔަފަހުން އޭނާގެ ހަށިގަނޑުން އެއްބައި މަދުވިކަން އިޙްސާސް ކުރެވުނު އިރު ދިޔާން އަނބުރާ އައުމާއެކުވެސް އެ ހުސްކަން ފޫބެދިގެން ނުދާންވީ ކީއްވެކަމެއް ލިލިއަން އަކަށް ނުވިސްނުނެވެ.

ދިޔާންގެ ފޯނު ރިންގްވާން ފެށީ ލިލިއަން އެފަދަ ޚިޔާލުތަކެއްގައި ހުއްޓުން އަރާފައި ހުއްޓައެވެ.

” މިދަނީ..” ފޯނު ކަންފަތުގައި ޖައްސާލަމުން ދިޔާން ބުނެލިއެވެ.

” އައި ހޭވް ޓު ގޯ..” ދިޔާން ލިލިއަން އަށް ބަލާލަމުން ބުނެލިއެވެ. ދިޔާން ދާވާހަކަ ބުނުމާއެކުވެސް ލިލިއަންގެ މެއަށް ފިނިވެގެން ދިޔައެވެ.

 “ގުޑް ނައިޓް.. އަހަރެން.. މާދަށް ފުރުމުގެ ކަންކަން ހަމަޖައްސާނަން..” ދިޔާން ދިޔުމުގެ ކުރިން ބުނެލިއެވެ. ލިލިއަން އަށް ހަމަހޭވެރިކަން ލިބުނު ފަދައިން ބޯ ޖަހާލިއެވެ. ދިޔާން ނިކުމެގެން ދިޔަ ދޮރާއްޓަށް ބަލަހައްޓައިގެން ހުރި ލިލިއަން އަށް އަނެއްކާވެސް ވިސްނުމެއްގެ ތެރެެއަށް ވަދެވުނެވެ.

ލިލިއަން ހީކުރި ވަރަށްވުރެ އަވަހަށް ފުރުމުގެ ކަންތައްތައް ހަމެޖެހުނެވެ. ފުރަން ފޮއްޓަށް އެއްޗެހި އަޅާތައްޔާރު ކުރަމުން ދިޔަނަމަވެސް އޭނާގެ ހިތް އެކަމަށް ތައްޔާރުތޯ ލިލިއަން ހިތާއި ހިތުން ސުވާލު އުފެދިފައިވިއެވެ.  

” ލިން… ” އެނދުގެ ހެޑް ބޯޑުގައި ލެނގިލައިގެން ޚިޔާލަކަށް ގެއްލިފައި އިން ލިލިއަން ސިހުނީ މާޔާގެ އަޑުންނެވެ.

” މިހާރު ހުރިހާއެއްޗެއް ފޮއްޓަށް އެޅީތަ..؟” މާޔާ ސުވާލު ކުރިއެވެ.

” އަނެއްހެން ހުރިހާ އެއްޗެއް އަޅާ ނިމިއްޖެ..ދެން ހުރީ އެންމެ ފަހު ވަޤުތު ލާން ހުރި އެއްޗެހި..” ލިލިއަން ހާމަކުރިއެވެ. ހެނދުނާ ފުރަން ހަމަޖެހިފައި ވުމުން ރޭގަނޑު ލިލިއަން ހުރިހާ ކަމެއް ކޮށް ނިންމިއެވެ.

” ލިން.. އަރ ޔޫ ޝުއަރ އެބައުޓް ދިސް..؟ މިދެތިން ދުވަހު އަހަންނަށް ހީވަނީ ލިން އަބަދުވެސް ފިކުރެއްގަ ހުންނަހެން.. ދިޔާން އާއެކު ދާން ބޭނުންނުވަނީތަ..؟ ދިޔާން އަދިވެސް އޭނާ ލިން އާ ގުޅުން މެދުކެނޑުނު ގޮތް ނުކިޔައިދޭތަ..؟” މާޔާގެ އަޑުގައިވީ ކަންބޮޑުވުން ލިލިއަން އަށް ދެނެގަނެވުނެވެ.

މާޔާގެ ސުވާލުތަކާ މެދު ލިލިއަން އަށް ވިސްނާލެވުނެވެ. އޭނާ ދިޔާން އާއެކު އުޅެން ބޭނުންވޭހެއްޔެވެ؟ ސުވާލު ފުރިހަމަ ނުވަނީސް އޭގެ ޖަވާބު އޭނާގެ ޟަމީރު އަންގައިދިނެވެ. އޭނާގެ މުޅި ހިތާއި ޖާނުވެސް ދިޔާން އާއެކު ވުމަށް އެދެވެއެވެ. މައްސަލައަކީ ދިޔާން އެވެ. ދިޔާންގެ ފަރާތުން އޭނާއަށް ފާހަގަ ކުރެވޭ ތަފާތު ކަމެވެ. އޭނާގެ ހިތް އެދިގޮވަމުން ދިޔައީ އޭނާއާ ފުރަތަމަ ބައްދަލު ކުރި ދިޔާން އަށެވެ. އެ ސާފު ދެލޮލުގައިވާ ބެލުމާއި އެހިތްގައިމު ހިނިތުންވުން ގެއްލިއްޖެކަމުގައި ލިލިއަން ދެލޯ ބުނަނީ ކީއްވެހެއްޔެވެ؟ ދިޔާން އޭނާއާ ގުޅުން މެދުކެނޑުނު ގޮތާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ނުކިޔައިދެއެވެ. ފޯނު ހަލާކުވީ ކަމަށްބުނެ ލިލިއަން އަށް މިހާރު ބޭނުން ކުރާ ނަންބަރު ދިނުން ފިޔަވައެވެ. އެހެނަސް އެ އުޒުރުން ލިލިއަންގެ ހިތަށް ތަސައްލީއެއް ނުލިބުނެވެ. ސިމް ބަދަލު ކުރުމަށްފަހުވެސް ދިޔާން އަށް އޭނާއަށް ނުގުޅުނީ ކީއްވެހެއްޔެވެ؟ ދިޔާން އޭނާގެ ނަންބަރުވެސް ހަނދާން ނެތީބާވައެވެ؟ އެފަދަ ހުރިހާ ޚިޔާލުތަކާއެކުވެސް ދިޔާން ވަނީ ލިލިއަން އާ ކައިވެނިކުރާނެ ކަމަށް ބުނެފައެވެ. އެކަމަށް ދެބަސްވެ އިންކާރު ކުރާ މީހާއަށް ލިލިއަން ވާކަށް އޭނާ ނޭދެއެވެ. ހިތުގެ ކަނަކުން ކުރީގެ ދިޔާން އަނބުރާ ލިބޭނެކަމަށް އުންމީދު ކުރެވޭތީއެވެ. 

ލިލިއަން މާޔާގެ ހިތްހަމަ ޖައްސައިދިނީ ހާސްވާން ޖެހޭ ވަރުގެ ކަމެއް ނެތް ކަމަށް ބުނަމުންނެވެ. އެކުވެރިޔާގެ ބަސް ޤަބޫލުކޮށް ހިތްހަމަ ޖައްސާލެވޭތޯ މާޔާ މަސައްކަތް ކުރިއެވެ.  މައިންބަފައިން ބަލާ މާލެ ގޮސް ހުރި ސަދޫފަށް މާޔާ ވަނީ ކޮންމެވެސް ވަރަކަށް ކަންކަން ހިއްސާކޮށްފައެވެ. ދިޔާން އައި ޚަބަރު ލިބުމުން ސަދޫފް ހުރީ ހިތްހަމަ ޖެހިގެންނެވެ. އޭނާއަށްވެސް ކަންކަން ޔަޤީން ނުވާއިރު ދިޔާންގެ މިޒާޖަށް ބަދަލު އައި ވާހަކައެއް މާޔާ ސަދޫފް ކައިރިއަކު ނުދައްކައެވެ.

 ހެނދުނު ހަތެއް ޖަހާއިރު ފުރަން އޮތް ފްލައިޓަށް ޗެކިންގް ވުމުގެ ގޮތުން ކުރިން ބައިން ދާންޖެހެހޭނެކަން ދަނެގެން ލިލިއަން ހުރީ ތައްޔާރުވެގެންނެވެ. ދިޔާން ޓެކްސީގައި ބަލާ އައުމުގެ ކުރިން އޭނާ ކުރަން ބޭނުންވާ ކަންކަން ކުރުމަށް ލިލިއަން އަވަސްވެގަތެވެ.

ޖޯލިފަތީގައި އިން ހަދީޖާ އިސް އުފުލާ ބަލައިލީ އޭނާގެ ކައިރީ މީހަކު ހުއްޓުނު އިޙްސާސްވުމުންނެވެ. ކުރިމަތީގައި ހުއްޓިލައިގެން ހުރި ލިލިއަން ފެނުމުން ހަދީޖާގެ ނިތަށް ރޫތައް ޖަމާވިއެވެ.

” އަޅުގަނޑަށް އެނގޭ މިގޭގަ ހުރި ދުވަސްތަކުގަ ދައްތައަށް ވަރަށް އުނދަގޫ ކުރެވުނު ކަން.. އެކަމަށް މަޢާފަށް އެދެން.. މިވީ މަހެއް ހާ ދުވަހު ދައްތަގެ ހިޔާވަހި ކަމުގަ އަޅުގަނޑު ބަހައްޓައިދިނީތީ ޝުކުރިއްޔާ.. އިރާދަ ކުރެއްވިއްޔާ ތި ހެޔޮކަން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން.. ދައްތަ ހިތްހެޔޮ ކުރާތި.. ” ލިލިއަން ސަލާމަށް އަތް އުފުލާލަމުން ހިނިތުންވެލިއެވެ. ހަދީޖާ ކޮންމެ ގޮތަކަށް ކަންތައް ކުރިނަމަވެސް ލިލިއަންގެ ހިތުގައި ބުރަކަމެއް ނެތެވެ. ހަދީޖާގެ ބަސްތަކާއި ޢަމަލުތައް އެގޮތަށް ހުރުމުގެ ފަހަތުގައި ސަބަބުތަކެއް ވާކަން ލިލިއަން ހަނދާން ނައްތައެއް ނުލައެވެ.

ހަދީޖާ ބަހެއް ބުނުމެއްނެތި ލިލިއަންގެ އަތުގައި ހިފާ ސަލާމް ބަލައިގަތެވެ. ޤަބޫލުކުރަން ބޭނުން ނުވިޔަސް ލިލިއަން ދިޔުމުން އެގެއަށް ފަޅުކަން ވެރިވާނެކަން ހަދީޖާއަށް އެނގެއެވެ. އޭނާ ލިލިއަންގެ މައިންބައިފައިންނޭ ކިޔައިގެން ދެއްކި ވާހަކަތަކަށް ފަހުވެސް ލިލިއަން އޭނާއަށް ކުރި އިޙްތިރާމް ފެނުމުން ހަދީޖާ ހައިރާންވިއެވެ.

ހަދީޖާ އޭނާގެ ސަލާމް ބަލައިގަތުމުން ހިތަށް ތަސައްލީއެއް ލިބުނު ލިލިއަން ބަލައިލީ މާޔާ ފެންނަން ހުރިތޯއެވެ. ގެއިން ނިކުމެގެން އަންނަ މާޔާ ފެނުމުން ލިލިއަން ހިނިތުންވެލިއެވެ. ޓެކްސީ އައިސް ގޭ ދޮރުމަތީ މަޑުކުރީވެސް ދާދި އެއްވަޤުތެއްގައެވެ.

” ލިން މަތިން ވަރަށް ހަނދާންވާނެ..” މާޔާ ލިލިއަންގެ ގައިގާ ބައްދާލަމުން ހަޤީޤަތް ހާމަކުރިއެވެ. 

” އަހަރެންވެސް..” ލިލިއަންގެ އަރުބެދޭ ގޮތްވިއެވެ. ކުޑަ އިރުއްސުރެ ލިބުނު ހަމައެކަނި އެކުވެރިޔާއާ ވަކިވެގެން ދާކަށް އޭނާއަކަށްވެސް ފަސޭހަ އެއް ނޫނެވެ. މާޔާ ނެތުމުގެ ފަޅުކަން އެކަކަށްވެސް ފޫނުބެއްދޭނެއެވެ.

” އިރާދަ ކުރެއްވިއްޔާ އަދި ވަރަށް އަވަހަށް ދިމާވާނެ.. އަހަންނަށް ތިކޮށްދިން ހުރިހާ ކަމަކަށް ޝުކުރިއްޔާ.. މާޔާގެ އެހީއާއި ހިތްވަރު ނުލިބުނު ނަމަ އަހަރެން އުޅޭނެ ހާލެއްވެސް ނޭނގެ..” ލިލިއަން މާޔާގެ ދެއަތް ތިލައިގާ ހިފާލަމުން ހާމަކުރިއެވެ. މުޅި އުމުރަށް އޭނާ އެކުވެރިޔާއަށް ވަނީ ދަރާފައެވެ. މާޔާ ކޮށްދިން ކަންތަކުގެ ބަދަލު އަގު ނުކުރެވޭނެކަން ލިލިއަން އަށް އެނގެއެވެ.

ރައްޓެހިން ތިބެނީ އެކަކު އަނެކަކަށް އެހީ ވާކަންނު.. އެއީ އަހަރެން ލިންގެ ފަރާތުން ބަދަލެއް ބޭނުން ވެގެން ކޮށްދިން ކަންކަމެއް ނޫނޭ…” މާޔާ ހިނިތުންވެލަމުން ބުނެލިއެވެ.

ޓެކްސީގެ ދޮރު ހުޅުވާލާފައި ފޭބި ދިޔާން ފެނުމުން ލިލިއަން ފަހުފަހަރަށް މާޔާއަށް ބަލާލަމުން ހަނާ އަޅާލިއެވެ.

” އައި ހޯޕް ޔޫ ފައިންޑް ޔޯރ ހެޕިނެސް.” ލިލިއަން އަށް ހަނާ އަޅާލި މާޔާ މަޑު މަޑުން ކިޔައިލީ އޭނާގެ ހިތުގެ އެންމެ ފުންމިނުން އެކުވެރިޔާއަށްޓަކައި އެދޭ އެދުމެވެ.

ދިޔާން ހުޅުވައިދިން ދޮރުން ޓެކްސީއަށް ލިލިއަން އެރި އިރު ޑްރައިވަރު ލިލިއަންގެ ފޮށި ކާރަށް އަރުވަނީއެވެ. އެންމެން ހަމަޖެހުމާއެކު ކާރު އޭގެ މަންޒިލަށް ދިޔުމަށް ދަތުރު ފެށިއެވެ. 

އެއަރޕޯޓަށް އާދެވުމާއެކު ޗެކިންގް ވުމަށްފަހު ފުރަންވަންދެން ގޮނޑި ބަރީގައި ލިލިއަން ދިޔާން އާއެކު އިށީނެވެ. އެމީހުންނާ މާ ދުރު ނޫން ހިސާބެއްގައި ދިޔާންގެ ޕީއޭވެސް އިށީނދެލައިގެން އިނެވެ.

” އެއްޗެއް ކާން ބޭނުންތަ..؟ ސައި ބުއިން،.؟” އިރުކޮޅެއްގެ ހަމަހިމޭން ކަމަކަށްފަހު ދިޔާން ސުވާލު ކުރިއެވެ. ލިލިއަން އޭނާ ހުރީ ކައިގެން ކަމުގައި ބުނުމުން ދިޔާން ބޯޖަހާލިއެވެ. 

ޔާން ނުކަންތަ..؟” ލިލިއަން ކުޑަ ފަސް ޖެހުމަކާއެކު ސުވާލު ކުރިއެވެ. އަދިވެސް ކުރިއާ އެއްގޮތަށް ދިޔާން އާ ވާހަކަ ދައްކަން ލިލިއަން އަށް އުނދަގޫވަނީއެވެ. ދެމެދުގައި ނޭނގޭ ދުރުމިނެއްވާހެން ލިލިއަން އަށް އިޙްސާސް ކުރެވޭތީއެވެ.

” ކޮފީއެއް ބުއިން.. ދެން މާލެ ދެވުނީމަ ކާނީ..” ދިޔާން ޖަވާބު ދިނެވެ. 

ގަރުނެއްގެ އިރުހެން ހީވެގެން ދިޔަ ވަޤުތަށްފަހު ބޯޑިންގްވާން ޖެހޭ ވަޤުތު އައިސް ޖެހުނެވެ. ބިޒްނަސް ކްލާސް އިން ދަތުރުކުރުން ލިލިއަން އަށް ވެގެން ދިޔައީ މުޅިން އާ ތަޖުރިބާއެކެވެ. ހަމަޖެހިގެން މެގަޒިން އެއް ކިޔަން އިން ދިޔާން އަށް ލިލިއަން ބަލައިލިއެވެ. ދިޔާންގެ އާއިލާ އާ ބެހޭ މާބޮޑު ތަފްސީލެއް ނޭނގުނަސް އޭނާ އައިސް ހުރީ އާދައިގެ އާއިލާއަކުން ނޫންކަން ގައިމެވެ. ސަދޫފް އެއްދުވަހު ދެއްކި ވާހަކަތަކެއްގެ ތެރެއިން ދިޔާންގެ ބައްޕަގެ ކުންފުންޏަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު އާކިޓެކްޗަރ ކުންފުނިކަން ބުނި ހަނދާން އާވިއެވެ. އެޔާއެކު އެމީހުންގެ ދިރިއުޅުމާއި އޭނާގެ ދިރިއުޅުން ވޭތުކުރާގޮތް ހާސްބައި ތަފާތުވާނެކަމުގައި ލިލިއަން އަށް ޤަބޫލުކުރެވުނެވެ. ދިޔާން ތަންކޮޅެއް ކުރިން އޭނާގެ މައިންބަފައިންނާ މެދު ހާސްނުވުމަށް ބުނެފައިވީނަމަވެސް ލިލިއަން އަށް އެކަމާ ނުވިސްނާ ނީނދެވުނެވެ. އެމީހުން ހިތްހަމަ ޖެހޭފަދަ ޅީދަރިއަކަށް ނުވެވިއްޖެނަމަ އޭނާ ހަދާނީ ކިހިނެއްހެއްޔެވެ؟ ދިޔާން ފަދަ ކިޔަވައިގެން ހުރި ހަރުދަނާ މީހަކަށް އޭނާ ފަދަ އާދައިގެ މީހެއް އަންބެއްގެ ގޮތުގައި ހުރުން އެކަށީގެންވޭބާވައެވެ. އެފަދަ ޚިޔާލުތައް ސިކުނޑިއަށް ވަތް ވަރަކަށް ލިލިއަންގެ ހާސްކަން އިތުރުވަމުންދިޔައެވެ. އިށީނދެ އިން ސީޓުގައި ހަމަޖެހިގެން އިނުމަށް ނުކުޅެދި ދެފަރާތުން އަތްގަނޑުގައި ދެއަތް އަޅާ ބާރުކޮށްލެވުނެވެ. ކުއްލިއަކަށް ބޯ އަނބުރާ މޭނުބައި ކުރާހެންވެސް ލިލިއަން އަށް ހީވާން ފެށިއެވެ.

ހުޅުލޭގެ ވައިގެ ބަނދަރުގައި ބޯޓު ޖައްސަންދެން ލިލިއަން ހޭދަކުރީ އެފަދަ ހާލެއްގައެވެ. ފްލައިޓުން ފޭބުމާއެކު ލިލިއަން ފަޒާގެ ތެރެއަށް ފުންނޭވާއެެއް ދޫކޮށްލިއެވެ.

” ޔޫ އޯކޭ..؟” ދިޔާން ލިލިއަންގެ ހުދުވެފައިވާ މޫނަށް ބަލައިލަމުން ސުވާލު ކުރިއެވެ. ލިލިއަން ގަދަކަމުން ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. އެފަދަ ކަމެއްގައި ދިޔާން އަށް އުނދަގޫ ޖައްސާކަށް ލިލިއަން ބޭނުމެއް ނޫނެވެ. ގެއަށް ގޮސް އަރާމު ކޮށްލަނިކޮށް ރަނގަޅުވާނެ ކަމުގައި ބަލަމުން ހަމަޖެހެވޭތޯ ލިލިއަން މަސައްކަތް ކުރިއެވެ.

ލިލިއަން މެން ބަލާ އައިސް އޮތް ކާރު ފެނުމާއެކު ލިލިއަންގެ ފިޔަވަޅުތައް މަޑުޖެހޭ ގޮތްވިއެވެ. އޮފު އަރަ އަރާ އޮތް ކަޅުކުލައިގެ ޝާހީ ކާރުގެ ދޮރު ޕީއޭ ހުޅުވާލަދިނުމުން ދިޔާން ބަލައިލީ ލިލިއަން އަށެވެ. ކާރަށް އަރަންވީކަން ރެއަކާ ލުމުން ލިލިއަން ހިންދިރުވާލަމުން ކާރުގެ ތެރެއަށް ވަދެ ސީޓުގައި ލެނގިލިއެވެ. 

ކާރަށް ހުރިހާ ފޮއްޓެއް އެރުވުމާއެކު ކާރު ދުއްވާލިއެވެ. ކާރު ތެރޭގައި ފެތުރިފައިވާ އަގުބޮޑު ސެންޓުގެ ވަސް ވެސް ލިލިއަން އިތުރަށް މޭނުބައި ކުރުވަމުން ދިޔައެވެ. ދެލޯ މަރާލަމުން ހިންދިރުވާލީ ހަށިގަނޑަށް ކުރަމުންފިޔަ އަސަރުތަކުން ސަލާމަތް ވޭތޯއެވެ.

ފުދޭވަރެއްގެ ދިގު ދަތުރަކަށްފަހު ކާރު ހުއްޓުމުން ލިލިއަން ދެލޯ ހުޅުވާލިއެވެ. ކާރުގެ ބޭރުން ފެންނަމުންދިޔައީ މާލޭގެ ތޮއްޖެހި ބާރުވެފައިވާ އިމާރާތްތަކާއި ވެހިކަލް ތަކެއް ނޫނެވެ.  ފެންނަމުންދިޔަ ފުޅާ ގޭޓު ކުއްލިއަކަށް ދެފަރާތަށް ހުޅުވިގެން ދިޔައީ ލިލިއަން ބަލަ ބަލަ އިންދައެެވެ. ގޭޓު ހުޅުވުމާއެކު ކާރު ގޭޓުގެ އެތެރެއިން ކުރިއަށް ދިޔައެވެ. އެެއާއެކު ފެނިގެން ދިޔަ މަންޒަރުން ލިލިއަން އާޝޯހުވިއެވެ. ކާރަށް ދެވޭނެހެން އޮތް މަގުގެ ދެފަރާތުން ފެންނަމުން ދިޔައީ މާ ބަގީޗާއެކެވެ. ކާރު ގޮސް ވަކި ހިސާބަކާއި އަރާ ހަމަވުމުން ދެން ކުރިމަތިން ފެނުނީ ފެންއަރުވާ ވަޑާމެކެވެ. އެ ފެން އަރުވާ ވަޑާމުގެ ދެފަރާތުން ދެވޭނޭހެން މަގު ކަފިވެފައިވެއެވެ. ކާރު އޭގެ އެއްފަރާތުން ގޮސް ގޭގެ ޕޯޓިކޯ ކުރިމަތީ މަޑުކޮށްލިއެވެ. ދިޔާން ކާރުން ނިކުތުމަށްފަހު ލިލިއަން އިން ފަރާތުގެ ކާރު ދޮރުފަތް ހުޅުވާލަދިނެވެ. ހުވަފެނަކުން ހޭލެވުނުހެން ލިލިއަން އަވަސް އަވަހަށް ކާރުން ފޭބިއެވެ. އޭނާގެ ކުރިމަތީގައި ހުރި އިމާރާތުގެ ހައިބަތު ފެނިގެންދިޔަ ލިލިއަންގެ ގައިން އޮށްދާ ހިއްލަން ފެށިއެވެ. ކުއްލިއަކަށް އާދެވުނު އާ މާހައުލާއި ފެނިގެން ދިޔަ ކަންކަން، އެފަދަ މަންޒަރެއް ހަމަލޮލުން ފެނިފައިނުވާ ލިލިއަންގެ ސިކުނޑިއަށް ވެގެން ދިޔައީ ނުހަނު އާ ކަންކަމަށެވެ. އިމާރާތަށް ބަލަންހުރި ލިލިއަންގެ ފެނުން ފުސްވެގެންދިޔަ ހިނދު ދެފަހަރަކު ލޯ މަރާލެވުނެވެ. އެހެނަސް ލޯ ކުރިމައްޗަށް ވެރިވި ކަޅު ތިކިތަކާއެކު ހިނދުކޮޅެއްގެ ތެރޭގައި މުޅި މާހައުލު އެނބުރެން ފެށި އިޙްސާސެއް ކުރެވުނެވެ. އިސާހިތަކު ލިލިއަންގެ ސިކުނޑި ފުރާލީ ކަނު އަނދިރިކަމެވެ.

-ނުނިމޭ-

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!