ޖެހިލުންވެ ހުރެ،ލައިރާ މަޑުމަޑުން ދޮރުގެ ތަޅުގައި ހިފައި އަތްގަނޑު އަނބުރައިލިއެވެ. ތަޅު އަނބުރާ ލުމާއެކު ބަން ކިޔާ އަޑުތައް މަޑުމަޑުން ފޭދިގެން ދިޔައެވެ. ދޮރުގައި ޖެހި  މީހާގެ އަޑުވެސް މަޑުވަމުން، މަޑުވަމުން އެއްކޮށް ކެނޑިގެން ދިޔައެވެ. ލައިރާ ދޮރު ހުޅުވާލާފައި ބޭރު ބަލައިލިއެވެ. ލައިރާއަށް އެއްވެސް ތަފާތެއް ބޭރުން ފެންނަން ނެތުމުން  އަޖައިބުވިއެވެ. ދޮރުގައި ތަޅައިގަތް މީހާ ވެސް ފެންނާކަން ނެތެވެ.”އަމް.. އެއްވެސް މީހެއް ފެންނާކަށް ނެތް…”ލައިރާ ބުނެލިއެވެ.”އެއްކަލަ އުނދޯއްޔެއް ވެސް ނެތް…” ރައިޝާ ކުޑަދޮރުން ބޭރު ބަލައިލަަފާ ބުނެލިއެވެ.”ދިސް އިސް ގިވިންގް މީ ކްރީޕްސް…” މަރީ ގައިގާ ބެޑުޝީޓު އޮޅާލަމުން ބުނެލިއެވެ.

އިތުރު  ވާހަކަތަކެއް ނުދައްކާ އެންމެން އެނދަށް އަރާ އޮށޯތެވެ. އެކަމަކު އެކަކަށްވެސް ލޮލުގެ އެސްފިޔަ ޖަހާލެވޭވަރެއް ނުވެއެވެ. ހީވަނީ އަނެއްކާވެސް އެ ބަން އަޑު، ދޮރު ކައިރިއަށް އައިސް ދާނެހެނެވެ. ލައިމް މީހަކަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް، ލިބުނު ނަސީބު ވަރަށް ދެރައެވެ.”އެކަކަށް ވެސް ކޯލް އެއް ނުކުރެވޭ.. މަށަކަށް އެއްވެސް މެސެޖެއް ވެސް ނާދޭ… ހައު ބައުޓް ޔޫ ގާއިޒް؟”.”ނޯޕް.. ނޯ މެސެޖެސް…” ރައިޝާ ބުނެލިއެވެ.” އޭ… މިތަނަކަށް އެއްވެސް ރޭންޖެއް ނުލިބޭ.. ހަނދާންވޭތަ؟” ލައިމް ވަރަށް ފުން ނޭވާއެއް ދޫކޮށްލިއެވެ.”ދެން ކީއްކުރާނީ؟ކިހިނެއް މީހަކަށް  ގުޅޭގޮތް ވެސް ހެދޭނީ؟…”މަރީ ގޮތްހުސްވިއެވެ.”މަށަށް ހީވަނީ އެއްކަލަ މެނޭޖަރު ކަމެއް ސިއްރު ކުރާހެން… ހަނދާންވޭތަ؟އަހަރެން ކުރާ ކޮންމެ ސުވާލަކަށް އޭނަ ދެނީ  ހަމަވެސް ނުޖެހޭ ޖަވާބުތަކެއް..”އިވީ ބުނެލިއެވެ.”އާނ… މަށަށް ވެސް ޝައްކު ކުރެވޭ ތިކަހަލަ ކަމެއް…  އަދި އާރާ އަހަރުމެންނަށް ކޮޓަރި ދައްކަން އެ އަނދިރި ހޯލުތެރޭ ހިނގާފަ ދިޔައީ ބިރެއް ވެސް ނެތި…”ލައިރާ ބުނެލިއެވެ. އެންމެންވެސް މިހާރު ތިބެނީ ޝައްކެއްގެ މަތީގައެވެ. މި ފުން ވާހަކައިގެ ތެރޭ އެންމެނަށް ވެސް މަޑުމަޑުން ނިދިއްޖެއެވެ. 

*ޖެހިގެން އައި ދުވަސް*

ދޮރުގައި މަޑުމަޑުން މީހަކު ޓަކި ޖެހި އަޑަށް އެންމެން ފުންމައިގެން ތެދުވިއެވެ. “އަނެއްކާ ކާކު؟”މަރީ ދެލޯ ބޮޑުކޮށްލާފައި ސުވާލުކުރި އެވެ. އިވީ ގޮސް ދޮރު ހުޅުވައިލިއެވެ. އެއީ އާރާއެވެ.” ގުޑް މޯނީން…  ހެނދުނުގެ ނާސްތާ ތައްޔާރު ކޮށްފަ ހުންނާނެ… ތައްޔާރު ވެގެން އަވަހަށް އާދޭ”. އާރާ އައިސް ބުނެލިއެވެ.” މޯރނިންގް… އޯކޭ މިދަނީ އިނގޭ” މިހެން ބުނެފައި އިވީ ދޮރު ލައްޕާލިއެވެ. ދޮރު ލެއްޕުމާއި އެކު އިވީ ބުންޏެވެ. ” ރޭގަ ވީ އެއްކަމެއް ވެސް އާރާ މެންޝަންއެއް ނުކުރޭ… އިޒިންޓް ދިސް ވިއަރޑް ؟”.”ހޫމްމްމް… ކޮންމެސް ނުބައެއް މިތާ އެބަ އުޅޭ….”ރައިޝާ ޖަވާބު ދިނެވެ.” އަހަރުމެން ފުޑް އޯރޑަރ އެއްވެސް ނުކުރަން… މިތާ ހަދާފަ ހުންނަ ކާ އެއްޗެހި ރަނގަޅުވާނެ ހެނެއް މަށަކަށް ހިއެއް ނުވޭ… ޕްލަސް،2 ހަފްތާއަށް ވާވަރަށް އަހަރެން ކާ އެއްޗެހި ވެސް ގެނައިމެއްނު…”ލައިރާ ބުނެލިއެވެ. އެންމެންވެސް ލައިރާއާ އެއްބަސްވިއެވެ. ދެން އެންމެން ވެސް ބޭރަށް ހިނގައިގަތެވެ. 

ބޭރަށް ނިކުތުމާއެކު، ކާއެއްޗެހި ހުރީ ބޮޑު މޭޒެއްގެ މަތީގައި ވަރަށް ޒީނަތްތެރިކޮށް އަތުރާލާފައެވެ.އާރާ ހުރީ މޭޒު ކައިރީ ވެއިޓަރެއްގެ ގޮތުގައެވެ. އެންމެންގެ މޫނުމަތިން ހިނިތުންވުން އާރާއަށް ދައްކާލިއެވެ. ނަމަވެސް އެންމެންގެ ހިތްތައް ވަނީ މުޅިން މާޔޫސްވެފައެވެ.”ހިނގާ ކާން ފަށަމާ؟ ހުރިހާ އެއްޗެއް ހުސްކުރައްޗޭ….”އާރާ ކޮންމެ މީހަކު ގޮނޑިއެއްގައި އިށީނދުވަމުން ބުނެލިއެވެ. 5 އެކުވެރިން އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ. އާރާ އެންމެ ފުރަތަމަ ވެސް ކޭކު ފޮއްޗެއް އިވީ އަނގަޔަށް ގަދަކަމުން ކަހަލަ ގޮތަކަށް  ލެއްވިއެވެ. ރައިޝާއަށް މިތަން ފެނުނެވެ.”އާރާ ވެއިޓަރ، ފިނި ފެންފުޅިއެއް ގެނެސްދީބަ..” އާރާ އެ ތަނުން ފޮނުވައިލަންވެގެން ރައިޝާ ބުނެލިއެވެ. އެވަގުތު އިވީ އަވަހަށް އަނގައިން ކޭކު ނެރެ، ޑަސްބިނަށް އެއްލައިލިއެވެ.”އާރާ ހީވަނީ މަށަށް ގަދަކަމުން ކާންދޭން އުޅޭހެން… އަހަރުމެން މި މޭޒުމަތީގައި ހުރި އެއްޗެހި ނުކެވިގެން އޭނަ ހާދަހާ ވަރަކަށް އެބަ އުޅެޔޭ…”އިވީ ކެއްސަމުން ބުނެލިއެވެ.”އާނ.. މަށަށް  އެހެން ހީވެގެނޭ އޭނަ އަވަހަށް މިތަނުން ފޮނުވާލީ.” ރައިޝާ ޖަވާބު ދިނެވެ.”ހިނގާ އަވަހަށް އާރާ ނާންނަނީސް މި ކާ އެއްޗެހިތައް ނޭނގޭ ގޮތަށް އެއްލާލަން..”މަރީ ދަބަހުން ކޮތަޅެއް ނަގައި ކާ އެއްޗެހިތައް އަޅަން ފެށިއެވެ. 

 އިރުކޮޅެއްވީ ފަހުން އާރާ ފެންފުޅި ހިފައިގެން އައެވެ. އެވަގުތު އޭނާއަށް މޭޒުމަތީގައި ހުރި ތަށިތައް ހުސްކޮށް ފެނުމުން ސުވާލުކުރިއެވެ .”ހުރިހާ ކާ އެއްޗެއް ހުސްކޮށްލީ؟ ހާދަ އަވަހޭ!! އަދި ބޭނުންތަ؟”.” ނޫން… މާ ބޮޑަށްވެސް ފުރިއްޖެ… ތޭންކްސް”. ލައިމް އަވަހަށް ޖަވާބު ދީފައި އަވަހަށް ތެދުވެގަތެވެ. ދެން އެވަގުތު މެނޭޖަރު  އައެވެ. ” މިހާރު ސައި ބުއި ނިމުނީ؟” ” ލައްބަ… އަދި މެނޭޖަރ އާ އެކީ ވާހަކަ އެއް މަޝްވަރާ ކުރަން ބޭނުންވޭ… މިވަގުތު ރަނގަޅުތޯ؟”.ލައިރާ މެނޭޖަރު ގާތުގައި އަހަލިއެވެ.”މީ ރަނގަޅު ގަޑިއެއް… އާދެ މިތަނަށް..”މިހެން ބުނުމަށްފަހު ލައިރާ އާއި އެކު ރައިޝާ،ލައިމް،މަރީ  އަދި ލައިމް ވެސް އައެވެ.”ކިހިނެއްވީ؟ އެއްވެސް މައްސަލައެއް ދިމާވީތޯ؟” މެނޭޖަރު ސުވާލުކުރިއެވެ.”ރޭގަ މެނޭޖަރ އަށް ފާޑެއްގެ ބަން އަޑެއް އިވުނުތަ؟”.”ނޫން.. އެއްވެސް އަޑެއް ނީވޭ..” މެނޭޖަރު ޖަވާބު ދިނެވެ. މިހެން މެނޭޖަރު ބުނުމުން ލައިރާމެން އަޖައިބުވިއެވެ. އަނެއްކާ ވެސް ލައިރާ ސުވާލު ކުރިއެވެ.”އެހެން މީހެއް މިތާގަ އުޅޭތަ؟”.”ތީ ހަމައެކަނި މިތާގެ ކަސްޓަމަރުން.. އެހެން މީހެއް ނޫޅޭ..” މިހެން ބުނުމުން ލައިރާމެންގެ ހިތަށް ބިރުވެރިކަން ވަދެގެން ދިޔައެވެ. އެހެންވީރު ދެން ދޮރުގައި ގޮށްމުށިން ތަޅައިގަތް މީހަކީ ކާކު ހެއްޔެވެ؟ އުނދޯއްޔެއް ނެތް ތަނަކު އުނދޯއްޔެއް ހުންނަންވީ ކީއްވެ ހެއްޔެވެ؟ އެރޭ އެއީ ހީވިކަމެއް ހެއްޔެވެ؟ މިއީ ހުސް ލައިރާމެންގެ ބޮލުގައި އެނބުރެމުންދާ ސުވާލުތަކެވެ. މި ސުވާލުތަކަށް ކޮންމެހެނެއް ހަދައިގެން ވެސް ޖަވާބު ހޯދަން ބޭނުންވެއެވެ.ދެން ލައިރާމެން އެރޭގައި ވީ ކަންތައްތައް ވަރަށް ތަފްސީލުކޮށް މެނޭޖަރަށް ކިޔައިދިނެވެ. 

މެނޭޖަރުގެ މޫނުމަތިން ކުލަވަރު ބަދަލުވެ، ހާސްވިއެވެ. އިރުކޮޅެއް ވަންދެން އެއްވެސް ބަހެއް ނުބުނެ ހުއްޓެވެ.”… ތީ ހީވާއެއްޗެއް.. 15 އަހަރު ފަހުން އެންމެ ފުރަތަމަ އައި ކަސްޓަމަރުންނަކީ ތީ، އެހެން މީހެއް ނާދެ.. އަދި އަޑު އިވެންޏާ މެނޭޖަރަށް ވެސް އިނގޭނެއްނު…”މެނޭޖަރުގެ އަޑު ކެނޑިކެނޑިގެން ދާ ކަހަލަ ގޮތަކަށް ބުންޏެވެ. މި މެނޭޖަރު ލައިރާމެންނަށް ކަމެއް ސިއްރު ކުރާކަން އެނގުމުން ލައިރާމެން އިތުރު ސުވާލުތަކެއް ނުކޮށް ބޭރަށް ހިނގައިގަތެވެ. 

 *މެންދުރު ފަސް*

ލައިރާ،ރައިޝާ،ލައިމް،އިވީ  އަދި މަރީ އިނީ ވަރަށް ފުން ވިސްނުމެއްގެ ތެރޭގައެވެ. މިހެން އިންދާ އާރާ އައެވެ.”ދައްތަމެން އާދެބަ އާރާއާ އެކީ ކުޅެލަން؟”އާރާ ފޫހިވެފައި ބުނެލިއެވެ.”އާރާ ގެ އެއްވެސް އެކުވެރިންނެއް ނުތިބޭތަ؟”މަރީ ސުވާލުކުރިއެވެ. އާރާ މަރީގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ބޯ ޖަހައިލިއެވެ. އާރާ ދެރަ ނުކުރަންވެގެން އާރާ އާއި އެކީ ކުޅެން އެމީހުން އެއްބަސްވިއެވެ.އާރާ އެ 5 އެކުވެރިން ގޮވައިގެން ގެންދިޔައީ އާރާގެ  ކޮޓަރިއަށެވެ. އާރާގެ ކޮޓަރި ފެނުމުން އެންމެންގެ ހިތްތަކަށް ނުބައި އަސަރުތަކެއް ކުރަން ފެށިއެވެ. ދުވާލުގެ އަލިކަން ގަދަވި ނަމަވެސް މުޅި ކޮޓަރި ވަނީ ކަޅު ރޭގަނޑުގެ އަނދިރިކަން ވެރިވެފައެވެ. ފާރުގައި ލޭ ބުރުއްސި ހިކިފައި ހުއްޓެވެ. ނޭވާއެއް ލާން އުޅުނަސް އޯކަށް ދެމޭގޮތް ވެއެވެ.އާރާ ގޮސް ކަބަޑު ދުރަށް ކޮށްޕައި ލައިފާ އަދި އިތުރު ދޮރެއް ހުޅުވައިލިއެވެ. އެއީ އިތުރު ކޮޓަރިއެކެވެ.”އާދޭ މި ކޮޓަރިއަށް… މި ސިޑިން ފޭބުނީމަ އާރާގެ ކުޅޭ ކޮޓަރިއަށް ވަދެވޭނީ…” އާރާ ބުނެލިއެވެ.” ކޮޓަރި ތެރޭ އެހެން ކޮޓަރިއެއް؟ މިތަނަށް ވަދެގެން ވެސް ކިރިޔާ ތަނެއް މި ފެންނަނީ… އަދި އެތެރެއަށް ވަނީމަ ނުވެސް ފެންނާނެ…”އިވީ އެންމެން ގާތުގައި ވައި އަޑުން ބުނެލިއެވެ. އެންމެނަށް ވެސް ފިކުރު ކުރެވުނީ ހަމަ އެއްގޮތަކަށެވެ. އިތުރަށް ކުރިއަށް ފިޔަވަޅުތަކެއް އަޅަން ބޭނުން ނުވި ނަމަވެސް އެންމެން ސިޑިން ފޭބިއެވެ. ތަނެއް ދޮރެއް ނުފެނެއެވެ. 

“މިއީ ބޮޑު ގުދަން، އާރާގެ ކުޅޭ ކޮޓަރި..” މިހެން ބުނެ އާރާ  ބާރަށް ދޮރު ލައްޕާލިއެވެ. ‘ބޮޑު ގުދަން’ އޭ ބުނުމުން އިވީމެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ހިނގާ ހައިޑް އެންޑް ސީކް ކުޅެން؟ އާރާ ގުނާނަން ދައްތަމެން ފިލާ…” މިހެން ބުނެ ދެން ހީވީ އެކިތަންތަނަށް މީހުން ވަކިވެގެން ދިޔަހެނެވެ. އިވީ،ލައިރާ،މަރީ ،ރައިޝާ އަދި ލައިމް އެކަކު އަނެކަކަށް ގޮވަމުންދިޔައެވެ. ލައިރާ ހަޅޭއްލަވައިގަތެވެ.”ރައިއިއިއޝާޝާޝާ…. ލައިއިއިއިމްމްމްމްމް….. އިއިއިއިވީވީވީ….. މަމަމަމަރީރީރީރީ……” އެކަކުގެ އަޑެއްވެސް ނީވެއެވެ. ތަނެއް ދޮރެއް ނުފެނި، ލައިރާމެންނަށް އިވެނީ ހަމައެކަނި އަމިއްލަ މީހާގެ ހިތުގެ ވިންދު ޖަހާ އަޑު އެކަންޏެވެ. ލައިރާގެ ފަހަތުން މީހަކު ހޭ އަޑާއި އަތް ޖަހާ އަޑު އިވުނެވެ.”ހީ ހީ ހީ ހީ ހީ…”

 *ނުނިމޭ *

21

1 Comment

  1. Horror queen

    November 10, 2021 at 7:01 am

    V reethi.. Ekamu adhi thankolheh dhigu kohlaa

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!